އައްމާރު އަނާލްއަށް ބަލާލިއިރު އަނާލް އެ ހަމަހިމޭން ކަމުގައި އިނދެ ކަރުނަ ބައިލަމުން ދިޔައީ ހިތް ކުދިކުދި ވެފައިވާ ފަދަ ގޮތަކަށެވެ. މިތަން ފެނި އިޒިއަންއަށް އޭނާގެ ނަފްސު ކޮންޓްރޯލް ކުރެވުނީ ކިރިއަ ކިރިއާއެވެ.

"ބުނާނެ އެއްޗެހި ހުސްވީތަ؟ ކަލޭގެ ތި އަންހެން ދަރި ހުއްޓާ އަހަރެންވެސް މީހަކާ އިނީ، އެވެސް ކަލޭގެ ދަރި އިންނަން އުޅުނު ޔުމާންއާ، މީ ބޭކާރު މީހެއް. ހަހަ..... ދުވަހަކުވެސް މި އަންހެނާ އާ އިންނޭނެ......"

"ހުއްޓާލާ! އިތުރަށް އެންމެ ބަހެއްވެސް ތި ދުލުން ބޭރުކޮށްގެންނުވާނެ. ހީކުރީތަ ޔުމާންއާ އިނދެވުނީމަ ތިކުރެވުނީ މާމޮޅު ކަމެކޭ. އަނާލްއާ ދިމާލަށް ދެވަނަ ފަހަރަށް އިނގިލި ދިއްކުރަން ނަހަދައްޗޭ، އަނާލްއާ އިންނާނެ މީހުންވެސް ވާނެ. އެކީ ދިރިއުޅޭނެ މީހުންވެސް ވާނެ. އަޅާލާނެ މީހުންވެސް ވާނެ. ޔުމާން ނީނީމަ އޭގޭ މާނައަކީ އަނާލް މުޅި އުމުރު ދުއްވާލާނީ އެކަނިވެރިކަމުގަ އެއްނޫނޭ...." އިޒިއަން ޒަހްވާގެ ވާހަކަ މެދުކަނޑާލަމުން ވާހަކަ ދެއްކިއެވެ. އޭނާއަށް އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވުނީއެވެ. ޒަހްވާ ދެން އަނާލްއަށް ނިސްބަތް ކޮށް ބުނެލި ހަޑި ހުތުރު ބަހުގެ ސަބަބުން އޭނާގެ ހިއްސުތައްވެސް މަސައްކަތްކުރުން ހުއްޓުނު ފަދައެވެ.

"ކަލޭ ތީ ކާކު އަދި ވާހަކަ ދައްކަން؟ ކަލޭ ވެސް ނީންނާނެ މިކަހަލަ މީހަކާ." އަނާލްއަށް ޝަހާދަތް އިނގިލިން އިޝާރާތް ކޮށްލަމުން ޒަހްވާ ނުލަފާ ހިނިތުންވުމަކާއެކު ބުނެލިއެވެ.

"ބުނެބަލަ ކަލޭ އިންނާނަންތަ؟ ހަހަ"

"އާނ! ކަލޭ ހީކުރީތަ؟ އިރާދަކުރެއްވިއްޔާ އަނާލް ވާނީ އަހަރެންގެ އަންބަކަށް، އަހަރެމެން ދެމީހުން ކައިވެނި ވެސް ކުރާނަން. ދެން ވެސް މިތަނުން ނުކުމޭ! އަހަރެންގެ އަތުން ފައިން ގޯހެއް ހެދިދާނެ...." އިޒިއަން ޒަހްވާއަށް ބަލާލަމުން ބުނެލި ޖުމްލައިން އަނާލްއަށް ސިހިފައި އިޒިއަންއަށް ބަލާލެވުމާއެކު ދެލޯ ބޮޑުކޮށްލެވުނެވެ. އެހެންނަމަވެސް އޭރު އިޒިއަން ހުރީ ޒަހްވާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. އޭނާގެ ދެލޮލުން އަނގުރު އަލިފާން ބުރާކަހަލައެވެ. އެ ޖުމްލައިން އައްމާރުވެސް ސިހުނެވެ. އެހެންނަމަވެސް ހާލަތުގެ ގޮތުން އެއްވެސް އެއްޗެކޭ ނުބުނެއެވެ. ޚުދު އޭނާވެސް ހުރީ ޒަހްވާގެ އަނގަ ބަންދުކުރަން ބޭނުންވެފައެވެ.

އައްމާރު ވެސް ކުޑަކޮށް ސިހިފައި އިރުކޮޅަކު ހުރުމަށްފަހު އިޒިއަންއަށް ބަލަން ހުރެފައި އެތަނުން ނުކުންނަން ބުނެ ހަޅޭއްލަވައިގަތެވެ. އެއާއެކު ޒަހްވާ ނުކުންނަން ހިނގައިގަތީ އަނާލްގެ ގޮނޑި އަދިވެސް އެއްފަހަރު ފައިންޖަހާ ކޮށްޕާލަމުންނެވެ. އެހެންނަމަވެސް އިޒިއަން ހިފެއްޓުމާއެކު ކަމެއްނުވެ އަނާލް ސަލާމަތްވިއެވެ.

ބާރު ބާރަށް ދޮރު ލައްޕާލާފައި ޒަހްވާ ދިޔުމުން އެތަނަށް ވެރިވެގެން ދިޔައީ ހަމަހިމޭންކަމެކެވެ. އައިސްފައި ހުރި ރުޅީގައި އިޒިއަންއަށް ބުނެވުނީ ކީކޭކަން ރޭކާލުމާއެކު އޭނާއަށް އިސްޖަހާލެވުނީ އައްމާރުގެ އެ ބެލުމުން އުނދަގޫ ވެގެންނެވެ. ކުށްވެރި އިޙްސާސްއެއް ކުރެވި އިޒިއަންއަށް އިސްއުފުލާކަށް ވެސް ނުކެރުނެވެ.

"ތެންކިއު....." ތުރުތުރު އަޅަމުންދިޔަ އަނާލްގެ އަޑު އިވުމާއެކު އިޒިއަންއަށް އިސްއުފުލާލެވުނެވެ. އޭނާ އަނާލްއަށް ބަލާލިއެވެ. އޭރުވެސް އެ ދެލޮލުގައި ކަރުނަ ވިދަމުން ދިޔައެވެ. އިރުކޮޅަކު އެތަނުގައި މަޑު ކޮށްލުމަށްފަހު އައްމާރު ރިސެޕްޝަނަށް ދިޔައީ ކަންވެގެން ދިޔަ ގޮތް އޮޅުން ފިލުވާށެވެ. އެ ދިޔަ ގޮތަށް ގޮސް އެތަނުގައި ތިބި ކުދިންނާ ދިމާލަށް ވެސް ބާރަށް އައްމާރުއަށް ވާހަކަ ދެއްކުނެވެ. ވާނީވެސް އެހެންތާއެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅާ މީހަކު އެ ގޮތަށް ދިމާ ކޮށްލުމުން އޭނާ ހުރީ ނުހަނު ރުޅިއައިސްފައެވެ. އަދި ޚާއްސަކޮށް އެއީ ޔުމާންގެ އަންހެނުންކަން އެނގުނު ހިސާބުން އައްމާރުގެ ރުޅިގަނޑަށް ޕެޓްރޯލް އެޅުން ފަދަ ކަމަކަށް އެކަންވިއެވެ.

*****

ސޯފާތަކުގެ ކައިރީގައި އިން އަނާލްއަށް އިޒިއަންއަށް އިރުއިރު ކޮޅަކާ ބަލާލެވެއެވެ. އަނާލް އެއްޗެކޭ ބުނެލަނީ މަދު ފަހަރަކުއެވެ. އެ ބުނާ ފަހަރުވެސް އިޒިއަންއާ ހަތަރު ކަޅި ހަމަ ނުކޮށްވޭތޯ އޭނާ ބަލައެވެ. އަނާލް ގިނަ ފަހަރު ފުންވިސްނުމަކަށް ގެއްލިފައި އިނދެއެވެ. އެކަން ހާމަވަނީ އޭނާ ބައެއްފަހަރު އިންނަ ގޮތުންނެވެ. އަތުގައި އޮތް ގަލަން އަނގަޔަށް ޖަހާލައިގެން އޭނާ އެތައްއިރަކު އިނދެދާނެއެވެ. އަނެއްބައި ފަހަރު ކަޅި އެއް ދިމާލަކަށް ހުއްޓާލައިގެން އިނދެދާނެއެވެ.

ފުންނޭވާއެއް ލަމުން އަނާލް އިޒިއަންއަށް ބަލާލިއެވެ. ކަންދިމާކުރި ގޮތުން އެވަގުތު އިޒިއަން ވެސް އިނީ އަނާލްއަށް ބަލާށެވެ. އަނާލް އަވަސްއަވަހަށް އިޒިއަންއާ ނަޒަރު ވަކިކޮށްލިއެވެ. އޭނާ މަސައްކަތަށް ސަމާލުކަންދޭން މަސައްކަތް ކުރިޔަސް އެކަން ކުރެވޭ ގޮތެއްނުވިއެވެ.

"ސޮރީ" ދެމީހުންނަށް އެއްފަހަރާ ބުނެވުނެވެ.

"އިޒް! އެކަހަލަ ވާހަކަ ނުބުނައްޗޭ! އަޑު އިވުނީމަވެސް ވަރަށް ދެރަވޭ! ޒަހްވާ ބުންޏަސް އެވާނީ ތެދަކަށް، އަހަރެންނާ އިންނާނެ އެއްވެސް މީހެއް ނުވާނެ...." އެންމެފަހުން އަނާލް ބުނެލިއެވެ.

"ނާލް..... އަހަރެންވެސް ބޭނުން ވާހަކަ އެއްބުނަން" އިޒިއަން ތެދުވެގެން އަނާލްއާ ދިމާލަށް ހިނގައިގަތެވެ. އޭނާ ބޭނުންވީ ހިތުގެ ހާލު އަނާލްއާ ހިއްސާ ކުރާށެވެ. ހިތްވަރުގަދަ ފިރިހެނަކަށް ވާށެވެ. އެ ހިތަށް ތަސައްލީއެއްވެސް ލިބޭނީ އޭރުންނެވެ. އިޒިއަން ކުރަން އެ އުޅޭ ކަމެއް ނޭނގިހުރި އަނާލް އިސް އުފުލާލުމަށްފަހު ކަޅި ޖަހާނުލާ އިޒިއަންއަށް ބަލަން ފެށިއެވެ. އޭނާއާ ދާދި ގާތަށް ހުއްޓުނު އިޒިއަން މަޑުމަޑުން އަނާލްގެ ގާތުގައި ފައިގެ އެއްކަކޫ ޖައްސާލާ އިށީނެވެ. އަދި މަޑުމަޑުން ގޮނޑީގެ ދެފަރާތުގައި އަތް ޖައްސާލިއެވެ. ސީދާ އަނާލްގެ ދެލޮލަށް ބަލަން ފެށިގޮތުން އަނާލްގެ ގައިން ހީބިހި ހަލުވައިލިއެވެ. އެ އަޅިކުލައިގެ ދެލޮލުން އެ ފޮނުވާލާ ސިގްލަން އޭނާގެ ހިތަށް ވާސިލް ވުމުގައި ކާމިޔާބު ހޯދަމުން ދާކަން އެކަމުން ވަރަށް ރަނގަޅަށް ހާމަވެގެން ދެއެވެ. އެ ޖަޒުބާތުގެ އޮއިވަރުގައި އެ ހިތްވެސް އޮޔާ އެބަދެއެވެ. އެ ބެލުމަކީ މީގެ ކުރިން އެހެން އެއްވެސް މީހެއްގެ ފަރާތުން އޭނާއަށް ފެނިފައިވާ ފަދަ ބެލުމެއް ނޫނެވެ. އެއަށް ވުރެ މާ ބާރުގަދަވެފައި އަސަރު ގަދައެވެ. އެ ފުން ދެލޮލުގެ ތޫނުކަމުން އޭނާއަށް އުނދަގޫ ވަމުން ދިޔައެވެ. އެހެންނަމަވެސް އިޒިއަންއާ ނަޒަރު ވަކިކޮށްނުލާ އަނާލް އިނީއެވެ.

"ނާލް...." މަޑުމަޑުން އިޒިއަން އަނާލްއަށް ގޮވާލިއެވެ.

"ނާލް ހީކުރީ އަހަރެން މިކުރީ ސަމާސާ އެއްކަމަށްތަ؟ ނޫން! އަހަރެން ނާލް ބޭނުން، މުޅި އުމުރަށް، ދުވަހަކުވެސް ނާލްއަށް ދެރައެއް ނުދޭނަން. އައި ޕްރޮމިސް... ޒަހްވާ ކީ އެއްޗެހިން މިހިތަށް އެހާ އަސަރެއް ކުރީ އެހެންވެ ކަންނޭނގެ... ނާލްއާ މެދު މިހިތުގައި ލޯބި ވާތީ... އެތައް ދުވަހެއްވެއްޖެ... ނާލް އަހަރެންނާ މެދު ދެކޭގޮތް ނޭނގޭތީ ޖެހިލުންވީ..... އެކަމަކު މިއަދު ބޭނުންވަނީ ނާލްއަށް މިހިތުގެ ހާލު ބަޔާން ކޮށްދޭން، ދުލުން ބުނެލާކަށް ފަސޭހައެއްނޫން، ވާހަކަ ދައްކަން ހުރިއްޔާ ދައްކަން ޖެހޭ ވާހަކަ ވަރަށް ގިނަ..... އެ ހުރިހާ ވާހަކަ އެއް ދައްކާނެހާ ހިތްވަރެއް ނެތް..... ހަމައެކަނި ބޭނުންވަނީ ނާލްގެ ޖަވާބަކަށް..... ނާލްގެ ކޮންމެ ސިފައަކާ އެކީ އަހަރެން ނާލް ޤަބޫލް ކުރާނަން، ދުވަހަކު ތި ހިތުގައި ނުޖައްސަން ވައުދުވަން. ހުރިހާ ހިތާމަތަކާ އެއްވަރަށް އުފާވެރިކަން ހޯދަދޭން އަހަރެން މަސައްކަތް ކުރާނަން..... ދިމާވާ ކޮންމެ ކަމެއްގައި އަމިއްލަ ނަފްސަށް ވުރެ ބޮޑަށް ނާލްގެ އުފަލަށް އިސްކަން ދޭނަން.... އިތުރަށް މިހިތުގައި މިހުރިހާ އެއްޗެއް ބަހައްޓަން ވެއްޖެނަމަ އަހަރެން މޮޔަވެދޭނެ ނާލް... އަހަރެންގެ ހިތަކީ މިހާރު ބާރުފޯރުވޭ އެއްޗެއްނޫން" ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަށް އަނާލްއަށް ނުދެއްކުމަށް އިޒިއަން އިސްޖަހާލިއެވެ.

"ނާލް! މި އިޙްސާސްތައް އޮއްބައިލަން ވަރަށް މަސައްކަތް ކުރިން، ނާލްއާ މެދު އުފެދިފައިވާ މި ޖަޒުބާތުތަކަށް ލޯބި ނޫން ދެން ދޭނެ ނަމެއް އަހަރެންނަކަށް ނޭނގުނު..." އިޒިއަން އިސްޖަހައިގެން އެއިން ގޮތަށް އިނދެ ބުނެލިއެވެ. އޭނާގެ އަޑުން އެ ރޮނީކަން އަނާލްއަށް ދެނެގަންނަން އުނދަގުލެއް ނުވިއެވެ. އެހެންނަމަވެސް އަނާލްގެ ހިތުގައި ބިރުވެރިކަމެއް ވެސް ވެއެވެ. އިޒިއަންގެ ގޮތް ރަނގަޅަށް ދަސްވިކަމުގައި ވިނަމަވެސް، އަދި އޭނާގެ ހިތުން އިޒިއަންއަށް ޚާއްސަ މަޤާމެއް ދެވިފައި ވިނަމަވެސް އޭނާ އެފަދަ ގުޅުމަކަށް ފުރުސަތުދޭކަށް ތައްޔާރެއްނޫނެވެ.

"އިޒް! އަހަރެންނާ ބެހޭގޮތުން އެނގެނީ ކިހާ ވަރަކަށްތަ؟ އެއްވެސް އެއްޗެއް ނޭނގެއެއްނު...." އަނާލް މަޑުމަޑުން ބުނެލީ ބުނާނެ އިތުރު އެއްޗެއް އެ ސިކުނޑިއަށް ނައީތީއެވެ. އިޒިއަން އެ ދެއްކި ވާހަކަތަކުން އޭނާގެ ސިކުނޑި ވަގުތީ ގޮތުން މަސައްކަތް ކުރުން ހުއްޓާލިފަދައެވެ.

"ނޫން! ހުރިހާ އެއްޗެއް އެނގޭ" އިޒިއަން އަނެއްކާވެސް އަނާލްގެ ލޮލަށް ބަލާލަމުން ބުނެލިއެވެ.

"އިޒްއަކަށް ނޭނގޭނެ! އަހަރެންނަށް ވެސް އިޒް ކަމުދޭ... އެކަމަކު....." އަނާލް ވަކި ހިސާބަކަށް ބުނެފައި ހުއްޓާލިއެވެ. އޭނާ އިޒިއަންއަށް ބަލަން އިންއިރު އެ ދެލޮލުން ކޮންމެވެސް އެއްޗެއް ބުނެދޭން މަސައްކަތް ކުރާކަހަލައެވެ.

"ނާލް! އަހަރެން ނާލްގެ މާޒީއާ ބެހޭގޮތުން އެއްވެސް ސުވާލެއް ނުކުރާނަން. ހަމައެކަނި ބޭނުމީ އަނާލްއާ އެކު ދިރިއުޅުމެއް....."

"މާޒީގައި ހިނގާފައިވި ކަންތައް އެނގުމުން އިޒް އަހަރެންދެކެ ފޫހިވާނެ..."

"ކޮންކަމެއްތަ ނާލް! އަހަރެން ނުވާނެ ފޫއްސެއް... ދުވަހަކުވެސް" އިޒިއަންގެ އަޑުގައި ވަނީ ޔަޤީންކަމެވެ.

"މި ކަހަލަ ގުޅުމަކަށް ފުރުސަތު ދޭންވާނީ ވަރަށް ވިސްނާފަ އިޒް..." އަނާލް އެންމެފަހުން ބުނެލިއެވެ.

"އަހަރެންގެ މާޒީއަކީ ވަރަށް ހިތި އެއްޗެއް، އެ ހުރިހާ އެއްޗެއް އަހަރެންނާ އެކު ދިރިއުޅެން ނިންމާ މީހަކަށް އެނގެން ޖެހޭނެ... އެކަމަކު.... އެކަމަކު އަހަރެންގެ ގައިގައި އެ ހުރިހާ ވާހަކައެއް ކިޔައިދޭނެހާ ހިތްވަރެއްނެތް.... އަހަރެންގެ ދިރިއުޅުމުގެ އެންމެ ފަސް ޕަރސެންޓް ވެސް އަދި އިޒްއަކަށް ނޭނގޭނެ، އިޒްގެ ކުރިމަތީގައި އިށީދެގެން މި އިން އަނާލްއަކީ އަސްލެއްނޫން، ހަޤީގަތުގައި އަހަރެން އެހާ ހިތްވަރު ގަދައެއް ނޫން. އަހަރެންގެ ހިތުގައި ވެސް އިޒިއަންއާ މެދު އިޙްސާސްތަކެއް ވޭ! އެކަމަކު އެފަދަ ގުޅުމަކަށް އަދި އަހަރެން ތައްޔާރެއްނޫން.... މިހިތުގައި އިޒިއަންއާ މެދު އުފެދެމުންދާ ޖަޒުބާތުތައް ދެކެ އަހަރެން ބިރުގަންނަން. " އަނާލްގެ އަޑު އައީ ކެނޑެމުން ކެނޑެމުން ކަހަލަ ގޮތަކަށެވެ.

"އައި ޕްރޮމިސް ނާލް، މާޒީގެ ހިޔަންޏެއް އަހަރެމެން ދެ މީހުންގެ ހަޔާތަކަށް ނޭޅޭނެ. ދުވަހަކުވެސް ނޭޅޭނެ. އެފަދަ އެއްވެސް ކަމަކަށް އަހަރެން ފުރުސަތެއް ނުދޭނަން! އަހަރެންނަށް ފުރުސަތެއް ނުދޭންނަންތަ؟ މިކަން ޕްރޫވް ކޮށްދޭން އެންމެ ޗާންސެއްވެސް ނުދޭނަންތަ؟ ދިރިއުޅުމުގައި ދިމާވާނޭ ހުރިހާ ހިތާމަޔާ ހިތްދަތިކަމުގައި އަހަރެން ބައިވެރިއެއް ނުކުރާނަންތަ؟ އެކުގައި ހިއްސާވާން ބޭނުމެއް ނުވޭތަ؟" އިޒިއަން ބުނެލިއެވެ.

އަނާލްގެ ލޮލުން ކަރުނަ ފޭބީ އުފަލުން ކަމެއް ނޫނީ ދެރަވެގެން ކަމެއް ބުނެދޭކަށް ނޭނގެއެވެ. އިޒިއަން ފަދަ މާތް ޒުވާނަކު އޭނާއަށް ޓަކައި ޖާނުން ފިދާވާން ތައްޔާރަށް ހުރިއިރު އޭނާއަށް އެ ގުޅުމަށް ފުރުސަތު ދެވެން ނެތީބާއެވެ؟ ނޫނީ އެ ހިތުގައިވި ބިރުވެރިކަމެއްގެ ބޮޑުކަމުން ފަސްޖެހެވެނީހެއްޔެވެ؟.

"އިޒް! އެ މާޒީގައި ދިމާވި ހަމައެކަނި ކަމަކީ ޔުމާން އަހަރެން ދޫކޮށްލުމެއް ނޫނޭ" އެންމެ ފަހުން އަނާލްއަށް ބުނެވުނެވެ. އޭނާ ގެ ދެލޮލުން ހޯސްލާފައި ކަރުނަތަށް ފައިބަން ފަށައިފިއެވެ. އިޒިއަންގެ ފެންކަޅި ވެފައިވާ ދެލޯ އަނާލްއަށް ފެނުނީ ކަރުނައިގެ ތެރެއިން ފުސްކޮށެވެ.

"އަހަރެންނަކަށް އިޒްއާ އެކު އުފާވެ......"

"ޝްޝްޝް! ނާލް ތިހެން ނުބުނޭ! އަހަރެމެން ދެމީހުނަށް އުޅެވޭނެ، އަހަރެންނަށް އެނގޭ ނާލްއަށް ޓައިމް ބޭނުންވާނެކަން..... އަހަރެން އެވަގުތު ދޭނަން... އެއްވެސް ކަމެއްގައި އަވަސް އަރުވާލައިގެން ނޫޅޭނަން، ކެތް ތެރިވާނަން" އަނާލްގެ ތުންފަތުގައި އިޒިއަން އޭނާގެ ޝަހާދަތް އިނގިލި ޖައްސާލަމުން ވާހަކަ ދެއްކިއެވެ.

އަނާލްއަށް ކެތް ނުކުރެވުނީ ދެނެވެ. އެ ހިތުގައި އިޒިއަންއާ މެދު ވީ އިޙްސާސްތަށް ގަދަވެގަތީއެވެ. ބޮޑު ފިރިހެނަކު އޭނާގެ ކުރިމަތީގައި އެ ގޮތަށް އާދޭސްކުރަން ފެށުމުން ކުރެވުނީ ބަޔާންކުރަން ދަތި އިޙްސާސް އެކެވެ. އިޒިއަން ވާހަކަ ދައްކަމުން ދިޔައިރު އެ ދެލޮލަށް ބާލާލުމުން އެ ދައްކާ ވާހަކައިގެ ތެދުކަން ބިއްލޫރިފަދައިން ސާފުވެއެވެ. އެ ދައްކާ ވާހަކައިގައި ބުރަދަނެއް ހުރިކަން ހާމަވެއެވެ.

"އަހަރެން ގުޅުމަކަށް ފުރުސަތު ދޭނީ މަންމަ މެންނާ މަޝްވަރާ ކުރުމަށްފަހު... " އަނާލް ބުނެލިއެވެ.

"އަހަރެން އިންތިޒާރު ކުރާނަން" އިޒިއަން ބުނެލިއެވެ. އެ އަޑުގައި ވަނީ ޔަގީން ކަމެވެ. އަނާލްގެ ޖަވާބުން އޭނާގެ ހިތަށް ކުޑަ އުންމީދެއް ލިބިގެން ހިނގައްޖެއެވެ.

*****

އެރޭ ގެއަށް ދިޔުމަށްފަހު ވެސް އިޒިއަންއަށް ވިސްނެނީ އަނާލްއާ މެދުގައެވެ. ކުއްލިއަކަށް އެފަދަ ގޮތަކަށް އެހުމުން އަނާލްއަށް ޖަވާބުދޭން އުނދަގޫވާނެކަން ވެސް އިޒިއަންއަށް އެނގެއެވެ. އެހެންނަމަވެސް އޭނާގެ ބަސްނާހާ ހިތް އަނާލްގެ ޖަވާބަކަށް އެދި ތެޅި ފޮޅެނީއެވެ.

އެނދުގައި އޮތް އިރުވެސް އޭނާއަށް ދެފައި ތެޅުވެމުން ދިޔައެވެ. ނަފްސަށް ވެރިވަމުންދިޔަ ހާސްކަމާ އުދާސްކަމާ އޭނާގެ ހަށިގަނޑު ކުރިމަތިކުރުވާނީ ކިހިނެތްކަމެއް އިޒިއަންއަކަށް ނޭނގެއެވެ. އެންމެފަހުން ބެލްކަންޏަށް ނުކުތީ ހިންހަމަ ޖައްސާލުމަށްޓަކައެވެ. އޭރު އަދި މަންމަ ކާކަށް ނުގޮވައެވެ. ފެންވަރައިގެން ނުކުމެ މަޑު ކޮށްލައިގެން ހުރީ އެހެންވެއެވެ.

މިރޭ ކޮންމެހެން ވެސް މަންމައާއި ބައްޕަ ގާތު މިވާހަކަ ބުނަން އިޒިއަން ބޭނުންވިއެވެ. އަނާލްއާ ގިނަ ދުވަހު ރައްޓެހިވެގެން އުޅޭކަށް އިޒިއަން ބޭނުމެއްނުވެއެވެ. ބޭނުންވަނީ އަނާލް ޤަބޫލު ވިހާ އަވަހަކަށް ކައިވެނި ކުރާށެވެ. އަނާލްއަށް އޭނާ ބޭނުންވާރަކަށް އޯގާތެރިކަމާއި، އަޅާލުމާއި، ލޯބި ދެވޭނީ އޭރުންނެވެ.

ކާން ގޮވުމާއެކު އިޒިއަން ޓީޝާޓެއް ގަޔަށް މަހާލަމުން ކޮޓަރިން ނުކުތެވެ. މޭޒު ދޮށަށް ދިޔައިރު މޭޒު ދޮށުގައި ފަހީމްއާ އަކްނިޒާ ތިއްބެވެ. އިޒިއަން ގޮސް އޭނާ އިންނަން ހަމަޖެހިފައިވާ ގޮނޑީގައި އިށީނެވެ.

"އިޒް ކޮން ވިސްނުމަކަށް ގެއްލިފަ....." ކާން އެރި ގޮތަށް ތައްތަށް ނަޒަރު ހުއްޓާލައިގެން އިން އިޒިއަންއަށް އަކްނިޒާ ގޮވާލިއެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކަށް އިޒިއަންއަށް ސަމާލްކަން ދެވޭގޮތެއް ނުވިއެވެ. އެއަށްވުރެ ބޮޑަށް އެ ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގަނޑު ވަރުގަދައެވެ.

އިޒިއަން އިން ގޮތުން އަކްނިޒާ ގޮސް އިޒިއަންގެ މޫނުމަތީގައި އަތް ހޫރާލިއެވެ. ސިހުނު އިޒިއަންގެ ސަމާލްކަން ލިބިގެން ދިޔުމާއެކު އޭނާ އެނބުރި އައިސް ކޭމޭޒު ދޮށުގައި އިށީނެވެ.

"ކޮން ވިސްނުމަކަށް ގެއްލިފަހޭ؟ ދަރިފުޅު" އަކްނިޒާ ވަރަށް ފުން ނަޒަރަކުން އިޒިއަންއަށް ބަލާލިއެވެ.

"މަންމާ... ބައްޕާ" އިރުކޮޅެއްގެ ހިމޭން ކަމަކަށްފަހު އިޒިއަން ފަހަރަކު މީހެއްގެ މޫނުމައްޗަށް ބަލާލިއެވެ. ދެން އެއަށްފަހު އިސްޖަހާލަމުން އިޒިއަން އަނެއްކާވެސް ހަމަހިމޭން ކަމާއެކު އިރުކޮޅަކު މަޑުކޮށްލިއެވެ. އެހާ ފިނޑިވެގެން އެއްވެސް ކަމެއް ނުވާނޭ އިޒިއަންގެ ހިތަށް އެރިއެވެ. އެހެން ކަމުން ލެވެންހުރި ހުރިހާ ހިތްވަރެއްލާ އޭނާވާހަކަ ދައްކަން ފެށިއެވެ.

"އަޅުގަނޑު.... މީހަކާ އިންނަ ވަރު ވެއްޖެ އެއްނު....." އިޒިއަން މަޑުޖެހެމުން ޖެހެމުން ކަހަލަ ގޮތަކަށް ބުނެލިއެވެ.

ސުވާލުގެ ނަޒަރަކުން އަކްނިޒާއާއި ފަހީމް އެކަކު އަނެކަކަށް ބަލާލިއެވެ. އެއަށްފަހު ދެމީހުންގެ ތުންފަތް މައްޗަށް ވެސް ހިނިތުންވުމެއް ވެރިކޮށްލައިފިއެވެ.

"ދަރިފުޅު އަނެއްކާ ކުއްޖަކު ހޯދީތަ؟" ސަމާސާ ރާގު އެކުލެވޭ ގޮތަކަށް ފަހީމް ސުވާލުކޮށްލިއެވެ.

"ލައްބަ... " އިޒިއަންގެ ޖަވާބު ކުރެވެ.

"އަނެއްކާ ކޮންކަހަލަ ކުއްޖެއްކަން އެނގޭތަ؟" ފަހީމް އަހާލިއެވެ.

"ވަރަށް ތަފާތު ކުއްޖެއް... އުންމީދުކުރަނީ މަންމަމެން ދެކޮޅެއް ނަހަދާނެކަމަށް" އިޒިއަން ބުނެލިއެވެ. އެއާއެކު ފަހީމް ބޯ ޖަހާލިއެވެ. އޭނާގެ މޫނުމަތިން މިހާރު ފެންނަނީ ސީރިއަސް ކަމެވެ. އަތުގައި އޮތް އޫ ތަށީ ތެރެއަށް ދޫކޮށްލަމުން ފަހީމް ވާހަކަ ދައްކަން ތައްޔާރުވިއެވެ.

"ދަރިފުޅާ....." ފަހީމް އިޒިއަންއަށް ގޮވާލަމުން ވާހަކަ ދައްކަން ފެށިއެވެ.

"ދިރިއުޅުމެއް ފަށަން ވާނީ އެކަކު އަނެކަކަށް އިތުބާރު ކުރެވޭވަރުގެ ޔަޤީންކަން ދެމީހުންނަށް ވެސް އޮވެގެން. ކައިވެންޏަކީ ކުޅޭ ކުޅޭ ކުޅިވަރެއް ނޫން، އެއީ ދެމަފިރިއަކު އެކުގައި މުޅި އުމުރު ހޭދަކޮށްލުމަށް ވެވޭ ވަރަށް ބޮޑު އެއްބަސް ވުމެއް، އެއީ މާތް ގުޅުމެއް، އެކަކު އަނެކަކަށް ލިބިދޭ ކޮންމެ ހިތާމައަކާއި އުފަލެއްގައި ބައިވެރިވާންވާނެ..... އެކަކު އަނެކަކަށް ތެދުވެރިވާން ވާނެ... ހަނދާން ކުރައްޗޭ ދަރިފުޅާ! ދޮގެއްގެ މައްޗަށް ދިރިއުޅުން ބިނައެއް ނުކުރެވޭނެ.... އެހެން ނޫނީ ފަހުން ލިބޭ ހިތާމަ މާ ބޮޑުވާނެ" ފަހީމް އިޒިއަންއަށް ނަސޭހަތް ތެރިވިއެވެ. ޒުވާން ފިރިހެން ދަރިފުޅުގެ ބައްޕަގެ ހައިސިއްޔަތުން އެއީ ކޮންމެހެން ކުރަންޖެހޭ ވާޖިބެއްކަމުގައި ފަހީމް ދެކުނެވެ. ދަރިން ކިތަންމެ ބޮޑުވިޔަސް މައިންބަފައިން އަބަދުވެސް ދަރިންނަން ނަސޭޙަތް ތެރިވާން ޖެހޭނޭކަމަށް ފަހީމް ޤަބޫލް ކުރެއެވެ. މައިންބަފައިންނަށް ދުވަހަކުވެސް ދަރިން ބޮޑެއް ނުވާނެއެވެ. ގިނަ ކަންތައްތަކެއް ތަޖްރިބާ ކޮށްފައިވާ ބައެއްގެ ހައިސިއްޔަތުން ކޮންމެ ކަމެއް ވެސް ރަނގަޅު ގޮތުގައި އޮޅުން ފިލުވައިދޭން ޖެހޭނެއެވެ.

"ދެން ކޮންއިރަކުން ގެއަށް ގެންނާނީ" އަކްނިޒާ އުފާވެފައި އިންވަރު އޭނާގެ އަޑުން ހާމަވެގެން ދިޔައެވެ.

މޭޒުމަތީގައި ދެކެވުނީ އެ ވާހަކައެވެ. އެއީ ކޮން ކުއްޖެއްކަން އިޒިއަން ސިއްރުކުރީ އަދި އެ ވާހަކަ ދެއްކުން އެހާ ރަނގަޅު ވަގުތެއްނޫނޭ ހިތާއެވެ.

އަނެއްކޮޅުން އަނާލް ވެސް އަދި ޖަވާބެއް ނުދެއެވެ. ހިތްބުނަނީ އަނާލް އާބަސް ބުނާނޭ ކަމަށެވެ.

*****

އެރޭ ނިދަން އޮވެގެން އަނާލްއާ މެދު އިޒިއަންއަށް ވިސްނެމުން ދިޔައެވެ. ފޯން އަތަށް ލައިގެން އަނާލްއަށް ގުޅަން ވީތޯ ނުވަތަ ނޫންތޯ އަމިއްލަ ހިތާ ސުވާލު ކުރަމުން ދިޔައެވެ. އެހެންނަމަވެސް އަނާލްއަށް ގުޅާނޭ ހިތްވަރެއް ނުލިބުނެވެ. އެންމެފަހުން ފޫހިކަމާއެކު އެނދުމައްޗަށް ފޯން އެއްލާލުމަށްފަހު ދެލޯ މަރާލީ މާދަމާ އަނާލް ފެންނާނެތީ އުފާކުރާ ހާލުގައެވެ. އެހެންނަމަވެސް ކުރެވެން މިއުޅޭ ކަމަކާމެދު އެ ހިތް ނުތަނަވަސް ވަމުން ދިޔައެވެ. އެ ހިތުގައި އަނާލްއާ މެދު ވާ ލޯތްބެއްގެ ސަބަބުންނެއް ނޫނެވެ. އެހެންނަމަވެސް ހާސްވަނީ އޭނާގެ މާޒީގެ ސަބަބުންނެވެ. އެ ސިއްރުތައް ފަޅާއަރާ ދުވަހަކުން އަނާލް އޭނާ އެ ގޮތުގައި ޤަބޫލް ކޯށްފާނެތޯ އަމިއްލަ ނަފްސާ އިޒިއަން ސުވާލުކޮށްލިއެވެ. ހަމައެކަނި އެ ހިޔާލުން އެކަނިވެސް އޭނާގެ ހަށިގަނޑަށް ބަދަލްތަކެއް އަތުވެއްޖެއެވެ. ހަށިގަނޑުގައި މަޑު ފިންޏެއް ދަތުރު ކޮށްލިއެވެ. ހިތުގެ ހިނގުން ބާރުވިހެން ހީވިއެވެ.

ކޮންމެ ގޮތެއްވިޔަސް އެ ހިތުގައި އަނާލްއާ މެދު ލޯބި އެބަވެއެވެ. އަނާލްގެ ހިތުގައި ވެސް އޭނާއާ މެދު އިޙްސާސް ތަކެއް އެބަވެއެވެ. އެ އިޙްސާސްތަކަށް އަނާލްއަށް ދޭނެ ނަމެއް ނޭނގުނަސް އޭނާ އެއަށް ދޭނެ ލަފްޒަކީ "ލޯތްބެވެ". އަނާލް އޭނާދެކެ ލޯބި ނުވިޔަސް އިރާދުކުރެއްވިއްޔާ އޭނާ އަނާލްގެ ލޯބި ހާސިލް ކުރާނެއެވެ. އެ ހިތުން ޖާގައެއް ކަށަވަރު ކުރާނެއެވެ. އަނާލްގެ ހިތުގައި އިޒިއަންގެ ނަން ފަވާލާނެއެވެ. ދުވަހަކު ފޮހިނުލެވޭނޭ ވަރަށެވެ.

މާޒީ މަތިން އަނާލްއަށް ހަނދާން ނައްތާލެވޭ ވަރަށް އޭނާ އަނާލްއަށް ލޯބިދޭނެއެވެ. ވިސްނަމުންދިޔަ ވަރަކަށް ހިތް ނުތަނަވަސް ވާތީ އިޒިއަން ބެލީ އަމިއްލަ ނަފްސަށް ވެސް އޮޅުވައިލެވޭތޯއެވެ. އެ ހާސްކަމުގެ ފަރުދާގައި ފޮރުވިފައިވާ ހަޤީގަތް އޭނާ އަބަދަށް ކަފުން ކުރަން ބޭނުންވެއެވެ.

******

އޭގެ އަނެއް ދުވަހު އިޒިއަން އޮފީހަށް ދިޔައިރު އަނާލްއެއް އޮފީހަކަށް ނާދެއެވެ. އެހެންކަމުން އެ ހިތަށް ހިސާބެއްގެ މާޔޫސް ކަމެއް ވެރިވެގެން ދިޔައެވެ. އަނެއްކާ އޭނާ ދެއްކި ވާހަކައަކުން އަނާލް ރުޅިއައީ ހެއްޔެވެ؟ ނޫނީ އަނާލް ނޫނެކޭ ބުނާނެތީ އޭނާއާ ކުރިމަތިލާން ޖެހިލުން ވަނީހެއްޔެވެ؟ ހިތަށް ވެރިވި ހިޔާލުން އޭނާގެ މޭގައި ރިހުމެއް އުފެދިގެން ދިޔައެވެ.

ތުންފަތުގައި ދަތް އަޅާލެވުނެވެ. އެހެން ހުއްޓާ ސިހުނީ ފަހަތުން ގޮވާލި އަޑު އިވިފައެވެ.

"އިޒް" އިވުނު އަޑުން ފުރަގަސްދީގެން ހުރިނަމަވެސް އެއީ ކާކުކަން އިޒިއަންއަށް ދެނެގަނެވުނެވެ. އެ ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލުމާއެކު އަނާލްއާ ދިމާލަށް އެނބުރިލިއެވެ. އޭރު އަނާލްގެ މޫނުމަތިން އެހެންނޫނީ ނުފެންނަ ފަދަ އުޖާލާކަމެއް އޭނާއަށް ފެނިގެން ދިޔައެވެ. އެކަމުގެ ސަބަބުން ޚުދު އިޒިއަންގެ ހިތަށް ވެސް ފިނިކަން އިޙްސާސް ވެގެން ދިޔައެވެ. އެ ހިތުގެ ދުޢާ އަކީ އަބަދުގެ އަބަދަށް އަނާލްގެ ތުންފަތް މަތީގައި އެ ލޮބުވެތި ހިނިތުންވުން ވުމެވެ. އަނާލް އެ ކުދި ދަތްތަން ފެންނަ ވަރަށް ހިނިތުންވެލުމުން އިޒިއަންއަށް ވެސް ހިނިތުންވުން ފުޅާކޮށްލެވުނެވެ.

އެކުގައި މަސައްކަތުގައި ދެމީހުން ތިބިއިރު އަނާލް ސިއްރު ނަޒަރަކުން އިރުއިރު ކޮޅަކާ އިޒިއަންއަށް ބަލާލައެވެ. އެއިން ކޮންމެ ފަހަރަކު އެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔުމާއެކު ލަދުވެތިކަމާއެކު އަލުން އިސްޖަހާލެވެއެވެ.

ގަލަމުން ފޮތުގައި ކޮންމެވެސް އެއްޗެއް ނޯޓް ކުރަމުންދިޔަ އިޒިއަންއަށް ސިހުން ލިބުނީ އޭނާގެ އަތުގައި ފިނިފިނި މަޑު އަތް ތިލައެއްގެ ބީހުން އިޙްސާސް ކުރެވުމުންނެވެ. ހިސާބާކަށް ސިހިފައި އޭނާއަށް އެއްފަރާތަށް ބަލާލެވުނެވެ. އެވަގުތު އޭނާއާއި ދާދި ގާތުގައި އިން އަނާލް ފެނި އޭނާއަށް ބޭއިޙްތިޔާރުގައި އެއްބުމަ އަރުވާލެވުނެވެ.

އިޒިއަންގެ ދެލޮލަށް ބަލާލި އަނާލްއަށް ވެސް އެ ދެލޮލުން ނަޒަރު ވަކިކޮށްލަން އުނދަގޫވީ ކީއްވެކަމެއް ނޭނގެއެވެ. އެ ދެލޮލުން އޭނައަށް ސިހުރެއް ޖައްސާފަދައެވެ. އިޒިއަންއަށް ފުރުސަތެއް ދޭން އޭނާ ނިންމީ އެ ހިތުގައިވި ބިރުވެރިކަމަށް ނިމުމެއް ގެންނަން ބޭނުންވާތީއެވެ. އެ ހިތުގައި އިޒިއަންއަށްޓަކައި އުތުރި އަރަމުންދިޔަ ލޯބީގެ އިޙްސާސްއަށް ފުރުސަތެއް ދިނުމަށެވެ. އިޒިއަންއަށް އިތުބާރު ކުރެވޭލެއް ބޮޑުކަމުންނެވެ. އެހެންނަމަވެސް އެ ހިތުގައި އަދިވެސް ކުޑަ ބިރުވެރިކަމެއް ވެއެވެ. އެ ބިރުވެރިކަން ގުޅިފައިވަނީ އޭނާގެ މާޒީއާއެވެ.

"ޔެސް" އިޒިއަންގެ އަތުން ދޫނުކޮށްލާ ސީދާ އެ ދެލޮލަށް ބަލަންހުރެ އަނާލް ބުނެލިއެވެ. އެއާއެކު އިޒިއަން ކުޑަވަގުތު ކޮޅަކު އެއިން ގޮތަށް އިނީ އަނާލް ބުނި އެއްޗެއް ފަހުމް ނުވާތީއެވެ. އެހެންނަމަވެސް ސިކުންތު ކޮޅަކަށްފަހު އިޒިއަންގެ ސިކުނޑި މަސައްކަތް ކުރަން ފެށުމާއެކު އޭނާގެ ހިތުގައި ތަފާތު ޝުއޫރެއް ދައުރު ކޮށްލިއެވެ.

"ތިބުނީ..... އާއެކޭ ތަ؟" އިޒިއަންއަށް ޔަޤީން ނުވެފައި އިން ގޮތަކަށް އަހާލެވުނެވެ. އެއާއެކު އަނާލް ބޯ ޖަހާލަމުން އިސްޖަހާލިއެވެ. އިޒިއަންއަށް ލިބުނު އުފަލާއެކު ހީވީ އޭނާގެ ހިތް އާސްމާނުގައި ފިޔަޖަހަން ފެށިހެންނެވެ. އަނާލްގެ އަނގައިން އެއަޑު އަހަން އޭނާ ކެތް މަދުވެފައި ހުރިވަރު ދެނެވޮޑިގެންވާނީ މާތް ﷲ އެވެ.

އުފާވެރިކަން އޭނާ ވަށައިލި ފަދަ އިޙްސާސް އަކާއެކު އޭނާއަށް ހިނިތުންވެވުނެވެ. އަނާލްގެ އަތް އޭނާގެ ދެ އަތުގެ ތެރޭގައި ހައްޔަރު ކޮށްލަމުން އިޒިއަން އަނާލްއަށް ބަލާލިއެވެ.

ކޮމެންޓް 0