ޔޫ ލުކް....ރޭވިޝިން..." އަމްރާން ހަޔާތީގެ ކުރިމަތީގައި ހުއްޓިލައިގެން ހުރެ ބުނެލިއެވެ. އެބުނެލީ ތެދެއް ކަމަށް ނޫނީ މަލާމާތަކަށް ކަމެއްވެސް ހަޔާތީއަކަށް އެ މޫނަށް ބަލާފައި ދެނެގަންނާކަށް ނޭގުނެވެ. ނަމަވެސް އެކުރި ތައުރީފުން ހިތް އަވަސްވާގޮތްވިއެވެ. އުއްބައްތީގެ އޮރެންޖްއަލި އެ ޓޭން މޫނަށް އެޅިފައިވާއިރު މަޑު އަލީގެ ތެރެއިންވެސް އެލޮލުގެ ތޫނުކަމުން ހަޔާތީގެ ހިތަށް ބިރުވެރިކަންވެސް ވައްދާލިއެވެ. އަމްރާންދެކެ ހިތާހިތުން ނަފްރަތުކޮށް ހަސަދައިގެ އޮއިވަރު ހިނގިޔަސް އެލޮލުގެ ރީތިކަމާއިމެދު ހިތް ދެކޮޅެއް ނަހަދައެވެ. އަބަދުވެސް އަމްރާންގެ ލޮލަކީ ފިރިހެނުންވެސް ތައުރީފުކުރާ ފިރިހެނުންނަށްވެސް ބަލަން އުދަގޫވާފަދަ ބާރެއް ހުންނަ "މެސްމެރިޒަމް" ގެ އަސަރު އެކުލެވޭ ދެލޮލެވެ. އެލޮލަށް ބަލައިގެން ސިކުންތުކޮޅެއް ވިޔަސް ފެންކަޅިކޮށްލުވާނެއެވެ. ގިނައިން އަވި އައިނު އަޅައިގެން ހުންނަނީ އެސްފީނާ ޖެހިދާނެތީކަން ނޭގެއެވެ.

"ތެންކިއު. ހިތުން ބުނި ކަމަށް ވަންޏާ..." ހަޔާތީގެ ނަޒަރު ދުރަށް ދަތުކުރުކުރިއެވެ.

"ދުލުން މިބުނީ. ޝުކުރު އަދާނުކުރިޔަސް ހެޔޮ.." އަމްރާން ގޮނޑި ދުރުކޮށްލާފައި އިށީންނަން އެދުނެވެ.

"މިވެސް ޑީލްގެ ޕާޓެއްތަ؟ " ހަޔާތީ އިށީދެފައި ދެއަތްތިލަ އުނގުމަތީގައި ބާއްވަމުން ބުނެލިއެވެ.

"ކައިވެނީގެ ޑީލްތަ؟ ނޫން. ޑީލްއަކަށް ނަހަދާ ލެޓްސް ޖަސްޓް ގެޓް މެރީޑް ދޯ. ވަޓް އިފް އައި ސޭ އެއީ ކުރީއްސުރެ އަހަރެން ނިންމާފައިވާ ގޮތޭ. ކުރީއްސުރެ އަހަރެން އަމިއްލަ ނަފުސަށް ވައުދުވީ އިންނާނީ ހަޔާތީއާއި ކަމަށް..؟ އެހެންވިއްޔާ އަސްލު މީތި ނުވެއެއްނު ޑީލްއަކަށް؟ " އަމްރާންވެސް ގޮނޑީގައި އިށީނެވެ. އަމްރާންގެ ވާހަކަތަކުން އިރުކޮޅަކަށް ހައިރާންވެ ބުނާނެ އެއްޗެއް ނެގުނުތާ ކުޑަކޮށް ރަކިވާން އުޅުނެވެ. އަމްރާން އެބުނީ ހަމަ ހިތުގައިވި އެއްޗެއްބާވައެވެ. ނަމަވެސް އަމްރާން ހަތަރުކަޅި ހަމަކޮށްލާފައި ހީލުމާއިއެކު ހަޔާތީ ހަމަ ބިމަށް އާދެވިއްޖެއެވެ. ނޫނެކެވެ. އަމްރާން އެކުރީ މަލާމާތެކެވެ.

"ކޮންމެވެސް ކަމެއް ފޮރުވަންހެން ހީވެއްޖެ. އެލްޖީބީޓީ ގްރޫޕެއް ފޮލޯ ކޮށްފައި އިންނާނީ އެ ފިކުރަށް ތާއީދުކުރާ މީހުން. އާ ޔޫ ގޭއި؟ އިޒް ދެޓް ވައި ޔޫ އާ ނޮޓް މެރީޑް؟ އެހެންވެ އެލީންހާ ރީތި އަންހެންކުއްޖަކު ލިބެން އޮތްވާ ދޫކޮށްލީ؟ " ހަޔާތީގެ ހިތުގައި ޝައްކުގެ އޮއިވަރެއް ހިގާލިއެވެ. ހިތުގައި ހިގައިލި ހުރިހާ ސުވާލެއް ބޭއިޚުތިޔާރުގައި ބަންޑުންކޮށްލެވުނީ ވިސްނާލުމަކާނުލައެވެ.

"ތިއުޅެނީ ޑިނާ ރުއިންކޮށްލަން. ސިޔާސީ އަދި ދީނީ ވާހަކަ ދައްކާކަށް ނޫން ކެއުމަކަށް މިއައީ.. ޓޯކް ލެސް. އީޓް މޯ މިހާރުވެސް ހިކި ކަމުން ބާރަށް ހިފާލަން ބިރުގަންނަ ވަރު.................." އަމްރާން ތަށިތަކުގެ މަތިތައް ހިއްލަން ފެށުމާއިއެކު ބާބެކިއުފަދަ މީރުވަސްތައް ނޭފަތުގައި ހަރުލިއެވެ. ރިޒޯޓެއްގެ ކެއުމުގެ ރަހަ ބަލައިލާހިތުން ކުރިމަތީގައި އަތުރާފައި ހުރި ކާތަކެއްޗަށް ނަޒަރު ހިންގައިލުމާއިއެކު ސިހުމެއް ލިބުނެވެ. އަނގައިން ބޭރުވި ތޫނު ހަޅޭކުގެ އަޑު ފަޒާގެ ހިމޭންކަން ނައްތާލިއެވެ. ކާތަށިތެރޭގައި އޮތީ ކަކުންޏެކެވެ. ކަކުނި ދެންމެ ފުންމައިގެން އައިސް ދަތްއަޅާފާނެކަމުގައި ހީކުރެވުނެވެ. އެދިރުމެއްނެތް ދެލޯ އޭނައަށް ހުއްޓިފައެވެ. ހަޔާތީއަށް ވީގޮތް ފެނި އަމްރާން ބަލަން އިނީ މަޖާވެފައެވެ.

"ރިލެކްސް.....އިޓްސް ޑެޑް. ފިހެފައި އޮތް އެއްޗެއް އަލުން ދިރިގެން ހަޔާތީ ކާލާކަށް ނާންނާނެ...." އަމްރާން ބުނެލިއެވެ.

"މިއީ މީހުން ކާ އެއްޗެހިތަ؟ އައިމް ނޮޓް އީޓިން ދިސް ކްރީޕީ ތިންގް. ބޭނުން ގެއަށް ދާން........" ހަޔާތީ މޫނު ހަދައިލިއެވެ. ޖެއްސުމަށް ނޫނީ އެއްވެސް ކަމެއް ކުރާކަށް އަމްރާންއަކަށް ނޭގޭނެއެވެ.

"ހީވާގޮތުން ދުވަހަކު ސީފުޑް ނުކައި. ޑޯންޓް ވޮރީ. އެންމެންވެސް ހުރިހާ ކަމެއް އަލަށް ތަޖުރިބާކުރާނީ. ޓްރައިކުރީމަ ކާހިތްވަންޏާ އެނގޭނީ. ސީފުޑް ޑިނާއެއް އެންމެ ފެންސީ ވާނީ. މިއީ ބާބެކިއު ކްރެބް ދެން މިހިރީ ބާބެކިއު ޝްރިމްޕް. މިއީ މަސްލްސް. މިހިރީ ކެރެމަލައިޒްޑް ސްކެލޮޕްސް. ސްޓީމްޑް ވެޖް އެންޑް ރާސްބެރީކްރަޝް..ބީޗްގައި ސީފުޑް ކާލެވުނީމައެއްނު ޑިނާއަކަށް ވާނީ............." އަމްރާން ކޮންމެ އެއްޗެއް ވަކިން ހަޔާތީއަށް އޮޅުންފިލުވާދިންއިރު ހަރުކަށިކަމުގެ އެއްވެސް ކަމެއް އެމޫނަކު ނުވެއެވެ. އަޖުމަ ބަލައިލަންވެސް އަނގަޔަށް ލާން ކެރޭނީ ހިތްވަރެއް ހުރި މީހަކަށެވެ. ކަކުންޏެއް ފެނުނަސް ބިރުން އުޅޭ މީހަކަށް މިފަދަ އެއްޗެއް އަނގަޔަށް ލާން ކީއްކުރަން އަތްލާކަށްވެސް ނުކެރޭނެއެވެ. ހަޔާތީއަށް ކެވޭ ކަހަލަ އެއްޗަކަށް ފެނުނީ ހަމައެކަނި ތަރުކާރީއެވެ. ބުއިމާއިމެދުވެސް އިދެވުނީ ޝައްކެއްގައެވެ. މިއީ މޮކްޓެއިލްއަށްވިޔަސް ރާ ނާޅާކަމާއިމެދު އޭނައަށް އޮތީ ކޮން ޔަގީންކަމެއް ހެއްޔެވެ؟

ހަޔާތީ ވިސްނާލާފައި އިށީދެ އާވިން ކައްކާފައި އޮތް ކޯލިފްލާވާއެއް އަނގަޔަށް ލިއެވެ. އަމްރާން އަމިއްލައަށް ސީފުޑްއާއި މޮކްޓެއިލް ބޮއިފާނެ ނޫންހެއްޔެވެ؟ ގަދަކަމުން ވެސް މީހަކަށް އޭނައަށް މިހިރަ ބިރުވެރި އެއްޗެހި ކާންދޭކަށް ލާހިކެއްނޫނެވެ. އަމްރާން ކަކުނީގެ ތޮށިގަނޑު ފަސޭހައިން ނައްޓާލާފައި މަސްކޮޅުތައް ނަގާފައި ތަށްޓަކަށް ލާފައި ހަޔާތީއާއި ކައިރިކޮށްލަދިނެވެ.

"އީޓް......."

"އަގް........ނުކެވޭނެ. ތީ މީހުން ކާ ޒާތުގެ އެއްޗެއް ނޫން....." ހަޔާތީ ތަށި ދުރުކޮށްލީ ނަޖިހެއް ދުރުކޮށްލާނެފަދައަކުން އަނގަ ހަދާލާފައެވެ. ފަކުރުން ގޮސް މޭ ނުބައި ކޮށް ހޮޑުލާން ބޭނުންވިއެވެ. ގަސްތުގައި އޯކަށް ދަމަން ފެށުމުން އަމްރާން ދަތްދޮޅީގައި އަތް ވިއްދާލައިގެން އިރުކޮޅެއްވާންދެން ހަޔާތީގެ އެ ހަރަކާތްތަކަށް ބަލަންކަން އެނގުނެވެ. އެބެލުމުން އުދަގޫވާންފެށިއެވެ. އެކްޓްކުރުން ހުއްޓާލާފައި އޭނަ ގޮނޑީގައި ހަމަޖެހިލިއެވެ. އަމްރާން އުލުން ޝްރިމްޕްކޮޅެއް ނަގާފައި ހަޔާތީގެ އަނގަޔާއި ކައިރިކޮށްލުމުން އަނގަ ފިތައިލިއެވެ.

"ގަދަކަމުން މީހަކަށް ވެއްޔާއި ހިލަ ކާންދޭން އުޅުނިއްޔާ އެކަމެއްވެސް ނުވާނެ. ހިލަ ކާން ޖެހުނު ނަމަވެސް ކެއީމު. އެކަމަކު ތިއެއްނޫން. ޕްލީޒް ސްޓޮޕް ޓްރައިން..." ހަޔާތީ އަނގަމަތީ އަތްއަޅަމުން ބުނެލިއެވެ. އެކަމަކު އަމްރާންއަކީ ކުރަން އުޅޭ ކަމެއްކޮށްފައި ނޫނީ ހުއްޓާލާ މީހެއް ނޫންކަން ޔަގީނެވެ. ގަދަކަމުންވެސް ހަޔާތީއަށް ކަކުނި ކާންދޭން އޭނަ ބޭނުންވެފައިވާ ކަހަލައެވެ.

"ހަޔާތީ. ކައިފިއްޔާ އެންމެ ލޯބިވާ މީހާއާއި އެކު އަބަދަށްޓަކާ އުޅެވޭނެ..."

އަމްރާންގެ އެ ޖުމްލައިން ހަޔާތީގެ ޖިސްމަށް ފިނިކަމެއް ވެރިވިއެވެ. އެންމެ ލޯބިވާ މީހާއަކީ މިކާލްއެވެ. އޭނަ ކައިފިއްޔާ މިކާލް އެނބުރި އަންނާނެހެއްޔެވެ؟ ނޫނީ އެބުނަނީ ސުވަރުގޭގައި އަބަދަށްޓަކާ އުޅެވޭނެ ވާހަކަހެއްޔެވެ. ކޮންމެ މާނައެއްގައި ބުނި ކަމުގައިވިޔަސް ނުކައިފިއްޔާ ނުލިބޭނެކަމުގައި ހިތަށް އެރުވުމުން ހިތަށް ބިރުވެރިކަމެއް ވަނެވެ. އަމްރާން އަތުން އޫ އަތުލައިގެން އޭނަ އަނގަޔަށް ލާފައި އެއެތިކޮޅު ދިރުވައިލިތަން ފެނުމުން އަމްރާންގެ ހުނުމުގެ އަޑު އިވުނެވެ.

"ނޮޓް ބޭޑް ރައިޓް؟ ޓްރައި ދިސް ޑިޝް...." އަމްރާން މަސްލްސް ކޮޅެއްވެސް ޝެލްއަކުން ނައްޓާލާފައި ދިނެވެ. ހަޔާތީ ގަދަކޮށްލަންވެގެން އެއެތިކޮޅު ކައިލުމުން މީރުވިއެވެ. ބިރުވެރި ކެއުމަކަށްވިޔަސް ކާން ފެށުމުން ތަފާތު މީރުކަމެއް އިހުސާސްވެ އިތުރު އެތިކޮޅެއް ކައިލެވުނެވެ. ވެމްޕަޔަރަކަށް ނުވާން ގަދަ ހަދާމީހަކަށްވެސް ގަދަކަމުން ލޭބޯން ދިނުމަށްފަހު ލޭވެސް މީރުވާހެން ހަޔާތީއަށްވެސް އަމްރާން ގަދަކަމުން ކާންދިނުމުން އިރުކޮޅަކުން ހިތުން ރުހުމުން ކާންފެށުމުން މީރުވެގެން ކެވުނެވެ. ކިތަންމެ ބިރުވެރިކޮށް ކަކުނި އޮތަސް ކަކުނީގެ މަހަކީ މީރު އެއްޗަކަށް ވެއްޖެއެވެ. އެވަރުންވެސް ދުލުން އެއްބަސްވާކަށް ނޫޅުނެވެ. ހަޔާތީ ބުނީ މިކަނީ ލޯބިވާ މީހާއަށްޓަކާ ކަމުގައެވެ. އަމްރާން ސުވާލުކޮށްފިއްޔާ ބުނާނެ ގޮތެއް ހިތުގައި ރާވާލިނަމަވެސް އަމްރާން ދެއްކީ އެހެން ވާހަކަތަކެވެ. ހަޔާތީގެ މާޒީ އެނގެން ބޭނުންވިހެނެއް ހިޔެއްނުވެއެވެ. އަމްރާން ހަޔާތީ ކައިރިން ކައިވެނިކުރާނެ ތާރީޚެއް އެހިއެވެ. ބައެއްފަހަރު ސީރިޔަސްކަމުން އަމްރާންއަށްޓަކާ އޭނަގެ މޮޔަ ހިތް ހެއްލި ހަގީގަތުގައި އޭނަގެ ހިތް ހަޔާތީއަށްޓަކާ ދީލާލާ މަޑުވާން ފެށީ ބާވައޭވެސް ހިތަށް އެރިއެވެ.

"ވަޓްއެވާ ހެޕެންސް ހަޔާތީއަށް އެނގެއެއްނު މިއީ ހަމައެކަނި ދެއްކުންތެރި ކައިވެންޏެއްކަން. ކޮންމެވެސް ދުވަހަކުން މިކައިވެނި ރޫޅި ފްރީވާނެކަން. އެހެންނޫނަސް މިއީ ލާދީނީ ފިކުރުހުރި މީހެއްކަން އެންމެ ސިކުންތުކޮޅަކަށްވެސް ހިތުން ފޮހެގެން ނުވާނެ. ދީނާއި ދުރު މީހަކައިއެކީ އުޅެގެން އާޚިރަތް ހަލާކުވެދާނެ........."

ސީފުޑް ޑިނާ ވަރަށް ޚާއްސަވިއެވެ. އެ މާހައުލުވެސް މެއެވެ. އުޑުގައި ފިޔަޖަހަމުން ދިޔަ ތަރިތައްވެސް މެއެވެ. ދުނިޔޭގައި އެދެމީހުން ނޫން އެއްވެސް މީހެއް ނުވާފަދައެވެ. އެހާ އެކަނިވެރިއެވެ. އެހާ ހިމޭނެވެ. އެކަކު އަނެކަކަށް ހިތުގެ އަޑުވެސް އިވޭނެފަދައެވެ. ލޯބިވެރިންނަށްޓަކާ އެންމެ އެކަށީގެންވި ފަދަ ހިތްގައިމު މާހައުލެކެވެ. ދެގަޑިއިރަށް ދެމިގެން ދިޔަ ރޭގަނޑުގެ ކެއުން ނިމުނުއިރު އަމްރާންގެ ފަރާތުން ހިތްހެޔޮކަން ނޫން އެއްޗެއް ނުފެނުނެވެ. މިހާވަރަށް ހެޔޮއެދިގެން އަޅާލާން ފެށުމުން އެކަމުގެ ނިވަލުގައި ސަބަބެއް އޮންނާނެއޭ ހަޔާތީ ހިތަށް އެރިއެވެ. ކުލަ ބަދަލުކޮށްލަން އަމްރާން ނިކަން މޮޅުވާނެއެވެ. އޭނަ ހައްލާލައިގެން ކައިވެނި ކުރުމަށްފަހު އެންމެން ތެރޭ ސިޓީ ބޭޒާރުކުރިފަދައިން އޭނަ ލަދުގަންނަވާލާ ނިކަމެތިކޮށްލާން ކުރާ ކަމެއް ބާވައެވެ.

"ތި ބޭފުޅުންނަށް ފެންނަގޮތަކަށް ވެޑިން ބާއްވަންވީ. އައި ވޯންޓް މައިންޑް. އެކަމަކު ޕްލީޒް ރިމެމްބާ ދިސް. ޔޫ ޕްރޮމިސްޑް ޔޫ ވިލް ގިވް މީ މައި ޗެނެލް ބެކް..." ހަޔާތީ އެންމެ ފަހު ވަގުތުވެސް ހަނދާންކޮށްދިނެވެ. ހަޔާތީވެސް ދާން ކޮޅަށް ތެދުވުނެވެ.

"އެއްޗެއް އަހާލަން ބޭނުން. ކޮބާ ހަޔާތީ އެހާވަރުން ލޯބިވާ މީހާ..." އަމްރާން ކުއްލިއަކަށް ކުރި ސުވާލަކުން ހިތަށް ފިނިވިއެވެ.

"ހީޒް ޑެޑް. ހީ ކޮމިޓެޑް ސުއިސައިޑް. އެކަމަކު ކޮންމެވެސް ދުވަހަކުން... އިރާދަކުރެއްވިއްޔާ ސުވަރުގޭގައި އެކީ ވާނީ................." ހަޔާތީގެ ލޯ ތެމޭގޮތްވިއެވެ. މިކާލްގެ މަތިން ހަދާންވާ ކޮންމެ ފަހަރަކު ކަރުނަތައް ހިފެހެއްޓުން އޭނައަށް އުދަގޫވާ ފަދައިން މިފަހަރުވެސް ކަރުނަތިއްކެއް ކޯތާފަތް މަތިން ތިރިއަށް ފިރުކިގަތެވެ. އަމްރާންގެ ކުރިމަތީގައި ބަލިކަށިކަން ފައުޅުކުރާން ބޭނުންނުވިޔަސް ރޮވިއްޖެއެވެ. އެކަމަކު އެއީ އެންމެ ރަގަޅުގޮތެވެ. އޭނަ އެހެންމީހެއް ދެކެ ލޯބިވާކަން އަމްރާންއަށް ސާބިތުކޮށްދެވުނީއެވެ. އެމީހަކީ ކާކުތޯ އަހާނެކަމުގައި ހަޔާތީ ހީކުރިއެވެ. ނަމަވެސް އަމްރާން ޚިޔާރުކުރީ ހިމޭންކަމެވެ. ލޯބިވާ ފަރާތް މަރުވެފައިވާކަން އެނގުމުން އޭނަ އުފާކުރީކަމެއް ނޫނީ އެކަމަށްޓަކާ ހިތާމަކުރިކަމެއްވެސް ފާޅެއްނުކުރިއެވެ.

މިފަހަރުވެސް މާލެއަށް ދާން ޖެހުނީ އަޒިކިއަލްއާއިއެކުގައެވެ. ލާވީއާއި އަޒިކިއަލްގެ ތަފާތަކީ އަދި މިވީހާތަނަށް ފޮނި ލާވީ އޭނައައި ދިމާލަށް ނުވެސް ބަލާކަމެވެ. އަޒިކިއަލްއާއި ހަޔާތީ ތަންކޮޅެއް އެކުވެރިވެ ގާތް މީހަކަށް ވެއްޖެއެވެ. ބަލާބެލުމަށް އަޒިކިއަލްވެސް ބޮޑާގޮތެއް ހުއްޓަސް އެހިތުގެ މަޑުކަމާއި އޯގާތެރިކަން ހަޔާތީ ދެނެގަތެވެ.

 

އަމްރާންއާއި ހަޔާތީގެ ކައިވެނީގެ ތައްޔާރީތައް އޯޓަމްބްލޭޒްގައި ކުރިއަށް ދިޔަސް އަދި ގިނަމީހުންނަށް އެކަންވަނީ ވަންހަނާވެފައެވެ. މާކުރީއްސުރެ އެނގިގެން ސޯޝަލްމީޑިއާގައި އެވާހަކަދެކެވެން އަމްރާންވެސް ބޭނުންނުވީއެވެ. އެހެންމީހުންނަށް ސަޕްރައިޒެއް ދޭނީއެވެ. އޭނަ މީހަކާއި ނީދެގެން "ގޭއި" ލޭބަލް އަޅުވާ އަދި ލޮލަށް ނިދިނައިސްގެން އުޅޭ އަންހެންކުދިންނަށްވެސް އޭނަ ގެއްލުނީކަން އެނގޭނީ މީހަކައި އިނީމައެވެ. އަމްރާންގެ އުމުރުން ތޭރަ އަހަރުވީއްސުރެ އަންހެންކުދިންގެ މެދުގައި އޭނަ މަޝްހޫރު ނަމަކަށްވިއެވެ. ޔޫރަޕާއި އެމެރިކާ އަންހެންކުދިންނަށްވެސް އޭނަ ވަރެއް ނެތެވެ. ބޭނުން ކޮންމެ އަންހެންކުއްޖަކު މުށުތެރޭ ލެވިދާނެއެވެ. ރީތި މުއްސަދި އަންހެންކުދިންނާއި އެކުވެރިނަމަވެސް އޭނަގެ ހިތާއި ހަމަޔަށް ފޯރުމުގައި އެއްވެސް އަންހެންކުއްޖަކަށް ނުކުޅެދުނެވެ. އަންހެންކުދިންނަށް އޭނަ އިތުބާރުނުކުރާ ހަގީގީ ސަބަބު މިއަދާއި ހަމަޔަށްވެސް ވަނީ ފޮރުވިފައެވެ.

 

އަމްރާންގެ އާއިލާއިން އެކަމާއި ކިތަންމެ ދެކޮޅު ނަމަވެސް އެމީހުންވެސް އަމްރާންގެ އެދުމަށް އިހުތިރާމްކުރިއެވެ. އަބުދުލްއަޒީޒުވެސް ހުއްދަދޭނީ ދުރާލާ ވިސްނުމަށްފަހު ދަރިފުޅަށް އެކަމުން ގެއްލުމެއްނުވާނެ ގޮތަކަށް ކަން އެމީހުން ޔަގީންކުރިއެވެ. އެފަދަ ކުއްޖަކު ކުނިކޮޅެއްހެން އެއްލައިލުމަށް ޕްލޭންތަކެއް އޮތުމަކީވެސް އެކަށީގެންވާކަމެކެވެ. އަމްރާންއާއި ހުރިހާ ގޮތަކުން އެކަށީގެންވަނީ އެލީންއެވެ.

އެލީންއަށް ކާޑު ފެނިފާ ހަށިގަނޑުން ހުޅު ރޯވިއެވެ. ނާއިބުރައީސްގެ އަންބަކަށް ވުމުގެ ހުވަފެން އެލީންވެސް ދެކެއެވެ. ވީއިރު އެހާ ނިކަމެތި ހައިސިއްޔަތެއް ނެތް ކުއްޖަކަށް އެފަދަ ޝަރަފެއް ލިބިގެން ނުވާނެއެވެ. އެލީން އަތުންޖެހީނުން ރީތިވާ މޭޒުމަތީ ހުރިހާ އެއްޗެއް އެކި ދިމާލަށް ބުރުއްސާލިއެވެ. އެނދުގައިވާ ބަލީސްތަކާއި ކުޝަންތައްވެސް އެކި ދިމާލުގައެވެ. ބަރު ރަޖާ ސޮއްސާލައިގެން ބިންމަތީގައެވެ. ކުޑަވަރެއްގެ ސުނާމީއެއް އަރާފައިވާތަނެކޭ އެކޮޓަރި ތަފާތެއްނެތެވެ. އެވަރުންވެސް ރުޅިފިނިނުވުމުން ނުކުމެގެން ދިޔައިރު އަމްރާންގެ ގައިގާ އަޅައިނުގަތީ ކިރިޔާއެވެ.

"އާ ޔޫ ގޮއިންޓު މެރީ ދެޓް ބި........." އެލީން ހަށަން ބަދެލިއެވެ.

"މައިންޑް ޔޯ ލެންގްއޭޖް އެލީން. އެނގެއެއްނު ތިގޮތަށް ވާހަކަދައްކައިގެން އަހަރެން ހިތްހަމަނުޖެހޭކަން. އެލީންވެސް އޭނައަށް އިހިތިރާމްކުރަންވާނެ......" އަމްރާންގެ މޫނުމަތިން އިތުރު ޝުއޫރެއް ނުފެނުނެވެ. ރުޅިވެރިކަމެއްވެސް ނުރުހުމެއްވެސް މެއެވެ.

"އެކަހަލަ އެކްސްޓްރީމިސްޓަކާއި ވައިސްޕްރެޒިޑެންޓް މެރީކުރީމަ ވާނެގޮތެއް ވިސްނައިލިންތަ؟ " އެލީން އެހިއެވެ.

"ސްޓޮޕް ޓޯކިން ރަބިޝް. އަހަރެން އިންނަންވީ މީހާއެނގޭނީ އެލީންއަކަށް ނޫން. ފަހުން ވާނެގޮތެއް އެނގެން ޔޫ އާ ނޮޓް ގޯޑް............." އަމްރާން ދާން ހިނގައިގަތުމުން އެލީން ކުރިބެއްދިއެވެ.

"އަންކަލް އާއި ބައްޕަ އަހަރެމެން ދެމީހުން ކައިވެނި ކުރުވަން ވައުދުވިކަން އެނގޭ. ޔޫ ޝުޑް ރެސްޕެކްޓް ދެއާ ވިޝް. އެހެންނޫނަސް މި ފެމިލީ އެއްވެސް މީހަކަށް ރާއްޖެތެރޭގެ ގަމާރު އަންހެންކުއްޖަކާއި ރެން ކައިވެނިކުރަން ގަބޫލެއްނުވެވޭނެ. އަންކަލްވެސް އުފަލަކުން ނޫން ހުންނެވީ. މަޖުބޫރުވީ. އެހެން މީހުންނަށްޓަކާ ތި ދަގަނޑު ހިތް މަޑުކުރިއްޔާ ކީއްތަވާނީ. ސެކްރިފައިސްވިއްޔާ ކީއްވާނީ. ޔޫ ނޯ. ޝީޒް ލައިކް އެ ޕްރޮސްޓިޓިއުޓް. އެހެން ކިޔާފައި އޭނަގެ ފޮޓޯއަކަށް ކޮމެންޓްކޮށްފައި ހުރި. ކުރިންވެސް ބިޓަކާއިއެކު އަބަދު އެޗްއެމް އޮފީހަށް ސައިކަލުގައޯ ދިޔައީ. އެބިޓުގެ ގޭގައި ދިރިއުޅުނީ. އޭނަގެ އެކުވެރިން އެވާހަކަދެއްކީ. ޝީޒް ސޯ ޗީޕް. ރެންގެ އަގު ވެއްޓުން ނޫންކަމެއް ނުވާނެ. ތިހާ މަތީ މަގާމެއްގައި ހުރިއިރު އެ ކުއްޖާ ތި ބޫޓުގެ ހިރަފުސްކޮޅެކޭ ތަފާތެއްނެތް.....އެ ބި.....އާއި ކައިވެނިކޮށްގެން ނުވާނެ......"

"އިނަފް...." އަމްރާން ގެ އަޑަށް ހަރުކަށިކަމެއް އައެވެ.

އެލީންއަށް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ.

ހަޔާތީގެ މަންމައާއި ސަޖަލްގެ އުފަލުގެ ކޮޅެއްނެތެވެ. ތާރީޚު ކަނޑައެޅުމަށްފަހު އެދެމީހުން ދުވަސްތައް ގުނަމުންދާއިރު އިޝްކަން އޭގެ ދިމާ އިދިކޮޅެވެ. ހަޔާތީގެ މޮޔަކަން ހުއްޓުވަން އުޅުނަސް މަންމައަށްޓަކާ އިޝްކަން ހިމޭންކަން ޚިޔާރުކުރިއެވެ. ދޮންތަގެ އުފާވެރި ދުވަހަށްޓަކާ މާލެ އަންނާނެކަމުގައި ބުނީވެސް މަންމަ ހިތްހަމަޖައްސައިދިނުމަށެވެ. މަންމައަށްޓަކައެވެ. ދުވަސް ކައިރިވީވަރަކަށް ހަޔާތީގެ ހިތުގައި ބިރުވެރިކަން އަށަގަނެ ނޫނެކޭ ބުނަންވެސް ހިތަށް އެރިއެވެ. ނަމަވެސް ފޯނު ނަގާފައިވެސް އޭނައަށް ފެންނަނީ މަންމަގެ އުފާވެރި ހިނިތުންވުންތަކެވެ. މަންމަ ދެކޭ ހުވަފެންތަކެވެ. މަންމައެދޭފަދަ މީހަކާއި އިނުމަށްފަހު ފަހަރެއްގައި ރަގަޅު މުސްތަގުބަލެއް ހޯދިދާނެއެވެ. އަމްރާންއާއި ވަކިވިޔަސް އޭނައަށް ހުވަފެނީ ދިރިއުޅުމެއް ހޯދުނަސް ހަމަ އެންމެ ރަގަޅުތާއެވެ. ކޮންމެ ރެއަކު އޭނަ މިކާލްގެ ހަނދާނުގައި ކަރުނަ އޮއްސާ ޝަކުވާކުރެއެވެ. ދުޢާކުރެއެވެ. މިކާލް އެނބުރި އައުމަށް އެދި އާދޭސް ދެންނެވެއެވެ. މަރުވެފައިވާމީހުން މުއުޖިޒާތަކުން ނޫނީ ދިރިގެން ނާންނާނެކަން އެނގޭއިރުވެސް މެއެވެ.

ދަންވަރު ހޭލެވިގެން އަމިއްލަ ނަފުސާއިމެދު ވިސްނައިލެވުނުއިރު ހަޔާތީ އިނީ ގޮދަޑި މަތީ އިށީދެލައިގެންނެވެ. ފިނި ދަލަކުން ހަށިގަނޑު ތެމިފައިވާއިރު ހިތް ބާރުބާރަށް ތެޅެއެވެ. ލޮލުގައި ކަރުނައެވެ. ހަގީގަތެއްކަމަށް ހީކުރެވުނަސް މިވަގުތު މިކާލް އަދި އަމްރާންވެސް ފެންނާކަށް ނެތެވެ. ހޭލެވުނުއިރު މުޅިން ހަދާންނެތުނަސް ނިމުނު ތަންކޮޅުން އޭނަ އަމްރާން ކޮށްޕާލާފައި ދުވެފައި ދިޔައީ މިކާލްއާއި ދިމާލަށެވެ. މިކާލްގެ އަތުގައި ހިފައިލެވުނުއިރަށް ކްލިފްމަތިން މިކާލް ކައްސާލައިގެން ފުން ވާދީގެ ތެރެއަށް ވެއްޓުނީއެވެ. ހިތް ކުދިކުދިވެގެން ދިޔުމާއިއެކު ހަޅޭއްލަވައިގަނެވުނީ މިކާލްއަށް ވީގޮތް ފެނިފައެވެ. ހުވަފެނުގައި މިކާލް އެގޮތަށް ފެނުނީ ކީއްވެބާވައެވެ. "އަހަރެން ކުރަން މިއުޅެނީ ރަގަޅުކަމެއްތަ. ވަޓް އިފް މިކާ ކަމްސް ބެކް. މަރުވީތަނެއް ލޮލަކުން ނުފެނޭ. ވީޑިއޯއަކުން އެޑިޓްވެސް ކުރެވިދާނެ. ހަމަ ވެދާނެގޮތެއް ނެގޭ. މިކާ އެނބުރި އަތުވެއްޖެއްޔާ ދެން ވާނީ ކިހިނެއްތަ؟ އެހެންވެއްޖެނަމަ ހިތް ހަލާކުވެދާނެ. އެކަމަކު އޭރުން މިކާއަށް ހުރިހާ އެއްޗެއް ކިޔައިދީފައި ވަގުތުން މިކާ ކައިރިއަށް އެނބުރި އަންނާނީ. ހީ ވިލް ޑެފިނިޓްލީ ލިސެން ޓު މީ. އެއަށްވުރެ މިކާ މާ ލޯބިވޭ. ނޫން މިކާ ދުވަހަކު ނާންނާނެ. ހުވަފެނުންވެސް އެ ޔަގީން ވީ މިކާލް ކްލިފް މަތިން ފުންވާދީގެ ތެރެއަށް ވެއްޓި މަރުވިކަން.........."

ވެޑިން ޑްރެސް ފަހަން މިން ނެގުމަށްފަހު އަޒިކިއަލްއާއިއެކު ހަޔާތީ އޯޓަމް ބްލެޒަށް އައީ އަމްރާންގެ އެދުމަށެވެ. އަމްރާން ކުޑަކޮށް އަވަދިނެތި އުޅޭތީ މަޑުކޮށްލަން އަޒިކިއަލް ބުނުމުން އެގޭގެ ފަހަތު ފެންޑާއަށްގޮސް ކުޑަ އުދޯއްޔެއްގައި އިށީނެވެ. ކައިރީގައި މާބްލް މޭޒަކާއި ވަށައިގެން ގޮނޑިތައް ހުއްޓެވެ. ފިނިފެންމަލުގެ މީރުވަހުން ހިތް ފުރޭފަދަ މާހައުލެކެވެ. އެތައްސަތޭކަ މާތައް ފަރިވެ ފޮޅިފައިވާއިރު އާޝޯޚުވާހާ ޗާލެވެ. އެމަންޒަރުތަކަށް ގެއްލިފައި އިންދާ ހޭވެރިކަންވީ އޭނައާއި ދިމާލަށް ހިނގާލާފައި އައި އެލީން ފެނިފައެވެ.

"ހޭއި ސީރިޔަސްކޮށް ކުރިން ޔޫ ވާ ލިވިން ވިދް އެ ހޮޓް ގާއި ތަ؟ " އެލީން ވަރަށް ހިނިއައިސްފަ ހުރެ ބުނެލިއެވެ.

"ވަޓް....."

"ފޮޓޯއަށް ކޮށްފައިހުރި ކޮމެންޓްވެސް ބަލައިނުލަން ދޯ. އެޗްއެމް ނޫހުގައި މަސައްކަތްކުރިއިރު ފިރިހެނަކާއިއެކު ސައިކަލްގައި ގޮސް އެ ފިރިހެންކުއްޖާގެ ގޭގައި ދިރިއުޅުނުކަމަށްވެސް އޮތޭ. އެހާ ވިޔާނުދާކޮށް އުޅެފައި ވައިސްޕްރެޒިޑެންޓްއާއި އިނީމަ އަދި ވަރަށް ވާހަކަދެއްކޭނެ. އަދި ރީކޮންސިޑާ ކުރަންވީނު......" އެލީން އެއް ބުމަ އަރުވައިލިއެވެ. އިރުގެ އަލި އެ ލޮލަށް ޖާދޫއެއްފަދަގޮތަކަށް ކުލަ ބަދަލުކޮށްލާއިރު ހިތްގައިމުކަމުން ބަލަން އިދެވޭނެއެވެ.

"ތި ވާހަކަ އަމްރާންއާއި ދައްކަންވީނު....." ހަޔާތީ ވެސް ހީލިއެވެ. އެލީންއަށްވުރެ "ސްވީޓް" ހިނިތުންވުމެކެވެ.

"ހީޒް ސްޓަބްން. އެންޑް ހީ ހޭޒް ހިޒް އޮވްން އެޖެންޑާ. ފަހަރެއްގައި ޕޮލިޓިކަލް ތިންގަކަށްވެސް ވެދާނެ. ކޯޒް ތީނަ ދީނީ ވީމަ ދީނީ މީހުންވެސް މި ސަރުކާރަށް ތާއީދުކުރާނެއްނު. އެހެންވީމަހެން ހީވަނީ. ބަޓް ހަގީގަތް އެނގޭއިރަށް އަންކަލް ވިލް ކިކް ޔޫ އައުޓް..." އެލީން އިންޒާރެއްދިނެވެ.

"އޯކޭ އޯކޭ އެލީން. މިހިރީ ކޮންމެފަދަ ކަމަކަށް ތައްޔާރަށް. ދިރިއުޅުމަކީ އިމްތިހާނެއް. އަޑިގުޑަންތައްވެސް އަންނާނެ. ބިލިއަނަރުން ފަގީރުވެ ސަލާމްޖަހަން މަގުމަތީގައި އުޅޭކަން ދަންނަންތަ؟ އެވްރީތިންގް އިޒް އިން ހިޒް ހޭންޑް. ކިތަންމެ މޮޅު މީހަކާއި އިނަސް އަދި ވަކިވާންޖެހުނަސް އެއީ އިރާދައިގާ ވާ ގޮތް. މާޒީގައި ހިނގާފައިވާ ކަންތައްތަކަށް ބަލާއިރު އެއަށްވުރެ ހިތްދަތިކަމެއް އުފުލަން ޖެހޭނެ ހެނެއް ހިޔެއްނުވޭ. މިއަދު ކިޔަން އިން ފޮތެއްގެ ޗެޕްޓާގައި އިން ތަންކޮޅެއް ޝެއާކޮށްލަފާނަން. ހެދުނު ހޭލުމަށްފަހު ހަވީރާއި ހަމަޔަށް ދުނިޔޭގައި ހުންނާނެކަމަށް އުއްމީދު ނުކުރާށޭ. މިއަދަކީ އެންމެފަހު ދުވަސްކަމަށް ނިންމައިގެން ދުނިޔޭގައި އުޅޭށޭ. ގޭގައި ކުރަން އޮތްހާ ކަމެއްކޮށް އޮގަނައިޒް ކޮށްފައި ހެއްދެވި ފަރާތަށް ފާފަ ފުއްސެވުމަށް އެދެންވީ. ހުރިހާ ނަމާދުތައް ގަވާއިދުން ކުރަންވީ. ގިނަގިނައިން ޒިކުރުކުރަންވީ. ހުރިހާ ހިތާމައަކާއި ހަސަދައެއް ރުޅިވެރިކަމެއް އަދި އަނިޔާތަކެއް އެއްފަރާތްކޮށްލަންވީ. ޓުޑޭ އިޒް އޯލް ދެޓް ވީ ހޭވް ކަމަށް ބަލައިގެން އުޅުނީމަ ތި ހުރިހާ ކަމަކާއި ވިސްނާކަށް ވަގުތެއްނުވާނެ......" ހަޔާތީ ހަމަޖެހިލައިގެން އިނދެ އެލީންއަށް ކިޔާދިނެވެ. އެލީންގެ ކަންފަތުގައި އެއްވެސް އެއްޗެއް ހަރުލިހެނެއް ހިޔެއްނުވެއެވެ.

"ނެގަޓިވިޓީ އެނާޖީ މިތާ ހާދަ ގަދައޭ. ދުވެ ފިލަންޖެހޭނެ މިކަހަލަ ތަންތަނުން. ނޫނީ އަހަރެމެންގެ ޕޮޒިޓިވް ބައި ދަމައިގެންފާނެ. އެކަމަކު ދިޔުމުގެ ކުރިން ހޭވް ޓު ޓެލް ސަމްތިން..." އެލީން އޭނަގެ ޚިޔާލު ފައުޅުކުރިއެވެ.

"މިއީ ސިއްރެއް...އަމްރާން އިޒް ގޭއި...." އެލީން ކައިރިއަށް ޖެހިލާފައި ހަޔާތީގެ ކަންފަތްބުޑުގައި ކިޔާލުމުން ހަޔާތީ ސިހިފައި ދެލޯ ބޮޑުކޮށްލިއެވެ. އެއިއްވި ޚަބަރުން ހަށިގަނޑު ގަނޑުފެނުގެ ތެރެއަށް ލުމުން ފިނިވެގެންދާ ފަދައިން ޖިސްމު އެއްކޮށް ފިނިވެ ގަނޑުވިހެން ހީވިއެވެ. އަމްރާންއާއިމެދު ކުރެވުނު ޝައްކު އެލީންގެ އެންމެ ޖުމްލައަކުން ޔަގީންކޮށްލަދީފިއެވެ.

 

އެލްޑީޕީގެ ވެރިކަން ފެށުމާއިއެކު އިސްލާމިކް މިނިސްޓްރީ އުވައިލިއެވެ. އިޒްރޭލާއި ގުޅުން ގާއިމުކުރިއެވެ. އެތަންތަނުން ޑޮކްޓަރުންނާއި ޓީޗަރުންނަށް ރާއްޖޭގައި މަސައްކަތްކުރަން ހުއްދަދެވުނެވެ. ނައިޓްކްލަބެއް ހުޅުވުނެވެ. ސްޕާތައް ގިނަވެ އެތަންތާ "މަސާޖް ޕާލާ"ތައް ހިންގަން ފެށުނެވެ. އިސްލާމް ދިވެހި މާއްދާ މަޖުބޫރު މާއްދާއަކަށް ނަހަދަން ނިންމިއެވެ. އާއްމު ތަންތާ މޫނު ބުރުގާ އެޅުން މަނާކުރިއެވެ. ދީނީ ވައުޟުދިނުން ހުއްދަ އޮންނާނީ އެޑިއުކޭޝަން މިނިސްޓްރީންއިން ހުއްދަދޭ ބަޔަކަށެވެ. އެމީހުން ބޭނުންވާ ޔުނިވާސިޓީތަކުން ފާހެއް ނެތިއްޔާ ދަރުސް ދީގެން ނުވާނެއެވެ. އެއްވެސް ޕޭޖެއްގައި ދީނާއި ބެހޭގޮތުން ބަހުސްކުރުން މަނާކުރިއެވެ. ނަފްރަތު އުފައްދާ ހަރުކަށި ޖަމާއަތްތަކަށް ރާއްޖޭގައި އެއްވެސް ޖާގައެއް ދެވިގެން ނުވާނެކަމުގައި ބުނެ ދީނީ ސައިޓްތައް ބްލޮކްކުރަން ފެށިއެވެ. ޑީޖޭ ތައް އާއްމުވެ މިއުޒިކް ޝޯތަކުން މާލޭގެ ތެރޭގެ ހިމޭންކަން ގެއްލުވާލައިފިއެވެ. ފިރިހެންކުދިންނާއި އަންހެންކުދިން މަސްހުނިވެ ލަވަތައް ކިޔާ ނެށުން ހުއްދަވެއްޖެއެވެ. މަރަށް މަރު ހިފުމާއި ދެކޮޅު މުއާހަދާގައި ސޮއިކޮށް ރާއްޖޭގައި އެކަން ނުކުރެވޭނެކަން އެންގިއެވެ. އެލްޑީޕީ ދެކޭގޮތުން ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކައި އެއް ހަމައިގާ ފައިތިލަ ސާބިތުކުރެވޭނީ ދީން އެއްފަރާތްކޮށް ސިޔާސަތާއި ދީން ވަކިކޮށްގެންނެވެ. ނޫނީ ތާލިބާނުން އަފްގާނިސްތާން ހިންގިފަދައިން އެހާލަށް ވެއްޓިދާނެއެވެ.

އިމާދުއްދީން ހޭނެތިގެން ވެއްޓުނީ އެލްޑީޕީގެ ޖަލްސާއެއް ކުރިއަށް ދަނިކޮށެވެ. މޭޒުމަތީ ބޯ އަޅައިލުމާއިއެކު ސިކިއުރިޓީއިން ދުވެފައިގޮސް އޭނައަށް އެހީވާން މަސައްކަތްކުރިއެވެ. ހޮސްޕިޓަލަށް ގެންދިޔުމަށްފަހު އެޑްމިޓްކުރުމާއިއެކު ހުރިހާ ނޫސްތަކުގެ ކުއްލި ޚަބަރަށް އިމާދުއްދީން ވެގެން ދިޔައެވެ.

އަމްރާންއާއިއެކު އައި ސިކިއުރިޓީ ޓީމް ބޭރުގައި މަޑުކޮށްލުމުން އޭނަ ޕްރައިވެޓް ރޫމަށް ވަނެވެ. އިމާދުއްދީން ބަލި އެނދެއްގައި އޮންނެވިއިރު މޫނުމަތިން ފެނުނީ ވަރުބަލިކަމެވެ.

"ހާލުކޮޅު ކިހިނެއްތޯ...."

"ޑޮކްޓަރުން ސީޓީ ސްކޭނެއް ހަދައިފި. އެއިން އެއްވެސް ކަމެއް ނުފެނުނު. ލޭގެ ޓެސްޓްތައް ނޯމަލް. އަޅުގަނޑަށް ޔަގީނާއި ގާތަށް އެނގޭ ސިހުރުގެ ކަމެއްކަން ޖެހިގެން މިއުޅެނީ. ނިދާއިރަށް ބިރުން ފިތްކަނޑައިގެންދާ ފަދަ ހުވަފެން ފެނޭ. ލޯމަތިންވެސް ކަންތައްތައް ސިފަވޭ. ކޮންސެންޓްރޭޓެއް ނުވޭ. އެވަރަށް އެންގްޒައިޓީ މީހާ ވަށާލާފައިވޭ. ވަރުބަލިކަމުގެ ހައްދެއް ނެތް. ވަރަށް ބޮޑު އުދަގޫތަކެއް ޖެހިގެން ގޭ މީހުންވެސް ކިޔައިފި ސިހުރު ޖެހިގެންނޭ މިހެންވާނީ. ގޭ އޮޅިގަނޑު ކައިރިން ކޮނެގެން ވަޅުލާފައި އޮތް ބުދެއް ފެނިގެން އެކަހަލަ މީހެއްގެ ގާތަށް ގެންދިޔައީމަ އޭނަވެސް ބުނީ ނުރައްކާތެރި ސިހުރެއް ހަދާފައޯ. މިސްޓަރ އަމްރާން. އަޅުގަނޑު އެދޭނަން ކަމަކު......."

"އައި ވިލް ޑޫ އެނީތިން ފޯ ޔޫ ސަރ.." އަމްރާން ހީލިއެވެ.

"މިއުޅެނީ އިސްތިއުފާ ދޭން. ޔޫ ޓޭކް އޯވާ ދަ ލީޑާޝިޕް........."

"މިސްޓަރ ޕްރެޒިޑެންޓް. އެކަމަކު........." އަމްރާން ހައިރާންވިއެވެ. އޭނަ ދެކެމުން އައި ހުވަފެންތަކުގައި ކުލަޖެހެން އަދި ފަސްވަރަކަށް އަހަރު ނަގާނެކަމަށް އޭނަ ހީކުރިއެވެ. މިހާ އަވަހަށް ވެރިކަން ލިބި ހުރިހާ ބާރެއް އަތްމައްޗަށް އަންނާނެކަމުގައި ގަބޫލުކުރަން ދަތިވިއެވެ. އެފަދަ ބާރެއް ލިބުމަށް ބޭނުންވެފައި ހުއްޓާ އަތްމައްޗަށް އެރުމުން ވަގުތުން އާއެކޭ ބުނަން ބޭނުންވިއެވެ. ނަމަވެސް އެހާ އަމިއްލަ އެދުން ބޮޑުކޮށްލާކަށް ނުކެރުނެވެ. ޕާޓީ ވެރިޔާ އެއްފަރާތްކޮށްލާފައި އެގޮނޑީގައި އިށީންނާކަށް އޭނަގެ ޟަމީރު ތަނެއްނުދިނެވެ. އިމާދުއްދީން ދޫނުކޮށް ކިޔަންފެށުމުން އަމްރާން އެއްބަސްވިއެވެ. ޝަރުތެއްގެ މަތިންނެވެ. އޭނަ ވެރިކަމާއި ހަވާލުވާނީ ކައިވެންޏަށްފަހުގައެވެ. ކައިވެންޏަށްޓަކާ ދުވަސްކޮޅެއްގެ ޗުއްޓީއެއް ނަގަން އޭނަވަނީ ނިންމާފައެވެ. އެހާ ބޮޑު މަސްއޫލިއްޔަތަކާއި ހަވާލުވެވޭނީ ޗުއްޓީއެއްނަގާ ސިކުނޑި ތާޒާކުރެވިގެންނެވެ.

ކައިވެނީގެ ފޯމު ހުށަހަޅަން ދިޔައީވެސް އަޒިކިއަލްއެވެ. އެންމެފަހު ވަގުތު ކަންތައް ވީ ހީނުކުރާފަދަ ގޮތަކަށެވެ.

ކޮމެންޓް 0