ހަޔާތީގެ ހިތުގެ ތެޅުން އަވަސްވިއެވެ. ސަޖަލް ކިޔަން މިއުޅެނީ ކީކޭ ބާވައެވެ. ސަޖަލް ބުނި އެއްޗަކުން ހަޔާތީއަށް ސިހުމެއް ނުލިބޭވަރެއް ނޫނެވެ. ސަޖަލް މިކާލްއާއި ބެހޭގޮތުން އެބުނި ސިއްރަކީ ހަޔާތީއަށް މުޅިން އާ ވާހަކައެކެވެ. ވީއިރު ހަގީގަތުގައި މިކާލް އެންމެ ގާތުގައި އުޅުނުއިރުވެސް ހާދަ ސިއްރުވެރިއެވެ. ނަމަވެސް މިކާލްގެ ހަގީގަތް އެނގުމުން އެހެން ކަހަލަ އިހުސާސްތަކެއްގެ ތެރެއަށް ހިތް ގެނބި ލޮލުން ކަރުނަ ހިލުވާލައިފިއެވެ. މިކާލް އެއް އިރެއްގައި ސިއްރު އެޖެންޓެއްގެ ގޮތުގައި ފުލުހުންގެ ތެރޭ އުޅުނުކަން ސިއްރުކުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ. އޭނަގެ ބައްޕަ މިކާލްއާއި މެދު އެއް ދުވަހު ބުނި ޖުމްލައަކީ ބައްޕައަށް މިކާލްއަކީ ސިފައިންގެ ތެރޭ މަސައްކަތްކުރި ޒުވާނެއްކަން އެނގިގެން ބުނި ވާހަކައެއް ހެއްޔެވެ؟ ދެރައީ ބައްޕަގާތުން އޮޅުން ފިލުވަން ބައްޕަ ދުނިޔޭގައި ނެތްކަމެވެ. މިކާލް ސިފައިންގެ ވަޒީފާ ދޫކޮށްފައި އައިއެސްއާއި ގުޅެން ޖެހުނު ސަބަބު އެނގޭނެ ގޮތެއް އޮންނާނެނަމައެވެ.

ކުރާނެ ކަމެއް ނެތެވެ. ސިއްރު އެޖެންޓެއްގެ ގޮތުގައި ހުއްޓަސް މިކާލްގެ ސިކުނޑި ދޮވެލިބަޔަކު އެކަން ކާމިޔާބުކޮށްފިއެވެ. މިކާލްފަދަ ހުނަރުވެރި ޒުވާނެއްގެ ގާބިލުކަން ދައްކާނެ ފުރުސަތެއް ނުލިބި ދުނިޔެއާއި ވަކިވެގެން އެދިޔައީއެވެ.

މަންމަ ނަބީލާއާއި އިޝްކަންއަށް ހަޔާތީ ފެނުމުން ގަބޫލުކުރަން ދަތިވިއެވެ. އިޝްކަން ހަޔާތީގެ ދެކޮނޑުގައި ހިފަހައްޓަމުން މޫނަށް ބަލަން ހުރީ ގަބޫލުކުރަން ދަތިވެފައެވެ. ސަޖަލް ހެވިފައި ހުރެ އިޝްކަންގެ މޫނަށް ބަލައިލުމުން އިޝްކަން އެއްލޯ މަރައިލިއެވެ. ކިތަންމެ ދުވަހެއްވިޔަސް އިޝްކަންގެ ލާނެތްކަމެއް ބަދަލެއްނާދެއެވެ. ނަމަވެސް މިހާރު ހަށިގަނޑު ފުޅާވެ ފިރިހެންވަންތަކަން ފެންނާން ހުއްޓެވެ. ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑު ޕްލެޓިނަމްގެ ބަދަލުގައި މުށިކުލައެއް ޖައްސާފައިވުމުން މޫނާއި ގުޅެއެވެ. ކަޅުފެހިކުލައިގެ ޓީޝާޓަކާއިއެކު ޑެނިމް ޖިންސެއްގައެވެ.

"މީ މަގޭ ދޮންތީއެއް ނޫން. ދޮންތީ ކާލައިގެން ހުރި ގޯސްޓެއްތަ؟ ހާދަ ހިއްކޭ އިޒް އިޓް އެނޮރެކްސިއާ އޯރ އެނަދާ ޑިޒީޒް. ޔޫ ލުކް ލައިކް އެ ސްކެލެޓަން ދޮންތީ...." އިޝްކަން ކޮންމެވެސް ވަރަކަށް ކަންބޮޑުވުމާއިއެކު ސުވާލުތައް ކުރަން ފެށިއިރު މަންމަވެސް އެކަމާއި ދެރަވެގެން އުޅުނެވެ. މާލެ ނާންނަން ނިންމައިގެން ހުރެފައިވެސް މާޒީގައި ހިފަހައްޓައިގެން އަބަދަށް ނުހުރެވޭނެކަން ނަބީލާއަށް ދަސްކޮށްދިނީ އޭނަގެ ފިރިހެންދަރިފުޅެވެ. މާޒީއާއި މުސްތަބުލަށްވުރެ އުފާވެރިކަމަށްޓަކާ މުހިއްމީ މިއަދެވެ. ދުވަހުން ދުވަހަށް ދިރިއުޅެން ދަސްކުރުމެވެ. މަންމައަށް ޖެހުނު ބައްޔަކީވެސް ލޯ ހުޅުވާލުމުގެ ސަބަބަކަށް ވިއެވެ. ކިތަންމެ ނުބައިކޮށް ޔާސިރު އޭނައާއިމެދު ކަންތައްކުރިޔަސް އެއީ އޭނަގެ އުފާތަކަށް ހުރަސްއެޅެންޖެހޭ ވަރުގެ މީހަކަށް ވެގެން ނުވާނެއެވެ.

ހަޔާތީ ދިރިއުޅޭ ކުޑަ ގޮޅިއެއްވަރުގެ ތަންކޮޅަށް ވަދެފައި އިޝްކަން ނޭވާ ހާސްވިއެވެ. މިފަދަ ތަނަކަށް ބަދަލުވީ ކޮންދުވަހަކުތޯ އޮޅުން ފިލުވަން އުޅުނެވެ. ބެންގަލޫރުފަދަ ބޮޑު ސިޓީއެއްގައި ޒަމާންތަކެއް ވާންދެން އުޅެފައި މާލެފަދަ ތަނެއްގައި އުޅުން އެންމެނަށްވެސް ބޮލު ރިހުމަކަށްވާނެއެވެ.

"ޝޭން ކިޔަވާ ނިމެން ބާކީ މިއޮތީ ހަ މަސް. ނިންމާލަފައި އައިސް ޖޮބެއް ލިބުމަށްފަހު ބޮޑު އެޕާޓްމެންޓެއް ހޯދާނީ. މަންމައާއި ކޮއްކޮއަށްޓަކާ ފައިސާ ރައްކާކުރަން ޖެހޭތީ ކުޑަތަންކޮޅެއް ހޯދީ. ދޮންތީ އެކަނި އުޅެން މިތަންކޮޅު ކުޑައެއް ނޫނެއްނު. އައިމް ގްލޭޑް މަމް އިޒް ކެންސާ ފްރީ ނައު...." ހަޔާތީ މަންމަގެ ގައިގާ އޮޅުލައިގަނެގެން އިނީ ދޫކޮށްލާން ބޭނުންނުވެފައެވެ.

"މިރޭ ނިދާލަން ދެގޮދަޑި ގަނެލީމަ ވީ ކެން މެނޭޖް....ތިންކް ޝޭން. ދޮންތީ ކިހާ ކެޕޭބަލް. ކިހާވަރަށް ފައިސާ ހޯދައިފިން. ލިބުނު އެއްޗެއް މަދެއްނޫން. އެކަމަކު މާލޭގައި ދިރިއުޅެންޏާ ފައިސާ ދާގޮތެއް ނޭގި އަތް ހުސްވެ ރައްކާކުރާނެ އެއްޗެއް ބާކީ ނުވާކަން. އިސްރާފު ނުކޮށް ބަލައިގެން އުޅުނީ ކޮއްކޮ ކިޔަވާ މޮޅު ކުއްޖަކަށްވެގެން އައިސް ދޮންތީއަށްވެސް މީރު ކާއެއްޗެހި ކެވޭނެތީ. ރީތި އެޕާޓްމެންޓެއް ހޯދޭނެތީ. ކާނެ ޓައިމްއެއްވެސް ނުވޭ. އެހާވަރުން ބުކްވޯމްއަށްވެގެން އުޅުނު މީހާއަށް ފޮތެއްގައި އަތް ނުލެވޭ. މިހިރީ މިކާ ކައިރީ ވައުދުވެފައި މިހިރަ ފޮތްތައްވެސް ބަލާނުލާ...." ހަޔާތީ ހެވިލާފައި ވާހަކަދެއްކިއެވެ. އިޝްކަން ވެސް ވެފައިވާ ވަރުބަލިކަމާއިއެކު ގޮދަޑިމަތީ ހަށިގަނޑު ދަމާލަމުން ސީލިންއަށް ބަލަން އޮތީ ވިސްނުމެއްގައެވެ.

"ނުކުޅެންތަ ގޭމެއް އެއްޗެއް؟ " ހަޔާތީ އަހައިލިއެވެ.

"މިދުވަސްކޮޅު ހުރިހާވެސް އެއްޗަކީ ޕަބްޖީ އެއްނު.." އިޝްކަންގެ ޖުމްލައިން ހަޔާތީގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ. ބެންގަލޫރަށް ކިޔަވަން ދިޔުމުން އިޝްކަން ބަދަލުވީކަން އެނގެނީ ވާހަކަ ހުރިގޮތުންނެވެ. މާލޭގައި ހުރިނަމަ ސުފުޔާން ފަދައިން އިޝްކަންވެސް އެމީހުންނަށް އަބަދަށްޓަކާ ގެއްލުނީހެވެ. ޕަބްޖީ ކުޅޭކުދިން އެކަމަށް ދެވިހިފާ މޮޔަވާކަން އޭނައަށްވެސް ވަނީ އެނގިފައެވެ. އައިއެސްއަށްގޮސް ކުފުރުމަރަކުން މަރުވުމަށްވުރެ ޕަބްޖީ ކުޅެން ހަތަރުދަމުން ލެޕްހިފައިގެން އޮތުން ހަޔާތީއަށް މާ ރަގަޅެވެ.

އިޝްކަން ބޭރަށް ގޮސްފައި އައިއިރު ދެއަތުގައި ކާއެއްޗެހި އަޅާ ފުރާފައިވާ ކޮތަޅުތަކެވެ. ހަޔާތީ ދެލޯ ބޮޑުކޮށްފައި މައްސަލަޖައްސަން ފެށިއެވެ. ކިހިނެއް ހޯދި ފައިސާއެއްހެއްޔޭ ކިޔާ ސުވާލުކުރިއެވެ. އިޝްކަން ބުނީ އޭނަ ބެންގަލޫރުގައި ދިރިއުޅުނުއިރު ކޮލެޖަށް ދަމުން ވަޒީފާވެސް އަދާކުރިކަމުގައެވެ. އައިޓީ މީހުންނަށް ގޭގައި މޭޒުދޮށުގައި ތިބެގެންވެސް ވަޒީފާ އަދާކުރެވޭނެކަމުގައި އިޝްކަން ބުނެލިއެވެ. އެތައް ދުވަހެއްކޮށްފައި ބަނޑުފުރާ ކާލެވުނެވެ. އެންމެ ކާހިތްވާކަހަލަ އެއްޗެއްސެވެ. މަންމައާއި ކޮއްކޮއާއިއެކީ ކައި ސެލްފީ ނެގިއެވެ. ގޮދަޑި ފަތުރާލައިގެން ތިން މައިން ވާހަކަދައްކާ ހޭން އެތައް ދަމެއްވާންދެން ތިބިއިރު މިއިން ދުވަހަކު ނުލިބޭފަދަ އުފަލަކާއި ހިތްހަމަޖެހުމެއް ހަޔާތީއަށް ލިބުނެވެ. މިކާލްގެ މަރަށްފަހު ހަޔާތީ ފުރަތަމަ ފަހަރަށް އެފްބީގައި އުފާވެރިކަން ހިއްސާކޮށް ސްޓޭޓަސްއެއް ޖެހިއެވެ. ލައިކްދިން މީހުން ބަލަންވެގެން އެފްބީ ހުޅުވާލުމުން މިނާ އާއި ޒީކް އޭނަގެ ރަހުމަތްތެރިންގެ ލިސްޓުން އުނިވިކަން ފާހަގަކުރެވުނެވެ. އެހާވަރަށްވެސް އެކުދިން އޭނަދެކެ ނަފްރަތުކުރީހެއްޔެވެ؟ އެޗްއެމްގައި އުޅުނު އެހެން ސްޓާފުން އެކުވެރިންގެ ލިސްޓުގައި ހިމެނުނަސް އެއްވެސް ފަރާތަކުން ކޮމެންޓެއްހާ މިންވަރުވެސް ނުލިބުނެވެ.

"އައި ޑޯންޓް ކެއާ..." ހަޔާތީ ހިނިތުންވެލިނަމަވެސް އެ ރީތި ދެލޮލުގައި ކަރުނައިގެ މުތީތައް ވިދަންފެށިއެވެ.

ކިތަންމެ ހިތްވަރުގަދަވެ އެކަމުން އަސަރުނުކުރާކަމަށް ހެދުނަސް ހިތަށް އަސަރުކޮށްފިއެވެ. ހިތަށް ތަދުވެ ރޮއްވާލައިފިއެވެ. އެކުވެރިކަމުގެ އަތެއް ދިއްކޮށްލުމަށްފަހު ހާލުގައި ޖެހުނު ދުވަހު އެކުވެރިންވެސް ދިނީ ކެއްސެވެ. ބޭވަފާތެރިވީއެވެ. ސަޖަލް ފިޔަވާ އެންމެން އޭނައާއި ދުރަށް ގޮސް އެކަނިވެރިވެއްޖެއެވެ. މިނާއާއި ޒީކް އަދި ވަކިން ބޮޑަށް އޭނަގެ ހިތުގައި ޖައްސައިފިއެވެ.

އަމްރާންގެ ޕާސަނަލް މެއިޑްއަށް ޔުނިފޯމެއް ކަނޑައަޅާ މިން ޖެއްސީ އަޒިކިއަލް ފޮނުވި މީހެކެވެ. ޔުނިފޯމް ފަހާފައިއޮތް ލެއް ރީއްޗެވެ. އެ ނިމުމުން އަޒިކިއަލް ފޮނުވި ޔުނިފޯމް ލިބުނީ ޕޯސްޓުންނެވެ. ކަކުލުން މައްޗަށް އޮތް ހެދުމަކާއިއެކު ހަރުވާޅެކެވެ. ޝޯލްވެސް ހެދުމާއި ގުޅެއެވެ. ހަޔާތީ އެހެދުން އަޅާ ތައްޔާރުވާން ހުއްޓާ އިޝްކަން ފާޚާނާއިން ނުކުމެގެން އައީ ފެންވަރަލައިގެން އިސްތަށިގަނޑު ހިއްކަމުންނެވެ.

"ވަޓް ދަ.........ދޮންތީ ކޮންތާކު ޔުނިފޯމެއް؟ ވެއިޓަރެއްތަ. ދޮންތަ ނުބުނާ ބައިވަރު ވާހަކަ އެބަހުރިހެން ހީވެއްޖެ. "އިޝްކަން އެއްލޯ ކުޑަކޮށްލިއެވެ.

"އަމްރާންގެ ވަޒީފާއަކަށް"

އިޝްކަންއަށް ލިބުނު ސިހުމާއިއެކު ދެލޯ ހަނިކޮށްލައިގެން ބަލަން ހުރީ ގަބޫލުނުކުރެވިފައި ފާޑަކަށެވެ.

"ޔޫ ޔޫޒްޑް ޓު ހޭޓް ހިމް. ޔޫ ވުޑްންޓް އިވެން ބްރީތް ދަ ސޭމް އެއާ އޭޒް ހިމް. ވަޓް ހެޕެންޑް...ވަޓް ޗޭންޖްޑް....." އިޝްކަން އަހައިލިއެވެ.

"އަމް.........ވައިސްޕްރެޒިޑެންޓްގެ ޕާސަނަލް..........ސެކްރެޓަރީއަކަށޭ ދާން މިއުޅެނީ. މުސާރަ ފުދޭވަރަކަށް ބޮޑު..." ހަޔާތީ އިޝްކަން ރުޅިނާރުވަން ވެގެން ވަޒީފާ ތަންކޮޅެއް "މޮޅު" ކޮށްލިއެވެ. މެއިޑް ކިޔަން އުޅެފައި އެތަންކޮޅު ދިރުވާލާފައި ސެކްރެޓަރީ އޭ ބުނެލީ ރީތިކޮށްލުމަށެވެ.

" ނޯ ނޯ ދޮންތީ ކުއިޓް ދެޓް ޖޮބް. އެކަހަލަ ބަޔަކަށް މަސައްކަތް ކޮށްދޭނެ ކަމެއް ނެތް. ދޮންތީ އިތުރަށް ފައިސާ ބޭނުމިއްޔާ އެރެންޖް ކޮށްދީފާނަން. އެޗްއެމްވެސް އަތުލަންޖެހޭނީ. މިހާ ފަސޭހައިން އެ ލާދީނީ މީހުންނަށް ހުރިހާކަމެއް ދޫކޮށްލުމަކީ އަހަރެމެންނަށް ލިބޭނެ ގެއްލުމެއް..." އިޝްކަން ހިތްހަމަނުޖެހިފައި ހުރެ ދެއްކި ވާހަކަތަކުން އަމްރާންމެންދެކެ ނަފްރަތުކުރާވަރު ހާމަވުމުގެ އިތުރުން "ލާދީނީ" އޭ ކިޔާފައި ލޭބަލްކޮށްލި ގޮތުން ހަޔާތީގެ ހިތަށް ބިރުވެރިކަން ވަނެވެ. އަދިވެސް އިޝްކަންގެ ހިތުގައި އައިއެސްގެ ފިކުރު އޮތީހެއްޔެވެ. މިކާލްފަދައިން އޮޅުވާލައިގެން އޭނައަށް ސިއްރުން އައިއެސްއަށް ތާއީދުކުރަނީހެއްޔެވެ؟ އެހެން އުޅޭ ކުއްޖަކު އެކަމަކު ޕަބްޖީ ކުޅެން ނޫޅޭނެ ތާއެވެ. ހަޔާތީ ހިތަށް ވިސްނައިދޭން މަސައްކަތްކުރިކަމުގައި ވިޔަސް ޝައްކުގެ މޫ ހިތުން ނެރެ އެއްލާލަން ފަސޭހައެއްނުވިއެވެ.

"ޝޭން. ދޮންތީ ބޭނުންވަނީ އަމްރާންގެ ބޮލަށް އެރިގެން އެޗްއެމް ހޯދުން...."

"ޔަޕް އިޓްސް ޔޯސް. އެމީހުން ގަދަކަމުން ފޭރިގެން އުޅުނަސް އެއީ އެލާދީނީ މީހުންގެ ތަނެއް ނޫން. ދޮންތީގެ ހައްގެއް. އައި ވިލް ހަޔާ އެ ލޯޔާ..... ...." އިޝްކަންގެ މޫނުމަތިން ރުޅިވެރިކަމުގެ އަސަރު ފެނިލިއެވެ.

"ޝޭން އާޔޫ ސަޕޯޓިން އައިއެސް؟ " ހަޔާތީއަށް އަހާލެވުނެވެ.

"ލާދީނީ އަށްވުރެ އެމީހުންވެސް ރަގަޅުވާނެ. ލައިކް އައި ސެޑް އައިމް ނޮޓް ސޯ ބްރޭވް އެހެންވީމަ ޖިހާދަށް ފިޓްއެއްނޫން............." އިޝްކަން ހިނިގަނޑެއް ޖަހައިލިއެވެ.

ހަޔާތީ "އޯޓަމްބްލޭޒް"ގެ ބެލް ޖަހާފައި އެތެރެއަށް ވަނެވެ. އޭސީގެ ފިނިކަން ހަރުލާފައި ހުރުމުން ހެދުމުގެ ތެރެއިން ފިނިކަން ވަދެ ރޫރޫއަޅުވާލާވަރުކޮށްފިއެވެ. މިގޭގެ ހައިބަތުކަން ގަދަކަން ހިތަށް އަރާފައި ހިގައިގަންނަންވެސް އުދަގޫވެ ބަލަން އިރުކޮޅަކު ހުރެފައި އޭނަ އަޒިކިއަލް އަށް މެސެޖްކޮށްލައިފިއެވެ.

"މިވަގުތު ގޭގައި އެކަކުވެސް ނޫޅޭ. ވައިސްޕްރެޒިޑެންޓް ގެ ކޮޓަރިކޮޅު ހުޅުވާފައި ހުންނާނީ. އެކަމަކު....."

"ރިއަލީ؟ ހީ ޑަޒަންޓް ހޭވް އެނީ އެކްސްޕެންސިވް ސްޓަފްތަ؟ މެއިޑުންނަށް އެހާ ޓްރަސްޓްކުރާކަށް ނުވާނެ..." ހަޔާތީ ހިނިއަންނަގޮތްވިއެވެ. ޑިޒައިނާ ސިޑިބަރީގައި ކާޕެޓް އަޅާލާފައިވާއިރު ރަންކުލައިގެ ބޯޑަރު އަޅާފައިވާ ރެއިލިންތަކެވެ. ބިތްތަކުގައި މޮޅު ކުރެހުންތަކެވެ. ވަށައިގެން ވާހާ އެއްޗަކަށް ޝައުގުވެރިކަމާއިއެކު ބަލަމުން ފަތްތަރުމަތިން އެރީ ލަސްލަހުންނެވެ. މަތީބަޔަށް އަރާފައި ދެލޯ ތަރަތަރަޖަހައިގެން ދާވަރުވިއެވެ. ސިކުނޑިވެސް އުދުހިގެން ނުދިޔައީކިރިޔާއެވެ. އަމްރާންގެ ކޮޓަރި ދެކުމުގެ ޝައުގުވެރިކަން ހުރިހާކަމަކަށް ވުރެ ބޮޑުވެ އެދިމާލަށް ދަމައިގަތީ ދަގަތްފާނާއި ދިމާލަށް ދަގަނޑު ދަމައިގަތްހެންނެވެ. ފަހަތުން އަޒިކިއަލް އަޑު އައެވެ.

"ހަޔާތީ ސްޓޮޕް ރައިޓް ދެއާ"

"މިސްޓަރ ވައިސް ޕްރެޒިޑެންޓް އަންހެނަކަށް ޓަރަސްޓް ނުކުރައްވާނެ. އެކޮޓަރިއަށް ވަންނާކަށް ހުއްދައެއްނެތް. މިގެނެސްދެނީ ދާ ވަށިގަނޑާއި އެއްޗެހި. ދޮވެ އިސްތިރިކޮށް ނިމުނީމަ އަހަރެން ގެންގޮސްދީފާނަން. ހުޅުވާފައި ހުއްޓަސް ނުވަންނާށޭ ބުނަން އަހަރެން އުޅުނީ....." އަޒިކިއަލް ދެވަނަ ސިކުންތުކޮޅުގައި ކޮޓަރިއަށްވަދެ ދޮރު ލައްޕާލުމުން ހަޔާތީ ރުޅިގަނޑު ފަޅަފަޅައިގެންދާވަރުވެފައި ފާރުގައި ދެއަތުން ތަޅައިގަވެ.

"އާރގްގް. ހައު އެރޮގަންޓް....."

އަޒިކިއަލް ނިކުމެގެން އައީ ދާވަށިގަނޑު ހިފައިގެންނެވެ.

"ދޮވެ ނިމިގެން ބޭނުން އެއްޗެއް ކެޔަސް ހެޔޮ. ފްރިޖްގައި ހުރި ކޮންމެ އެއްޗެއް ހުއްދަ. ބްރެކްފާސްޓުން ލެފްޓު އޯވާސް ކެޔަސް އޯކޭ. ގިނަގިނައިން ކެއީމަ އެއްނު ނޫނީ ފަންކާ ވަޔާއިއެކުވެސް އުދުހިގެން ހިގައިދާނެ. ބާކީ ހުރިހާ އެއްޗެހި ގެއަށް ގެންދިޔަސް އެންމެ ރަގަޅު..........." އަޒިކިއަލް ހަޔާތީގެ ކައިރީގައި ވަށިގަނޑު ބަހައްޓާފައި ނުކުމެގެން ދިޔަތަން ބަލަން ހަޔާތީ ހުރެފައި ފުންނެވާއެއް ދޫކޮށްލިއެވެ. އެންމެރަގަޅެވެ. އަމްރާންގެ ކޮޓަރިއަށް ނުވަދެވުމުން އެކަމާ އޭނަ ހިތާމަކުރަންވީ ސަބަބެއްނެތެވެ. އޭނަ ގާތު އަޒިކިއަލް ބުނިކަމެއްވިއްޔާ ކޮށްދީފައި ލިބޭ ފައިސާ އަތަށް އެރުމުން އޭނަގެ މަގުސަދުތައް ހާސިލުވާނެއެވެ. މަޑުމަޑުންގޮސް އޭނަ އަމްރާން އޮޅުވާލައިގެން އެޗްއެމްވެސް އަތުލާނެއެވެ. ދެރައީ ފިނޑި އިންސާނާއަށް އޭނަގެ ކުރިމައްޗަށް އަރަން ނުކެރުނުކަމެވެ. އަންހެނުން ދެކެ މިހާ ބިރުގަންނަ މީހެއްވިއްޔާ މާރސްއަށް ހިޖުރަކޮށްލުން ރަގަޅުވާނެއެވެ. ނޫނީ ޖައްވުގައި ރަޝިއާ އެސްޓްރޮނައުޓުސްއިންނާއިއެކު ގޮސް އުޅުނީމަ އެހެން އިންސާނަކު ލޮލަށް ނުފެނި އޭނަ ބޭނުންވާ މިނިވަންކަން ލިބިދާނެއެވެ.

އެދުވަހު މަސައްކަތް ނިންމާލާފައި އަޒިކިއަލް އާއިއެކު ތިރިއަށް ދާން ހިނގައިގަތްއިރު އަޒިކިއަލް ހުރީ ތަންކޮޅެއް ކުރީގައެވެ. އަމްރާންގެ ކޮޓަރި ދެކޭހިތުން ކެތްތެރިކަން ކޮޅުންލާފައި ވުމުން މަޑުކޮށްލީ ދޮރު ކުޑަކޮށް ހުޅުވާފައި ހުރުމުން އެތެރެ ބަލައިލުމަށެވެ. އަޒިކިއަލް ފަހަތަށް ބަލާވެސް ލީއެއް ނޫނެވެ. ނަމަވެސް އޭނަ އެކަން ދެނެގަތެވެ.

"ހަޔާތީ....." އަޒިކިއަލް ތަންކޮޅެއް ބާރަށް ގޮވައިލުމުން ހަޔާތީ ސިއްސައިގެން ދިޔައެވެ. ފަހަތަށް ނުބަލާ ދެނެގަތީ ކިހިނެއްހެއްޔެވެ؟ އަމްރާންގެ ހަށިފާރަވެރިންގެ ހަވަނަ ހިއްސު ހުންނަނީބާވައެވެ. ކުޅަދާނައެވެ. އޭނަ އަމްރާންގެ ކޮޓަރިތެރެއަށް ބަލަން ފިޔަވަޅުތައް ލަސްކޮށްލިކަންވެސް މިފިރިހެނާ ދެނެގެންފިއެވެ. ފައިތިލަ ގަބައިގެންދާފަދަ ބޯ ދޫލަމަތީ ހިގާލާއިރު ފިޔަވަޅުތަކެއްގެ އަޑެއް ނީވެއެވެ. ހަޔާތީ މަޑުމަޑުން ހިގާފައި ގޮސް ސިޑިން ތިރިއަށް ފޭބިއެވެ.

އިޝްކަން މާލެއައީ އޭނަގެ މަންމަ މާލެއަށް ލާފައި އަނބުރާ ބެންގަލޫރަށް ދިޔުމަށް ދެކޮޅު ޓިކެޓް ނަގައިގެންނެވެ. އިޝްކަން ކޯސް ފުރިހަމަކުރަން އަދި ބާކީ ހަމަސް އެބައޮތެވެ. އިޝްކަން ފުރި ދުވަހުގެ ކުރީ ދުވަހު ގަވާއިދުން ވަދެއުޅޭ ޕޭޖެއްގެ ނަން ހަޔާތީއަށް ފެނުނެވެ. އެވެސް ހިސްޓްރީ ބެލުމުން ހަޔާތީއަށް ޔަގީންވި ކަމެކެވެ. "ސޯލްޖާސް އޮފް މަހުދީ" ކިޔާ އެފްބީ ޕޭޖުގެ ލޯގޯގައި އޮތީ ޝަހާދަތުގެ ދެކަލިމައެވެ. އައިއެސްއާއި ކައިރި ލޯގޯއެކެވެ. އައިއެސްމީހުން އެފަދަ ލޯގޯއެއް ބޭނުންކުރަން ފެށުމުން އެ ދިދަ ގެންގުޅުން އިސްލާމީ ގައުމުތަކުންވެސް މަނާކުރިއެވެ. ޓެރަރިސްޓުންގެ ދިދައެއްގެ ގޮތުގައި ކަނޑައެޅުނެވެ. ސޯލްޖާސް އޮފް މަހުދީ ޕޭޖަށް ވަންއިރު އެއްލައްކައާއި ގާތްކުރާ އަދަދަކަށް އެޕޭޖުގައި ފޮލޯވާސްއިން ތިއްބެވެ. މައިގަނޑަކަށް އެތާއޮތީ ބަހުސެވެ. އިސްލާމްދީނަށް ލޯބިކުރާ މީހުންނާއި ލާދީނީ ފިކުރުގެ މީހުންގެ ފިކުރީ ހަގުރާމައެކެވެ. އިޝްކަންގެ ކޮމެންޓެއް ފެނޭތޯ ހޯދާލެވުނެވެ. ނަސީބަކުން އެއްވެސް ސްޓޭޓަސްއަކަށް ތަސްވީރަކަށް އަދި ވީޑިއޯއަށް ލައިކްކޮށްފައި ހުރިތަނެއް ނުފެނުނެވެ. ނަމަވެސް އިޝްކަން އެ ޕޭޖަށް ވަނުމަކީ ބިރުހުރިކަމެވެ. އައިއެސް މެމްބަރުންގެ ޕޭޖަކަށް ނުވިޔަސް މިހާ ދީނީ ހަގުރާމަކުރާ ތަންތަނަށް އޭނަގެ ކޮއްކޮއެއް ވަނުމަށް އޭނަގެ ހިތް ނުރުހެއެވެ. އެއަށްވުރެ އިޝްކަން ސިޔާސީ ކަންތައްތަކުގައި އުޅެންވެސް ހަޔާތީގެ ހިތަށް މާ ފަސޭހައެވެ. މިކާލް ގެއްލުނުފަދައިން އަބަދަށްޓަކާ ލޯމަތިން ގެއްލިގެން ހިގައިދާނެ ކަމުގެ ބިރު ހީވަނީއެވެ.

ދެހަފްތާއެއް ވޭތުވެގެން ދިޔައިރު އޯޓަމް ބްލޭޒްއިން އަމްރާންގެ ހިޔަނިހާ ހިސާބުވެސް ނުފެނުނެވެ. އޭނަ ގޭގައި އުޅޭ ގަޑިއާއި ދިމާނުވާގޮތަށް އަޒިކިއަލް އެހެރީ ޓައިމްޓޭބަލް ހަދާފައެވެ. އެއީ ހަޔާތީއަށްވެސް އެންމެ ފަސޭހަ ގޮތެވެ. ހެދުނު އެގަޑީގައި ގޮސް ދޮވެ އިސްތިރިކޮށްލާފައި ހެދުނުގެ ނާސްތާ ލިބެއެވެ. މާލޭގެ ރަގަޅު ރެސްޓޯރެންޓަކުންވެސް އެހާ މީރުކޮށް ހަދާފައި ހުންނަ ކާއެއްޗެއްސެއް ކެވިފައެއްނެތެވެ. ފްރިޖްގައި ހުންނަ އައިސްކްރީމްފަދަ ތަކެތި ކެއުމުގެ ހުއްދަ އޮތެވެ. ކުޅުދިޔާވާފަދަ ކާތަކެތި ފެނި ނުކައި ހުންނާން ހިތާއި ޖިސްމާއި ހަގުރާމަކޮށްގެންވެސް ކުރި ހޯދީ ނަފުސްގެ ދަހިވެތިކަމެވެ. ބަނޑަށް ޖެހިފައިވާ ކުއްޖަކަށް ކާއެތިކޮޅެއް ފެނުމުން ވާވަރު ހަޔާތީއަށް ވެއެވެ. އިރުއިރުކޮޅާ އެއްޗެއް ހަފައިލެވެއެވެ. މޭޒުމަތީހުންނަ މޭވާ ޓުކުރިން މޭވާއެއް ކައިލެވެއެވެ. ޗޮކްލެޓު ފެނުމުން ނުކައި ހުރެވޭނީ ކިހިނެއްހެއްޔެވެ. އެއީ ވާނެ ކަމެއް ނޫނެވެ. އެންމެ ގިނައިން ކައިލެވެނީ ޗޮކްލެޓެވެ. ދުވަހަކު ނުދެކޭވައްތަރުގެ ޗޮކްލެޓްވެސް ފްރިޖުން ހުސްނުވެ ހުރެއެވެ.

އަމްރާން ރިސޯޓުގެ ޕްރައިވެޓް ބީޗުގެ ގޮނޑުދޮށުގައިވާ ބީޗް ޗެއާއެއްގައި ބޯދަށަށް އަތްލައްވައިގެން އޮތެވެ. އިރުގެ ދޯދިތައް ޓޭންވެފައިވާ މޫނުގައި ބޮސްދެމުން އިތުރަށް ހަމަށް ރަންކުލަ ވެރިކުރުވަމުންދާއިރު އޮމާން ހަށިގަނޑުގައި ހަރުލާފައިވާ ފެންތިކިތައް މުތީތަކެއްފަދައިން ބަބުޅައެވެ.

"ބައްޕަ ބޭނުންވަނީ އަހަރެން އެލީންއާއި ކައިވެނިކުރަން. އެހެންވެ ގާލްފްރެންޑެއް އެބަހުއްޓޭ ބުނަން މަޖުބޫރުވީ. މި ވީކްގައި އެލީން މާލެ އާދެޔޯ. ޕޭރެންޓުން ނިޔާވީމަ އޭނަ ލަންޑަނަށް އާންޓެއްގެ ގާތަށް ލާފައި ބައްޕަ މާލެ ދުރުވީ މިކޮޅަށް އަންނަން އިންވައިޓްކޮށްފައި........................." އަމްރާން އަޒިކިއަލް ގާތު ބުނެލިއެވެ.

"ސޯ.......ގާލްފްރެންޑްއަކަށް ވާން ޖެހެނީ ހަޔާތީއަށް؟ ރައިޓް؟ ބަޓް ޝީޒް އެ ބޭޑް އެކްޓްރެސް..." އަޒިކިއަލް އަތުގައި އޮތް ފިސްތޯލައާއި ކުޅެލަމުން ހީލިއެވެ.

އަމްރާން ޖަވާބެއް ނުދިނެވެ.

"އަނެއްކޮޅުން މެއިޑެއް...."

"އެލީންއާއި އިނދެވޭކަށް ނެތް. ޝީޒް އެ ފްރެންޑް. އެނޫންގޮތަކަށް އެލީންއަކާއި މެދު ނުބެލޭނެ. އައި ކާންޓް އިމޭޖިން އެލީން ބީންގް މައި ވައިފް. އެހެންވީމަ އެބަޖެހޭ ބައްޕައަށް ކޮންވިންސްކުރުވަން. ވަން މޯ ތިންގް. ހަޔާތީއަކީ އިނދެފައި ވަރިކޮށްލާގޮތަށް ކައިވެނިކުރަން ރަގަޅުވެސް މީހެއްކަން ނޭގޭ. މީހަކާއި ނީދެ ހުއްޓަސް ކަލެއަކާއި ނީންނާނަމޭ މަށާއި ދިމާލަށް ބުނެފައި އޮތީ. މަގޭ ފަރާތުން ޕްރޮޕޯޒްކޮށްލާ...." އަމްރާން އެއް ލޯ މަރައިލީ ލާނެތްގޮތަށެވެ.

"ހައު އަންރޮމެންޓިކް...." އަޒިކިއަލް ޖޯކުޖެހިއެވެ.

ޗިކަން އެންޑް ޗީޒް ހޯވީ ރޯލްއެއް ކާލުމުން ހަޔާތީ ބަނޑު ފުރުނެވެ. ކުޅުދިޔާވާހާ މީރެވެ. ޝެފްގެ ކުޅަދާނަކަމާއިމެދު ހައިރާންވެ އަންތަރީސްވިއެވެ. އޭނައަށް މިހާ ތަފާތު މީރު އެއްޗެހި ހަދަން އެނގޭނެނަމައެވެ. މިގޮތަށް ކާން ލިބެންޏާ ފަލަވެގެންގޮސް ބެރަކަށް ވެދާނެކަން ޔަގީނެވެ. އޯޓަމްބްލޭޒުގައި މަސައްކަތްފެށި ފަހުން ހަފްތާއެއް ގެތެރޭ ކިލޯއެއް ބަރުވެ ކޮލުގައި މަސްކޮޅެއް ޖަހައިފިއެވެ. ކެއުމަށްފަހު ގެއަށް ގެންދަންވީ އެއްޗެހި ޕެކްކޮށްލަން ހުއްޓާ އަޒިކިއަލް ކަރު ކެހިލިއެވެ. އޭނައަށް ކިރިޔާ އުފުލައިލެވޭވަރުގެ ބޮޑު މާ ބުކޭއެއް ހިފައިގެން ހުރިތަން ފެނި ހަޔާތީގެ ހިތް ތެޅިލިއެވެ.

"ދިސް އިޒް ފޯ ޔޫ......"

"ވަޓް..." ހަޔާތީ އަނގަ ހުޅުވުނުގޮތަށް ހުރީ އަޒިކިއަލް އެގޮތަށް ބުކޭއެއް ގެނެސްދީފާނެކަމަށް ހިތަށް ނާރުވާ ހުއްޓާ މިކޮށްލިކަމަކުންނެވެ.

"އަނގަ ލައްޕާލާ. ކުރަތްޕެއް ވަދެފާނެ. މަ ދޭ އެއްޗެއް ނޫނޭ...."

"ދެން ކާކު... "

"އެނގެއެއްނު.....މީ މިސްޓަރ އަމްރާންގެ ފަރާތުން ލިބުނު ހަދިޔާއެއް. އެބޭފުޅާގެ ރިކުއެސްޓެއް އެބައޮތް. ދުވަސްކޮޅެއްވާންދެން އޭނަގެ ގާލްފްރެންޑް ކަމުގެ އެކްޓްކޮށްލަދޭންވީ. އެ ބޭފުޅާ އަރިހު ދެންނެވިން އެކްޓްކުރާކަށް މޮޅެއްނުވާނެއޭ، އެކަމަކު ޓްރައިކޮށްދޭނަން ދޯ....." އަޒިކިއަލް ހަޔާތީގެ އަތަށް އެމާ ބުކޭ ލައްވާދިނެވެ. ސަމާސާއަކަށް ހަދައިގެންވިޔަސް އަމްރާންގެ ލޯބިވެރިޔާގެ ބައި ކުޅޭކަށް އޭނަ ތައްޔާރެއްނޫނެވެ. ނަމަވެސް އެވަގުތު ހަދާންވީ އޭނަގެ އަމިއްލަ އެޖެންޑާއެވެ. އޭނައަށް އެޗްއެމް މިލްކުވާނީ މި މީހުން ބުނާކަމެއްވެސް ކޮށްދީގެންނެވެ. އެކްޓެއް ޖެއްސިޔަސް އަމްރާންގެ ހަގީގީ ލޯބިވެރިޔަކަށް އޭނަ ނުވާނެ ނޫންހެއްޔެވެ؟ އެކަމަކު އޭނަ ލައްވާ މި ޑްރާމާ ކުޅުވަން ޖެހޭ ސަބަބަކީ ކޮބާހެއްޔެވެ؟ އަމްރާންއަށް އޭނަ ނޫން އަންހެންކުއްޖަކު މިއޮތް ބޮޑު ދުނިޔެއިން ނުފެނުނީހެއްޔެވެ؟ އަޖައިބެކެވެ.

އަޒިކިއަލް ކަންތައްވެގެން އުޅޭގޮތް ކުރުގޮތަކަށް ކިޔައިދިނެވެ. އަމްރާން ދުވަހަކު ކައިވެންޏެއް ކުރަން ބޭނުންނުވާ ކަމަށާއި ބައްޕަގެ އެކުވެރިއެއްގެ ދަރިއަކަށް އެހާ ބޮޑު ދެރައެއް ދޭން ބޭނުންނުވާކަމަށާއި ހަމައެކަނި އެކްޓްކޮށްލަދިނުމުން ފުދިދާނެކަމުގައި ބުނުމުން ހަޔާތީ ބޯ ޖަހައިލިއެވެ.

"އައިމް ވިލިން. އެކަމަކު އަގު ކިހާވަރެއް؟ "

އަޒިކިއަލް ހިނިއައެވެ. ހާދަ ދަހި އަންހެންކުއްޖެކޭ ހިތަށް އެރިއެވެ. ފައިސާއަށްޓަކާ މިކުއްޖާ މިހިރީ ކޮންމެފަދަ ހަޑިއެއް ހާވަން ތައްޔާރަށެވެ. ނަމަވެސް ނާއިބުރައީސްގެ ލޯބިވެރިޔާގެ ބަޔަކީ ޑްރާމާއަކުން ކުޅެލަންވެސް ރީތި ބަޔެކެވެ. ކޮންމެ އަންހެންކުއްޖަކު އެމަގާމަށް އަންނަ ހިތުން ހުވަފެން ދެކޭނެއެވެ.

ހަޔާތީ ތަށިމުށިމަތީ ދެފައި ވަށްކޮށްލައިގެން އިށީދެ އިނދެ ފޮށިގަނޑު ކަނޑާލައިފިއެވެ. އެންމެ ކުރިން އަތުގައި ޖެހުނު ފޮތް އޭނަ ނެގިއެވެ. ޑިޕްރެޝަންއާއި ހަގުރާމަކުރާ މީހުންނަށް އެންމެ އެކަށީގެންވާ ފޮތެކެވެ. އެފޮތުގެ ފުރަތަމަ ސަފުހާއިންވެސް ތަފާތު އިހުސާސްތައް ކުރުވިއެވެ. ފެށުމާއިއެކުހެން އައިސްފައިވާ ގުރުއާންގެ އާޔަތް ދެތިން ފަހަރު ކިޔާލެވުނުއިރު ހިތަށް މަޑުމޮޅިކަމެއްވެރިވެ ލޮލުން ކަރުނަ ހިލޭގޮތްވެއްޖެއެވެ.

"ހޫ އެވާ އިން ދަ ހެވަންސް އެންޑް އޮން އާތް ބެގްސް އޮފް ހިމް ފޯ ނީޑްސް. އެވްރީޑޭ ހީ ހޭޒް އެ މެޓާ ޓު ބްރިންގް ފޯތް (ސަޗް އޭޒް ގިވިން އޮނާ ޓު ސަމް، ޑިސްގްރޭސް ޓު ސަމް، ލައިފް ޓު ސަމް، ޑެތް ޓު ސަމް......) ރަހުމާން ސޫރަތުގެ ނަވާވީސްވަނަ އަޔާތުގެ މާނައަކީ އުޑުތަކާއި ބިމުގައިވާހާ ބަޔަކު އެކަލާނގެ ކިބައަށް އެދި ދުޢާކޮށް ދަންނަވައެވެ. ކޮންމެ ވަގުތެއްގައިމެ އެކަލާނގެ ވޮޑިގެންވަނީ ކަމެއްގައެވެ.

ތޫފާނެއް ނުވަތަ ކަނޑުގަދަވެ ބިރުވެރިކަމެއް ނުވަތަ މުސީބާތެއް ދިމާވެ ހުރިހާ މަގެއް ބަންދުވުމުން ހެއްދެވިފަރާތްމަތިން ހަދާންވެ އެފަރާތަށް އާދޭހާއިއެކު ދުޢާ ދަންނަވައެވެ. އެކަންތައް ފިއްލަވާ ހަމަޖެހުން ލިބޭއިރަށް އެފަރާތް ހަދާންނައްތާލާއިރު އިންސާނުން އެކަމާއިމެދު ވިސްނާހެއްޔެވެ.

ހަޔާތީ ފޮތް ލައްޕާލާފައި ގަޑިއަށް ބަލައިލުމާއިއެކު ހިތް ތެޅިލިއެވެ. ގަޑި ފާއިތުވެގެންދާ ގޮތާއިމެދު ވިސްނައި ފިކުރުކޮށްލާމީހަކަށްވެސް އިބުރަތެކެވެ.

"މިއަދު ޔުނިފޯމް ލާނެކަމެއް ނެތް. ވައިސް ޕްރެޒިޑެންޓްގެ ގާލްގެ ގޮތުގައި މިގެއަށް ވިޒިޓްކުރޭ......" އަޒިކިއަލްގެ އަޑުގައި ހަރުކަށިކަމެއް ނުވިޔަސް އަމުރުވެރިގޮތެއް ހުއްޓެވެ. ހިތާހިތުން އެއްޗެހި ކިޔަ ކިޔާ ހުރެފައިވެސް ތަންކޮޅެއް ރީތި ހެދުމެއް އަޅައިގެން ތައްޔާރުވެލިއެވެ. ސްވެޓަރު ފާޑެއްގެ ފޮތިން ފަހާފައިވާ ކަކުލަށްވުރެ މައްޗަށް އޮތް ހެދުމަކާއިއެކު ތުނި ޖެކެޓެއްލާފައި ސްކިނީއެއް ލިއެވެ. ކުރު ޝޯލްއަކުން އިސްތަށިގަނޑު ނިވާކޮށްލައިފިއެވެ. އޮފީހަށްދާން ލާ ހެދުމުގައި ހުރިއިރު ހިކިކަން މާބޮޑަށް ހާމަވާން ހުއްޓެވެ. އޯޓަމް ބްލޭޒްގެ ތެރެއަށް ވަނުމާއިއެކު ސިހޭގޮތްވީ ސިޓިންރޫމްގެ ސޯފާގައި އޮތް އަންހެންކުއްޖާ ފެނިފައެވެ.

ކޮމެންޓް 0