ހަޔާތީ ހިނގައިގަތުމުން ދެވަނަފަހަރަށްވެސް ފައި ފުރޮޅާގޮތްވިއެވެ.

"ކެއަރފުލް...." އަމްރާން ބުނެލިއެވެ.

"އައިމް ފައިން......."ހަޔާތީ އާއިއެކު އަމްރާންވެސް ފެންޑާއާއި ހަމަޔަށް ނުކުތެވެ. ކަފަލޮލީ މަޑުމަޑުން އައިސް އަމްރާންގެ ފައިގާ އުނގުޅިގަތެވެ.

"ފޮނި ބުޅާގަނޑެއް. އަދި އަހަރެން ހުއްޓާ އަމްރާންގެ ފައިގާ ދޫ ލަނީ......." ހަޔާތީ ހިތާ ހިތުން ކުދި ކިއެވެ. ދެން ވީ ހިތަށް ނާރާ ފަދަ ގޮތެކެވެ. ހުރިހާކަމެއް ސިކުންތުކޮޅެއްގެ ތެރޭ ހިނގިއެވެ. ކުއްލިއަކަށް ކަފަލޮލީ ތެޅިފޮޅިގެންފައި ބާރަކަށް ދުއްވައިގަތުމުން ހަޔާތީއަށް އެނބުރި ބަލައިލެވުނެވެ. ކަފަލޮލީ ދުއްވައިގަތީ ގޭޓުން ވަން ކާރާއި ދިމާލަށެވެ. ލިބުނު ޝޮކާއި އެކު އަރައިގެން ހުރީ ފުންނާބު އުސް ފައިވާނަކަށްކަން ހަދާންނެތި ކަފަލޮލީއަށް ގޮވަމުން ދުއްވައިގަނެވުނީއެވެ. އެއާއިއެކު ފައި އަރިއަޅާލިގޮތަށް މިފަހަރު ސަލާމަތްކަމެއް ނުލިބި ބިންމަތީގައި ޖެހުނެވެ. ފަޔަށް އެރިތަދަކުން ދެލޮލަށް ކަރުނަ ޖަމާވިއެވެ. އޭރުވެސް ހަޔާތީ އަށް ބަލަން އޮވެވުނީ ކަފަލޮލީއަށެވެ. ނަސީބަކުން ކާރުގައި އިން ޑްރައިވަރު ވަގުތުން ބްރަކި ހިފާލާފައި ކާރު މަޑުކޮށްލައިފިއެވެ. އެ ކާރުން ފޭބީ އަމްރާންގެ މާމައާއި އެއާއިލާގެ ދެތިން އަންހެނުންނެވެ. ޝާހީކޮށް ހިނގާފައި އަންނަމުން އެންމެން ބުޅަލަށް ބަލައިލީ ފަކުރުގަނެފައިވާ އެއްޗަކަށް ބަލާ އުސޫލުންނެވެ. އަމްރާން ރަސްމީކޮށް އެންމެނަށް ސަލާމްކޮށް ބައްދާލާފައި އޭނަގެ ވާޖިބު އަދާކުރިއެވެ. އަދި އެމީހުންކައިރިން އަދަބުވެރިކަމާއެކު މާފަށް އެދުނެވެ.

"މާފުކުރައްވާ މާމާ. ބޮޑުދައިތަމެން. އަޅުގަނޑުގެ ވައިފް ފަޔަށް ތަދުވެ ނުހިނގިފައި ހެން ހީވޭ. ހޭވް ޓު ހެލްޕް ހާ......" އަމްރާން ދެވަނަ ސިކުންތުކޮޅުގައި ހަޔާތީ އަތްދަނޑިމައްޗަށް ނަގައިފިއެވެ. ކަރުނަތަކާއި އެއްވެ އަނދުނުން މޫނު ފެވެމުން ދިޔައިރުވެސް ހަޔާތީ ހިތާ ހިތުން އުފާކުރިއެވެ. އެ އަންހެނުންގެ މަތިވެރިކަމާއި މޮޅުކަން ފުނޑުފުނޑުކޮށްލެވުނު ވަގުތުކޮޅަކަށްވީތީއެވެ. އެކަމުގައި އަމްރާން އޭނައަށް އެހީތެރިވީތީ އޭނަގެ ހިތް ޝުކުރުވެރިވިއެވެ. ފޮނިވެލާފައި ހަޔާތީވެސް އަމްރާންގެ ކަނދުރާގައި އަތް އަޅުވާލަމުން ހީލަމުން އަމްރާންގެ ދެލޮލަށް ބަލާލައިފިއެވެ. އެލީންވެސް ބެލްކަނީން އެ މަންޒަރު ބަލަން ހުރެފައި ދެފައި ތަޅައިގަތެވެ. އެހެން އަންހެންވެރިންނަށްވެސް އެއީ އުދަގޫކުރުވަނިވި މަންޒަރަކަށްވިއެވެ. އަމްރާންއާއި ހަޔާތީގެ ގުޅުމަށް ރުހޭ އެކަކުވެސް އެތާކު ނެތެވެ.

"ހަމަ އެވަރަށް ބުޅަލެއްދެކެ ލޯބިވޭތަ؟ " އަމްރާން ހިނގައިގަންނަމުން އަހައިލިއެވެ.

"އެވެސް ހިތުގެ ބަޔެކޭ......." މާނަވީގޮތަކަށް ހަޔާތީ ބުނެލިއެވެ.

"އޯ......." އަމްރާންއަށް ބުނެވުނެވެ. ހަޔާތީ އަތްމައްޗަށް ލައިގެން ސިޑިން އެރުން އޭނައަށް ބުރަކަމަކަށްވީ ހެނެއް ހިޔެއްނުވެއެވެ. މޫނުން އެފަދަ އެއްވެސް ޝުއޫރެއް ނުފެނެއެވެ. ގަވާއިދުން ޖިމަށް ދާތީ އަތުގެ ބާރުގަދައީއެވެ. އަމްރާން ހަޔާތީ ކޮޓަރީގެ ސޯފާގައި ބޭންދުމަށްފަހު ޓިޝޫ ގެނެސް މޫނު ފޮހެލަދިނެވެ.

"އަނދުން ނޭޅިޔަސް ތި ދެލޯ ރީއްޗޭ. އެބައަންނަން އައިސްޕެކް ހިފައިގެން. ނުރޮއި. ސްޕްރެއިން އެއް ކަމަށްވާނީ. އެގޮތަށް ފައިފުރޮޅާލީމަ ލިގަމެންޓްތަކަށް އިންޖަރީވާނީ. ކަށިތަކަށް ގެއްލުމެއްވީހެނެއް ހިޔެއްނުވޭ. ޔަގީންކޮށްލަން ފެމިލީ ޑޮކްޓަރެއް ގެނެސް ދައްކާލާނީ........." އަމްރާން ހަޔާތީގެ ކޮލުގައި ހިފާލާފައި ދިޔަލެކަށްވުރެ އަވަހަށް އައީ އައިސްޕެކެއް ހިފައިގެންނެވެ. ފައިތިލަ ކޮންމެވެސް ވަރަކަށް ދުޅަ ފެނި އެހިސާބުގައި އައިސްޕެކް އަޅާލަދިނެވެ. ބައޮފްރީޒް ކޮޅެއް ހާކާލާފައި ކްރެޕް ބެންޑޭޖްކޮށްލުމަށްފަހު އަރާމުކޮށްލަން އޮވެލަން އެދުނެވެ. އޭރު ވާރޭ އިންތިހާއަށް ބޯކޮށްލައިފިއެވެ. ބާރު ގުގުރިއާއެކު ވައިރޯޅިތައް އަންނައިރު ތޫފާނެއްފަދައެވެ. ހަޔާތީ ކޮޓަރީގައި އޮތްއިރު ވިސްނެމުން ދިޔައީ މިކާލްއާއިމެދުގައެވެ. މިކާލް އައިނަމަ އޭނަ މެސެޖްކުރީހެވެ. އާއެކެވެ. މިކާލް ނާންނާނެއެވެ. މިކާލްގެ ޗޮއިސްއަކީ އޭނަ ދޫކޮށްލާފައި ދިޔުމެވެ. އަމްރާންއައި ކައިވެނިކުރިކަން އެނގުނީމަވެސް މިކާލްގެ ހިތަކަށް އަސަރެއްނުކިރިއެވެ. އަމިއްލަ ހައްގެއްކަމަށް ގަބޫލުކުރިނަމަ އަމްރާންއާއި ހަގުރާމައަށް އައީހެވެ. ސީރިޔާއަށް ޖިހާދަށް ދިޔަފަދައިން ލޯބިވާނަމަ ހަގުރާމަކުރަން ފަހެއް ނުޖެހޭނެއެވެ. ދީނަށްޓަކާ ގުރުބާންވާގޮތަށް އަނބިމީހާ ދެކެ ލޯބިވިނަމައެވެ.

ހަޔާތީގެ ލޮލަށް ޖަމާވި ކަރުނަތައް އެސްފިޔަތައް ފޫދުއްވާލާފައި ތިރިއަށް އޮހިގަތެވެ.

މާގިނައިރު އެގޮތަށް އިންނާކަށް ނުޖެހުނެވެ. އަމްރާންގެ ފިޔަވަޅުތަކުގެ އަޑު އިވިފައި އޭނަ އަވަސްއަވަހަށް ޓިޝޫއަކުން ކަރުނަތައް ފޮހެލިއެވެ. ދުޅަވެ ރަތްވެފައިވާ ދެލޯ އަމްރާންއަށް ފެނުނަސް އެކަމާއި ސުވާލުކުރުމެއްނެތި ގެނައި ތަބައް ކުޑަ މޭޒެއްގެ މަތީ ބެހެއްޓިއެވެ. ހޫނުކަމުން ދުން އަރާ ކޮފީތަށްޓަކާއި ޕިއްޒާ އަދި ރޯލްސްތަކާއި ކުޅި ދެތިންވައްތަރަކާއި ފޮނި އެއްޗެއްވެސް ހުއްޓެވެ. ކުޅުދިޔާވާހާ މީރުވަހެވެ.

"އާއްމުކޮށް ރޫމަށް ގެނެސްގެން ނުކަން. ބަޓް ޔޫ އާ އެން އެކްސެޕްޝަން. އާންޓްމެންގެ ތެރެއަށް ގޮސް ސައިބޯން އުދަގޫވާނެކަން އެނގޭތީ ގެނައީ. ރަގަޅަށް ކައްޗޭ. މިހާރު ތަދުވޭތަ؟ " މޭޒުމަތީ ތަބައް ބެހެއްޓުމާއެކު ހަޔާތީއަށް ނީދެވިގެން ޕިއްޒާ ފޮތްޗެއް ނެގިއެވެ.

"ތެންކިއު ފޯ އެވްރީތިންގް..." ހަޔާތީ ޝުކުރުވެރިވިއެވެ.

ހަޔާތީއަށް ނޭގުނަސް އެ ބޯވާރޭ ތެރޭ މިކާލް ދެތިން ގަޑިއިރުވާންދެން ހަޔާތީއަށް އިންތިޒާރުކުރިއެވެ. ވާރޭތެރޭ އޭނަގެ ލޮލުން ފޭބި ކަރުނަތައް އެހެން އިންސާނަކަށް ނުފެންނާނެއެވެ. އޭނަ ހިތާމަކުރީ ހަމައެކަނި ހަޔާތީ ގެއްލުނުކަމަށްޓަކައެއް ނޫނެވެ. އޭނަގެ ސަބަބުން ނިޔާވި ދިޔަ މަންމައަށްޓަކާވެސް އެ ހިތް ރުޔެވެ. އޭނަ ނުފެނިގެން މަންމަ ހިތާމަކުރި ވަރާއި އެ މައިމީހާ ކަރުނައެޅިވަރު އެނގުމުން މިކާލްފަދަ ކެތްތެރި ކަރުނައާއި ބީރައްޓެހި ޒުވާނަކަށްވެސް ކެތްނުކުރެވުނެވެ. އެކުށުގެ އިހުސާސްތައް އޭނަގެ އީމާންތެރިކަން ބަލިކަށިކޮށްނުލީ ހަމަކިރިޔާއެވެ. ނަމަވެސް މިކާލް އަށް އެހުރިހާ ހިތާމަތަކުން އަރައިގަނެ ދިރިއުޅުމާއި ކުރިމަތިލުމުގެ ހިތްވަރު ލިބުނީ ހެއްދެވި ފަރާތަށް ކުރިމަތިލުމުންނެވެ. މިއީ ވަގުތީ މަންޒިލެއްކަމާއި އާޚިރަތަށްޓަކާ އޭނަ ގުރުބާންވާން ޖެހޭކަމަށް ދެކުނެވެ. ނަމަވެސް އެންމެ ލޯބިވި އަންހެންކުއްޖާއަށްޓަކާ ކުރި އުއްމީދުގެ ހުޅުކޮޅު މިއަދު ނިވިއްޖެއެވެ. އިރުކޮޅަކަށް ނަމަވެސް އޭނަ ގަބޫލު ކުރި އުސޫލުތައް ދޫކޮށްލާ ހަޔާތީގެ އުފަލަށް ވިސްނާލާފައި ދެމީހުން އެކީ މަންޒިލެއް ހޯދަން އެހެން ތާކަށް ދާން ޚިޔާލުކުރެވުނީއެވެ. ނަމަވެސް އޭނަ އަމިއްލަ ނަފުސަށްވުރެ ހަޔާތީއާއިމެދު ވިސްނައެވެ. ހަޔާތީއަށް އެންމެ ރަގަޅުވާނީ "ފަސްޓްލޭޑީ" ގެ ގޮތުގައި ހުރެ "ފަސްޓްލަވް" ލިބުނީމައެވެ.

ކަރުނަތައް ފޮހެލުމަށްނެތި މިކާލް ވާރޭ ތެރޭ ނުކުތެވެ.

ޖެހިގެން އައި ދުވަހު އަމްރާން އޮފީހަށް ދާން ތައްޔާރުވީއްސުރެން ކަފަލޮލީ ފަހަތަކުން ނުފިލިއެވެ. އެންމެފަހުން އަމްރާން ކަފަލޮލީ ގޮވައިގެން އޮފީހަށް ދިޔުމާއިއެކު ސޯޝަލްމީޑިއާގައި އެވާހަކަ ފެތުރުނީ ހުއިގަނޑެއްގައި އަލިފާން ފެތުރޭހާ ހަލުވިކަމާއެކުގައެވެ. ކަފަލޮލީ މަޝްހޫރުވިއެވެ. އެތައް ބަޔަކު "ފަސްޓްކެޓް" ގެ ފޮޓޯތައް ނެޓަށް ލައިގެން އެސޮރު ރީތިވެގެން އެވާހަކަދެއްކިއެވެ. ދެލޮލުގެ ކުލަ ތަފާތު ވުމުން ވަކިން ޚާއްސަވިއެވެ. ޕްރެޒިޑެންޓްދެކެ ލޯބިވާ އަންހެންކުދިން އެކަމާއިހެދި އިތުރަށް މޮޔަވެއްޖެކަމުގައި ބުނެ ނެޓުންވެސް އަމްރާން ކާލަފާނެހެން ހީވިއެވެ. ތަފާތު ކުލަ ކުލައިގެ ހިތްތައް ފޮނުވާ ވަރުބައްޔެއް ނުވެއެވެ. ބުޅާދެކެ ލޯބިވާ މީހުން ހިތްހެޔޮވާނެކަމަށާއި އޯގާތެރިކަމުގެ ރަމްޒެއްކަމުގައި ބުންޏެވެ. ތަންކޮޅެއް ދީނީ ކުދިން ރަސޫލާ ސައްލަﷲ ބުޅަލަށް ލޯބިކުރައްވާކަމުގައި ބުނެ ބުޅަލާއި ބެހޭގޮތުން ރިވާވެފައިވާ ހަދީސްތައް ލިޔުނެވެ. ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ގެންގުޅުއްވި ބުޅަލުގެ ނަމަކީ މުއިއްޒާއެވެ. އެކަލޭގެފާނު ދަރުސްދެއްވާއިރު މުއިއްޒާ އެކަލޭގެފާނުގެ އުނގުފުޅުގައި އޮށޯވެލައިގެން އޮންނަކަމުގައި ވިއެވެ.

"ވަޓް އެ ކިއުޓް ނޭމް. މަށަށް ޕެޓެއް ލިބުނު ދުވަހަކުން އެސޮރަށް ކިޔާނީ މުއެއްޒާ."

"ލާދީނީ ބުޅާގަނޑުވެސް ބުޅަލުގެ ވެރިޔާހާ ފޮނި ފާޑެއް ޖަހާ. ފަސްޓްލޭޑީވެސް ފައިސާއަށް ބޫތުކައިގެން ލާދީނީ މީހަކާއި އިނީ......"

ގިނަ ކޮމެންޓްތައް އެހާ ލޯބިން ކުރާއިރުވެސް ރުޅިވެރި ކޮމެންޓްތައް މަދުން ނަމަވެސް ފެނެއެވެ. ބައެއް ކޮމެންޓްތަކުގެ އިބާރާތްތައް ހުތުރުކަމުން ފޮހެލަން ޖެހޭފަހަރު އާދެއެވެ. ނަމަވެސް އެފަދަ އަޚުލާގީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް މަދެވެ.

މިކާލް އަނދިރީގެ ތެރޭ ސޯފާގައި އޮތީ ކާނެ ހިތްވަރެއް ނެތްތާ ބޮކިތައްވެސް ދިއްލާނުލައެވެ. އިއްޔެ ހަޔާތީއާއި ބައްދަލުކުރަން ދިޔަގޮތަށް ތަބީއަތު ޚަރާބުވެފައިވަނީ މިއިން ދުވަހަކު ނުވާވަރަށެވެ. ނަމާދުކުރަން ނޫނީ އޮތްތަނުން ތެދުވެ އުޅޭނެ ހިތްވަރެއްނެތެވެ. ދުވާލު ނިމި ރޭގަނޑުން ބަޔެއް ފާއިތުވީއިރު ކޮފީއެއް ފިޔަވާ އެއްޗެއް އަނގަޔަކަށް ނުލެވުނެވެ. ފޯނު އޮފްކޮށްލައިގެން އޮތުމުން އެއްވެސް މީހަކަށް އޭނައައި ގުޅޭގޮތެއް ނުވިއެވެ. އިޝާކޮށްލުމަށްފަހު ސެންޑްވިޗެއް ތައްޔާރުކޮށްލައިގެން ބެލްކަންޏަށް ނުކުތްއިރު ފަޒާގައި އަދިވެސް ފިނި ހިފާލާފައިވިއެވެ. ފޯނު އޮންކޮށްލުމާއިއެކު މެސެޖްތަކާއި މިސްކޯލުތައް ފެންނާންފެށިއެވެ. އެންމެ ކުރިން ބަލައިލެވުނީ ފަސްޓްލޭޑީ ހަޔާތީގެ އެފްބީ ޕޭޖަށެވެ. ހަޔާތީ ހާދަ ބަދަލުވެއްޖެއެވެ. ކަޅު ހެދުމުގައި ފެންނައިރު ނޫރާނީ ކަމާއި އެކު މާތްގޮތެއްހުރެއެވެ. އެހާޝާހީއެވެ. ޕޭޖުގައި ލިޔެފައި ހުރި ދީނީ ވާހަކަތަކާއި މެސެޖްތަކުން އޭނަ ބަދަލުވެފައިވާ މިންވަރު މިކާލް ދެނެގަތެވެ. ނަމަވެސް ހައްދު ފަހަނަޅާ ދިޔުމާއި ދެކޮޅުކަން ހާމަކޮށްފައި ވެއެވެ. އެންމެ ކުރިން މިކާލްގެ ނަޒަރު ހުއްޓުނީ ތަފާތު ފޮޓޯއަކަށެވެ.

ރައީސް އަމްރާން ކަފަލޮލީ އުރާލައިގެން ކުލުނުން ފުރިގެންވާ ނަޒަރަކުން ބަލަން ހުރި ފޮޓޯއެކެވެ. ރައީސްއަކު ކޯޓުފަޓުލޫނުގައި ރަސްމީކޮށް ހުރެ އެގޮތަށް ބުޅަލެއް އުރާލައިގެން ހުރުމުން ޝަޚުސިއްޔަތު އިތުރަށް ވަރުގަދަވެ މީހުންގެ ލޯބި އިތުރުވީއެވެ. އެތައް ހާސްބަޔަކު އެ ފޮޓޯއަށް ލައިކްކޮށް ކޮމެންޓްކޮށްފައި ހުރިތަން ފެނުމުން މިކާލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އިންސާނީ ތަބީއަތުގައިވާ ގޮތަށް ފާޑުކިޔުމާއި ދިމާކުރުމަކީވެސް ނުވެނުދާނެކަމެކެވެ. ލާދީނީ ރައީސްގެ "ލާދީނީ ކަފަލޮލީ" ކިޔާފައި ބައެއްމީހުން ބުޅަލަށް ނަން ހަރުކޮށްލިއިރު ޕްރޮފައިލްތަކަށް ބަލައިލުމުން ގިނައީ ދީނީ ޖަމާއަތްތަކަށް ނިސްބަތްވާ މީހުންކަން އެނގުނެވެ. އޭނަ އަމްރާން ލާދީނީކަމަށް ގަބޫލުކުރިޔަސް ބުޅަލަށް އެނަން ދިނުމާއި ދެކޮޅެވެ.

"ހަޔާ..ތެންކިއު ފޯ ހޯލްޑިން އޮންޓު އަވާ ކެޓް ސޯ ޑިއަލީ"

މިކާލްގެ ހިތަށް ޔަގީނުންވެސް އުފާވެރިކަމެއް ލިބި ގައިގާ ވަރުޖެހުނެވެ. ހަޔާތީ އަދިވެސް އޭނަދެކެ ލޯބިވާކަން ޔަގީންކުރެވިއްޖެއެވެ. އޭނަ މަރުވިކަމަށް ހީކޮށް ކުށް ހީއެއްގައި ބަދެވި މަޖުބޫރުވެގެން އަމްރާންއާއި ކައިވެނިކުރިޔަސް ހަޔާތީގެ ހިތަކީ އޭނަގެ ހައްގެކެވެ. އޭނަ އެންމެ ފަހަރަކު އަންނާށޭ ބުނެލިޔަސް ހަޔާތީ ވަގުތުން ދުވެފައި އަތުތެރެއަށް އަންނާނެއެވެ. ނަމަވެސް ހަޔާތީއަށް އުފާވެރިކަން ދޭނެ ފަދަ މީހަކަށް އޭނައަށް ވެވޭނެ ބާވައެވެ. އޭނަގެ ފިކުރު ވަރަށް ތަފާތެވެ. މިކާލް ވަޓްސްއަޕުން ކޮންމެވެސް މީހަކަށް ގުޅާފައި ސަލާމް ގޮވައިލިއެވެ. އެކޮޅުން ސަލާމްގެ ޖަވާބު ދިނެވެ.

"ހޭއި ކާޒް....ކިހިނެއްތޯ؟ "

"މިކާ ބަޑީ......އަދިވެސް ފިލައިގެންތަ؟ މީޓް މީ ހަމަ ހަދާންވާވަރުން މިއުޅެނީ......"

"ޖޮބަށް ދާން ފެށީމަ މަށާއިހެދި އުދަގޫވެގެން ކަން ނޭގޭ ކާޒް އުޅެން ޖެހޭނީ. ހިޔަނިހެން ކައިރީގައިވާނަން. ރަގަޅަށް ވެރިކަންކުރައްޗޭ........" މިކާލް ހީލިއެވެ.

"ސިކްރެޓް އެޖެންޓަކަށްވީމަ ތިހެނޭ ވާނީ ޑާލިން. ބަސްޓްވާ ދުވަހަކުން ބޮޑު ތޫފާނެއް އަރާ ގައުމު އުތުރި އަރައިގަންނާނެ............."

މިކާލްގެ ތުންފަތަށް ވެރިވީ މާނަވީ ހިނިތުންވުމެކެވެ.

ހަޔާތީ ފަޔަށް ތަދުވެގެން އުޅުނު ދެތިންދުވަހު އަމްރާންގެ އަޅާލުމާއި އޯގާތެރިކަން ކިތަންމެވަރަކަށް ލިބުނެވެ. އޭނަ އަމިއްލަ "ޕްރައިވެސީ" ހޯދަން ޖެހިގެން އެނަ އުޅޭ ކޮޓަރީގައި އޮންނަން ބޭނުންވެގެން ދެތިން ދުވަސްވާންދެން އޭނަ އޮތީވެސް އެކޮޓަރީގައެވެ. އަމްރާންއާއި ވަކިން އެކަނި އޮންނަން ޖެހުމުން ގިނަ ރޭ ރޭ ނުނިދިފައި ތެދުވެގެން ބޭރަށް ނިކުންނާން ޖެހުނެވެ. ފުރަތަމަ ރޭވެސް ފެނުނީ ޝައްކުނުވާފަދަ މަންޒަރެއްނޫނެވެ. އެލީން ފެނުނީ އަމްރާންގެ ކޮޓަރިއާއި ދިމާލަށް އެކޮރިޑޯއިން ހިނގާފައި ދިޔަތަނެވެ. ނިދާ ތުނި ނައިޓީއެއްގައެވެ. އެކޮޓަރިން ނިކުމެގެން ދިޔައީ ކީ ނޫންބާވައެވެ. ޖެހިގެންއައިރޭ ހަޔާތީއަށް ފާރަލެވުނީ ހިތް އެކަމާއި އަރައިރުންވަނިކޮށެވެ. އެދެމީހުންގެ ގުޅުމެއް އޮތިއްޔާ އޭނައަށް ކީއްހެއްޔެވެ؟ މައްސަލައަކީ އަމްރާން އެލީންއާއި ސިއްރު ގުޅުމެއް ބާއްވާފައި ދުނިޔެއަށް ފޮރުވަން އުޅޭކަމެވެ. އެރޭ އެއްވެސް ކަމެއް ނުފެނުނެވެ. ފަޅާއެރީ ތިންވަނަ ރެއެވެ. ކުރިމަތީ ހުރި ކޮޓަރީގެ ދޮރުފޮތިގަނޑު ކަހާލައިގެން ބަލަން ހުއްޓާ ފެނުނީ އަދި ހީކުރިގޮތަކަށް ނޫނެވެ. އެލީން އެކޮޓަރިން ނުކުމެގެން ހެމުން އައިތަނެވެ. މާވަރެއްގެ އުފަލެއް ލިބުނީހެއްޔެވެ؟ މިރޭ ލައިގެން ހުރި ހެދުމުގެ ހާލު ވަކިން ބޮޑެވެ.

"އައްޗީޑި. އަމްރާންވެސް އުޅޭ ފާޑެއް. ކަޅުސިއްރު ފަޅާއެރީ. މީހުންކުރިމަތީގައި ރަގަޅުމީހަކަށްވެގެން ހުރިއިރު ހިތް ހާދަ ކަޅޭ. ލާދީނީ ވީމަ ވާނީވެސް އެހެން. ފާފައެއް އެހެންކަމެއް ނޯންނާނެތާ. ހުރިހާ ނުބައިކަމެއް ކުރުން އެމީހުންނަށް އޯކޭވާނެ. އެޑަލްޓްރީ ޑްރިންކުކުރުން ފަދަ ހުރިހާކަމެއް އެމީހުންނަށް ނޯމަލްވާނެ. އެކަމަކު ވަރަށް ފޫހިވެއްޖެ. ލޮލުން ފެނުނީމަ. ނޭގޭ ދެން އަހަރެން ހުރީމަ އެކްޓްކުރަން ދައްކައިގެން އުޅެނީ އެލީންއައި ދުރުކަމަށް.. އެކަމަކު..." ހަޔާތީގެ ލޮލުގެ ސްކްރީނަށް ބައެއް މަންޒަރުތައް ސްލޯ މޯޝަނުގައި ފަދައިން ނިއުޅުނެވެ. އަމްރާންގެ އުނގަށް އަރާފައިހެން ޖެހި ފިތިގެންއިންއިރު ވެސް އަމްރާން އެ އަންހެނާ ދުރުކޮށެއްނުލައެވެ. އަމްރާން ބޮއިފާ ހުރިއެއްޗެއް ބޯ ހިތުން އެލީން އުޅޭތަން ކިތަންމެ ފަހަރަކު ފެނެއެވެ.

"ހީ ވޯޒް އެންޖޯއިން. ދެ އަންހެނުން ދެފަރާތުގައި އިނީމަ ސިއްރުން އުފާކުރީ. ވިސްނައިލީމަ އެބައެގޭ ރެން ކިޔަ ކިޔާފައި އަމްރާންގެ ގަޔަށް ބޮލަށް އަރައިގެން އުޅެނީ އޭނަގެ ރުހުން އޮތީމަކަން. ގޭއި މީހެއްކަމަށް އެހެން މީހުން ކިޔާއިރު ހަގީގަތަކީ ހީޒް އެ ވުމަނައިޒާ. ފްލާޓްކޮށްގެން އަހަރެން ބެޑާއި ހަމަޔަށް ގެންނަން މަސައްކަތްކޮށް ކޮށް އެކަން ކާމިޔާބުނުވެގެން އެލީން ދުރުކޮށްގެން ކަމަށް ހެދިގެން އެއުޅެނީ. މިއީ ހަމަ ކުޅިގަނޑެއް. އެލީންއާއި ނީންނަންވެގެންނޭ ކިޔާފައި އަހަންނަށް އޮޅުވާލައިގެން ލަނޑެއްދޭންވެގެން. އައި ޝުޑް ބީ މޯ ކެއާފުލް. އަލްހަމްދުލިﷲ. ހުރިހާކަމެއް ލޮލަށް ދެއްކެވީމަ. ސިއްރު މިގޮތަށް ފަޅާއަރާފާނެކަމަށް އޭނަ ހީވެސް ނުކުރާނެ. އެދެމީހުންވެސް އެހާ އެކްޓްޖައްސައިގެން އަހަރެން ކުރިމަތީގައި. އެކޮޓަރިއަކަށް ނުވެސް ވަންނާނަން.. އެލީން އެތާ ނިންދަވައިގެން އޮތީމަ ވީ ނު................." ހަޔާތީގެ ލޮލުން ކަރުނަ ނިރައިލިއެވެ. އަމްރާން އޭނައަށް ދެއްކި އޯގާތެރިކަމާއި ހިތްހެޔޮކަމާއި އަޅާލުމުގެ ނިވަލުގެ ފަހަތުގައި ވާ ކަޅު ފަރުދާ ހިއްލިގެން ދިޔުމާއިއެކު ހުރިހާ އިތުބާރެއް އެއްފަހަރާ ގެއްލިއްޖެއެވެ.

އޭނަ ހިތާއި ފުރާނައިން ލޯބިވި މިކާލްވެސް ދިނީ ކެއްސެވެ. މަރުވީކަމަށް ހެދިގެން އުޅުނަސް އޭނައަށް މެސެޖްކޮށްފައި އަންގާލަދެވޭނެ ނޫންހެއްޔެވެ؟ އޭނަގެ ދިރިއުޅުމަށް އައީ ހީނުކުރާފަދަ ދަތި އުދަގޫ ދުވަސްތަކެވެ. އެކަމުން އަރައިގަންނަން ހާދަ ހިތްވަރުކުރަން ޖެހުނެވެ. ހާދަ ގިނަ ކަންތައް އޭނަ ގުރުބާންކުރިއެވެ. މިއަދު މިހިސާބަށް އައުމުގެ ޒިންމާ އުފުލަން ޖެހޭނީވެސް ހަމަ މިކާލްއެވެ. އަމްރާންއާއި މިކާލްވެސް އޭނައާއި ދޭތެރޭ ހެދީ އިހާނެތިކޮށެވެ. ހަޔާތީ ދެމީހުންދެކެވެސް ރުޅިއައެވެ. ދެމީހުންވެސް އޭނައަށް އޮޅުވައިލީއެވެ. ފިރިހެނުން ދުވަހަކު ސަހަލެއް ނުވާނެއެވެ. އަންހެނުންނާއި މެދު އެންމެންގެ ސިކުނޑިތައް މަސައްކަތްކުރާނީ އެއްގޮތަކަށެވެ.

ހިތްވަރުގަދަކުރާން އުޅުނަސް އެކަމެއްނުވިއެވެ. ކަރުނަތައް އޮހިގަތް ގޮތަށް ހުއްޓުވުމަކީ އޭނައަށް ކުރެވުނުކަމަކަށް ނުވިއެވެ. ޓިޝޫތަކުން އެނދުކައިރީގައި ހުރި ޑަސްބިން ފުރުނެވެ. ރޮމުންގޮސް ގިސްލެވެމުންގޮސް ވަރުބަލިވުމުން ތެދުވެގެންގޮސް މޫނު ދޮވެލުމާއެކު ދަމު ނަމާދުކޮށްލަން ހިތަށް އެރިއެވެ. ހިތާމައިގެ ވަގުތު ހިތްވަރާއި ހިތަށް ފިނިކަން ލިބޭނީ ހެއްދެވިފަރާތް ހަދުމަކޮށްގެންނެވެ. ހުރިހާ އެންމެން ނިދީގައި ޣާފިލުވެފައިވާ ވަގުތު ތަންމަތީގެ އަރާމުދޫކޮށްލާ އަޅުކަންކޮށް ދުޢާކުރުމުން ލިބޭނެ ސަވާބު ކޮޅަކުން ނުލާނެއެވެ.

"ޔާ ﷲ މިއަޅާމިވަނީ އިންސާނަކަށް ދިމާވާނެ އެންމެހިތްދަތި ދެރަ ގޮތްތައްދިމާވެފައި. މިއަޅާއަށް ފާފަ ފުއްސަވާ ރަހުމަތް ލާއްވާދޭވެ. މިއަޅާއަށް އުފާވެރިކަން ދެއްވާދޭ. މިއަޅާއަށް ރަހުމަތްލައްވާ ކުރާ މަސައްކަތުގައި ބަރަކާތް ލައްވާ ދެދުނިޔޭގެ ނަސީބު ލައްވާދޭވެ. މިހިތާމަތައް ފިއްލަވާ މުސީބާތްތަކުން ސަލާމަތްކުރައްވާދޭވެ."

ހުރިހާ އެހެން ޚިޔާލުތަކެއް އެއްފަރާތްކޮށްލާފައި ނަމާދުކޮށްގެން ދުޢާކުރަމުންގޮސް ތައުބާ ނަމާދުވެސް ކުރިއެވެ. މިފަހަރު ލޮލުން ފޭބި ކަރުނައެއް ފޭބީ މިކާލް ނުވަތަ އަމްރާންއަށްޓަކައެއް ނޫނެވެ. އެކަރުނަތަކަކީ އޭނައަށް އުޅެވުނުގޮތާއިމެދު ތައުބާވެ ބިރުން އެޅި ކަރުނައެވެ. މަޑުމަޑުންގޮސް ހިތަށް ލިބިފައިވާ ލޮޑުކަން ކެނޑި ހިތަށް ބުނަންނޭގޭފަދަ ފިނިކަމެއް ވެރިވާންފެށިއެވެ. ހިތަށް ބަޔާންނުކުރެވޭފަދަ ހިތްހަމަޖެހުމެއް އިހުސާސްކުރެވުނެވެ. ބޮލުން ބޮޑު ބުރައެއް ލުއިވިހެން ހީވިއެވެ. އޭނަ ދޮޅި ބާލާ މުސައްލަ ފަށް ޖަހައިގެންގޮސް އަލަމާރިއަށް ލާފައި ނިދަން ޖައްސާލުމާއިއެކު ނިދީގެ އުނގުގައި ފޮނިމީރުކަން ލިބިގަންނާކަށް މާ ގިނައިރެއް ނުނެގިއެވެ.

އެލާމްކޮށްގެން އޮތުމުން ބަންގީގެ އަސަރުގަދަ އަޑާއިއެކު އޭނަގެ ބަރުވެފައިވާ އެސްފިޔަތައް ހުޅުވާލާފައި ތަންމަތިން ހަށިގަނޑު ތެދުކުރިއެވެ. ނަމާދުކޮށްގެން އިށީނީ ހެދުނުގެ ޒިކުރުކުރާށެވެ. އެއަށްފަހު ނެޓުން ދީނީ ދަރުސްއެއް ބަލައިލަން ވަގުތުކޮޅެއް ހޭދަކުރިއެވެ. ބަދިގެއަށްވަދެ ކޮފީ ތައްޔާރުކުރަން ހުއްޓާ އަމްރާންގެ ފިޔަވަޅުތަކުގެ އަޑު އިވުނެވެ. އިސްއުފުލާފައި ހަތަރުކަޅި ހަމަކުރަން އަބަދުވެސް ޖެހިލުންވާއިރު މިއަދު ވަކިން ބޮޑަށް ހަޔާތީއަށް އުދަގޫވެއްޖެއެވެ. ހަޔާތީ މޭޒުމަތީ ކޮފީތަށްޓެއް ބެހެއްޓިއެވެ.

"މޯނިން ބިއުޓިފުލް...." އަމްރާން އެހެން ބުނެލީ ހިތުގެ އަޑިންހެއްޔެވެ؟

"ހިއަޒް ޔޯ ކޮފީ....." ރުއިމުގެ ސަބަބުން ކުރެހިފައިވާ އަޑާއި އޭނަގެ ލޮލުގެ ދުޅަކަން އަމްރާންއަށް ސިއްރެއް ނުކުރެވުނެވެ. ހަޔާތީ ކަމަކާ ހިތާމަކުރާކަން އޭނަ ދަނެއެވެ. މުޅިންވެސް މިކާލްއަށްޓަކާހެއްޔެވެ؟

"އަރިދަފުސް އަޅާފައި ދޯ. ޖިންޖާ ސައިތަށްޓެއް ބޯލަންވީނު..." އަމްރާން އެނގޭކަމަކަށް ނެހެދިއެވެ. ރޮއިފާ ހުރިކަން އެނގިގެން އެކަމާއި އުދަގޫވީއިރުވެސް މޫނުމަތިން ދެއްކީ އެހެން ކުލައެކެވެ.

"އެލާޖީއެއްކަން ނޭގޭ..ރޭ ނުނިދުނު..." ހަޔާތީ ބުނެލީ ނިކަން މަޑުންނެވެ.

"ޑޮކްޓަރަށް ދައްކަން ދާންވާނެއްނު. މި ވީކްގައި ވަރަށް ދެމީހުން އެޓެންޑްވާން ވަރަށް ގިނަ އިވެންޓްތަކެއް އެބައޮތް. ބަލައިގެން އުޅެއްޗޭ. ސްޓްރެސްއާއި ރަގަޅަށް ނުނިދެންޏާ ޑިޕްރެޝަންއަށް މަގު ފަހިވެދާނެ..." އަމްރާން ކޮފީތަށި ތުނބުގައިޖެހިއެވެ.

"އައިވިލް ބީ ފައިން އިންޝާ ﷲ. އެހާ ބަލިކަށި މީހެއްނޫން............." ހަޔާތީ އިށީނީ އެއްފަރާތުގައި ހުރި ގޮނޑީގައެވެ. އަމްރާންއާއި ކުރިމަތިލައިގެން އިންނާކަށް ހިތެއް ނުރުހުނެވެ. އޭނަ ތައްޔާރުކުރި މައިލޯތަށިން އެތިފޮދެއް ބޯލުމަށްފަހު އިސްޖަހާލައިގެން އިނުމުން އެހެން ދުވަހާއި މާ ތަފާތުކަން ފާހަގަކުރެވުނެވެ.

"ވައި ދަ ލޯންގް ފޭސް؟ " އަމްރާން އެއް ބުމަ އަރުވައިލިއެވެ.

"މިފަދަ މަގާމެއްގައި ހުރީމަ ސްޓްރެސްއާއި އެހެން ފީލިންގްސްތައް އިތުރުވާނެ. ވަރަށް ބިޒީކޮށް އުޅެން ޖެހެނީ. ޕްރޮގްރާމެއް ހަދަން ފްރެންޑަކަށްވެސް ހެލްޕްވާން ޖެހުނު. އޭގައި ގެނެސްދޭނީ އައިއެސްއިން ކުރާ ހަގުރާމައާއި އޭގެ ސަބަބުން ނިކަމެތިވެ ދިރިއުޅުން ބޮއްސުންލާ އަންހެނުންގެ ވާހަކަތައް. ދިވެހި އަންހެންކުދިން އެތަނަށްގޮސްފައި ދިރިއުޅޭނެ ހާލު ހިތަށް އަރާފައި ދެރަވޭ. އެންމެންނަށް އެވެއާނަސް ޕްރޮގްރާމްތައް ހިންގަން އެބަޖެހޭ. ޒުވާނުން ޝަހީދުވީމަ އަނބިން ނިކަމެތިވެ ޖާރިޔާއިންނަށް ދޯ ވާނީ؟ " ހަޔާތީ ސުވާލެއްކޮށްލީ އަމިއްލަ ނަފުސާއި ވާހަކަދައްކާފަދަ ގޮތަކަށެވެ. އަމްރާންއާއި މިކާލް ޚިޔާލުން ނެރެލާފައި އޭނަ ޖެހެނީ އެޗްއެމްގެ ކުރިމަގާއިމެދު ވިސްނާށެވެ. އެއީ އޭނަގެ ވެސް ވަރަށް މަސައްކަތުން ވުޖޫދަށް އައިސްފައިވާ އޭނަގެ ޚާއްސަ ޗެނެލްއެކެވެ.

"ހަމައެކަނި ހަރުކަށި ފިކުރެއްނޫން މީގައި އޮތީ. މިއަށްވުރެ މާ ހިތްދަތި އެތީސްޓުން ރާއްޖޭގައި ގިނަވާތީ. އޭޒް އެ މޮޑެރޭޓް މުސްލިމް މި ދެކަމާއި ހަގުރާމަކުރަން ބޭނުމީ..." ހަޔާތީ އެންމެފަހުގެ ތީރު އަމްރާންއަށް އަމާޒުކޮށްފައި ރުވާލިއެވެ. އެކަމުން އަމްރާންއަށް އިތުރު އަސަރެއް ކުރިހެން ހިޔެއްނުވެއެވެ. އެންމެންވެސް އެސަރުކާރު ލޭބަލް ކުރަނީ އެގޮތުގައި ނޫންހެއްޔެވެ؟

"ގުޑް ލަކް....." އަމްރާން ހިނިތުންވެލިއެވެ.

އެޗްއެމްއިން ދެއްކި ޕްރޮގްރާމުގެ ސަބަބުން އައިއެސްގެ ފިކުރަށް ތާއީދު ކުރާ މީހުން ރުޅިގަދަވެ މައްސަލަޖެއްސިއެވެ. އެއީ ހުޅަގުގެ މީޑިއާތަކުން ފަތުރާ ޕްރޮގްރާމްތައް ކަމަށާއި އެކަހަލަ ދޮގު މައުލޫމާތުތައް ނުފަތުރަން އެޗްއެމްއަށް އިންޒާރުވެސް ކުރިއެވެ. ޚާއްސަކޮށް ސޯލްޖާސް އޮފް މަހުދީއިންނެވެ. އެޕްރޮގްރާމްގައި ދެއްކީ އައިއެސްއަށް ދާ ދިވެހިންގެ ވާހަކަތަކެވެ. އައިއެސްގެ ހަގުރާމަވެރިން ރަހީނުކޮށްގެން އުޅޭ ޖާރިޔާއިންނާއިމެދު ކަންތައް ކުރާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ވާހަކަތަކެވެ.

"މިކުއްޖާގެ އުމުރަކީ އެންމެ ދިހަ އަހަރު. އެކުއްޖާގެ ބޮޑުދައިތަ ކިޔާދިންގޮތުން އައިއެސްގެ ސިފައިން އެރަށަށް އަރާ ހުރިހާ ފިރިހެނުން ނައްތާލީ. ބޮޑުކަށްވަޅެއް ކޮނެ ދިރިތިއްބާ ވަޅުލީ. ކުދިންނާއި އަންހެނުން ރަހީންކޮށްގެން ގޮސް އަންހެނުންތައް ވިއްކާލީ. އުމުރު ފުރަ ބަހާލާފައި. އެންމެ އަގުބޮޑުކޮށް ވިއްކީ ދިހައަހަރާއި ވިހި އަހަރާއި ދެމެދު އަންހެންކުދިން. އެއުމުރު ފުރާގެ ކުދިން ނަގަނީ އެ ޖަމާއަތުގެ ސީނިއަރ މެމްބަރުން. މަސްތަކެއްފަހުން ބޮޑުދައިތަގެ އެކުވެރިއަކަށް ރައްގާއިން އެކުއްޖާ ފެނުނުއިރު ބަލިވެއިނީ."

މިފަދަ ޖަރީމާތަކީ ހަޔާތީ ދެކޭގޮތުން މުސްލިމުންގެ ފަރާތުން ފެނިގެންވާނެ ސިފައެއް ނޫނެވެ. ޖިހާދު ކުރަންއުޅޭ ބަޔަކު ކުޑަކުދިންނާއިމެދު މިހާ ނުބައިކޮށް އަމަލެއް ނުކުރާނެއެވެ. ޖިހާދަކީ އެންމެ މަތިވެރި އެއް އަމަލަށްވީއިރު ޖިހާދުގެ ނަމުގައި ގްރޫޕަކުން މިހިންގާ ޖަރީމާތައް އެ ޕްރޮގްރާމްގައި ކުށްވެރިކުރިއެވެ.

އެ ޕްރޮގްރާމާއި ވިދިގެން އޮތީ އެތީސްޓުންނާއި ބެހޭގޮތުން އޮތް ބަހުސެކެވެ.

ހަޔާތީގެ ޕޭޖަށް އެ ލިންކުތައް ލުމާއިއެކު ދެފަރާތުގެ މީހުންގެ ފަރާތުން އޭނައަށް ބަހުގެ ހޫނު ހަމަލާތައް އައެވެ. އެކަމަކު އޭނަ އެޕްރޮގްރާމްތައް ގެނެސްދިނުމުގައި ސާބިތުވެ ހުންނާނެއެވެ.

ގެއަށް ވަދެފާ ހަޔާތީ އޭނަގެ މަންމައަށް ގުޅިއެވެ. އާދައިގެ މަތިން މަންމަ ހުރީ އުފަލުން ފުރިފައެވެ. އެކޮޅުގައި ހުއްޓަސް ހުރިހާ ޚަބަރެއް ބަލާކަމަށާއި އަމްރާންއާއި ހަޔާތީއާއި މެދު ފަޚުރުވެރިވާކަމުގައި މަންމަ ބުނީ ފެންކަޅިވެފައެވެ. އިޝްކަންގާތު އެދުނީ މަންމައަށް އަޅާލުމަށެވެ. ގަޑިން ކާން ދޭން އަދި އަރާމުކުރުމަށާއި މަންމަ ގޮވައިގެން ހިނގާލަން ދާންވެސް އެދުނެވެ. ޑޮކްޓަރުންގެ އިރުޝާދާއި އެއްގޮތަށް ޓެސްޓް ހަދާ ފަރުވާކުޑަނުކޮށް ބޭސްކާންދޭންވެސް ހަޔާތީ އެންގިއެވެ.

އެހަފްތާގައި އަމްރާންއާއި އެކު އެކި އިވެންޓްތަކަށް ދިޔުމުން އެދެމީހުންނާއިހެދި މީޑިއާތައް އުޅުނީ ސެލެބްރިޓީއިން ފަހަތު އަޅުވާހެންނެވެ. އަމްރާންއާއި ހަޔާތީވެފައިވަނީ އެންމެ ހޮޓް ކަޕްލްއަށެވެ. ރާއްޖޭގެ އެންމެ މަޝްހޫރު އެންމެ ގިނަމީހުން ލޯބިވާ ރުހޭ ޖޯޑުކަމުގައެވެ. ޓީވީއިން އެދެމީހުންނާއި ބެހޭ ކޮންމެވެސް ޚަބަރެއް ނުދައްކާއިރެއް ނުވާނެއެވެ. ނޫސްތަކުން އެންމެ ގިނަމީހުން ކިޔާ އުޅެނީވެސް އަމްރާންއާއި ހަޔާތީގެ ޚަބަރެވެ. ރައީސްއާއި ފަސްޓްލޭޑީހާ ގުޅޭ ޖޯޑެއްނެތްކަމުގައި ވެއްޖެއެވެ. ހަގީގަތްވަނީ އެންމެނަށް ފަރުދާވެފައެވެ. މީހުންނަށް ދައްކަނީ އެހެން ކުލައެކެވެ. އަތުގުޅުވާލައިގެން މީހުންގެ ކުރިމައްޗަށްނިކުންނައިރު އަމްރާން އޭނަގެ އަންހެނުންނަށް އެދޭ ޚާއްސަ ނަޒަރަކީ އަންހެންކުދިން ހިތް ހަލާކުކުރުވާފަދަ ބެލުމެވެ. އެ ނަޒަރު ޚާއްސަވެފައިވަނީ ހަމައެކަނި ހަޔާތީއަށެވެ. ދެން ހުރީ ހަޔާތީއެވެ. ހަޔާތީ ހުންނަނީ ލަދުރަކި ހިނިތުންވުމެއްގައެވެ. ހިތްތަކުގެ މަހާރާނީއަށް ވެގެންނެވެ. ފަރުދާގެ ފުރަގަހުގައި ދެމީހުން ދެ ބީރައްޓެހިންހެން އުޅޭކަން ދަންނާނީ ކާކުހެއްޔެވެ؟

އުޑުމަތި ބަނަކޮށް އޮތް ދުވަހެކެވެ. ހަޔާތީ ކަފަލޮލީ ނުފެނިގެން ނިކުތްއިރު ގޭޓުކައިރީ އޮތްތަން ފެނިފާ ދުވެފައިގޮސް އުރާލަމުން އަޑުލިއެވެ.

"ކާރެއްދަށުވެ މަރުވާހިތުން ކަފަލޮލީ ތިއުޅެނީ؟ "

ހަޔާތީ އެސޮރުގެ ބޮލުގައި ފިރުމަން ހުއްޓާ އަމްރާންއާއި ކާޒް ކާރުން ފޭބިގޮތަށް އައިސް މަޑުކޮށްލީ ހަޔާތީކައިރީގައެވެ. އަމްރާން ކަފަލޮލީގެ ބޮލުގައި ފިރުމައިލިއިރު ކާޒްވެސް ހިނިއައިސްފާ ބަލަން ހުއްޓެވެ. އެމަންޒަރު ފޮޓޯނެގީ ޑްރައިވަރުނޫން ދެވަނަމީހެއް ނޫނެވެ. އިރުކޮޅެއްނުވަނީސް އެ ފޮޓޯ މަޝްހޫރުވިއެވެ. އެކަމަކު މިފަހަރުވެސް " އިންޓަނެޓް ޓްރޯލްސް"އިން އެ ފޮޓޯ މާނަކުރީ އެހެން ގޮތަކަށެވެ. ފަސްޓްލޭޑީ ޕްރެޒިޑެންޓާއި ވައިސް ޕްރެޒިޑެންޓާއިވެސް ގުޅުން އޮތީހެއްޔޭ ކިޔާފައެވެ. ގަސްތުގައި އެހެން މީހުން ރުޅި އަރުވާލާ އެހެން ދިމާލަކަށް ވާހަކަ ގެންދަން އެމީހުން މަސައްކަތްކުރިއެވެ. ގެއަށް ވަނުމާއިއެކު ހަޔާތީއަށް އެފޮޓޯގެ ޚަބަރު އެނގި ހައިރާންވިއެވެ. އެމީހުންގެ ކޮންމެ ހަރާތެއް މީޑިއާގައި ބަހުސް ކުރެވޭވަރުގެ ކަމަކަށްވަނީހެއްޔެވެ؟ މަޝްހޫރުކަމާއި މުއްސަދިކަމަކީ އެންމެން ބޭނުންވާ އެއްޗެކެވެ. ނަމަވެސް މިގޮތަކަށް ނޫނެވެ. ޕްރައިވެސީއަށް އިހުތިރާމް ކުރަންވާނެ ނޫންހެއްޔެވެ؟

މި ހަފްތާ ތެރޭ އެލީންގެ ޚަބަރެއް އެހާ ނުވެއެވެ. ފަހުން ހަޔާތީއަށް އެނގުނުގޮތުގައި އެކުވެރިންނާއިއެކު އޭނަ ވީ ރިޒޯޓެއްގައެވެ. ގޭތެރޭގައި އެހާ މިނިވަންކޮށް އުޅެލެވުނީ އެހެންވެއެވެ. އެލީން އައުމާއެކުހެން ލޮލަށް އުދަގޫވާފަދަ ކަށިޖަހާ ފަދަ މަންޒަރުތައް ފެންނަން ފެށިއެވެ. އަމްރާން ލައިބްރަރީގައި އިނަސް އެލީން ބަހަނާއެއް ދައްކާފައި އެތަނުގައެވެ. ކޮފީއެއް ބޯލަން ޕޫލްކައިރީ އިނަސް އެލީން ކައިރީގައި ހީލަ ހީލާ ހުންނާނެއެވެ. ބައެއްފަހަރު އުދަގޫވާހާ ކައިރީގައެވެ. އެންމެ ހިތްހަމަނުޖެހުނީ ވާރޭ ވެހުނުގަޑިއެއްގައި އަމްރާން ޕޫލްގައި އޮތްވާ އެލީން ގޮސް ޕޫލްގެ އަރިމަތީގައި އިށީންތަން ފެނިފައެވެ. އިތުރަށް އުދަގޫވާނެ މަންޒަރެއް ފެނުމުގެ ކުރިން އެތެރެއަށްވަން ގޮތަށްވެސް ދެލޮލަށް ކަރުނަ ޖަމާވިއެވެ.

"ޑޭމިޓް ކީއްވެ އަހަންނަށް އުދަގޫވާންވީ؟ އެދެމީހުން ކޮންމެ ގޮތަކަށް އުޅުނިއްޔާ ކޮންކަމެއް؟ " ލޮލުން އައި ކަރުނަތައް ބާރަކަށް ފޮހެލާފައި ގޮސް ކޮފީތަށްޓެއް ހަދަން ފެށިއެވެ. ކޮފީގިރާ ނިމިގެން އެނބުރިލިތަނާ މޫނު ޖެހުނީ އަމްރާންގެ ފުޅާމޭމަތީގައެވެ. ޕޫލުން ފެންވަރާ އެހުރި ތާޒާކަންމަތީގައި ޓީޝާޓެއް ވައްޓާލައިގެން އައިއިރު މީރުވަސް އަރަ އަރާ ހުއްޓެވެ.

"ކިހިނެއްވީ؟ " އަމްރާންގެ އަޑުގައި ވި އޯގަތެރިކަމުން މީހަކު ހަމަ ހެއްލޭނެއެވެ. އަމްރާން ހަޔާތީގެ ލޮލުގައިވާ ކަރުނަތިކިތައް އިނގިލިތަކުން ފޮހެލަދިނެވެ. އެއިނގިލިތަކުގައި ވީ ފިނިކަމެވެ.

"ޖަސްޓް........ނަތިން..." ހަޔާތީ އަމްރާނުގެ އަތް ދުރުކޮށްލާފައި ބާރު ބާރަށް ހިނގާލާފައި ނުކުމެގެން ދިޔުމުން މޭޒަށް ލެނގުނުއިރު އަމްރާންގެ ތުންފަތްމައްޗަށް މާނަވީ ހިނިތުންވުމެއް ވެރިވިއެވެ. ވީގޮތް އޭނައަށް ވިސްނިއްޖެއެވެ. ހަޔާތީއަށް އޭނައާއި އެލީން ޕޫލުން ފެނުނީއެވެ. އަންހެންކުދިންވެސް ހަސަދަވާން ދަނެއެވެ. ހަޔާތީއާއި އެލީންގެ ފިނި ހަގުރާމައިގެ އަސްލަކީ އޭނައެވެ. މިއީ އޭނައަށް އާ ކަމެއް ނޫނެވެ. ކުޑައިރުއްސުރެން އޭނަ ވެފައިވަނީ އަންހެންކުދިންގެ ރުހުން ލިބޭ ޚާއްސަ ފަރާތަކަށެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އޭނައަށް ދުނިޔެއިން މަދުވެފައިވަނީ ކޯންޗެއް ހެއްޔެވެ؟ އަންހެންކުދިން އެދޭނެ ހުރިހާ ކާމިޔާބު ސިފަތައް ދެއްވާފައިވެއެވެ.

މަދުވަނީ އެންމެ އެއްޗެކެވެ. އަދިވެސް އަމްރާންދެކެނީ އެންމެހުވަފެނެކެވެ.

ހަޔާތީ އޭނަގެ ކޮޓަރިއަށް ވަދެފާ އެނދުގައި އޮށޯތްގޮތަށް ބާލީހުގައި ބައްދާލައިފިއެވެ. ހިތާމަތައް އޭނަ ވަށާލާ ޗިސްކޮށްލަން އުޅޭހެން ހީވިއެވެ. ފޯނުން ގުރުއާން އަޑުއަހަން ފެށުމުން ހިތަށް ފިނިކަމެއް ލިބުނެވެ. ފަނަރަ ވަރަކަށް މިނިޓްވާންދެން ޝައުގުވެރިކަމާއިއެކު ގުރުއާން އަހަން އޮވެފައި ތެދުވެ ހަވީރުގެ ޒިކުރުތައް ކިޔާލައިފިއެވެ. ދެން ލެޕްހުޅުވައިލީ ޕޭޖް އަޕްޑޭޓްކޮށްލުމަށެވެ. އެއާއިއެކު ފެނުނު ޚަބަރަކުން ބުއްދި ލުހިގެން ނުދިޔައީ ހަމަކިރިޔާއެވެ.

 

ކޮމެންޓް 0