އަނާލް ވާހަކަ ދައްކާނިމުނު އިރު އޭނާއަށް ދިޔައީ ބާރަށް ރޮވެމުންނެވެ. އިތުރަށް އެތަނުގައި ހުންނަން ކެތްނުކުރެވުމުން އޭނާ ދިޔައީ ފަހުބަސް އަކްނިޒާމެންނަށް އިއްވާފައެވެ.

ފަހީމްގެ އާއިލާ ދިޔުމާއެކު އަނެއްކާވެސް ގޭތެރެއަށް އާދަޔާ ޚިލާފް ހަމަހިމޭންކަމެއް ވެރިވެގެން ދިޔައެވެ. ޝާހީން ސިޑިން މައްޗަށް އެރިއިރު އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް ދާރިޔާ ވެސް އެރިއެވެ. ދާރިޔާގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. އެއްވެސް ދިރުމެއްނެތެވެ. ޝާހީން އަދިވެސް ހުރީ ރުޅިއައިސްފައި ކަމުން އޭނާއަށް ޝާހީންއަށް ގޮވާކަށްވެސް ނުކެރުނެވެ.

ކޮޓަރިއަށް ވަދެ ޝާހީން ބާރަށް ދޮރު ލައްޕާލިއެވެ. ދާރިޔާ ފުންނޭވާއެއްލަމުން އެ ދޮރު ހުޅުވާލާފައި ވަނެވެ. އެއާއެކު ޝާހީން ދާރިޔާއަށް ބަލާލީ ރުޅިވެރިކަމުން ފުރިގެންވީ ބެލުމަކުންނެވެ. ޝާހީންގެ އެ ނަޒަރުގެ މާނަ ނަގަންވީ ކިހިނެއްކަން އޭނާއަކަށް ނޭނގުނެވެ. އެހެނެއްކަމަކު ބިރުވެރިކަމުގެ ރާޅުބާންޏެއް އޭނާގެ ހިތުގައި ދަތުރު ކޮށްލައިފިއެވެ.

"ކަލޭ ކޮއްކޮ އޭ ނާލްއަށް އެހެން ހެދީ... އެއްވެސްކަމެއް ނޭނގޭ ކަމަށް ހެދިގެން ހުންނާނެކަމެއް ނެތް..." ޝާހީން ހަޅޭއްލަވައިގަތެވެ.

"އެކަމަކު، އެކަމަކު... އަހަރެންނަކަށް ނޭނގެ ޝާން ޕްލީޒް..." ދާރިޔާ ޝާހީންގެ އަތުގައި ހިފާލަން މަސައްކަތް ކުރިއެވެ. އޭނާއަށް އިތުބާރުކުރުމަށް އެދެވުނެވެ. އެހެންނަމަވެސް ޝާހީން އެއަތް ދުރައްލީއެވެ.

"އަހަރެން ކަލެއަށް ވެސް އަދި ކަލޭގެ ކޮއްކޮއަށް ވެސް ނަފްރަތު ކުރަން.. އެކަމާ ގުޅުން ނެތަސް އެ ޖަރީމާ ހިންގި އާއިލާގެ ކޮންމެ މީހަކަށް އަހަރެން ނަފްރަތު ކުރާނަން، އެއީ އަހަރެން އޭރު ކަނޑަ އެޅި އަޒުމެއް، އެ ވަރިހަމަ ކޮންމެ މީހަކަށް ވިޔަސް..." ޝާހީން ބުނުމާއެކު ދާރިޔާއަށް ނޫނެކޭ ބުނަމުން ދެފަރާތަށް ބޯ ހޫރާލެވުނެވެ.

"ނޫން ޝާން" ދާރިޔާއަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ޝާހީން އައިސް ދާރިޔާގެ އަނގައިގައި ހިފިއެވެ. ދާރިޔާއަށް ތަދުވެގެން ތެޅެން ފެށުމުން އޭނާ ދާރިޔާ ދުރަށް ކޮށްޕާލީއެވެ.

ޝާހީންއަށް ވެފައިހުރި ގޮތެއް ނޭނގި އައިސްފައިހުރި ރުޅިފެނި ދާރިޔާއަށް މަޑު ޖެހިލެވުނެވެ.

"އަހަންނަކަށް ނޭނގެ، ކީއްވެ ތި އަހަރެން އެދޭތެރެއަށް ވައްދަނީ، އަހަރެންނަކީ ޝާންގެ އަންހެނުންނޭ. ތިއީ އަހަރެންނަށް ދުވަހަކުވެސް ޝާންގެ ފަރާތުން ފެނުނު ސިފައެއްނޫން. ޤަބޫލެއް ވެސް ނުކުރެވޭ ޝާންގެ ފަރާތުން ތިފަދަ ސިފައެއް އަހަރެންނަށް ފެނިދާނެކަމަކަށް، އަހަރެމެން ދިރިއުޅުމެއް ފެށީ އިތުބާރުގެ މައްޗަށް. ކުޑަ ހިނދުކޮޅަކުން އެ އިތުބާރު ގެއްލުވާ ނުލާ ޝާން" ހަރުހިލައެއް ހެން ހިތް ހަދައިގެން ހުރެ ޝާހީން އަނެއްފަރާތަށް އެނބުރުނީ އޭރު އޭނާގެ ދެލޮލުގައި ވެސް ކަރުނައިގެ މުތީތަކެއް ވިދަމުން ދިޔައީތީއެވެ. އެރޭ އޭނާއަށް ތަންކޮޅެއް ކުރިން އަނާލް ބަލާ ދެވުނު ނަމައެވެ. އެ ހާދިސާގެ ފުރިހަމަ ޒިންމާ މިއަދާ ހަމައަށް ވެސް އޭނާ ހުރީ އަމިއްލަ ބޮލުގައި އަޅުވައިގެންނެވެ. އެ ކަން ހިނގީ އޭނާއަށް ދެވުނުލެއް ލަސްވުމުން ކަމަށްޤަބޫލް ކުރެވޭތީއެވެ. ރުޅިއާދެވެނީ އެހެންވެއެވެ. އަނާލްއަށް އަނިޔާ ދިން މީހެއްގެ އާއިލާގެ މީހަކަށް ވެސް އޭނާގެ ހަޔާތުން ޒައްރެއްގެ މިންވަރުވެސް ނުދޭނެއެވެ. އެއީ ދާރިއާއަށް ވިޔަސް ހެވެ. ކިތަންމެ ލޯބި ވިޔަސް އޭނާ ބޭނުންވަނީ އެއީ ދާއިން އާ ގުޅުން ހުރި މީހެއްކަން އެނގުނު ހިސާބުން ދާރިޔާ އޭނާގެ ހަޔާތުން ދުރަށް ފޮނުވާލާށެވެ.

ދާރިޔާ އައިސް އޭނާގެ ދެއަތް ޝާހީންގެ އުނަގަނޑުގައި ވަށާލިއެވެ. އަދި މާފަށް އެދުނެވެ. ހިނދުކޮޅަކަށް ޝާހީންއަށް މަޑުޖެހިލެވުނެވެ.

"ތިހުރީ ވަރިކޮށްފަ..." އިރުކޮޅެއްގެ ހަމަހިމޭން ވަގުތު ކޮޅަކަށްފަހު ޝާހީން ބުނެލިއެވެ. އެއާއެކު ދާރިޔާއަށް ޝާހީންގެ ގައިން އަތް ދޫކޮށްލެވުމާއެކު ދުރުވެވުނެވެ.

"ކީކޭ؟" އިވުނު އަޑު ޤަބޫލް ނުކުރެވުނު ފަދައަކުން އޭނާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. ދެލޮލަށް ޖަމާވި ކަރުނަތައް ވެސް މަޑުޖެހިފައި ހުރީ އެ އިވުނު އަޑަކުން ޝޮކު ލިބިފައި ވުމުން ކަންނޭނގެއެވެ. ޝާހީން ވިސްނާލުމެއްނެތި އެ ނިންމީ ކޮންފަދަ ބޮޑު ނިންމުމެއްހެއްޔެވެ؟ ވަރިއަކީ ހައްލެއް ހެއްޔެވެ؟ ނޫނެކެވެ. ވަރިއަކީ މަޖަލަކަށް ނޫނީ ދިމާވާ ކުޑަ ކުޑަ ކަމަކުން ކުރުން ހެޔޮވާވަރުގެ ކަމެއްނޫނެވެ. އެއީ އެއަށް ވުރެ ބޮޑު ކަމެކެވެ. ބައެއްފަހަރު ވަރީގެ ސަބަބުން ހަމަނުޖެހުން އުފެދި ސުލްހަ ގެއްލިދާ ފަހަރުވެސް އާދެއެވެ. ނަފްރަތުގެ ލޯތައް އެކަކު އަނެކަކަށް އަމާޒުވެއެވެ. ދާރިޔާ ދެލޯ މަރާލީ ހިތަށް ކުރި އަސަރަކުންނެވެ.

"ނޫން ޝާން ނޫން... އަހަރެންނަށް އޯކޭ ކޮންމެ އަދަބެއް ދިނަސް... ކޮއްކޮގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ކޮންމެ ގޮތަކަށް ވެސް ދީފާނަން އެކަމަކު... އެކަމަކު އަހަރެން ވަރި ނުކުރޭ، އާދޭސް ކުރަން، ތިހެން ނަހަދާ ޝާން" ދާރިޔާއަށް ގިސްލެވެން ފެށުނެވެ. ފުރާނަފަދައިން ލޯބިވި ފިރިމީހާ ކުއްލިއަކަށް ވަރިކުރުމުން އޭނާ ހުރީ ފުދޭވަރަކަށް ބޮޑު ޝޮކެއްގައެވެ. ވާހަކަ ދެކެވުނީ ވެސް އިރުކޮޅެއް ފަހުންނެވެ. އެހެންނަމަވެސް ޝާހީން އޭނަގެ މޫނު އަނެއްފަރާތަށް އަނބުރާލީއެވެ.

"ޝާން ކީއްވެތަ؟" ދާރިޔާ ހިތްވަރު ކޮށްފައި ޝާހީންގެ ކުރިމައްޗަށް އެރިއެވެ. އޭނާ ޖަވާބު ބޭނުމެވެ. ފުރަގަސްދިނުމަކީ ހައްލެއްނޫނެވެ.

"ނޭނގޭތަ ވެގެން އުޅޭ ގޮތެއް، ކަލޭގެ ކޮއްކޮ އެއީ އެކަން ކުރި އެކަކު. އެހެންވީމަ އަހަރެންނަކަށް އޭނާއަކަށް މާފެއް ނުކުރެވޭނެ... އަދި ދާރިޔާއަކަށް ވެސް، ހަމަމިހާރު ނުކުމޭ" ޝާހީންއަށް ހަޅޭއްލަވައިގަނެވުނެވެ. އޭނާގެ ސިކުނޑިވެސް ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. ކުރެވުނީ ރަނގަޅު ކަމެއް ނޫންކަން އެތައް ފަހަރަރަކު ސިކުނޑިން ސިގްނަލް ދީފިއެވެ. އެ ހައިޖާނުގަނޑާ ހެދި އޭނާގެ ސިކުނޑިވެސް ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ.

"ނުނިކުންނާނަންތަ؟" ދާރިޔާ ފަހަތަށް ދެ ފިޔަވަޅު އަޅާލުމުން ޝާހީން އަހާލިއެވެ.

ދާރިޔާ ދެފަރާތަށް ބޯ ހޫރާލުމާއެކު ޝާހީން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.

"ހުރެބަލަ ނިކަން" ޝާހީން ކުއްލިއަކަށް ގޮސް ހިފައިގަތީ ދާރިޔާގެ އަތުގެ މުލައްދަނޑީގައެވެ. އެހިފި ބާރު މިނުގައި އޭނާ ދާރިޔާ ގާތަށް ދަމާލިއެވެ. އަދި އެދެލޮލަށް ބަލަން އިރުކޮޅަކު ހުރުމަށްފަހު ދުރުކޮށްލީ އެ ވޭނީ ބެލުމުން އޭނާއަށް އުނދަގޫވީތީއެވެ. އެހިތުގައިވެސް ދާރިޔާއާއި މެދު ލޯބި ވެއެވެ. ލޯބީގެ މައްޗަށް ނަފްރަތު ކުރި ހޯދަން މަސައްކަތް ކުރިޔަސް އެކަމަކީ އެހާ ފަސޭހައިން ކުރެވޭނެކަމެއް ނޫނެވެ.

ނަފްސަށް ވަމުންދިޔަ އުނދަގުލާހެދި ދާރިޔާގެ އަތުގައި ހިފާ ޝާހީން ދާރިޔާ ގޮވައިގެން ކޮޓަރިން ބޭރަށް ނުކުތީ ގަދަކަމުންނެވެ. ދާރިޔާގެ އާދޭސްތަކަށް ބީރުކަންފަތެއް ދިނުމަށްފަހުއެވެ.

"ޝާން ކީއްތަ ތި ކުރަނީ ތިހެން ނަހަދާ، ޕްލީޒް ޝާން" ދާރިޔާއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ.

"އަހަރެންނަކަށް ނޭނގޭ ޝާން... ޕްލީޒް" ދާރިޔާގެ ވާހަކަ އަޑު އެހުމެއް ނެތި ޝާހީން ދާރިޔާ ގެންދިޔައީ ދަމަމުން ދަމަމުން ކަހަލަ ގޮތަކަށެވެ. އަނާލް ވެސް ކޮޓަރީގައި އިނދެފައި ބޭރަށް ނުކުތީ ދާރިޔާ ރޮމުންދިޔަ އަޑަށެވެ. އޭރު ގޭތެރޭގެ ކޮޓަރި ތަކުގައި ތިބި އެންމެން ވެސް ނުކުމެ ބޮޑު ކޮޓަރިއަށް ޖަމާވެއްޖެއެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހައިރާންކަމެވެ. ދާރިޔާގެ އަތުގައި ހިފައިގެން ދަމަމުންދިޔަ ޝާހީން ހުއްޓުވީ ރަކީންއެވެ. އަމިއްލަ ކޮއްކޮއެއް ކަމަކު އަންހެން ކުއްޖަކަށް އެފަދަ އަނިޔާއެއް ދިނުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫނެވެ. މަޒާޔާ އައިސް ދާރިޔާ އޭނާގެ މޭގައި ޖައްސާލިއެވެ. އޭނާއަށް ދާރިޔާގެ މޫނުމަތިން ފެނުނީ ތެދުވެރިކަމެވެ.

އެ އާއިލާތެރޭން ދާރިޔާއަށް ހިމާޔަތް ދޭތަން ފެނި ޝާހީންގެ ބޮލުގައި ރިއްސާލިއެވެ. އަނާލްއަށް އެހާލު ޖެހުނީ ދާރިޔާގެ އާއިލާގެ މީހެއްގެ ފަރާތުންނެވެ. އެހެންވެއްޖެނަމަ އޭނަޔެކޭ އެއްފަދައިން އެގޭ އެހެންމީހުންވެސް ޖެހޭނީ ދާރިޔާއަށް ނަފްރަތުކުރާށެވެ.

"ޝާހީން ތިހެން އަންހެން ކުއްޖަކަށް އަނިޔާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. މީވެސް ބައެއްގެ އަންހެން ދަރިއެއް، އެމީހުންވެސް ދާރިޔާ ބަލާ ބޮޑުކުރާނީ މީހެއްގެ ފަރާތުން އަނިޔާ އެއް ލިބެން ނޭދި. އަމިއްލަ ދެލޮލުން ނުފެނޭތަ އަނާލް އިން ގޮތް. އެކަމުގެ ސަބަބުން އަހަރެން ކުރި ހިތާމަ. އެހެން ބައެއްގެ ހުރި ޖަވާހިރެއްފަދަ އަންހެން ދަރިއަކަށް އަނިޔާއެއް ލިބެން އެމީހުން ވަކި އެދޭނެތަ؟ ނޭދޭނެ. އަނިޔާ ކުރުމަކީ ހައްލެއްނޫން." މަޒާޔާ ވާހަކަ ދެއްކިއެވެ. ސިކުނޑި ހައިޖާނުގަނޑެއްގެ ތެރޭގައި ވި ނަމަވެސް ދާރިޔާ އެފަދައިން ނިކަމެތި ކޮށްލާނަށް މަޒާޔާ ނޭދެއެވެ. އޭނާ ދާރިޔާ ދެކުނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. އެހެންކަމުން ދަރި ކުލުނުގެ މައްޗަށް ރުޅިވެރިކަން އިސްކުރާކަށް މަޒާޔާއަކަށް ނުކެރުނެވެ.

"ކަލޭ ނުކުމޭ! ދެން އައިސްގެން ނުވާނެ." ޝާހީން ބާރަށް ބުނުމާއެކު ދާރިޔާގެ އަތުގައި ހިފާ އޭނާއާ ދިމާލަށް ދަމައިލިއެވެ. އެއަށްފަހު އޮޅިގަނޑާ ދިމާލަށް ކޮށްޕާލިއެވެ. ދާރިޔާއަށް ދެލޯ ބޮޑުކޮށްލަމުން ޝާހީންއަށް ބަލާލެވުނެވެ. ދެފަރާތަށް ބޯހޫރަމުން ވާހަކަ ދައްކަމުން ދިޔައިރު ގިސްލެވެމުން ދިޔައެވެ.

"ކިހިނެތްތަ ވެގެން މިއެޅެނީ؟" ކޮޓަރިން ނުކުތް އައްމާރު ވާހަކަ ދެއްކިއެވެ.

"ކުޑަބެ ދައްތަ؟" އަނާލްއަށް ވެސް ވައިއަޑުން ބުނެވުނެވެ. ވެގެން އުޅެނީ ކިހިނެތްކަން އޭނާއަށް ލަފާކޮށްލެވުނެވެ.

"މީނައަށް މިހާރު އަހަރެންގެ ހަޔާތުން ޖާގައެއްނެތް. އަހަރެން އޭނަ ވަރިކޮށްފިން" އިތުރު އެއްޗެއް ބުނަން މީހަކަށް ފުރުސަތެއްނުދީ ޝާހީން ސިޑިއާ ދިމާލަށް ހިނގައިގަތެވެ. ޝާހީންގެ އެއަމަލުން އެންމެނަށް ޝޮކެއް ލިބިގެން ހިނގައްޖެއެވެ. އައްމާރު ސުވާލުކުރުމުން ވެގެން އުޅޭ ގޮތް ކުޑަގޮތަކަށް މަޒާޔާ ކިޔައިދިނެވެ. އައްމާރު ބާރަށް ޝާހީން އަށް ގޮވާލި ނަމަވެސް އެ އަޑު އިވުނު ކަމަކަށް ޝާހީން ނުހަދައެވެ.

އަނާލް އޭނާގެ ގާތުގައި ހުރި ދީމްއަށް ބަލާލިއެވެ. އަދި ހިން ދިރުވާލިއެވެ. އެ އާއިލާ ރޫޅުމުގެ ކޮޅުމަތި މި ވަނީ ފެންނަން ފަށާފައެވެ. ޝާހީންގެ ދިރިއުޅުން ހަލާކުވީއެވެ. ދެން ގެއްލޭނީ ދީމްގެ އުފާވެރިކަމޭ ހިތަށް އެރުމުން އޭނާގެ މެއަށް ތަދުވިއެވެ. އަނާލް ގާތު ހުރި ދީމްގެ ފޯނަށް އެވަގުތު ކޮންމެވެސް މީހަކު ގުޅުމާއެކު ދީމް ފޯން ނަގާ ބަލާލިއެވެ. ގުޅަނީ ކިނާން އެވެ. އެހެންކަމުން ތުން ފިއްތާލަމުން ފޯން ސައިލެންޓަށް ލިޔެވެ. ދީމްއަށް އައި ބަދަލު އެންމެ ގާތުން ދެކުނީ އަނާލްއެވެ. އަދި އެ ބަދަލު ގެ ސަބަބަކީ ކިނާންކަން އަނާލްއަށް އެނގުނެވެ.

ދާރިޔާއާ ގާތަށްޖެހިލާ މަޒާޔާ ދާރިޔާ ކޮޅަށް ނެގިއެވެ. އަނާލް ފެނުމާއެކު ދާރިޔާ ގޮސް އަނާލްގެ ގާތުގައި އިށީނެވެ. އަދި އޭނާއަށް އެއްވެސް ކަމެއް ނޭނގޭ ކަމަށް ބުނެ ހުވާކުރިއެވެ. ރުޔެވެ. އާދޭސް ކުރިއެވެ. ދާރިއާއަށްވެފައި އިން ވަރު ފެނި އަނާލްއަށް ވެސް ރޮވުނީއެވެ. ހިތާ ހިތާ އޭނާ އަމިއްލަ ނަފްސު ކުށްވެރިކުރަމުން ދިޔައެވެ.

އެހެން އިންދާ ދާރިޔާގެ ފޯން ރިނގްވި އަޑު އިވުނެވެ. ދޮރު އެއްފަރާތަށް ވެއްޓިފައި އޮތް ފޯނަށް އަރާފައިވާ އޭނާގެ ބައްޕަ ނަސީމްގެ ނަން ފެނުމާއެކު ކަރުނަ ފުހެމުން އޭނާ ފޯން ނެގީ ދެތިން ހަތަރު ފަހަރު ރިނގް ވުމަށްފަހުއެވެ.

"ދަރިފުޅާ، ދާއިން ހައްޔަރުކޮށްފި. ވެގެން އުޅޭގޮތެއް މާރަނގަޅަކަށް ނޭނގޭ... މަންމަގެ ހާލު ވަރަށް ދެރަ، އަވަހަށް އައިސްދެވޭނެތަ؟" އެކޮޅުން ބުނި ވާހަކައިން ލިބުނު ހިތާމަ ދެގުނަ ވި ފަދައެވެ. ހަތަރު އުދަރެސް ފެނުޖެހުނެވެ. އޭނާ އާއެކޭ ބުނެ ފޯން ބޭއްވިއެވެ. އަމިއްލަ ހިތާމަތައް އެއްފަރާތް ކޮށް މި ވަގުތަކީ އޭނާގެވެސް އާއިލާއާއެކު ހޭދަކުރަން ޖެހޭ ވަގުތުކަމަށް އަމިއްލަ ހިތަށް ވިސްނަދިނެވެ. އަދި ފަހަރަކު މީހަކަށް ބަލާލުމަށްފަހު ރޮމުން ރޮމުން ގޭން ނުކުތުމަށް ދުއްވައިގަތެވެ. އަނާލްއަށް ބޮލުގައި ދެ އަތުން ހިފައްޓާލެވުނެވެ. ދާރިޔާ ދިޔަތަން ބަލަން އިންއިރު އޭނާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައެވެ.

*****

ފަހީމް އާއި އަކްނިޒާއާއި އެކުއެކީހެން ކިނާން ވެސް ކާރުން ފޭބިއެވެ. އޭރު ފަހަތުން ކަހަލަ ގޮތަކަށް އަހުސަން އާއި ޝަޒްނާ ވެސް އައިސް މަޑުކޮށްލަނީއެވެ. އެންމެން އެކުގައި ގޭތެރެއަށް ވަނެވެ. އަކްނިޒާ ގޮސް ސޯފާގައި އިށީނެވެ. ފަހީމް އަކްނިޒާގެ ގާތުގައި އިށީނުމާއެކު އަކްނިޒާ ރޮއިފައި ވާހަކަ ދައްކަން ފެށިއެވެ. ކިނާން ވެސް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަނެއްކޮޅުން އިޒިއަންއަށް ވީގޮތެއް އެނގެން ވެސް އޭނާ ބޭނުންވެއެވެ. މަންމަމެން ގާތު ބުނެފައި އޭނާ ޕޮލިސް ސްޓޭޝަނައް ނައްޓާލީ އިޒިއަންއަށްވީ ގޮތެއް ބަލާލުމަށެވެ. ކިނާން ދިޔަނަމަވެސް އޭނާއަށް އިޒިއަންއާ ބައްދަލުކުރެވޭ ގޮތެއްނުވިއެވެ.

އޭގެ ފަހުން ހަފްތާއެއް ވީއިރުވެސް ދެއާއިލާއިން ކުރެ އެއް އާއިލާއަކަށް ވެސް ހަމަޖެހުމެއް ލިބުނު ކަމަކަށް ނުވިއެވެ. ދީމް އާއި ކިނާންގެ ގުޅުމަށް އެ އާއިލާ ދެކޮޅު ހެދުމުން ދީމްގެ އުފާވެރިކަން ގެއްލުނެވެ. އާއިލާ އާއި ދެކޮޅަށް ކިނާންއާ ގުޅެން ބޭނުންނުވިޔަސް މިހާރު އޭނާއަށް ކިނާންއާ ނުލާ ނޫޅެވޭނެއެވެ.

ދެހިތުގައިވެސް ދިޔައީ ވޭން އަޅަމުންނެވެ. އަނާލް އާއި އިޒިއަންގެ ހަޔާތުގައި އައި ކޮޅުގަނޑުގެ އަސަރު ދިޔައީ ގާތުގައި ތިބި އެންމެނަށްވެސް ކުރަމުންނެވެ.

ދީމް ރޯތީ އެ ވާހަކަ އަނާލް ވެސް ދެއްކިއެވެ. އޭނާގެ ސަބަބުން ދީމްއަށް ހިތާމައެއް ލިބޭކަށް އަނާލް ބޭނުމެއްނުވިއެވެ. އަދި މިކަމާ ހެދި އެ ދެމެދުގައި އޮތް ގުޅުން ހީނަރުވާކަށް ވެސް އަނާލް ނޭދެއެވެ. ދީމް ކިނާން އަކީ ކާކުކަން އޮޅުން ފިލުވައިދިނުމުން އައްމާރު އާއި އަފާޒުގެ ޝަރުތަކަށް ވީ ކިނާން ދީމް އާ އިނުމަށްފަހު އައްމާރުމެން ގެއަށް ދިރިއުޅުން ބަދަލުކުރުމެވެ. އަދި އިޒިއަންމެންނާ އެކީ ގުޅުން ކަނޑާލުމެވެ. ދީމްގެ ލޮލުގެ ކުލަ އޮއްސުނީ އެއީ ކިނާން ހަމަހޭގައި ހުރެގެން ދުވަހަކު ކުރާނެ ކަމެއް ނޫންވީމައެވެ. ދީމް ސިއްރުން ކިނާންއާ ބައްދަލު ކުރަން ހޮސްޕިޓަލަށް ދާތީ އެކަމާވެސް އޮތީ މައްސަލަ ޖެހިފައެވެ. ކިނާން އާއި ދާރިޔާ ވަޒީފާއިން ވަކިކުރަން ޝާހީން އާއި ރަކީން ވެސް ބޭނުންވިއެވެ. އެހެންނަމަވެސް އެކަން ނުކުރެވުނީ އަނާލް އާއި ދީމްގެ އާދޭހުގެ ސަބަބުންނެވެ. އަނާލް ބުނީ އެކަމުގައި ދާރިޔާ އަދި ކިނާންގެ ކުށެއްނެތް ކަމަށާއި ޖެހޭ އަމިއްލަ މައްސަލަތަކުގައި ވަޒީފާއާ ނުބެހުމަށެވެ. އަނެއްކޮޅުން އިޒިއަންގެ އާއިލާގެ ކުށެއްނެތް ކަމަށާއި ކުށް ކުރީ އިޒިއަން ކަމުގައެވެ. ކިނާން އަމިއްލައަށް ގުޅާފައި ވަޒީފާއިން ވަކިވާން ވާހަކަ ދެއްކުމުން އަނާލް ކިނާންއަށް ވިސްނައިދިނީ އޭނާ އަދި އޭނާގެ އާއިލާގެ ފަރާތުން ދުވަހަކުވެސް ކިނާންއަށް ނުރުހުން ރައްދެއް ނުވާނޭކަމަށް ބުނެއެވެ. އަނެއްކޮޅުން މިހާރު އެމީހުންގެ ހޮސްޕިޓަލަކީ ފަހީމްގެ އާއިލާ އިން ވެސް އެކި ކަންކަމަށް އިންވެސްޓް ކުރަމުން ގެންދާ ހޮސްޕިޓަލަކަށް ވެފައި ބައިވަރު އެއްބަސްވުންތަކެއް ހެދިފައިވާތީއެވެ. އެ އެއްބަސްވުންތައް އުވާލަން ވަކިކަންތައް ތަކެއް ފޮލޯ ކުރަން ޖެހޭނެއެވެ. އެގޮތަށް އަމަލު ނުކުރާ ކޮންމެ ދަނޑިވަޅެއްގައި ފަހީމްމެންގެ ކުންފުނިން އެމީހުންނަށް ދައުވާ ކުރެވޭނެއެވެ.

އައްމާރު ބޭނުންވަނީ ވީހާވެސް އަވަހަށް ހުރިހާ އެއްބަސް ވުމެއް އުވާލާށެވެ. ހަމަޖެހިލެވޭނީ އެރުންނެވެ. ކިނާން ހޮސްޕިޓަލުގައި މަޑުކުރަން ނިންމުމުން ފަހީމްމެން އެކަމާ ފާޑެއް ނުކިޔެވެ. އެހެންނަމަވެސް އައްމާރުމެން ތިބީ އަދިވެސް ކުޑަކޮށް ހިންހަމަ ނުޖެހިފައެވެ. ހުއްދަ ދިނީ އަނާލްއާ ދީމްއަށް ޓަކައެވެ. އެހެންނަމަވެސް ދާރިޔާ ހޮސްޕިޓަލް ވަޒީފާއިން ކެނޑެން ނިންމީ އޭނާއަށް ޝާހީން އާއި ކޮންމެ ކޮންމެ ދުވަހަކު ކުރިމަތިލާނެހާ ހިތްވަރު ނުލިބޭތީއެވެ.

*****

"ނުކުމޭ، ކަލޭ އާ ބައްދަލު ކުރަން މީހަކު އައިސްފި" ކުޑަ ގޮޅީގައި އިޒިއަން ދުވަސް ހޭދަ ކުރާތާ ހަފްތާއެއް ފާއިތުވެގެން ދިޔައިރު ކިނާންގެ އިތުރުން އާއިލާގެ އެއްވެސް މީހަކު އޭނާގެ ހާލު ބަލައިލާކަށް ނާދެއެވެ. އެކަމުން އޭނާގެ ހިތަށް ކޮށްފައިވަނީ ބުނެދޭން ނޭނގޭ ފަދަ އަސަރެކެވެ. އުންމީދުކުރެވެނީ މަންމަ ނޫނީ ބައްޕަ ނުވަތަ އަނާލް ފެންނާނޭ ކަމަށެވެ. މާޔޫސް ކަމުގައި އިންދާ ފުލުސް މީހަކު އައިސް އޭނާ އާ ބައްދަލު ކުރަން މީހަކު އައިސް އެބަހުއްޓޭ ބުނުމުން އޭނާއަށް ޔަޤީންވީ ކިނާން ކަމަށެވެ. އެކަމުން ވެސް އޭނާގެ ހިތަށް ކުޑަ ތަސައްލީއެއް ލިބުނެވެ. ފުލުސް މީހާ އޭނާ ގެންދިޔައީ ކުޑަކުޑަ ކޮޓަރިގަނޑަކަށެވެ. މޭޒެއް ބަހައްޓާފައި ވާއިރު މޭޒުގެ ދެފަރާތުގައި ދެ ގޮނޑި ބެހެއްޓިފައި ވެއެވެ. އެނޫން އެހެން އެއްވެސް ފަރުނީޗަރެއް އެތާކު ނުވެއެވެ. އޭނާ ގެންގޮސް އެ ގޮނޑީގައި ބެއިންދުމަށްފަހު ފުލުސް މީހާ މަޑުކޮށްލީ ދޮރު ކައިރީގައެވެ. އޭނާ ދޮރުގައި އިން ބިއްލޫރި ގަނޑުން ބޭރު ބަލާލާ ބޯ ޖަހާލިތަން އިޒިއަންއަށް ފެނުނެވެ. ދޮރު ހުޅުވާލުމާއެކު އޭނާއަށް ކަޅި ޖަހާ ނުލާ ބެލެން ފެށުނެވެ. އެތެރެއަށް ވަތް މީހާ ފެނި އިޒިއަންގެ ނޭވާ އަރުތެރޭގައި ތާށިވިއެވެ. އޭނާއަށް އަނާލްގެ ނަން ވައިއަޑުން ބޭރުކޮށްލެވުނެވެ. އަނާލް މަޑު ކޮށްލީ މޭޒުގެ އަނެއްފަރާތުގައެވެ. ދިއްލާފައިވާ އަލި ގަދަ ބޮކިން މުޅި ކޮޓަރި ތެރޭގައި ވެސް ވަނީ ގަދަ އައްޔެކެވެ.

ދެލޯ މަރާލާ ލޯ ހުޅުވާލީ މަންޒަރު ބަދަލުވާނޭ ކަމަށެވެ. އެހެންނަމަވެސް އެހެނެއް ނުވިއެވެ. އެއީ ހަމަ އަނާލް އެވެ. އޭނާގެ ހިތުގެ ހަމަޖެހުމެވެ. އެ ދެލޮލުގެ ނޫރެވެ. އެ މީހަކު ދުށުމަށް އޭނާގެ ދެލޯ ބޭޤަރާރު ވެފައިވާ ސޫރައެވެ. އަނާލްގެ އެ ފެނިލުމުންވެސް އޭނާގެ ހިތުގައި އާދަޔާޚިލާފް ވިންދެއް ހޭލައްވާލައިފިއެވެ.

"ނާލް" އިޒިއަންއަށް ގޮވާލެވުނެވެ.

ފުލުސް މީހާ ނުގޮސް ހުންނަން ފެށުމުން އަނާލް އެދުނީ އެ ދެމީހުންނަށް އެކަނި ވަގުތު ކޮޅެއް ދިނުމަށެވެ. ފުލުސް މީހާ ދެކޮޅު ހެދުމުން އަނާލް ބުނީ އޭނާ ފަހުން ކަންތައް ވެގެންދާ ހުރިހާ ކަމެއްގެ ޒިންމާ ނަގާނެ ކަމުގައެވެ. ތަކުރާރުކޮށް އަނާލް ބުނުމުން ފުލުސް މީހާ އެ ދެމީހުންނަށް އެކަނި ވަގުތު ކޮޅެއްދިނެވެ. އިރުކޮޅަކު އެއްޗެއް ނުބުނެ އިން އަނާލް ވަރަށް ފުން ނަޒަރަކުން އިޒިއަންއަށް ބަލާލިއެވެ. ހަފްތާއެއްގެ ތެރޭގައި އިޒިއަންއަށް ވަރަށް ބޮޑެތި ބަދަލުތައް އަތުވެއްޖެއެވެ. މީހާގެ ހަށިގަނޑު ހިކި އަނަރޫފަ ވެއްޖެއެވެ. ދެލޯ ކައިރި ކަޅުވެއްޖެއެވެ. އިޒިއަންގެ މޫނުމަތިން ބަލި ވައްތަރު ޖަހައެވެ. ރޮއި ރޮއި މޫނުމަތި ވަނީ މިލާފައެވެ.

އަނާލް ބަލަން އިން ގޮތުން ކިތަންމެ ވާހަކައެއް ދައްކަން ބޭނުން ވިނަމަވެސް ދުލު ކުރިން އެންމެ ވާހަކައެއްވެސް އިޒިއަންއަށް ބޭރުކުރެވޭ ގޮތެއް ނުވިއެވެ. އޭނާގެ ދުލުގައި ވަނީ ވަރުގަދަ ތަޅެއް އެޅިފައެވެ. އިސްޖަހާލެވުނީ އަނާލްގެ ދެލޮލަށް ބަލަން އޭނާ އަށް ކުޅަދާނަ ނުވުމުންނެވެ. އެ ދެލޮލުން ފެންނަމުންދިޔަ އަސަރުތައް މާނަ ކުރާނެ ގޮތެއް އިޒިއަން އަކަށް ނޭނގުނެވެ. އަނާލް އަށްޓަކައި އެ ހިތުގައި އޮތް ލޯތްބަކީ ބާރުގަދަ ލޯތްބެކެވެ. އަމިއްލަ ނަފްސު ކުށްވެރިކުރަމުން އިޒިއަން ދިޔައެވެ. އަމިއްލަ ނަފްސާ ހަނގުރާމަ ކުރަމުންދިޔަ އިޒިއަން ދެލޯ މަރާލިއެވެ.

އަނާލް އެހެން އިނދެފައި އިޒިއަން އާއި ގާތަށް ގޮނޑި ދުއްވާލިއެވެ. އޭނާ އައިސް މަޑުކޮށްލީ އިޒިއަން އާއި ދާދި ގާތުގައެވެ.

"އިޒިއަން" އިޒިއަން ސިހުނީ އަނާލްގެ އަޑުންނެވެ. އޭނާ އަނާލްއަށް ބަލާލިއެވެ. އަނާލްގެ މޫނުމަތިން މީގެ ކުރިން ނުފެންނަފަދަ ކުލަވަރުތަކެއް އިޒިއަންއަށް ފެންނަމުން ދިޔައެވެ.

"އަހަރެންނަށް މާފުކުރޭ ނާލް. އަހަރެން ގަސްތުގަ ކުރިކަމެއް ނޫން. އަހަރެން ޖަލަށްލުމުން ހިތަށް ތަދުނުވާވަރަށް ތި ގޮތަށް އައިސް ފެނިލުމުން އަހަރެންގެ ހިތަށް ތަދުވާނެ. އެނގިހުރެ ތިއައީ އަހަރެންގެ ހިތަށް އިތުރަށް ތަދުކުރަންކަން އެނގޭ، އަހަރެންނަށް އަހަރެންގެ ހައިސިއްޔަތު ހަނދާން ކޮށްދޭންކަން އެނގޭ. އަހަރެން ޖަލަށްލުމަކީ ނާލްގެ ހިތަށް ތަސައްލީއެއް ލިބޭ ކަމަކަށްވަންޏާ ޖަލަށް ވެސް ލާންވީ. އެކަމަކު އަހަރެން ގާތުން ވަރިނުވެދާނަންތަ؟ ހަގީގަތުގައި ވެސް އަނާލް އަށްޓަކައި އަހަރެންގެ ހިތުގައި ލޯބިވޭ. އަހަރެން ނުބުނާނަން އަހަރެންމީ ނާލްއަށް ޓަކައި ހުރި އެންމެ ޕާރފެކްޓް މީހާއޭ. އެކަމަކު ކުރީގެ މާޒީން އިބްރަތް ލިބިގަނެ އަހަރެން ތައުބާވީން. މަސައްކަތް މި ކުރަނީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދަން. އިންސާނުންނަށް ކުށްވެސް ކުރެވޭ. އެކަމަކު ފުރިހަމަ ތައުބާއަކުން ތައުބާ ވެއްޖެނަމަ މާތް ﷲ ވެސް އެމީހެއްގެ ތައުބާ ޤަބޫލު ކުރައްވާ. އަހަރެންގެ ރޫހަށް ފިނިކަން ލިބެނީ ނަމާދާއި ޒިކުރުކޮށް ދުއާ ކޮށްގެން. ކެތްކުރަން ހިތްވަރު ލިބެނީ ﷲ ހަނދުމަކޮށްގެން. މާތް ﷲ އެއްވެސް އިންސާނަކަށް އެމީހަކަށް ނުއުފުއްލެވޭ ވަރުގެ ބުރައެއް ނުޖައްސަވާނެ. އިންޝާ ﷲ އަހަރެން ކެތްތެރިވާނަން. " އިޒިއަން އަނާލްގެ ލޮލަށް ބަލަން އިނދެ އެތައް ވާހަކައެއް ދެއްކިއެވެ. އިޒިއަންގެ ވާހަކަތަކުން އަނާލްގެ ހިތަށް ވެސް އަސަރުކުރުވިއެވެ. އިޒިއަން މި ވަނީ ހަމަ ރަނގަޅަށް ވެސް ބަދަލުވެފައެވެ.

"އަހަރެން އަނާލް ވަރިކޮށްފިނަމަ އަނާލްއަށް އަހަރެންގެ މަތިން ހަނދާން ނައްތާލެވިދާނެތަ؟ އާދޭސް ކުރަން. އަހަރެންނަށް މާފު ކޮށްދީ. މާފު ނުކުރާނަމަ އަހަރެން މި ޖަލު ގޮޅިއަށް ދޫކޮށްލިޔަސް ހެޔޮ. އެކަމަކު އަހަރެން ގާތުން ވަރި ނުވޭ." އިޒިއަންއަށް މިހާރު ކިޔޭ ނުކިޔޭވެސް ނޭނގެއެވެ. އަނާލް ފެނުމުން މާބޮޑަށް ބަލިކަށިވެއްޖެއެވެ.

އިރުކޮޅެއްގެ ހަމަހިމޭންކަން ވެރިވެގެންދިޔަ އެ މާހައުލުން އިވެނީ ދެމީހުންގެ ނޭވާގެ އަޑު އެކަންޏެވެ. އަނާލް އިޒިއަންއަށް ބަލާލީ އިރުކޮޅަކު އިސް ޖަހައިގެން އިނދެފައެވެ.

"އަހަރެން އިޒިއަން ގާތުން ވަރިއެއް ނުވާނަން" އަނާލް ސީދާ އިޒިއަންގެ ލޮލަށް ބަލަން އިނދެ ބުނެލިއެވެ. އަނާލްގެ އެ ޖުމްލައިން އިޒިއަންއަށް ވެސް ދެލޯ ބޮޑުކޮށްލާ އަނާލްއަށް ބަލާލެވުނެވެ.

ކޮމެންޓް 0