މިކާއާއިއެކު މަސް ބާނަންގޮއްސަ ވީޑިއޯ ނެގި ވާހަކަ ބުނީމެއްނު. ދޮންތައަށް ދައްކަބަލަ.." ހަޔާތީ އެ ވީޑިއޯތައް ބަލައިލާހިތްވިއެވެ.

"ހޫމް. ސަޅިކޮށް ޑައިވްކޮށްލަން އެނގޭ.." އިޝްކަން ތައުރީފުކުރިއެވެ. މިކާލްއާއި ރަހުމަތްތެރިންގެ މޫނުތައް ފެންނާން ފެށުމުން ހަޔާތީ ޝައުގުވެރިވިއެވެ.

އެވީޑިއޯތައް ބަލައިލާފަ ހަޔާތީގެ ހިތަށް ބިރުވެރިކަމެއް ވަނެވެ. ސަބަބެއް ނެތިއެއްނޫނެވެ. ނުބެލުނުނަމައޭވެސް ހިތަށް އެރިއެވެ. އޭގެ ކޮންމެ މަންޒަރަކުން އޭނައަށް ފެނުނީ މިކާލްގެ އެހެން ފަރާތެކެވެ. މިލިޓަރީ ތަމްރީނު ހަދާފައި ހުރި މީހަކަށް ނޫނީ އެހާ މޮޅަށް ތެޅުމުގެ ހަރަކާތްތަކެއް ނޭގެއެވެ. ފުންމައިގެންގޮސް ފާރުގައި ފައިން ޖަހާލާފައި އެއް ފައި މައްޗަށް ހިއްލައިލީ ސީދާ ޖިމްނާސްޓެއްފަދައެވެ. ދެތިން އެކުވެރިންނާއެކު ހިފާ އޮޅުލުމުގެ ހަރަކާތުގައި އެމީހުން ހިފަހައްޓައިލިގޮތް އެހާ މޮޅެވެ. އޭނަގެ ތަންކޮޅެއް ވަރުގަދަ އެކުވެރިއަކު ކޮނޑަށް ލައިގެން ގޮސް މޫދަށް އެއްލައިލިއިރު ވެސް ވަރުގަދަކަން ފެނުނެވެ. މަޑުމައިތިރި މިކާލްގެ އެހެރަ ވަރުގަދަކަމުން އުފާވެ ފަޚުރުވެރިވުމުގެ ބަދަލުގައި ހިތަށް އާދަޔާ ޚިލާފު ފިނިކަމަކާއިއެކު ބިރުވެރިކަން ވަނެވެ. މިކާލްއަށް ލިބިފައިހުރި މާޝަލް އާޓް ސެޓްފިކެޓްތައް މިވަގުތު ތޫނު ކަށިތަކަކަށްވެގެން ސިކުނޑިއަށް ހަރާލެވުނުހެން ހީވިއެވެ. ހަޔާތީ ހުއްޓުން އަރާފައި އިނދެފައި ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

"ދޮންތީ އިހަށް ކާން އާދޭ...." އިޝްކަން ކުރުނުކޮށްގެން ކާން ގޮސް ހަޔާތީ އެހެން ދުވަހާއި ބަލާފައި ގިނަފަހަރު އިނީ ވިސްނުމެއްގެ ތެރޭގައެވެ. އިޝްކަން އެކަން ދެނެގެން ގިނައިން ދެއްކީ އެޗްއެމްއާއި ގުޅޭ ވާހަކަތަކެވެ. ސިޔާސީ ވާހަކަތަކެވެ. މިކާލްގެ ވާހަކަތައް ނޫނީ އިސްލާމިކް ސްޓޭޓްގެ ވާހަކަ ފަށައިގެން ދޮންތަގެ ސިކުނޑި އިތުރަށް ހަލަބޮލިކޮށްލާކަށް ނުވާނެއެވެ.

ސިޔާސީ ކަންތައްތަކަށްވުރެ އިސްލާމިކް ސްޓޭޓްގެ ސަބަބުން ހަޔާތީގެ ދިރިއުޅުމަށް އައި އިންގިލާބު މާ ބޮޑެވެ. ލޯބިވާ މީހަކު ވަކިވުމަކީ ހިތަށް ކުޅަދާނަވާފަދަ ކަމެއް ނޫނެވެ. ކޮންމެގޮތެއްވިޔަސް މިކާލް ސީރިޔާއާއި ހަމަޔަށް ދަތުރުކުރުމުގެ ސަބަބަކަށްވީ އައި އެސްއެވެ. އާއިދުއާއި ސަމާގެ ސަބަބުންނެވެ. އެމީހުން އައިއެސް ފިކުރުގެ މީހުންނަށް ވީމައެވެ. މައިންބަފައިން އުމުރުން ދުވަސްވީދުވަހު ރޮއްވާލާފައި ދިޔުމަކީ ދީނުގައި އޮތް ގޮތް ހެއްޔޭ ހިތާހިތުން ސުވާލުކުރެވުނެވެ. ކޮޓަރިއަށް ވަނަސް ލޮލުގައި ނިދީގެ އަސަރެއް ނެތެވެ. ކަޅު ކޮފީއެއް ތައްޔާރުކޮށްލައިގެން ގެނެސް ހަމަޖެހިލައިގެން އެނދުގެ ހެޑްބޯޑަށް ބާލީސްތައް ޖަހާލައިގެން އަރާމުވެލިއެވެ.

ސިޔާސީ އާޓިކަލްތަކަށްވުރެ އައިއެސްއާއި ދެކޮޅަށް އާޓިކަލްތައް ލިޔަން ހިތް ގޮވަންފެށުމުން ޔަޒީދީންނާއި ބެހޭ މައުލޫމާތު ހޯދަންފެށިއެވެ. އައިއެސްގެ ޖިންސީ ޝިކާރައަކަށްވެފައިވާ އެތައް ހާސް އަންހެންކުދިންނެއް ޔަޒީދީންގެ ތެރޭ ވިއެވެ. އިރާގުގެ އުތުރުގައި އޮންނަ ސިންޖާރުގެ ވިލެޖެއްކަމަށްވާ ކޮޗޯއަށް އަރާ އެތަނުން އެތައް ކުދިންނެއް މޫސަލްއަށް ގެންގޮސް ގޭންގް ރޭޕްކޮށް ޖިންސީ އަޅުންގެ ގޮތުގައި އެތައް ބަޔަކަށް ވިއްކާ ބައެއްކުދިން ރައްގާއަށް ގެންގޮސްފައިވާ ކަމަށްވެސް ބައެއް ނޫސްތަކުގައި ލިޔެފައިވިއެވެ. ހަގީގަތަކީ ފަރުދާވެފައި އޮންނަ އެއްޗެކެވެ. ލޮލަށް ނުފެނުނަސް އެބަޔަކު އިތުބާރުކުރާ ނޫހެއްގައި އޮންނަ އެއްޗެއް ގަބޫލުކުރާ އުސޫލުން ހަޔާތީ އެއިން ކޮންމެ ވާހަކައެއް ގަބޫލުކުރިއެވެ.

ޔަޒީދީ އަންހެންކުދިންގެ ވާހަކަތަކުން ހަޔާތީގެ ލޮލުން ކަރުނަ ހިލުވައިލިއެވެ.

"އަޅުގަނޑުގެ ނަމަކީ ނޯތާ. އުމުރަކީ އަށާރަ އަހަރު. އެމީހުން އަޅުގަނޑުމެންގެ ރަށް ކޮޗޯ ހިސާރުކުރުމަށްފަހު އަރައިގަނެގެން އަޅުގަނޑުމެން ގެންދިޔައީ ކޮޗޯ ސްކޫލަށް. ފިރިހެނުން ތިރީބަޔަށް ގެންގޮސް މަތީބަޔަށް އަންހެންކުދިން ގެންދިޔައީ. ފިރިހެނުން މަރައިލީކަމެއް އެމީހުންނަށް ހެދިގޮތެއް ނޭގޭ. ދެން އަޅުގަނޑުމެން ގެންދިޔައީ މޫސަލްއަށް. އެއަށްފަހު ސޫރިޔާއަށް ގެންގޮސް އަޅުގަނޑުމެންނަށް ޑްރަގް ދީ އެމީހުންނާއި ކައިވެނިކުރަން މަޖުބޫކުރުވި. އަޅުގަނޑު ފަންސާސްފަހަރު ވިއްކި. އައިއެސްގެ ފަންސާސް މީހުންގެ އަނބިންގެ ގޮތުގައި ހުންނަން ޖެހުނު. ތިންފަހަރު ފިލަން މަސައްކަތްކުރިން އެކަމަކު އަތުލައިގަތީ. އަނިޔާކޮށް މުސްލިމް ވާން މަޖުބޫރުކުރި. އެކަމާ ދެކޮޅު ހަދާފައި އާއިލާއާއި ބައްދަލުކުރަން ބޭނުންކަމުގައި ބުނިން. ތީ ދޮގުވެރިންނޭ ކަލޭމެން ފެންނާންވެސް ނޭދެއޭ ކަލޭމެންނަށް ބަލާކަށްވެސް ބޭނުމެއް ނުވެއޭ ބުނިން"

"ހަތަރު ވަނަ ފްލޯއިން ތިރިއަށް ވައްޓާލާ ކަރަންޓުގައި ޖައްސާ ވެހިކަލްތަކުގައި އައްސައިގެން ދުއްވުން ފަދަ ތަފާތު އަނިޔާތައްކުރި. އަތުގައި ބިޑި އަޅުވާ ޑްރަގްދިނުމަށްފަހު އެމީހުން ކުރާކަމެއް ނުވެސް އެނގޭ ހާލަތަށް ދޭ. އެއްބަނޑު އެއްބަފާ ހުރިހާ ކުދިންވަނީ ގެއްލިފައި. ސޫރިޔާގެ ރައްގާގައި އަޅުގަނޑުގެ ބޮޑުބޭބެ އެމީހުން އަތުން އަންހެންކޮއްކޮ ގަނެފައި ބޮޑުބޭބެއާއިއެކު ސަލާމަތުން ވާކަމަށް ބުނި. އެފަހުން ބޮޑުބޭބެއަކާއި ނުގުޅޭ. އަޅުގަނޑު ފަހުން އައިއެސް މީހުން އަތްދަށުން ފިލައިގެންގޮސް ކުރުދީ ބްރަދާސްއިންނާއިއެކު އަފްރީންއަށް ދިޔައީ. ހަމަހޭ ހުރިނަމަ އެމީހުން ކުރިކަންތައް އެނގުނީސް އެކަމަކު ޑްރަގެގެ ސަބަބުން ވާނުވާއެއް ނޭގުނު. އެމީހުން ބުނާނެ. ކަލޭމެންނަކީ ޔަޒީދީއިން އަދި އަންބިލީވާސްއިނޭ ވީ ވިލް ޓޭކް ޔޫ އޭޒް އެ ކެޕްޓިވް އޯ ވީ ވިލް ކިލް ޔޫ ހުރިހާ އެހެން އަންހެންކުދިންވެސް ހަމަ މިވަރަށް ސަފާކުރި. އަދި އެމީހުން ބުނި ޔޯ ފެމިލީސް ވިލް ކިލް ޔޫ ބިކޯޒް ޔޫ ވާ ހިއާ އެންޑް މެރީޑް ޓު އައި އެސް މެމްބާސް" ނޯތާ މާޔޫސީ އަދި ނަފްރަތާއިއެކު އައިއެސްއާއި ބެހޭގޮތުން ވާހަކަދެއްކިއެވެ.

ހަޔާތީ ޔަޒީދީ ކުދިންނާއި އެކި ފަރާތްތަކުން ކޮށްފައި ހުރި އިންޓަވިއުތައް ބަލައިގެން މައުލޫމާތު އެއްކުރަމުން ދަނިކޮށް ބީބީސީ ހާޑް ޓޯކް ޕްރޮގްރާމަށް ނާދިޔާ މުރާދު ދީފައިވާ އިންޓަވިއުއެއް ފެނުނެވެ. އެއީވެސް ނޯތާ ފަދައިން މޫސަލްއަށް ގެންގޮސް ގޭންގް ރޭޕްކޮށް ޖިންސީ އަޅެއްގެ ގޮތުން އެތައް ބަޔަކަށް ވިއްކާފައިވާ ކުއްޖެއްކަމުގައި ވިއެވެ. އައިއެސްގެ އަތްދަށުން ސަލާމަތްވުމަށްފަހު ނާދިޔާވަނީ އދގެ ގުޑްވިލް އެމްބެސެޑަރަކަށް ހަމަޖައްސާފައެވެ. އެކުއްޖާގެ އިންޓަވިއު ބަލަމުން ދިޔައިރު ހަޔާތީގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެމުން ދިޔައެވެ. އެހާ އަސަރުކުރުވިއެވެ. އެކުއްޖާއަށްވެސް އައި އެސްގެ ފަރާތުން ކޮށްފައިވާ އަނިޔާތަކުގެ ކޮޅެއްނެތެވެ. އެ އިންޓަވިއު ބެލުމުން އައިއެސްއާއިމެދު އޮތް ނަފްރަތު ހުޅުފަޅައިގެން ހިގައްޖެއެވެ.

ނާދިޔާ އިންޓަވިއު ނިންމާލިއިރު އައިއެސްއާއި ގުޅެން އުޅޭ ޒުވާނުންނަށް މެސެޖެއް ދިނެވެ.

"މައި މެސެޖް ޓު ޔަންގް މެން އެންޑް ވިމެން ހޫ ވިޝް ޓު ޖޮއިން އައި އެސް އިޒް ދެޓް ދޭ ޝުޑް ނޯ ދެޓް ވީ ރިސްކްޑް އަވާ ލައިވްސް ޓު އެސްކޭޕް ފްރޮމް ދެމް. ދޭ ކިލްޑް އެންޑް ރޭޕްޑް އަސް އެންޑް ޑިޑް މެނީ ހީނަސް ތިންގްސް ބިޔޯންޑް މޯސްޓް ޕީޕަލްސް އިމޭޖިނޭޝަން. ބިފޯ ޔޫ ޖޮއިން އައިއެސް ފޯ ރިލިޖަސް އޯ އަދާ ރީޒަންސް ޔޫ ޝުޑް ނޯ ޔޫ ވިލް އީދާ ބީ ކިލްޑް އޯ ޔޫ ވިލް ލޫޒް ޔޯ ހިއުމެނިޓީ... އައި އެޕީލް ޓު ދޯޒް ޔަންގް މެން އެންޑް ވިމެން ހޫ އާ ތިންކިން އޮފް ޖޮއިނިން ދާއިޝް ޖަސްޓް ލުކް އެޑް ވަޓް ވީ ހޭވް ހޭޑް ޓު ޑޫ ޓު އެސްކޭޕް އެންޑް ހައު ހާޑް ވީ އާ ވޯކިން ޓު ފްރީ އަވާ ޕީޕަލް ސްޓިލް ހެލްޑް ކެޕްޓިވް ބައި ދާއިޝް.."

ސްޓޮޕް ޔަޒީދީ ޖެނޮސައިޑްގެ ނަމުގައި އެފްބީ ޕޭޖެއް ހުޅުވާފައިވާ ސަބްރީން ކާސިމް ލިޔެފައިވާ ގޮތުން އެމީހުންނަކީ ޝައިތާނާއަށް އަޅުކަން ކުރާ ބަޔެއްކަމަށް ދެކެ ގިނަ މީހުން އެމީހުންނަށް ނަފްރަތުކުރެއެވެ. އޭނަވެސް ބޭނުންވަނީ އެހެން މީހުން ދެކޭގޮތް ބަދަލުކުރުމަށެވެ.

ހަޔާތީ ނޫސްވެރިޔަކަށް ވި އެންމެ ބޮޑު އެއް ސަބަބަކީ މިފަދަ އަނިޔާ ލިބެމުންދާ ފަރާތްތައް ހާމަކުރުމެވެ. ވީއިރު އައިއެސްފަދަ އަނިޔާވެރިކަމުން ފުރިގެންވާ ޖަމާއަތަކާއި ދެކޮޅަށް ނޫސްތަކުގައި ލިޔެ އެންމެންގެ ސަމާލުކަން ގެނައުން ލާޒިމުކަމެއްގެ ގޮތުގައި ދެކުނެވެ. އެކި އިންޓަވިއުތަކާއި އާޓިކަލްތަކުން މައުލޫމާތު އެއްކޮށްގެން ޔަޒީދީ އަންހެންކުދިންނަށް އައިއެސްގެ ފަރާތުން ކުރިމަތިވަމުންދާ ހިތާމަވެރިއާއި ފިރިހެނުން ދުނިޔެއާއި ވަކިކޮށް ގަތުލު އާއްމު ހިންގުން ކުށްވެރިކޮށް ހަޔާތީ ދިގު އާޓިކަލްއެއް ލިޔުނެވެ.

ހިތްހަމަޖެހޭ ފެންވަރަށް އާޓިކަލްއެއް ލިޔެ ނިންމާލިއިރު އާފުރެން ފަށައިފިއެވެ. އެނދުގައި ދިގަށް ޖައްސައިލުމަށްފަހު ބާލީހަކާއި ބައްދާލުމަށްފަހު ދެލޯ މަރާލީ ނިދީގެ ފޮނިކަމުގެ ރާހަތަކަށް ކޮޅުނެތްކޮޅަށް އެދެމުންނެވެ. ހުރިހާ ހިތާމަތަކާއި އުދާސްތަކަކަށް ނިމުމެއް ގެނައުމުގެ އެންމެ ފުރިހަމަ ވަސީލަތަކީ ނިންޖެވެ. ދެފަރާތަށް ފުރޮޅި ފުރޮޅި އޮތްއިރު އިރުއިރުކޮޅާ މޮޅިވެރިކަމުން ފުރިފައިވާ ގޮތަކަށް ފޯނަށް ބަލައިލެވެނީ މިކާލްގެ މެސެޖެއް ފެނިދާނެކަމުގެ އުއްމީދުގައެވެ. އެއްވެސް ޚަބަރެއްނެތެވެ. އެކޮޅަށް ދިޔަފަހުން އޮންލައިން ނުވާތާގައި މެސެޖެއްހާ މިންވަރުވެސް ކޮށްނުލިއެވެ. ކެތްތެރިކަމުގެ ކޯރު ބަންޑުންވެގެން އޮހިގަތެވެ. ކޮންމެ ރެއަކު ނިދެނީ މިކާލްއަށްޓަކާ ރޮއިރޮއިފައެވެ. އެހާވަރަށް ދުޢާކުރެވެއެވެ.

"ޕްލީޒް ބީ ސޭފް މިކާ. ޕްލީޒް. މިކާއަށް ގޮތެއް ވެއްޖެއްޔާ އަހަރެން މަރުވެދާނެ. މިކާ ދެފަހަރުވެސް ވެއިޓް ފޯ މީ އޭ ބުނެފައި އިނީމަ މި ހިތް ހަލާކުވާވަރުވި. އެހެން ކަހަލަ އިހުސާސެއް ކުރެވުނީ. އާނ މިކާ ވެއިޓްކުރާނަން. އަބަދަށްވެސް އިންތިޒާރުކުރާނަން ލޯބިވޭ ވަރަށް ބޮޑަށް ލޯބިވޭ މިކާ....." ފޯނުގެ ޑިސްޕްލޭގައި ހުރި ލޯބިވާ ފިރިމީހާގެ ތަސްވީރުގައި ތުންފަތް ޖައްސާލިއިރު ހޫނު ކަރުނަތަކުން އަތްތިލަ ތެމުނެވެ.

ހެނދުނު އެރިއިރާއެކު ހަޔާތީ ތެދުވެ ހުރީ ބަދިގެތެރޭގައެވެ. ރޮބޮޓެއްހާ ހީވާގިއެވެ. ހެދުނު ނާސްތާ ތައްޔާރުކުރުމަށްފަހު އެހާ ހަލުވިކަމާއިއެކު އިޝްކަންގެ ހެދުންތައް އިސްތިރިކޮށްދީފައި ފެންވަރަންވަނެވެ. އޮފީހަށްދާހިތުން ހިތްވަނީ އވަސްވެފައެވެ. އޭނަ އިސްލާމިކް ސްޓޭޓާއި ދެކޮޅަށް ލިޔެފައިވާ ލިޔުން އެމީހުންނަށްޓަކާ ނިއުކްލިއާ ހަތިޔާރެއްހާ ފަނާވެދަނިވި ގެއްލުންދައް ދޭނެކަމަށް ޔަގީންކުރިއެވެ. އެހާ ތަބީއަތު ރަގަޅުވެ ފޯރިއާއި ޖޯޝްއައިސްފާ ހުރީ މިއަދު ތައްޔާރުކޮށްގެން އުޅެ އާޓިކަލް ޕަބްލިޝްކުރާ ހިތުންނެވެ. ހިނިތުންވެލާފައިގޮސް އޮފީހަށް ވަނެވެ.

"މޯނިން ހަޔާ. ޔޫ ލުކް ފްރެޝް..." ސަޖަލް ތެދުވެފާ ހެދުނުގެ ސަލާމް ކޮށްލިއެވެ. ކްރީމްކުލައިގެ ސޫޓެއްފަދަ ހެދުމަކާއިއެކު ގުޅޭ ކުރު ބުރުގާކޮޅެއް އަޅާލާފައިވާއިރު ލޫޅާފަތިކަމާއި ސްޓައިލިޝްކަމުގެ ނަމޫނާއެކެވެ. ލުއި މޭކަޕްގެ ސަބަބުން މޫނަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.

"ތެންކިއު ލަވް...." ހަޔާތީގެ ފުޅާ ހިނިތުންވުން އިރުގެ އަލިކަންހާ ޗާލެވެ. މުޅިތަން އަލިކޮށްލާފަދަ ހިނިތުންވުމެވެ. ހަޔާތީ ސަޖަލްގެ މަންމަމެންގެ ހާލު އޮޅުން ފިލުވިއެވެ. ކޮއްކޮގެ ޚަބަރެއްވިހެއްޔޭ އަހައިލިއެވެ. ސަޖަލް ބުނީ ރައްގާގައި ހުރެ ގުޅިކަމުގައެވެ. ސުފްޔާން ހުރީ އުފަލުން ކަމުގައެވެ. ރައްގާގައި ސްނޯތެރޭހުރި ފޮޓޯއެއްވެސް ދައްކައިލިއެވެ. ހަޔާތީ އަނގަޔަށް ގޮތެއް ހަދައިލިއެވެ. ދުނިޔޭގައި ސްނޯ ފައިބާ ހަމައެކަނި ސިޓީއަކީ ރައްގާހެއްޔޭ އަހައިލިއެވެ. ސްނޯ ބަލައިލަން ރީއްޗެވެ. އެމަންޒަރުތައް ނަލައެވެ. އެކަމަކު ވަށައިގެން ބޮން އަޅާ ތަންތަން ފުނޑު ފުނޑުވަމުން އިމާރާތްތައް ފައިބަމުންދާއިރު އެންމެ ސިކުންތުކޮޅަކަށްވެސް ސަލާމަތްކަމާއި ރައްކާތެރިކަން އިހުސާސްކުރެވޭބާވައެވެ. އެމީހުންގެ މައިންގެ ލޮލުން އޮހޭ ކަރުނައިގެ އަގެއް ނެތްހެއްޔެވެ؟ ސަޖަލް ހިނި އައިސްފާ ހުރެފައި ހަޔާތީގެ ރުޅިވެރި ބަސްތަކުން ދެރަވެފައި ހިނިތުން ފަނޑުވެގެން ދިޔައެވެ. އެ މައުޟޫއަށް ވާހަކަދައްކާ ހިތް ކެނޑުނެވެ. އަދި ނުވީތާކަށް ފަހަތުން އައި އިޝްކަން ސަޖަލްއަށް ބަލައިލީ އެހާ "ކިއުޓް" ނަޒަރަކުންނެވެ. އޭނައާއި އަޅައިގަނެފާ ހުންނަ ފަދައެވެ. އިޝްކަން އެވަގުތު ދިމާކޮށްނުލާ ދިޔައީ ދޮންތަ ހުރީމަކަން ނޭގެއެވެ.

"ހަޔާ ތިއެއް ނޫނޭ. އެނގޭތަ އެލްޑީޕީގެ އިސްވެރިޔާ އަމްރާން މާލެ ވަޑައިގެން އެބައުޅުއްވާ. މީޑިއާތަކަށް ފިލައިގެން އުޅެންވެގެން ވަގުތުން ރިޒޯޓަކަށޯ ނައްޓައިލީ. ހީޒް ސޯ ހޮޓް. ލުކް އެޓް ހިމް....." ސަޖަލް ލެޕް ހުޅުވައިލާފަ ބްރޭކިން ނިއުސް ދައްކާލައިފިއެވެ. އެއާއިއެކު ހަޔާތީގެ ދެލޯބޮޑުވެ އަނގަމަތީ އަތްއަޅައިލެވިއްޖެއެވެ. ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ކުރިމަތިން ދެދަޅުލާފައި ހުރި އިފުރީތެއް ފެނުނަސް އެހާ ވަރުވާނެކަމެއް ނޭގެއެވެ.

"މިއީތަ؟ " ހަޔާތީ އިނގިލި ޖައްސަން އުޅެފައި އަލިފާނުގައި އަތްލެވުނުފަދަ އަކުން އަތް ދަމައިގަތެވެ.

"ހަޔާ.....ޔޫ އާ މެރީޑް....." ސަޖަލް ހަދާންކޮށްލަދިނެވެ.

"މިއީ އަމްރާންތަ؟ " ހަޔާތީ ދެވަނަފަހަރަށް ސުވާލުކޮށްލިއެވެ.

"ދުނިޔޭގައި ހުރި އެންމެ ގޯޖަސް ފިރިހެނާއެއް ނޫންތަ މިހިރީ. ބަލާބަލަ މިހިރަ ތޫނު ދެލޮލެއް. ޕަފެކްޓް ސްޓްރެއިޓް ނޯޒް. އަދި ފުލް ލިޕްސް. ވަރުގަދަ ބުމަ. ސްކުއޭ ފޭސް. ސްމޫތް ފްލޯލެސް ސްކިން. ސޫޓްލައިގެން ހުރިއިރުވެސް ހަށިގަނޑުގެ ވީ ބައްޓަން މިހުރީ ފެންނާކަށް ނު. އަދި. ގޯޑް. މިހިރަ ހިތްގައިމު އިސްކޮޅެއް. އިންސާނެއް މިހާ ފުރިހަމައެއް ނުވާނެ. އަހަންނެއް ކޮންމެހެން އަމްރާންއާއިހެދި އުޅެނީއެއްނޫން. އަހެރެންގެ ފެންވަރެއްވެސް ނޫން. އެކަމަކު ހަމަ އަންހެންކުދިން މޮޔަވާނެ ކަހަލަ ލީޑަރެއްވީމަ ބުނެލީ. ހަޔާއަށްވެސް ވަރެއް ވެއްޖެއެއްނު. އަދިވެސް ތިހިރީ ޝޮކެއްގައި........" ސަޖަލް ހަޔާތީގެ ލޮލުގެ ކުރިމަތިން އަތް ހިންގައިލިއެވެ. ހަޔާތީ އެކަމަށް ފަރުވާލެއްނެތި ގޮނޑީގައި އިށީދެފައި އަމްރާންއާއި ބެހޭގޮތުން ލިޔެފައިވާ ލިޔުން ކޮޅު ކިޔައިލިއެވެ. މިކާލް ފުރިދުވަހު ދިމާވީ އެ ގްރޫޕާއި ތާއެވެ. އަމްރާންކަމެއް ނުވެސް އެނގުނެވެ. އެހާވެސް ބަދަލުވެއްޖެއެވެ. ކުރީގެ ޅަ އަމްރާންގެ އެއްވެސް ސިފައެއް ނެތެވެ. އޭރު ކިތަންމެ ފޮނިވެގެން ސްވީޓްވެލީގައި އުޅޭ ބްރޫސްކަމަށް ހެދިގެން އުޅުނަސް މިފަދަ ފޮނި ބޮޑާކަމެއް އެ އަމްރާންގެ ގައިގާ ނުހުންނަތާ ސިފަވެސް މިހާރު ހާދަ ބަދަލެއްވެއްޖެއެވެ. އިސްކޮޅު ދިގުކަމުން ހަފޫޓް ހަތަރުވަރަކަށް އިންޗު ހުންނާނެއެވެ. އޭނަ ހީކުރީވެސް އެމެރިކާ ހިސާބު މޮޑެލްއެއްކަމަށެވެ. ނަމަވެސް އަމްރާންކަން އެނގުމަށްފަހު އަދިވެސް ގަބޫލުކުރާކަށް ހިތް ތައްޔާރެއް ނޫނެވެ. ނަމަވެސް މޫނުގެ ސިފަތަކަށް ވިސްނައިލުމުން އެމޫނުން އޭނަ ދަންނަ "އަމްރާން" ފެނިއްޖެއެވެ.

"އަހަންނަށް ވަރެއް ވެގެން ނޫން. މި ލާދީނީ ސޮރު މާލެއަށް ފޭބިތަނާ ނަސީބު ދެރަކަމުން އަހަންނަށްގޮސް ކުރިމައްޗަށް އެރެވުނީ. ބޮޑީ ގާޑު މެއްސެއްހެން އަހަރެން ފޮޅުވައިލަން އުޅުނީ. އެދުވަހު މިކާގެ ސަބަބުން ސިކުނޑި އެހާ ރަގަޅަށް މަސައްކަތް ނުވެސްކުރޭ އެހެންނޫންނަމަ މޫނުމަތީ ވިހެލާފައި ދާނީ..." ހަޔާތީ ތުންފިތައިލާފައި ބުންޏެވެ.

"ހަޔާ ތިހެން ބުނީމަވެސް ހަމަ ގަބޫލެއްނުކުރެވޭ..." ސަޖަލް ދެލޯ ބޮޑުކޮށްލިއެވެ.

"ސަޖް.....ބުނަން ވާހަކައެއް. މިކާއަކީ އަހަރެންގެ ލޯބި. އެނޫން މީހަކަށް މިހިތުން ކުނޑިފަށެއްގެ މިންވަރު ނުދެނަން. އަމްރާން އަށް ދެއްވާފައިވާ ރީތިކަމަށްޓަކާ އެކަނި އެއްނޫން. މުއްސަންޖެއްގެ ދަރިއަކަށްވީމަ އެހާ ބޮޑާ. ކިބުރުވެރި. ބޮޑާމީހެއްދެކެ ލައިކް ނުވެވޭނެ. ކިތަންމެ ރީއްޗަސް އޭނަ ދެކެ ހިތުގައި އޮތީ ނަފްރަތު. އެ ލާދީނީ އަމްރާނަކަށް މި ހިތުން ދުވަހަކު މަގާމެއް ނުލިބޭނެ. އޭނައާއި އޭނަގެ ޕާޓީއަށް އެޗްއެމްއިން ލިބޭނެ ހަދިޔާތައް ކުރިއަށް އޮތީ....." ހަޔާތީގެ ތުންފަތް މައްޗަށް މާނަވީ ހިނިތުންވުމެއް ވެރިވިއެވެ.

އިސްލާމިކް ސްޓޭޓްއަކީ ހަޔާތީގެ ނަޒަރުން ދީނީގޮތުން ހައްދު ފަހަނަޅާ ދިޔުމެވެ. ހަމަ އެގޮތަށް އަމްރާންގެ އެލްޑީޕީއަކީ ލާދީނީކަމުންގޮސް އަނެއްކޮޅަށް ޖެހިފައިވާ ބަޔެކެވެ. ސެކިއުލާ ވިސްނުން ހުންނަ ބަޔަކާއި އޭނައަށް އެއް ގަލަކަށް ނޭރޭނެއެވެ. އޭނަގެ ފިކުރަކީ މެދުމިނެވެ. މި ދެ ޖަމާއަތާއި ދެކޮޅަށް އެޗްއެމް ކުރާ ޖިހާދު އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެއެވެ. މީހުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް އޮތީ ކުރިއަށެވެ.

އެދުވަހު ހަޔާތީ އެކި މަސައްކަތުގައި އުޅުނުއިރު ދޭތެރެއަކުން އަމްރާންގެ ފޮޓޯއަށް ބެލުނެވެ. އެ ފޮޓޯ ކިތަންމެހާވެސް ސާފެވެ. މޫނުމަތީގެ ހުރިހާ ސިފަތައް ފަޅުވާވަރުގެ ތަސްވީރެކެވެ. ތަސްވީރަށް ބަލައިލުމުންވެސް ލޮލުގެ ތޫނުކަން ހާމަޔަށް ހުއްޓެވެ. ކަނޑިއެއްގެ މިޔަހާ ތޫނުކަމެއް އެލޮލުގައިވިއެވެ. މިހާ ޒުވާންއިރުވެސް ލީޑަރެއްގެ ހުންނަން ޖެހޭނެ ޝަޚުސިއްޔަތާއިއެކު ރީތިކަމެއް ދެއްވާފައި ވުމުން އަންހެންކުދިން މޮޔަވާނެކަމާއިމެދު ޝައްކެއްނެތެވެ. އަންހެންކުދިން މީނަގެ ފަހަތުން ދުވާނެއެވެ. އަމްރާންގެ ސިޔާސީ ހަޔާތް ބަރުބާދުކޮށްލަން އޭނަ ހަދަންވީ ކިހިނެއްހެއްޔެވެ؟ ހަޔާތީ ފަންސުރު އަނގައިގާ ޖަހާލައިގެން އިނދެ ވިސްނަމުން ދިޔައެވެ.

"ސަޖް......ވަރަށް ބޮޑުކަމެއް ކޮށްލަ ދޭންވެއްޖެ..." ހަޔާތީ ކެބިންގައި އޭނައަށް ޚާއްސަ ގޮނޑީގައި ލެނގިލައިގެން ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އިނދެފައި ސަޖަލްއަށް ގުޅާލިއެވެ.

ކޮމެންޓް 0