އަނާލްގެ އެ މަޑު އަތުގެ ބީހިލުން އަދިވެސް އިޒިއަންއަށް އިހްސާސް ކުރެވޭ ފަދައެވެ. އެ އަތް ތުރުތުރު އަޅަމުން ދިޔަ ގޮތާ އިޒިއަންއަށް އެ އަތުގައި ހިފާލެވުނު ގޮތް ހަނދާން ވުމާއެކު އުއްޑުން އޮތް އިޒިއަން ދެއަތް އުފުލާލާ އެ ދެއަތަށް ބަލާލިއެވެ. ދެ ބުމަ ގޮށްޖެހިގެން ދިޔުމާއެކު އިޒިއަންއަށް އަނގައިން ރުޅިވެރި އަޑެއް ބޭރުކޮށްލެވުނެވެ. އޭނާގެ ވިސްނުމަށް އެ ވަގުތު އައީ ކޮން ފަދަ ހިޔާލެއް ކަމެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އެ ހިޔާލެއްގެ ސަބަބުން އިޒިއަންގެ ނަފްސުގެ ހަމަޖެހުން ގެއްލިއްޖެކަމެވެ.
*****
"ޔޫ ހޭވް ޓު ބީ ބްރޭވް!... ޔޫ ހޭވް ޓު ބީ..." ކޮޓަރީގެ ކުޑަދޮރު ކައިރީގައި އެކަނި އިނދެ އަނާލް އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ. އޭނާގެ ލޯ ވަނީ މަރާ ފިއްތާލެވިފައެވެ. ދުއްވާ ގޮނޑީގެ އަތްގަނޑުގައި ދެއަތުން ހިފައްޓާފައިވާއިރު ފަހަރަކަށް ވުރެ ފަހަރެއް އެ އަތް ގަނޑަށް ބާރު ކުރަމުން ދިޔައެވެ. ވައިގަދައެވެ. ހިސާބަކަށް ހިމަ ފޮދު ވާރޭގެ އަސަރު ވެސް ކުރަމުންދިޔައެވެ. މަންމަ ހައްދާ ބަގީޗާގެ ގަސްތައް ގިނަކަމުން އެތަނުގައި ލައިޓްތަކެއް ޖަހާފައި ހުރިނަމަވެސް ފެންނަނީ އަނދިރިކޮށެވެ. އަނާލް ދެލޯ ހުޅުވާލާ ހިޔާލެއް ނުކުރިއެވެ.
"އަހަރެންނަށް މިކަންތައް ވާނެ... މި ހުރިހާ ފިއާރ ތަކަކާ ކުތިމަތިލާން ދަސްކުރަން ޖެހޭނެ... އައި ހޭވްޓު ގެޓް ރިޑް އޮފް ދިސް...." އަނާލް އަމިއްލަ ނަފްސާ ވާހަކަ ދެއްކިއެވެ.
"ނާލް!... ނާލް..." ކޮޓަރިއަށް ވަތް ދީމް އަނާލްއަށް ގޮވާލިއެވެ. ދީމްގެ ލޮލުގައި ކުޑަ ދޮރާ ދިމާލުގައި އިން އަނާލް އަޅައިގަތުމާއެކު އަވަސްއަވަހަށް އެދިމާލަށް ދުއްވައިގަތެވެ. އަނާލްއާ ދާދި ގާތަށް ހުއްޓުމަށްފަހު ދީމް އަނާލްގެ ކޮނޑުގައި މަޑުމަޑުން ޖަހާލީ އަނާލް އިންގޮތުން ހިތަށް ބިރުވެރިކަން ވެރިވެފައިވާ ހާލުގައެވެ. ދެލޯ ތަގުޅިކޮށްލައިގެން އިންއިރު އެ މޫނުމަތިން ބިރާ ސިހުން ފާޅުވޭވޭ ހުއްޓެވެ. މަޑުމަޑުން ދޫ ހަރަކާތް ކުރަމުން ކޮންމެވެސް އެއްޗެކޭ އަނާލް ކިޔަމުން ދިޔައެވެ.
އެހެންނަމަވެސް އަޑު އައިލެއް މަޑުކަމުން އެ ކިޔަނީ ކީކޭކަން ދެނެގަންނަން ދީމް ނުކުޅެދުނެވެ. އަނާލްގެ ކޮނޑުގައި ދީމް ހިފައްޓާލުމުން ވެސް އެކަން އަނާލްއަށް އިހްސާސް ވީހެނެއް ހިޔެއް ނުވެއެވެ. އެހެންކަމުން އޭނާ އަނާލްގެ ކޮނޑަށް ކުޑަކޮށް ބާރުކޮށްލިއެވެ.
"ޔޫ ހޭވްޓު ގެޓް ރިޑް އޮފް ދިސް އަނާލް....." އަވަސް ވަމުން ދިޔަ ނޭވާއާ އެކު އަނާލް އެއްފަހަރު ތަންކޮޅެއް ބާރަށް ބުނެލި އަޑު ދީމްއަށް އިވުނެވެ. އޭނާ އަވަސްއަވަހަށް އަނާލްގެ ގޮނޑި އަނބުރާލަމުން އެ ގޮނޑިއާ ދިމާލުގައި އުޑުފައިން ކަހަލަ ގޮތަކަށް އިށީނެވެ. އަނާލްގެ އަތުގައި ހިފާލަމުން ދީމް އަނާލްއަށް ގޮވާލީ ކަންބޮޑުވެފައެވެ.
"އަނާލް!..." ތަންކޮޅެއް ބާރަށް ގޮވާލި ދީމްގެ އަޑުގައި ބިރުވެރިކަމާއި ސިހުން އެކުލެވިފައިވެއެވެ.
"މަޒާޔާ އާންޓީ... އާންޓީ" ދީމްގެ އެއްވެސް އިޝާރާތަކަށް އަނާލް ޖަވާބު ނުދިނުމާއެކު ދީމްއަށް މަޒާޔާއަށް މަޑު މަޑުން ގޮވާލެވުނީ އިތުރު އެއްވެސް ގޮތެއް ނެތުމުންނެވެ. އޭނާ ތަންކޮޅެއް ބާރަށް ގޮވާލުމުން ވެސް މަޒާޔާގެ ހަބަރެއް ނުވިއެވެ. މަޒާޔާއާއި ފިރިމީހާ އައްމާރުއާ ދެމީހުންގެ ކޮޓަރިވެސް ހުންނަނީ އެންމެ ތިރީގައި ކަމުން އެންމެ ފަސޭހައިން އަޑު އިވޭނީ އެ ދެމީހުންނަށެވެ. މަޒާޔާ ނައުމާއެކު އަވަސް ވެފައިވާ ހިތަކާއެކު ދީމް ދޮރާ ދިމާލަށް ދުއްވައިގަތެވެ.
"ދީމް!..." ދީމްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ އަނާލް ދީމްއަށް ގޮވާލި އަޑު އިވިފައެވެ. ފިޔަވަޅުތައް ހުރިތަނަށް ގަނޑުވިއެވެ. ދީމް މަޑުމަޑުން ފަސް އެނބުރި ބަލާލިއެވެ. އަނާލް ދެލޯ ހުޅުވާލައިގެން އޭނާއާ ދިމާލަށް ބަލަން އިންއިރު ވެސް ކަރުނަވީ އެ ބޮޑު ދެލޮލުން އޭނާއަށް ހިތްދަތިކަމާ، ވޭނާ ސިހުން ފެންނަމުން ދިޔައެވެ. އެތަކެއް އިހްސާސްތަކެއް ފޮރުވިފައިވާ އެ ބޮޑު ދެލޮލުން އަންގައިދޭން މަސައްކަތް ކުރަނީ ކީކޭކަން ދެނެގަންނަން ދީމް ނުކުޅެދުނެވެ.
"ދީމް!..." ދެވަނަފަހަރަށް ވެސް އަނާލް ގޮވާލުމާއެކު ދީމް އެ ދިމާލަށް މިސްރާބުޖެހިއެވެ. އަދި ދޮރުތައް ލައްޕާލަމުން ފޮތިތައް ދަމާލާ އައިސް އަނާލްގެ ކުރިމައްޗަށް ވާގޮތަށް ހުއްޓުނެވެ.
"ކިހިނެތް ވީތަ ނާލް؟... ނާލް ނުޖެހޭނެ އަމިއްލަ ނަފްސަށް ފޯސް ކޮށްގެން ހުރިހާ ކަމެއް އެއްފަހަރާ ރަނގަޅުކުރުވަން އުޅޭކަށް... މަޑުމަޑުން ނާލްގެ އަމިއްލަ ނަފްސަށް ހޭންޑެލް ކުރެވޭ ވަރަށް ހުރިހާކަމެއް ވެސް ކުރީމަ ހުންނާނީ ރަނގަޅަށް..." އަނާލްގެ އަތުގައި ހިފާލަމުން ދީމް ވާހަކަ ދެއްކިއެވެ. އަދި އަނާލްގެ ލޮލުން އަންނަމުންދިޔަ ކަރުނަތައް ފުހެލަދިނެވެ.
"އައި ވޯންޓު ބީ އަ ނޯރމަލް ޕާރސަން....." އަނާލް އިސްޖަހާލަމުން ބުނެލިއެވެ.
"ޔޫ އާރ ނާލް..." ދީމްއަށް ބުނެވުނެވެ. އަމިއްލަ ފަޔަށް އިޝާރާތް ކޮށްލަމުން އަނާލް ދެންވެސް އެ ޖުމްލަ ތަކުރާރު ކޮށްލިއެވެ.
"އަހަރެން މިހާރު ސެޝަންތައް ނަގާ ވާހަކަ ވެސް ރަމްޔާ ގާތު ބުނެފިން... ރަމްޔާ ބުނީ އަހަރެން ރެޑީވީމަ ފަށަން ވިއްޔޭ..." އަނާލް ކުއްލިއަކަށް ބުނެލިއެވެ.
"ނާލް! ވަރަށް އުފާވެއްޖެ..." ދީމް ހިނިތުންވެލިއެވެ.
"ކިހިނެތްވީ ދީމް؟" ކުއްލިއަކަށް ކޮޓަރީގެ ދޮރު ވަރަށް ބާރަށް ހުޅުވާލުމާއެކު އެތެރެއަށް ހަލުވި މިނުގައި ދެމިގަތް މަޒާޔާ ވާހަކަ ދެއްކިއެވެ.
"މީ މީ..." ދީމްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
"މީ ކުރަތްޕެއް ފެނުނީ ދޯ ނާލް!....." ދީމް އަނާލްއަށް ބަލާލަމުން އަވަސްއަވަހަށް ވާހަކަ ދެއްކިއެވެ. މަޒާޔާ ޝައްކުގެ ނަޒަރަކުން ފަހަރަކު މީހަކަށް ބަލާލި ކަމުގައި ވިނަމަވެސް އަނާލް ވެސް މޫނުމަތީގައިވި އަސަރުތައް ފޮރުވާލިލެއް މޮޅުކަމުން އެކަން މަޒާޔާއަށް އެނގުނުހެނެއް ހިޔެއްނުވެއެވެ. ދީމް ކޮޓަރީގެ އެތައް މިތަން ހޯދަމުން 'މިހާރު ދިޔައީ ކަންނޭގެޔޭ' ބުނުމުން މަޒާޔާ ހިނިތުންވެލިއެވެ. އޭނާ އަނާލްގެ ގާތަށް އައިސް ގުދުވެލާ އަނާލްގެ ނިތުގައި ބޮސްދިނެވެ. އެ ވަގުތަކީ ކޮޓަރީގެ ދޮރުމައްޗަށް އައްމާރު ވެސް ހުއްޓުނު ވަގުތަށް ވުމާއެކު އެ މަންޒަރު ނުހަނު ސާފުކޮށް އައްމާރުގެ ލޮލުގައި އަޅައިގަތެވެ. އަނާލްއާއި މަޒާޔާގެ ހަރަކާތްތަކަށް ސަމާލްކަންދީގެން ހުރި ދީމްއަށް ވެސް ހިނިތުންވެލެވުނެވެ. އޭނާގެ ލޮލަށް ކަރުނަތަށް ޖަމާވީ އޭނާގެ އަމިއްލަ މަންމަ އޭނާއާއި ދެމެދު އެފަދަ ގާތްކަމެއް ނުބަހައްޓާތީއެވެ. އެ މަންމަގެ ބަނޑުން އުފަންވި ދަރިއަކަށް ވިޔަސް އެ ހިތުގައި ދީމްއަށްޓަކައި މައިވަންތަކަމުގެ ކުލުނު އެއްވެސް ވަރަކަށް ނުހުރެއެވެ.
މަޒާޔާ އަނާލްގެ ނިތަށް ބޮސްދީ ތެދުވެ ދީމްއާ ދިމާލަށް ބަލާލާ ދީމްގެ ގައިގައި ބައްދާލިއެވެ. އަދި އެއަށްފަހު ދީމްގެ ނިތަށް ވެސް ބޮސްދިނެވެ.
"ދެކުދިންނަށް ވެސް ވަރަށް ބާއްޖަވެރި ރޭގަނޑަކަށް އެދެން... " މަޒާޔާ ބުނެލިއެވެ.
"ހާދަ ވަރަކަށް ތި އުފާކޮށްލަނީ ހެހެ... " އައްމާރުގެ އަޑަށް ތިން މީހުންގެ ނަޒަރު ދޮރާ ދިމާލަށް ހުއްޓުނެވެ.
"ޑޭޑް!" އަނާލް ގޮވާލިއެވެ. އައްމާރު އަނާލްގެ ގޮނޑި ގެނެސް އެނދުކައިރީގައި ބަހައްޓަމުން އޭނާ އެނދުގައި އިށީނެވެ. އަދި އަނާލްގެ ދެލޮލަށް ބަލާލިއެވެ. އެ މޫނުމަތިން ކޮންމެވެސް ވަރަކަށް އުނދަގޫކަމެއް އޭނާއަށް ފާހަގަ ކުރެވުނެވެ. އެހެންނަމަވެސް އެކަމާ އެ ވަގުތު ސުވާލުކުރާކަށް އައްމާރު ބޭނުމެއް ނުވިއެވެ. އައްމާރު އަނާލްއާ ދައްކަން އެއައީ ވަރަށް މުހިންމު ވާހަކައެކެވެ. އޭނާ އަނާލްއަށް ބަލާލަމުން ހިނިތުންވެލިއެވެ.
"ދަރިފުޅާ!..." އައްމާރު ވަރަށް ވިސްނަން އިނދެފައި އަނާލް އަށް ގޮވާލިއެވެ. އެ އަޑުގައި ވަނީ މަޑުމައިތިރިކަމެވެ. އަނާލްގެ ސަމާލްކަން އޭނާ މިވަގުތު ފުރިހަމައަށް ބޭނުންވެފައި ވާކަން ހާމަވަމުން ދިޔައެވެ.
"ލައްބަ!..." އަނާލް އޭނާގެ ބައްޕައަށް ހުރިހާ ސަމާލްކަމެއް ހުއްޓާލަމުން ޖަވާބުދިނެވެ.
"ދަރިފުޅާ ބައްޕަ އެބައޮތް ވަރަށް މުހިންމު ވާހަކައެއް ދައްކަންވެފަ...." އައްމާރު ވާހަކަ ގެންދިޔައީ ވަރަށް ލަސްލަހުންނެވެ. އޭނާ ދުރުދުރުން ވާހަކަ ފެށިއެވެ.
"ބައްޕަމެން އެކަކުވެސް ނޭދެން ދަރިފުޅަށް ގެއްލުމެއްވާކަށް... ބައްޕަ ވެސް ޤަބޫލްކުރަން މިހެން އުޅެން ދަރިފުޅަށްވެސް ފަސޭހަ ނުވާނެކަން... ދަރިފުޅު ހިތްހަމަ ޖެހޭ ހުރިހާ ގޮތަކަށް ބައްޕަމެން އެބަ ރުހި ޤަބޫލުވަން... ދަރިފުޅު މި ބައްޕައަށް ޓަކާ ކަމެއް ކޮށްދީބަލަ!" އައްމާރުގެ އަޑުގައި ވަނީ އާދޭހުގެ ރާގެކެވެ.
"އަޅުގަނޑުގެ ކައިރީގައި ބައްޕަ ދުވަހަކުވެސް ކަމަކު އާދޭސް ކުރާކަށް ނުޖެހޭނެ... އަޅުގަނޑުގެ އާއިލާ އަކީ ހުރިހާ ވެސް އެއްޗަކީ..." އަނާލް ވާހަކަ ދެއްކިއެވެ.
"އެހެންވިއްޔާ ބައްޕައަށް ޓަކާ އަލުން ޑރ. ރަމްޔާއާ އެކީ ސެޝަންތައް ކުރިއަށް ގެންގޮސްދީ! ބައްޕަ ނޭދެން ދަރިފުޅު އިހުހުރި ހާލަތަށް ވެއްޓޭކަށް... ދަރިފުޅު އަނެއްކާ ސަކަރާތްވާކަން ބައްޕައަށް އެނގިއްޖެ. މިހާރު ދެރަވޭ ދަރިފުޅު އެދުމުން ސެޝަންތައް ހުއްޓާލަން ހުއްދަ ދެވުނީތީ، އެއީ ދަރިފުޅު ބޭނުންވާ ގޮތަކަށް ކަންތައް ކުރުމުގެ އިޚްތިޔާރު ދިނުމަށް. އެކަމަކު މިހާރު ބައްޕަ މި އެދެނީ ދަރިފުޅު ގާތުން ހަމަ އެންމެކަމަކަށް..." އައްމާރު ވާހަކަ ދެއްކިއެވެ.
"ބައްޕާ... އަޅުގަނޑު މާ ކުރިންވެސް އެ ސެޝަންތައް ފަށަން ނިންމައިފިން... އިންޝާ ﷲ... އެއްކޮށް އަޅުގަނޑު ރަނގަޅުވާނަން،" އަނާލްގެ އަޑުގައި މިހާރު ވަނީ އާދަޔާ ޚިލާފު ޖޯޝެކެވެ.
"ބައްޕަ މިއަދު ވަރަށް އުފާވެއްޖެ..." އައްމާރު އަނާލްގެ ބޮލުގައި ފިރުމާލިއެވެ. އޭނާ ދީމްއަށް ވެސް ބަލާލާފައި ދެމީހުންނަށް ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށްފަހު 'ބާއްޖަވެރި ރޭގަނޑަކަށް އެދެމޭ' ބުނެލިއެވެ.
"ގުޑް ނައިޓް އަންކަލް... ގުޑްނައިޓް މަޒާޔާ އާންޓީ..." ދީމް ވެސް ރޭގަނޑުގެ މަރްޙަބާ ކިޔެވެ. ދެން އޭނާ އަވަސްވީ އަނާލް ނިދަން ރެޑީކުރުވުމަށެވެ.
ދީމް އަނާލްގެ ގައިމަތީގައި ރަޖާ އަޅާލަމުން އާފުރެމުން އައިސް އަނެއްފަރާތުގައި ޖައްސާލިއެވެ. ނިދި ލޮލަށް ސަވާރުވެ އޭނާއަށް ދާދި ފަސޭހައިން ނިދިއްޖެއެވެ. އެހެންނަމަވެސް އަނާލްގެ ލޮލަށް ނިންޖެއް ނައެވެ. އޭނާ ދެލޯ ބޮޑުކޮށްލައިގެން އޮތީ ނިދިނައިސްފައެވެ. މިއަދު ފެނުނު ޒުވާނާއާ މެދު ވިސްނެން ފެށި އަނާލްގެ ދެލޮލަށް ވަގުތުން ކަރުނަތައް ޖަމާވިއެވެ.
"އައި ހޭޓް ޔޫ....." ކަރުނަތަށް އޭނާގެ ކޯތާފަތުން ތިރިއަށް ރޮނގު ދެމިގެން ދިޔުމާއެކު ވޭނީ 'އާހް' އަކާއެކު ދެތުންފަތް ފޫއަޅުވާލާފައި އެ ބަސްތައް ނުކުތެވެ. ތުންފަތުގައި މަޑު ތުރުތުރެއްވުމާއެކު އަނާލްއަށް ހިކިފައިވާ ދެތުންފަތުގައި ދޫ ހާކާލެވުނެވެ. ކަރުނަތަށް ފޮހެމުން އަނާލް އަމިއްލަ ނަފްސާ ވާހަކަ ދެއްކިއެވެ.
"ބީ ބްރޭވް އަނާލް..." ދެލޯ މަރާލައިގެން އޮތް އަނާލްގެ ކަންފަތުގައި އަމިއްލަ އަޑު ޖެހުމާއެކު އޭނާއަށް ކުއްލިއަކަށް ދެލޯ ހުޅުވާލާ ވަށައިގެން ބަލާލެވުނެވެ. ޑްރެސިން ޓޭބަލް ކައިރީގައި އޭނާގެ ސޫރައިގައި ހުރި އަންހެން ކުއްޖާ ހުރީ ސީދާ އޭނާއާ ދިމާލަށް ބަލަހައްޓައިގެންނެވެ.
"ކީއްވެ އަނާލް؟ ކީއްވެ ތި ރޮނީ؟... އެމީހަކަށްޓަކާ ކަރުނަ ނުއޮހޮރުވަން އަނާލް އަމިއްލަ ނަފްސަށް ވައުދު ނުވަންތަ؟ އެ ބާބު އެއްކޮށް ނިންމާލައިފީމެއްނު... އަނާލްގެ ލޮލުން ތި ބޭކާރު ކަރުނަތައް ނުއޮހުރުވުމަށް ހުވާ ނުކުރަންތަ؟ އަނާލް ބަލިކަށިވާން ބޭނުންވާ ސަބަކަށް އޭނާގެ އެންމެ ފަހަރެއްގެ ފެނިލުންވާން ބޭނުންތަ؟ އަނާލްގެ ހިތްވަރު އެލެން ބޭނުންތަ؟..." އޭނާގެ ޖުމްލަތަށް ތަކުރާރުކޮށް އަނާލްގެ ކަންފަތުގައި ގުގުމަން ފެށުމާއެކު ބޮލުގައި ރިއްސަން ފެށިއެވެ. އަނާލް ދެ ކަންފަތުގައި ބާރަށް އަތް އަޅާލުމާއެކު ހަޅޭއްލަވައިގަތީ ކެތް ނުކުރެވުމުންވެ. އޭރު އޭނާގެ ދެބުމަ ވަނީ ގާތްވެފައެވެ. ދެލޯ ތަގުޅިކޮށްލާފައި ވެއެވެ. ނޭވާ އަވަސްވެ މީހާގެ މުޅި ހަށިގަނޑުގައި މަޑު ތުރުތުރެއްވިއެވެ.
*****
ބިރުވެރި ހުވަފެނެއް ފެނިގެން ސިއްސައިގެން ގޮސް ހޭލި އިޒިއަންގެ މޫނުމަތިން ދާތިކިތައް ފައިބަމުން ދިޔައެވެ. މީހާގެ ނޭވާ ވަނީ އަވަސްވެ ކުރުވެފައެވެ. ބޮލުގައި ދެއަތުން ހިފައްޓާލެވުމާއެކު އޭނާއަށް ދެލޯ މަރާލެވުނެވެ. އަވަސްވެފައިވާ ނޭވާ ހަމައަކަށް އެޅުވުމަށް އިޒިއަން މަސައްކަތް ކުރަމުންދިޔަ ނަމަވެސް އޭނާއަކަށް އެކަން ކާމިޔާބެއް ނުކުރެވުނެވެ. އެއަށް ވުރެ ބޮޑަށް އެ ހިތާ ހަށިގަނޑުގައި އުފެދިފައިވާ ހައިޖާނުގަނޑު ބޮޑުވެފައި ވަރުގަދައެވެ. ދެއަތް މުށްކަވާލުމަށްފަހު އޭނާ ހަމަޖެހެން މަސައްކަތް ކުރިއެވެ. ބުމަ އަރުވާލުމާއެކު ލީ ފުންނޭވާއާ އެކު އޭނާއަށް ދެކޮނޑު އުފުއްލާލެވުނެވެ. ކަރުނަތިއްކެތް ދެ ކޯތާފަތުން ތިރިއަށް ވެއްޓުނީ އެފަދަ ވިސްނުމެއްގައި އިޒިއަން އިންދައެވެ. ކަރުނައިގައި ޝަހާދަތް އިނގިލީގެ ކުރި ޖައްސާލާފައި އިޒިއަން ކަރުނަ ފޮހެލިއެވެ. އެއަށް ފަހު އަމިއްލަ އަތަށް ބަލާލަމުން އޭނާ ތުންފަތުގައި ދޫ ހާކާލިއެވެ. ހިކިފައިވި ތުންފަތަށް ތެތްކަން ވެރިވުމާއެކު އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ.
ސައިޑް ކަބަޑް މަތީގައި ހުރި ފެންތަށިން ފެންފޮދެއް ބޯލާ އަރުތެރެ ތެންމާލަމުން އިޒިއަން އަނެއްކާވެސް މަޑުމަޑުން އެނދުގައި އޮށޯތެވެ. އަދި ދެލޯ މަރާލާ ނިދޭތޯ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ސިކުނޑިއަށް ވެރިވަމުން ދިޔަ ހިޔާލްތަކުގެ ސަބަބުން އޭނާއަށް ނިދޭ ގޮތެއްނުވިއެވެ.
*****
އަރާމް ނިންޖެއްގައި އޮތް ދީމްއަށް ވެސް ސިހިފައި ހޭލެވުނެވެ. އެއްއަރިއަކަށް ޖެހިލާ ތެދުވެވުނު ގޮތަށް ދީމް އަނާލްއަށް ގޮވާލިއެވެ. ދެލޯ ތަންމިނަށް ހުޅުވައިލައިގެން އޮތް އަނާލް ފެނި ދީމްއަށް ވެސް ދެލޯ ބޮޑުކޮށްލެވުނެވެ. އަދި އަވަސްއަވަހަށް އެނދުން ފައިބައިގެން ގޮސް އަނާލްގެ އަނެއްފަރާތުގައި މަޑުކޮށްލާ އަނާލްއަށް ގޮވާލިއެވެ. އެހެންނަމަވެސް އަނާލްއަށް އެކަމުން އެއްވެސް އަސަރެއް ކުރިހެނެއް ހިޔެއްނުވިއެވެ. ދެވަނަ ފަހަރަށް ވެސް ކަންފަތުގައި އަތް އަޅާލުމާއެކު ބާރުބާރަށް އޭނާއަށް 'ނޫނެކޭ' ބުނެވުނެވެ.
"އަނާލް ވަޓް ހެޕެންޑް؟" އަނާލްއަށް ވަމުން ދިޔަ ގޮތުން ހާސްވެ ކަންބޮޑުވެފައި ހުރި ދީމްއަށް އެވަގުތު ކަންތައް ކުރަންވީ ގޮތެއް ނޭނގުނެވެ. އޭނާއަށް ވެސް ބާރަށް މަޒާޔާއަށް ގޮވާލެވުނެވެ. އަދި ދެލޯ ތަގުޅި ކޮށްލައިގެން އޮތް އަނާލްގެ ދެއަތުގައި ހިފާ ތަޅުވާލިއެވެ.
"ނާލް!... ނާލް!" އަނާލް މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އެހެންނަމަވެސް އޭރުވެސް އޭނާގެ ނޭވާ ހުރީ ކުރުވެފައެވެ. ނޭވާލާން އުނދަގޫވެގެން މޭގައި ދެފަހަރަކު ފިރުމާލިނަމަވެސް ލުޔެއް ލިބުނުހެނެއް ހިޔެއްނުވިއެވެ.
"ކިހިނެތް ވަނީ އަނާލް... މެއަށް ތަދުވަނީތަ؟. ރިލެކްސް..." ދީމް މަސައްކަތްކުރީ އަނާލް ހަމައަކަށް އަޅުވާށެވެ. އޭނާ ދެވަނަ ފަހަރަށް ބާރަށް މަޒާޔާއަށް ގޮވާލިއެވެ. އަދި ދޮރާ ދިމާލަށް ގޮސް ދޮރު ހުޅުވާލާފައި ނުކުތީ ލަސްނުކޮށް މަޒާޔާއަށް ގޮވުމަށެވެ. އެހާ ދުވަސް ފަހުން ރޭގަނޑުގެ ވަގުތެއްގައި އަނާލްއަށް މިގޮތަށް ދިމާވާން ފެށުމުން އޭނާގެ ހިތް ވެސް ވަނީ ހިސާބަކަށް ބިރުގެންފައެވެ. ދޮރުހުޅުވާލާފައި ގޮސް މަޒާޔާމެން ކޮޓަރީގައި ޓަކި ޖަހާލަން އަތް ހިއްލާލި ވަގުތު މަޒާޔާ ދޮރު ހުޅުވާލިއެވެ.
"އާންޓީ ނާލް..." ދީމްއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.
"ކިހިނެތްވީ ނާލް އަށް؟" މަޒާޔާ އަހާލިއެވެ. އޭނާގެ އަޑުން ހާސްކަމާއި ކަންބޮޑުވުން ފާޅުވަމުން ދިޔައެވެ. އޭނާގެ ފަހަތުގައި ހުރި އައްމާރުއަށް ބަލާލަމުން ލަސްނުކޮށް ދީމް އެއްފަރާތަކަށް ޖައްސާލުމަށްފަހު އޭނާ އަނާލްމެން ކޮޓަރިއާ ދިމާލަށް ދުއްވައިގަތެވެ. އަދި އެ ދިޔަ ބާރު މިނުގައި ގޮސް އަނާލްގެ އެނދު ކައިރިއަށް ހުއްޓުމަށްފަހު ބުރަކަށީގައި ހިފާ އަނާލް މަޑުމަޑުން އުފުއްލާލިއެވެ. އޭނާއަށް އައްމާރުއާއި ދީމް ވެސް އެހީތެރިވިއެވެ.
މަޒާޔާ އަނާލްގެ ބުރަކަށީގައި ފިރުމަމުން އެކިއެކި ވާހަކަ ދައްކަމުން ދިޔައީ އަނާލް ހިންހަމަ ޖެއްސުމަށެވެ. ގާތްގަނޑަކަށް ދިހަވަރަކަށް މިނިޓް ތެރޭގައި އަނާލްގެ ނޭވާ ހަމައަކަށް އެޅުނެވެ. އޭނާ މަޒާޔާއަށް ބަލާލަމުން މަޒާޔާ ގައިގައި ބައްދާލީ ކޮންމެވެސް މީހެއްގެ ހިމާޔަތަށް ބޭނުންވެފައިވާ ފަދައަކުންނެވެ. އަދި އިރުކޮޅަކު އެހެން އިނެވެ. އެތަނަށް ދެން ވެރިވެގެން ދިޔައީ ހަމަހިމޭން ވަގުތުކޮޅެކެވެ. އެކަކުވެސް ވާހަކައެއް ނުދައްކައެވެ.
"ނާލް އޯކޭތަ؟..." މަޒާޔާ އަނާލް ދުރުކޮށްލަމުން އަހާލިއެވެ. އަނާލް ބޯ ޖަހާލިއެވެ.
"ޔަގީންތަ؟" މަޒާޔާ ދެންވެސް ސުވާލު ކުރީ ޔަގީން ކުރާ ފަދަ ގޮތަކަށެވެ. އަނާލް ޔަޤީންކަން ދިނުމުން އައްމާރު ވެސް އަނާލް ގާތު ހުރެފައި އިސްތަށިގަނޑުގައި ފިރުމާލުމަށްފަހު މަޒާޔާގެ ކޮނޑުގައި ހިފާލިއެވެ. އަދި އިތުރަށް ކަމެއްވާނަމަ ލަސްނުކޮށް ގޮވުމަށްބުނެފައި އެ ދެމީހުން ވެސް ކޮޓަރިން ނުކުމެގެން ދިޔައެވެ.
ދީމް އަނާލްގެ ގާތުގައި އިރުކޮޅަކު އިނުމަށްފަހު ހިނގައިގަތީ އަނެއްފަރާތުން އެނދުގައި އޮށޯތުމަށެވެ. އެހެންނަމަވެސް ތެދުވެ ހިނގައިގަންނަން އުޅުނު ދީމްގެ އަތުގައި އަނާލް ހިފެއްޓިއެވެ.
"ދީމް..." އޭނާ އުނދަގުލުން ގޮވާލިއެވެ. އަނާލްގެ ހިފައްޓާފައިވާ އަތަށް ބަލާލުމަށްފަހު ދީމް އަނެއްކާވެސް އިށީނެވެ. އަދި އަނާލްގެ ލޮލަށް ނަޒަރު ހުއްޓާލިއެވެ.
"ދީމް..." ދެންވެސް އަނާލްއަށް ގޮވާލެވުނީ ހަމައެކަނި އެހެންނެވެ.
"ނާލް... ވަޓް ހެޕެންޑް... ބުނެބަ ވީ ގޮތެއް... މީހަކު އެއްޗެއް ކީތަ؟..." ދީމް އޯގާތެރިކަމާއެކު ސުވާލުކޮށްލަމުން އަނާލްގެ އަތަށް ބާރުކޮށްލިއެވެ. އަނާލް ދެފަރާތަށް ބޯ ހޫރާލިއެވެ. އަދި ތުންފަތުގައި ދަތް އަޅާލިއެވެ.
"ނާލް... އައި އެމް ވިތް ޔޫ..... ކިހިނެތްވީ؟" ދީމް ބެލީ ވީހާވެސް ކެތްތެރިކަމާއެކު އަނާލްގެ ފަރާތުން ވީ ގޮތެއް އޮޅުން ފިލުވާށެވެ.
"އަހަރެންނަށް ކުރީގެ ހަނދާންތައް އަލުން އާވަނީ... މާބޮޑަށް... ހިތަށް ކެތް ނުކުރެވޭ ވަރަށް... ވަރަށް ވަރަށް ވަރަށް ދެރަވޭ... ކީއްވެތަ މިހެން ވީ..." އަނާލް އަށް ބުނެވުނެވެ.
"ނާލް! އެކަމާ ތަ އަބަދު ވިސްނަނީ؟ އެކަމާ ނުވިސްނާ... އަނާލް ހާދަ ހިތްވަރުގަދައޭ... މިހާރު ކިހިނެއްވީ؟ ވަޓް ހެޕެންޑް؟..." ދީމް ކަންބޮޑުވިއެވެ.
"ދީމް! އަހަރެންނަކީ އެހާ ނަސީބު ރަނގަޅު މީހެއްނޫން... " އަނާލްއަށް ކުރީގެ ހަނދާންތައް އާކުރަމުން ބުނެވުނެވެ.
"ނާލް! ކާކު ކީކޭ ކިޔައިގެންތަ ތި އުޅެނީ؟" ދީމް އަހާލިއެވެ.
"ދީމް... ފަސް އަހަރު ފަހުން އަހަރެންނަށް އޭނައާ ދިމާވެއްޖެ..." އަނާލް އިސްޖަހާލަމުން ވާހަކަ ދެއްކިއެވެ.
"ކާކާ ނާލް؟... " ކުއްލިއަކަށް ބަސް ހުއްޓުނު މީހަކު ފަދައިން ދީމްއަށް ދެލޯ ބޮޑުކޮށްލެވި ހަރަކާތްތައް މަޑު ޖައްސާލެވުނެވެ.
"ޔޫ މީން... އޭނާ؟؟؟" ދީމްއަށް ދެން އަހާލެވުނީ ދެލޯ ބޮޑުކޮށްލަމުންނެވެ. އަނާލް ބޯ ޖަހާލިއެވެ. އަދި ދީމްގެ ހިފާފައިވާ އަތަށް ބާރުކޮށްލިއެވެ. އޭނާގެ ނަފްސުގެ ހަމަޖެހުން ވަނީ އެއްކޮށް ނަގާލެވިފައެވެ.
"އަހަރެންގެ ހުރިހާ ޑްރީމްސްއެއް ވެސް ވިއްސިވިހާލި ވީ...އެއްވެސްކަމެއް ރަނގަޅަކަށް ނުކުރެވޭނެ ކަންނޭނގެ ދެން... ދީމް!" އަނާލް އަށް ބުނެވުނެވެ. އޭނާގެ އަޑުން މާޔޫސްކަން ފާޅުވަމުން ދިޔައެވެ. މޭތެރޭގައި އުފެދުނު ރިހުން މުޅި ހަށިގަނޑަށް އަސަރުކުރުވީ ކަންނޭނގެއެވެ. ހަށިގަނޑުގެ އެތެރޭގައި ނޭނގޭ ޖަޒުބާތުތަކެއް އުތުރި އަރައިގަތެވެ.
"ނާލް! ތިހެން ނުބުނޭ... އަދި އިންޝާ ﷲ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ... ވެދާނެ ފަހުން ވާން އޮތްގޮތް މޮޅީކަމަށް ވެސް..." ދީމް އަނާލްއަށް ހިތްވަރު ދިނެވެ. އަނާލްއަށް ވާނެ ގޮތް އޭނައަށް ވެސް އިޙްސާސް ކުރެވެއެވެ. އޭނާގެ ކުރިމައްޗަށް އެ މީހަކު އަރާ ދުވަހަކު އޭނާ އެމީހަކާ ދިމާލަށް ވަރަކަށް އެއްޗެހިގޮވާލާނެއެވެ. އެ މީހަކާ ދޭތެރޭގައި އެ ހިތުގައި އޮތް ނަފްރަތުގެ އަލިފާން ދުވަހަކުވެސް ފިލައިގެނެއްނުދާނެއެވެ. އަނާލްއަށް އެ ދިން އަނިޔާއަކީ އެމީހެއްގެ ބޮޑާކަމާއި ކިބުރުވެރިކަމުން ދިން އަނިޔާއެކެވެ.
ނާލް.. ކަމޯން... ދެރަނުވޭ ދެން.! އެކަމާ ނުވިސްނާ!... ނާލް އެއަށް ވުރެ ހިތްވަރު ގަދަވާނެ... ރޮއި ހިތާމަކޮށް މާޒީއާ މެދު އަބަދު ވިސްނުމަށް ވުރެ ނާލް ކުރަންޖެހޭ ކަންތައްތައް މާގިނައެއްނު... ސޯ ހުއްޓާލާފަ ހިތްވަރު ކުރޭ ނާލް!... ހުރިހާ އެންމެން ވެސް ތިބީ ނާލްއާ އެކު... ރަމްޔާ ގާތުން ސެޝަންތައް ވެސް ފަށާކަންނު ތިއުޅެނީ.. އޭރުން މާބޮޑަށް ވެސް ނާލްގެ ނަފްސަށް ފަސޭހަވެ ސިކުނޑިއަށް ލުއިވާނެ..." ދީމް، އަނާލް ގާތު ވާހަކަ ދައްކަން އެތައްއިރަކު އިނެވެ. އޭނާ އަނާލްގެ އަތަށް ބާރުކޮށްލަމުން ހިނިތުންވެލިއެވެ. އަނާލް ވެސް ފުންނޭވާއެއް ދޫކޮށްލަމުން ބޯ ޖަހާލީ ދީމްގެ ވާހަކަތަކުން އެކަނިވެސް އޭނާގެ ސިކުނޑިއަށް ލުޔެއް ލިބުނުކަން އިޙްސާސް ކުރެވުމުންނެވެ.
ދީމް ގޮސް އޮށޯތް ތަނާ މަންމަގެ ހިޔާލްތައް އައިސް މީހާ ވަށައިލާ އެ ޚިޔާލް ތަކުގައި އޭނާގެ ނަފްސު ގައިދުކޮށްލިއެވެ. އޭނާ އަމިއްލަ ނަފްސާއި ވާހަކަ ދެއްކިއެވެ.
"ނާލް ކިހާ ލަކީތަ؟ ނާލްއަށް ކަމެއްވާނަމަ ނާލްގެ އެންމެ ކައިރީގައި ނާލްގެ މަންމަ ހުރޭ.... އަހަރެންނަށް އެ ނަސީބެއް ލިބުމެއް ނެތް..." ކިތަންމެ ޝަކުވާ ކުރަން ބޭނުންނުވިޔަސް އޭނައަށް އަމިއްލަ ހާލާމެދު ޝަކުވާ ކުރެވެނީއެވެ. އަނާލްއާ ހެދި މަޒާޔާ އުޅޭގޮތުން އޭނާއަށް ހިތުގެ މައްޗަށް ބާރު ނުފޯރުވެނީއެވެ. ހިތްދަތިވަނީ އެހެންވެއެވެ. ދެރަވެ ރޮވެނީ އެހެންވެއެވެ. ވިސްނެނީވެސް އެހެންވެއެވެ.
ދީމް ބާލީސް އެއްފަރާތުގައި ބާއްވާފައި އޮތް ފޯނުން ގަޑި ބަލާލިއެވެ. މެންދަމުން އަލިވެ ދޭއްޖަހާ ބޮޑުވެއްޖެއެވެ. ދެލޯ ބޮޑުކޮށްލަމުން އޭނާ ދެލޯ މަރާލީ ނިދާލުމުގެ ބޭނުމުގައެވެ. އިރުކޮޅެއްނުވެ އެ ދެލޮލަށް ނިދި ސަވާރުވެ ނިދީގެ ފޮނި އާލަމަށް ގެނބިއްޖެއެވެ. އަނާލްއަށް ވެސް އޭރުއޮތީ ނިދިފައެވެ.
******
ހެނދުނުގެ ވަގުތެވެ. އޮފީހަށް ދާން ތައްޔާރުވަމުން ދިޔަ އިޒިއަންއަށް ވިސްނެމުން ދިޔައީ ރޭގައި ފެނުނު ހުވަފެނާ މެދުގައެވެ. އެތައް ދުވަހަކަށްފަހު ހުވަފެނުން އެތަން ފެނުމަކީ އިއްތިފާޤެއްހެއްޔެވެ؟. ކަރުގައި ޓައީ އަޅަމުން ލޯ ގަނޑަށް ނަޒަރު ހުއްޓާލައިގެން ހުރި ނަމަވެސް ސިކުނޑީގައި ދައުރުވަމުން ދިޔައީ އެހެން ޚިޔާލް ތަކެކެވެ.
ޚިޔާލްތަކުގައި ހުރުމުގެ ސަބަބުން ދެތިން ހަތަރު ފަހަރު ޓައީ އެޅި އިރުވެސް އޭނާއަށް އެ ރަނގަޅަށް އެޅުނު ކަމަކަށް ނުވިއެވެ. ފޫހި ކަމާއެކު ޓައީ ކަރަށް ދޫކޮށްލަމުން އޭނާ އަނެއްކާވެސް ލޯގަނޑަށް ބަލާލީ އަމިއްލަ ސޫރައަށް ވެސް ނަފްރަތު ކުރާހާލުގައެވެ. ކުރެވެމުން ދިޔަ އިޙްސާސްއެއްގެ ސަބަބުން ރުޅިވެރިކަން ނަފްސަށްވެރިވެ އިޒިއަން ޑްރެސިން ޓޭބަލް މަތީގައި ގޮށްމުށުން ބާރަށް ޖަހާލިއެވެ. އެއާއެކު ޑްރެސިން ޓޭބަލް މަތީގައި ހުރި އެއްޗެއްސަށްވެސް ގުޑުން އަރައިގެން ދިޔައެވެ. އަތަށް ތަދުވިނަމަވެސް އެކަމަށް އިޒިއަންއަށް ސަމާލްކަން ދެވޭ ގޮތެއް ނުވިއެވެ. މޫނުމަތީގައި ދެއަތް އުނގުޅާލަމުން އޭނާ ނިތްކުރިމަތީގައި ހިފައްޓާލިއެވެ.
އިރުކޮޅަކު އެހެން ހުރުމަށްފަހު އޭނާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލިއެވެ. އަދި އަލުން ޓައީ އަޅާލައި ތައްޔާރުވިއެވެ. އިޒިއަން ސައި ބޯން އައި އިރު ފަހީމް ކާ ކޮޓަރިން ނުކުންނަނީއެވެ.
"ބައްޕާ ސައި ނުބޮއިތަ މިއަދު އޮފީހަށް ދުރުވަނީ؟" އިޒިއަން އަހާލިއެވެ.
"ލައްބަ ދަރިފުޅާ! ބުނީމެއްނު ބޭރުގެ ބައެއް އިސްފަރާތްތަކުން އައިސް އުޅޭވާހަކަ. ހެނދުނުގެ ސައި އޮތީ އެމީހުންނާއެކު. ބައްޕަ މިދަނީ ލަސްވާތީ ދަރިފުޅުގެ ޑްރައިވަރާ އެކު، އަނެއް ޑްރައިވަރަށް ގުޅާލާ އިނގޭ ދަރިފުޅު ނުކުންނަމުން... ބައްޕަވެސް ގުލާފަ ބުނެފަ އިންނާނީ އޭނާ ކައިރީގައި..." ފަހީމް އިޒިއަންގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.
އިޒިއަން ބޯ ޖަހާލާފައި ކާކޮޓަރި ތެރެއަށް ވަނެވެ. އޭރު އަކްނިޒާއާއި އޮލީވިއާގެ އިތުރުން އެމިލީ ވެސް އެތަނުގައި ހަރަކާތް ތެރިވަމުން ދިޔައެވެ.
"އިޒް! އަވަހަށް އިށީނދޭ..." އިޒިއަން ފެނުމާއެކު އޮލީވިއާއަށް އަތުން އިޝާރާތް ކޮށްލުމަށްފަހު އިޒިއަންއަށް ގޮވާލަމުން އަކްނިޒާވެސް އިށީނެވެ. އެމިލީ އަދި އޮލީވިއާ އަވަސް އަރުވާލާފައި ކާއެއްޗެހި ރެޑީކޮށްލަދިނެވެ. ސައިބޮއިގެން އިޒިއަން ގޭގެ މައިދޮރުން ނުކުތެވެ. އޭރު ޑްރައިވަރު އައިސް ހުއްޓެނީއެވެ. ޑްރައިވަރު ގެއާ އިންވެގެން ކަހަލަ ގޮތަކަށް ހަދާފައިވާ ތަނަވަސް ބޮޑު ގަރާޖާ ދިމާލަށް ހިނގައިގަތީ ކާރު ނެރުމަށެވެ.
"ސެމީ!..." އިޒިއަން ޑްރައިވަރަށް ގޮވާލިއެވެ. އެއާއެކު ސެމީ އެނބުރިފައި އިޒިއަންއަށް ބަލާލިއެވެ.
"އަހަރެން އެކަނި މިއަދު ދާނީ..." އިޒިއަން ބުނެލިއެވެ. ސެމީ ސުވާލުގެ ނަޒަރަކުން ބަލަން ފެށުމުން އިޒިއަން ބޯ ޖަހާލާ އަތް ދިއްކޮށްލީ ތަޅުދަނޑި އޭނާގެ އަތަށް ދޭށޭ ބުނާފަދަ ގޮތަކަށެވެ.
"މިއަދު އަހަރެން ސެމީއަށް އޮފް ދިނީމި... އޯކޭ ދިޔަޔަސް އިނގޭ" އިޒިއަންގެ ހިތުގައި ވަނީ ކީކޭކަން ދެނެގަންނަން އުނދަގުލެވެ. އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކޮށްލާފައި ވިނަމަވެސް އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވަނީ ބުނެދޭން ނޭނގޭ ސިއްރެއްފަދައެވެ.
އިޒިއަންގެ އެދުމަށް ދެކޮޅު ހެދުމެއްނެތި ސެމީ އޭނާގެ އަތަށް ތަޅުދަނޑި ލައިދެމުން ބޯ ޖަހާލިއެވެ. އިޒިއަން އިތުރަށް އެއްވެސް އެއްޗެއް ބުނުމެއްނެތި ގަރާޖާ ދިމާލަށް ހިނގައިގަތެވެ. އޮޓެމޭޓެޑް ލޮކް ސިސްޓަމްގައި ކާޑް ޖަހާލާ ތަޅު ހުޅުވާލަމުން އެއްފަރާތަކަށް ދަގަނޑު ގަނޑު ކަހާލަމުން އޭނާ އެތެރެއަށް ވަނެވެ. އަދި ކަޅުކުލައިގެ ކާރަށް އެރިއެވެ. ހުންގާނުގައި އަތް ޖައްސާލުމަށްފަހު އިރު ކޮޅަކު މަޑުކޮށްލިއެވެ. އެއަށްފަހު ސްޓާޓް ކޮށްލަމުން އޭނާ ކާރު ދުއްވާލީ އެތަނުގައި މަޑުކޮށްގެން ހުރި ސެމީ ގާތުގައި ގަރާޖު ތަޅުލުމަށް ބުނެފައެވެ.
ގޭގެ މައިގޭޓުން ކާރު ނުކުމެވުމާ އެކު ކާރުގެ ސްޕީޑް އިޒިއަން ބާރުކޮށްލިއެވެ. އޭނާގެ މިސްރާބުހުރީ އޮފީހާ ދިމާލަކަށް ނޫނެވެ. ދުއްވަމުން ދުއްވަމުން ގޮސް އިޒިއަންގެ ލޮލުގައި އެ ހޯދާތަނެއް އަޅައިގަތުމާއެކު ކުޑަކޮށް ކާރުގެ ސްޕީޑް މަޑުކޮށްލެވުނެވެ. ޔަޤީން ނުވެފައި ހުރި ގޮތަކަށް ކާރު ކުޑަކޮށް މަޑު ޖައްސާލަމުން އޭނާ ވަށައިގެން ބަލާލިއެވެ. އެއީ ހަމަ އެ ސަރަހައްދެވެ. ކުޑަކޮށް ކާރު ކުރިއަށް ޖައްސާލުމަށްފަހު އޭނާ އެއްފަރާތުގައި ކާރު ޕާރްކްކޮށްލިއެވެ. މަގުގެ އަނެއްފަރާތުގައި ހުރި ބޮޑު އިމާރާތަށް އިޒިއަން ނަޒަރު ހުއްޓާލިއެވެ. ތުންފަތުގައި ދަތް އަޅާލެވުނީ ހިތް ނުތަނަވަސްވީ ވަރުންނެވެ. ދެލޯ މަރާލަމުން ސީޓްގައި ލެނގި ލެވުނީ ހިތަށް ވެރިވި ހިޔާލުން ނޭވާ އަވަސްވަމުން ދިޔައީތީއެވެ. ހިންދިރުވާލެވުމާއެކު މަރާލެވިފައިވާ ދެލޮލަށް ބާރުކޮށްލެވުނެވެ. ދެބުމަ ކައިރި ކޮށްލެވުމާއެކު އިޒިއަންއަށް ކުއްލިއަކަށް ދެލޯ ހުޅުވާލެވުނެވެ. ގޮށް މުށުން ހުންގާނުގައި ޖަހާލެވުމާއެކު އޭނާއަށް އެ އަތުގެ މަތީގައި ބޯ އަޅާލެވުނެވެ. އެހެން އިން އިރު މީގެ އަހަރުތަކެއްގެ ކުރީގެ ހަނދާނެއް އޭނާގެ ސިކުނޑީގައި ކޮށްޓަމުން ދިޔައެވެ.
އިރުކޮޅަކު އެ އިމާރާތަށް ނަޒަރު ހުއްޓާލައިގެން އިނުމަށްފަހު އިޒިއަން ކާރު ދުއްވާލީ 'ދި ގްރޭންޑް' އޮފީހަށް ދިޔުމަށެވެ. ގަޑި ބަލާލިއިރު ނުވައެއް ޖަހަނީއެވެ. މިއަދު އަށްގަޑި ބަޔަށް ދާންޖެހޭ އިޒިއަން ގަޑި ޖެހުނީއެވެ. އޭނާ ކާރުގެ ސްޕީޑް ބާރުކޮށްލިއެވެ. އޮފީހާ ހިސާބަށް ގޮސްފައި އޭނާ ކާރު ޕާރކް ކޮށްލުމަށްފަހު އަވަސްއަވަހަށް ގޮސް އޮފީހަށް ވަނެވެ. އަނާލްގެ ކެބިންއާ ގާތަށް ހުއްޓުމަށްފަހު އަވަސް އަރުވާލާފައި އިޒިއަން ދޮރު ހުޅުވާލަން ތަޅުގައި ހިފާލިއެވެ.
މޭޒު ކައިރީގައި އިން އަނާލްގެ ނަޒަރު ހުއްޓިފައި ހުރީ އަތުގައި އޮތް ފޮޓޯ ގަނޑަށެވެ. އިސްޖަހާލައިގެން އިންއިރު އޭނާގެ ޚިޔާލް ގައި ދައުރުވަމުން ދިޔަ ކަންތައް ތަކެއްގެ ސަބަބުން މޫނުމަތިން ވެސް ހިސާބެއްގެ ބުނެދޭން ނޭނގޭ އަސަރުތަކެއް ފެންނަމުން ދިޔައެވެ. އެއްބައި ފަހަރު ދެލޮލުން ވިދުމެއް ފާޅުވާއިރު ކަރުނަތައް އެ ދެލޮލަށް ޖަމާވަނީކަން ބަލާލާ މީހަކަށް އިނގޭނެއެވެ. އަނެއްބައި ފަހަރު ދެ ބުމަ ގާތް ކޮށްލަފާނެއެވެ. މޫނުމައްޗަށް ނުރުހުމެ އަސަރާއެކު ވެރިކޮށްލާ ނަފްރަތުގެ ކުލަވަރުތަކާއި އެކުވެގެން އަންނަ ހިތްދަތި ކަމުގެ އަސަރުތައް ފެނުމުން އެ މޫނުމަތިން އަންގައިދޭން ބޭނުންވާކަމެއް ދެނެގެންނަން ފަސޭހަކަމަކަށް ނުވާނެކަން ޔަޤީނެވެ.
ކުއްލިއަކަށް ދޮރު ހުޅުވާލި އަޑު އިވިފައި ސިއްސައިގެންދިޔަ އަނާލްގެ އަތުން ފޮޓޯގަނޑު ދޫވިއެވެ. ތަންކޮޅެއް ދުރަށް ދިޔަ ފޮޓޯގަނޑަށް ބަލާލުމަށްފަހު އޭނާ ދޮރާ ދިމާލަށް ބަލާލީ ކާކުތޯ ބަލާލުމަށެވެ. އިޒިއަންއަށް ވުމުން އޭނާއަށް ހިސާބަކަށް ހަމަޖެހެވުނެވެ. ގޭ މީހަކަށް ފެނިއްޖެ ނަމަ ރުޅި އަންނާނޭކަން ޔަގީނެވެ. ފޮޓޯގަނޑަށް އަލުން ބަލާލިއިރު އެ އޮތީ ނަސީބަކުން އަނެއް ފުށަށެވެ.
އަނާލްއަށް ވީގޮތް ރަނގަޅަށް އިޒިއަންއަށް ފެނުނެވެ. އޭނާ އަނާލްގެ އަތުން ދޫވި ފޮޓޯ ގަނޑަށް ނަޒަރު ހުއްޓާލިއެވެ. މަޑު ފިޔަވަޅުތަކެއްގައި އެ ދިމާލަށް އިޒިއަން ހިނގައިގަތުމުން އަނާލްއަށް ވައިއަޑުން "ނޫނެކޭ" ބުނެވުނެވެ.