އަޅުގަނޑަށް މިހާލު ޖެއްސީ އިޒިއަންކަން އެނގުމުން ވެސް ބައްޕަ ތި އިތުބާރު އިޒިއަންއަށް ކުރާނަންތަ؟ އަޅުގަނޑުގެ ހުރިހާ އުފާތަކެއް ފޭރިގަތީ އެ ފިރިހެނާ އޭ ބުނެފިއްޔާ އޭނާގެ އަތް މައްޗަށް އަޅުގަނޑުގެ ދިރިއުޅުން ދޫކޮށްލަފާނަންތަ؟ އެއީ އަޅުގަނޑަށް އޮޅުވާލި ބޭވަފާތެރިއެއްކަން އެނގިއްޖެއްޔާ އިޒިއަން ދެކެ ނަފްރަތެއް ނުވާނަންތަ؟" އަނާލް އެއްފަހަރާ އެތަކެއް ސުވާލެއް އައްމާރުއާ ކޮށްލިއެވެ. އެއާއެކު ހީވީ އެތަނުގައި ބޮމެއް ގޮށްވާލިހެންނެވެ.

ކޮންމެ މީހެއްގެ މޫނުމަތީގައިވެސް އެތަކެއް ސުވާލުމާކުތަކެއް ލެވިގެން ހިނގައްޖެއެވެ. އެކަކު އަނެކަކަށް ބަލާލަނީ ދެލޯ ބޮޑުވެފައި ވާ ފަދައަކުންނެވެ. އަނާލް އެ ދައްކާ ވާހަކައިގެ ތަފްސީލެއް އެމީހުން ބޭނުންވާފަދައެވެ. ޤަބޫލުކުރަން ދަތި އަސަރުތަކެއް އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައެވެ.

"ކީކޭ ނާލް؟" ނާލްއަށް ތިހާލު ޖެއްސީ އޭ؟" އައްމާރު ސުވާލުގެ ނަޒަރަކުން އަނާލްއަށް ބަލާލިއެވެ. އޭނާގެ އަޑު ވެސް މިފަހަރު އައީ ނުހަނު މަޑުންނެވެ. ހިސާބެއްގެ މާޔޫސްކަމަކާއި ކަންބޮޑުވުމެއް އެ އަޑުގައި ވީތީ އަނާލްއަށް ހިންދިރުވާލެވުނެވެ. އޭނާ ހާމަ ކޮށްލާ އެންމެ ހަގީގަތެއްގެ ސަބަބުން ބޮޑު ހައިޖާނުގަނޑެއް އުފެދޭނެކަން ގައިމެވެ.

"އާ... އަޅުގަނޑަށް އެރޭ އެ އަނިޔާތައް ދިން މީހުންތަކުގެ ތެރޭން އެކަކު އިޒިއަންއަކީ ، ހުރިހާ ކަމެއްވެސް އެނގިއްޖެ. އަޅުގަނޑުގެ ދިރިއުޅުން ގެއްލިއްޖެ. އެވަރު މީހަކާއެކު ކިހިނެތް ހަޔާތުގެ ބާކީ ބައި ހޭދަ ކުރާނީ؟ ބުނެބަލަ! ކިހިނެތްތަ އަޅުގަނޑު ހަދާނީ... ކިހިނެތްތަ އިޒިއަންއަށް ފުރުސަތެއް ދޭނީ. އޭނާގެ ސަބަބުން އަޅުގަނޑުގެ ހުރިހާ ހުވަފެންތައް ވިއްސި ވިހާލިވީ. ދެވަނަ ފަހަރަށް ދިރިއުޅުމަށް އަޅުގަނޑު ހިތްވަރު ނެރުނީ ކިހިނެތްކަން އެނގޭތަ؟ ދުވާލަކު އެތައް ފަހަރަކު މަރުވަމުން ދިޔައިން... އެކަމަކުވެސް ހިތްވަރު ކުރިން، އިޒިއަން އަޅުގަނޑާ އިނީ އަޅުގަނޑަކީ ކާކުކަން އެނގި ހުރެ.... މިއަށް ވުރެ ބޮޑު އަނިޔާއެއް މީހަކަށް ދެވޭނެތަ؟ މިއަށް ވުރެ ބޮޑަށް ބޭވަފާތެރި ވެވޭނެތަ؟... ކިހިނެތްތަ އަޅުގަނޑު އިޒިއަންއަށް މާފު ކުރާނީ؟ ކިހިނެތްތަ އެކީ ދިރިއުޅޭނީ..... ކިހިނެތްތަ؟" އަނާލްއަށް ރޮމުން ރޮމުން ވާހަކަ ދެކެވުނެވެ. އައްމާރުއާއި މަޒާޔާއަށް ބަލާލިއިރު އެ ދެމީހުންގެ ލޮލުގެ ތެރެއަށް ވެސް ކަރުނަތައް ޖަމާވެފައި ވާތަން އަނާލްއަށް ފެނުނެވެ. ދެންވެސް ވާހަކަ ދައްކަން ފެށީ ނެރެވެން ހުރި ހުރިހާ ހިތްވަރެއް ނެރުމަށް ފަހުއެވެ.

"އިޒިއަންއާއި އެ ފިރިހެން މީހާ އެރޭ ފިލައިގެން ދިޔައީ... އޭގަ ބައިވެރިވި އެ ދެމީހުންނަށް ވެސް ހައްގު އަދަބު ލިބެން ޖެހޭނެ." އަނާލްގެ ވާހަކަތަކުން މުޅިތަން ހިމޭންވެގެން ދިޔައެވެ. ހިތްވަރުދިނުމުގެ ގޮތުން ބުނެލާނެ ބަހެއް އެކަކުގެވެސް ސިކުނޑިއަށް ނާންނަފަދައެވެ. ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެންނަނީ ހައިރާންކަމާ ހިތްދަތިކަމެވެ. މަޒާޔާ ރޮވިފައި ހުރެ އަނާލްގެ ގައިގައި ބައްދާލުމާއެކު އަނާލްއަށް ބާރަށް ރޮވިއްޖެއެވެ. އަނާލް މަސަލަސް ކުރާނެ ގޮތެއް މަޒާޔާއަކަށް ނޭނގުނެވެ. އޭނާގެ ދަރިފުޅުގެ ހިތަށް ކޮށްފައިވާ އަސަރަކީ ކޮންފަދަ ވޭނީ އަސަރެއްކަމެއް ނޭނގެއެވެ. އެތައްއިރަކު ރުއިމަށްފަހު މަޒާޔާގެ ހިތްވަރުގެ ބަސްތަކުން އަނާލް ކަރުނަ ފުހެލިއެވެ. އޭރުވެސް އޭނާއަށް ގިސްލެވެމުން ދިޔައެވެ.

"އަހަރެންގެ އަތުން އިޒިއަން މަރުވާނެ" ހަމަހޭވެރިކަންވި އައްމާރު ބާރަށް ބުނެލާފައި ދޮރާ ދިމާލަށް ހިނގައިގަތް ތަނާ އައްމާރުއަށް އަނާލް ގޮވާލިއެވެ. އެއާއެކު އައްމާރުއަށް ހުއްޓެވުނެވެ.

"ޑޭޑް... އޭނައާއި ކުރިމަތިލާން ދާނެ ކަމެއްނެތް؟" އަނާލް ބުނެލިއެވެ.

"ކީއްވެ؟" ރުޅިއައިސް ރަތްވެ ދެއަތް މުށްކެވިފައި ހުރި ޝާހީން އަޑަށް ބާރުލަމުން ވާހަކަ ދެއްކިއެވެ. އޭނާގެ ކުރިމަތީގައި އިޒިއަން ހުރިނަމަ މިހާރު އޭނާއަށް އިޒިއަން މަރާލެވުނީހެވެ. އިޒިއަން އެވަނީ އޭނާގެ ކޮއްކޮއަށް ހާދަ ހިތްދަތިކަމެއް ދީފައެވެ.

"އޭނަގެ ސޫރަ ދެކޭކަށް އަހަރެން ބޭނުމެއް ނޫން. ވީހާވެސް އަވަހަކަށް ވަރިވާން އަހަރެން ބޭނުމީ. ކަންވެފައި އޮތް ގޮތުން އޭނަ އަކަށް ނުކެރޭނެ މިގެއަށް އަންނާކަށް" އަނާލް ވާހަކަދައްކަމުން ދިޔައިރުވެސް ގިސްލެވެމުން ދިޔައެވެ.

އެކަކު އަނެކަކަށް ބަލާލަމުން އިޒިއަންއަށް ރައްދުކުރަމުންދިޔަ ރުޅިވެރިބަސްތަކުގެ ސަބަބުން އަނާލްއަށް ދެލޯ މަރާލެވުނެވެ. ލޯ ހުޅުވާލުމާއެކު އޭނާގެ ލޮލުގައި ތަންކޮޅެއް ދުރުގައި ހުރި ދާރިޔާ އަޅައިގަތެވެ. ދާރިޔާއަށް ބަލާލުމަށްފަހު އިސްޖަހާލީ ދެވަނަ ވިސްނުމަކަށްދާ ފަދައަކުންނެވެ. އޭނާ ދާރިޔާގެ ކޮއްކޮގެ ހަޤީގަތް މި ވަގުތު ހާމަކުރަންވީހެއްޔެވެ؟ ނޫނީ އަދި ވިސްނާލަން ވަގުތު ކޮޅެއް މަޑުކޮށްލަންވީ ހެއްޔެވެ؟ ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގަނޑުގެ ސަބަބުން ވަކިކޮޅަކަށް ބުރަވާން އަނާލް ނުކުޅެދުނެވެ.

އަމިއްލަ ދެފަޔަށް ބަލާލުމާއެކު އޭނާއަށް ހިތިގޮތަކަށް ހިނިތުންވެވުނެވެ. އޭނާއަށް ނުހިނގުމުގެ އަސްލު ސަބަބަކީ އިޒިއަންއަށްވީއިރު އޭނާގެ ހަޔާތް އުޖާލާ ކޮށްދިނުމަށް އިޒިއަން ކުރަމުން ދިޔަ މަސައްކަތްތަކަކީ އެއްވެސް އަގެއް ނެތް މަސައްކަތްތަކެއް ކަމަށް އަނާލްގެ ސިކުނޑި ޤަބޫލް ކޮށްފިއެވެ. މީގެ ކުރިން އޭނާ މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ހުރި އެއްވެސް އުނިކަމަކަށް ބެލުމެއް ނެތިއެވެ. އެހެންނަމަވެސް ފުރަތަމަ ފަހަރަށް އޭނާއަށް ހިނގޭނެނަމައޭ ހިތަށް އަރާ އަމިއްލަ ހާލާ މެދު ޝަކުވާ ކުރެވެން ފަށައިފިއެވެ.

އެ ފަދަ ހިޔާލް ތަކެއްގައި އަނާލް އިންދާ އަފާޒު ތަންކޮޅެއް ކުރިއަށް ޖެހިލާ ވާހަކަ ދެއްކިއެވެ.

ދެވަނަ މީހަކީ ކާކުކަން އެނގޭތަ؟"

އަފާޒުގެ އެ ސުވާލުން އަނާލްއަށް ބަލާލެވުނީ ދާރިޔާ އަށެވެ. ދާރިޔާއަށް އަނާލްގެ އެ ނަޒަރު އަޅައިގަތީ އަނާލް އެހެން އިންނަތާ އިރުކޮޅެއް ފަހުންނެވެ. އަނާލްގެ ނަޒަރު އެއްދިމާލަކަށް ހުއްޓި ގިނަ އިރުވާން ފެށުމުން ފަހަރަކު މީހަކު އަނާލްގެ ނަޒަރު ހުއްޓިފައިވާ ދިމާލަށް ކަޅިއެއް އެއްލިއެވެ.

"ކީއްވެ އަހަރެންނާ ދިމާލަށް ތި ބަލަނީ ތިހެން؟ ނާލް" ދާރިޔާއަށް ބުނެވުނީ ހިސާބެއްގެ ހާސްކަމާ އެކުގައެވެ. އަނާލްގެ އެ ބެލުމުން އޭނާ ޖެހިލުންވިއެވެ. އަނާލްގެ މޫނުމަތިން ފެންނަމުންދިޔަ އަސަރުތައް ދެނެގަންނަން އޭނާ ނުކުޅެދުނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ މިތަނުގައި ދެކެވެމުން މިދަނީ އަނާލް ރޭޕްކޮށްލި ރޭގެ ވާހަކައާއި އެކަމުގައި ބައިވެރިވި މީހުންގެ ވާހަކައެވެ. އެހެންކަމުން އަނާލް ގޮތަކަށް އޭނާއަށް ބަލަން ފެށުމުން ހިސާބެއްގެ ޖެހިލުންވުމެއްވިއެވެ. އަނެއްކާ އޭނާއަށް އަނާލް ހިންހަމަ ނުޖެހޭ ކަމެއް ކުރެވުނީހެއްޔެވެ؟ ހާސްކަމާއެކު ދާރިޔާ ވިސްނަން ފެށިއެވެ.

ތަނަށް ވެރިވި ހަމަހިމޭންކަމުން އުނދަގޫވެ ރަކީން ވާހަކަ ދައްކަން ފެށިއެވެ.

"ކާކު އެއީ؟" ރަކީން ސުވާލުކޮށްލުމަށްފަހު މަޑުކޮށްލީ އަނާލް ދޭނެ ޖަވާބަކަށް ކެތްމަދުވެފައި ހުރެއެވެ.

"އެރޭ އަހަރެންނަށް ޕާރޓީ އިން ފެނުނު މީހާ، ދާއިން" އަނާލް އިސްޖަހާލަމުން ބުނެލުމާއެކު ހީވީ އެތަނުގައި އަނެއްކާވެސް ކުޑަވަރެއްގެ ބޮމެއް ގޮއްވާލެވުނު ހެންނެވެ. އެކަކަށް ވެސް ބުނާނެ އެއްޗެއް ނޭނގުނެވެ. ދާރިޔާއަށް ވެސް ދެލޯ ބޮޑުކޮށްލެވި ބަލަހައްޓައިގެން ހުރެވުނީ އޭނާއަށް ވެސް ޝޮކެއް ލިބިފައިވާތީއެވެ. މިވީ ކިހިނެތް ހެއްޔެވެ؟ ކުރިން ނޭގޭ ހަޤީގަތެއް ލޮލުގެ ކުރިމައްޗަށް އައިސް ކަންފަތުގައި ޖެހުމާއެކު ދާރިޔާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. މިއީ ކޮންފަދަ އިއްތިފާގެއް ހެއްޔެވެ؟ އިވިގެންދިޔަ ހަގީގަތުން ދާރިޔާއަށް ބަލާލެވުނީ ޝާހީންގެ މޫނަށެވެ. ޝާހީންގެ މޫނުމައްޗަށް އަރާނޭ ކުލަވަރު ލަފާކޮށްލަން ނޭނގުނު ދާރިޔާއަށް ހިނދުކޮޅަކަށް ވަށައިގެންވީ މާހައުލަށް ވެސް ނަޒަރު ހުއްޓާލެވުނެވެ. އެންމެންގެ އަމާޒު ފަތްގަނޑަކަށް އޭނާ ވެފައިވާތީ ހާސްވެ ކަންބޮޑުވިއެވެ. ނޭވާ އަވަސްވެ އަނެއްކާވެސް ފަހަތަށް ދެތިން ފިޔަވަޅު އަޅާލެވުނެވެ. ދާރިޔާގެ މޫނުމަތިން ފެނުނީ އޭނާއަށް ވެސް އެކަން ނޭނގޭ ފަދަ އަސަރުތަކެވެ.

"އަހަރެންގެ ކޮއްކޮ!" ދާރިޔާއަށް މޭގައި އަތް އަޅާލަމުން އަމިއްލަ ނަފްސަށް ބުނެވުނެވެ. ދާރިޔާގެ ހަރަކާތްތަކަށް ބަލަން ހުރި ޝާހީންގެ މޫނުމަތިން ވެސް ފެންނަނީ ހައިރާން ކަމާއި ސިހުމެވެ. އެ މޫނުމަތިން އެވަގުތު ފެނުނު ކުލަވަރުތައް މާނަކުރަން ދާރިޔާއަށް ދަތިވިއެވެ. ޝާހީންގެ މޫނަށް އަރާފައިވާ ހައިރާންކަމުގެ ކުލަވަރު ބަދަލުވާން ފެށުމުން އޭނާއަށް ތެޅިގަނެފައި ވާހަކަ ދެކެވުނެވެ.

"ޝާން، އަހަރެންނަކަށް ނޭނގެ، ހަމަ ހުވާ މި ބުނީ އަހަރެންނަކަށް ނޭނގެ މިއިން އެއްވެސް ކަމެއް، ޝާން" ދާރިޔާ އައިސް ޝާހީންގެ ގާތަށް ހުއްޓެމުން އެ އަތުގައި ހިފާލިއެވެ. އައިސްފައި ހުރި ރުޅިން ޝާހީންއަށް ދާރިޔާގެ އަތް ފޮޅުވާލެވުނެވެ.

"ޝާން" ދާރިޔާއަށް ގޮވާލެވުނެވެ. ޝާހީންގެ އެ އަމަލުން އޭނާގެ ހިތަށް ތަދުވިއެވެ. އޭނާގެ ދިރިއުޅުމާމެދު އެހިތުގައި ބިރުވެރިކަން އެފުފެދިގެން ދިޔައީ އިވިގެންދިޔަ ހަޤީގަތުން ކަންވާނެ ގޮތް ނޭނގޭތީއެވެ.

"ނާލް ހަމަ ހުވާ އަހަރެންނަކަށް ނޭގެޔޭ... ޤަބޫލް ކުރަން އަހަރެންގެ ކޮއްކޮ ވަރަށް ގޯސްކޮށް އުޅުނުކަން... އެކަމަކު ތިފަދަކަމެއް ކުރިކަމެއް ނޭނގެ، ދުވަހަކުވެސް އަޑެއް ނާހަން... މާފު ކުރޭ... ޝާން ގާތު ބުނެދީ އަހަރެންގެ އެއްވެސް ކުށެއްނެތޭ... ކީއްވެތަ އަހަރެން ދެކެ ރުޅިއައީ؟ ޝާހީން އޭނާ ދައްކަމުން ދިޔައެއްވެސް ވާހަކައެއް އަޑު ނޭހުމުން ދާރިޔާ މަދަދަށް އެދޭ ހާލު ބަލާލީ އަނާލް އަށެވެ.

"ހަބަރުދާރު... ކަލޭ އަހަރެންގެ ކޮއްކޮގެ ގާތަށް އެންމެ ފިޔަވަޅެއް ވެސް އަޅައިގެން ނުވާނެ... އަހަރެންގެ ކޮއްކޮއަށް ގެއްލުން ދިން މީހުނާ އެމީހުންނާ ގުޅުން ހުރި ހުރިހާ އެއްޗަކަށް ވެސް އަހަރެން ނަފްރަތު ކުރަން، އެއީ ކޮންމެ މީހަކަށް ވިޔަސް" ވަގުތާ ހާލަތުގެ ގޮތުން ކަންތައްތައް ވިސްނައި ގަނެވޭވަރަށް ވުރެ ޝާހީންގެ ސިކުނޑި ބަލިކަށިވެ ރުޅިވެރިކަން ވަނީ އިންތިހާއަށް ގޮހެވެ. ދާރިޔާގެ އަތުގައި ހިފާ އޭނާ އަނެއްފަރާތަށް އަނބުރާލިއިރު ހިނދުކޮޅަކަށް ވެސް ދާރިޔާ އަކީ އޭނާގެ ކާކުކަން ހަނދާން ނެތުނެވެ. ދާރިޔާ އާ މެދު އެ ހިތުގައި އޮތް ލޯބީގެ މައްޗަށް ރުޅިވެރިކަން ކުރި ހޯދަމުން ދިޔައެވެ.

އަނާލް ރޮވިފައި އެ ދެމީހުންނަށް ބަލަން އިންއިރު އިތުރަށް ބުނާނެ ބަހެއް އޭނާއަކަށް ނޭނގުނެވެ. އެ ހާސްކަމުގެ ތެރޭގައި އެންމެން ތިއްބާ ދީމް އާއި ކިނާން އާއި ދެމީހުން އައިސް ގޭތެރެއަށް ވަތްތަން ފެނުނެވެ. މިފަދަ ވަގުތެއްގައި ކިނާން ފެނުމުން ޝާހީންގެ ރުޅިގަނޑަށް ޕެޓްރޯލް އެޅުން ފަދަކަމަކަށް އެކަން ވިއެވެ. ދީމް ވެސް ވަށައިގެން ބަލައިލުމަށްފަހު ކިނާންއަށް ބަލާލިއެވެ. ގޭތެރޭގެ މާހައުލު އޮތް ގޮތުން ކޮންމެވެސްކަމެއް ގޯސްކޮށް ހިނގައިފިކަން އޭނާގެ ސކުނޑިއަށް ވެސް ނަގައިގަނެވުނެވެ.

ޝާހީން އައިސް ހުރި ރުޅިގަނޑުގައި ކިނާންއާ ދިމާލަށް ގޮސް ކިނާންގެ ގަމީހުގެ ގިރުވާނުގައި ހިފިއެވެ.

"ކުޑަބެ. ކިހިނެތްވީ؟" ކިނާންއަށް ގޯސް ކޮށް ކުރެވުނީ ކޮންކަމެއްކަން ނޭނގި ދީމް ވެސް ހާސްވިއެވެ. ޝާހީން ހަޅޭއްލަވައިގަނެފައި ކިނާންގެ މޫނުމައްޗަށް ގޮށްމުށުގެ ހަމަލާއެއް އަމާޒުކޮށްލިއެވެ. ނުވިސްނާހުރި ކިނާންގެ ތުންފަތް މަތި ފަޅައިގެން ގޮސް ލޭ އަންނަން ފެށުމާއެކު ކިނާންއަށް ކަނާއަތުގެ ޝަހާދަތް އިނގިލި ގެންގޮސް ތުންފަތުގެ އެއް އަރިމަތީގައި ޖައްސާލެވުނެވެ.

"ކިހިނެތް ...." ކިނާންއަށް ޖުމްލަ ފުރިހަމަކުރުމުގެ ކުރިން ޝާހީން އަތުގެ ދެވަނަ ހަމަލާ ކިނާންއަށް އަމާޒުކޮށްލިއެވެ. އެހެންނަމަވެސް ހުޝިއާރު ކަމާއެކު ދީމް އެދޭތެރެއަށް ވަނެވެ. އަދި ޝާހީންގެ އެ އަމަލު ހުއްޓުވިއެވެ. ކިނާންގެ ގިރުވާނުގައި ހިފާފައިވާ ޝާހީންގެ އަތް ދީމް ނައްޓާލިއެވެ. ކަންތައްތައް ހައްލު ކުރާނީ ވާހަކަ ދައްކައިގެންނެވެ. ގަޔަށް އަތް ލައިގެން އެއްވެސް ކަމެއް ހައްލެއް ނުވާނެއެވެ. ދީމް ކިނާންއަށް ބަލާލިއެވެ.

މަންޒަރު ބަލަން ހުރި އައްމާރުގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ.

"ދީމް ހަމަ މިހާރު އާދޭ....." އައްމާރު ބާރަށް ބުނެލިއެވެ. ބޮލުން އައުމަށް އިޝާރަތް ކޮށްލަމުން އޭނާ އަފާޒުއަށް ވެސް ބަލާލިއެވެ. ކަންތައް ވަމުންދިޔަލެއް އަވަސްކަމުން ކަންކުރަންވީ ގޮތް ނޭނގި ހުރި އަފާޒު ހުރީ ބުނަންވީ އެއްޗެއް ނޭނގިފައެވެ. ފުންނޭވާއެއް ދޫކޮށްލަމުން އޭނާ ދީމްއަށް ބަލާލާ ބޯ ޖަހާލީ އައްމާރު އެދޭ ގޮތަށް ކަންތައް ކުރުމަށެވެ. ކަންތައްތައް އިތުރަށް ގޯސްވާނެ އެއްވެސް ފިޔަވަޅެއް އަޅާކަށް އަދި ދީމް އެޅިޔަ ދޭކަށް އޭނާގެ ސިކުނޑި އެއްބަހެއްނުވިއެވެ. ދީމް ގޭތެރެއަށް ވަށައިގެން ބަލާލިއެވެ. މަޒާޔާގެ އުނަގަނޑުގައި އަތް އަޅުވާލައިގެން އޭރުވެސް އަނާލް ރޮނީއެވެ.

"ހަމަ މިހާރު މި ގެއިން ނުކުމޭ!" ޝާހީން ކިނާން އާއި ދިމާލަށް ހަޅޭއްލަވައިގަތެވެ. އަތް އިސްކުރަން އުޅުމުން މިފަހަރު އޭނާ ހުއްޓުވީ ރަކީންއެވެ.

"އަންކަލް ކިހިނެތްތޯ ވީ؟" ކިނާން އަދަބުވެރިކަމާއި މަޑުމައިތިރި ކަމާއެކު އައްމާރުއަށް ބަލާލަމުން ސުވާލުކޮށްލިއެވެ. އޭނާ އަވަސް ނަޒަރެއް އަފާޒުއަށާއި ޝަފޫންއަށް ވެސް ދިނެވެ. އެހެން ހުރިއިރު އޭނާއަށް ގޯސްކޮށްކަމެއް ކުރެވުނީތޯ އަމިއްލަ ހިތާ ސުވާލުކޮށްލިއެވެ. ސިކުނޑިއަށް ވާން ކުރިނަމަވެސް އެކަހަލަ އެއްވެސްކަމެއް އޭނާގެ ސިކުނޑިއަކަށް ނަޔެވެ. އެހެންކަމުން އޭނާގެ ހިތާއި ސިކުނޑި ވަނީ ސުވާލު މާކުތަކުން ފުރިފައެވެ. ރޯން އިން އަނާލްއަށް އޭނާގެ ނަޒަރު ހުއްޓުނީ ދެނެވެ. އިޒިއަން ފެނޭތޯ އަދިވެސް އެއްފަހަރު އޭނާ ވަށައިގެން ހޯދާލިއެވެ. އެހެންނަމަވެސް އިޒިއަންގެ އެއްވެސް ހިލަމެއް ކިނާންއަކަށް ނުވިއެވެ. އެހެންކަމުން އަނެއްކާވެސް އިތުރު ސުވާލުތަކެއް ސިކުނޑިއަށް ވެރިވިއެވެ. އިޒިއަންއާ ނުލާ އަނާލް އެގޭގައި އަނެއްކާ ކީކުރަނީބާއެވެ؟

"ކަލޭ ގޮސް އަހާބަލަ ކަލޭގެ ދޮންބެ ކައިރީ... މިތަނުގައި ހިނގާ ހުރިހާ ކަމެއް ކަލޭގެ ދޮންބެއަށް މާރަނގަޅަށް އެނގޭނެހެން ހީވަނީ. ނުކުމޭ!" ރަކީންގެ އަތް ފޮޅުވާލާ އައިސް ދޮރުން ކިނާން ބޭރަށް ކޮއްޕާލަމުން ޝާހީން ހަޅޭއްލަވައިގަތެވެ. އިތުރަށް އެންމެ ސިކުންތުކޮޅެއްވެސް މަޑުނުކޮށް ޝާހީން ދޮރު ލައްޕާލިއެވެ.

ދޮރު ލެއްޕުމާއެކު ކިނާން އިރުކޮޅަކު އެގެއަށް ބަލަން މަޑުކޮށްލިއެވެ. ވީގޮތް މާ ރަނގަޅަށް ނޭގުނަސް ބޮޑުކަމެއް ހިނގައިފިކަމަށް އޭނާގެ ސިކުނޑި ސިގްނަލް ދޭން ފަށައިފިއެވެ. އެގޭން އަނާލް ފެނުމާއެކު އެ އެންމެން ތިބި ގޮތުން އޭނާއަށް އެކަން ގުޅިފައިވަނީ އިޒިއަން އަދި އަނާލް އާކަން ލަފާކޮށްލެވުނެވެ. އެހެންނަމަވެސް އެއްވެސްކަމެއް ޔަޤީން ކަމާއެކު ބުނެވޭކަށް ނެތެވެ.

ފޯން ނަގާ އިޒިއަންއަށް ގުޅާލިއެވެ. ދެފަހަރަކު ގުޅާލިއިރުވެސް ފޯނެއް ނުނަގައެވެ. ބުނަނީ ނިއްވާލާފައި އޮތްކަމަށެވެ. އެހެންކަމުން ފަހަރަކަށް ވުރެ ފަހަރަށް އޭނާގެ ސިކުނޑިއަށް ނުބައި ވަސްވާސް ތަކާއި ވަހުމްތައް ވަންނަމުން ދިޔަވަރު އިތުރުވިއެވެ. ވެގެންއުޅޭ ގޮތެއް ނޭނގޭއިރު އަދި ބޮޑުކަމެއް ހިނގައިގެން އުޅޭއިރު އިޒިއަން ފޯން ނިއްވާލައިގެން އުޅުމަކީ ނުބައި ފާލެކެވެ. ހިނގައިގަތް ކިނާން އަދިވެސް އެއްފަހަރު އެގެއަށް ފަސްދީ ބަލައިލީ ވެގެން އުޅޭގޮތް އެނގުމުން އޭނާއަށް އަންގާލުމަށް ބުނެ މެސެޖެއް ދީމްއަށް ކޮށްލަމުންނެވެ.

އަނާލް ވަށައިގެން ބަލާލިއެވެ. އޭނާގެ އާއިލާ ރޫޅެނީހެއްޔެވެ؟ އާއިލާ ނިކަމެތި ވަނީހެއްޔެވެ؟ އެއްކޮޅުން ދާރިޔާ އާއި ޝާހީންއެވެ. އަނެއްކޮޅުން ދީމްއާއި ކިނާންއެވެ. ހުރިހާ ކޮޅަކުން ވެސް އެންމެ ލޯބިވާ މީހުންނެވެ. އާއިލާގެ އުފާވެރިކަން ގެއްލުނީ އޭނާގެ ސަބަބުން ހެއްޔެވެ؟ އެ ލޯބި އާއިލާ ރޫޅެން މެދުވެރިވި ސަބަބަކީ އެ ހަޤީގަތް ހެއްޔެވެ؟ ދެން ހަދާނީ ކިހިނެތްހެއްޔެވެ؟ އަމިއްލަ ލޯ ކުރިމަތީގައި އާއިލާ ރޫޅި އެންމެންގެ އުފާވެރިކަން ގެއްލޭތަން ބަލަން ހުންނަންވީ ހެއްޔެވެ؟ އެހެންނޫނީ ކުށްވެރިންނަށް އަދަބު ނުދީ ދޫކޮށްލަންވީ ހެއްޔެވެ؟ އޭނާ ހަދާނި ކިހިނެއްހެއްޔެވެ؟ އޭނާ ކުށްވެރިންނަށް އަދަބު ދޭން ބޭނުމެވެ. އޭނާ އެ މީހުން ކުރި ކުށުގެ ސަޒާ ދޭނެއެވެ. އެކަމަށް އޭނާ ޖެހޭނީ އާއިލީ އުފާތައް ޤުރުބާން ކުރަން ހެއްޔެވެ؟

ޝާހީން އާއި ދީމްއާ މެދު ވިސްނާލުމުން އެހިތަށް ލިބިގެން ދިޔައީ ބަޔާން ކުރަންދަތި ތަކުލީފުތަކެކެވެ. އޭނާގެ ސަބަބުން އެ މީހުންގެ ގުޅުން ހީނަރުވެއްޖެނަމަ އޭނާ ވާނީ ވަރަށް އަމިއްލަ އެދުން ބޮޑު މީހަކަށް ހެއްޔެވެ؟ ހައްތަހާވެސް ސުވާލެވެ. ޖަވާބު ލިބުން ނެތް އަރަތް ތަކެކެވެ. އަނާލްއަށް އަމިއްލަ ނަފްސުދެކެ ރުޅިއާދެވެން ފެށުނެވެ. އެރޭ އޭނާ މަރުވިނަމަ މި ހުރިހާކަމެއް ދިމާނުވާނެނޫން ހެއްޔެވެ؟ އެ ހަޤީގަތް އޭރުން އޮންނާނީ އަބަދަށް ވަޅުލެވިފައި ނޫންހެއްޔެވެ؟ ޝާހީން އާއި ދީމްގެ ދިރިއުޅުންވެސް ހަލާކު ނުވާނެ ނޫންހެއްޔެވެ؟

ވެގެން އުޅޭގޮތް ސާފުވި ދީމްއަށް ވެސް ލިބުނީ ކުއްލި ޝޮކެވެ. އެއްފަހަރު ދާރިޔާއަށް އަނެއްފަހަރު އަނާލްއަށް ބަލާލެވުމާއެކު ދީމްއަށް ދެލޯ މަރާލެވުނެވެ. ދާރިޔާ ޝާހީންގެ ކިބައިން މާފަށް އެދެމުން ދިޔަގޮތުން އޭނާގެ ހިތަށް ވެސް ތަދުވިއެވެ. ޝާހީން އެހުރީ ކިހިނެތް ވެފަހެއްޔެވެ؟ ދާރިޔާ އެވަރަށް ރޯ އިރު އެ ހިތް ހިލައަށް ހަދައިގެން އެ ހުރީ އޭނާ ދާރިޔާ ދެކެވީ ލޯބި އަނެއްކާ ނަފްރަތަށް ބަދަލުވީހެއްޔެވެ؟.

*****

ކިނާންގެ މިސްރާބުހުރީ ގެއާ ދިމާލަށެވެ. ގެއަތް ވަތް ތަނާ އަކްނިޒާ ކިނާންއަށް ގޮވާލިއެވެ. އެހެންނަމަވެސް ވިސްނުމަކަށް ގެއްލިފައި ހުރި ކިނާންއަށް އެ އަޑު އިވުނުހެނެއް ހިޔެއްނުވެއެވެ. އޭނާގެ ފިޔަވަޅުތައް ހުރީ ކުރިއަށެވެ. ސިޑިއާ ދިމާލަށެވެ. އަކްނިޒާ ދެފަރާތަށް ބޯ ހޫރާލަމުން ކައްކާ ބަޔާ ދިމާލަށް ހިނގައިގަތެވެ. ކިނާން ގޮސް އިޒިއަންގެ ކޮޓަރި ތެރެ ހުޅުވާލާ ބަލާލިއެވެ. އެހެންނަމަވެސް އިޒިއަންއެއް ފެންނާކަށް ނެތެވެ. އަނެއްކާވެސް އޭނާ އިޒިއަންއަށް ގުޅަން މަސައްކަތް ކުރިއެވެ. އެންމެފަހުން އޭނާގެ ކޮޓަރިއަށް ވަދެ ދެކޮޅަށް ހިނގަން ފެށުނީ ދީމްގެ މެސެޖެއްހާ ހިސާބުވެސް ނުލިބުނީތީއެވެ. އެންމެފަހުން ކެތްތެރިކަން ކޮޅުންލާ ހިސާބަށް ދިޔުމުން އޭނާ ދީމްގެ ނަންބަރަށް ޑައިލް ކޮށްލިއެވެ. ރިންގް ވިތާ މާގިނަ އިރެއްނުވެ އެކޮޅުން ފޯން ބިޒީ ކޮށްލުމާއެކު އޭނާގެ ހާސްކަން ދެގުނަ ވެގެން ދިޔައެވެ. އަނެއްކާވެސް އިޒިއަންއަށް ގުޅާލެވުނެވެ. ލިބެނީ އެއްޖަވާބެކެވެ. ރޭގަނޑު ނުވައެއް ޖަހާ ބޮޑުވި އިރުވެސް އިޒިއަން ގެއަކަށް ނާދެއެވެ. ކަމެއް ގޯސްވެގެން އުޅޭ ވާހަކަ މަންމަމެން ގާތު ބުނަން ކިތަންމެ ބޭނުންވިނަމަވެސް ވީ ގޮތް ނޭނގެނީވެސް އޭނާ އެ ވާހަކަ ބުނަން ޖެހިލުންވިއެވެ. އަކްނިޒާމެން ވެސް ތިބޭނީ އިޒިއަން އާއި އަނާލްއާ ދެމީހުން އެކުގައި ބޭރުގައި ވީކަމަށް ހީކޮށްގެން ވިއްޔާއެވެ.

ކިނާން އެހެން ދޮކޮޅަށް ހިނގަހިނގާ ހުއްޓާ ވަރަށް ބާރަށް އިޒިއަންގެ ކޮޓަރި ދޮރު ޖެހި އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. އިޒިއަން އައިކަން ޔަޤީންވި ކިނާން އަވަސްއަވަހަށް ގޮސް އިޒިއަންގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.

އެނދުގައި އިށީނދެ ކަކުލުގައި އަތް ވިއްދާލާ ނިތްކުރިމަތީގައި އަތުން ހިފައްޓާލައިގެން އިން އިޒިއަން ފެނި ކިނާން މަޑު ފިޔަވަޅުތަކުގައި އެދިމާލަށް ދިޔައީ ދޮންބޭއޭ ކިޔާ ގޮވާލަމުންނެވެ. އޭނާގެ އެ ގޮވާލުމުން ވެސް އިޒިއަން ބަލައެއް ނުލިއެވެ. ކައިރިއަށް ގޮސް އިޒިއަންގެ ކޮނޑުގައި އަތް ޖައްސާލުމާއެކު އިޒިއަން ވާހަކަ ދެއްކިއެވެ.

"އައި މެސްޑް އަޕް." އިޒިއަން އެ ދައްކަނީ ކޮން ވާހަކައެއްކަން ސީދާ ކިނާންއަށް ނޭނގުނަސް އެކަން ގުޅިފައިވަނީ އަނާލްއާ ކަން ކިނާންއަށް އެނގުނެވެ. ވީގޮތް ކިތަންމެ އެނގެން ބޭނުންވިނަމަވެސް އޭނާއަށް އެވަގުތު އަވަސް އަރުވާލައިގެން އެއްވެސް ސުވާލެއް ކުރަން ނުކެރުނީ އިޒިއަންގެ އަޑުގައި ވި ވޭނީ އަސަރުންނެވެ. ހިފައްޓާލާފައިވާ އިޒިއަންގެ ކޮނޑަށް ކިނާން ބާރުކޮށްލީ ހިތްވަރު ކުރާށޭ ބުނާފަދަ ގޮތަކަށެވެ.

"އައި މެސްޑް އަޕް އެވްރީތިންގް، އިޓްސް އޯލް މައި ފޯލްޓް" އިޒިއަން އަތް ނައްޓާލާ އިސް އުފުލާލަމުން ކިނާންއަށް ބަލާލިއެވެ. އިޒިއަންގެ ރަތްވެފައިވާ ދެލޮލަށް ބަލާލުމާއެކު ކިނާން ދެބުމަ އަރުވާލީ ކިހިނެތްވީހޭ އަހާފަދަ ގޮތަކަށެވެ. މި ނޫނީ ދުވަހަކުވެސް އިޒިއަންގެ އެ ސިފަ ކިނާންއަށް ފެނިފަކާ ނެތެވެ. އިޒިއަންގެ މާޔޫސްކަމާއި އެ މޫނުމަތި މިލާފައިވާގޮތުން ހިނގައިގެތް އުޅޭ ކަންތައް އެނގުމުގެ ޝައުގުވެރިކަން އެ ހިތުގައި ބޮޑުވެގެން ދިޔައެވެ.

"ދޮންބެ ދައްތަ އާ ދެމީހުން މައްސަލައެއް..." ކިނާންއަށް ޖުމްލަ ފުރިހަމަ ކުރާކަށް ނުކެރުނެވެ.

"އާނ. މައްސަލައެއް ޖެހިއްޖެ، ވަރަށް ބޮޑު މައްސަލައެއް، ހީ ނުވޭ ދުވަހަކުވެސް ހައްލުވާނެހެނެއް" އިޒިއަން ވާހަކަ ބެހެއްޓީ ދުރުދުރުންނެވެ. އެ ވާހަކަ ތަފްސީލުގޮތެއްގައި އަދި ކިނާންއަށް ކިޔައިދޭނެހާ ހިތްވަރެއް އިޒިއަންގެ ނެތެވެ. އޭނާކުރި އެފަދަ ވިޔާނުދާ ހަޑި ހުތުރު އަމަލެއްގެ ވާހަކަ ކިނާންއަށް ކިޔައިދޭނީ ކޮން ހައިސިއްޔަތަކުން ބާއޭ އިޒިއަންގެ ހިތަށް އެރިއެވެ. .

"ދޮންބޭ! ވީ ގޮތެއް ނޭނގެ! އަހަރެން ދީމް ލާން ދިޔައިމަ އެމީހުން އަހަރެންނާ ދިމާލަށް ވެސް ވަރަށް ރުޅިއައިސް ވާހަކަ ދެއްކި، އެންމެ ފަހުން ކިރިއާ ސަލާމަތުން މި އާދެވުނީ، ބަލާބަލަ ތުންފަތް" ކިނާން އޭނާގެ ފެޅިފައިވާ ތުންފަތް ދައްކާލަމުން ބުނެލުމާއެކު އިޒިއަންއަށް ހިންދިރުވާލެވުނީ އެންމެންނަށް ވެސް ހަޤީގަތް އެނގުނީކަން ޔަޤީންވާ ހާލުގައެވެ. ދެން އޭނާ ބަލާލީ ކިނާންގެ ފެޅިފައިވާ ތުންފަތަށެވެ. މާބޮޑަށް ނޭނގުނުކަމުގައި ވިނަމަވެސް ކޮންމެވެސް ވަރަކަށް ލޭހިކިފައި އެބަހުއްޓެވެ؟ އިޒިއަންގެ އާއިލާއަށް އެހާ ނަފްރަތު ކުރަންޏާ އަދި އޭނާ ފެނިގެން އެމީހުންގެ އަމަލުތައް ހުންނާނީ ކިހިނެތްކަން ލަފާ ކޮށްލާކަށް އިޒިއަންއަކަށް ނޭނގުނެވެ.

"ދޮންބޭ، އެއްވެސް ކަމަކީ ހައްލު ނުވާނޭ ކަމެއްނޫނެއްނު، ދޮންބެދައްތަ ގާތުން މާފަށް އެދުނިންތަ؟ ދޮންބެއަށް ކުށެއްކުރެވިފަ ވާނަމަ މާފަށް އެދުނީމަ ޔަޤީން މާފު ކޮށްދޭނެކަން" ކިނާން ބުނެލީ ޔަޤީން ކަމާއެކުގައެވެ.

"އެކަމަކު، އެކަމަކު އަހަރެން ކިހިނެތް މާފަށް އެދޭނީ... ކީކޭ ކިޔާފަ؟ އެހާ ފަސޭހައެއްނޫނޭ ކިނާން" އިޒިއަންއަށް އިސްޖަހާލެވުނެވެ. ކިނާން ވެސް ހުރީ ކަންބޮޑުވެފައެވެ.

ކިނާން ތަކުރާރުކޮށް ބުނީ އަނާލް ގާތަށް ގޮސް މާފަށް އެދުމަށެވެ. އިޒިއަން ވަކި އެއްޗެއް ނުބުންޏެވެ. ހަދަންވީ އެއްވެސް ގޮތެއް އޭނާގެ ސިކުނޑިއަކަށް ނަޔެވެ. އެއްޗެއް ނުބުނެ އިނދެވުނީ އެހެންވެއެވެ.

ކިނާން ފޮނުވާލަމުން އިޒިއަން ބުނީ އޭނާ އަނާލް ބަލާ ދާނޭކަމުގައެވެ. އިޒިއަންގެ އެ ޖުމްލައިން ކިނާން ހިންހަމަޖެހުނުކަން އެނގުނުނަމަވެސް އެގެއަށް ދާނީ އެމީހުންނަށް ކޮން މޫނެއް ދައްކަންބާއޭ އިޒިއަންގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އޭނާ އަދިވެސް އަނާލްގެ ކިބައިން މާފަށް އެދެން ބޭނުންވެއެވެ. އަނާލްއަށް ހަޤީގަތް ކިޔައިދޭނޭ އެތައް ފުރުސަތެއް ލިބުނު ކަމުގައި ވިނަމަވެސް އޭނާ ހިޔާރުކުރީ މުޅިން އެހެން މަގެކެވެ. އޭރު މާޒީގެ ހިޔަނި މިފަދަ ގޮތަކަށް އޭނާގެ ހަޔާތަށް އެޅިދާނޭކަމަށް ވިސްނިފައިނެތީއެވެ. މިހާރު މި ވަނީ އޭނާގެ ބިރުވެރި ހުވަފެން ހަޤީގަތަކަށް ވެފައެވެ.

އިޒިއަން ދެލޯ މަރާ ފިއްތާލިއެވެ. އޭނާ ވޮލެޓުން އަނގޮޓި ނަގާ ބަލާލިއެވެ. އެއާއެކު އޭގައި ފިރުމާލެވުނީ އެރޭގެ ހަނދާނެއް އާވުމުންނެވެ.

*****

އެ ދުވަހަށްފަހު އެ އަނގޮޓި އަކީ އޭނާއަށް އެރޭގެ މަތިން ހަނދާން ކޮށްދޭ މެހެމާނަކަށް ވަނީ ވެފައެވެ. އިސްލާހުވުމަށްފަހު ކިތަންމެ ފަހަރަކު އެ އަންހެން ކުއްޖާ ހޯދާ މާފަށް އެދެން އިޒިއަން ބޭނުންވިއެވެ. ކުށްވެރި އިޙްސާސް ކުރެވި ހެޔޮމަގަށް އެޅުމަށްފަހު މާޒީގައި އަނިޔާ ދެވުނު ހުރިހާ އެންމެންގެ ހިތްހަލާލު އިޒިއަން ބޭނުންވިއެވެ. މަންމައާއި ބައްޕަ އަދި އާއިލާގެ ފުރިހަމަ އެއްބާރުލުމާއި ލޯބި އިޒިއަންއަށް ލިބުނު ނަމަވެސް އަބަދުވެސް އޭނާގެ ހިތުގައި އެ އަންހެން ކުއްޖާ އާމެދު ބިރުވެރިކަމެއް ވިއެވެ. ރާއްޖޭން ބޭރަށް ފުރީ އެ އަންހެން ކުއްޖާ ދިރި ހުރިކަން ނޫނީ މަރުވިކަން ވެސް ނޭނގިއެވެ.

އެހެން ހުއްޓާ އޭގެ ފަސްއަހަރު ފަހުން އެންމެ ފުރަތަމަ އެ އަންހެން ކުއްޖާ އިޒިއަންއަށް ފެނުނީ ދި ގްރޭންޑް ކޮންޕެނީގެ މައި އޮފީހުންނެވެ. އެ ދުވަހަށްފަހު އަނެއްކާވެސް އިޒިއަންގެ ހިތުގެ ހަމަޖެހުން ގެއްލުނީއެވެ. ކިތަންމެ ފަހަރަކު މާފަށް އެދެން ބޭނުންވިއެވެ. އެހެންނަމަވެސް އަމިއްލަ ފިނޑިކަމާއި ނަފްސަށް ވެރިވެފައި ހުރި ބިރުވެރިކަމުން އެކަން އެގޮތަށް ކުރަން ނުކުޅެދުނީއެވެ.

*****

އިޒިއަން އެތައް ގޮތަކަށް ވިސްނިއެވެ. ކުށްކުރީ އޭނާ އެވެ. އެ ކުށަށް ތައުބާވީވެސް އޭނާއެވެ. މިއީ ހިތްވަރު ކުރަންވީ ވަގުތެވެ. އަނާލްއާ ކުރިމަތިލާން ޖެހޭ ވަގުތު މިއޮތީ އައިސްފައެވެ. އެ އާއިލާގެ ކުރިމަތީގައި ކުޑަ ކަކޫ މައްޗަށް ތިރިވެ އާދޭސް ކުރަންޖެހޭ ދުވަސް މިއޮތީ ކުރިމަތިވެފައެވެ. ދިމަ ދިމާލުން އެކިއެކި ޚިޔާލުތައް އައިސް އިޒިއަން ވަށައިލަމުން ދިޔުމާއެކު އޭނާއަށް އެނދުން ތެދުވެވުނެވެ. އެއަށްފަހު އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން ވިސްނުމަކަށް ގެއްލިފައި ކުޑަ އިރަކު ހުރުމަށްފަހު ކުއްލިއަކަށް އޭނާ ދުއްވައިގަނެއްޖެއެވެ. ތިރިއަށް ފޭބިއިރު ފަހީމް އައިސް ވަންނަނީއެވެ. ފަހީމް ގޮވާލުމުން ވެސް އަޅާނުލާ އިޒިއަން ދުވަމުން ގޮސް ގަރާޖުން ކާރު ނެރެ ދުއްވާލާއިފިއެވެ. ބާރު ސްޕީޑްގައި ކާރު ދުއްވަމުން ދިޔަ އިޒިއަންގެ މިސްރާބު ހުރީ އަނާލް މެން ގެއަށެވެ. އެގެއިން އޭނާއަށް މަރްޙަބާ ކިޔާނީ ކިހިނެތްކަން ނޭނގޭ ހާލު އިޒިއަން ދުއްވަމުން ދިޔައެވެ.

 

ކޮމެންޓް 0