﷽
ބައެއްފަހަރަށް ކުރެވޭ ކުށްހީއެއްގެ ސަބަބުން ކިތަންމެ ރީތި ގުޅުމެއްވެސް ނިމިގެން ހިނގައިދާނެއެވެ. އިންސާނުންގެ ނިޔަތާއި ހިތް ދެނެވޮޑިގެންވަނީ ހަމައެކަނި ހެއްދެވި ފަރާތެވެ. ބައެއްފަހަރު ހެދުނު ގޯހާއިމެދު ހިތާމަކުރަންޖެހޭ ފަހަރުވެސް އާދެއެވެ.
އަދްރިއަންއާއި ޒުހަލްގެ ގާތްކަމަކީ އެ ޒުވާނުން ދަންނަ ބަޔަކަށް އޮޅިފައިވާކަމެއް ނޫނެވެ. އެއީ އެކުވެރިކަމުގެ މިސާލެކެވެ. އަދްރިއަންގެ ބައްޕަ ނާޒިމްއަކީ މުއްސަންޖަކަށް ވުމުން ދަރިފުޅުވެސް އުދުހެމުން ދިޔައީ އެފައިސާއިންނެވެ. އަދްރިއަން ޑޮކްޓަރަކަށް ވާން ކިޔަވަމުން ދިޔައިރު ޒުހަލްއަށްވެސް އޭނަގެ ބައްޕަ ލޯނެއް ދީގެން ދެ ޒުވާނުން ކިޔަވަމުން އައީ އެކީގައެވެ. އަދްރިއަން މެޑިސިން ހެދިޔަސް ބޮޑަށް ޝައުގު ހުރީ ނޫސްވެރިކަމަށްވުމާއެކު ކިޔަވައިގެން އައުމަށްފަހު އޭނަ ހޮސްޕިޓަލުގައި މަސައްކަތްކުރަމުން ނޫހެއްގެ މަސްއޫލުވެރިއަކަށްވެސްވިއެވެ. އޭނަގެ ހުސްވަގުތު މުނިފޫހިފިލުވަން ކުރަމުން އައީ އެމަސައްކަތެވެ. އަދްރިއަން ޒުހަލްއާއިމެދު އޮތް ގާތްކަމެއްގެ ބޮޑުކަމުން އޭނައަށް ލިބޭ ކޮންމެ އެއްޗެއް ޒުހަލްއާއި ހިއްސާކޮށްގެން ނޫނީ ބޭނުމެއްނުކުރެއެވެ. އަދްރިއަންގެ އަގުބޮޑު ކާރާއި އޭނަގެ ކާޑްތައްވެސް ޒުހަލްގެ އަތަށް ދޫކޮށްލަން ފަހެއްނުޖެއެވެ. ޒުހަލް ބޭނުންކުރަނީ އަދްރިއަންގެ ހެދުންތަކެވެ. ވާޑްރޯބުން ޒުހަލް ބޭނުން ކޮންމެ އެއްޗެއް ނަގައިގެން ގެންދަންވީއެވެ. ބައެއްފަހަރު ސިޔާސީ އަދި ދީނީ ކަންތައްތަކުގައި ދެމީހުންގެ ޚިޔާލު ތަފާތުވިޔަސް ދުވަހެއްގެ ކޮޅުންވެސް އެކުވެރިކަމަށް ބުރޫ އަރާވަރުގެ އެއްޗެއް ބުނެވިދާނެކަމަށް އެކަކުވެސް ހިޔެއްނުކުރެއެވެ.
ރަމަޟާންމަހުގެ އެންމެ ފަހު ދުވަހުގައި އާދައިގެ މަތިން ސަދަގާތްކޮށްލަން އަދްރިއަން ޒުހަލްއަތަށް ފައިސާދިނެވެ. އަދްރިއަން ވާހަކަ ދައްކަމުންގޮސް އޭނާއަށް ޒުހަލް ޖަވާބެއްނުދީ މާ ގިނަރއިރު ވެއްޖެކަން ރޭކާލީ ވަކި ހިސާބަކުންނެވެ. ފަހަތަށް ބަލައިލިއިރު އަދްރިއަންއަށް ފެނުނީ ހީނުކުރާ ކަހަލަ މަންޒަރެކެވެ. ޒުހަލް ބިންމަތީގައި އިށީދެ އިންއިރު ކައިރިއަށް ފައިސާ އޮއްސާލާފައި އޮތީ ކުއްލިަކަށް އެތަނަށް ރުފިޔާއިން ފުރިފައި އޮތް ވިލާކޮޅެއް ވެހުނުހެންނެެވެ.
"ޒުހަލް ކިހިނެއްވީ؟ "ކައިރިއަށް ގޮސް އެސުވާލު ކުރިއިރު ޒުހަލް އިނީ ބޮލުގައި ހިފަހައްޓައިގެންނެވެ.
"ކީއްވެ؟ މޮޔަވީތަ ޒުހަލް؟ ޕްރޭންކް ކުރާކަށް ގަޑިއެއް ނޫނެއްނު......" އަދްރިއަން ހެމުން ކިޔާލިއިރު ދެން ފެނުނީ ޒުހަލްގެ ލޮލުން ކަރުނައެވެ.
ޒުހަލް ފާރަށް ލެނގިލަމުން ދެލޯ މަރައިލަމުން ފުން ނޭވާއެއް ދޫކޮށްލިގޮތުން އަދްރިއަން ކަންބޮޑުވިއެވެ. ޒުހަލްއަށް ދިމާވި ކުއްލި ހާލަތުގެ ސަބަބުން އަދްރިއަން ކަންބޮޑުވެ ކޮނޑުގައި އަތުން ހިފަހައްޓައިލިއެވެ.
"ހޭއި.....ޒުހަލް. ކިހިނެއް ތިވަނީ؟"
"ހުރިހާ ކަމެއް އެނގުމަށްފަހު އަދީ އަހަންނާއި ވާހަކަދައްކާނެ ކަމެއްވެސް ނޭގޭ......"
އަދްރިއަން އަތް ދުރުކޮށްލާފައި ޖީބަށް އަތް ޖަހައިލިއިރު ބުމަވެސް އަރުވައިލެވުނީ ހައިރާންކަމާއެކުގައެވެ. ޒުހަލް ދެން ބުނެލި ޖުމްލައާއެކު އަދްރިއަންގެ މޫނުގެ ކުލަވަރު ވަގުތުން ބަދަލުވެ ރުޅިވެރިކަން ޚިޔާރުކުރިއެވެ. ލޮލުން އަލިފާން ކަނިބުރައިގެން ދިޔުމާއެކު މޫނުމައްޗަށް ވީއްލައިލި އެތިފަހަރުން ބުމަ ފަޅައިގެން ގޮސް ލޭގަނޑު އޮހިގަތެވެ. އޭނަ ލައިގެން ހުރި ޓީޝާޓްވެސް ތެމިފޯވިއެވެ. އެންމެ ޖުމްލައިގެ ހަމަލާގެެ ވަރުގަދަކަމުން އެދެމީހުން އެތައް ޒަމާނެއްވާންދެން އޮތް އެކުވެރިކަމުގެ ވަރުގަދަ ގޮށް މޮހިގެން ދިޔައެވެ. ޒުހަލްގެ މޫނުމައްޗަށް އަނދިރިވާގޮތްވިއެވެ.
"އަބަދުވެސް ހިތަށް އެރިއޭ. ސަމާސާއަކަށް ހަދައިގެންވެސް ސޭމް ހެދީ ތެދެއް.............." އަދްރިއަން ހަޅޭއްލައިގަތެވެ."މިތަނުން ދުރަށް ދޭ.........ނޫނީ މަގޭ އަތުން މަރުވާނެ.."
ޒުހަލްގެ ލޯ ކަރުނުން ފުރުމާއެކު އެތަނުން ދާން ހިނގައިގަތްގޮތަށް ފިޔަވަޅު އަވަސްކޮށްލިއެވެ. އަދްރިއަން ހަޅޭއްލަވައިގެންފާ ދެތިންފަހަރު ފާރަށް ފައިން ވީއްލައިލި އެތިފަހަރުން ފާރު ގުގުމައިލިއެވެ.
***
ޑޮކްޓަރ އަދްރިއަން އޭނަގެ ދާއިރާއިން ކުރިއަށްގޮސް ކެންސަރުބަލީގެ ޚާއްސަ އޮޕަރޭޝަން ޑޮކްޓަރެއްގެ ގޮތުގައި މަޝްހޫރުވެ އެތައްބަޔެއްގެ ލޯބި ލިބިފައިވާ މީހަކަށްވިއެވެ. އޮންކޮލޮޖިސްޓެއް ނަމަވެސް އޭނަގެ ވިޔަފާރި ކުރިއަރަމުން އައީ ނޫސްވެރިކަމާއެކު ޗެނެލްތައް ހިންގައިގެންނެވެ. އޭނަގެ އަންހެނުން ކާއިނާތުއަކީވެސް ނޫސްވެރިކަމުގެ ރޮގުން ފުންނާބު އުސް ފަރާތެކެވެ. ކޮންމެ ފިރިހެނެއްގެ ކާމިޔާބުގެ ފަހަތުގައި އަންހެނަކު ހުންނާނެއޭ ބުނާބުނުން ކާއިނާތުވަނީ ސާބިތުކޮށްދީފައެވެ. އަދްރިއަންގެ ކޮންމެ ކަމެއްގައި އެންމެ ގާތުގައި ކާއިނާތު އަބަދުވެސް ހުރެއެވެ.
ޑޮކްޓަރ އަދްރިއަންގެ ދެބުރިއަށް ނަގާފައިވާ ރީތިގޭގެ ހިތްގައިމުކަން އިތުރުކޮށްދެނީ ކުރިމަތީގައި އޮތް ފެހިކަން ގަދަ ވިނަގަނޑާއި ގަސްތަކުންނެވެ. ގަސްތަކުގައި ފޮޅިފައިވާ ކުލަ ކުލައިގެ މާތަކުން ފޮނިބޮމުންދާ މާބުރާއި ކޮކާތައް މިނިވަންކަމާއެކު އުދުހެނީއެވެ. ދޫނިތަކުގެ ލަވަޖެހުމުގެ އަޑު ދޭތެރެއަކުން އިވިލައެވެ. އީދު ދުވަސްކަމުން އެންމެ ކުރިން ޖަމާއަތުގައި ކުރެވުނުު އީދު ނަމާދުގައި އެކުޑަ އާއިލާވެސް ބައިވެރިވިއެވެ. އީދު ނަމާދަށްފަހު ފިރިހެނުން ކަރާއި ކަރު ޖައްސާ ސަލާމްކޮށް އަންހެންވެރިންވެސް ހަމަ އެގޮތަށް ބައްދާލާފައި އީދު ތަހުނިޔާކިޔެވެ. ނުދަންނަ ބީރައްޓެހިންވެސް މެއެވެ. ޒާދާއާއި ރާހާއަށްވެސް އީދު އުފާ ލިބިގަންނަމުން ދިޔައެވެ.
ގެއަށް އައުމަށްފަހު ނާސްތާ ކުރަން އެންމެން ވަނީ ކާބަޔަށެވެ. ކާކޮޓަރީގައި ތިބިއިރު ބިއްލޫރި ދޮރުތަކުގެ ފަރުދާތައް ކަހާފައި ހުރުމުން އިރުގެ އަލި ކާކޮޓަރިތެރެއަށް ފަތުރާލާފައިވިއެވެ. މޭޒުމަތި ފަޅުފިލުވާފައިވަނީ ތަފާތު ބާވަތްބާވަތުގެ ކެއުމާއި ބުއިންތަކުންނެވެ. އެންމެންގެ ފޯނުތަކަށް މެދުކެނޑުމެއްނެތި އީދުގެ ތަހުނިޔާވެސް އަންނަމުން ދިޔައެވެ.
"މިހުރިހާ އެއްޗެއް ހަމަ އަހަރެންގެ ވައިފް ތައްޔާރުކުރީ؟ ތޭންކްސް..."އަދްރިއަން ޝުކުރުގެ ނަޒަރަކުން ބަލައިލިއެވެ.
"ނޫން. ޑޭޑް.. އަޅުގަނޑު މި ޕުޑިން ތައްޔާރުކުރީ. ޝެފަކަށްވެގެން މަންމައާއި ބައްޕަ އޯލްޑްވީ ދުވަހަކުން އަބަދު މީރު ހެލްދީ ކާއެއްޗެހި ތައްޔާރުކޮށްދޭނަން......."ރާހާ ހުރިހާ ދަތްތައް ފެންނަވަރަށް ހީލައިގެން އިނެވެ.
"އިޓްސް އޯސަމްލީ ޑެލިޝަސް ސްވީޓްހާޓް.."އަދްރިއަން ތައުރީފުކުރިއެވެ. ރާހާ އުފަލުންގޮސް ދެލޯ ވިދައިގަތެވެ. އެހެންނޫނަސް އެލޮލުން އަބަދު މައިންބަފައިންނަށްޓަކާ ލޯބީގެ ވިދުން ފެނެއެވެ.
"ފަހަރެއްގައި ޝެފެއްގެ ވައިފްއަކަށްވެދާނެ......ޝެފަކަށްވާން ގަރުނެއް ނަގާނެ..............."ޒާދާ ދޫނެރެލިއެވެ.
"އެއީ ކީއްވެތަ؟"
" ރާހާގެ ސުޕަ ޑިލިޝަސް ޑިޝްތައް ކާ މީހަކަށް އެނގޭނީ..............އޮނެސްޓްކޮށް................"ޒާދާ ހީގަތެވެ.
"ދޮންތީ....."ރާހާ ރާގެއްލާފައި ކިޔައިލިއެވެ.
"އެނީވޭސް އައި ހޭޓް ކުކިން....އަޅުގަނޑު މީހަކާއި ނީންނާނަން. ހައުސްވައިފްއަކަށްވެސް ނުވާނަން. ބައްޕަ ފަދައިން އޮންކޮލޮޖިސްޓަކަށްވެގެން ޕޭޝަންޓުންނަށް ހެލްޕްވާން ހުންނާނީ....އިޓްސް ދަ މޯސްޓް ރެސްެކްޓަޕްލް ޖޮބް އިން ދަ ވޯލްޑް...އެންޑް ކެންސަރ..............."
"އަގް......ހޮސްޕިޓަލް ފެނުނަސް ރެޗިން. އީކް. އެތާ ހިފާފައި ހުންނަ ވަހަކުން ކަން ނޭގޭ. ސްމެލް އޮފް ޑިޒީސް..އައި ހެޓް ނީޑްލްސް. މެޑިސިން. މެޝިންސް....އޯލް ދަ ސްޓަފް ދެއަ........."
"ނޯ ސްޓުޕިޑް. ސްމެލް އޮފް ޑިސްއިންފެކްޓެންޓް. އިންފެކްޓް އައި ލަވް ދެޓް ސްމެލް............"
"ވެލް ވެލް...މިއޮތް އުފާވެރި ދުވަހު ދެކުދިން ބޮޑު ފައިޓަކަށްނުގޮސް އުފާވެރިކަމެއް ރާވަން ހިނގާބަލަ...."
"ޑޭޑް. އެނީ ސަޕްރައިޒެސް؟" ޒާދާ ޝައުގުވެރިގޮތަކަށް ލޯ ބޮޑުކޮށްލަމުން އޭނަގެ ބައްޕައަށް ނަޒަރު ހިންގައިލިއެވެ.
"އީދު ފެސްޓިވަލްއަކަށް ދަމާ.."ކައިނާތު ބުނެލިއެވެ."އެޓްލީސްޓް ޑެޑީގެ ބިޒީ ޝެޑިއުލްއިން ފެމިލީއަށް ޕްރެޝަސް ޓައިމްކޮޅެއް ދެއްވިކަމަށްޓަކާ ވަރަށް ޝުކުރު. އަލްހަމްދުލިﷲ................."
"ކާއީ އަދިވެސް މިދިޔަ އީދުމަތިން ހަނދާން ނައްތާނުލެވިގެން. އިމަޖެންސީއެއް ދިމާވީމަ އީދުގައި ބައިވެރި ނުވެވުނީތީ އުމުރުދުވަހު ގްރަޖްއެއް...."
ކުއްލިއަކަށް ކާއިނާތުު ފޯނަށް ބަލާފައި ޝޮކެއް ލިބުނުގޮތަކަށް ކުޑަކޮށް އަޑެއް ލައްވައިލުމުން އަދްރިއަންގެ ނަޒަރު އޭނަގެ މޫނަށް ހުއްޓުނެވެ. "ކިހިނެއްވީ؟"
"ނަތިން...."ކާއިނާތު ހާސްވެފައިވާގޮތަކަށް ހީލިއެވެ.
"ނަތިން؟" އަދްރިއަން ބުމަ އަރުވައިލިއެވެ.
"ނަތިން...."ކާއިނާތު ސާބިތުކަމާއެކު ތަންކޮޅެއް ބާރަށް ބުނެލިއެވެ.
އަދްރިއަންއަށް ވިސްނުނެވެ. އަދިވެސް ކާއިނާތު އުޅެނީ މާޒީން އަރައިނުގަނެވިގެންނެވެ. ކާއިނާތުގެ ފުރަތަމަ ލޯތްބަކީ އެމެރިކާގެ އެސްޓްރޮނޯޓެެއްކަމަށްވާ ސައިރަސް ކްރޯފޯޑްއެވެ. އެރީތިކަމުގެ ޖާދޫގައި ޖެހިގެން ފަލަކްގެ ދިރިއުޅުމުގެ ރާސްތާ ކަސިޔާރުވެގެން ދިޔަގޮތަށް އާއިލާއާއި އެކުވެރިންނާއި ގުޅުން ކެނޑުނެވެ. ކައިވެނިން ބޭރުގައި ލިބުނު ދަރިފުޅުވެސް އަބަދަށްޓަކާ އޭނައާއި ވަކިވެ އެހެން ބަޔެއްގެ ބެލުމުގެ ދަށަށް ދިޔައީއެވެ. އެދަރިފުޅު ދުނިޔޭގައި ހުރިކަމެއް އަދި ނޫންކަމެއްވެސް ކާއިނާތުއަށް ނޭގެއެވެ. އަދްރިއަން ކާއިނާތުގެ ފަސްބަޔަށް ދުނިޔޭގެ ހުރިހާ އުފާތައް އަޅާދޭން މަސައްކަތްކުރިޔަސް ގެއްލުނު ލޯތްބާއި ދަރިފުޅުއަދި މަންމަގެ ހިތާމަ ކުރާކަމީ އަދްރިއަން ދަންނަ ހަގީގަތެކެވެ. ޚާއްސަކޮށް އަމިއްލަ ދަރިއަކު ދުނިޔެއަށް އުފަންކުރުމަށްފަހު އެއްލައިލުމަކީ މަންމައަކު އުމުރަށް ހިތާމަކުރަންޖެހިދާނެކަމެކެވެ. ކާއިނާތުވަނީ އޭނަ ކުރި ފާފައިގެ ބޮޑު އަގެއް ދައްކާފައެވެ. އަދިވެސް އެކަމުގެ ހިތާމައިގައެވެ. ހުރިހާ ނިއުމަތެއް ވަށާލިޔަސް އޭނަގެ ލޮލުގައި ނުފިލާ ރިހުމެއްވެއެވެ.
ޒާދާއާއި ރާހާ ސިޓިން ރޫމްގައި ރަތްކުލައިގެ ހީލިއަމް ފުއްޕާހަންތައް އެލުވާ ފާރުގައި އީދު މުބާރަކް ޖަހައިގެން ސިޓިން ރޫމް ޒީނަތްތެރިކޮށްލުމަށްފަހު ބަގީޗާވެސް ތައްޔާރުކުރަންފެށީ މެންދުރުގެ ސުފުރާއަށެވެ. މެހުމާނުންތައް އަންނާނެކަން އެކުދިންނަށްވެސް އެނގެއެވެ. ޚާދިމާއިން ތަފާތު ވައްތަރުގެ އެއްޗެހި މޭޒަށް އަރުވަމުން ދިޔައިރު ޒާދާއާއި ރާހާ ތިބީ ޕާރުސަލް ކުރުމަށް ވިނަގަނޑުމަތީ ކުއިލްޓެއް އަޅާލައިގެންނެވެ.
މެހުމާނުން އަންނަންފެށުމުން ދެކުދިންގެ އުފާވެރިކަން އެތައްގުނަ އިތުރުވިއެވެ. ބޮޑުދައިތަ އާޔާގެ އާއިލާގެ އިތުރުން ކާފައާއި މާމަ އަދިވެސް މަންމަގެ އެކުވެރި ލައިކާއާއި މިސްބާހު އަދި ޖީލަންގެ އާއިލާވެސް އައެވެ.
"އީދު މުބާރަކް..."އެންމެން އެންމެނާ ސަލާމްކޮށް ނިމިގެން ކެއުމަށްފަހު ހަދިޔާ ބަދަލުކުރުން އޮތެވެ.
އެރޭވެސް ފަޓާސް ގޮއްވުމާއި ދިއްލާ ބާބެކިއު ހެދުން އޮތެވެ. އަދްރިއަންއާއި ކާއިނާތުގެ ޒަވާޖީ ހަޔާތް ކާމިޔާބުވުމުން އުފާކުރާ މީހުންގެތެރޭގައި އަސަލްއާއި އާޔާވެސް ހިމެނެއެވެ. ޔަގީނުންވެސް ބޭރުފުށުން އެދެމަފިރިން ފެންނަނީ ދުނިޔޭގައި ތިބި އެންމެ އުފާވެރި ދެމީހުންގެ ގޮތުގައެވެ. އަދްރިއަންގެ އަވަދިނެތް ދިރިއުޅުމުންވެސް އާއިލާއަށް ވަގުތުދީ އެފަދަ މުނާސަބާތްތައް ފާހަގަކޮށް އަންހެނުންނާއި ދަރިން ގޮވައިގެން ކާރުދުއްވާލަން ނޫނީ ރެސްޓޯރެންޓްކަށް ދިޔުމަކީ އާދައެކެވެ. ރޭގަނޑުވެސް އެންމެން އެއްކޮށް ކެއުމަކީ ކޮންމެހެންވެސް އަދްރިއަންގެ އާދައެކެވެ. އެއްވެސް ބަޔަކަށް ހުރިހާ އުފަލެއް ނުލިބޭނެއެވެ. މުހިއްމުވާނީ ލިބޭ އެއްޗަކަށް ޝުކުރުކޮށް ހަޔާތުގެ ދަތުރު އެކީ ހޭދަކުރަން މަސައްކަތްކުރުމެވެ.
***
ރާހާ މުށިކުލައިގެ ދިގު އިސްތަށިގަނޑު އައްސާލައިގެން އިންއިރު މޫނަށް އޮރެންޖް އަލި އެޅިފައިވިއެވެ. ފަރުވާތެރިކަމާއެކު އޭނަ މަސައްކަތްކުރަމުން ދިޔައީ ކުރެހުން ނިންމުމަށެވެ. ކޮންމެވެސް ވަރަކަށް އެއްފައިގާ ރިއްސާ ވާންވާން ފެށުމުން ފައި ދަމާލުމަށްފަހު އެކިގޮތްގޮތަށް ފައިތިލަ ހަރަކާތްކުރިއެވެ. ފައިގާ ރިއްސާތާ ދުވަސްކޮޅެއް ވީ ނަމަވެސް އޭނަގެ މައިންބަފައިންނަށް އޭނަ ހުންނަނީ ސިއްރުކޮށްގެންނެވެ. މަންމަ "އޯވާ ޕްރޮޓެކްޓް" ކުރާވަރުން ބައެއް ފަހަރު ވޭނަކަށް ވާ ފަހަރުވެސް އާދެއެވެ. ރާހާ ތެދުވެގެންގޮސް ފްރިޖުން އައިސް ޕެކެއް ނެގިއެވެ.
"ކުޅެން ހަދައިގެން ލިގަމެންޓް އިންޖަރީއެއް ވީކަމަށް ވާނީ..." ރާހާ އައިސްޕެކެއް ހިފައިގެން އައިސް ސޯފާއަށް ވެއްޓިގަތެވެ.
"އައިސް އަޅަނީ ކީއްވެ؟ އިންޖަރީއެއް ވީތަ؟" ކާއިނާތު ފޮތެއް ކިޔަން އޮވެފައި އެދިމާލަށް ނަޒަރު ހުއްޓައިލިއެވެ.
"އައިސް އެޅީމަ ހަންގަނޑު އޮމާންވާ ވާހަކަ ދޮންތަ ބުނި..." ރާހާ ހަނދާންކޮށްލީ ޒާދާ އަބަދު ބުނެ އުޅޭ އެއްޗެކެވެ.
"މަންމަގެ ސްކިން އޮމާންކަމުން އިތުރަށް ގަނޑުފެން އަޅަން ވެއްޖެއްޔާ އަތްވެސް ޖައްސައިނުލެވޭނެއްނު..."ކާއިނާތު ހީލިއެވެ.
***
"ހާދަ ފޮނި ކުއްޖެއް އެދަނީ.....ބަލާވެސް ނުލާ....." އިސްކޮޅުން ދިގު ޒުވާނާއާއި އޭނަގެ އެކުވެރިޔާ މަޑުކޮށްލައިގެން ތިބީ ޕާކެއްގެ ކައިރީގައެވެ. ލައިގެން ހުރި ހެދުމާއި ޖިންސް އަދި އަގުބޮޑު ކާރަށް ލެނގިލައިގެން ހުރިގޮތުން މުއްސަދިކަމާއި ބޮޑާކަން ދައްކުވައެވެ.
"އެކުއްޖާެ މައުލޫމާތު ބޭނުމީތަ؟"
"އެހާވަރުން ނޫޅެން...."
"އައި ނޯ. އެހެންނޫނަސް އެކަހަލަ އަންހެންކުދިން ހޯދުން ފަސޭހައެއްނުވާނެ. އޯލްމޯސްޓް އިމްޕޮޒިބްލް..އެގޭތަ؟ އެމީހުން ހީކުރަނީ އެންމެ ރަގަޅުކުދިންނަނީ އެއީކަމަށް.........."
"އަހް އޯ...."އެ ޒުވާނާ ވޭޕް ކުރަމުން ދުންތައް މުޅި ހިސާބަށް ދުއްވައިލިއެވެ."އިންޓްރެސްޓިން......."
"ކަލޭ ބޭނުންވެއްޖެ އެއްޗެއް ނުލިބޭނެ ގޮތެއް ނެތް...."
"އާނ..ކީއްވެ ނުލިބެންވީ؟ ހޯދާފައި ހުއްޓާލާނީ. އެހަމަ ޔަގީންކަމެއް...."
"ޑީލް؟"
އެޒުވާނާގެ ލޮލުގައި ވި ފިނިކަން ގަނޑުފެންކޮޅެއްފަދައެވެ.
***
ޒާދާ ހޮސްޕިޓަލުގެ ލައުންޖަށް ވަންއިރު ފެނުނު ރީތި ހިތްގައިމު ޝަޚުސިއްޔަތަކުން ހިތަށް އަސަރުކުރުވިއެވެ. އޮޅުން ފިލުވައިލިއިރު އެއީ އަލަށް ހޮސްޕިޓަލުގެ ވަޒީފާއަށް ވަން ޑޮކްޓަރެކެވެ. އެންމެ އަޅައިގަންނަނީ އެރީތި ލޮލުގައެވެ. މަޑުމައިތިރިކަމާއެކު ލަދުރަކިކަމެއް ހުރުމާއެކުވެސް ފިރިހެންވަންތަކަމުގެ ދެވަނައެއްނެތެވެ. އަންހެންކުދިން ހިތްކިޔާހާ ސިފަތައް އެއްކޮށްލައިގެން ހުރިއިރު ވަށައިގެން ހިނގާ އެއްވެސް ކަމަކަށް އޭނަގެ ސަމާލުކަމެއްނެތެވެ. ޒާދާ ކައިރިވެލުމުން އެޒުވާނާގެ ގައިން ދުވީ ތާޒާލުއި ވަހެކެވެ. ބޮޑީޝޮޕް ނޫނީ ސެންޓެއްގެ ވަހެވެ. ޒާދާ ކަރުކެހިލިއެވެ.
"އެކްސްކިއުޒް މީ...."
"ޔެސް..." އެޒުވާނާ ކުޑަކޮށް ބަލައިލިއެވެ.
"އީދު މުބާރަކް......" ޒާދާ ވަގުތުން އަތްދިއްކޮށްލިއެވެ. އެއީ އެކުވެރިކަމުގެ ރަމްޒެއްކަމަށް ޒާދާގެ ޟަމީރު އެންގިއެވެ. އެކަމަކު އެޒުވާނާ ފަސްޖެހުނުހެން ހީވުމާއެކު އަތްތިރިކޮށްލިއެވެ."އަޅުގަނޑަކީ ޒާދާ. އެމްބީބީއެސް ހަދަމުން ސަމަރގައި ހިތަށް އެރީ ވޯކް އެކްސްޕީރިއެންސަށް އަންނާނީއޭ. ތިއީ މިތާ ޑޮކްޓަރެއްތޯ؟"