"ރަހިމުގެ ގުޅުމަކީ ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް އެންމެ ފުރަތަމަ ކުރެއްވި އަމުރުފުޅުތަކުގެ ތެރެއިން އަމުރުފުޅެކެވެ.ތިމާގެ ކަމުގެ ގުޅުން ކަނޑައިނުލާށެވެ."
***
ރާހާ ނުނިދިފައި އޮތީ ފައިގާ ރިއްސާވަރުންނެވެ. ފައިގާ ގޮށެއްކަހަލަ ތަނެއް ފާހަގަވުމުން ނޭގި އަނިޔާއެއްވެފައި އިނީބާވައޭ ހިތަށް އެރިއެވެ. ދޭތެރެއަކުން ވަމުން އަންނަ އުދަގޫތައް ހައްތާބޮޑުވާންފެށިޔަސް ރާހާ އެވާހަކަ އެހެން މީހަކާއި ހިއްސާކުރަން ބޭނުމެއްނުވިއެވެ. ރާހާގެ ބައްޕަ އަދްރިއަން އެކޮޓަރިއަށް ވަންއިރު ރާހާއޮތީ ލޯ މަރާލައިގެންނެވެ. ފަނޑު އަލިކަމުގެ ތެރެއިންވެސް މޫނު ވިދައެވެ.
"ދަރިފުޅު ނިދީތަ؟"
"ނޫން...."ރާހާ ލޯ ހުޅުވާލައިފިއެވެ.
"މަންމަ ވަރަށް މައްސަލަ ޖައްސައިފި...ރާހާގެ ފައިގާ ރިއްސާތީ އަބަދު އައިސްޕެކް އަޅަނީޔޯ. ބައްޕަ އަޅާވެސް ނުލާތީޔޯ އެހެން އެވީ..............."
"ކުޅެފައި އައީމަ އެގޮތަށް އަބަދުވެސް ވޭ....މަންމަ އޯވަރތިންކިން ..."ރާހާ ހިނިގަނޑެއް ޖަހާލައިފިއެވެ.
"ހޫމް...."އަދްރިއާން ރާހާގެ އެނދުގެ މަގަތުގައި އިށީނެވެ."މަންމަ ބުނަނީ މުޅިއަކުން ދޮގެއްނޫން. ބައްޕައަށް ކުދިންނަށް ދޭން ޖެހޭ ސަމާލުކަން ނުދެވި ދުވާލުގެ ބޮޑުބައި ޑިއުޓީގައި އުޅެންޖެހެނީ. އެހެންވެކަން ނޭގޭ މަންމަ އެވާހަކަދައްކަނީ...ގޭމްކުޅޭއިރު ކުދި އިންޖަރީތައްވެސްވާނެ. ފިޒިއޯއެއްޗެއް ހަދާލަނިކޮށް އޯކޭވެދާނެ އިންޝާﷲ..."
"މަންމަ އެރީންގެ މަތިން ހަނދާންވެގެން އެވާހަކަދައްކާ...މަންމައަށް ހީވަނީ ފައިގާ ރިއްސައިފިއްޔާ ސީރިޔަސް އިޝޫއަކަށް ވެދާނެއޭ. އެރީން އަށް ދިމާވިފަދައިން ޓާމިނަލް ބައްޔަކަށް ވެދާނެއޭ....ޑޭޑް..ނެކްސްޓް ޓައިމް މެޗް އޮންނަ ދުވަހަކަށް ބައްޕަ ދުރުވަންވާނެ...އޭރުން ގަދަޔަށް ކުޅެވޭނީ...." ރާހާގެ ވިދުންގަދަ މުށި ދެލޯވެސް ހިނިތުންވާފަދައެވެ.
"ކިހިނެއް ސްކޫލް؟އެނީތިން ސްޕެޝަލް؟"
"ދެއާސް ގޮއިންޓް ޓު ބީ އެން އާޓް އެގްޒިބިޝަން. ކެލިގްރާފީއެއް ހުށަހަޅަން މިއުޅެނީ........"
"ހެލޯ ޑޭޑް. އައި ވޯޒް ލުކިން ފޯ ޔޫ....."ޒާދާ ބޯދިއްކޮށްލިއެވެ.
***
މެހެރާޒް ޕާކްގެ ބެންޗުގައި އޮތްވާ ނިދި ލޮލަށް ސަވާރުވިއެވެ. އެތަނުގައި ހެދިފައިވާ ޗެރީގަސްތަކުގެ ހިޔަލުގައި އޮތްއިރު ފިނިގަދަކަމުން ހީކަރުވައިގަނެ ރަޖާއެއްގެ ހިމާޔަތަށް ހިތް އެދުނެވެ. ގެއަށް ވަދެ އަނބިމީހާގެ ރުޅިގަނޑާއި ކުރިމަތިލުމަށްވުރެ އެކަނި މިހެން އޮންނާންވެސް ބައެއްފަހަރު ހިތަށް ފަސޭހައީއެވެ. ގިނަފަހަރު އޭނަގެ އަންހެނުން އައިރިސް އޭނައާއި ދިމާކޮށްލާނީ ފައިވާނުގެ ކިބައާއިގެންނެވެ. ފައިވާނުން ބޮލު ފުށްކިބައިގާ ޖެހުމުން ފަޅައިގެންގޮސް ލޭ އޮހެން ފެށުމުން ހޮސްޕިޓަލަށްގޮސް ފަރުވާ ހޯދަން އިހަށް ދުވަހުވެސް ޖެހުނެވެ. އެލިޒަބަތް އަކީ އެންމެ ގާތް އެކުވެރިޔާއަށް ވިޔަސް ހަދަން ޖެހުނީ ދޮގެވެ. އޭނަ ބުނީ އޭނަ ވެއްޓި އަނިޔާވީކަމުގައެވެ. އުދަގޫގޮތަކަށް ދެފަރާތަށް ފުރޮޅިފުރޮޅި އޮތްވާ ހޭލެވުމުން ޕަބްލިކް ފާޚާނާއަކަށް ވަދެ ވުޟޫކޮށްގެން އައިސް ނަމާދުކުރަންފެށިއެވެ. އެކުވެރިޔާ ވިސްނުންތެރިކަމާއެކު އޭނަ ނަމާދުކުރި މަންޒަރު ބަލަން އިނެވެ.
"ވަރަށް ރީތި. މުސްލިމުންގެ ނަމާދުތައް ވަރަށް ކަމުދޭ.ޚާއްސަކޮށް މާޒް ތި ކިޔެވިގޮތުން ހަމަ އަދިވެސް އަތުން ހީބިހި ނަގާފައި މިހިރީ..." މެހެރާޒް އައިސް އެލިޒަބަތު ގާތު އިށީނުމުން ތައުރީފުކުރިއެވެ. އެލިޒަބަތްގެ އަތުގައި އޮތް ތަސްބީހަ އޭނަ ދައްކައިލިއެވެ. ރިހިކުލައިގެ ކުދި ސަލީބެއް ޖަހާފައި ވައިލެޓް މިނާތަކެއް ލާފައިވާ ކުޑަ ތަސްބީހައެކެވެ. އެލިޒަބަތް އެހާ ގިނައިގެން އެ ތަސްބީހަ ގެންގުޅެނީ ފިރިމީހާގެ އެންމެ ފަހު ހަދިޔާއަކަށްވުމުން ޚާއްސަވީމައެވެ.
"މިއީ ﷲގެ ބަސްފުޅު. އަޑުއިވުމުން އަސަރުނުކުރާނެ ހިތެއްނުވާނެ..."
"އާނ. ބަންގީގެ އަޑުއިވުނީމަވެސް ވަގުތުން އަމާންކަން ހިތަށް ލިބޭ. ސްޓްރެސް ފިލާ.............."
"އަހަރެން ފޮނުވާނަން ލިންކެއް...ލިޒް ގުރުއާންގެ ތަރުޖަމާ ކިޔާލަންވީނު...އަދި މިހިސާބުގައި ދައުވާ ދޭން ސްޕީކާސް ކޯނާރއެއް ހުރޭ. އަހަރެން ދޭތެރެއަކުން ޓައިމެއްވީމަ ޖައްސައިލަން. މަގޭ ބައިކްގައި ލިޒް ގޮވައިގެން ދާންވީކަން ނޭގޭ..."
އެލިޒަބަތު ހޭންފެށިއެވެ."މާޒްގެ ބައިކްގައި އަހަރެންް ގެންދިޔައީމަ މީހުންނަށް މަޖާވާނެ..."
"އިންސާނުން ނުބެހޭކަށް ކަމެއް ނޯންނާނެ. މީހުން ވިސްނާގޮތާއިމެދު އަޅާލާނެކަމެއްނެތް......"މެހެރާޒްގެ ލޯ ހިނިތުންވެލިޔަސް އަބަދާއަބަދު ރިހުމެއްވެއެވެ.
އެލިޒަބަތު އެކަމަށް އެއްބަސްވިއެވެ.
"އަހަރެމެންގެ ޕްރޮފެޓް މުހައްމަދުގެ ބައޮގްރާފީ ކިޔަން ފަށައިފިން..."
ކުއްލިއަކަށް އެލިޒަބަތުގެ ލޯ ފެންކަޅިވިއެވެ.
"އަހަންނަށް ޕްރޮފެޓްގެ ނަން އިވޭ ކޮންމެ ފަހަރަކު ހަމަ ރޮވޭ..."އެލިޒަބަތު ދަބަހުން ޓިޝޫއެއް ނަގާ ލޮލުގައި ޖައްސައިލިއެވެ. މެހެރާޒް ހިނިތުންވެލަމުން އެލިޒަބަތްގެ އަތްމަތީގައި އަތް ބޭއްވިއެވެ. އޭނަގެ އެކުވެރިޔާގެ ދުނިޔަވީ ހަޔާތް ނިމުމަކަށް އަންނައިރު ހިދާޔަތް ލިބިއްޖެއްޔާ ކޮންފަދަހެއްޔެވެ؟ އޭނަގެ ދުޢާއަކީ އެއީއެވެ. އެލިޒަބަތްއާއި މެހެރާޒް ދިމާވިފަހުން މެހެރާޒްއަކީ މުސްލިމެއްކަން އެނގުމުން އެލިޒަބަތް ފުރަތަމަ ފޫހިވެ ނަފްރަތުވެސް ކުރިއެވެ. ސަބަބަކީ އޭނަގެ ފިރިމީހާ މަރުވީ ނިރުބަވެރި ހަމަލާއެއްގައި ކަމުގައި ވުމުންނެވެ. އަދިވެސް އެހިތާމައިން އަރާނުގަނެވެއެވެ. ފިރިމީހާއަކީ އިސްލާމުންގެ ސޫރަފެނުނަސް ރުޅިއަންނަ މީހެކެވެ. އޭނަ މުސްލިމުންނާއި ދެކޮޅަށް ރޭވުންތައް ރާވާ ގުރުއާން އެނދުމަށްވެސް ހިތްވަރުދީފައިވިއެވެ. އެފަދަ ނަފްރަތެއްގައި ބަދެވިފައިވަނިކޮށް ހަޔާތަށް މެހެރާޒް އައިގޮތަށް އެލިޒަބަތްގެ ވިސްނުމަށް ބޮޑެތި ބަދަލެއްގެނުވީއެވެ. ހުރިހާ މުސްލިމުންނަކީ ނިރުބަވެރިން ނޫންކަމަށާއި ރަގަޅުމީހުން މުސްލިމުންގެ ތެރޭގައިވާ ކަމަށް އޭނައަށް އެނގުނެވެ. މެހެރާޒްއައިއެކު ވަގުތު ހޭދަކުރެވި ދީނީ ކަންތައްތައް އެނގެން ފެށުމުން އެ ނަފްރަތުފިލިއިރު ދީނަށް ހިތްވެސް ޖެހުނެވެ. ހިދާޔަތަކީ އެފަދަ އެއްޗެކެވެ.
***
ޒާދާގެ ފަހަތުން ބާސިލް އުޅެންފެށުމުން ޒާދާ ބިރުގަންނަވަރުވިއެވެ. ހޮސްޕިޓަލް ކައިރިންވެސް ދިމާކުރަނީއެވެ. އެއްވެސް މަސައްކަތެއްވެސް ނުކުރާ ޒުވާނަކީކަން ނޭގެއެވެ. ދާހާތަނަކުން އޭނަގެ ހިޔަނިފަދައިން "ސްޓޯކާ" އެއް އުޅެންފެށުމުން އެވާހަކަ މައިންބަފައިން ކައިރީ ދައްކަން ބިރުގަތީ އޭނަ ގެއިން ބޭރަށް ނުކުތުން މަނާކޮށްފާނެތީއެވެ. އެފަދަ ޒުވާނުންނާއި ދިމާކޮށްގެން ބައެއްފަހަރު ނުބައި ލަނޑެއްވެސް ލިބިދާނެއެވެ. މަހްރާއަށް އެކަން ޔަގީންވުމުން ބާރުއެޅީ ބައްޕައަށް އެންގުމަށެވެ. ޒާދާ ހުންނަނީ ދެފިކުރެއްގައެވެ. ކޮންމެގޮތެއްވިޔަސް މި ޒުވާނާގެ އުޅުމާއި އަޚުލާގު ހުންނަގޮތުން ޒާދާ ރުހޭގޮތެއްނުވިއެވެ. އޭނައަށް ކަމުދަނީ އިދްރާކްއެވެ.
އެއީވެސް ހަފްތާގެ ބަންދުދުވަހެކެވެ. ޒާދާ އާއި މަހްރާ މިސްކިތުގައި އޮތް ދަރުހެއް އަޑުއަހައިލުމަށްފަހު ނިކުމެގެން ހިނގައިގަތްތަނާ ފަހަތުން އައި ބާސިލް އެކުދިންނާއި އަރާ ހަމަކުރިއެވެ.
"ޒާދާ. އަހަންނަށް ފޯނު ނަމްބަރުދީފާނަންތަ؟"
"ސްޓްރޭންޖާސްއިންނާއި ނަމްބަރު ހިއްސާއެއް ނުކުރަން. ސޮރީ..."ޒާދާ ދެކޮޅުހެދިއެވެ.
"މިހާރު ދެމީހުން ބީރައްޓެހިންނަށް ނުވެއެއްނު. އަބަދު ފެނި ފެނި...އެޓްލީސްޓް ފްރެންޑްވިޔަސް ގެއްލުމެއްނުވާނެދޯ..."ބާސިލް ބުމަ އަރުވައިލިއެވެ.
"ތިއީ އަހަރެންގެ ޓައިޕެއްނޫން...."
"އަހަންނާއިމެދު ތިދެކެނީ ގޯސްކޮށް..."
"އަހަރެންގެ ފެމިލީ ކޮންޒަވޭޓިވްވާނެ. އައި މީން ވީ އާ މުސްލިމްސް އަދި ރިލިޖަންގެ އުސޫލުތަކަށް ތަބާވަން. އޭގެތެރޭގައި ފިރިހެނުންނާއި ވާހަކަނުދެއްކުންވެސް އޮވޭ...."ޒާދާ ތުންފިތައިލިއެވެ.
"އެހެންވިއްޔާ ދެން ސީދާ ޒާދާގެ ބައްޕަ ގާތަށް ވަލީ ހޯދަން މީހަކު ފޮނުވާނީ. އެގޮތް ރަގަޅުތަ؟"
ޒާދާއަށް އަނގަމަތީގައި އަތް އަޅައިލަމުން ލޯ ބޮޑުކޮށްލެވުނެވެ.
"އާ ޔޫ ކްރޭޒީ؟ އަހަރެން ނޫޅެމޭ އަދި މީހަކާއި އިންނަން...."
"އަހަރެން ބޭނުން. ޒާދާ..." ބާސިލް ޖެހިލުމެއްނެތި ބުނެލިއެވެ.
"އަހަރެން ބޭނުމެއްނޫން........."ޒާދާ ދެކޮޅުހެދިއެވެ.
"ކީއްވެ؟"
"ކޮންމެ ސުވާލަކަށް ޖަވާބުދޭކަށް ނުޖެހޭނެ. އަހަރެން އިންނާނީ މައިންބަފައިން ދެއްކި މީހަކާއި. އެރެންޖް މެރިޖެއްކުރާނީ. ދެން ރަގަޅުވާނީ އަހަރެންގެ ފަހަތުން ނޫޅުން. ސްޓޯކާ. ވަރަށް އުދަގޫ އެބަވޭ ނައިޓްމެއާއަކަށް ވެއްޖެ. ތީ ދެން ލޫޒާސް އުޅޭގޮތްދޯ. ރީއްޗަށް އެނގިއްޖެ އަހަރެން ލައިކްނުވާކަން. އެހެންވީމަ ދެން އުދަގޫކޮށްފިއްޔާ ފުލުހުންނަށް އަންގާނީ. ލާސްޓް ވޯނިން..."ޒާދާ ހިނގުން ބާރުކޮށްލީ މަހްރާގެ އަތުގައި ހިފައިލަމުންނެވެ. ބާސިލްގެ ފިޔަވަޅުތައް ހުއްޓުނެވެ. މި އަންހެންކުއްޖާގެ ދެކޮޅުހެދުންތަކުން ބާސިލްގެ ހިތުގައި އުފެދުނީ އެހެންކަހަލަ ޝުއޫރުތަކެވެ. ކޮންމެގޮތެއް ހަދާފައިވެސް ޒާދާ އޭނަގެ ހަޔާތަށް ގެންނަން ޖެހޭނެއެވެ. މި ޒުވާނާ އުޅޭގޮތުން ރަގަޅަށްވެސް ހިތް ބިރުގަންނާން ފަށައިފިއެވެ. ރަގަޅުމީހެއް ނަމަ މިހެން ފަހަތުން ނޫޅޭނެއެވެ. އޭނަ ނުރުހޭކަން އެނގޭއިރުވެސް ބިރުވެރި ފިލްމެއްގެ މަންޒަރެއްހެން ފަހަތުން ފެންނަނީއެވެ. އޭނަ މަންމައާއި މިވާހަކަ ހިއްސާކުރާނެއެވެ. މިފަދަ މީހުންގެ ވަނަވަރު ހޯދާ ފިޔަވަޅުވެސް އެޅެންވާނެއެވެ. އޭނަގެ ހިތުގައިވަނީ އިދްރާކް ނޫންހެއްޔެވެ؟ ހަޔާތަށް ގެންނާން އޭނަވެސް ބޭނުންވަނީ އަޚުލާގު ރަގަޅު ހަރުދަނާ ފިރިހެނެވެ. އިދްރާކް އެހުރިހާ ޝަރުތެއް ފުރިހަމަވެއެވެ.
***
ކާއިނާތު އޭނަގެ ޗެކަޕަށް ވަދެފައި ޑޮކްޓަރ އޮލީވިއާއާއި ސަލާމްކޮށްލިއެވެ. އޭނަގެ އިތުރު މައްސަލައެއް ނެތަސް މިއުމުރުގައި ޗެކަޕެއް ހައްދައިލުން ރަގަޅުވާނެކަމުގައި ދެކޭ ވާހަކަ ބުނެލިއެވެ. ކާއިނާތުގެ ނަޒަރު ހުއްޓުނީ އޮލީވިއާގެ މޭޒުމަތީގައި ހުރި ފޮޓޯއަށެވެ. ހީވާގޮތުން ފިރިމީހާއާއި ދެދަރިންނެވެ. ފިރިމީހާގެ މޫނުމަތިން ދަންނަގޮތެއް ފެނުނެވެ. އޮލީވިއާގެ ފެހިކުލައިގެ ރީތި ދެލޮލުން ވިސްނުންތެރިކަމާއި ހިތްހެޔޮކަން ފައުޅުވެއެވެ.
"ޕެޕްސްމިއާ އާއި އެއްޗެހި ހަދަން ޖެހެނީ މިހާރު ކެންސަރު ގިނަކަމުން އާދައިގެ ރޯގާއެކޭ އެއްވަރުވެއްޖެ..ކެމިކަލް ދުނިޔެއެއްގައި ވިއްޔަ އުޅެވެނީ...ކުރިން އެކަހަލަ ކަންތައްތަކާއިމެދު ނުވިސްނަން ދަރިފުޅުގެ އެކުވެރިކުއްޖަކު ކަށީގެ ކެންސަރުގައި ނިޔާވީ........."ކާއިނާތު ހިނިތުންވެލިއެވެ.
"އައިމް ސޮރީ އެބައުޓް ޔޯ ޑޯޓަސް ފްރެންޑް...ތިބުނިފަދައިން ކަން އޮތީ...އޯގެނިކް އެއްޗެހި ކެޔަސް އެހެން ގޮތްގޮތުން ކެމިކަލްއަށް އެކްސްޕޯސްވެފައި.."
ކާއިނާތު ޗެކަޕަށްފަހު ނިކުމެގެން އައިސް ކާރަށް އެެރިއެވެ.
***
ބާސިލްއާއި މާކް ދަނީޒްގެ ގަނޑުވަރެއްފަދަ ގޭގެ ޕޯޓިކޯގައި ތިބީ ކޮންމެވެސް މުހިއްމު ރޭވުމެއްގައެވެ. ދޫލައެއްފަދަ ބޯ ފެހި ވިނަގަނޑު ރީތިކޮށް ކޮށާލާފައިވާއިރު މާމެލާމެލީގެ ވާދަވެރި ރޫހެއް އެ ބަގީޗާގައި އޮތްފަދައެވެ. އާފަލު މާތަކުން ފުރިފައިވާ ގަސްދޮށުގައި ރަތާއި ރީދޫ ޓިއުލިޕްސްގެ އިތުރުން ތަފާތުކުލަތަކުގެ މާތައް ފޮޅިފައިވާއިރު ކޮކާތަކާއި ވުޑްޕެކާތައް އަދި ހެޖްހޮޖާއި ތަފާތު ވައްތަރުގެ ދޫނިތައް އެތަނުގެ ދިރުން އިތުރުކޮށްދެއެވެ. ތަނަވަސް ފެންޑާއާއި ދިމާލުން އެލުވިފައިވާ ވިސްޓީރިއާތަކުންވެސް ދެކޭ މީހުން އާޝޯޚުކުރުވައެވެ. އަނެއް ފަޅީގައިވާ ފެންސާއި ދިމާލުން ފެންނަނީ ބޮޑެތި ހައިޑްރަންގިއާތަކެވެ. ޕިއްޒާބޯއި ޕިއްޒާހިފައިގެން އައިލެއް ތަންކޮޅެއް ލަސްވުމުން ދަނީޒް ކުޑަކޮށް ހިތްހަމަނުޖެހިފައި ހުރެ މެހެރާޒްގެ މޭގައި އަތްއަޅާ ކޮށްޕާލާފައި އޭނަގެ އަތުގައި އޮތް ފިސްތޯލަ އަމާޒުކުރިއެވެ. މެހެރާޒްގެ މޫނުމަތިން ޖެހިލުންވުމުގެ އެއްވެސް ނިޝާނެއް ނުފެނުމުން ދަނީޒް ވަކިން ރުޅިގަދަވެ ބުމަ ގޮށްޖަހާލައިފިއެވެ. އޭނަދެކޭގޮތުގައި އެންމެންވެސް އޭނައަށް އަޅުވެތިވެ ބޯލަނބަންޖެހޭނެއެވެ.
"ސޮރީއޭ ބުނޭ ޔޫ ޑަމްބޭސް."
މެހެރާޒް މާފަށް އެދުނީ އިސްލާމްދީންގައި ރީތި އުސޫލަކަށްވީތީއެވެ. އޭނައަށް ހަގީގަތުގައިވެސް ދިމާވިކަމަކުން ގަޑިއަށް ޕިއްޒާ ފޯރުކޮށް ނުދެވުނީތީއެވެ. މާފަށް އެދުމަކީ އެމީހާ ނިކަމެތިވާކަމެއް ނޫންކަން ދަނީޒްއަކަށް ނޭގުނެވެ. ދަނީޒް ދުށީ ކާމިޔާބެއްގެ ގޮތުގައެވެ. ބައިކަށް އަރައިގެން ދުއްވާލިތަނާ ގޭގެ ޑްރައިވްވޭއަށް ވަދެގެން އައި ކާރަކާއި މުޑިނޭރީ ހަމަ ކިރިޔާއެވެ. މެހެރާޒް މާފަށް އެދިފައި އަވަހަށް ދުއްވައިލިއެވެ.
"މިގެއަށް އަލުން އަންނަން ނުޖެހުނިއްޔާ ހާދަ ރަގަޅޭ...މުއްސަދިން ނަރަކައިގާ ގިނަވަނީ ކިބުރުވެރިކަމުން ކަމަށްވާނީ..."މެހެރާޒް މިސްރާބުޖެހީ ދެން އޮތް އެޑްރެހަށެވެ.
***
"ކޮންމެހެން ދާންޖެހޭ ޓްރިޕަކީތަ އަދްރިއަން؟" ކާއިނާތު ހުރީ ހިތްހަމަނުޖެހިފައެވެ.
"އާނ ސެމިނާރަކަށް މިދަނީ. އެންމެ ވީކަކަށް. އަންޑަސްޓޭންޑްވެބަލަ. ވަރަށް މުހިއްމުކަމެއްގައި މިދަނީ. އެހެންނޫނަސް އަހަރެމެންގެ ޓީމަކުން ހާދަ މަސައްކަތް އެބަކުރަމޭ ކެންސަރއަށް ފަރުވާއެއް ހޯދަން..."
"މިހާރުވެސް ފަރުވާ ހޯދިފައި އޮންނާނީ. ރަގަޅަށްވިއްޔާ ފަޅޮލުގެ ފަތް ފެނުގައި ކައްކައިގެން ބޮއިގެން ތި ބަލި ފަސޭހަވާނެ. އެކަމަކު އޭރުން މެޑިކަލް މާފިއާ ހުއްޓުމަކަށް އަންނާނެ. ކީމޯކަހަލަ އަގުބޮޑުބޭސް ދީގެން އިތުރަށް މީހުންގެ ހަށިގަނޑަށް ގެއްލުންދީ މީހުންގެ ދުވަސް ދުއްވައިލަނީ. އައި ކާންޓް ޓްރަސްޓްދެމް. ނޮޓް އެނީ މޯ....އެރީންގެ މަރަށްފަހު..........."ކާއިނާތު ޖަޒުބާތީވިއެވެ.
"އައި ނޯ...ކައި ތި މައްސަލަޖައްސަނީ އަހަރެން ފުރާތީ..."
"ދެ އަންހެންކުދިނަށް ހިމާޔަތްދޭނެ މީހަކު ދެން ކޮބާ؟"
"ﷲ ވިލް ޕްރޮޓެކްޓް ދެމް........." އަދްރިއަން ޔަގީންކަން އޮތެވެ."އަސަލް ކުދިން ކޮލެޖަށް ގެންގޮސްދޭނެ..."
"އާނ ދެން އާދޭސްކުރިޔަސް އަދްރިއަންގެ ނިންމުން ބަދަލެއްނުކުރެވޭނެ..."ކާއިނާތު ރުޅި މޫނަކާއިއެކު ބާރުބާރަށް ހިނގާފައި ނުކުތްއިރު ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. މާ އަވަހަށް މުސްކުޅިވަނީކަމަށް ވެދާނެއެވެ.
***
ކާއިނާތުއަށް ރިޕޯޓްލިބުމުން ހިތަށް ހަމަޖެހުމެއްލިބުނެވެ. އަދި އިއްދައިން ކެނޑޭކަށް ނޫޅެއެވެ. ކެންސަރު ސްކްރީނިން ހުރިހާ ޓެސްޓްތަކެއް ރަގަޅެވެ. ލިބުނު ހިތްހަމަޖެހުމާއެކު ގަސްތަކުގެ ތެރެއަށް ނުކުމެފައި ދީނީ ފޮތެއް ކިޔައިލަން ނިންމިއެވެ. މިހާ ދުވަސްވީއިރުވެސް އަދި ރަސޫލު ސައްލަﷲއަލައިހި ވަސައްލަމްގެ ސީރަތުވެސް ނުކިޔެއެވެ. މުސްލިކަމަށްވެހުރެ އިސްލާމީ ތާރީޚުނޭގުމުން އަމިއްލަ ނަފުސާއިމެދު ލަދުވެތިވިއެވެ. ކުދިންގެ އިންތިޒާރުގައި ހުއްޓާ ރާހާ އެކަނި ގެއަށް އައިއިރު އެކުއްޖާއަށް ހުރީ ރޮވޭވަރުވެފައެވެ. ފައިގާ ރިއްސައިގެން ކުޅަދާނަނުވެގެންނެވެ. ކާއިނާތު އަވަހަށް އައިސްޕެކެއް ހިފައިގެން އައެވެ. އައި ތަދުވާބޭސްގުޅައެއްވެސް ކާންދިނެވެ.
"މިއަދުވެސް ވެއްޓުނީތަ؟"
ރާހާ ބޯ ޖަހައިލިއެވެ.
"ކޮބާ ޒާދާ؟"
"ފިހާރައަކަށްގޮސް ހެދުމެއް ގަނެގެން އަންނާނަމޯ ފްރެންޑަކާއެކު..." ރާހާގެ ލޮލުން ކަރުނަ ތިއްކަކަށްފަހު ތިއްކެއް އަންނަމުން ދިޔައެވެ. ކާއިނާތު ޒާދާގެ ފޯނަށް ގުޅިއިރު ނަސީބަކުން ގުޅެއެވެ. ނަމަވެސް ފޯނެއް ނުނަގައެވެ. މަހްރާއަށް ނޭގި ޒާދާ އެއްވެސް ތަނަކަށް ނުދާނެކަން ޔަގީންވެހުރެ މަހްރާއަށް ގުޅުމުން ލިބުނީ ނާއުއްމީދީ ޖަވާބެކެވެ. ހިތަށް ތަސައްލީއެއް ލިބޭނީ ޒާދާ ހުރިތަނެއް ޔަގީންވުމުންނެވެ. އަދްރިއަންއަށް ގުޅުމުންވެސް ފޯނުނަގާގޮތެއްނުވިއެވެ. ކާއިނާތުއަށް ހުރިހާ ބާރެއް ލެވުނީ ދަތްތަކަށެވެ. އެއްކޮޅުން ކުޑަ ދަރިފުޅު މިއުޅެނީ ވޭނެއްގައެވެ. އަނެއްކޮޅުން ދަރިފުޅަށް ވީނުވީއެއް އެނގެނީއެއް ނޫނެވެ.
"ޑޮކްޓަރަށް ދައްކަން ދާނީ..ފައިގާ ދުޅަތަނެއްވެސް އެބައޮތް...."ކާއިނާތު އެހެން ބުނުމުން ރާހާގެ އަޑު ވަކިން ބާރުވިއެވެ.
"ނޫން ނޫން ޕްލީޒް މަންމި ނުގެންދޭ. އައިމް އޯކޭ ނައު.. އެއީ ތަނެއްގައި ޖެހިފައި........"ބާރަށް ރޮއިފާ ރާހާގެ އަޑު މަޑުވިލެއް އެހާ އަވަހެވެ.
ނުނިމޭ