"މީހުން ތިބާ ނިކަމެތިކޮށް ދެރަކޮށްލުމާއި، އިހުސާސްތައް ދެނެނުގަތުމާއި އަދި ހިމާޔަތް ނުދިނުމުގައިވެސް ހިކުމަތެއްވެއެވެ. ސަބަބަކީ ހުރިހާކަމެއްގައި ﷲ ސުބުހާނަހޫ ވަތައާލާއަށް ބަރޯސާވާން ތިބާއަށް އެނގޭނެތީއެވެ."

***

"ރާހާ އެނދުގައި ނޯވެވިގެން ސިއްރު ސިއްރުން އައިގޮތަށް ވެއިޓިން އޭރިއާއައި ހަމަޔަށް އާދެވުނުއިރު މަންމައާއި ބައްޕަ އަދި އެހެން އޮންކޮލޮޖިސްޓެއްގެ ވާހަކަތައް ރީއްޗަށް އިވުނެވެ. މަންމަމެންނަށް އަސަރުކުރާނެ ވަރު އެނގުނެވެ. އެހާވަރުންވެސް ރާހާ ބޭނުންވީ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދޫކޮށްނުލުމަށެވެ. ސިއްރު ސިއްރުން އެތަނުން ނުކުތްގޮތަށް އޭނަ އަވަސްވެގަތީ ސްކޫލަށް ދިޔުމަށެވެ.

ރާހާ އަނބުރައިގަނެގެން ވެއްޓުނުކަން އެނގުނީ އަދްރިއަން ކާއިނާތު މަސަލަސްކުރުވަން ވާހަކަދައްކަން ހުއްޓައެވެ. އެކަކަށްވެސް ނޭގި ރާހާ އެތަނުން ނުކުތުމަކީވެސް ގަބޫލުކުރެވޭވަރު ކަމަކަށް ނުވިއެވެ. ރާހާ ލޯ ހުޅުވައިލުމާއެކު އެނދުގެ ކައިރިން އޭނަގެ ބައްޕައާއި މަންމަ ފެނުނެވެ.

"ވަޓް ހެޕެންޑް ޓު މީ..."

"ދަރިފުޅު ބަލިވެއުޅެނިކޮށް ދުވަން ދިޔައީމަ އަނބުރައިގަތީ..."

"އަޅުގަނޑުގެ ބައްޔަކީ ކޮބައިތަ ޑޭޑް؟"

"ޓެސްޓްތައް އެންމެ ރަގަޅެއްނޫން...ލަމްޕް އެންމެ ނޯމަލްކަމަކަށް ނުދައްކާ...."އަދްރިއަން އިނީ ދުރަށް ބަލަހައްޓައިގެންނެވެ.

"ލައިކް އެ ޓިއުމަރ....ކެންސަރުކަހަލަ...."ރާހާއަށް ބުނެވުނެވެ.

"އާނ ދަރިފުޅު. އެކަހަލަގޮތެއް ހީވަނީ..."އަދްރިއަން ފުންނޭވާއެއް ދޫކޮށްލިއެވެ.

"ކެންސަރަކީވެސް ފަސޭހަނުވާ ބައްޔެއްނޫން. ކޮންމެ ބައްޔަކަށް ފަރުވާއެއް ލައްވާފައިވޭ. ކެންސަރުޖެހި ޑޮކްޓަރުން އުއްމީދު ކަނޑާލާފައިވަނިކޮށް ކިތަންމެ މީހުން ރަގަޅުވެފައި އެބަތިބި. އަދި ބަލިމީހުން އެހެން ތިއްބާ ސިއްހަތު ރަގަޅު އެތައް ބަޔަކު ދުނިޔެ ދޫކޮށްފައި ދަނީ. ދުނިޔޭގެ ކަންތައް ހިނގާގޮތާއި ހިކުމަތް އިންސާނުންނަށް ވިސްނައިގަންނާކަށް ނޭގޭ. ޑޯންޓްވޮރީ. ބައްޕަމެން ރާހާއާއެކު ވާނަން އިންޝާﷲ..."

ރާހާ އޭނަގެ މަންމަގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. މަންމަގެ ލޯ ދުޅަވެ ރަތްވެފައިވާގޮތުންނާއި ފެންކަޅިވެފައިވާވަރުން މަންމަގެ ހިތާމައިގެ ފުންކަން އިހުސާސްވިއެވެ. ރާހާގެ ހިތުގައި ބިރުވެރިކަން ހިނގައިގަތެވެ. ބައްޕަގެ އަތަށް ބާރުކޮށްލެވުނެވެ.

"އަޅުގަނޑު މަރުވަނީކަން ނޭގޭ.."

"ރާހާ..މަންމަ ބުނީމެއްނު ތި ޒާތަށް ވާހަކަނުދައްކާށޭ.."

"އަޅުގަނޑުގެ މި އިސްތަށިގަނޑު...ހުރިހާ އިސްތަށްޓެއް ފައިބާ ތަލަވާނެ.."ރާހާގެ ލޮލަށް ކަރުނަޖަމާވިއެވެ. މަރުވުމަށްވުރެވެސް އިސްތަށިގަނޑާއިމެދު ވިސްނުމުން އޭނަ އަމިއްލައަށްވެސް ހައިރާންވިއެވެ. މަރުވާ މީހަކަށް އިސްތަށިގަނޑު މުހިއްމުވާންވީ އެއްވެސް ސަބަބެއްނެތެވެ. ދުނިޔެއާއި ވަކިވުމަށްފަހު ހަށިގަނޑު އެއްކޮށް ހަލާކުވެ ނެތިގެން ހިނގައިދާނެއެވެ. ރާހާގެ ޚިޔާލަށް އައީ ކަށްވަޅެވެ. އެކަނި ކަށްވަޅުގައި އޮންނާން ޖެހުމުން ހާދަ ބިރުގަންނާނެއެވެ. ރާހާއަށް އޭނަގެ ބައްޕަގެ އަތުން ދޫކޮށްލާކަށް ނުކެރުނެވެ. ބިރުންގޮސް އޭނަ އަވަދިވަނީއެވެ.

"ޑޯންޓް ލެޓް މީ ޑައި ޕްލީޒް..."ރާހާއަށް ބުނެވުނެވެ.

ފަހުން ވިސްނުނީ އެފަދަ ވާހަކަތައް ބުނުމަކީ ގޯހެއްކަމެވެ. މަރުވުމާއި ދިރުވުމަކީ ހެއްދެވިފަރާތް ފިޔަވާ އެހެން ފަރާތަކަށް ލިބިފައިވާ ބާރެއްނޫނެވެ. ބައްޕަ ހިތްވަރުދޭން އެހެން ބުންޏަސް ކެންސަރުޖެހުމަކީ ހަމަ މަރުގެ ހުކުމެއްފަދަ އެއްޗެކެވެ. އޭނަ މަރުވާނީއެވެ. އޭނައަށް ނޭގެނީ މަރު އޮތީ ކިހާ ކައިރީގައިކަމެވެ. އޭނައަށް ވެވޭނެނަމަ ހަޔާތުގެ މި ސަފުހާތައް ފޮހެލާފައި އާ ސަފުހާތަކެއް ލިޔެވުނީހެވެ. އެކަމަކު ދިރިއުޅުމުގެ ބައެއް ހާލަތްތަކާއި އިމްތިހާނުތަކަކީ އަމިއްލަ ބާރެއް އޮތްކަމެއްނޫނެވެ.

***

ރާހާއަށް ޖެހިފައިވަނީ ރަބްޑޯމަޔޯސާކޯމާ ކަމާއި ސްޓޭޖް ހަތަރެއްކަން އަދި ރަގަޅުވުމުގެ ވިހި ޕަސެންޓް ޗާންސްކަން ރާހާއަށް އެނގުނީ މަންމައާއި ބައްޕަ ނިކަން ސިއްރުން އެވާހަކަދެއްކީމައެވެ.އޭނަ ނިދާކަމަށް ހެދިގެން އޮތީއެވެ. ސްޓޭޖް ހަތަރެކޭ ބުނުމުން ބިރުންގޮސް މުޅި ހަށިގަނޑު ފިނިވިއެވެ. މަންމަގެ ގިސްލާފައި ރޮމުން ދިޔައިރު ބައްޕަ މަންމަ ރުއްސާ ހިތްވަރުދޭން ވާހަކަދައްކަމުން ދިޔައެވެ. މަންމަ ހަމަ ކުށްވެރިކުރީ ބައްޕައެވެ.

ހަގުރާމަ ފިނިކުރަންވެގެން ރާހާ މޯޅިއަކަށް ދެމިލާފައި ތެދުވުނުކަމަށް ހެދި ލޯ އުނގުޅަންފެށިއެވެ.

"ކިހާ އިރެއްވީ؟ ހާދަ އަނދިރިއޭ.. ވަރަށް ބަޑުހައިވެއްޖެ.."

ކާއިނާތު ފުންމައިގެން އައިގޮތަށް ދަރިފުޅުގެ ގާތު އިށީދެ އަތް ނަގާ މޫނުގައި ޖެއްސިއެވެ.

"ސްވިީޓްހާޓް. ކޯނޗެއް ކެވޭނީ؟"

"ބާގާއާއި ފްރައިސް..އައިސްކްރީމް...ކްރޭވިން ފޯ ފޮނި އެއްޗިސް..."

ހަވީރު އޭނަގެ އެކުވެރިންނާއި އާއިލާގެ މީހުންތައް ޒިޔާރަތްކުރިއެވެ. ދެގަޑިއެއްހާއިރުތެރޭ އެތައް ބަޔަކު އައިސް އޭނައާއި ވާހަކަދައްކާ ހިތްވަރުދިނެވެ. އެންމެންގޮސް ނިމުމާއެކު ރާހާ ފޯނު ހުޅުވައިގެން ބަލަންފެށީ ގުދުރަތީގޮތުން ކެންސަރުމިކިޔާ "ޑެވިލް" ނައްތައިލާނެގޮތެކެވެ. ކެންސަރުޖެހޭއިރަށް އެންމެންވެސް ބުނާނީ ކެންސަރާއި ހަގުރާމަކުރާ ވާހަކައެވެ. ވީއިރު އޭނައަށްވެސް ކެންސަރު ފެނުނީ އެގޮތަށް ހަށިގަނޑުގެ ތެރެއަށް އެރިއިން ޝައިތަާނެއްގެ ގޮތުގައެވެ. އޭނަގެ ބޮޑުދައިތަ ވައިބަރކުރީ ދުޢާއެކެވެ. ގިނަގިނައިން ދުޢާކުރުމަށާއި ގުރުއާން އަޑުއަހަން އެދުނެވެ. ގުރުއާނަކީ ޝިފާއެއްކަމަށާއި ބައެއް އައިސީޔޫތަކުގައި ގުރުއާން ޖަހާކަމުގައިވެސް އެނަ ބުނެލިއެވެ.

އެންމެން ދިޔުމާއެކު ރާހާއަށް ލޯ މަރާލައިގެން ނިތުގައި އަތް ބާއްވައިގެން އޮވެވުނެވެ.

"ޒާދާއަށް މި ޚަބަރު ނުލިބެންވެގެން އެދިޔައީ. އެކަމަކު ހުރިނަމަ ކިހާރަގަޅު...އައި މިސް ހާރ....އެލޮޓް." ރާހާގެ ލޮލުން ކަރުނަ ތިއްކެއް ފައިބައިގެން ދިޔައެވެ.

އެރޭ ރާހާ ދޭތެރެއަކުން ހޭލެވިގެން ބަލައިލާއިރުވެސް މަންމައާއި ބައްޕަ އެކޮޓަރިތެރޭގައި ވާހަކަދައްކަން ތިބިކަން އެނގުނެވެ. ދޭތެރެއަކުން ޒާދާގެ ވާހަކަވެސް ދެކެވުނެވެ. ރަގަޅު ނިދިގަނޑެއް ޖަހައިލެވުމުން ބަލިކަމުގެ އަސަރުކުޑަވެ އަބަދު އަޅާ ވޭންވެސް ލުއިވިހެން ހީވިއެވެ. ކުޑަދޮރުން ބޭރަށް ބަލަން އޮވެފައި ރާހާ ފޯނު ހުޅުވައިލިއެވެ. އޭނައަށް ޖެހިފައިވާ ކެންސަރައި ބެހޭގޮތުން މައުލޫމާތު ހޯދަންފެށިއެވެ. މަންމަ އައުމުން ރާހާ އެދުނީ ވޯލްނަޓާއި ގްރީންޓީއަދި ތަރުކާރީއާއި މޭވާ ގިނައިގެން ގެނެސްދިނުމަށެވެ. ސެލެޑްފަދަ ކޮންމެ އެއްޗަކަށް ލޮނުމެދާއި ރީދޫ އެޅުމަށްވެސް އެދުނެވެ.ކެންސަރާއި ދެކޮޅަށް ކުރަންފެށި ހަގުރާމައިގާ ކެއުންވެސް ބައިވެރިކުރަންވާނެ ނޫންހެއްޔެވެ؟

"ކެންސަރ ފައިޓިން ފުޑް"ކިޔަންޏާ އެވެސް ހަގުރާމަވެރިންނެވެ.

އާއްމުކޮށް ބްރޮކޮލީ ބީންސް ކެރެޓްކަހަލަ އެއްޗެއްސަށްވުރެ ރާހާއަށް ރަގަޅީ ޖަންކްފުޑެވެ. ބެރީސް ކެވިދާނެއެވެ. ޕޭންކޭކާއި ގޯލްޑެން ސިރަޕާއެކު ދެވައްތަރުގެ ބެރީސް އަޅާފައި ހެދުނުގެ ނާސްތާ ތައްޔާރުުކުރުމަކީ އޭނަގެ މަންމަގެ އާދައެކެވެ. އެކަމަކު ރާހާ އެގަޑީގައިވެސް ގިނައިން ކާނީ ޕިއްޒާ ނޫނީ ބިސްކޯދެވެ.

ހެދުނު ސަޔަށްފަހު މަންމަ ބިސްމިކިޔާފައި ފެންފޮދެއް ބޯން އެދުނެވެ. ރާހާއަށް އެފެން މީރެއްނޫނެވެ.

"މަންމާ މިއީ ކޯނޗެއް؟ފެން ރަހައެއް ނޫން ލަނީ.."

"ތިއީ ބަރަކާތްތެރި ޒަމްޒަމްފެން ދަރިފުޅު..."

"އެކަމަކު މީރެއްނޫން..."

"މީރުނުވިޔަސް ކިހާ ފައިދާއެއް ހުންނާނެ. މިފެނަކީ މީގެ ހަތަރުހާސް އަހަރުކުރިން އިބްރާހިމް އަލައިިއްސަލާމްގެ ތުއްޕުޅު ދަރިކަލުން އިސްމާއިލް އަލައިހިއްސަލާމްގެ ކަރުހިއްކުން ފިއްލެވުމަށް ބޭނުންކުރެއްވި ފެން. އެކަލޭގެފާނުގެ މަންމާފުޅު ހާޖަރު ފެން ހޯއްދަވަން ސަފާ އާއި މަރްވާއާއި ދެމެމު ހަތްފަހަރު ދުވެވަޑައިގަތްފަހުން ދަރިކަލުންގެ ފައިންފުޅު ޖެހުނުތަނުން ޒަމްޒަމް ފެން ފެނިވަޑައިގަތީ، ހަދީޘްގައިވޭ ސިއްހަތަށްޓަކާއި އެ ފެން ބުއިމުން ޝިފާދެއްވާކަމަށް..." ކާއިނާތު ބުނެދިނެވެ.

"އޯ......އެހެންވިއްޔާ ބޯނަން..."

"ބިސްމި އަދި އަލްހަމްދު ކިޔަވާފައި ބޯންވާނީ އިނގޭ.."ޒަމްޒަމް ފެންފޮދު ބޯލުމުން ވަގުތުން ކަރުހިއްކުން ފިލިއެވެ. އެންމެކުރިން ރަހަ މީރުނޫންކަމަށް ބުންޏަސް ރާހާއަށް އޭގެ ބަރަކާތްތެރިކަން އެނގުމުން އެކަންވެސް ބަދަލުވާން މާގިނައިރެއް ނުނެގިއެވެ. ސިކުނޑިވެސް އެމީހަކު ބޭނުންވާގޮތަށް އަނބުރައިލެވެއެވެ.

***

ތަރިތަކުން ފުރިފައިވާ އެރޭގައިވެސް ބާސިލްއާއި ޒާދާ ގެއިން ބޭރުގައި ހިގަމުން ދިޔައީ ރޭގަނޑުގެ ރީތިކަމާއި ހިމޭންކަމަށް ލޯބިކުރަމުން ތައުރީފުކުރަމުންނެވެ. ޒާދާ އޭނަގެ އާއިލާމަތިން ހަދާންކޮށްފައި އެވާހަކަދެއްކިއެވެ.

"ސަލާމަތްވެގެން ގެއަށް ދެވުމުން ތިގޮތަށް މަގޭމަތިން ހަނދާންވާނެތަ؟" ބާސިލް އެހިއެވެ.

"ނޫން..ބްރެއިން އިން މި ބައި ޑިލީޓްކުރާނީ..."

"ތިއީ ދޮގެއް ޒާދާ....އަހަންނަށް އެނގޭ...."

ޒާދާ ހިމޭންވިއެވެ. ހަގީގަތުގައި ބާސިލް ބުނީ މުޅިން ދޮގެއް ނޫނެވެ. ބައެއް ހަނދާންތައް ރީތިވިޔަސް ބިރުވެރިވިޔަސް ސިކުނޑީގައި ހަރުލާފައިވެދާނެއެވެ.

"މިރީތި އުޑުމަތި....ތަރިތަކުން ފުރިފައިވާ ރޭގެ މެމޮރީސްތައް ޔަގީނުންވެސް ޒާދާގެ ހިތަކުން ނުފިލާނެ. ޔޫ ނޯ ވަޓް؟ މިހެން އެކީގައި އުޅެއުޅެ ފީލްވަނީ ހަމަ ޒާދާއާއި އަހަރެން އެކީގައިހެން އުޅެންޖެހެނީ. ވަރަށް މިސްވާނެ. ހަށިގަނޑުގެ އެއްބައި ވަކިވެގެން ދިޔައީމަވެސް ކުރެވޭވަރުގެ ނުބައި އިހުސާސެއްކުރެވޭނީ. މިހާރު މިކަމަށް ހޭނިއްޖެ..އައި ތިންކް އައި ލައިކް ޔޫ ޒާދާ...އައި ރިއަލީ ލައިކް ޔޫ....."

ޒާދާގެ ހިތް އަވަސްވިއެވެ.

"އައި ޑޯންޓް ފީލް ކޮމްފޮޓަބްލް. މިއީ ރަގަޅުގޮތެއްނޫން. ނޮޓް އިސްލާމިކް..މުސްލިމެއްގެ ގޮތުން ވިސްނައިފިއްޔާ މިއީ ކިހާ ގޯސް ދެރަ ސިޗުއޭޝަނެއްކަން އެނގޭނެ.."ޒާދާގެ ފިޔަވަޅުތައް ހުއްޓުނެވެ.

"ލުކް......ޝޫޓިން ސްޓާރސް"

ދެމީހުންގެ ނަޒަރު އެދިމާލަށް ހުއްޓުނެވެ. ބާސިލް ނޭގޭކަމަށްހެދިގެން ހުރެ ޒާދާއާއި ގާތްވެލިއެވެ. ދުރުގައިހުރެ މީހަކު ފޮޓޯނެގިކަން ޒާދާއަަކަށް ނޭގުނެވެ. ފަސްމިނިޓެއްހާއިރުފަހުން އޭނައަށް އެނބުރިބަލައިލެވުނީ ސައިކަލެއްގެ އަޑަށެވެ.ޕިއްޒާ ހިފައިގެން މެހެރާޒްއައި ތަން ފެނުމާއެކު ޒާދާއަށް އުފަލުން ހަޅޭއްލަވައިގަނެވުނެވެ. މެހެރާޒްއަކީ ހަމަ ޒާދާގެ ހިތުގައި ޚާއްސަކަމެއް ދެވިފައިވާ ޒުވާނަކަށްވެ ނިމިއްޖެއެވެ. އިދްރާކްއާއި މާ ބޮޑުތަފާތެއްނެތް ރީތި އަޚުލާގެއްގެ ވެރިއެކެވެ. ބާސިލްވެސް އަތުން ހަނާއެޅިއެވެ. މެހެރާޒް ސައިކަލްގެ ހަރު ޖައްސާލާފައި އެމީހުން ކައިރިއަށް އައުމާއެކު ވާހަކަދެއްކީ ބާސިލްއެވެ.އެމީހުން ކިޑްނެޕްކޮށްގެން އުޅޭކަމަށާއި އެވާހަކަ ފުލުހުންނަށް އަންގާދޭން އެދުނެވެ. މެހެރާޒް ބުނީ ފުލުހުންނަށް އެންގުމަށްވުރެ އަމިއްލައަށް ސަލާމަތްވާން މަސައްކަތްކުރުން ބުއްދިވެރިކަމުގައެވެ. އޭނަ ކުޅަދާނަކަމުން އޭނަ ދާދިފަސޭހައިން އެމީހުންގެ އަތުގައި އަޅުވާފައި އޮތް ބިޑިވެސް ނައްޓާލަދިނެވެ. އަދި އެދުނީ އަވަހަށް ސައިކަލަށް އަރައިގެން ނައްޓައިލުމަށެވެ. އޭނައާއިމެދު ނުވިސްނުމަށެވެ. ބާސިލްއަށް އެވެސް ލެއްވި ރަހުމަތެކެވެ. ޒާދާ އާއެކު ސައިކަލްގައި ރޭގަނޑު ބުރެއް ޖަހައިލުންވެސް ހަނދާނުގެ ބޮޅެއް އިތުރުވީއެވެ. ބާސިލްގެ ތުންފަތުގައިވި ލާނެތް ހިނިތުންވުން ޒާދާއަކަށް ނުފެނުނެވެ.

ބާސިލްމެން ސައިކަލް ދުއްވައިލުމާއެކު ފަހަތުން ކާރެއްގެ ހެޑްލައިޓްގެ އަލި ފެންނަންފެށުމާއެކު ބާސިލް ރުޅިއައިކަމަށް ހެދުނެވެ.

"އޯ ގޯޑް.......މޮންސްޓާމެން ފަހަތުއަޅުވައިލީ....."

"ކިހިނެއް ހަދާނީ؟"ޒާދާގެ ހިތް ބާރުބާރަށް ތެޅިގަތެވެ.

"ބާރަށް ހިފަހައްޓައިގެން އިންނާތި ޒާދާ، މިރޭގަނޑު މަގަށް ވެއްޓިއްޖެއްޔާ ވާނީ ކިހިނެއްތަ؟ އަނެއްކާ ލުއިކަމުން ވެއްޓުނަސް ނުވެސް އެނގޭނެ. މޮންސްޓާ އަތުގައި ޖެހިއްޖެއްޔާ އަހަރެމެންނަށް ދުނިޔޭގެ ދެކޮޅު ދައްކައިލާނެ........."ބާސިލް ސައިކަލް އަނބުރައިލިގޮތަށް ހަނިމަގަކަށް އަޅުވާލައިފިއެވެ.

ކާރާއި ސައިކަލް އެކިމަގުތަކުން ރޭސްޖަހަން ފެށުމުން ޒާދާ ބިރުގަތްވަރަށް "އެކްސައިޓް"ވެސްވިއެވެ. ފިލްމެއްގެ މަންޒަރެއް ކުޅެލެވުމެކޭ ތަފާތެއްނެތެވެ. އެޑްރިނޭލިން ރަޝްއެއްއައެވެ. ބޭނުންނުވިޔަސް ބާސިލްއާއެކު އެކުރެވުނު ދަތުރު ފޯރިހިފައިލި ކަމަކަށްވިއެވެ. ހަޔާތުގައި ފުރަތަމަފަހަރަށް ނުބައި ބަޔެއްގެ އަތްދަށުވެ "އެޑްވެންޗާ"އެއްގެ ތެރެއަށް ވަދެވިއްޖެއެވެ. ބައެއްފަހަރު ބާސިލް ދުއްވާލެއް ބާރުކަމުން ވައިކަފާފައި ދާއިރު ގަސްތައްވެސް އެއްވަރަކަށް ދުވާހެން ހީވެއެވެ. އޭނައަށް ހަޅޭއްވެސް ލަވައިގަނެއެވެ. އެންމެފަހުން ކާރު ފަހަތުން ނާންނަކަން ޔަގީންވިއިރު ޒާދާ އަށް ދެވިފައިވަނީ ދުވަހަކު ނާންނަ ހިސާބަކަށެވެ. ކުޑަކުޑަ ވިލެޖެއްކަން ނޭގެއެވެ. ކުޑަ ކޮޓެޖްތަކާއި ގުދުލާފައިވާ ހަނިމަގުތަކެވެ. ކޮންމެ ކޮޓެޖެއްގެ ކުރިމަތީގައި ކުލަކުލައިގެ މާގަސްތައް އިންދާފައެވެ. މަގުމަތި ފަޅުކަމުން އެންމެން ނިދާފައިވާކަހަލައެވެ. ޒާދާގެ ހިތުގެ ވިންދު އަވަސްވީ ބިރާއި ހާސްކަމުގެ ސަބަބުންނެވެ. ފިލަން ނަހަދާ މަޑުން ތިބެވުނުނަމޭވެސް ހިތަށް އެރިއެވެ.

"ޒާދާ. އެބައިނިންތަ؟ މޮންސްޓާއަށް އަހަރެމެން ގެއްލިއްޖެ...ފަހަތުން އެބައާދޭތަ؟"

"ނޫން ލައިޓެއްނުފެނޭ..މިއީ ކޮންތަނެއް؟" ޒާދާ ގެ އަޑު މަޑެވެ.

"އަހަންނަށް ދެން ފެންނަނީ ދުވާލު ދަތުރުކުރަން..މިހިރަ މޮޓެލްގައި މިރޭ މަޑުކޮށްލާނީ..." ކުޑަ މޮޓެލްގެ ކުޑަދޮރުތަކުގެ އޮރެންޖް އަލި ބޭރަށް ފާއްދާލާފައިވިއެވެ. ޒާދާ ދެކޮޅުހަދަން އުޅެފައިވެސް ވެފައި ހުރި ވަރުބަލިކަމާއިއެކު ތަނެއްގައި ބުރަކަށި ޖައްސައިލަން ބޭނުންވިއެވެ. ފިނިކަމުންވެސް ރޫރޫއަޅާވަރު އެބަވެއެވެ. އެތަނަށް ވަދެ ޚަބަރުބަލައިލުމުން އިތުރަށް ޒާދާގެ ހިތް ނުތަނަވަސްވިއެވެ. ހުހަށް ހުރީ އެންމެ ކޮޓަރިއެކެވެ.

"މިއީ މަގޭ އަންހެނުން..."ބާސިލް ރިސެޕްޝަނުގައި ހުރި މީހާއަށް ތައާރަފުކޮށްދިނެވެ. އޭނަ ދެޒުވާނުންނަށް ހިތާހިތުން ތައުރީފުކުރިއިރު އެންމެ ފަހަރަކުވެސް ނަޒަރު ބާސިލްގެ މޫނުން ކައްސާނުލައެވެ.

"ޕްރިޓީ....ތިކުދިންގެ ނަސީބު ވަރަށް ރަގަޅު. މިހާ ރީތި ރެއެއްގައި މޮޓެލްގެ އެންމެ ހިތްފަސޭހަ ވިއު ފެންނަ ކޮޓަރި ލިބުނީ..ހެހެ."

ޒާދާ ބާސިލް ބުނީ ތެދެއް ނޫންކަން އަންގައިދޭން އުޅެފައިވެސް ހިމޭންވިއެވެ. ކުރިންވެސް ދެމީހުން އުޅުނީ އެއްކޮޓަރިއެއްގައެވެ. ބާސިލްއަށް އިތުބާރުކުރެވެއެވެ. ނަމަވެސް އެއީ މަޖުބޫރުވެފައިވާ ހާލުގައެވެ. މިނިވަންވުމަކީ އެހެން ވާހަކައެކެވެ. މިފަދަ ހާލަތެއްގައި ފިރިހެނަކާއެކު އެއްކޮޓަރީގައި ނިދަން އޭނަ އުޒުރުވެރިވިއެވެ. ނަމަވެސް އަދިވެސް ހަގީގަތުގައި މުޅިން މިނިވަންކަމެއް ނުލިބެއެވެ. މައްސަލައަކީ މިހާހިސާބަށް ދިޔައިރުވެސް އޭނަ އެހީތެރިކަމަށް އެދެންވީ ފަރާތް ހަނދާން ނުކުރިކަމެވެ.

"އަހަރެންގެ ނުބައިކަމުން ކަން ނޭގޭ މިހާ ނުބައި ދަލެއްގައި ޖެހުނީ.."ޒާދާ އަމިއްލަ ނަފުސަށް ކުދިކިޔަންފެށިއެވެ.

ކޮޓަރިއާއި ހަމަޔަށްގޮސްފައި ބާސިލްގެ މާތްކަން ދެއްކިއެވެ."ޒާދާ ނިދާލާ. އަހަރެން ބޭރުގައި ހުންނާނަން..މިތާ މީހުންނަށް އިތުބާރެއްވެސް ނުކުރެވޭ.."ބާސިލްގެ ޖުމްލައިން ޒާދާގެ ހިތުގައިވި އިތުބާރާއި ތައުރީފު ބޮޑުވިއެވެ.ބާސިލްއަކީ ހަމަ ރަގަޅު އާއިލާއެއްގެ މާތް ޒުވާނެކެވެ.

އެނދުގައި ޖެހުމާއެކު ޒާދާއަށް ފުން ނިންޖަކަށް ގެނބުނެވެ.

***

ކާއިނާތުއާއި ޖީލަން ސޯފާގައި ވާހަކަދައްކަން އިންއިރު ދޭތެރެއަކުން ކާއިނާތު ލޮލުން ކަރުނަ ފޮހެލައެވެ. ޖީލަން އެދުނީ ހިތްވަރުކުރުމަށެވެ.

"ދެ ދަރިން ގެއްލިގެންދާއިރު އެންމެ ކަންބޮޑުވަނީ މިއީ ދުނިޔެއިން ލިބޭ އަޒާބެއްބާވައޭ ހިތަށް އަރާވަރުން."

"އެއީ ކީއްވެ ކާއީ؟"

"ސަބަބަކީ ފުރަތަމަ ދަރިފުޅު...."އެވާހަކަ ހިތަށް އެރުމުން ވަކިންބޮޑަށް ހިތަށް ބާރުވިއެވެ."އެކުއްޖާ ދުނިޔޭގައި ހުރިކަމެއް އުޅޭ ހާލެއްވެސް ނޭގޭ. މަންމައަކަށްވެ ހުރެ އަމިއްލަ ަދަރި އެއްލައިލީމަ ދުނިޔެއިން މި އިމްތިހާންކުރިމަތިވީތަ؟ ހުރިހާ ހިތާމަތަކުގެ މައްޗަށް އެ ދަރިފުޅުގެ ހިތާމަވެސް ކުރެވޭ.މިހުރިހާ ދުވަހު ސިކުނޑީގެ އެބައި އޮފް ކޮށްލައިގެން ހުއްޓަސް މިފަހަރު ހަމަ ބިރުގަންނަނީ..."

ކާއިނާތުގެ ކަރުނަތައް ހުއްޓުވަން ޖީލަން މަސައްކަތެއް ނުކުރިއެވެ.

ކޮންމެވެސް މީހެއްގެ ފިޔަވަޅުގެ އަޑަށް ކާއިނާތު އެނބުރި ބަލައިލިއެވެ.

ކޮމެންޓް 0