ދޮންތާ ކިހިނެއްވީ؟ ކާކު ގުޅީ؟ "

"މިކާ އަމިއްލައަށް މަރުވީޔޯ...." ހަޔާތީ ބުދެއްފަދައިން އިންއިރު އެލޮލުގައި ވީ ހުސްކަމެވެ. އިޝްކަން އަހަން އުޅުމުންވެސް އިތުރު ތަފުސީލެއް ނުދީ ކޮޓަރިއާއި ދިމާލަށް ހިނގައިގަތުމުން އިޝްކަން ހާސްވިއެވެ. ގުޅި ކާކުބާވައެވެ. ހަޔާތީގެ މޫނަށް ވެރިވި ކުލަވަރުން އެއީ "ޕްރޭންކް" އެއް ނޫންކަން އެނގި އިޝްކަންގެ ހިތްވެސް ބިރުވެރިކަމުން ވަށާލައިފިއެވެ. މިކާލްފަދަ ހިތްވަރުގަދަ ޒުވާނަކު މިހާ އަވަހަށް ދުނިޔެއާއި ވަކިވެގެން ދިޔުމުން ގަބޫލުކުރާކަށް ފަސޭހައެއް ނުވިނަމަވެސް ކޮންމެ މީހެއްގެ ހިޔަނިހެން އެންމެ ކައިރީގައިވަނީ މަރެވެ. އިޝްކަން ހަޔާތީގެ ފަހަތުން ގޮސް އެކޮޓަރިއަށް ވަނެވެ. ހަޔާތީ އަލަމާރި ތެރޭގައި ހުރި އޭނައާއި މިކާލްގެ ކައިވެނީގެ ދުވަހުގެ ފޮޓޯ ފްރޭމްތަކެއް ނެގިއެވެ. ދެމީހުންވެސް އެހާ ހިނިތުންވެލައިގެންނެވެ. މޫނާއި މޫނު ޖައްސާލައިގެން ލޯބިވެރިންހެން ގާތުގައެވެ.

މިޝާ ގުޅާފައި ކިޔައިދިން ވާހަކަތައް އިޝްކަންއަށް ކިޔައިދިނީ އެތަނުން ފްރޭމެއް މޭގައި ޖައްސާބާރުކޮށްލައިގެން އިނދެއެވެ. ލަސްލަހުންނެވެ.

"ގުޑްބައި ކިޔާނެ ޗާންސެއް ނުލިބި ވަކިވީ...އެޓްލީސްޓް ބުނެފައި ހިތްހެޔޮކުރުވާފައި ދިޔަނަމަ..ހިޒް ޑްރީމްސް. އެޗްއެމް. މި އެޕާޓްމެންޓް. އާއިލާ. މިހުރިހާ އެއްޗެއް ދޫކޮށްލާފައި ގޮސް އަދި އަމިއްލައަށް މަރުވީ. ކިހިނެއް ދެން ހަދާނީ. ނޭގޭ...." ހަޔާތީގެ ދެލޮލުގައި ހުސްކަން ނޫން އެހެން އެއްޗެއް ނެތެވެ. ރޯކަށްވެސް ހަޔާތީއަކަށް ނޭގުނެވެ. ސިކުނޑިވަނީ އަދިވެސް ގަބޫލުނުކުރުމުގެ ތެރޭގައެވެ. އެވާހަކަ ގަބޫލުކުރަން ސިކުނޑި ތައްޔާރެއްނޫނެވެ. ލިބުނު ކުއްލި ޝޮކުގެ ސަބަބުން ހަޔާތީގެ ސިކުނޑި ގަޑުވެ މުޅިއަކުން މަސައްކަތެއްނުކުރެއެވެ. އެ ހާސްކަމުގައި ގަބުވެފައި އިންދާ މިފަހަރު ފޯނު ރިންގުވުމުން ނެގީ އިޝްކަންއެވެ. އެކޮޅުން ވާހަކަދެއްކީ މިޝާއެވެ.

"ހަޔާ. މިކާ ޝަހީދުވި ޚަބަރު އިވުމާއެކު މަންމަ ޚަބަރުހުސްވެގެން ވެއްޓުނުގޮތަށް ހޮސްޕިޓަލަށް ގެންދަން މިއުޅެނީ. ހަޔާ އަވަހަށް އާދެބަލަ......." މިޝާ ހާސްކަމާއިއެކު އެ ޚަބަރު އިއްވާފައި ފޯނު ކަނޑާލައިފިއެވެ. މިފަދަ ހިތާމަތަކާއި ކުރިމަތިލާ އެހެން މީހުންނަށް ހިތްވަރުދޭކަށް އިޝްކަންގެ މާ ބޮޑު ތަޖުރިބާއެއް ނެތެވެ.

"ދޮންތާ މުފުތިހާ ދައްތަ ސަކަރާތްވެގެން ހޮސްޕިޓަލަށް ގެންގޮއްސި."

"މިކާ ސުއިސައިޑްކުރީމަތަ؟ އެއްވެސް މަންމައަކަށް ދަރިފުޅު އެގޮތަށް ވަކިވީމަ ކެތެއްނުކުރެވޭނެ. މަންމަ އެންމެ ލޯބިވި ދަރި އެއީ........." ހަޔާތީ މަޑުމަޑުން ބުނެލިއެވެ.

ތިންދުވަސްވާންދެން ހަޔާތީ ފެންވަރާލުމެއްނެތި ނުކައި ނުބޮއި އެނދުގައި އެހެން އޮތީއެވެ. މިޝާއާއި ހިނާ ދޭތެރެއަކުން ވަދެ ޚަބަރު ބަލައިލައެވެ. ކާއެއްޗެހި ހިފައިގެން ގެނެސް ކާން ބުނެއެވެ. އެކިގޮތްގޮތަށް ނަސޭހަތްވެސް ދިނެވެ. މުޅިންވެސް ދައްކަނީ ޝަހީދުންގެ މާތްކަމުގެ ވާހަކައެވެ. މިކާލް ދުނިޔެއާއި ވަކިވެގެން ދިޔައީ ޝަހީދެއްގެ ގޮތުގައިކަން ބުނެދޭން މަސައްކަތްކުރެއެވެ. ތިންވަނައަށް ވީ ދުވަހު ހަޔާތީ ސަމާއާއި ބައްދަލުކުރަން އެ ފަންގިފިލާއަށް ދިޔައެވެ. މިކާލްއާއި އެންމެ ފަހަށް ދިމާވެ ވަދާއުގެ ސަލާމް ކުރާނެ ފުރުސަތު ލިބުނު ސަމާ ކުރެން މިކާލްއާއި ބެހޭގޮތުން އެންމެ ފަހުގެ މައުލޫމާތު އަހާލަން ބޭނުންވިވަރުންނެވެ. އެޕާޓްމެންޓަށް ވަދެފައި ހީވީ ޕާކިސްތާނު ހިސާބުގެ ގެއަކަށް ވަދެވުނުހެންނެވެ. ރަތް ދޫލަ އަޅާފައި ރަގްތަކެވެ. ދެފަރާތުގައި ބާލީސްތައް ޖަހާފައެވެ. ދެފަރާތުގައި ގޮދަޑިއާއި ކުޝަންތަކެވެ. ސަމާގެ މަންމަ މުފުތިހާ އެންމެ ރުހޭގޮތަށް އިހުގެ ގޮތަށެވެ.

"ދޮންތަބޭ އަވަހަށް އިށީދޭ..........................." ސަމާ އިޝާރާތްކުރުމުން ހަޔާތީ ކުޝަންއެއްގައި ބުރަކަށި ޖައްސާލައިގެން އިށީނެވެ. " މަންމައަށް ސްޓްރޯކެއް ޖެހުނީ. އަދިވެސް އައިސީޔޫއަކުން ނުނެރޭ. އެބައަންނަން ސައި ހިފައިގެން..."

އިރުކޮޅެއްގެ ތެރޭ ސަމާ ސުފުރާ ތައްޔާރުކޮށް ހަޔާތީގާތު އިށީނެވެ. ހަޔާތީވެސް ބަނޑުފައިވެފައިވާލެއް ބޮޑުކަމުން ސައިތަށި ނަގާ ތުނބުގައި ޖެހިއެވެ.

"ސަމާ ކޮން ހޮސްޕިޓަލެއްގައި އެޑްމިޓްކުރީ؟ ދޮންބެއާއި އެންމެފަހުން ދިމާވި ދުވަހު ކީކޭ ބުނީ؟ އެކަނިތަ ހުރީ. އެއްވެސް ސިޓީއެއް އެއްޗެއް ނުދޭތަ. އެއްވެސް މެސެޖެއް ނުދޭތަ. ކާކު ބުނީ ސުއިސައިޑްކުރީއޭ.......... " ހަޔާތީ އެތައް ސުވާލެއް އެއްފަހަރާ އަމުނައިލިއެވެ. ސަމާ މިކާލްއާއި ދިމާވި ހުރިހާ ދުވަހެއްގެ ވާހަކަ ކިޔައިދިނެވެ. އޭނަ ހޮސްޕިޓަލުގައި އޮތްއިރު މިކާލް އަނގައިގާ ލަވާ ކާންދިނެވެ. އިސްތަށިގަނޑުގައި ފުނާ އަޅުވާދިނެވެ. ބޭބެއެއްގެ ހުރިހާ ޒިންމާއެއް ނެގިއެވެ. މިކާލްވެސް އިރާދަކުރެއްވިއްޔާ އޭނަގެ އާއިދު ފަދައިން ޝަހީދުންގެ ތެރޭގައިވާނެކަމުގައި ސަމާ ބުނެލިއިރު އެދެލޮލުގެ ވިދުންގަދަވިއެވެ.

"ދޮންބެދައްތިއަށް އެނގޭތަ؟ އާދު ޝަހީދުވީ އެކުވެރިއަކު ސަލާމަތްކޮށްދޭން އުޅެނިކޮށް ކަމުގައިވަނީ. އެންމެފަހު ވަގުތުވެސް ވަރަށް ރީތިކޮށް ސްމައިލް ކޮށްގެންނޯ އޮތީ. އަބޫ ދުޖާނާ ރަހިމަހުﷲގެ ވައިފް އާލާ ބުނި އެއްޗެއް އެނގޭތަ؟ އާދު ޝަހީދުވި ފަހުން މުޖާހިދުންނަށް މީރުވަހެއް ދުވަންފެށީއޯ. އެމީހުން ހީކުރީވެސް އާދުގެ ޖީބަށް ލައިގެން އުޅުނު އަތަރުފުޅިއެއް ނަމަވެސް ތެޅިގެން ކަމަށޯ. ޖީބު ފާސްކުރިއިރު އަތަރުފުޅިއެއްނެތް. އެކަމަކު އަތަރުވަސް އަރަ އަރާހުރި ހަމަ ލެއިންކަމަށްވަނީ. އެވާހަކަ އިވިފައި ގޫޒް ބަމްޕް ނަގައިގެން ދިޔައީ. ދޮންބެ ޝަހީދުވި ޚަބަރުލިބުނީމަވެސް އުފާވެރިކަން އިހުސާސްކުރެވުނީ. އިޓްސް ވަޓް ހީ ވޯންޓެޑް އޯލް އެލޯންގް....." ސަމާ ކުޑަކޮށް ހިނިތުންވެލިއެވެ.

ހަޔާތީގެ ބުމަ ކައިރިކޮށްލެވުނެވެ. އެއީ ކަނޑައެޅިގެން އެޖަމާއަތުގެ ރިޕޯޓަރުން ފަތުރާ ދޮގު ޚަބަރެއްކަން އޭނައަށް ޔަގީނެވެ. އެމީހުންގެ ބޭނުމަކީ އެފަދަ ވާހަކަތައް ދައްކައިގެން ސިކުނޑި ދޮވެލާ މުސްލިމުންތައް ޖިހާދަށް ގެންދިޔުމެވެ. ޓެރަރިސްޓް ހަމަލާތައް ހިންގުމަށް ބާރު އެޅުމެވެ. އަފްޣާނިސްތާނުގައި އެގޮތަށް ޝަހީދުވާ މީހުންގެ ހަށިތަކުން ގޮމަކަސްތޫރި ވަސްދުވާއިރު އެމެރިކާ މީހުން މަރުވުމުން ދުވާ ނުބައި ވަހުން ނޯށް ދަމާލަން ނުކެރޭކަމުގައި ބުނެ އުޅޭ ވާހަކަ ހަޔާތީވެސް އެއް އިރެއްގައި ގަބޫލުކުރިއެވެ. ސަބަބަކީ ރަޝިއާމީހުންނާއި ދެކޮޅަށް އޭރު އަފްޣާނު މުޖާހިދުން ކުރީ ހައްގު ޖިހާދެކެވެ. އެފަދަ ހަގީގީ މުޖާހިދުންގެ ވާހަކަތައް އޭނައަށްވެސް ނެޓުން ފެނިފައިވެއެވެ. ބައެއް މުޖާހިދުންގެ ކަށްވަޅު ކޮނެގެން ބަލާއިރު އެގޮތަށް ހަށިގަނޑު ތާޒާކޮށް ހުރެ މީރުވަސް ދުވާކަމީ ހަގީގަތެވެ. ނަމަވެސް މިއީ ސީދާ ސިކުނޑި ދޮންނަން ދައްކާ އުޅޭވާހަކައެއް ކަމާއިމެދު ޝައްކެއް ނެތެވެ.

"ދޮންބެ ދައްތީ. އަދި ޚަބަރެއް އެބައޮތް. އައިމް ޕްރެގްނެންޓް. ދޮންބެދައްތީގެ ފަރާތުންވެސް މިފަދަ އުފާވެރި ޚަބަރެއްލިބޭނެ ކަމަށް މިހިރީ އިންޝާﷲ....." ސަމާ ބުނެލިގޮތުން ދުނިޔޭގެ ހުރިހާ އުފަލެއް ލިބިފައިވާފަދައެވެ.

"އޯ......." ހަޔާތީ ސިހިފައި ސަމާގެ މޫނަށް ބަލައިލުމާއިއެކު މިކާލްއާއި އޭނަގެ އެކި ހަދާންތައް ސިކުނޑީގައި ޖެހިގަތްގޮތުން ދެލޯ މަރައިލެވުނެވެ. އޭނައާއި މިކާލް ދެމަފިރިންނަށްވިޔަސް އެދެމީހުން ދޭތެރޭގައިވި އެ ފާރު ނައްތާލަން ދެމީހުންވެސް ކޮންމެވެސް ސަބަބަކާއިހެދި ޖެހިލުންވިއެވެ. މިކާލްގެ ލަދުރަކިކަން ކަމުގައިވެސް ހަޔާތީ ދެކުނެވެ. ނޫނީ އޭނަގެ ކަންބޮޑުވުމާއި ހާސްކަން މިކާލްއަށް އިހުސާސްކުރެވުނީއެވެ. އެންމެ ލޯބިވާ ފަރާތާއި އެހާ އަވަހަށް ވަކިވާން ޖެހިދާނެކަން ކުރިން އެނގުނުނަމައެވެ. މަރު އެހާ ކައިރީގައިވާކަން އެނގޭއިރުވެސް ބައެއްފަހަރު ލޯބިވާ ފަރާތްތަކަށް އެންމެ އެކަށީގެންވާ ގޮތުގައި އެކަން ހާމަނުކޮށް އަޅާލަންވާ ވަރަށް އަޅާނުލެވެނީއެވެ. އެހެން ހުއްޓާ ވަގުތު ފާއިތުވެދާނެއެވެ. ހިތާމަކުރާ ދުވަހެއް އައިސްދާނެއެވެ. މިކާލްއާއި ދުރުން އުޅެވުނުކަމަށްޓަކާ މިއަދު އޭނަ ހިތާމަކޮށްފިއެވެ. އެއަށްވުރެ ލޯބިން ގާތްކޮށް އުޅެވުނު ނަމައެވެ. އެހަދާންތައް އަބަދުވެސް އޭނަ ކަރުނަ އަޅަން މަޖުބޫރުކުރުވާނެއެވެ. ދެމަފިރިންނަށްވުރެ އުޅެވުނީ ގާތް އެކުވެރިން ފަދައިންނެވެ. ކުށްވެރިއަކީ އޭނައެވެ. މިކާލް އިސްލާމިކް ސްޓޭޓަށް ތާއީދުކުރާކަން ޝައްކުވުމުން އޭނަވެސް އެގޮތުގައި ހުރެވުނުނަމައެވެ. މިކާލްއާއިއެކު ގެންދާށޭ ބުނެވުނު ނަމައެވެ. އަދި އެއް ފުރުސަތު ލިބޭނެނަމައެވެ. މިކާލް އަލުން އެނބުރި އަތުވެއްޖެއްޔާ އޭނަ........... ހަޔާތީގެ މެޔަށް އުދަގޫގޮތްތަކެއް ވެ ހިންދިރުވާލުންވެސް ވޭނަކަށްވިއެވެ. އެސްފިޔަތަކުގެ ފުރަގަހުގައި ފިލާފައިވާ ކަރުނަތައް ހަމަ ދެންމެ ދެންމެ އޮހޮރިގެންފާނެއެވެ.

އިތުރަށް އެތަނުގައި އިންނާކަށް ހަޔާތީ ބޭނުމެއްނުވިއެވެ. އޭނަ ބޭނުންވީ އެކަނިވެރިކަމެވެ. ސަމާގެ ބުރަކަށީގައި ފިރުމާލާފައި ސައިދިންކަމަށްޓަކާ ޝުކުރުވެރިވިއެވެ. މަންމަ ދެކެލަން ދެވޭނީ މާދަން ކަމަށް ބުނެފައި އަވަސްވެގަތީ އެޕާޓްމެންޓަށް ދިޔުމަށެވެ. ދޮރު ހުޅުވާލުމުން މަރުހަބާކީ އެކަނިވެރިކަމައި ފަޅުކަމެވެ. ހިމޭންކަމެވެ. ކަފަލޮލީވެސް އަޑެއްލައްވާ ނުލާ މޮޅިވެރިކަމާއިއެކު އެއްކަނެއްގައި އޮތީ އޭނަގެ ވެރިޔާ މަރުވުމުގެ ހިތާމައިގާ ކަން ނޭގެއެވެ. މިކާލްއާއި ނުލާ އެއްވެސް ދިރުމެއްނެތެވެ. އަތުގައި އޮތް ފޯނު ހުޅުވާލައިގެން އެފްބީއަށްވަދެ މިކާލްގެ ޕްރޮފައިލް ހާވާލެވުނީ އިތުރު އެއްވެސް ޚަބަރެއްވެދާނެކަމުގެ އުއްމީދުގައެވެ. މިކާލް މަރުވުމުގެ ހަފްތާއެއްހާ ދުވަސްކުރިން ސްޓޭޓަސްގައި "ފެނި ގެއްލިދާ " ޖަހާފައި އޮތުމުން އެ ޖުމްލައާއިމެދުވެސް ވިސްނުނެވެ. އެފްބީ ކަވަރުގައި ހުރީ ދުންތަރިއެއްގެ ރީތި ހިތްގައިމު ފޮޓޯއެކެވެ. ކައުނުގައިވާ ސިއްރުތަކާއިމެދު މިކާލް ވިސްނާވަރު އެފޮޓޯއިން ހާމަވިއެވެ. ހަޔާތީ ކޮންމެ ފޮޓޯއަކާއި ކޮންމެ ސްޓޭޓަސް އަކާއިމެދު ވިސްނިއެވެ. ހުރިހާ ފޮޓޯއެއް ބެލިއެވެ. ކިތަންމެ ވަރަށް ހޭވިޔަސް އިސްލާމިކް ސްޓޭޓްއާއި އެއްވެސް ގުޅުމެއް ހުރި އެއްވެސް އެއްޗެއް އެއަކުން ނުފެނުނެވެ. ނަމަވެސް ކޮންމެ ފޮޓޯއަކުންވެސް މެސެޖެއް ދޭން އުޅޭކަމުގެ ޝައްކެއްވިއެވެ.

ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމާއެކު ބަލައިލި ކޮންމެ ދިމާލަކުން މިކާލްގެ ހަދާންތަކެވެ. މުސައްލާ އަޅައިގެން ދަމު ނަމާދުކުރަން އިންނަ މަންޒަރު ހިތަށް ސިފަވިއެވެ. ކޮންމެ އިރަކުވެސް ފާޚާނާގެ ދޮރު ހުޅުވާލާފައި ހިނިތުންވެލަމުން އިސްތަށިގަނޑުން ފެން ހިއްކަމުން ނިކުމެދާނެ ފަދައެވެ. ހީލާފައި ދިމާކޮށްލަން ކޮންމެވެސް އެއްޗެކޭ ކިޔާފަދައެވެ. މަޑުމަޑުން ބައްދާލާފައި ނިތްކުރީގައި ބޮސްދޭކަމުގެ އިހުސާސްތަކެވެ. މަޑުމަޑުން ދޮރުފަތަށް ލެނގިލައިގެން ހުރެ ވިސްނިވަރަކަށް ލޮލުގައި ގިނަވެގަތް ކަރުނަތައް އެސްފިޔަތަކުގެ ގައިދުން ނިކުމެ ތިރިއަށް ދެމިގަތެވެ. ކަރުނަތިއްކަކަށްފަހު ކަރުނަ ތިއްކެކެވެ. ދުވަހަކުވެސް މިކާލް ދެން ނުފެންނާނެކަމުގެ އިހުސާސްތައް ގަދަވެގަތެވެ. ދުވަހަކުވެސް މިކާލް ދެނެއް ނާންނާނެއެވެ. ދުވަހަކު އެ ހިނިތުންވުންތަކެއް ނުފެންނާނެއެވެ.

"މިކާ......." ހަޔާތީގެ ސިކުނޑިތެރެއިން ކަރު ފަޅައިގެންދާހާ ބާރަށް މިކާލްގެ ނަމުން ގޮވުނެވެ.

މިހުރިހާ ދުވަހު ގަނޑުވެފައިވާ ސިކުނޑި ހޭލައިގަތުމާއިއެކު ހަޔާތީގެ ރުއިމުގެ އަޑު މުޅި ގޭތެރޭގައި ހިފައިލިއެވެ. ބާރުބާރަށް ރޮމުން ބިންމައްޗަށް ތިރިވިގޮތަށް ހިތް ފުރެންދެން ރޯލިއެވެ. ކޮޓަރިތެރޭ ރުއިމުގެ އަޑު ކިތަންމެ ގަދަވިޔަސް އިތުރު މީހަކަށް އިވޭނީއެއް ނޫނެވެ. ކަރުފަޅައިގެންދާހާ ވަރަށް ރޮއިގެންވެސް ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ދެއަތުން ތަޅުންމަތީގައި ތެޅިއެވެ. އިސްތަށިގަނޑުގައި ހިފާ ދެމިއެވެ. ރޮމުންގޮސް ހިތްފުރޭވަރުވީއިރު އޮވެވުނީ ބިންމަތީގައި އޮށޯވެގެން ދެފައި ގެނެސް މޭގައި ޖައްސާލައިގެންނެވެ. ތެދުވެފައި ބަލައިލިއިރު ދެލޯ ދުޅަކަމުން ފިނިފެނުން ބޮނޑިތާން ކުރަންޖެހުނެވެ. ކޮންމެފަހަރަކު ތާޒާ ކަރުނަތައް ގިނަވެގެން އެތައް ފަހަރު މޫނު ދޮންނާން ޖެހުނެވެ.

އެޕާޓްމެންޓްގެ ދޮރު ހުޅުވާ އަޑަށް އިޝްކަންކަން އެނގި އަވަހަށް ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލައިފިއެވެ. އޭނަ ރުއިކަން އިޝްކަންއަށް އަންގާކަށް ބޭނުމެއް ނޫނެވެ.

"ދޮންތީ.....ޑިނާއަށް އެއްޗެއް ގަނެގެން މިއައީ. ތަންދޫރީ ޗިކަން އާއި ފަރާޓާ......."

"ޝޭން. ދޮންތަ ރޯގާ ޖެހިގެން ބޮލުގައި ރިއްސާތީ ކުޑަކޮށް ނިދާލަން ކަމަށް މިއުޅެނީ. ކޮއްކޮ ކައިފާ ބަހައްޓާ. ދޮންތަ ފަހުން ކާނަން އިނގޭ......." ހަޔާތީގެ އަޑު ކުރެހިފައިވިއެވެ. މި ތިން ދުވަހުވެސް ހަޔާތީ ހިތްވަރުގަދަކަމުން ކަރުނަ ތިއްކެއް ވައްޓާނުލުމުން ރަގަޅުވާނެކަމުގައި އިޝްކަން ޔަގީންކުރިއެވެ. އެކި އިންސާނުން ހިތާމަ ފާޅުކުރާނީ އެކިގޮތްގޮތަށެވެ. އޭނަގެ ދޮންތައަކީ ހިތްވަރުގަދަ އަންހެންކުއްޖެކެވެ. ނުކައި ނުބޮއި ނުތެދުވެ އޮތަސް ކަރުނައާއި ބީރައްޓެއްސެވެ. އިޝްކަންއަށް ނޭގުނު ތަންކޮޅަކީ ބައެއްފަހަރު ލިބޭ ޝޮކެއްގެ ސަބަބުން އެގޮތަށް ގަނޑުވެ ނުރޮއި ހުރުމުން ނަފްސާނީގޮތުން މާ އަސަރުކުރާނެކަމެވެ. އެހުރިހާ ދުވަހަށް ވާވަރަށް މިއަދު ހަޔާތީ ކަރުނަ އޮއްސައިފިއެވެ.

އެނދަށް ވެއްޓިގެން ފޯނުގައި ހުރި މިކާލްގެ ފޮޓޯތަކަށް ބަލަން އޮވެ އެކި ޝަކުވާކުރިއެވެ. ޒޫމްކޮށްގެންވެސް ބެލިއެވެ. މިހުރިހާ ދުވަހު ފުރުސަތު ލިބުނުއިރު މިކާލް ދުނިޔޭގައި ހުރިއިރު ހިތް ފުރެންދެން ބެލުނު ނަމައެވެ. އެފޮޓޯތަކާއި ކިތަންމެ ޝަކުވާއެއް ކުރިޔަސް ފިރުމިޔަސް ކުރެވޭނެކަމެއް ދެން ނެތެވެ.

"މައި ލަވް..އެންމެ ލޯބިވާ މިކާ. އަބަދަށްޓަކާ ވަކިވެގެން ތި ދިޔައީ. ވަދާއުގެ ސަލާމްކޮށްލާނެ ފުރުސަތެއްވެސް ނުދީ. ކިހިނެއް މި ހިތާމަތަކަށް ކެތްކުރާނީ. ކީއްވެ ތިހެން ހެދީ. ކީއްވެ ހިތް ހަލާކުކޮށްލީ. ޔޫ ބްރޯކް މައި ހާޓް. މިކާއާއި ނުލާ އުޅޭނެ ގޮތެއްބުނެބަލަ. ޔޫ އާ މައި އެވްރީތިންގް މައި ސޯލް މޭޓް މައި ބެސްޓްފްރެންޑް މައި ލަވް މައި ހާޓް ކީއްވެ އަހަރެން އެކަނިކޮށްލާފައި ތި ދިޔައީ. ކީއްވެ ކީއްވެ. ވަރަށް ލޯބިވޭ. ގިޔާމަތާއި ހަމަޔަށްވެސް މީ ހަމައެކަނި މިކާގެ ހައްގެއް...................." ހަޔާތީ ވައުދުވިއެވެ. ކަރުނައިން ފުރިގެންވާ ލޮލަށް ފޮޓޯ ފުސްވާން ފެށުމުން ކުޝަން މޫނުގައި ޖައްސާ ބާރުކޮށްލައިފިއެވެ. އެހިތާމަތަކާއި ކުރިމަތިލުމުގައި ނުކުޅެދި މޮޔަވެދާނެއޭވެސް ހީވިއެވެ.

 

ހަޔާތީގެ ހިތުގައި އަޅާ އެންމެ ބޮޑުވޭނަކީ މިކާލް ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ދުނިޔެ ދޫކުރިކަމެވެ. ވައިބާ ގްރޫޕަކަށް މެސެޖްކޮށްގެން ޝޭޚެއްގެ ޖަވާބު ހޯދަން ހުއްޓާ ލިބުނު ޖަވާބުން ހިތުގައިވާ ރިހުން އެތައް ގުނަ އިތުރުވިއެވެ. ޝޭޚު ބުނުއްވިގޮތުން އެއީ އަމިއްލައަށް މަރުވުމެވެ. ދާޚިލީ ހަގުރާމައެއްގައި ބައިވެރިވެގެން އަދި އަމިއްލައަށް މަރުވުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެކަމެއް ނޫންކަމަށް ބުނުމުން ހަޔާތީއަށްވެސް އެވާހަކަ ގަބޫލުކުރެވުނެވެ.

ޖެހިގެން އައި ދުވަހު މިކާލްގެ މަންމަ މުފުތިހާ ދެކެން ހަޔާތީ ހޮސްޕިޓަލަށް ޒިޔާރަތްކުރިއެވެ. އޭރު އައިސީޔޫ އިން ނެރެ މުފުތިހާ އޮތީ ޕްރައިވެޓް ރޫމެއްގައެވެ. މުފުތިހާގެ މޫނު ކޮންމެވެސް ވަރަކަށް ދުޅަވެފައި އޮތްއިރު ވަރުބަލިކަން ފާޅުވެއެވެ. ލޮލުގެ ނޫރު ކެނޑިފައިވާ ފަދައެވެ. އެއްވެސް ވިދުމެއްނެތެވެ. އަނގަ ކޮންމެވެސް ވަރަކަށް ދަމައިގެންފާ ހުރިހެން ހީވިއެވެ. ހަޔާތީއަށް އަސަރުކުރިއެވެ.

"މަންމާ......" ހަޔާތީ އަތުގައި ހިފާލުމުން އެއްޗެކޭ ބުނަން އުޅެފައި އެ ލޮލަށް ކަރުނައިގެ ތިކިތައް ވިދަންފެށިއެވެ. ތުންފަތް ތުރުތުރުލާން ފެށިއެވެ. ލޮލުގެ ނޫރުކަމުގައި ވި ފިރިހެންދަރިފުޅު އެގޮތަށް ވަކިވުމުން ހިތަށް ކުރާނެ ބާރު ހަޔާތީއަށް އިހުސާސްކުރެވުނެވެ.

"މި....މިކާ..ލް...މަންމަ ގެ ދަރި....." މުފުތިހާ ކިޔާ އެއްޗެއް ކިރިޔާ ސާފުވާކަމެވެ. ވާހަކަދެއްކެނީ ވަރަށް އުދަގުލުންނެވެ." އެންމެ ދެރަވަނީ އެ ދަރިފުޅު...އަމިއްލައަށް މަރުވީއޭ ކިޔާތީ.. ދުޢާ ކުރައްޗޭ. ރަހުމަތް ލެއްވުމަށް އެދި......"

މުފުތިހާ ރޯތަން ފެނުމުން ހަޔާތީގެ ހިތްވެސް ކަރުނަ އޮއްސިއެވެ. ހިމޭން ކަރުނަތަކެވެ. އެދެލޮލުގެ އުޖާލާކަން ކެނޑި ހިތާމައާއި މޮޅިވެރިކަމުގެ ދިރިހުރި ތަސްވީރަކަށް އެކުއްޖާވެސް ވެއްޖެއެވެ.

"މަންމާ. އެކަމާ ނުވިސްނާ. އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެ. މައިންބަފައިންގެ ހެޔޮ ދުޢާތައް މިކާލްއަށް މިއަދު ބޭނުންވާނީ.......އަޅުގަނޑުވެސް އަބަދު ދުޢާކުރަން..." ހަޔާތީ ގަދަކަމުން ހިނިތުންވެލިއެވެ. މިޝާއާއި ހިނާ ސޯފާތަކުގައި ހަޔާތީއާއި މަންމަގެ ވާހަކަތައް އަޑުއަހަން ހިމޭނުން ތިބިއިރު އެދެކުދިންވެސް އެހާ މޮޅިވެރިވެފައެވެ. މިކާލްއަށްޓަކާ އެންމެންވެސް ކަރުނަ އޮއްސައިފިއެވެ. އެންމެ ހިތްވަރުގަދައީ ސަމާއެވެ. ސަމާގެ ބޭބެއާއި ފިރިމީހާ އެހާ ކައިރީގައި ވަކިވެގެން ދިޔައިރު ހިނިތުންވާން ކެރެނީވެސް ސަމާއަށެވެ. ހަޔާތީގެ ހިތުގައި ސަމާއާއިމެދު އޮތް ޝަކުވާ އިތުރުވިއެވެ. މިކާލްއެހިސާބަށް ދާންޖެހުނީ އާއިދުއާއި ސަމާގެ ސަބަބުންނެވެ. އޭނައާއި މިކާލް ވަކިވުމުގައި އެދެމީހުންގެ އިހުމާލްވެސް އެބައޮތެވެ.

 

ހަޔާތީ އެޕާޓްމެންޓަށް އެނބުރިދިޔައިރު އިޝްކަން ސޯފާގައި ފޯނާއި ކުޅެން އިނެވެ. މިދުވަސްކޮޅު އިޝްކަންވެސް ނެގިމަޑުވެފައި ހުންނަކަން ހަޔާތީއަށް އެނގެއެވެ. އެކަމާއިމެދު ހަޔާތީގެ ހިތުގައި ބިރުވެރިކަން އުފެދި އިޝްކަން އުޅޭ ނޫޅޭގޮތް ރަގަޅަށް ބަލަން ނިންމިއެވެ. އިޝްކަން ފުރައިގެން ގޮއްސިއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ " ޖިހާދް ވައިބް"އެއްގައި އިޝްކަން އުޅޭ ދުވަސްކޮޅެކެވެ. އެއްފަހަރު ގޮތިކްވެ ލޮލުގައި އަނދުން އަޅައިގެން އަތުގައާއި ކަރުގައި ފަށް އަޅައިގެން އުޅުނު އިޝްކަންގެ ފޮޓޯތައް އަދިވެސް ހަޔާތީގެ އަލްބަމުގައި ހުރެއެވެ. އެފަދަ ކުއްޖަކު މިހާ ކުއްލިއަކަށް ހައްދު ފަހަނަޅާ ގޮސްދާނެކަމަށް ހީކުރާނީ ކާކުހެއްޔެވެ؟ ސިކުނޑި ދޮންނަން މޮޅު ބަޔަކާއި ޖެހޭއިރަށް އެނިމުނީއެވެ.

"އާޔޫ އޯކޭ؟ " އިޝްކަން އަހާލިއެވެ.

"ދެން އޯކޭ ނުވެ ކީއްކުރާނީ. މިއައީ މިކާގެ މަންމައަށް ވިޒިޓްކޮށްފައި...." ހަޔާތީ ފުން ނޭވައެއް ދޫކޮށްލިއެވެ.

"ސަބްމެރިން ގެނެސްފައި ހުންނާނެ. ދޮންތަ ކައިގެން ހުންނަންވާނީ. މަންމަ ގުޅި. މަންމަ ބުނި ވަރަށް އަވަހަށް ލަންކާއަށް ދާ ވާހަކަ......." އިޝްކަން ބުނެލިއެވެ.

"މަންމައަށް އެނގޭތަ؟"

"ބުނިން މިކާއާއި ދޮންތަ ވަކިވެއްޖެއޭ. އަސްލު މިކާ ސީރިޔާއަށް ދިޔަކަން އެހެން މީހުންނަށް އެނގެން މިކާ ބޭނުމެއްނުވޭ. ހަމައެކަނި މިކާގެ ފެމިލީއަށް އެނގުނީމަ އެނިމުނީ. މަންމަ ދޮންތައާއި ހިތްހަމަނުޖެހި ވަކިވީ މިކާގެ ސަބަބުން. ހީ އިޒް ނޯ މޯ. އެހެންވީމަ ދެން ކޮންމެހެން މަންމައާއި ދޮންތަ އަނގައިން ނުބުނެ ތިބުމުގެ މާނައެއްނެތް. މަންމަ އެހާބަލި އެހެންވެ މަންމަ ކައިރީ އެކަހަލަގޮތަކަށް އެވާހަކަ ބުނަން ޖެހުނީ....." އިޝްކަން ވިސްނާފައި ބުންޏެވެ. ހަޔާތީ އިތުރު އެއްޗެކޭ ނުބުނެ ދެ ތަށި ސައިހިފައިގެން އައިސް ބިއްލޫރި މޭޒުމަތީ ބެހެއްޓިއެވެ. އެއްފަރާތުގައި ހުރި ސޯފާގައި އިށީދެ ސަބްމެރިންކޮޅެއް ކައިލިއެވެ. އަނގަޔަށް ލާފައި ހެފިޔަސް ދިރުވަން ޖެހެނީ ގަދަކަމުންނެވެ. އަދި ސަބްމެރިން ފެނުމުން މިކާލްގެ ހަދާން އާވިލެއް ވަކިން ބޮޑެވެ. އޭނަ ހިކިކޮށް ހުންނާތީ ފަހުން ފަހަށް އައިސް ހަވީރު ސަޔަށް ސަބްމެރިން ގެނެސްދޭނެއެވެ. ހިކިކަމުން ރަގަޅަށް ކާން ޖެހޭނެކަމަށް ބުނެ ތަފާތު މީރު އެއްޗެހި ގެނެސްދޭނެއެވެ. އޭނަގެ ލޮލުން ކަރުނަ ހިލުނެވެ.

މިކާލްގެ ގޭގައި އޭނަ ހުރުމުން މި އާއިލާ މީހުން މައްސަލަ ނުޖައްސާނެ ބާވައެވެ. އެޗްއެމްއަށް މިކާލް ފަންޑުކުރަނިކޮށް ދެން އެކަންތައްވެސް އެނިމުނީއެވެ. ނަމަވެސް އެންމެ ރަގަޅެވެ. އެ ހުވަފެންތަކާއި ނުލާވެސް އޭނައަށް އުޅެވިދާނެއެވެ. ރަށުގައިވެސް އޭނަ ހުރެދާނެއެވެ. އޭނަ ބޭނުމީ ހަމައެކަނި މިކާލްއެވެ. ހިތްދަތިކަމާއި އެކަނިވެރިކަން އޭނަ ވަށާލާ ފިތާލަން އުޅޭފަދައެވެ. ދެރަވެގެންގޮސް އަރުތެރެ ބެދިގެން ލޯ ކަރުނުން ފުރެންފެށުމުން ތެދުވެގެން ގޮސް ކޮޓަރިއަށް ވަނުމުން އިޝްކަންވެސް އިނީ ކާހިތް ކެނޑިފައެވެ.

މައްސަރެއް ފާއިތުވެގެން ދިޔައިރު ހަޔާތީއަށް ހިތާމައަކަށްފަހު ހިތާމައަކާއި ކުރިމަތިލާން ޖެހުނެވެ. ބައްޕަ ސިންގަޕޫރުގައި ހުއްޓާ ހާޓްއެޓޭކެއް ޖެހިފައި ނިޔާވީއެވެ. ބައްޕަގެ މޫނު ދެކެލުމުގެ ނަސީބެއް ދެބެންނަކަށް ނުލިބުނެވެ. ހަޔާތީގެ މަންމަ ނަބީލާ ބޭސްކުރުވަން ލަންކާއަށް ގެންދިޔައީ ހަޔާތީއާއި އިޝްކަންއެވެ. ނަބީލާ އެއްގޮތަކަށްވެސް މާލެ ދާކަށް އެއްބަހެއްނުވިއެވެ. މާލެއާއި ގުޅިފައިވާ ހަނދާންތަކުގެ ހިތި ރަހަ ކަރުބުޑުގައި ލާފައިވަނީ މާލެއާއި ވީކޮޅަށް މޫނު ލެވޭ ވަރަކަށް ނޫނެވެ. މާލޭގައި ޔާސިރު ހުރިހާ ހިނދަކު މާލެ ނުދާން ނަބީލާ ހިތާހިތުން ވައުދުވެފައިވިއެވެ. ލަންކާއިން އައުމަށްފަހު މިކާލްގެ އެޕާޓްމެންޓަށް އަންނަން ހަޔާތީ ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ. ނަމަވެސް ޔާސިރުއާއި މުފުތިހާއާއި ދިމާވެ ދެއްކި ވާހަކަތަކުން ހިތްވަރެއް ލިބުނެވެ. މިކާލްއަށްޓަކާ އެދެމަފިރިން ހަޔާތީ ބޭނުންހާ ދުވަހަކު އެގޭގައި އުޅެން ހުއްދަދިނެވެ. އެއްވެސް އަގަކާ ނުލައެވެ. އެތައް ދުވަހަކަށްފަހު އެޕާޓްމެންޓަށް ވަނުމުން މިކާލްގެ ހަނދާންތައް ތާޒާވެ ރޮއްވާލިއެވެ. މިކާލްގެ އޮފީސްބަޔަށްވަދެ ފޮތްތަކުގައި ފިރުމާލާފައި ޝެލްފްގައި ބޯ ޖައްސާލައިގެންވެސް އެތައް އިރެއްވާންދެން ހުރެވުނެވެ.

އޮފީހަށް ނުކުންނާން ފެށީވެސް ބަރު ހިތަކާއެކުގައެވެ. މިކާލް ނެތުމުން އެޗްއެމްއާއިމެދު ދެކުނުހާ ހުވަފެންތައް ވިއްސިވިހާލިވެއްޖެއެވެ. މާދަމާއަށްޓަކާ އެހާ ބޮޑު އުއްމީދެއްނެތެވެ. ނަސީބަކުން އެކައުންޓުގައި ކޮންމެވެސް ވަރަކަށް ފައިސާ އެބަހުއްޓެވެ. އެއާއިއެކު އެޗްއެމް ކުރިއަރާފައިވާވަރުން މުވައްޒަފުންނަށް މުސާރަދީ ބޭނުންވާ އެހެން ކަންތައް ދަތިތަކެއް ދިމާނުވެ ކުރިއަށް ގެންދެވޭނެއެވެ.

ސަޖަލް ކައިރީ ސިއްރެއްގެ ގޮތުން އޭނަ މިކާލްގެ ވާހަކަ ބުނެލީ ސުވާލުކުރާވަރުންނެވެ. ސަޖަލްއަށް ހަޔާތީ އޮފީހަށް ނައިސް އެދުވަސްކޮޅު އުޅުނުގޮތުން ޝައްކެއްވީއެވެ. ސަމާ މާލެއައިއިރު މިކާލް ނައުމުން ސަޖަލްއަށް ވިސްނި އަހަންފެށުމުން ހަގީގަތް ކިޔައިދެން މަޖުބޫރުވީއެވެ. ސަޖަލް އެއްވެސް މީހެއްގެ ކައިރީ ނުކިޔަން ހުވާކުރިއެވެ. ހަޔާތީއާއިމެދު ހަމްދަރުދީވެގެން އިރުއިރުކޮޅާ އެވާހަކަ ފަށައިގަނެވެއެވެ. ހަޔާތީ އިންނަނީ ކިރިޔާ ނުރޮވިއެވެ. ދޭތެރެއަކުން ފާޚާނާއަށްވަދެ މޫނު ދޮވެލަން ޖެހެއެވެ. އެންމެފަހުން ހިތްފުރޭވަރަށް ރޯލާފައި ނުކުތްތަނާހެން އަލަށް ރިސެޕްޝަނަށް ނެގިއަންހެންކުއްޖާ އައެވެ.

"ކޮންމެވެސް މީހަކު އެބަހުރި މީޓްކުރަން އައިސްފަ....." އެކުއްޖާ ކެބިންއަށް ވަދެފައި ބުނެލިއެވެ.

"ކާކުތަ؟ "ހަޔާތީގެ ހިތް އަވަސްވިއެވެ. އެއީ މިކާލްއަށް ވެދާނެއޭ ހިތަށް އަރަންވީ ސަބަބެއް ނުވިސްނުނެވެ.

"ނަމެއް ނުބުނޭ......" އެކުއްޖާ ހީލާފައި ނުކުމެގެން ދަމުންހީލިއެވެ. "ވަރަށް ޕްރޮފެޝަނަލް ހެންހީވޭ"

އެއީ ހަމަ މިކާލްއަށް ވެދާނެއެވެ. އެންމެން ވެގެން އޭނަ ތަޅުވާލީއެވެ. މިކާލްއާއި ބައްދަލުކުރާ ހިތުން ތެޅި ގަނެވުނެވެ. ހިތާހިތުން ދުޢާކުރެވުނީ އެއީ މިކާލްއަށް ވުމަށެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މިކާލް މަރުވިކަން ގަބޫލުކުރަން އަދިވެސް އޭނަ ތައްޔާރެއްނޫނެވެ. ހިތްބުނަނީ އޭނަގެ ލޯބި އެނބުރި އަންނާނެކަމުގައެވެ. އުއްމީދު ގެއްލުވާލައިގެން ނުވާނެކަމުގައެވެ. ޓިޝޫއަކުން މޫނު ފޮހެލުމަށްފަހު ދަބަހުން ނެގި ކުޑަ ލޯގަނޑަކުން މޫނަށް ބަލައިލިއެވެ. ލޮލުގެ ދުޅަކަން ތިރިއެއް ނުވެއެވެ. އެތައް ދުވަހަކަށްފަހު އެކުވެރިޔާ ކައިރީ މިކާލްގެ ވާހަކަދައްކާފައި މާ ވަރަކަށް ރޮވިއްޖެވިއްޔާއެވެ. ފައުންޑޭޝަން ކޮޅެއް ހާކާލުމަށްފަހު ދެލޯ އަނދުނުން ފަވާލިއެވެ. ދަބަހުން ނެގި ފުޅިން ސެންޓް ޖެހުމުން ފަޒާގައި ހިފައިލީ ހިތްގައިމު ލުއި ވަހެކެވެ. ތުންފަތުގައި ލިޕްގްލޮސް ހާކާލުމުން ތުންފަތް ކުރިއަށް ވުރެ މަޑުވެ ތެތްކަމެއް ހުއްޓެވެ. އަވަސް އަރުވާލާފައި ކެބިންއިން ނުކުންނަން ދިޔަތަނުން ފައި ފުރޮޅާލާފައި ވެއްޓެން ދިޔަ ތަނުން ބާރުގަދަ އަތެއްގެ ހިމާޔަތް ލިބުނެވެ.

ކޮމެންޓް 0