އެދުވަހު ހަޔާތީ އެކި މަސައްކަތުގައި އުޅުނުއިރު ދޭތެރެއަކުން އަމްރާންގެ ފޮޓޯއަށް ބެލުނެވެ. އެ ފޮޓޯ ކިތަންމެހާވެސް ސާފެވެ. މޫނުމަތީގެ ހުރިހާ ސިފަތައް ފަޅުވާވަރުގެ ތަސްވީރެކެވެ. ތަސްވީރަށް ބަލައިލުމުންވެސް ލޮލުގެ ތޫނުކަން ހާމަޔަށް ހުއްޓެވެ. ކަނޑިއެއްގެ މިޔަހާ ތޫނުކަމެއް އެލޮލުގައިވިއެވެ. މިހާ ޒުވާންއިރުވެސް ލީޑަރެއްގެ ހުންނަން ޖެހޭނެ ޝަޚުސިއްޔަތާއިއެކު ރީތިކަމެއް ދެއްވާފައި ވުމުން އަންހެންކުދިން މޮޔަވާނެކަމާއިމެދު ޝައްކެއްނެތެވެ. އަންހެންކުދިން މީނަގެ ފަހަތުން ދުވާނެއެވެ. އަމްރާންގެ ސިޔާސީ ހަޔާތް ބަރުބާދުކޮށްލަން އޭނަ ހަދަންވީ ކިހިނެއްހެއްޔެވެ؟ ހަޔާތީ ފަންސުރު އަނގައިގާ ޖަހާލައިގެން އިނދެ ވިސްނަމުން ދިޔައެވެ.

"ސަޖް......ވަރަށް ބޮޑުކަމެއް ކޮށްލަ ދޭންވެއްޖެ..." ހަޔާތީ ކެބިންގައި އޭނައަށް ޚާއްސަ ގޮނޑީގައި ލެނގިލައިގެން ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އިނދެފައި ސަޖަލްއަށް ގޮވާ އެކެބިންއަށް ގެނުވިއެވެ. ސަޖަލްގެ ދެލޯ ވިދައިލިގޮތުން އެކުއްޖާ ޝައުގުވެރިވިކަން ހާމަވިއެވެ.

"ސަޖް މަންމަގެ އިންޓަވިއުއެއް އެޗް އެމް އިން ގެނެސްދޭން ބޭނުން. އޭރުން މިގޮތަށް ޖިހާދަށޭ ކިޔާފައި ދާ ކުދިންގެ ޕޭރެންޓުންގެ އިހުސާސްތައް ޕަބްލިކަށް އެނގި ހޭލުންތެރިކުރެވޭނެ. އަހަރެމެންގެ ދަރިންނާއި ފިރިންނާއި ކޮއްކޮމެން ފިލައިގެންވަނީ ފެމިލީއަށް ނާންގާ ސިއްރުންކަމާއި އަހަރެމެން އެ ފިކުރަށް ތާއީދުކޮށްގެން ނޫންކަން އެނގޭނެ. އައި ވޯންޓް ޓު ޑޫ އަ ޕީސް އޮން ސޮފްޔާން......." ހަޔާތީ ސަޖަލް ކައިރީ އިށީންނަން އިޝާރަތްކޮށްލިއެވެ. ފަހަތުން އައި އިޝްކަން ދެކުދިންގެ އަތަށް ދެ ޖޯޑު ހޫނު ކޮފީ ދިއްކޮށްލިއެވެ. ހަޔާތީއަށް ސިއްރުން ސަޖަލްއަށް އެއްލޯ މަރާލިއެވެ. އަދި ގޮނޑިއެއް ދަމާ ކައިރިކޮށްލައިގެން އިށީނީ ސަޖަލްއިން ފަޅީފައެވެ. މޭޒުގައި އުޅަބޮށި އަޅުވާލައިގެން ފަރުވާތެރިކަމާއިއެކު އަޑުއަހަން އިނެވެ.

"އެމީހުން ދަޅަދައްކަނީ. ފާޑެއްގެ ވީޑިއޯތަކެއް ހަދާފައި އެމީހުން މަޖާކުރާ ތަނާއި ކުކުޅު އެއްޗެހި ކައި ޕިކްނިކް ހަދާ އަންހެން ޖާރިޔާއިން ގެ ވާހަކަދެއްކީމަ އަހަރެމެން ދިވެހި ކުދިން އެތަނަށް މިދަނީ. ދާއިރަށް ފްރޮންޓްލައިނަށް ފޮނުވައިލަނީ. އެކުދިން ދިއުމާއެކުހެން މަރުވި ހިތްދަތި ޚަބަރު އިވެނީ. އަދި މިހެން ބްރެއިން ވޮޝްކޮށްލައިގެން ގެންދާ ފިރިހެންކުދިން ފެން އުފުލަންށާއި ތަންމަތި އަޅާދީ ހަތިޔާރު ސާފުކޮށްދޭން ބޭތިއްބީމަ އެކުދިން ރުޅިން ކުރާނެކަމެއް ނޭގިގެން އަނބުރާ އައިސް އައިއެސް ބަދުނާމުކޮށް އެމީހުން ބޭޒާރު އެބަކުރޭ. ގާލްސްއިންވެސް ގެންގޮސް ކުޑަގޮޅިތަކަށް ލާ އެތަންތާ ވާމިން އެއްޗެހި މުޅިންވެސް. އިންސާނުން އުޅެން ކަމުދާވަރުގެ ތަންތަނެއް ނޫނޯ. ވީ ހޭވް ޓު ރައިޓް އެބައުޓް ދިސް. ޝޭން އެމީހުންނަށް ނުހެއްލެއްޗޭ. އެތަނަށްގޮސް މުޖާހިދީންގެ ފާޚާނާ ދޮންނަން ޖައްސާނީ....." ހަޔާތީ ބުނެލިއެވެ.

"ވެރީ ފަނީ ދޮންތާ..." އިޝްކަން ގެ ޕްލެޓިނަމް އިސްތަށިގަނޑަށް ލެޕްގެ ހުދު އަލި އެޅިފައިވާއިރު ވަކިން ރީތިކޮށް ފެނެއެވެ. އޭނަ އިނީ ލާނެތް ހިންޏެއް އައިސްފައެވެ.

"ސައްޖު ތިވާހަކަ ގަބޫލުކުރާނީ..." އިޝްކަން ދިމާކޮށްލިއެވެ.

"ބަލާބަލަ މިއޮތް އައިއެސް ކޮމާންޑަރުގެ އިންޓަވިއު....ސަޖް މިއެއްޗެހި ފެންނަން ޖެހޭނެ.. ސުފްޔާންއަށް ގުޅާފައި ބުނޭ ކޮންމެގޮތެއް ހަދާފައިވެސް ސަލާމަތްވެގެން އަންނާށޭ. ބޮނޑިއެއް ނުބޮއި. މިމީހުންގެ ފެންވަރު މިހިރީ. ފޮނިވެސް އެބަ ކަނޑާލައެއްނު ނުވަސަތޭކަ މީހުން މަރާލައިފިމޭ. ފަނަރައަހަރާއި ސޯޅަ އަހަރުގެ ފަންސާހަކަށް ކުދިންނާއި އެއަށްވުރެ ބޮޑެތި އަންހެނުންގެ ދުއިސައްތައަށްވުރެ ގިނަ މީހުން ރޭޕް ކޮށްފީމޯ....ގޯޑް ކޮންކަހަލަ ބަޔެއްތަ؟ އިންސާނުންގެ ގިންތީގައި ނުހިމެނޭ ބަޔެއްނު........... " ހަޔާތީގެ ނަފްރަތުން އެންމެ ބޮޑު ޝޮކެއް ލިބުނީ އިޝްކަންއަށެވެ.

"އައިމް ނޮޓް ސްކެއާޑް އޮފް ޔޫ އޯ. އަތުން ބިޑި ނައްޓާފައި ކައިރީގައި ބަޑި ހިފައިގެން އެހެރަ މީހާ ނެރެލާފައި ރިޕޯޓަރު ނިކަން ތިހެން ކިޔާބަލަ. އެ މަންޖެ ވަރަށް ވެފަ ބުނެފިއެއްނު ތިމަންނަ ބިރެއް ނުގަނެއޭ................................" އިޝްކަން ހޭންފެށިއެވެ. ތިންމީހުން ހިމޭނުން ތިބެ ވީޑިއޯ ބަލައިލުމަށްފަހު ކޮމެންޓްތައްވެސް ކިޔަންފެށިއެވެ.

"ޝޭން އޭނަގެ ސައިޑް ނުނަގަބަލަ. ކިރިޔާވެސް އިންސާނިއްޔަތުކަމެއް ހުރިނަމަ މިކަހަލަ މީހުންނަކަށް ސަޕޯޓެއްނުކުރާނެ. ޝޭންގެ ހިތުގައި ރަހުމާއި ކުލުނު ހުންނަވަރު ދޮންތައަށް އެނގޭ......" ހަޔާތީ އިޝްކަންގެ ކޮލުގައި މަޑުމަޑުން ޖަހައިލިއެވެ.

"ދޮންތާ. ކިހާވަރެއްވި. އެންމެންވެސް އެބުނަނީ ފޭކް އިންޓަވިއުއެކޭ. ރިއަލްއެއްނޫނޭ. އައިއެސް ކޮމާންޑަރެއް ތިހެންގޮއްސަ ހުޅަގު ފޭކް ދޮގުވެރި ބައޭސްޑް ރިޕޯޓަރުންނަކާއި ވާހަކައެއް ނުދައްކާނެ....." އިޝްކަން ދިފާއުކުރިއެވެ.

"އީވަން ހީޒް އެކްސްޕޯޒިން އޯލް ދަ ސިކްރެޓްސް އޮފް އައިއެސް. ސައުދީން ފަންޑުކުރާ ވާހަކަވެސް އެބުނީ.." ހަޔާތީ ބޭނުންވީ އެއީ އައިއެސް މީހެއްކަން ސާބިތުކޮށްދޭށެވެ.

"ހަހަ. ތީ މުޅި ދުނިޔެވެސް ދަންނަ ސިއްރެއް. ސައުދީން އެހީވާކަން. އެއީ އަދި އައިއެސްއިން އެމީހުންގެ ސިއްރުތައް ހާމަކުރުމެއްނޫން. އެކަމަކު އެނގޭތަ ދޮންތީ. ތީގައި އިސްލާމިކް ސްޓޭޓް ކޮމާންޑަރެކޭ ކިޔާފައި ތި ދައްކާ މީހާއަކީ ސީދާ އިޒްރޭލް މޮސާޑްގެ ސްޕައިއެއް. ތިއިން ކޮންމެ ވީޑިއޯއަކީ ކުޅެފައިވާ ފިލްމުތަކެއް. ޕްރޮޕެގެންޑާ ފެތުރުމަކީ ތީ. ސޮލާހުއްދީން އައްޔޫބީގެ ޒަމާނުގައި ފިކުރީ ހަގުރާމަ ފެށިގޮތަށް އެމީހުންގެ އެބައި ވަރަށް ބޮޑު. ހުޅަގުގެ މީޑިއާތަކުން ދައްކާ ވާހަކަ ގަބޫލުކުރާނީ ދޮންތައާއި ސަޖް...އަހަރެމެން ނުހެއްލޭނެ. މިއުޅެނީ އަމިއްލަ ރާއްޖޭގައިވެސް މީޑިއާގައި ހަދާ ދޮގުތަކުން އޮޅުވާލާވަރުން ކުރާނެކަމެއް ނޭގިގެން. ސިޔާސީ މީހުން ދެއިރު ދެދަޅައަށް ވާހަކަ ބަދަލުކުރާހެން ދޮގުހެދުންވެސް އެހާ މޮޅު. ހަމަ އެންމެނަށް އަޑުއިވޭގޮތަށް ޓީވީއަށް އަރާ އެއްޗެއް ބުނެފައި ފަހުން އެބަބުނޭ ތިމަންނަ ނުބުނަމޭ................." އިޝްކަންގެ ވާހަކަ ހުރިގޮތުން ހަޔާތީގެ ހިތަށް ބިރުވެރިކަން ވަނެވެ. ހަމަރަގަޅަށްވެސް ކޮއްކޮގެ ސިކުނޑި ދޮވެލީހެއްޔެވެ؟ އިޝްކަންއަށް ވިސްނާދޭންވެގެން ވާހަކަދެއްކުމުން ވީކަމެއްނެތެވެ. އިޝްކަން ވާހަކަދެއްކީ އިސްލާމިކްސްޓޭޓްގެ ދިފާއުގައެވެ. ޚަލީފާކަމާއި އިސްލާމީ ޝަރީއަތް އޮންނާން ޖެހޭކަމުގައެވެ. މި އުއްމަތާއި މެދު ފަޚުރުވެރިވާފަދަ ޚަލީފާއެއް ހުރެގެން އޭނަގެ ދަށުން އިސްލާމީ ގައުމު ހިންކާ ކާފަރު ގައުމުތަކުން ޖިޒީ ދޭން ޖެހޭނެކަމަށެވެ. ދުނިޔެ ސުލްހަވާން އޮތް ހަމައެކަނި ގޮތެއްކަމަށް އިޝްކަން ދެއްކީ އެ ހައްލެވެ. މިހާރު އެމެރިކާކަހަލަ ކާފަރު ގައުމުތަކުން ދުނިޔެ މުށުތެރޭ ލައިގެން އިސްލާމީ ގައުމުތައް ފުނޑުފުނޑުކުރަމުން ދާއިރު މުސްލިމް ސަރުކާރުތަކުން އެކަމަށް ތާއީދުކޮށް އެކަމާއި ބައިވެރިވެއެވެ. ރަގަޅު އިސްލާމީ ލީޑަރެއް މަދެވެ. ވީއިރު އެކަން ހުއްޓުވާ ޚަލީފާއަކު ހޮވާ މުސްލިމުންގެ ބާރު ދުނިޔޭގައި ފަދަކުރަން އެބަޖެހެއެވެ.

"ޝްޝްޝް..." ހަޔާތީ އިޝްކަންއަށް އިޝާރާތުން އެންގީ މަޑުން ވާހަކަދެއްކުމަށެވެ. އެހެން ބަޔަކަށް އިވިގެން އިޝްކަންގެ އަގު ވެއްޓޭކަށް ހަޔާތީ ނޭދެއެވެ. މަދު ޕަސެންޓެއް މިހެން އުޅުނަސް އެންމެން ގަބޫލުކުރާ ޒާތުގެ ވާހަކަތަކެއްނޫނެވެ.

"ޝޭން ކީއްވެ ދެން ހުޅަގު ސްޓައިލަށް ތި ޑްރެސްކުރަނީ؟ " ސަޖަލްއަށް ނީދެވިގެން އަހައިލިއެވެ.

"ވެން އިން ރޯމް ބީ އެ ރޯމަން. އަޑުއެހިންތަ؟ " އިޝްކަންގެ ނަޒަރު ސަޖަލްގެ މޫނަށް ހުއްޓުނެވެ. ލަސްލަހުން އެސްފިޔަ ޖަހައިލީ ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުންނެވެ. ތުން ފިތާލައިގެން ހީލާގޮތް ލޯތްބެވެ.

"ހީޒް ފްލާޓިން ވިތް މީ......" ސަޖަލް ހިތާހިތުން ކިޔައިލިއެވެ.

"ހެހެ...."

ތިން މީހުން އަނގަ ތަޅާލަން އިރުކޮޅެއްވާންދެން ތިބެފައި ހަޔާތީ އޭނަގެ އާޓިކަލް ޕަބްލިޝްކުރުމުން ތަފާތު ކޮމެންޓްތައް އަންނާންފެށިއެވެ. ގިނަމީހުން ހަޔާތީއާއި އެއްކޮޅެވެ. މަދު ބަޔަކު ހަޔާތީއަށް ފާޑުކިޔާ އިންޒާރުވެސް ކުރިއެވެ. ފާޑުފާޑު އެއްޗެހި ނުލިޔާން އެންގިއެވެ. ހަޔާތީގެ ބިރެއް ފަރުވާލެއްނެތެވެ. އިޝްކަންއަށް އާޓިކަލް ފެނުމުން ހިތްހަމަނުޖެހިގެން އައިސް ބާރަކަށް ދޮންތާއޭ ކިޔާފައި ރޮއިނުގަތީ ކިރިޔާއެވެ. އެކަހަލަ އެއްޗެއް އޭނަ ކައިރިން ނާހާ ޕަބްލިޝްކުރީ ކީއްވެހެއްޔޭ އެހިއެވެ. ހަޔާތީ ބުނީ އިންޒާރުތަކަށް ބިރެއްނެތް ކަމުގައެވެ. ހަގީގަތް ވާނީ ހަގީގަތަށެވެ. އިޝްކަން ބުނީ އިސްލާމިކް ސްޓޭޓަކުން މީހަކު ލިޔާ އެއްޗަކަށް އެމީހަކަށް ހަމަލާނުދޭނެކަމުގައެވެ. އެއީ މުޖާހިދުންކަމަށާއި އެމީހުން ހަގުރާމަކުރަނީ މާތްﷲގެ ނަމުގައި ކަމުގައެވެ. ނަމަވެސް އޭނަ ދެރަވަނީ މުޖާހިދުން ދަށްކޮށްފައި ހަޔާތީ އާޓިކަލް ލިޔުނުކަމަށްޓަކައެވެ. ހުޅަގުގެ މީޑިއާތަކަށް ހެއްލި އެމީހުން ގެނެސްދޭ ވާހަކަތައް ދިވެހި ބަހުން ތަރުޖަމާ ކުރާތީއެވެ.

ހަޔާތީއާއިއެކު އިޝްކަން ގެއަށް އައިމަގުމަތީގައި އިޝްކަން އެގޮތަށް ވާހަކަދެއްކުމުންވެސް ހަޔާތީ ހަމަ ހައިރާންވިއެވެ. އިޝްކަން ސިޔާސީ ކަންތައްތަކުން ދުރުވެ ހަމަރަގަޅަށްވެސް އިސްލާމިކް ސްޓޭޓް ގެ ފިކުރު އަށަގެންފިއެވެ. އެމޫތައް އުފުރާލުން ފަސޭހަ ނުވިޔަސް އޭނަގެ އަޒުމަކީ ކޮއްކޮ އެފިކުރުން އެއްކިބާކުރުމެވެ. ކޮއްކޮގެ މުސްތަގުބަލް ގުޅިފައިވަނީ އޭނަގެ ހިތްވަރާއެވެ. އިޝްކަން ބުނިގޮތުން ދީނަށްވުރެ ރާއްޖޭ ގިނަމީހުން ފޯރި ހިފާފައިވަނީ ސިޔާސީ ކަންތައްތަކަށެވެ. ސިޔާސީ ލީޑަރުންނަށްޓަކާ ގުރުބާންވެދާނެއެވެ. ޕާކިސްތާން އަފުޣާނިސްތާން ފަދަ ތަންތާ މީހުން ދީނަށް ލޯބިކުރާކަން އެމީހުންގެ އަމަލުން ބޮޑަށް ހާމަވާނެއެވެ. ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް އަށް ފުރައްސާރަކޮށްފިއްޔާ ލޭ ހޫނުވެ މުޒާހަރާތައް ކޮށް އެމީހަކު މަރާލަން ކަނޑި ނަގަން ފަހެއްނުޖެހޭނެއެވެ. ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމްއަށްޓަކާ ހިތުގައި އޮންނަ ލޯބި ބޮޑީއެވެ. ރާއްޖޭގައި އެއަށްވުރެ ސިޔާސީ ފޯރިގަދައެވެ. އެމީހުން އެގޮތަށް ކޮޅަށް ތެދުވެ މުޒާހަރާއަށް ނިކުންނާނީ ސިޔާސީ މީހުންގެ ދިފާއުގައެވެ. އެމީހުންނާއިހެދި މޮޔަވެ ދީވާނާވެފައެވެ. ކޮއްކޮގެ ވާހަކަ މިހިރީ ދީނީގޮތުން ހައްދު ފަހަނަޅާފައިވާ މީހުންގެ ބީދައިންނެވެ. ހަޔާތީ އެކަމާއި ޖަދަލުކުރުމެއްނެތި އެވަގުތު ހިމޭނުން އިނީ ރައްދު ދިނަސް އިޝްކަން ގަބޫލުނުކުރާނެކަން އެނގިހުރެއެވެ.

ގެއަށް ވަންތަނުން ބަންގްލާދޭޝްގެ ޒުވާން ފިރިހެންކުއްޖަކު ކުނި ކޮތަޅުތައް ބަލާއައުމުން ހަޔާތީ އެކުއްޖާއަށް ފައިސާކޮޅެއްދީފައި އެނދު ދުރުކޮށްލަދޭން އެދުނެވެ. އޭނަ ނުލާހިކު ފަސޭހަކަމައިއެކު އެ ބަރު އެނދުގައި ހިފާ ދަމައިލިއިރު ލުއިފަތްކޮޅެއްފަދައެވެ. ހަޔާތީ އަވަހަށް އޭނަގެ ޑައިރީ ނަގާފައި ހިރަފުސް ފޮޅައިލިއެވެ.

"ޝުކުރަން.." ހަޔާތީ ހިނިތުންވެލިއެވެ.

އެކުއްޖާ ދިޔުމުން ހަޔާތީ އިޝްކަން އަށް ގުޅިއެވެ.

"ޝޭންއަދި ނުވޭ ފިރިހެނަކަށް. ކަސްރަތުކޮށް ބޮޑީ ބިލްޑްކުރީމަ އަންހެންކުދިންވެސް ލައިކްވާނީ. ޖިމަށް ގަވައިދުން ދާން ފަށާ. ދެންމެ އައި ހިކިކޮށް ހުރި ފިރިހެންކުއްޖަކު ދޮންތަގެ ބެޑް ދުރުކޮށްލަދިންއިރު މޫނަށް ރުލެއްވެސް ނާރުވާ. ދޮންތަ ހުރީ ހަމަ ތަލިން ކުޅު ހިކިފައި. ބަންގާޅު ކުދިން ހާދަ ވަރުގަދައޭ....." ހަޔާތީގެ ޖުމްލަތައް އަހަން ހުރި އިޝްކަން ހިނިގަނޑެއް ޖަހައިލާފައި މިކާލްވަރުގެ މީހަކަށް އަދި ވާނެކަމުގައި ބުނެލިއެވެ. އިޝްކަންގެ އެޖުމްލައިން ހަޔާތީ މިކާލްމަތިން މާބޮޑަށް ހަދާންވެ އެނދުގައި އިށީދެވިއްޖެއެވެ. ލޮލުން ކަރުނަ ނިރާލިއެވެ. މިކާލްގެ ޚަބަރުނުވެ ހާދަ ދުވަހެއްވެއްޖެއެވެ. ހާދަބޮޑަށް ހިތަށް ދަތިކަން ލިބި ނޭވާ ހާސްވެއެވެ. މިކާލްއަށް އިންތިޒާރުކުރާވަރު އޭނައަށް ހަމަނޭގެނީހެއްޔެވެ؟ލޯބިވާވަރު މިކާލްއަށް ނޭގެނީހެއްޔެވެ. ހިތަށް ލިބުނު ދަތިކަން ހިއްސާކޮށްލަން އިޝްކަން ކޮޓަރިއަށް ވަންއިރު ޗިޕްސްދަޅެއް އުނގުމަތީ ބަހައްޓައިގެން މަންމައަށް ގުޅައިގެން ވާހަކަދައްކަން އިޝްކަން އޮތެވެ. ހަޔާތީ ވަކިން ބޮޑަށް ދެރަވިއެވެ. މަންމައާއި އަނގައިން ނުބުނެ އެތައް ދުވަސްވުމުން ހިތަށް ލިބޭ ދަތިކަން އިތުރު އަޒާބަކަށްވިއެވެ. ހަގީގީ އުފަލަކީ ލޯބިވާ މަންމައާއި އެކު އުޅުމެވެ. ހުރިހާ އުފާތަކުގައި މަންމަވެސް ބައިވެރިކުރުމެވެ. އިޝަކަންގެ ލޯބިވެރިއެއް ނެތުމުން އަބަދު ގުޅައިގެން ވާހަކަދައްކަނީ އޭނަގެ މަންމައާއެވެ. މަންމަގެ ރަންދަރިފުޅުވީމަ މަންމަވެސް އިރުއިރުކޮޅާ ދަރިފުޅަށް ގުޅައިގެން ހާލު ބަލައިލަނީއެވެ. މަންމަވެސް އޭނަގެ މަތިން ހަދާން ނުވަނީހެއްޔެވެ. ހާދަ ދެރައެވެ.

އެލްޑީޕީ މެމްބަރަކަށް ހަމަލާދީގެން އުޅޭ ޚަބަރު ލިބުމާއިއެކު ހަޔާތީއާއި ސަޖަލް ހޮސްޕިޓަލަށް ދާން ނިންމިއެވެ. ދެކުދިން އަވަސްވެލައިގެން ތެޅެމުން ފޮޅެމުންގޮސް ލިފްޓަށް އެރިއިރު ދައްކަމުން ދިޔައީ އެ ލާދީނީ ބައިގަނޑުގެ މެމްބަރަކާއި ދިމާވުމުން ހަޔަތީ އައި ރުޅީގެ ވާހަކައެވެ. ލިފްޓަށް އެރިއިރު ފުރި ބާރުވެފައިވާވަރުން އެދެމީހުންނަށް ތިބެވުނީ ކިރިޔާއެވެ. މިއަދު މިހާ ބާރުބޮޑުވެގެން އުޅެނީ މާރާމާރީގެ ސަބަބުން ކަން ޔަގީނެވެ. ޖެހިގެން ހުރި ފްލޯއަށް ލިފްޓްމަޑުކުރުމުން އެންމެންހެން ފައިބާންއުޅެގަތުމުން ލިފްޓް ހުސްވިކަމުގައި ހަޔާތީ ހީކުރިއެވެ. ފޯރިއައިސްފަ ހުރިވަރުން ފަހަތުގައި ދެތިން މީހަކު އަދި ތިބިކަމެއް ނޭގުނެވެ. ނަމަވެސް ލިފްޓް އެއްވަސްވެފައިވަނީ ހިތްގައިމު ސެންޓު ވަހަކުންނެވެ.

"އެބައިގަނޑުން މީހަކު މަ ކޮށްޕާލަން އުޅުނު ވާހަކަ ބުނީމެއްނު. އެވަގުތު ބޯ ހަލާކުވެފައި ހުރިވަރުން ނޫންނަމަ ހޭނެތޭވަރަށް ކަންކަށިމައްޗަށް އެތިފަހަރެއް ވީއްލާލީމު. އަދި އެ ފޮނި ފިރިހެނާ އިސްކޮޅު ދިގުކަމުން ސީލިންގައި ބޯޖެހޭނެ ދޯ. އަދި ލާދީނީކަމުގެ އިންތިހާ. އަދި އެނގޭތަ؟ ޑޯގްއަކާއި ކިސްކޮށްލައިގެން ފޮޓޯއެއް ލާފައި އިންދާ ކުރީ ދުވަހު ފެނުނު. މިހުރިހާ ދުވަހު މީޑިއާއަށް ފިލައިގެން އުޅެފައި މާލެ އާދެވުނީމަ ފޮނި ފޮޓޯތައް ލާފައި މީހުންނަށް ދެއްކެން އުޅޭ. އަދި އޭނަގެ ސިކިއުރިޓީ ލައްވާ މަގޭ ގަޔަށް އަތްލެވުނުމަކަށްޓަކާ އަދި ހިތާމަކުރާނެ. އެޗްއެމް ނޫހުން އެލްޑީޕީ ބަރަހަނާކޮށްލާފައި ހުއްޓާލާނީ........." ހަޔާތީ ހީހީފައި ސަޖަލްއާއި ވާހަކަދެއްކިއިރު ސަޖަލް ހުރީ ތުންފަތް ހަފާލަހަފާލައެވެ. އަތުގައި ވިކިއެވެ. އެންމެފަހުން ހަޔާތީ ހުއްޓުވަން ބޫޓަށްވެސް އެރިއެވެ. ހަޔާތީ ތޫލިކޮށް ހަޅޭއްލަވައިގެންފާ އަދި ސަޖަލްއަށް ލޯ އަޅައިލިއެވެ. އެމީހުންގެ ފަހަތުގައި ހުރި އަމްރާން ގެ ލޯ އަވިއައިނުން ފޮރުވާލައިގެން ހުރުމުން ޝުއޫރެއް ފާޅެއްނުވިއެވެ. އޭނަގެ ދެބޮޑީގާޑުން އަޒިކިއެލް އާއި ލާވީ ތިބީ ހިނިއަންނަގޮތްވެފައެވެ. ތިންމީހުންވެސް ރަސްމީ ސޫޓުގައެވެ. ކޮރެއަން ޑްރާމާތަކުން ފެންނަފަދައިން ސޫޓުގައި ތިބުމުން ކޮންފަދަ ސްމާޓްހެއްޔެވެ؟ ސަޖަލްއަށް ބަލަން ހުރެވުނީއެވެ.

"ވަޓް ވޯޒް ދެޓް ފޯ..." ހަޔާތީ ދަތްތައް ވިކައިލިއެވެ.

ލިފްޓް ހުއްޓުމާއިއެކު ފަހަތުގައި ތިބި ބަޔަކަށް ބަލައިލުމެއްނެތި ހަޔާތީ ސަޖަލްގެ އަތުގައި އެލިގެން ފައި ކޮރެއްޖަހަމުން ހިނގައިގަތެވެ. "ކީއްވެހޭ؟ ގަސްތުގައި މަގޭ ފަޔަށް މި ހީލްސްއިން އެރީ........"

"ހަޔާ ފަހަތަށް ބަލައިލިނަމަ. އެތާ މިސްޓަރ އަމްރާން އަބުދުލްއަޒީޒު ހުންނެވި. ޓޫ ފްރެންޑްސްއިންނާއިއެކު ކަން ނޭގޭ. ދެމީހުން ދެފަރާތުގައި ސޫޓުގައި ތިބިއިރު ހަމަ ހިތް ހުއްޓޭހާ ވަރުވޭ...."

"ވަޓް؟" ހަޔާތީ ދެލޯ ކުޑަކޮށްލިއެވެ.

"ސީރިޔަސްކޮށްނޭ. ހީ ވޯޒް އިން ދަ ލިފްޓް........"

ހަޔާތީގެ މެޔަށް ގޮތެއްވެ ހިތްވެސް ތިރިއަށް ފުންމައިލިހެން ހީވިއެވެ. ކަންބޮޑުވިވަރުން ވަގުތުން ހަތަރެސްފައި ފިނިވެލިނަމަވެސް ސަޖަލްއަށްވެސް އަސްލު އިހުސާސްތައް ފޮރުވަން މަސައްކަތްކުރަމުން ހަމަޖެހޭގޮތް ދައްކައިލިއެވެ.

"މިހާރު އެނގޭނެއްނު އަހަރެމެން އެލްޑީޕީ މީހުންނަށް ކުރާ ނަފްރަތު. ސަޅިކޮށް އެވީ. ހުރިކަން ނޭގި ބަވާލެވުނީމަ ހިތަށް ފަސޭހަވެއްޖެ..." ހިތާހިތުން ހަޔާތީ ބިރުންނާއި ލަދުން ވިރޭގޮތްވިއެވެ. ނަމަވެސް ބޭރުފުށުން ދެއްކީ އެހެން ކުލަވަރެކެވެ. ކިތަންމެ ނަފްރަތުކުރިޔަސް މީހުންނާއި ދިމާލަށް އެގޮތަށް އެއްޗެހި ކިޔާ ގަދަރުކުޑަވާގޮތަށް އުޅޭކަށް ނުވާނެއެވެ. އެހެންމީހުންގެ އަބުރު ކަތިލަމުން ހިގާކަށް ނުވާނެއެވެ. ނަމަވެސް ނަމަވެސް އަމްރާން ތަފާތުވާނެ ނޫންހެއްޔެވެ؟ ކޮންމެ ކަމެއްވެސް ވާނީ ރަގަޅަށެވެ.

"ސަޖް. އަހަރެން ކުއްލިއަކަށް ބަނޑުގައި ރިއްސަންފަށައިފި....އައުޗް.." ހަޔާތީ ބަނޑުގައި އަތް އަޅާ ގުދަށް އޮންނާން ފެށުމުން ސަޖަލް ހާސްވެގެން ވަށައިގެން ހޯދައިލީ ނަރުހެއް ނޫނީ ޑޮކްޓަރެއް ނަމަވެސް ފެނޭތޯއެވެ.

"ގެއަށް ދާނީ. މޭބީ. ޕީރިއެޑް ޕެއިން..." ހަޔާތީ ސަޖަލްއަށް އޮޅުވައިލީ ވީހާވެސް އަވަހަށް އެތަނުން ނުކުމެގެން ގެއަށް ދާންވެގެންނެވެ. ބަހަނާދައްކަން އެދުވަސް ވީ ހަމަ އޭނަގެ ޗުއްޓީ ދުވަހަށެވެ. ސަޖަލްގެ މައުސޫމްކަމުން ވަރަށް ފަސޭހައިން ހެއްދުނެވެ. އަމްރާންގެ ކުރިމައްޗަށް އަރަން ޖެހިދާނެތީ އޮޅުވައިލީއޭ ސަޖަލްގެ ހިތަކަށް އެއްގޮތަކަށްވެސް ނާރައެވެ. ކާރެއް ނަގައިގެން ދެމީހުން ނައްޓައިލިއިރު ހަޔާތީގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ފެންނާން ހުއްޓެވެ. އަޖައިބުވީ ކާރަށް އެރުމުންވެސް ހެދުމުގައި ހިފާފައި ހުރި ސެންޓްވަސް ނުކެޑުމުންނެވެ. ގެއަށް ގޮސްފައި ހެދުމުގައި ވަސް އެހި އިރު ހަމަލިފްޓް ތެރޭ ދުވި މީރު ހިތްގައިމު ވަހެވެ.

"ކޮންފަދަ އަގުބޮޑު ސެންޓެއްވީމަ މިހާވަރުވާނީ. ކައިރިވެލި މީހުން ގައިގާވެސް އެވަސް ހިފާލާފައި. ކޮރަޕްޓްކަމުގެ އިންތިހާ ވާނެ. ސަރުކާރު ދަވާލާނެ. ލާހިކެއްނޫން އަމްރާންމެންނަށް ވެރިކަމާއި ކައިރިވާކަށް..." ހަޔާތީ އެނދަށް ވެއްޓިގަތްގޮތަށް ބާލީހުގައި ބައްދާލައިގެން އޮތްއިރު ސަޖަލް އުޅުނީ ބަނޑުގައި ހޫނުފެން އަޅާލަދޭންވެގެންނެވެ. ސަޖަލް އެހާ އަޅާލާތީ ހަޔާތީ އުފާވިއެވެ. މައިލޯ ތަށްޓެއް ހަދާލައިގެން ގެނެސްދިނެވެ. ބަނޑުގައި ބާމު އުގުޅާލަދިނުމުން ހަގީގަތުގައި އަރާމުވިއެވެ. އެދުވަހު ކުޑަކޮށް ބަނޑުގައި ރިއްސާގޮތްވިނަމަވެސް އޭނަ އެކްޓްޖެއްސިހާވަރެއް ވީއެއް ނޫނެވެ. ފުރަތަމަ ދެދުވަހު އެގޮތަށް ކޮންމެވެސް ވަރަކަށް ރިއްސާ އުދަގޫތަކެއްވިޔަސް ކެތްނުކުރެވޭހާއެއް ނުވެއެވެ.

އެލްޑީޕީގެ ޝައުން މަރާލިނަމަވެސް މިފަހަރުގެ ހަމަލާދިން މެމްބަރަށް މާ ބޮޑު ގެއްލުމެއްނުވެ ސަލާމަތްވިއެވެ. އެކަމަކު އެމީހުން ފަށައިގަތް މުޒާހަރާތައް ނުހުއްޓި ކުރިއަށް ގޮސް މާލެތެރެ ހަލަބޮލިވިއެވެ. ސަރުކާރު ވައްޓާލަންވެގެން އެލްޑީޕީއިން ފައި ވިއްދާލާފައިވާފަދައެވެ. ގިނަ ނޫސްތައް އެލްޑީޕީކޮޅަށް އޮތްއިރު ދެތިން ނޫހެއް ސަރުކާރާއި އެއްކޮޅަށް ޚަބަރުތައް ގެނެސް އަނެއްމީހުންގެ ފަތިފުށްތައް ހާމަކޮށް ލާދީނީކަން ދައްކަން ޚަބަރު ފަތުރައެވެ. ދޮގާއި ތެދާއިއެކުގައިވެސްމެއެވެ. ވަކިފަރާތަކަށް ނުޖެހި ތެދު ޚަބަރުތައް ގެނެސްދޭ ނޫހެއް ހަމަ ނެތީއެވެ.

 

އެޗްއެމްއަށް ފަސްޓް ލޭޑީ ޒިޔާރަތްކުރެއްވުމަށްފަހު ހަޔާތީއަށް ފައިސާގެ އެހީއެއް ވެދެއްވިއެވެ. އެޗްއެމްއިން ދީނީ ޕްރޮގްރާމްތައް ގެނެސްދޭތީކަމުގައި އެކަމަނާ ވިދާޅުވިޔަސް ހަގީގަތަކީ އަދި އެއީއެއް ނޫނެވެ. ދެމީހުން އެކީ ތިބި ތާރީޚީ ފޮޓޯއެއްވެސް އެވަގުތު ނެގުނެވެ. އެއީ މާނަހުރި ފޮޓޯއަކަށް ވެދާނެކަމަކަށް އޭރު ހަޔާތީ ނުދެކެއެވެ. އެފޮޓޯ ނޫސްތަކަށް އަރާނެކަމަކަށްވެސް ހިޔެއްނުކުރެއެވެ. ދެމީހުން ހިނިތުންވެލާފައި އަތުގައި ހިފަހައްޓާލައިގެން ތިބި ފޮޓޯ ކިތަންމެހާވެސް ހިތްގައިމެވެ. ހަޔާތީގެ މައުސޫމްކަމާއި އެކުގައިވެސް ތޫނުފިލިކަމެއް ހުރުމުން ކިތަންމެ މީހުންގެ ނަޒަރުގައި އޭނަ އަޅައިގަތެވެ.

ހަފްތާއެއް ފާއިތުވެގެން ދިޔައީ ހަލުވިކޮށެވެ. ނަމަވެސް ހަޔާތީގެ ދިރިއުޅުމުގެ ކަށި ހުއްޓިފައިވާފަދައެވެ. މިކާލްގެ އިންތިޒާރުގައި ދުވަސްތައް ގުނަމުން އުއްމީދުގެ ހުޅުކޮޅު ނިވިޔަނުދީ ހަޔާތީ ދުވަސްތަކާއި ކުރިމަތިލައެވެ. މިކާލްގެ މައިންބަފައިންނަށް އަޅާލާ ޚިދުމަތުގައި ހުންނަމުން ވަޒީފާ ބަރާބަރަށް އަދާކުރެއެވެ. އަދި ކޮއްކޮ އިޝްކަންގެ ކަންތައްތައް ދާދިގާތުން ބަލައެވެ. އެހެން އުޅެން ހަދައިގެން މިކާލް އޭނަކައިރީ ބަލަން ބުނި ފޮތްތަކުގައި އަތްލާނެ ވަގުތެއްނުވިއެވެ. ތަފްސީރު އެންމެ ސަފުހާއެއް ކިޔުނުގޮތަށް އެކަމާއި ނޫޅެވުނީއެވެ. ކުރަން ހުންނަ މަސައްކަތް ގިނައީއެވެ.

އަވަދިނެތި އުޅުނު ދުވަހަކަށްފަހު ގެއަށް އާދެވުނުއިރު ހޫނުގަދަކަމުން މޫނު އަންދާހެން ހީވިއެވެ. މިކާލް އިޝްކަން ދުއްވަން ސައިކަލްގެ ތަޅުދަނޑު ދީފައި އޮތުމުން ގެއަށް އައީ އިޝްކަންއާއިއެކުގައެވެ. ފެންވަރާލަން ބޭނުންވެފައި ހުރެވެސް ކޮއްކޮއަށާއި މުފުތިހާމެންނަށް ސައި ގެންގޮސްދިނެވެ. ހުރިހާ މަސައްކަތެއްކޮށް ނިމުނުއިރު ވެފައި ހުރި ލޮޑުކަމެއްގެ ސަބަބުން މައިލޯ ތަށްޓެއް ހަދައިގެން މޭޒުދޮށުގައި އިށީދެ ހެދިކާ ކެއެވެ.

"ހަޔާތީ އެބަ އަންނަން މިޝާމެން ބަޔަށް ގޮސްފަ. ކީއްވެ ހަޔާ ކޮއްކޮ މިހާރު މިގެއަށް ނުވަންނަނީ؟ " މުފުތިހާ ދޮރު މަތީ ހުރެފައި އަހައިލިއެވެ.

"އޯ. ބިޒީކަމުން ކަމަށްވާނީ.." ހަޔާތީއަށް އެކަން ފާހަގަކުރެވުނީ މުފުތިހާގެ އެ ޖުމްލައިންނެވެ.

"ދޮރު ތަޅުލާތި. ވަގުންގެ ކަންތައް ބޮޑު ދުވަސްވަރެއް. ޒުލޭޚާ ބުންޏޭ އެގެއަށް ވަގަކު ވަންނަން އުޅެނިކޮށް ސިޑި ގޮޅިއަށް ވެއްޓުނީޔޯ. ފުލުހުން އައިސް އެ ވަގު ކަލޭގެ އެތަނުން ނެގީ...." މުފުތިހާ އާއި ޔާސިރު ނުކުތުމުން އިރުކޮޅެއްވާންދެން ބަލަން އިނދެވުނެވެ. ދެމަފިރިން އެކީ އުޅޭގޮތުން ވަރަށް ލޯބިވާފަދައެވެ. އޭނައާއި މިކާލްވެސް އެގޮތުގައި އެކީ އުޅެ މުސްކުޅިވާނެނަމައޭ ހިތަށް އަރާ ފަހަރު މަދެއްނޫނެވެ. ޔާސިރު ފެނުމުން މިހާރަކަށް އައިސް ވާހަކަދައްކާހިތެއް ނުވެއެވެ. މަންމައާއިމެދު ކަންތައްކުރި އިހާނެތިގޮތް ހިތަށް އަރާފައި އެކަމާއި ރުޅިއާދެވެނީއެވެ. އޭނަގެ ދޮންތަ ދުނިޔޭގައި ހުރިނަމަ ދޮންތަވާނީ މިކާލްގެވެސް އެއްބަފާ ދައްތައަށެވެ. މިކާލް ކައިރީ އެވާހަކަ ބުނަންވީ ބާވައެވެ. މަންމަގެ ސިއްރަކަށްވާތީ ބުނެވޭކަށްވެސް ނެތެވެ.

ފެންވަރާލާ ތާޒާވެލުމަށްފަހު މޭޒުކައިރީ އިށީދެ ހަޔާތީ އިށީދެ އާޓިކަލްއެއް ލިޔަންފެށިއެވެ. މިފަހަރު ސީދާ އަމްރާންއަށް ނިސްބަތްވާގޮތަށެވެ.

އަމްރާން އޭނަގެ ޕެޓް ކުއްތާއަކާއިއެކު ނިއުޔޯކް އެޕާޓްމެންޓެއްގައި ނަގާފައި އިން ފޮޓޯ ލާފައި ހަޔާތީ އާޓިކަލް ލިޔުނުއިރު ސީދާ ނަން ބޭނުންކޮށްފައި ނެތަސް އަމްރާންގެ ވާހަކަކަން ވިސްނޭނެއެވެ. އެހެން މީހަކަށް ނޭގުނަސް އޭނައަށް އެކަން އެނގިގެން އަމިއްލަ ނަފުސާއިމެދު ވިސްނާނެކަން ޔަގީނެވެ. މީހަކާއި ނީންނަކަން ޔަގީންވީ އެފްބީ ބަލާލުމުން އެތައް ސަތޭކަ އަންހެންކުދިން އޭނަގެ ފަހަތުން އަޅުވާފައި މީހަކާއި އިންނަނީ ކޮން ދުވަހަކުންތޯ އާއި އެމީހުން ހުހަށް ތިބިކަން އިއުލާންކޮށް ލަދެއްނެތި އޭނައަށް އާދޭސްކުރާތަން ފެނިފައެވެ. ހަޔާތީ ކޮންމެ އެއްޗެކޭ ބުންޏަސްމީހަކައި ނީދެ އެހެރީ ކޮންމެހެން އަންހެނަކު ނުވެގެން ނޫންކަން ހަޔާތީ ދަނެއެވެ. ނަމަވެސް ހިތް ގަބޫލުކުރަން ބޭނުންނުވަނީއެވެ. އެ އާޓިކަލްގައި ހަޔާތީ ޚާއްސަކޮށް ތަންކޮޅެއް ލިޔުނީ އަމްރާން ރުޅިއަރުވާލާށެވެ. އެ ކައިންޑް އޮފް މޭން ނޯ ވުމަން ވުޑް ވޯންޓް އެހެންވެ ސިންގަލްކޮށް ހުންނަނީއޭ ބުނި ޖުމްލަ އަމްރާންއަށް ފެނިއްޖެއްޔާ "ކޫލް" ވެގެން ބޮޑާވެގެން ހަމަ އެގޮތުގައި ހުންނާނެހެއްޔެވެ؟ މިކުޅެވެނީ އަލިފާނާއި ކަމެއް ނޭގި ހަޔާތީގެ ޅަކަމުން އަމްރާންގެ އަގު ވައްޓާލަން މަސައްކަތްފެށިއެވެ. އަމްރާންފަދަ ނުފޫޒުގަދަ މީހަކަށް ނޫސްވެރިއެއްގެ ދިރިއުޅުން ބަރުބާދުކޮށްލުމަކީ ކިހާވަރެއްގެ ފަސޭހަކަމެއްކަން އޭރަކު ހަޔާތީއަކަށް ނޭގެއެވެ.

ސިޓިން ރޫމުން ބަޔަކު މާ ފޯރިއާއިއެކު ވާހަކަދައްކާ އަޑު އިވިފައި ހަޔާތީ ކުރަން އިން މަސައްކަތް ހުއްޓާލާފައި ގޮސް ދޮރު ހުޅުވާފައި ބަލައިލުމާއެކު އުފަލުންގޮސް ދެލޯ ވިދައިގަތެވެ.

"ސަމާ.........ވެލްކަމް ބެކް...." ހަޔާތީއަށް ދުއްވައިގަނެވުނެވެ. އޭރު މުފުތިހާއާއި ޔާސިރު އަދި މިޝާއައި ހިނާއާއި ކުދިންވެސް ސަމާ ވަށާލާ އެކި ސުވާލުތައްކުރަމުން ދިޔައެވެ. ހަޔާތީއަށްވެސް ގޮސް ސަމާގެ ގައިގާ ބައްދާލެވުނުއިރު މިކާލް ފެންނާން ނެތުމުން ވަށައިގެން ހޯދާލެވުނެވެ. މިކާލް ކޮބާހެއްޔެވެ؟ ސަމާއާއިއެކު މިކާލްވެސް އަންނާނެ ނޫންހެއްޔެވެ. އެކަކުވެސް މިކާލްއޭ ކިޔައިގެން ވާހަކަ ނުދައްކާތީ އެސުވާލުކުރަންވެސް ހިތް ބިރުގަތެވެ. އަތްފައިން ދާހިއްލާލައިފިއެވެ. އުފަލުންގޮސް ފުރިފައިވާ މޫނުތަކުގެ ތެރެއިންވެސް ސަމާގެ މޫނުން ފެނުނީ ތަފާތު ކުލަވަރެކެވެ. ސަމާ ހުރީ އުފަލަކުން ނޫނެވެ.

"މިކޮޅަށް އަންނަ ހިތަކުން ނޫން މިއައީ. މިއީ ކުފުރުގެ ބިމެއް........." ސަމާ ޖެހިލުމެއްނެތި ބުނެލާފައި ސޯފާއަށް ތިރިވިއެވެ. ދެލޯ ކަރުނުން ފުރުނެވެ. އާއިލާއާއި ބައްދަލުވުމުންވެސް މިކުއްޖާ އުފަލެއްނުވިއެވެ. ވާނީވެސް އެހެންތާއެވެ. ސަމާއަކަށް އަދި ސީރިޔާއަށް އެތެރެވެ އެހެން ކުދިން ފަދައިން އެމީހުން އުޅޭ ހާލު އެނގިފައެއްނުވެއެވެ. ސީރިޔާއަށް ދެވި ހިތި ތަޖިރިބާއެއް ކުރެވުނުނަމަ ސަމާ މިގޮތަށް ނޫޅުނީހޭ ހަޔާތީގެ ހިތަށް އެރިއެވެ. ޅަކަމުން މީހަކު އެއްޗެކޭ ބުނާއިރަށް ގަބޫލުކުރާއިރު މުސްލިމުން ގިނަ ބިމެއް ކުފުރުގެ ބިމަކަށްވާނެ ގޮތެއް ނެތްކަން ސަމާއަށް ނުވިސްނެނީހެއްޔެވެ؟

"ސަމާ........ދޮންބެ...ކޮބާ ދޮންބެ؟ " އެންމެފަހުން ހަޔާތީގެ ކެތްތެރިކަން ކޮޅުން ލައިގެން ދާންފެށުމުން ސުވާލުކޮށްލީ ސަމާގެ އަތް އޭނަގެ އަތުގެ ތެރެއަށް ލަމުންނެވެ. ސަމާއަށް އަދި އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ކޮންމެވެސް މީހަކު ދޮރު ހުޅުވާލުމާއިއެކު ހަޔާތީއަށް ބަލައިލެވުނީ ހިތް އަވަސްވުމާއެކުގައެވެ. މިކާލްގެ ސޫރަދެކޭހިތުން ކެތްތެރިކަން ކޮޅުންލާފައިވަނިކޮށް އެންމެފަހުން މިކާލް އައީއެވެ. އުފަލުން ކޮޅަށް ތެދުވެވުނުއިރު ދެލޮލުގެ ވިދުން އިންތިހާއަށް ގަދަވެއްޖެއެވެ.

ކޮމެންޓް 0