ރެން އިންވައިޓް ކުރީ. އެގޭގައި އޮތް ގެޓް ޓުދެގާއަކަށް......" ކާޒިމް ފޯނު ބާއްވަމުން ހިނިތުންވެލިއެވެ.

"އަދިވެސް އެ ލާދީނީ ކަލޭގެ ނަމާދު ނުކުރޭތަ؟ "މިކާލް އަހައިލިއެވެ.

"މިކާ ވާހަކަދައްކާގޮތުން މަ ވެސް ބައެއްފަހަރު ބިރުން ފިތްކަނޑައިގެން ދޭ. ނަމާދުނުކުރާ މީހާވާނީ ކާފަރަކަށް. އެހެނޭ ކިޔާފައި އަހަރެމެންނަކަށް ނުކެރޭނެ މަރާލާކަށް...." ކާޒިމް ނުލަފާ ހިންޏެއް އައެވެ.

"އެހެންވެ އަހަރެމެން ކަހަލަ އެޖެންޓުން ގެންގުޅެން ޖެހެނީ. އައި ކެން ކިލް. ރެބިޓެއް މަރައިލިހެން މަރާލަން ކެރިދާނެ. ޖަސްޓް ސޭ ދަ ވޯޑް ކާޒް....................................." މިކާލް އެއް ބުމަ އަރުވައިލިއެވެ. " މިހެންބުނާއިރުވެސް އޭނަ މުރުތައްދަކަށްވާއިރުވެސް މިވަރުން ހިމާޔަތްކޮށް އޭނަގެ ސިކިއުރިޓީ ވަރުގަދަކުރަން ބުނެވެނީ ހަމަ އަހަރެންވެސް ހުރި ބަލިކަށިކަމުން. އަންހެންކުއްޖެއްގެ އުފަލަކަށްޓަކާވެސް ދީން ގުރުބާންކުރާކަށް ނުވާނެ ދޯ ކާޒް. ވައި އޭމް އައިމް ޑުއިން ދިސް. އައި ކާންޓް ހާމް ދެޓް މޭން. ހުވަފެނެއްގަވެސް..."

"ފަސްޓްލޭޑީގެ ސަބަބުން ނޫންނަމަ މިކާގެ ޖިހާދު މާ ފުރިހަމަވާނެކަމާއިމެދު ޝައްކެއްނެތް. އެކަމަކު އަންހެނުންނަކީ ބައެއްފަހަރު ބާރުގަދަ ރަސްކަލުންގެ ބަލިކަށިކަން ކަމުގައި ވެގެން ހިގައިދޭ. މިކާ އަލުން އޭނައާއި ނުގުޅެން އަޒުމް ކަނޑައަޅައިގެން ރާއްޖެ އެނބުރިއައި ކަމަށްވަންޏާ މިޝަންތަކަށް ކޮންސެންޓްރޭޓްކުރޭ. ޔޫ އާ އެ ގްރޭޓް ފައިޓާ. ހަޔާތީގެ ސަބަބުން ބަލިކަށިނުވޭ.. އެއީ އެންމެ ގާތް އެކުވެރިއެއްގެ ހައިސިއްޔަތުން ދެވޭނެ އެޑްވައިސްއަކީ.................." ކާޒިމް ވިސްނައިދިނެވެ. މިކާލް ދެއަތްތިލަ މަހާލުމަށްފަހު އަތުގެ ތެރޭ މޫނު ފޮރުވައިގެން ޚިޔާލަކަށް ގެއްލިފައި އިރުކޮޅެއްވާންދެން އިނެވެ.

ގުރުއާން މުބާރަތަށްޓަކާ ހޯލްތެރެ ތައްޔާރުކޮށްފައިވާލެއް ނިކަން ފުރިހަމައެވެ. އެކި އުމުރުގެ ކުޑަކުދިންތައް ބަސްއަހައިގެން ގޮނޑިތަކުގައި އިށީދެލައިގެންތިބީ އެކުދިންގެ މައިންބަފައިންގެ ގާތުގައެވެ. ލާވީ އަމްރާން އަބުދުލްއަޒީޒު ސްޓޭޖަށް އަރާފައި ހީލިއެވެ. ކޯތާފަތަށް އެޅުނު އަޑިކޮޅު އެތައް ބަޔެއްގެ ހިތްތައް އަތުލިއެވެ. އެންމެންގެ ވެރިޔާގެ ދަރިފުޅުކަމުން ލާވީ އެއުމުރުގައިވެސް މަޝްހޫރެވެ. އެއީ އެންމެންގެ ކުޑަ ކުޑަ ޕްރިންސްއެވެ. ރަގަޅު އަޚުލާގެއް ލިބިފައިވާ ބަސްއަހާ ކިޔަމަންތެރި ކުއްޖެކެވެ. ލާވީ އައޫޒުބިސްމި ކިޔެވުމަށްފަހު ކިޔަވަންފެށުމުން ހޯލްތެރެ ކުރިއަށްވުރެ ހިމޭންވިއެވެ. އެއަޑުގެ ޖާދޫގައި އެންމެން ޖެހުނެވެ. ލާވީ ޚަތިމަށް ބަލައިގެން ހުރެ ކިޔެވީ ފުރުގާން ސޫރަތުގެ އާޔަތްތަކެވެ. އެރާގާއި އަޑުގެ ސަބަބުން އެންމެންގެ ހިތްތަކާއި ކުޅެލާފައި ލާވީ ސްޓޭޖްން ފޭބިއިރު ހަޔާތީގެ ލޮލުން އުފާވެރިކަމުގެ ކަރުނައައެވެ.

"ޔޫ ވާ ގްރޭޓް ދަރިފުޅު މާޝާﷲ." އަމްރާން އަތުތެރޭ ލާވީ ބޮނޑިކޮށްލަމުން ނިތްކުރިއާއި ބޮލުގައި ބޮސްދިނެވެ. ހަޔާތީވެސް ދަރިފުޅުގެ މޫނަށް ދޮންދިނެވެ.

ލާވީއަށް މުބާރާތުގެ ބަލައިން ކިޔެވުމުގެ ގޮފިން އެއްވަނަ ލިބުނެވެ. ހައްގު ވަނައެއްކަމަށް އެންމެން ގަބޫލުކުރިއެވެ. އެއްވެސް ނުފޫޒެއްނެތަސް ލާވީގެ ކިޔެވުން ހަމަ ފުރިހަމައީއެވެ. އެއީ ނޫސްތަކުގެ އެންމެ ހޫނު ޚަބަރުކަމުގައިވިއެވެ.

ރައީސްގެ ކުޑަކުޑަ ދަރިފުޅު ދީނަށް ލޯބިޖައްސާފައިވާ ވަރު ގުރުއާން މުބާރާތުން ފެނުމުން ކޮންމެ ދިވެއްސަކަށް ސިހުމާއިއެކު އުފާވެރިކަން ލިބުނެވެ. އަމިއްލަދަރިއަކަށް ކާމިޔާބުވިޔަސް މީހުންނަށް ނުލިބޭނެހާ އުފާ ލިބުނެވެ. އެންމެން ލޯބިވާ ރައީސްގެ ދަރިފުޅަށް ގުރުއާން މުބާރާތުން ވަނައެއް ލިބުނުކަމީ ހަމަ އަމްރާންގެ ދީންވެރިކަމެވެ. އެއްވެސް މީހަކަށް އޭނަ ދީނަށް ލޯބިކުރާވަރު ހާމަނުކުރިޔަސް ގައުމުން ފެންނަ ކުލަވަރު އޭނަގެ އަމިއްލަ ދިރިއުޅުމުންވެސް ދައްކުވާދީފިއެވެ. ލާވީ ކުޑައިރު ތަރިއަކަށްވެއްޖެއެވެ. އެންމެންގެ ހިތްތައް ގުރުބާންވާވަރުކުރިއެވެ. ނޫސްތަކުގައި އެ ކުޑަ ޝާހީ އާއިލާއަށް ތައުރީފުކޮށްފައި ހުރީ އިންސާނަކަށް އަނެއް އިންސާނަކަށް ތައުރީފުކުރެވޭނެ އެންމެ މައްޗަށެވެ. ހަޔާތީ ފަސްޓްލޭޑީގެ ގޮތުގައި ހިންގާ ޕޭޖާއި ދީނީ ޗެނެލް އެޗްއެމްގެ ސަބަބުން އެތައް ބަޔަކަށް ހިދާޔަތް ލިބި ޒުވާނުންގެ އުޅުން އިސްލާހުވެ މިސްކިތްތަކަށް ވަންނަ މީހުން ނިސްބަތުން ގިނަވެ ދީނީ ކަންތައްތަކަށް އިސްކަންދޭ ކަމުގައި އޮތެވެ. ލާދީނީ މީހުންގެ އަޑު މުޅިންހެން ކެނޑިއްޖެއެވެ. އިސްލާމްދީންގެ ނޫރު ނިވާލަން އަޅުތަކުން ކިތަންމެ މަސައްކަތްކުރިޔަސް އެއީ ވާނެކަމެއްނޫނެވެ. ކައުނާއި އޭގައިވާހާ އެއްޗަކީ މާތްﷲ ހައްދަވާފައިވާ ތަކެއްޗެވެ. ހުރިހާ އިންސާނުންނަކީ ޚާލިގުވަންތަ ކަލަކުގެ ނިކަމެތި އަޅުންނެވެ. އެކަން ހަނދާން ނައްތާލާފައި ބޮޑާވެގަތުމުން ނިކަމެތިކަން ލިބޭނެ ދުވަހެއް ވާނެކަން ހަދާންކޮށް ނަފުސް އިސްލާހުކުރުމަކީ ބުއްދިވެރިންގެ ސިފައެކެވެ. އަމްރާންއަށްވެސް އެހާ ބޮޑު ބަދަލެއް އައީ ވަށައިގެންވާ ކުޅަދުންވަންތަކަމައިމެދު ވިސްނާ ފިކުރުކޮށްގެންނެވެ. ކޮންމެ އެއްޗަކުން ކުޅަދުންވަންތަކަން ފެންނާން ފެށުމުންނެވެ.

އައުރާފް ސޫރަތުގެ ސާޅީސްތިންވަނަ އާޔަތުގައިވާ ވަހީގެ ބަސްފުޅު ރައްދުވާ މީހުންގެތެރޭ އަމްރާން ލެއްވުމަށް އެދި އޭނަ ދުޢާކުރިއެވެ.

 

ގޭގައި ނަމާދުކުރުމަށްވުރެ ފިރިހެނުންނަށް މާތްކަން ބޮޑީ މިސްކިތުގައި ނަމާދުކުރީމައެވެ.

ރައީސް އަމްރާން މިސްކިތަށް ދާންފެށުމުން އިދިކޮޅު ނޫސްތަކުގައި އެކަން ފާހަގަކޮށް ލިޔުންތައް ލިޔަންފެށިއެވެ. "ޕްރެޒިޑެންޓް މިސްކިތަށް ވަޑައިގަންނަވަން ފެއްޓެވީ އިންތިޚާބާއި ކައިރިވީމަތޯ؟ މިހުރިހާދުވަހު ރައްޔިތުންނާއިއެކު ފެނިފައިނުވާ ރައީސް އަމްރާން އަބްދުލްއަޒީޒު އާދައިގެ ޓީޝާޓާއި ޖިންސްގައި ރައްޔިތުންނާއިއެކު ބީޗް ސާފުކުރުމުގެ ހަރަކާތެއްގައި ފެނުމަކީ "ވަންސް އިން އެ ބްލޫމޫން" ވާ ކަމެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. އަވިއައިނު އަޅައިގެން އަގުބޮޑު ގަޑިއާއި ސޫޓާއިއެކު ރަސްމީ އިއްޒަތުގައި ފެންނަ ބޭފުޅާއަށް މިފަދަ ބަދަލެއްއައުމުގެ ފަހަތުގައިވަނީ ރައްޔިތުންނަށް އަޅާފައިވާ ފިޔަވަޅުގެ ސަބަބުން އިގުތިސާދު ހުއްޓުމަކަށް އައިސް މުޒާހަރާއަށް ނުކުމެދާނެތީ ބާވައޭ ކިޔާ ސުވާލު އުފައްދާފައިވިއެވެ. އަމްރާންއާއިވެސް ސުވާލުތައް ކުރިމަތިވިއެވެ. އަމްރާން ބުނަނީ އަބަދުވެސް ބޭނުންވަނީ ރައްޔިތުންނަށް އެންމެ ރަގަޅުގޮތްކަމަށެވެ. ހަމައެކަނި ދުނިޔެއާއިމެދު ވިސްނަން ނުޖެހޭނެކަމަށާއި ނަމަވެސް ދުނިޔޭގައި އުޅެންވާނީ ޒިންމާދާރު މީހުންގެ ގޮތުގައި ކަމަށާއި ރީތި އަބުރުވެރި ދިރިއުޅުމެއްގައި ކަމުގައި އަމްރާން ބުންޏެވެ. ވަޒީފާގެ ތަނަވަސްކަމާއިއެކު ޑްރަގްބޭނުންކުރި ޒުވާނުންނާއި ގޭންގުތަކުގެ ޒުވާނުންވެސް ވަޒީފާތަކުގައި ޒިންމާދާރުކޮށް އުޅޭތަން ފެނުމުން އުފާވާކަމުގައި އަމްރާން ބުނެލިއެވެ.

ހަގީގަތުގައި އެއްވެސް ރައީސަކު ނުގެނެސްދޭހާ އުފާވެރި މުޖުތަމައެއް މިއަދު އެބައޮތެވެ.

މިފަހަރު އިންތިޚާބުވެސް ފޯރިގަދައެވެ. ނަތީޖާ ލިބުނީ ހީކުރިގޮތަށެވެ. ހަތްދިހަ ޕަސެންޓްގެ ވޯޓާއިއެކު އަމްރާން އަބުދުލްއަޒީޒު ދެވަނަ ދައުރަކަށް އިންތިޚާބުވިއެވެ. އޮޅުވާލުމެއްނެތް އިންސާފުވެރި އިންތިޚާބެކެވެ. މައްސަލަ ޖެއްސި އެންމެ މީހެއްވެސް ނެތެވެ. އެހާވެސް ދެފުށްފެންނަ އިންތިޚާބެކެވެ.

މާރިޗް މަހުގެ ފަހުކޮޅެވެ. އަމްރާން ހަޔާތީއައި ދަރިފުޅުގޮވައިގެން އެމެރިކާގައި ކުރު ޗުއްޓީއެއް ހޭދަކޮށްލަން ގަސްތުކުރިއެވެ. އެމީހުން ދިރިއުޅޭގޭގެ ވަށައިގެން ވާ ބަގީޗާގެ ގަސްތައް އުސްވެފައި ހިޔާ ފެތުރިފައިވާއިރު ފިނިވައިރޯޅިތަކުގައިވާ ލުއި ނަނާގެ އަޑާއެކު އިވެނީ ހާލިތަކުގައިވާ ދޫނިތައް ލަވަކިޔާއަޑެވެ. މާހައުލުގައި ހިފާފައިވަނީ ގަސްތަކުގައި ބަރާވެފައިވަ ކުލަކުލައިގެ މާމެލާމެލީގެ ހުވަދުވަހެވެ. ފެހި ދޫލައެއްހެން ފެތުރިފައިވާ ބޯ ވިނަގަނޑުވެސް ނިމުމެއްނެތެވެ. މި ހިތްގައިމު މާހައުލުންވެސް ހަދާންވަނީ ކުޅަދުންވަންތަކަމެވެ. ކޮންމެ ފަތެއްވެސް ހަދާންކޮށްދެނީ އިހާލެއްވާކަމެވެ. އަމްރާންއާއި ހަޔާތީ އަތުގުޅުވާލައިގެން ހިގާލާއިރު ލާވީ ދުވެދުވެފައި އުޅެއެވެ.

ލާވީ ނިދުމުން ހަޔާތީ އަމްރާން ގަނެދިން ފިޔާތޮށިކުލައިގެ ނިދާހެދުން ނެގިއެވެ. ފަށުވިކޮޅެއްފަދައިން އަތުތެރޭ ލެވޭ ހެދުން ލުމުން އަރާމުކަމުން އެއްޗެއްނުލާ ހުރިފަދައެވެ. އެހާ މަޑު ފޮތިކޮޅަކުން ފަހާފައިވާ ހެދުމެވެ. ވާކޮޅެއް ލާފައިވާ ހެދުން ކުރުކަމުން ފައިގެ ފަލަމަސްގަނޑުގެ މެދަކާ ހަމަޔަށް އަރައެވެ. ބުރަކަށިވެސް އޮތީ ހާމައަށެވެ. ވާކޮޅުތަކުން ތިރިއާއި ގުޅާލަދީފައިވެއެވެ. ރީތިވެލައިގެން ކާކޮޓަރިއަށްގޮސް ރޭގަނޑު ކާން މޭޒުމަތި ތައްޔާރުކުރިއެވެ. އުއްބައްތިތައް ޖެހިއެވެ. ކުރިމަތީގައި ހުރި ފުޅާދޮރުތަކުން ގަސްތަކާއި ވިނަގަނޑު ފެންނާން އޮތްއިރު ނިކަން ހިތްގައިމެވެ. އަމްރާން ކާކޮޓަރިއަށް ވަދެފައި ހުއްޓުންއެރިއެވެ.

"މައި ބިއުޓިފުލް ވައިފް....." އަމްރާންގެ ޖުމްލައިން "މިކާ" ގެ ނަން ހިތުގައި ފްލޭޝްވެލާފައިދިޔަހެން ހީވިއެވެ. ސިކުންތުކޮޅަކަށްނަމަވެސް އޭނަގެ ހިތަށް މިކާލް ވެރިވެފައި ހަމަ އެހާ ހަލުވިކޮށް އެދިޔައީއެވެ. އޭރު މިކާލް އާއްމުކޮށް ބުނެލާ ލަފުޒުތަކެކެވެ.

"އައި ތިންކް އައި ވިލް އީޓް ޔޫ ފޯ ޑިނާ...." އަމްރާން އަތް ފޯރުވާލާފައި ހަޔާތީގެ މޫނުގައި އިނގިލިތައް ބީއްސައިލިއެވެ. ހަޔާތީ ތެދުވެގެން އައިސް އަމްރާންގެ ފައިމަތީ އިށީދެލިއެވެ. އަދި ސެލްފީ ތަކެއްނެގިއެވެ. އެއަށްފަހު އަމްރާންގެ މޫނާއި މޫނު ޖައްސާ ބާރުކޮށްލަމުން ދެލޯ މަރައިލީ ހިތަށް ލިބުނު އުފަލަކާއި ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނެވެ. އެދެމީހުން އެއްކޮށް އެތައް އަހަރެއް ފާއިތުވީއިރު ކޮންމެ ރެއަކު ހަޔާތީ މިގޮތަށް ރީތި ހެދުމެއްލައިގެން އަމްރާންއަށްޓަކާ ތައްޔާރުވެއެވެ. މީރުވަސް ދުވާ މަލެއްފަދައިން އަމްރާންއަށްޓަކާ ދައުވަތުދެނީ ފޫހިވުމެއްނެތި އާކައިވެނީގެ ފުރަތަމަ ރޭފަދައިންނެވެ. ކޮންމެ ދުވާލެއް ރެއެއް ޚާއްސަކޮށްލަމުންނެވެ. ފިރިމީހާއަށްޓަކާ އެގޮތަށް ޒީނަތްތެރިވެގެން ރީތިވެގެން އުޅެންޏާ ފިރިމީހާ ފޫހިނުވާނެކަމަށް އޭނަވެސް ގަބޫލުކުރެއެވެ.

"ވަރަށް ލޯބިވޭ.....ލައިކް ސެކްސްޓިލިއަން ޓައިމްސް.." ހަޔާތީ ބުނެލިއެވެ. އެންމެ ފުރަތަމަފަހަރު ޓްވިޓާތަންތަނުން އާ ލަފުޒެއްގެ ގޮތުގައި އެ އަދަދު ފެނުމުން ހަޔާތީގެ ހިތަށް އެރީ އެބަސް ނުލާ އެމެރިކާ މީހުންނަށް އަދަދެއްވެސް ނެހެދޭނެކަމުގައެވެ.

"މީޓޫ..ލައިކް މިލްނިލިއަން ފަހަރު...." އަމްރާން ހަޔާތީގެ ކަންފަތުގައި ތުންފަތްޖައްސައިލުމުން ހީކަރުވައިގެން ހަޔާތީ ގޮތެއްނެތެވެ. ދެން އެއީ ހިސާބުގެ އަދަދުތަކުން ހަޔާތީއަށްވެސް އެނގިފައިވާ އެންމެ ބޮޑު އަދަދުކަމަށްވާތީ އެއަށްވުރެ އިތުރަށް ބުނެވޭނެ އަދަދެއް ވިސްނުމަކަށް ނައުމުން ހީލާފައި އަމްރާންގެ ކޯތާފަތުގައި މަޑުމަޑުން ހިފައިލިއެވެ.

ފަނަރަވަރަކަށް މިނިޓްވަންދެން ލޯބިވާވަރު ލަފުޒުތަކާއި އަމަލުން ހާމަކުރުމަށްފަހު ހަޔާތީ އުލުން އަމްރާންގެ އަނގައިގާ އެތިކޮޅެއްލެއްވިއެވެ. އެއަށްފަހު ހަޔާތީ އަމިއްލައަށް ކެއެވެ. ދެމީހުން އެއްތަށްޓަކުން ކަމުން ދިޔައިރު އެހާ ލޯބިވެތި ނަޒަރުތަކާއި ބޮސްދިނުންތަކުގެ ތެރޭގައި ވަގުތު ދިޔަގޮތެއްނޭގި ކެއުން ނިންމާލާފައި ނިދަން ކޮޓަރިއަށްވަނެވެ. ދަންވަރު ދެމީހުން ތެދުވެ ދަމުނަމާދުކޮށްގެން ދެވަނަފަހަރަށް ނިދުމުގެ އަރާމުގެ ތެރެއަށް ގެނބުނެވެ. ހިމޭންކަމާއި އެކަނިވެރިކަމުގެ ސަބަބުން ފޮނި ނިންޖެއްގެ ތެރެއަށް ގެނބުނަސް ފަތިސްނަމާދަށް ގަޑި އެލާމްކޮށްގެން އެގަޑިއަށް ހޭލާ ނަމާދުކުރިއެވެ. އެމެރިކާއިން އަންނަމުން ޔޫކޭގައި މަޑުކޮށްލުމަށްފަހު އުމްރާގެ އަޅުކަމަށްފަހު މާލެ އައިއިރު އެއީ އެންމެ ފުރިހަމަ އެއް ދަތުރުކަމުގައި ހަޔާތީއަށްވިއެވެ.

މިކާލް ނޫހުގައި ހުރި އަމްރާންއާއި ހަޔާތީ އަދި ލާވީގެ ފޮޓޯތަކަށް ބަލަން އިނީ ޝައުގުވެރިކަމުގެ ނަޒަރަކުންނެވެ. ދީންވެރި އަންހެންކުއްޖެއްކަމާއިމެދު ޝައްކެއްނެތެވެ. އެކަމަކު އަދިވެސް ހަޔާތީގެ ފޮޓޯތަކަށް މަހުރަމުން ނޫން މީހުންނަށް ފެންނާނެހެން ޕޯސްޓްކުރެވި އެތައްބަޔަކަށް އެރީތިކަން ފެންނާނެތީ މިކާލްއަށް އުދަގޫވިއެވެ. ހަޔާތީ މޫނު ބުރުގާ އަޅާނެނަމައެވެ. އޭރުން ފަހަރެއްގައި އޭނައަށްވެސް މިގޮތަށް ސިއްރު ސިއްރުން ނަމަވެސް ބަލަން ނުލިބޭނެ ނޫންހެއްޔެވެ؟

މިކާލްގެ ހިތް ހަލާކުވިނަމަވެސް އޭނައަށް ހަޔާތީގެ ހިތަށް އަނިޔާއެއް ދޭކަށް ނުކެރޭނެއެވެ. އޭނަގެ ދުޢާއަކީ އަމްރާންއާއިއެކު ހަޔާތީއަށް ދެދުނިޔޭގެ ނަސީބާއި ބާއްޖަވެރިކަން ދެއްވުމެވެ. އަދި ޚާއްސަކޮށް ލާވީ ފެނުމުން ޚާއްސަ ކުލުނެއް އެކުއްޖާއާއި ދޭތެރޭ ޖެހި އަމިއްލަ ދަރިއެއްފަދައިން ދެކެވުނެވެ. ލާވީއަށް ދިގު އުމުރެއް ދެއްވުމަށް އެދި ދުޢާކުރެވުނެވެ. މިކާލް ނިތްކުރީގައި އަތް ބާއްވާލައިގެން ސީލިންއަށް ބަލަން އޮވެފައި ދެލޯ މަރައިލިއެވެ.

ކާޒިމްއާއި މިކާލް އޯޓަމްބްލޭޒަށް އެކީ އަންނާންފެށުމުން އެކަމާއި ހަޔާތީއަށް ކިތަންމެހާވެސް އުދަގޫވިއެވެ. ނަސީބަކުން އެހެން އަޔަސް އެމީހުން ތިބޭނީ ގޭގެ ފެންޑާގައެވެ. ނޫނީ ބަގީޗާތެރޭ ތިބެ ކޮފީ ބޯލައިގެން ހިނގައިދާނެއެވެ. އަލްޔާނާ އެ ދެޒުވާނުންނަށް ނިކަން ކަމޭހިތާނެއެވެ. އަމްރާންގެ އެކުވެރިންނަށް ވީތީއެވެ. އެޒުވާނުން އަންނައިރަށް މެއިޑުން ލައްވާ ކޮފީ ހަދުވާ މީރުކާއެއްޗެހިން މޭޒު ފުރައިލާނެއެވެ. އެވެސް ހިތްގައިމު ހަވީރެކެވެ. ކުރީރޭ ވާރޭ ވެހިފައި އޮތުމުން ގަސްތައް ދޮވެވި ވިނަގަނޑުމަތީ ކޮންމެވެސް ވަރަކަށް ޝަބްނަމްގެ ތިކިތައް ބަބުޅާއިރު އިރުގެ އަލިދޯދިތައް ވިނަތަކާއި ކުޅެލާ މަންޒަރުން ހިތްތަކަށް އުފާވެރިކަން ގެނުވަދޭނެއެވެ. ހަޔާތީ ސަޖަލްއާއިއެކު ބާޒާރުކޮށްލަން ދިޔުމުން އަމްރާން ލާވީއާއިއެކު ހައިޑް އެންޑް ސީކް ކުޅެން ބަގީޗާގައި އިރުކޮޅެއްވާންދެން އުޅުނެވެ. އެއަށްފަހު ބޮޑު އައިސްކްރީމް ބޯތަށްޓެއް ހިފައިގެންގޮސް ދެބަފައިން ކާން ޖައްސައިލީ ހިޔާއަޅާފައިވާ ބޮޑު ގަހެއްގެ ދަށުގައެވެ. ކަފަލޮލީ ކަންނެތްވެފައި އަވިކޮޅުގައި ހަތަރެސްފައި ދަމާލައިގެން އަރާމު ނިންޖެއްގައިއޮތެވެ.

"ކަމް އީޓް ދިސް ޑާލިން. ބިސްމި ކިޔާފައި އަނގަ ހުޅުވާ ދަރިފުޅާ............" އަމްރާން ސަމުސަލުން އައިސްކްރީމްކޮޅެއް ނަގާފައި ދިއްކޮށްލިއެވެ.

"ފަސްޓް ޑޭޑީ....." ލާވީ ސަމުސާ އަތުލާފައި އަމްރާންގެ އަނގައިގާ ލައްވާދިނެވެ. ތުންފަތުގައި ހުރި އައިސްކްރީމްކޮޅު އިނގިލިތަކުން ފޮހެލަދިނެވެ. އެ ލޯބިން ފުރިފައިވާ ހަރަކާތް އަމްރަންގެ ހިތާއި ކުޅެލިއެވެ. ތުއްތުކުދިން ވާ މައުސޫމް ލޯތްބަކީ އެންމެ ފުރިހަމަ އެއް ލޯތްބެވެ.

ކާޒިމްއާއި މިކާލް މަޑުމަޑުން ހިނގާލާފައި އައިސް އެހިސާބާއި އަރާ ހަމަވީއިރު އެ ފުރިހަމަ މަންޒަރުފެނުނެވެ. އަމްރާން ތެދުވެފައި އެމީހުންނާއި ސަލާމްކޮށްލިއެވެ. އެތައް އަހަރެއްފަހުން މިކާލްގެ އަތާއި އަމްރާންގެ އަތް އަދި ލޯ ގުޅިގެން ދިޔައިރު ކުރިން އޮންނަ ނަފްރަތު ޔަގީނުންވެސް އެލޯތަކަކުން ނުފެނުނެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ހިތްހެޔޮކޮށް މާފު ދީފައިވާފަދައެވެ. އަމްރާން އޭނަގެ ދަރިފުޅު ލާވީއަށްވެސް މިކާލް ތައާރަފުކޮށްދިނެވެ. "މިކާ ބޭބެ" ގެ ނަމުގައެވެ. ލާވީ ތުއްތުވިޔަސް މެހުމާންދާރީ އަދާކުރަން ވަރުހުރެއެވެ. ވަގުތުން ބޭނުންވީ ކާޒިމްއާއި މިކާލްއަށް އައިސްކްރީމް ގެނެސްދޭށެވެ. މެއިޑުން ކައިރީ ބުނަންވެގެންނޭ ކިޔާފައި ކުދި ފިޔަވަޅުތައް އަޅަމުން ހިނގައިގަތުމުން އަމްރަން ދަރިފުޅު އުރައިލިއެވެ.

"ދަރިފުޅު ކާޒްބެމެން ކައިރީ މަޑުކޮށްލާ. ޑެޑީ އަންނާނަން ކޮފީ ހިފައިގެން އިނގޭ....."

"ޑިޑް ޔޫ ޕްރޭ....." އަމްރާން ގެއަށް ވަންތަން ބަލަން ހުރެފައި ކާޒިމް ގުދުވެ ލާވީގެ މޫނުގައި ދެއަތުން ހިފަހައްޓައިލިއެވެ.

"ކިތައް ރަކުއަތް ކުރީ؟ " ކާޒިމް އެހިއެވެ.

"ފޯ......." ލާވީ ހަތަރު އިނގިލި ދައްކައިލަމުން ހިނިތުންވެލީ ކުދި ދަތްތައް ދައްކައިލަމުންނެވެ. އައިސްބްލޫ ޖިންސް ސޯޓަކާއި ޓީޝާޓެއްލައްވާފައި ހުރިއިރު ދިގުކޮށްލާފައިވާ އިސްތަށިގަނޑު މޫނަށް ފައިބައިގަތުމުން އިރުއިރުކޮޅާ ރަގަޅުކޮށްލާއިރު ތުންފަތުގައި ފަނޑު ހިނިތުންވުމެކެވެ. އެހާ އަލި މޫނެކެވެ. އަމްރާންގެ ކާބަންކޮޕީއެކޭ އެކުއްޖާ ތަފާތެއްނެތެވެ. މިކާލް އެމޫނުން ކިތަންމެ ވަރަކަށް ހަޔާތީ ހޯދަން މަސައްކަތްކުރިޔަސް ހަޔާތީގެ އެންމެ ސިފައެއްވެސް ނެތެވެ.

"ރޮބޮޓުން ހާދަ ގިނައޭ. މިއީ އާމީއެއްތަ؟ " މިކާލް އަހައިލިއެވެ.

"ޔަޕް. ޔޫ ކެން ޕްލޭ ވިތް މީ މިކާ ބޭބޭ....." ލާވީ މައުސޫމްކަމުން ފުރިގެންވާ ގޮތަކަށް ދައުވަތު ދިނެވެ.

"މިއީ ލާވީ އަމިއްލައަށް ހެދި ރޮބޮޓެއްތަ؟ "

"ނޮޕް.. ޑެޑީ ގެނެސްދެއްވީ.." ބައްޕަގެ ނަން ކިޔައިލިއިރު އެދެލޮލުގައިވި ވިދުވަރު ގަދަވިއެވެ.

"ބޮޑުވެގެން ލާވީ ކޮންކަމެއްކުރާނީ؟ ޕައިލެޓަކަށްތަ؟ ނޫނީ ސުޕަމޭންއަކަށް؟" މިކާލް ސުވާލުކޮށްލިއެވެ.

"ޕްރެޒިޑެންޓަކަށް އިންޝާﷲ......" ލާވީ ވިސްނާލާފައި ބުނެލިގޮތުން ކާޒިމްއާއި މިކާލްވެސް ހިނި އައެވެ.

"އެކަމަކު ހާދަ ބޯރިން ޖޮބްއެކޭ ލަވް..... ތިހާ ސްމާޓް ބޯއިއެއް ސައިންޓިސްޓަކަށްނު ވާންވީ....."

"އައި ލަވް މައި ޑޭޑް. ޑެޑީ ގެ ޖޮބްގައި ހުންނަން ބޭނުމީ. އެކަމަކު....އެއާފޯސް ޕައިލެޓަކަށްވާން އެންމެ ލައިކްވަނީ.............." ލާވީ މިކާލްއަށް ބަލައިލީ ރުހުމުގެ ނަޒަރަކުންނެވެ. މިކާލް ފެނުމާއިއެކު ލާވީއަށް މިކާލްއާއި ގަޔާވެވުނެވެ. މިކާލް އޭނައާއިއެކު ކުޅެން އިށީނުމުން ވަރަށް އުފާވިއެވެ. އޭނަގެ ބައްޕަހާ މިކާލް ރަގަޅޭވެސް ހިތަށް އެރިއެވެ. މިކާލް ގޮވައިގެން އޭނަ ގެ ކޮޓަރިއަށްގޮސް ހުރިހާ ރޮބޮޓްތައް ދެއްކިއެވެ. ފެވެރިޓް ކާޓޫނުތައް ދެއްކިއެވެ. ކިޔަން ގެންގުޅޭފޮތްތަކުގައި ރަސޫލުންގެ ވާހަކަތައް ހުއްޓެވެ. ފޮތްތައް ބަލައިލުމުން އަރަބިބަސް ކިޔަވައިދޭކަންވެސް މިކާލްއަށް އެނގުނެވެ. ލާވީ އިނގިރޭސިބަހުން ފަރިތަކަމާއިއެކު ވާހަކަދައްކައިލާއިރު ކޮންމެވެސް ވަރަކަށް އަރަބި ބަސް އެނގެއެވެ. މިކާލްގެވެސް އެންމެ ފެވެރިޓް ބަހަކީ އަރަބިބަހެވެ. އޭނަގެ މާމަގެ ބަހަކީ އެއީއެވެ. ލާވީ އާއްމުކޮށް ބަލާ ވީޑިއޯތަކުގެ ތެރޭގައި މަދަހައާއި ކުޑަކުދިން ކިޔަވާފައި ހުންނަ ގުރުއާންވެސް ހިމެނެއެވެ. ހަޔާތީ ދަރިފުޅު ތަރުބިއްޔަތު ކުރަމުން ދަނީ ދީނީގޮތުގައެވެ. ދެރައީ ކާޓޫން ދައްކާ އަދި ރޮބޮޓުތަކަށް ހިތްޖައްސާފައިވާތީއެވެ. ނަމަވެސް އެއުމުރުގައި އެވަރަށް އުޅުނަސް މައްސަލައަކީ ކޮބާހެއްޔެވެ. ލާވީއަކީ އަދި ކުޑަ ކުއްޖެކެވެ. ރޮބޮޓާއިހެދި އުޅެފައި ފޫހިވެދާނެއެވެ. އޭނަ ބޮޑުވަމުން އައިއިރު ފިލްމުތައް ބަލާ ލަވަ އަހަން ފޯރިފަށެއްހުއްޓެވެ. ހިދާޔަތް ލިބުމަށްފަހު އެފަދަ ދުންޔަވީ އުފާތަކާއި ވަކިވިޔަސް ރޫހާނީގޮތުން ލިބޭ ހިތްހަމަޖެހުން އެތައް ހާސްގުނައެއް ބޮޑެވެ.

އެދުވަސްފަހުން މިކާލްއާއި ލާވީގެ ގުޅުން ވަރުގަދަވިއެވެ. ލާވީ އެންމެ ރުހޭ "އަންކަލް" ގެ ލިސްޓަށް މިކާލްގެ ނަން އިތުރުވިއެވެ.

 

ހުކުރު ނަމާދަށްގޮސް މިސްކިތުގައި އިނދެ އަމްރާން ކަހަފު ސޫރަތް ކިޔެވިއިރު ގާތުގައި ލާވީވެސް އިނީ ކިޔަވާށެވެ. ބައްޕައާއެކު ކޮންމެ އިރެއްގައި ނަމާދަށް ދާން އިންތިޒާރުކުރާވަރަށް ލާވީ އެހެން ކަމަކާއި އިންތިޒާރު ކުރާކަމެއް ނޭގެއެވެ.

ލާވީގެ ރީތި ދެލޯ ވިދައިގަތީ އެންމެ ލޯބިވާ ބައްޕަ ގެއަށް ވަންނަން އައިތަން ފެނިފައެވެ. ފޯރިއާއި ޖޯޝާއިއެކު ލާވީގެ ކުޑަ ހިތްވެސް ތެޅިލިއެވެ. އޭނަގެ ބައްޕަގެ ދެއަތް ފުރަގަހަށް ލައިގެން ހުރިތަން ފެނި ލާވީއަށް ނޭވާ ހިފަހައްޓައިލެވުނެވެ. އެއީ އުފަންދުވަހުގެ ހަދިޔާއެއް ހެއްޔެވެ؟ އެއީ ކޯންޗެއްހެއްޔެވެ؟ ލާވީއަށް ހިމޭނުން އެއްތާކު ނުހުރެވުނެވެ. ކަރު ދަމަ ދަމާފައި ވައަތަށާއި ކަނައަތަށް ބަލައިގެންވެސް ފޮރުވައިގެން ހުރި އެއްޗެއް ފެންނާނެގޮތެއް ހަމަނުވިއެވެ. މަންމަ އޮންނަނީ ބޫޓުނުލާ ގެއިން ބޭރަށް ނުކުތުން މަނާކޮށްފައެވެ. އަދި މީހެއްގެ އެހީތެރިކަމާއި ނުލާ އަތް ފޯރާވަރަށްވުރެ ދޮރުގެ ތަޅުވެސް ހުރީ މަތީގައެވެ. ބޮޑުވާ އިނގިލިކުރި ޖައްސާލާފައި އެކުޑަ ކުޑަ މޫނު ދޮރުގެ ބިއްލޫރިގަނޑުގައި ޖައްސާ ބާރުކޮށްލިއެވެ.

"ޑެޑީ......." ލާވީގެ ހިނިތުންވުން ފުޅާވިއެވެ.

ސިކުންތުކޮޅެއްގެ ތެރޭ ހުރިހާކަމެއް ބަދަލުވެއްޖެއެވެ.

ހުސްކަމުގެ ތެރެއިން ދިރިއުޅުން ގެނެސް ކުރިމަތިކުރުވާ ކަންތައް ހިތަކަށްވެސް ނާރާނެއެވެ. ދެންވެގެން ދިޔަ ކަންތައް ކުރިމަތީގައި ރޯލްވެގެން ދިޔައީ ލަސްލަހުން ފިލްމެއްގެ މަންޒަރު ސްލޯ މޯޝަނަށް ލާފައި ހުރިފަދައިންނެވެ.

އަމްރާން ހިނގަހިނގާ ހުރެފައި ފިޔަވަޅުތައް ހުއްޓުނެވެ. އަމްރާންގެ ބުރަކަށްޓަށް ތޫނު ތަދެއް އިހުސާސްކުރެވުނެވެ.ކޮންމެވެސް މީހަކު ކަރުގައި ހިފާ ބާރުކޮށްލުމުން ވާފަދަ ގޮތަކަށް ނޭވާ ނުހިގާފަދަ ގޮތެއްވިއެވެ. ތަދާއި ވޭނުގެ އިހުސާސްގައި ވޭނާއެކު ކުކުރާލެވުނެވެ. މިވަނީ ކިހިނެއްހެއްޔެވެ؟

ހޫނުކޮށްހުރި ދިޔާއެއްޗެއް އަނގަޔަށް އަންނަހެން ހީވިއެވެ. ކެއްސާލުމުން ލޭ އައިގޮތަށް ވަށައިގެންވި މާބްލްތައް ލެއިން ފޭދިއްޖެއެވެ. އަތުތެރޭ އޮތް އިލެކްޓްރިކް ރޮބޮޓު އަތުން ދޫވެ ސޮއްސާލައިގެންގޮސް މާބްލްމަތީ ޖެހުނެވެ. އެހާ ދުރުން ޖަޕާނުން ގެނުވި ލިމިޓެޑް އެޑިޝަނެކެވެ. އޭނަގެ ފިރިހެންދަރިފުޅު ރޮބޮޓާއިހެދި ވާވަރު އެނގެނީ އޭނައަށެވެ. އެކުއްޖާ ހުންނަނީ ރޮބޮޓްދެކެ މޮޔަވެފައެވެ. މިހާރު އޭނަގެ ފެވެރިޓް ކާޓޫނަކީ އަޔަން ޖަޔަންޓްއެވެ.

އަމްރާންއަށް މަންޒަރުތައް ފުސްވަމުން ދިޔަ ނަމަވެސް ބިއްލޫރި ދޮރުގައި މޫނު ޖައްސާލައިގެން ބަލަން ހުރި އޭނަގެ ދަރިފުޅުގެ މައުސޫމް މޫނު ފެނުނެވެ. އެދަރިފުޅު އެހެރީ އޭނަގެ އިންތިޒާރުގައެވެ. ބައްދާލާފައި ދަރިފުޅަށް އުފަންދުވަހުގެ ހަދިޔާ ދޭނެތީއެވެ. އަމްރާންގެ ހިތަށް ތަދުވެ އަސަރުކުރިއެވެ. އެތުއްތު ދަރިފުޅަށްޓަކާ ހިތް ރުޔެވެ.

އަމްރާންގެ ހަށިގަނޑުން ވަރު ހުސްވެގެން ބިންމަތީގައި ޖެހުނުއިރު މިއީ ދަރިފުޅު ފެންނާނެ އެންމެ ފަހު ވަގުތުކަން އެނގުނެވެ. ހަޔާތުގެ ފަހުވަގުތުކޮޅުކަން ޔަގީންވިއެވެ. އޭނަގެ އެންމެފަހުގެ ނޭވާތައް ގުނަނީއެވެ. ހަށިގަނޑުން ހަކަތަ ހުސްވެ ގަނޑުފެންކޮޅަކަށް ވަމުން ދިޔައިރު ގަދަކަމުން ލޯ ހުޅުވާފައި ދަރިފުޅަށް ބަލައިލިއެވެ. ދަރިފުޅަށް އަދި ހަޔާތީ އަށް ގޮވަން ބޭނުންވިއެވެ. މަންމައާއި ބައްޕަވެސް ހަދާންވިއެވެ. ނަމަވެސް މިވަގުތު ހަދާންކުރަން ޖެހޭނީއެހެން ފަރާތެކެވެ. އަމްރާންގެ ނަޒަރު ހުއްޓުނީ އުދަރެހަށެވެ. ކުއްލިއަކަށް ފެނުނީ ދޮރު އަޑާއަށް ހުޅުވާލާފައި ހަޔާތީ ދުވަމުން އައިސް އަމްރާންގެ ކައިރިއަށް ކުޑަކަކޫމައްޗަށް ތިރިވިއެވެ. ވަށައިގެންއޮތީ ލޭގެ ކުދި ކޯރެކެވެ.

"ރެން......ރެން.." ހަޔާތީ އަމްރާންގެ ބޯ ނަގާ އުނގުގައި ބޭއްވިއެވެ. އަމްރާންގެ މޫނު ދަލުން ފެންވެރިފައިވާ އިރު ފެންނަލެއް ނިކަން ތާޒާއެވެ. ހަޔާތީ ރޫ ރޫ އަޅާ އިނގިލިތަކުން ނަމްވަރުތަކަށް ޑައިލްކުރިއެވެ. އަދި ވަރަށްއަވަހަށް އޯޓަމް ބްލޭޒަށް އެމްބިއުލެންސް ފޮނުވަން ބުނި ވަގުތު ހަޔާތީ ރޮމުން ދިޔައެވެ. އަމްރާން ވަރެއް ނެތް އަތް ނަގާފައި ހަޔާތީގެ ލޮލުގައިވާ ކަރުނަތައް ފޮހެލަދިނެވެ. އެންމެ ފަހު ވަގުތުވެސް ބޮލުގެ އިޝާރާތުންބުނީ ނުރުއިމަށެވެ. އަމްރާންހިނިތުންވެލާން މަސައްކަތްކުރިއެވެ. ނަމަވެސް އެރީތި ދެލޮލުން ކަރުނަ ތިއްކެއް ފައިބައިގެން ދިޔައެވެ. ބަރުވަމުން ދިޔަ ބޯ އެސްފިޔަތައް ހުޅުވާލާނެ ވަރެއްނެތެވެ.

"ރެން...ރެން ޕްލީޒް ލޯ ހުޅުވަބަލަ. ކިހިނެއް ތިވީ؟ " ހަޔާތީ މޮޔަވިފަދައެވެ. އަމްރާންގެ ގައިގާ ހިފާ ތަޅުވައިގަތެވެ. އަމްރާންގެ މުޅި ހަށިގަނޑުވެސް މޫނުވެސް އައިސްކިއުބްކޮޅެއްހާ ފިންޏެވެ. ހަޔާތީ އަމްރާންގެ ލޮލުގައި ހިފާ ހުޅުވަން އުޅުނެވެ. ކޯތާފަތުގައި މަޑުމަޑުން ޖަހާފައި ލޯ ހުޅުވަން އެދުނެވެ. ގޮވިއެވެ. އެމްބިއުލެންސްގެ ސައިރަންގެ އަޑާއިއެކު ދުވެފައި އައި ޕެރެމެޑިކް ޓީމް އަމްރާން ނަގާ ސްޓްރެޗާއަށް ލިއެވެ. އޮކްސިޖަން މާސްކުއެޅުވިއެވެ. ގާބުދެއްހެން ހަޔާތީ އެމްބިއުލެންސަށް އަރާ އަމްރާންގެ އަތުގައި ހިފަހައްޓާލައިގެން ރޯންވެސް ނޭގިފައި އިނެވެ. އޭރު ލާވީގެ މަތިންނެއްވެސް ހަޔާތީ ހަދާނެއް ނުވިއެވެ.

"ޔާ ﷲ ކީޕް ހިމް ސޭފް...."

ހަޔާތީ ދުޢާކުރަމުން ދިޔައީ ހިތުގެ ފުންމިނުންނެވެ.

 

ލާވީގެ ދެލޯ ބޮޑުވިއެވެ.

"ހައު ކެންޔޫ ފޯލް ޑެޑީ. ޔޫ އާ އެ ގްރޯންއަޕް...."

"ޔޫ ޑިޑިންޓް ޓައި ޔޯ ޝޫ ލޭސެސް ޑެޑީ......" އޭނަގެ ބޫޓުގެ ނާޑުވާއަށް އަރާފައި އެކުޑަ ފައިތިލަ ކިތަންމެ ފަހަރަކު އަރިއަޅާލިވިއްޔާއެވެ. ލާވީގެ ޅަ ސިކުނޑިއަށް ވިސްނުނީ ބައްޕަވެސް އޭނައެކޭ އެއްފަދައިން ނާޑުވާއަށް އަރާފައި ވެއްޓުނީކަމަށެވެ.

ލާވީ ހުރީ އޭނަގެ މަންމައާއި ބައްޕައަށް ވަގުތު ދީގެން ބަލާށެވެ. މަންމައާއި ބައްޕަ އެދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟ މަންމަ ރޮނީ ކީއްވެހެއްޔެވެ؟

އެވަގުތު ކައިރީގައި ހުރި ގަސްތަކެއްގެ ފުރަގަހުން ނުކުމެގެން އައި މާސްކު އެޅި މީހާ ލާވީއަށް ފެނުނެވެ. ލާވީ ވަގުތުން ފަހަތަށް ފިޔަވަޅުތައް އަޅަންފެށިއެވެ. އެއީ ކާކުހެއްޔެވެ؟ މާސްކު އެޅި މީހާ ގަސްތަކުގެ ތެރޭ ހުރެ ޑެޑީއަށް ކީއްކުރީހެއްޔެވެ؟ ކުއްލިއަކަށް މާސްކު އެޅިމީހާގެ ދެލޯ ލާވީއަށް ހުއްޓުނެވެ. އެމީހާއަށް ލާވީ ފެނުނުކަން ލާވީ ދެނެގަތެވެ. އެމީހާ ލާވީއައި ދިމާލަށް ދުއްވައިގަތެވެ. އޭނައަތުގައި އެއޮތީ ކޯންޗެއްހެއްޔެވެ؟ ބަޑިއެއްހެއްޔެވެ؟ ނުލަފާ މީހުންތައް ކާޓޫނުގައިވެސް ބަޑި ގެންގުޅެއެވެ.

"މިކާ ބޭބޭ..............." ހުރިހާ ތަނެއް އަނދިރިވުމުގެ ކުރިން މަޑުމަޑުން ލާވީއަށް ކިޔައިލެވުނެވެ.

ކޮމެންޓް 0