"އިޒްރޭލުގެ އަތްދަށުން ފަލަސްތީނު މިނިވަންވެ މަސްޖިދުލް އަގުސާގައި ނަމާދުކުރުމަކީ ކޮންމެ މުސްލިމަކުވެސް ދެކެން ބޭނުންވާ ދުވަހެއްކަން ޔަގީނެވެ. ނަމަވެސް ހިތާމައަކީ އައިއެސްއާއި ދެކޮޅަށް ދުނިޔޭގެ އެތައް ގައުމަކުން ތެދުވެ ހަގުރާމަކުރިއިރު އަނިޔާލިބެމުންދާ ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިވާން ވަށައިގެންވާ އެއްވެސް މުސްލިމް ގައުމަކަށް ހަތިޔާރު އުފުލަން ނުކެރޭކަމެވެ. ދުއާއަކީ ﷲ ތައާލާ މުޖާހިދުންނަށް ނަސްރު ދެއްވުމެވެ. އަދި ގޮނޑިކޮއްކޮ ސަރުކާރުތައް ބަލިވެ ނިކަމެތިވުމެވެ."

***

"ޒާވެސް އޭނަގެ ޕޭރެންޓުންދެކެ ވަރަށް ލޯބިވާނެ. ރާހާވެސް ބަލިވީމަ ކޮއްކޮ ދޫކޮށްލާފައި އައުމަކީވެސް ކުރެވޭނެކަމެއްނޫން. ޒާ ބުނި އަންނާނަމޯ. އެކަމަކު އަދި ނާދެވުނަސް ނާދެވޭނީ މަޖުބޫރުވީމަ. ލޯބީގެ ހައްގުގައި. ޕޭރެންޓުން އެއްބަސްނުވެއްޖެއްޔާ ބައެއްފަހަރު އެކްސްޓްރީމް އެކްޝަނެއް ނަގަންވެސް ޖެހިދާނެ. ޒާގެ ޕޭރެންޓުން ދީނީކަމުންގޮސް އަހަރެމެންގެ ފެމިލީއާއި މައްސަލަޖެހިދާނެއޭ ހިތްބުނަނީ..." ބާސިލް ބުނެލިއެވެ.

"މަންމަ ކްރިސްޓިއަނެއްކަން އެ ފެމިލީއަށް އެނގޭތަ؟"

"ޒާއަށް އެނގޭނެ.."

"ޒާއަށް ނޫނޭ. ފެމިލީއަށް އެކަން އެނގުމުން ނަގާފާނެ ޑިޒިޝަނަކާއިމެދު މަންމަ ކަންބޮޑުވޭ...އެހެންނޫންތަ ޒުހަލް؟"

ޒުހަލް ނިތްކުރީގައި ފިރުމައިލާގޮތާއި ތުންފަތުގައިދަތް އެޅުމަކީ އާއްމުކޮށް ހިތް ނުތަނަވަސްކަމުގެ ނިޝާނެކެވެ. ތަންކޮޅެއް ބަސްމަދު ކަމާއި ޖަޒުބާތުތައް ހިއްސާކުރުމުގައި އުދަގޫކަމެއް ހުރުމުން އޭނަގެ ސިކުނޑީގައި ހިނގަމުންދާ ކަމެއް އެހެން މީހަކަށް ދެނެގަތުން ފަސޭހައެއްނޫނެވެ. ހަނދުގެ އަދިރިފަރާތް ފަދައިންނެވެ.

"ކޮންމެ ކަމެއްވާނީވެސް ﷲ ތައާލާގެ ޕްލޭނާއި އެއްގޮތަށް. ދަރިފުޅު ބޭނުންވީމާ ގާލްގެ ފެމިލީއާއި މީޓްކުރަން މިއައީ..ހާސްވެގެން ނޫނީ އެކަމާއި ވިސްނިޔަސް އަދި ވާން އޮތްގޮތެއް ބަދަލެއް ނުކުރެވޭނެ.."ޒުހަލް ކުޑަކޮށް ހިނިތުންވެލިއެވެ.

ޒުހަލް މިފަހަކަށް އައިސް ކުރިއަށްވުރެ ބޮޑަށް ދީނީ ކަންތައްތަކާއިމެދު ސަމާލުކަން ދީ ގަޑިން ނަމާދުކުރާކަން އޮލީވިއާ ދަނެއެވެ. ނަމާދަށްފަހު މުސްހަފު ހިފައިގެން ކިޔަވަން އިނދެއެވެ. އިލްމުވެރިންގެ ދަރުސްތައް އަޑުއަހައެވެ. ސުންނަތް ރޯދަތައް ހިފުމާއި ސަދަގާތް ކުރުންފަދަ ކަންތައްތަކަށް ފަރުވާތެރިވެއެވެ. ދާދިފަހުން ޒުހަލް އުމްރާއަށްވެސް ދިޔައެވެ. ޒުހަލް ކޮންމެވެސް ކަމަކާއި ހިތާމަކުރާކަން އޮލީވިއާ ދަނެއެވެ. އެކަމުގެ ސިއްރު އޮންނަނީ ނޭގުމުގެ ތެރޭގައެވެ. އޮލީވިއާ ޒުހަލްއާއި ސުވާލުކުރުމުން ބުނާނީ ދުނިޔެއަކީ ވަގުތީ ތަނެއްކަމުގައެވެ. ހަގީގީ ހިތްހަމަޖެހުން ލިބޭނީ ހެއްދެވިފަރާތާއި ގުޅުން ރަގަޅުކޮށްގެން ކަމުގައެވެ. ހުސްއަތާ ދަތުރަށް ދިޔުމުން ހިތާމަކުރަން ޖެހިދާނެކަމުގައެވެ. އޮލީވިއާއަށް އުފަން ދުވަހުގެ ހަދިޔާއަކަށްވެސް ދިނީ ގުރުއާނުގެ ތަރުޖަމާއެކެވެ. ދެމީހުންގެ ގުޅުމަށް ފަހަރެއްގައިވެސް ކުރިއަކުން އެކަމުގެ ހިޔަނި އެޅިފައެއް ނެތެވެ. ދަރިންވެސް ބޭނުން ދީނެއް ޚިޔާރުކުރުުގެ ހުއްދައޮތެވެ. ނަމަވެސް މިފަހަކަށް އައިސް ޒުހަލްގެ އަމަލުތަކުން ދީނަށް އިސްކަންދޭ މަންޒަރުތައް ފެންނާން ފަށައިފިއެވެ.

އެމީހުންނަށް މަރުހަބާ ކިޔަން ނުކުތީ ކާއިނާތުއާއި ޒާދާ އަދި ރާހާއެވެ. ކާއިނާތުގެ ހިނިތުންވުމުގައި ކޮންމެވެސް ވަރެއްގެ ހޫނުކަމެއް ހުއްޓެވެ. އޮލީވިއާގެ ގައިގާ ކުޑަކޮށް ބައްދާލާފައި ސަލާމްކޮށްލިއެވެ."ވަރަށް އުފާވެއްޖެ ބައްދަލުވީމަ..."

"މިއީ އަޅުގަނޑުގެ ފިރިމީހާ ޑޮކްޓަރ ޒުހަލް...މިހިރީ ދަރިފުޅު އިދްރާކްއާއި ބާސިލް............."އޮލީވިއާ އޭނަގެ އާއިލާ ތައާރަފުކޮށްދިންއިރު ލޮލުން އުފާވެރިކަމުގެ ވިދުވަރު ފެނުނެވެ.

"ކިހިނެއް ރާހާ ސްވީޓީ؟"އޮލީވިއާ ރާހާ ގެނެސް މޭގައި ޖައްސައިލިއެވެ.

"އައިމް ފައިން ޑޮކްޓަރ އޮލީވިއާ...."

"އަލްހަމްދުލިﷲ....ރާހާ ހަމަ ވަރަށް ރަގަޅު. މިހާރު އުޅެނީ އުމްރާއަށް ފުރަން.........އެހާވެސް ފިޓް..ޝިފާ ދެއްވަނީ ﷲ. ލާސްޓް ސްޓޭޖްގައި ހުއްޓަސް ހަމަ ދުޢާއިން ރަގަޅުވެސް ވެދާނެކަމަށް ރާހާގެވެސް ޔަގީންކަން އޮވޭ.."

ބާސިލްއާއި ޒާދާ ލޮލުގެ އިޝާރާތުން ވާހަކަދައްކަމުން ދިޔައިރު ޒުހަލް އަދްރިއަން ކޮބައިތޯ އެހިއެވެ.

"އަދްރިއަން މުހިއްމު މީޓިންއެއްގައި ދާން ޖެހިގެންނޯ. މިހާރު ދުރުވާ ގަޑިޖެހިއްޖެ..އަވަހަށް އެތެރެއަށް ވަންނަވާ..."

އެންމެން ސޯފާސެޓްތަކުގައި ހަމަޖެހިލިއިރު އަރާމުވަރަކަށް ފިނިކަން ހުރުމުންނާއި ދުވާ ލުއިމީރުވަހުން ހިތްތަކަށް އިތުރު ދިރުމެއް ގެނެސްދިނެވެ. ކާއިނާތު އެންމެނަށް ކޮފީ ގެނެސް ކޮފީމޭޒުމަތީގައި ބަހައްޓާފައި އިށީނެވެ. ކެއުމަށް އިންސާފުކުރާނީ އަދްރިއަން ގެއަށް އައުމަށްފަހުގައިކަމުގައި ކާއިނާތު ބުނެލިއެވެ. ބީރައްޓެހިކަމުގެ ފަރުދާ ނެގެމުންގޮސް އެންމެން ދެނެ ފަރިތަމީހުންގެ ގޮތުގައި ވާހަކަދައްކަން ތިއްބާ އަދްރިއަންގެ ކާރުގެ އަޑު އިވުނެވެ.

"ބައްޕަ ދުރުވީ.."ރާހާ ބިއްލޫރި ދޮރުތަކުން ބޭރަށް ބަލަން އިނދެފައި ދުވެފައިގޮސް ދޮރު ހުޅުވާލައިފިއެވެ.

އަދްރިއަން އެތެރެއަށް ވަނުމާއެކު ޒުހަލްއާއި އޮލީވިއާވެސް ތެދުވުނީ އެކީގައި ކަހަލަ ގޮތަކަށެވެ. އަދްރިއަންއާއި ޒުހަލްގެ ނަޒަރު ބައްދަލުވުމާއެކު އަދްރިއަންގެ މޫނުގެ ކުލަ ބަދަލުވުމާއެކު އަތް މުށްކެވުނުތަން ފެނުނެވެ. ޒުހަލްއަށް އިސްޖަހައިލެވުނެވެ. އަދްރިއަންގެ ނަޒަރު އެހެން މޫނުތަކަށް ދަތުރުކުރިއެވެ.

"ކަލޭ މިގޭގައި ކީއްކުރަނީ؟"އަދްރިއަން ގެ ފިޔަވަޅުތައް އަވަހެވެ. އޭނަ ހުއްޓުނީ ޒުހަލްގެ ކުރިމަތީގައެވެ.

"އަދްރިއަން..ތިއީ ޑޮކްޓަރ ޒުހަލް އަޒީޒު....ބާސިލްގެ ބައްޕަ..."

ބާސިލްއަށް ވަގުތުން އަދްރިއަންގެ ލޮލުން ފެނުނު ނުރައްކާތެރި ވިދުވަރު އަދި ދުޝްމިންކަން ނަގައިގަނެވުނެވެ. އޭނަވެސް ސޯފާއިން ތެދުވުނުގޮތަށް އެދެމީހުންގެ ކައިރިއަށް ހުއްޓުނީ ބައްޕަގެ ހިމާޔަތުގައެވެ. ބައްޕަގެ މިޒާޖުގައި ހުންނަ އޯގާތެރިކަމާއި ހިތްތިރިކަން އެނގޭތީއެވެ. މީހުންނަށް އެހާ ފަސޭހައިން ހަމަލާދޭނެ މީހަކަށް ނުވާތީއެވެ. އެއީ ބައްޕަގެ ބަލިފަޔެވެ. އަމިއްލަ ދިފާއުގައި އިނގިލި ކުރިވެސް ހިއްލާނުލާނެއެވެ.

"މިއަހަނީ މަގޭ ގެއެއްގައި މި މުޑުދާރު ފައި އެޅުމުގެ ހިތްވަރު ލިބުނީ ކިހިނެއްހެއްޔޭ؟ މަގޭ ހިޔާވައްސަކަށް ވަންނަން ކެރުނީ ލަދު ހަޔާތެއްނެތީމަ.. ކަލޭގެ ހުރި ނުބައި ނުލަފާކަން.................."އަދްރިއަން ހަޅޭއްލަވައިގަތުމާއެކު ޒުހަލްގެ ގަމީހުގެ ގިރުވާނުގައި ހިފާ ދަމައިގަންނަން އުޅުނެވެ. ބާސިލް ސަމާލުވެ ހުރެ އަދްރިއަންގެ އަތުގައި ހިފަހައްޓާފައި އިނގިލިތައް ނައްޓުވަން އުޅުނީ ބުމަ ގޮށްޖަހައިލަމުންނެވެ.

"ބާސިލް..."ޒާދާއަށް ބާސިލްގެ އަތުގައި ހިފެހެއްޓުނެވެ."މޮޔަވީތަ؟ މަގޭ ބައްޕައޭ............."

"ސަރ...އަޅުގަނޑަށް ހީވަނީ ކުށްހީއެއްގައިހެން ތި ހުންނެވީ.."

"ކުށްހީއެއްނޫން. ކަލޭގެ ބައްޕަގެ މުޑުދާރު އަމަލު ނިކަން އަހާބަލަ.....................................އޭނަ ކުރީ ކޮންކަމެއްހެއްޔޭ އޭނަ ކައިރިން އަހާ...މިގެއިން ހަމަ މިހާރު ނުކުމޭ......ގެޓް އައުޓް..."އަދްރިއަން ކަރުފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގަތުމާއެކު ޒުހަލްގެ މޭގައި އަތްއަޅާ ކޮށްޕާލައިފިއެވެ. އޮލީވިއާއަށް ޒުހަލްގެ ގައިގާ މަޑުމަޑުން ހިފަހައްޓައިލެވުނުއިރު ޒުހަލް ސޯފާއަށް ތިރިވެވިއްޖެއެވެ.

"ނޫނީ މަގޭ އަތުން ކަލޭ މަރުވާނެ...އައުޓް....."

"އަދްރިއަން. ކާމްޑައުން. ޕްލީޒް. މެހުމާނުންނޭ...." ކާއިނާތުގެ މޫނު ރަތްވިއެވެ.

"މެހުމާނެއްނޫން. މަގޭ ޒަމާންވީ ދުޝްމިނެއް. އަސަލްގެ ކޮއްކޮ.......އަސަލްމެންނާއިވެސް މިކަލޭގެ ގުޅުން ކަނޑާލާފައެއްނު ގޮސްއެހެރީ....ކާފަރަކާއި ކައިވެނިކޮށްގެން އަމިއްލަ މަންމަގެ ހިތް ހަލާކުކޮށްފައި ދިޔައީ...."

ޒުހަލް ތެދުވެގެން ދާން ހިނގައިގަތުމުން އޮލީވިއާ ފަހަތުން ހިނގައިގަތެވެ. އިދްރާކްވެސް ބާސިލްގެ އަތުގައި ހިފައިގެން އެތަނުން ގެންދަން ފެށުމުން ބާސިލްގެ ނަޒަރު ޒާދާގެ މައްޗަށް ހުއްޓުނެވެ. ޒާދާގެ ލޮލުގައި ގިނަވެގަތް ކަރުނަތައް އޭރު ކޯތާފަތް މައްޗަށް ދެމިގެންފިއެވެ. ޒާދާގެ ހިތް ހަލާކުވެފައިވާކަމަށް ކަރުނަތައް ހެކިދިނެވެ. އެންމެން ނުކުތުމުން ރާހާ ދޮރު ލައްޕާލައިފިއެވެ. އަދްރިއަންގެ ނަޒަރު ޒާދާއަށް ހުއްޓުނެވެ.

"ޒާދާ...ބާސިލްގެ މަތިން ހަނދާން ނައްތައިލާ. ތި ކައިވެންޏެއް ނުކުރެވޭނެ...."

"ޑޭޑް. އެކަމަކު ކީއްވެ؟"

"އޭނައަކީ މަގޭ ދުޝްމިނެއް އިތުރު ތަފްސީލް ދޭކަށް ބޭނުމެއްނޫން...."އަދްރިއަން ހަރުކަށި ރާގަކަށް އެހެން ބުނެފައި ދުރުގައި ފިޔަވަޅުތައް އަޅަމުންގޮސް ލޯމަތިން ގެއްލުނެވެ. ޒާދާގެ ހިތް ކުދިކުދިވީފަދައެވެ. މައިންބަފައިންގެ އޮތް ދުޝްމިންކަމެއްގެ ސަބަބުން ދަރިންގެ އުފަލަށް ހުރަސްއެޅެން ޖެހޭހެއްޔެވެ؟ ބާސިލްއަކީ އޭނަގެ ހުވަފެންތަކުގެ ޝާހްޒާދާއެވެ.

"ޒާދާ......."

ޒާދާގެ ހަށިގަނޑުގައިވިހާ ހަކަތައެއް އެއްފަހަރާ ހުސްވެ ސޯފާއަށް ތިރިވެވުނެވެ. މޫނުގައި ކުޝަން އަޅާ ބާރުކޮށްލީ އަޑުވީއްލާ ނުރުއިމަށެވެ.

"ބައްޕަ ބުނުއްވިގޮތަށް ހެދީމަ ކަން ނޭގޭ މަސްލަހަތު ރަގަޅުވާނީ. ބައްޕަގެ ދުޝްމިނަކަށްވާން ޖެހުނު ސަބަބެއްވެސް ނޭގޭ. ކޮންމެވެސް ކަހަލަ ރަގަޅު ރީޒަނެއްނެތި އެހާ ބޮޑަށް ރުޅި އަންނާނެއެކޭ މަންމައެއް ނުބުނާނަން..." ކާއިނާތު ޒާދާގެ ބޮލުގައި ފިރުމައިލިއެވެ. ޒާދާ ކާއިނާތުގެ އަތް ދުރުކޮށްލީ ހިތްހަމަނުޖެހިފައިވާ ގޮތަކަށެވެ.

"ދަރިފުޅުމެންނަށް ނުވިސްނެނީ..."

"މަންމަގެ އުމުރަށް ދިޔައީމަ ކަން ނޭގޭ މަންމައަށް ވެސް ވިސްނުނީ.."ޒާދާ ދުންޏެއް ރުވައިލިއެވެ. ހެރުނީ ކާއިނާތުގެ ހިތަށެވެ. ދަރިފުޅުގެ ޖުމްލައިން ހިތަށް އަސަރުކުރިއެވެ. ޒާދާމެންނަށް ޔަޒީދުގެ ހަގީގަތް ކިޔައިދެވުނުކަމުގެ މޮޔަ ހީވިއެވެ.

"އެހެންވެ ވިސްނައިދޭން މަންމަމެން މިތިބީ.."

"މާމަ އޭރު ހުރި. މަންމަވެސް ބަސްނޭހީ."

"އެކަމުގެ ބަދުނަސީބުގެ ހިޔަނި އަދިވެސް މަންމަގެ ބޯމަތިން ނުނެގޭ. އެއްފަހަރު ލޮލުން ކަރުނަ ނުހިކޭ. އަދިވެސް ހިތާމަ ކުރަން..މަންމައަށް ކުރެވުނު ފާފައިގެ ސަޒާ ދުނިޔެއިންވެސް ލިބެމުންދާކަމަށް ގަބޫލުކުރަނީ...."ކާއިނާތުގެ ލޮލުގައި ކަރުނަ ގިނަވެގަތެވެ.

"މަންމާ. ތިއީ ރަގަޅުވިސްނުމެއްނޫން. ހެއްދެވިފަރާތާއި މެދު ވިސްނިގޮތަކަށް އިންސާނާއާއިމެދު ކަންތައްވާނީ. މަންމަ ގަބޫލުކުރަންވާނީ ހަމަ ﷲގެ ރަހުމަތް މަންމަމެންނަށްވެސް ޚާއްސަވެގެންވާކަމަށް ނޫންތަ؟ ކިތަންމެ ބޮޑު ފާފައެއް ކުރިޔަސް ތައުބާވީމަ ފާފަ ފުއްސަވާދެއްވާ..ފާފަތައް ގިނަވިޔަސް ކަންތައް އޮތީ އެހެން. ތައުބާނުވެ ހުއްޓާ މަރުވެއްޖެއްޔާ ދެން އެކުރި ފާފައެއްގެ އަޒާބު ލިބިދާނެ...މަންމާ. ބައްޕަ އޭރު ބުނުއްވީ އަންކަލް އަސަލްގެ ކޮއްކޮ ޒުހަލްއޭ....." ރާހާ ޝައުގުވެރިކަމާއެކު އެހިއެވެ.

"ބައްޕަ އެބުނުއްވީ ތެދެއް...."

"ސޯ......މަހްރާއަކީ ބާސިލްގެ ކަޒިންއެއް.."ރާހާ ލޯ ބޮޑުކޮށްލިއެވެ.

"އެހެންތާ ވާނީ...."

"ޒުހަލް ކްރިސްޓިއަނަކާއި މެރީކުރީމަ މަހްރާގެ ގްރޭން އެކަމާއި ދެކޮޅުވީމަ ޒުހަލް ފެމިލީ ދޫކޮށްފައި ދިޔައީ..."ރާހާ ބުނެލީ އަމިއްލައަށް ނިންމާފަދަ ގޮތަކަށެވެ."އެކަމަކު ދެން ބައްޕަގެ އެނެމީއަކަށް ވީ ކީއްވެތަ؟"

"އެކަން ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތް..."ކާއިނާތު ލޯ ފޮހެލިއެވެ.

"ވަރަށް ދެރަ....ބާސިލް ދެން އަނގައިން ބުނާނެކަމެއްވެސް ނޭގޭ.."ޒާދާ ރޮމުން ބުނެލިއެވެ.

"ކިހިނެއް މިވަނީ؟"ޔަޒީދުގެ އަޑު އިވުމުން ޒާދާ ކުއްލިއަކަށް ފުންމައިގެން ތެދުވުނުގޮތަށް ވައިރޯޅިއެއްހާ ބާރުމިނުގައި އެތަނުން ދިޔުމުން ރާހާއަށް ހެވުނެވެ. ޔަޒީދުއަކީ ބޭބެކަމަށްވާއިރުވެސް ޒާދާ އެކުރާ ނަފްރަތަކާއިމެދުވެސް ރާހާ ހައިރާންވެއެވެ.

***

ކާރުތެރޭގައި އެންމެންވެސް ތިބީ ހިމޭނުންނެވެ. ބާސިލްވެސް އޭނަގެ ބައްޕަގެ މިޒާޖު ދަންނާތީ އިތުރު ސުވާލެއް ނުކޮށް ބޭރަށް ބަލަން އިނީއެވެ. ސުވާލުކުރިޔަސް ޖަވާބެއް ނުލިބޭނެކަން ޔަގީންވެއެވެ. ގެއާއި ހަމައިން ކާރު މަޑުކޮށްލުމާއެކު ޒުހަލްއާއި އެކު އޮލީވިއާ ގޮސް ވަނީ ކާކޮޓަރިއަށެވެ. ޒުހަލް ކަޅުކޮފީއެއް ތައްޔާރުކުރިއެވެ.

"ކިހިނެއް އެވީ؟ ޒުހަލް؟"

"އަދްރިއަންއަށް އެނގޭނީ......"

"ކޮންމެވެސް ކަމެއްވެއްޖެ.ދެމީހުންގެ ޕާސްޓްގައި ކޮންކަމެއް ހިނގާފައި އޮތީ. އަހަރެމެންގެ ދަރިފުޅުގެ ދިރިއުޅުމަށްވެސް ކިހާ ބޮޑު އަސަރެއްކުރާނެ. ބާސިލް ހިމޭނުން ހުއްޓަސް އެކުއްޖާގެ ހިތް ހަލާކުވާނެ. ކިހާ އުއްމީދާއެކު އެގެއަށް ދިޔައީ...ހުސްއަތާ އެނބުރި އަންނަން ޖެހުނީ. ކުދިންގެ މައްސަލައެއްނޫން. ޕޭރެންޓުންގެ ޕާސްޓް..ޕްލީޒް ބުނެބަލަ ޒުހަލް.."

"އެލީ...އެއަށްވުރެ އަހަންނަށް މާ އުދަގޫވެއްޖެ އޭނަ ބުނި އެއްޗަކުން. މަންމަ................"ޒުހަލްގެ ލޯ ކަރުނުން ތެމުނެވެ.

"ޒުހަލް މިހާރު އެކަމާއިވެސް ރިގްރެޓްކުރަނީތަ؟ ލޯބިވާތީނު އެންމެން ދޫކޮށްލާފައި އައީ................"

"ލޯތްބާއި ދުނިޔޭގެ އުފާތައް އޭރު މުހިއްމުވީ. މިހާރު އެއިން އެއްވެސް ކަމެއް މުހިއްމެއްނޫން. ސަބަބަކީ ވެލީގެ ދާނުގައި އޮތް ދުވަހަކުން މި ފައިސާއާއި މުދަލާއި ދަރިން އަދި ލޯތްބަކުން ލިބޭނެ ހިތްހަމަޖެހުމެއްނެތީމަ. ހުރިހާ އެއްޗެއް ދޫކޮށްފައި ދާންޖެހޭނީ...މަންމަގެ ފައިދަށުން ސުވަރުގެއަށް ދެވެން އޮތީ. އެމަންމައަށް އަޅާލާ ލޯބިދީ އޯގާތެރިވެގެން. ހިތުގައި ޖައްސާފައި އައުމުން މިހާރު ލިބޭ އެއްވެސް އުފަލެއް ހަގީގަތުގައި ނެތް. ދީނުގެ އިލްމު ހޯދަން ފެށިފަހުން ބިރުގަންނަނީ ހަމައެކަނި އެކަމާ. މަންމަ ދުނިޔޭގައި ހުރިކަމެއްވެސް ނެތްކަމެއްވެސް ނޭގޭ. އަސަލްއާއި ބައްދަލުކުރަންދާން ބޭނުން.............." ޒުހަލް ދޮރުކައިރީ ހުއްޓިލައިގެން ބޭރަށް ބަލަން ހުރިއިރު ލޮލުން ކަރުނަ ތިކިތައް ފައިބަމުން ދިޔައީ ހުއްޓުމެއްނެތިއެވެ.

އޮލީވިއާއަށްވެސް ފުން އަސަރެއް ކުރިއެވެ.

ހަގީގަތުގައިވެސް ޒުހަލް ބުނިފަދައިން މަންމައަކީ ދަރިންގެ ހިތްތަކުން އެންމެ ބޮޑަށް ޖާގަ ލިބެންޖެހޭ ފަރާތެވެ. ޒުވާންކަމާއި ލޯބީގެ ޖޯޝާއި ބާރުގައި ލޯތްބަށްޓަކާއި މައިންބަފައިން ދޫކޮށްފައި އައުމުން ހިތާމަކުރަން ޖެހިދާނެ ދުވަހެއް އައިސްދާނެއެވެ.

އޮލީވިއާ ޒުހަލްގެ ކޮނޑުގައި ދަތްދޮޅި އަޅުވައިލިއެވެ.

"ދެރަނުވޭ...މަންމަ ހިތްހެޔޮކުރާނެ..."

"އަހަންނަށް ނޭގޭ...އަހަންނަކީ ހާދަ ނުބައި މީހެކޭ..."

"ޒުހަލް ބުނަމެއްނު. ގޯޑް އިޒް މާސިފުލްއޭ...ރިޕެންޓް.. މަންމަ ދުނިޔޭގައި ހުރިއްޔާ ވިޒިޓްކޮށްފައި މާފަށް އެދޭ. ނެތިއްޔާ ދެން ހެއްދެވި ފަރާތަށް ފާފަ ފުއްސެވުމަށް އެދި ދަންނަވާ........"އޮލީވިއާ ވިސްނައިދިނެވެ.

***

ސައިރަސް އާއި މެހެރާޒް އޮފީހުން ނިކުމެގެން އައިއިރު ޚަރީފުގެ ފިނިވައިރޯޅިތައް ފަތްތައްއެކި ފަރާތްފަރާތަށް އުދުއްސަމުން މަންޒަރު އިތުރަށް ފުރިހަމަކޮށްލާފައިވިއެވެ. ސައިރަސް އެެދުނީ އޭނައާއިއެކު އެގެއަށް ކެއުމަކަށް ދިޔުމަށެވެ. ވެރިމީހާއަށް ވުމުން ދެކޮޅުހަދަން މެހެރާޒްއަކަށް ނުކެރުނެވެ.

ކޮމެންޓް 0