އާއިލާގެ އެންމެންގެ ހިތުގައިވެސް ވަނީ ބިރުވެރިކަމެވެ. އަނާލްއަށް ވީ ގޮތެއް ނޭނގި އެންމެން ވެސް ތިބީ ހާސްވެފައެވެ. ޝާހީން އައިތާ މާ ގިނައިރުތަކެއްނުވެ ޑޮކްޓަރު ނުކުމެ ދިން ހަބަރަކުން އިޒިއަންގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަ ފަދަ އިޙްސާސް އެއްކުރެވިގެން ދިޔައެވެ.
ކޮންމެ ފަހަރަކުވެސް އަނާލްއަށް ހިތްދަތިކަމެއް ނޫނީ އަނިޔާއެއް ލިބެންޏާ ލިބެނީ އޭނާގެ ސަބަބުންނެވެ. އޭނާއާއެކު އުޅޭހާ ދުވަހަކު އަނާލްއަށް ލިބޭނީ ހުސް އަނިޔާ ތާއެވެ. އެހެން އެންމެންގެ މޫނުމަތިންވެސް ކަންބޮޑުވުމާއި ހާސްކަން ފެނިގެން ދިޔައެވެ. ހާއްސަކޮށް މަޒާޔާއެވެ. އޭނާއަށް ހުރިތަނަށް ތިރިވެވުނެވެ. ދީމްއަށް ވެސް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އިޒިއަންއަށް ހުރިތަނަށް ގަނޑުވެ ހުރެވުނީއެވެ. ހަރަކާތެއް ކޮށްލަން ނޭގުނުތާ ބަހެއްބުނަން ވެސް އޭނާ ނުކުޅެދުނީއެވެ. ހިތާ ސިކުނޑީގެ މަސައްކަތްތައް ހިނދުކޮޅަކަށް މަޑުޖެހިލިއެވެ.
އިރުކޮޅަކުން ރަމްޔާވެސް ނުކުމެ ވާހަކަ ދެއްކިއެވެ. އޭނާ ބުނި ގޮތުގައި އަނާލްއަށް ވަނީ ޝޮކެއްލިބިފައެވެ. އަދި އެކަމުގެ ސަބަބުން ފިޓް ޖެހި ޕެނިކް އެޓޭކެއް އައީއެވެ. ކުރީގެ ކަންތައްތައް މާބޮޑަށް ހަނދާންވީ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ބުނެލިއެވެ. އިޒިއަންއަށް އެ ވަގުތު ރަމްޔާއަށް ބަލާލެވުނެވެ. އަދި އިސްޖަހާލެވުނެވެ. ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭ ފަރާތަކީ އޭނާއެވެ. އެކަމަކު ހަނު ހުންނަން މިއަދު ވަނީ މަޖުބޫރުވެފައެވެ. އޭނާ އަނާލްއާއި އެހާ އަވަހަށް ވަކި ވާކަށް ބޭނުމެއްނޫނެވެ. ހަޤީގަތް ސިއްރު ކުރެވެނީ އެހެންވެއެވެ. އެ ހިތުގައި އަނާލްއާ މެދު ފުން ލޯބި ވާތީއެވެ. އަނާލްއަށް ކިތަންމެ ލޯބި ދިނަސް އޭނައަށް އަނާލްގެ ހިތާމަތައް ލުޔެއް ނުކޮށްދެވޭނެއެވެ. އެއަށްވުރެ ބޮޑަށް އޭނާ ވަނީ ނޭނގުމެއްގެތެރޭގައި އެހިތް ހަލާކުކޮށްލާފައެވެ. އެހިތް ޒަހަމް ކޮށްލާފައެވެ.
އިޒިއަންގެ ކުރިމަތީގައި އަނާލް އައިސީޔޫއަށް ލާން ނެރެވުނު ވަގުތަކީ އޭނާގެ މުޅި ދުނިޔެވެސް ހުއްޓުނުހެން ހީވިފަދަ ވަގުތުކޮޅެކެވެ. އަނާލްގެ މޫނަށް ފަހުފަހަރަށް ބަލާލި އިޒިއަން އަނާލްގެ މޫނުގައި ލޯތްބާއެކު ފިރުމާލިއެވެ. އަދި މާފަށް އެދުނީ ހިތްހަލާކުވެފައި ވާހާލުގައެވެ. ޑޮކްޓަރު ބުނީ އަނާލްގެ ހާލަތު ސީރިއަސްވުމުގެ ސަބަބުން ފުރާނަ ސަލާމަތް ކުރުމުގެ އުންމީދު ނުހަނު ކުޑަކަމުގައެވެ. އެހެންނަމަވެސް އެމީހުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށް ބުންޏެވެ. ރަމްޔާ ވެސް ވަނީ ހާސްވެފައެވެ. އަނާލްއަށް ލިބުނު ޝޮކުގެ ސަބަބުން އިހު ހުރި ހާލަތައް އަނާލް ވެއްޓޭކަށް އޭނާ ބޭނުމެއް ނުވިއެވެ.
އެންމެ ފުރަތަމަ އޭނާ އަނާލް އާއި ބައްދަލުވި ދުވަސް މަތިން ހަނދާންކޮށްލިއެވެ.
އެއީ ރޭގަނޑެއްގެ ވަގުތެވެ. އައްމާރު ގުޅާފައި ވަރަށް އަވަހަށް ގެއަށް އައިސް ދިނުމަށް އެދުމުން އޭނާއަށް ވެސް ދެކޮޅު ހަދާކަށް ނުކެރުނެވެ. ހަނދާންވާ ގޮތުން އެއީ އެ ހާދިސާއަށްފަހު އެތައް ދުވަހަކު ހޮސްޕިޓަލުގައި ބޭއްވުމަށްފަހު އަނާލް ދޫކޮށްލެވުނު ދުވަހުގެ ރެއެވެ. ރަމްޔާ އައުމާއެކު އައްމާރު ރަމްޔާއަށް އަނާލްގެ ކޮޓަރި ދައްކާލަދިނެވެ.
އެ ދިމާވި ހިތާމަވެރި ހާދިސާގެ ތަފްސީލް ވަނީ ރަމްޔާއަށް ލިބިފައެވެ. ހުދު ހޮސްޕިޓަލުގެ ފަރާތުން ވެސް އެ ކޭސް ވަނީ އޭނާ އާއި ހަވާލުކޮށްފައެވެ. އެއީ އައްމާރުގެ އެދުމަކަށްކަން އޭނާއަށް އެނގުނީ އެރެއެވެ. އަނާލް ދޫކޮށްލި ފަހުން އެއްވެސް އެއްޗެއް ނުކައި ކަމާއި އެއްދިމާލަކަށް ގެއްލިފައި އިންނަނީ ކަމަށް އައްމާރުބުނެލިއެވެ. އަދި އިރުއިރު ކޮޅުން އޭނާއަށް އެ އަރައިގަންނަ ރުޅިގަނޑަކުން ޖެހުނު ކޮންމެ މީހަކަށް ކޮންމެ ފަދަ އަނިޔާއެއް ވެސް ކުރާކަށް ފަހެއް ނުޖެހެއެވެ.
"މިހުރީ ނާލްގެ ކަންތައް، އެނދުގެ ސައިޑް ކަބަޑް މަތީގައި އޮތް ވާޒް އަކުން މަޒާގެ ނިތްކުރިމަތި ފަޅާލައިފި" އައްމާރު މަޒާޔާގެ ނިތްކުރި މަތި ދައްކާލާފައި ބުނެލިއެވެ. ރަމްޔާ ފުންނޭވާއެއް ދޫކޮށްލިއެވެ. އައްމާރު ކިޔައިދިން އިތުރު ވާހަކަތަކަށް ރިއާޔަތް ކުރުމަށްފަހު އަނާލްގެ ހާލަތު ސީރިއަސް ވެފައި ވާވަރު އޭނާއަށް އަންދާޒާ ކޮށްލެވުނެވެ.
"ނުހިނގޭކަން އެނގުނީމަ ވަރަށް ރުއި، ދެން ނޭގެ ކިހިނެތް ކަމެއް އަހަރެން ހަދަންވީ، މުޅި ދިރިއުޅުން ބަރުބާދުކޮށްލައިފި" މަޒާޔާއަށް ރޮވެން ފެށުނެވެ.
"ދިމާވި ހާދިސާއަކީ ކުޑަ ހާދިސާއެއްނޫން، އަނާލްއަށް އެވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ، މި ދުވަސްކޮޅު އަނާލްއަށް ބޭނުންވާނީ އެންމެންގެ އެހީތެރިކަން، ހިތްވަރު ދެރަ ނުކުރޭ، އިންޝާ ﷲ ރަނގަޅުވާނެ، " ރަމްޔާ މަޒާޔާގެ ގާތަށް ޖެހިލާ ބުނެލުމަށް ފަހު އޭނާ އެދުނީ އެކަނި އަނާލް އާއެކު ވަގުތު ކޮޅެއް ހޭދަކޮށްލަން ދިނުމަށެވެ.
އޭނާ ގޮސް ގޮނޑީގައި އިށީން އިރުވެސް އަނާލް އިނީ ކުޑަ ދޮރާ ދިމާލަށް ބަލަހައްޓައިގެންނެވެ. އެއްވެސް ހަރަކާތެއް ނެތެވެ. ރަމްޔާ މަޑު މަޑުން އަނާލްގެ އަތުގައި އަތް ޖައްސާލުމާއެކު އައްދިޔޯއްޔޭ އަނާލް ބުނެލީ ސިހިފައެވެ. އަދިވެސް އޭނާގެ ސިކުނޑި ވަނީ އެރޭގެ ހަނދާންތަކުގައި ގައިދުވެފައެވެ.
އަނާލް ރުޅިވެރިކަމާއެކު ރަމްޔާއަށް ބަލާލާ ރަމްޔާ ކޮށްޕާލީ އޭނާ މޮޔައެއްނޫނޭ ބުނަމުންނެވެ. އަނާލްގެ ރުޅިވެރިކަން ފެނި ރަމްޔާ އަނާލް ހަމަޖެއްސޭތޯ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެކަމުގައި އޭނާ ނާކާމިޔާބީއާ ކުރިމަތިލާން ޖެހި އެންމެ ފަހުން އަނާލް އަށް ފިޓް ޖެހި ހޮސްޕިޓަލަށް ގެންދަން ޖެހުނީއެވެ.
*****
އެ ހަނދާންތައް އާވުމާއެކު ރަމްޔާ ފުންނޭވާއެއްދޫކޮށްލިއެވެ. މިރޭ ވެސް ދިމާވީ ކުޑަކަމެއް ނޫންތާއޭ އޭނާގެ ހިތަށް އެރިއެވެ.
އިޒިއަންގެ ލޮލުން އޭރުވެސް ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. އަނާލް މާފު ނުދީ އޭނާއާއި އަލްވަދާއު ކިޔާފިނަމަ ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟ އެހާ ބޮޑު އަނިޔާއެއް ދީފައި އޭނާއަށް އެވަނީ އަނާލްއަށް އޮޅުވާވެސް ލެވިފައެވެ. އެވެސް އެހާ ބޮޑު އޮޅުވާލެވުމަކުންނެވެ. އަނާލް މި ހަޤީގަތާ ކުރިމަތިލާނީ ކިހިނެތްހެއްޔެވެ؟
އަނާލް ގެންދެވުނީ ހޮސްޕިޓަލްގެ ފަސްވަނަ ފަންގިފިލާގައި ހުންނަ އައިސީޔޫއަށެވެ. އެތަނަށް ވަންނަން ހުއްދަ ދިނުމާއެކު ފުރަތަމަ އިޒިއަން ވަނީ ހިތުގައި އަތް އަޅައިގެން ހުރެއެވެ. ވެންޓިލޭޓަރގައި އޮތް އަނާލް ފެނި އޭނާއަށް އެ ދިމާލަށް ހިނގައިގަންނަންވެސް ނޭނގިފައި ހުރެވުނީއެވެ. ކުރިއަށް ފިޔަވަޅު އަޅަން ފައި ހިއްލާލާފައިވެސް އޭނާއަށް ހުރި ފިޔަވަޅު މަތީ ހުއްޓެވުނީ ކުރިއަށް ދާނޭ ހިތްވަރު ނުލިބުމުންނެވެ. ކުރީގެ ހާދިސާ ލޯ ކުރިމަތީގައި ނިއުޅެން ފެށުމާއެކު އިޒިއަންގެ ހަށިގަނޑުގައި އާދަޔާހިލާފް ފިނިކަމެއް ދައުރުކޮށްލިއެވެ. ނަފްސަށް ވެރިވަމުން ދިޔަ އުދާސްކަމާއި ގިލަން ވެރިކަމާއި ކުރިމަތިލާނީ ކިހިނެތްކަން އޭނާއަކަށް ނޭނގުނެވެ.
ކަންފަތުގައި ގުގުމަމުން ދަނީ އަނާލްގެ ހަޅޭކުގެ އަޑެވެ. ކުރިމަތިން ސޫރަވަނީ ރޮއިހޭރެމުން ދިޔަ އަނާލްއެވެ. އެހީތެރިކަމަށް އެދި ތެޅި ފޮޅެމުން ދިޔަ ނިކަމެތި އަންހެން ކުއްޖެކެވެ. ހިތުގައި މަންޒަރު ކުރެހެން ފެށުނަސް ހިތްވަރު ކޮށްފައި އޭނާ ކުރިއަށް ފިޔަވަޅު އަޅަން ފެށިއެވެ. އެއިން ކޮންމެ ފިޔަވަޅަކީ އޭނާގެ އަމިއްލަ ނަފްސަށް އޮތް އިތުބާރާ ޔަޤީންކަން ކުޑަވަމުންދާ ދިޔުމެކެވެ. ކޮންމެ ސިކުންތަކީ އޭނާގެ ނުތަނަވަސްކަމަށް އިތުރުވަމުން ދިޔަ ބޮޅެކެވެ. ހަށިގަނޑުގައި އުފެދުނު ތޫފާނުގެ ސަބަބުން ކޮޅަށް ހުންނަން ދަތިވިއެވެ. އަނާލް އޮތް އެނދާ ހިސާބަށް ދެވުނީ ކިރިއާއެވެ. އެނދުގެ ފައިލާ ކޮޅުގައި އޭނާއަށް ހިފައްޓާލެވުނީ ދެފައިން ވަރުދޫވީތީއެވެ. ހިތާއި ހަށިގަނޑުވެސް އޭނާގެ އެއްވެސް ބަހަކަށް ތަބައެއްނުވިއެވެ. މުޅި ހަށިގަނޑުގެ ކޮންޓްރޯލް އޭނާގެ އަމިއްލަ އަތުން ދޫވި ވަގުތުކޮޅެކެވެ. އަނާލްއަށް ނުފެނުނަސް، ވާހަކަ ނުދެއްކުނަސް އަނާލްގެ ކުރިމަތީގައި އިސްޖަހާލަން މަޖުބޫރުވި ވަގުތުކޮޅެކެވެ.
އެ ވަގުތު އަނާލްގެ ބަދަލުގައި އެ ސަޒާ އޭނާފަދަ ރަޙުމް ކުޑަ މީހަކަށް ލިބުނުނަމަ ކިހާ ރަނގަޅު ވީސްހޭ ހިތަށް އެރިއެވެ. އެއީ އޭނާއަށް ހައްގު ސަޒާއަކަށް ވާނެއެވެ. އަނާލް ފަދަ ކުށެއްނެތް ކުއްޖަކަށް އޭނާގެ ސަބަބުން އެ ލިބެނި ހާދަ ވޭނީ ޒަހަމް ތަކެކެވެ. އެ ޒަހަމްތައް އަވަހަކަށް ފަސޭހައެއްނުވާނެއެވެ. ފަސޭހަވިނަމަވެސް އެ ލަކުނަތަށް އަބަދުވެސް ތާޒާކަމާއެކު ވާނެއެވެ.
އަނާލް ޕްރައިވެޓް ރޫމަކަށް ބަދަލް ކުރެވުނީ އޭގެ ތިން ދުވަސްފަހުންނެވެ. ހޭއެރިނަމަވެސް އަދިވެސް އަނާލްގެ ހަށިގަނޑު ބަލިކައްޓެވެ. ވާހަކައެއް ބުނެވެނީ އެހާ ހާލުންނެވެ. އަނާލްގެ ހާލު ފެންނަ ކޮންމެ ފަހަރަކު އިޒިއަންގެ ލޮލުން ކަރުނަ ހިލެނީ ބޭއިޚްތިޔާރުގައެވެ. ކަރުނަތަށް ދިރުވަން ކިތަންމެ މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބެއް ނުކުރެވުނެވެ.
"ހިތްވަރު ކުރޭ އިޒް! އިގޭ ދެރަވާނެކަން، އެކަމަކު މިވަގުތު ނާލްއަށް ބޭނުންވަނީ އިޒްގެ އެއްބާރުލުމާއި އެހީތެރިކަން" އައްމާރު އައިސް އިޒިއަންގެ ކޮނޑުގައި ޖަހާލާފައި ބުނެލުމާއެކު އިޒިއަން ބޯ ޖަހާލީ ގަދަކަމުން ކަހަލަ ގޮތަކަށެވެ. އެވަގުތު އެތަނުގައި ދެ އާއިލާގެ ހުރިހާ މެންބަރުންވެސް ތިއްބެވެ. ކޮޓަރިއަކީ ބޮޑުކޮޓަރި އެކެވެ. އެނދުގެ އެއްފަރާތުގައި ތަނަވަސް ސޯފާ ސެޓެއް ބެހެއްޓިފައި ވާއިރު ކުރިމަތީގައި ކުޑަ ބިއްލުރި މޭޒެއް ހުއްޓެވެ. އަނާލްގެ އެނދު ކައިރީގައި މަޒާޔާގެ އިތުރުން އަކްނިޒާއާއި ދީމް ހުއްޓެވެ. ޝާހީން ރަކީން އަދި ޖިދާގެ އިތުރުން އަފާޒުގެ ދެމަފިރިން ތިބީ ސޯފާގައެވެ. ޝާހީން ވެސް އިނީ ޑިއުޓީގައި އުޅެފައި ބްރޭކް ގަޑީގައި އައިސް ކަމުން އޭނާ އިނީ ހޮސްޕިޓަލް ކޯޓްގައެވެ. ކޮންމެ މީހެއްގެ މޫނުމަތިން ވެސް ހިސާބެއްގެ މާޔޫސްކަމެއް ފެންނަމުން ދިޔައެވެ. އެހެންނަމަވެސް އަނާލްއާ ވާހަކަ ދައްކާއިރު ބަލަނީ ހަމަޖެހިފައިވާ މޫނަކާއެކު ވާހަކަ ދެއްކޭތޯއެވެ.
އިޒިއަން ހުރީ ވަންނަ ދޮރުގެ އެއްފަރާތުގައި މަޑުކޮށްލައިގެންނެވެ. އެއްފައި ލަންބާލާ ފަހަތު ފާރުގައި ފައިތިލަ ޖައްސާލާފައި ވާއިރު ދެއަތް ވަނީ އޮޅާލެވިފައެވެ. ނަޒަރު ހުރީ އަނާލްއަށް ހުއްޓިފައެވެ.
ފަހީމް ވެސް އިޒިއަންގެ ގާތަށް އައިސް އައްމާރެކޭ އެއްގޮތަށް ހިތްވަރުދިނެވެ. އަނާލްއަށް ބޭނުންވަނީ އެންމެންގެ ހެޔޮ ދުޢާ ކަމާއި އިޒިއަންގެ އެހީތެރިކަމާއި އޯގާތެރިކަމަކީ މި ދުވަސްކޮޅު އިޒިއަންގެ ފަރާތުން އަނާލްއަށް ދެވޭނޭ އެންމެ ބޮޑު ހަދިޔާ ކަމުގައި ހަނދާން ކޮށްލަދިނެވެ. އިޒިއަން ބޯ ޖަހާލީއެވެ.
ދީމް ފޯނެއް އައުމާއެކު އެބަ އަންނަމޭ ބުނެ ދޮރާ ދިމާލަށް ހިނގައިގަތީ ފޯނަށް ނަޒަރު ހުއްޓާލައިގެންހުރެއެވެ. ދޮރު ހުޅުވާލަން ތަޅުގައި ހިފި ވަގުތު ވަރަށް ބާރަށް މީހަކު ދޮރު ކޮއްޕާލިއެވެ. އެއާއެކު އޭނާއަށް ފަހަތަށް ޖެހިލެވުނީ ނޭފަތު ކުރީގައި ދޮރު ޖެހުނުލެއް ބާރުކަމުންނެވެ.
"އައްދިއްޔޯތް" ދީމްއަށް ނޭފަތުގައި ހިފައްޓާލަމުން ބުނެވުނެވެ. އޭނާއަށް އަނގަޔަށް ގޮތެއް ހަދާލެވުނެވެ.
"ތަންކޮޅެއް ބަލާލައިގެން އުޅުނިއްޔާ ކަމެއް ވަނީތަ އަޅެ" އެވަގުތު ވެސް ޝަފޫންއަށް ރީތިކޮށް ވާހަކަދެއްކުން ވީ ދަތި ކަމަކަށެވެ. ދީމްއަށް ވެސް ވެފައި ހުރި ތަދުން ޝަފޫން ބުނި އެއްޗަކަށް މާބޮޑު ސަމާލްކަމެއް ދެވޭ ގޮތެއް ނުވިއެވެ. އެހެންނަމަވެސް ދެންމެ ހިނގި ހާދިސާ އެނގުނު ކިނާން ހުރީ ޝަފޫންގެ ބަސްތަކުން ހިސާބަކަށް ނުރުހުންވެފައެވެ. އެކަމަކު މޫނުމަތިން އެކަން ނުދައްކާވޭތޯ އޭނާ މަސައްކަތް ކުރިއެވެ.
"އާރ ޔޫ އޯކޭ؟" ކިނާން ކުރިއަށް ޖެހިލަމުން ދީމް ގާތު އަހާލިއެވެ.
"ޔޫ! ވަޓް އާ ޔޫ ޑުއިން ހިއާރ؟" ދީމްއަށް އަޑަށް ބާރުލާފައި އަހާލެވުނެވެ. ދެންމެ އެ މޫނުމަތީގައިވި ކުލަވަރު ފަނޑުވެ އޭނާއަށް އަނގަޔަށް ފޫހިވައްތަރެއް ޖައްސާލެވުނެވެ. މީ ހާދަ ޖެއްސުން ބޮޑު ފިރިހެނެކެވެ. ކިހާ ދެރަކަމެއްހެއްޔެވެ؟
"ފަހަރި ކައިރިއަށް....." ދެއަތް މައްޗަށް ނަގާ އަމާންދޭ ފަދައަކުން ދައްކާލަމުން ކިނާން އެއްލޯ މަރާލުމާއެކު އަނާލް އޮތް ދިމާލަށް ހިނގައިގަތެވެ. ދީމް ވެސް ފޯނާ ދިމާލަށް ބަލާލަމުން ދެފަރާތަށް ބޯ ހުރާލުމާއެކު ނުކުތެވެ. އެ ހޯލްވޭގެ ދެފަރާތުގައި ވެސް ވަނީ ޕްރައިވެޓް ރޫމްތަކެވެ. އެ ތަނަށް ވަންނަން ބިއްލޫރި ދޮރެއް އިންނަ އިރު ވަދެވެނީ ވަކި ހާއްސަ އެކްސެސް އެއް އޮންނަ މީހުންނަށެވެ. އަނެއްކޮޅުން ވިއައިޕީ މީހުންނަސް ހާއްސަ ވޯޑަކަށް ވުމާއެކު ސެކިއުރިޓީވެސް ވަރުގަދައެވެ.
ހޯލްވޭ ނިމޭހިސާބުގައި ހުރި ކުޑަދޮރު ހުރީ ހުޅުވާފައެވެ. ދީމް އެ ދިމާލަށް ޖެހިލިއެވެ. އަދި ފޯނުން އިރުކޮޅަކު ވާހަކަދައްކަން މަޑުކޮށްލީ ކޮލެޖް ކުއްޖަކު ގުޅާފައި އެސައިންމެންޓާ ބެހޭގޮތުން ވާހަކަ ދައްކާތީއެވެ. ފޯނުގައި ހުރެފައި އޭނާ ފަހަތަށް އެނބުރުނީ ފަހަތުގައި މީހަކު ހުންނާނެ ކަމަކަށް ނޫނެވެ.
އެހެންނަމަވެސް އެނބުރުމާއެކު އަނެއްކާވެސް ދީމް ލައްވީ ކިނާންގެ މޭގައެވެ. ދަތްތަކަށް ބާރުކޮށްލުމާއެކު ދީމް ވާހަކަ ދެއްކިއެވެ.
"ކިހާ ދެރަކަމެއް.... ކީއްވެތަ އަހަރެން ފަހަތުން ތިއުޅެނީ" ދީމްއަށް ބާރަށް ބުނެވުނެވެ.
"ޝްޝްޝް" ކިނާން ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން ބުނެލީ އެ ހަމަހިމޭން މާހައުލަށް އިޝާރާތް ކޮށްލަމުންނެވެ.
ފުންނޭވާ އެއްދޫކޮށްލުމާއެކު ދީމް ކިނާން ފަސްދީ ދާން ހިނގައިގަތުމާއެކު ކިނާންގެ ތުންފަތުގައި ލާނެތް ހިނިތުންވުމެއް ދުވެލިއެވެ. އޭނާ ކުއްލިއަކަށް ދީމްގެ އަތުގައި ހިފާ ދަމާލުމާއެކު ދީމް އައިސް ޖެހުނީ ކިނާންގެ މޭމަތީގައެވެ. އެވަގުތު ކިނާންގެ ގަމީހުގައި ހިފާފައި ހުރި ސެންޓްގެ ވަސް ދީމްގެ ނޭފަތުގައި ޖެހުމާއެކު އޭނާއަށް ނޭފަތް ދަމާލެވުނީ އަމިއްލަ އިޙްތިޔާރުން ބޭރުގައެވެ. ކިނާންއަށް މިކަން ފާހަގަކުރެވުމާއެކު އޭނާގެ ތުންފަތް މައްޗަށް ކާމިޔާބުގެ ހިނިތުންވުމެއް ވެރިވިއެވެ.
"ވަރަށް ލޯބި އިނގޭ މިއަދު" ކިނާން ދީމްގެ ކަންފަތް ދޮށުގައި ބުނެލުމާއެކު ދީމްއަށް ސިހިފައި ކިނާން ކޮށްޕާލެވުނެވެ. ކިނާންގެ އެ އަމަލުން އޭނާ ހުރީ ހަރަކާތެއް ކުރަން ނޭނގިފައެވެ. ހަމަ ބިމަށް އާދެވުމާއެކު އޭނާއަށް ދުއްވައިގަނެވުނެވެ. އެ ދިޔަ ބާރުމިނުގައި ގޮސް އޭނާ ވަނީ އަނާލް އޮތް ރޫމަށެވެ.
ކިނާން ބޯ ކަހާލަމުން ދީމް ދިޔަ ދިމާލަށް ބަލަން ހުރިއިރު އޭނާގެ ތުންފަތް މަތީގައި އޭރުވެސް ނުފިލާ ހިނިތުންވުމެއް ދުވެލަ ދުވެލާ ހުއްޓެވެ. ދީމް ފެނުމުން އޭނާގެ ހިތަށް ވަނީ ބަޔާން ކުރަން ދަތި ގޮތްތަކެކެވެ. ދީމްއާ މެދު އެހިތުގައި ވަނީ ބާރުގަދަ އިޙްސާސްތަކެކެވެ. އޭނާ ވެސް ގޮސް އަނާލް އޮތް ރޫމަށް ވަނެވެ. އެކަކަށް ވެސް ނޭނގޭނޭ ގޮތަށް ދީމްއަށް ބަލާލާ އެއްލޯ މަރާލަމުން އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
"ކިހާ ދެރަކަމެއް މީ ހުވާ... " ދީމްއަށް ހުއްޓެވުނީ އެތަނުގައި ތިބި އެންމެން އޭނާއަށް ބަލަން ފެށީމައެވެ. ހިތުގައި އޮތް ބަސްތައް ދުލުން ބޭރުކޮށްލެވުނުކަން ރޭކާލުމާއެކު އޭނާގެ އަނގަ ސަކަރާތް ވިއެވެ.
"ކިހިނެތްވީ ދީމް؟" އަފާޒު ސުވާލުކޮށްލިއެވެ. ދީމްއަށް ބުނާނެއެއްޗެއް ނޭނގުނެވެ.
ކީކުރާނީ، މީހެއްގެ ސަމާލުކަން ހޯދަން ކުރެވުނުހާ ކަމެއްކުރާނެ، ޑްރާމާ ކުއީން" ޝަފޫން ބަހުގެ ހަމަލާއެއް ދީމްއަށް އެއްލިއެވެ. ދީމް އިސްޖަހާލިއެވެ. ކުރެވުނު ކަމަކުންނާއި މަންމަގެ އެ ބަސްތަކުން އޭނާގެ ހިތަށް ތަދުވިއެވެ. މަޑުމަޑުން ގޮސް އޭނާ ދޮރުން ބޭރަށް ނުކުތެވެ. ކިނާންވެސް އޭނާ ދީމްއާ ސަމާސާ އެއްކޮއްލީ ކަމަށާއި ދީމް އެގޮތަށް އަމަލް ކުރީ އޭނާގެ ސަބަބުން ކަމަށް ބުނެ ނުކުތީ ދީމްގެ ފަރާތުން މާފަށް އެދުމަށެވެ. ދީމްއާ ދިމާލަށް އެއްވެސް މީހަކު އެއްޗެއް ބުނުމަކީ އޭނާގެ ބަސްނާހާ ހިތް ރުހޭ ކަމެއްނޫނެވެ. ދީމް ދެރަވުމުގެ އަސްލު ސަބަބަކީ އޭނާކަން ޤަބޫލް ކުރެވުމާއެކު ބޭނުންވީ މާފަށް އެދޭށެވެ.
ދީމް ކޮޓަރިން ނުކުމެ ފާރުގައި ލެނގިލިއެވެ. ވެފައި ހުރި ދެރައާއި އެއްވަރަށް އޭނާ ހުރީ ކިނާންދެކެ ރުޅިވެސް އައިސްފައެވެ. ދެބުމަ ގޮށްޖެހިފައި ވީއިރުވެސް އެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.
"ސޮރީ" ކިނާންގެ އަޑު ޖެހުމާއެކު ދީމް ކިނާންއަށް ބަލާލިއެވެ.
"އަހަރެން ހީނުކުރަން ދީމްއަށް ތިހާ ނުތަނަވަސްކަން ލިބޭނަކަމަށް. އަދިވެސް އެއްފަހަރު މާފަށް އެދެން" ކިނާން ދެންވެސް ވާހަކަ ދެއްކީ ދީމް އެއްޗެކޭ ނުބުނުމުންނެވެ.
"ހަމަ މިހާރުދޭ އަހަރެން ނޫޅެން ކޮންމެހެން ވާހަކަ ދައްކާކަށް" ކިނާންއަށް ބަލާލަމުން ދީމް ނުރުހުންތެރިކަމާއެކު ބުނެލިއެވެ.
"މާފުކުރީމަ ނޫނީ ނުދާނަން" ކިނާންއާ ހެދި ދީމް ބޮލަށް އުނދަގޫވެގެން އެންމެފަހުން މާފުކޮށްފީމޭ ބުނެލީ ކިނާން ފޮނުވާލުމަށެވެ. އޭނާގެ މާޔޫސީ ހަޔާތުގެ ކުލަވަރުތައް ކިނާންއަށް ފެންނާކަށް އޭނާ ނޭދެއެވެ.
ޝާހީން ވެސް ނުކުތީ ފޯން ކޯލެއް އައުމާއެކު ދާން ޖެހުމުންނެވެ. ކާރޑިއޯ ޑިޕާރޓްމެންޓާ އަރާ ހަމަވީތަނާ އޭނާގެ ނަމުން އަންހެން ކުއްޖަކު ގޮވާލުމާއެކު ހުއްޓި އެއްފަރާތަކަށް ބަލާލިއެވެ.
ފައިލެއް ހިފައްޓައިގެން ހުރެ އެދިމާލަށް އަންނަމުންދިޔަ އަންހެން ކުއްޖާ ހުރީ ޑޮކްޓަރު ކޯޓް ގައެވެ. އެ އަންހެން ކުއްޖާ ފެނުމާއެކު އެ ތުންފަތް މަތީގައި ހިނިތުންވުމެއް ދުވެލިއެވެ.
"އެޗް.އޯ.ޑީ ގުޅައިގެންތަ ތިއައީ؟" ދާރިޔާ ހިނިތުންވެލަމުން ސުވާލުކޮށްލިއެވެ. އެއާއެކު ޝާހީން ބޯ ޖަހާލިއެވެ.
"ކޭސް އަކާ ބެހޭގޮތުން ޑިސްކަސް ކުރަން ވެގެން ހެންހީވަނީ. ހިނގާ ދަމާ"
ދާރިޔާ ފަހަތުން ޝާހީން ވެސް ހިނގައިގަތެވެ. އެ ދެމީހުން ގޮސް ވަނީ ތަނުގެ ހެޑްގެ ޑިޕާރޓްމެންޓަށެވެ. މިވީ ދުވަސްތަކުގައި ދާރިޔާއާއި ޝާހީންއާއި ދެމެދު ވެސް ވަނީ ފުދޭވަރަކަށް ގުޅުން ބަދަހިވެފައެވެ. މުޅި ހިތުގެ ޑިޕާރޓްމެންޓުގައި ވެސް ޝާހީން އާއި ދާރިޔާއަކީ ފާހަގަ ކޮށްލެވޭ ދެ ޑޮކްޓަރުންނެވެ. ދެމީހުންގެ ހިތްހެޔޮކަމާއި އޯގާތެރިކަމުން ބަލިމީހުންގެ ލޯބި ވެސް އެދެމީހުންނަށް އެންމެ ފުރިހަމަ ގޮތުގައި ލިބެއެވެ.
*****
"ހިނގާ ދަމާ ދެން، މާދަން އަންނާނަން އިނގޭ ނާލް! އިންޝާ ﷲ" ފަހީމްއާ އެކު އަކްނިޒާ އަނާލްގެ ގާތަށް ޖެހިލަމުން ވާހަކަ ދެއްކިއެވެ. އަނާލް ވަރު ދެރަކޮށް ބޯ ޖަހާލާ ހިނިތުންވާން މަސައްކަތް ކުރިއެވެ. އެމީހުން ދިޔަތާ މާގިނައިރެއްނުވެ ދީމް ވެސް ކޮލެޖް ކަމެއްގައި ދާން ޖެހުނެވެ. އަފާޒުއާއި ޝަފޫން ވެސް އެމީހުންގެ އިތުރު ރައްޓެއްސެއް ބާއްވާފައި އޮތުމުން ގޮވާލާފައި ގެއަށް ދިޔައީއެވެ. ރަކީން އާއި ޖިދާވެސް ދިޔައީ އިރުއޮއްސުނު ފަހުން މާދަން އަންނާނަމޭ ބުނަމުންނެވެ.
މިހާރު އެ ކޮޓަރި ތެރޭގައި ތިބީ އައްމާރު އާއި މަޒާޔާގެ އިތުރުން އިޒިއަން އެވެ. އަނާލްއަށް އޮތީ ނިދިފައެވެ.
"ބައްޕަމެން މިރޭ ގެއަށް ދުރުވަން ވީނު، މިރޭ އަޅުގަނޑު މަޑުކޮށްލަފާނަން... މާދަން ރެސްޓް ކޮށްލާފަ އޭރުން އާދެވޭނެއެއްނު!..." އިޒިއަން ސޯފާގައި އިން އައްމާރުއަށް އެއްފަހަރު ބަލާލަމުން އަނެއްފަހަރު އަނާލްގެ ގާތުގައި ހުރި ގޮނޑީގައި އިން މަޒާޔާއަށް ނަޒަރު ހުއްޓާލިއެވެ.
އިޒިއަންގެ އެ ހިޔާލާ އައްމާރު އަދި މަޒާޔާވެސް ދެކޮޅެއް ނުހެދިއެވެ. ޑޮކްޓަރުންވެސް އޮތީ މިހާރު އަނާލް ހަމައަކަށް އެޅިއްޖެކަމަށް ބުނެފައެވެ. ރަމްޔާވެސް ގާތުން އަނާލްގެ ހަބަރު ބަލާނެތީ އައްމާރުގެ އެ ހިންހަމަ ޖެހުން ވެސް އެބައޮތެވެ. އަނެއްކޮޅުން އިޒިއަން އަނާލްގެ ގާތުގައި އެއްވެސް ފޫހިކަމެއްނެތި ހުންނާނޭކަން ވެސް މިވީ ތިން ދުވަސް ތެރޭގައި އައްމާރުއަށް ވަނީ ވަރަށް ރަނގަޅަށް ޔަޤީންވެފައެވެ. އެހެންކަމުން އަނާލް އިޒިއަންގެ އަތް މައްޗަށް ދޫކޮށްލަން އައްމާރު އެއްވަރަކަށް ވެސް ފަހެއްނުޖެހެއެވެ. އަނާލްއަށް މިދިމާވި ހާދިސާގެފަހުން އިޒިއަންއާ މެދު އޭނާއަށް ކުރެވޭ އިތުބާރު ވަނީ ދެގުނަ ވެގެން ގޮހެވެ.
*****
ދަންވަމުން ދިޔަ ވަރަކަށް އިޒިއަންގެ ބޮލަށް ވެސް ނިދި ސަވާރުވާން ފަށައިފިއެވެ. މި ތިން ދުވަހު ހާސްކަމުގައި އުޅެން ޖެހުމުން އޭނާއަށް ވެސް ނިދުނީކީ ނޫނެވެ. ހައްޓަށް ކުޑަނަމަވެސް ލުޔެއް ލިބުނީ އަދި މިއަދުއެވެ. އެހެންނަމަވެސް ސިކުނޑީގެ ވަރުބަލިކަމަށް އަދިވެސް އެއްވެސް އަސަރެއްނުކުރާފަދައެވެ. ސިކުނޑިއަށް ލިބިފައިވާ އުދާސްކަމަށް އަދިވެސް ލުޔެއް ނުލިބެއެވެ. އަނާލްއަށް ބަލާލަމުން އިޒިއަން އަނާލްގެ އަތުގައި ހިފާލައިގެންއިން އޭނާގެ އަތުގައި ބޯ ގެނެސް ޖައްސާލިއެވެ. އެއާއެކު އޭނާއަށް ރޮވުނީ އެއްވެސް އިޚްތިޔާރެއްނެތިއެވެ. ތަކުރާރުކޮށް އަނާލްގެ ކިބައިން މާފަށް އެދެމުން ދިޔައެވެ. އިސާހިތަކު އޭނާއަށް ވެސް ނިދިއްޖެއެވެ.
ހެނދުނު އަނާލްއަށް ސައިދީ ހަދާފައި އިޒިއަން ގޮނޑީގައި ޖައްސާލިއެވެ. އޭނާ އަނާލްއަށް ބަލާލުމާއެކު އަނާލް ހިނިތުންވެލިއެވެ.
އަނާލްގެ ތުންފަތް މަތީގައިވި ލުއި ހިނިތުންވުން އިޒިއަންގެ ހިތަށް ފިނިކަން ގެނެސްދީފިއެވެ. އޭނާވެސް ލުއި ހިނިތުންވުމެއް އަނާލްއަށް ބައްދަލުކޮށްލިއެވެ. އަނާލްގެ މޫނުމަތިން ވަރުބަލިކަން ފެނުނަސް އޭނާއަށް އެ މޫނުމަތިން މާޔޫސްކަމުގެ އެއްވެސް ކުލަވަރެއްނުފެނެއެވެ. ހާސްކަމާއި ބިރުވެރިކަމުގައި ހޭދަވި ދުވަސްތަކަށް ފަހު އަނާލްގެ އެ ހިނިތުންވުމުގެ ސަބަބުން އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިގެން ހިނގައްޖެއެވެ. އެ ހަށިގަނޑުގައި އުފެދިފައިވާ ތޫފާނުގައި ބިންދަމުން ދިޔަރާޅުތައް ކޮންމެވެސް ވަރަކަށް ކުޑަވި ފަދައެވެ. އުދާސްކަމުގެ ކަރުނައިން ފޯކުރަމުންދިޔަ އޭނާގެ ހިތަށް ކޮންމެވެސް ކަހަލަ ލުޔެއް ލިބުނުފަދައެވެ.
އިޒިއަންއަށް ކަޅި ޖަހާ ނުލާ ބަލަން އިންއިރު އަނާލްގެ މޫނުމަތީގައިވެސް ވަނީ ބުނެދޭން ނޭނގޭ ފަދަ އުޖާލާކަމެކެވެ. އަނދިރިކަމުގެ ހާއްޔެއްގައި ބަނދެވިފައިވާ އަނާލްއަށް އަލިކަމުގެ މަލަމަތި ފެންނަން ފެށިފަދަ އިޙްސާސްއެއް ކުރެވެން ފަށައިފިއެވެ. ބަރުބާދުވެފައިވާ އެހަޔާތް އާބާދުވާން ފެށި ކުލަވަރުތައް އޭނާގެ ވަށައިގެން ފެންނަން ފަށައިފިއެވެ. ޔުމާންގެ ސަބަބުން އެ ހިތުގައި ލެވުނު ޒަޚަމްތަކުގައި ގަނޑުފެން އަޅާދީ މަލަން އަޅާ އެ ޒަޚަމްތައް ފޮރުވާލަދީފިއެވެ.
އެދުވަހު އަނާލް ގެއަށް ދޫކޮށްލެވުނީ ދީމް ވެސް ހޮސްޕިޓަލްގައި ހުއްޓައެވެ. އޭނާ ވެސް ދިޔައީ އަނާލް މެންނާ އެކީގައެވެ.
ގެއަތް ވަތް ދީމްގެ ލޮލުގައި އެ ދިމާލަށް އައި ކިނާން އަޅައިގަތެވެ. އޭނާ ލޯ އަޅައިގަތުމާއެކު ކިނާން މަޖާވެލާފައި އެއްލޯ މަރާލާ ބުމަ އަރުވާލި ގޮތުން ދީމް ގާތަށް ހައްތަހާ ރުޅި އަންނަ ގޮތް ވީއެވެ. އަނާލް ގޮނޑީގައި އިނދެ ދުއްވަމުން ދިޔައިރު ދީމް ދިޔައީ އަނާލްއަށް ވުރެ ތަންކޮޅެއް ފަހަތުން ލިފްޓާ ދިމާލަށެވެ.
"ރުޅިއައިމަ އަދި މާ ރީތި އިނގޭ..." ދަމުން ދަމުން ދީމްގެ ކަންފަތާ ކައިރިވެލާފައި ކިނާން ބުނެލިއެވެ.
"ވަޓް އާރ ޔޫ...." ދީމްއަށް ހުރެވުނުތަން ވިސްނާނުލާ ބާރަށް ބުނެވުނެވެ. ހުއްޓާލަން މަޖުބުރުވީ އަނާލްއާއި އިޒިއަންގެ އިތުރުން ތަންކޮޅެއް ދުރުގައި ހުރި އަކްނިޒާވެސް ދީމް އާއި ދިމާލަށް ބަލަން ފެށުމުންނެވެ. ލަދުން މަރުވާވަރުވި ސިކުންތުކޮޅެކެވެ. އިސްޖަހާލި ދީމްއަށް ބަލަންހުރި އިޒިއަން ކިނާންއަށް ބަލާލާ ލޯ އަޅާލިއެވެ. ކިނާން ލާނެއް ހިނިތުންވުމަކާއެކު މަޑުކޮށްލައިގެން ހުއްޓެވެ.
އަނާލް ގޮނޑި ދުއްވާލުމާއެކު ދީމް ހިނގައިގަތީ އަދިވެސް އެއްފަހަރު ކިނާންއާ ދިމާލަށް ލޯ އަޅައިލުމަށް ފަހުއެވެ.
އެދުވަހު އެގޭގައި އުޅުނުއިރު ކިނާންގެ އެކިއެކި ކުދި ގޯނާ ތަކާ ކުރިމަތިލާން ދީމްއަށް ޖެހުނެވެ. ދީމްގެ ހުންނަ މިޒާޖުން ކިނާންއަށް މަޖާވަނީއެވެ.
ކިނާން ކިތަންމެ ދީމްއަށް ޖެއްސުން ކުރިނަމަވެސް އޭނާގެ ހިތުގައި ވަނީއެހެން އެއްޗެކެވެ. އެ ހިތުގައި ދީމްއަށް ޓަކައި އާ ވިންދެއް ހޭލައްވާލައިފިއެވެ. އެ މޭތެރޭގައި ތެޅެމުން ދިޔަ ހިތުގެ ހިނގުމަށް ބަދަލް ގެނެވުނު ހަމައެކަނި ފަރާތަކީ ދީމްއެވެ. އެހެންއެއްވެސް އަންހެން ކުއްޖަކަށް މިވީ ހާ ދުވަހު އަދި އޭނާގެ ހިތާ ކުޅެލުމުގައި ކާމިޔަބު ހޯދިފައެއް ނެތެވެ. ކިނާންގެ ތުންފަތް މަތީގައި ވަނީ މައުނަވީ ހިނިތުންވުމެކެވެ. ކޮންމެގޮތެއް ހަދާފައިވެސް އޭނާ ދީމްގެ ހަޔާތަށް އަންނަން ބޭނުމެވެ. ދީމް އަކީ ސިއްރުތަކުން ފުރިފައިވާ އަންހެން ކުއްޖެއްކަން އޭނާއަށް އެނގެއެވެ. ދީމްގެ މަންމަ ދީމް ދެކެ އެހާ ރުޅިއަންނަންވީ ސަބަބަބީ ކޮބައި ހެއްޔެވެ؟ މިހުރިހާ ސުވާލުތަކެއްގެ ޖަވާބު ކިނާން ބޭނުމެވެ. ޝަފޫން ފެންނަ ކޮންމެ ފަހަރަކު ދީމްގެ މޫނުގެ ކުލަ އޮއްސިގެންދާ ގޮތުން އޭނާގެ ހިތަށް ވެސް އެނގުން ވެގެން ދެއެވެ.
އެ ކުއްޖާ ތަހައްމަލް ކުރަމުން އެދަނީ ކޮންފަދަ ވޭނެއް ހެއްޔެވެ؟ ދީމްއާއި ބަލާފައި އޭނާއަކީ ހާދަ ނަސީބު ގަދަ ކުއްޖެކެވެ. އަމިއްލަ މަންމައާއި ބައްޕް ނެތް އިރުވެސް އަކްނިޒާ އާއި ފަހިމް އަދި އެ އާއިލާގެ ފަރާތުން އޭނާއަށް ލިބޭ ލޯބީގެ ސަބަބުން ހަގީގީ މަންމައާއި ބައްޕަ ނެތް އިޙްސާސް ނުކުރެވެއެވެ. އެ ދެމީހުން ނަކީ ކޮންތާކު އުޅޭ ކިހިނެތް ތިބޭ ބައެއްކަން ވެސްކިނާން އަކަށް ނޭގެއެވެ.
ރޭގަނޑުގެ ވަގުތެވެ. އިޒިއަންގެ އެދުމާ ދެކޮޅު ނުހެދުމުގެ ގޮތުން ދީމް މިރޭވެސް ގެއަށް ދާންޖެހުނީ ކިނާން އާއެކުގައެވެ. ކުރީ ރެއާ ހިލާފަށް ދީމް މިރޭ ޝަކުވާ ކުރާކަށް ބޭނުމެއްނުވިއެވެ. އެހެންކަމުން މަޑުކުރުމެއްނެތި އޭނާ ގޮސް ކާރަށް އަރައިފިއެވެ. ދީމްގެ ބަސް މަދު ކަމުން ކިނާންގެ ހިތަށް އުނދަގުލެއް ވިއެވެ. އެހެންނަމަވެސް އިތުރު އެއްޗެއް ނުބުނެ އޭނާ ކާރު ދުއްވާލައިފިއެވެ.
"ހާދަ ބަސް މަދު ކުއްޖެކޭ ދޯ" ކިނާންއަށް މަޑުން އިނދެވުނީ ވަކި ހިސާބަކަށް ދެވެންދެނެވެ. ދީމް އިނީ ލޯ ގަނޑުން ބޭރު ބަލަހައްޓައިގެން ހިޔާލަކަށް ގެއްލިފައެވެ. އެހެންކަމުން އޭނާއަށް ކިނާން ބުނި އެއްޗެއް އަޑެއް ނީވުނެވެ. ކިނާން ކުޑަކޮށް ގުދުވެލާ ދީމްގެ މޫނަށް ބަލާލީ ޓްރެފިކްގައި ޖެހުނު ގަޑީގައެވެ. ދީމް އެދަނީ ވަރަށް ބޮޑު ކަމާ ވިސްނަމުންކަން އެ މޫނުމަތިން ދޭހަވެއެވެ. އެ ކަމުން ކިނާންގެ ހިތަށް އުނދަގޫތަކެއް ވިއެވެ. އޭނާ މަޑުމަޑުން ދީމްގެ އަތުގައި އަތް ޖައްސާލިއެވެ. އެއާއެކު ދީމް ސިހިފައި ކިނާން އާއި ދިމާލަށް ބަލާލިއެވެ. ކިނާންގެ މެއަށް ފެން އެއްޗެއް އޮއްސާލެވުނު ފަދައެވެ.
ދީމްގެ ލޮލުން ކަރުނަ އަންނަން ފެށުމާއެކު އޭނާއަށް ދީމްގެ އަތަށް ބާރުކޮށްލެވުނެވެ. ދީމްއަށް ވީގޮތް ނޭނގި ކިނާން ވަނީ ކަންބޮޑުވެފައެވެ. އޭނާ ދީމްގެ ކޯތާފަތުގައި އަތް ޖައްސާލިއެވެ. އަދި އޯގާތެރިކަމާއެކު ކަރުނަތައް ފުހެލަމުން ދެފަރާތަށް ބޯ ހުރާލީ ނުރޯށޭ ބުނާ ފަދައަކުންނެވެ.
"ކިހިނެތްވީ ދީމް؟ އަހަރެންނާ އެކު ގެއަށް ދާން ބޭނުން ނުވަންޏާ ޓެކްސީއަކަށް ގުޅައިދެންތަ؟ އަހަރެންގެ ފަރާތުން ދީމް ދެރަވާކަހަލަ ކަމެއް ކުރެވިފައި ވާނަމަ މާފަށް އެދެން... އެއްގޮތަކަށް ވެސް ދީމް ދެރަކުރާކަށް ނޫން އަހަރެން ދީމް ގޮވައިގެން ގެއަށް ދާން އުޅެނީ، ދީމް އެކަނި ފޮނުވަން މިހިތް ޤަބޫލް ނުވާތީ، ދީމްގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް.... ދީމްއަށް ކަމެއް ވާކަށް ދުވަހަކުވެސް އަހަރެން ނޭދެން އައި އެމް ސޮރީ" ކިނާންއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުމާއެކު މާފަށް އެދެވުނީ ދީމްގެ ކަރުނަތަށް ފުހެދެމުންނެވެ.
ދީމް ދެފަރާތަށް ބޯ ހޫރާލީ އެއީ ކިނާންގެ ސަބަބުން ވީ ކަމެއް ނޫނޭ ބުނާފަދައަކުންނެވެ.
"ކިނާންގެ ސަބަބުންނެއް ނޫން" ދީމް ބުނެލިއެވެ.
"ދެން ކީއްވެ؟" ކިނާން ސަބަބު އެނގެން ބޭނުންވިއެވެ. އެކަމަކު ދީމް އިތުރަށް އެއްޗެއް ބުނާކަށް ބޭނުމެއް ނުވިއެވެ. ދީމް ދައްކަން ބޭނުންނުވާ ވާހަކައެއް އޭނާ ދެއްކުމުގެ މާނައެއް ނެތުމާއެކު ކިނާން ވެސް އެ ވާހަކަ އޮއްބާލަމުން ހިންދެމިލިއެވެ. ފަހަތުން އިވުނު ބަރުގޮނުގެ އަޑާއެކު ދެމީހުންނަށް ވެސް ހަމަ ބިމަށް އާދެވުނު ފަދައެވެ. ބޯ ކަހާލަމުން އަނގަޔަށް ފޫހިވައްތަރެއްޖައްސާލަމުން ކިނާން ވާހަކަ ދެއްކިއެވެ.
"ހޫން... އެންމެ ރޮމޭންޓިކް ވާ ގަޑީގަ މި މީހުންނަށް ވެސް އެނގޭނީ"
"އެކްސް ކިޔުޒް މީ" ކަރުނައިގެ ތެރެއިން ވެސް ދީމްއަށް ކިނާން ބުނި އެއްޗެއްގެ ސަބަބުން ދެ ބުމަ ގޮށްޖަހާލެވުނެވެ.
"އެއްޗެކޭ ނޫން" ކިނާން ދީމްއަށް ބަލާލާ އެއްލޯ މަރާލިއެވެ.
"އެއްޗެކޭ ނޫނޭ، އެހެންތަ... ހުރެބަލަ ނިކަން" ދީމް ކިނާންގެ ބޮލުގައި އަތުން ޖަހާލިއެވެ.
"އޭތް ދީމް! އައްދޯތް... ތަދުވެއްޖޭ، ދުއްވަނީ އޭ މީ" ދެވަނަ ފަހަރަށް ދީމް ޖަހަން އަތް މަޅާލުމާއެކު ލޮލުން މަގަށް އިޝާރާތް ކޮށްލަމުން ކިނާން ބުނެލިއެވެ. ދެފަރާތަށް ބޯ ހޫރާލަމުން އޭނާ ބާރަށް ހީގަތެވެ.
"ބޯ ގޯސް" ދީމް ކިނާންއަށް ބަލާލަމުން ބުނެލިއެވެ.
"އަދި އެއްފަހަރު ބުނެބަލަ" ކުއްލިއަކަށް ކާރު ގެ ބުރަކި ޖައްސާލުމާއެކު ކިނާން ދީމްއަށް ނަޒަރު ހުއްޓާލިއެވެ.
"އާއްޗާ، ބޯ ގޯހޭ ދޯ ބުނީ... ހިނގާ ދޯ މިފަހަރު ބޯ ގޯސް ކަމެއް ކޮށްލަން" ކިނާން ލާނެއް ހީލުމަކާއެކު އެހެން ބުނެލިއިރު އޭނާގެ ހިތުގައިވި އެއްޗެއް ދެނެގަންނަން ދީމް ނުކުޅެދުނެވެ.