މިއީ މިކާލް އޭނަ ކައިރީ ފައުޅުނުކުރަން ވައުދުވެފައިވާ އެންމެ އަގުހުރި ސިއްރެވެ. އޭނަގެ މަރާއި ދިރިހުރުމާއި ގުޅިފައިވާ ކަމެއްގެ ގޮތުގައި އޭރު މިކާލް ބުނެފައިވިއެވެ. މިހާރު ހަޔާތީއަށް މިކާލް ދިރިހުރުން މުހިއްމެއްނޫނެވެ. އެ ނުބައިނުލަފާ މީހާ ދަންޖައްސާ މަންޒަރު ފެނިގެން ނޫނީ ހިތުގައިވާ ކެކުޅުންތަކަށް ލުޔެއް ނުލިބޭނެއެވެ.

"އޭރުން އިނގޭނެ މިކާލް ޔާސިރު ސިއްރުތައް ފޮރުވަން ކުޅަދާނައީ ކިހާވަރަކަށް ކަމާއި އޭނަގެ ހަގީގަތަކީ ކޮބާކަން. ދުނިޔެއަށް ސިއްރުކުރާނީ ޔަގީނުންވެސް ބޮޑުކަމެއްވީމައެއްނު........ހީޒް އެ ކިލާ. އިސްލާމިކް ސްޓޭޓް ޓެރަރިސްޓެއް. ރާއްޖޭގެ ސަރުކާރަށްވެސް ނޭގި އޮޅުވާލައިގެން އޭނަ އުޅެނީ.......އައި ނޯ ވެއާ ހީ ކީޕްސް ހިޒް ސިކްރެޓްސް ލޮކްޑް އަޕް..........."

މިކާލްގެ ހަގީގަތް ނިއުޅެމުން ދިޔުމާއިއެކު އެންމެނަށް ޝޮކެއްލިބި ހައިރާންކަމާއިއެކު ބަލަން ތިބެވުނެވެ. އޭގައި މިކާ ޔިސްރާއީލް ނަމަކަށް ކިޔާ އިޒްރޭލް ރައްޔިތެއްގެ ޕާސްޕޯޓް އޮތެވެ. އަދިވެސް މުހިއްމު ލިޔުންތަކާއި ސީޑީތަކާއި އެއްޗެހި ހުއްޓެވެ. ސިއްރު ކޯޑްތަކާއި އެހެން ބަސްތަކުން ލިޔެފައިވާ ލިޔުންތަކެވެ.

މިކާލް ލައްވާ އެދުލުން ހަގީގަތް ބުނުވުމަކީ ހިލައިގެން ފެން ނެރުންފަދަ ކަމެކެވެ.

ފުލުހުން ދެން ވަދެގަތީ މިކާލްގެ ބައްޕަމެން ދިރިއުޅޭ ބަޔަށެވެ. އެގެއަށްގޮސް މިކާލްގެ ބައްޕައައި ސުވާލުކުރަން ފެށުމުން ކޮންމެވެސް ވަރަކަށް ސިއްރުތައް ފެނުން މައްޗަށް އެރިއެވެ.

މިކާލްގެ މަންމައަކީ ފަލަސްތީނު އަންހެނެކެވެ. ނަމަވެސް ފަލަސްތީނު މުސްލިމަކަށް މޮސާޑް އެޖެންޓަކަށް ވުމަކީ ވެވޭނެކަމެއް ނޫނެވެ. ވީއިރު މިކާލްގެ ސިއްރުތަކަކީ ކޮބާހެއްޔެވެ؟ ތިޖޫރީއިން ފެނުނު ޕާސްޕޯޓާއި ބެހޭގޮތުން މިކާލްގެ ފަރާތުން އެއްވެސް އެއްޗެއް އޮޅުމެއް ނުފިލިއެވެ.

 

ހަޔާތީ ލާވީ ބާތުޓަބަށް ލާންވެގެން އުޅުމުން ރޯވައްތަރު ދައްކާލައިފިއެވެ. ކޮންމެފަހަރަކު ލާވީ ފެންވަރުވާ ކާންދޭންޖެހެނީ ހަޔާތީ މަސައްކަތްކޮށްގެންނެވެ. ލާވީ ފެންގަނޑުގައި ދެއަތުން ތަޅައިގަތެވެ.

"ލާވީ ބޭނުމެއްނޫން ބާތްޓަބަށް އެރެން..."

"އޯކޭ ދަރިފުޅު ބޭނުންގޮތެއް. އެކަމަކު ފެންނުވަރަންޏާ ޖާމްސްތައް ހުންނާނެ.....ކައި ބޭބެ ބުނީ ކީކޭތަ... ދަރިފުޅު ބަސްއަހަންވާނެއޭ ދޯ...."

"މަންމީ. ކޮބާ މިކާ ބޭބެ.." ކުއްލިއަކަށް ލާވީ ކުރި ސުވާލަކުން ހަޔާތީގެ ގައިގާ ރޯވިފަދައެވެ. ކުއްލިއަކަށް ލާވީގެ ދެއަތުގައި ހިފާ ބާރުކޮށްލެވިއްޖެއެވެ.

"ލާވީ. ދުވަހަކު އެ މޮންސްޓާގެ ނަން ނުކިޔާތީ. އެއީ މިކާ ބޭބެއެއް ނޫން. އެއީ މޮންސްޓާއެއް.އެނގިއްޖެތަ ދަރިފުޅު.. ބައްޕަ މަރައިލީ އެ މޮންސްޓާ. ބައްޕައަށް ހާޓްކުރީ އެމޮންސްޓާ....." ހަޔާތީ ލާވީއަށް ވިސްނައިދޭފަދަ ގޮތަކަށް ބުނެލުމުން ލާވީ ބޯ ހޫރާލައިފިއެވެ.

"ނޫން. ޑެޑިއަށް ހާޓްކުރީ މާސްކްމޭން. މިކާ ބޭބެ. ހީ ސޭވްޑް މީ ފްރޮމް ދަ ބޭޑް ޕީޕްލް...." ލާވީގެ ޖުމްލައިން ހަޔާތީގެ ދެލޯ ބޮޑުވިއެވެ. އޭނަގެ ދަރިފުޅު ދުވަހަކުވެސް ދޮގެއްނަހަދާނެއެވެ. ނަފްސާނީގޮތުން އަސަރުކޮށްފައި ހުއްޓަސް ލާވީގެ ވިސްނުންތޫނުކަމަކީ އެ އުމުރުގެ އެހެން ކުދިންނާއި ބަލާއިރު ފާހަގަކުރެވޭ ކަމެކެވެ.

"މާސްކް މޭން ދުވެފައި އައީ ގަން ހިފައިގެން. މިކާ ބޭބެ ފަހަތުން އައިސް ލާވީ އުރާލައިގެން ދުއްވައިގަތީ......"

"އޯ..........ދަރިފުޅު..." ހަޔާތީގެ ހިތް އަވަސްވިއެވެ.

"ޔަ މަންމީ. މިކާބޭބެ އިޒް ސޯ ގުޑް"

ލާވީގެ ވާހަކަތަކާއިއެކު ހަޔާތީގެ ހަނދާނުގެ މަޑިކިލަބުގައި ފިޔަޖަހައިލީ އަމްރާންއަށް ހަމަލާދިން ދުވަހުގެ މަންޒަރެކެވެ. ހަޔާތީގެ އަތުގެ ހޫނު އެތިފަހަރެއް މިކާލްގެ ކަންކަށިމައްޗަށް އަރުވާލިގޮތެވެ. މިކާލްގެ މޫނަށް ވެރިވި ކުލަތަކެވެ. އެ އަސަރުތައް އަދިވެސް ހަޔާތީގެ ހިތަކުން ނުފިލައެވެ. އެ ވަގުތުކޮޅުވެސް އަބަދަށް ހިތުގައި ކުރެހިފައިވާނެއެވެ.

"ހައު ޑެއާ ޔޫ. އަދި އެހާ ބޮޑު އަނިޔާއެއް ދީފައި އެބަ އަހައެއްނު ކިހިނެއް ހެއްޔޭ........." ހަޔާތީގެ ލޮލުން ރުޅިވެރިކަމުގެ ކުލަ ފެނުނެވެ.

"އަހަރެން މިއައީ އެހެން ބުނަން ވެގެން. މަށެއްނޫން ޝޫޓްކުރީ. އައިމް ސޮރީ ހަޔާތީ. އައި ޑިޑްންޓް ޑޫ އިޓް. އިޓް ވޮޒްންޓް މީ.. ގަބޫލުކުރޭ.............."

ވީއިރު އަމްރާން ގަޔަށް ބަޑިޖަހާ މަރައިލީ މިކާލް ނޫން ދެން ކާކުހެއްޔެވެ؟ ޒަހީންއާއިމެދު ސަޖަލް ދެއްކި ވާހަކަތައް ހަދާންވެ ހަޔާތީގެ މެޔަށް ފިނިވެއްޖެއެވެ. މިކާލް ޖަލަށްލާފައި އެހެރީ އެއްވެސް ކުށެއްނެތި ހެއްޔެވެ؟ މިކާލް އެއްބަސްވީ ކީއްވެހެއްޔެވެ؟ ނޫސްތަކުގައި އޮތީ މިކާލް އެއްބަސްވީކަމުގައެވެ. އަމްރާން މަރައިލީ އޭނަ ކަމުގައެވެ. ލާދީނީ ވީމަކަމުގައެވެ. އެކަމަކު..............

 

އަޒިކިއަލް ފުލުސް ސްޓޭޝަނަށްގޮސް އަމިއްލައަށް ފުލުހުންނާއި ހަވާލުވިއެވެ. އަމްރާން މަރާލަން ހުރިހާ ޕްލޭނެއް ކުރުވީ އޭނަކަމަށް އެއްބަސްވިއެވެ. މިކާލްގެ ކުށެއްނެތި އޭނަ އެޒިންމާ ނަގަން ހިތްވަރު ހުރިއްޔާ ހަގީގީ ކުށްވެރިންނަށްވެސް އެހިތްވަރު ލިބެންވާނެއެވެ.

 

ކާޒިމް މިކާލް ހައްޔަރުކޮށްފައިވާ ކޮޓަރިއަށް ވަންއިރު މިކާލް އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ކަޅުކުލައިގެ ޓީޝާޓަކާއި ނޫ ސޯޓެއްލައިގެން ހުރިއިރު ފެންވަރާ ތާޒާވެލައިގެންނެވެ. ރައީސްގެ ޚާއްސަ އަމުރުގެ ދަށުން މިކާލްއަށް ވީއައިޕީ ޚިދުމަތްލިބެއެވެ. ކޮޓަރީގައި ނުލިބޭ ޚިދުމަތެއް ނެތެވެ. މާލޭގައި އާދައިގެ މީހުންނަށްވެސް އެފަދަ އަރާމުކޮށް އުޅެވޭނެ ފުރުސަތެއް ތަނަވަސްވެފައެއްނެތެވެ.

"މިކާ ޔިސްރާއިލް......އަސްލު މިކާގެ ނަމަކީ އެއީ ދޯ......"

"ހެހެ..." މިކާލް ހީލިއެވެ.

"ހީކުރިވަރަށް ވުރެވެސް ސިއްރުވެރި. އަހަންނަށް އޮޅުވާލަން އޭރު ހުރީ އިސްލާމިކް ސްޓޭޓު މުޖާހިދަކަށްވެގެން. އެކަމަކު ފައިނަލީ މިއެނގުނީ ހަގީގަތުގައި މޮސާޑްކަން......މިކާ. ހޫ އާ ޔޫ.............." ކާޒިމްގެ ހިތުގައި ކުރިއަށްވުރެ ބޮޑު ޝައުގެއް ދެވުނެވެ. ބަލަން އިނީ އިހުތިރާމް ކުރާފަދަ ނަޒަރަކުންނެވެ. މިފަދަ ޑަބަލް ދިރިއުޅުމެއް ރާއްޖޭ އެހެން މީހަކު އުޅެފައިވާކަމެއް ނޭގެއެވެ.

މިކާލް ތެދުވެގެންގޮސް ކޮފީ ހަދައިގެން ގެނެސް ކާޒިމްއަށް އެއް ތަށި ދިއްކޮށްލިއެވެ.

"ޔަގީން ޒަހަރު ނާޅާކަން؟ " ކާޒިމް ބުމަ ހިއްލައިލިއެވެ.

"ތީ އެކުވެރިންނަށްޓަކާ ޒަހަރުވެސް ބޮއިފާނަމޭ ބުނާ މީހެއްނު ކާޒް........."

"ކިހިނެއް އެންމެ ކައިރީގައި ތިބޭމީހުންނަށްވެސް އިތުބާރުކުރާނީ. އެއްވެސްމީހެއްގެ ހަގީގަތެއް ނޭގޭނެ. ރެން މަރައިލީ އެންމެ ކައިރީގައި ތިބި މީހުން ކެހިދީގެނެއްނު. އެހެންނޫންނަމަ އެހާ ފަސޭހައިން ކިހިނެއް އެފަދަ ބޮޑު މިޝަންއެއް ހިންގޭނީ.........މިކާ ޓެލް މީ އެވްރީތިން....."

"ކާޒް. އަޑުއަހާ. ...އެންމެ ފުރަތަމަ އަހަރެންގެ ކާފައަކީ މޮސާޑް އެޖެންޓެއް. ކާފަމެންގެ ޒަމާނުގައި އެމީހުން ތަމްރީނުކުރުވާފައި ފޮނުވީ ފަލަސްތީން އަރަބިންނާއިއެކު އުޅެ ޖާސޫސްކުރުވަން. މޮސާޑް އެޖެންޓުން ތަމްރީނު ކުރުވާފައި ފަލަސްތީންގެ މީހުންނާއި ކައިވެނިކޮށް ދަރިން ހޯދާ އަރަބިންނާއިއެކު ދިރިއުޅެންފެށީ. އެތަނުގައި ވިޔަފާރިކޮށްގެން އަރަބިންކަމަށް ހެދިގެން. އަރަބިންނަކަށް އެމީހުންގެ ނިޔަތެއް ނޭގޭ. ފަތަހަ ޖަމާއަތް އެސްޓޭބްލިޝްވުމުން އެމީހުންގެ ވާހަކަ މޮސަޑްއަށް އަންގާދިނީވެސް ކާފަމެން. ޔާސިރު އަރަފާތާއި އަބޫ ޖިހާދު މަރައިލަން ޕްލޭންކުރި މީހުންގެ ތެރޭ ކާފަމެންގެ ގްރޫޕްވެސް ހިމެނޭ......."

 

"އަހަރެންގެ މަންމަ ނިޔާވިއިރުވެސް މަންމައަކަށް ކާފައަކީ މޮސާޑް އެޖެންޓެއްކަމެއް ނޭގޭ. އަދި ކާފަ އިޒްރޭލް ޔަހޫދީއަކާއި ކައިވެނިކޮށްގެން ދަރިން ތިބިކަމެއް ނޭގޭ. މަންމަ ރާއްޖެ އައުމަށްފަހު އާއިލާ ކައިރިއަށް ދާކަށް އެހާ ފަސޭހައެއްނުވި ވިއްޔަ..........."

"ކާފަމެން ރިކުރޫޓް ކުރުމަށްފަހު އެމީހުން ބޭތިއްބީ ޖާފާގައި ހުންނަ ސިއްރު އެޕާޓްމެންޓެއްގަޔޯ. ގާތްގަނޑަކަށް އަހަރަކާއި ދޮޅު އަހަރެއްހާ ދުވަސްވަންދެން އެތަނުގައި ޓްރޭނިންދިން. އެމީހުންނަށް އިސްލާމްދީން އުގަންނާދީ ކަވަސްޓޯރީތައް ދަސްކޮށް ޖާސޫސް ކުރުމުގެ ހުރިހާ އުކުޅަކާއި ސަބޮޓޭޖްކުރާނެގޮތް ބުނެދިން....އޭރު އެ ގްރޫޕްގެ ބައެއްކުދިންނަށް ވިހި އަހަރުވެސް ނުވޭ. އެއީ ބްރޫޓަލް މިޝަންއެއް. އުދަގޫ ދުވަސްތަކެއްކަމަށް ކާފަ ބުނުއްވީ. ޔުނިޓް ޑިރެކްޓަރ ބުނިކަމުގައިވޭ. އޭނަ އެކުދިންގެ މެއިލްތައް އާއިލާތަކަށް ގެންގޮސްދިނީމަ މަންމައަކު ވަރަށް އާދޭސްކުރިޔޯ. ލެޓް މީ ސީ ހިމް. އިވެން ފޯ ޓޫ މިނިޓްސް. އީވެން އޮންދަ ސްޓްރީޓް. އީވެން ފްރޮމް ފާ އައި ޖަސްޓް ވޯންޓް ޓު ނޯ މައި ބޯއި އިޒް އޯކޭ. ވަރަށް ކަރުނަ އޮއްސިކަމުގައި ވަނީ. އެކަމަކު މަންމަމެން ކިތަންމެ އާދޭހެއްކުރިޔަސް ނިއު އައިޑެންޓިޓީއަކަށް އެކުދިން ބިނާކުރަމުން ދިޔައިރު އެކަމަށް ހުރަސް އެޅޭކަށް ނޯންނާނެތާ. ކާފަމެން ޕްރިޓެންޓްކޮށްގެން ތިބީ އަދި އާއިލާއިންވެސް ކާފަ އާއިމެދު ދެކުނީ ވަތަނީ އަދި އިޒްރޭލާއި ޔަހޫދީންނަށް އިންތިހާއަށް ނަފްރަތުކުރާ ފަލަސްތީން މީހުންކަމަށް....."

 

"ފަތަހު ޖަމާއަތް އުފެދިގެން އައިކަން އިޒްރޭލަށް ފުރަތަމަ އެނގުނީވެސް ކާފަމެންގެ ފަރާތުން...އޭރު އިޒްރޭލު އެޖެންޓުންނަށް ޔާސިރު އަރަފާތުއާއި އަބޫ ޖިހާދުއަކީ މާ އެނގޭ ނަންތަކަކަށްވެސް ނުވޭ. އިޒްރޭލް ނައްތާލާފައި ފަލަސްތީން ދައުލަތެއް ބިނާކުރުމާއި ބެހޭ ޕްލޭންތައް ރާވަން ބައްދަލުކުރި އެޕާޓްމެންޓަކީވެސް ކާފަ ހިފާ ދިންތަނެއް. އެޕާޓެމެންޓްގެ ފާރުގައި ހަރުކޮށްފައިވާ މައިކްރޯފޯންސްތަކުން އިޒްރޭލްގެ ސަވައިލެންސް ޔުނިޓްމީހުން ހުރިހާ ވާހަކަތަކެއް އަޑުއެހި....."

މިކާލްގެ ވާހަކަތަކުން ކާޒިމް އިނީ ހައިރާންވެ ބުނާނެ އެއްޗެއް ނެގިފައެވެ.

މިކާލްއަށް ކާފައާއި ދިމާވެގެން މޮސާޑްއިން ފުރުސަތު ލިބުނެވެ. އޭނަ ކުޅެން ބޭނުންވީ އަދި އެހެން ކުޅިގަނޑެކެވެ. ކާފަ ޔަހޫދީއެއްގެ ގޮތުގައި އިޒްރޭލަށް ޖާސޫސްކޮށްދޭން ފަލަސްތީންގެ އަރަތްބަކަށްހެދި އޭނަގެ މާމައާއި ކައިވެނިކޮށް ފޭކް އައިޑެންޓިޓީއެއް ހެދި ހެދުމުގެ ސަބަބުން އޭނައަށް މޮސާޑުން ހުޅުވުނު ދޮރަކަށްވިއެވެ. އޭނަ ބޭނުންވީ މޮސާޑްމީހެއްކަމަށް ހެދިގެން ހުރެ ފަލަސްތީންގެ ވެރިން ހިމާޔަތްކުރަށެވެ. މޮސާޑުން އެސެސިނޭޓްކުރަން އަންގާ މީހުންނަށް އޭނަ ސިއްރުން ގުޅާ އެމީހުންގެ ސަލާމަތްކަން ހޯދަން ކުރިއްސުރެ އަންގައެވެ. މޮސާޑުން އޭނައަށްވަނީ އެހެން ގައުމުތަކުގެ ޕާސްޕޯޓް ކްލޯންކޮށްދީފައެވެ. އަދި ސިފަބަދަލުކޮށްގެން އެކި މީހުންގެ ގޮތުގައި އުޅުމަކީ އޭނައަށް ދަސްވެފައިވާ ކަންތަކެވެ. މިހާރު ދެން ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާ އެމީހުންވަނީ ސައިބާއެޓޭކްފަދަ ހަމަލާތައް ދޭންވެސް ފަށާފައެވެ.

"ސުބުހާނަﷲ..........އަހަންނަސް ގަބޫލެއްވެސް ނުކުރެވޭ އަހަރެން މިއިނީ މޮސާޑް އެޖެންޓެއްގެ ކުރިމަތީކަން.........." ކާޒިމް ދެލޯ ބޮޑުކޮށްލިއެވެ.

"އެމީހުންގެ ތެރޭ ހުރެ އެކުޅިގަނޑު ކުރިއަށް ގެންދަނިކޮށް ބަސްޓްވީ. ވަގުތުން އަހަރެން ޖަލަށްލާފައި ކިތައް އަހަރުވާންދެން އެމީހުންގެ އަނިޔާވެރިކަމުގެ ރަހަ ދެކެންޖެހުނު. ހަގީގަތަކީ ފަލަސްތީންގައި އޮންނަ ވާދަވެރި ދެ ޖަމާއަތް ފަތަހު އަދި ހަމާސްއަށްވެސް އަހަރެން މަސައްކަތްކޮށްދިންކަން. ބޮމާއި ރޮކެޓް ހަދައިދީ އެމީހުންނާއިއެކު އުޅެ ކިތަންމެ ހަމަލާތަކެއް އިޒްރޭލަށް ދިން..ގާތްގަނޑަކަށް ހަތަރު އަހަރުވާންދެން އިޒްރޭލް ޖަލުގައި އޮވެފައި ސަލާމަތްވީ. އެވެސް ކާފަ ބާރު އަޅައިގެން. ކާފައަކީ އެމީހުންގެ ކައިރީ ގަދަރު ހުރި މީހަކަށްވީމަ އެމީހުންނަށް އަހަރެން ޣައްދާރުވިއޭ ކިޔާފައި ގަތުލުކޮށްލާކަށް ނުކެރުނު....................."

"ވަޓް އެބައުޓް އިސްލާމިކް ސްޓޭޓް؟ އެމީހުންނަށް ހެލްޕުނުވަންތަ؟ " ކަޒިމް އެހިއެވެ.

"ވަކި ގްރޫޕަކަށްވުރެ އަހަރެން ވިސްނީ އަބަދުވެސް އިސްލާމްދީނުގެ ޚިދުމަތުގައި ހުންނަން ކަން ނޭގޭ. މުސްލިމުންނަށް ހަމަލާދޭކަށް އަހަރެން ގަބޫލެއްނޫން. ކޮންމެ ގްރޫޕަކަށްވިޔަސް އަހަރެން މަސައްކަތްކޮށްދިނީ ހަގުރާމަ ކުރާ ތަންތަނުގައި ހާލުގައި ޖެހޭ މީހުންނަށް އެހީތެރިވެ ކާފަރުންނާއި ދެކޮޅަށް ހަމަލާދޭން އަހަރެންގެ ހުނަރު ބޭނުންކުރުން. އެތަނުންވެސް ސީރިޔާގެ ބައްޝާރުގެ ސިފައިންގެ އަތްދަށުވެ އެމީހުން އަހަރެން ހައްޔަރުކުރި. އަހަރެން އަމިއްލައަށް ސުއިސައިޑް ހަމަލާއެއް ދިންކަމަށް ހަދަން ވީޑިއޯވެސް ނެގި. އެންމެނަށް ޔަގީންކޮށްދިނީ އަހަރެން މަރުވިކަން. ނަސީބަކުން ވަރަށް މަސައްކަތުން އަހަންނަށް އެމީހުންގެ އަތްދަށުން ސަލާމަތްވެވުނީ. އަލިކަން ނުފެނި ހޮހަޅައެއް ކަހަލަ ތަނަކަށް ލަފައި އެތައް މަހަކަށް ބޭއްވި. ނަމަވެސް އަހަރެން ހިތްވަރު ހޯދީ ހަމައެކަނި އަހަރެންގެ ވެރި ރަސްކަލާނގެ ފަރާތުންކަން ކާޒްއަށް އެނގޭތަ؟ "

"ކޮންމެގޮތެއް ވިޔަސް އަހަރެން ލޭބަލްކޮށްފައިވަނީ ހަމާސް ޓެރަރިސްޓެއްގެ ގޮތުގައި. ކާފަގެ ހުރުމަތައްޓަކާ ޖަލުން ދޫކޮށްފައި ބެހެއްޓިޔަސް އަހަންނަށް މޮސާޑްގެ ގޮތް ރަގަޅަށް އެނގޭ. އެމީހުން އަހަރެންގެ ހުރިހާ ހަރަކާތްތަކަށް ފާރަލާނެ. ދޭ ވިލް ބީ ހަންޓިން ފޯ މީ.........."

"އެމީހުންނަކަށް ރާއްޖެއަކަށް ނޭރޭނެ. ޓްރަސްޓްމީ. ޔަހޫދީންނަކަށް މިފަސްގަނޑުން ޖާގައެއްނެތް....."

"ކާޒް. މިބުނީނު އެމީހުން ފަލަސްތީން މީހުންގެ ނަމުގައިވެސް އެބަތިއްބޭ"

"މޮސާޑު އެޖެންޓުން ސީރިޔާ އިރާން ފަދަ ތަންތަނަށްގޮސް ހަމާސް އޭވިއެޝަން އަދި ރޮކެޓް އިންޖިނޭރުން އެސެސިނޭޓްކޮށްލި. އަދި އެނގޭތަ؟ އީރާންގެ ނިއުކުލިއާ ސައިންޓިސްޓުންގެ މީހުން އެކިފަހަރު މަތިން އަވަހާރަކޮށްލާފައި އެބަހުރި.. އެކަމަކު އަހަރެން އެފަދަ ކިތައް މީހުންނެއް ސަލާމަތްވެސް ކޮށްދިނިން. އެހެންނޫންމަ ލިސްޓު މާ ދިގުވާނެ................................" މިކާލް ބުނެލިއެވެ.

"ހޫމމް....." ކާޒިމްވެސް ނިތްކުރީގައި ފިރުމައިލީ ކަންބޮޑުވެފައިވާފަދަ ގޮތަކަށެވެ.

"ވީ ނީޑް ޕީޕްލް ލައިކް ޔޫ އިން ދިސް ކަންޓްރީ. ވީ ނީޑް މޯ ގުޑް ޕީޕްލް..."

"ކާޒް ބްރޯ. މިތާ އޮތީ އެންމެ މައްސަލައެއް. އަހަރެމެންނަކީ ޓެރަރިސްޓެއްކަމަށް ދެކޭނެ އެހެން ގައުމެއްނެތް. އަހަރެމެންނާއި އަދާވާތްތެރި ބަޔަކު ނެތް. މިތާކު ނެތް އެމީހުން މަރައިލަން ބޭނުންވާފަދަ މީހެއް..ވީމަ ކުރާނެ އެކަހަލަ މާ ބޮޑު މަސައްކަތެއް ނީންނާނެ. އެކަމަކު........ މޭބީ މިހާރު ކާޒް ތިއުޅޭގޮތުން ކާޒް މަރާލަން ހަމަ ފޮނުވާލަފާނެ ދޯ ހެހެ....އާހް...އަމްރާންވެސް......." މިކާލްއަށް ބުނެވުނެވެ.

"ހީ ވޯޒް މާޑާޑް ބައި ހިޒް މެން....."

"ޔަގީންތަ؟ "

"ޔެސް........"

"ކާކު އަޒިކިއަލްތަ؟ " މިކާލް ބުމަ ކައިރިކޮށްލަމުން އަހަލައިފިއެވެ.

"އަމިއްލައަށް އެއްބަސްވެގެން މިކާ ތިކުޅެނީ ކޮން ކުޅިގަނޑެއްކަން ބުނެބަލަ. ބީ އޮނެސްޓް. ކީއްވެ މިކާ އެއްބަސްވީ؟ އަމްރާން އެސެސިނޭޓް ކޮށްލިކަމަށް މިކާ އެއްބަސްވެ ޖަލަށް އަންނާންޖެހުނު ސަބަބަކީ ކޮބާތަ؟ ޓެލްމީ. ތީ ކޮންކަހަލަ ކަމެއް. ނުކުރާ ކުށަކަށް އަދަބު ލިބިގަނެ ހަގީގީ ކުށްވެރިން ފޮރުވަންތަ. ނޫނީ އެހެން ސަބަބަކާހެދިތަ.................................." ކާޒިމް ސުވާލުކުރިއެވެ.

"އަމްރާން އެސެސިނޭޓް ކުރި ދުވަހު އަހަރެން ހޮސްޕިޓަލަށް ދިޔައިން. ހަޔާތީ އައި ދިމާވި. ހަޔާތީ ގާތު ބުނިން އަމްރާންގަޔަށް ބަޑިޖެހީ އަހަންނެއް ނޫނޭ. ޝީ ޑިޑްންޓް ޓްރަސްޓް މީ. ފަހުން ހިތަށް އެރި އެއްޗެއް އެނގޭތަ؟ އަހަރެން ކުށްވެރިއެއްގެ ގޮތުގައި ޖަލުގައި ހުރިއްޔާ ހަޔާތީއަށް މާ ރަގަޅުވާނެއޭ. ހަޔާތީ ހުރީ ކުށްވެރިޔާ ނޭގިގެން ފްރަސްޓްރޭޓްވެފައި. ކުށްވެރިޔާއަކީ ކާކުކަން އޮޅުން ފިލީމަ ބޮލަށް ފަސޭހަވާނެއްނު. ސްޕެސިފިކަލީ ރުޅި ބާލާނެ މީހެއް ހުރެއްޖެއްޔާ...... ކުށެއްނެތްކަން އެނގި ހަޔާތީ އެނބުރި އަހަރެން ގާތަށް އަތުވެއްޖެނަމަ...........ހަޔާއަށް ރަގަޅު ލައިފެއް ނުހޯދޭނެ. އަހަންނަކީ ޓެރަރިސްޓެއް. މޮސާޑް އެޖެންޓުން އަހަންނަށް ހަންޓްކުރާނެކަމީ ޔަގީންކަމެއް. އެހެން މީހުންނަށް ޝައްކުވެސް ނުވާގޮތަށް މަރާލާނީ. އަހަރެން މިހިރީ މޮސާޑަށް މީހަކު ވާނެ އެންމެ ބޮޑު ޚިޔާނާތްވެފަ. އެމީހުންގެ ސިއްރުތައް ރިވީލްކޮށްފަ. އިންޓާނަލް އޮގަނައިޒެޝަންގެ ހުރިހާކަންތަކެއް ބޭޒާރުކޮށްލިން. ޓްރެއިނިން މެތޮޑްތައް އަދި ކޯޑްތައް ވެސް ރިވީލް ކުރިން. އަދި އެސެސިނޭޝަން ކަންތަކުގައި އިންޗާޖަކަށް އުޅޭ ޔުނިޓްވެސް ހާމަކުރިން...........ސޯ އަހަންނަކީ އެމީހުންގެ އެންމެ ބޮޑު ދުޝްމަން. ކާފަވެސް މިހާރު އަހަރެންގެ ހިމާޔަތަށް ކަމެއް ކުރާނެހެން ހިޔެއްނުވޭ................" މިކާލް ގެ ވާހަކަތަކުން ކާޒިމް ހިނިތުންވެލިއެވެ. ދެމީހުން އެއްކޮށް ކޮފީ ބޯން ތިބެފައި ކާޒިމް ދާން ހިގައިގަތީ މިކާލްގެ ގައިގާ ބައްދާލާފައެވެ.

"މިކާ...ތި ހުރިހާކަމެއް އެނގުމަށްފަހު ލޯބިވާ ހުރިހާ ކުދިން މާފުކޮށްދޭނެ. އައިމް ޝުއާ. މިކާއަށް އެންމެ ލޯބިވާ އަންހެންކުއްހާ ލިބޭނެ................................" ކާޒިމް ހީލިއެވެ.

"ނެވާ. ދެޓްސް ނޮޓް ޕޮސިބްލް......." މިކާލް އަވަސް އަވަހަށް ބުނެލިއެވެ. ކާޒިމް ނުސީދާކޮށް އިޝާރާތްކުރީ ހަޔާތީއަށްކަން އޭނަ ދަނެގަތެވެ. ނަމަވެސް އޭނަގެ ހަޔާތަށް ފަހަރެއްގައިވެސް ލޯބިވާ އަންހެންކުއްޖަކު ނުގެންނާނެއެވެ. އޭނަފަދަ މީހުންނަށް ރަގަޅީ އެކަހެރި ދިރިއުޅުމެކެވެ.

ހަގީގަތުގައިވެސް މިކާލްފަދަ ސިއްރު އެޖެންޓުން ރާއްޖެއަށްވެސް މުހިއްމެވެ. ކޮންމެހެން ބޮޑެތި ދުޝްމަނުންތަކެއް ނެތަސް އިންޑިއާފަދަ ބައެއްތަންތަނުން އަތްގަދަކޮށްލަން އުޅޭއުޅުމުގައި މިކާލްގެ އިލްމުގެ ބޭނުން ހިފިދާނެއެވެ. މިކާލްގެ ކުޅަދާނަކަމާއިމެދު އަންތަރީސްވާހާ އޭނަ މޮޅެވެ. އޭނަވަނީ އެތައް ބަޔެއްގެ ވިސްނުމާއި ކުޅެލާފައެވެ. ނޫނީ އެތައްބަޔަކާއި ގުޅިގެން ހިންގާފައިވާ ކުޅަދާނަ އޮޕަރޭޝަނެކެވެ. މިކާލް މޮސާޑް އެޖެންޓެއްގެ ގޮތުގައި ހުރެ އޭނަވަނީ ފަލަސްތީނުގެ ހަމާސްއަށް ޖާސޫސްކޮށްދީފައެވެ

 

އަޒިކިއަލްއާއި ޒަހީން އަދި އެހީތެރިވި ތިން މީހަކުގެ ޝަރީއަތް ހިންގުމަށްފަހު މަރުގެ ހުކުމެއް އައެވެ. ހުކުމް އިއްވި ވަގުތުވެސް އަޒިކިއަލްގެ މޫނުމަތިން އިތުރު ޝުއޫރެއް ފައުޅެއްނުވިއެވެ. ހަމަ އެ ހުސްކަމެވެ. ސީރިޔަސްކަމެވެ. ޒަހީން އިސްޖެހި ދެލޯ ރަތްވެފައި ހުރިއިރު އަނެއް ތިން މީހުންގެ ލޮލުން ކަރުނަ ފޭބިއެވެ. ނަމަވެސް އެމީހުންނަށްޓަކާ ހަމްދަރުދީވާނެ މާ ގިނަބަޔަކު ނެތެވެ. ޒީކް އަނބުރައިނުގަތީ ކިރިޔާއެވެ. އޭނަގެ ލޯބިވާ ބޭބެއަށް މަރުގެ ހުކުމް އައީ އޭނަގެ ސަބަބުންނެވެ. ބަދަލު ހިފުމުގެ ރޫހުގައި އޭނަ ހަޔާތީއަށް ލަނޑެއްދޭން ޒަހީން ގާތު އެދުނީއެވެ. އެކަމުގެ ނުބައިކަން ލޮލުގެ ކުރިމަތިން މިފެންނަނީއެވެ.

 

ހަގީގަތް ހާމަވެ މިކާލްގެ ކުށެއްނެތްކަން މީޑިއާތަކުގައި ހާމަވުމުން އެންމެ ބޮޑު އަސަރެއްކުރީ ހަޔާތީއަށެވެ. އަމްރާންގެ ވަކިވުމުގެ ހިތާމައިން ނޭރިގެން އުޅެނިކޮށް ހިތް އިތުރަށް ހަލާކުވިއެވެ. ގަބޫލުކުރާން ނޭދުނަސް އަބަދުވެސް ހިތުގެ ކަނެއްގައި މިކާލްއަށްޓަކާ ފޮރުވިފައިވާ ޖަޒުބާތެއްވިއެވެ. މިކާލްގެ އިހުސާންތެރިކަމާއި ހެޔޮކަން އޭނަ ހަދާން ނައްތާލާކަށް ނޫޅެއެވެ. ހަޔާތީ މިކާލްއަށް މެސެޖެއްކޮށްލިއެވެ.

"މިކާ. މިކާއާއިމެދު އެހާ އިހާނެތިކޮށް ކަންތައްކޮށް މަރުގެ އިލްޒާމު އަޅުވާ މޫނުމަތީ ޖެހިއިރުވެސް މިކާ ހިމޭންކަން ޚިޔާރުކުރި. ޔަގީނުންވެސް މިކާއާއިއެކު އުޅުނު ދުވަސްތައް ޚަޒާނާ ކުރެވޭނެ. ހިތުގެ އެންމެ ފުން މިނުގައި އެހަދާންތައް ރައްކާތެރިކުރެވޭނެ.......ދަރިފުޅު ސަލާމަތްކޮށް ދިނީތީ އެދުވަހުވެސް އަހަރެން މިކާއަށް ޝުކުރު އަދާކުރަން ޖެހުނީސް. އެކަމަކު ނޭގޭ އަހަންނަށް އެދުވަހުވެފައި ހުރިގޮތެއް. މީހަކު ހަމަ އެއްޗެއް ބުނާއިރަށް ގަބޫލުކޮށްފައި މިކާ ބުނީމަ އިތުބާރުނުކުރުމުން ދޭހަވަނީ މިކާއަށް އިތުބާރު ނުކުރާކަމޭ މިކާ ހިތަށް އަރާފާނެ. އައިމް ރިއަލީ ސޮރީ މިކާ. މިކާއާއިމެދު ކަންތައްކުރެވުނީ ބޭއިންސާފުން. އަދި އެހާވަރުން ސިއްރުކުރަން އުޅުނުކަންތައްވެސް ރާއްޖޭގެ ފުލުހުންނަށް ހާމަކުރީ. ދުވަހަކު އެކަމާއި މިކާ މާފު ނުކުރާނެކަން އެނގޭ. އަހަރެން އެންމެ ދެރަވީ ދުވަހު އެންމެ ގާތުގައި އެންމެ އެހީވާން ހުރީ މިކާ. އެކަމަކު އޭގެ ބަދަލު ދޭންޖެހުނުއިރު އަހަންނަށް ކަންތައް މިކުރެވުނީ އެންމެ ނުބައި ދުޝްމަނަކުވެސް ކަންތައް ކުރާނެ އުސޫލުންކަން އެނގުމުން ހިތަށް ތަދުވޭ. ކިތަންމެ ފަހަރު މާފު އެދުނަސް މާފު ހައްގެއްވެސް ނޫން. އަހަރެންގެ ދަރިފުޅު ލާވީ.....ލާވީ ސަލާމަތްކޮށްދިނީ މިކާއޭ ބުނި. އެވަގުތު އަހަންނަށް ކުރި އަސަރުތައް ބަޔާންކޮށްދޭނެ ގޮތެއްވެސް ނޭގޭ. އެދުވަހު ލާވީ ސަލާމަތްވީ ހަމަ މިކާގެ ސަބަބުންކަން އަހަންނަށް ޔަގީން. ލާވީ ކިޔައިދިން ގޮތުން އަހަންނަށް ޔަގީންވެއްޖެ. ލާވީ ވަރަށް އިންޓެލިޖެންޓް. ކުޑަވިޔަސް އެނގޭނެ. އަދި ދުވަހަކު ދޮގެއްނަހަދާ. ލާވީ ބުނުމުންވެސް އެ ޚިޔާލާއި ހިތް ދެކޮޅުހަދަނިކޮށް އަޒިކިއަލް އިއުތިރާފްވީ. ޒަހީން މާސްކު އަޅައިގެން ހުރެ ރެންއަށް ޝޫޓްކޮށްފައި ދަރިފުޅު މަރައިލަންވެސް މަސައްކަތްކުރި. ނާކާމިޔާބުވީ މިކާގެ ސަބަބުންކަމަށް ޒަހީންވެސް އެއްބަސްވި. އައިމް ސޮރީ މިކާ. އަހަރެން އެދުވަހު އެގޮތަށް ޖަހައިގެން ނުވާނެ. އެގޮތަށް އެއްޗެހި ކިޔައިގެން ނުވާނެ. އަހަންނަށް އެނގޭ މިކާގެ ވަނީ ކޮންފަދަ މަޑު މަޑު ހިތެއްކަން. އެކަމަކު އަހަންނަށް އެދުވަހު އެއްޗެކި ކިޔުނީ ޖަޒުބާތުގައި ޖެހިގެން. އައިމް ސޮރީ. އައިމް ރިއަލީ ސޯ ސޮރީ މިކާ......ޕްލީޒް ފޮގިވް މީ."

ހަޔާތީ މިކާލްގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ.

މިކާލް ވައިބާއިން އެ މެސެޖް ބެލިކަން އެނގުނެވެ. ނަމަވެސް މިކާލް ޖަވާބެއް ނުދިނެވެ.

 

އަބުދުލްއަޒީޒުއާއި އަލްޔާނާ ކޯޓުން ނިކުމެގެން ހިނގައިގަތީ ކާރަށް އަރާށެވެ. އަމްރާންގެ ހަދާންތައް އާވެ ލޮލުން ކަރުނަ އަންނަން ފެށުމުން އަލްޔާނާ ލޮލުގައި އަވި އައިނުޖެހިއެވެ. މިއަދު މަންމައެއްގެ އުދާސްތަކަށް ނިމުމެއް ގެނެވިއްޖެއެވެ. އަމްރާންއަށް އިންސާފު ލިބިއްޖެއެވެ. އަޒިކިއަލްމެންނަށް މަރުގެ ހުކުމް އައުމުން ރޫހަށް ފިނިކަމެއް ލިބިއްޖެއެވެ. ދަރިފުޅުގެ ފުރާނައަށްވެސް ހަމަޖެހުމެއް އަންނާނެކަމަށް އަލްޔާނާ ގަބޫލުކުރިއެވެ.

"މިސްޓަރ އަބުދުލްއަޒީޒު....." އަންހެނަކު ގޮވައިލިއަޑަށް ސިހުމާއިއެކު އަލްޔާނާއަށް ބަލައިލެވިއްޖެއެވެ. މަގުހުރަސްކޮށްލާފައި އައިސް އަރާ ހަމަކުރި އަންހެންމީހާއަކީ ކާކުކަން އަބުދުލްއަޒީޒުއަށްވެސް އެނގުނުހެނެއް ހިޔެއްނުވެއެވެ. ނަމަވެސް އަލްޔާނާގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ޖަހައިލިއެވެ. ރުލެއްނުވާ އޮމާން މޫނުގެ ސަބަބުން އުމުރު ލަފާކޮށްލަން ފަސޭހައެއްނުވިއެވެ. މޭކަޕެއްނެތްއިރު އެންމެ އަޅައިގަތީ މަޑު މުށިކުލައިގެ ދެލޮލުގައެވެ. ވަރަށް ރޮއިފާ ހުރިކަން ދުޅަވެ ރަތްވެފައިވާ ލޮލުން ހާމަވެއެވެ.

"ވާހަކައެއް ދައްކާލަން ބޭނުން...."

"ތިއީ ކާކުތަ؟ " އަލްޔާނާއަށް އަހައިލެވުނީ ހަރުކަށި ރާގަކަށެވެ.

"އަޅުގަނޑަކީ އަޒިކިއަލްގެ މަންމަ ހަނާ....."

"އޯ....ގާތިލެއް އުފަންކުރުމަށްފަހު އޭނަގެ ނުބައި ނުލަފާކަމުގެ ބަދަލުގައި މާފަށް އެދެން އައިކަމުގައިވާނަމަ އަހަރެމެންނަށް ބުނެވޭނީ ދުވަހަކު މާފެއް ނުދެވޭނެއޭ. ތި މަގުސަދު ހާސިލެއް ނުވާނެއޭ. އެހެން އިތުރު ވާހަކައެއް ދައްކާކަށްވެސް ބޭކާރު މީހުންނަކަށް ފުރުސަތެއްނެތް........." އަލްޔާނާ ރުޅިވެރިކަމާއިއެކު ތުންފިތާލައިގެން ހުރެ ވާހަކަދެއްކިއިރު މި އަންހެންމީހާއަށްޓަކާ ހިތުގައި ކުލުނެއް ނުއުފެދުނެވެ. ކިތަންމެ ވަރަށް ކަރުނަ އެޅިކަމުގައިވިޔަސް އެމީހުންގެ ނިންމުން ބަދަލެއްނުވާނެއެވެ. އެމީހުންވަނީ ނިންމުން ފަޑިޔާރަށް އިއްވާފައެވެ. އެމީހުން ބޭނުމީ މަރަށް މަރު ހިފުމެވެ. އެހެން މީހުންނަށް އިބުރަތަކަށްވާނީ އެފަދަ ސަޒާއަކުންނެވެ.

"ފިރިހެންދަރިއެއްގެ މަންމައެއްގެ އިހުސާސްތައް އެންމެ ރަގަޅަށް އެނގޭނީ ތިބޭފުޅާއަށް...."

"އެކަން އެނގި އެކަމާއި އަދިވެސް ލޮލުން ކަރުނަ ނުހިކޭ.....އަހަރެންގެ ދަރިފުޅު މަރުވެގެން ދިޔައީ މި ހިތުން ބަޔެއް ހިފައިގެން. ފާއިތުވެދާ ކޮންމެ ސިކުންތުކޮޅެއްދަނީ އެދރިފުޅުގެ ހަދާންކޮށް ރޮއްވާލާފައި........." އަލްޔާނާ އަވި އައިނު ނެގިއެވެ. ދެމީހުންގެ ހަތަރުކަޅިހަމަވިއެވެ.

"އަހަރެން ބޭނުން އަޒިކިއަލްގެ ބައްޕައަކީ ކާކުކަން ތިބޭފުޅުންނަށް އެންގުން. ޑީއެންއޭ ޓެސްޓްހެދިޔަސް ދިމާވާނެ. ނޫނީ މިކަން އަޅުގަނޑު ހާމަކުރަންވީ މީޑިއާގައިތޯ......." ހަނާގެ ވާހަކަތަކާއިއެކު އަލްޔާނާއާއި އަބުދުލްއަޒީޒުގެ ހަތަރުކަޅި ހަމަވިއެވެ. އަލްޔާނާއަށް ކުރެވުނު ހީގެ ސަބަބުން ވަގުތުން ދޫ ބަންދުވެ މުޅިހަށިގަނޑަށް ފިނިވިއެވެ. އަބުދުލްއަޒީޒުއާއި އޭނަ ވަކިވީ ހަމަ މިފަދަ އަންހެނުންގެ ސަބަބުންނެވެ. މިއަދު މާޒީގެ ކަޅު ސަފުހާތައް އަނެއްކާ ބިރުވެރި ކޮޅިގަނޑެއްފަދައިން އޭނަގެ ހަޔާތް ބަރުބާދުކުރަން އަތުވެއްޖެއެވެ.

"ވީ ނީޑް ޓު ޓޯކް. ކާރަށް އަރާ..." އަބުދުލްއަޒީޒު ހަނާގެ ކައިރީ އެދުނެވެ.

 

އަބުދުލްއަޒީޒުއާއި އަލްޔާނާ އަދި ހަނާ ތިރީބައިގެ ކޮޓަރިއެއްގައި ހަމަޖެހިލުމަށްފަހު ވާހަކަފެށީ އަބުދުލްއަޒީޒުއެވެ.

"އަހަންނަށް ހަނާ ތިއީ ކާކުކަމެއް ނޭގޭ. އަހަރެންގެ ބޮލުގައި ދަރިއަކު އަޅުވަން އުޅުނަސް އެއީ ވާނެކަމެއްނޫން. އަޒިކިއަލްއާއި ބެހޭގޮތުން ތިގޮތަށް ވާހަކަދައްކަނީ އޭނަ ސަލާމަތްކުރަން ކަމުގައިވާނަމަ އެކަމެއްވެސް ނުވާނެ. އަހަރެންގެ އަމްރާންގެ މަރުގެ ބަދަލުގައި ބޭނުންވަނީ ހަމައެކަނި އެކަން ކުރިމީހުންނަށް މަރުގެ އަދަބު ލިބުން. އެނޫން އިތުރު ޗޮއިސްއެއްނެތް. ސޮރީ ހަނާ. ދެން އަހަރެން ބަދުނާމްކުރިޔަސް އަހަރެންގެ އަގު ވައްޓާލިޔަސް އަހަރެންގެ މައްސަލައެއްނެތް. މާތް ﷲ ދެނެވޮޑިގެންވާނެ............................" އަބުދުލްއަޒީޒު ގެ މޫނުމަތިންވެސް ފެނުނީ ނުރުހުމުގެ ކުލަވަރެވެ.

"އަބުދުލްއަޒީޒުގެ ކޮއްކޮ ފުރުގާން ކޮބާތޯ؟ އަދިވެސް ޕްލޭބޯއިއެއްތޯ؟ " ހަނާ މަލާމާތުގެ ހިނިތުންވުމަކާއިއެކު އެހިއެވެ.

"ފުރުގާން......ތިބުނާން އުޅެނީ ކީކޭ؟ "

"އަޒިކިއަލްއަކީ ފުރުގާންގެ ދަރިއެއް........"

ހަނާގެ ޖުމްލައިން އެތާގައި ބޮމެއް ގޮވުމޭ އެއްވަރެވެ. އަބުދުލްއަޒީޒުއަށްވެސް ގޮނޑިން ތެދުވެވިއްޖެއެވެ. އޭނަގެ ކޮއްކޮއާއި ބެހޭގޮތުން ހަނާ މިގޮތަށް ވާހަކަދައްކާ އެއާއިލާވެސް ރޫޅާލަން އުޅެނީހެއްޔެވެ. ފުރުގާންގެ އާއިލާއަށް ދެރަގޮތެއްވާކަށް އޭނަ ނޭދެއެވެ. ހަނާގެ ލޮލުގައިވި ކުލަވަރުން އަންގައިދެނީ އޭނަ ދޮގެއް ނަހަދާކަމެއެވެ.

"އަޅުގަނޑު އަޒިކިއަލްގެ ބައްޕައަކީ ކާކުކަމެއް ދުވަހަކު އޭނަ ކައިރީ ނުބުނަން. އޭނަ ހީކުރިގޮތުން ދޮންބައްޕައަކީ އޭނަގެ ބައްޕަ. ބައްޕަ ކީވެސް ދޮންބައްޕައަށް. އަމްރާންއާއި އެކު އަޒިކިއަލް އުޅެންފެށުމުން އެކަމައި ވަރަށް ހިތްހަމަޖެހުނު. ދެކުދިންގެ އެކުވެރިކަމުން އެންމެ އުފާކުރި އެކަކީ އަޅުގަނޑު. ފަހުން އެނގުނީ އަބުދުލްއަޒީޒުއާއި އަލްޔާނާގެ ކައިވެނި ރޫޅި ދެމީހުން ދެ މަންޒިލް ހޯދާފައިވަކަން. އަހަރުތަކެއްކުރިން އަޒިކިއަލްކައިރީ ބުނިން ބައްޕައެއް ނެތް ކުއްޖެކޭ. ކާކުހެއްޔޭ އެހީމަ ބުނިން އަބުދުލްއަޒީޒުއޭ. އަމްރާންއަކީ ބޭބެއޭ. ރަގަޅަށް އުޅެއްޗޭ. ބަދަލުހިފަން އަޒިކިއަލް އަމްރާން މަރައިލަން އުޅެފާނެކަމަކަށް އޭރު އަޅުގަނޑަކަށް ނުވިސްނުނު. ފުރުގާންއަކަށް އަޅުގަނޑަކީ މުހިއްމު މީހެއްނޫން. ހަމައެކަނި އޭނަގެ މިސްޓްރެސްއެއްފަދައިން އުޅެންޖެހުނީ. ބަލިވެއިންކަން އެނގޭއިރަށް ގަދަކަމުންވެސް ދަރިފުޅު ނައްތާލާނެކަން އެނގޭތީ ފިލައިގެން ދިޔައީ. އަޅުގަނޑު އަސްލު އަޒިކިއަލްއާއި އަމްރާންގެ ގުޅުން ވަރުގަދަކުރަން ބުނެވުނު އެއްޗަކުން އަޒިކިއަލް ރުޅިއައިސްގެން ބަދަލުހިފީ. އެކަމާ ވަރަށް ހިތާމަކުރަން. އަޅުގަނޑަށް މާފު....." ހަނާ ލޮލުން ކަރުނަތިއްކެއް ފޮހެލިއެވެ.

"ހަނާއަށް އަޒިކިއަލް ފުރުގާންގެ ދަރިފުޅު އާޔާއާއި ކައިވެނިކުރިކަން އެނގޭތަ؟ " އަބުދުލްއަޒީޒު އިނީ ޝޮކެއްގައެވެ.

"އަޒިކިއަލް މީހަކާއި އިން ވާހަކައެއް ނުބުނޭ......"

"އެނގޭހާވެސް އެއްޗަކީ އަޒިކިއަލް އާއި އާޔާ ކައިވެނިކުރިޔަސް އަޒިކިއަލް އާޔާއަށް ނުބައިކަން. އާޔާ އަބަދު ދެރަވެފައި ހުންނަކަން. ވީއިރު މި އާއިލާތެރެއިން ކުއްޖަކާއި އަޒިކިއަލް އިނީވެސް ރިވެންޖްނަގަންތަ؟ ސުބުހާނަﷲ.............." އަލްޔާނާއަށް ބުނެވުނެވެ.

"ކޮންމެ މީހަކު ކުރިޔަސް އެމީހަކު ކުރިކަމެއްގެ ޖަޒާ އެމީހަކަށް ލިބެންވާނެ. އަހަރެންގެ ކޮއްކޮގެ ދަރިއަކަށްވިޔަސް ކޯޓުންކޮށްފައިވާ ހުކުމް ތަންފީޒުކުރާނެ. އަހަރެން އެކަން ބަދަލެއްނުކުރާނަން. އަޒިކިއަލްއަށް އަޒިކިއަލްގެ މަންމަ ގޯސްކޮށް ވިސްނައިދިނީ އެކަމުގެ ނަތީޖާއަކާއިމެދު ވިސްނާނުލާ. އަޒިކިއަލް އެނގިހުރެ ތިމާގެ ބޭބެއަކު މަރައިލީ. މިސާލަކަށް އަހަރެން ކުރި ކުށެއްގެ ސަބަބުން ދަރިފުޅަށް ގެއްލުމެއްދޭން ޖެހޭތަ؟ އޭނަގެ ކުށަކީ ކޮބާތަ؟ ހަނާގެ ވާހަކައަކުން އެއްވެސް ކަމެއް ބަދަލެއްނުވާނެ. އެކަމަކު އަދިވެސް ފުރުގާން ރައްކާތެރިކޮށް އޭނަކުރި ކުށް ފޮރުވާފައި ބާއްވަން ހަނާ ބޭނުމިއްޔާ އެކަން ކުރޭ. ނަމަވެސް ތިގޮތަށް ދަރިފަސްކޮޅު އޮޅުވާލައިގެން ހަރާމް ގުޅުންތަކަށް ފުރުސަތު ނުދީ..........." އަބުދުލްއަޒީޒު ތެދުވެ ބާރު ފިޔަވަޅުތަކެއްގައި ގޮސް ލޯ މަތިން ގެއްލުމުން ހަނާއަށް މޫނުގައި އަތް އަޅައިލެވިއްޖެއެވެ.

"ޕްލިޒް އާދޭސްކޮށްފައި ބުނަން. އަޒިކިއަލް ސަލާމަތްކޮށްދީ...."

"އަބުދުލްއަޒީޒު ދުނިޔޭގައިވާހާ އެއްޗަކަށްވުރެ ލޯބިވި ދަރިފުޅު ވަކިވެގެން ދިޔައީ. ކިހިނެއް އަހަރެން ވިސްނައިދޭނީ. އަޒީޒު ބަދަލެއްނުވާނެ. ހަނާވެސް ދަރިފުޅަށް ރަހުމަތްލެއްވުމަށް އެދި ދުއާކުރޭ....." އަލްޔާނާ އޭރު ވިސްނެމުން ދިޔައީ ހަގީގަތް އެނގުމުން އާޔާއަށް ކުރާނެ އަސަރާއިމެދުގައެވެ. އާޔާ ހާދަ ލަދުގަންނާނެއެވެ. ނަހަލާލު ގުޅުންތައް ނަހީކުރެއްވި ސަބަބަކީ އެއީއެވެ. އޭގެ ސަބަބުން މުސްތަގުބަލްގައި މިފަދަ ހިތި ނަތީޖާ ނިކުންނާތީއެވެ. ސިއްރު ކައިވެނިތައްވެސް އެފަދައެވެ. އެހެން ބަޔަކަށް ނޭގުނަސް ތިމާގެ އަންހެނުންނާއި ދަރިންނަށް އެގެންޖެހޭނެއެވެ. ފުރުގާނަކީ ލިބުނު ރީތިކަމައި މުއްސަދިކަމުގެ ސަބަބުން ދުނިޔެ މުށުތެރޭ ލައިގެން އުޅޭ މީހެކެވެ. އޭނަ ދެކޭގޮތުން އޭނަ ބޭނުން ކޮންމެ އެއްޗެއް ލިބެންޖެހޭނެއެވެ. އަޒިކިއަލްފަދަ ކިތަންމެ ކުދިންނެއް ފުރުގާންގެ ސަބަބުން ބައްޕަވަކިކުރަން ނޭގިފައި ތިބޭނެކަމާއިމެދު ޝައްކެއްނެތެވެ.

އަޒިކިއަލްއާއި ޒަހީން ދަންޖެއްސުން އޮތީ އާއްމުންނަށް ހުޅުވާލާފައެވެ.

ކޮމެންޓް 0