އަނާލްއަށް ވިސްނައިދޭން އިޒިއަން ކުރަމުންދިޔަ މަސައްކަތް ނާކާމިޔާބުވެ ކަރުއެލުވާލަން ޖެހުނެވެ. ދުރަށް ދެފިޔަވަޅު އަޅާލެވުނީ ހިތަށް ކުރި އަސަރަކުންނެވެ. އަނާލްގެ މޫނުމަތިން އޭނާއަށްޓަކައި ފެނުނު ނަފްރަތުގެ ކުލަވަރުން އެހިތުގައި ވެސް ޒަޚަމްތަކެއް ލެވިއްޖެއެވެ. ސުބްޙާނައްﷲ އެވެ. މިއީ ކޮންފަދަ އިމްތިޙާނެއްހެއްޔެވެ؟.

އިޒިއަންގެ ބަހަށް އިޖާބަނުދީ އެތަނުން އެތަނުން އަނާލް ބޭނުންވީ އަމިއްލަ ގެއަށްދާށެވެ. އިޒިއަންފަދަ އަނިޔާވެރިއަކާއެކު އެއް ފުރާޅެއްގެ ދަށުގައި އެންމެ ސިކުންތުކޮޅެއް ވެސް ހުންނާކަށް އަނާލް ބޭނުމެއް ނުވިއެވެ. އިތުރަށް އެންމެ ސިކުންތެއްވެސް ލަސްނުކޮށް ޝާހީންއަށް ގުޅީ އެހެންވެއެވެ. އަނާލް ރޮއި ރޮއިފައި ޝާހީން ގާތު އޭނާ މިވަގުތު ބަލާ އަންނާށޭ ކިޔާ އާދޭސް ކުރުމުން ޝާހީން ވެސް ލަސްނުކޮށް އަނާލް ގާތަށް ދިޔުމަށް ނައްޓާލީ ރައްޓެއްސަކާއެކު ބޭރުގައި އުޅެމުންނެވެ.

"ނާލް! އަހަރެން ދައްކާ ވާހަކަ އަޑު އަހާފަ ޖަޖް ކުރިޔަސް އެންމެ ރަނގަޅު. އަހަރެން ކިހިނެތްތަ ހުރިހާ ވާހަކައެއް ނާލްއަށް ކިޔައިދޭނީ، ކިހިނެތް ނާލްއާ ނުލާ އުޅޭނީ.. ނާލްއަށް ނޭނގުނަސް... މި ހިތުގައި އިންތިހާ ލޯބިވޭ... ނާލް ބޭނުން ކޮންމެ އަދަބެއް ދީ.. އެކަމަކު އަބަދުގެ އަބަދަށް ތި ހަޔާތުން އަހަރެން ދުރުނުނުކުރޭ ނާލް!..." އިޒިއަން އަދިވެސް އާދޭސް ކުރަނީއެވެ. އެހެންނަމަވެސް އަނާލް އިނީ އޭނާގެ ހިތް ހަރު ހިލަގަނޑަކައް ހަދައިގެންނެވެ. އިޒިއަންގެ އެ އާދޭސްތަކުގެ ސަބަބުން އޭނާގެ ހިތަށް އެއްވެސް އަސަރެއްނުކުރާ ފަދައެވެ. އަނާލްގެ މޫނުމަތިން ފެނުނު ކުލަވަރުތަކުންނާއި އިޒިއަންގެ އާދޭސްތަކަށް އަނާލް ބީރުކަންފަތެއް ދޭތީ އިޒިއަންގެ ހިތަށް އިންތިހާ ބިރުވެރިކަން ވެރިވެފައި ވިއެވެ.

"ނާލް އަހަރެން ދެކެ ލޯބި ނުވަނީތަ؟" އިޒިއަންއަށް އެންމެ ފަހުން އަހާލެވުނެވެ.

"ލޯބި، އެ ލަފްޒު އިޒިއަން ފަދަ ބޭވަފާތެރިއެއްގެ ދުލުން އަޑު އިވުނީމަ ހަގީގީ ލޯބިވާ މީހުންނަށް ވެސް ހުތުރު" އަނާލް އިޒިއަން އިތުރަށް ދެރަ ކުރުމުގެ ނިޔަތުގައި ބުނެލިއެވެ. އިޒިއަންގެ މޫނުމަތިން އޭނާއަށް ފެންނަނީ ދެރަވެފައި ހުރިކަމުގެ އަސަރުތައް ނަމަވެސް ހިތާއި ސިކުނޑި އެކަން ޤަބޫލް ކުރާކަށް ޖާގައެއް ނުދިނެވެ. ކަންފަތުގައި ގުގުމަމުން ދަނީ ތަނާހާ ދެއްކި ވާހަކަތަކެވެ. ވޭތުވެގެން ދިޔަ ހަމަހިމޭންކަމުގެ ފަސް މިނިޓް ތެރޭގައި ދެ ހިތަށް ވެސް ލޮޅުންތަކެއް އަރަފިއެވެ. އެތަކެއް ކަރުނައެއް ފައިބައިފިއެވެ. ދުލުން ބަހެއް ނުބުނި ކަމުގައި ވިނަމަވެސް އެ ކަރުނަތައް އެތައް ވާހަކައެއް ބުނެދީފިއެވެ. އެތައް ޝަކުވާއެއް އެކަކު އަނެކަކަށްޓަކާ ކޮށްފިއެވެ.

"ނާލް ތިހެން....." އިޒިއަންގެ ޖުމްލަ ފުރިހަމަ ނުކުރެވި އުޅެނިކޮށް ދޮރު ހުޅުވާލާފައި ވަތް ޝާހީން ފެނި އިޒިއަންގެ ބަސް ހުއްޓުނެވެ.

އިޒިއަން އާއި އަނާލް އާއި ދެމީހުން ތިބި ގޮތް ފެނި ކޮންމެވެސްކަމެއް ވަރަށް ގޯސްކޮށް ހިނގައިފިކަން ދެނެގަންނަން ޝާހީންއަށް އުނދަގުލެއް ނުވިއެވެ. އެހެންނަމަވެސް އެއީ ކޮން ކަމެއްކަން އޭނާގެ ސިކުނޑިން ވިސްނަ ވިސްނާވެސް ނޭނގުނެވެ.

"ކިހިނެތްވީ؟" އެއްފަހަރު އިޒިއަންގެ މޫނަށް އަނެއްފަހަރު އަނާލްގެ މޫނަށް ބަލާލަމުން ޝާހީން ސުވާލުކޮށްލިއެވެ. އޭނާގެ ހިތުގައިވެސް ހުސް ސުވާލެވެ. ވީ ގޮތެއް ނޭނގި ހާސްކަމުގެ އަސަރުތައް ވެސް ކޮންމެވެސް ވަރަކަށް ފެންނަމުން ދިޔައެވެ.

"އަނާލްއަށް ބަލާލި އިޒިއަން ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރާލީ ޝާހީންއަށް ނޭނގޭ ގޮތަށެވެ. އިޒިއަންއަށް ވެފައި ހުރިގޮތުން އަނާލްއަށް ކަރުނައިގެ ތެރެއިން ހިނިތުންވެވުނެވެ. އެހެންނަމަވެސް އެ ކަރުނަ ތަކަކީ އުދާސްކަމާއި ހިތްދަތިކަމުން ފުރިފައިވާ ކަރުނަތަކެކެވެ. އިޒިއަންއަކީ ކޮންކަހަލަ މީހެއްހެއްޔެވެ؟ ކުށެއްކޮށްފައި ފަޅާއެރުމުންވެސް އެހުރީ އެކަން މުޅިއުމުރަށް ފޮރުވަން އަތުކުރި އޮޅާލައިގެންނެވެ. ހާދަ ނުބައި އިންސާނެކެވެ. އޭނާގެ ވެސް ވަނީ ހިތެކެވެ. އިޒިއަންއަށް އެރޭ އޭނާ ކުރި އާދޭސްތައް އަޑު އިވުނު ހެއްޔެވެ؟ ނޫނެކެވެ. އެހެންކަމަށް ވާނަމަ މިރޭ އިޒިއަން އާދޭސްކުރުމުން އެ އާދޭސްތަކުގެ އަޑު އަނާލް އަހަން ޖެހޭނެހެއްޔެވެ؟

"ކިހިނެތްވީ ކަން ބުނެދީފާނަންތަ ކޮންމެވެސް އެކަކު"

ޝާހީން ވާހަކަ ދެއްކުމުންވެސް ދެމީހުން ކުރެ އެކަކުވެސް އެއަށް ރައްދުދޭކަށް ނޫޅުނެވެ. އަނާލްއާއި އިޒިއަންއާ ދެމީހުންގެ ލޮލުން ވެސް ކަރުނަ އޮހޮރެނީއެވެ. އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ތަނުގައި ވަނީ އާދަޔާ ޚިލާފް ހަމަހިމޭންކަމެކެވެ. 

"އަހަރެން ބޭނުމީ މިވަގުތު ގެއަށް ދާން...." އިޒިއަންއަށް ބަލާލުމަށްފަހު އަނާލް ބުނެލިއެވެ.

"ނާލް... މައްސަލައެއް ޖެހުނީތަ؟ އަވަސް އަރުވާލައިގެން އެއްވެސްކަމެއް ނިންމުން ބުއްދިވެރިއެއްނުވާނެ" ޝާހީން ބޭނުންވީ އަނާލްއަށް ވިސްނައިދޭށެވެ. ވެގެން އުޅޭގޮތް ނޭނގޭތީ އޭނާ ހުރީ ހާސްވެފައެވެ. އަނެއްކޮޅުން އިޒިއަންގެ މޫނުމަތިންވެސް އޭނާއަށް ފެނުނީ މީގެ ކުރިން ފެނުނުފަދަ އަސަރުތަކެއް ނޫނެވެ. އެކަމަކީ އޭނާގެ ހާސްކަން ދެގުނަވި ސަބަބަކަށް ވިއެވެ.

"ބުނެފީމެއްނު ދާށޭ ބޭނުމީ." އަނާލް ހަޅޭއްލަވައިގަތުމާއެކު ޝާހީން ބޯ ޖަހާލިއެވެ. ވެގެން އުޅެނީ ކިހާ ބޮޑު ކަމެއްކަން އޭނާއަށް ރޭކާލީ އަނާލްގެ އެ ހަޅޭކުގެ ސަބަބުންނެވެ. އަނެއްކޮޅުން އަނާލްގެ އެ އަމަލުން އިޒިއަން ވެސް ހުރީ ސިހިފައެވެ. ފުންނޭވާއެއް ދޫކޮށްލަމުން އަނާލްގެ ފަހަތުން ޝާހީން ހިނގައިގަތްއިރު އޭނާ ދިޔައީ އިޒިއަންގެ ކޮނޑުގައި ވެސް ޖަހާލާފައެވެ.

އަނާލް ނުކުތުމާއެކު އިޒިއަންއަށް ޓައިލްސް މައްޗަށް ތިރިވެވުނެވެ. ދެ އަތުން މޫނު ފޮރުވާލުމާއެކު އޭނާއަށް ރޮވެން ފެށުނެވެ. ހިތުގައި މީހަކު ބާރަށް ވިކައިގަތްފަދަ އިޙްސާސްއެއް ކުރެވި މެއަށް ބާރުވިއެވެ. އޭނާގެ ހަޔާތް ބަރުބާދުވީހެއްޔެވެ؟

"ކީއްވެތަ މިހެން މި ވީ؟ ނާލްއާ ނުލާ އަހަރެން އުޅޭނީ ކިހިނެތްތަ؟ ނާލްގެ މާފެއް އަހަރެންނަކަށް ދެން ދުވަހަކުވެސް ނުލިބޭނެތަ؟" ކަރުނައިގެ ތެރެއިން އިޒިއަންއަށް ވައިއަޑުން ބުނެވުނެވެ. އިޒިއަންގެ ހިތުގައި ހައްތަހާވެސް ސުވާލެވެ. އެއްވެސް ސުވާލެއްގެ ޖަވާބެއް ލިބުމެއް ނެތެވެ. އެތައްއިރަކު އިޒިއަން މުށިތަކު މަތީގައި ކަކޫ ވިއްދައިލައިގެން އިނެވެ. އެހެން އިންއިރު އޭނާގެ ހަޔާތުގެ އެކި ދުވަސްވަރުގެ މަންޒަރުތައް ލޯ ކުރިމަތިން ފެންނަމުން ދިޔަފަދައެވެ. ކަރުނައިގެ ތެރެއިން ހިނިތުންވެވެނީ އޭނާއާއި އަނާލް އުޅުނު އުފާވެރި ދުވަސްތަކުގެ މަތިން ހަނދާންވެފައެވެ. އެއިންކޮންމެ ހިނިތުންވުމެއްގެ ފަހަތުގައި ވަނީ ވޭނެވެ. ހިތްދަތިކަމެވެ. ކުއްލިއަކަށް އޭނާގެ ހަނދާނަށް އައީ ޒަހްވާ ދެއްކި ވާހަކަތަކެވެ. ހަމައެއާ ވިދިގެން އަނާލްގެ ކޮޓަރިން ނުކުތް ތަނާހާގެ މޫނު ސިފަވުމާއެކު އޭނާއަށް ގޮށްމުށުން އެތަނުގައި ހުރި މޭޒުގައި ޖަހާލެވުނެވެ. ކަތުރު ކަށިގަނޑަށް ވާންވެގެން ދިޔުމުގެ ސަބަބުން އޭނާ އެހުރީ ވަރަށް ރުޅިއައިސްކަން ދެގެނަންނަން އުނދަގުލެއް ނުވެއެވެ. އަތް މުށްކަވާލުމުގެ ސަބަބުން އަތުގެ ނާރުތައް ހިސާބަކަށް ފުއްޕާލައިފިއެވެ.

އާހް" އިޒިއަން ބާރަށް ހަޅޭއްލަވައިގަތެވެ. އެހެންނަމަވެސް އަމިއްލަ ހަށިގަނޑުގައި އުފެދިފައި ހުރި އުދާސްތަށް ލުއިވިހެނެއް ހިޔެއްނުވިއެވެ.

އޭނާ ސޯފާއިން ތެދުވެ ކަރުނަ ފޮހެލިއެވެ. މިވަގުތު އޭނާ ހުރިހާ ރުޅިއެއް ބާލަން ބޭނުންވަނީ ތަނާހާ އަށެވެ. ސިކުނޑި މަސައްކަތް ކުރަން ފެށުމުން އިޒިއަން ތެދުވިއެވެ. އެއަށްފަހު އަވަސް ފިޔަވަޅުތަކެއްގައި އޭނާ ގޮސް އެބައިން ނުކުތެވެ. ތަނާހާ ހޮސްޕިޓަލުގައި ހުރިތޯ އަހަންވެގެން އިޒިއަން ދެފަހަރު ގުލާވެސް ލައިފިއެވެ. އެހެންނަމަވެސް ލިބެނީ އެއްޖަވާބެކެވެ. ފޯން ނިއްވާލާފައިވާ ކަމަށް ބުނާ މެސެޖެވެ. އެކަމުގެ ސަބަބުން އިޒިއަންގެ ރުޅިގަނޑު ދެގުނަ ވެގެން ހިނގައްޖެއެވެ. މިވަގުތު އިޒިއަން ހުރީ ހަމަހޭގައެއްނޫނެވެ. އޭނާގެ ސިކުނޑި ވަނީ ރަނގަޅަށް ވިސްނޭފަދަ ހާލަތެއްގައެއް ނޫނެވެ. އަނާލް އާއި އޭނާގެ ދިރިއުޅުން މިއަދު މި ވެއްޓުނު އަނދަވަޅުގެ ޒިންމާ ނަގަން ޖެހޭނީ ތަނާހާއެވެ. އެހާ ރުޅިއައީ އެހެންވެއެވެ. 

*****

ޒަހްވާ ހުރީ ބަލިމީހުންގެ ވޯޑުތަކުގެ ތެރެއިން ވީ. އައި. ޕީ ވޯޑްތަކަށް ވަންނަ ދިމާ ސިޑިމަތީގައެވެ. އޭނާގެ ގާތަށް އައިސް މަޑުކޮށްލި ތަނާހާ ދިޔައީ މާނޭވާ ލަމުންނެވެ.

"އޭތް ޒަހޫ... ވަރަށް ކަޑަ ކަމެއް ދިމާވެއްޖެ... އެ އިޒިއަންއަށް ފެނުނީ... ކިހިނެތްމިވީ؟ ބުނީމެއްނު އޭނާ އަހަރެންގެ މަސައްކަތް ނިމެންދެން ބޭރުކޮށްފައޭ ބަހައްޓާނީ" ތަނާހާގެ ވާހަކަތަކުން ޒަހްވާގެ މޫނުމައްޗަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. ޒަހްވާގެ މޫނުމަތިން ފެނުނު ކުލަވަރުތަކާ ތަނާހާ އެހާ ގަޔާ ނުވިއެވެ. އޭނާއަށް ހައިރާންކަމާއެކު ޒަހްވާއަށް ބަލަން ހުރެވުނެވެ. ޒަހްވާ ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ.

"ޒަހްވާ އަހަރެން ބުނި އެއްޗެއް އަޑެއް ނީވޭތަ؟ އަހަރެން މިބުނީ އިޒިއަންއަށް ފެނުނީއޭ، ދެން ކިހިނެތް ވާނީ. އޭނާ އައިސް މަ ހޫރާލި ގޮތުން އެނގިއްޖެ އޭނައަށް ހުރިހާ ކަމެއް އެނގިއްޖެކަން. އެކަމަކު ކިހިނެތް؟ ކާކު ބުނާނީ އަހަރެން އެކަން ކުރާނެ ވާހަކަ. އޭނާ އައި ގޮތުން ވެސް އެނގުނު އެ އައީ އެނގިގެންކަން ކޮންމެވެސް ކަމެއް؟ ތަނާހާ ވިސްނާލިއެވެ. އެހެންނަމަވެސް އޭނާގެ ސިކުނޑިއަށް އެއީ ކާކުކަން ވިސްނައިގަނެވޭ ގޮތެއް ނުވިއެވެ. ބަލާލެވުނީ ޒަހްވާގެ މޫނަށެވެ.

"ނޫން" ހިތަށް ވެރިވި ހިޔާލުން އޭނާ ޒަހްވާއަށް ބަލާލާ ނޫނެކޭ ބުނެވުނެވެ. އިތުރު ތަފްސީލެއް ތަނާހާ ދެން ބޭނުމެއްނުވިއެވެ. އެހެނީ ޒަހްވާގެ މޫނުމަތިން ފެނުނު ކުލަވަރާއި އެ ތުންފަތް މަތީގައިވި މަލާމާތުގެ ހިނިތުންވުން ހުރިހާ އެއްޗެއް އޭނާއަށް ކިޔަދީފިއެވެ.

"ހަހަހަހަ" ޒަހްވާ ހިނިގަނޑު ބާރުކޮށްލިއެވެ. ހޮސްޕިޓަލްގައި ސިޑިތައް ބޭނުންކުރަނީ ވަރަށް މަދު މީހެކެވެ. އެހެންކަމުން އެ ދެމީހުން ތިބި ތަނުގައި ވަނީ އާދަޔާހިލާފް މަޑުމައިތިރިކަމެވެ. ޒަހްވާގެ ހިނިގަނޑުގެ އަޑު އެކޯ ވެގެން ދިޔުމާއެކު އޭނާއަށް ޒަހްވާގެ އަތުގައި ހިފާ ތަޅުވައިގަވުނެވެ.

"ޒަހްވާގެ ކަމެއްތަ؟ އެކަމަކު ކީއްވެ؟" ތަނާހާ އަހާލީ ހައިރާން ކަމާއެކުގައެވެ. ޒަހްވާ ބޮޑާ ކަމާއި ކިބުރުވެރިކަމާއެކު ފުޅާ ހިނިތުންވުމެއް ތަނާހާއަށް ހަދިޔާ ކޮށްލިއެވެ. ހީވާކަހަލައެވެ. ތަނާހާގެ އެ ނުތަނަވަސް ކަމުން އޭނާއަށް ލިބިފައިވަނީ އާދަޔާ ހިލާފް ހިންހަމަޖެހުމެކެވެ. އެއީ އޭނާ ތަނާހާގެ ފުށުން ހާދަ ދެކެން ބޭނުންވި ކުލަވަރުތަކެކެވެ. އެތަކެއް އަހަރުތަކަކަށްފަހު އެ ކުލަވަރު ތަނާހާގެ މޫނުމަތިން ފެނުމުން އޭނާގެ ހިތަށް ބަޔާންކުރަންދަތި ފިނިކަމެއް ލިބިއްޖެއެވެ.

*****

އިޒިއަންއަށް އެ ދެމީހުން ފެނުނީ ސިޑިގޮޅީގައި ތިއްބައެވެ. އޭނާ ރުޅިއައިސް ރަތްވެފައި ހުރެ އެ ދިޔަ ބާރުމިނުގައި ގޮސް ތަނާހާގެ އަތުގައި ހިފައިގެން ސިޑިން މައްޗަށް އެރިއެވެ. އޭނާ ތަނާހާ ގެންދިޔަލެއް ބާރުކަމުން ސިޑިން ތަނާހާ ނުވެއްޓުނީވެސް ކިރިޔާއެވެ. އެ ދިޔަ ބާރުމިނުގައި ގޮސް އިޒިއަން މަތަވީ ޓެރެސްއަށް އެރުމަށްފަހުއެވެ. ތަނާހާ އަތުގެ ކޮޅަށް ހޫރާލުމާއެކު އިޒިއަން ހަޅޭއްލަވައިގަތެވެ.

"ކަލޭ ކީކުރަން ކުރި ކަމެއް އެއީ؟ އާ." އިޒިއަން އެހެންބުނެ ތަނާހާއާ ދިމާލަށް ފިޔަވަޅެއް އަޅާލިއެވެ. އިޒިއަންގެ އަމަލުތައް ހުރި ގޮތުން ތަނާހާ ހިސާބަކަށް ހާސްވިއެވެ. އާއެކެވެ. އިޒިއަން ހީވަނީ ދުނިޔޭން މޮޔަވެފައި ހުރި ހެންނެނެވެ. ދެލޯ ރަތްވެ ހިސާބެއްގެ ދުޅަކަމެއް އެބަހުއްޓެވެ. އަދިވެސް އެ ދެލޮލުގައި ކަރުނައިގެ ތެތްކަން ވެސް އެބަހުއްޓެވެ. މީގެ ކުރިން ދުވަހަކުވެސް އިޒިއަން އެހެން ހުއްޓާ ތަނާހާއަކަށް ފެނިފައެއް ނުވެއެވެ. އެހެންކަމުން އޭނާގެ ހިތަށް ބިރުވެރިކަމެއްވެސް ވެރިވިއެވެ. އޭނާ ދުއްވައިގަތީ ޓެރެސްއަށް ވަތް ދޮރާ ދިމާލަށެވެ. އެހެންނަމަވެސް އޭނާއަށް އެހިސާބަށް ދެވުމުގެ ކުރިން އިޒިއަން އައިސް ތަނާހާގެ އަތަށް ދަމާލިއެވެ. ތަނާހާ އިޒިއަންއާ ދިމާލަށް އަނބުރުވާލާ އިޒިއަން ތަނާހާގެ ލޮލަށް ބަލާލިއެވެ. އިޒިއަންގެ ކަރުނަވީ ދެލޯ އެހާ ކައިރިން ފެނުމާއި އިޒިއަންގެ ފަރާތުން ފެނުނު ޖެހިލުން ކުޑަކަމުގެ ސަބަބުން ތަނާހާ ހަމަރަނގަޅަށް ވެސް ޖެހިލުން ވިއެވެ.

އިޒިއަން އަނެއްކާ އޭނާ މަރާނުލާނެހެއްޔެވެ؟ އިޒިއަން އެހުރި ހާލަތުން އެވަރުގެކަމެއް ކޮށްފާނޭކަމަށް ވެސް ތަނާހާއަށް ޤަބޫލުކުރެވުނެވެ. އޭނާ ހުރީ ބިރުން ހަޅޭއްލަވައިގަންނަން ވެސް ނުކެރިފައެވެ. އަނެއްކާ ހަޅޭއްލަވައި ގަނެފިނަމަ ޓެރަހުން އޭނަ ވައްޓައިލަންވެސް އިޒިއަން ފަހެއްނުޖެހޭނެއެވެ. ތަނާހާއަށް ޓެރަހުގެ ރެއިލިންއަށް ބަލާލަމުން ހިންދިރުވާލެވުނެވެ. އިޒިއަންގެ ފަރާތުން ފެނުނު ރުޅިވެރިކަމުގެ ސަބަބުން ތަނާހާގެ ހިތަށް ވެސް ވެރިވަމުން ދިޔައީ އެފަދަ ނުބައި ހިޔާލް ތަކެކެވެ.

އިޒިއަން ދިޔައީ އޭނާ ހިފައްޓާފައިވާ އަތުން ތަނާހާގެ މުލައްދަނޑިއަށް ބާރު ކުރަމުންނެވެ. ތަނާހާ ހުރީ ދެލޯ ބޮޑުވެފައެވެ.

"އިޒިއަން ތަދުވޭ އައްދިއްޔޯތް" ތަނާހާ އޭނާގެ އަތް މިނިވަން ކުރަން މަސައްކަތް ކުރަމުން ބުނެލިއެވެ. ވާހަކަ ދެއްކީ ތަދުވާވަރުން ކެތް ނުކުރެވުމުންނެވެ.

"ނުވާނެ ތަދެއް... ހަމަ މިހާރު ބުނޭ ކަލޭ ކީއްވެ ކުރި ކަމެއްހޭ އެއީ؟" އިޒިއަން އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. އެއާއެކު ތަނާހާ ސިހިފައި އިޒިއަންއަށް ބަލާލީ އިސްޖެހިފައި ހުރެފައެވެ. އޭރު އޭނާގެ ހިތުގެ ތެޅުން ވެސް ވަނީ ބާރުވެފައެވެ. ވާނީވެސް އެހެންތާއެވެ. އިޒިއަން އެހެރީ ހަމަހޭގައެއްނޫނެވެ.

"އަހަ... އަހަރެން... އިޒިއަން... އަހަރެންނެއް ނޫން" ތަނާހާއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. ސިހުނީ އިޒިއަން ކުއްލިއަކަށް ވަރަށް ބާރަށް ތަނާހާ ކޮށްޕާލުމުންނެވެ. އޭނާ ބޮލުގައި ދެއަތުން ހިފައްޓަމުން ވަށައިގެން އެނބުރިލުމަށްފަހު ގޮސް ހުއްޓުނީ ރެއިލިންގެ ކައިރިއަށެވެ. ރެއިލިންގެ ދަގަނޑުތަކުގައި އަތުގައި ހުރި ބާރު ލާފައި ގޮށް މުށްކަވާފައި އިޒިއަން ޖެހިއެވެ. އަތަށް ތަދުވިނަމަވެސް އޭނާއަކަށް އެކަމަށް ސަމާލްކަމެއް ނުދެވުނެވެ.

"ކަލެއާ މަށާ އޮތް ގުޅުން މި ހިސާބުން ނިމުނީ، އަހަރެން ފެންނަ ހިސާބަށް ވެސް ދުވަހަކުވެސް ނާންނާތި، ކަލޭ މަގޭ ކުރިމައްޗަށް އަރާ ދުވަހަކުން މަށަށް ވުރެ ނުބައި މީހަކު ނުހުންނާނެ. ހަނދާން ކުރައްޗޭ!" އިޒިއަން އެނބުރި ތަނާހާއަށް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. އިޒިއަންގެ އެ އިންޒާރުން ތަނާހާ ހާސްވިއެވެ.

"ނޫން އިޒިއަން އަހަ...."

"ހުއްޓާލާ! އެއްވެސް އެއްޗެއް އަޑުއަހާކަށް ބޭނުމެއްނޫން އަހަރެންގެ ކުރިމަތިން ދުރަށްދޭ.... " އިޒިއަން ދޮރާ ދިމާލަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. ތަނާހާ އެއްޗެއް ބުނަން އުޅެފައިވެސް މިވަގުތު ރަނގަޅުވާނީ ދިޔުންކަން ވިސްނުމާއެކު ދުރަށްދިޔައީ އިޒިއަންއަށް ފަސް އެނބުރި ބަލާލާފައެވެ. އޭރު އިޒިއަން ހުރީ ދުރަށް ބަލަހައްޓައިގެންނެވެ. ކަރުނައިގެ ތެރެއިން އިޒިއަންއަށް ދުރުން ފެންނަމުންދިޔަ އިމާރާތްތައް ފެނުނީ ފުސްކޮށެވެ. އެހެން ހުރިއިރު ޖެހެމުންދިޔަ ވައިރޯޅިތަށްވެސް އޭނާއަށް އިޙްސާސް ކުރެވުނީ ހަށިގަނޑަށް ލިބިގެންދިޔަ ފިނިކަމަކަށް ވުރެ ބޮޑަށް ދިހަނޫހުކަމެއްގެ ގޮތުގައެވެ.

ޝާހީން އާއެކު ކާރުގައި އިން އަނާލްގެ ގިސްލުމުގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމާއެކު ޝާހީން އަނާލްއަށް ބަލާލިއެވެ.

"ނާލް ކިހިނެތްވީ؟" ޝާހީންގެ އަޑުގައިވަނީ ކަންބޮޑުވުމެވެ.

ޝާހީންއަށް ބަލާލާ އަނާލް ދެ ތުންފަތުގައި ދަތް އަޅާލެވުނެވެ. އޭނާއަށް ކުރިމަތިވި ހިތާމަވެރި ހާދިސާގެ ފަހަތުގައި ތިބި ދެމީހުންނަކީ ޝާހީންގެ އަންހެނުންގެ ކޮއްކޮ އާއި އޭނާގެ ފިރިމީހާއޭ ބުނާނީ ކޮން ދުލަކުންހެއްޔެވެ؟. އެ ހަޤީގަތުގެ ސަބަބުން ޝާހީންގެ ދިރިއުޅުމަށް އަންނާނީ ކޮންފަދަ ބޮޑު ލޮޅުމެއްކަމެއް އޭނާއަށް ލަފާކޮށްލާކަށް ނޭނގެއެވެ. ހަދަންވީ ގޮތެއް އޭނާއަކަށް ނޭނގެއެވެ. ކުރަންވީ ކަމެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އިވޭ ހަޤީގަތުގެ ސަބަބުން އެތައް ބަޔެއްގެ ދިރިއުޅުމަށް އޭގެން ނޭދެވޭ އަސަރު ކުރާނޭކަމެވެ. އަނެއްކޮޅުން ދީމްއެވެ. ދީމް އާއި ކިނާންގެ ގުޅުމަށް ވެސް ހީނަރުކަން އަންނާނޭކަން ގައިމެވެ. މީހާގެ ވަށައިގެން ހަތަރު ފަރާތުން ފިރިބާރުވެފައިވާ އިޙްސާސް އަކާއެކު އަނާލްއަށް ދެލޯ މަރާލާ ފުންނޭވާއެއް ދޫކޮށްލެވުނެވެ.

އަނާލް ގެއަށް ގޮސް ވަތްއިރު ގޭގައި އެންމެން ވެސް ހަރަކާތް ތެރިވަމުން ދިޔައެވެ.

"މަގޭ ދަރިފުޅަށް ކިހިނެތްވީ؟" ކާބައިން ނުކުމެ ނުކުމެ ހުރި މަޒާޔާ ގާތަށް އައިސް ދީމް އަނާލްއަށް ކަމެއްވިޔޭ ބުނުމާއެކު މަޒާޔާއަށް ހާސްކަމާއެކު އެ ދިމާލަށް ދުއްވައިގަނެވުނެވެ. މަޒާޔާ އައުމާއެކު އަނާލް މަޒާޔާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އެއާއެކު ބާރަށް ރޯންފެށިއެވެ. މަޒާޔާ ސުވާލުގެ ނަޒަރަކުން ބަލާލީ ޝާހީން އަށެވެ. ޝާހީން ވެސް ދެފަރާތަށް ބޯ ހޫރާލަމުން ވެގެން އުޅޭގޮތް އޭނާއަށް ވެސް ރަނގަޅަށް ނޭނގެޔޭ ބުނެލީ ކަންތައްވީ ގޮތް ކިޔައިދެމުންނެވެ.

އަފާޒުއާއި ޝަފޫންއާއި ދެމީހުން ވެސް އައިސް އެތަނަށް ހުއްޓިއްޖެއެވެ. ދީމް މަސަލަސް ކުރަން އުޅުނު މަޒާޔާ ފެނި އެ ދެމީހުންވެސް ތިބީ ހާސްވެފައެވެ. ދީމް ރޯވަރުން ކަންބޮޑުވެފައިހުރި މަޒާޔާ އެދުނީ ސްޓަޑީގައި އިން އައްމާރުއަށް ގޮވާ ގެނައުމަށެވެ. ދީމް އަވަސް އަވަހަށް ގޮސް އައްމާރު ގާތު ބުނުމާއެކު އައްމާރުވެސް ހަރު ފިޔަވަޅުތަކެއްގައި އެ ދިމާލަށް އައިސް މަޑުކޮށްލައިފިއެވެ. މަޒާޔާ ޝާހީންގެ ފަރާތުން އިވުނު ގޮތަށް އައްމާރުއަށް ކިޔައިދިނެވެ.

އައްމާރުގެ ހާސްކަން ދެގުނަވީ އިޒިއަންއާއި އަނާލްއާއި ދެމީހުންނާއި މައްސަލަ ޖެހުނީމައެވެ. އަނެއްކާ މީހަކު އެ ދިރިއުޅުމަށް ވިހަލީ ހެއްޔެވެ؟ މި ޒަމާނަކީ ހުރިހާ އެންމެންވެސް އެމީހެއްގެ އަމިއްލަ ފައިދާއަށް މަސައްކަތް ކުރާ ޒަމާނެކެވެ. އަނެއްކާގެ އިޙްސާސްތަކަށް ވިސްނާލާނީ މަދުބަޔެކެވެ. މީގެ ކުރިން ދުވަހަކުވެސް އިޒިއަންއާއި އަނާލްއާއި ދެމެދުގައި މައްސަލައެއް ޖެހިފައި ނުވެއެވެ. ވުމާއެމު މިއަދު އެ ދެމެދުގައި ޖެހުނު މައްސަލަ މިހާ ހޫނުވި ސަބަބެއް އެނގެން އޭނާ ބޭނުންވިއެވެ.

އަނާލް ގާތު ސުވާލުކުރުމުންވެސް ޖަވާބެއް ނުލިބުނެވެ. އެހެންކަމުން އައްމާރުއަށް މަޖުބޫރުވީ އިޒިއަންއަށް ގުޅާށެވެ. އެއްވެސް ބައްޕައަކަށް ތިމާގެ ދަރި އެގޮތަށް ރޯތަން ފެނުމުން ކެތެއްނުކުރެވޭނެއެވެ. އެ ދަރިފުޅަށް ކުރިން ލިބުނު ހިތާމަތައް ވެސް ކުޑައެއް ނޫނެކެވެ. އިޒިއަން އަނާލް ދޫކޮށްލައިފިނަމަ އަނާލްގެ އުފަލަށް އޭނާ އިޒިއަންގެ ގާތު ސަލާންވެސް ޖަހާފާނެއެވެ. އޭނާ އެހާ ބޮޑަށް އަނާލްގެ އުފާތަކަށް އިސްކަންދެއެވެ.

އޭނާ އިޒިއަންގެ ނަންބަރަށް ގުޅާލިއެވެ.

*****

ޓެރެސްގައި ހުރެފައި އިޒިއަން ފޯނެއް އައުމާއެކު ފޯން ނަގާ ބަލާލިއެވެ. ސްކްރީނަށް އަރާފައިވާ އައްމާރުގެ ނަން ފެނުމާއެކު އޭނާގެ މެއަށް ހޫނު ފެންއެއްޗެއް އޮއްސާލިހެން ހީވިއެވެ. އާދަޔާޚިލާފަށް ހިތުގެތެޅުން ބާރުވުމާއެކު އޭނާއަށް ހިންދިރުވާލެވުނެވެ. އައްމާރު ގުޅަން ފެށުމުން ހިތަށްވެރިވި ބިރުވެރިކަމާއެކު ދެފައި ކޮޅަށް މަޑު ތުރުތުރުއެޅުމެއް ވެރިވުމާއެކު އޭނާއަށް ކޮޅަށް ހުރުން ދަތިކަމަކަށް ވިއެވެ. ފޯން ރިނގްވެފައި ކެނޑުނުއިރުވެސް އޭނާއަށް ހުރެވުނީ ފޯނަށް ބަލަހައްޓައިގެންނެވެ.

*****

"ފޯނެއް ނުނަގާ" އައްމާރު ކަންފަތުން ފޯން ތިރިކޮށްލަމުން ބުނެލިއެވެ. ދެން އޭނާ އަނެއްކާވެސް ސުވާލުކުރީ އަނާލް އާއެވެ.

"ބައްޕާ... އަޅުގަނޑު... އަޅުގަނޑު ބޭނުމެއްނޫން އިޒިއަންއާ އެކު އުޅޭކަށް، އޭނަ ވަރަށް ގޯސް.. ކީއްވެތަ އެހެންވާންވީ؟" އަނާލްއަށް ރޮމުން ބުނެވުނެވެ. އޭނާ އައްމާރުއަށް ބަލާލިއެވެ. އެ ބެލުމުގައި ވި ހިތްދަތިކަމާއި ޝަކުވާގެ ސަބަބުން އައްމާރުގެ ހިތަށް ވެސް އުނދަގޫވިއެވެ.

"ޑޭޑް... ކީއްވެތަ އަޅުގަނޑުގެ ޕާސްޓް އެހާ ދުވަސްފަހުން ކުރިމަތީ ނިއުޅެން ފެށީ؟" އަނާލް ދައްކަމުންދިޔަ ވާހަކަ އެކަކަށް ވެސް ނޭނގުނެވެ. އެހެންކަމުން އެކަކު އަނެކަކުގެ މޫނަށް ބެލުން ނޫންކަމެއް ނުކުރެވުނެވެ.

"ނާލްގެ ޕާސްޓްގެ ސަބަބުން މައްސަލައެއް ޖެހުނުނަމަ ބައްޕަ އިޒިއަންއާ ވާހަކަ ދައްކައިގެން ހައްލު ކޮށްފާނަމޭ. ނާލް ހުއްޓާލާފަ ވެގެންއުޅޭ ގޮތެއް ކިޔައިދީ. ބައްޕަ ގޮސް އިޒިއަންގެ ފައި ބުޑަށް ވެއްޓި އާދޭސް ކުރާނަން" އައްމާރު އަނާލްގެ ގާތަށް އައިސް މަޑުކޮށްލަމުން ބުނެލިއިރު އޭނާގެ ދެލޯ ވެސް ދިޔައީ ފެންކަޅިވަމުންނެވެ.

"ކިހިނެތްވީ ނާލް؟" ރަކީން ކުރިއަށް ޖެހިލާ ސުވާލުކޮށްލިއެވެ. އެ އަޑުގައި ވެސް ވަނީ އޯގާތެރިކަމެވެ. ޖިދާވެސް ކުޑަދަރިފުޅު މަސަލަސް ކުރަމުން ކުރިއަށް ޖެހިލިއެވެ.

"ދޮންބޭ! އެރޭ..... އެރޭ ފިލި މީހެއް ހުއްޓެއްނު... އެ މީހާ... އެ މީހާ ފެނިއްޖެ... އޭގެ އިތުރުން އެރޭ ފިލި ދެވަނަ މީހެއްވެސް ވި... އެ މީހާ ވެސް" އަނާލްއަށް އިތުރަށް ވާހަކަ ކުރިއަށްގެންދިޔުން ދަތިވިއެވެ. ރޮވެންފެށުމުން އަނެއްކާވެސް އޭނާ އިސްޖަހާލީ ތުންފަތުގައި ދަތް އަޅާލަމުންނެވެ.

އެންމެންގެ މޫނުމަތިންވެސް މިހާރު ފެންނަމުންދަނީ ކަންބޮޑުވުމެވެ. ހާސްކަމެވެ. އަނާލް މިދައްކާ ވާހަކައަކުން ހުރިހާ އެންމެންނަށް ވެސް ތިބީ ހިސާބެއްގެ ޝޮކެއް ލިބިފައެވެ. މަޒާޔާއަށް ރޮވުމާއެކު އަނާލް ގެނެސް މޭގައި ލައްކޮށްލެވިއްޖެއެވެ. އެ ދަރިފުޅުގެ ހިތަށް ކުރާނެ އަސަރު އޭނާއަށް ވެސް އިޙްސާސް އެބަވެއެވެ. އަނެއްކާ އެމީހަކު އައިސް، ހަޤީގަތް އިޒިއަންއަށް އެނގުމުން އަނާލް ދޫކޮށްލީހެއްޔެވެ؟ ހިތަށް ވެރިވި ހިޔާލުން މަޒާޔާގެ ހިތުގެ ހިނގުން މަޑުޖެހިލިފަދައެވެ.

"ކާކު؟ ކޮންބައެއްކަން އެނގޭތަ؟ ނާލް! އިނގޭތަ؟" އައްމާރު އަނާލް ކައިރިއަށް ޖެހިލާ ސުވާލުކުރިއެވެ.

އައްމާރު ބަލާލީ ޝާހީންއަށެވެ. އެއަށްފަހު ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ހުރި ދާރިއާއަށެވެ.

"އަހަރެން ބޭނުން އިޒިއަން ގާތުން ވަރިވާން" އަނާލް ކުއްލިއަކަށް ބުނެލުމާއެކު އެކަކު އަނެކަކަށް ބަލާލީ ހައިރާންކަމުން ފުރިގެންވީ ބެލުމަކުންނެވެ. އަނާލް އެހެން ބުނުމުން އައްމާރު ކުޑަކޮށް ހިންހަމަނުޖެހޭ ގޮތްވިއެވެ.

"ނާލްގެ ކުށެއް ނޫނެއްނު އެއީ. އިޒިއަންއަށް އަދި ވިސްނޭނޭ. ތިހެން ނުބުނޭ! އެ ކީއްވެ ދަރިފުޅާ؟، އިޒިއަން ހާ ރަނގަޅު ހަޔާތުގެ ބައިވެރިއެއް ދަރިފުޅަށް ލިބޭނެތަ؟ އެހާ އޯގާތެރި ވަފާތެރި ބައިވެރިއެއް ލިބޭނެތަ؟ އަވަސް އަރުވާލައިގެން ތިފަދަ ބޮޑެތި ނިންމުންތައް ނުނިންމާ.... ބައްޕަ ބޭނުމެއްނުވޭ ނާލް ތިހެން ކަންތައް ކުރަން. އަދި އާއިލާގެ އެއްވެސް މީހެއްވެސް، ނާލްއާ މެދު އިޒިއަންއަށް ގޯސްކޮށް ކަމެއް ކުރެވުނީތަ؟ ނުނީ ކުރީގަ ހިނގި ކަމުގެ ސަބަބުން އިޒިއަން ރުޅިއައީތަ؟ އެކަމާތަ ދެކުދިން ރުޅި އައިސްގެން ތިއުޅެނީ... އެހެން ކަމަށް ވާނަމަ ވާހަކަ ދައްކައިގެން ހައްލު ކުރޭ. ވަރިއަކީ ހުރިހާ ކަމަކަށް އޮތް ހައްލެއް ނޫން، ބައްޕަ އިޒިއަންއަށް ފުރިހަމައަށް އިތުބާރުކުރަން، އޭނަ ދުވަހަކުވެސް ގަސްތުގަ ނާލްއަށް ދެރައެއް ނުދޭނެ...." އައްމާރު ވާހަކަ ދެއްކިއެވެ. އޭނާގެ ވާހަކަތައް ހުރިގޮތުން އަނާލްގެ ހިތުގައި ޖެހުނެވެ.

"އަޅުގަނޑަށް ވުރެވެސް ބޮޑަށް ބައްޕަ އިޒިއަންއަށް އިތުބާރު ކުރަނީތަ؟ ބައްޕައަށް އިޒިއަންއަށް އިތުބާރު ކުރެވުނަސް، އަޅުގަނޑަކަށް ދެނެއް ނުކުރެވޭނެ" އަނާލް އޭނާގެ ތުންފަތުގައިދަތް އަޅާލިއެވެ.

"ސާފުކޮށް ކިޔައިދޭން ވެއްޖެއެއްނު އަނާލް... ކުރީގެ ހަޤީގަތާ މިކަމާ ކޮން ގުޅުމެއްތަ؟ އިޒިއަންއާ ދެމެދު އަހަރެންނަށް ފުރިހަމަ އިތުބާރާ ޔަޤީންކަން އެބައޮތް" އައްމާރު އަނާލްއަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.

"އަޅުގަނޑަށް މިހާލު ޖެއްސީ އިޒިއަންކަން އެނގުމުން ވެސް ބައްޕަ ތި އިތުބާރު އިޒިއަންއަށް ކުރާނަންތަ؟ އަޅުގަނޑުގެ ހުރިހާ އުފާތަކެއް ފެރިގަތީ އެ ފިރިހެނާ އޭ ބުނެފިއްޔާ އޭނާގެ އަތް މައްޗަށް އަޅުގަނޑުގެ ދިރިއުޅުން ދޫކޮށްލަފާނަންތަ؟ އެއީ އަޅުގަނޑަށް އޮޅުވާލި ބޭވަފާތެރިއެއްކަން އެނގިއްޖެއްޔާ އިޒިއަން ދެކެ ނަފްރަތެއް ނުވާނަންތަ؟" އަނާލް އެއްފަހަރާ އެތަކެއް ސުވާލެއް އައްމާރުއާ ކޮށްލިއެވެ. އެއާއެކު ހީވީ އެތަނުގައި ބޮމެއް ގޮށްވާލިހެންނެވެ

ކޮމެންޓް 0