އަމްރާން މުށްކަވައިލި އަތް ޖީބަށް ޖެހިއިރު މިކާލްގެ ގައިގާ ނުޖަހާވޭތޯ އަމިއްލަ ނަފުސާއި ހަގުރާމަކުރިއެވެ. މިކާލްވެސް އެވަރެވެ. ހަޔާތީ ބޭނުންވީ ހަގުރާމަ ނުފެށެނީސް ސުލްހަކުރުމަށެވެ.

"ވީ އާ ނޮޓް ޓީންސް އެނީ މޯ.........." ހަޔާތީ ކަންބޮޑުވެފައިވާގޮތަކަށް ހީގަތެވެ." މިކާލްއަށް ކެތްކުރަން އެނގޭނެ. އަމްރާންއަކީ ރާއްޖޭގެ ރައީސް. ޝަޚުސިއްޔަތާއި ނުގުޅޭ ކަމެއް ނުކުރާނެ........"

މިކާލް ފާރަށް ވީއްލާލި ގޮށްމުށުގެ އެތިފަހަރަކީ އަމްރާންގެ މޫނަށް ވީއްލައިލި އެތިފަހަރެކެވެ. ގަނޑުފެން ބާލިދީއެއް އޮއްސާލިޔަސް މީހާ ފިނިވާނީ އެހާވަރަށެވެ. ހިތް ބާރަށް ތެޅިގަތްއިރު ހުރިގޮތަށް އައްސިވިއެވެ.

"ހައު ޑެއާ ޔޫ ހާޓް ހާ......." މިކާލް ގެ ކޮލު ކަށިގަނޑަށް ބާރުކޮށްލިގޮތުން އޭނަގެ ރުޅިވެރިކަން ހާމަވިއެވެ.

"މިކަމުގެ ތެރެއަށް ވަންނާން ތިއީ ހަޔާތީގެ ކާކު. ޝީޒް މައި ވައިފް. އެންމެ ރަގަޅުވާނީ މައިތިރިވެގެން ނުކުމެގެން ދިޔައްޔާ............" އަމްރާން ލޯ ހަނިކޮށްލިއެވެ. ކާޒިމްއާއި އަޒިކިއަލް އަރާ ހަމަވެފައި ދެމީހުން ތިބީ އެލާޓްގައެވެ. އެންމެފަހުން އާދެވުނީ ލާވީއަށެވެ. މިކާލްއާއި ކައިރިއަށް ގޮސް ވެގެން އުޅެނީ ކިހިނެހެއްޔޭ އަހައިލިއިރު ލާވީ ހުރީ ތެމިގެންނެވެ. ޕޫލުން އަރައިގެން އައިގޮތަށް މޫނުގައި ފެން ހަރުލާފައި ހުއްޓެވެ.

"އަދި މީހާ ލާދީނީވިޔަސް އިލާހަކުވާކަމަށް ގަބޫލުނުކުރާތާގައި އަނިޔާވެރިކަމުގެ އިންތިހާ. ހުރިހާ ރައްޔިތުންގެ ކުރިމަތީގައި ތައުބާ ނުވަންޏާ ނުކެރޭނެ ތިގޮތަށް ވެރިމީހާގެ ގޮތުގައި ހުންނާކަށް. މިބުނި އެއްޗެއް ވިސްނޭނެކަމަށް ހީކުރަން. އިސްލާމީ ގައުމެއްގެ ވެރިޔަކަށް ތާގޫތަކަށް ނުހުރެވޭނެ. އިރާދަކުރެއްވިއްޔާ މާ އަވަހަށް ހަޔާތީ. ތިގޮތަށް އަނިޔާކުރުވަން ހުރުމުގެ ބޭނުމެއް ނެތް. ހީ ޑަޒަންޓް ޑިޒާވް އެ ގާލް ލައިކް ޔޫ. ހިނގާ ދާން..." މިކާލް ކުއްލިއަކަށް ހަޔާތީގެ އަތުގައި ހިފިގޮތުން އަމްރާންއަށްވެސް ލިބުނީ ޝޮކެކެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވާފައި ލައްޕައިލިއެވެ. އެންމެންގެ ކުރިމަތީގައި އެގޮތަށް މިކާލް ގަދަކޮށްލާ ހަޔާތީއަށް ވެރިވެގަނެ ގެންދަން އުޅުނުގޮތުން އޭނަގެ އަގު އެންމެންގެ ކުރިމަތީ ވެއްޓުނުފަދައެވެ. ދެތިންފިޔަވަޅު އެޅޭއިރަށް ހަޔާތީ ގަދަ ހަދާފައި މިކާލްގެ އަތް ނައްޓުވަން އުޅުނެވެ.

"މޮޔަވީތަ މިކާލް. ދޫކޮށްލާ. އަހަންނަކީ އަމްރާންގެ ވައިފް. ބޭނުމެއްނޫން މިކާލްއާއިއެކު ދާކަށް. މިކާލް ވަކި ރަގަޅުތަ. އެންމެ ބޭނުންވީދުވަހު އެކަނި ކޮށްލާފައި ދިޔައީ..............." ހަޔާތީ އަތް ފޮޅުވާލައިފިއެވެ. އަދި ތަންކޮޅެއް ބާރަށް ބުނެލުމާއެކު އެކަމުގެ އަސަރު މިކާލްއަށް ކިތަންމެ ވަރަށް ކޮށްފިއެވެ. ވަގުތުން ދޫކޮށްފައި ބަލައިލީ ހިތްހަލާކުވާފަދަ ނަޒަރަކުންނެވެ. ހަޔާތީގެ ހިތުގައިވެސް ރިއްސައިލިއެވެ. މިކާލްއަށްޓަކާ އެހިތް ރޮއިގަތެވެ. އެލޮލުން ފެނުނު ރިހުން ހަޔާތީގެ ހިތުން ދުވަހަކު ފިލާނެކަމެއް ނޭގެއެވެ. ކަރުނަތައް ދިރުވައިލަން ޖެހުނީ ގަދަކަމުންނެވެ. މިކާލްއަށްވެސް ވީ އެވަރެވެ.

އެންމެންގެ ކުރިމަތީގައި ހަޔާތީ ހޮވާނީ ހިތް ރުހޭ މީހާ ނޫންހެއްޔެވެ؟

މިކާލް އިތުރު އެއްޗެއް ބުނުމެއްނެތި ހަރުކޮށް ހިގާލާފައިގޮސް ލޯ މަތިން ގެއްލުމުން ހަޔާތީވެސް ނުކުތީ ފެންޑާއިން ބޭރަށެވެ. ކަފަލޮލީ ވިނަގަނޑުމަތީ ނިކަން އަރާމުކޮށް ނިދާލާފައިއޮތެވެ. ވިނަގަނޑުމައްޗަށް ތިރިވިގޮތަށް ކަކުލުގައި ބޯ ޖައްސާލައިގެން އޮތްއިރު ލޮލުން ކަރުނަ ހުއްޓުވާކަށް މަސައްކަތެއްނުކުރެއެވެ. އޭނައަށް އަމިއްލަ ނަފުސް ކުށްވެރިކުރެވިއްޖެއެވެ. މިކާލްއާއި ދިމާލަށް ހިތުގައިޖެހޭގޮތަށް ދެރަވާގޮތަށް އެއްޗެއް ބުނަން އޭނަގެ ހިތަކު ނެތެވެ. ނަމަވެސް އިޚުތިޔާރަކާއި ނުލާ އެވާހަކަތައް ދެއްކުނީއެވެ. އޭނައަށް އަދިވެސް ހިތުގައިވާ އިހުސާސްތަކަށް ބާރެއްނުފޯރައެވެ. ހިތުގައިވަނީ ކާކުގެ ލޯތްބެއްކަމެއް ކުރިހޯދޭނީ ކާކަށްކަމެއް ނޭގެއެވެ. އަމްރާންގެ އަންބެއްގެ ގޮތުގައި ހުރެ ފަހަތުންގޮސް މިކާލް ހުއްޓުވަން އޭނަގެ ޓީޝާޓުގައި ހިފާދެމުމަކީވެސް ހުއްދަކަމެއް ނޫނެވެ. އޭނައަށް ލިބިގެންވާ ހައްގެއްނޫނެވެ. މައްސަލަތައް ޖެހުނީ އެހިސާބުންނެވެ. ކުށްވެރިއަކީ މިފަހަރުވެސް އޭނައެވެ. މީހެއްގެ އަންބެއްގެ ގޮތުގައި ހުރެގެން އަދިވެސް މިކާލްގެ ފަހަތުން ދެވެނީއެވެ. އަދިވެސް މާޒީއިން އަރައި ނުގަނެވެނީއެވެ. އެދުވަސްތަކާއިމެދު ކަރުނަ އޮއްސާ ހިތާމަކުރިޔަސް ތާރީޚު އިއާދައެއް ނުކުރެވޭނެއެވެ. އޭނަ ދީނަށް އުޅެން މަސައްކަތްކުރާއިރު ފާފަކުރަން ޖެހިލުންނުވަނީހެއްޔެވެ. ހިތާމަތަކާއި ކުރިމަތިލާ ރަގަޅު ކުއްޖަކަށް ވާން އޭނަ ބޭނުމެވެ. ހިތްތަކުގެ ފަރުވާއަކީ މާތް ﷲ ހަދުމަ ކުޅައުމެވެ. ޒިކުރުކުރުމެވެ. ހިތަށް ފިނިކަމެއް ލިބޭނީ ނަމާދުކޮށް ދުޢާކުރުމުން ކަމުގައި ހަދާންވިއެވެ. ގިނަގިނައިން ދުޢާކުރަންވީއެވެ. ދުޢާތައް އިޖާބަކުރެއްވުން ލަސްވިޔަސް ކެތްތެރިވާން ޖެހޭނެއެވެ. ކެތްތެރިކަމާއިއެކު ދުޢާކުރުމުގައި ދެމި ހުރެއްޖެއްޔާ އެދުނު ކަންތައްތަކަށްވުރެ މާ ގިނައިން ދެއްވާނެއެވެ.

ވީއިރު އޭނައަށް އުފާވެރިކަމާއި ނަސީބު ލިބުމާއިމެދު މާޔޫސްވާކަށް ނުޖެހެއެވެ.

 

ހަޔާތީ ސިއްސައިގެންދިޔައީ މީހަކު ކޮނޑުގައި އަތް ބޭއްވުމުންނެވެ.

"ނުރޮއި......." އަލްޔާނާގެ މަޑުމައިތިރިއަޑެވެ.

ހިތާމަތަކުން ހިތް ކުދިކުދިވާން ކައިރިވާފަދަ ދަނޑިވަޅެއްގައި އެހެން މީހެއްގެ ފަރާތުން ލިބޭ ކުޑަ ހަމްދަރުދީއަކުންވެސް ބާރަށް ރޮވިދާނެއެވެ. ހަޔާތީއަށްވެސް ވީ އެވަރެވެ. ހައްތަހާ ގަދަޔަށް ރޮވުނީއެވެ. އަލްޔާނާ ހަޔާތީގެ ބުރަކަށީގަޔާއި ބޮލުގައި ފިރުމަމުންދިޔައީ މައިދައިތައަކަށްވުރެ މައިވަންތަކަން އިހުސާސްވާފަދަ ކުލުނާއި އޯގާތެރިކަމާއި އެކުގައެވެ.

"އަމްރާން އަންހެންކުއްޖަކާއި ގުޅުން ބާއްވަނީތަ؟ ނޫނީ އަނިޔާކުރީތަ؟ އެހެން ވެއްޖެއްޔާ އެކީގައިއުޅުމުގެ އެއްވެސް މާނައެއްނެތް. ދަރިއަކުނުލިބެނީސް ވަކިވާން އެންމެރަގަޅީ. ދަރިއެއްހުރެއްޖެއްޔާ އެކުއްޖާއަށް ކޮށްފާނެ އަސަރަށްޓަކާ އެހިސާބުން ދެވަނަ ވިސްނުމަށް ދާންޖެހޭނީ. އަމްރާން އެދެކަމުންކުރެ ކަމެއް ނުކުރަންޏާ ކޮންމެ ހާލެއްގައިވެސް އެކީއުޅެން މަސައްކަތްކުރޭ.....ކޮންމެވެސް ވަރަކަށް ރުޅިގަދަވިޔަސް އެއީ ވަރަށް ރަގަޅު ކުއްޖެއް......" އަލްޔާނާގެ ވާހަކަތައް އަހަންއިދެފައި ހަޔާތީ ކަރުނަތައް ފޮހެލާފައި އިސް އުފުލައިލިއެވެ.

"އިޓް ވޯޒް ސަމްތިން އެލްސް...."

"އެހެންވިއްޔާ ކެތްކުރޭ. ހިތަށް އަރަނީ ހަމަ ރެން ވާނީ ބެސްޓް ހަޒްބެންޑަށޭ......" އަލްޔާނާ ހިނިތުންވެލިއެވެ.

"މިދަނީ ސްޓަޑީރޫމަށް ކުޑަކޮށް ފޮތެއް ކިޔާލަން. އެކްސިޑެންޓެއްވެ ފައިގަ ރެދެއް ލައިގެން ނުހިނގި އިން ދުވަސްކޮޅުގެ ހަދާންތައް ދުވަހަކު މިހިތުން ނުފިލާނެ. އެދުވަސްކޮޅު ވަރަށް ވިއްސާރަވި. އެތާ އިންނައިރު އަމްރާންގެ ބައްޕަ ކޮފީނޫނީ ޗޮކްލެޓް ތަށްޓެއް ގެނެސްދޭނެ. ދެމީހުން އެކީ ކޮފީ ބޯއިރު ވާހަކަ ކިޔައިދޭނެ. ގިނަފަހަރު ބިރުވެރި ވާހަކަތައް. ނޫނީ ދެމީހުން އަތުގުޅުވާލައިގެން ވާރޭ ވެހޭ މަންޒަރު ބަލައިލަން އިށީދެލައިގެން ތިބޭއިރު ކޮންފަދަ އުފާވެރި މަންޒަރެއް. ޔޫ ޝުޑް މޭކް މެމޮރީސް ޓޫ. ލޮޓްސް އޮފް ދެމް............" އަލްޔާނާ ހިނގައިގަތީ ގެއަށް ވަންނާށެވެ. އިރުކޮޅެއްނުވަނީސް އުޑުމަތީގައި އެއްވަމުންދާ ވިލާތައް ބޯވެ އިރުގެ އަލިކަން ފޮރުވާލިއެވެ. އިންޒާރަކާއި ނުލާ ބޯކޮށް ވާރޭވެހިގަތުމުން ތެދުވެ ހިޔާވާކަށްވެސް ނޫޅެވުނެވެ. ނަމަވެސް ގަސްތަކުގައި ވައި އަޅުވަން ފެށުމުން ހީކަރުވާގޮތްވެ އެތަނުން ދާން ހިނގައިގަތެވެ. އޭނަ ދިރިއުޅޭ ކޮޓަރިއަށް ވަންނަން އެތެރެއަށް ފައި އެޅުމާއެކު އައި ނައި ދިމާލެއް ނޭގި އަމްރާން ފަހަތުން ވަދެ ދޮރު ލައްޕާލައިފިއެވެ.

"ތެތްއެއްޗެހި ބަދަލުކޮށްލައިގެން އާދޭ. އަރިދަފުސްއަޅާފާނެ...."އަމްރާން އޯގާތެރިކޮށް ބުނެލިއެވެ.

އަމްރާންއާއި އަނގައިން ބުނާ ހިތްނުވެ ހުރެ ފާޚާނާއަށްވަދެ ދޮރު ލައްޕާލުމަށްފަހު ހޫނުފެނުން ފެންވަރާ ތާޒާވެލުމަށްފަހު ނުކުމެގެން އައިސް ރީތިވާ މޭޒުދޮށުގައި އިށީނުމުން އަމްރާން ދެން ކުރިކަމަކުން ހައިރާންކަމެއް ލިބުނެވެ. ހެއާޑްރައާ ގެނެސް އިސްތަށިގަނޑު ހިއްކާލަދޭންފެށީއެވެ. ސެލޫންއަކަށް ދިޔުމުން މިފަދަ އިހުސާސްތަކެއް ނުކުރެއެވެ. ތިމާ ލޯބިވާ މީހެއްގެ ފަރާތުން ކޮށްދޭ ކޮންމެކަމެއް ޚާއްސަވެ އަލްޔާނާ ބުނިފަދައިން "މެމޮރީ" އަކަށްވާނެއެވެ.

އިސްތަށިގަނޑު މުޅިން ހިއްކާލަދިނުމަށްފަހު އަމްރާން ބޭރަށް ނުކުމެފައި ދެން އައީ ކޮފީއާއި ހޫނުކޮށް ހުރި ޕިއްޒާހިފައިގެންނެވެ. ކޮޓަރީގެ ބެލްކަނީގައި ވާރޭވެހޭ މަންޒަރު ބަލަންތިބެ ކޮފީ ބުއިއިރު ދެމީހުން ދޭތެރޭ އެހާ ވާހަކައެއް ނުދެއްކިނަމަވެސް އަމްރާންގެ ނަޒަރު ހުއްޓުނުކަން އިހުސާސްކުރެވުނެވެ. އޭނަ ދަސްކުރާފަދަ ގޮތަކަށެވެ. ހަޔާތީ އިސްޖަހާލައިގެން އިނދެ ޕިއްޒާ ދެތިން ފޮތިކާލިއިރު ބަނޑުފުރިގެން މަތިން އަރާވަރުވިއެވެ.

"ތެންކިއު ފޯ..... ޓުނައިޓް...." ހަޔާތީ ކުޑަކޮށް ހީލިއެވެ. އަމްރާން ދަތްދޮޅީގައި އަތް ވިއްދާލައިގެން ހަޔާތީގެ މޫނަށް ބަލަން އިނެވެ. ހިދުކޮޅަކަށް އަމްރާންގެ ލޮލާއި ލޯ ގުޅުމާއިއެކު އެލޮލުގެ އަސަރުގައި އެފަދަ ވަގުތެއްގައި ނުޖެހޭނެ އަންހެންކުއްޖެއް ނުވާނެއެވެ. ހަޔާތީއަށްވެސް ވީ އެވަރެވެ. ވެމްޕަޔަރެއްގެ ލޮލަށް ބެލުމުން ޝިކާރައަށް ވާފަދަ ގޮތެއް އަމްރާންގެ ލޮލަށް ބެލުމުންވެސް ވީއެވެ. އެފުން ކަނޑެއްފަދަ ލޮލުގެ ތެރެއަށް ގެނބިގެންދާން ބޭނުންވިއެވެ.

އަބުދުލްއަޒީޒު މާލެ ދުރުވިކަން އެނގުމަށްފަހު އެގެއަށް ޒިޔާރަތްކުރުމަށް އަލްޔާނާއަށް ހުރަސްއެޅުނުފަދައެވެ. ނޫނީ އަންނަން ބޭނުންނުވީއެވެ. ދޭތެރެއަކުން ހަޔާތީއަށް ގުޅައިގެން ބައްދަލުކުރަން ރިޒޯޓަށް ނޫނީ ހޮޓަލަކަށް އެކީ ކާލަން ގެންދެއެވެ. ބާޒާރުކޮށްލަން ގޮސް ތަންކޮޅެއް ދިގުހެދުން ގަނެލައެވެ. ޅީދަރިފުޅު ބުރުގާ އަޅަންޏާ އޭނަވެސް ހުންނަން ޖެހޭނީ ފޮރުވިގެން ނޫންހެއްޔޭ ކިޔާފައި ސްކާފްތައް ގަތެވެ. އެކަމާއި ހިތާހިތުން ހަޔާތީ އުފާކުރިއެވެ. އަލްޔާނާއަށް ހިދާޔަތް ދެއްވުމަށް އެދި ދުޢާކުރެވުނެވެ. އަލްޔާނާ ބުނީ ރަމަޟާންމަސް އަންނަންވާއިރަށް ބުރުގާ އަޅާނެކަމުގައެވެ. އަމްރާން ކޮންމެވެސް އުޒުރެއް ދައްކާފައި އޭނަގެ މަންމައާއި ބައްދަލުވާން އިންކާރުކުރާތީ ހަޔާތީ ދެރަވެއެވެ. އެހާ ނަފްރަތުކުރާވަރަށް އެމަންމަ ކުރި ކުށަކީ ކޮބާހެއްޔެވެ؟ އެހެން މީހަކާއި އިނަސް އެހެން މީހެއްދެކެ ލޯބިވިޔަސް މަންމަވާނީ މަންމައަށް ނޫންހެއްޔެވެ؟

 

ހުކުރުދުވަސްކަމުން އަމްރާން އޮފީހަށް ދާން ނުޖެހުނަސް ތަންކޮޅެއް އަވަހަށް ހޭލުމުން ހަޔާތީވެސް ތެދުވެ ކޮފީހަދާދިނެވެ. އަމްރާން ޓެނިސްލައިގެން ތައްޔާރުވީ އޭނަގެ ބައްޕައާއިއެކު ޖޮގިންއަށް ދާށެވެ. އަބުދުލްއަޒީޒު އެއުމުރުގައިވެސް އެހާ ފިޓްކޮށް ހުނަން ސިއްރަކީ ހަށިގަނޑަށް ބަލައިގެން އުޅޭތީކަން ނެގެއެވެ. ދުވާލު ގިނަގަޑީގައި ދެބަފައިން އުޅުނީ އެކީގައެވެ. މެންދުރު ކާންޖެހުނީވެސް އެންމެން އެކީގައެވެ. އެލީން ނިދާޕިޖާމާގައި ހުރެ ކާކޮޓަރިއަށްވަނީ އެންމެން ކައި ނިމިގެން ދާން އުޅުނުތަނުންނެވެ. އިސްތަށިގަނޑު ހާވާލައިގެން ހުރިއިރު ކިތަންމެހާވެސް ލޯތްބެވެ. ނަސީބަކުން ލައިގެން ހުރީ ތަންކޮޅެއް ހަށިގަނޑު ފޮރުވޭފަދަ ހެދުމެކެވެ.

"އަލްޔާނާ އާންޓް ނުދުރުވޭތަ؟ އޯ.....އަންކަލް ދުރުވީމަ މިގެއަށް އައުން ހުއްޓާލީ......" އެލީން ބޮމެއް ގޮއްވާލާފައި ފާޑަކަށް ހިނިއައިސްފާ ހުރެ މޭވާ ޓުކުރިން ކިވީއަކާއި ޕީޗެއް ނަގައިގެން ދާން ހިގައިގަތެވެ. އަބުދުލްއަޒީޒު ސުވާލުގެ ނަޒަރަކުން ދަރިފުޅަށް ބެލުމުން އަމްރާން އޭނަގެ މަންމަ މާލޭގައި ހުރިކަމަށް އެއްބަސްވިއެވެ. އެވާހަކަ ދައްކާކަށް އޭނަ ބޭނުންނުވާކަން އެކުރު ޖަވާބުން އެނގުނަސް އެފަހުން އަބުދުލްއަޒީޒުގެ ތަބީއަތަށް ބަދަލެއް އައިކަން ޔަގީނެވެ.

"ޝީޒް ސޯ ކިއުޓް އެކަމަކު ކުޑަ ހަންޑިއެއް....."ހަޔާތީ ހިތުން ކިޔައިލިއެވެ.

ހަވީރު ވެހެންފެށިގޮތަށް އިރުއޮއްސުނުއިރުވެސް ބޯވާރޭ ހުއްޓައެއްނުލިއެވެ. ދޮރުގެ ފަރުދާތައް ކަހާލާފައި ހުރުމުން ވާރޭވެހޭ މަންޒަރު ނިކަން ހިތްގައިމުކޮށް ފެނެއެވެ. އަމްރާންއާއި އަބުދުލްއަޒީޒު ލިވިންރޫމްގައި ރާޒުވާ ކުޅުމުގެ ފޯރީގައި ތިއްބާ ހަޔާތީ ކޮފީގެންގޮސްދިނެވެ. އަމްރާންގެ ބައްޕަވެސް ނަމާދަށް އެއްވެސް ފަރުވާއެއް ނުބަހައްޓާ މަޣުރިބު ގަޑީގައި ރާޒުވާ ކުޅުމުގައި ދެމިއިނުމުން ހަޔާތީގެ ހިތުގައި ޝަކުވާ އުފެދުނެވެ. ދެނަމާދު ދޭތެރޭގައި ބަގަރާ ސޫރަތް ޖަހާނަމަ ޝައިތާނުން އެގެއަކާއި ކައިރިއެއްނުވާނެއެވެ. ނަމަވެސް އެފަދަ ފުރުސަތެއް ލިބޭނީ ކިހިނެއްހެއްޔެވެ؟ ގޭގެވެރިން މިގަޑީގައި ކުޅިވަރުގައެވެ. ޝައިތާނާގެ ވަސްވާސްތެރިކަމުގައި ޖެހިފައެވެ.

ހަޔާތީ އޭނަގެ ނަމާދުކޮޓަރިއަށް ވަދެ މަޣުރިބުކޮށްލުމަށްފަހު ދުޢާކުރިއިރު މި އާއިލާއަށް ހިދާޔަތް ދެއްކެވުމަށް އެދި ދެންނެވިއެވެ. މުސައްލަމަތީގައި އުނގުގައި ކުޝަންއެއް ބާއްވައިގެން އިހުތިރާމާއިއެކު ޚަތިމް ބޭއްވިއެވެ. މުލްކު ސޫރަތް ކިޔަވަން އިންއިރު ކޮންމެ އާޔަތަކާއިމެދު ފުންކޮށް ވިސްނިއެވެ.

"ކެން ވީ ޓޯކް....." އެތަނަށް ވަދެފައި އެލީން އަހައިލިއެވެ. ރީދޫކުލައިގެ ސްވެޓަރު ފާޑުގެ އަތްދިގު ޓީޝާޓަކާއި ޑެނިމް ޖިންސެއްލައިގެން ހުރިއިރު ފެންނަލެއް ނިކަން ރީއްޗެވެ.

"ޝުއަ........." ހަޔާތީ ޚަތިމް ޝެލްފްމަތީ ބާއްވާފައި ބާލީހަށް ލެނގިލައިގެން ހަމަޖެހިލިއެވެ. އޭރުވެސް ކޮންމެވެސް ވަރަކަށް ވާރޭވެހޭ އަޑު ކަންފަތުގައި ހަރުލާފައިވެއެވެ. އޭސީ ނިވާފައި ހުއްޓަސް ފިނިގަދަކަމުން ހީކަރުވައެވެ. ލޮލަށް އަރާމުވާފަދަ އަލީގެ ސަބަބުން ނަމާދުކޮޓަރި އެންމެ ހިތްފަސޭހަ އެއްތަން ކަމުގައި ވެފައިވެއެވެ.

އެލީން ދެފައި ދަމާލައިގެން އިށީނެވެ.

"އިޓްސް އެބައުޓް އެ ޑްރީމް އައި ހޭޑް.........."

"ހޫމް...."

"ހުވަފެނުގައި މީހަކަށް ގައިޑެންސް ލިބިދާނެތަ؟ އަހަންނަށް ފެނުނީ ތަފާތު ހުވަފެނެއް. ވަރަށް ތަފާތު. ހޭލެވުނުއިރު އަތުގައި ގޫޒްބަމްޕްސް ހިލިފައި ހުރީ. ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔަ. އެހެން ހިތަށް އެރީމަވެސް މިވާގޮތެއް ބުނެދޭކަށް ނޭގޭ..............." އެލީން އޭނައަށް ފެނުނު ހުވަފެން ކިޔައިދިންއިރު ކޮންމެވެސް ވަރަކަށް ލޯ ފެންކަޅިވިއެވެ.

ހަޔާތީގެ ގައިންވެސް ހީބިހިނެގިއެވެ. ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. ބަޔާން ކުރަން ދަތި އިހުސާސްތަކުން ހިތް ގެނބުނެވެ. އެލީންއަށް ފެނުނީ ހަގީގަތުގައި ތަފާތު ހުވަފެނެކެވެ. އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތަކީ އިސްލާމްދީނެވެ. އަދި ހިދާޔަތް ލިބުމެވެ.

ކޮމެންޓް 0