ކައިވެނީގެ ފޯމު ހުށަހަޅަން ދިޔައީވެސް އަޒިކިއަލްއެވެ. އެންމެފަހު ވަގުތު ކަންތައް ވީ ހީނުކުރާފަދަ ގޮތަކަށެވެ.

އެހާވަރުން ފޮރުވައިގެން ކުރަން އުޅުނު ކައިވެނި މީޑިއާތަކަށް ލީކްވީއެވެ. ކޯޓުތެރެއިން ކަން ޔަގީންވަނީ އެ ފޯމާއެކު ސޯޝަލް މީޑިއާގައި އެވާހަކަ ފެތުރުމުންނެވެ. ހުއިގަނޑެއްގައި އަލިފާން ހިފިފަދައިން ސޯޝަލް މީޑިއާގައި ވައިރަލްވެ އެތައް ހާސްބަޔަކު ވަގުތުން ހިއްސާކުރިއެވެ. ނޫސްތަކުގައި އެޚަބަރު ލިޔުނެވެ. ރާއްޖޭގައި ހުރި އެންމެ "އެލިޖަބްލް ބެޗްލާ" އަމްރާން އަބުދުލްއަޒީޒު ނޫސްވެރިޔަކާއި ކައިވެނީގެ ގޮތުން ގޮށް ޖަހާލަން އުޅޭކަމަށާއި ސިއްރުން ކުރަން އުޅުނުކަންތައް ފަޅާއަރައިފި ކަމުގައެވެ. ހަޔާތީއާއި އަމްރާންގެ ފޮޓޯތަކުން ނޫސްތަކުގެ ބޭރު ސަފުހާ ކަޅިކުރެވުނެވެ. އެންމެ ހޫނު ޚަބަރަށްވެ މުޅި ރާއްޖޭގެ އެންމެންގެ ދުލުކުރީގައި އެނޫން ވާހަކައެއް ނެތެވެ. ރާއްޖެއިން ބޭރު މަޝްހޫރު ނޫސްތަކުންވެސް އެ ޚަބަރު ގެނެސްދޭން ފެށިއެވެ. ބައެއް ނޫސްތަކުގައި ހަޔާތީ އަމްރާންއާއި ދިމާލަށް ދައްކާފައި ހުރި ވާހަކަތަކާއި އޭނައާއިއެކު އަންހެންކުއްޖަކު އުޅެން ބޭނުންނުވާކަމަށް ލިޔުނު އާޓިކަލްގެ ތަންތަންކޮޅުވެސް ހައިލައިޓްކޮށްފައިވިއެވެ. ސޯޝަލް މީޑިއާގެ ދީނީ ޕޭޖެއްގައި އަމްރާންއާއި އަޒިކިއަލް އަދި ލާވީ މެން ގެ ފޮޓޯތައް ޖަހާފައި އޭނައަކީ "ގޭއި" މީހެއްކަމަށް ސިފަކޮށްފައިވިއެވެ. މިއީ އެކަންތައް ފޮރުވަން މީހުންގެ ލޮލުގައި އަޅުވާ ދަޅައެއްކަމުގައި ޝައްކުކުރެވޭކަމަށް ބުނެފައިވިއެވެ. އަދި އަމްރާންއަކީ ޝައިތޯނެއްކަމަށާއި ލާދީނީކަން ފަތުރަން އޭނަ އުޅޭކަމަށް ބުނެ އެއްޗެހި ކިޔާފައި ވިއެވެ.

އަބުދުލްއަޒީޒުގެ މަންމަ ގުޅައިގެން އެގެއަށް ދިޔައިރު މަންމަ އިނީ އެގޭގެ އުނދޯލިގޭގައެވެ. އެއީ އިހުޒަމާނުއްސުރެ އެގޭގަ ޚާއްސަ ބަޔެކެވެ. އިރާނުގެ މޮޅު ބޯ ރަތްކުލައިގެ ދޫލައަކުން އެހިސާބު ފޮރުވިފައި އޮތެވެ. ޒަމާނާއި އެއްގޮތަށް ބަދަލުކޮށް އެތާ މާބްލްޖަހާފައި ދެފަރާތުގައި ގޮދަޑިޖެހި ދިގު ގޮނޑިތައް ބަހައްޓާފައެވެ. އުނދޯލިވެސް ކަސަބުން ޖަރީކޮށްލުމުން ފެންނަނީ ޝާހީކޮށެވެ. ކަރަންޓު ބައްތިތައް ބިތުގައި ހަރުކޮށްލާފައިވާއިރު ލޮލަށް ފަސޭހަ އައްޔަކުން ތަނަށް އަލިކަން ދީފައި އޮތެވެ. އަބުދުލްއަޒީޒު އޭނަގެ މަންމަ ގާތުގައި އުނދޯލީގައި އިށީދެ އަތުގައި ބޮސްދިނެވެ.

"ދަރިފުޅާ. މަންމަ އެންމެ ލޯބިވާ މާމަ ދަރީގެ ވާހަކަތަކުން މިއަދު ނޫސްތައް ފުރާލާފައި މިއޮތީ. މަންމަ ހިތް ހަލާކުވެއްޖެ. ދަރިފުޅު ބުނާގޮތަށް އެދަރި ހަދާނެ. ކިއްވެ ގޯސްމަގެއް ޚިޔާރުކުރިއިރު އެ ދަރިފުޅު ސަލާމަތް ނުކޮށް ހިމޭނުން ހުރީ؟ މުޅި ރާއްޖޭ އެތައް ރައްޔިތުންނެއްގެ ކުރިމަތީގައި އެކުއްޖާގެ އަގު ވެއްޓިއްޖެ. އެތައް ލައްކަ އަންހެންކުދިންގެ ތެރެއިން އާދައިގެ ނޫސްވެރިއެއް ޚިޔާރުކުރުމުގެ ފުރުސަތުދިނީ ކީއްވެ ދަރިފުޅާ. ދަރިފުޅުގެ ކިތައް އެކުވެރިން އެބަތިބި. ކިތައް މަހުޖަނުންގެ ދަރިންތައް އެކަމަށް ބަލަބަލާ ކިޔޫގައި އެތިބީ. މަންމަގެ ހިތަށް ހާދަ ތަދު އެބަވެއޭ....."

"މަންމާ. އެއީ އަޅުގަނޑުގެ ދެލޯ ނޭދި އެދޭ ފުރާނަފަދަ ލޯބިވާ ހުރި އެންމެ ދަރިފުޅު. ކުޑައިރުއްސުރެން މިވީހާތަނަށް ބޭނުން ކޮންމެ އެއްޗެއް ހަމަކޮށްދީ ކުއްޖަކަށް އެހެން މީހަކަށް ނުދެވޭނެހާ ލޯބި ދީފައި ގެންގުޅެ އެހާވަރުވީ. ކުޑައިރުވެސް ޓޯއިއެއް ދޭއިރަށް ކުޅެލާފައި ފޫހިވީމަ އެއްލައިލާނެ. އެއަންހެންކުއްޖާއާއި އަމްރާންގެ އޮތް ގުޅުން ލޮލުން ފެނިފައި ހުރީ. ބޮޑީ ލެންގުއޭޖުން ހިޔެއްނުވޭ އެގުޅުން ދުވަސްކޮޅަކަށް ނަމަވެސް އޮންނާނެހެން. އަމްރާން ވިސްނުންތެރި ބުއްދިވެރި ކުއްޖެއް. ކުރާ ކޮންމެކަމެއްގައި ހިކުމަތެއް އޮންނާނެ. އެހެންވެ އަމްރާންއަށް ޓްރަސްޓްކޮށްފައި އެކަމަށް ހުއްދަ ދިނީ. އަޅުގަނޑުވެސް އެކަމާއި ހިތްހަމަޖެހިގެނެއްނޫން. އެކަމަކު މަންމަ އަމްރާންއަށް ޗާންސެއް ދީ...." އަބުދުލްއަޒީޒު މަންމަގެ އަތުގައި ފިރުމައިލަމުން ބުނެލިއެވެ. މަންމަގެ ދެލޮލުން އައި ހިތާމައިގެ ކަރުނަތައް ފޮހެލަދިނީ ނިކަން އޯގާތެރިކަމާއި އެކުގައެވެ. މަންމަގެ ހިތުގައި ޖެއްސުނުކަމަށްޓަކާ އޭނަ މާފަށް އެދުނެވެ.

މިނާއާއި ޒީކް ޗުއްޓީ ހަދައިލަން ނުވަރަލިޔާއަށް އައީ މިނާގެ ބޮޑުދައިތަގެ އާއިލާއާއިއެކުގައެވެ. ޑިސެމްބަރު ފަހުކޮޅުކަމުން ފިނިގަދަކަމުން ދެކުދިން ތިބީ ސްވެޓަރުލައިގެންނެވެ. ކުރިމަތިން ފެންނަން އޮތް ބޮޑު ފަރުބަދައިގާ ބީހިލާފައިދާ ވިލާތައް ދުންފިންޏާއިހެދި ކިރިޔާ ހެކަ އަޅާކަމެވެ. ފަތިހު ފިނީގައި ދެކުދިން ހިނގާލަން ނުކުމެ ގުދުގުދުލާފައިވާ މަގުތަކުން ކުރިއަށް ދިޔައެވެ. ސެލްފީތަކާއި ފޮޓޯތައް ނެގީ އިޝްތިހާރުކުރުމަށެވެ. ފޮނި ކެނޑުމަށެވެ. ހަޔާތީ އުޅޭ ހާލު އެނގިފައިވާތީ މިފަދަ ރީތިތަނެއް ބަލައިލަން ހަޔާތީއަށް ނާދެވޭނެތީ އެކުދިން އެވާހަކަ ދައްކާ ހެމުން ދިޔައެވެ. ތުނިކޮށް ވާރޭވެހެން ފެށުމުން ގެއަށް ވަދެފައި ޒީކް ވަނީ ފާޚާނާއަށެވެ. މިނާ ހޫނު ކޮފީ ހަދައިގެންގޮސް ރަޖާއަޅައިގެން އެނދަށް އަރާފައި ނޫސްކިޔާލަން ފޯނު ހުޅުވާލުމާއިއެކު މިނާގެ ދެލޯ ބިރުވެރިގޮތަކަށް ބޮޑުވިއެވެ. ގަބޫލުކުރަން ދަތިވިއެވެ. ހުރިހާ ނޫހެއްގައި މިއޮތީ އަމްރާން ހަޔާތީއާއި އިންނަން އުޅޭ ވާހަކައެވެ.

"ޒީކް. ޒީކް......."

"ވަޓް ހެޕެންޑް.." ފިނިގަދަކަމުން ރޫރޫ އަޅަމުން ކޮނޑުގައި ދެއަތް އަޅުވާލައިގެން އައި ޒީކް މިނާގެ ކައިރިއަށް އަރާ ބޮނޑިވެލިއެވެ.

"ހަޔާތީ ހެޕެންޑް..." މިނާ ދިން ޚަބަރަކުން އޭނަ ހީކަރުވާފައި ހުރިކަން ހަދާން ނެތި ފޯނު ހުޅުވާލައިފިއެވެ.

"އެޕްރިލް ފޫލް ހައްދަނީ ކަމަށް ވާނީ. އަމްރާން ނީންނާނެ. މީ ދެން މީހަކު އިންނަންވަރު މީހެއްތަ. ކަޅުހެދުން ލައިގެން ހުންނަ ކަޓުކުއްޖާގަނޑެއް. މުއްލާއެއް. ހާބީއެއް..." ޒީކް ގެ ކަޅި ދެފަރާތަށް އުކަމުން ދިޔައީ ހިތާއި އެއްވަރަށެވެ. އެހާ ހިތް އަވަހެވެ. މީ ބިރުވެރި ހުވަފެނަކަށް ވާނެނަމައެވެ. ދެމީހުންގެ މޫނުގެ ކުލަ އޮއްސި ދުވަހަކު ނުލިބޭފަދަ ހިތާމައަކުން ހިތަށް ތަދުވެ ހަސަދައިގެ އަލިފާން ވަގުތުން ހުޅުފަޅައިގެން ހިގައްޖެއެވެ. މަސްހުނި ޖަޒުބާތުތަކެވެ. ނުވަރަލިޔާގެ މި ހިތްގައިމު ދަތުރުގެ ހުރިހާ އުފަލެއްވެސް ހަޔާތީގެ ސަބަބުން ވިއްސި ވިހާލިވީއެވެ. ކުއްލިއަކަށް މިނާ އަތްތިލަ ޖަހާފައި ހިނިގަނޑެއް ޖަހައިލިއެވެ.

"ލުކް ޒީ....މިއޮތް ޕޭޖްގައި އަސްލު ސަބަބު މިއޮތީ. އަމްރާން ގޭއިއަކަށްވީމަ އެކަން ފޮރުވަން ކުރާ ކަމެކޯ....ހަހަ...." މިނާގެ ހިތަށް މީހަކު ފިތާލައިގެން ހުރެފައި ދޫކޮށްލިފަދަ އަރާމުގޮތެއްވެ ނޭވާ ހިގައިގަތެވެ.

"އެކަމަކު ސްޓިލް ނައިބު ރައީސްގެ ވައިފް. ދެމީހުން އެކި...އައި ކާންޓް ޑައިޖެސްޓް ދިސް. ލަކީ ބި......." ޒީކް ދަތްތައް ވިކައިގެންފާ ކަރުތެރެއިން ވައްތަރެއް ޖައްސައިލިއެވެ. "ކޮންމެ ގޮތެއް ހަދާފައިވެސް ހުއްޓުވަންވާނެ. ނޫނީ އެއަންހެނާ ކުއްޅަވައްފަލި ރަނިންކަމަށް ވެ އިގޯ ބޮޑުވެފައި އަހަރެމެންނަށް ނިކަން ތުއިދެއްކޭނެ. މި ޓްރިޕްވެސް ރުއިންޑް ބައި ދެޓް ބި........."

ހަމައެކަނި މިނާއައި ޒީކްއެއް ނޫނެވެ. އަމްރާންގެ އެ ޚަބަރުން އެތައް އަންހެންކުދިންނެއްގެ ހިތް ހަލާކުވެއްޖެއެވެ. އެތައް ކުދިންނެއްގެ ލޮލުން ކަރުނަ އޮއްސުވައިފިއެވެ. އެކުދިންނަށް ނުވިސްނުނީ ހަސަދައާއި ނަފްރަތުން އެހެންމީހުންނަށް ގެއްލުންވުމަށްވުރެ ތިމާއަށް ލިބޭނެ ނަފްސާނީ ގެއްލުން ބޮޑުކަމެވެ. އެހެން މީހަކަށް ދެއްވަން ހުރި ނިއުމަތެއް ދެއްވާނެއެވެ. އެކަމާ ހިތާމަކޮށް ކަރުނަ އެޅިޔަސް ތިމާއަށް އެހާމޮޅު ނިއުމަތެއް ނުލިބި ހިގައިދާނެއެވެ. އެހެންމީހުންގެ ކަންތައްތަކާއި ހަސަދަވެރިވުމުގެ ބަދަލުގައި ތިމާއަށް ލިބިފައިވާ އެތައް ހާސް ނިއުމަތްތަކަށް ޝުކުރުވެރިވުން ހައްގެވެ. ފަސް ހިއްސު ސަލާމަތުން ދެއްވުމާއި ބޯ ހިޔާވެހިކަމާއި ނޭވާލަން އޮކްސިޖަން ލިބުން ކެއުމާއި ފެން ލިބޭހިދު އެފަދަ ނެތް ކިތަން މިލިއަން މީހުން ދުނިޔޭގައި އެބަތިބިކަން ހަދާން ނައްތާލާކަށް ނުވާނެއެވެ.

ސޯޝަލްމީޑިއާގައި ހުރި ވާހަކަތަކުން ހަޔާތީއަށްވުރެ ބޮޑަށް އަސަރުކުރީ އޭނަގެ އެކުވެރި ސަޖަލްއަށެވެ. ވަގުތުން ހަޔާތީއަށް ގުޅައިގެން އެގެއަށް ގެންދިޔައެވެ. ކޮފީ ހަދައިގެން ކޮޓަރިއަށްގޮސް ދެކުދިން އިށީދެލައިގެން ތިބީ ތަޅުންމަތީގައެވެ.

"ހަޔާ. އައިމް ސޯ އަޕްސެޓް. މިއީ ކޮންކަހަލަ ވާހަކައެއްތަ؟ އަމްރާން ގޭއިއެއްކަން ފޮރުވަން ކުރާ ކައިވެންޏެކޭ ކިޔައިގެން މިދީނީ ޕޭޖްގައި ކޮން ފިތުނައެއް މިއުފައްދަނީ؟ މާ ދީނީ ކަމަށް ހެދިގެން އެހެން މީހުން ބަދުނާމްކުރަންވެގެން އެބައުޅޭ. ކުރާނެކަމެއް ނޭގިގެން އުޅޭ ބަޔެއް ދޯ. މީހުން ހާދަ މަލާމާތެއް ކުރާނެއޭ ދޯ. މިނާމެން ޒީކްމެން އެކަމާ ވަރަށް އުފާކުރާނެ. ބުނާނެއްނު ވައިސް ޕްރެޒިޑެންޓް އޭނަގެ ސިއްރުތައް ފޮރުވަންވެގެން ކުރި ކަމެކޭ......."

"އަމްރާން ލާދީނީ މީހެކޭ ކިޔައިގެން އަމްރާންއަށް ޖެއްސުމަށް އެލިޔަނީ. އައި ކާންޓް ބިލީވް ހީޒް އިޒް ރިއަލީ ގޭއި. އެކަމަކު އެހެން ހެދީމަ އަހަރެންގެ އަގުވެސް ވެއްޓޭނެ ދޯ. ބަޓް އައި ޑޯންޓް ކެއާ. ދެރަވަނީ މަންމައަށް އެނގިގެން އެކަމާއި ހިތާމަކޮށްފާނެތީ. މަންމަ އެކަމާ ވަރަށް ފަޚުރުވެރިވެފައި ހުރީ. އަހަންނަށް ނޭގޭ މި ވެއްޓިގަނެވުނީ ކޮންކަހަލަ އަނދަވަޅަކަށް ކަން އަދި ކުރިއަށް އޮތީ ކޮންކަހަލަ ދުވަސްތަކެއްކަން. ޑެސްޓިނީގައި ލިޔުއްވާފައިވަނީ ކޯންޗެއްކަން ނޭގޭ. އެކަމަކު ރަގަޅުގޮތެއް ވާނެކަމަށް އުއްމީދުކޮށްގެން މިހިރީ........." ހަޔާތީ ކުޑަކޮށް ހިނިތުންވެލިއެވެ.

ހާމަ ނުކުރިކަމުގައިވިޔަސް ސޯޝަލްމީޑިއާގައި ފާޅުކުރަމުންދާ ޚިޔާލާއި އޭނަގެ ފޮޓޯތައް ޖަހަންފެށުމުން ހަޔާތީގެ ހިތަށް ބިރުވެރިކަމާއި އެއްވަރަށް ލަދުވެތިކަން އަދި ހިތާމައާއި ނުތަނަވަސްކަންވެރިވިއެވެ. މަސްހުނި ޖަޒުބާތުތަކުން ހިތާއި ސިކުނޑީގައި ތޫފާނެއް އުފެދުނެވެ. އަމްރާންގެ ސަބަބުން ދެވަނަފަހަރަށް އޭނަ ފަޟީހަތްވެއްޖެއެވެ. މިފަހަރު ހަމައެކަނި ސްކޫލްގައެއް ނޫނެވެ. މުޅި ރާއްޖޭ ރައްޔިތުންގެ ކުރިމަތީގައެވެ.

ނިދަން އެނދަށް އަރާފައިވެސް ހަޔާތީއަށް ވިސްނުނީ އެކަމާއެވެ.

"އަމްރާން އިޒް ގޭއި..."

"ހަމަ ވެދާނެ އެހެންވެސް. އެހާ ރީތި މީހަކު މެރީ ނުކޮށް ހުންނާނީ ކަމެއްވީމަ އެއްނު. ސޯޝަލް މީޑިއާގައި އެހުންނަނީ އަޒިކިއަލް މެންނާއި ހަގްކޮށްގެން ހީހީ ހަލާކުވެފައި ހުރި ފޮޓޯތައް. އާއްމުކޮށް ފެންނައިރު ސީރިޔަސްމީހާ. އަނެއްކާ އަޒިކިއަލް ބުނި އޯޓަމް ބްލޭޒްގެ ތާރީޚުގައި އަލަށޭ އެގެއަށް އަންހެންކުއްޖަކު ހަޔާ ކުރީ. އައި މީން.. ސީރިޔަސްލީ ހުރިހާކަމެއް ކުރަން އެގޭގައި ފިރިހެނުން..ޔަގީން މީ ގޯހެއް. އަމްރާންއަކީ ރަނޑާލިއެއްތަ؟ ކުރިން އެނގުނުނަމަ. ހާދަ ލަދުއެބަގަނެއޭ. ގުޅާފައި ބުނަންވީ ކައިވެނި ކެންސަލް ކުރާށޭ...."

"ނޫން ހަޔާ. ހަޔާ މެރީ ތިކުރަނީ އޭނަދެކެ ލޯބިވެގެން އޭނައައިއެކު އަބަދަށްޓަކާ އުޅޭކަށް ނޫނެއްނު. ތީ މިކާގެ ހައްގެއް. ވީއިރު އަމްރާން ކާފަރަކަށްވިޔަސް ކޮންކަމެއް؟ ޔަ އައި ޑޯންޓް ކެއާ. އައި ސީރިޔަސްލީ ޑޯންޓް ކެއާ..."

ސިޓިންރޫމަށް ނުކުތްއިރު ކަފަލޮލީ ރަޖާތެރެއަށްވަދެ ނިދާފައި އޮތެވެ. ކެތްނުކުރެވިގެން އެންމެފަހުން ހަޔާތީ އަމްރާންގެ ނަމްބަރަށް ގުޅާލައިފިއެވެ.އޭނަ ވާހަކަދެއްކީ މަންމައަށް ނީވޭހާ މަޑުންނެވެ.

"ހައި....."

"ޔެސް....." އަމްރާންގެ އަޑުގައި ހިތްގައިމުކަމެއް ހުއްޓެވެ.

"ސޯޝަލްމީޑިއާގައި އޮތްހާ ވާހަކަތަކެއް ތި ބޭފުޅާއަށް ފެނިލެއްވިތޯ؟ "

"އެހެން ބުނަން ދަންވަރު ތިގުޅީ؟ " އަމްރާން އެކަމާއި މަޖާވެގެން އުޅުނުފަދައެވެ. އަޑުން ހަޔާތީއަށް ނެގުނީ އެކަހަލަ ގޮތެކެވެ. ހަޔާތީ ދެރަކޮށްލުމުން އެ ފިރިހެނާ ނިކަން އުފާވާނެއެވެ. އޭނަގެ މަގުސަދަކީ އޭނަގެ ހަޔާތަށް ގެނެސް އިތުރަށް އަގު ވައްޓާލުމާއި ދެރަކޮށްލުމެވެ. ސްކޫލުގައި ކޮށްލެވުނު ވަރުން ހިތް ނުފުރުނީމަ ދެވަނަ ފަހަރަށްވެސް އޭނަގެ މަޅީގައި ޖެއްސީއެވެ. އަންހެންކުދިންގެ މޮޔަކަމުން ދާދި ފަސޭހައިން ފިރިހެނުންގެ ޖާދޫގައި ޖެހި މަގުއޮޅިދާނެއެވެ.

"އާ ޔޫ ގޭއި؟ "

"ކައިވެނި ކުރީމަ ތި ސުވާލުގެ ޖަވާބު ލިބޭނެ...." އަމްރާން ޖަވާބު ދިނެވެ. އެ ޖަވާބުން ބުނާނެ އެއްޗެއް ނޭގި ހަޔާތީ ހުއްޓުން އެރިއެވެ. އަމްރާން ދެތިން ފަހަރު ހެލޯ ބުނުމުން ހަޔާތީ ކަރުކެހިލާފައި ވާހަކަދައްކަން ކަރުތެރެ ސާފުކޮށްލިއެވެ. އެ ސުވާލު ނޭހުނުނަމައޭ ހިތަށްއެރިއެވެ. އޭނައާއި ކީއްހެއްޔެވެ.

"އެ.. އެކަމާއި ވޮރީ ވޮރީ ވެގެނެއް ނޫން. މީހުން ކިޔާ އެއްޗެހިން ތިމާގެ އަގު ވެއްޓޭއިރު ތި ބޭފުޅާ އަބުރުގެ ދައުވާވެސް ނުކުރައްވަނީތޯ؟ "

"ނޫސްވެރިން ބޭނުންހާ މިނިވަންކަމެއް ދީފައި އޮންނާނީ. އެމީހުން ބޭނުންވާ އެއްޗެއް ހަމަ ކިޔަންވީ. ހަގީގަތް ބަދަލެއްނުވާނެ. ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް ދެކުނަސް އަހަންނަށް ވާނެ ގެއްލުމެއްނެތް. ލެޓް ދެމް އެންޖޯއި. ނޫސްތަކުގައި މަޝްހޫރު މީހުންގެ ވާހަކަ ލިޔެވޭނެ. އަހަރެމެންނަކަށް ނުހުއްޓުވޭނެ. ރާއްޖޭގެ ވެރިންގެ އަނބިންގެ މަގާމަށް އަންނަ ކުދިންވެސް އެކަން ދަންނަންވާނެ. ކުރިންހެން މީޑިއާތަކަށް ފިލައިގެން ނޫޅެވޭނެ. ޔޫ އާ ގޯނަ ބީ އެ ފަސްޓް ލޭޑީ. ވީމަ ބީ ބްރޭވް. ހުރިހާ ވައްތަރެއްގެ ފާޑުކިޔުމާއި ކުރިމަތިލާން ޖެހޭނެ....."

ހަޔާތީއަށް މަންމަ ގޮވައިލި އަޑު އިވިފައި ހަޔާތީ ދާންވެއްޖެކަމަށް ބުނެ ގުޑްނައިޓް ކިޔާލީ ރަސްމީކޮށެވެ. ފަހުން ހަމަޖެހިލައިގެން ނިދަން އެނދަށް އަރާފައި އެންމެ ލަފުޒަކާއިމެދު ވިސްނާލަން މަޖުބޫރުވިއެވެ. އޭނަ ފަސްޓްލޭޑީއަށް ވާން އުޅެނީއޭ އެބުނީ ކޮން މާނައެއްގައިހެއްޔެވެ؟ އަމްރާންގެ ފަސްޓްލޭޑިއަށް ވާތީ ބުނެލި އެއްޗަކީކަން ނޭގެއެވެ. ޚާއްސަކޮށްފައި އެގޮތަށް ބުނީބާވައެވެ.

ހަޔާތީ ކިތަންމެ ފަސޭހައިން އާއެކޭ ބުންޏަސް ކައިވެނި ކައިރިވީވަރަކަށް ހިތް ބިރުގަނެ ބޯ ދަމައިގަންނަން ބޭނުންވިއެވެ. ކޮންމެ ފަހަރަކު އޭނަގެ ދުލުގައި ކަސްކޮޅު އެޅެނީ މަންމަގެ އުފާވެރިކަން ހަދާންވެފައެވެ. މަގަށް ނިކުންނަންވެސް ހަޔާތީ ޖެހިލުންވިއެވެ. ދިމާވާ ކޮންމެ މީހަކު އޭނައަށް ބަލަނީ އޭނައަކީ ކާކުކަން އެނގިގެން ކަމުގައި ހީކުރެވެއެވެ. ކުރިންވެސް އޭނައަށް މީހުންގެ ސަމާލުކަން ހުއްޓެއެވެ. ނަމަވެސް އޭރު ހަޔާތީއަށް އޭގެ މާނައެއް ނޭގެއެވެ. މިހާރު ވިސްނެނީ އެންމެން އޭނަ ޖަޖްކުރަނީ ކަމުގައެވެ. ނާއިބު ރައީސްގެ އަންހެނުންނަށްވާން އުޅޭ ކުއްޖާވުމުން އޭނަ ސެލްބްރިޓީއަކަށް ވެއްޖެއެވެ. މަގަށް ނުކުމެ ނޫޅެވޭވަރު ވިއޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. އެހާވެސް މީހުންގެ ސަމާލުކަން ލިބިއްޖެއެވެ. އޭނައަށް އިޝާރާތްކޮށްފައި ކައިރީގައި ތިބޭ އެހެންމީހުންނަށް ދައްކާފައި އުޅޭ މީހުން މަދެއްނޫނެވެ. ހުރިހާ ޝުކުރެއް މީޑިއާތަކަށެވެ. އޭނަ ނިސްބަތްވާ ނޫސްވެރިކަމުގެ ދާއިރާގެ މީހުންގެ ސަބަބުން މިއަދު އޭނައަށް އުދަގުލަކަށް ވެއްޖެއެވެ. އެހިސާބަށް ދިޔުމުން ކައިވެނި ކުރުމުގެ ކުރިން އެޚަބަރު މިކާލްގެ އާއިލާއަށް ދޭން އޭނަ ނިންމިއެވެ. ސަމާ ރާއްޖެއިން ބޭރުގައިވިޔަސް މިކާލްގެ ބައްޕައާއި ދައްތަމެން މާލޭގައި އުޅޭނެއެވެ. އެންމެ ފަހު ފަހަރަށް މިކާލްގެ އެޕާޓްމެންޓް ދެކެލަންވެސް އޭނަ ބޭނުމެވެ. މިކާލްގެ ހުރިހާ ހަދާންތަކެއްވަނީ އެގޭގައެވެ.

މިޝާމެންގެ އެޕާޓްމެންޓަށް ވަނުމުން މިޝާގެ ހަނގު ދަރިފުޅާ ފުރަތަމަ ފަހަރަށް ދިމާވިއެވެ. ސަމާގެ ދަރިފުޅާއި ދާދި އެއް އުމުރެކެވެ. ކިރިޔާ ވާހަކަދެއްކޭ އުމުރުގައިވެސް ހަޔާތީއަށް އަތުން ދައްކައިލީ އައިއެސްގެ ނިޝާނެވެ. އަދި ލޯ އަޅާލާފައި ބުނެލި އެއްޗަކުން ހަޔާތީ އަނގަ ހުޅުވުނެވެ.

"ކޮއްކޮ މުސްލިމް. ހުރިހާ ކާފަރުން މަރާލާނީ....."

މިޝާގެ ފިރިމީހާ އައިއެސްއަށް ތާއީދުކުރިޔަސް އެންމެ ރަގަޅެވެ. ޅަދަރިންނަށް މިގޮތަށް ވިސްނައިދޭން ވާނެހެއްޔެވެ؟ އެހާ ތުއްތުއިރުވެސް ކާފަރުންދެކެ ނަފްރަތު ކުރަން ދަސްކޮށްދީފިއެވެ. ނަފްރަތުގެ އޮށް ވަޅުލައިފިއެވެ.

މިޝާ ހަޔާތީއަށް މިކާލްގެ އެޕާޓްމެންޓްގެ ދޮރު ހުޅުވާލަދިނެވެ. އެތައް އަހަރެއްފަހުންވެސް އެޕާޓްމެންޓުގެ އެއްވެސް ފަރުނީޗަރެއްވެސް އެހެން ތާކަށް ބަދަލުކޮށްފައެއް ނެތެވެ. ހަޔާތީ އެތަން ދޫކޮށްފައި ދިޔަގޮތަށް ހުރިހާ އެއްޗެއް ތަރުތީބުންނެވެ. ނަމަވެސް ހިރަފުސްފޮޅާ މޮޕްކުރާކަން އެނގުނެވެ. މިކާލްގެ ކޮޓަރީގައި އަދިވެސް މިކާލްގެ މީރުވަސް ހިފާފައިވާ ފަދައެވެ. އެނދުގައި އިށީންގޮތަށް މޫނުގައި ދެއަތްއެޅުނެވެ. ކަރުނަތައް އޮހިގަތީ ހިފެހެއްޓުމެއްނެތިއެވެ. ގިސްލާފައި ރޮވުނެވެ. އަތްނެގިއިރު ދެލޯ ރަތްވެ ދުޅައަރައިފިއެވެ. މިކާލްއަށްޓަކާ މިއަދު އޮއްސި ވަރަށް މިއިން ޒަމާނެއްގައިވެސް އޭނަ ކަރުނަ އޮއްސާފައެއްނެތެވެ. އެލޯތްބަށްޓަކާ ކެތްމަދުވާވަރުވިއެވެ. އޭނައާއި ގާތުގައިވުމަށް މިހާވަރަށް އެދުނުކަމެއް ނޭގެއެވެ. މިކާލްދުވަހަކު އެނބުރި ނާންނާނެކަން ޔަގީންކުރެވި ނިމުނީ އެތަނަށްވަދެފައި ކުރެވުނު އިހުސާސްތަކުންނެވެ. ބައްޕަ މިކާލް އެނބުރި އަންނާނެއޭ ބުނީ ބައްޕައަށް މިކާލްގެ އެހެން ފަރާތެއް ފެނިފައި އޮތީމައެވެ. ބައްޕައަށް މިކާލްއަކީ ޓެރަރިސްޓެއްކަން އެނގިފައި ނެތީމައެވެ. ހަގީގަތް އެނގެނީ އޭނައަށެވެ. މިކާލްއަކީ ބައްޕަ އެހީކުރި ޒުވާނާއެއް ނޫނެވެ.

މިރެއަކީ ނާއިބު ރައީސް އަމްރާންއާއި ހަޔާތީގެ ކައިވެނީގެ އުފާވެރި ރެއެވެ.

ހަޔާތީގެ މަންމައަދި ބައްޕަގެ އާއިލާ މީހުންވެސް އެއުފަލުގައި ބައިވެރިވާން އޯޓަމް ބްލޭޒަށް އަންނަމުން ދިޔައެވެ. އެންމެންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމުގެ ކުލަވަރެވެ. ހިނިތުންވެލައިގެންނެވެ. ނޫސްތަކުގައި އަމްރާންއާއި ގުޅުވައިގެން ދެކެވޭ ވާހަކަތައް ގަބޫލުކުރާ މީހެއް އެ އާއިލާއަކުނެތެވެ. އެންމެން ދެކެގޮތުން އަމްރާން މުއްސަދިވެފައި ރީތިކަމުން ހަސަދަވެރިވެގެންގޮސް ބަދުނާމްކުރަން ދައްކާ ތާކުން ތާކު ނުޖެހޭ ވާހަކަތަކެވެ. ހަޔާތީ ބޭނުންނުވިޔަސް ސަޖަލް ދޫނުކޮށް އޭނަ ސެލޫންއަށް ގޮސް އިސްތަށިގަނޑު ސްޓައިލްކުރުވާ ބޮޑީ ސްކްރަބް ހައްދާ ހީނާފަތް އެޅުވިއެވެ. ތައްޔާރުކޮށް ނިމުނުއިރު ހަޔާތީގެ ހަން ވިދާވަރުން އަތްލައިފިޔަސް ކައްސާލަފާނެފަދައެވެ. އެހާ އޮމާންވެފައި ރީއްޗެވެ. ލުއި މޭކަޕްގައި ހުރުމުން ރީތިކަމުން ހިތްތަކަށް އަސަރުކުރުވާނެއެވެ.

"ޔޫ ލުކް ސްޓަނިން. ނޫސްތަކަށް އަރުވާނެކަން ޔަގީން. އެހެންވެ ވީހާވެސް ރީތިވާން ޖެހޭނެއްނު..." ސަޖަލް ހަޔާތީ ލައިގެންހުރި ހުދުހެދުމާއި ގުޅޭގޮތަށް ހުދު ބުރުގާ އަޅުވައިދިނެވެ.

އޯޓަމް ބްލޭޒަށް ވަންއިރު ހަޔާތީ ނޭވާ ހާސްވެގެން ޕެނިކް ވެދާނެހެން ހީވިއެވެ. އޭނަގެ އަތް ފައި ގަނޑުފެންކޮޅެއްވިއެވެ. ހިތަށް މިވަނީ ކޮން ގޮތެއްހެއްޔެވެ؟ މިކުރެވެނީ ގޯސްކަމެކޭ ހިތަށް އަރަނިއެވެ. މިކާލްއަށް ބޭވަފާތެރިވެވެނީކަމުގައި ހިތް ބުނަނީއެވެ. މާބްލްމަތިން ހިގާލާފައި ދިޔައިރުވެސް އެތައް ބަޔެއްގެ ލޯ އޭނައަށް ހުއްޓިގފައިވާކަން އެނގުނެވެ. ލަދުންގޮސް ފައި ނޯޅޭވަރެއް ނޫނެވެ. ސަޖަލް އޭނައާއިއެކު ނެތްނަމަ ލަދުން ދުވެ ފިލީހެވެ. ރޮވެން އުޅުނުވަރަކަށް އޭނަ ހިތަށް ވިސްނައިދިނެވެ. ހިތްވަރުކުރުމަށް އެދުނެވެ.

"ދިސް އިޒް ނޮޓް ރިއަލް......މިއީ އަދި އަސްލެއްނޫން. ހުވަފެނެއް. ޔޫ ވިލް ވޭކް އަޕް ހަޔާ....ޑޯންޓް ކްރައި އިނގޭ"

އެގޭ ތެރެއަށް ވަންއިރު ހުރިހާ އެންމެން ހަޔާތީއަށް ލަސްވެގެން އިންތިޒާރުގައި މޭޒުދޮށުގައި ތިއްބެވެ. ހަޔާތީއަށް އިސްއުފުލައި ބަލައިލެވުމާއިއެކު ފުރަތަމަވެސް ނަޒަރު ހުއްޓުނީ އަމްރާންގެ މޫނަށެވެ. ސޫޓުގައި މިއަދު އޭނަ ފެންނަލެއް ވަކިން ރީތިހެން ހީވިއެވެ. އިސްތަށިގަނޑު ސްޓައިލްކޮށްފައިވާ ގޮތާއިއެކު ދެންމެ ފެންވަރާލައިގެން ހުރިހާ ތާޒާއެވެ. ތުންފަތްމަތީގައި ފަނޑު ހިނިތުންވުމެކެވެ. ދެއްކުން ތެރިކަން ކަމުގައި ވިޔަސް ހަޔާތީއަށް ބަލައިލީ ނިކަން ޚާއްސަ ނަޒަރަކުންނެވެ. ހަޔާތީއަށްވެސް މަޖުބޫރުވީ ކުޑަކޮށް ހީލުމަށެވެ. ހާސްކަމާއިއެކު ތެޅިތެޅިވާ ހިތަކާއިއެކު އޭނަ އަމްރާންއާއި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. ކައިވެނީގެ ޚުތުބާ ފެށުނެވެ. އެންމެފަހުން އަމްރާންގެ ދުލުން އަނބި ބަލައިގެންފީމޭ ބުނުމާއެކު ހަޔާތީގެ މެޔަށް ގޮތެއްވިއެވެ. މިކާލްއާއި އޭނަގެ ކައިވެނީގެ ދުވަސްމަތިން ހަދާންވެ ދެލޯ ފެންކަޅިވިއެވެ. އެވަގުތު އަމްރާންވެސް އެއް ލޯ ފޮހެލީ ކަރުނަ ތިއްކެއް އައުމުންނެވެ. އެމަންޒަރު ފާހަގަކުރި ކިތަންމެ މީހުނެއް ތިއްބެވެ.

ކައިވެނިކޮށް ނިމުމާއިއެކު އެންމެން މަރުހަބާ ކިޔަންފެށިއެވެ. ހަޔާތީއަށް އަމްރާންގެ އާއިލާގެ އެންމެންގެ މޫނުތަކުން ފެނުނީ ބަނަކަމެވެ. ތުން ފިތާލައިގެންނެވެ. ޚާއްސަކޮށް އެލީންއެވެ. އެލީންގެ ބެލުމުން ހަޔާތީ ފިއްސާލާނެފަދައެވެ. އެހާވެސް ރުޅިވެރި ބެލުމެކެވެ. ދެންހުރީ މާމައެވެ. އެހާ ނުރުހުންވެފައެވެ. އަބުދުލްއަޒީޒުވެސް ގަދަކަމުން ހީލައިގެން ހުރިފަދައެވެ. ޖަނާޒާއެއްގައިވެސް އުޅޭނީ މިފަދަ ގޮތަކަށެވެ.

"ތެންކިއު.....ފޯ ބީން މައި ވައިފް..." މީހުނަށް ފަރުވާލެއްނެތި އަމްރާން ހަޔާތީގެ ނިތްކުރީގައި ބޮސްދެމުން ބުނެލިއެވެ.

ހަޔާތީ ދިޔައީ ސިހިގެންނެވެ.

"މީންކޮށްފައި ބުނިހެން އެބުނީ. އެކަމަކު ޔަގީން މި ދެއްކުންތެރިކަން. ނަމަވެސް ހާދަ ލޯބިންނޭ އެހެން ބުނީ. ލޯބިވާ މީހެއް ތިމާ އެންމެ ލޯބިވާ އަންހެންކުއްޖާ ހާސިލުކުރެވުމުން ބުނާނީ ހަމަ އެގޮތަށް ކަން ނޭގޭ......" ހަޔާތީ ހިތާ ހިތުން ބުނެލި ނަމަވެސް މޫނަށް ރަތްކުލަވެރިވީ ލަދުންގޮހެވެ. މިކާލްއާއި ކައިވެނި ކުރި ދުވަހު ނުވާހާ ބޮޑަށް ހާސްވެ ލަދުގަންނަގޮތްވެސް ވިއެވެ. އަމްރާން މީހުންނަށް ދައްކަން ނަމަވެސް އޭނަގެ އަތުގައި ހިފައިލި ގޮތަށް އުޅުނީ ނިކަން އިޝްގީވެގެންނެވެ. ފޮޓޯތައް ނެގުމާއި ކެއުމާއި ސެލްފީތައް ނެގުމުގެ ފޯރި ފެށުނެވެ. އެލީން ގަސްތުގައި އަމްރާންއާއި ހަޔާތީއާއި ދެމަފިރިންގެ ދޭތެރެއަށް ގަދަކަމުން ވަނެވެ. ހަޔާތީ އެއްފަރާތަށް ޖައްސާލުން އެލީންއަކަށް އުދަގުލެއްނުވިއެވެ. އުޅަބޮށި އަޅުވާކޮށްޕާލާފައި އެދޭތެރެއަށް ވަދެ އެލީން ހުންނަނީ މަސްނޫއީ ހުނުމެއް ތުންފަތަށް ވެރިކޮށްލައިގެންނެވެ. ރުޅިންގޮސް އަނދާވަރު އެދެލޮލުން ފެނެއެވެ. ދޭތެރެއަކުން ހަޔާތީއަށް ލޮލުން ފޮނުވާ ތީރުތައް ވިހައިން ކަޅިކޮށްލާފައެވެ.

އަޒިކިއަލްއާއި ލާވީ ތަންކޮޅެއް ދުރުގައި ހަށިފާރަވެރިންގެ ޕޯސްގައި ތިއްބެވެ. ކަންފަތުގައި މިކް އަޅުވާލައިގެން ލޮލުގައި އަވިއައިނު ޖަހާލާފައި ކޯޓު ފަޓުލޫނުގައި ތިބިއިރު އެމެރިކާ ސިއްރު އެޖެންޓުންފަދައެވެ. އެހާ ޕްރޮފެޝަނަލްކަމަށް ދައްކައެވެ. އަމްރާން އަޒިކިއަލްއާއި ލާވީ ކައިރިއަށްގޮސް ތިން މީހުން ވަރަށް ސިއްރު ވާހަކަތަކެއްގައި ހީލުމުގައި އަމިއްލަ ވަގުތުކޮޅެއް ހޭދަކުރިއިރު އެންމެންގެ ސަމާލުކަން އަތުލައިގަތްކަމަކަށް ވިއެވެ. ފޮޓޯ ސެޝަންގައި އެކުވެރިން ބައިވެރިކުރަން ނިންމާފައި ދެމީހުން ގެނައެވެ. ދެ މީހުންގެ ކޮނޑަށް އަތް ވައްޓާލައިގެން ހުރެ ނެގި ފޮޓޯގައި އަމްރާންގެ ހިނިތުންވުން ވަކިން ޚާއްސައެވެ. އެންމެ އުފާވެރި ހަގީގީ ހިނިތުންވުން ތުންފަތްމަތިން ފެންނަންހުއްޓެވެ. އަމްރާންއާއި ހަށިފާރަވެރިންގެ ގުޅުން ގާތްކަން ހަޔާތީއަށް އެ މަންޒަރުން ސިފަވިއެވެ. އެންމެ ގާތްއެކުވެރިން ފަދައެވެ. ސޯޝަލްމީޑިއާ ދެކުނީ އެގޮތަކަށް ނޫނެވެ. އެ ފޮޓޯވެގެން ދިޔައީ އަމްރާން "ގޭއި"ކަމަށް ބުނާ މީހުންނަށް ދެވުނު އަނެއް ޗާންސްކަމަށެވެ. ޕޭޖުތަކުން އެންމެ ގިނައިން ފެނުނު ފޮޓޯއަކީ އަމްރާންއާއި އަޒިކިއަލް އަދި ލާވީ އެއްކޮށް ނެގި އެ ޚާއްސަ ފޮޓޯއެވެ. ދެން އަމްރާން ލޮލުން ކަރުނަ ފޮހެލި ތަންކޮޅެވެ. އަދި ހަޔާތީގެ ނިތްކުރިއަށް ބޮސްދިން މަންޒަރުވެސް ވައިރަލް ވިއެވެ. ހުރިހާ ނޫސްތަކުގެ ފަލަ ސުރުޚީއަކީ ނާއިބު ރައީސްގެ ކައިވެންޏެވެ.

ކައިވެނީގެ ހަފްލާ ނިމުމަށްފަހު މަޑުމަޑުން މީހުން ހުސްވާންފެށިއެވެ. ހަޔާތީގެ އާއިލާ މީހުންވެސް އޭނައާއި ސަލާމްކޮށްފައި ނޫނީ ބައްދާލާފައި މަރުހަބާ ކިޔުމަށްފަހު ދަމުންގޮސް އޭނަ ގާތްގަނޑަކަށް އެކަނިވިއެވެ. އެންމެފަހު ވަގުތާއި ޖެހެންދެން ގާތުގައި ހުރީ ސަޖަލްއެވެ. އޭނަ ހަޔާތީގެ އަތުގައި ހިފައިލިއެވެ. އުފަލުން ފެންކަޅިވެފައެވެ.

"ވަރަށް ރީތި ރެއެއް. ހަނދުވެސް ކާއިނާތުގައި ދިއްލިފައި އިންއިރު މިރޭގެ އުފާވެރިކަމުގައި ބައިވެރިވެ ހިނިތުންވެލައިގެން އިންފަދަ. ޕާފެކްޓް ފޮޓޯތަކެއްވެސް ނެގިއްޖެ. އަމިއްލަ ކައިވެނީގެ ރޭގައިވެސް މިހާ އުފާވާނެކަމެއް ނޭގޭ ލަވް. ދެކުދިން އެކަކު އަނެކަކަށްޓަކާ ހައްދަވާފައިވާފަދަ. ވަރަށް ލޯބިން އުޅެއްޗޭ. ދެން މިހާ އުފާވާނެ ދުވަހަކީ ޕްރެގްކަން އެނގޭ ދުވަހަކުން...އެ ޚަބަރު ލިބޭނެ އިރެއްގެ އިންތިޒާރު ގުނަން މިފެށީ އިނގޭ ލަވް ޔޫ މަޗް . ގުޑް ނައިޓް " ސަޖަލް ހަޔާތީގެ ގައިގާ ބައްދާލީ ހުރިހާ ދަތްތައް ފެންނަވަރަށް ހެވިލައިގެން ހުރެއެވެ. އެންމެ ގާތް އެކުވެރިޔާ ނުކުމެގެން ދިޔުމުން އެކަނިވެރިކަން އިހުސާސްކުރެވުމާއިއެކު އެހެން މީހުންގެ ލޯތަކުން ސަލާމަތްވާން އެތެރެއަށް ވަދެގެން ދިޔައެވެ. ގޭގެ ފަހަތު ފެންޑާ ހުޅުވާލާފައި ނުކުތްގޮތަށް ސޯފާއަކަށް ތިރިވެވުނީ ކަރުނަތައް އޮބިނޯވެގެން ފައިބައިގަންނާނެހެން ހީވެފައެވެ. ދެލޯ މަރައިލަމުން އޭނަ ކަރުނަތަކާއި ހަގުރާމަކުރަމުން ދިޔައެވެ. ކެތްތެރިވާން ހަދާންކޮށްދިނެވެ. އެކަމަކު ހަދާނުން މިކާލް އެއްފަރާތް ކޮށް ލުމުގައި ކާމިޔާބެއްނުވިއެވެ. ކުއްލިއަކަށް ހައިރާންކަމާއިއެކު ސިހިފައި ބަލައިލެވުނީ ދޮރުމަތީގައި ހުރި މީހާއަށެވެ.

"މިކާ.....

ކޮމެންޓް 0