މުސްތަގުބަލް ޕްލޭންކުރަންވާނީ ދާއިމީ މަންޒިލަށް ކޮންމެ ވަގުތަކުވެސް ދާން ޖެހޭނެ ކަން ދެނެހުރެ އެކަމަށްވެސް ތައްޔާރުވަމުންނެވެ. ދުނިޔޭގެ ދަޅަތަކަށް ހެއްލިގެން ނުދާށެވެ.

ބާސިލްގެ އަތަށް ބޮކްސިން އަންގި ލެއްވުމަށްފަހު ހޯމްޖިމްގައި އެލުވާފައި ހުރި ބަރު ޕަންޗިން ބޭގަށް އެތިފަހަރު ބާލަމުންގޮސް އޭނަ ވަރުބަލިވެ މޫނުން ދާތިކިތައް އޮހޮރެންފެށިއިރުވެސް އޭނައަށް ހުއްޓައެއްނުލެވުނެވެ. ހިތުގައި އުތުރިއަރަމުން އައިހާ ރުޅިއެއް ބޭލެމުން ދިޔައީ އެއަށެވެ.

"ބާސިލް...ނުނިމޭތަ؟" އިދްރާކްގެ އަޑު އިވުނެވެ." މިއީވެސް މީހުން ޕަންޗު ގޯނީގައި ތަޅާ ގަޑިއެއްތަ؟ ހިނގާ އެއްޗެއް ކާލަން. ޕޭންކޭކު ފިހެވޭ ވަސް........................."

"މިވަގުތު އަތުޖެހުނު އެއްޗެއް ޕޭންކޭކަށް ހަދާލާ ހިތްވެއްޖެ. އިދްރާކް ޕޭންކޭކް....." ބާސިލް ހިނިގަނޑެއް ޖަހައިލުމުން ކޯތާފަތަށް އަޑިކޮޅެއް އެޅުނެވެ. ދެބެންނަށްވެސް ލިބިފައިވަނީ މަންމަ އޮލީވިއާގެ ކުލައާއި ފެހިދެލޮލެވެ. ބައްޕަގެ ފަރާތުން ލިބިފައިވާ ކަޅުކަން ގަދަ އިސްތަށިގަނޑުގެ ސަބަބުން ރީތިކަން އިތުރެވެ.

"ކޮން އިރަކުން ފަހަރީގެ އާއިލާ މިގެއަށް ގެންނަނީ؟ "

"އެހާ އަވަހަށް ކީއްކުރަން؟"

"މަންމަ ބުނީ އަހަންނަށް އެކަހަލަ ކަމަކާއި އުޅެވޭނީ ދޮންބެ މެރީކުރީމަޔޯ. އެހެންވެ އަވަސްކުރުވަން އުޅެނީ."

"އަނެއްކާ ލައިކްވާ ކުއްޖެއް ފެނުނީތަ؟"

"ކައިންޑް އޮފް...." ބާސިލްގެ މޫނަށް ކުޑަ ރަތްކަމެއް ފާއްދާލިއެވެ.

"ޔޫ އާ ބްލަޝިން..."

ބާސިލް ލޯކުޑަކޮށްލިއެވެ." އަންހެންކުދިން ބްލަޝްވަނީ. އައި ޑޯންޓް.."

ދެމީހުން ވާހަކަދައްކަމުންގޮސް ކާކޮޓަރިއާއި އަރާ ހަމަވިއެވެ. އޮލީވިއާ އާއި ޒުހަލް އަބްދުލް އަޒީޒު އެޒުވާނުންގެ އިންތިޒާރުގައި މޭޒުދޮށުގައި ތިބިއިރު އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހަމަޖެހުމާއި އުފާވެރިކަމެވެ. އުފާވެރި ކުޑަ އާއިލާއެކެވެ.ގަޑިން ކެއުމާއި އެކީގައި ވަގުތު ހޭދަކުރުމަށް އަބުދުލްއަޒީޒު މަަަސައްކަތްކުރެއެވެ. ހޮސްޕިޓަލެއްގެ އިސް މަގާމެއް ފުރަމުންދާއިރު އޭނަގެ އަންހެނުން އޮލީވިއާއަކީ އަންހެނުންގެ ޚާއްސަ ޑޮކްޓަރެކެވެ.ދަރިފުޅު އިދްރާކު ވަޒީފާ ހޯދީ ތަންކޮޅެއް ދުރުގައި ހުންނަ ހޮސްޕިޓަލަކުންނެވެ. އޮންކޮލޮޖީއަށް ޝައުގުހުރުމާއެކު އެކަމުގައި އެންމެ ކުރިއަރާފައިވާ އެއް ހޮސްޕިޓަލްކަމުން އިދްރާކް އެތަން ޚިޔާރުކުރީއެވެ. ބާސިލްއަށް އޭނަގެ އާއިލާގެ އެހެން މެމްބަރުންފަދައިން ސިއްހީ ދާއިރާ ޚިޔާރުކުރަން ފަސޭހައެއްނުވިއެވެ. އޭނަގެ ޝައުގު ބޮޑަށް ހުރީ އެސްޓްރޮނޮމީއަށެވެ. އޭނަގެ އެކުވެރި ދަނީޒްވެސް ހަމަ އެވިސްނުން ހުރުމުން ދެމީހުންވެގެން ޖައްވީ އިދާރާގައި މަސައްކަތްކުރަން ނިންމީއެވެ. ދަނީޒްފަދައިން އޭނަވެސް ޕައިލެޓް ކޯސް ފުރިހަމަކުރިއެވެ. ދަނީޒްގެ އުފަންދުވަހު އޭނަގެ ބައްޕަ ހަދިޔާކުރި ކުޑަ ޕްލޭންގައި ދެމީހުން ބުރުޖެހުމަކީ ދުވާލުގެ ތާވަލްގެ އެއްބަޔެވެ. އެގެ ހުންނަނީ ތަންކޮޅެއް އުސް ސަރަހައްދެއްގައެވެ. އެގޭ ޓެރެސްގައި ބަހައްޓާފައިި ހުންނަ ދުރުމީއިން ތަރިތަކާއި ގިނިހިލަތައް ބެލުމާއިއެކު ކޮންމެވެސް ދުވަހަކުން ދެމީހުން ހަނދަށް ނޫނީ އެހެން ގެލެކްސީއަކަށް ދިޔުމުގެ ހުވަފެންވެސް ދެކެއެވެ.

 

***

ބާސިލް އާދައިގެ މަތިން މިސްރާބުޖެހީ ޒާދާމެންގެ ގެ ހުންނަ ހިސާބަށެވެ. އެދިމާލުގައި ކާރު ޕާކްކޮށްފައި ކުރިމަތީގައި ހުރި ޕާކެއްގެ ގޮނޑީގައި އިށީދެ ފޯނުން ބަލަމުން ދިޔައީ ޒާދާގެ ފޮޓޯތަކަށެވެ.

"ހޭއި ބާޒް..ކީއްކުރަނީ؟"ދަނީޒް އައިގޮތަށް ބާސިލްގެ އުނގުގައި ބޯ އަޅައިގެން އޮށޯތެވެ.

"ގެޓް އޮފް މީ.......ކަލޭ ތިވައްތަރަށް އުޅޭތަން ފެނިއްޖެއްޔާ މީހުން ހީކުރާނީ ކީކޭ؟"

"މީހުންނެއްނޫން. ޒާދާ ހީކުރާނެ އެއްޗަކަށް ބިރުން ތިއުޅެނީ؟ ހަމައެވަރަށް އެ ޗިކްއަށް ފޯލްވީ؟ ހާދަ އަންބިލީވަބްލް...."ދަނީޒް އިންސްޓަގްރާމް ހުޅުވައިލިއެވެ."މި ގާލް ކިހިނެއްތަ؟"

"ހަޑިއެއްނޫން. ނޮޓް އިންޓްރެސްޓެޑް.."

"ބުނަން. ހިނގާ އެކުއްޖާ ކިޑްނެޕް ކުރަން. އަހަރެންގެ ހުންނާނެ ވިންޓަރ ހައުސްއެއް. އެގެއަށް ގެންގޮސް ފޮރުވާނީ. މީހަކަށް ޝައްކެއްވެސް ނުވާނެ..."

ނޯ....ތިވާނީ ކްރައިމްއަކަށް. މައި ޑޭޑް ވިލް ކިލް މީ....."

"ހިތްވަރުހުރެގެން ކަންތައްވާނީ. ފިނޑިންނަކަށް ކަންތައްތައް ހާސިލު ނުކުރެވޭނެ...ހަމަ ލޯބިވަނީތަ ޒާދާ ދެކެ؟"ދަނީޒް ހަނދާންކޮށްލަދިނެވެ.

ބާސިލް ކޮނޑު އަރުވައިލިއެވެ.

"ނޯ ވޮރީސް ބަޑީ. ފައިސާ ހުރެއްޖެއްޔާ ނުލިބޭނެ އެއްޗެއް ނުވާނެ. ވީ އޯވްން ދަ ވޯލްޑް.."ދަނީޒް އޭނަގެ ވޮލެޓުން ޕައުންޑުތަކެއް ނަގާފައި ރޯކޮށްލުމުން ބާސިލް ހިނި އައެވެ. މުއްސަދިކަމުގެ ރޭހުގައި ދަނީޒް އުޅެނީ އޭނައަށްވުރެ ކުރީގައެވެ. އޭނަގެ އަތުގައި އެގޮތަށް އަންދާނެ ފައިސާތަކެއް ނުހުރެއެވެ. ބައްޕަ އޭނަ ބޭނުންވާ އެއްޗެހި ގަނެދިނަސް އެގޮތަށް ޚަރަދުކުރަން ދީފައި ހުންނަނީ ވަކި ވަރަކަށެވެ.

 

***

ޒާދާ ގެ ބޮޑުދައިތަ އާޔާގެ ދަރިފުޅު މަހްރާ ހަފްތާގެ ބަންދު ހޭދަކުރީ ޒާދާމެންނާ އެކުގައެވެ. މަހްރާ ހެދުން އަޅާއުޅެނީ ޒާދާއަށްވުރެ ނިވާކަން ބޮޑުކޮށެވެ. ގަޔަށް ދޫ ހެދުމުގެ މަތިން ދިގު ޖެކެޓެއްލަަނީވެސް ހަށިގަނޑުގެ ބައްޓަން ފޮރުވުމަށެވެ. މޭކަޕްކޮށެއް ނޫޅެއެވެ. އާޔާ އަޅުވެރިކަމުން ދަރިން ގެންގުޅުނީ ދީނީ ތަރުބިއްޔަތު ދީގެން ކަމުން ޔޫކޭފަދަ ތަނެއްގައި ބޮޑުވިޔަސް ދީނީކަންތައްތަކަށް ފަރުވާ ބަހައްޓައެވެ. ޒާދާގެ އެންމެ ގާތް އެކުވެރިޔަކަށް މަހްރާ ވީ ދެކުދިންގެ މިޒާޖު އެއްގޮތްކަމުންނެވެ. ޝައުގުވެސް ހުންނަނީ ދާދި އެއްގޮތަކަށެވެ. ދެކުދިން މެޑިސިން ހެދިޔަސް ފަލަކީ ކަންތައްތަކަށް ޝައުގުހުރެއެވެ. ކާއިނާތު ފަދައިންނެވެ.

އަދްރިއަންއާއި ކާއިނާތު ހަނދާންކޮށްދިނީ ބިސްމި ކިޔާފައި ކާން ފެށުމަށެވެ. ލިބިފައިވާ ނިއުމަތްތަކަށް ޝުކުރުކޮށް ރިގުޒުދެއްވި ފަރާތަށް ހަމްދުކުރުމަށް އެންމެ މުނާސަބު އެއް ވަގުތެވެ.

"އަޅުގަނޑުމެން ޕާކަށް ދިޔަސް އޯކޭތޯ؟"

"ރޭވެސް މުސްލިމް އަންހެންކުއްޖަކަށް ޕާކުގައި ހަމަލާދިނީޔޯ..އިސްލާމްފޯބިއާ ބޮޑުކަމުން މިތަންތާ އުޅެންވެސް ދަތި...." ކާއިނާތު ނުތަނަވަސްވިއެވެ.

"ދުވާލު މީހުން އުޅޭނެ. އެވެދާނެ ރެންޑަމް އެޓޭކަކަށް. ހަމަވެދާނެ އެ މުސްލިމް ގާލްދެކެ ރުޅި އަންނަ އެނެމީއެއް ބަދަލުހިފަން ކުރި ކަމަކަށްވެސް...." ޒާދާ ހީލިއެވެ.

"މަހުރާއަށް ކަމެއްވެއްޖެއްޔާ އާޔާ ދުވަހެއްގެ ކޮޅުންވެސް މާފެއްނުކުރާނެ..."ކާއިނާތުގެ އެންމެ ގާތްއެކުވެރިޔާ އަދި ފަހަރި އާޔާ ދަރިން ގެންގުޅޭގޮތުން ހައްދުފަހަނަޅާފައޭވެސް ބުނެވިދާނެއެވެ.

"މަންމާ. އަޅުގަނޑުމެން މިތިބީ ފަތިސް ނަމާދުކޮށްގެން ޒިކުރުކޮށްގެން. މާތްﷲ ރައްކާތެރިކޮށްދެއްވާނެ..." ޒާދާ ހުރީ ހިނގައިލަން ދާން ބޭނުންވެފައެވެ.

"އެންމެ ރަގަޅު. ކިރިޔާވެސް ޝައްކުވާކަމެއް ފެނިއްޖެއްޔާ ދެކުދިން ގުޅާތި.."

ރާހާ ގެނެސްދިނީ ޕެޕާސްޕެރޭ ފުޅިއެކެވެ.

"މިއީ ކޯންޗެއް. އަހަރެމެންނަށް އެނގޭ ކަރާޓޭވެސް. މީހަކު ނުބައި ނިޔަތެއްގައި ބަލައިލިޔަސް އެމީހަކު އޮންނާނީ ސިކްސް ފީޓް އަންޑާ...." ޒާދާ ޕެޕާ ސްޕެރޭފުޅި ރާހާގެ އަތަށް ލެއްވިއެވެ."ތީތި ކޮއްކޮ އަތުގައި ބާއްވާ. ޔޫ މައިޓް ނީޑް އިޓް....."

ޒާދާ ކަންބޮޑުވީ މިހާރު ދީފައި އޮންނަ ކުޑަ މިނިވަންކަންވެސް މަންމަމެން ނިގުޅައިގެންފާނެތީއެވެ. މަހްރާމެންގެ އާއިލާއިން އަދި އެއަށްވުރެވެސް ކަންތައްބޮޑެވެ. މަހްރާ ގެއިން ބޭރަށް ދެވޭނީ މަހުރަމަކާއެކުގައެވެ. މިގެއަށްވެސް އާދެވެނީ އަދްރިއަންއަކީ މަހުރާގެ ބޮޑުބޭބެއަށް ވީތީއެވެ. އާޔާ އަންހެންދަރިން ގެންގުޅެނީ ވަރަށް ބަލައިގެންނެވެ. އަންހެންދަރިން ރައްކާތެރިކަމާއެކު ބަލާ ބޮޑުކުރާ މައިންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ލިބޭނެކަމަށް ހަދީސްގައިވެއެވެ. އަންހެންކުދިންނަކީ ފޮރުވިފައިވާ މުތްތަކެވެ. އާޔާވެސް އެހާ ރައްކާތެރިކަމާއެކު ލޮލުގެ ނޫރުފަދައިން ދަރިން ބަލަހައްޓަނީ މީހެއްގެ ނުބައި ނަޒަރު އެޅިޔަނުދޭން ކުޑައިރުއްސުރެ ނިވާވާގޮތަށް ހެދުން އަޅުވައިގެންނެވެ.

***

ޒާދާއާއި މަހުރާ ހިނގަމުން ދިޔައީ އަތު ގުޅުވާލައިގެންނެވެ. ދެކުދިންގެ އަތުގައިވެސް އައިސްކޯނެއް އޮތެވެ. ޒާދާ ކުއްލިއަކަށް މަހްރާގެ އަތަށް ބާރުކޮށްލިއެވެ."އެއްކަލަ ސްޓޯކާ އެއޮތް ދަނީ. ހަމަ ފަހަތުން ހުރިހާ ތަނަކަށް އަންނަހެން ހީވޭ. ޖިންނިއެއްހެން........................"

މަހުރާ އެނބުރި ބަލައިލިއިރު ދެޒުވާނުން ކާރަކަށް އަރަނީއެވެ.

"ކުރީ ދުވަހު ރޯޒްއެއްވެސް ދިން...."

"އާ ޔޫ އިން ލަވް؟" މަހްރާ ލޯބޮޑުކޮށްލިއެވެ.

ޒާދާ ހޭންފެށިއެވެ."އަދި މަގޭ ސޯލްމޭޓާއި ދިމަލެއްނުވޭ. އިދްރާކްވެސް ވަރަށް ހެންޑްސަމް އެކަމަކު މަގޭ ޓައިޕެއްނޫން. މާ މަޑުމައިތިރި ލަދުރަކި...އަންހެންކުދިންގެ ސިފަތައް ފިރިހެންކުދިންގައި ހުރުމުން ބައެއްފަހަރު އަޅައިގަނޭ. އިދްރާކްއާއިހެދި ހޮސްޕިޓަލްކުދިން މޮޔަވެފައި........"

ކުއްލިއަކަށް އެ ޒުވާނުން މިކޮޅަށް އަންނަން ފެށުމުން ޒާދާ މަހުރާގެ އަތުގައި ހިފައިގެން މޭޕްލްގަހުގެ ބިއްދޮށަށް ވަދެވުނީ ކިރިޔާއެވެ. މަހްރާ ހުރީ ހިނިގަނޑު ހިފަހައްޓައިގެންނެވެ.

"ގޯޖަސް ބޭޑް ބޯއިއެއް.."ޒާދާ މަހްރާގެ ކަންފަތް ކައިރީ ވައި އަޑަކުން ބުނެލިއެވެ. އަދި ލޯބޮޑުކޮށްގެން ބަލަން ހުރެފައި މަހްރާގެ މޫނަށް ބަލައިލިއިރު އޭނަ ހުރީ މާ ދުރަށް ބަލަހައްޓައިގެންނެވެ. މަހްރާގެ ސަބަބުން ބެލުން ތިރިކުރަން ހަނދާންވެ ޒާދާވެސް އަނެއްފަރާތަށް އެނބުރުނެވެ.އެޒުވާނުން ކޮންމެވެސް އެއްޗެއް ގެއްލިގެން ހޯދަ ހޯދާފައި ދާން ހިނގައިގަތެވެ.

"އެކަމަކު ވަރަށް ބޮޑާ. އެހެންނޫނަސް އެކަހަލަ ކުދިންނާއި އަނގައިން ބުނިކަން އެނގުނަސް މަންމަ ރުޅި އަންނާނެ. މަންމަގެ އެއްވެސް ޝަރުތެއް ފުރިހަމައެއްނުވޭ..."

 

***

މެހެރާޒް ޕިއްޒާ ޑެލިވަރީ ބައިކަކަށް އަރައިގެން ދުއްވައިލީ ޑޮމިނޯސް ޕިއްޒާ ސްޓޯރުންނެވެ. މިއަދަކީ އެތަނުން ވަޒީފާ ލިބިގެން ފުރަތަމަ ފަހަރަށް ޕިއްޒާ ބަހަން ދާ ދުވަސްކަމުން މަސައްކަތުގައި ބަރަކާތް ލެއްވުމަށް އެދި ދުޢާކުރެވުނެވެ. ސައިކަލް ދުއްވައިލިތަނާ ތުނިކޮށް ވާރޭވެހެން ފެށިއެވެ. ނޫކުލައިގެ އަތްކުރު ޑޮމިނޯ ޔުނިފޯމާއި މުށިކުލައިގެ ފަޓުލޫނުގައިހުރިއިރު އިސްތަށިގަނޑު ފޮރުވިފައިވަނީ ތޮތްޕަކުންނެވެ. ފުރަތަމަ ގެއަށް ވަންނަން ޖެހުމުން ހިތް އަވަސްވިއެވެ. މުއްސަދިކަމާއި ހައިބަވަންތަކަމުން ފުރިފައިވާ ރީތި ގެއެކެވެ. ބަގީޗާގެ ގަދަ ފެހި ވިނަގަނޑު އެއްވަރަކަށް ކޮށާލާފައެވެ. އެރެން ހުރި ހަރުފަތްތައްވެސް ހުރީ މާބްލްއިންނެވެ. އެއްފަރާތުގައި ހުރި އާފަލުގަސް ފުރެންދެން ޗެރީޕިންކް މާތަކުން ބަރާވެފައިވާއިރު މުޅި މާހައުލުގައި ސެންޓް ލެވިފައިވިއެވެ.

"ޕިއްޒާ ބޯއި އައީކަން ނޭގޭ..." ގޭތެރެއިން އަންހެންކުއްޖެއްގެ އަޑު ކަންފަތުގައި ޖެހުނެވެ.

"އައިލް ގެޓް އިޓް..."މިފަހަރު އެހެން އަންހެންކުއްޖެއްގެ އަޑެވެ. މެހެރާޒްގެ އަތްފައި ކުރިއަށްވުރެ ފިނިވިއެވެ. ދޮރު ހުޅުވާލާފައި ނުކުތް އަންހެންކުއްޖާ ހުރީ މުޅިން ނޫކުލައިގެ އެއްޗެހީގައި ފޮރުވިގެންނެވެ. ފެންނަން ހުރީ މޫނުކޮޅެވެ. އެ ސިފަތައް އެއްފަހަރާ ސިކުނޑީގައި މަންޒަރެއްހެން ކުރަހައިލެވުނީ އޭނަވެސް ހައިރާންވާހާ އަވަހަށެވެ. މެހެރާޒް ޕިއްޒާ ފޮށިތައް ދިއްކޮށްލިއެވެ. އޮޅިގެން އޭނަގެ ފިނި އިނގިލިތައް އެކުއްޖާގެ އަތާއި ބީހިލިއެވެ.

"ތެންކިއު...."އަންހެންކުއްޖާ ބަލާވެސް ނުލިއެވެ.

"ޓިޕްސް ދޭންޖެހޭނެ ދޯ.."އެތެރޭގައި ހުރި އަންހެންކުއްޖާ ކިޔާލައިފިއެވެ. މެހެރާޒް ދާން ހިނގައިގަތްތަނާ ފަހަތުން އައިސް އެކުއްޖާ އޭނަގެ އަތަށް ފައިސާކޮޅެއް ދިނުމުން މެހެރާޒް އޭގައި ހިިފިއެވެ.

ކޮމެންޓް 0