ދީމް އިސްޖަހާލީ ކިނާންގެ ދެލޮލަށް ބަލަން ނުކުޅަދާނަވުމުންނެވެ.

ތި އަތްކުރި އޮޅާލާފަ އަހަރެންނަށް ދައްކާލަބަލާށޭ" ކިނާން ދީމްގެ ދެލޮލަށް ބަލާލިއެވެ.

"އެ ކީކުރަން؟" ދީމްއަށް އަހާލެވުނީ ހާސްކަމާއެކުގައެވެ.

"އަހަރެން ބުނީމަ ބުނާގޮތަށް ކަންތައް ކޮށްބަލަ" ކިނާން ބުނެލީ ހިސާބަކަށް ޖެހިލުންވާ ޒާތަކަށެވެ.

'ނޫން އަހަރެން ދާންވެއްޖެ" ދީމް އުޅުނީ ކިނާންއާ ދުރަށްދާށެވެ. އެހެންނަމަވެސް ކިނާން ހުޝިއާރު ކަމާއެކު ދީމް އަނެއްކާ ގެނެސް އޭނާއާއި ފާރާ ދެމެދު ހައްޔަރު ކޮށްލިއެވެ.

"އަހަރެން މި ބުނީ ދައްކާށޭ" ކިނާން ބާރަށް ބުނެލިއެވެ. އޭނާ ދީމްގެ އަތުގައި ހިފާ ދައްކާށޭ ބުނެ އިޝާރާތް ކޮށްލިއެވެ. ދީމް ދެފަރާތަށް ބޯ ހޫރާލީ ނޫނެކޭ ބުނުމަށެވެ.

"ކިހިނެތްވީ؟" ކިނާން ގޮށްމުށުން ފާރުގައި ޖަހާލިއެވެ.

"ކިނާން ކީކުރަން ކުރާކަމެއް؟" ދީމް އަހާލިއެވެ.

"އަހަރެން ދައްކާށޭ ބުނީމަ ދެއްކީމަވީނު" ކިނާން ބުނެލީ ދީމްގެ ލޮލަށް ބަލާލަމުންނެވެ. އިރުކޮޅެއްގެ ހިމޭންކަމަށްފަހު އޭނާ ދެފަރާތަށް ބޯ ހޫރާލިއެވެ. ކިނާން ދީމްގެ އަތުގެހުޅާ ދިމާލުގައި އިން ގޮށް އުފުރާލުމަށްފަހު އަތްކުރި އޮޅާލީ ކުއްލިއަކަށެވެ. ދީމްއަށް ތަޅިގަނެވުނު ނަމަވެސް އަތުގައި ހުރި ލަކުނުތައް ކިނާންއަށް ފެނިއްޖެއެވެ.

އެތަންފެނި ކިނާން ހުއްޓުންއަރާ ގޮތްވިއެވެ. ކިނާންއަށްވީ ގޮތުން ދީމްއަށް ވެސް ލިބުނީ ޝޮކެކެވެ. އޭނާއަށް ދެލޯ ބޮޑުކޮށްލާ ކިނާންއަށް ބަލާލެވުނުއިރު އެދެލޯ ފެންކަޅި ވެއްޖެއެވެ.

"މީތަ ދީމްއަށް ކުރަންއެނގުނު ކަމަކީ؟" ކިނާންއަށް އަހާލެވުނެވެ. ހިސާބަކަށް ނުރުހުންވެފައެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ ދީމްގެ އަތުގައިވަނީ އެތަކެއް ކޫރުމެއް އެޅިފައެވެ.

"ދީމް... ކީއްވެ ކުރިކަމެއްމީ؟ އަމިއްލަ ނަފްސަށް އަނިޔާ ދިނުމަކީ ކިހާބޮޑު ފާފައެއްކަން ނޭނގޭތަ؟ ދެން ކީއްވެ؟" ކިނާންގެ އަޑަށް ވެސް މިހާރު ވެރިވެފައި ވަނީ މަޑު މޮޅިކަމާއި މަޑުމައިތިރިކަމެވެ. އަޑުން ހިސާބެއްގެ ރިހުމެއް ފާޅުވެއެވެ. އޭނާ ދީމްއަށް ބަލާލިއެވެ. އިސްޖަހައިގެންހުރި ދީމްގެ އިސްއުފުލުވާލާ އޭނާ ސުވާލުތައް ތަކުރާރު ކުރިއެވެ. އެހެންނަމަވެސް ދީމް ނަޒަރު ތިރިކޮށްލަމުން ތިރި ބަލާލީއެވެ.

"ދީމް! އަހަރެންގެ ލޮލަށް ބަލާ، ޖަވާބު ދީ! ކިހާ ދުވަހެއްވެއްޖެ މިކަމެއް ހިނގާތާ؟" ކިނާން އަހާލީ ބާރަށެވެ.

"ކިނާން އަހަރެން..." ދީމްއަކަށް ވާހަކައެއް ނުދެއްކުނެވެ.

"ކޮން އަހަރެންނެއް. އަހަރެން މިއަހަނީ ކިހާ ދުވަހެއް ވެއްޖެހޭ މިހާރު މިކަމެއް ހިނގާތާ. ޖަވާބު ދީބަލަ ދީމް" ކިނާން ވާހަކަ ދެއްކީ އަޑު ހަރުކޮށެވެ. ދީމް އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނުމަކީ އޭނާގެ ސިކުނޑިއަށް ނަގައިގަންނަން ފަސޭހަކަމަކަށް ނުވީއެވެ.

"އެހެންވެތަ އަބަދު އަތުގެ ކުޑަހުޅާ ހިސާބަށް އަންނަ އެއްޗެހި ލައިގެން ތިއަތް ފޮރުވައިގެން ތިއުޅެނީ، ކިހާދުވަހެއް ވެއްޖެހޭ ދީމް؟" ކިނާންއަށް މިފަހަރު ބުނެވުނީ މަޑުންނެވެ. ކިނާން އޭނާގެ ނިތްކުރި ގެންގޮސް ދީމްގެ ނިތްކުރީގައި ޖައްސާލިއެވެ. އަދި މާފަށް އެދުނެވެ.

"އައި އެމް ސޮރީ، އެއްގޮތެއްވެސް ނޭނގުނޭ ކިނާން. އަމިއްލަ ނަފްސު ހަމައަކަށް އަޅުވާނެ އެއްގޮތެއްވެސް ނޭނގުނު. އެންމެ ފަހުން އަހަރެން އަމިއްލަ ނަފްސުދެކެ ރުޅިއައީ." ކުއްލިއަކަށް ކިނާންގެ އުނަގަނޑުގައި އަތް ވަށާލަމުން ދީމް ވާހަކަ ދެއްކިއެވެ. އެ އަމަލުން ކިނާން ސިހުނު ނަމަވެސް އޭނާ ދީމް ދުރުކޮށްލާކަށް ނޫޅުނެވެ. ދީމްގެ އަތް އޭނާގެ އުނަގަނޑާ ދިމާލުގައި އިހުނަށްވުރެ ބާރުކޮށްލުމާއެކު އޭނާއަށް ވެސް ދީމްގެ ގައިގައި އަތް ވަށާލެވުނެވެ.

"އައި ހޭޓް މައި ސެލްފް ކިނާން." ދީމް ބުނެލީ މާޔޫސްކަމާއެކު ރޮމުންނެވެ.

"އަމިއްލަ ނަފްސަށް އަނިޔާ ދެވުނީމަ އަހަރެން ހިންހަމަޖެހޭ، އެހެންވެ ކުރެވޭކަމެއް. ފަހުން ދެރަވެސް ވޭ. އެކަމަކު އެކަން ކުރެވުމުން ހިތްހަމަޖެހޭ!" ދީމް ރޮމުން ވާހަކަދައްކަމުން ދިޔައެވެ. ދީމްގެ ހޫނު ކަރުނައިން ކިނާންގެ ގަމީހުގެ މޭމަތި ފޯވަމުން ދިޔައެވެ. އޭނާގެ ހިތަށްވެސް ކޮށްފައިވަނީ ފުން އަސަރުތަކެކެވެ. ދީމް ރޮމުން ދިޔަގޮތުން އޭނާގެ ހިތަށް ވެސް ވަނީ ތަދުވެފައެވެ. އެހިތް ވެސް ރޮމުން ދިޔައެވެ. ފުރަތަމަ ފަހަރަށް ދީމްއަށް ކޮށްފައިވާ އަސަރާ މެދު އޭނާއަށް ފުންކޮން ވިސްނާލެވުނެވެ. ދީމް އެހާލަތައް ވެއްޓުމުގައި ޚުދު އޭނާގެ އަތެއް ވެސް އެބަވެއެވެ.

"އައި ހޭޓް މައި ސެލްފް، ކީއްވެތަ އެކަހަލަ ބައްޕައެއްގެ ދަރިއަކަށް ވާންވީ؟" ދީމް ބުނެލިއެވެ.

"ޝްޝްޝް" ކިނާން ދީމް މަސަލަސް ކުރަން އުޅެމުން ދީމް ގަޔާ ދުރުކޮށްލަން އުޅުނެވެ. އެހެންނަމަވެސް ދީމްހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. އެތައްއިރަކު ރުއިމަށްފަހު ދީމް ދުރުވެލިއިރު އޭނާގެ ދެލޯ ވެސް ވަނީ އެކީ ރަތްވެ ދުޅަވެފައެވެ.

ކިނާން އޯގާތެރިކަމާއެކު އެ ކަރުނަތައް ފޮހެދިނެވެ. ނުރުއިމަށް ބުނަމުން ދެފަރާތަށް ބޯ ހޫރާލިއެވެ. ކިނާންގެ އަތުގެ ހިމާޔަތް ލިބުމުން ދީމްގެ ހިތަށްފިނިކަން ލިބުނަސް މިވަގުތު އޭނާ ބޭނުންވަނީ އެކަނި ވެލާށެވެ. ކިނާންއަށް ބަލާލަމުން އޭނާ ކިނާންގެ އަތް ނައްޓުވާލިއެވެ. އެއަށްފަހު ދުވެފައި ނުކުމެގެން ދިޔައެވެ. ދީމް ދިޔުމާއެކު ކިނާންއަށް ދެއަތުން ބޮލުގައި ހިފައްޓާލުމާއެކު ސޯފާމައްޗަށް ތިރިވެވުނެވެ.

*****

އެމް. އެޗް. ޑީ. ސީ އިމާރާތް ކައިރިއަށް ހުއްޓާލި ކާރުން ފޭބި ޒުވާނާގެ މިސްރާބުހުރީ އެތެރެއަށެވެ. އޭނާގެ ފިޔަވަޅުތަކުގައި ހުރީ ލަސްކަމެވެ. އަވިން ސަލާމަތްވުމަށް ބޮލުގައި ކަޅުކުލައިގެ ތޮތްޕެއް އަޅާލާފައިވެއެވެ. ލާފައި ހުރީވެސް އަތްދިގު ކަޅު ޓީޝާޓެކެވެ. ލޯ ފޮރުވާލާފައި ވަނީ އަވި އައިނަކުންނެވެ. އިސްޖަހާލައިގެން އެތެރެއަށް ވަދެގެން ދިޔައިރު ބައެއްމީހުން އޭނާއަށް ވަރަށްބަލަމުން ދިޔައެވެ. އެހެންނަމަވެސް އޭނާ އެއިން އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ. މީހުންގެ ނަޒަރުތަކުން ސަލާމަތްވެގެން އޭނާ ގޮސް އިމާރާތުގެ އެތެރެއަށް ވަދެއްޖެއެވެ. މީހުން ފުދޭވަރަކަށް ގިނައެވެ. އޭނާ ރިސެޕްސަންގެ އެއްފަރާތުގައި މަޑުކޮށްލައިގެން ހުއްޓެވެ. ލިފްޓަށް ނަޒަރު ހުއްޓާލުމާއެކު އޭނާގެ ތުންފަތަށް ލުއި ހިނިތުންމުވެއް ވެރިވިއެވެ.

މަޑުމަޑުން ލިފްޓަށް ފިތާލާ އޭނާ އިމާރާތުގެ އެންމެ މަތީ ފްލޯއަށް ދިޔުމަށް ފިތާލިއެވެ. އަށްވަނަ ފްލޯއަށް އަންނަން އެ ނެގިމަދު ސިކުންތުކަޅަކީ ގަރުނެއްހެން އެޒުވާނާއަށް ހީވިއެވެ. ލިފްޓް ހުއްޓުމާއެކު އޭނާ މަޑުކޮށްލައިގެން ހުރުމަށްފަހު، ފަހުން ކަންތައް ވާނެގޮތަކަށްވާން ދޫކޮށްލާފައި ކެބިންއާ ދިމާލަށް ހިނގައިގަތެވެ. އިރުކޮޅަކު މަޑުކޮށްލައިގެން ހުރުމަށްފަހު އޭނާ ދޮރު ހުޅުވާލަން ތަޅުގައި ހިފާލިއެވެ. އަދި ފުން ނޭވާއެއް އެތެރެއަށްދަމާލަމުން ދޮރު ހުޅުވާލީ ދެލޯ މަރާލައިގެން ހުރެއެވެ.

"އެ ފައިލް ލިބުނުތަ ޒައު" އަނާލްގެ އަޑު އިވުމާއެކު އިޒިއަންއަށް ދެލޯ ހުޅުވާލެވުނެވެ. އަނާލް އިނީ އޭނާއަށް ފުރަގަސްދީގެން ފޯނެއްގައިކަމުން އިޒިއަންއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. އަނާލްގެ ނަމުން ގޮވާލަން އިޒިއަން ނުކުޅެދުމާއެކު އޭނާއަށް ހުރި ފިޔަވަޅު މަތީ ހުރެވުނީއެވެ.

"ޒައު. އެ ފައިލް ހިފައިގެން އަހަރެންގާތަށް އާދޭ އިނގޭ. އޭރުން ސޮއިކޮށްލާނަން" އަނާލް ވާހަކަ ދައްކާ ނިންމާފައި އެނބުރިލިއެވެ. އެއާއެކު ކުރިމަތީގައިހުރި އިޒިއަން ފެނި އޭނާގެ ބަސް ހުއްޓި ދެލޯ ބޮޑުކޮށްލެވުނެވެ. އެ ވަގުތު އަތުގައި އޮތް ގަލަމާއި ފޮތް ވެއްޓި ޓައިލްސްތަކު މަތީގައި ޖެހުނެވެ.

"އިޒި...އިޒިއަން" އަނާލްއަށް އުނދަގުލުން އިޒިއަންގެ ނަން ކިޔާލެވެނެވެ. ކުއްލިއަކަށް އިޒިއަން ފެނުމުން އަނާލްއަށް ވެސް ލިބުނީ ޝޮކެކެވެ. އޭނާއަށް އިނދެވުނީ ޖެހިބުދެއްހެން ހުއްޓިފައެވެ. ނުރުހުމުގެ ބަހެއް ބުނާކަށް ނޫނީ ހަޅޭއްލަވައިގަނެ އިޒިއަން އެތަނުން ބޭރުކުރާކަށް ވެސް ސިކުނޑިއަކަށް ވިސްނުމެއްނަޔެވެ. އިޒިއަންގެ ފައިންފެށިގެން ބޮލާ ހިސާބަށް ބަލާލި އަނާލްގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ފެނިގެން ދިޔައެވެ. އިޒިއަން ހާދަ ހިއްކެވެ. އެ ވަރުގަދަ ހަށިގަނޑު މިހާރު ވަނީ އަނަރޫފަވެފައެވެ. މީހާގެ ހަށިގަނޑު ބަލިކަށި ވައްތަރު ޖަހައެވެ. ތުނިކޮށް ފަޅަންފަށާފައިވާ ތުނބުޅީގެ ސަބަބުން ކޯ ވަޅު ވަދެފައިވާ ދިމާލުން ކޮންމެވެސް ވަރަކަށް އައިބުކަން ފޮރުވަމުން ދިޔަނަމަވެސް މޫނުމަތިވެސް ވަނީ މިލާފައެވެ. ދެލޯ ކައިރީގައި ކޮންމެވެސް ވަރެއްގެ ދުޅަކަމެއް ހުރިހެން ހީވެއެވެ. ލާފައި ހުރި ޓީޝާޓުންވެސް ހަށިގަނޑު ހިކިކަން ދެނެގަންނަން އުނދަގުލެއް ނުވިއެވެ. ތުންފަތުގައި ހިނިތުންވުމުގެ އަސަރެއްނުވެއެވެ. މޫނުމަތިން ފެންނަނީ މާޔޫސްކަމާއި ހާސްކަމާއި ކަންބޮޑުވުމެވެ. ކޮންމެވެސް އެއްޗެކޭ ބުނަން އެ ތުންފަތް ހަރަކާތް ކޮށްލިތަން އަނާލްއަށް ފެނުނެވެ. އެހެންނަމަވެސް އެ ބަސްތައް ދުލުން ބޭރުނުވެ އުޅެނިކޮށް އިޒިއަންގެ އިސްޖެހިގެން ދިޔަތަން ވެސް އޭނާއަށް ފެނުނެވެ.

އެވަގުތު އެތަނުން ނުކުމެގެން ދާން އިޒިއަން ގާތުބުނަން ކިތަންމެ ބޭނުންވެފައި ހުއްޓަސް އިޒިއަންގެ މޫނުމަތިން ފެނުނު އަސަރުތަކުން އެ ގޮތަށް އެކަންތައް ކުރަން އޭނާގެ ޒަމީރުތަނެއް ނުދިނެވެ.

"ނާލް" ކުޑަކޮށް އިސްއިފުލާލާ އިޒިއަން ގޮވާލިއެވެ. އަޑު އައިލެއް މަޑުކަމުން އެ އަޑު އަނާލްއަށް އިވުނީ ކިރިޔަ ކިރިޔާއެވެ. އިޒިއަންގެ އަޑުއިވިފައި އެ އަޑުގައިވި އަސަރުން އަނާލްގެ ހިތްވެސް ހިނދުކޮޅަކަށް މަޑުޖެހިގެން ދިޔައެވެ. ހިތުގެ ކަނެއްގައި ގައިދުކޮށްފައި ހުރި އިޙްސާސްތައް ހޭލައްވާލައިފިއެވެ. އެ އިޙްސާސްތަކުގެ މައްޗަށް ކިތަންމެ ކުރިހޯދަން މަސައްކަތް ކުރިނަމަވެސް ކާމިޔާބެއް ނުލިބުނެވެ. ހިނދުކޮޅަކަށް ވެސް ހުރިހާ ކަމެއްމަތިން ހަނދާންނެތި ޖަޒުބާތުގެ އޮއިވަރެއްގައި ޖެހިއްޖެއެވެ. އިޒިއަންގެ ސިފަ ފެނި ހިތްދަތިވިނަމަވެސް ބޮޑަށް ހިތްދަތިވީ އަދި އަޑު އިވުމުންނެވެ. އޭނާގެ ނަމުން ގޮވާލިއިރު އެ އަޑުގައިވި ރިހުން ސިއްރެއްނުވިއެވެ.

އިޒިއަން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އަނާލްގެ މޫނުމަތިން ފެނުނު އަސަރުތަކުން ހިނދުކޮޅަކަށް އޭނާއަށް އުންމީދެއް ލިބުނެވެ. އިތުރު ފިޔަވަޅުތަކެއް އެޅެން ފެށުނީ އެހެންވެއެވެ. އަނާލް އިތުރަށް އެއްޗެއް ނުބުނުމުން އޭނާއަށް ލިބުނީ އިތުރު ހިތްވަރެކެވެ. އަނާލްއާއި ދާދިގާތަށް ހުއްޓުމަށްފަހު އިޒިއަން އަނާލްއަށް ގޮވާލިއެވެ. އޭރުވެސް ދެމީހުންގެ ނަޒަރު ހުރީ އެކަކު އަނެކަކާ ސީދާވެފައެވެ.

އަނާލްގެ ގޮނޑީގެ އަތް ގަނޑުގައި ހިފައްޓާ ކަކޫ ޓައިލްސްތަކު މަތީގައި ޖައްސާލުމަށްފަހު އިޒިއަން އިށީނެވެ. އަދި އަނާލްގެ އަތުގައި ހިފަހައްޓަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އިޒިއަންއަށް އެ ފުރުސަތު ނުދީ އަނާލް އަތް ދަމައިގަތެވެ. އަނާލްގެ އެއަމަލުން އިޒިއަންގެ ހިތުގައި ޖެހުނެވެ. އަނާލް ގޮނޑި ފަހަތަށް ދުއްވާލުމާއެކު އިޒިއަން ވެސް އަނާލްއާ ދިމާ ކުރިއަށް އަނެއްކާ ޖެހިލިއެވެ.

"ނާލް އައިއެމް ސޮރީ!" އިޒިއަން ބުނެލިއެވެ. އަނާލް އަތުން މަޑުކުރުމަށް އިޝާރާތް ކޮށްލުމާއެކު އޭނާއަށް އަނާލްއާ ގާތަށްދާކަށް ނުކެރުނެވެ. އެހެންކަމުން އިޒިއަން ފަހުން ވާހަކަދެއްކީ ކޮޅަށްތެދުވެ ހުރެއެވެ.

އަދިވެސް އަހަރެންނަށް މާފެއް ނުކުރާނަންތަ؟" އަނާލްއަށް ފުރަގަސްދެމުން އިޒިއަން އަހާލިއެވެ.

"މާފު ހައްގުވާވަރުގެ ކުށެއްތަ ކުރީ؟" އަނާލް ވެސް ނުރުހުމާއެކު އިޒިއަންއާ ސުވާލުކުރިއެވެ.

"ނޫން" އިޒިއަން ވަގުތުން އެ ސުވާލަށް ޖަވާބުދިނެވެ. އެ އަޑުގައި ވަނީ ވޭނާއި ހިތްދަތިކަމެވެ.

"ދެންކީއްވެ ލަދު ނުގަނެގެން އަހަރެންގެ މާފު ހޯދަން ތިއަންނަނީ؟" އަނާލް ނުރުހުންތެރިކަން އަޑަށް ގެންނަން މަސައްކަތް ކުރިއެވެ.

"އަދިވެސް ނާލް ތިއީ އަހަރެންގެ އަންހެނުންނަށް ވީމަ އެހައްޤު އަދިވެސް އޮތްކަމަށް ޤަބޫލް ކުރެވޭތީ،" އިޒިއަން މިފަހަރު ދޫ ދޭން ބޭނުން ނުވުމުން ބުނެލީ އަނާލް ބުނާ އެއްޗެއް ބަލަން ބޭނުންވުމުންނެވެ. އިޒިއަންގެ ވާހަކައިން އަނާލްއަށް މަޑުޖެހުމެއް އައިކަން އޭނާއަށް ދެނެގަނެވުނެވެ. އެއްޗެއް ބުނަން ނޭނގި ބަސް ހުއްޓުނީއެވެ.

އިޒިއަންގެ ނަޒަރު އަނާލްގެ ފަޔަށް ހުއްޓުނުކަން އެނގުމާއެކު އަނާލްއަށް ބޭއިޚްތިޔާރުގައި ފައިގެ އިނގިލިތައް ކުޑަކޮށް ހަލުވާލެވުނެވެ. އެއާއެކު އިޒިއަންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެކަން އަނާލްއަށް ފާހަކަވީކަންނޭނގެއެވެ. އިޒިއަންގެ އެ ހިނިތުންވުމުން އޭނާއަށް އުނދަގޫވެއްޖެއެވެ. އެހެންކަމުން އަނެއްކާވެސް ބުނާނެ މޮޅުއެއްޗަކާދޭތެރޭ އޭނާ ވިސްނާލިއެވެ.

"އަހަރެންވަރީގެ ކަންތަކާ އުޅޭނަން!" އިޒިއަން ކުރިއަށް އަލާލި ފިޔަވަޅާއެކު އަނާލް ބުނެލިއެވެ. އޭނާ ބޭނުންވީ އިޒިއަންއަށްވާ ގޮތް ބަލާށެވެ. ބަލަން ހުއްޓާ އިޒިއަންގެ ލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވެ ކޯތާފަތުން ތިރިއަށް ރޮނގުދެމިގެން ދިޔަތަން ފެނުނެވެ. އެ ބަސްތަކުން އޭނާގެ ހިތަށް ތަދުވަމުން ދިޔަނަމަވެސް އޭނާ ބޭނުންވީ އިޒިއަން ހިތުގައި ޖައްސުވާށެވެ. އެހެންކަމުން ނުރުހުމުގެ ކުލަވަރުތައް މޫނުމައްޗަށް ވެރިކޮށްގެން އިނީއެވެ.

"އެހެރީ ވަތްދޮރު، ހަމަ މިހާރު ނުކުމޭ، ކަލޭގެ ސަބަބުން އަހަރެންގެ މުޅިއާއިލާ ރޫޅިއްޖެ" އަނާލް މާޒީގައިވީ ހުރިހާކަމެއް ހަނދާން ކުރަމުން ބުނެލިއެވެ. އިޒިއަން އަނާލްއަށް ބަލަންހުރެ އެއްވެސް އެއްޗެއް ނުބުނެ ދާން އެނބުރިލުމާއެކު އަނާލްއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. އޭނާ ހީކުރީ އިޒިއަން ކޮންމެވެސް އެއްޗެއް ބުނާނެކަމަށެވެ. އެހެންނަމަވެސްވީ އެހެންނެއް ނޫނެވެ.

ކޯތާފަތުން ތިރިއަށް ފައިބަމުންދިޔަ ކަރުނަތައް ފޮހެމުން އިޒިއަން ނުކުތެވެ. އަދި ދޮރުފަތުގެ އެއްފަރާތުގައި ބުރަކަށި ޖައްސާލާ މޭގައި އަތްއަޅާލީ އެ ހިތުގެތެޅުން ހަމައަކަށް އަޅުވާށެވެ. އެހެންހުއްޓާ ސިހުންލިބުނީ އަނާލްގެ ގިސްލުމުގެ އަޑު އެ ކަންފަތުގައި ޖެހުމުންނެވެ. އެވަގުތު އަނާލްގާތަށް ދާން ބޭނުންވިޔަސް އޭނާ ހިތްވަރުކުރިއެވެ. އަނާލް ރޯ އަޑު އިވުމުން އޭނާގެ ލޮލަށް އަނެއްކާވެސް ކަރުނަތައް ޖަމާވިއެވެ. އަދި އަނާލް ދެންމެ އޭނާއަށް ދެއްކި ހިތްވަރުގަދަކަމާއި ނަފްރަތަކީ އަނާލްގެ ރުހުމުގައި ދެއްކި ކުލަވަރުތަކެއް ނޫންކަން ވެސް ދެނެގަނެވުނެވެ. މިވަގުތު އަނާލްއަށް އެންމެރަގަޅު ވާނީ އޭނާ ފެންނަ ހިސާބަށް ނުދިޔުންކަން އެ ސިކުނޑިއަށް ވިސްނުމާއެކު އޭނާ ލިފްޓަށް ފިތާލިއެވެ. ލިފްޓްއައުމާއެކު ތިރިއަށް އޭނާ ދާން މިސްރާބުޖެހީ ދާ ހިތަކުންނޫނެވެ. އެހެންނަމަވެސް މަޖުބޫރުންނެވެ. އެތައް ދުވަހަކަށްފަހު އަނާލް ފެނުމުން އިޒިއަންގެ ހިތަށްކޮށްފައިވަނީ ކޮންފަދައަސަރެއްކަމެއް ނޭނގުނެވެ.

ޒައުނާ ފައިލްތައް ހިފައިގެން އައިސް ކެބިންއަށް ވަތްއިރު އަނާލް ގިސްލާ ރޮމުންދިޔަ ތަންފެނި އޭނާއަށް އަވަސް އަވަހަށް އެދިމާލަށް ދެވުނެވެ. އަނާލް ގާތު ވީކީއްތޯ އޮޅުންފިލުވަން މަސައްކަތް ކުރިނަމަވެސް އޭނާއަށް އެއްވެސް ކުރިއެރުމެއް ނުލިބުނެވެ. ހަދާނެ ނުހަދާނެ ގޮތެއް ނޭނގިގެން އޭނާއުޅުނީ އަނާލްގެ އާއިލާގެ މީހަކަށް ގުޅާށެވެ. ނަންބަރު ޖަހަންހުއްޓައި އަނާލް ވާހަކަ ދެއްކުމާއެކު ސހުނެވެ.

"އައި އެމް އޯކޭ" އަނާލް އެހެން ބުނެލިއިރުވެސް އެ އަޑުގައިވި ރިހުން ޒައުނާއަށް ސިއްރެއްނުވެއެވެ.

*****

އިޒިއަން ޓެކްސީއަކަށް އަތްނަގާ މަޑުކުރުވިއެވެ. ޓެކްސީ އައުމާއެކު އޭނާ ޓެކްސީއަށް އަރާ އިށީނެވެ. އެއްލި ކަޅިއަކުން އޭނާއަށް ޔުމާން ލޮލުގައި އަޅައިގަތެވެ. އެއާއެކު ދެބުމަ ގޮށްޖެހިގެން ދިޔައީ ޔުމާން.އެމް.އެޗް.ޑީ.ސީގެ ތެރެއަށް ވަނުމާއެކުގައެވެ. ހިތަށް ކޮންމެވެސް ކަހަލަ އުނދަގުލެއްވީ ކީއްވެކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގުނެވެ. އަމިއްލަ ހިތް ހަމައަކަށް އަޅުވާލަމުން އޭނާ ޓެކްސީ ޑްރައިވަރަށް ދާންވީ މަންޒިލް ބުނެލަދިނެވެ. ކާރު ދުއްވަމުންދިޔައިރު އޭނާ ދިޔައީ ބޭރު ބަލަމުންނެވެ. މަންމަމެން ގެހުންނަ މަގަށްއެޅުމާއެކު އޭނާ ހިންދިރުވާލީ އުނދަގުލުންނެވެ. ގެ ލޯ މަތިން އޮބާލަން ދެންވެސް އޭނާއަށް ބެލުނެވެ. ދުވެފައި ގޮސް މަންމަގެ ގައިގައި ބައްދައިގަނެފައި މާފަށްއެދެން ބޭނުންވިއެވެ. އެހެންނަމަވެސް އެހިތްވަރު މިއަދަކު ނެތެވެ. ފުންނޭވާއެއް ލުމާއެކު އޭނާ ފޯން ނަގާ ނަންބަރަކަށް ގުޅާލިއެވެ. އަދި ވާހަކަ ދެއްކިއެވެ. އެމީހަކު ގާތުގައި އޭނާ އެދުނީ ބައްދަލުކުރުމަށެވެ.

"ތެންކިޔު" ފޯން ބޭއްވިއިރު އެ ތުންފަތް މަތީގައި ކުޑަ ހިނިތުންވުމެއްވިއެވެ.

*****

ރޭގަނޑުގެ ވަގުތެވެ. ޝާހީން ފެންވަރައިގެންނުކުމެ އެނދުމަތީގައި ހުރި ކޮތަޅުތަކަށް ނަޒަރެއް ދިނެވެ. އަދި އަވަސް އަވަހަށް ރީތިވާން ފެށިއެވެ. އޭނާ ފޯން ނަގާ ނަންބަރަކަށް ގުލާލިއެވެ.

ޝާދު ނިދަން ރީތިކުރަން ހުރެފައި ދާރިޔާ ގޮސް ފޯނުނަގާ ގުޅަނީ ކާކުތޯ ބަލާލިއެވެ. ގުޅަނީ ޝާހީންކަމަށް ވުމާއެކު އޭނާ ލަސްނުކޮށް ފޯން ނެގިއެވެ. އެ ދެމެދުގައި މުޅިންވެސް ވާހަކަ ދެކެވެނީ ޝާދުއާ ބެހޭ ގޮތުންނެވެ. ވަކިން އުޅުނަސް ޝާހީން ޝާދުއަށް ބޭނުންވާ ކަންތައްތައް ގަވައިދުން ކޮށްދޭތީ ދާރިޔާ އުފާވެއެވެ. ކޮންމެ ރެއަކުވެސް ޝާދު ނިދުމުގެކުރިން ޝާހީން ޝާދުއަށް ގުޅާނެއެވެ. ދެބަފައިން އެކުގައި އެތަކެއް ވާހަކައެއް ދައްކާނެއެވެ. ދާރިޔާ ޝާދު އަތަށް ފޯނު ދިނުމާއެކު ޝާދު އެނދުމައްޗަށް އަރާ ދެފައި ވަށްކޮށްލައިގެން އިށީނެވެ. ޝާހީން ވެސް ރީތިވަމުން ވާހަކަ ދައްކަމުންދިޔައީ ސްޕީކަރަށް ފޯންލައިގެން ހުރެއެވެ.

ޝާދުގެ އުފާވެރިކަން ދާރިޔާގެ ހިތަށްވެސް ފިނިކަން ގެނެސްދެއެވެ. ވާހަކަ ދައްކަން އިންއިރު ޝާދުއަށް ދިޔައީ ނިދިޖެހެމުންނެވެ. އެހެންނަމަވެސް އޭނާ ފޯން ބާއްވާކަށް ބޭނުމެއް ނުވިއެވެ. ދާރިޔާ ވެސް ދަރިފުޅު ބާލީހުގައި ބާއްވާލަމުން ކައިރީގައި އިށީނެވެ. އަދި އެ ބޮލުގައި ފިރުމަން އޮތެވެ. ނިދެމުން ނިދެމުން ގޮސް ޝާދުއަށް ނިދިގެން ވެއްޓުމާއެކު ދާރިޔާ ފޯން ނަގާ ކަންފަތުގައު ޖައްސާލިއެވެ.

"ޝާދުއަށް ނިދިއްޖެ." އޭނާ އިތުރަށް އެއްވެސް އެއްޗެއް ނުބުންޏެވެ. ވެރިވެގެންދިޔަ ހަމަހިމޭންކަމުގެ ސިކުންތުކޮޅަކަށްފަހު ޝާހީން ވާހަކަ ދެއްކިއެވެ.

"ޝާދުއަށް ބޭނުންވާ އެއްޗެހި އަހަރެން ގަނެފިން، މިރޭ ހަވާލުކޮށްލަން ދަންތަ؟" ޝާހީން ހުއްދައަށް އެދުނެވެ. ދާރިޔާވެސް ދެކޮޅެއް ނަހަދައެވެ. ފޯން ބާއްވަމުން ޝާހީން ބުނީ ގެ ކައިރިއަށް ގޮސްފައި ގުޅާނެކަމުގައެވެ. ފަހަރެއްގައި ލަސްވެދާނެކަމުގައެވެ.

ދާރިޔާ ޝާދުއަށް ބަލާލިއެވެ. ޝާހީންފަދަ ބައްޕައެއް ޝާދުއަށް ލިބުނީތީ އޭނާ އުފާކުރިއެވެ. އޭނާއަކީ ވަޒީފާގައި އުޅޭ މީހަކަށް ވިނަމަވެސް ޝާހީން ޝާދުއަށް ބަރާބަރަށް ހަރަދުކުރެއެވެ. ކޮންމެމަހަކަށް ވާވަރަށް އޭނާ ދާރިޔާ އަތަށް ލާރިދެނީ އެއީ ފިރިހެންމީހާގެ ޒިންމާއެކޭ ބުނެފައެވެ. މީގެއިތުރުން ބޭނުންވާ އެހެން އެއްޗެހިވެސް ހޯދައިދެއެވެ. ޝާދުގެ ކަންކަމުގައި ޝާހީން ގާތު ބުނަން އޮންނަނީ ދާރިޔާއަށް ވެސް އަންގާފައެވެ. ކުރީކޮޅު އޭނާ އަމިއްލައަށް ޝާދުގެ ކަންތައްތައް ކުރިނަމަވެސް ޝާހީން އެކަމާ ހިންހަމަނުޖެހި ރުޅި އަންނަންފެށުމުން އޭނާ ފަހުން ހުރިހާކަމެއް ވެސް ޝާހީންއާއި ހިއްސާކުރާނެއެވެ.

ގަޑިން އެގާރަޖަހާ ބޮޑުވެއްޖެއެވެ. ޝާހީން ދާރިޔާއަށް ގުޅާލާ އެބަދަމޭ ބުނެލިއެވެ. ޝާހީން ކާރުގައި އިންއިރު ވިސްނަމުން ދިޔައެވެ. އަދިވެސް އޭނާގެ ހިތަށް އުނދަގޫ ވަނީއެވެ. ޝާދުއާއި ދާރިޔާ އެ ހަޔާތަށް އަނބުރާ ގެންނަން ހިތަށްއަރަނީ ކީއްވެކަމެއް ނޭނގެއެވެ. ވިސްނަން ބޭނުން ނުވިޔަސް ވިސްނެނީއެވެ. އަދި ޚާއްސަކޮށް ކުރިންރޭ ޝާދުގެ ފަރާތުން އޭނާއަށް އެ ސުވާލު ކުރިމަތި ވުމަށް ފަހުއެވެ. އެހެން އެއްވެސް ކުއްޖެއް އެ ހަޔާތަށް ގެންނަން ބޭނުންނުވެފައި މިހާ ދުވަސްވީ އިރުވެސް އޭނާއަށް ހުރެވުނީ ހަމަ އެކަނި ޝާދުގެ ހައްޤުގައިހެއްޔެވެ؟ ނޫނީ އޭނާގެ ހިތުގައި ދާރިޔާއަށް ދެވިފައިވި ޤަދަރު އެހެން އެއްވެސް މީހަކަށް ނުދެވޭނެތީހެއްޔެވެ؟ އޭނާ އަދިވެސް ދާރިޔާދެކެ ކުރިންވީފަދަ ލޯތްބެއްވަނީ ހެއްޔެވެ؟ އެޅުނު ކަތި ފިޔަވަޅަކީ ވަގުތީ ގޮތުން އައިސްފައި ހުރި ރުޅީގެ ސަބަބުން އެޅުނު ފިޔަވަޅެއް ހެއްޔެވެ؟ ނޫނީ ހަޤީގަތުގައި ވެސް އެ ހިތުގައި ނަފްރަތު އުފެދިގެން އެޅުނު ފިޔަވަޅެއް ހެއްޔެވެ؟

ނޭނގިނަމަވެސް ދާރިޔާ އަލުން އެ ހަޔާތަށް ގެންނަން އޭނާ އެބަ ބޭނުންވެއެވެ. އާއެކެވެ. ކޮންމެވެސް ސަބަބަކާހުރެ އެބަ އުނދަގޫތަކެއް ވެއެވެ. ދާރިޔާ ވިހެއުމަށްފަހު ދަރިފުޅު އަތުލަން އޭނާ ބޭނުންނުވީ މަންމައަކާއި ދަރިފުޅު ވަކިކުރަން އެ ހިތް ނުރުހުނީތީއެވެ. އެހެންކަންތައް ކޮށްފިނަމަ ދާރިޔާގެ ހިތަށް ޒަޚަމްތަކެއް ލިބޭނެކަން އެނގޭތީއެވެ. އޭރުވެސް އޭނާއަށް ދާރިޔާއާ މެދު ވިސްނުނެވެ. ދަރިފުޅަށް ފުރިހަމަ ތަރުބިއްޔަތެއް ދާރިޔާ ދޭނެކަން އޭނާއަށް ޔަޤީންވިއެވެ. އާއެކެވެ. ދާރިޔާ ހުރީ ވާނުވާ އެނގެން ފެށީއްސުރެ ދެފަރާތުގެ އާއިލާވެސް ޝާދުއަށް ދަސްކޮށްދީފައެވެ. ދުވަހަކުވެސް އޭނަ ގޯސްކޮށްފައި ވާހަކަ ދައްކާފައެއް ނުވެއެވެ. އެ ދަރިފުޅަށް ފުރިހަމަ އަޅާލުމާއި ލޯބި ދާރިޔާ ދެމުންގެންދެއެވެ. އޭނާއަށް ކޮތަޅުތަކާ ދިމާ ބަލާލެވުނެވެ. މިރޭ އޭނާ އެދަނީ ކޮންމެހެން ހަމައެކަނި ޝާދުއަށް ބޭނުންވާ ސާމާނު ހިފައިގެނެއްނޫނެވެ. ދާރިޔާއަށް ޓަކާވެސް ކޮންމެވެސް ކަހަލަ ހަދިޔާއެއް އެބައޮތެވެ.

އޭނާ ކާރު ޕާރކުކޮށްލަމުން ފޭބިއެވެ. ދާރިޔާއަށް ގުލާލުމާއެކު ދާރިޔާ އެދުނީ މައްޗަށް އެރުމަށެވެ. އޭނާ މިހުރީ އެޕާރޓްމެންޓް ދޮރުމަތީގައި އޭ ބުނެލިއެވެ. ޝާހީން މައްޗަށް އެރީ ލިފްޓުންނެވެ. ނުކުތްއިރު ދާރިޔާ ބުނިގޮތަށް އޭނާ ހުރީ އެޕާރޓްމެންޓް ބޭރުގައެވެ. ޝާހީން ފެނުމާއެކު ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލިއެވެ. ޝާހީން ވެސް މެއެވެ. ޝާހީންގެ އަތުގައި ކޮތަޅުތަކެއް ހުއްޓެވެ. އެހާ ލަސްކޮށްފައި ޝާހީން އައުމުން ދާރިޔާއަށް ހިސާބެއްގެ ހައިރާންކަމެއް ލިބުނު ނަމަވެސް އޭނާ އިތުރު އެއްވެސް އެއްޗެއް ނުބުނެއެވެ.

އެހެން ތިއްބާ ލިފްޓުން ނުކުތް ދާއިންފެނި ދާރިޔާގެ ހިނިތުންވުން ފަޑުވީ ޝާހީންއަށް ބަލާލެވުމާއެކުގައެވެ. އޭނާ ބޭނުންވީ ވީހާވެސް އަވަހަކަށް ޝާހީން އަތުގައިހުރި އެއްޗެހި ހިފައިގެން އެތެރެއަށް ވަންނާށެވެ. ދާއިންއަކީ އޭނާއާއި ޝާހީންއާއި ވަކިވާންޖެހުނު ސަބަބެވެ. އެކަން އޭނާ ހަނދާން ނައްތާލާނީ ކިހިނަކުން ހެއްޔެވެ؟

ދާރިޔާ އަތް ދިއްކޮށްލީ ކޮތަޅުތައް ދޭށޭ ބުނަމުންނެވެ. ޝާހީންއަށް ވީގޮތް ރަނގަޅަށް އެނގުނެވެ. އޭނާ ދާރިޔާއަށް ބަލާލަމުން އަތުގައި ހުރި ކޮތަޅުތަކަށް ނަޒަރު ހުއްޓާލިއެވެ. އެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވިގޮތުން ޝާހީންއަށް ވެސް ތުންފަތުގައި ދަތް އަޅާލެވުނެވެ. އިސްޖަހާލެވުނެވެ. އޭނާއަށްޓަކައި އަދިވެސް ދާރިޔާގެ ހިތުގައި އިޙްސާސްތަކެއް ވާކަން އޭނާއަށް އެނގެއެވެ. ހުދު އޭނާގެ ހިތުގައި ވެސް މެއެވެ. ކޮތަޅުތައް ދާރިޔާ އަތަށްދެމުން އޭނާ އެދުނީ ބަހައްޓާފައި އަދި ބޭރަށް ނުކުތުމަށެވެ. މިވަގުތު ގޭތެރެއަށް ވަންނަން އެހާ ބޭނުމެއް ނޫނޭ އޭނާ ބުނީ އޭނާ ދައްކަންއުޅޭ ވާހަކަ ދެއްކޭނީ ބޭރު މާހައުލަކު ކަމުގައި ވީތީއެވެ. ދާރިޔާ ނުނިކުމެދާނެތީ އޭނާ ބުނީ ދައްކަން އުޅެނީ ޝާދުގެ ވާހަކައެއްކަމަށެވެ. އެހެނީ އޭނާ ވާހަކައެއް ދައްކަން ބޭނުންކަމުގައި ބުނާނަމަ ދާރިޔާ އެކަމާ ދެކޮޅު ހަދާނެހެން އޭނާއަށް ހީވަނީއެވެ.

ދާރިޔާ ބޯ ޖަހާލަމުން އެތެރެއަށްވަދެ ސިޓިންރޫމްގައި ކޮތަޅުތައް ބަހައްޓާފައި ނުކުތްއިރު ޝާހީން ހުރީ ޖީބަށް އަތް ޖަހާލައިގެންނެވެ. ދާރިޔާ ފެނުމާއެކު އޭނާ ހިނިތުންވެލިއެވެ. ދޮރުފަތް ކުޑަކޮށް ލައްޕާލަމުން ދާރިޔާ ރީތިކޮށް ނުކުމެލިއެވެ. ޝާހީން ދާރިޔާ އާއި ދާދިގާތަށް ޖެހިލިއެވެ. އަދި އެ އަތުގައި ހިފާލިއެވެ. އެ އަމަލުން ސިހުނު ދާރިޔާ ފަހަތަށް ފިޔަވަޅެއް އަޅަންއުޅުނު ކަމުގައި ވިޔަސް އޭނާއަށް އެއްވެސް ހަރަކާތެއް ނުގެނެވުނެވެ. ޝާހީން ވާހަކަ ދެއްކުމުން އޭނާއަށް އަނެއްކާ އެ ދެލޮލަށް ބަލާލަން މަޖުބޫރުވިއެވެ.

"ހެޕީ ބާރތް ޑޭ" އެގޮތަށް ހުރެ ޝާހީން ބުނެލިއެވެ. އަދި އަނެއްއަތުން އޭނާގެ ޖީބުން ކުޑަ ފޮއްޓެންނަގާ ދާރިޔާއަށް ދިއްކޮއްލިއެވެ. ސުވާލުގެ ނަޒަރަކުން ދާރިޔާ އެއަށް ބަލަންހުންނަން ފެށުމުން ޝާހީން ވާހަކަދެއްކިއެވެ.

"އުފަންދުވަހުގެ ހަދިޔާ، މާދަން އަހަރެން މިއުޅެނީ ބޭރަށް ފުރަންވެގެން، އެހެންވެގެން މިރޭ ކޮންމެހެންވެސް ބޭބީގެ އެއްޗެހި ހިފައިގެން މިއައީ. ދެންމީ މާދަމާ ދާރިޔާގެ އުފަންދުވަސްވީމަ އަހަރެންގެ ފަރާތުންދޭ ކުޑަ ހަދިޔާއެއް"

"އަހަރެންނަށް ތިހަދިޔާ ޤަބޫލް ކުރެވޭކަށް ނެތް. އެ ހައްޤެއް ނެތް" ޝާހީންގެ އަތުގެ ތެރެއިން އަތް ވީއްލައިލަމުން ދާރިޔާ ބުނެލިއެވެ. އޭނާގެ ދެލޮލުގެ ތެރެއަށް ޖަމާވަމުންދިޔަ ކަރުނަތައް ނުދައްކަންވެގެން އޭނާ އިސްޖަހާލިއެވެ. އެހެންނަމަވެސް ދާރިޔާއަށްއައި ބަދަލު ޝާހީންއަށް ދެނެގަނެވުނެވެ. އޭނާ ވާހަކަ ދެއްކީ އިރުކޮޅެއްގެ ހަމަހިމޭންކަމަށް ފަހުއެވެ. ހީވަނީ ދައްކަންވީ ވާހަކަ ސިކުނޑީގައި ރާވާއިލީ ހެންނެވެ.

"ހައްގު ނެތަސް، އަދިވެސް ތި އަހަރެންގެ ދަރިފުޅުގެ މަންމަ އެއްނު، އެހެންވީމަ ކޮންމެވެސް ވަރެއްގެ ހައްޤެއް އެބައޮތްހެން ހީވަނީ، ދާރިޔާ ތިކޮށްދޭ ކަންތައްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އަހަރެންނަށްވެސް ހަދިޔާ އެއް ދެވިދާނެ ކަންނޭގެ. ހަމަގައިމުވެސް އެހެން މީހުންނާ ދާރިޔާ ތަފާތު. ތީ އެހެން މީހެއްނަމަ އަހަރެންގެ ދަރިފުޅާ ބައްދަލުކުރާކަށް ވެސް ފުރުސަތެއްނުދޭނެ. އަދި އަހަރެންނާ ބެހޭގޮތުން ރަނގަޅު ވާހަކައެއް ވެސް ނުދައްކާނެ. އެ ދަރިފުޅުގެ ހިތުގައި އަހަރެންނާ ބެހޭގޮތުން ނަފްރަތު އުފައްދާނެކަން ޔަޤީން. އެހެންވީމަ އަހަރެންގެ ފަރާތުން ދާރިޔާއަށް ޝުކުރު އަދާކުރުމުގެ ގޮތުން އެއްޗެއް ދިނުމަކީ މައްސަލައެއްކަމަކަށް ނުދެކެން" ޝާހީންގެ ވާހަކައިން ދާރިޔާގެ ހިތަށް ތަދުވިއެވެ. ޝާހީން އޭނާއަށް އެ ދެނީ ހަމައެކަނި ޝުކުރުވެރިވުމުގެ ގޮތުންހެއްޔެވެ؟ އެ ހިތުގައި އޭނާއާ ދޭތެރޭ އެހެން އެއްވެސް އިޙްސާސް އެއްނެތީހެއްޔެވެ؟.

"އެކަމަކުވެސް" ދާރިޔާ އެ ފޮށީގައި ހިފާކަށް ބޭނުމެއްނުވިއެވެ.

"އެއީ އަހަރެންގެ ވާޖިބެއްކަމުން އަހަރެން އެކަން އެގޮތަށް ކުރަނީ. އޭގެ ބަދަލުގަ އެއްވެސް އެއްޗެއް އަހަރެން ބޭނުމެއް ނޫން" ދާރިޔާވެސް ވާހަކަދެއްކިއެވެ.

"އަހަރެމެންގެ ދަރިފުޅަށް ޓަކާ ވިޔަސް" ޝާހީން ދާރިޔާއަށް ބަލާލަމުން ބުނެލިއެވެ. ދާރިޔާ ބަލަން ހުންނަން ފެށުމުން އޭނާ ލޮލުން އެ ފޮށި ނެގުމަށް އިޝާރާތް ކޮށލިއެވެ. ޝާހީންގެ ލޮލަށް ބަލާލަމުން އޭނާ ފޮށީގައިހިފީ ދެ ވިސްނުމެއްގައި ހުރެގެންނެވެ.

ތެންކިޔު" ދާރިޔާ ޝުކުރު އަދާކުރިއެވެ. އިރުކޮޅެއްގެ ހަމަހިމޭންކަމަކަށްފަހު ޝާހީން އޭނާ ދަނީކަމަށް ބުނެލީ ދެން އިތުރަށް ދައްކާނޭ ވާހަކައެއް ނެތުމުންނެވެ.

ދާރިޔާ ކޮތަޅުތައް ހިފައިގެން ކޮޓަރިއަށް ވަނެވެ. އޭނާއަށް ނޭނގުނުކަމަކީ އެ ދެމީހުންގެ ވާހަކަ އަޑުއަހަން ދާއިން މަޑުކޮށްލައިގެން ހުރެފައި އެތެރެއަށް ވަތްކަމެވެ. އޭނާގެ އަޑުގައިވި ރިހުން ދާއިންއަށް ސިއްރުނުވިކަމެވެ.

ކޮޓަރިއަށް ވަދެ އެނދުގައި އިށީނދެ ޝާދުއަށް ބަލާލުމާއެކު އޭނާ އެ މަހުމާ ފޮށި ހުޅުވާލިއެވެ. އޭގައި އޮތީ ރީތި ކެވެލި ކޮޅެކެވެ. ރިހިކުލައިގައި އޮތްއިރު އެކިކުލައިގެ ވިދާ އެސްތަކަކުން ވަނީ ޖަރީކޮށްލާފައެވެ. އޭނާގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އެއަށް ބަލަން އިނުމަށްފަހު އޭނާ ލައްޕާލާ ސައިޑް ކަބަޑް މަތީގައި ބޭއްވިއެވެ. އެއަށްފަހު ފާހާނާއަށް ވަދެ ރީތިވެލައިގެން އައިސް އެނދުގައި އޮށޯތެވެ. އޭރު ބާރަ ޖަހަނީއެވެ.

*****

ގެއިންނުކުތް އިޒިއަންގެ މިސްރާބުހުރީ ގެއާ މާ ދުރުނޫން ހިސާބެއްގައި ހުންނަ ކޮފީކެފޭ ރެސްޓޯރެންޓާ ދިމާލަށެވެ. ލާފައިހުރީ ކަޅު ކުލައިގެ އަތްދިގު ޓީޝާޓެކެވެ. ކޮފީކެފޭ ރެސްޓޯރެންޓްތެރެއަށް ވަދެވުމާއެކު އިޒިއަން ވަށައިގެންވީ މާހައުލަށް ނަޒަރު ހިންގާލިއެވެ. އޭނާގެ ލޮލުގައި އެތަނުގެ އެއް އަރިމަތީގައިހުރި މޭޒެއްގެ ދޮށުގައި އިން ޒުވާނާ އަޅައިގަތުމާއެކު އެދިމާލަށް މިސްރާބުޖެހިއެވެ. އޭރު އެ ޒުވާނާގެ އިނީ އިސްޖަހާލައިގެން ފޯނާ ދިމާލަށް ނަޒަރު ހުއްޓާލައިގެންނެވެ. މަޑު ފިޔަވަޅުތަކެއްގައި ގޮސް އޭނާ ގޮނޑި ދަމާލަމުން އިށީނެވެ. އެއާއެކު އެ ޒުވާނާ އިސްއުފުލާލާ އިޒިއަންއާ ދިމާލަށް ބަލާލިއެވެ. އިޒިއަން ފެނިގެން އެ ޒުވާނާގެ މޫނުމަތިން އެއްވެސް އަސަރެއް ފެނުނުހެނެއް ހިޔެއްނުވެއެވެ. އިރުކޮޅަކު ބަލަހައްޓައިގެން އިނދެފައި އޭނާ އިޒިއަންއާ ދިމާލަށް ކުޑަކޮށް ހީލިއެވެ. ހީވަނީ ކާކުކަން އެނގުނީހެންނެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ އިޒިއަށްއަށް އައިސްފައިވާ ބަދަލުތަކުން އެ ޒުވާނާއަށް ވަކިކުރަން ނޭނގުނީކަން މޫނުމައްޗަށް ވެރިކޮށްލި ކުލަވަރުތަކުން އިނގުނެވެ.

"ކައިސް..." އިޒިއަން ގޮވާލިއެވެ. ކައިސްވެސް ސަލާމަތް އަތް ނަގަމުން އިޒިއަންއަށް ގޮވާލިއެވެ. އޭނާ ހިނިތުންވުން ފުޅާކޮށްލިއެވެ. ސަލާމްކޮށްލުމަށްފަހު އަނެއްކާވެސް އެތަނަށް ވެރިވެގެންދިޔައީ ހަމަހިމޭން ކަމެވެ. ދައްކާނެ ވާހަކައެއް ނޭނގި ދެމީހުންނަށް ވެސް ތިބެވުނެވެ.

"ޝުކުރިއްޔާ ކައިސް..." އިޒިއަން ހިނިތުންވާން މަސައްކަތް ކުރިއެވެ. ކައިސް ބޯ ޖަހާލިއެވެ. އަދި އޭނާ ވަރަށް ފުންކޮށް އިޒިއަންއަށް ބަލާލިއެވެ.

އިޓްސް އޯކޭ. އަހަރެންނަށް އެނގޭ ދައްކަން ތިއައި ވާހަކަ. އުފާވެރިހަބަރެއް އެބައޮތް އިޒް،" ކައިސް ބުނެލިއެވެ.

ކައިސް ބުނި ވާހަކައަށް ޝައުގުވެރިވުމުގެ ގޮތުން އިޒިއަން ގޮނޑީގައި ހަމަޖެހިލިއެވެ. އަދި އޭނާ ބުމަ ހިއްލާލިއެވެ. އުފާވެރި ޚަބަރެކޭ ބުނުމުން އަޑު އަހާހިތުން ކެތްމަދުވި ވަގުތުކޮޅެކެވެ. ކައިސް އިޒިއަންއަށް ބަލާލަމުން ބޯ ޖަހާލިއެވެ.

"އަނާލް ރަނގަޅުވާނެކަމުގެ އުންމީދު ވަރަށް ބޮޑުވެއްޖެ. އަދި އެއް އަހަރު އަހަރެންނަށްދީ. އިންޝާ ﷲ. އަނާލް ޤަވައިދުން ސައިކޭޓްރިސްޓެއް ކައިރިން ފަރުވާހޯދަމުން ފިޒިއޯ ނަގާކަމުގައިވަނީނަމަ އަހަރެން ސަތޭކަ ޕަރސެންޓް ދެން ރަނގަޅުވާނެކަމަށް"

ކައިސް ބުނެލި ވާހަކައިން އިޒިއަންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.

"އަލްޙަމްދުލިއް ﷲ" އިޒިއަންއަށް ހެއްދެވި ފަރާތަށް ޝުކުރުކުރެވުނެވެ. އުފާވެރިކަމުގެ ކަރުނަ އެ ދެލޮލުން ނީރާލިއިރު އޭނާއަށް އިސްޖަހާލެވުނީ އެ ދެލޯ ކައިސްއަށް ނުދެއްކުމަށެވެ. އެހެންނަމަވެސް އިޒިއަންއަށް އައިބަދަލު ކައިސްއަށް ނަގައިގަނެވުނެވެ. އެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

އިރުކޮޅަކު ދެމީހުން އެތައްއިރަކު ވާހަކަ ދައްކަން ތިއްބެވެ. ބައިވަރު ކަންތައްތައް ކައިސް އިޒިއަންއާ ހިއްސާކުރިއެވެ. ދެމީހުން ކޮފީއެއް ބޮއި ހަދާލައިގެން ނުކުތީ ގެއަށް ދިޔުމުގެ ބޭނުމުގައެވެ. ކައިސްގެ ކާރުގައި އިޒިއަން ގެންގޮސް ދޭނަމޭ ބުނުމުން އޭނާ ދެކޮޅެއް ނުހެދިއެވެ. ފަސްމިނިޓްގެ ދަތުރަކަށްފަހު ގެއަށް އާދެވިއްޖެއެވެ. ޝުކުރު އަދާކުރުމަށްފަހު އިޒިއަން ގޮސް ގެއަށް ވަނުމާއެކު ކައިސްވެސް ކާރު ދުއްވާލައިފިއެވެ.

ޖެހިގެން އައި ދުވަހު އޮފީހުގައި އުޅުނުއިރުވެސް އަނާލްއަށް ރަނގަޅަށް މަސައްކަތް ކުރެވޭ ގޮތެއްނުވިއެވެ. އޭނާ ތައްޔާރުކުރި ފައިލްތަކުގެ މައްސަލަޖެހިގެން ރަނގަޅުކުރަން އިންދާ ކެބިންގެ ދޮރު ހުޅުވާލި އަޑު އިވުނެވެ. އެތެރެއަށް ވަތް ޒައުނާ އޭނާގެ އަތުގައި ހުރި ފައިލްތައް އަނާލްއަށް ދައްކާލިއެވެ.

ތި ފައިލުގަ ވެސް މައްސަލަ ޖެހުނީތަ؟" އަނާލް އަތުގައި އޮތް ފައިލް ލައްޕާލަމުން އަހާލިއެވެ. އެ އަޑަށް ހިސާބެއްގެ ރުންކުރުކަމެއް ވެރިވެފައި ވިއެވެ.

"އައި ހޭޓް ޔޫ އިޒިއަން" ހިތާހިތުން ކިޔަމުން އަނާލް ޒައުނާ އަތުގައި އޮތް ފައިލް އަތުލިއެވެ. އަދި އޭގެ އެތެރޭގައި ހުރި ލިޔެ ކިޔުންތަކަށް ބަލާލިއެވެ. ކަމަކުދާކަށްނެތެވެ. ސަހަލު އެކައްއްޗެއްވެސް ނެތެވެ. މުޅި ޑޮކިއުމެންޓްވެސް އޭނާއަށް ތައްޔާރު ކުރެވިފައިވަނީ ރޯ ނުބައިކޮށެވެ. ނިތުގައި އަތް ޖައްސާލުމާއެކު މޭޒުގައި ބޯ އަޅާލެވުނީ މާޔޫސްކަމާއެކުގައެވެ. މިހާ އަވަހަށް އިޒިއަންއާ ކުރިމަތިލާން ޖެހޭނެކަމަށް އޭނާއަށް ހީކުރެވިފައި ނެތީއެވެ. އިޒިއަން ފެނުނުފަހުން މުޅިންވެސް އޭނާގެ ހިތުގައި ވަނީ އިޒިއަންގެ ނަމެވެ. އެ ސޫރައެވެ. އެ ނޫން އެހެންކަމެއް އޭނާގެ ސިކުނޑިއަކު ނުވެއެވެ. އިޒިއަން އޭނާއަށް މި ޖެއްސީ ކޮންފަދަ ޖާދޫއެއްހެއްޔެވެ؟ އެނގޭކަމަކީ ކިތަންމެ ނަފްރަތުކުރަން ބޭޏުންވިޔަސް އޭނާއަށް އިޒިއަންއަށް ނަފްރަތު ނުކުރެވޭކަމެވެ. ޤަބޫލުކުރަން ބޭނުން ނުވިޔަސް އޭނާ ނަގާ ކޮޅަށް ޖަހާ އެ ހުވަފެންތައް ސީދާކުރުމުގައި އިޒިއަންގެ ހިއްސާ ބޮޑެވެ. އުނދަގޫ ވަނީ އެހެންވެހެއްޔެވެ؟ ނަފްރަތު ނުކުރެވިގެން އެ އުޅެނީ އެހެންވެހެއްޔެވެ؟ ހިތުގައި އުފެދިފައިވާ ލޯތްބަށް ފަނޑުކަމެއް ނައިސްގެން އުޅެނީ ނަފްރަތަށް ވުރެ އެ ލޯބި ކުރީގައި އުޅޭތީ ހެއްޔެވެ؟ ހައްތަހާވެސް ސުވާލެވެ.

ޒައުނާ އަނާލްއަށް ބަލަންހުއްޓައި ދެން އޭނާގެ ކަންފަތުގައި ޖެހުނީ އަނާލްގެ ގިސްލުމުގެ އަޑެވެ. އަނާލްއާ ގާތަށް ފިޔަވަޅެއް އަލާލުމަށްފަހު ވެސް އޭނާ ހުއްޓުނީ ދައްކާނެ ވާހަކައެއް ނޭނގޭތީއެވެ. ހަމަ ހުރެހުރެފައި އަނާލް ރޯން ފެށުމުންއޭނާ ވެސް ކަންބޮޑުވިއެވެ. އެހެންކަމުން ކުރިއަށް ޖެހިލާ އަނާލްގެ ކޮނޑުގައި އަތް އަޅުވާލިއެވެ. އޭނާ އެދުނީ އަނާލް މިއަދު ގެއަށް ގޮސް އަރާމް ކޮށްލުމަށެވެ.

"ނޫން ޒައު. އަހަރެން އަރާމް ކޮށްގެން މި ކަންތައް ކިހިނެތް ކުރިއަށް ގެންދަނީ؟" އަނާލް މޭޒުން ބޯ ހިއްލާލާ ކަރުނަ ފުހެލިއެވެ. ނެތްހިތްވަރު އެބަ ނެރެން ޖެހެއެވެ. އިޒިއަންއާ ހެދި މަސައްކަތަށް ފަރުވާ ކުޑަކުރެވޭނަމަ މި ކުރި ބުރަމަސައްކަތް ފެނަށް ވެގެން ހިނގައިދާނެއެވެ. އެއީ ފަހަރެއްގައި ވެސް އޭނަ ބޭނުންވާ ގޮތެއް ނޫނެވެ. މިހާރު މުހިންމީ މަސައްކަތެވެ. އަމިއްލަ ދިރިއުޅުމުގައި ދިމާވި ކަންކަމާހުރެ މަސައްކަތަކަށް އެކަމުގެ އަސަރު ފޯރާކަށް އަނާލް ނޭދެއެވެ.

"ނޫން ނާލް. އެންމެ ރަނގަޅޭ ނާލް ދިޔަޔަސް، އަހަރެން މެނޭޖް ކޮށްލަފާނަން. ޓްރަސްޓް މީ. މިއަދު ހުރިހާ ފައިލެއް ނިންމާ މެއިލް ވެސް ކުރާނަން" ޒައުނާ ޔަޤީންކަން ދިނެވެ. އަނާލް ޒައުނާއަށް ބަލާލީ ޝުކުރުން ފުރިގެންވީ ބެލުމަކުންނެވެ. އިރުކޮޅަކު މަޑު ކުރުމަށްފަހު އަނާލް ރަކީންއަށް ގުޅާ އޭނާ ބަލާއައުމަށް އެދުނެވެ. ރަކީން ބުނީ އޭނާ މިދަނީ ކަމުގައެވެ. އަނާލް ލިފްޓުން ތިރިއަށް ދިޔައީ ޒައުނާ އާއެކުގައެވެ. އެމް. އެޗް.ޑީ.ސީ އިމާރާތަށް ވަންނަ މައި ދޮރާ ދިމާލުގައި އަނާލް މަޑުކޮށްލިއެވެ. އޭނާ ވަށައިގެންވީ މާހައުލަށް ބަލާލިއެވެ. އިމާރާތުގެ ކުރިމަތީގައި މަސްފެންގަނޑެއް އޮތެވެ. އެއްފަރާތުގައި ހުރި ރުބައިން ކެނޑިނޭޅި ފެންގަނޑަށް ފެން އެޅެމުންދިޔަ މަންޒަރަށް އޭނާ ޝައުގުވެރިވިއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވީ ބޭއިޚްތިޔާރުގައެވެ. ގޮނޑި ދުއްވާލާ އޭނާ ފެންގަނޑާ ކައިރިވެލިއެވެ. އެއާއެކު ފެންގަނޑުގައި ހަރަކާތްތެރިވަމުންދިޔަ މަސްތައް އޭނާގެ ލޮލުގައި އަޅައިގަތެވެ.

އޯކޭ ޒައު ދިޔަޔަސް. އަހަރެން މަޑު ކޮށްލަފާނަން" އަނާލް ބުނެލިއެވެ. ޒައުނާ ބޯ ޖަހާލަމުން މައްޗަށްދާން އަވަސްވެގަތީ އޭނާއަށް ލަސްވެފައި ހުރުމުންނެވެ.

އަނާލް މަސްތަކުގެ ފަރި ހަރަކާތްތަކަށް ސަމާލުކަން ދީގެންއިންދާ ސިހުނީ ފަހަތުން އޭނާއަށް މީހަކު ގޮވާލި އަޑު އިވިފައެވެ. ސިހިފައި ފަހަތަށް އެނބުރި ބަލާލުމާއެކު ލޮލުގައި އަޅައިގަތް ޒުވާނާގެ ސަބަބުން އެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

ކޮމެންޓް 0