ގުރުއާނުގެ ސޫރަތުލްއިސްރާގެ ނަވާރަ ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައިވެއެވެ."وَمَنْ أَرَادَ الْآخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُولَٰئِكَ كَانَ سَعْيُهُمْ مَشْكُورًا މާނައަކީ އަދި މުއުމިނަކު ކަމުގައިވާ ހާލު އާޚިރަތަށް އެދި އެދުވަހަށްޓަކާ މަސައްކަތްކޮށްފި މީހާ ދަންނާށެވެ. ފަހެ އެމީހުންނަކީ އެމީހުންގެ މަސައްކަތް މަގުބޫލުވެވި ޝުކުރު ލިބިގެންވާ މީހުންނެވެ."
***
"ތިކަހަލަ އަންހެންކުދިން ވަރަށް މަދުވާނެ. މަހްރާ ހެޕިނެސް ހޯދަނީ ކިހިނެއް؟" ބާސިލް އެހިއެވެ.
"ހެޕިނެސް މާނަކުރަނީ ކިހިނެއް؟"
"ހެޕިނަސްއަކީ އެންމެންގެ ދިރިއުޅުމުގެ އަމާޒު. ބައެއްމީހުންނަށް އުފަލަކީ މުއްސަދިކަމާއި މުދާ. އަނެއް ބަޔަކަށް ވެރިކަމާއި އާރާއި ބާރު ލިބުން. އަނެއް ބަޔަކަށް އުފާލިބެނީ މަޝްހޫރުކަމުން. އަނެއް ބަޔަކަށް އުފަލަކީ ތިމާގެ ނަފުސް ބޭނުންވާހާ ހުރިހާ އެދުމަކާއި ބޭނުމެއް ފުރިހަމަކުރުން. ހުޅަގުގައި އޮންނަ އެ އުސޫލުގެ ތެރެއިން އެބޭނުންވާ ކަންތައްތަކަށް ދެވިހިފާ އެންމެފަހުން ދީނަށް އުޅުންވެސް ހުއްޓައިލާ. މުއްސަދި މަޝްހޫރު މީހުންގެ ތެރޭ އަމިއްލައަށް މަރުވުމާއި ނުބައިކަންތައް މާގަދަޔަށް ފެތުރިފައިވޭ. ހަގީގީ އުފަލަކީ ތަންކޮޅެއް ދާއިމީ ހިތްހަމަޖެހުމެއް. އެކަން ލިބޭނީ ހެއްދެވި ފަރާތާއިއޮތް ގުޅުން ރަގަޅުވީމަ. އިސްލާމީ ނަޒަރަކުން ބަލާއިރު މަހްރާގެ ހުރިހާ އުފަލާއި ހަމަޖެހުމެއް ގުޅިފައިވަނީ އަޅުކަން ކުރުމާއި ޒަކާތްދިނުންފަދަ ކަންތައް ކުރުން އަދި ހެޔޮކަންތައް ކުރުމުގައި ދެމިހުރުމުން...އެއީ ހަގީގީީ އުފަލަކީ.."
"ވާއު....ދަރުސްދޭންވެސް ޒާދާ ހާދަ މޮޅޭ......."
"އާނ. މަހްރާ ކިޔަމުންގޮސް ސިކުނޑީގައި ހަމަ ލިޔެވޭވަރަށް އެވާހަކަތައް ބުނެދީފި. އަދި އަނެއްބައިވެސް އަޑުއަހާ... އުފާވެރިކަމުގެ ތަޅުދަނޑިއަކީ ﷲ ސުބުހާނަހޫ ވަތައާލާގެ ކުޅަދުންވަންތަކަން ދެނެގަނެ އެފަރާތުގެ މިންވަރުފުޅަަށް ރުހުން. ހަގީގީ އުފާވެރިކަން ހޯދާން ބޭނުންވާ މީހާ ހުރިހާކަމެއްގައި ބަރޯސާވާނީ ހެއްދެވި ފަރާތަށް.. އެއްކައުވަންތަ އިލާހަށް. ކޮންމެ ކަމެއްގައި އެމީހަކު އެދޭނީ ހެއްދެވި ފަރާތަށް. ހިދާޔަތާއި ރިޒުގާއި ނިމުމެއްނެތް ޖިސްމާނީ އަދި ރޫހާނީ އެކި ބޭނުންތަކުގައިވެސް އެމީހަކު އެދި ދަންނަވާނީ އެފަރާތަށް. އެންމެ ކުދި ކަންތައްތަކުގައިވެސް ދުޢާކުރަން އޮވޭ. އެއީވެސް އަޅުކަމަކަށްވެސް ވާތީއާއެކު ސަވާބުވެސް ލިބޭނެ އަމަލެއް. ދުނިޔެއަށް އައުމުގެ ބޭނުމަކީ އަޅުކަން ކުރުމާއި އާޚިރަތަށް ތައްޔާރުވުން. އެނޫނީ ފައިސާއާއި އެއްކުރާ މުދާތަކުގެ އެއްވެސް އަގެއްނެތް. ބޭނުމެއްނެތް. ކަށްވަޅަށް ދާނީ އެހުރިހާ އެއްޗެއް ދޫކޮށް ހުސްއަތާ..."
"މަހްރާއަކީ ޝޭޚެއްތަ؟"
"ދީނީ އިލްމު އުނގެނޭ ކުއްޖެއް.."
"މަހްރާގެ ސެލްފްކޮންފިޑެންސް އަދި ސްޓްރޯންގް ވިލްއާއިވެސް އޭނަގެ ހެޕިނެސް ގުޅިފައިވޭ. އަދި ދެރަވާކަމެއް ދިމާވިޔަސް ކެތްތެރިވާން އެނގޭ...މަހްރާ ހެދުނާއި ހަވީރު ޒިކުރުކޮށް ގިނަގިނައިން ހެއްދެވިފަރާތް ހަނދާންކުރޭ. ނަމާދުގާއިމުކޮށް ސުންނަތް ނަމާދުކުރޭ. ގުރުއާނުގެ އިލްމު ހޯދަން މަސައްކަތްކުރަމުން އަރަބިބަސްވެސް އެކުއްޖާ ދަނޭ..މަހްރާ ދުނިޔެއަށް އެހާ އެޓޭޗްވެގެނެއް ނޫޅޭ. ޝުކުރުވެރިކަމާ ކެތްތެރިކަމާއެކު ދުނިޔޭގައި އުޅެން ދަސްވެފައިވަނީ..މުހިއްމީ ރޫހާނީ ހިތްހަމަޖެހުން....."
"ތިވަރަށް ދެން އެކުވެރިޔަކަށް ޕްރެއިސްކުރެވޭނީ.."
"ބާސިލް ނަމާދުކުރަންތަ؟"
"މްމްމް...އަހަރެންގެ ބައްޕައަކީ މުސްލިމެއް މަންމައަކީ ކްރިސްޓިއަނެއް. އެހެންވެ އަހަރެން ދެ ދީނަށްވެސް ރެސްޕެކްޓްކުރަން. އެހާވަރުން ފޮތް ބަލާ އޭގައި ހުރީ ކޯނޗެއްތޯ ބަލާ ނޫޅެން. މަންމަ ކްރިސްމަސްޑޭ ފާހަގަކުރާއިރު އަދި ބައްޕަ އީދުފާހަގަކުރާއިރު އަހަރެމެން ބައިވެރިވަން...ބައްޕަގެ ފެމިލީއިން ބައްޕައާއި ގުޅުން ކަނޑައިލީ ބައްޕަ މަންމައާއި ކައިވެނިކުރީމަ..އެހެންވެ ދީންތަކަކީ ގުޅުންތައްވެސް ކަނޑުވާ އެއްޗަކަށްވީމަ ފޫހިވިގޮތަށް ވަކި ދީނަކަށް ތަބާވާ ހިތެއްނުވީ..."ބާސިލް ކޮންމެވެސް ވަރަކަށް ހަގީގަތް ހާމަކުރިއެވެ. "އެހެންވެ ބައްޕަގެ އާއިލާއަކީ ކޮބާކަމެއްވެސް ނޭގޭ..."
"ތިހެން ވަނީ ދީނަށްވުރެ އާއިލާ އިސްކުރާތީ.. މިސާލަކަށް ނޫހު އަލައިހިއްސަލާމްއާއި ދަރިކަލުންގެ ހާދިސާ ކިޔާބަލަ. އަދި އިބްރާހިމް އަލައިހިއްސަލާމް އާއި ދަރިކަލުން އިސްމާއީލް..ރަސޫލުބޭކަލުން ޚިޔާރުކުރީ އަމިއްލަ އާއިލާއަށްވުރެ ހެއްދެވިފަރާތް. އެހެން ވިސްނިނަމަ ބާސިލްއަށް ބާސިލްގެ ބައްޕަގެ ފެމިލީއިން ކްރިސްޓިއަނަކާއި މެރީކުރަން ދެކޮޅުހެދި ސަބަބު ވިސްނޭނެ. މިހާރު ބާސިލްމެންވެސް ތިޔަތިބީ ޗޫޒްކުރަންވީ ދީނެއްވެސް ނޭގިފައެއްނު.ދެރަކަމަކާއި ޖެހުނީމަ އަހަންނަށްވެސް މިކަހަލަ ކަންތައްތަކާއިމެދު ވަރަށް ބޮޑަށް ވިސްނޭ. މިވަރުން ދަންޏާ ކަށްވަޅަށް ދިޔައީމަ ވާނީ ކިހިނެއް؟"
"ޔޫ ވިލް ސްލީޕްއެއްނު..."ބާސިލް ހައިރާންވިއެވެ. ޒާދާ އެބުނި ރަސޫލު ބޭކަލުންގެ އެއްވެސް ވާހަކައެއް މަންމަ އަދި ބައްޕަގެ ފަރާތުންވެސް އޭނައަށް އިވިިފައެއްނުވެއެވެ.
"މީހާ މަރުވާ ހިސާބުން އެނިމުނީއޭ ބުނަނީ ދީން ގަބޫލުނުކުރާ މީހުން. ބާސިލް ގެ ތި ބުއްދިން ރަގަޅަށް ވިސްނާލަބަލަ.. ދުނިޔެއަށް އިންސާނާ އައުމުގެ ޕާޕޯސް.....ހޫމް އައިމް ވޮންޑަރިން......ބާސިލްގެ ބައްޕަ ދުނިޔެއަށް އައީ މުސްލިމެއްގެ ގޮތުގައި. އެފަދަ ނަސީބެއް ދަރިންނަށް ހޯދަދޭން މަސައްކަތް ނުކުރީ ކީއްވެބާ..."
"ބައްޕަ މަންމަދެކެ ވަރަށް ލޯބިވޭ..."
"އެވާހަކަ އޭރުވެސް ބުނީ. ލޯތްބެއް ނޫން މުހިއްމީ. އިންސާނުންނަށްވުރެ އިސްކަން ދޭންވީ ހެއްދެވިފަރާތަށް...އެކަމަކު އަހަރެން މިހެން ބުނާމީހާއަށްވެސް އަދިވެސް އެހިސާބަކަށް ނުދެވޭ...ހިދާޔަތަކީ ﷲ ދެއްވާ އެއްޗެއް........"
ބާސިލްއާއި ޒާދާ ދީނީ މައުޟޫއަށް ވާހަކަދައްކަމުންގޮސް ފަލަކާއި ބެހޭގޮތުން އެކި ވާހަކަދެއްކިއެވެ. އޭނަގެ މަންމަވެސް ކުރިން އެސްޓްރޮނޯޓެއް ދެކެ ލޯބިވީވެސް އެކަމަށް ހުރި ޝައުގެއްގެ ސަބަބުންކަމަށް ބުނުމުން އެޖުމްލަ ބާސިލްގެ ޝައުގު އަތުލައިގަތެވެ. ދަނީޒްގެ ބައްޕައަކީ އެސްޓްރޮނޯޓެކެވެ. ދަނީޒްވެސް ފަލަކަށް އެހުންނަ ލޯތްބަކީ އޭނަގެ ބައްޕަގެ ފަރާތުން ވާރުތަވި ސިފައެކެވެ. ދަނީޒްއާއެކު އުޅެން ހަދައިގެން ބާސިލްވެސް އެކަމަށް ޝައުގުވެރިވެ ޖައްވަށްދާންވެސް ބޭނުންވިއެވެ. ދެމީހުންގެ ހުވަފެނަކީ އެކީގައި ޖައްވުގައި ބުރެއް އަޅައިލުމެވެ.އެހެން ހުއްޓާ މި ދިމާވީވެސް އެކަމަށް ހިތްވަރުދޭނެފަދަ އަންހެންކުއްޖަކާއެވެ. ދަނީޒްގެ ބައްޕައަކީ ޒާދާގެ މަންމަގެ ލޯބިވެރިޔާއަށްވުމުގެ ފުރުސަތެއް އޮވެދާނެއޭ ހިތަށް އަރާފައިވެސް ބާސިލް އެ ޚިޔާލު ހިތުން ނެރެލިއެވެ.އެހެންނޫނަސް ދަނީޒްގެ ވާހަކަ ދައްކަން މިއީ އެންމެ ރަގަޅުވަގުތެއް ނޫނެވެ.
ދެލިގަނޑެއްހެން ހީވާ އުދަރެހުގައި ވި ތަރިތަކުގެ ރަޖާ ލޮލުކޮޅަށްދާންދެން އޮބާލާފައިވާއިރު އާޝޯޚުވާވަރުގެ އެ ހިތްގައިމުކަމާއި ސިއްރުން ފުރިފައިވާ އުޑުވެސް އޭގެ ސިއްރުތައް ހޯދަން ދައުވަތުދެމުން ދިޔަފަދައެވެ. ޖެހޭ ފިނިވައިރޯޅިތަކުގައިވާ މީރުވަހާއިއެކު ސޫފާސޫފީގެ އަޑުން އެކަނިވެސް އެ މާހައުލުގެ ޖާދުވީކަން އިތުރުކޮށްދިނެވެ. ޝަހަރާއި ދުރުގައި އަގުހުރި ހިމޭން ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ ބަޔަކަށް އެންމެ އެކަށޭނަ މާހައުލެކެވެ. ދެމީހުންނަށް އެރޭވެސް ނިދުނީ ކުޑަކޮށެވެ. ހޭލެވިގެން ބާސިލްއާއެކު މޭވާ ބިންނަންދާން ޒާދާ އެއްބަސްވީ އެއްވެސް މީހެއްގެ ހިލަމެއް ނުވުމުންނެވެ.
އެގޭގެ ފަހަތުގައި ހުރި ބޮޑު ޗެރީގަހުން ޗެރީ ބިދެގެން ކެއުމަށްފަހު ޕޮޓްތަކުގައި ހުރި ތާޒާ ސްޓޯބެރީވެސް ކެއެވެ. ޕީޗްގަހުގައިވެސް މޭވާ އަޅާ ބަރާވެފައެވެ. އަލްޕައިން ސްޓޯބެރީސްތައް ފެނި ވަރަށް ފޯރިއާއެކު އެ ބިންނަންފެށިއެވެ.
"ޒާދާ...އެނބުރިދާން ބޭނުމެއްނޫންތަ؟"
"ކުޑައިރުގެ މެމޮރީސްތައް އައީ..ބައްޕައާއިއެކު އަހަރެމެން އެސްޓޯނިއާގައި ތިބިއިރު ވައިލްޑް ސްޓްރޯބެރީސް ބިދެގެން ބީޑްސްގޮތަށް އަމުނާލައިގެން ކައި އުޅުނިން...އެގޮތަށް ކާން ހިތަށް އެރީ............"
"އައި ހޯޕް މި ދުވަސް ޒާދާގެ މެމަރީގައި ސޭވްކުރާނެކަމަށް...." ބާސިލް ހިނިގަނޑެއްޖަހައިލިއެވެ."އަދިވެސް އަހަރެންދެކެ ލައިކްވާކަމަށް އެއްބަސްނުވާނަންތަ؟ދެމީހުން އެއްކޮށް މިހެން ބަދެވިގެން ތިބުމަކީ މީނިންފުލް ކަމެކޭ ހިތަށް ނާރާތަ؟ އިޓްސް އެ ޑިވައިން ތިންގް ޓު ރިމައިންޑް އަސް ދެޓް ވީ ބިލޯންގް ޓުގެދާ..."
"ޝަޓަޕް..."ޒާދާ ކަޅިއަޅައިލިއެވެ.
"މޮންސްޓާ އަހަރެމެން ގެއްލިގެން ހޯދާނެ ދޯ..."
"އާނ...ތިބުނީ ރަގަޅަށް. ފިލަން ހިނގާ...ތިއޮތް ޖަންގަލީތެރެއަށް ވަދެގެންގޮސް ފިލަން ފަސޭހަވާނެ..."
"މި ޖަންގަލީގެ ތެރޭގައި އެމީހުން ގާޑް ޑޯގްސް ނޫނީ އެހެން ނުރައްކާތެރި އެނިމަލްސް ގެންގުޅެފާނެ. އެހެންވިއްޔާ ހަދާނީ ކިހިނެއް؟ ސަލާމަތްވާން ހަތިޔާރެއްވެސް އޮތީއެއްނޫން. އަދި ފިލަން އުޅެނިކޮށް މޮންސްޓާ އަތުޖެހިއްޖެއްޔާ ހީ ވިލް ރޯސްޓް އަސް އެންޑް އީޓް..."
"މަޖަލެއްނޫން...."
މޮންސްޓާ އައިއިރު ދެޒުވާނުން ތިބީ ސްޓްރޯބެރީ އަމުނައިގެން ކާން ވިނަގަނޑުމަތީގައެވެ. އޭނަ އެދުނީ ނާސްތާކުރަން އައުމަށެވެ. އޮރެންޖް ޖޫހާއި ޗިކަން ނަގެޓާއި ފްރެންޗް ފްރައިސްއެވެ. ޑޯނަޓެވެ. ޒާދާ ފާޚާނާއަށް ފޮނުވައިލާފައި ބާސިލް ބޭރަށް ނެރުނެވެ.
"ގާލްފްރެންޑަށްވިޔަސް ޕްރައިވެސީ ދޭންޖެހޭނެ...ކަލޭ އިހަށް ނުކުމޭ..."މޮންސްޓާ އަމުރުކުރުމުން ޒާދާ އުފާކުރިއެވެ. އަތުން ބިޑި ނެއްޓުމުން މިނިވަންކަން ލިބުނުފަދައެވެ. މިނިވަންކަމަކީވެސް "ބްލެސިން" އެއްކަން އެނގުނެވެ.
ބާސިލްއާއި މޮންސްޓާ އެކީގައި ހިގަމުންގޮސް ކޮޓަރިއަކަށް ވަނުމާއެކު ބާސިލް މޮންސްޓާގެ މޫނުގައި އަޅާފައި ހުރި މާސްކް ދަމައިގަތެވެ. އޭރުވެސް އެކޮޓަރީގައި ހުރި ޓީވީއިން އެކްޝަން ފިލްމެއް ދައްކަމުން ދިޔައެވެ. ގޭމްސްއޮފް ތްރޯންސްގެ މަންޒަރެއް ފެންނަމުން ދިޔައިރު ދެމީހުން ސްކޮޗް ކޮކްޓެއިލް އެއް ބޮމުން ވޭޕްކުރަމުން ދިޔައީ ނިކަން ހަމަޖެހިލައިގެން ތިބެއެވެ.
"ވަރަށް އެކްޓިން މޮޅު އިނގޭ...."
"ޒާދާއަށް އެއްވެސް ވަރަކަށް ހަމަ ޝައްކެއްނުވޭ؟" ދަނީޒްއެހިއެވެ.
"އާނ. އެކަމަކު އެއީ ފާޑެއްގެ އަންހެންކުއްޖެއް. އެހެން އަންހެންކުދިންނާއި ތަފާތު. އަދިވެސް މަށަކަށް ނޭގޭ ގޮތްދޫކުރިހެން. އަހަންނާއިހެދި އުޅޭކަމުގެ އެއްވެސް ސިގްނަލްއެއް ނުލިބޭ. އެހީމަވެސް ރުޅިއައީ. އަޖައިބެއްނު. އޭނަ ކީއްވެ ގޮތްދޫނުކުރަނީ؟ އެހެރަ އިގޯއެއް. މަ ބޭނުން ޒާދާ ލައްވާ އާދޭސްކުރުވަން. އެނޫން ބޭނުމެއްނެތް..."
"އަހަންނަށް ހީވަނީ ބާޒް އޭނަދެކެ ލައިކްވާން ފަށައިފިހެން.."
"އެހެނެއްނޫން..."ބާސިލް އެއްބަސްވާކަށް ބޭނުމެއްނުވިއެވެ." އަދި އެނގޭތަ؟ އެއްކަލަ ޓެރަރިސްޓް ކިޑް މެހެރާޒް...އޭނަ ޕިއްޒާ ހިފައިގެން އައުމުން ޒާދާ އޭނައަށް އިޝާރާތުން އަންގައިފި. މެހެރާޒް އެހެން ހުއްޓަސް ވިސްނުންތެރިގޮތެއް ހުރޭ. އޭނަ އަންނާނެ ރެސްކިއުއަށް...."
"ކިހިނެއް ހަދާނީ؟"
"އޭނަ ސަލާމަތްކުރިޔަދީ. އޭރުން ކޮންމެގޮތެއް ވިޔަސް ޒާދާ އަހަންނާއިމެދު ނުބައި ނަޒަރަކުން ދެން ނުދެކޭނެ. ބުނަންވެސް ބުނެފިއޭ ޕާފެކްޓް ޖެންޓްލްމޭންއެކޭ......" ބާސިލް އަނގަޔަށް ގޮތެއް ހަދައިލިއެވެ.
"އައިމް ކޮންފިއުޒްޑް....ބާޒް ބޭނުންވާ ކަމެއް ނުކުރެވި ދޫކޮށްލަނީ؟"
"ބަސްޓްވުމުގެ ކުރިން މިހެން ހެދިއްޔާ ރަގަޅުވާނީ. އަހަރެމެން އޭރު ފުލުހުން ކޯލުތައް އަޑުއަހާފާނެތީ ޒާދާ ސަލާމަތްކުރަން ދާނީއޭވެސް ކިޔައިގެން ވާހަކަދެއްކީމެއްނު. އެހެން އަދި އުޅުނަސް ފުލުހުންވެސް އެހާ މޮޔައެއްނުވާނެ. ޒާދާގެ ބައްޕަވެސް އަދި މަސައްކަތްކުރާނެ. ޕްރައިވެޓް އިންވެސްޓިގޭޓަރުން ހަޔާ ކޮށްފިއްޔާ ހޯދާނެކަން ގެރެންޓީ. ދޮންބެވެސް މަގޭ ކައިރިން އެހިއޭ ޒާދާ ހަމަ ދިޔައީ ސީރިޔާއަށް ހެއްޔޭ؟"
"ސޯ...މިރޭ ޕިއްޒާއަށް އޯޑަރުދޭނީ. އެގަޑީގައި ބާޒްމެން ތަރިބަލަން ގޮސް މެހެރާޒްއަށް ފެންނަ ހިސާބުގައި ތިބެފައި އޭނައަށް ގޮވާ ގެނެސް ސަލާމަތްކުރަން ބުނޭ..."
ބާސިލް ދަނީޒްއާއި އަތާ އަތްޖެހިއެވެ.
***
ކާއިނާތުއަށް ރާހާއަށް ކެންސަރުޖެހިފައިވާކަން އެނގުމުން ރޮވެންފެށިގޮތަށް މަސަލަސްކުރުވަން އަދްރިއަންއަށްވެސް ފަސޭހަކަމަކަށް ނުވިއެވެ. އެހާ ޅައުމުރުގައި އެފަދަ ނުރައްކާތެރި ބައްޔެއްގެ ޝިކާރައަކަށް ރާހާ ވީއިރު ޒާދާ ވަނީ ގެއްލިފައެވެ. ކާއިނާތުގެ ހަނދާނަށް އައީ އޭނައަށް ލިބުނު ފުރަތަމަ ދަރިފުޅެވެ. އެދަރިފުޅަށް ރަގަޅުގޮތެއްވުމަށް އެދިގެން ނަމަވެސް މަންމައެއްގެ ހިމާޔަތުގެ އުނގުން ވަކިކޮށްލެވުނެވެ. އެދަރިފުޅަށް މަންމައެއްގެ ލޯތްބާއި އަޅައިލުން ނުދެވި ދޫކޮށްލެވުމުގެ ސަޒާ ދުނިޔެމަތިން ލިބުނީހެއްޔެވެ؟ ކާއިނާތުގެ ރުއިން އިތުރުވީ އެހަނދާންތައް އިތުރަށް އުދަގޫކުރަން ފެށުމުންނެވެ.
ރާހާ އެނދުގައި ނޯވެވިގެން ސިއްރު ސިއްރުން އައިގޮތަށް ވެއިޓިން އޭރިއާއައި ހަމަޔަށް އާދެވުނުއިރު މަންމައާއި ބައްޕަ އަދި އެހެން އޮންކޮލޮޖިސްޓެއްގެ ވާހަކަތައް ރީއްޗަށް އިވުނެވެ. މަންމަމެންނަށް އަސަރުކުރާނެ ވަރު އެނގުނެވެ.