ހަޔާތީ ދެން ބުނެލި ޖުމްލައިން ސަޖަލްގެ ފައިދަށުން ބިންގަނޑު ދެމިގަތްފަދަ އިހުސާސެއް ކުރެވުނެވެ. ދެލޯ ބޮޑުކޮށްލިގޮތަށް އަނގަމަތީ އަތްއެޅިއްޖެއެވެ. ލިބުނު ޝޮކްގެ ސަބަބުން މުޅި ކުއްޖާ ގަނޑުފެންކޮޅެއްހާ ފިނިވިއެވެ.

"ހަޔާ......."

"ސަޖް. ސަމާސާއަކަށް ދެއްކިވާހަކައެއް ނޫން......" ހަޔާތީ ޔަގީންކޮށްދިނެވެ. ހަޔާތީ ބުނީ އާދައިގެ ވާހަކައެއް ނޫނެވެ. އަމްރާން ގެ އަބުރާއި ބެހޭގޮތުން ނޫހުގައި ލިޔުނުކަމަށްޓަކާ އެޗްއެމްއާއިގެން ދައުވާކުރީއެވެ. ކޯޓުން އޮތީ ހަޔާތީ ކޯޓަށް ހާޟިރުވާން އަންގާފައެވެ. ރިޝްވަތުދޭން އުޅުނުކަމަށް ލިޔެފައިވުމާއިއެކު ހަޔާތީގެ ކޮންމެ ލިޔުމަކާއި ދެކޮޅަށް އޭނަވަނީ މައްސަލަ ހުށަހަޅާފައެވެ. އަމްރާން ނުބައިނުލަފާ މީހަކަށް ވިޔަސް އޭނައާއިގެން ދައުވާކޮށްފާނެކަމަކަށް ހިޔެއްނުކުރެއެވެ. ހިތާމައަކަށް ފަހު ހިތާމައެކެވެ.

ކޯޓަށް ދާން ޖެހުމުން ހަޔާތީއަށް ވަރަށް އުދަގޫވިއެވެ. އޭނައަށް އެ ކޭސް ކާމިޔާބުވާނެކަމަށް ހީވެސް ކުރެވުނެވެ. ސަބަބަކީ އަޒިކިއަލް ހަގީގަތުގައިވެސް ބްލޭންކް ޗެކެއް ހިފައިގެން އޭނަގެ ގާތަށް އައީތީއެވެ. ނަމަވެސް ކޯޓުގައި ހަޔާތީއަށް ވީ ނާކާމިޔާބެވެ. އަމްރާންގެ އަބުރަށް ހުތުރުވާފަދަ ގޮތަށް ވާހަކަދައްކާ އަމްރާން ރިޝްވަތު ދިންކަމަށް ބުނެ ދޮގުހެދިކަމަށްޓަކާ ވިހި މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީއެވެ. ފަޑިޔާރުގެ ނިންމުން އިވިފާ ހަޔާތީގެ ފައިކޮޅުން ވާގި ހުސްވެ އަނބުރައިނުގަތީ ހަމަ ކިރިޔާއެވެ. ގޮތްހުސްވެފައިވާ މީހެއް ފަދައިން އެތަނުން ނުކުމެވުނުއިރު ހިތްވަރުދޭން ހުރީ ހަމައެކަނި ސަޖަލްއެވެ.

ފައިސާ ހޯދަން ސަރުކާރުގެ އެހީއަށްވެސް ހަޔާތީ އެދުނެވެ. ނަމަވެސް ވެރިކަން ކުރާ ޕާޓީއިންވެސް އެހާ ބޮޑު އެއްޗެއްދޭކަށް އެއްބަހެއްނުވިއެވެ. ސަބަބަކީ އެޗްއެމްގައި އެލްޑީޕީއަށް ތާއީދުކޮށް ލިޔާ ލިޔުންތައް އޭރު ގިނަވެ ހަޔާތީގެ ކޮންޓްރޯލް ގެއްލިފައި އޮތުމެވެ. އެ ޗެނެލްއިން އަމްރާންއާއި ދެކޮޅަށް ލިޔާ ހަމައެކަނި ލިޔުންތެރިއަކީ ހަޔާތީކަމަށް ވެފައިވާއިރު ސަރުކާރުން އެޗްއެމްއަށް ފައިސާގެ އެހީއެއްވާން އެހާ ތައްޔާރެއް ނޫނެވެ. އެކަމާއިހުރެ ހަޔާތީގެ ބޯގޮވާވަރުވިއެވެ. ހަތަރު އުދަރެއް ފެނުޖެހުނެވެ. އެވަރުންވެސް ހަޔާތީ އެކަން ސަޖަލްއަށްވެސް ދައްކައެއް ނުލިއެވެ. ހުރިހާކަމަކަށް ކެތްކުރަމުން އެފައިސާ ހޯދާނެގޮތަކާއިމެދު ވިސްނާންފެށިއެވެ.

ވިހި މިލިއަން ރުފިޔާގެ ސަބަބުން ހަޔާތީގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެން ދިޔައީ ހީނުކުރާފަދަ ގޮތަކަށެވެ.

އެފިކުރުތަކަށް ޣަރަގުވެފައި ހުރެގެންވެސް ހަޔާތީ މަސައްކަތް ހުއްޓާލުމެއްނެތި އޮފީހަށް ދިޔަތަނުން އެނގުނީ ގިނަ މުވައްޒަފުން އެޗްއެމް އިން ކެނޑުނުކަމެވެ. އިސްތިއުފާ ދިން މީހުންގެ ތެރޭ ހަޔާތީ އެންމެ އިތުބާރުކުރި ގާތް މީހުން ހިމެނުނެވެ. ހަޔާތީ އެކަނިވެރިވެފައި ކެބިންގައި އިންދާ ސަޖަލް ވަންއިރު ރޮއިފަ ހުރިކަން ދެލޮލުން ފާޅުވާން ހުއްޓެވެ.

"ހަޔާ.ކިހިނެއް މިވަނީ؟ ކީއްވެ އެންމެން ދަނީ؟ "ސަޖަލް އަހައިލިއެވެ.

"ސަޖްވެސް ބޭނުމިއްޔާ ދާންވީ....."

"ހަޔާ މި މަންތުގައި މުސާރަ ނުދެވުނީމަ އެމީހުންމަޑުކޮށްދިން ނަމަ. ހަޔާ ބުނީމެއްނު ހުރިހާ ކަމެއް ރަގަޅުވާނެއޭ. އެކަކުވެސް އަޑެއް ނޭހި. ހަޔާ އެންމެނަށް ޖޮބްދިނީ. ހާލުގައި ޖެހުނުއިރު އެންމެން ދިޔައީ..." ސަޖަލް ކުރިމަތީގައި ހުރި ގޮނޑީގައި އިށީދެލިއެވެ. ހަޔާތީ ކުޑަކޮށް ހީލިއެވެ. ހިތާމައިގާ ހިތް ހަލާކުވާއިރުވެސް ހަޔާތީގެ ރީތި ހުނުމުން ބަޔާންކޮށްދެނީ އޭނަގެ ޕޮޒިޓިވްކަމެވެ. އުފާވެރި އަންހެންކުއްޖަކަށް ވުމަށްޓަކާ ކުރާ މަސައްކަތެވެ. ހަޔާތީ ތެދުވެގެން އައިސް ސަޖަލްގެ ކޮނޑުގައި ހިފަހައްޓައިލަމުން ކުދި ދަތްތައް ފެންނަވަރަށް ހީލައިފިއެވެ.

"ސަޖް. ސަޖް އެހެން ނޫހަކަށް ދިޔަސް އޯކޭ. އައި ވޯންޓް ފީލް ބޭޑް. މުސާރަ ނެތި ހިލޭ ސާބަހަށް މަސައްކަތް ކޮށްގެނެއް މާލެއަކު ދިރިނޫޅެވޭނެ. އެންމެންވެސް ދިޔައީ އެހެންގޮތެއް ނެތީމަ. އިޓްސް އޯކޭ. އަހަންނަށް ނެތް ސެލެރީ ދެވޭކަށް. އެއަށްވުރެ ބޮޑު އެއްޗެއް ދައްކަން ޖެހިފައި މިއޮތީ. އެޗްއެމް ޗެނެލް އެއްކޮށް ވިއްކާލައިގެންވެސް ވިހި މިލިއަން ހަމަ ނުކުރެވޭނެ. ސަޖް ބުނިހެން ނުފޫޒްގަދަ މީހުންނަށް މިތަންތާ އުޅެވޭނީ. ނިކަމެތިންނަށް ދެރަގޮތްގޮތްވާނީ. އެމީހުންގެ އަބުރު އެކަނި އޮންނާނީ. ކޯޓުންވެސް އެމީހުން ބުނާ އެއްޗެއް އަހާނީ. އަހަރެމެން ދެއްކި ވާހަކަތައް ގަބޫލުނުކޮށް ފަޑިޔާރުވެސް އެމީހުންނާއި އެއްކޮޅަށް ޝަރީއަތް ނިންމީ..." ހަޔާތީ ފުންނޭވައެއްލިއެވެ.

"ކޯޓަށްވެސް ރިޝްވަތު ދިނީތަ؟ " ސަޖަލް އެއްލޯ ކުޑަކޮށްލިއެވެ.

"ވެދާނެ.."

"ޔަގީން....." ސަޖަލް ރުޅިއަންނަ ގޮތްވިއެވެ.

"އަހަރެމެން ކުރާނެ ކަމެއް ނެތް ސަޖް. ފައިސާގެ ބާރު އެއަށްވުރެ ގަދަވާނެ. މޮޅު މީހުންނަށް މޮޅުގޮތް ދެރަމީހުންނަށް ދެރަ ގޮތް ގޮތްވާނީ. މަނީ ޓޯކްސް. އެކަމަކު އެ ޑެވިލްއަށް ދެރަގޮތެއްވެ ބަރުބާރު ވާން އެދި ދުޢާކުރާނަން. ހީ ޑިސްޓްރޯއިޑް މައި ލައިފް އެކަމަކު މީހަކަށް ދެރައެއް ދީފައި ހަމަޖެހިގެނެއް ނޫޅެވޭނެ......"ހަޔާތީ އެއްބުމަ އަރުވައިލިއެވެ.

ހަޔާތީއާއި ސަޖަލް އެތައް އިރެއްވާންދެން ހަދަންވީ ގޮތަކާއިމެދު މަޝްވަރާ ކުރަން ތިއްބެވެ. އެންމެ ދެރަވަނީ އެންމެ ގާތްކޮށް އުޅުނު މިނާއާއި ޒީކްވެސް ހަޔާތީއާއި އަނގައިންވެސް ނުބުނެ އިސްތިއުފާ ސިޓީއެއް ލިޔެފައި ދިޔައީމައެވެ. ދެކުދިން މަޝްވަރާކުރިޔަސް ފައިސާ ހޯދާނެގޮތެއް ނޭގުނެވެ. ގެއެއް ނޫނީ އެހެން ތަނެއް މޯގޭޖްކޮށްގެން ނޫނީ ބޭންކުންވެސް ލޯނެއްނުލިބޭނެއެވެ. އެމީހުންނާއި އެކަށީގެންވާ އަދަދެއް ކީ ނަމަވެސް އެންމެ ރަގަޅުތާއެވެ.

މާޔޫސްކަން އޭނަ ވަށައިލާ ހާސްކުރުވަން ފެށުމުން އަޒިކިއަލްއަށް ގުޅާފައި ހަޔާތީއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އަޒިކިއަލްގެ ޝަރުތަށް އެއްބަސްވުން ނޫން އެއްވެސް ގޮތެއް މިވަގުތަކު ނެތެވެ. ހަޔާތީ އެޗްއެމް އަމްރާންއަށް ވިއްކައިލީއެވެ. އޭނަގެ ނޫހާއި ޓީވީ ޗެނަލް އަތުން ބީވެގެން ދިޔައީއެވެ. އޭނަގެ ވަޒީފާއާއި މުސްތަގުބަލްވެސް ގެއްލިގެން ދިޔައީއެވެ.

ކޮޓަރިއަށްވަދެ ގޮދަޑިމައްޗަށް އުއްޑުން ވެއްޓިގަތްގޮތަށް ބާލީސް މޭގައި ޖައްސާ ބާރުކޮށްލެވިއްޖެއެވެ. ކިތަންމެ ހިތްވަރުކުރިޔަސް ކަރުނަތައް ނުފިހެއްޓިގެން އޮހިގަތީ ސައިލެއް ފަދައިންނެވެ. ދެލޮލުގައި ބޮޑެތި މުތީތަކެވެ.

"މައި ލައިފް އިޒް އޯވާ...."

ހަޔާތީ ރުއިމުގެ އަޑަށް ކަފަލޮލީއަށް ވެސް އަސަރުކުރީކަން ނޭގެއެވެ. ދޮރުމައްޗަށް އަރާ ބަލަން އޮތީ މޮޅިވެރިގޮތަކަށެވެ. ބުއްދިއެއް ދެއްވާފައި ނެތަސް އިހުސާސްތަކެއް ވާފަދައަކުން ބަލާށެވެ. އެސޮރު ރޮވިފައި އޮތްތަން ފެނި ހަޔާތީއަށް ވަކިން ބޮޑަށް އަސަރުކުރިއެވެ. މި ދުނިޔެއިން އޭނައަށް ރަހުމްކުރާނެ އެއްވެސް އިންސާނަކު ނެތަސް ކަފަލޮލީ އޭނައާއިއެކު އެބަވެއޭ ހިތަށް އެރިއެވެ. ތެދުވެގެންގޮސް ޑައިރީ ނަގައިގެން ލިޔަންފެށުމުން ފާރުވެފައިވާ ހިތަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބުނެވެ. އަމްރާންއާއި ދިމާލަށް އެއްޗެހި ކިއެވެ. އޭނަދެކެ ނަފްރަތުކުރާވަރު ބަޔާންކޮށްދިނެވެ. އަމްރާންއާއި ދިމާލަށް އެއްޗެހި ކިޔަކިޔާފައި މިކާލްމަތިން ހަދާންވުމުން ރޮއިފާ މިކާލްއާއި ޝަކުވާކުރިއެވެ. މިނިކާވަގެއްގެ ކޮށްޓަކަށް އޭނަ ލާފައި މިކާލް ދިޔައީ ކިއްވެހެއްޔޭ އެހިއެވެ. އަމްރާން އޭނަގެ މުޅި ހަޔާތް ބަރުބާދުކޮށްލައިފިއެވެ. ހުރިހާ އެއްޗެއް ފޭރިގެންފިއެވެ. އޭނަ މިކާލްގެ އަތުން ގެނައި ފޮށިގަނޑުތައް ލޮލުގައި އަޅައިގަތުމުން ތެދުވެގެންގޮސް އެއިން ފޮށިގަނޑެއްގައި އަތްލިއެވެ. އޭގައި ހުރި މިކާލް އޭނަގާތު ކިޔަން އެދުނު ދީނީ ފޮތްތަކެވެ. ތަފްސީރުތަކާއި ހަދީސް ފޮތްތަކެވެ. ސަހާބީން ކޮށްފައިވާ ހަގުރާމައިގެ ވާހަކަތަކެވެ. އެއިން ފޮތެއްގައި އަތްލާނެ ވަގުތެއް ނުވެ ހުއްޓާ ނަސީބު މިކުޅުނީ ކޮންފަދަ ކުޅިގަނޑެއް ހެއްޔެވެ؟

ފޮށިގަނޑު މަތީ ބޯ އަޅާލައިގެން އޮތްވާ ފޯނު ރިންގުވާން ފެށުމުން ނެގިއެވެ.

"ހޭއި ދޮންތީ. މަންމަގޮވައިގެން ލާލްބާޣުއަށް ގޮސްފައި މިއައީ......"

"ރިއަލީ. މަންމަ ޕާކްތަކާއިހެދި މޮޔަވާނެ. ޝޭންހާދަ ރަގަޅޭ. މަންމައަށް ކީމޯ އެއްޗިއްސަށް ވުރެ ތިކަހަލަ ހިތްހަމަޖެހުމުން ލިބޭނެ ފައިދާ ބޮޑުވާނެ.... " ކޮއްކޮގެ އަޑު އިވުމުން ހުރިހާ ހިތާމަތައް ފިލާ ހީލެވިއްޖެއެވެ.

"އެފްބީގައި މީ ކޮންކަމެއްތަ؟ އެޗްއެމް ޖޫރިމަނާ ކޮށްފައި އެންމެފަހުން ދޮންތަ އެތަން ވިއްކާލީޔޯ. އައި ކޭންޓް ބިލީވް ދިސް. ދޮންތަގެ ޑްރީމް އެއީ. އައިމް ސޯ ސޮރީ ދޮންތީ. ޔޫ މަސްޓް ބީ ހާޓްބްރޯކެން......"

"އިޓްސްއޯކޭ ޝޭން. އެކަންތައް ރަގަޅަށް އެދިޔައީ. އެހާ ހިނގާ ތަނެއްވެސް ނޫނެއްނު. އެޗްއެމް ޗެނެލްވެސް މިކާ ބޭނުންވިގޮތަކަށް ނޫން ދިޔައީ. މިހާރު ދޮންތައަށް އެހެންނޫހަކުން ޖޮބް އެބަ ހަމަޖެހޭ. ސޯ އެކަންތަކާއި ނުވިސްނާ. އޭޒް އެ ޖާނަލިސްޓް ހަމަ ވޯކް ކުރެވިދާނެ. އަދި ކޮންމެވެސް ދުވަހަކުން އަދި އެޗްއެމްކަހަލަ ސައިޓެއް ހުޅުވާނީ.. ސޯކިޔާދީބަލަ. މަންމަގެ ޓްރީޓްމެންޓް ކިހިނެއް ކުރިއަށް ދަނީ؟ ދެންކޮންދުވަހަކު ކީމޯއަށް ދާން ޖެހެނީ؟ މަންމައަށް ގިނައިން ފުރުޓް އެއްޗެހި ކާންދެއްޗޭ. ނިއުޓްރިޝަނިސްޓް ބުނާގޮތަށް ކާންދެއްޗޭ ކޮއްކޯ. ވަރަށް މިސްވޭ..." ހަޔާތީ ބެލްކަންޏަށް ނުކުމެ ބަލަން ހުރިއިރު ވަރުބަލިކަން އިހުސާސްކުރެވެން ފަށައިފިއެވެ. އޭނަ މިހިރީ މެންދުރު ކޮފީއެއް ބޯލިގޮތަށެވެ. ކާނެ އެއްޗެއް ނެތެވެ. ބަނޑަށް ހުރެގެންވެސް ވަޒީފާއިން ކަނޑާލުމުންވެސް ހަޔާތީ ހިތްވަރުކޮށްލައިގެން ހުރިއިރު އެ ދޮންމޫނުމަތި ހުރީ އަލިކޮށެވެ. ހިނިތުންވެލައިގެންނެވެ. ހިތާމައާއި މޮޅިވެރިކަން ވަށާލާފައި ވީނަމަވެސް އިރުފަދައިން އޭނަ ހިނތުންވަނީއެވެ. ހަގީގަތުގައިވެސް އެ ހިނިތުންވުމާއި އުފާވެރިކަން ގުޅުފައިވަނީ މަންމަމެންނާއިއެވެ. އޭނަ ހަލާކުވެގެންވެސް މަންމައާއި ކޮއްކޮ އުފަލުގައި ބައިތިއްބަން ބޭނުމެވެ. މިހާރު އޭނަ މިވިސްނަނީ މަންމައާއި އިޝްކަންއަށްޓަކާ ފައިސާ ހޯދާނެ ގޮތަކާއިމެދުއެވެ.

ހަޔާތީ އަޒިކިއަލްއަށް ގުޅިއެވެ.

އޭނައަށް ލަނޑުދިން މީހުންނާއި ޑީލެއް ހަދަން އޭނައަށް ކެރިދާނެއެވެ. މަންމައާއި ކޮއްކޮއަށް ބެންގަލޫރުގައި ތިބެ ބޭސް ފަރުވާކުރުމާއި ކިޔެވުމަށް ބޭނުންވާ ފައިސާ ކޮންމެގޮތެއް ހަދާފައިވެސް ހޯދަން އެބަޖެހެއެވެ. ބައެއްފަހަރު ދުޝްމިނުންނާއި ހިނިތުންވުމާއިއެކު ކުރިމަތިލާން ޖެހޭ ހާލަތްތައް އަންނާނެއެވެ. އަޒިކިއަލް އަށް ގުޅިއިރު ހަޔާތީގެ ހިތަށް ގަނޑުފެން އަޅާ ފިނިކޮށްލާފައިވާ ފަދައެވެ. އަޒިކިއަލްގެ މަޑުމައިތިރި އަޑު ކަންފަތުގައި ޖެހުމުން ހާސްކަމާއި ބިރު ކެނޑި ހަމަޖެހިލައިގެން ވާހަކަދައްކާ ކަމަކަށް އެއްބަސްކުރުވަން ހަޔާތީ ވާހަކަދައްކަން ފެށީ އޭނަގެ އަމިއްލަ ނަފުސް ގުރުބާންކޮށްލަމުންނެވެ. "އިގޯ" ފައިދަށުލާފައެވެ.

ދުވަސްތައް މާޒީއާއިއެކު ވަމުންގޮސް ދެއަހަރު ބައި ފާއިތުވެގެން ދިޔައީ ހީވެސް ނުކުރާހާ ހަލުވިކޮށެވެ.

އޮކްޓޫބަރުގެ ފިނިކަން ގަދަ ދުވަހެކެވެ. ޚަރީފުގެ ގަސްތަކުން ފަތްތައް އޮހެމުންދާ މަންޒަރު ފެނުމުން އާޝޯޚުވާވަރުވެއެވެ. މަގުގައިވާ ހިކިފަތްތައް ފިނި ފިނި ވަޔާއިއެކު އުދުހިގަންނައިރު އިވިލާ މުރަނަ އަޑު މިއުޒިކެއްފަދައެވެ. ފިނިކަން ގަދަކަމުން ތުތުރުލާހާވެއެވެ. ގަނޑުވަރެއްފަދަ ބޮޑު ގޭގެ ލިވިންރޫމްގައި ތިބި ހުރިހާ ޒުވާނުންގެ ނަޒަރު ހުއްޓިފައިވަނީ ޓީވީގެ ސްކްރީނަށެވެ. ދެވަނަބުރުގެ ވޯޓުލުން ނިމި ފޮށިތައް ގުނަން ފަށަންވާއިރަށް އެންމެން އިންތިޒާރުކުރަމުން މިދަނީ ނަތީޖާ އެހުމަށެވެ. ކޮންމެ ޒުވާނެއްގެ އަތުގައި އާވި އަރާ ކޮފީތަށްޓެއްހުރިއިރު ފަޔާ ޕްލޭސްގައި އަނދަމުންދާ އަލިފާނުގެ އޮރެންޖް އަލިން މޫނުތަކަށް އަލިފާނުގެ ކުލަވެރިވެފައިވެއެވެ. ކުރިމަތީގައި ހުރި ކޮފީ މޭޒުމަތީ ތަފާތު ވައްތަރުގެ ލުއިކާނާތަކުން ފަޅުފިލުވާފައެވެ.

"އަމްރާން. ކިހިނެއްވާނެހެން ހީވޭ..." އެކަކު އަހާލައިފިއެވެ.

"ވީ ވިލް ވިން..." ޒުވާނަކު ބުނެލިއެވެ. އަމްރާން ޖަވާބެއްނުދީ ހީލާފައި ކޮފީ ބޮއި ބޮއި އިނީއެވެ.

"ގޯޑްވިލިން.." ލާވީ އަވަސްއަވަހަށް ކިޔާލިއެވެ.

ވޯޓު ގުނަންފެށުމާއިއެކު ސިޓިންރޫމް ތެރޭ ފޯރިގަދަވެ އެކަކު އަނެކަކަށް ހިފައިގަނެވުނީ މިހާރުވެސް ކާމިޔާބުވެއްޖެއޭ ހީވާފަދަ ގޮތަކަށެވެ. ކޮންމެ ވޯޓު ފޮށްޓެއްގެ ނަތީޖާއާއިއެކު ޔަގީންކަން އިތުރުވަމުން އައިސް ގާތްގަނޑަކަށް އެލްޑީޕީ އިންތިޚާބު ކާމިޔާބުކޮށްފިކަން ޔަގީންވުމާއިއެކު ސޯޝަލްމީޑިއާ އުތުރިއަރައިގަތެވެ. އަހުމަދު އިމާދުއްދީންގެ ރަނިންމޭޓަކަށް ހޮވީ އަމްރާން އަބްދުލްއަޒީޒުކަމުގައި ވުމުން އޭނަ ނާއިބު ރައީސްކަމަށް ހޮވުނީއެވެ. ލައްކައިން އޭނަގެ އެފްބީއަށް މެސެޖާއި ލައިކްތައް އަންނާން ނެގީ ކުޑަ ވަގުތުކޮޅެކެވެ. އަމްރާންގެ އެކުވެރިން އޭނަގެ ގައިގާ ބައްދާލާފައި މަރުހަބާ ކިޔަންފެށިއެވެ.

"ކާޒް. އަވަހަށް ރާއްޖެ ދާން ޓިކެޓް ނަގަންވީ ދޯ. ކާޒްއަށް މިނިސްޓަރުކަން ނަމަވެސް ލިބޭނެކަން ޔަގީން......." އަމްރާން ކާޒިމްއަށް ބަލައިލަމުން އެއް ލޯ މަރައިލިއެވެ.

"ރާއްޖެ އެހެންދިމާލަކަށް ދާން ފުރަތަމަ ފިޔަވަޅު މި އެޅުނީ. ސަޕްރައިޒްތައް އަދި އޮތީނު ހެހެ. އަދި ކިރިޔާ ހެޔޮވެރިކަން ކުރާނެބަޔަކު މި އުފަންވީ.........." ކާޒިމްގެ ތުންފަތްމައްޗަށް މާނަވީ ހިނިތުންވުމެއްވެރިވިއެވެ.

"ޓްރޫ ޑިމޮކްރެސީ ރާއްޖެ ގެންނަން ކިހާ ގިނަ މަސައްކަތެއް ކުރެވިއްޖެ. ފައިނަލީ ކާމިޔާބު އަރާ ހަމަކުރީ. ރައްޔިތުންގެ ވެރިކަންއަދި މިނިވަންކަމާއި އިންސާފު ގާއިމުކޮށްދޭނެ ސަރުކާރެއް އައުމަށްފަހު ސްވިޒަލޭންޑްފަދަ ތަނަކަށް ރާއްޖެ ހަދާނަން............" އަމްރާން ސޯފާއަށް ލެނގިލައިގެން އިންއިރު މޫނުމަތިން ހަރުދަނާކަމާއިއެކު ލީޑަރެއްގައި ހުންނަންވާ ހުރިހާސިފަތަކެއް ފެންނާން ހުއްޓެވެ.

ކާޒިމް އެއްލޯ މަރައިލިއެވެ.

އަމްރާންއާއި ދާދި އެއް އުމުރެއްގެ ކާޒިމްގެ މައިންބަފައިން ދިވެހިންކަމުގައި ވިޔަސް އޭނައަށް ލިބިފައިވާ ސިފަތަކުން ރާއްޖޭ ޒުވާނެއްހެނެއް ހިޔެއްނުވެއެވެ. އިސްކޮޅުގައި ހަފޫޓު ދެ އިންޗި ހުރުމާއިއެކު އިސްތަށިގަނޑާއި ލޮލުގައި މުށިކުލަ ހުރުމުން އަޅައިގަންނަގޮތެއް ހުރެއެވެ. މި އިންތިޚާބަށް އަމްރާންއެކޭ އެއްފަދައިން ކާޒިމްވެސް ހޭދަކުރިވަރު ކުޑައެއްނޫނެވެ. ސަރުކާރުގެ އިސް މަގާމެއް ކާޒިމް ކިތަންމެހާވެސް ބޭނުމެވެ. ކާޒިމްއާއި އަމްރާން ކިތަންމެ ގާތް އެކުވެރިންގެ ގޮތުގައި ތިބިނަމަވެސް ކާޒިމްގެ ސިއްރުވެރި ފަރާތެއްވާކަން އަމްރާން ދަނެއެވެ. އެހެން އެކުވެރިންނާއި ބަލާއިރު ތަންކޮޅެއް ބަސްމަދުވެފައި ސީރިޔަސްގޮތެއް ހުރެއެވެ. އެހެން މީހުންނާއި ޚިލާފަށް ގަވާއިދުން ނަމާދަށް ދާކަން އަމްރާންއަށް ފާހަގަކުރެވެއެވެ. ކޮންމެ ދީނެއްގެ ކޮންމެ މީހަކަށްވިޔަސް އަމްރާންގެ ފަރުވާލެއްނެތެވެ. އެންމެ ގާތް އެކުވެރިންތެރޭ ކްރިސްޓިއަނުންނާއި ޔަހޫދީންވެސް އުޅެއެވެ. ހުރިހާ ގައުމެއްގެ ހުރިހާ ދީނެއްގެ މީހުންނާއިވެސް އަމްރާން ގުޅުން ބާއްވާނެއެވެ. އިޒްރޭލަށްވިޔަސް ހެވެވެ. އަވަށްޓެރި ގައުމުތަކަށްވުރެވެސް އެމީހުން ގުޅުން ބަދަހިކުރަން ބޭނުންވަނީ އެމެރިކާ އަދި ޔޫރަޕާއެވެ. އެއީ އަހުމަދު އިމާދުއްދީންގެވެސް ފިކުރެވެ. އޭނަގެ ޕާޓީއަށް ލާދީނީ ކިޔާ އުޅޭ ސަބަބަކީވެސް އެއީއެވެ.

އަމްރާންގެ ޑްރައިވަރު ގޯތިތެރެއަށް ކާރު މަޑުކޮށްލުމާއިއެކު އޭނަ ފޭބިއެވެ. ކަޅުކުލައިގެ ސޫޓާއިއެކު އަވިއައިނެއް ޖަހާލައިގެން ހުރިއިރު ސްމާޓްކަމަށް ދައްކައެވެ. ހަފޫޓު ހަތަރު އިންޗީގެ އިސްކޮޅާއިއެކު ލިބިފައިވާ ކަސްރަތީ ހަށިގަނޑުގެ ސަބަބުން ސޫޓު ލާފައި ހުރިއިރުވެސް ހަށިގަނޑުގެ ފުރިހަމަކަން ވަނީ ހާމައަށެވެ. ލިބިފައިވާ ކޮންމެ ސިފައެއް ފިރިހެންވަންތަކަމާއި ރީތިކަން އެކުވެ އަންހެންކުދިންގެ ހިތްތަކަށް ތަދުކުރުވާފަދަ ގޮތެއް ހުރެއެވެ. ބޮޑީގާޑުން ދެފަރާތުގައެވެ.

"އޯޓަމް ބްލޭޒް"ގޭގެ މައިދޮރު ހުޅުވާލާފައި އަމްރާން ގޭތެރެއަށް ވަނުމާއިއެކު ފޯނު ކޯލެއް އައިސްގެން ހެޑްސެޓް އަޅާލުމަށްފަހު އިށީދެލީ ކައުޗްގައެވެ. ސިޓިންރޫމްގެ ތަޅުންމަތީގައިވާ މާބްލްގެ އޮފްގަދަކަމުން މޫނުވެސް ފެންނަފަދައެވެ. އެހާ ވިދައެވެ. ފްރެންޗް ސްޓައިލަށްވާ ކުޑަދޮރުތަކުގައި ދަމާފައިވާ ރަންކުލައިގެ ފަރުދާތަކުގެ ތިރީ ބައި ހުދު މާބްލްތަކާއި މައްލަވަކޮށްލާއިރު ލޯތަކަށް އަރާމުވާހާ ފުރިހަމައެވެ. ފާރުގައި ވާ ކުރެހުންތަކާއިއެކު ލެދާ ފަރުނީޗަރު ސެޓު އަދި ޗާންދަލިޔާތަކައި ބިތުގައި ހަރުކޮށްފައިވާ ޑިޒައިނާ ބޮކިތައްވެސް ތަނުގެ ހައިބަވަންތަކަން އެތައް ގުނަ އިތުރުކޮށްދެއެވެ. އޭސީގެ ފިނިކަމާއިއެކު ހިތްފުރޭފަދަ ލުއިވަހެއް ތަނުގައި ހިފާލާފައިވިއެވެ.

ފޯނަށް ގެއްލިފައި އިންދާ ފަހަތުން އައިސް ކޮންމެވެސް މީހަކު މަޑުމަޑުން ބައްދާލައިފިއެވެ. ފިނި އޮމާން އަތްތިލައިގެ ބީހިލުމުން އަމްރާންއަށް ވަގުތުން ކާކުކަން އެނގި އެދެއަތްތިލައިގާ ހިފަހައްޓާލާފައި ބޮސްދިނެވެ.

ކޮމެންޓް 0