"ހެނދުނު ތެދުވާއިރު ތިމާ އެކަނި ބަރޯސާވަނީ، ހުރިހާކަމެއް ގުޅިފައިވަނީ ﷲގެ ރުއްސެވުން ހޯދުމަށް ކަމަށް ވެއްޖެއްޔާ ހުރިހާކަމެއް ދާނީ ރަގަޅަށެވެ. އެކަމަކު ތިބާގެ މަސްލަހަތާއި ކަންބޮޑުވުމުގެ އެންމެ ބޮޑު ސަބަބަކީ ދުނިޔެކަމަށް ވެއްޖެއްޔާ މާޔޫސްކަމާއި މޮޅިވެރިކަމުން ހިތް ފުރައިލާނެއެވެ."

***

"އެ މޮންސްޓާއަށްޓަކާ ހިތުގައި ކުޑަ ކުޑަ ސިމްޕަތީއެއް ހިނގިކަމަށްޓަކާ ރިގްރެޓްކޮށްފިން...."ކާއިނާތު ހިންދިރުވައިލިއެވެ.

"ޑޭޑް..އަޅުގަނޑު ބިރުގަނޭ......"ރާހާ އޭނަގެ ބައްޕަގެ އަތުގައި ހިފާ ބާރުކޮށްލީ ވަށައިގެން ފެންނަ މަންޒަރުތަކުން ބިރުގަނެފައި ހުރެއެވެ. ބަލިމީހެއްގެ ގޮތުގައި މި އިމާރާތުގެ ތެރެއަށް ވަނުމުން ރާހާގެ ހިތަށް އުދަގޫދެނިވި އިހުސާސްތަކެއްކޮށް ހިތް ފިނިވިއެވެ. ހިނދުކޮޅަކަށް ވުރެެ ބޮޑަށް އެ ފިނިކަން އިތުރުވެ ނޭވާވެސް އެތެރެހަށީގައި ތާށިވާން އުޅުނެވެ. އަދްރިއަންއާއި ކާއިނާތުއަށް ދަރިފުޅުގެ އެ ބިރާއި ނުތަނަވަސްކަމުން އިތުރު ހިތްދަތިކަން ތަހައްމަލުކުރަން ޖެހުނެވެ.

***

ޒާދާ އާއި ބާސިލްގެ އަތް އެކީގައި ބިޑި އަޅުވާފައިވިނަމަވެސް ފާޚާނާއަށް ދާން ޖެހުމުން ޒާދާގެ އަތުން ބިޑިނައްޓާދެއެވެ. ޒާދާ ފާޚާނާއަށް ވަންނަގޮތަށް ކިރިޔާ ލަސްކޮށްލިޔަސް ދޮރުގައި ޓަކިޖަހާ އުދަގޫކޮށް ތަޅައިގަނެއެވެ. އޭނައަށް އެކަނިވެލާނެ ނޫނީ ރޮއިލާނެ ފުރުސަތެއްވެސް ނުދެއެވެ. އާއިލާގެ އެންމެން އޭނަ ގެއްލިގެން ހިތާމަކުރާނެ ވަރު އިހުސާސްވެއެވެ. ކިޑްނެޕްކުރާ ކޭސްތަކަށް މެދުވެރިވެދާނެ ނުރައްކާތައްވެސް އޭނައަށް ނޭގެނީއެއްނޫނެވެ. ފައިސާ ލިބުނަސް މަރުގެ ތުންފަތް މައްޗަށް އެއްލާލަފާނެއެވެ. ބާސިލްގެ ކޮންޖޮއިންޑް ޓްވިންއެއްހެން އަބަދުއުޅެންވުމުން ވާ އުދަގޫތަކާއެކު ބާސިލްއާއިއެކު އެއްކޮޓަރިއެއްގައި ގިނަވަގުތު ހޭދަކުރަންވުމުންވެސް ހިތަށްވާ ނުބައިގޮތްތައް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. ފާޚާނާގައި ހުރެފައި ވުޟޫކޮށްލައިގެން ނުކުތްއިރު "މޮންސްޓާ" ބިޑި އަޅުވަން ތައްޔާރަށް ހުއްޓެވެ.

"އަހަރެން ނަމާދުކުރަން ޖެހޭ..."

"އޯ ނޯ......ފަހަރަކު އެކްސްކިއުޒެއް ނުދައްކާ ނަމާދުކޮށްގެން ބައްޕައަށް ގުޅާފައި ބުނޭ މިލިއަން ޑޮލަރު ގެންނާށޭ..."މޮންސްޓާ އިންޒާރު ދިނެވެ. ބާސިލް ސޯފާގައި އޮށޯވެލައިގެން އޮތްއިރު އޭނަގެ ތޫނު ނަޒަރުވެސް ޒާދާގެ މޫނަށް ހުއްޓިފައިވިއެވެ.

"ފުރަތަމަ ފޯނު ގެނޭ..."ޒާދާ ނުރުހުމާއެކު ލޯ އަޅައިގަތެވެ.

"ރީތިކޮށް އަދަބުވެރިކޮށް ވާހަކަނުދައްކާހާ ހިނދަކު ފޯނެއް ނުދޭނަން...." މޮންސްޓާ އަމުރުކުރީ ނަމާދުކުރުމަށެވެ. އޭގެފަހުން ބިޑި އަޅުވާފައި ޒާދާ ކިޔާކިޔާ ބައްޕައަށް ގުޅާނެ ފުރުސަތެއްވެސް ނުދީ އެތަނުން ގެއްލުނީ ޖިންނިއެއް ފަދައިންނެވެ. ދެވަނަސިކުންތުކޮޅުގައި ބަލައިލިއިރު ދޮރު ލެއްޕިތަނެއްވެސް ނުފެނި ޣައިބުވީއެވެ. ބާސިލްވެސް ޝޮކެއްގައި ހުރިފަދައެވެ. ބާސިލްވެސް އެ އުއްމީދުނުކުރި މަންޒަރެއް ފެނުނީކަން ނޭގެއެވެ.

"ދޮރު ނުހުޅުވާ އޭނަ ގެއްލުނީ ކިހިނެއް؟"

"ޖިންނިއަކަށް ވާނީ..."

"މިރޭ ނިދަން ޖެހުނީވެސް ދެމީހުން އެކީ...."ބާސިލް ހީލިއެވެ."އައިޑިއާއެއް ދެންތަ؟"

"ޚިޔާލު ބޭނުމެއްނޫން. އަހަރެން ނުނިދާނަން..ނިދިގެން ވެއްޓުނަސް ހެޔޮ.."

"ނޯ ވޮރީސް. ވެއްޓިޔަނުދޭނަން...ރޭގަނޑުކުރުކޮށްލަން ވާހަކަ ކިޔައިލަން ތިބޭނީ. ނޫނީ ގޭންގްމީހުން ކައިރީ އަހަރެމެން ކޮޓަރިން ބޭރަށްލާން ބުނާނީ. އޭރުން ދެމީހުންނަށް ތަރިތައް ގުނަން ތިބެވިދާނެ. ބޭނުމިއްޔާ ތަރިއެއްވެސް ބާލަދީފާނަން....އައިމް ސޮރީ ޒާދާ.ބޭނުންނުވިޔަސް ފޭޓް ދެމީހުން ތަތްކުރުވައިފި...މިކަމުގެ ހިޑެން މީނިންއެއް ވެދާނެ...ވައި އޯލްމައިޓީ އަހަރެމެން މިގޮތަށް އެއްތަނެއްގައި ތިބެން މެދުވެރިކުރެއްވީ؟އެކަމާއި މެދު ވިސްނާލަބަލަ........" ބާސިލްއާއި ޒާދާ ސޯފާގައި އިށީދެލައިގެން ތިބިއިރު ދެމީހުންގެ ދޭތެރޭ ދުރުމިނެއްނެތެވެ. ޒާދާ އިނީ ސޯފާގެ އެންމެ ކޮޅުގައެވެ. އަތަށް ދަމާ ދަމާ ބިޑި ނައްޓަން މަސައްކަތްކޮށް ވަރުބަލިވީއިރު އެސްފިޔަތަކުގެ ފުރަގަހުގައި ފިލާހުރި ކަރުނަތައް އޮހިގަންނަން ތައްޔާރަށެވެ. ނަމަވެސް އޭނަ ކެތްކުރިއެވެ. ބާސިލްގާތު ފިޑިވެގެން ނުވާނެއެވެ. އޭނަ ހިތްވަރުކުރާނެއެވެ.

"މި ޚިޔާލުކަމުނުދޭތަ؟"

"އޯލްރައިޓް..ތަރިތައް ބަލަންދާނީ..."

"ޒާދާގެ މާނައަކީ ކޮބާ؟"

ޒާދާ ތުންފަތުގައި ދަތް އަޅާ ބާރުކޮށްލިއެވެ. ބާސިލްގެ ސުވާލުތައް ގިނަކަމުން ބޮލަށް އުދަގޫވެއްޖެއެވެ.

"ނޭގޭ....."ޒާދާ ކުޑަދޮރުން ބޭރަށް ބަލަންފެށިއެވެ.

"ސީރިޔަސްކޮށް؟"

"ވާހަކަނުދައްކާ ހުރެދީފާނަންތަ؟ ސިކުނޑިއަށް ބާރުކުރާވަރު ކުޑައެއްނޫން. އިތުރަށް ބޮލަށް އުދަގޫކުރުމުގެ މާނައެއް ނެތް....ލީވް މީ އެލޯން...." ޒާދާ އަތް ދަމައިގަންނަން އުޅުމުން ބާސިލް ހޭންފެށިއެވެ.

"ގޭންގް މީހުންވެސް ކިހާ މޮޅުކަމެއްކޮށްލާފައި އެދިޔައީ..ކުރިން އައިޑިއާއެއްދޭން އުޅުނީމެއްނު...ޒާދާ އެއްބަސްވަންޏާ އެގޮތް މާ ރަގަޅުވާނެ..."

ބާސިލްގެ ޚިޔާލު އަޑުއެހުމުން ލިބޭނެ އިތުރު ގެއްލުމެއްނޯންނާނެއެވެ. އޭނަ މިތަނުން ސަލާމަތްވާނެ ޚިޔާލެއް އޮތީކަމަށް ވެދާނެއެވެ.

"ކޮން ވާހަކައެއްތަ؟"

"ދެމީހުން މެރީކުރާނީ...."

ޒާދާއަށް އަޑުކޮޅަށް ހަޅޭއްލަވައިގަނެވުނެވެ. ބާސިލްގެ މޫނުމަތީ އެތިފަހަރެއް ޖަހަން ވައަތް ހިއްލާލެވުނެވެ. އޭނަގެ ނިކަމެތިކަމަށް ބާސިލް ކުރި މަލާމާތެކެވެ. އެހީތެރިކަމެއްނެތް ގޮތެއްގައި އެއްކޮށް ބިޑި އަޅުވާފައި ހުރުމުން މަޖުބޫރުވެގެން ކައިވެންޏަށް އެއްބަސްވާނެކަމަށް ހީކުރަންޏާ އެއީ ކުށްހީއެކެވެ. ކައިވެންޏާއިމެދު ޒާދާ ދެކެނީ ވަރަށް މާތް ގުޅުމެއްކަމަށެވެ. އޭނަ ބޭނުމީ ބައްޕަފަދަ ހަރުދަނާ ހިތްތިރި ވިސްނޭ ރުޅިމަޑުޒުވާނެކެވެ. ބާސިލްފަދައިން ފެންނަހާ އަންހެންކުދިން ފަހަތުން އުޅޭ ބޮޑާ މީހެއް އޭނައަކަށް ކަމަކުނުދާނެއެވެ. ހަމައެކަނި ބަލައިލަން ރީތިވެގެން ނިމުނީއެއް ނޫނެވެ.

"ވަޓް؟ ތިހާ ރީތިކުއްޖަކު ރުޅިއައީމަ ވަކިން ރީތި..."

"މޮޔަވީތަ؟ ހެއްދެވިފަރާތަށް ބިރުގަނެބަލަ..."

"ބިރުގަނެގެން ކިހިނެއްހަދަންވީ؟"

"ބެލުން ތިރިކުރަންވީ...އަހަންނަކީ ހިލޭ އަންހެނެއް. ވަރަށް ރޫޑް ތިހެން ސްޓެއާ ކުރީމަ. މަހުރަމެއް ނޫން މިއީ......އެނގިއްޖެ؟"ޒާދާ ރުޅިގަނޑު ހިންދައިލަން މަސައްކަތްކުރިއެވެ. "ޢަހަންނަށް ހީވަނީ ބާސިލް އެންޖޯއިކުރާހެން..އެހެން މީހެއްނަމަ ކިޑްނެޕްވެގެން ތިހެން މަޑުން ނީންނާނެ.............."

ބާސިލް ލޯކުޑަކޮށްލަމުން ބޯ މަޑުމަޑުން ހޫރުވައިލީ އެއްޗެއް ވިސްނާފަދައަކުންނެވެ.

***

އަދްރިއަން މިސްކިތުން ނުކުމެގެން އައިއިރު ލޯ ރަތްވެފައިވާކަން އާޔާއަށް ފާހަގަކުރެވުނެވެ. އޭނަގެ ދޮންބެ ކިތަންމެ ހިތްވަރުގަދަވިޔަސް އެހިތް ކަފަކޮޅެއްހާ މަޑެވެ. ބޭރުފުށުން ފެންނަ ހަރުކަށިކަމާއި ހިތްވަރުވެސް ބަލިކަށިވާވަރަށް ދެދަރިންގެ ހިތާމަތަކާއި ކުރިމަތިލާން ޖެހިފައިވުމުން އެލޮލުންވެސް ކަރުނަ އޮހޮރޭނެއެވެ. އާޔާއާއި އަދްރިއަން ގޮސް އިށީނީ ބެންޗެއްގައެވެ.

"ކާއީ ބުނި އަދި ކެންސަރުކަން ޔަގީނެއް ނުވެއޭ...ދޮންބެގެ މޫނަށް ބަލާފައި މާޔޫސްކަން ނޫން އެއްޗެއް ނުފެނޭ."

"އާޔާ....ކާއީއަށް ނޭގުނަސް ދޮންބެއަށް ޔަގީންވޭ..އިތުރު ޓެސްޓް ހަދަނީ ކޮން ސްޓޭޖެއްގައި ތޯ ބަލަން..."

އާޔާގެ ލޯވެސް ކަރުނުން ފުރުނެވެ.

"ރާހާ އެބައިން ބަކެޓް ލިސްޓެއް ހަދަން....ރާހާއަށް އެނގޭތަ؟"

"ނުބުނަން..."އަދްރިއަންއަށް ލޯ މަރައިލެވުނެވެ.

"ބަކެޓް ލިސްޓްގެ އެންމެ ކުރީގައި އޮތީ ކްރޫޒް ޝިޕެއްގައި ދަތުރުކުރުން. ރާހާ އެހާވަރުން ޓައިޓޭނިކް ކުރަހާ އެވަރުން އުޅޭއިރުވެސް އައިސްބާގް ބަލަން ދާން ބޭނުންވާހަކައެއް ނުބުނޭ..ރާހާގެ އައިސްބާގް ކުރެހުންތައް އެހާ ލޯބި.. އެންމެން ދަތުރެއް ރާވަމާ........."

އަދްރިއަން ބޯ ޖަހައިލިއެވެ.

"ދޮންބެ. ﷲއަށް އިތުބާރުކުރޭ. ކެންސަރު ޖެހުނަސް އެހެން ބައްޔެއް ޖެހުނަސް އެފަރާތުން ޝިފާދެއްވަނީ. ހީޒް އަލްޝާފީ. ދުޢާކުރުމުން ބަލިތަކުންވެސް ރަގަޅުވޭ.."އާޔާ ހަނދާންކޮށްލަދިނެވެ."ރާހާ ގާތުގައިވެސް ބުނިން ގިނައިން ގުރުއާން އަޑުއަހާށޭ. ހީލިން ވާސް ތައް ޚާއްސަކޮށް ގިނައިން އަޑުއެހީމާ ކާމްވެސް ވާނެ...ކާއީ އަބަދު ރޮއިރޮއި އެއިންނަނީ...ދިރިއުޅުމުގައި އިމްތިހާންތައް އަންނާނެ. ބަލިވެސްވާނެ. ކެތްތެރިވާން އޮންނަނީ. ޒާދާވެސް އިރާދަކުރެއްވިއްޔާ އަދި ފެންނާނެ. ކޮންމެ ކަމަކަށް ހިކުމަތެއްވާނެ...."

އާޔާގެ ވާހަކަތަކުން އަދްރިއަންގެ ބަލިކަށިވި ހިތަށް ދިރުމެއް ލިބުނެވެ. ހަގީގަތުގައި އޭނަ ސަޖިދައިގާ އޮވެ އެހާވަރަށް ކަރުނަ އޮއްސާ ދުޢާކުރުމުންވެސް ހިތުން އެތައް ޓަނެއްގެ ބުރަދަން ލުއިވެ ހިތާމަތަކަށް ލުޔެއް ލިބުނެވެ.

***

ދޭތެރެއަކުން ޒާދާ ފާޚާނާއަށް ދާން ޖެހިގެން ބިޑި ނައްޓަންޖެހެއެވެ. ދޭތެރެއަކުން ނަމާދުކޮށް ޒިކުރުކުރަން އޭނަ ބޭނުންވެއެވެ. ހަވީރުވެސް ކޮފީ ގެނެސްދިނެވެ. ދޭތެރެއަކުން ލުއިކާނާވެސް ލިބުނެވެ. ޒާދާ މަޣުރިބާއި އިޝާގައި ގިނަވަގުތު ހޭދަކުރިއެވެ. ކެއުމަށްފަހު ބިޑި އެޅުވުމުން ބާސިލް އެދުނީ ހަނދުވަރުގެ އަލީގައި ހިނގައިލަން ދިޔުމަށެވެ. ޒާދާއަށް އެހީތެރިވާން އޭނަވެސް ބޭނުންވަނީކަމުގައި ބުނިގޮތުން ވަރަށް މާތްމީހެއްފަދައެވެ. ޒާދާ ބޭނުންވާގޮތަށް އިހުތިރާމް ކުރާ ކަމަށާއި އޭނަ ކޮޓަރީގައި ނޫޅެ ބޭރަށް ދާން ބޭނުންވާ ސަބަބަކީ އެއީކަމުގައި ބުނުމުން ޒާދާއަށް އެވާހަކަ ގަބޫލުކުރެވުނެވެ. ބާސިލްއާއި ޒާދާއަށް ހުއްދަ ލިބިގެން ގެއިން ނިކުތުމާއެކު ފިނިވައިރޯޅިތަކާއެކު އިސްތިގުބާލްކުރީ ތާޒާ މީރުވަހާއި އެތައްހާސް ތަރިތަކުން ފުރިފައިވާ އުދަރެހެވެ. ހިމޭންކަމުން ފުރިފައިވާ ރެއެކެވެ. ބާސިލް ބުނީ އެއްވެސް ބަޔަކަށް އިތުބާރުކުރަން ހެޔޮނުވާނެކަމަށެވެ. ކޮޓަރީގައިވެސް ކެމެރާ ހަރުކޮށްފައިވެދާނެކަމުގައެވެ. ޒާދާއަށް ފޫހިކަމާއެކު އަޑެއް ލައްވައިލެވުނެވެ.

ފަރުބަދަމަތީގެ ތާޒާކަމުން އުފާ ލިބިގަންނަމުން ކޮޓަރިން ގެނައި ކުއިލްޓް ފަތުރާލުމަށްފަހު އޭގެ މަތީގައި އިށީނުމުން ޒާދާއަށްވެސް އިށީންނަން ޖެހުނެވެ. ދެމީހުން ގުޅުމަށް މަޖުބޫރުކޮށްފައިވާ ބިޑިއަށް ބަލައިލަމުން ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މިފަދަ މަޖުބޫރީ ހާލަތެއް އައިސް ފިރިހެނަކާއެކު ހައްޔަރުވެފައި ހުންނަން ޖެހިދާނެ ދުވަހެއް އައިސްދާނެކަމަށް އޭނަ ހިޔެއްނުކުރެއެވެ.

"އެމީހުންގެ ބޭނުމަކީ ކޮބާ؟ ބައްޕައަށް ގުޅައިގެން ފައިސާވެސް ހަމަޖެހޭނީ.."

"ޒާދާގެ ކަންތަކޭ. އޭނައާއި ވާހަކަދެއްކިގޮތުން އަދަބެއްދޭންވެގެން ލަސްކުރަނީ......................"ބާސިލްއަށް ފެންނަގޮތަކަށް ބުނެލިއެވެ.

"ބާސިލް އުފަލުން ދޯ ތިއިންނަނީ؟"

"މަގޭވެސް ފެމިލީއެއް އެބައޮތޭ. ހަމަ ގެއްލިގެން ހޯދާނެއްނު. އަނެެއްހެން ބުނަންޏާ ހިތްހަމަޖެހޭ. ނަސީބެއްނު ޒާދާއާއެކު މިހެން އިންނަން ޖެހުނުކަން...އެހެން އަންހެންކުއްޖަކާއެކު އިންނަމަ ޔަގީނުންވެސް ތަފާތުވާނެ.."

"ތިބުނީ؟" ޒާދާ ލޯ ހަނިކޮށްލިއެވެ.

"ޒާދާ އަހަރެންދެކެ ތިހާ ރުޅި އަންނަނީ ކީއްވެތަ؟"

"ފެންނަ ކޮންމެ މީހަކާއި ރުހޭކަށް ނުޖެހޭނެ. އަހަންނަށް ކަމުދަނީ ޑޮކްޓަރ އިދްރާކް އަޒީޒުކަހަލަ ޒުވާނުން........"

"މަގޭ ބޭބެއާއި އަޅައިގަނެގެން އުޅުނަސް އެކަން ވާކަށް ނެތެއްނު. ވަރަށް އަވަހަށް ވެޑިން އޮންނާނެ..."

"އެހެންވެ ކަމަށްވާނީ އަންހެންކުދިންނާއި އެހާ ދުރުން އޭނަ އުޅެނީ............ތިދެމީހުންގެ މިޒާޖު އެހާ ތަފާތީ ކީއްވެ؟" ވާހަކަ ނުދައްކަން ހުއްޓަސް ޒާދާވެސް އޮޅުން ފިލުވަން ބޭނުންވިއެވެ. ގަޑިއެއްހާއިރުވަންދެން ކުދިކުދި ވާހަކަތަކެއްގައި ތިބިއިރު ދެމީހުންގެ ދޭތެރޭގައި އޮތް ގަނޑުފެން ކޮންމެވެސް ވަރަކަށް ވިރެން ފަށައިފިއެވެ. ފިނިގަދަވިޔަސް ބާސިލް އެހާ ކައިރީގައި އިނުމުން ޒާދާއަށް ހޫނުކަން އިހުސާސްވިއެވެ. ލޮލަށް ބަރުވެ ލޯ ހުޅުވައިނުލެވޭވަރުވުމުން ގަދަކަމުން ލޯ ހުޅުވައިލަމުން ނަޒަރު ހުއްޓައިލީ ތަރިތަކުން ފުރިފައިވާ އުޑަށެވެ. ﷲގެ ކުޅަދުންވަންތަކަމެވެ. އޭނަގެ މަންމަ ކާއިނާތުއަށް މިފަދަ ރެއެއް އައިނަމަ މަންމައަށް ލިބޭ އުދަގޫތައް ހަނދާންނެތި ތަރިތަކުންވެސް ހިތްހަމަޖައްސާލައިގެން އިންނާނެކަން ޔަގީނެވެ. މަންމަމެން ކޮބާހެއްޔެވެ؟ އޭނަ ގެއްލިގެން ހިތާމަކުރާނެއެވެ. ރާހާއަށް އޭނައާއި ބާސިލް އެކީ ހައްޔަރުވެފައި ހުރިކަން އެނގިއްޖެއްޔާ "ރޮމެންޓިކް"ކަމަށް ނިންމާ އުފާވެސްކޮށްފާނެއެވެ. ރާހާ ހީކުރާނީވެސް އިދްރާކްއާއި އެކު ކަމުގައެވެ. ނަމަވެސް އިދްރާކްއާއި ބާސިލްއަކީ ދެބެންކަން އެނގުމުން ރާހާ އޭނައާއިމެދު ހަމްދަރުދީވާނެއެވެ. މިގޮތަށް އިދްރާކްއާއެކު ހައްޔަރުވިނަމަ ވާނީ ކިހިނެއްހެއްޔެވެ؟

ޒާދާގެ ލޯ ހުޅުވައިލެވުނީ އިރުގެ ހޫނު އަލި މޫނަށް އެޅެން ފެށުމުންނެވެ.

ކޮމެންޓް 0