"އަނެކަކާގެ ހިތުގައި ޖައްސާފައި ތިބާއަށް އުފަލުގައި އުޅެވޭނީ ވަކި ދުވަހަކަށެވެ. މީހަކަށް ދިން ދެރައެއްގެ ބަދަލު ލިބޭނެ ދުވަހެއް އަންނާނެއެވެ. މިއަދު ނުވެއްޖެއްޔާ މާދަމާއެވެ."
***
ޒާދާ ހައިރާންވިއެވެ. މަންމަ އެފިރިހެނާގެ ދިފާއުގައި އޭނަދެކެ ރުޅިއަންނަ ހިސާބަށް ދިޔައީބާވައެވެ.
"އެއީ ކާކުކަން އެނގޭނަމަ ތިހެނެއް ނުބުނާނެ..."
"މަންމަ ބުނީމައެއްނު އެނގޭނީ..."ޒާދާ ހަގުރާމަކުރަން ނިންމިއެވެ. މަންމަ ބުނަން އުޅެނީ ޒާދާއާއި ކައިވެނިކުރަން ހަމަޖެހިފައިވާ ކުއްޖާކަމަށާއި ޒާދާ އެއްބަސްވާންޖެހޭނެ ކަމުގައެވެ. މިފަހަރު ބައްޕަ އަމުރުކުރިޔަސް އޭނަ އެއްބަސްވާނެ އެއްވެސް ގޮތެއްނެތެވެ.
ކާއިނާތު ޒާދާއާއި ރާހާ ގޮވައިގެން ކޮޓަރިއަށް ވަދެ ދެކުދިން ގާތު ސޯފާގައި އިށީންނަން އެދުނެވެ. ދަރިންނަށް މާޒީގެ ބާބެއް ހުޅުވުން ފަސޭހަކަމަކަށް ނުވިޔަސް މިވަގުތު ހާލަތު ނިޔާކުރާގޮތުން އެނޫން މަގެއް ނުފެނެއެވެ. އެކުދިންނަށްވެސް ހަގީގަތް އެނގެންޖެހޭނެއެވެ. ޔަޒީދުއަކީ ބޭބެކަމަށް ބުނެ ތަފްސީލް ދިންއިރު ރާހާއަށްވެސް މޫނުގައި ދެއަތުން ހިފަހައްޓައިލެވުނީ ގަބޫލުކުރުން ދަތިވީވަރުންނެވެ. ޒާދާ އަނގަ ހޭވުނުގޮތަށް ލައްޕަންވެސް ނޭގުނެވެ.
" ނޯވޭއި މަންމާ...ކިހިނެއް އެހެންވާންވީ؟ ހާދަ ގަބޫލުކުރުން ދަތިކަމެކޭ...އަޅުގަނޑުމެންނާއި ވައްތަރެއްވެސް ނޫން. ބައްޕަ ވައިޓް މީހަކަށްވިޔަސް އެހާ ހުދު ދޮންކުލައެއް.......ޓިޕިކަލް އިނގިރޭސިން..."
"އާނ ޔަޒީދުއަކީ ދަރިފުޅުމެންގެ ބޭބެ.."
"އެކަމަކު އޭނަ ފެނުމުން އެކަހަލަ އެއްވެސް އިހުސާސެއް ނުކުރެވުނު. ވީ ފޫހި..." ޒާދާ ލޯތެރޭ ކަޅި އަނބުރާލައިފިއެވެ."ބޭބެއެއްވިއްޔާ ކޮންމެވެސް ކަހަލަ ސްޕެޝަލް ގޮތެއް ފީލްވާނެ. އޭނަ ފެނުމުން ފޫހިވެ ރުޅިއަންނަންޏާ އެއީ ލޯބިކަމަކަަށް ނުވާނެ. ތިމާގެ މީހެއްހެން ހިޔެއްނުވޭ. އެހެންނޫނަސް އޭނަ ބަލަމުން ދިޔައީ ތަފާތު ނަޒަރަކުން. ފްރޯޑެއް ކަމަށްވާނީ...އައި ޑޯންޓް ލައިކް ހިމް......"
"ޒާދާ.....ތިގޮތަށް ވިސްނަން ދަސްކުރީ ކޮންތަނަކުން؟ ޔަޒީދުއަކީ މަންމަގެ ފުރަތަމަ ދަރި..ޒާދާމެންގެ ބޭބެ...ދުރުގައި އުޅުނީމަ ތިބުނާ ލޯތްބާއި ކުލުނު ނޯވެ ހިނގައިދާނެ. އެއީ މައްސަލައެއްނޫން. ޔަޒީދުއަކަށްވެސް އަދި މިއީ މަންމަކަމެއްވެސް ނޭގޭނެ. މިބުނާހެން ވާހަކަތަކައި ފިލްމުތަކުން ތިބުނާ ސްޕެޝަލް ފީލިންގްސްތައް ގެނެސްދެނީ. ލޭގެ ގުޅުމެއްނެތި އެޑޮޕްޓްކުރާ ކުދިންނަށްވެސް މީހުންގެ ހިތުގައި އަމިއްލަ ދަރިއެއްފަދައިން ކުލުނާއި ލޯބި ޖެހިދޭ. އިންސާނުންނަށް އެކަންޏެއްނޫން...ގެންގުޅޭ ބުޅާ އެއްޗިއްސަށްވެސް މީހުންގެ ހިތުގައި ރަހުމް އުފެދޭ. ވީމަ ޒާދާ ތިހީކުރާގޮތަށް ފުރަތަމަ ފެންނައިރަށް ޚާއްސަ ނުވެހިގައިދާނެ............."
ޒާދާ ފޯނާއި ކުޅެންފެށިއެވެ.
"މިހާރު ކިހިނެއްވީ؟"
"މަންމާ. އިތުރަށް ބޭބެއެއް ބޭނުމެއްނުވޭ. ރާހާ ހުރީމަ އެވަރުން ފުދޭ..އިތުރު ސިބްލިންއެއް އައިއްޔާ ހެޑޭކަކަށްވާނީ..."
"ޒާދާއަށް ބޭނުންނުވިޔަސް މަންމައަށް ފިރިހެންދަރިއެއް ވެސް ބޭނުން...."
"އެހެންވެ ދޯ މަންމަ އެކުއްޖާ އެއްލައިލީ.. ބޭނުންނެތި އެއްލާލާފައި އެތައް އަހަރެއްވީމަ މަންމަ ބޭނުންވެގެން އުޅުނީމަ ތިކަން ބަލައިގަންނަން ކިހިނެއް ފަސޭހަވާނީ........"ޒާދާ ތެދުވެގެން ދާން ހިނގައިގަތުމާއެކު ކޯތާފަތްމައްޗަށް ހޫނުވެލިއެވެ. ޒާދާއަށް ކޯތާފަތުގައި ފިރުމައިލެވުނުއިރު މޫނު ރަތްވެލައިފިއެވެ. ކާއިނާތުއަށްވެސް ހިއްލައިލެވުނު އަތަށް ބަލައިލެވުނީ ލޯބޮޑުކޮށްލަމުންނެވެ. ވިސްނާނުލާ އެ ސިކުންތުކޮޅު އަމިއްލަ ނަފުސްގެ ކޮންޓްރޯލް ދިޔުމާއެކު އެކުރެވުނީ ކުށްވެރި އަމަލެއްކަމަށް ޟަމީރު ބުނެލިއެވެ. ޔަޒީދުގެ މައްސަލައިގާ ދަރިފުޅުގެ ދުލުން ބުނިކަމުގައިވިޔަސް ހަގީގަތަކީ އެއީއެވެ. އޭނަ ފިރިހެންދަރިއަކު ބޭނުންވިނަމަ އެކުއްޖާ އެއްލައިނުލީހެވެ. ހިތަށް ވީ ތަދާއެކު ލޮލުން ކަރުނައިގެ އަސަރުފައުޅުވިއެވެ. ޒާދާ މަޑުވެސްކޮށްނުލާ ބާރަށް ހިނގާފައިގޮސް ލޯމަތިން ގެއްލުނެވެ. ކާއިނާތު ރާހާގެ މޫނަށް ނަޒަރު ހުއްޓައިލިއިރު ރާހާގެ މޫނުމަތިންވެސް ފެނުނީ މައުސޫމްކަމާއި ކަންބޮޑުވުމުގެ ކުލަވަރެވެ. މަންމަ އެކަހަލަ ކަމަކާއި ޒާދާގެ ގަޔަށް އަތް އިސްކޮށްފާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ.
"ދަރިފުޅު ނުވިސްނައްޗޭ...ހުރިހާ ކަމެއް ދާނީ ރަގަޅަށް...އެކަމާ މަންމަ ތައުބާވިން. އެކަމަކު އޭރު އެހެދުނު ގޯހުގެ ސަބަބުން މާމަ ގެއްލިގެން ދިޔައީ. އަމިއްލަ ނަފުސަށް އަދިވެސް މާފެއްނުދެވޭ...ދިމާވާ ކޮންމެ ދެރަކަމެއް ހިތާމައެއް މުސީބާތެއް މަންމައަށް ގުޅުވެނީ އެފާފައާއި. ދުނިޔެމަތީގައި ފާފައިގެ އަޒާބު ލިބި ނިމިގެން ދަނީއޭ ހިތަށް އަރަނީ..."ކާއިނާތު ރާހާގެ ނިތްކުރިއަށް ބޮސްދިނެވެ.
ރާހާ އިނީ ބުނަންވީ އެއްޗެއް ނޭގިފައެވެ.
"މަންމާ..އިދްރާކް އަޒީޒްއަކީ ވަަރަށް ކައިންޑް ޑޮކްޓަރެއްކަން މަންމައަށް އެނގޭތަ؟"ރާހާ ދެއްކީ އެހެން ވާހަކައެކެވެ.
"ކެންސަރު ޑިޕާޓްމެންޓްގައި މަސައްކަތްކުރާ ކުއްޖެއްދޯ. އާނ އެކުއްޖާ ވަރަށް ހިތްހެޔޮ އެކަމަކު މަންމައަށް ބޭރުފުށުގެ ރީތިކަމަށް އިތުބާރުކުރަން ފަސޭހައެއްނޫން. ޝައިތޯނުންވެސް ރީތި ސިފަޖެހިގެން އިންސާނުންގެ ސިކުނޑިތަކާއި ކުޅެ ހައްލައިލަނީ. އެހެންވެ މަންމައަށް އެ އިދްރާކްގެ ހަގީގީ ސިފައެއް ނޭގޭ..."
"އެންމެން އެއްގޮތެއްނުވާނެ.."
"އެހެންވިޔަސް މަންމަ ފިރިހެނަކަށް އިތުބާރުނުކުރާނަން.."
"ބައްޕައަށްވެސް ތޯ؟"ރާހާ ބުމަ އަރުވައިލިއެވެ.
"އާނ ރާހާ.. ބައްޕައަކީވެސް ފިރިހެނެއް...މީހެއްގެ ގޮތެއް ނޭގޭނެ. ހަތަރުދަމު އުޅެނީ ހޮސްޕިޓަލުގައިވީމަ މަންމައަށް ކިހިނެއް އެނގޭނީ؟ އިތުބާރުނުކުރިޔަސް އިންސާނުންނާއެކު އެއް ޕްލެނެޓެއްގައި އުޅެންވީމަ މިއުޅެނީ. މަންމަ ކުރިން ހިތަށް އެރި އެހެން ގެލެކްސީއެއްގައި ދިރިއުޅެން. އެކަމަކު އެ ޑްރީމް ފުރިހަމައެއްނުވި..." ކާއިނާތުގެ ޚިޔާލަށް ސައިރަސް ވެރިވިއެވެ. އޭނައަށް ތުން ފިތައިލެވުނެވެ. އަޖައިބެކެވެ. ހަމަ ކައުނާއިމެދު ޚިޔާލުކުރާއިރަށްވެސް އެދެމެދަށް ސައިރަސްވަންނާނެއެވެ. އަދިވެސް އޭނަގެ ހިތާއި ސިކުނޑީގައި ރަސްކަން ކުރަނީ ސައިރަސްއެވެ. އަދްރިއަން އެއްނޫނެވެ.
***
ޔާސްމީންއާއި ޔަހުޔާ އާއެކު ކާރަށް އަރާފައި ވަގުތުން ޔަޒީދު ފެށީ ޒާދާގެ ވާހަކައެވެ. އޭނައަށް ފުރަތަމަ ނަޒަރުން ޒާދާދެކެ ލޯބިވެވިއްޖެކަމުގައެވެ. އެވަރުގެ ރީތިކަމެއް މި އުޑުހިޔަލުން ނުފެންނާނެކަމުގައެވެ. ޔަހުޔާ އަޑުލައިގަތެވެ. އެންގީ އެޚިޔާލު ހިތުން ނެރެލުމަށެވެ. އެއީ މުސްތަހީލް ކަމެއްކަމަށެވެ. ޔަޒީދު ޒާދާއާއިމެދު ދެކެން ޖެހެނީ ކޮއްކޮއެއްގެ ނަޒަރުން ކަމުގައެވެ.
"ކީއްވެ ބައްޕާ؟"
"ކޮންމެ ކަމަކަށް ސަބަބެއް އޮންނާކަށް ނުޖެހޭނެ. ބުނިގޮތް ހަދާބަލަ...މިބުނީ ތިއީ ވާނެކަމެއް ނޫނޭ..."
"އަހަރެން އެންމެ ބޭނުންވާ ސިފަތައް އެކުއްޖާގެ ހުރީ..."ޔަޒީދު ހިތްހަމަނުޖެހޭގޮތްވިއެވެ."މަންމަމެންގެ އެކުވެރިއެއްގެ ދަރިއަކަށްވީމަ ކިހާ ފަސޭހަވާނެ...ބައްޕަމެން ތިހާ ޔަގީންކަމާއެކު އެކަން ނުވާނެއޭ ބުނަނީ އެއީ މީހެއްގެ އަންބަކީތަ؟ ނޫނީ އެހެން ސަބަބަކާއި ލައިގެންތަ؟ޕްލީޒް ބުނެބަލަ. އޭރުން ހިތަށް ކިރިޔާވެސް ހަމަޖެހުމެއް ލިބޭނީ. ދުރުވާން އެނގޭނީވެސް އޭރުން..ޒާދާގެ އުމުރުވެސް އެހާ ބޮޑުހެނެއް ހިޔެއްނުވޭ. ވަރަށް ޅަ ފާޑެއްހުރީ..........."
"ޔަޒީދު ގާތު އަދި ބުނާކަށް ނުޖެހޭ...މިހާރު އެގެއަށް ގެންދެވުނުކަމުގެ މޮޔަހީވެއްޖެ..." ޔަހްޔާ ދަތްތަކަށް ބާރުލާފައި ބުނެލުމުން ޔަޒީދު ހިމޭންވިއެވެ. ނަމަވެސް ހިތާއި ސިކުނޑީގައި ޒާދާގެ ރީތި ސޫރަ ބިންވަޅުނެގިއްޖެއެވެ.
***
ކާއިނާތު ޔަޒީދުއާއި ބައްދަލުކުރަން އެގެއަށް ގޮސް އެދުނީ ޔަޒީދުއަށް ހަގީގަތް ކިޔާދިނުމަށެވެ. ޔާސްމީން ރޮމުން ބުނީ އަދި ވަގުތު ދިނުމަށެވެ. އެމީހުން ވަރަށް ލޯބިން ގެންގުޅެ ބޮޑުކޮށްފައި ހުރި ދަރިއެއްކަމަށާއި އެކަން އެނގޭއިރަށް ޔަޒީދު ބަދަލުވާނެކަމުގައެވެ. އެމީހުންނާއި ދުރަށް ދިޔުމުގެ ފުރުސަތު އޮންނާނެކަމުގައެވެ. ކާއިނާތުއަށް ޔަޒީދުއާއި ބޭނުންއިރަކު ބައްދަލުވެ ވާހަކަދައްކައި ބޭނުން އެއްޗެއް ދެވޭނެކަމުގައެވެ. ކާއިނާތު އެވާހަކަ ގަބޫލުކުރިއެވެ. ޔަޒީދު ގޮވައިގެން ރެސްޓޯރެންޓްއަކަށް ގޮސް ކާއިނާތު ވަރަށް އޯގާތެރިކަމާއެކު ވާހަކަދައްކާ ގުޅުން ރަގަޅުކުރަން މަސައްކަތްކުރިއެވެ. ދަރިފުޅަށް ލޯތްބާއި އޯގާތެރިކަން ދީގެން ނޫނީ މާފު ނުލިބޭނެކަމަށް އޭނަ ގަބޫލުކުރަނީއެވެ. އެހިތާއި ހަމަޔަށް ފޯރުމުން ހަގީގަތް ހާމަކުރަން ކާއިނާތުވެސް މަޑުކޮށްލި ސަބަބަކީ އެއީއެވެ.
ކާއިނާތުވެސް ހައިރާންވީ ޒާދާ ބުނިހެން ޔަޒީދު އިރުއިރުކޮޅާ ޒާދާގެ ޚަބަރު އަހާތީއެވެ. ޒާދާއަށް މީރު އެއްޗެއްސާއި ރުހޭ ކަންކަމާއި ރުޅި އަންނަ ކަންތައްތަކަށް ދާންދެން އެނގެން ބޭނުންވިއެވެ.
"އަހަރެން ތިގެއަށް ދަންތަ؟"
"ޒާދާ މެން ގިނަވަގުތު ހޮސްޕިޓަލުގައި އުޅެނީ. ރާހާވެސް ތަންކޮޅެއް ބަލިކޮށް އުޅޭތީ. އެހެންނޫނަސް އަދްރިއަން ހިތްހަމަނުޖެހިދާނެތީ.."
"އަހަރެން ބޭނުން އަދްރިއަންއާއި ބައްދަލުކުރަން. އާންޓް...އެކަން ވާނެތަ؟ ދެން ކޮންމެ ފަހަރަކު ކާއިނާތު އާންޓްއާއެކު ޑޭޓަށް އައީމަ އެކުވެރިންނަށް ފެނުނަސް ޖޯކުޖަހާނެ..." ޔަޒީދު ހިނިގަނޑެއް ޖަހައިލިއެވެ.
"މަންމައޭ ބުނެލާ..." ކާއިނާތު ސަމާސާއަކަށް ހަދައިގެންވެސް ހިތުގެ އަޑު އިއްވިއެވެ.
"އެހެންވާނީ ދެން އެންމެ ގޮތަކުން...."ޔަޒީދު ކާއިނާތުގެ ލޮލަށް ބަލަން އިނދެފައި ބުނެލީ ފުން ނޭވާއެއްދޫކުރަމުންނެވެ. ބައްޕަމެންގެ އިންޒާރު ހަނދާންވުމުން އޭނަ ވާހަކަ އޮޅުވައިލަން މަސައްކަތްކުރިއެވެ.
***
މެހެރާޒްއާއިމެދު އައިރިސް ކަންތައްކުރިގޮތުން މާޔޫސްވެފައި ހުއްޓާ އަވަށްޓެރި ގެއެއްގެ އަންހެންކުއްޖެއް ކަމަށްވާ ކިއެރާގެ ހިތް އޭނައަށް ދެވުނެވެ. ފެނުނުހާ ތަނަކުން ފަސްފަހަތުން ހިނގާ އާދޭސްކުރަން ފެށުމުން މެހެރާޒް ގާތު އެލިޒަބަތް ބުނީ އެކުއްޖާގެ އާއިލާ ރަގަޅުކަމަށާއި އެ ގުޅުން ކުރިއަށް ގެންދިޔުމަށެވެ. މެހެރާޒްއަށް ރަގަޅު ހަޔާތުގެ ބައިވެރިޔަކު ލިބުމަކީ އެލިޒަބަތްވެސް އުއްމީދެވެ.
ކިއެރާގެ ދީވާނާ ކަމާއެކުގައިވެސް އެ އާއިލާއިން މެހެރާޒް ބަލައިގަންނަން ތައްޔާރެއްނުވިއެވެ. މެހެރާޒްއަކީ ވަންނާނެ ގެދޮރެއްނެތް ފަގީރެއްކަން އެނގުނު ހިސާބުން ކިއެރާގެ ބައްޕަމެންވެސް އޭނައާއި ދޭތެރޭ ކަންތައް ކުރީ އިހާނެތިކޮށެވެ. އެގެއިން ނެރުނީވެސް ލަދުގަންނަވަރަށް އެއްޗެހި ކިޔާފައެވެ. ކިއެރާ ނުކައި ނުބޮއި ހިތާމަކުރިޔަސް އެމީހުން އޭނަ ކޮޓަރީގައި ތަޅުލައިގެން ގެންގުޅުނީ ދަރިފުޅުގެ މުސްތަގުބަލަށް ވިސްނާފައެވެ.
***
ޚަރީފު މޫސުމްގެ ކުލަތަކުން ހުރިހާ ގަސްތަކެއްހެން ފޭރާން އަޅައިފިއެވެ. އުދުހެމުންދާ އެކި ކުލަތަކުގެ ފަތްތަކާއިއެކު ބިންމަތީގައި ވާ ފަތްތަކުގެ ދޫލަމަތީގައި ފަތްތައް މުރުމުރުކުރަމުން ހިނގުމަށްވެސް ބައެއްމީހުން ލޯބިކުރެއެވެ. އެލިޒަބަތްއާއިއެކު މެހެރާޒް ސްޕީކާރސްކޯނަރުގައި ތިބެފައި ހިގަމުންގޮސް މޭޕަލްގަހުގެ ދަށުގައިވާ ބެންޗެއްގައި އެލިޒަބަތް އިށީންނަން އެހީތެރިވެދިނެވެ. އަސާގައި ހިފަހައްޓާލައިގެން އިން މެހެރާޒް ވަކި ޚިޔާލެއްނެތި ފަތްތަކާއި ކުޅެމުން ދިޔައިރު ފިނި ވައިރޯޅިތަކުން ހިމާޔަތްވާން ކަރުގައި އޮޅާފައިވާ ސްކާފްވެސް އެލިޒަބަތް ގެ ކަދުރާގައި އޮޅާލަދިނެވެ. މެހެރާޒް ކޮފީއާއި ސްކޯންސް ހިފައިގެން އައިސް އެލިޒަބަތަށް ދީގެން ކާންފެށިއެވެ. އެލިޒަބަތްގެ ނަޒަރުގައި ވީ ލޯތްބާއި ޝުކުރެވެ.
މެހެރާޒްއާއި އެލިޒަބަތް ވާހަކައެއްގައި ތިއްބާ މަހްރާއާއި ޒާދާ އަންނަތަން ފެނުމުން މެހެރާޒް އިސްޖެހިއެވެ." ޝީޒް ޔޯ ބެޓާ ހާފް މާޒްް..."އެލިޒަބަތް މެހެރާޒްގެ ކަންފަތް ދޮށުގައި ސިއްރުން ބުނެލި ޖުމްލައިން އޭނަގެ މޫނު ރަތްވިއެވެ."އަހަންނަކީ އެކަނިވެރި ފުރާނައެއް ލިޒް. އެހެންވީމަ މަގޭ ބެޓާ ހާފްއެއް ނުހުންނާނެ..."
"ދާވާ އަޑުއަހަން އައިިރު މިއަދުގެ ބައި ނިމިއްޖެ...ކިހިނެއް މެހެރާޒް؟" ޒާދާ ސުވާލުކުރިއެވެ.
"އަލްހަމްދުލިﷲ.."
މެހެރާޒް އެލިޒަބަތަށް އެކުދިން ތައާރަފުކޮށްދިނެވެ.
"ވަރަށް އުފާވެއްޖެ ބައްދަލުވީމަ. މެހެރާޒް އަދި ހާލުރަގަޅޭ ބުންޏަސް އިހަށް ދުވަހު ޖަލުން ދޫކޮށްލީ...ދެންމެ މިދެކެވުނީވެސް އެވާހަކަ..އެމީހުން ވަރަށް އަނިޔާކުރި. ޓެރަރިސްޓެކޭ ކިޔާފައި މިހާ މާތް އަދި އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އެހީތެރިވާ ސެލްފެލްސް ކުއްޖަކާއި ދޭތެރޭ އެފަދަ ރަހުމެއްނެތި ކަންކުރުމަކީ އިންސާފެއްނޫން.." އެލިޒަބަތް ބުނެދިނެވެ.