ތިން މީހުން އެކުގައި އެތެރެއަށް ވަތްއިރު ކޮންމެ މީހަކުވެސް ވަނީ ނުހަނު ހާސްވެފައެވެ. ދީމްއަކީ އޭނާގެ ދަރިއެއްކަން އެނގުމުން ބަސީމްއަށް ވާނީ ކިހިނެއްހެއްޔެވެ؟
ބަސީމްގެ އެނދު ކައިރިއަށް ހުއްޓިފައި ދީމް ޝަފޫންގެ އަތަށް ބާރުކޮށްލިއެވެ. އެއާއެކު ޝަފޫން ދީމްއަށް ބަލާލާ ބޯ ޖަހާލިއެވެ. ހުދު އޭނާވެސް ހުރީ ނުހަނު ހާސްވެފައެވެ. އެތިން މީހުން އެނދުކައިރިއަށް ހުއްޓުނުހެން ބަސީމްއަށް ހީވީ ކަންނޭގެއެވެ. އޭނާ މަޑުމަޑުން ލޯ ހުޅުވާލިއެވެ. ތިން މީހުން ފެނުމާއެކު މަޑުމަޑުން އޭނަ ކޮންމެވެސް އެއްޗެއް ބުނެލިއެވެ. އެއަށްފަހު ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކުރުވަން މަސައްކަތް ކުރިއެވެ.
"މާފުކުރޭ ޝަފޫން...." ބަސީމްގެ އަޑު އިވުނީ މަޑުމަޑުންނެވެ. އޭނާގެ ނޭވާހިދެމުން ދިޔަ ފަދަ އިޙްސާސެއް ބަސީމްއަށް ކުރެވުނެވެ.
"އަހަރެންގެ ދުޢާ އަކީ އަބަދުވެސް ތި އާއިލާއަށް އުފާވެރިކަން ލިބުން....." ބަސީމް ދެންވެސް ވާހަކަ ދެއްކިއެވެ. ދީމްވެސް ޝަފޫންވެސް އެއްޗެއް ނުބުނެ ތިބީއެވެ.
އަފާޒު އައިސް ދީމްގެ ކޮނޑުގައި އަތް ޖައްސާލަމުން ބޯ ޖަހާލިއެވެ. ބަސީމްގާތު ބުނުމަށް އެދުނެވެ.
ދީމް ހިންދިރުވާލިއެވެ.
"މީ... މީ ހަޤީގަތުގައި އަހަރެންގެ ބައްޕައެއްނޫން....... " ދެލޮލުގެ ތެރެއަށް ކަރުނަ ޖަމާވެފައިވާ ހާލު ދީމް ބުނެލިއެވެ.
"ހަޤީޤީ ބައްޕައަކީ ތިއީ..... މިއީ....." ދީމްއަށް އިތުރަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. އޭނާ ތުންފަތުގައި ދަތް އަޅާލަމުން އަނެއްފަރާތަށް އެނބުރުނެވެ.
ދީމް ބުނެލި ޖުމްލައިން ބަސީމްއަށް ބަލާލެވުނީ ޝަފޫންއަށެވެ. ޝަފޫންގެ ފަރާތުން ޖަވާބެއް ނުލިބުމާއެކު އޭނާ ދެންބަލާލީ އަފާޒުއަށެވެ.
"ދީމް އަކީ ބަސީމްގެ ދަރިފުޅު.... ބަސީމްގެ އެންމެ ފުރަތަމަ ދަރިފުޅު." އަފާޒު މަޑުމަޑުން ބުނެލިއިރު އެހެން ބުނަން އޭނާ އަށް ކިހާ އުނދަގޫވިކަން ދެނެވޮޑިގެންވާނީ މާތް ﷲ އެވެ. ބަސީމް ގެ މޫނުމައްޗަށް ވެރިވެގެންދިޔަ ހައިރާންކަމުގެ ކުލަވަރާއެކު އޭނާގެ ނޭވާ އަވަސްވެގެން ދިޔައެވެ. ހާމިޒް ވެސް ހުރީ ޝޮކެއްގައެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ.
ދީމްގެ އަތުގައި ހިފާ ބަސީމްއާ ދިމާލަށް އަނބުރާލަމުން އަފާޒުދެންވެސް އެ ޖުމްލަ ތަކުރާރުކޮށްލިއެވެ.
"އަހަރެންގެ ދަރިފުޅޭ..." ބަސީމްގެ މެއަށް ރިހުމެއް އަރައިގެން ގޮސް އެންމެ ފަހުން ނޭވާ ލާން އުނދަގޫވެއްޖެއެވެ.
"އުފާކުރަން އަހަރެން ފަދަ މީހެއްގެ ހިޔަނި އެ ދަރިފުޅުގެ ހަޔާތަށް އެޅުނަ ނުދީ ބޮޑު ކުރިކަމަށްޓަކާ... ޝުކުރުކުރަން އަހަރެން ޝަފޫންއަށް... މާފުކޮށްދީ." ބަސީމްގެ އަޑު އަނެއްކާވެސް ޝަފޫންގެ ކަންފަތުގައި ޖެހުނެވެ. އެހެންނަމަވެސް މިފަހަރުވެސް ޝަފޫން ހިޔާރުކުރީ ހިމޭންކަމެވެ.
"އުފާވެއްޖެ އެންމެ ފަހު ވަގުތު ނަމަވެސް ހަޤީގަތް އަންގައި.... އަންގައި ދިނީމަ. ހަޤީގަތުގައި.... ތި ހަޤީގަތް އެނގުމުގެ.... އެއްވެސް ހައްގެއް.... އޮތް މީހެއް ނޫން އަހަރެންނަކީ...." ބަސީމްގެ އަޑު ކެނޑެމުން ކެނޑެމުން ގޮސް އެކީ ކެނޑިއްޖެއެވެ. މެޝިކްތަކުގެ ބީޕްގެ އަޑު ގަދަވެއްޖެއެވެ. ހާމިޒް ޑޮކްޓަރަށް ގޮވާ ގެނައުމާއެކު އެމީހުން ރޫމުން ނެރެވުނެވެ. ދެން ކުރެވުނީ ބަސީމްގެ ފުރާނަ ސަލާމަތް ކުރުމުގެ މަސައްކަތެވެ.
އެހެންނަމަވެސް ކޮންމެ މީހެއްގެ އަޖަލު ހަމަވުމާއެކު ފުރާނައަކީ އޭގެ ވެރިފަރާތުގެ ހަޟްރަތަށް ދަތުރު ކުރާ އެއްޗެކެވެ. ކިތަންމެ މޮޅު ޑޮކްޓަރަކަށް ވިނަމަވެސް އިންސާނެއްގެ ފުރާނައެއް ނުހިފެއްޓޭނެއެވެ. މަރަކީ ކޮންމެ ވަގުތަކުވެސް ބައްދަލުކޮށްފާނެ އެއްޗެކެވެ. ބައެއްފަހަރު ތިމާ މުސްކުޅިވެ ގައިބާރު ދެރަވެ އެނދުގައި އޮއްވައެވެ. އަނެއްބައި ފަހަރު އެންމެ ޒުވާން އުމުރުގައެވެ. ތުއްތު އިރުއެވެ. މައިމީހާގެ ބަނޑު ތެރޭގައެވެ. މަރުގެ ވަގުތު އެއްވެސް އިންސާނަކަށް ބުނާކަށް ނޭނގޭނެއެވެ. އެހެންކަމުން އެންމެންވެސް ތިބެން ޖެހޭނީ އަބަދުވެސް މަރަށް ތައްޔާރުވެއެވެ. އާޚިރަތަށްޓަކައި ފުރިހަމައަށް ތައްޔާރުވެގެންނެވެ.
*****
އިޒިއަން ގެއިން ނުކުތީ އިޝާނަމާދަށް ދިޔުމަށެވެ. މިސްކިތުގައި އިޝާ ނަމާދުކޮށް ހަދާލައިގެން ގެއަށް ދިޔުމުގެ ބަދަލުގައި އޭނާގެ މިސްރާބުހުރީ އާރޓިފިޝަލް ބީޗާ ދިމާލަށެވެ. އަނާލްގެ ވާހަކަތަކާހުރެ އޭނާއަށް އަދިވެސް ހިންހަމަޖެހުމެއް ނުލިބެއެވެ. އެހެންކަމުން ސިކުނޑީގެ ވާންކަމަށް ކޮންމެވެސް ކަހަލަ ލުޔެއް ދޭން އިޒިއަން ހުރީ ބޭނުންވެފައެވެ.
އެންމެ ފުރަތަމަ އަނާލް ރޭޕްކޮށްލި ގެއާ ހިސާބަށް އާދެވުމާއެކު އޭނަ މަގުހުރަސްކުރަންވެގެން އުޅުނީ ބަލާލުމެއްނެތިއެވެ. ސިކުނޑީގައި ފުނިޖެހިފައި ހުރީ މުޅިންވެސް ކުރީގެ ހިޔާލުތަކެވެ. އެއާއެކު އޭނާގެ ލޮލަށް އަމާޒުވީ އައި ބޮޑު ލޮރީއެއްގެ ވަރުގަދަ އަލިގަދަ ލައިޓެވެ.
މާދުރަށް ގޮސް ވެއްޓުނުކަން އެނގުނެވެ. ބޮލަށާއި އުނަގަނޑަށް ތޫނު ތަދެއްއަރައިގެން ދިޔައެވެ. އުއްޑުން އޮތް އިޒިއަންގެ ވަށައިގެން މީހުން އެއްވަމުން ދިޔަކަންވެސް އެނގުނެވެ. އެއަށްފަހު ދެންވީ ގޮތެއް ނޭނގުނެވެ.
*****
ހޮސްޕިޓަލުގައި ކުޑަކަމެއްޖެހިގެން އެކަމާ އުޅެފައި ކިނާންއަށްވެސް ގެއަށް އާދެވޭވަރުވީ ނުވައެއް ޖަހަނިކޮށެވެ. އޭނާ ކޮޓަރިއަށް ވަދެ ފެންވަރާ ތާޒާ ވެލާ ހެދުމަށްފަހު ނުކުތީ ނިންމާލާފައި އިޒިއަންއާ ބައްދަލުކުރަން ދާން ހިތު އަޅައިގެންނެވެ. އިއްޔެއާއި މިއަދުވެސް ބިޒީ ކަމުން އެހިސާބަށް ދެވޭގޮތެއްނުވި ވިއްޔާއެވެ. އެހެންކަމުން އެ ވިސްނުމުގައި ހުރެ ކިނާން ރީތިވެ ނިންމާލިއެވެ. ފަހުފަހަރަށް ލޯގަނޑަށް ބަލާލަމުން ކިނާން ހިނިތުންވެލިއެވެ. އެވަގުތު އޭނާގެ ފޯނު ރިންގްވިއެވެ. ނުދަންނަ ނަންބަރަކަށް ވުމާއެކު ދެ ވިސްނުމުގައި ހުރެ ކިނާން ފޯން ނަގާ ކަންފަތުގައި ޖައްސާލީ ފަހަރެއްގައިވެސް އޭނާ އަޑު އަހަން ބޭނުންނުވާ ފަދަ ވާހަކައެއް އަޑު އިވިދާނެކަމަކަށްނޫނެވެ. އެހެންނަމަވެސް އެ ފޯން ކޯލު ވީ ބިރުވެރި ފޯނު ކޯލަކަށެވެ. އެކޮޅުން ބުނެލި ވާހަކައިން ކިނާންއަށް ކީކޭ ހޭ އަހާލެވުމާއެކު ހިންދިރުވާލެވުނެވެ. ދެފައިން ވާގި ދޫވާން އުޅޭހެން ހީވާން ފެށިއެވެ. ޑްރެސިން ޓޭބަލްގެ އެހީ ހޯދުމާއެކު އޭނާ ފޯނަށް އެއްއަތުން ބާރުކޮށްލިއެވެ.
"ދޮންބޭ..." ފޯން ކަންފަތާ ދުރުކޮށްލަމުން އޭނާގެ ދުލުން ބޭރުވީ އެންމެ ނަމެކެވެ.
"ކީ ޓޮޕް އެމް މެމޯރިއަލް ހޮސްޕިޓަލް" ކިނާންގެ ދުލުން ދެވަނަ ފަހަރަށް ބޭރުވީ ހޮސްޕިޓަލުގެ ނަމެވެ. ހަމަހޭވެރިކަން ވި މީހެއްފަދައިން ކިނާން ތެޅިގަނެފައި ނުކުންނަން ވެގެން ދުއްވައިގަތެވެ.
"މަންމާ! ބައްޕާ......" ސިޑިން ފައިބަމުން ކިނާން އެތައް ފަހަރަކު އަކްނިޒާ އާއި ފަހީމްއަށް ގޮވިއެވެ. އެހެންނަމަވެސް ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ.
"އޮލީވިއާ އާންޓީ ކޮބާ މަންމަމެން" ކިނާންގެ އަޑު އިވި އެ ދިމާލަށް އައި އޮލީވިއާ އާ ކިނާން ވާހަކަދެއްކިއެވެ. އޭރު އެއަޑުގައިވަނީ ހާސްކަމެވެ. އޮލީވިއާ ބުނީ އަހްސަން އާއި ޝަޒްނާއާއި ދެމީހުން ރާއްޖެ އަންނާތީ އެ މީހުން ބާލަން ދޔައީކަމުގައެވެ. ކިނާން ހަނދާންވީ ދެނެވެ. މިރޭ އެއާރޕޯޓަށް ދާ ވާހަކަ ބައްޕަ އޮތީ އޭނާ ގާތު ބުނެފައެވެ. ވެފައި ހުރި ދެރައާއި ހާސްކަމުގެ ސަބަބުން އެކަންވެސް އޭނާގެ ހަނދާނުން ކައްސާލީމެވެ. އަވަސް އަވަހަށް ފޯނު ނަގާ ފަހީމްއަށް ގުޅާލަމުން ކަންފަތުގައި ޖައްސާލުމާއެކު ކިނާން ގޭން ނުކުންނަން ހިނގައިގަތެވެ. ކިނާންގެ ހާސްކަން ފެނި އޮލީވިއާ ސުވާލުކުރުމުންވެސް ޖަވާބެއް ނުދީ ދެވުނީ އެވަގުތު ކަންތައް ކުރަންވީ ގޮތް ސިކުނޑިއަށް ނުވިސްނުމުންނެވެ. ބައްޕަގެ ފޯނަށް ގުޅުނުނަމަވެސް ފޯނެއް ނުނަގައެވެ. މަންމަގެ ފޯނު އޮތީ ނިއްވާލާފައެވެ. ގަރާޖާ ހިސާބަށް ދެވެންދެންވެސް ކިނާން ދިޔައީ ގުޅަމުންނެވެ. އެކަކަށްވެސް ގުޅުމުގައި ކާމިޔާބު ނުވުމުން އޭނާ އަވަސް އަވަހަށް ކާރަށް އަރާ ދުއްވާލީ ކީ ޓޮޕް އެމް މެމޯރިއަލް ހޮސްޕިޓަލަށް ދިޔުމުގެ ބޭނުމުގައެވެ. ދުއްވަމުން ގޮސް ވަކި ހިސާބަކުން ޓްރެފިކްގައި ޖެހުމާއެކު ކިނާން އަނެއްކާވެސް އޭނައަށް ގުޅި ނަންބަރަށް ގުލާލިއެވެ. ހަބަރު އޮޅުން ފިލުވިއެވެ.
ކިނާންއަށް ހޮސްޕިޓަލަށް ވަދެވުނު އިރު ނުވަގަޑި ބަޔަށްވުރެ ބޮޑުވަނީއެވެ. އެގުޅި މީހަކު ކިޔައިދިން ގޮތަށް އޭނާ ދިޔައީ އެމަރޖެންސީ ރޫމާ ދިމާލަށެވެ. އެމަރޖެންސީއާ ދިމާލަށް ދެވުނު އިރު އެ ހިސާބުގައި ކޮންމެވެސް ވަރަކަށް ފުލުހުން ހަރަކާތްތެރިވާތަން ފެނުނެވެ. އޭނާގެ ލޮލުގައި މެދު އުމުރުގެ ފިރިހެނަކާއި އޭނާގެ ގާތުގައި މަޑުކޮށްލައިގެން ހުރި ޒުވާން ފިރިހެން ކުއްޖާ އަޅައިގަތީ ދެނެވެ. އެމީހުންގެ ގައިގައި ހޭކިފައި ހުރި ލެއާއި އެމޫނުމަތީގައިވި ހާސްކަމުގެ ސަބަބުން އެއީ ކިނާންއަށް ގުޅި މީހުންކަން ދެނެގަނެވުނެވެ. ތެޅިގަނެފައި އޭނާއަށް އެމީހާއާ ދިމާލަށް ދެވުނީ ހިސާބަކަށް ދުވެފައެވެ.
"ކޮބާ؟ ކިހިނެތް؟" ހާސްވެފައި ހުރި ވަރުން ކިނާންއަށް ރަނގަޅަށް ވާހަކަ ދެއްކޭ ވަރެއްވެސް ނުވިއެވެ. ނޭވާ ވަނީ އަވަސްވެފައެވެ. އިޒިއަންއަށް ވީ ގޮތާ ބެހޭގޮތުން އެނގެން އޭނާ ހުރީ ނުހަނު ބޭނުންވެފައެވެ.
"ނަސީބެއްނު އާއިލާ މީހަކާ ގުޅުނުކަން.... ކޮއްކޯ ހަމަޖެހޭ! ވަރަށް ބޮޑުވަރު ވެފަ އޮތީ، ޑޮކްޓަރުންވެއްޖެ އެތެރޭގަ، ޖެހުނީ ބޮޑު ލޮރީއެއްގެ، ބޯ ފެޅި އުނަގަނޑަށް ގެއްލުން ވެފަ ކަމަށް ޑޮކްޓަރުން ބުނި. ބަނޑުގެއެތެރޭގެ ބައެއް ގުނަވަން ތަކަށް ލޭ ފައިބަމުން ދާކަމަށް ޝައްކުކުރެވޭ ކަމަށްވެސް ދެންމެ ޑޮކްޓަރެއް ބުނި." އެ ފިރިހެންމީހާ ކިނާންއަށް ހަމަޖެހެން ނަސޭހަތްތެރިވަމުން ވާހަކަދެއްކިއެވެ.
"ދެން އިތުރަށް އެހެން އެއްޗެއް ބުނިތަ؟ މިހާރު ކޮބާތަ؟ އެމީހުން....."
"ކޮއްކޯ.... މިޒުވާނާ ހުރިކަމީ ވެސް ނަސީބެއް، އޭނާގެ އަތުގައި ނަންބަރު އޮތީމަ މި ގުޅުނީވެސް. ވަރަށް ހާލު ދެރަ.... އިތުރަށް އެއްޗެއް ބުނަން އެނގޭނީ އަދި ފަހުން ކަމަށް ބުނި. ދެންމެ ބުނީ ލޭ ވަރަށް ބައިވަރު ހަށިގަނޑުން ބޭރުވެފައި ވާތީ ލޭއަޅަން ވެގެން ތައްޔާރުވަމުން ދާ ވާހަކަވެސް...." އެ މީހާ ގާތުގައި ހުރި ޒުވާނާއަށް ބަލާލުމަށްފަހު ކިނާންއަށް ބަލާލިއެވެ. އެޒުވާނާއަކީ ކިނާން ދަންނަ ކުއްޖެއްކަން ހާސްވެފައި ހުރި ވަރުން ކިނާންއަށްވެސް ފާހަގަ ނުކުރެވުނީއެވެ.
އިތުރަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ޑޮކްޓަރެއް ބޭރަށް ނުކުމެފައި އާއިލާ މީހަކު އަތުވެއްޖެތޯ އެމީހާއާ ސުވާލުކުރިއެވެ. އެއާއެކު ކިނާން އޭނާ ކަމަށް ބުންޏެވެ.
ކިނާން ޑޮކްޓަރާ ގާތަށް ޖެހިލަމުން ކިހިނެތްތޯ އަހާލިއެވެ. ވަގުތުގެ ނާޒުކުކަން އަމިއްލައަށް ވިސްނައިގަންނަމުން ކިނާން މަސައްކަތް ކުރީ ވީހާވެސް ހަމަޖެހިގެން ކަންތައްތައް އޮޅުން ފިލުވާށެވެ. ޑޮކްޓަރު އިޒިއަންގެ ހާލަތު އޮޅުން ފިލުވާދެމުން ދިޔައެވެ.
"އަޅުގަނޑުމެންނަށް މިވަގުތު އެއްޗެއް ބުނަން ދަތި. ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފަ ވަނީ. ފުރާނަ ސަލާމަތްކުރަން މަސައްކަތް ކުރަމުން މިދަނީ. ބޯ ޖެހުނުލެއް ބާރުކަމުން ސިކުނޑިއަށް ލޭ އެޅުން ފަދަ ކަމެއް ދިމާވެދާނެ. އެހެންކަމަށް ވާނަމަ ފުރާނައަށް ނުރައްކާވާނެ." ޑޮކްޓަރުގެ ފަހު ޖުމްލައިން ކިނާންއަށް މާޔޫސްކަންވެރިވިއެވެ. ގޮނޑީގައި އިށީނދެވުމާއެކު އޭނާއަށް ހާސްކަމާއެކު ނިތުގައި އަތް ހިންގާލެވުނެވެ. އެހެން އިންދާ ފޯނު ރިންގުވުމާއެކު ކިނާން ފޯނަށް ބަލާލިއެވެ. ގުޅަނީ ބައްޕައަށް ވުމާއެކު ކިނާން ކަރުނަފުހެމުން ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.
"ދަރިފުޅާ ބައްޕަ ފޯން ސައިލެންޓް ގަ އޮތީމަ ފޯނު ނުނެގުނީ. ކިހނެތްވީ؟ ކަމެއް ދިމާވީތަ؟" ފަހީމް ކާރު މަޑުކޮށްލަމުން ކިނާންއާ ވާހަކަދެއްކިއެވެ. އަހުސަން އާއި ޝަޒްނާ ތިބީ ކާރުގެ ފަހަތުގައެވެ. ކުރީގައި އަކްނިޒާ އިނެވެ.
"ދަރިފުޅާ" ކިނާން އެއްޗެއް ނުބުނުމުން ފަހީމްއަށް ހާސްކަން ވެރިވިއެވެ.
ކިނާންއަށް ވާހަކަ ދައްކަން އުނދަގޫ ވުމާއެކު އޭނަ އިރުކޮޅަކަށް ހަމަހިމޭންކަން އިޚްތިޔާރުކުރިއެވެ.
"ބައްޕާ" އެ ގޮވާލުމުގައި ވަނީ ވޭނެވެ. އެކޮޅުން ވީ ގޮތް އަހާލުމާއެކު ކިނާންއަށް އޭނާގެ ދުލުން އިޒިއަންގެ ނަން ބޭރުކޮށްލެވުނެވެ. އެއާއެކު ފަހީމް އިޒިއަންއަށް ކިހިނެތްވީހޭ އަހާލީ ހިސާބެއްގެ ނުތަނަވަސްކަމަކާ އެކީގައެވެ.
"ޑޭޑް. ދޮންބެ. ދޮންބެ.... އެކްސިޑެންޓް.... ހާލު ސީރިއަސް." ކިނާންއަށް ވާހަކަދެއްކުނީ އުނދަގުލުންނެވެ.
'ކީ ޓޮޕް އެމް މެމޯރިއަލް ހޮސްޕިޓަލުގަ. އަވަހަށް އައިސްދީ" ކިނާން އެދުނެވެ. ފަހީމް ފޯން ބާއްވަމުން އޭނާ ހަމަ މިހާރުމިދަނީ ކަމަށް ބުނެލިއެވެ.
ކިނާން އެތަނުގައި އިންނަތާ ބައިގަޑިއިރަށްވުރެ ގިނައިރު ވެއްޖެއެވެ. އެތަނަށް ވަދެގެން އައި އިތުރު ޕޮލިހުން ކިނާންއާ ސުވާލުތަކެއް ކޮށްފައި ބުނީ މިހާރު ލޮރީ ދުއްވަން އިން ޑްރައިވަރު ހުރީ އެމީހުންގެ ބެލުމުގެ ދަށުގައިކަމުގައެވެ. އަދި ވީހާވެސް އަވަހަކަށް އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ހޯދާނެކަމާއި ހާސްނުވުމަށެވެ. ޕޮލިހުން ދިޔަތާ މާގިނައިރެއްނުވެ ފަހީމްއާއި އަކްނިޒާގެ އިތުރުން އަހުސަން އާއި ޝަޒްނާވެސް އަންނަތަން ފެނުނެވެ. އެއާއެކު ކިނާން އެ ދިމާލަށް ހިނގައިގަތެވެ.
އަކްނިޒާގެ ގެ ލޮލުގައި ކަރުނައެވެ. ފަހީމްގެ މޫނުމަތިންވެސް ހިތްދަތިކަމެވެ. އަކްނިޒާއައިސް ކިނާންގެ އަތުގައި ހިފަމުން ވީ ގޮތާ ބެހޭ ގޮތުން ސުވާލުކުރަންފެށިއެވެ. އިޒިއަންގެ އެކްސިޑެންޓްގެ ސަބަބުން ހޮސްޕިޓަލްތެރެ ހަލަބޮލިވެފައިވެއެވެ. އަނެއްކޮޅުން އެކްސިޑެންޓަށްފަހު ލޮރީ ދުއްވަން އިން ޑްރައިވަރު ފިލުން ވެގެން ދިޔައީ އތުރަށް ހަބަރުތައް ހޫނު ކުރުވަނިވި ކަމަކަށެވެ. ނޫސްވެރިން ދުރައް ޖައްސަން ފުލުހުން ހަރަކާތްތެރިވާތަން ފެނެއެވެ. ތަނުގެ ސެކިއުރިޓީވެސް ވަރުގަދަ ކުރެވިގެން ދިޔައެވެ.
ކިނާންއަށް އޮޅުން ފިލުވޭދެވޭވާރުވީ ކިރިއާއެވެ. ދެން އެމީހުންނަށް ފެނުނީ އިތުރު ދެ ޑޮކްޓަރުން އައިސް އެމަރޖެންސީއަށް ވަތްތަނެވެ.
ޔުއާން އައިސް އެމަރޖެންސީތެރެއަށް ވަނެވެ. އޭނާ އާއެކު ރިވަމް ވެސް ހުއްޓެވެ. އަނެއްކޮޅުން ޒާންވެސް އެތަނުގައި ހުއްޓެވެ. އިޒިއަންގެ ހާލު ސީރިއަސްކަމުން ވަގުތުން އައިސީޔޫއަށް ގެންދިޔުމަށް ސްޕެޝަލިސްޓް ޓީމުން ނިންމިއެވެ. އިޒިއަންގެ ބަނޑަށް ލިބުނު ގެއްލުން ޔަގީން ކުރެމުން ފަހަރެއްގައި ސާރޖަރީއެއްހަދަން ޖެހިދާނެކަމަށް ޔުއާން އާއި ރިވަމް ލަފާދިނެވެ. އިޒިއަންގެ ހާލަތު ވަޒަން ކޮށްލުމަށްފަހު ބޭރަށް ނުކުތުމަށްފަހު އާއިލާއަށް އެހަބަރު ދިނީ ޔުއާންއެވެ.
އިޒިއަންގެ ހާލު ސީރިއަސްވެފައިވާ މިންވަރާއި ވަގުތުން ފަރުވާ ނުދެވިއްޖެނަމަ ކަންތައްތައް ވަރަށް ގޯސްވެދާނެކަމަށް އޮޅުން ފިލުވައިދިނެވެ. އަދި ވަގުތުން ވަގުތަށް އިޒިއަން އައިސީޔޫއަށް ބަދަލުކުރެވޭނެ ކަމާއި ވަކި އެއްޗެއް ބުނަން އެނގޭނީ އެއަށްފަހު ކަމަށް ބުންޏެވެ. ހިތްވަރުގެ ދެތިން ބަހެއް ބުނެލުމަށްފަހު ރިވަމް އާއި އެކު ޔުއާން ހިނގައިގަތީ އިޒިއަންގެ އެނދުވެސް އެމަރޖެންސީއިން ނެރެވުމާއެކުގައެވެ. އަކްނިޒާއަށް ހުރިތަނަށް ތިރިވެވުވުނެވެ. ކުރިމަތީގައި އޭނާގެ ދަރިފުޅު އޮތް ހާލުފެނި އަނބުރައި ނުގަތީ ކިރިއާއެވެ. އިޒިއަންއަށް މާފުނުކުރެވި އުޅެނިކޮށް އިޒިއަން އެމީހުންނާ ވަކިވަނީހެއްޔެވެ؟ އަކްނިޒާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އިޒިއަންގެ އާދޭސްތައް އަޑު އެހުނުނަމައެވެ. މާފު ދެވުނުނަމައެވެ.
"އަހަރެންގެ މާފުނުދީ އުޅެނިކޮށް އިޒް ވަކިވާނީތަ؟" އަކްނިޒާއަށް ފަހީމް ގާތު އަހާލެވުނެވެ. ހުދު ފަހީމްވެސް ހުރީ ހަދާނެގޮތް ހުސްވެފައެވެ. އަކްނިޒާގެ އެ ސުވާލަށް ދޭނެ ޖަވާބެއް އޭނާގެ އަތުގައިވެސް ނެތެވެ. ކިނާން ކިތަންމެ ދެރަވިނަމަވެސް އޭނާ ހިތްވަރުކުރަމުން މަންމައާއި ބައްޕައަށްވެސް ހިތްވަރުދެމުން ދިޔައެވެ.
އިޒިއަން އައި ސީ ޔޫއަށް ބަދަލުކުރެވުމާއެކު އެންމެންވެސް އެރީ ނުވަ ވަނަ ފްލޯގައި ހުންނަ އައިސީޔޫގެ ވެއިޓިން އޭރިއާއަށެވެ. އައިސީޔޫގެ ބޭރުގައި މަޑުކޮށްލައިގެން ތިބި ފަހީމްގެ އާއިލާ ތިބީ ފުންހިތާމައެއްގައެވެ. ގޮނޑިބަރީގައި އިނދެގެން ތިބިއިރު ދެލޯ ފޯވެފައި ވަނީ ކަރުނައިންނެވެ. އިޒިއަން ވެއްދިފަހުން އެތެރޭން އަދިވެސް ހަބަރެއްނުވެއެވެ.
"މަންމާ! ބައްޕާ! ހިތްވަރު ކުރޭ. އިންޝާ ﷲ ހުރިހާކަމެއްވެސް ރަނގަޅުވާނެ" ކިނާން ހިތްވަރުދިނެވެ. އަމިއްލައަށްވެސް ރޮވެމުން ދިޔައެވެ. އެހެންނަމަވެސް މަންމައާއި ބައްޕަގެ ހައްގުގައި މިއަދު އޭނާ އެ ޖެހުނީ ނެތް ހިތްވަރު ދައްކައިގެން ހުންނާށެވެ.
ޔުއާން އާއި ރިވަމް އައިސީޔޫއަށް ވަތްއިރު އިޒިއަންއަށް ފަރުވާދޭ ޓީމް ހަރަކާތްތެރިވަމުން ދިޔައެވެ. ކުރެންޖެހޭ ހުރިހާ ޓެސްޓްތަކެއް ހެދުނުއިރު ނަސީބަކުން މިވަގުތު ސާރޖަރީއެއް ހަދަން ނުޖެހުނީތީ ޔުއާންވެސް ހިންހަމަޖެހުނެވެ. އިޒިއަންއަށް ނޭވާނުލެވޭތީ ވެންޓިލޭޓާގައި ބޭއްވުނެވެ. ރިވަމްއާއި ޔުއާންވެސް އެތަނުގެ އެތެރޭގައި ހަރަކާތްތެރިވަމުންދިޔަ ޑޮކްޓަރުންނާއި ބައިވެރިވެގެން އިޒިއަންއަށް ފަރުވާދޭން އުޅުނެވެ. އެތައް އިރަކަށްފަހު ޔުއާން އާއިލާއަށް ހަބަރުދޭން ވެގެން ނުކުތެވެ.
"އިންޝާ ﷲ... މި ވަގުތު ސާރޖަރީ އެއް ހަދާކަށް ނުޖެހޭ. އެކަމަކު ހާލު ރަނގަޅެކޭވެސް ނުބުނެވޭނެ. ޕޭޝެންޓް އޮތީ ވެންޓިލޭޓަރގައި....ހިތްވަރުދެރަނުކުރޭ. އިންޝާ ﷲ. ހުރިހާކަމެއްވެސް ދާނީ ރަނގަޅަށް. އުންމީދު ކަނޑާނުލާ. އަޅަމެންގެ ވެރި ރަސްކަލާނގެއީ ހުރިހާކަމަކަށް ވެސް ކުޅަދުންވަންތަ ރަސްކަލާނގެ. ދުޢާ ކުރޭ. އިންޝާ ﷲ ކެތްތެރިކަމާއި ސާބިތުކަން ލިބޭނެ، ހިތްވަރުކުރޭ! " ރިވަމް ނުކުމެފައި ކޮންމެވެސް އެއްޗެކޭ ބުނުމާއެކު ޔުއާން އަނެއްކާވެސް އެތެރެއަށް ވަނީ އާއިލާ މީހުން ގާތު ހިތްވަރުކުރުމަށް ބުނަމުންނެވެ.
ދީމްއަށް އެ ހަބަރު ލިބުނީ އޭނާގެ ފުލުސް އެކުވެރިޔާގެ ފަރާތުންނެވެ. ހޮސްޕިޓަލުގެ ކެންޓީނުގައި ސައިބޯން އިންދާ ލިބުނު ނުބައި ހަބަރުން އޭނާއަށް ސައިތަށިވެސް ދުރަށް ކޮށްޕާލެވުނެވެ. އެއާއެކު ތެދުވެގެން ހިނގައިގަތީ ކިނާންއަށް ގުޅަމުންނެވެ.
ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ކިނާންއަށް ދީމްގެ ފޯނު ކޯލުއައުމާއެކު އޭނާ ތަންކޮޅެއް ދުރަށް ޖެހިލާފައި ފޯން ނެގިއެވެ.
"ނާނު ކޮންތާކު؟" ދީމް އަހާލި މަޑުމަޑުންނެވެ. ކިނާން ތުންފަތުގައ ދަތް އަޅާލަމުން މައްޗަށް ބަލާލަމުން ލީ ފުންނޭވާއާއެކު ވާހަކަ ދައްކަން ފެށިއެވެ.
"ދީމް! ދޮންބެ އެކްސިޑެންޓް ވެގެން މިއުޅެނީ . ހާލު ސީރިއަސް. ޑޮކްޓަރުން ގެ އުންމީދު ކުޑަ. ފުރާނަ ސަލާމަތްކުރެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް... މި ވަގުތު ވާހަކަ ދައްކަން ހުރެވޭކައް ނެތް.... މަންމަމެންގެ ހާލުވެސް ވަރަށް ދެރަ" ކިނާން ވާހަކަދެއްކިއެވެ. ވަގުތުގެ ނާޒުކުކަން ވިސްނުމާއެކު ދީމްވެސް އިތުރަށް އެއްޗެއް ބުނާކަށް ގަސްދެއް ނުކުރިއެވެ. އޭނާ ކިނާން ގާތު ހުރިހާ ކަމެއް ރަނގަޅުވާނޭ ބުނަމުން ފޯނު ބޭއްވީއެވެ.
ބަރާބަރު ގަޑިއިރަކަށްވުރެ ގިނަ އިރުވެއްޖެއެވެ. އެތެރެއަށް ޑޮކްޓަރ ޔުއާން ވަތްގޮތަށް އަދިވެސް ހަބަރެއް ނުވެއެވެ. އެކަމުން ކިތަންމެ ހާސްކަން ލިބުނު ނަމަވެސް އެމީހުންނަން އޮތީ ކެތްތެރިވުމެވެ.
"މަންމާ! އަރާމްކޮށްލަން ވީނު! މަންމަ ތިހެން އަބަދު ރުއިމެއް ރަނގަޅެއްނުވާނެ" ކިނާން އައިސް އަކްނިޒާގާތު އިށީންނަމުން ވާހަކަދެއްކިއެވެ. އެއާއެކު އަކްނިޒާ ދެފަރާތަށް ބޯ ހޫރާލިއެވެ. އިޒިއަންއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުން އޭނާއަށް އަމިއްލަ ނަފްސަށް މަލާމާތް ކުރެވެމުން ދިޔައެވެ. އަމިއްލަ ނަފްސަށް އަޑުލެވެން ފެށުނެވެ. އަމިއްލަ ނަފްސު ކުށްވެރިކުރުވާ ވާހަކަ ދެކެވެން ފެށުނެވެ.
"އެއީ މަންމަގެ ކުށެއް ނޫނޭ!" ކިނާން ބުނެލިއެވެ. އޭނާ ބެލީ އަކްނިޒާ ހިންހަމަ ޖައްސުވައިދެވޭތޯއެވެ. ފަހީމްވެސް އެއްފަރާތުގައި އިނދެގެން އަކްނިޒާއަށް ހިތްވަރު ދެމުން ދިޔައެވެ. އެހެންނަމަވެސް މިއަދު ފަހީމް ކިތަންމެ ހިތްވަރު ދިނަސް އަކްނިޒާއަށް ހިތްވަރެއްނުލިބުނެވެ. އޭނާއަށް އިޒިއަންއާ މެދު ކަންތައް ކުރެވުނު ނާއިންސާފު ގޮތް މަތިން ހަނދާންވަނީއެވެ. އެ ދަރިފުޅު އޭނާގެ މާފަށް އެދި ސަލާން ޖަހަމުން ދިޔައިރު އޭނާއަށް އެ އަޑަށް ބީރުކަންފަތެއް ދެވުނީތީ ހިތާމަކުރެވެނީއެވެ.
އެވަގުތު ފަހީމްގް ފޯން ރިންގްވިއެވެ. އޭނަ ފޯންނަގާ ކަންފަތުގައި ޖައްސާލީ އައްމާރުއަށް ވީތީއެވެ. އިޒިއަންގެ އެކްސިޑެންޓްގެ ހަބަރު ނޫސްތަކުން އައްމާރުއަށް ލިބުނީއެވެ. ފަހީމްގެ ހިތާމައިގައި އޭނަ ބައިވެރިވާކަމަށް ބުންޏެވެ. އަދި ވީ އެންމެ އަވަހަކަށް ހޮސްޕިޓަލަށް ދާނެކަމުގައި ބުންޏެވެ. އައްމާރުއަށް އައި ބަދަލު މާނަ ކުރަން ނޭނގުނު ފަހީމް ވަގުތު ގެ ގޮތުން އިތުރު އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނުވިއެވެ. އޭނާ ފޯން ބޭއްވުމަށްފަހު އަކްނިޒާގެ ކޮނޑުގައި އަތް ޖައްސާލިއެވެ.
ދޮރު ހުޅުވާލާފައި ޔުއާން އާއި ރިވަމް އާއި ދެމީހުން ނުކުތުމާއެކު އެންމެނަށް ކޮޅަށް ތެދުވެވުނެވެ. ޔުއާންގާތަށް ޖެހިލާ ސުވާލުކުރީ ކިނާންއެވެ. ޔުއާން އިރުކޮޅެއްގެ ހަމަހިމޭންކަމަކަށް ފަހު ދިން ހަބަރުން އެންމެނަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. އަކްނިޒާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައިރު އޭނާއަށް ހަށިގަނޑު ބެލެންސް ނުކުރެވުނެވެ. ފަހީމްއާއި ޝަޒްނާ ނުހިފެއްޓިނަމަ އޭނަ ވެއްޓުނީހެވެ. ގޮނޑީގައި އަކްނިޒާ ބޭންދުމަށްފަހު ޝަންޒާ ގެ އެދުމަށް ފެން ފުޅިއެއް ހިފައިގެން އައިސް އަހުސަން އަކްނިޒާއަށް ދިނެވެ. ކިނާން ކުރިއަށް ޖެހިލާފައި އަނެއްކާވެސް ވާހަކަދެއްކިއެވެ.
"އިތުރަށް ކުރެވޭނެ އެއްވެސް ކަމެއް ނެތްތޯ؟ ރާއްޖޭން ބޭރަށް ގެންގޮސްގެންވެސް ފަރުވާ ދެވިދާނެ އެއްނޫންތޯ! އެ ފެންވަރު އެބަ....." ހާސްވިނަމަވެސް ކިނާން ކުޑަވެސް އުންމީދެއް ލިބޭތޯ ބެލިއެވެ. އެހެންނަމަވެސް ޔުއާން ދެފަރާތަށް ބޯ ހޫރާލިތަން ފެނި އޭނާއަށް ވެސް ބޮލުގައި ހިފައްޓާލެވުނެވެ. ފަހީމްއަށް ބަލާލުމާއެކު ކިނާން އަކްނިޒާއަށްވެސް ބަލާލިއެވެ. އަނެއްކާ ޔުއާން އަށްބަލާލެވުނީ ދެންމެ އެ ބުނި ބަސް އަނބުރާ ގެންދޭތޯއެވެ. ކުޑަވެސް އުންމީދުގެ ބަހެއް ލިބޭތޯއެވެ. އެހެންނަމަވެސް ދެންވެސް ކުރިމަތިވީ މާޔޫސްކަމާއެވެ.
"އައި އެމް ސޮރީ" ޔުއާންގެ އަޑުވެސް އައީ މަޑުންނެވެ.