"ކޮންމެ ދުވަހަކު ގުރުއާން ކިޔެވުމާއި ހިތުދަސްކުރުމަކީ ހިތާއި ސިކުނޑިއަށް ލުއިވެ މޮޅިވެރިކަމާއި މާޔޫސްކަން ފިލުވާދޭ ކަމެކެވެ."

***

މެހެރާޒްއާއި އެލިޒަބަތް ވާހަކައެއްގައި ތިއްބާ މަހްރާއާއި ޒާދާ އަންނަތަން ފެނުމުން މެހެރާޒް އިސްޖެހިއެވެ." ޝީޒް ޔޯ ބެޓާ ހާފް މާޒްް..."އެލިޒަބަތް މެހެރާޒްގެ ކަންފަތް ދޮށުގައި ސިއްރުން ބުނެލި ޖުމްލައިން އޭނަގެ މޫނު ރަތްވިއެވެ."އަހަންނަކީ އެކަނިވެރި ފުރާނައެއް ލިޒް. އެހެންވީމަ މަގޭ ބެޓާ ހާފްއެއް ނުހުންނާނެ..."

"ދާވާ އަޑުއަހަން އައިިރު މިއަދުގެ ބައި ނިމިއްޖެ...ކިހިނެއް މެހެރާޒް؟" ޒާދާ ސުވާލުކުރިއެވެ.

"އަލްހަމްދުލިﷲ.."

މެހެރާޒް އެލިޒަބަތަށް އެކުދިން ތައާރަފުކޮށްދިނެވެ.

"ވަރަށް އުފާވެއްޖެ ބައްދަލުވީމަ. މެހެރާޒް އަދި ހާލުރަގަޅޭ ބުންޏަސް އިހަށް ދުވަހު ޖަލުން ދޫކޮށްލީ...ދެންމެ މިދެކެވުނީވެސް އެވާހަކަ..އެމީހުން ވަރަށް އަނިޔާކުރި. ޓެރަރިސްޓެކޭ ކިޔާފައި މިހާ މާތް އަދި އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އެހީތެރިވާ ސެލްފެލްސް ކުއްޖަކާއި ދޭތެރޭ އެފަދަ ރަހުމެއްނެތި ކަންކުރުމަކީ އިންސާފެއްނޫން..." އެލިޒަބަތް ބުނެދިނެވެ. މެހެރާޒް ކުޑަކޮށް ހީލިއިރު ޒާދާއަށް ބަލަން ހުރެވުނީ ތުން ފިތާލައިގެން ހަމްދަރުދީއިން ފުރިފައިވާ ލޮލަކުންނެވެ. އެލޮލުން މެހެރާޒްއަށް އޯގާތެރިކަމާއި ލޯބި ފެނުނެވެ.

"އަހަރެން ދަންނަ އަވަށްޓެރި ފިރިހެންކުއްޖަކު މާޒްއާއިއެކު ޖަލުގައި އޮތް. އޭނަ ކިޔާދިންގޮތުން މާޒްގެ އެއްވެސް ހިތާމައެއްނެތް. އެވަރަށް އަނިޔާއާއި ވޭން ލިބުނުއިރުވެސް އަބަދު ނަމާދުކުރުމާއި ގުރުއާން ކިޔެވުމުގައި މާޒް ހޭދަކުރީ. އޭނަ ރޭގަނޑު ގުރުއާން ކިޔަވާ އަޑުއަހަން އިންމޭޓުން ހިމޭންކަމާއެކު ތިބޭ. ޖަލުގާޑުންނަށްވެސް މާޒްގެ އަޑު ރީތިކަމުން އާޝޯޚުވެ އެ އަޑު އަހައިލަން ބޭނުންވެ ގުރުއާން ކިޔެވުން މަނާ ނުކުރާކަމަށްވަނީ..ހެއްދެވި ފަރާތުގެ ބަސްފުޅުން އެމީހުންނަށްވެސް އަސަރުކުރާނެތާ..އެހާ ފިނިގަދައިރުވެސް އެއްވެސް ރަޖާއެއް ކާއެތިކޮޅެއްނުދީ އަނިޔާކުރިކަމަށް ވަނީ އެކަމަކު މާޒްގެ ހިތްވަރާއި އޭނަގެ ބަސްތަކުން އަސަރުކުރަމުންގޮސް އެންމެފަހުން ޖަލުން ދޫކޮށްލިއިރު އެކުއްޖާވެސް މުސްލިމަކަށްވީ...މާޒްއަށް ކަމަކާއި ނުލާ ނުހައްގުން ވަރަށް އަނިޔާދީފި.."

"އަނިޔާކުރިބަޔެއްގެ މަތިން ﷲ ތައާލާ ހަދުމަނެތިވޮޑިގެން ނުވޭ. އަނިޔާއެއްކޮށްފައި އަނެކަކާއަށް އެކަމުގެ ހިތި ފެންނާނެ..."ޒާދާއަށް ބުނެވުނެވެ.

"މިކުދިންނަށްވެސް ކޮފީ ގެނެސްދޭނަން...އަވަހަށް އިށީދޭ.."މެހްރާޒް ޒާދާމެން ގާތު އެދުނެވެ.

"ނޫން..ނޫން. އަޅުގަނޑުމެން.."މަހްރާ ދެކޮޅުހަދަން އުޅުނެވެ.

"މާޒް ގެނެސްދިނިއްޔާ ކޮފީ ބޮއިގެންދާނީ...ސްކޯންވެސް އިނގޭ..."ޒާދާ މެހެރާޒްގެ އަތުގައި މަޑުމަޑުން ޖަހާލާފައި ފުޅާ ހިނިތުންވުމަކާއެކު އެލިޒަބަތް ގާތުގައި ޖައްސައިލިއެވެ. އަދި މަހްރާގެ އަތުގައި ހިފާ ދަމާފައި ގާތަށް ގެނައެވެ."އިށީދެބަލަ. ނަތިން ވިލް ހެޕެން..މާޒްއަކީ ރަގަޅު ޒުވާނެއް...."

"އެނގޭ އެކަމަކު..."

މަހްރާގެ ޟަމީރުވެސް އެންގީ އެ ދައުވަތު ގަބޫލުކުރުމަށެވެ. މައްސަލައަކީ މެހެރާޒްއަކީ ފިރިހެނަކަށްވުމެވެ. މަހުރަމަކަށް ނުވަންޏާ އެގޮތަށް ވާހަކަދައްކާ އެކުވެރިކަން އުފެއްދުމަކީ ދީނީ ނަޒަރަކުން ހުއްދަނޫންކަމެއްކަން އޭނަ ދަނެއެވެ. އޭނަ މަސައްކަތްކުރަނީ އަޅުވެރިވުމަށެވެ. ﷲ ތައާލާ އަދި ރަސޫލު ސައްލަﷲ އަލައިހިވަސައްލަމްއަށް ކިޔަމަންގަތުމަށެވެ. މެހެރާޒްއާއި ވާހަކަދައްކަން އެވަރަށް ހިތްއެދޭއިރުވެސް އޭނަ ހިމޭންކަން ޚިޔާރުކުރުމުގެ ސަބަބަކީ އެއީއެވެ.

މެހެރާޒް ގެނެސްދިން ކޮފީއާއި ސްކޯންސް ކައިގެން ދެ އަންހެންކުދިން އެކީ ގެއަށް ދާން ހިނގައިގަތްއިރު ހިތަށް އަރާމު ހޫނުކަމެއް އިހުސާސްކުރެވުނެވެ. ޒާދާ އިށީނީ ގަހެއްގެ ބުޑުގައެވެ. މަހްރާވެސް ޒާދާގެ ގާތުގައި ފައި ދަމާލައިގެން އިށީނެވެ. ދުރުދުރަށްދާންދެން ފެންނާން އޮތީ ފެހިކަން ގަދަ ވިނަގަނޑު މައްޗަށް ވެރެމުންދާ ރަނާއި ޔާގޫތު އަދި އެމްބާކުލައިގެ ފަތްތަކެވެ. ޚަރީފުގެ ވައިރޯޅިތައް ކަންފަތްކައިރީގައި ނާނާކިޔަމުން ދަނީ ސިކުނޑިއަށް އަރާމުލިއްބައިދޭފަދަ ގޮތަކަށެވެ.

ބާސިލް ގުޅަންފެށުމުން ޒާދާ ފޯނުނެގިއެވެ. ފޯނުގައި ދިހަވަރަކަށް މިނިޓްވުމަށްފަހު ޒާދާ ބަލައިލިއިރު މަހްރާގެ ލޮލުން އެތައް ސުވާލުމާކްތަކެއް ފެނުނެވެ.

"ބާސިލް ގޮތްދޫނުކޮށް ހަމަ މެސެޖްކުރަނީ. ގުޅަނީ...ބައްޕައާއި ބައްދަލުކުރަން ބޭނުމޭ. އޭނަ ޕްރޮޕޯސްކުރި ވާހަކަ އަދި ނުބުނެވޭ ދޯ..ހިތަށް އަރަނީ އެންމެ ޕާފެކްޓް މީހާ ނުލިބިދާނެއޭ. ބާސިލްއާއި މެރީކުރަންވީއޭ. އެއީ ހަމަ ރަގަޅު ފެމިލީއެއް. އިދްރާކްއާއެކު މަސައްކަތްކުރީމަ އޭނަގެ މާތްކަން އެނގިފައިވަނީ. ދެން ބާސިލްއާއެކު އެހާ ދުވަސްވަންދެން އުޅުނުއިރު އޭނަގެ ފަރާތުން އެއްވެސް ގޯނާއެއް ކުރިމަތިނުވޭ.އެހެންވެ އިތުބާރުކުރެވެންފެށީ. މިހާރު ހިތަށް އަރަނީ ހަމަ އާއެކޭ ބުނަންވީއޭ..."

"އޭނައަކީ ދީން ގަބޫލުނުކުރާ މީހެކޭ ޒާ ބުނީމެއްނު.."

"އާނ. އެކަން ހަނދާންކޮށްދިނިން."

"ކީކޭ ދެން ބުނީ؟"

"ބާސިލް ބައްޕައަކީ މުސްލިމެއް..."

"މުސްލިމެއްގެ ދަރިއެކޭ ކިޔާފައި އޭނަ ޝަރީކުކުރަންޏާ ކައިވެނި ހުއްދަވާނެތަ؟ އެހާ ރަގަޅުކަމެއްހެން ހިޔެއްނުވޭ ޒާ..."

"އެވާހަކަ ބުނަން މިއުޅެނީ. އޭނަ ބުނީ މި ދީން ގަބޫލުކޮށްފީމޭ. ގުރުއާން ކިޔަވަމުންދާ ވާހަކަ ބުނި...ކޮންވާޓުން މާ ރަގަޅުވާނެ. ހަގީގަތުގައި މުސްލިމެއްގެ ގޮތުގައި އުފަންވުމަކީ ފަޚުރުވެރިވާވަރުގެ ނިއުމަތެއް. އެކަމަކު އެހެނޭ ކިޔާފައި ހަގީގަތުގައި މުސްލިމުން ނަމެއްގައި ދޯ އުޅެނީ؟ ޕްރައުޑް ޓު ބީ މުސްލިމެކޭ ކިޔާފައި ﷲ ތައާލާ އެންގެވިގޮތަށް ނޫޅެންޏާ އޭނައެކޭ ކޮންވާޓެކޭ ވަކި ތަފާތެއް ނީންނާނެ. ބާސިލްދެކެ ލައިކްވެވިއްޖެ....ވަރަށް ބޮޑަށް. ހީވަނީ ހަމަ އޭނައަކީ ތެދުވެރި ވަފާތެރި ހަޔާތުގެ ބައިވެރިއަކަށް ވާނެހެން..."ޒާދާ ހީލަމުން މަހްރާގެ މޫނަށް ބަލައިލިއެވެ." އަހަރެމެން ގެންގޮސް އަތުގައި ބިޑިއަޅުވާލައިގެން އެކީ އުޅެން މަޖުބޫރުކުރުމުގެ އަސަރުކަން ނޭގޭ. އަދި ތަރިތައް ބަލަން ވެގެން އެކީގައި ތިބެތިބެފައި އެކީ އުޅެން ބޭނުންވީކަމަށް ވާނީ.."

"ޒާއަށް އެހާ ކަމުދަންޏާ ހަމަ ބުނަންވީ..އަހަރެން ޒާއާއިއެކީ ވާނަން.."

"ވަޓް އެބައުޓް ޔޫ؟"

"އަހަރެން ކޮންކަމެއް.."

"މެހެރާޒްއާއި ދެކުދިން ވަރަށް ގުޅޭ..ނަންވެސް..."

"ހެހެ..."މަހްރާގެ މޫނަށް ރަތްކަމެއް ވެރިވިއެވެ.

"އަހަންނަށް މައިންޑް ރީޑްކުރަން އެނގޭ....ސްޓްރޭންޖާއެއްހެން ނޫޅެ އެކަމާއި އުޅެބަލަ..............."

ޒާދާ ދެއްކީ މަހްރާގެ ބީރައްޓެހިކަމުން މެހެރާޒްއަށް އަސަރުކޮށްފާނެކަމުގައެވެ. މަހްރާ ރުހޭކަމަށް ވަންޏާ ދެން ރަގަޅުވާނީ ބައްޕަމެންނާއި ވާހަކަދައްކައިގެން އަވަހަށް ކައިވެންޏާއި ހަމަޔަށް ގެންދިޔުން ކަމުގައި ބުނުމުން މަހްރާއަށް ހެވުނެވެ.

"މިއަދަކީ ފްރައިޑޭ. ގިނައިން ސަލަވާތް ކިޔަވާ ޒިކުރުކޮށް އަސްތަޣުފާރުކޮށް ހަދަންވީމަ އަނގަ ތަޅަން ދޯ މިތިބެވެނީ....." މަހްރާ އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއެވެ.

"އާނ މަންމަ ކޮންމެހެންވެސް ކަހަފު ސޫރަތް ކިޔަވަން ހަނދާންކޮށްދޭ.ލައިފް އިޒް ޝޯޓް. އެންމެފަހު ވަގުތަކު ނޫން އަސްލު ރިގްރެޓްކުރަންވީ..ކަކުލުހުޅުގައި މައްސަލަ ޖެހި ސަޖިދައެއް ނުޖެހޭވަރުވުމުން ރިގްރެޓްކުރާނެ ކަން ނޭގޭ ޒުވާންއިރު ބޭނުންވަރަކަށް ސަޖިދަނުކުރެވުނީތީ. ނޫނީ ބޮޑުބައްޔެއް ޖެހުނީމަ ކަން ނޭގޭ އަޅުކަން ނުކުރެވުމުން ދެރަވާނީ...އެހެންވެ ތިމާގެ ޒުވާންއިރު ސިއްހަތު ސަލާމަތުން ހުއްޓާ ހިތްފުރެންދެން އަޅުކަންކޮށް ދަތުރުހަދަންވީ..."ޒާދާގެ ވާހަކަތައް އަޑުއިވުމުން މަހްރާ އަށް ހީލެވުނީ އުފަލުންނެވެ. ޒާދާ އޭނަ ފޮނުވާހާ ދަރުސްތައް ބަލާކަމުގެ ހެއްކެކެވެ.

ދެކުދިން އެކީގައި ނަމާދުކޮޓަރިއަށްވަދެ ނަމާދުކޮށްގެން ގުރުއާން ކިޔަވަންތިބީ ހިތްހަމަޖެހުމާއެކުގައެވެ. ގިނައިރެއްނުވެ އެކުދިންނާއި ރާހާވެސް ބައިވެރިވިއެވެ.

***

ރޭގަނޑު ހަތެއް ޖަހަމުން ދިޔައިރު ޚަރީފުމޫސުމްގެ ރީތި އުދަރެހުގައި ތަރިތައް ފިޔަ ޖަހާތަން ފެންނާން ފެށިއެވެ. ކާއިނާތު ޕޯޓިކޯގެ ސޯފާއެއްގައި ކޮފީތަށްޓަކާއި ފޮތެއް ހިފައިގެން އައިސް ޖައްސާލީ އެކަނިވެރިކަމުން ހިތްހަމަޖެހުން ހޯދުމަށެވެ. ތަންކޮޅެއް ކުރިން ޚަރީފު އަދި ފިނި މޫސުމްގެ ދުވަސްތަކުގެ މަންޒަރުތައް ފެނުމުން އެކަމަށް ހިތް އެދެވި އެފަދަ ތަނަކަށް ދެވުމުގެ ހުވަފެން ދެކެވުނެވެ. ނަމަވެސް ދުނިޔެއަކީ އަޖައިބެއްފަދަ ތަނެކެވެ. މި ރީތި މަންޒަރުތައް ހަގީގަތަކަށްވީއިރު އެހެން ހިތާމަތައް ވަށާލައިފިއެވެ. ފިޔަޖަހަމުންދާ ތަރިތައް އެހެން ޚިޔާލުތަކުން ސިކުނޑި ފުރަންފެށުމުން ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

"ހޭއި މަމް...މިތާގައި؟" ޗޮކްލެޓެއް ކަމުން އައި ޒާދާ ވެއްޓިގަތީ ކާއިނާތު އިން ސޯފާއަށެވެ. އޭނަގެ ގައިގާ ޖެހި ފިތިގެންނެވެ. ޒާދާ ކޮންމެވެސް ބޮޑުކަމަކު އެދެންކަން ކާއިނާތުއަށް ޔަގީންވިއެވެ.

"ހޫމް ބުނެބަލަ ކިހިނެއްވީ.."ކާއިނާތުގެ ހިތް ކުޑަކޮށް އަވަސްވެލިއެވެ. މިފަހަކަށް އައިސް ހިތް އަވަސްވުމާއި ބިރުގަތުން އާއްމުކަމަކަށްވާން ފެށިއެވެ.

"މަންމާ...ބާސިލް އެނގެއެއްނު..."

"އާނ...އެނގޭ..."

"އެއީ ގޯސްކުއްޖެއްނޫން...އޭނަގެ ބޭބެ މަސައްކަތްކުރަނީ ކެންސަރުވޯޑުގައި. ރާހާއަށްވެސް ވަރަށް ހެޔޮ. ހަމަ ބޭބެއެއްހެން ރާހާއަށް ފީލްވެގެން އެވާހަކަ ދައްކާ.."

"ހޫމް...."ކާއިނާތު އަޑުއަހަން އިނެވެ. އެ ވާހަކަދަނީ ކޮން ދިމާލަކަށްކަން މާ ކުރީއްސުރެ އޭނަގެ ޟަމީރުދެނެގަތެވެ.

"ބާސިލް ޕްރޮޕޯސްކުރީ..މަންމާ..އަހަރެން...."

"ޒާދާ...ތިކުއްޖާގެ އެއްވެސް ހަގީގަތެއް މަންމައަކަށް ނޭގޭ. ފުރަތަމަ ބައްޕަގެ ލަފާ ތިކަމުގައި ހޯދާފައި ޖަވާބެއް ދެވޭނީ...."

ކޮމެންޓް 0