ރޭގަނޑު ވެހެންފެށި ވާރޭ ފަތިސް ވީއިރު ހުއްޓާލައިފިއެވެ. ފޯންގެ އެލާމްގެ އަޑާއެކު އިޒިއަންއަށް ސިހިފައި ހޭލެވުނެވެ. ސައިޑްކަބަޑްމަތީގައި އޮތް ފޯނަށް ބަލާލަމުން އެލާމް ނިއްވާލިއެވެ. ކަންނެތްކަން ހަށިގަނޑުގައި ވިޔަސް އޭނާ ތެދެވިއެވެ. އަރާމު ނިދީގައި އޮވެފައި އެ ގަޑީގައި ތެދުވާ ހިތްވާނީވެސް ކާކުހެއްޔެވެ؟ އެނދުން ތެދުވެ ގޮސް ފާޚާނާއަށް އިޒިއަން ވަނީ ވެސް ކަންނެތްވެފައި ހުރެއެވެ. ދެލޯ އޭރުވެސް ހުރީ މެރިފައެވެ. އެހެންނަމަވެސް ނަމާދަށް ނުގޮސްނިދަން އޮންނާކަށް އިޒިއަންގެ ސިކުނޑި އެއްބަހެއް ނުވިއެވެ. ސަލާމަތްކަމާއި ނަސީބުލިބިގަތުމަށް އައުމަށްނަމާދުގައި ގޮވާލެވެއެވެ. ފަރުޟު ފަސްނަމާދު ބަރާބަރަށް ކުރާތީ އިޒިއަންއަށް އެންމެ ނަމާދެއްވެސް ނުކޮށް ހުންނަން މިހާރު އުނދަގޫވެއެވެ. ނަފްސަށް ހަމަޖެހުން ލިބެނީ ނަމާދުކޮށް ދުޢާ ކުރެވުމުންނެވެ.

ހޫނުފެނުން ފެންވަރާ ހަދާލުމުން ވެސް ހަށިގަނޑުގައި ހުރި ފިނިކަމަށް ބަދަލެއް ނަޔެވެ. ވަށައިގެން ކޮޓަރިތެރެއަށް އިޒިއަން ބަލާލިއެވެ. ރޭގައި އޭނާ ނިދީ ތަންވެސް ސާފުކޮށްފައެވެ. އެހެންކަމުން މިހާރު ކޮޓަރި ތެރެ ހުރީ ނުހަނު ތަރުތީބުކޮށެވެ. ރީތިވެގެން މިސްކިތަށް ދާން ނުކުތްއިރުވެސް ކޮންމެވެސް ވަރަކަށް ވާރޭ ކަނި ތަޅަމުންދިޔައެވެ. އެހެންނަމަވެސް ތެމޭ ވަރެއްނޫނެވެ. އެހެންކަމުން ވާރޭ ކޯޓް ނަގަން އެތެރެއަށް ދާ ހިޔާލެއް އިޒިއަން ނުކުރިއެވެ. ފަތިހުގެ ވަގުތު ކަމުން މަގުތައް މަތިވެސް އާދަޔާ ހިލާފަށް އަމާނެވެ. ދުއްވާއެއްޗެއްގެ ހިލަން ވަނީ ވެސް މަދުފަހަރަކުއެވެ.

މިސްކިތާ ކައިރިވީ ވަރަކުން މަގުމަތިން ކޮންމެވެސް ވަރަކަށް މީހުން ފެންނަން ފަށައިފިއެވެ. ގިނައީ މުސްކުޅިވެ ގައިބާރު ދެރަވެފައިވާ މީހުންނެވެ. ޒުވާނަކު ފެންނަނީ ވަރަށް މަދުންނެވެ. ކާފަމެން އެމީހުންގެ ކާފަދަރިން ގޮވައިގެން މިސްކިތަށްދިޔަ މަންޒަރު ފެނުމުން އިޒިއަންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެގޮތަށް އޭނާވެސް ބައްޕަގެ އަތުގައި ހިފައިގެން ކުޑައިރު މިސްކިތަށްދިޔަ ހަނދާން އާވިއެވެ. މިސްކިތާ ހިސާބަށް ގޮސް ގަޑި ބަލާލިއިރު އަދި ބަންގި ގޮވަން ދިހަ ވަރަކަށް މިނިޓް އެބައޮތެވެ. އެހެންކަމުން އިޒިއަން މިސްކިތުގެ ފަހަތު ފާރު ކައިރީގައި ބަހައްޓާފައި ހުރި ކަބަޑުން މުސްޙަފެއް ނަގައި އެންމެ ފަހުން އޭނާ ކިޔަވާފައި އިން ހިސާބު ހޯދާލިއެވެ. އެއަށްފަހު ފާރުގައި ބުރަކަށި ޖައްސާލާ ޤުރުއާން ކިޔަވަން ފެށިއެވެ. މިސްކިތަށް މުސްކުޅިވަރެއްގެ ކާފައަކާއެކު ވަތް ކުޑަކުއްޖާ ގޮވައިގެން އައިސް އެ ކުއްޖާ އިޒިއަން ގާތު ބައިންދަމުން ކާފަ ބުނީ ވުޟޫ ކޮށްލައިގެން އޭނާއަންނާނެކަމުގައެވެ. އެހެންކަމުން އޭނާ ވުޟޫ ކޮއްގެން އަންނަންދެން އެ ކުއްޖާއަށް ބަލާލަދިނުމަށެވެ. އިޒިއަން ބޯ ޖަހާލާ އެ ކުއްޖާއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

"ކިޔަވާނަންތަ؟" އިޒިއަން މަޑުމަޑުން އަހާލިއެވެ. ފަސްއަހަރަށްދާ އެ ކުއްޖާ ބޯ ޖަހާލުމާއެކު އިޒިއަން ހަތިމެއް ނަގާ އެ ކުއްޖާއަތަށް ދިނެވެ. އެ ކުއްޖާވެސް ތާކިހާ އަޅައިގެން ފައި ދަމާލައިގެން އިނދެ ކިޔަވަން ފެށިއެވެ. ބާރަށް ކިޔަވަން ފެށުމުން މިސްކިތުގައި އެވަގުތު ތިބި މަދު މީހުން ކޮޅު ބަލާލިއެވެ. އެހެންނަމަވެސް އެއްވެސް މީހަކު އެއްޗެއް ނުބުނެއެވެ. ހިނިތުންވެލަނީއެވެ.

އިޒިއަން އަކީވެސް ކުޑައިރު ހަމަ މިގޮތަށް އުޅުނު ކުއްޖެކެވެ. ނުބައި މަގު ހިޔާރުކުރެވުނީ ކީއްވެހެއްޔެވެ؟ އެކަމުގައި އިހްމާލުވަނީ އޭނާގެ މައިންބަފައިންހެއްޔެވެ؟ ނޫނީ އެކުގައި އުޅެވުނު ރައްޓެހިންނެވެ. ގިނަފަހަރު މަސްތުވާ ތަކެއްޗާ ދިމާލަށް ދެވޭ ސަބަބު ވެސް އޮންނަނީ ނޭނގިފައެވެ. އެފަދަ ކަމަކުން އެ ކުދިން ސަލާމަތް ކުރުމަށް އެ ސަބަބު އެނގުމަކީވެސް މުހިންމުކަމެކެވެ. ވިސްނެން ފެށުނީ ރަނގަޅު މައުޟޫ އަކަށް ނޫނެވެ. އެހެންކަމުން އޭނާ ވެސް ހަތިމަށް ނަޒަރު ހުއްޓާލަމުން ކިޔަވަން ފެށިއެވެ.

ވިއްސާރަކަމުން ފަހީމްއަށް ވެސް މިރޭ މިސްކިތަށް ދެވޭވަރުވީ ސީދާ ބަންގިއަށެވެ. ކިނާން އާއި ފަހީމް އާއި ދެމީހުން އެކުގައި ގޮސް މިސްކިތަށް އެރިއިރު ބަންގި ގޮވަނީއެވެ. ފަހީމްގެ ނަޒަރު ފާރުކައިރީގައި މަޑުކޮށްލައިގެން އިން އިޒިއަންއަށް ހުއްޓުމާއެކު އެދެލޯ އުފަލުން ފެންކަޅިވެގެން ދިޔައެވެ. އާއެކެވެ. އިޒިއަން މި ވަނީ އެކީ ބަދަލުވެފައެވެ. އެއީ ކުރީގެ އިޒިއަން އެށް ނޫނެވެ. ދަރިފުޅު ދެކެ އައިސްފައި ހުރި ރުޅިއާ މެދު ކޮންމެވެސް ވަރަކަށް ވިސްނާލަން ފަހީމްއަށް މަޖުބޫރިވިއެވެ. ކިނާންއަށް ބަލާލެވުނީ ކިނާންގެ މޫނުމަތިން ފެންނާނޭ އަސަރުތައް ބަލާލުމަށެވެ. ލޮލަށް ފެންނަ މަންޒަރަކީ ހަމަ ހަޤީގަތެއްހެއްޔެވެ؟ ކިނާން ބޯ ޖަހާލިއެވެ. އެއީ ހަމަ ހަޤީގަތޭ ބުނަމުންނެވެ.

އިޒިއަން ވެސް ބަންގި ގޮވުމާއެކު ހަތިމް ބާއްވާ ތެދުވިއެވެ.އޭރު ކާފަ ވެސް އައިސް އެ ތުއްތު ކުއްޖާ ގޮވައިގެން ދުރަށް މިސްރާބުޖެހީ އިޒިއަންއަށް ޝުކުރު އަދާކޮށްފައެވެ. ލޮލުގައި ފަހީމް އަޅައިގަތުމުން އިޒިއަން ވެސް ހުއްޓުން އެރިއެވެ. މޫނުމައްޗަށް ހިތާމައިގެ ކުލަވަރުވެރިވިއެވެ. ތުންފަތުގައި އިޒިއަން ދަތް އަޅާލިއެވެ.

ނަމާދުކޮށް ނިމިގެން ނުކުތް އިރު ވާރޭ ބޯ ކޯށްވެހެމުން ދިޔައެވެ. ވާރޭ ކޯޓް ނުލާ އާދެވުނު ކަމުގެ މޮޔަ އިޒިއަންގެ ހިތަށް އެރިއެވެ. ސިޑި ކައިރީގައި އޒިއަން މަޑުކޮށްލީ އުޑުމައްޗަށް ބަލާލަމުންނެވެ. އުޑުމައްޗަށް ވެރިވެފައިވާ ނޫކުލައިގެ ތެރޭންވެސް އެކަތި އަނެކެއްޗާ ސަކަރާތްޖަހަމުންދިޔަ ވިލާތަކާއި ބޯ މަތީގައި އޮތް ވަރުގަދަ ވިލާގަނޑު އިޒިއަންގެ ލޮލުގައި އަޅައިގަތެވެ. ވާރޭ ހުއްޓާލާނެ އިރެއްލަފާކޮށްލާކަށް ވެސް އިޒިއަން އަކަށް ނޭނގެއެވެ. ވާރޭ ވެހެނީ އެހާ ބޯކޮށެވެ. ތެމިގެން ގެއަށް ދާކަށް އިޒިއަން ބޭނުމެއް ނުވިއެވެ. މާހައުލުވެސް އެހާ ފިންޏެވެ. އޭނާ އެތަނުގައި ހުއްޓާ ފަހީމްއާއި ކިނާން މިސްކިތުން ފޭބިއެވެ. ކާރު އޮތީ ބޭރުގައި ޕާރކްކޮށްލާފައެވެ. ފަހީމް އިޒިއަންއަށް ބަލާލިއެވެ. އިޒިއަން އިސްޖަހާލިއެވެ. އެހެންނަމަވެސް ބައްޕައަށް ވީތީ ހިތްވަރު ކޮށްފައި އިޒިއަން ފަހީމް ގާތަށް ޖެހިލިއެވެ.

"ބައްޕާ" އިޒިއަން ގޮވާލިއެވެ. ފަހީމް އުޅުނީ އަނެއްފަރާތަށް މޫނުއަނބުރާލާށެވެ. އެހެންނަމަވެސް ކިނާން ފަހީމްގެ ކޮނޑުގައި އަތް އަޅާލުމުން އޭނާ އިޒިއަންއަށް ބަލާލިއެވެ.

"ބައްޕާ އަޅުގަނޑަށް މާފުކުރޭ. އޭރު އުޅެވުނީ ރަނގަޅަކަށް ނޫން. އެކަމަކު މިހާރު މީ އޭރުގެ އިޒިއަން އެއްނޫން. މީ މުޅިން އެހެން އިޒިއަން އެއް. ބަދަލުވެފައިވާ އިޒިއަންއެއް. ބައްޕައަށް ވާނެނަމަ އަޅުގަނޑަށް މާފުކޮށްދޭތި. މަންމައަށްޓަކައި އަޅުގަނޑު އަބަދުވެސް ހެޔި ދުޢާ ކޮށްދޭނަމޭ ބުނެލަދޭތި. އަބަދުވެސް އާއިލާ މަތިން ވަރަށް ހަނދާންވޭ. "އިޒިއަން ބުނެލިއެވެ. ބައްޕަގެ ކުރިމަތީގައި ހުރެ އެތައް އަހަރެއް ފަހުން މިގޮތަށް މާފަށް އެދެވުމުން އިޒިއަންއަށްވެސް ލިބުމީ ބަޔާން ކުރަންދަތި އުފަލެކެވެ. އުންމީދެއް އާވިއެވެ. އެހެންނަމަވެސް ފަހީމްގެ މޫނުމަތިން ފެނުނު އަސަރުތައް އަނެއްކާވެސް އޭނަ މާޔޫސްކުރުވައިފިއެވެ. އޭނާ ކިނާންއަށް ބަލާލިއެވެ. ބައްޕައަށް ވިސްނަދޭށޭ ބުނާފަދައަކުންނެވެ. ކިނާން ބޯ ޖަހާލީ މަޑުމަޑުން ހުރިހާކަމެއް ވެސް ރަނގަޅުވާނޭ ބުނާކަހަލަ ގޮތަކަށް ބޯ ޖަހާލަމުންނެވެ.

އިޒިއަންގެ ސިފައަށް ވެސް ހާދަ ބަދަލެއް އަތުވެއްޖެއެވެ. އިޒިއަންގެ މޫނުމަތިން ފެނުނު އަސަރުތަކުން މޫނު އަނބުރާލަން ނުކެރި ހުރެ ފަހީމް ބޯ ޖަހާލިއެވެ. ފަހީމްގެ ދެލޯ ފެންކަޅިވަމުންދިޔަ މަންޒަރު އިޒިއަންއަށް ފެނުނެވެ. އޭނާ އެއްޗެއް ބުނަން އުޅުނެވެ. އެހެންނަމަވެސް ފަހީމް އެ ފުރުސަތު އިޒިއަންއަށް ނުދީ ގޮސް ކާރަށް އެރިއެވެ. ކިނާން އިޒިއަންގެ ކޮނޑުގައި ޖަހާލަމުން ފަހީމްގެ ފަހަތުން ދިޔައެވެ.

ފަހީމްއަށް އިޒިއަން ފެނުމުން ހަދަންވީ ގޮތެއް ނޭނގުނެވެ. އެ ދަރިފުޅު ގެނެސް ކޮނޑާ ކޮނޑު ޖައްސާލާ ސަލާމްކުރަން ބޭނުންވިއެވެ. މާފުކޮށްފީމޭ ބުނަން ހިތްއެދުނެވެ. އެހެންނަމަވެސް ކޮންމެވެސް ކަމެއް އޭނާއަށް ހުރަސް އަޅާފަދައެވެ. އެ ދަރިފުޅު އުޅެނީ ކޮންތާކު ކަމެއް ވެސް އޭނާއަކަށް ނޭނގުނެވެ. ކިހިނެތްކަމެއް ނޭނގުނެވެ.

ކިނާން ކާރަށް އަރާ ސީޓް ގައި އިށީނދެ ހަމަޖެހިލުމާއެކު އޭނާ ބުނީ ގެއަށް ދިޔުމަށް ކާރު ދުއްވާލުމަށެވެ. ކާރު ސްޓާރޓްކޮށްލައިގެން ގޮސް ލޯމަތިން ގެއްލެން ދެން އިޒިއަން ބަލަން ހުއްޓެވެ.

ފަހީމް ދުއްވަން އިން ކިނާންއަށް ބަލާލިއެވެ. ވަކި ހިސާބަކަށް ދެވުނު ތަނާ އޭނާ އެދުނީ އަނބުރާ މިސްކިތާ ދިމާލަށް ދިޔުމަށެވެ. ކިނާންއަށް ކާރު ބުރަކި ޖައްސާލަމުން ފަހީމްއަށް ބަލާލެވުނެވެ. އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. މިސްކިތާ ދިމާލަށް ކާރު ދުއްވާލިއިރު ފަހީމް އެކޭ އެއްގޮތަށް އޭނާގެ ހިތްވެސް ދިޔައީ ތެޅެމުންނެވެ.

މިސްކިތާ ދިމާލަށް ކާރު ހުއްޓާލިއިރު އެމީހުންގެ ލޮލުގައި އަޅައިގަތީ މިސްކިތު ގޯތިތެރެއިން ނުކުންނަން އައި އިޒިއަން އެވެ. ނުދާން ހުރެފައިވެސް އިޒިއަން ނުކުތީ ވާރޭ ހުއްޓާނޭ އިރު ނޭނގޭތީ ތެމިގެން ވިޔަސް ގެއަށް ދާށެވެ.

އެކަމަކު ކާރު ހުއްޓާލުމާއެކު އިޒިއަންއަށް އެކާރަށް ބަލާލެވުނެވެ. ކާރުގެ ލޯގަނޑު ތިރިކޮށްލަމުން ކިނާން އެދުނީ އިޒިއަން ގާތު ކާރަށް އެރުމަށެވެ. އިޒިއަން ފާޑަކަށް ބަލަން ފެށުމުން ކިނާން ދެވަނަ ފަހަރުވެސް ތަކުރާރު ކޮށްލިއެވެ. އިޒިއަން މަޑުޖެހުނީ ފަހީމް ކާރުގައި އިނުމުންނެވެ. އޭނާ ދެފަރާތަށް ބޯ ހޫރާލީ ނޫނެކޭ ބުނަމުންނެވެ.

އެހެންނަމަވެސް ކިނާން އެއްގޮތަކަށްވެސް ދޫދޭކަށްއެއްބަހެއްނުވިއެވެ. އެންމެފަހުން އިޒިއަން އައިސް ކާރުގެ ފަހަތު ސީޓަށް އަރައިފިއެވެ.

'ދޮންބެ ގެއަށް ލާފަ ދާންވެގެން، ވަރަށް ވިސްސާރައެއްނު" ކިނާން ބުނެލިއެވެ. އިޒިއަން ބޯ ޖަހާލީއެވެ.

"ގެއަށް ހިނގާ ނާނު" ފަހީމް ބުނުމާއެކު އިޒިއަންއަށް ސިހުން ލިބުނެވެ. އެއާއެކު އޭނާއަށް ކިނާންއަށް ގޮވާވެސް ލެވުނެވެ. އެހެންނަމަވެސް އިޒިއަން ގޮވާލުމަކުން ކިނާން އެއް އެއްޗެއް ނުބުންޏެވެ. އިޒިއަން ވިސްނުމުގައި އިންދާ ކާރު ގޮސް ވަނީ އިޒިއަންމެންގެ ގޭގެ ގޭޓުންނެވެ.

ސްޓާރ ގާރޑެން ޕެލަސްއަށް ބަލާލުމާއެކު އިޒިއަންއަށް ހިންދިރުވާލެވުނެވެ. ތުންފަތުގައި ދޫހާކާލަމުން ތުންފަތް ތެއްމާލިއެވެ. ދޮރު މައްޗަށް ހުއްޓާލުމުން އޭނާއަށް ފައިބާކަށް ނޭނގުނެވެ. ކިނާން ގޮވާލުމާއެކު ހޭވެރިކަންވެ އިޒިއަން ކާރުން ފޭބިއެވެ. އޭނާއަށް ދެން ބަލާލެވުނީ ފަހީމްއަށެވެ. ކުއްލިއަކަށް ފަހީމް އޭނާ ގޮވައިގެން ގެއަށް އައުމުން އިޒިއަންއަށް ބުނާނެ އެއްޗެއް ނޭނބުނެވެ. ކާރު ބާއްވާފައި މައިދޮރުން އެތެރެއަށް ވަނުމުގެ ކުރިން ފަހީމް އިޒިއަންއަށް ބަލާލިއެވެ. އަދި އެތެރެއަށް އައުމަށް އިޝާރާތް ކޮށްލިއެވެ. އިޒިއަންވެސް މަޑު ފިޔަވަޅު ތަކެއްގައި މިސްރާބުޖެހިއެވެ. ހިސާބަކަށް ހާސްވެފައި ހުރިނަމަވެސް ބައްޕަ އަމިއްލައަށް އޭނާ ގޮވައިގެން ގެއަށް އައުމުން ހިތުގައި އުފާވެރިކަމުގެ ރާގެއް ވެސް ދުވެލިއެވެ.

ދޮރުން އެތެރެއަށް ވަނުމަށްފަހު ފަހީމް ގޭތެރެއަށް ނަޒަރެއްދިނެވެ. އަކްނިޒާވެސް ސޯފާގައި އިނދެފައި ތެދުވީ ފަހީމް ވަނުމުންނެވެ. އޭރު އޭނާގެ އަތުގައި މެގަޒިންއެއް އޮތެވެ. ސޯފާގެ ކުރިމަތީގައި ހުރި މޭޒުމަތީގައި އެ މެގަޒިން ބޭއްވުމަށްފަހު ފަހީމްއާ ދިމާލަށް ހިނގައިގަތެވެ.

"ކޮފީ އެއް ހަދައިލައިގެން ޓެރެސްއަށް ގެންދަންވީ ދޯ." އަކްނިޒާ ކިނާންއަށް ބަލާލަމުން ބުނެލިއެވެ. ކިނާން އާއި ފަހީމް ވެސް އިތުރު އެއްޗެއްނުބުނުމުން އަކްނިޒާ ހިނގައިގަތީ ބަދިގެ ބަޔާ ދިމާލަށެވެ.

"ނީޒާ" ފަހީމްގެ އަޑަށް އަކްނިޒާ ފިޔަވަޅުތައް މަޑުކޮށްލިއެވެ. ފަހަތަށްއެނބުރި ދެމީހުންނަށް ބަލާލަމުން ކިހިނެތްވީތޯ އަހާ ސުވާލުކޮށްލިއެވެ.

"އިޒިއަން" އަކްނިޒާ ކުރި ސުވާލަށް ޖަވާބެއް ނުދީ މައި ދޮރާ ދިމާލަށް މޫނު އަބުރާލަމުން ފަހީމް ގޮވާލިއެވެ.

އެއްފަރާތުގައި މަޑުކޮށްގެން ހުރި އިޒިއަންގެ ކަންފަތުގައި ފަހީމްގެ އަޑު ޖެހުމާއެކު އޭނާ މަޑުމަޑުން ކުރިއަށް ފިޔަވަޅެއް އަޅާދޮރުގެ ކުރިމައްޗަށް ހުއްޓުނީ ފުންނޭވާއެއްލަމުންނެވެ. އަކްނިޒާގެ ނަޒަރު އޭނާއަށް ހުއްޓުމުން އިޒިއަންއަށް އިސްޖަހާލެވުނެވެ.

"ކީކުރަން މިގެއަށް ގެނައި މީހެއް" އަކްނިޒާގެ އަޑު ބާރުވިއެވެ. އިޒިއަން ފެނުމުން އޭނާ ހިންހަމަނުޖެހުނީއެވެ.

"މަންމާ" އިޒިއަން ގޮވާލިއެވެ. އަކްނިޒާގެ ވާހަކަ ހުރިގޮތުން އިޒިއަންގެ ހިތުގައި ޖެހުނެވެ.

"އަހަރެން ބުނިން ދޯ އަހަރެންނަށް މަންމަ ނުކިޔަން" އަކްނިޒާ ބާރަށް ބުނެލިއެވެ. އޭނާގެ ހިތުގައި ރަޙްމުގެ ކަންފުޅެއްވެސް ނެތީހެއްޔެވެ؟ ހަމަ ހަގީގަތުގައިވެސް އިޒިއަންއަށްޓަކައި އެ ހިތުގައި ވި ލޯބި ވަނީ ފަސްއަޅާފޮރުވާލެވިފައިހެއްޔެވެ؟

"މަންމާ. ކީއްވެތަ ތިހެން ތި ހަދަނީ. އައި އެމް ސޮރީ އޭ...." އިޒިއަންއަށް އިތުރަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. އޭނާގެ އާދޭސްތައް އަޑުއަހަން އިތުރަށް މަޑުކުރުމެއްނެތި އަކްނިޒާ ބާރަށް ގޮސް ލޯމަތިން އޮބާލައިފިއެވެ. އެއާއެކު މާޔޫސްކަމާއިއެކު އިޒިއަން ފަހީމް އަށްބަލާލިއެވެ. ކިނާންއަށް ބަލާލުމަށްފަހު ތުންފަތުގައި ދަތް އަޅާލަމުން އިޒިއަން ނުކުންނަން ހިނގައިގަތެވެ.

"އިޒިއަން" ފަހީމް އިޒިއަންއަށް ގޮވާލުމާއެކު އިޒިއަން ހުއްޓުނެވެ. އެއަށްފަހު ބަލާލިއެވެ.

އިޒިއަން ހުރިތާ ހުއްޓި ހުއްޓާ ފަހީމް އައިސް އިޒިއަންގެ ކޮނޑުގައި ޖަހާލަމުން ބައްދާލިއެވެ. ފަހީމްގެ އެއަމަލުން އިޒިއަން ސިހިފައި ކިނާންއަށް ބަލާލިއެވެ. އެހެންނަމަވެސް ކިނާންގެ ތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ. ކިނާން ބޯ ޖަހާލިތަން ފެނި އިޒިއަން ވެސް ގަދަކަމުން ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. ދެލޯ ފެންކަޅިވީ ބޭއިޚްތިޔާރުގައެވެ. އެހެންނަމަވެސް މަންމަގެ މާފު ނުލިބޭތީ އެކަމުގެ ގިލަންވެރިކަން ހިތުގައި ވިއެވެ.

"ދަރިފުޅާ. ބައްޕަ ދަރިފުޅަށް މާފުކޮށްފިން. ބައްޕައަށް އެނގޭ ދަރިފުޅަކީ މިހާރު ކުރީގެ އިޒިއަން ނޫންކަން. ބަދަލުވެފައިވާވަރު ބައްޕަގެ މި ދެލޮލުން ދެކެ އަތުން ހިފައިފިން. ގަބޫލުކުރަން ބައްޕައަށް ވެސް ދަރިފުޅު ދެކެ ރުޅިއައިސް ވާހަކަ ނުދައްކާ ހުރެވުމަކީ ގޯހެއްކަމަށް. ދަރިންނަށް ކުށްވެސް ކުރެވޭނެ. ގޯސްވެސް ހެދޭނެ. އެކަމަކު އެ ކުރެވުނު ކުށަށް ތައުބާވީމަ އެންމެ މަތިވެރި ފަރާތުން ވެސް އެ ކުށް އަފޫކޮށްދެއްވާ. ބައްޕައަށް މާފުކުރޭ ދަރިފުޅާ. ބައްޕަ ވެސް ދަރިފުޅަށްޓަކާ ހިތް ސާފުކޮށްފިން. މަންމައަށް ވެސް ކުޑަ ވަގުތު ކޮޅެއް ދީ. މަންމަ ވެސް ބައްޕަ މި މާފު ކުރިގޮތަށް ދަރިފުޅަށް މާފުކުރާނެ. ހުރިހާ އެންމެންވެސް ދަރިފުޅަށް ހިތްހެޔޮ ކުރާނެ. އިންޝާ ﷲ. ދަރިފުޅާ. މިއަދު ބައްޕަ ދަރިފުޅާ މެދު ފަޚުރުވެރިވަން. މަސްތުވާތަކެތީގަ ޖެހިއްޖެނަމަ ގިނަ މީހުންނަނީ މުޅި އުމުރަށްވެސް އެކަމުން އަރައި ނުގަނެވި އުޅޭ މީހުން. ކިތަށް މީހުން އުންމީދު ކަނޑާލަނީ. އެކަމަކު ދަރިފުޅަށް ބަލާލަބަލަ. ހިތްވަރާއެކު ކޮށްފިނަމަ ކޮންމެ މީހަކަށް ވެސް މީގެން ސަލާމަތްވެވޭނެކަން ސާބިތުކޮށްދީފި. ބައްޕަގެ ހިތަށް ވަރަށް ފިނިކަން ލިބިއްޖެ މިރޭ. ދަރިފުޅު ގެ އުޅުމުން އެނގިއްޖެ އިސްލާހުވެފައި ވާ މިންވަރު. " ފަހީމް އިޒިއަންއަށް ހެޔޮހިތުން މާފުކޮށްދިނެވެ.

"ބައްޕާ އަޅުގަނޑުގެ ފަރާތުން ދެން ދުވަހަކުވެސް އެފަދަ އަމަލެއް ނުފެންނާނެ. އިންޝާ ﷲ" އިޒިއަން ޔަޤީންކަން ދިނެވެ.

އިޒިއަންގެ ހިތުގައި މަންމަގެ އަމަލުތަކުގެ ސަބަބުން ގިލަން ވެރިކަން އުފެދުނުނަމަވެސް ފަހީމް މާފުދިނުމުން ހިތުގެ އުދާސްތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއްލިބުނެވެ. ބައްޕަ އެ ބުނި ގޮތަށް މަންމަ ވެސް އޭނާއަށް އަދި މާފުކުރުރާނެއެވެ. ގޭތެރެއަށް ބަލާލަމުން އިޒިއަން ހިނިތުންވެލާ ފަހީމްއަށް ބަލާލިއެވެ.

"އަހުސަން އާއި ޝަޒްނާއެއް ނެތް. ބޭރުގަ ވީ، އަންނަ ހަފްތާގައި އަންނާނެ" ފަހީމް އިޒިއަންގެ ހިތުގައި އޮތް ސުވާލަށް ޖަވާބުދިން ފަދައެވެ.

"އަޅުގަނޑު ގޮސްލީ އިނގޭ" އިޒިއަން ފަހީމްއަށް ބަލާލަމުން ބުނެލިއެވެ. ފަހީމް ކިނާން ގާތު އިޒިއަން ގެންގޮސްލަދޭން ބުނުމުން އިޒިއަން ބުނީ އޭނާ ހިނގާލާފައި ގޮސްދާނެކަމުގައެވެ.

"އޯކޭ ވާނޭ ބައްޕާ. ވާރޭވެސް ނުވެހެއެއްނު." އިޒިއަން އެއްގޮތަކަށްވެސް އެއްބަހެއްނުވިއެވެ. އިތުރަށް ފަހީމްވެސް އިޒިއަންއަށް މަޖުބޫރެއްނުކުރިއެވެ.

ގޭން ނުކުމެގެން ވަކި ހިސާބަކަސް ދެވުނުތަނާ އަނެއްކާ ވާރޭ ބޯކޮށްލައިފިއެވެ. ހިޔާވާން ވެގެން އިޒިއަންވެސް އަސްކެނި ދަށައް ޖެހިލައި ކުޑަކޮށް މަޑުކޮށްލިއެވެ. ފަނަރަ މިނިޓް މަޑުކޮށްލައިގެން ހުރުމަށްފަހު އިޒިއަން ހިގައިގަތީ ވާރޭ ތުނިކޮށްލުމުންނެވެ. އެވަރުންވެސް ގެއަށް ދެވުނުއިރު އިޒިއަން ހުރީ ކޮންމެވެސް ވަރަކަށް ތެމިފައެވެ. ގެއަށް ވަދެ ތުވާލި ކޮޅަކުން އިސްތަށިގަނޑު ހިއްކާލާ އިޒިއަން ތުވާލި ކޮޅު އެ ހުރިތާ އަޅުވާލުމަށްފަހު މިސްރާބުޖެހީ ކައްކާބަޔާ ދިމާލަށެވެ.

ގޮސް ކޮފީމެށިނުން ކޮފީއެއްހެދިއެވެ. އެއަށްފަހު އޭނާ ކޮފީ ޖޯޑު ހިގައިގެން ދިޔައީ ކޮޓަރީގެ ތެރެއިން ނުކުމެގެން ހުރި ބެލްކަންޏަށެވެ. ބެލްކަނީގެ ރެއިލިން ކައިރިއަށް ޖެހިލާ މަޑުކޮށްލިއެވެ. އޭރުވެސް އޮތީ ވާރޭ ހުއްޓާލާފައެވެ. އަދިވެސް ދުނިޔެމަތި އޮތީ ފުދޭވަރަކަށް އަނދިރިކޮށެވެ. އިރުގެ އަލި ދުނިޔެ މައްޗަށް އެޅުމަށް ވިލާތަށް ހުރަސް އަޅަމުން ދިޔައެވެ. ތެތް ފިނި ކަމާއިއެކުވެގެން އަންނަ ތާޒާ ވައިރޯޅިން އިޒިއަންއަށް އަރާމުވިއެވެ. މި ފިނިކަމުގައި ނަފްސަށް އިތުރު ތާޒާކަމެއް ގެނެސްދިން އެއްޗަކަށް އަތުގައި ހުރި ހޫނު ކޮފީތަށިވިއެވެ. ކޮފީތަށިން ކޯވަރެއް ދަމާލާ ކޮންމެފަހަރަކު އާދަޔާ ހިލާފް އަރާމެއް ހަށިގަނޑަށް ވަމުން ދިޔައީ މި ފިނީގައި އެތެރެހަށީގެ ފިނިހޫނުމިން އެކަށީގެންވާ ވަރަކަށް ބަހައްޓަން ގަސްތުކުރާ ފަދައަކުންނެވެ.

ކޮފީތަށި ހުސްކޮށްލައިގެން ވެސް އެތައް އިރަކު އިޒިއަން އެތަނުގައި މަޑުކޮށްގެން ހުއްޓެވެ.

ފަހީމް ކޮޓަރިއަށް ވަތްއިރު އަކްނިޒާ އެނދުމަތީގައި އިށީނދެ ލައިގެން އިނީ ފުންވިސްނުމަކަށް ގެއްލިފައެވެ. ފަހީމް އެއްފަހަރު ގޮވާލުމުންވެސް އަކްނިޒާއަށް އަޑެއް ނީވުނެވެ. އެހެންކަމުން ފަހީމްއަށް ޖެހުނީ އަކްނިޒާއަށް ދެވަނަ ފަޖަރު ގޮވާލާށެވެ. އަކްނިޒާ ބަލާލުމާއެކު ފަހީމް އައިސް އަކްނިޒާގާތު އިށީނެވެ. އޭނާ އަކްނިޒާގެ އަތުގައި ހިފާލަމުން ވާހަކަ ދެއްކިއެވެ.

"އިޒިއަން ބަދަލުވެއްޖޭ އަކްނިޒާ. ވަރަށް ބޮޑަށް ބަދަލުވެއްޖެ. އޭނަ ވަރަށް ދެރަވެގެން އެ ދިޔައީ. އިޒިއަންއަށް މާފުކުރޭ. ކިތަށް އަހަރު އަހަރެމެން އިޒިއަންއަށް މާފު ނުދީ ކެތްކޮށްފިން. އިޒިއަން ދެކެން ނުދިޔަޔަސް، އަދި މާފު ނުދިޔަސް ނީޒާގެ ހިތުގައި ވެސް އިޒިއަންއާ މެދު މައިވަންތަ ކަމުގެ ލޯބިވާކަން އަހަރަނެންނަށް އެނގޭ. އެހެންނޫނީ މި އަހަރުތަކުގައި އިޒިއަންގެ ވާހަކަ ދައްކާފައި ނިޒާ ނުރޯނެ. ކަރުނައެއްނާޅާނެ. އަހަރެން ނިދާފަ އޮތް ކަމަށްހީކޮށް މަޑުގިސްލުމަކުން ގިސްލާ ނުރޯނެ. އިޒިއަންއާ އެކު ނަގާފައި ހުރި ފޮޓޯތަކަށް ބަލާފައި އެކަނި އިނދެ ކަރުނައިގެ ތެރެއިން ހިނިތުންވާތަން އަހަރެންނަށް ފެނިއްޖެ. މިހާރު ފުދިއްޖެ ނީޒާ. އަމިއްލަ ހިތަށް ވެސް އެހާ އަނިޔާދެވިއްޖެ. އިޒިއަން ވެސް އެހާ ދެރަކުރެވިއްޖެ. އިޒިއަންއާ ބައްދަލުކުރަން ގޮސް އައިސް އަނާލްއަށް ހަޤީގަތް އެނގުނު ގޮތާ ހުރިހާކަމެއް ކިނާން ކިޔައިދިނުމަށްފަހު އަހަރެން ގާތު ބުނީ އިޒިއަން ކިނާންގެ ކުރިމަތީގައި އިނދެ ރުއިވާހަކަ. އެންމެންގެ ގާތުން މާފަށް އެދުނު ވާހަކަ. މިހާރު އެންމެންނަށް ވެސް ވާވަރުވެއްޖެ. ދެން މާފުކުރޭ. ދުވަސްކޮޅަކުން އަނާލް ވެސް އިޒިއަން ގާތުން ވަރިވާނެ. ކިނާން ބުނެފަ އޮތީ އަނާލް ނިންމާފައޭ އޮތީ ޖަލުން ނުކުތުމާއެކު އިޒިއަން ގާތުން ވަރިވާން. އޭރުން އަނެއްކާވެސް އިޒިއަންއަށް އިތުރު ހިތާމައެއް ލިބޭނީ" ފަހީމް އަކްނިޒާއަށް ބަލާލިއެވެ. އަކްނިޒާ އިތުރު އެއްވެސް އެއްޗެއްނުބުނެއެވެ. އެހެންނަމަވެސް އިޒިއަންއާމެދު ފިނިހިތަކުން ވިސްނާލަން ފަހީމްގެ އެބަސްތައް އަކްނިޒާއަށް މަޖުބޫރުކުރުވައިފިއެވެ. އިޒިއަންއަށްޓަކައި އެ ހިތުގައިވި މައިވަންތަ ކަމުގެ ލޯބި ހޭލައްވާލާއިފިއެވެ. މައިވަންތަ ކުލުނުގެ ކުރިމަތީގައި އޭނާގެ ރުޅިވެރިކަމާއި އަމިއްލަ އެދުން މިފަހަރަކު ކުރިއެއް ނުހޯދިއެވެ.

ހެނދުނުގެ ސަޔަށް އިންސާފުކުރުމަށްފަހު ޝަފޫން ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލިއެވެ. އޭރު އޭނާގެ ބޮލުގައި ވަރަށް ބޮޑަށް ރިއްސަމުން ދިޔައެވެ. ކުރިން ފެނުނު މީހެއްގެ ސަބަބުން އޭނާގެ ތަބީއަތަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. މީހާގެނަފްސުގެ ހަމަޖެހުން އެކީ ގެއްލިއްޖެއެވެ. ކުއްލިއަކަށް ވެރިވި ހިޔާލަކުން އޭނާއަށް ފުންމައިގެން ތެދުވެ އެނދުމަތީގައި އިށީނދެވުނެވެ. މި މަންޒަރު އަލައިގަތީ އެވަގުތު ކޮޓަރިއަށް ވަތް އަފާޒުގެ ލޮލުގައެވެ.

"ޝަފޫ ކިހިނެތްވީ؟" އަފާޒު އެދިމާލަށް ހިނގައިގަންނަމުން ސުވާލުކޮށްލިއެވެ. އޭނާ އޭރު ހުރީ އާދައިގެ ޓީޝާޓެއްގައެވެ. ޝަފޫންވެސް ބަލިވެ އުޅޭތީއާއެކު އޭނާ މިއަދު ޗުއްޓީއެއް ނެގީއެވެ.

"ކަމެއްނުވޭ" ދެފަރާތަށް ބޯ ހޫރާލަމުން ޝަފޫން ޖަވާބުދިނެވެ. އެހެންނަމަވެސް އެޖަވާބުން އަފާޒުގެ ހިތަށް ތަސައްލީއެއް ލިބުނު ކަމަކަށް ނުވިއެވެ. އޭނާ އައިސް އެނދުގައި އިށީނދެ ޝަފޫންގެ އަތުގައި ހިފައްޓާލިއެވެ.

"ޝަފޫއަށް ހީވަނީތަ އަހަރެންނަށް އެއްވެސް ކަމެއް ފާހަގައެއް ނުކުރެވެޔޭ، ނޫން! އަހަރެންނަށް ޔަގީން ޝަފޫއަށް ކޮންމެވެސް ކަމެއް ވެއްޖެކަން. ނިކަން އަހަރެންނަށް ކިޔައިދީބަލަ. އަހަރެން މި މަޑުކުރަނީ ޝަފޫން އަމިއްލައަށް ބުނޭތޯ. އެކަމަކު އެދުވަހެއް ނައި" އަފާޒު ބުނެލިއެވެ. އެއަޑުގައިވަނީ ކަންބޮޑުވުމެވެ. ދީމްގެ އުޅުން ހުރިގޮތުގެ ވާހަކައާއި ކުރިން ދުވަހު އޭނާއަށް ފެނުނު މީހާގެ ވާހަކަ ދައްކާނެ ގޮތެއް ޝަފޫންއަކަށް ނޭނގުނެވެ.

"އަފާޒު. އެނގޭތަ؟ އަހަރެންނަށް ފެނިއްޖެ އެމީހާ. އެމީހާ ފެނިއްޖެ" ޝަފޫން އަފާޒުއަށް ބަލާލިއެވެ. ޝަފޫންގެ މޫނުމައްޗަށް އަރާފައިވި ކުލަވަރުން އަފާޒުއަށްވެސް ހާސްކަންވެރިއެވެ. ކަރުނަތައް ޖަމާވަމުން ދިޔަ ޝަފޫންގެ ލޮލަށް ބަލާލުމާއެކު ޝަފޫން ބޯޖަހާލިއެވެ.

"ދީމްގެ ބައްޕަ؟" އަފާޒު ސުވާލުކޮށްލުމާއެކު ޝަފޫން ބޯ ޖަހާލިއެވެ. އަނބިމީހާގެ އަތަށް ބާރުކޮށްލަމުން ޝަފޫންއަށް ހިތްވަރުދެވޭތީ އަފާޒުބެލިއެވެ.

*****

އަނާލް ހޯދުމުގެ ނިޔަތުގައި ކޮންމެ ދުވަހަކުވެސް އިޒިއަން އެމް.އެޗް.ޑީސީ އޮފީހަށް ދެއެވެ. އެހެންނަމަވެސް އެގޮތަށް ދާތާ ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް އަނާލްގެ ހަބަރެއްނުވިއެވެ. ކައިސްއާ ވެސް ދިމާވާ ގޮތެއް ނުވެއެވެ. އޭނާ ރޭގައި ވެސް ކައިސްއަށް ގުޅިއެވެ. އެހެންނަމަވެސް ކައިސް ބުނީ ބިޒީކަމުން ބައްދަލުކުރެވެން ނެތްކަމުގައެވެ. އެހެންކަމުން މިރޭ އަނެއްކާވެސް އިޒިއަން ކައިސްއަށް ގުޅާލިއެވެ. އެހިތުގައި އުފެދިފައި ހުރި ހުރިހާ ސުވާލެއްގެ ޖަވާބު ދެވޭނީ ހަމައެކަނި ކައިސްއަށް ހެން އޭނާއަށް ހީވަނީއެވެ.

ދެމީހުން ބައްދަލުކުރީ ރެސްޓޯރެންޓަކުންނެވެ. އިޒިއަން ތަކުރާރުކޮށް ސުވާލުކުރަން ފެށުމުން ކައިސް ބުނީ އަނާލް ފަރުވާއަށް ރާއްޖޭންބޭރަށް ދިޔަވާހަކައެވެ. އިޒިއަންއަށް އަންގާ ނުލާ ކައިސް އެވަރުގެ ބޮޑުކަމެއް ކުރުމުން އިޒިއަން ހިންހަމައެއްނުޖެހުނެވެ. އޭނާ ނުރުހުންވެފައި އިންނަމަވެސް ކައިސްއާ ދިމާލަށް ބާރާށް އެއްވެސް އެއްޗެއް ބުނާ ހިޔާލެއް ނުކުރިއެވެ. އެހެންނަމަވެސް އެ ހިތުގައި އުފެދިފައި ހުރި އެތައް ސުވާލެއް އެއްފަހަރާ އިޒިއަން ކޮއްލިއެވެ.

"ކީއްވެ ނާލް ދިޔައީ؟ އަނެއްކާ ކަމެއް ގޯސްވީތަ؟ ނޫނީ ރަނގަޅުވާނެ ކަމުގެ ޔަޤީންކަމާއެކުތަ؟ ހިނގޭނެކަމުގެ ޔަޤީންކަން އެބައޮތްތަ؟ އަނާލް ރަނގަޅުތަ؟ " އިޒިއަން ތުމުގައި ޖަހައިގެން އިން ކޮފީތަށިމޭޒުމަތީގައި ބެހެއްޓިއެވެ. ކައިސް ހިނިތުންވެލިއެވެ. އިޒިއަން އަނާލްއާ މެދު ވިސްނާވަރުން އޭނާ ވެސް ބައެއްފަހަރު ހައިރާންވެއެވެ. އަނާލްއާއި އިޒިއަންއާ ދެމެދު ކަންތައްވެފައި އޮތް ގޮތް ރަނގަޅަށް އެނގިފައިވި މީހެއްގެ ހައިސިއްޔަތުން އަނާލް މިހާރު އިޒިއަންއަށް މާފުދޭން ޖެހޭނެކަމަށް އޭނާއަށް ވެސް ޤަބޫލު ކުރެވިއްޖެއެވެ.

"ފަރުވާ ރަނގަޅަށް ގޮސްފިކަމަށް ވަންޏާ މިފަހަރު އަނާލްއަށް ހިނގޭނެ. މިފަހަރު ނުހިނގިއްޖެއްޔާ ދުވަހަކުވެސް ހިނގޭނެކަމުގެ އުންމީދެއް ނެތް. އެކަމަކު އަހަރެން ގެ ޔަޤީންކަން އެބައޮތް މިފަހަރު ރަނގަޅު ވާނެކަމަށް. އުންމީދު ކަނޑާނުލާ"

ކައިސްގެ ޖަވާބު އަޑު އަހާފައި އިޒިއަންގެ ހިތުގައި އުންމީދު އާވިއެވެ. އަނާލްއަށް ހިނގުމަކީ އޭނާ ދެކެން ބޭނުންވާ އެންމެ ބޮޑު ހުވަފެނެވެ. އެދުވަސްވެގެން ދާނީ ޚުދު އޭނާގެ ހަޔާތުގައި ވެސް އަންނަ އެންމެ އުފާވެރި އެއްދުވަހަށް ކަން ޔަޤީނެވެ. ދެމީހުން އެތައްއިރަކު ވާހަކައިގައި ތިބެފައި އިޒިއަންގެއަށް ދާން ނައްޓާލިއިރު ރޭގަނޑު ނުވައެއް ޖަހާ ބޮޑުވަނީއެވެ. ހިނގާލާފައި އެކަނި މާއެކަނި މަގުމަތީގައި ދިޔައިރު އޭނާ ގިނައިން ހުންނަނީ އިސްޖަހާލައިގެންނެވެ. ހީވަނީ ބޮޑުވިސްނުމަކަށް ގެއްލިފައި ހުންނަހެންނެވެ. އެމް. އެޗް.ޑީ.ސީ އިމާރާތާއި އަރާ ހަމަވެފައި އޭނާ މަޑުކޮށްލިއެވެ. އިމާރާތަށްބަލާލުމާއެކު ކުރީގެ އެތައް މަންޒަރެއް އޭނާގެ ލޮލުގެ ކުރިމައްޗަށް ސިފަވެގެން ދިޔައެވެ. އަނާލްގެ އެތަކެއް ހަނދާންތަކެއް އޭނާގެ ސިކުނޑިވަށާލަމުން ދިޔުމުގެ ސަބަބަކަށްވީ އެދެލޯ ފެންކަޅިވެގެން ދިޔުމެވެ. ނިތް ކުރީގައި އަތް ޖައްސާލަމުން އިޒިއަން ކަރުނަތަށް ދިރުވަން މަސައްކަތް ކުރިއެވެ.

އިސްޖަހާލަމުން އިޒިއަން ހިނގައިގަތީ ހިތަށް ވެރިވި މާޔޫސީ ކުލަވަރުންނެވެ. އަނާލް އައިހާ އަވަހަކަށް އޭނާ އަނާލް ވަރިކުރަންވީއޭވެސް ހިތަށް އެރިއެވެ. ކިތަންމެ ވަރެއްކުރިޔަސް އަނާލްގެ މަޢާފަކީ އޭނާއަށް ހައްގުއެއްޗެކޭ މިހާރު ހީނުވަނީއެވެ.

"އިޒިއަން" ފިޔަވަޅުތައް މަޑުޖައްސާލަން މަޖުބޫރުވީ ފަހަތުން އޭނާއަށް ކޮންމެވެސް މީހަކު ގޮވާލުމުންނެވެ. އަންހެން އަޑެކެވެ. ފަސްއެނބުރި ބަލާލުމާއެކު އޭނާގެ ލޮލުގައި އަޅައިގަތީ މޫނުބުރުގާ އަޅާ ގަޔަށް ދޫ ކަޅު ހެދުމެއް ލައިގެން ހުރި އަންހެނަކާއި އޭނާގެ އެއްފަރާތުގައި ހުރި ފިރިހެން މީހާއެވެ.

ކޮމެންޓް 0