އަނާލް މަސައްކަތްތައް ނިންމާލުމަށްފަހު އަވަހަށް އޮފީހުން ނުކުތީ ކަމަކު ލޯޔަރާ މަޝްވަރާ ކުރުމަށް މިއަދު ދާން ޖެހޭތީއެވެ. އަވަސްއަވަހަށް ފައިލް ހިފައިގެން އޭނާ ގޮނޑި ދުއްވާލާ ކެބިންއިން ނުކުތެވެ. ލިފްޓުން ތިރިއަށް ގޮސް މައި ދޮރުން ނުކުންނަން އުޅުނު އަނާލްއަށް އެރުނީ ސީދާ ޔުމާންގެ ކުރިމައްޗަށެވެ. މޫނުމައްޗަށް ހައިރާންކަން ވެރިވިނަމަވެސް އަނާލް އެ އަސަރުތައް ނިކަން އަވަހަށް ފޮރުވާލައިފިއެވެ. އެހެންނަމަވެސް ޔުމާންގެ ލޮލުން ފެނުނީ ތަފާތު ކުލަވަރެކެވެ.
އެކުލަވަރުތައް މާނަ ކުރާނެ ގޮތެއް އޭނާގެ ތޫނުފިލި ސިކުނޑިއަށް ނަގައިނުގަނެވި އުޅެނިކޮށް ޔުމާންގެ އަތުގައި ހިފާއިލައިގެން ހުރި ތުއްތު ކުއްޖާ އަނާލްގެ ލޮލުގައި އަޅައިގަތެވެ. އެ ކުއްޖާ ބޮޑަށް ވައްތަރީ ޔުމާންއާއެވެ. ދެވަނަ ވިސްނުމަކަށް ނުގޮސް އަނާލްއަށް އެއީ ޔުމާންގެ ދަރިފުޅުކަން ޔަޤީންވުމާއެކު އޭނާގެ މޫނުމަތިން ވެސް ތަފާތު އަސަރުތަކެއް ފެނިލިއެވެ. އެހެންނަމަވެސް އެއީ ޔުމާން ފެނުމުން އޭނާގެ ހިތުގައި އިޙްސާސްތަކެއް ހޭލައިވައިލައިގެން ފެނުނު ކުލަވަރެއްނޫނެވެ. އަނާލް ކުޑަކޮށް ހައިރާންވީއެވެ. މި އިމާރާތުގެ ތެރޭގައި ޔުމާން އޭނާގެ ދަރިފުޅާއެކު ހުރުމުން އަނާލްގެ ސިކުނޑީގައި ކޮންމެވެސް ކަހަލަ ސުވާލުތަކެއް ހިނގައި ގަތީއެވެ. ޔުމާން މި އިމާރާތުގެ ތެރެއަށް އަންނަންޖެހޭ ވަރުގެ ކަމެއް ދިމާވީހެއްޔެވެ؟ އެވެސް އޭނާގެ ދަރިފުޅު ގޮވައިގެންނެވެ. ޒަހްވާ ކޮބައިހެއްޔެވެ؟ ޔުމާންގެ ގައިގައި އައްޓަމަހެއްހެން ތައްލަވާފައި ހުންނަ ޒަހްވާ ނެތުމުންވެސް އަނާލްގެ ހިތުގައި ސުވާލުމާކުތަކެއް އުފެދިފައިވެއެވެ. އަނާލް ފެނި ޔުމާން ހިސާބަކަށް ޖެހިލުން ވާގޮތްވެސް ވިއެވެ. މޫނުމައްޗަށް އަރަމުންދިޔަ ކުލަވަރު ފޮރުވަން މަސައްކަތް ކުރިނަމަވެސް ޔުމާންއަށް އެކަން ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. އޭރު ދައުސް ހުއްޓާނުލާ ޔުމާން ކައިރީގައި ކޮންމެވެސް އެއްޗެއް ކިޔަމުން ދިޔައެވެ. އެ ލޯބި އަޑު އެހުމުގެ ބަދަލުގައި މިހާރު ޔުމާންގެ ހުރިހާ ސަމާލުކަމެއް ހުރީ އަނާލްއަށް ހުއްޓިފައެވެ. އަނާލްގެ މޫނުމަތިން ފެނުނު ހައިރާން ކަމުގެ ކުލަވަރުން އޭނާއަށް މާނަ ނަގަންވީ އެއްވެސް ގޮތެއް ނޭނގުނެވެ.
"ޑެޑީ، ހިނގާ ދާން" ދައުސް ޔުމާންގެ އަތަށް ދަމާލަމުން ބުނެލިއެވެ. އަނާލްއާ ދިމާލަށް ބަލަންހުރި ޔުމާންއަށް ސިހިފައި ދައުސްއަށް ބަލާލެވުނެވެ. ޔުމާންގެ މޫނަށް ބަލާލި އަނާލްއަށް އޭނާގެ މޫނުމަތިން އޭނާ އަނާލް އާއި ވާހަކަ ދައްކަން ބޭނުންވެފައި ހުރިކަން އަނާލްއަށް ދެނެގަނެވުނެވެ. ދެވަނަ ފަހަރަށް ގޮވާލުމާއެކު އަނާލްއަށް ބަލާލާ ދައުސް ހީލިގޮތުން އަނާލްއަށް ވެސް ހިނިތުންވާން މަޖުބޫރުކުރުވައިފިއެވެ.
"ހިނގާ ދާން ދޯ؟" އަނާލްއަށް ފަހު ފަހަރަށް ބަލާލުމަށް ފަހު އެނބުރި ދައުސްއަށް ބަލާލަމުން ޔުމާން ބުނެލިއެވެ. ދަމުން ޔުމާން ދިޔައީ އަނާލްއަށް ވެސް ހިނިތުންވުމެއް ހަދިޔާ ކޮށްލާފައެވެ. އަނާލްއަށް ކުރެވުނު ހާވެސް ކަމަކީ ބުމަ އަރުވާލުމެވެ. ޔުމާންގެ ފަރާތުން މި ފެނުނީ ދުވަހަކުވެސް އޭނާ އުންމީދު ކުރިފަދަ ސިފަތަކެއް ނޫނެވެ.
ޔުމާން ގޮސް ލޯ މަތިން ގެއްލެންދެން އަނާލްއަށް ބަލަން އިނދެވުނެވެ. ހައިރާންކަމާއި ސިހުން ކޮންމެވެސް ވަރަކަށް އޭރުވެސް އެމޫނުމަތީގައި ވެއެވެ. ޔުމާންގެ މޫނުމަތިން އޭނާއަށް ފެނުނު އަސަރުތަކުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކީ ކޮބައިހެއްޔެވެ؟ ޔުމާންގެ އެ ހިނިތުންވުމުގެ މާނަ އޭނަ ނަގާނީ ކިހިނަކުންހެއްޔެވެ؟ ދެފަރާތަށް ބޯ ހޫރާލަމުން އަނާލް ގޮނޑި ދުއްވާލީ ބޭކާރު ކަންތަކާ ވިސްނާ ބޯ ގޮއްވުމުގެ ބަދަލުގައި އޭނާ ދިރިއުޅުމައިގެން ކުރިއަށް ދިޔައިއްޔާ މާ ރަނގަޅުވާނޭ ހިތަށް އަރާ ހާލުގައެވެ.
*****
ކޮޓަރިތެރޭގައި ހުރި ކިންގްސައިޒް އެނދުގައި އޮށޯވެ ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮތް އިޒިއަންގެ ވިސްނުން އެކި ދިމަ ދިމާލަށް ދަތުރުކުރަމުން ދިޔައެވެ. ހަނދާންނަށް އަންނަން ފެށީ އަނާލްއާ ބައްދަލުކުރަން އޭނާ ގެންދެވުނު ދުވަސްތަކުން ދުވަހެއްގެ މަތިންނެވެ.
*****
އަނާލް އައުމާއެކު އިޒިއަން ބައްދަލުކުރަން ވެގެން އޭނާ އާއްމުކޮށް ގެންދާ ކޮޓަރިއަށް ގެންދެވުނެވެ. އަނާލް ފެންނާނެތީ ހިތުގައި އުފާވެރިކަން ވިނަމަވެސް ޖެހިލުންވުމާއި ކަންބޮޑުވުންވެސް އޭނާގެ ހިތުގައި ރަސްކަން ކުރަމުންދިޔައެވެ. އަނާލް ދުށުމަށް ބޭޤަރާރުވެފައި ވާވަރު އޭނާގެ މޫނުމަތިން ސާފުކޮށް ފެންނަމުންދެއެވެ. އަނާލް ވަދެގެން އަންނަން ފެށުމާއެކު އިޒިއަންއަށް ކަރުނަވީ ދެލޮލާއެކު ހިނިތުންވެވުނީ އަނާލް ހެޔޮހާލުގައި އޭނާގެ ކުރިމައްޗަށް އަނެއްކާވެސް އައީތީއެވެ. އެހެންފަހަރުތަކާ ތަފާތުކޮށް އަނާލްގެ ބަސްމަގު ހުންނާނޭކަމަށް އޭނާއަށް ކުރެވުނު އުންމީދާ ހުވަފެން ތަކަކީ ބިލާހެއްކަން އަނާލްގެ ހަރުކަށި އަޑުން ސާބިތުކޮށްދޭނޭކަން ނޭނގޭ ހާލު އިޒިއަންގެ ހިތުގައި އުންމީދުގެ ހުޅުކޮޅެއް ދިއްލިފައި ވިއެވެ.
"ކީއްވެ ތިހެނީ؟" ނުރުހުމާއި ރުޅިވެރިކަން އެކުލެވިގެންވީ އަޑަކުން އަނާލް ސުވާލުކުރުމުން އިޒިއަންގެ އިންމީދުގެއްލި ހިތުން އަނެއްކާވެސް ލޭ އޮހޮރުވާލައިފިއެވެ.
"ކަމެއްނުވޭ... ނާލް ފެނުނީމަ އުފާވީމަ" އިތުރަށް ބުނާނެ އެއްޗެއް ނޭނގި އިސްޖަހާލި އިޒިއަން ބުނެލިއެވެ. އެވަގުތު އޭނާގެ ހިތަށް އައި ހުރިހާއެއްޗެއް ދުލު ކުރިއަށް ގެންނާނޭ ހިތްވަރު އިޒިއަންގެ ނެތުމާއެކު އޭނާ އެވަރުން ފުއްދާލީއެވެ. އިތުރަށް އަނާލްއާ ދިމާލަށް ބަލާލައިފިނަމަ އޭނާގެ ލޮލުގެ ތެރެއަށް ޖަމާވެފައިވާ ކަރުނައިގެ މުތީތައް އެއްވެސް ހުރަހެއްނެތި ކޯތާފަތުން ތިރިއަށް ރޮނގުދެމިގެން ދާނޭ ކަމީ ޝައްކެތް އޮތް ކަމެއްނޫނެވެ. އިސްޖަހައިގެން އިންއިރު އޭނާގެ ނަޒަރު އަނާލްގެ ފަޔާ ދިމާލަށް ދަތުރުކޮށްލިއެވެ. ލޮލުގައި އަޅައިގަތް މަންޒަރުން އިޒިއަންގެ ހިތަށް އުފާވެރިކަން ގެނެސްދިނެވެ.
"އަލްޙަމްދު ﷲ" މާތް ﷲ އަށް ޙަމްދުކުރެވުމާއެކު އިޒިއަންއަށް ދެލޯ މަރާލެވުނެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އަނާލްގެ ފައިގެ އިނގިލިތައް ކޮންމެވެސް ވަރަކަށް ހަރަކާތް ކުރިތަކެވެ. އުފާވީ އެހެންވެއެވެ. ކަރުނަ އޮހޮރުނީ ވޭނާ ހިތްދަތިކަމާއި އުފާވެރިކަމާއި އެކުގައެވެ. އަނާލްއާ މެދު އޭނާއަށް އުންމީދެއްލިބުނެވެ. ވަގުތުން އަނާލްގެ ގައިގައި ބައްދާލަން ބޭނުންވިއެވެ. އަނާލްއަށް އެ ލިބުނު ކުރިއެރުމުގައި އަނާލްއާ އެކު ހިއްސާވާން ބޭނުމެވެ.
"ނާލް... ކޮންމެވެސް އެއްޗެކޭ ބުނެބަލަ" އެކަކު އަނެކަކާ އަނގައިން ނުބުނެ އިރުގަނޑެއްވީ ފަހުން އިޒިއަން އިސް އުފުލާލަމުން ވާހަކަ ދެއްކީ އޭނާއަށް އިތުރަށް ކެތް ނުކުރެވުމުންނެވެ. އަނާލް އޭނާގެ ކެތްތެރިކަން އިމްތިޙާން ކުރަނީހެއްޔެވެ؟ އެހެންނަމަވެސް ދެންވެސް އަނާލް އެއްޗެކޭ ބުނާ ޚިޔާލެއް ނުކުރެއެވެ. އިޒިއަންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އަނާލް އިނީއެވެ. އެމޫނުމަތިން އެއްވެސް އަސަރެއް ނުފެނުނެވެ. ހީވަނީ އިޙްސާސްތަކުގެ މަތީގައި ހަރުހިލަގަނޑެއް ބާއްވާ ގައިދު ކޮށްލާފައިވީހެންނެވެ.
"އަހަރެން އިތުރަށް ދެރަކުރަންތަ މިއަދުވެސް ނާލް ތިއައީ، އަހަރެންގެ އަތުގަ ނާލްއަށް ދޭނެ އެއްވެސް އެއްޗެއް ނެތް މިހާރު، އެމް.އެޗް.ޑީ.ސީ ވެސް އަނާލްއަށް އެކީ ދީފިން. ހަމައެކަނި އަނާލްއަކީ އަހަރެންގެ އަނބިމީހަކަން. އެކަމަކު އަނާލްއަށް ވެސް އެނގޭނެ އަހަރެމެން ދެމެދު އެކަހަލަ އެއްވެސް ގުޅުމެއް ނެތްކަން. ކޮންމެ ފަހަރަކު ތިހެން އަހަރެންނާ ބައްދަލުކުރަން އައިސް އަހަރެން ދެރަކޮށްލާފަ ދެވުމުން އަނާލްއަށް ކޮން ފައިދާއެއް ލިބެނީ؟ ހިތަށް ހަމަޖެހުން ލިބެނީތަ؟ އަހަރެންގެ ހިތަށް އަނިޔާ ދެވުމުން އަނާލްއަށް އުފަލެއް ލިބެނީތަ؟ ބުނެބަލަ. އަނާލް!" އިޒިއަން މަޑު މޮޅިއަޑަކުން ބުނެލިއެވެ. އެއާއެކު އަނާލް އެއްމިޔަކުން ހީލިއެވެ. އިޒިއަންގެ ވާހަކަތަކުން އަނާލްގެ ހިތަށް އެއްވެސް އަސަރެއް ނުކުރިއެވެ.
*****
އެ ދުވަހުގެ ހަނދާން އިޒިއަންއަށް ވުމާއެކު އޭނާގެ ތުންފަތަށް ބޭއިޙްތިޔާރުގައި ހިނިތުންވުމެއް ވެރިވިއެވެ. އަނާލް ކުރިއަށް ވުރެ ރަނގަޅުވެފައި މިހާރު ހުންނާނޭ ނަމައެވެ. އެއީ މިވަގުތު އޭނާއަށް ލިބޭނޭ އެއްމެ އުފާވެރި ހަބަރަށް ވާނެއެވެ. އަނާލްއާ ބައްދަލު ނުކޮށް އޭނާއަކަށް ދެން ކެތެއް ނުކުރެވޭނެއެވެ. އަނާލްއާ ބައްދަލުކުރަން އޭނާ ހާދަ ބޭނުމެވެ. ތުންފަތުގައިވި ހިނިތުންވުން ފަނޑުވީ އަނާލްގެ އަމަލުތައް ހުރި ގޮތުންނެވެ. އޭރުވެސް އޭނާއަށްޓަކައި އަނާލްގެ ހިތުގައިވި އިޙްސާސްތަކުގެ ކުލަވަރުތަކެއް އެ މޫނުމައްޗަކުން އިޒިއަން އަކަށް ނުފެނުނެވެ. އެހެންކަމަށް ވާނަމަ އަދި މިހާރު ވާނެ ވަރަކީ ކޮބައިހެއްޔެވެ؟ އަނާލްގެ ގެ ހިތުގައި އޭނާއަށްޓަކައިވި ނަފްރަތު އިތުރު ވާނެކަން އިޒިއަންއަށް ޔަޤީނެވެ. އިޒިއަން މާޔޫސްވާގޮތްވިއެވެ.
ފޯނުނަގާ އެއަށް ބަލަން އެތައް އިރަކު އިޒިއަން އިނެވެ. ކިނާން އަތުން ހޯދި ނަންބަރަށް ޑައިލް ކޮއްލަން ވީބާއޭ ނޫނީ އަދި މަޑުކޮށްލަންވީ ބާއޭ އިޒިއަން ހިތަށް އެރިއެވެ. އެތައް އިރަކު ވިސްނުމަށްފަހު އިޒިއަން ފޯން ޑައިލް ކޮށްލިއެވެ. މާލަސްތަކެއްނުވެ އެކޮޅުން 'އައްސަލާމު އަލައިކުމް' އޭ ބުނި އަޑު އިވިފައި އޭނާއަށް ބޭއިޙްތިޔާރުގައި މޭގައި އަތް އަޅާލެވުނެވެ. އެހާދުވަސްފަހުން އަނާލްގެ އަޑު އެ ކަންފަތުގައި ޖެހުމުން ވެސް އެހިތަށް އެނގުންވެލައިފިއެވެ. ހިތުގެ ތެޅުމަށް ތަފާތުކަމެއް އަތުވެއްޖެއެވެ. އަނާލްއަށް ގޮވާލަން އެ ހިތް އެދުނު ނަމަވެސް ދުލުގައި ވަނީ ތަޅެއް ލެވިފައެވެ. ބާރުގަދަ އަތަކުން އޭނާގެ ދުލުގައި ހިފާ ވާންކޮށްފައިވާ އިޙްސާސްއެއް ކުރެވުނެވެ.
"ހަލޯ. ހަލޯ" އަނާލް ދެފަހަރަކު ހަލޯ އޭ ކިޔާފައި ފޯން ބޭއްވުމުން އިޒިއަން މޭމަތީގައި ފޯން ބާއްވާލިއެވެ. އަނެއްކާވެސް ސީލިންގަށް ނަޒަރު ހުއްޓާލެވުނެވެ. އަނާލްއާ ފޯނުން ވާހަކަ ދައްކާލަން ނުކެރި އުޅޭއިރު އަދި އަނާލް ކުރިމައްޗަށް އަރާފައި އޭނާއަށް އިތުރު އެއްޗެއް ބުނަން ކެރޭނެހެއްޔެވެ؟ އޭނާ އެހާ ބަލިކަށިވީ ކޮން އިރަކުހެއްޔެވެ؟ އޭނާ އެހާ ބަލިކަށި ކޮށްލީ އަނާލްގެ ލޯބިހެއްޔެވެ؟
*****
ކިނާން އޮފީސް ނިންމާލާފައި ދާން ނުކުތް ތަނާ ދީމް ހޮސްޕިޓަލަށް އައިސް ވަންނަތަން ފެނުނެވެ. އެހެންނަމަވެސް ކިނާންގެ ގާތުން ލާފައި ދީމް ދިޔައީ އޭނާ އަކީ އެތަނުގައި ހުރި މީހެއްކަމަށް ވެސް ހަދާނުލައެވެ. އެކަމުން ކިނާންއަށް ހިސާބަކަށް އުނދަގޫވިއެވެ. އެހެންނަމަވެސް ހިތަށް ވިސްނައިދިނީ އޭނާއަށް އެ ހައްގެއް ނެތޭއަމިއްލަ ނަފްސަށް އަޑުއިވޭވަރަށް ބުނަމުންނެވެ. ހުދު އޭނާގެ ހިތަށް ވަމުންދިޔަ ގޮތްތައް ދީމްގެ ހިތަށްވެސް ވާނެޔޭ އޭނާގެ ހިތަށް އެރިއެވެ.
ވަކި ހިސާބަކުން ދީމްގެ ފިޔަވަޅުތައްވެސް މަޑުވިއެވެ. އެނބުރި ފަހަތް ބަލާލެވުނީ ކިނާން އޭނާއާއި ދިމާލަށް ބަލާލާނޭ ކަމުގެ އުންމީދުގައެވެ. އެހެންނަމަވެސް ކިނާންގެ މިސްރާބުހުރީ ކުރިއަށެވެ. އޭނާއަށް ކުރި އަސަރެއް ކިނާންއަށް ހަޤީގަތުގައިވެސް ނުކުރަނީހެއްޔެވެ؟ ކިނާން ފަސްދީ ދީމް އައި ވަގުތު އެ ހިތަށް ވީ ތަދާ އަސަރު ކިނާންއަށް ނުކުރަނީހެއްޔެވެ؟ މީ ކިހާ އަނިޔާވެރި ދުނިޔެއެއްހެއްޔެވެ؟ ކުޑައިރުއްސުރެ މަންމަގެ ލޯބިން އޭނާ ވަނީ މަޙްރޫމްވެފައެވެ. އެވަރަކުން ބައްޕަ ކިޔައިގެން އުޅުނީ ހަޤީގީ ބައްޕައަކަށް ނޫނެވެ. ލޯބި ވެވުނު މީހާވެސް ވަނީ އޭނާ އާއި ކިތަންމެ ގާތުގައި ނަމަވެސް އެތަސް ހާސް މޭލެއްގެ ދުރުގައެވެ. އަތްލެވޭހާ އެހެންނަމަވެސް އަތް ނުލެވޭހާ ދުރުގައެވެ.
ހޮސްޕިޓަލުގައި ސާރޖަރީހަދައިގެން އެޑްމިޓް ކޮށްފައި އޮތް އޭނާގެ ސްކޫލް އިރުގެ ރައްޓެހި ކުއްޖަކަށް ގޮވާލަން ގޮސްފައި ދީމްގެއަށް ގޮސް ސޯފާމައްޗަށް ވެއްޓިގަނެވުނެވެ. ފުންނޭވާއެއްލީ ހަށިގަނޑުގައި ހުރި އުދާސްކަމަށް ކުޑަވެސް ލުޔެއްލިބޭތޯއެވެ. ފޯނުން ކިނާންއާއި އޭނާއާއި ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯގަނޑަކަށް އެތައް އިރަކު ނަޒަރު ހުއްޓާލައިގެން ދީމް އިނެވެ.
ސޯފާއިން ތެދުވެ ދީމް ކޮޓަރިއަށް ދާން ހިނގައިގަތްއިރު އެ ދިމާލަށް ޝަފޫން އަންނަތަންފެނުނެވެ. އެހެންނަމަވެސް ޝަފޫންއާ ދިމާލަށް ބަލާލުމެއްނެތި ދީމް ހުރަސްކަނޑާލި ވަގުތު ޝަފޫންއަށް ފަސް އެނބުރި ބަލާލެވުނެވެ. މި ނޫނީ ދުވަހަކުވެސް ދީމް އޭނާގެ ގާތުން ދާއިރު ގޮވާނުލާ ނުދާނެއެވެ. ޝަފޫން އަޅާނުލިޔަސް ދީމް އަބަދުވެސް އޭނާއަށް ދޭންވާ އިޙްތިރާމާ ލޯބި ދެއެވެ.
ދީމް ގޮސް ކޮޓަރިއަށް ވަތްތަން ބަލަން ހުރެފައި ފުންނޭވާއެއް ޝަފޫން ލިއެވެ. އަދި ދެފަރާތަށް ބޯ ހޫރާލަމުން އޭނާ ދެލޯ މަރާލިއެވެ. އެހެން ފަހަރުތަކެކޭ ހިލާފަށް ދީމް އެއްވެސް އެއްޗެއް ނުބުނެ ދިޔުމުންވެސް އޭނާގެ ހިތަށް އުނދަގޫވިއެވެ. ދީމް ބަލާނުލުމުން ދެބުމަ އަރުވާލެވުނީ އެހެންވެއެވެ. ހީވާހަކަލައެވެ. ޝަފޫން ބޭނުންވަނީ ދީމްގެ ފަރާތުން އާދޭސް ކުރުމެވެ.
*****
އޭގެ އަނެއްދުވަހުގެ ހެނދުނުގެ ވަގުތެވެ. އިޒިއަން ތެދުވެ އޮމްލެޓަކާއި ކޮފީއަކާ އެއްޗެއް ހަދައިލައިގެން ސައިބޮއި ނުމުނުތަނާ ގޭގެ ބެލް އަޅާލި އަޑު އިވުނެވެ. ކޮފީތަށި ބަހައްޓާފައި އިޒިއަން ތެދުވިއެވެ.ގޮސް ދޮރުހުޅުވާލިއިރު ގޭގެ ދޮރުމަތީގައި ހުރީ ކިނާންއެވެ. މިގަޑީގައި ކިނާން ފެނުމުން ހައިރާން ކަމާއެކު އިޒިއަން އަށް ސުވާލުކޮށްލެވުނެވެ.
"ޑިއުޓީއަށް ނުދަނީތަ ނާނު؟" އިޒިއަން އަހާލިއެވެ.
ހޫމް، ވަރަށް ބޮޑަށް ބޮލުގަ ރިއްސާތީ." ކިނާން އައިސް ސޯފާއަށް ވެއްޓިގަތެވެ. ކުރިން ދުވަހު ދީމް އޭނާއާއި ހިއްސާކުރި ވާހަކަތަކާ ހެދި އޭނާ ހުރި ބޯ ގޮވާ ހިސާބުގައެވެ.
"އަޅެ ބަލިވެ އުޅޭ މީހާ އޮންނާނީ ގޭގަ ދޯ ރެސްޓް ކުރަން." ދޮރު ލައްޕަމުން އެ ދިމާލަށް ހިނގައިގަންނަމުން އިޒިއަން ވެސް ބުނެލިއެވެ.
"ސައޮބޮނީތަ؟" ކިނާން ސުވާލުކޮށްލިއެވެ.
"އާނ. މި އަންނަނީ" އިޒިއަން ގޮސް ކޮފޯތަށި ބޯލައިގެން އައިސް އަނެއް ސޯފާގައި އިށީނެވެ.
ކިނާން އޮތީ ވަރަށް ފުން ވިސްނުމަކަށް ގެއްލިފައެވެ. ދީމް ހިއްސާ ކުރި ވާހަކައަކުން އޭނާގެ ތަބީއަތަށް ވަނީ ބޮޑެތި ބަދަލްތަކެއް އައިސްފައެވެ. އިތުރަށް އެ ވާހަކަ ހިއްސާނުކޮށް ހުންނަން ވެއްޖެނަމަ އޭނާގެ ބޯ ހަލާކުވެދާނެއެވެ. އެހެންކަމުން އޭނާ ނިންމީ އެ ވާހަކަ އިޒިއަންއާ ހިއްސާކުރާށެވެ. ކޮންމެ ގޮތެއްވިޔަސް ކޮންމެވެސް މީހަކާ ހިއްސާކުރަން އެބަޖެހޭތާއެވެ.
"ނާނު! ކޮންމެވެސް ކަމެއް ސިއްރުކުރާހެން އެބަ ހީވޭ، އަނެއްކާ ކޮން ކަމެއްތަ؟" އިޒިއަން ފުން ނަޒަރަކުން ކިނާންއަށް ބަލާލިއެވެ.
"ދޮންބޭ، ދޮންބެ ގާތު އެބައޮތް ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުންވެފަ، ދީމްއާ ވެސް ގުޅުން ހުރިކަމެއް، ކުރިންދުވަހު ދީމް ބުނި ވާހަކައަކުން މުޅިން ބޯ ގޮވައިފި" ކިނާން ބުނެލިއެވެ. އިޒިއަން ބުމައަރުވާލިއެވެ. ކިނާންގެ ވާހަކަ އަޑު އަހަން އޭނާ ތައްޔާރަށް ހުރީމޭ ބުނާފަދައެވެ.
"ދޮންބޭ، ދީމްގެ ހަޤީގީ ބައްޕައަކީ އަފާޒު އަންކަލް ނޫންކަން އެނގޭތަ؟" ކިނާން ތެދުވެ ސޯފާގައި އިށީނދެ އިޒިއަން އާ ކުރިމަތިލިއެވެ.
"ހޫމް ނާލް ބުނިއެކަހަލަ ވާހަކައެއް، އަނެއްކާ ކިހނެތްވީ؟" އިޒިއަން އަހާލިއެވެ. ކިނާންގެ ވާހަކައިގެ މިސްރާބުހުރިގޮތުން އޭނާއަށް ޝައުގުވެރުވެވުނެވެ.
ކިނާން އޭނާ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލިއެވެ. ދެތިން ފަހަރަކު ފުންނޭވާއެއް ލީ ބުނަން އުޅޭ ވާހަކައިގެ ބޮޑުކަމުން ކަންނޭގެއެވެ. އިޒިއަން އިނީ ކިނާން ގެ ޖަވާބަކަށް އިންތިޒާރުކޮށްކޮށެވެ. ނިކަން ވިސްނަން އިނދެފައި ކިނާން ހާމަކޮށްލި ހަޤީގަތާއެކު އިޒިއަންއަށް ލިބުނު ހާސްކަމުގައި ދެލޯ ބޮޑުކޮށްލެވުނެވެ.
"ވަޓް. ކިހިނެތް އެހެންވާނީ؟" އިޒިއަންއަށް ބޮލުގައި ހިފައްޓާލެވުނެވެ. ކިނާން ބުނެލި ވާހަކައަކުން އޭނާގެ ސިކުނޑިއަށް ބާރުކޮށް ވާންވެއްޖެއެވެ. އޭނާ ކިނާންއަށް ބަލަން އިނީ ސުވާލުގެ ނަޒަރަކުންނެވެ. ކިނާން އިތުރަށް ބޯ ޖަހާލީ އޭނާ އެ ހަދަނީ ތެދުކަން އިޒިއަންއަށް އަންގަދިނުމަށެވެ.
*****
ދީމް އޭނާގެ ދަބަސް ތެރެއިން ނެގި ފޮޓޯގަނޑު މޭގައި ޖައްސާލިއެވެ. ރޮވެން ފެށުނީ އެއްވެސް އިޚްރިޔާރެއްނެތިއެވެ. ކޮޓަރީގެ ދޮރު ހުރީ ކުޑަކޮށް ހުޅުވިފައިކަން އޭނާއަކަށް ނޭގުނެވެ. އެއްފަރާތުގައި މަޑުކޮށްލައިގެން ދީމްގެ ރުއިމުގެ އަޑު އަހަން ޝަފޫން ހުރިކަމެއް ވެސް އޭނާއަކަށް ނޭނގުނެވެ. ދީމް އެހެން އިންއިރު މީގެ ހަތް އަހަރު ކުރީގެ ދުވަހެއްގެ ހަނދާނެއް އޭނާ އައެވެ.
*****
"މަންމާ... އަހަރެންދެކެ ތިހާ ރުޅިއަންނަނީ ކީއްވެކަން ބުނެދީބަލަ؟" ދީމް ރޮމުން ޝަފޫން އާ ސުވާލުކޮށްލިއެވެ. އެއާއެކު ޝަފޫން ދީމް ހިފައްޓާފައިވާ އަތް ފޮޅުވާލަމުން ދީމްއާ ދިމާލަށް ހަޅޭއްލަވައިގަތެވެ.
"ކަލޭ ހުރިހާ ކަމެއް އެނގެން ބޭނުންވެގެން ތަ ތިއެހީ ހަމަ. ބޮލަށް އުނދަގޫ ވެއްޖޭ މިހާރު. ކަލޭގެ އެފަދަ ހިތްވަރެއް ހުރިއްޔާ އަޑުއަހާ، ހުވާ މިބުނީ މަގޭ ކައިރީގައި ކަލޭ ގެންގުޅެވުނު ކަމުގެ މޮޔަ އެބަ ހިތަށް އަރާ، ހާދަ ރުޅިއެއް އާދެޔޭ، އަހަރެންގެ އިއްފަތް ފޭރިގަނެ ނުރުހުމުގަ އެ ނުބައި އިންސާނާ ކުރިކަމެއްގެ ނަތީޖާ ތިއީ. އަޑު އިވިއްޖެތަ؟ އަހަރެން ވެސް ލަދުގަނޭ ކަލޭ ފެނުނަސް. ފަކުރުވެސް ގަނޭ. ކަލޭ މަގޭ ލޯ މަތިން ދުރަށްދޭ. މަށަށް ވަރިހަމަ ރާ ބޮއިގެން މަސްތުވެގެން ދުވާލު ދާ ހަތަރު ދަމު މަގުމަތީގަ ދުވާ ކަލޭގެ ބައްޕަ ކައިރިއަށް ދިޔަޔަސް. މަގޭ ކުރިމަތިން ދުރަށް ދަނިކޮށް މަށަށް ނިމުނީ. މީނަ އާ ހެދި މަށަށް ނޭވައެއްވެސް ލެވެނީއެއްނޫނޭ. ކިހާ ދެރަކަމެއްތަ މީދެން." ޝަފޫން ބާރަކަށް ބުނެލިއެވެ. އެއާއެކު ދީމްއަށް ޝަފޫންގެ އަތުން ދޫކޮށްލާ ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އިވުނު އަޑުގެ ސަބަބުން އޭނާގެ ހެޔަށް ގޮތްނުވީ ކިރިއާއެވެ. ޝަފޫން އޭނާދެކެ ރުޅިއަންނަ އަސްލު ސަބަބު އިނގުމުން އެ ހިތް ހަލާކުވެއްޖެއެވެ. ފަސޭހަ ނުވާނޭފަދަ ފާރުގަނޑެއް އުފެދިގެން ހިނގައްޖެއެވެ.
"މަންމާ ނޫން. ނުވާނެ އެހެނެއް... އަހަރެންނަކީ... ނޫން މަންމާ ނުބުނޭ ތިހެން" ދީމް އައިސް ޝަފޫންގެ އަތުގައި ހިފާލިއެވެ. އަދި އޭނާ ވާހަކަ ދެއްކިއެވެ. އިވުނު ހަޤީގަތް ގަބޫލުކުރުމުގެ ކުޅަދާނަކަމެއް ދީމްގެ ނުވެއެވެ.
"މަންމާ. އެއި އަހަރެންގެ ކުށެއް ނޫނެއްނު. މަންމާ އެއީ އަހަރެންގެ ކުށެއްނޫނޭ، މީ މަންމަގެ ދަރިއެކޭ،" ދީމްއަށް ކިޔޭ ނުކިޔޭ އެއްޗެއް ވެސް ނޭނގެއެވެ. އޭނާ ހުރީ ލިބުނު ޝޮކުގެ ސަބަބުން ހޭބުއްދި ފިލާދާ ހިސާބަށް ގޮހެވެ.
އަހަރެންގެ ގައިގައި އަތް ނުލާށޭ އަހަރެން ނުބުނަންތަ؟ " ޝަފޫން ދީމް ކޮށްޕާލިއެވެ.
"މަންމާ ކީއްވެ؟" ދީމްއަށް އަހާލެވުނެވެ. ހަށިގަނޑުން ވަރުދޫވެ އޭނާއަށް ޓައިލްސްތަކު މައްޗަށް ތިރިވެވުނެވެ.
"މާ ދެރަވާ ކަމެއް ހެދިގެން އެކްޓް ކުރާނެކަމެއް ނެތް" ދީމް ގެ ގިސްލުން އަޑު އިވުމުން ވެސް ޝަފޫންގެ ވިހަ ގަދަ ޖުމްލަތައް މަޑުވާގޮތެއްނުވިއެވެ. އޭނާ ދީމްގެ ހިތް އިތުރަށް ޒަޚަމް ކުރުމުގައި ކާމިޔާބު ހޯދައިފިއެވެ. ދެން ޝަފޫން ހާމަކޮށްލި ހަގީގަތުން ދީމް އަށް ގިސްލުން މަޑުކޮށްލެވި ދެލޯ ބޮޑުކޮށްލެވިފައިވާ ހާލު ޝަފޫން އަށް ބަލާލެވުނެވެ.
މަންމާ ކީކޭ؟" ދީމްގެ އަޑުވެސް ނުކުތީ އުނދަގުލުންނެވެ.
"އާނ. ކަލޭއަށް މިހާރު އިނގިއްޖެއެއްނު ކަލޭއަށް ނަފްރަތު ކުރުން ހައްގުކަން" ކުރިން ބުނި ވާހަކަ ތަކުރާރުކޮށްލަމުން ޝަފޫން ބުނެލިއެވެ.