ދަރިފުޅާ ބައްޕައަށް މާފުކުރޭ....."

އަމްރާން އޭނަގެ ބައްޕަ އިން ފަޅިއަށް މޫނު އަނބުރައިލީ ބައްޕަ މާފަށް އެދޭކަމެއް ނޭނގި ހައިރާންކަމުން ފުރިގެންވީ ގޮތަކަށެވެ.

"ބައްޕަވަނީ ވަރަށް ބޮޑު ކުށެއްކޮށްފައި....." އަބުދުލްއަޒީޒު ނިތްކުރީގެ ދެފަރާތް މަސާޖުކޮށްލީ ބޮލުގައި ރިއްސާތީ އުޅޭފަދައަކުންނެވެ. "މަންމައާއި ދަރިފުޅާއި ދޭތެރޭ މައްސަލަޖެހި ދަރިފުޅު މަންމަދެކެ ނަފްރަތުކުރަންފެށީ ބައްޕަގެ ސަބަބުންނޭ މިހާ ދުވަސްކޮށްފައި ބުނުން ފަސޭހައެއްނޫން. އިންސާނާގެ އުމުރަކީ އެއްވެސް މީހަކަށް އެނގޭކަމެއްނޫން. މަންމަގެ ބޮލުގައި ޓިއުމަރެއް ހުރިކަން އެނގުނުއިރުއްސުރެ އެކަމާއި ނުވިސްނޭ އެންމެ ހިނދުކޮޅެއްވެސް ނުދޭ. ދަރިފުޅަށް ބައްޕަގެ ފޮރުވާފައިވާ މާޒީ ހާމަކުރުމަށް ދޫ ނުކުޅެދޭ. މިއަދު އެކަން އެގުމަށްފަހު ބައްޕައާއިމެދު ހިތުގައި ޝަކުވާ އުފެދޭނެކަން އެނގުނަސް އިތުރަށް އެކަން ފޮރުވައިގެން ހުންނަން ވެއްޖެއްޔާ ދަރިފުޅަށް އޮޅުވާލެވިފައިވާނީ. މިއަދުން ފެށިގެން ދަރިފުޅު އަނދިރީގެ ތެރޭގައި ބަހައްޓާކަށް ބޭނުމެއްނޫން. މަންމަ ބައްޕަ ދޫކޮށްފައި ސްވިސްމީހަކާއިއެކު ދިޔައީ އޭ ބުނެވުނީ ބައްޕަގެ ކުށް ފޮރުވަން. މަންމަ ވަރަށް ދުވަސްވާންދެން ކެތްކުރި. ފެށުނީއްސުރެން ބައްޕައަކީ.......ކުށްވެރިއެއް. ލައިކް އެ ޕްލޭ ބޯއި. މުއްސަދިކަން ދެއްވާފައި ހުރުމުން ރީތި ހުރިހާ އަންހެންކުދިންނެއްގެ ފަހަތުން ދުވެވުނީ. އަލްޔާނާއާއި ކައިވެނިކުރުމަށްފަހު ވެސް އެކަންތަކެއް ނުހުއްޓުނު. ކިތަންމެ ފަހަރު އަލްޔާނާ އާދޭސްކުރި. އެކަންތައް ހުއްޓާލަން އެދުނު ވަރަކަށް ބައްޕަ ރުޅިގަދަވެ އަންހެންކުދިން ގެއަށް ގެންނާންފެށީ. މަންމަގެ ކުރިމަތީގައި. މަންމަގެ ކަރުނަތަކުން އަސަރެއްނުކުރި. ހީކުރީ އެގޮތަށް ރޮއެ ރޮއެ މަންމަ ހުންނާނެކަމަށް. ބައްޕަ ދޫކޮށްފައި ދިޔުމުގެ ހިތްވަރެއް ނުހުންނާނެކަމަށް. އެކަމަކު އެއްރޭ ބައްޕަ އެއަށްވުރެ ބޮޑު ކުށެއްކުރީ. މަންމަގެ ކުށެއްނެތި މަންމަގެ ގައިގާ ޖެހީ. އެވަރުންވެސް ހިތަކަށް ނޭރި ގޮސްދާނެއޭ. ޖެހިގެން އައި ރޭ ނޯޓެއް ލިޔެފައި ޝީ ވޯޒް ގޯން..ފްރޮމް މައި ލައިފް................................" އަބުދުލްއަޒީޒު ފެންކަޅިވެފައިވާ ދެލޮލުން ވެއްޓުނު ކަރުނަތިކި އަތުގެ ތެރެއަށް ހިނދުނެވެ.

އަމްރާން އިނީ އަޖައިބުވެފައެވެ. އެވާހަކަތައް އަހަން އުދަގޫވެފައެވެ.

އޭނަ އެންމެ ލޯބިވި އެންމެ އިހުތިރާމްކޮށް ގަދަރުކުރީ އޭނަގެ ބައްޕައަށެވެ. އޭނަ ކައިރީގައި ބައްޕައަކީ މާތްކަމުގެ ދެވަނަ ނަމެވެ. އޯގާތެރިކަމުގެ ރަމްޒެކެވެ. މަންމަ ދޫކޮށްފައި ދިޔުމުން އަދިވެސް އިންތިޒާރުގައި އެހެން އަންހެނަކަށް ފުރުސަތު ނުދީ ޒުވާން އުމުރު ހުސްހަށިބައިކޮށް ހޭދަކުރީ ހަމަ މަންމައަށްޓަކައެވެ. އެ ބޭވަފާތެރި ކެހިވެރިޔާއަށްޓަކައެވެ. އެހެން މީހެއްގެ ލޯބީގެ އަވައިގާ ޖެހިގެން ބައްޕަގެ ކުށެއްނެތި ދިޔަ މަންމައަށްޓަކާ އޭނަގެ ހިތް ސާފެއްނޫނެވެ. އޭނަ ދުވަހަކު އެ މަންމައަށް މާފުނުކުރަން ނިންމިއެވެ. އަންހެނުންނަށް އިތުބާރު ނުކުރެވުމުގެ އަސްލަކީ އެމަންމައެވެ. ހަޔާތީއާއިމެދުވެސް ދުރުކަމެއް ބެހެއްޓެނީ އަންހެންކުދިންނަށްޓަކާ އެހިތުގައިވާ ކިލަބުކަމުގެ ސަބަބުންނެވެ. ބޭވަފާތެރި ނުބައި ބަޔެއްގެ ގޮތުގައި އޭނަގެ ހިތުގައި އޮތް ޔަގީންކަމެއްގެ ބޮޑުކަމުންނެވެ.

އަބުދުލްއަޒީޒުއަށް ދަރިފުޅާއި ހަތަރުކަޅިހަމަވީ ވަގުތުން އެލޮލުން ފެނުނު ހިތްހަލާކުވާފަދަ އަސަރުތަކުން ކަރުނަތައް ހިފެހެއްޓުމުގައި ނުކުޅެދުނެވެ. ބޮޑު ފިރިހެނަކަށްވެ ހުރި ހިތްވަރުގަދަ އަބުދުލްއަޒީޒުގެ ދެލޮލުން ކަރުނަ އޮހެންފެށީ މުޅިން ބަލިކަށިކޮށްލާފައެވެ.

"ކެން އައި.......ބީ. އެލޯން ފޯ ސަމްޓައިމް......" އަމްރާންއަށް ކޮޅަށް ތެދުވެވިއްޖެއެވެ. ބައްޕައަށް ހަމްދަރުދީވެ ކަރުނަތައް ފޮހެދޭނެހާ ހިތްވަރެއް އޭނަގެ ނެތެވެ.

އަބުދުލްއަޒީޒު އާއެކޭ ބުނުމުގެ ގޮތުން ކުރި އިޝާރާތަށްފަހު ހިނދުކޮޅަކަށްވެސް މަޑުކޮށްނުލާ އަމްރާންގެ ފިޔަވަޅުތައް އަވަސްވީ އެތަނުން ދުރަށް މާ ދުރަށް ދިޔުމަށެވެ. ހިތް ރޮމުން ދިޔައިރުވެސް ކެތްކުރިއެވެ. ކެތްކުރެވޭނެ އެންމެ މައްޗަކަށް ކެތްކުރިއެވެ. ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމަށްފަހު ކްލޯޒެޓާއި ދިމާލަށް ހިނގައިގަނެވުނެވެ. އެތަނުން އަލަމާރިއެއްގައި ހުރީ އޭނަގެ މަންމަ އޭނަގެ އުފަން ދުވަހު ފޮނުވާފައި ހުރި ހަދިޔާތަކާއި ކާޑުތަކެވެ. އެހުރިހާ އެއްޗެއް ހުރިގޮތަށް ބަހައްޓާފައެވެ. އަތްނުލައެވެ. އެކަމަކު އޭނަވެސް މަންމަގެ އުފަންދުވަސް މަތިން ހަދާން ނައްތައެއް ނުލައެވެ. އުފަންދުވަސް ހަދާންނައްތާލާނީ ކިހިނެއްހެއްޔެވެ؟ މަންމައާއި އޭނަގެ އުފަންދުވަހަކީ އެއް ދުވަހެވެ. އެދުވަހަށްޓަކާ އޭނަވެސް މަންމައަށް ހަދިޔާއެއް ތައްޔާރުކޮށްފައި ހަމަ އެ އަލަމާރިއަށް ލައެވެ. އެންމެފަހަށް ގަތީ ގަޑިއެކެވެ. މަންމަ ފޮނުވި ޕާރުސަލްތަކަށް ބަލަން ހުރެ ލޯ ތެމުނެވެ.

އަމްރާން ޑޮކްޓަރ ދާނިޝް އާއި ވާހަކަދައްކަން ދިޔައީ ދާނިޝް ރިޕޯޓްތައް ބަލާފައި އޭނައަށް ގުޅުމުންނެވެ. ފޯނުން ވާހަކަދެއްކުމަށްވުރެ އަމްރާންއާއި ބައްދަލުކޮށް ވާހަކަދައްކަން ބޭނުންވާކަމުގައި ދާނިޝް ބުނެލިއެވެ. ދާނިޝް ބުނިގޮތުން މަންމަގެ ސިކުނޑީގައި ޓިއުމަރެއް ހުރީ ފުދޭވަރަކަށް ބޮޑުވެ އެކަމުގެ ސަބަބުން ސިކުނޑީގެ ބައެއް މަސައްކަތަށް ހުރަސްއެޅިދާނެ ފަދަގޮތަކަށެވެ. އަވަހަށް އޮޕަރޭޝަން ކުރަން ދާނިޝް ލަފާދިނެވެ. އެމްއާރުއައި އިން ދައްކަނީ ކެންސަރު ކަމަކަށް ނޫނެވެ. ބެނައިން ޓިއުމަރެއްކަމުގައެވެ. އެކަމަކު ޓިއުމަރެއް އެފަދަ ނާޒުކު ގުނަވަނެއްގައި ހުރުމުން އިތުރު މައްސަލަތަކެއް ޖެހިދާނެއެވެ. އޮޕަރޭޝަނުގައިވެސް ސިކުނޑިއަށް ގެއްލުމެއް ވެދާނެކަމަށާއި ނަމަވެސް ދުޢާކުރަން ދާނިޝް އެދުނެވެ.

އަމްރާން އޭނަގެ ސިކިއުރިޓީއިން ގާތު ބުނީ މަންމައާއިއެކު އެކަނި ބައްދަލުކުރަން ބޭނުންވާ ކަމަށެވެ.

އަމްރާން ޕްރައިވެޓް ކޮޓަރިއަށް ވަންއިރު މަންމަ އިނީ ހޮސްޕިޓަލް ބަލިމީހުން ލާފަދަ ހުދު ގައުނެއް ލައިގެން ސޯފާސެޓުގައެވެ. ކުރިމަތީގައި ހުރި މޭޒުމަތީގައި މޭވާ ޓުކުރިއެއް ހުއްޓެވެ. އެތަނުން މެންޑަރިން އެއް ނަގައިގެން ތޮށި ނޮޅަން މަންމަ މަސައްކަތްކުރިއެވެ. އަމްރާން ފެނުމުން އޮރެންޖް ތަށިތެރޭ ބޭއްވިއެވެ. މާޔޫސްވެ ވަރުބަލިކަން ވެރިވެފައިވާ މޫނަށް އުފާވެރިކަން ފެތުރުނެވެ. ހިނިތުންވުން ދެލޮލާއި ހަމަޔަށް ފޯރިއެވެ.

"މަންމާ ކިހިނެއް؟ " އަމްރާން މަންމައަށް ގޮވައިލީ ގާތްކޮށެވެ. އެހެން ފަހަރާއި ތަފާތު މަޑުމައިތިރި އޯގާތެރިކަމެއް އެރާގުގައި ހުއްޓެވެ. މަންމައަށްޓަކާ އެހިތުގައި ފުރަތަމަ ފަހަރަށް އިހުސާސެއް ލެއްވިފަދައެވެ.

"ތެދުވުނީމަ ބޯ އަނބުރާގޮތްވޭ......"

"ދާނިޝްއާއި ވާހަކަދައްކާފައި މިއައީ. ހީޒް އޮޕްޓިމިސްޓިކް އެބައުޓް ސާޖަރީ. އޭނަ ވަރަށް ކޮންފިޑެންސާއިއެކު ބުނި ސާޖަރީ ކާމިޔާބުވާނެއޭ.. އެހެން އެއްވެސް މީހަކަށް ނުކުރެވޭވަރަށް އިތުބާރުކުރެވޭ. ދާނިޝް އެމެރިކާއަށް ފުރަން އުޅެނީ. އެމީހުންގެ ހޮސްޕިޓަލް ހާ ބެސްޓް ތަނެއް ނުވާނެ.........." އަމްރާން ކުޑަކޮށް ހިނިތުންވެލިއެވެ. މަންމަ އެހާ އުފާވިހެނެއް ހިޔެއްނުވެއެވެ. އޮޕަރޭޝަނެއްގެ ވާހަކަ އިވުމުން ހާސްވީފަދައެވެ. ތެދުވާން އުޅުނީ އޮށޯވެލަންވެގެންނެވެ. އެއާއިއެކު ކޮންމެވެސް ވަރަކަށް ބެލެންސްގެއްލޭ ފަދަ ގޮތެއްވުމާއިއެކު ކައިރީގައި ހުރި އަމްރާން ހިފަހައްޓަމުން މަންމައަށް ހިމާޔަތްދިނެވެ. އަދި ސޯފާގައި ރީތިކޮށް ބޭންދިއެވެ.

"ކެއަރފުލް މަންމާ......" އަމްރާންއަށް ބުނެވުނެވެ. އެއާއިއެކު މަންމަގެ ލޯ ފުރުނީ ޝުކުރުވެރިވުމުގެ ކަރުނައިންނެވެ. އަމްރާންގެ އިހުސާސްތައް ކޮންޓްރޯލް ނުކުރެވި ހުރިހާ ޖަޒުބާތްތަކެއް ކަރުނަތަކެއްގެ ސިފައިގާ އޮހިގަތީ އެވަގުތުއެވެ. އަމްރާންއަށް މަންމަގެ ގައިގާ ބައްދައިލެވުމާއިއެކު ކުޑަކުއްޖެއްފަދައިން ރޮވުނީއެވެ. މިހުރިހާ ދުވަހު މަންމައެއްގެ ލޯތްބަށް އެދި އެ ކުޑަހިތް ރުއިއިރު މަންމަވީ ދުރުގައެވެ. އެތައް ރޭ އެ މަންމަ މަތިން ހަދާންވެގެން އޭނަ ކަރުނަ އޮއްސިއިރު އެކަރުނަތައް ދެކުނު މީހެއް ނެތެވެ.

"މަންމާ. އައިމް ސޮރީ. އައިމް ސޯ ސޮރީ. އަޅުގަނޑަށް މާފުކޮށްދެއްވާ. ބައްޕަ ހުރިހާ ވާހަކަތަކެއް ކިޔާދެއްވައިފި. ކުށްވެރިއަކީ މަންމަ ނޫންކަން އެނގިއްޖެ. މަންމަ އެވަރުންވެސް ބައްޕަގެ ދިފާއުގައި އެވާހަކަތައް ސިއްރުކުރީ. ކީއްވެ؟ މަންމަ އެންމެފަހަރަކުވެސް ބުނިނަމަ. ޔޫ އާ ސޯ ސްޓްރޯންގް މަމް. ޝުޑް ހޭވް ޓޯލްޑް މީ ބިފޯ.....އެކަން ނޭގި ހުރެ އައި ޓްރީޓެޑް ޔޫ ބޭޑްލީ ................." އަމްރާން ރޮމުން މަންމަގެ އުނގުގައި ބޯ އެޅީ ކުޑައިރުވެސް އެމަންމަގެ އުނގުގައި ބޯ އަޅާފަދައިންނެވެ. އަލްޔާނާއަށްވެސް ކެތެއްނުކުރެވުނެވެ. ރޮމުން އަމްރާންގެ ބޮލުގައި އެތައްފަހަރު ބޮސްދެވުނެވެ. ލޯބިވާ ވާހަކަ ބުނެވުނެވެ.

"މަންމަ އެހެން ކަންތައްކުރީ ދަރިފުޅާއި ބައްޕަގެ އޮތް ލޯތްބާއި ގުޅުން ހަލާކުކޮށްނުލަން ވެގެން. މަންމައަކީ ސެލްފިޝްމީހެއްނޫން. ބައްޕަދެކެ މަންމަ ވަރަށް ލޯބިވި. ބައްޕައަތުން ދަރިފުޅު ފޭރިގެން ދާނެ ހިތްވަރެއް ނުލިބުނު. ދަރިފުޅު ބައްޕައާއިހެދި އުޅޭވަރު އެއީ މިސާލެއް. އެ ހުރިހާ ހަދާންތަކެއް ހިތުގެ އެންމެ ކަނުގައި ރައްކާކުރެވިފައި ވޭ."

"އެކަމަކު ކިހިނެއް ދެން ބައްޕައާއި ކުރިމަތިލާނީ. މިވަރުގެ ބޮޑު އޮޅުވާލުމެއް. އައި ޑިޒާވް ޓު ނޯ ދަ ޓްރުތް ސޫނާ...." އަމްރާން ބުނެލިއެވެ.

"ދަރިފުޅު. ކޮންމެ އިންސާނަކަށްވެސް ކުށެއްކުރެވިދާނެ. ބައްޕަ މިހާރު ޗޭންޖުވެދާނެ. ދަރިފުޅު ބައްޕައަށް މާފުކުރޭ. މާފުކުރުމަކީ ރީތި ސިފައެއް. ހިނިތުންވުމަކީވެސް ހަމަ އެހާ ރަގަޅު ސިފައެއް. އެކަންތައް ހަދާން ނައްތާނުލާ........" އަލްޔާނާ އަމްރާންގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ.

"އޯކޭ މަމް....."

" އައި ލަވް ޔޫ. އެންޑް އައިމް ސޯ ޕްރައުޑް އޮފް ޔޫ މައި ޑާލިން ސަން...." އަލްޔާނާ އަމްރާންގެ ނިތްކުރީގައި ބޮސްދިނެވެ. އަބުދުލްއަޒީޒު ހަގީގަތް ހާމަކޮށްދިނީތީ އޭނައަށްވެސް ހިތާހިތުން ޝުކުރުވެރިވިއެވެ.

އަމްރާން ކޮއްކޮމެންގެ ޚަބަރުވެސް މަންމަ ކައިރިން އޮޅުން ފިލުވިއެވެ. ސްވިސް ރައްޔިތުންނަށް ވެފައި އެކުދިންގެ ކިޔެވުމާއިގެން އަވަދިނެތި އުޅޭތީ އަދި ރާއްޖެއަށް ނާދެވެނީއެވެ. އޮޕަރޭޝަން ކުރާ ދުވަހަކަށް ކޮންމެ ގޮތެއް ހަދާފައިވެސް އެކުދިން އަންނާނެކަމުގެ ޔަގީންކަން ދީފައިވެއެވެ. މިހުރިހާ ދުވަހު އަމްރާންގެ ހިތުގައި އެކުދިންނަށްޓަކާ ހަސަދަވެރިކަމުގެ އޮއިވަރު ހިތުގައި ހިގާލިޔަސް ދެން އެ އިހުސާސްތަކަށް ޖާގައެއްނެތެވެ. އެއީ އޭނަގެ އާއިލާއެވެ. ކޮއްކޮމެންނެވެ. އެކުދިންނާއި އޭނަގެ ގުޅުން ހީނަރުވެފައި އޮތަސް މުސްތަގުބަލުގައި އެ ގުޅުން ބަދަހިވާނެއެވެ.

އަމްރާން އޭނަގެ ބައްޕައާއި ބައްދަލުކޮށްލަން ކޮޓަރިއަށް ވަނުމުން ފެނުނީ ހިތަށް އުދަގޫކުރުވަނިވި މަންޒަރެކެވެ. ބައްޕަ އޮތީ މޮޅިވެރިގޮތަކަށް އެނދުގައި އޮށޯވެލައިގެންނެވެ. މޭޒުމަތީގައި ކަޅުކޮފީއެކެވެ. އެނދުގެ މަގަތުގައި މާމަ އިށީދެލައިގެން ކޮންމެވެސް ވާހަކައެއްގައި އިނދެފައި އަމްރާން ފެނުމުން ތެދުވުނެވެ. އަމްރާން މާމަގެ ގައިގާ ބައްދައިލުމުން ނޭފަތުގައި ޖެހުނީ މާމަގެ ޚާއްސަވަހެވެ. މީރުވަސް ދުވާ އަގުބޮޑު އަތަރެއްގެ ލުއިވަހަކީ ކުޑައިރުއްސުރެ އޭނައަށް މާމަގެ ހަދާން އާކޮށްދޭ ވަހެކެވެ.

"އަމްރާން ދަރިފުޅާ. ބައްޕަގެ ހާލު ރަގަޅެއްނޫން......"

"ޑޭޑް. ވަޓް ހެޕެންޑް ޓު ޔޫ. ޑޮކްޓަރެއް ގެންނަންތޯ؟ އަޅުގަނޑު މިއައީ ހޮސްޕިޓަލަށް ގޮސްފައި. މަންމަގެ ސާޖަރީ އަވަހަށް ހަދަން ޖެހޭތީ އެކަމާއި ގުޅިގެން ލިޔުންތައް ތައްޔާރުކުރުވަން ވަގުތުނެގީ. އިފް އެނީ ތިންގް ހެޕެންސް ޓު ޔޫ އަޅުގަނޑަށް ވާނީ ކިހިނެއް.. ޔޫ އާ އޯލް އައި ހޭވް......." އަމްރާން ބައްޕަގެ އަތުގައި ހިފަހައްޓައިލަމުން ކުޑަކޮށް ހިނިތުންވެލިގޮތުން އަބުދުލްއަޒީޒުގެ ލޯ ފުރުނެވެ. އެވާހަކަތަކުން އެނގުނީ ދަރިފުޅު އޭނައަށް މާފުކުރިކަމެވެ.

"ދަރިފުޅާ. މަންމައާއި ބައްދަލުކޮށް ހިތްހެޔޮކުރުވަން ކޮންމެހެންވެސް އެބަޖެހޭ....."

"އެއީ ކީއްކުރަން؟ އެ މަކަރުވެރި ވިޔާނުދާ އަންހެނާ ކުޑަ ދަރިޔަކު ހުއްޓާ ދަރިފުޅު ބޮލަށް އެއްލާލާފައި ފިރިހެނަކާއިއެކު ފިލައިގެން ދިޔައީމަ އަދިވެސް ހިތްހެޔޮކުރުވަން ދާން ޖެހެނީ ދަރިފުޅަށްތަ؟ " މާމަ ރުޅިއައިގެން ނިތްކުރިއަށް ރޫ އަރުވައިލަމުން އަސާގަނޑަށް ބާރުކޮށްލިގޮތުން އިނގިލިތަކުގެ ހުޅުތައް ހުދުވިއެވެ.

"މާމާ......" އަމްރާންއަށް ތަންކޮޅެއް ބާރަށް ގޮވައިލެވުނެވެ.

އަބުދުލްއަޒީޒު އޭނަގެ މަންމައަށްވެސް ހަގީގަތް ހާމަކޮށްދިނެވެ.

މާމަވެސް ހުރީ އަނގަ ހުޅުވިފައެވެ. ޝޮކެއް ލިބުނުފަދައެވެ. ރަހުމްކުޑަ އަނިޔާވެރި ލަފުޒުތަކުން ޒަޚަމްކުރަމުން ދިޔަ ޅީދަރިއަކީ ހަގީގަތުގައި ޖަވާހިރެއްކަން ހާމަވެއްޖެއެވެ.

"މަންމާ އަޅުގަނޑަށް މާފު......." އަބުދުލްއަޒީޒު ތެދުވުމާއިއެކު ދިލަ ހޫނު ތަދެއް ކަންކަށިމައްޗަށް އެރިއެވެ.

"އޭރުވެސް އެހެންހިތަށް އެރިއޭ. އަލްޔާނާހާ ރަގަޅު ޅީދަރިއެއް ފިލައިގެން ދިޔައީ ކިއްވެހެއްޔޭ. ކީއްވެހެއްޔޭ ކުޑަކުޑަކުއްޖަކު އެއްލާލާފައި އެހެން ދާން ކެރުނީ. މައިވަންތަކަމުގެ ކުލުނެއް ނެތް މީހެކޭ ހިތަށް އެރި....." މާމަގެ ރުޅިވެރި އަޑު ކޮޓަރިތެރޭ ގުގުމައިލުމުން އަބުދުލްއަޒީޒު އިނީ ލަދުން އިސްޖެހިފައެވެ. ރީތިކަމަކީ ވިހައެކޭ ބުނަނީ ކީއްވެކަން އޭނައަށް އެނގުނުއިރު ވަގުތު ފާއިތުވެއްޖެއެވެ. އޭނައަށްވެސް ރީތި އަންހެންކުދިން ފަހަތުން ދުވެވުނީއެވެ. އެހުރިހާ ކުދިންނަށްވުރެ ރީތި އަންބެއް ލިބިފައި ހުރިއިރު އެންމެ އަންހެންކުއްޖަކުން ހިތް ނުފުރުނީއެވެ.

އަބުދުލްއަޒީޒުއާއި އަލްޔާނާގެ ބައްދަލުވުން އަސަރުގަދައެވެ. އަބުދުލްއަޒީޒު މާފަށް އެދުނުއިރު އަލްޔާނާގެ ލޯ ފެންކަޅިވިއެވެ. ނަމަވެސް އެހާ ގިނަ ވާހަކަތަކެއް ނުދައްކާ ހިތްހެޔޮކުރުވާފައި އަބުދުލްއަޒީޒު ނުކުތީއެވެ. އަލްޔާނާގެ ހިތަށް މާޔޫސްކަން ވެރިކޮށްލާފައެވެ.

ހަޔާތީ ގުރުއާން ތަފުސީރު ކިޔަން އިންއިރު ނޯޓުތައްވެސް ނަގަމުން ދިޔައެވެ. ފޫހިކަމެއްނެތި އޭނަ އެކަމުގައި އިންނަތާ ގަޑިއެއްހާއިރު ވެއްޖެއެވެ. އަމްރާން ބައްޕައާއިއެކު ކަސްރަތު ކުރަން ޖިމްކޮޓަރީގައި އުޅެފައި ކޮޓަރިއަށް ވަންނަމުން ޓީޝާޓު ބޭލިއިރު އެ ކަސްރަތީ ހަށިގަނޑުގައި ދާތިކިތައް ވިދައެވެ. ހުސްގަޔާ ހުރިތަން ފެނި ބަލައިލެވުނުގޮތަށް މޫނަށް ރަތްކުލަ ވެރިވުމާއެކު އިސް ޖެހިއްޖެއެވެ. ދެވަނަފަހަރަށް ބަލައިލާކަށްވެސް ނުކެރުނެވެ. އަމްރާންއަށް މަޖާކަމަކަށްވިއެވެ. އެއްޗެކޭ ބުނަން އުޅެފައިވެސް ހިތުގައިވި ޚިޔާލުތަކުގެ ސަބަބުން އަނގައިން ނުބުނެ ފާޚާނާއަށްވަދެ ފެންވަރާ ތާޒާވެލިއެވެ. ނުކުމެފައި ގަޔަށް ހިފާފައިވާ އޮލިވް ކުލައިގެ ޓީޝާޓަކައި ޖިންސެއްލުމަށްފަހު ސެންޓް ޖަހައިލުމުން ހަޔާތީއަށް ސިއްރުން ބަލައިލެވުނުއިރު އަމްރާންއަށްވެސް ބެލުނީއެވެ. އެކުލައާއި ހާދަ ގުޅެއެވެ. ރީތި ސްމާޓް ފިރިހެނެކެވެ. ހިތްވެސް އެހާ ރީތި ނަމަ ކޮންފަދަ ތޯއެވެ. އަމްރާން ސެންޓްފުޅި ބަހައްޓާފައި އަތުން އިސްތަށިގަނޑު ރީތިކޮށްލުމަށްފަހު އިށީނީ ހަޔާތީގެ ކުރިމަތީގައި ހުރި ސްޓޫލެއްގައެވެ.

"ވީ ނީޑް ޓު ޓޯކް......."

"ލައްބަ؟ " ހަޔާތީގެ ހިތް ތެޅިގަތީ ވަކިގޮތެއް ބަލާފައެއް ނޫނެވެ. ފަންސުރު އަނގައިގާ ޖެހިގޮތަށް ފަންސުރު ކޮޅުގައި ހުރި ރަބަރުކޮޅުގައި ދަތްއެޅުނެވެ. އަމްރާން ބުނަން އުޅެނީ ކިހާވަރެއްގެ ކޮން ވާހަކައެއް ހެއްޔެވެ؟ ހިތަށް އެރި ޚިޔާލުތަކުން ހަތަރެސްފައި ފިނިވެއްޖެއެވެ. ލޯބިވާ ވާހަކަ ބުނަން ބާވައެވެ.

"އަދިވެސް މާޒީ އަނބުރާ ގެންނަން ބޭނުންތަ..." އަމްރާން އެހީ މުޅިން އެހެން ސުވާލެކެވެ.

"ތިބުނި އެއްޗެއް އަޅުގަޑަކަށް ނޭގުނު..." ހަޔާތީ ކުޑަކޮށް އަޅައިގެންފާ ކިޔައިލިއެވެ.

"މިކާލްއާއިއެކު އުޅެވުނު ދުވަސްތައް މަދުވީމަ ކަމަށްވާނީ. އޭނަ ބޭނުންތަ؟ އަދިވެސް އޭނަގެ އަންބަކަށްވާން ބޭނުމީ؟ " އަމްރާން ސީރިޔަސްކަމުގެ އިންތިހާއެވެ. ހަޔާތީ އިނީ ދޭނެ ޖަވާބެއް ނޭގިފައެވެ. ބުނަން ބޭނުންވާ އެއްޗެހި ގިނައެވެ. އޭނަވެސް ކުރަން ހުރި ސުވާލުތައް ބައިވަރެވެ. އަމްރާން އޭނަ އަންބެއްގެ ގޮތުގައި ބަލައިގަންނަން ބޭނުން ނުވަނީހެއްޔެވެ؟ އޭނަ މިކާލްކައިރިއަށް އަލުން ފޮނުވާލާފައި އެލީންއާއިއެކު އުޅެން އެދެނީބާވައެވެ.

"އަހަރެން މިއުޅެނީ މަންމަ ގޮވައިގެން ބޭރަށް ފުރަން. ހަޔާތީ އަހަންނާއި ދުރުން އުޅެން ބޭނުންވާއިރު އެކީ ގެންދިޔުމުގެ މާނައެއް ނެތް. އަހަރެން ނެތިދާ ދުވަސްކޮޅު ވިސްނާ. ޗޫޒްކުރާނެ މީހެއް ނިންމާ. އަހަރެން ނޫނީ މިކާލް. ސީރިޔަސްކޮށް މިހާރު ބޭނުމެއްނުވޭ އަންހެންކުއްޖަކު ހިތާއި ދެކޮޅަށް ޕްރިޒަނާއެއްގެ ގޮތުގައި ގެންގުޅެން. އިޓްސް ނޮޓް ފެއާ ދޯ. ގަދަކަމުން ކަންތައްކުރަން އުޅުމަކީ ފިނޑިންގެ ކަމެއް. އެހާ ސެލްފިޝްމީހަކަށް ވާކަށް ނުވާނެ. އެހެންވެ ޗޮއިސް މިދިނީ. ލޯބިވާ މީހާ މަރުވިކަމަށް ހީކޮށް ހުއްޠާ އަނބުރާ އައުމުން ކޮންމެ އަންހެންކުއްޖަކަށްވެސް ނުބައި ގޮތްގޮތްވާނެ. ހިތަށް އުދަގޫވާނެ ދޯ..ހަޔާތީ ބޭނުމިއްޔާ މިނިވަންކޮށްދޭނަން..........." އަމްރާން ހީލިއެވެ. އެހީލުން ކިތަންމެހާވެސް އަސަރުގަދައެވެ. ނަމަވެސް ހިތާމަވެރިކަމެއް ހުއްޓެވެ. އެހާ ދެރަވެފައި ހީލީ ކީއްވެހެއްޔެވެ؟ ހަޔާތީ ހިންދިރުވައިލިއެވެ. އޭނަ މިނިވަންކޮށްދޭ ވާހަކަ ބުނުމުން މިއަދު އުފަލެއް ނުލިބުނެވެ. ހިތުގައި ނޭގޭ ރިހުމެއް އުފެދިއްޖެއެވެ. އެއާއިއެކު ރުޅިވެރިކަން އުފެދުނެވެ. އަމްރާން އޭނައާއި ކައިވެނިކުރީ ލޯތްބަކުން ނޫނެވެ. ޖެއްސުމަށެވެ. އޭނަ ބޭނުން ކޮންމެ އެއްޗެއް ހާސިލުވާނެކަމާއި އޭނަގެ ހުރި އާރާއި ބާރު އެންގުމަށެވެ.

"އައި ހޭޓް ޔޫ އަމްރާން އަބްދުލްއަޒީޒު. ރީތި ކަން ނޫން އެހެން ކޮންކަމެއް ދެއްވާފައިވަނީ. ލާދީނީކަމުގެ އިންތިހާ. ރަހުމެއްނެތް ހިލަ ހިތެއްގެ ވެރިއެއް. މި ކައިވެނި ހުއްދަނުވާނެއޭ ކިޔާ މީހުން މަދެއްނޫން. މިނިވަން ކުރަންވީނު. ގައިމު ހިތާމައެއް ނުކުރާނަން.........." ހިތާހިތުން ހަޔާތީ އެތިވަރު ގޮވައިގަތެވެ.

އަމްރާން ތެދުވެގެން ހިނގައިގަތުމުން ހަޔާތީ ހުރިހާކަމަކަށް ޝައުގު ގެއްލުނެވެ. ތަފްސީރު ބާއްވާފައި ސޯފާގެ އަތްގަނޑުގައި ބޯ އަޅާލައިގެން އޮވެ ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. އޭނަގެ މަންމައަށް އެދެމީހުން ވަކިވެއްޖެއްޔާ ވާނެގޮތެއް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. އެދެމީހުން ވަކިވެއްޖެއްޔާ އެކަމާއި ހިތާމަކޮށް ހިތް ހަލާކުވާނީ މަންމަ ކަމުގައި ހިތަށް ވިސްނަދޭން މަސައްކަތްކުރިޔަސް މަންމައަށްވުރެ އޭނަގެ ހިތަށް ތަދުވާނެވަރު ބޮޑުވާނެކަން ޔަގީންވެ ދެލޯ ކަރުނުން ފުރުނެވެ. ހަގީގަތަކީ މަންމަގެ ފަޚުރަކީވެސް އަމްރާން ކަމަށް ވާތީއެވެ.

އަމްރާން އަދި އޭނަ ދެރަކޮށްލަން ނުގެންދާނަމޭ ބުނެ ގަދަކޮށްލިޔަސް އޭނަ ނުލާ އަމްރާންއަށް ފުރައިގެނެއް ނުދެވޭނެއެވެ. އޭނަ އަލްޔާނާއާއި ވާހަކަދައްކައިގެން މަންމަގެ އެހީތެރިއެއްގެ ގޮތުގައި ދާން ހިތާހިތުން ވައުދުވިއެވެ. އަލްޔާނާގެ ގާތުގައި އޭނަ އެއްކޮށް ދާން ބޭނުންވާ ވާހަކަ ބުނުމުން އަލްޔާނާއަށް ހަޔާތީ ގެނެސް މޭގައި ޖައްސައިލެވުނެވެ. މިފަދަ ހެޔޮ ޅީދަރިއެއް ލިބުނުކަމަށްޓަކާ ހެއްދެވި ފަރާތަށް ހަމްދުކުރިއެވެ. ހަޔާތީ ނުލާ ނުފުރާނެކަމަށް ވައުދުވިއެވެ.

ހަޔާތީ ހީކުރީ މަންމަ އެހާ ބަލިއިރު ދާނީ އިންޑިއާ ނޫނީ ސިންގަޕޫރުފަދަ ތަނަކަށް ކަމަށެވެ. ނަމަވެސް އަމްރާން މަންމަ ގޮވައިގެން ފުރީ ހަޔާތީ އެންމެ ދާން ބޭނުންވާ އެއް މަންޒިލަށެވެ. އެމެރިކާއަށެވެ. ހުވަފެނުގައިވެސް އެފަދަ ތަނަކަށް ދެވޭނެކަމަށް ހީކޮށްފައެއް ނެތެވެ. ބަހާރު މޫސުމްކަމުން ޗެރީ ބްލޮސޮމްފަދަ ހިތްގައިމު ގަސްތަކުގައި މާތައް ފަރިވެ ފޮޅިފައިވާއިރު ޗާލުކަމުން ހިތްތަކަށް އުފާވެރިކަމާއި ހަމަޖެހުން ގެނެސްދޭނެއެވެ. އަމްރާންގެ ތަނަވަސްގޭގެ ވަށައިގެން އޮންނަ ބަގީޗާ ތެރޭވެސް މާތަކުގެ ވާދަވެރިކަމުގެ ރޫހެވެ. ފިނި ވައިރޯޅިތަކުގައި ހިފާފައިވަނީ މާމެލާމެލީގެ މީރުވަހެވެ. އޮޕަރޭޝަން ކުރުމަށްފަހު މަންމަ އައިސީޔޫގައި އޮތްއިރު އާއިލާގެ މީހުންނަށްވެސް ވަނުމުގެ ހުއްދައެއްނެތެވެ. އާއިލާ މީހުންގެ އެހީތެރިކަމަށް ބޭނުންވީއިރު އެންމެ ގާތުގައި އަމްރާންއާއި ކޮއްކޮމެން އަދި ތިމާގެ މީހުންވެސް ތިބީ ގާތުގައެވެ. މަންމަ ގޮވައިގެން ހިގާލަން ދިޔުމާއި ފޫހިފިލުވަން ވާހަދައްކަން ނިދެންދެން އިނުމަކީ އަމްރާންގެ ދުވާލުގެ ތާވަލްގެ ބަޔެއްކަމުގައިވިއެވެ.

އަލްޔާނާ އޭނަގެ ހަޔާތުގެ ސިއްރުތައް ޅީދަރިފުޅާއި ހިއްސާކުރިއެވެ. އިތުބާރުކުރެވުނުލެއް ބޮޑުކަމުންނެވެ. އަމްރާންއަށްޓަކާ ހަޔާތީގެ ދެލޮލުން ލޯބި ނޫން އެހެން އެއްޗެއް ނުފެންނާތީއެވެ. ހަޔާތީއަށް އަލްޔާނާވީ ހަމައެކަނި މައިދައިތައަކަށް ނޫނެވެ. ސިއްރުވެރިޔަކަށްވެސް ވިއެވެ.

އަލްޔާނާ ހޮސްޕިޓަލުގައި އޮތް އެންމެ ފަހުރޭ އަމްރާންއާއި ހަޔާތީ ތަންކޮޅެއް އަވަހަށް ގެއަށް އައެވެ. އޭރު އަދި އަމްރާންމެންގެ ކޮއްކޮމެންވެސް ގެއަކަށް ނާދެއެވެ. ތިމާގެ ގެއެއްގައި އޮތް ރޭގަނޑު ކެއުމަކަށްވީ އެގޭގައެވެ. ދެމީހުން އެކަނި ކާން ޖެހުމުން ކުޑަގޮތަކަށް ރޭގަނޑު ކެއުން ނިންމައިލަން ގަސްތުކުރިއެވެ. ވެޖްމީޓް ލޯފްއާއި ގާލިކް މޭޝްޑް ޕޮޓޭޓޯ ކެއެވެ. ކާކޮޓަރީގެ ފުޅާ ދޮރުގެފޮތިތައް ކަހާލާފައި ހުރުމުން ބަގީޗާއާއި އެމެރަލްޑް ފެހި ވިނަގަނޑު ދުރުދުރަށްދާންދެން ފެންނާން އޮތްއިރު ބަގީޗާގެ ހިތްގައިމު އަލިތަކުން ގަސްތައް ފެންވަރާލާފައެވެ. ގަސްތައް ފެންނަނީ ޖާދުވީކޮށެވެ. ކައި ނިމިގެން ހަޔާތީ ތަށިތައް ދޮންނަން ފެށުމުން އަމްރާން ބައިވެރިވެ ތަށިތައް ގެންގޮސް ކައުންޓަރުމަތީ ބަހައްޓަންފެށިއެވެ. ދެވަނަ ފަހަރު އެގޮތަށް ބަހައްޓާފައި އައިސް ހަޔާތީއާ އަރާ ހަމަކުރިއިރަށް ހަޔާތީ އެނބުރުމުން އޭނަގެ މޫނު ޖެހުނީ އަމްރާންގެ މޭގައެވެ. އަމްރާންގެ ސިގްނޭޗާ މީރުވަހުން ރޫހުވެސް އުތުރި އަރައިގަތެވެ.

"މިއޮތް ބޮޑު ގޭގައި ދެމީހުން އެކަނި. އާޔޫ އެވެއާ އޮފް ދިސް؟ "

"ޔެސް...." ހަޔާތީގެ ހިތް ތެޅިގަތީ އާދަޔާ ޚިލާފަށެވެ.

"އަހަންނަކީ ވެމްޕަޔަރެއްތަ. ތިހާ ބިރުން ހިތް ތެޅެން؟ އެހާ ނާވަސްވާން ޖެހޭތަ. ހިތްތެޅޭ އަޑު ބޭރަށް އެބައިވޭ. އިޓްސް ކައިންޑަ ފަނީ. ކުޑް އިޓް ބީ ލަވް؟......" އަމްރާން ހަޔާތީގެ މޫނަށް ބަލަން ހުރިއިރު އެނަޒަރު މާނަކުރަންވީ ކިހިނެއްކަމެއް ހަޔާތީއަކަށް ނޭގުނެވެ. އެކީ މިހާ ދުވަސްވީއިރުވެސް އޭނައަށް އަމްރާން ދަހެއް ނުވިއެވެ.

"ދެމީހުންގެ ކައިވެނި މިހިސާބަށް ގޮސްފައިވާއިރު އަދިވެސް އަހަރެމެންނަށް ހިތުގައިވާ އެއްޗެއް ހާމައެއްނުކުރެވޭ. ހަޔާތީ. ޓެލް މީ ދަ ޓްރުތު. އަހަންނާއި ދޭތެރޭ ހިތުގައިވަނީ ކޮންކަހަލަ އިހުސާސްތަކެއްތަ؟ އަހަރެން އެމެރިކާއަށް އައުމުގެ ކުރިންވެސް ބުނީމެއްނު ހަޔާތީ ބޭނުންގޮތަކަށް މި ގުޅުން ކުރިއަށް ދާނެއޭ. މިނިވަން ވާން ބޭނުމިއްޔާ އެކަން ކޮށްދޭން ތައްޔާރަށް މިހިރީ. ބުނެބަލަ. މިކާލްދެކެ ލޯބިވަންތަ.އައި ނީޑް ޓު ނޯ.........." އަމްރާންގެ ތޫނު ދެލޯ އޭނަގެ މޫނުން އެއްފަހަރުވެސް ކައްސައެއްނުލައެވެ. އަމްރާން މިކުރީ ކޮންފަދަ އުދަގޫ ސުވާލެއްހެއްޔެވެ؟

"ތީ ކޮން ކަހަލަ...ނޭގޭ........." ހަޔާތީއަށް ބުނެވުނެވެ.

"ބީ އޮނެސްޓް ވިތް މީ...." އަމްރާން އެދުނެވެ.

ހަޔާތީ ތުންފަތުގައި ދަތްއަޅައިލިއެވެ. އަމްރާން ހަޔާތީގެ މޫނުގައި ހިފަހައްޓާފައި އޭނައާއި ހަތަރުކަޅިހަމަކުރުވިއެވެ.

"ސްކޫލް ދުވަސްވަރުންފެށިގެން ހަޔާތީ އަހަންނަށްޓަކާ މޮޔަވެގެން ފަހަތުން އުޅުނު. ވަރަށް ލޯބިވީކަމަށް އަހަރެން ގަބޫލުކުރިން. ހިތުގައި އެހާވަރަށް ލޯބި ވެއްޖެއްޔާ ދުވަހަކުވެސް އެކަން ހިތުން ފިލައިގެނެއް ނުދާނެ. ފޮރުވަން އުޅުނަސް އަދިވެސް ތިލޮލުން ލޯބި ފެނޭ. އަހަންނަށް ނަފްރަތު އަދި ލޯބި ދަސްކޮށްދިނީވެސް ހަޔާތި. ދުވަހަކު އެހެން އަންހެންކުއްޖަކައިމެދު ވިސްނާނެ ފުރުސަތެއް ހަޔާތީ ނުދިނީމު. ހަޔާތަށް އައި ގޮތަށް ހިތުގައި ވީ ހަމައެކަނި އެންމެ ކުއްޖެއް. ނޯ ވަން އެލްސް. އިޓް ހޭޒް އޯލްވޭސް ބީން ޔޫ. އަހަރެން ދެއްކި ރުޅިއާއި ކުރި ޖެއްސުން އޭގެ ކޮންމެ ކަމެއްގެ ފަހަތުގައި އަހަންނަށް އެއީ ކޯންޗެއްކަން ނޭގުނު އިހުސާސެއްވި. ހުރިހާ ޖަޒުބާތުތައް މަސްހުނި ވެގެން ދިޔައިރު އެކަން ގަބޫލުނުކޮށް ރުޅިވެރިކަން ދައްކަމުން ދިޔައީ އެލޯބިން އަހަންނަށް ހާޓްވެދާނެތީ ބިރުން. ހަޔާތީ ތެދަށް ބުނެބަލަ. ޑޫ ޔޫ ސްޓިލް ހޭވް ފީލިންސް ފޯ މީ....." އަމްރާން އެހިއެވެ.

"ޔެސް........" ހަޔާތީ އިސްޖެހިއެވެ.

"އެކަމަކު ފުރަތަމަ މިކާލްގެ ހައްގަކަށް ވީ. މިކާލްގެ އަންބަކަށްވީ. އަހަންނަށްޓަކާ އިންތިޒާރުކުރާނަމޭ އަބަދުވެސް އަމްރާންގެ ހައްގެކޭ ބުނެފައިވެސް ޕްރޮމިސް ބްރޭކްކުރީ. އެހުރިހާ ސިޓީއެއް ކުރިމަތީ އަންދާލިޔަސް އެއީ ކޮޕީތައް. އޮރިޖިނަލް އަތުގައި އެބަހުރި. ވީއިރު އެ ޕްރޮމިސްތައް އެއްވެސް އެއްޗަކަށް ނުވިއެއްނު. ޓެލްމީ. ކިތައް ފަހަރު އޭނައާއިއެކު ސްލީޕްކުރީ؟ ޑިޑް ޔޫ ކައުންޓް؟ އޭނަ ވަރަށް ލޯބިދިންތަ. އަހަރެންގެ މަދީ ކޯންޗެއް. " އަމްރާންގެ ސުވާލުތަކުން ހަޔާތީ ހުއްޓުން އެރިގޮތަށް އެތެރެއަށް ލީ ނޭވާ ބޭރަށް ލާކަށް ނޭގުނެވެ. އަމްރާންވެސް ކުރާ ސުވާލުތަކެވެ. މީހަކު ލަދުން މަރާލަފާނެއެވެ. ރަތްވެގެން ދިޔަ މޫނަކާއިއެކު ހުރިތަނަށް ވިރިގެން ފައިބަން ގަނޑުފެންކޮޅެކޭ އޭނައެކޭ ތަފާތެއް ނެތެވެ. ތިރިއަށް ބަލަން ހުރެވުނީ ނޭވާލާން ނޭގިފައެވެ. ހަގީގަތް ހާމަކުރަން ދޫ ނުކުޅެދުނެވެ. އޭނަ ހަގީގަތުގައި އަދިވެސްއިންތިޒާރު ކުރަނީ އަމްރާންއަށެވެ. އޭނަ އެވައުދުތައް އުވާނުލައެވެ. ހިތުގައި އަމްރާންގެ ހަނދާންތައް ނުފިލާވަރަށް ރައްކާކުރެވިފައިވެއެވެ.

"މިކާލް ހިތްފުރޭވަރު ކޮށްފައި އެއްލާލިޔަސް އަހަރެން އަދިވެސް ބޭނުމޭ ބުނެފިއްޔާ...." އަމްރާން ހަޔާތީގެ ދަތްދޮޅީގައި ހިފާ އުފުލުވައިލިއެވެ. ހަޔާތީގެ ލޮލުން ކަރުނަތިއްކެއް ވެއްޓުމުން އަމްރާން ފޮހެލަދިންއިރު އެއަތުގައި ހަޔާތީއަށް ހިފަހައްޓައިލެވުނެވެ. އަދި އަމްރާންގެ ދެލޮލަށް ބެލުނުކަމުން އެލޮލުގެ ޖާދޫގައި ޖެހި ދުނިޔެމަތިން ހަދާންނައްތައިލެވިއްޖެއެވެ. އަމްރާން ކޮންމެފަދަ ވާހަކަތަކެއް ދެއްކިޔަސް ކިތަންމެ އަނިޔާވެރިކޮށް މާޒީގައި ހިތް ހަލާކުކޮށް ޗިސްކޮށްލިޔަސް ކޮންމެފަދަ ކުޅިގަނޑެއް ކުޅެން އުޅުނަސް ހަޔާތީގެ ހިތަކީ އަމްރާންއަށް ޚާއްސަކޮށް އެންމެ ފުރަތަމަ ނަޒަރުން ދިން ފަރާތެވެ. އަމްރާންއަށްޓަކާ ކުރި ދިގު އިންތިޒާރު ނިމި އޭނަގެ އަންބަކަށް އަދި ފަސްޓްލޭޑީއަށް ވުމަށްފަހު އެދޭތެރޭގައިވާ ބީރައްޓެހިކަމުގެ ފަރުދާ ނެތިގެން ދިޔައީ އަދި ކިރިޔާއެވެ.

ހެނދުނު ތެދުވުނުގޮތަށް ހަޔާތީ އުޅުނީ އަމްރާންއަށް ފިލައިގެން ކަހަލަ ގޮތަކަށެވެ. ނާސްތާ ތައްޔާރުކޮށްލާފައި އޭނަ ލައިލަކް ކުލައިގެ ޖެކެޓް ގަޔަށް މަހާލައިގެން ނުކުތީ ކުޑަކޮށް ހިގާލުމަށެވެ. ފިނިގަދަކަމާއިއެކު މޫނަށް ފިޔާތޮށިކުލަ ވެރިވެފައިވިއެވެ. އެއްވަރަކަށް ކޮށާލާފައިވާ ފެހިކަން ގަދަ ވިނަގަނޑާއި ރީތިކޮށް އިންދާފައިވާ މާގަސްތަކުން އޭނަ ނޫނަސް ކުދި ކޮކާތައް އުފާލިބިގަންނަމުން ދާތަން ފެނުނެވެ. ލައިލަކް ޓިއުލިޕް ލެވެންޑާ އަދި ޑެފޮޑިލް އާއި އައިރިސްތަކެވެ. އެކި ކުލަ ކުލައިގެ ރީތި މާތަކެވެ. މުޅި ހިސާބުގައި މާމެލާމެލީގެ މީރުވަހެވެ. ހިތްގައިމު ނާނާއެއްފަދައިން އިވެނީ ގަސްތަކުގެ ގޮފިތައް ވަޔާއި ހެލިލާ އަޑެވެ. ކުޅަދުންވަންތަކަމެވެ.

"ސްޓޮޕް....." އަމްރާންގެ އަޑު ކަންފަތުގައި ޖެހުމާއިއެކު އިތުރަށް ފިނިވެ ފިޔަވަޅުތައް މަޑުކޮށްލެވުނެވެ.

"އާ ޔޫ އެވޮއިޑިން މީ؟ " އަމްރާން އަރާ ހަމަކުރިއެވެ.

"ނޮޕް....ޖަސްޓް...ހަމަ ހިނގާލަން.. ކޮންއިރަކު ހޮސްޕިޓަލަށް ދާން ވީ؟ " ހަޔާތީ ފިނިވެފައިވާ އަތްތިލަ ޖެކެޓްގެ ޖީބަށް ޖަހާލަމުން ކޮންމެވެސް ވަރަކަށް އަޅައިގަނެފައި ކިޔާލިއެވެ.

"ހަޔާތީ. ރޭ......އިޓް ވޯޒް ނޮޓް އެ ޑްރީމް. ސްޓިލް ކާންޓް ބިލީވް ދެޓް. އެކަމަކު ކީއްވެ ފިލައިގެން ތިއުޅެނީ؟ ލައިފް އިޒްޝޯޓް. ފަހުން ރިގެރްޓްކުރަން ތިބުމުގެ މާނައެއްނެތް. އަހަރެން މިހާރު ހިތަށް އަރައިފި އިގޯ ނުދައްކާ ހިތް ބޭނުންވާގޮތަށް އުޅެވުނުނަމައޭ. ކުރީއްސުރެ މަގޭ މިލްކަކަށް ހެދުނުނަމައޭ......" އަމްރާން ކުޑަކޮށް ހީލަމުން އަތްތިލަ ދިއްކޮށްލުމުން ހަޔާތީ ލަދުން ހުރެ އެ އަތުގައި ހިފިއެވެ. މިކާލްއަށްޓަކާ އެހިތުގައި އޮތްހާ އެއްޗެއް ފޮރުވާން ޖެހިއްޖެއެވެ. އޭނަގެ މަންޒިލަކީ އަމްރާންއެވެ. މިކާލް އޭނަ ބޭނުން ވި ނަމަ އޭނަ ދޫކޮށްލާފައި ފިލައިގެނެއް ނުދާނެއެވެ. އޭނަގެ ހިމާޔަތުގައި އަބަދު ހުރެދޭނެއެވެ.

އެމެރިކާގައި އުޅެވުނު ދުވަސްކޮޅު އަމްރާންއާއި ހަޔާތީގެ ގުޅުން އިތުރަށް ބަދަހިވިއެވެ. މަންމައާއި ކޮއްކޮމެންނާއިއެކު ބާޒާރުކޮށްލާ ތަންތަން ބަލައިލާ އެކީ ފޮޓޯ ނަގާ ކައި އުޅުނީ އުފާވެރި އާއިލާއެއް ފަދައިންނެވެ. އަމްރާންއާއި ހަޔާތީ ހަމަޖެހޭ ދެމަފިރިންކަމުގައިވިއެވެ. ދެމީހުންވެސް މާޒީގެ ސަފުހާތައް އަލުން ނުހުޅުވަން ނިންމާ އާ ފެށުމަކުން ފަށަން ނިންމީއެވެ.

މާލެއަށް އައި ފުރަތަމަ ރޭ ހަޔާތީއަށް ހުވަފެނެއް ފެނުނެވެ. ކޮންމެވެސް އެކަކު އޭނައަތުން ދޫކޮށްލާފައި ދުރަށް ދާތަނެވެ. އެއީ ކާކުބާވައެވެ. ހޭލެވުނުއިރު އޭސީގެ ގަދަފިނީގައިވެސް ދާހިއްލާ ފޯވެ ހިތްތެޅޭވަރުން ބޭރަށް އަޑުއިވެއެވެ. އެފެނުނު ހުވަފެނާއިމެދު ވިސްނަ ވިސްނާ ހަޔާތީއަކަށް ހުވަފެނުގައި އޭނަ ދޫކޮށްލާފައި ދުރަށް ދިޔައީ ކާކުކަން ހަދާނަކަށް ނައެވެ. އެނގުނުހާ އެއްޗަކީ ލިބުނު ނުތަނަވަސްކަމާއިއެކު ރޮވުނުކަމެވެ.

ކާޒިމް ރޭވި ކޭމްޕް ދަތުރެއްގައި އަމްރާންއާއި އޭނަގެ ސިކިއުރިޓީ ޓީމުން ބައިވެރިވިއެވެ. ފަޅުރަށަކަށްވިޔަސް ހުދު ދޮންވެލިގަނޑެއްލާފައި ފެހި ވިލެއް އޮތް ހިތްގައިމު ރަށެކެވެ. ގަސްތައް ބޯވެފައި ފެހިކަމުން ޖަންގައްޔެކޭ ތަފާތެއްނެތެވެ. އެންމެންވެސް މޫދަށް އެރި ކުޅިވަރު ކުޅެ މަސްބާނާ ބާބެކިއު ހަދާ މަޖާކުރިއެވެ. އިރުއޮއްސެން ކައިރިވުމުން ފޭލިގެތައް ޖެހުމުގައި އެއްބަޔަކު އުޅުނެވެ. ލާވީގެ އަންހެނުން ވިހޭކަން އެނގުމުން ލާވީއަށް ފުރަތަމަ ޝޮކެއް ލިބުނެވެ. ދުވަސްނުފުރާ ވިހެއިނަމަވެސް މަންމައާއި ދަރިފުޅުގެ ހާލު ރަގަޅެވެ. އުފަލުންގޮސް ލާވީ ޝުކުރުގެ ސަޖިދައެއް ޖެހިއެވެ. އަމްރާންއަށް އެއީ އަޖައިބުކުރުވަނިވި ކަމަކަށް ވިއެވެ. އަމްރާން ބައްދާލާފައި މަރުހަބާ ކިޔުމުން އެހެން އެންމެންވެސް ލާވީގެ އުފަލާއި ބައިވެރިވިއެވެ. އަމްރާން އޯޑަރުކޮށްގެން ވަގުތުން ކުޑަ ޕާޓީއެއް ބޭއްވިއެވެ. އަގުބޮޑު ޝަރުބަތުތައް ހުއްޓަސް ލާވީ އަތެއްނުލައެވެ. އަމްރާން އެކަން ފާހަގަކުރަން ވެގެންނޭ ކިޔާފައި ތަންކޮޅެއް ގިނައިން ބުއިމުން ހޮޑުލެވުނެވެ. ލާވީގަޔަށެވެ. އެންމެން ހޭންފެށިއެވެ.

"ސޮރީ. ލަވް ޔޫ........"

"ލައިކްވައިސް ސަރ......" ލާވީ ހޭންފެށިއެވެ.

"ސްމެލްސް ލައިކް ސްޓްރޯބެރީ...." އެކަކު ކިޔައިލިއެވެ.

"ނޮޕް ގްރޭޕްސް ގެ ސްމްލް" އެންމެން އަމްރާންއާއި ދިމާކުރީ އަމްރާންގެ ހޮޑުގައިވެސް މީރުވަސް ދުވާ ސިއްރަކީ ކޮބާހެއްޔޭ ކިޔައިގެންނެވެ. އެކަމާއި މިކާލް ރުޅިއައިސް ރަތްވާވަރުވިއެވެ. މޮޅުކުރަމުން މާތްކުރަމުންގޮސް ކުފުރުނުވެއްޖެއްޔާ ވެދާނެއެވެ. މިމީހުން ސިޔާސީ މީހުންނާއިހެދި މިއޮތްވާ ވަރު ފެނުމުން އޭނަ ހޮޑުލަވާވަރު އެބަވެއެވެ.

"ދިސް އިޒް އެ ސިކުއިރުޓީ ބްރީޗް. ކާކު ރާ ގެނައީ. ކުރީފަހަރުވެސް ޕްރެޒިޑެންޓް އެސެސިނޭޓްކުރަން މަސައްކަތްކުރީ އަދިވެސް އެބަޔަކު ނުހޯދޭ........." ކާޒިމް ހުރީ ހިތްހަމަނުޖެހިފައެވެ.

"އަޅުގަނޑު ގެނައީ...." އަޒިކިއަލް އިއުތިރާފުވިއެވެ. އަމްރާން ސަލާމަތްކުރުމަށެވެ.

"ލާދީނީ ކިޔާއިރުވެސް މިކަންތައް ހުއްޓާލާކަށް އަހަރެމެން ނުވޭ ދޯ..." ކާޒިމް ބުނެލިއެވެ.

"ޗިލް ބްރޯ...."އަމްރާން ކާޒިމްގެ މޫނުގައި ހިފެހެއްޓިއެވެ. ލާވީ އޭރުވެސް ރާޅުފަށުގައި ހަށިގަނޑު ދަމާލައިގެން ހޮޑު ދޮންނަން ނޫޅެ އެހެން އިނީ ހިނި އައިސްފައެވެ. މިކާލްވެސް ތަންކޮޅެއް ދުރުގައި އެ މަންޒަރު ބަލަން ހުރެފައި ކައިރިއަށް އައެވެ. ހުދުކުލައިގެ ސޯޓަކާއި ނޫކުލައިގެ ޓީޝާޓެއްލައިގެން ގޮށްތައް ނާޅުވާ ހުރިއިރު ކަސްރަތީ ހަށިގަނޑު ހާމައަށެވެ. އަވީގައި އުޅުމުން ކޮންމެވެސް ވަރަކަށް ޓޭންވެލާފައެވެ. ކާޒިމް އަމްރާން ގެންގޮސް މޫދަށް ލުމުން ލާވީވެސް ގޮސް އޭނަގެ ޓީޝާޓު ދޮވެ އަމްރާންގެ މޫނަށް ފެންއަޅާލަދިނެވެ. އަޒިކިއަލް ހިނގައިގަތީ ގަސްތައް ބޯ ދިމާލަކަށެވެ. އޭނަ ދާތަން ބަލަން ކާޒިމްއާއި މިކާލް ތިބީ "އެލާޓް"ގައެވެ.

ކުއްލިއަކަށް މަންޒަރު ބަދަލުކޮށްލީ ގަސްތަކުގެ ތެރެއިން ނިކުމެގެން އައިމާސްކު އެޅިމީހެކެވެ. އިސްލާމިކް ސްޓޭޓް ޔުނިފޯމްގައި އެމީހުންގެ ދިދަ ހިފައިގެން ހުރި މީހާ އަތުގައި އޮތް ބަޑި ފެނުމާއިއެކުވެސް އެއްވެސް މީހަކު އެހާ ސިހި ބިރުގަތްކަމެއް ނޭގެއެވެ. އެންމެން ހީކުރީ ޕްރޭންކެއް ކަމަށެވެ. ނޫނީ ނޭގޭކަމަށް ހެދިގެން ތިބީއެވެ. އެމީހާ އަވަސް ހަރަކާތަކާއިއެކު ބަޑި ދިއްކޮށްލިގޮތަށް ޓްރިގަރަށް ފިތާލައިފިއެވެ. ހަރަކާތްކުރަން ނޭގި އަމްރާން ހުއްޓާ ލާވީ އޭނަގެ ކުރިމައްޗަށް އެރުމާއިއެކު އެންމެނަށް ހަޅެއްލަވައިގަނެވުނެވެ. އޭރު މާސްކު އެޅިމީހާ ފާލަންމަތިން ދުވެފައިގޮސް ހުޝިޔާރުކަމާއިއެކު ލޯންޗަށް އެރިއެވެ. ލޯންޗު ނައްޓާލައިފިއެވެ. އެންމެން ބޮޑިވެގަތީ ލާވީ ކައިރިއަށެވެ. ވަޒަން އެރީ ލާވީގެ މެޔަށެވެ. ކޮންމެވެސް އެކަކު ޕްރެޝާ ބެންޑޭޖެއްކުރަން މަސައްކަތްކުރިއިރު އަމްރާންއަށް ލާވީގެ ބޯ ނަގާ އުނގުގައި ބޭއްވުނެވެ.

"ލާވީ...ލާވީ. ވަޓް ހޭވް ޔޫ ޑަން.....ބްރޯ......." އަމްރާންގެ ހިތް ކުދިކުދިވާވަރުވިއެވެ. އަމްރާން ލާވީގެ ފިނިވަމުން ދިޔަ އަތްތިލައިގާ ހިފެހެއްޓިއެވެ. އޭރު އަޒިކިއަލްވެސް ގަސްތަކުގެ ތެރެއިން ނުކުމެގެން އައިގޮތަށް އަމްރާންގެ ކައިރިއަށް ކުޑަކަކޫމައްޗަށް ތިރިވެއްޖެއެވެ. މިކާލްވެސް އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން ލޯ މަރައިލީ އެމަންޒަރުން ކުރި އަސަރަކުން ނޫނީ އެހަމަލާގެ ޝިކާރައަކަށް އެކުވެރިއަކު ވުމުން އެކަމުގެ ހިތާމައިން ކަމެއް ނޭގުނެވެ.

"އިޓްސް އޯކޭ. އިޓް ވޯސް މައި ޑިއުޓީ..ޓު ޕްރޮޓެކްޓް........ޔޫ. އަމް ހެޕީ................" ލާވީ ހިނިތުންވެލާން އުޅުނެވެ. މޫނުމަތި ހުދުވަމުންގޮސް ކަފަކޮޅަކަށްވީއިރު ދަލުން ތެމިއްޖެއެވެ. ކާޒިމްއާއި މިކާލް ލާވީ ކައިރީ ބުނީ ޝަހާދަތް ކިޔުމަށެވެ. ލާވީއެކަން ގަބޫލުކުރިއެވެ. ޝަހާދަތް ކިޔަންފެށިއެވެ. އެއާއިއެކު ލާވީގެ ފުރާނަ މި ފަނާވެދަނިވި ދުނިޔެ ދޫކޮށް ފުރާނައިގެ ވެރިފަރާތުގެ ހަޟުރަތަށް ދަތުރުކޮށްފިއެވެ. އެންމެނަށް ހިމޭންކަމާއިއެކު ބަލަން ތިބެވުނީއެވެ. އުފާވެރި ދަތުރު މިނިމުނީ ކޮންފަދަ ބިރުވެރި ހިތާމަވެރިގޮތަކަށް ހެއްޔެވެ. ލާވީގެ އާއިލާއަށް ލިބުނު އުފަލާއިއެކު މި ލިބުނު ހިތާމަ އެމީހުން ބަލައިގަންނާނެ ގޮތެއްވެސް ނޭގެއެވެ. ލާވީގެ ދަރިފުޅުގެ އުފަންދުވަސް މިވީ ސުންޕާ ދުވަހަކަށެވެ. ދިރިއުޅުމުގެ މިފަދަ ހިތި ހަގީގަތުން ދިރިތިބީން ވިސްނާލުން މުހިއްމެވެ. ޝޮކެއްގައި ތިބި އެންމެން ލާވީގެ ހަށިގަނޑު މާލެ ގެންދަން މަސައްކަތްކުރިއިރު އަޒިކިއަލްއާއި ސިކިއުރިޓީ ޓީމްތިބީ "އެލާޓް"ގައެވެ. ރައީސް އަވަހާރަކޮށްލަން ދެވަނަފަހަރަށް ހަމަލާދިން ބަޔަކު ހޯދަން ކޮންމެހެން ވެސް އެބަޖެހެއެވެ. ނޫނީ އެމިހުންނަކީ ނުކުޅެދޭ ބަޔެއްގެ ގޮތުގައި ލޭބަލްކޮށްފައި އޮތް އޮތުން ހައްތަހާ ވަރުގަދަވާނީއެވެ.

އަމްރާން ދޮރު ހުޅުވައިލިއިރު ހަޔާތީ އިނީ ސިޓިންރޫމްގައި ފޮތެއް ހިފައިގެން ކިޔާށެވެ. ހަޔާތީ އިސްއުފުލާފައި ބަލައިލުމާއިއެކު ބޮޑިކަމެއް ވެއްޖެކަން އެނގުނެވެ. އަމްރާންގެ ދެލޯ ރަތްވެ ފެންކަޅިވެފައިވަނީ ދުވަހަކު ނުވާހާ ބޮޑަށެވެ. ވަރުބަލިކަމާއި މާޔޫސްކަމުން އެރީތި މޫނުވަނީ ހިތާމައިގެ ތަސްވީރަކަށްވެފައެވެ. ހަޔާތީގެ ކައިރިއަށް ދޫލަމައްޗަށް ތިރިވެވުނުގޮތަށް އުނގުގައި ބޯ އަޅައިލެވުނެވެ. އެއާއިއެކު ކަރުނަތަކުން ހަޔާތީގެ ޖިންސް ތެމެންފެށިއެވެ. ހަޔާތީގެ ހިތަށް ބިރުވެރިކަން ވަނެވެ. އަމްރާންފަދަ ހިތްވަރުގަދަ ޒުވާނަކު ލީޑަރަކު މިގޮތަށް ރޯނީ ކިހާ ބޮޑުކަމެއް ވީމަހެއްޔެވެ. އަމްރާންގެ ބަލިކަށިކަން ހާމަކުރާނީ ކޮންފަދަ ބޮޑުކަމަކާއި ކުރިމަތިވެގެން ކަމެއްވެސް ނޭގެއެވެ. ރުއިމަކީ އެމީހެއްގެ ފިރިހެންވަންތަކަމަށް އަސަރުކުރާނެކަމެއް ނޫނެވެ. ގާތްމީހުންގެ ގާތުގައި އިހުސާސްތައް ބަންޑުންކުރުމަކީ "ކޫލް" ސިފައެކެވެ. ކިތަންމެހާވެސް އަމްރާންގެ ޝަޚުސިއްޔަތާއި ގުޅެއެވެ. ބޭރުފުށުން ދައްކާ ހަރުކަށިކަމާއިއެކު ލިބިފައިވަނީ ކަފަކޮޅެއްފަދަ މަޑު އޯގާތެރި ހިތެކެވެ. އިންސާނިއްޔަތުކަމުގެ ނަމޫނާއެކެވެ.

"ވަޓް ހެޕެންޑް......" ހަޔާތީއަށް އަހައިލެވުނީ މަޑުންނެވެ.

"ޕްލީޒް ބީ ސްޓްރޯންގް. ޔޫ އާ ދަ ލީޑާރ އޮފް ތްރީ ލެކް ޕީޕަލް. އެކަނި ރާއްޖޭގައެއްނޫން. ސޯޝަލް މީޑިއާގައި ހިއުމަން ރައިޓް އެކްޓިވިސްޓެއް. ހުރިހާ ވައްތަރެއްގެ އެތައް މިލިއަން ބަޔަކު ސަޕޯޓްކުރާ ލީޑަރެއް. ވީމަ ހިތްވަރުކުރޭ. ޔޫ ނީޑް ޓު ބީ ސްޓްރޯންގް ނޯ މެޓާ ވަޓް ހެޕެންސް...."

"ލާވީ އިޒް ޑެޑް.."

"إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ." ހަޔާތީގެ ހިތް ހުއްޓުނުފަދައެވެ.

ކޮމެންޓް 0