އާޗާ، ބޯ ގޯހޭ ދޯ ބުނީ... ހިނގާ ދޯ މިފަހަރު ބޯ ގޯސް ކަމެއް ކޮށްލަން" ކިނާން ލާނެއް ހީލުމަކާއެކު އެހެން ބުނެލިއިރު އޭނާގެ ހިތުގައިވި އެއްޗެއް ދެނެގަންނަން ދީމް ނުކުޅެދުނެވެ.

ކާރު މަގުގެ އެއްފަރާތުގައި ޕާރކުކޮށްލަމުން ކިނާން ހަމަޖެހިލިއެވެ. އޭނާ މޯޅިއަކަށް ދެމިލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު ފޯނުނަގާ އެފްބީއަށް ވަދެލިއެވެ. އޭރު އެ ތުންފަތް މަތީގައި ލާނެތް ހިނިތުންވުމެއް ދުވެލަ ދުވެލާ ހުއްޓެވެ. އެ ހިތުގެ ތެރޭގައި މޮޅެތި ރޭވުންތައް ރާވަމުން ދިޔަނަމަވެސް ހިސާބެއްގެ ނުތަނަވަސްކަމެއް އެ ހިތުގައި ވިއެވެ. މިވީ ދުވަސްތަކުގައި ދީމް އޭނާއަށް ކިތަންމެ ވަރަކަށް ރުޅި މޫނު ދެއްކި ކަމުގައި ވިނަމަވެސް ދީމްގެ ހިތުގައިވެސް އޭނާއާ މެދު އިޙްސާސްތަކެއް ވާކަން ކިނާން ދެނެގަތެވެ. ދީމް އުޅެނީ އެ އަސަރުތައް ފޮރުވާށެވެ. އެހެންނަމަވެސް ކިނާންގެ ވިސްނުން ތޫނު ސިކުނޑިއާއި އެ ބާރުގަދަ ދެލޮލުގެ އެހީގައި ދީމްގެ ހިތް ދެނެގަތްފިއެވެ. ދީމް ކިތަންމެ ދެކޮޅު ހެދިނަމަވެސް ހެވެ. ދީމްގެ ހިތުގައި ވެސް ވަނީ ހަމަ އެހިތުގައިވާ ފަދަ އިޙްސާސްތަކެކެވެ. ގޮނޑީގައި ހަމަޖެހިލަމުން އޭނާ ވަށްކަޅިން ދީމްއަށް ބަލާލިއެވެ. ދީމް އޭނާއާއި ދިމާލަށް ބަލަންއިން ގޮތުން ހިނިގަނޑު މަތަކޮށްލެވެނީ ކިރިއާއެވެ. ކަރުކެހިލަމުން ކިނާން ބޯ ކަހާލީ ހިނިގަނޑު ފަޅައިގެން ގޮސްދާނެތީއެވެ.

"ހުވާ މިބުނީ... ނާލްއަށް ގުޅާފަ މި ބުނަނީ، ހަމަ ރަނގަޅަށް ވެސް ސައިކޯ މީހަކާއެކީ މިއުޅެވެނީ" ދީމް ދެފަރާތަށް ބޯހޫރާލިއެވެ. އޭރު އޭނާގެ ދެބުމަ ވަނީ ގޮށްޖެހިފައެވެ. ކިނާން މި ޖަހަނީ ކޮންފަދަ ސަކަރާތެއްހެއްޔެވެ؟ އެ އުޅެނީ އެއީ ހަމަ ރަނގަޅަށްވެސް ބޯ ގޯސް މީހެއްކަން ދީމްއަށް ސާބިތުކޮށްދޭން ހެއްޔެވެ؟ އެހެންވެއްޖެނަމަ ކިނާން ކިތަންމެ ރަނގަޅަކަށް ވެސް އެކަން ސާބިތުކޮށްދީފިއެވެ. ކިނާން އާއި ދިމާލަށް ބަލާލަމުން އޭނާ ތުންފަތުގެ އެއްކަން އަރިއަކަށް ދަމާލިއެވެ.

"އެހެންވީމައެއްނު މި ގަޑީ ސައިކޯ ވީ، އެއީ ތި ކުއްޖާ ކައިރި ހުންނަން ވީމަ ވާ ގޮތެއް ހެން ހީވަނީ" ކިނާން ވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ. އޭނާ މޭގައި އަތް ޖަހާލަމުން ބުނެލުމާއެކު ދީމް ވަރަށް ފޫހިވެޔޭ ބުނެލީ ފުންނޭވާއެއް ދޫކޮށްލަމުންނެވެ. އޭނާ ކިނާންއަށް ބަލަން އިރުކޮޅަކު އިނެވެ.

"އަގް.... މި ދަނީ ދާން" ދީމް މޫނު ހަދާލާފައި ނުކުންނަން ވެގެން ދޮރު ހުޅުވާލަން އުޅުނެވެ.

"ސޮރީ ދީމް" ދީމްގެ އަތަށް ދަމާލަމުން ކިނާން ބުނެލިއެވެ. ނުވިސްނާ އިން ދީމް އައިސް ޖެހުނީ ކިނާންގެ މޭމަތީގައެވެ. އެ ޖެހުނު ގޮތަށް ދީމްގެ ހަރަކާތް ތަކަށް މަޑުޖެހުމެއް އައެވެ. ހަރަކާތެއް ކޮށްލަން ނޭގިފައި އޭނާއަށް އިނދެވުނެވެ. ކިނާން މަޑުމަޑުން ދީމް ދުރުކޮށްލިއެވެ. ކިނާންގެ އަތުތެރޭގައި ހައްޔަރުވެފައި އޮތް ދީމް އަތްމުށްކަވާލީ ކިނާންގެ އެ ގާތް ކަމުން ދީމްއަށް އުނދަގޫވީތީއެވެ.

ކިނާންގެ ލޮލަށް ބަލާލުމާއެކު އޭނާގެ ހަށިގަނޑު ފިނިވިއެވެ. ކޮންފަދަ ބާރުގަދަ ދެލޮލެއް ހެއްޔެވެ؟ އެ ބާރުގަދަ ދެލޮލުން ބަލާލުމާއެކު އެ ލޮލުގެ ތެރެއަށް ގެނބިގެންދާން ބޭނުންވިއެވެ. ދެކޮޅު ހަދަން ކިތަންމެ ބޭނުންނުވިޔަސް އޭނާގެ ހިތާ ހަމަޔަށް ވާސިލް ވުމުގައި ކިނާން ކާމިޔާބު ހޯދައިފިއެވެ. އެ ތޫނު ދެލޮލުގެ ތެރެއަށް ގެއްލިފައި ދީމްއަށް އެތައް އިރަކު އިނދެވުނެވެ. ހަރަކާތެއް ކޮށްލަން ނޭނގުނުތާ ބުނާނެ ބަހެއްވެސް ދީމްގެ ސިކުނޑިއަކަށް ނަޔެވެ.

ދީމްއަށް ވަމުންދިޔަ ގޮތުން ލުއި ހިނިތުންވުމެއް ކިނާންގެ ތުންފަތުގައި ދުވެލިއެވެ. އެ ހިނދު އޭނާގެ ހިތާއި ސިކުނޑި ގޮވަމުންދާ ގޮވުމަށް އިޖާބަ ދެމުން ކިނާން ދީމްގެ އަތަށް އިހުނަށް ވުރެ ބާރުކޮށްލިއެވެ.

"ދީމް... އައި ލަވް ޔޫ" ހިތްވަރުކޮށްފައި ކިނާން އޭނާގެ ހިތުގެ ހާލަތު ބަޔާން ކޮށްލުމާއެކު ދީމްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަދި ހަމަބިމަށް އާދެވުނު މީހަކު ފަދައިން އޭނާ އަވަސް އަވަހަށް ކިނާންގެ އަތުން އަތް ދަމައިގަތެވެ. އޭރު އެހިތް އާދަޔާ ޚިލާފް ބާރުމިނުގައި ތެޅެމުން ދިޔައެވެ. އިށީނދެ އިން ކަމަށް ވިޔަސް ދެފައިން ވާގި ދޫވެގެން ދިޔަފަދަ އިޙްސާސް އެއް ކުރެވުނެވެ. ދީމް އަވަސް ވެފައިވާ ނޭވާ ހަމައަކަށް އަޅުވަމުން އިސްޖަހާލިއެވެ.

"ކިނާން.. ތި ކަހަލަ ސަމާސާ ނުކޮށްބަލަ" ކިނާންގެ މޫނުމަތިން އޭނާއަށް ފެނުނީ ސީރިއަސްކަން ނަމަވެސް ދޭނެ ޖަވާބެއް ނޭނގުމާއެކު ދީމްއަށް ބުނެވުނެވެ.

"އަހަރެން މިކުރަނީ ސަމާސާ އެއްނޫނޭ!" ކިނާން ދީމްގެ ދަތްދޮޅި ދަށައް އަތް ލައްވާފައި އިސް އުފުލުވާލަމުން ބުނެލިއެވެ. އޭނާގެ ދެލޮލުން ފެންނަނީ ސީރިއަސްކަމެވެ.

"އިނގޭ ދީމްއަށް ކުޑަކޮށް ޝޮކެއް ލިބޭނެކަން، އެކަމަކު... އެއްފަހަރު އަހަރެންގެ ހިތުގެ އަޑު އަހާލަބަލަ.... ދީމް އަހަރެންނަށް އެއްފަހަރު ޗާންސެއް ދީބަލަ... " ކިނާން ސީރިއަސްކަމާއެކު ދީމްއާ ދިމާލަށް ބަލަން އިނދެ ބުނެލީ ދީމްގެ ކޯތާފަތުގައި އަތް ބީއްސާލަމުންނެވެ. އެ އަމަލުން ދީމްއަށް ސިހުން ލިބުނެވެ. ހިތް ގޮވަން ފެށީ އާބަސް ބުނުމަށެވެ.

ދީމްގެ ނޭވާ އަވަސް ވުމާއެކު ކިނާންއަށް ދީމްގެ ނޭވާގެ އަޑުވެސް އިވުނެވެ. ކިނާންގެ މޫނުމަތިން ފެންނަނީ ސީރިއަސްކަމެވެ. ދީމްއަށް ބަލަން އިނދެވުނީ ދީމްގެ ޖަވާބު އަޑުއަހަން ކެތްތެރިކަން ކުޑަވެފައި ވާހެންނެވެ.

އަތްފައި ފިނިވެގެން ދިޔުމާއެކު ދީމްއަށް ހިންދިރުވާލެވުނީ އުނދަގުލުންނެވެ. ކަރުބުޑުގައިވެސް އެއްޗެއް ތާށިވެފައިވާހެން ހީވިއެވެ.

"ދީމް...." ޖަވާބެއް ބޭނުންވެފައިވާ ފަދައަކުން ކިނާން ދެވަނަ ފަހަރަށް ވެސް ދީމްއަށް ގޮވާލިއެވެ. ދީމް އިސް އިފުލާލާ ބަލާލުމާއެކު ކިނާންއަށް އޭނާގެ ބުމަ އަރުވާލެވުނެވެ. އެ އަމަލުން ވެސް ދީމްގެ ޖަވާބަކަށް އޭނާ އިންތިޒާރު ކުރާވަރު ހާމަވެގެން ދެއެވެ. ކިނާންގެ މޫނުމަތިން ފެނުނު އަސަރުތަކުން ދީމްއަށް ނޫނެކޭ ބުނާކަށް ވެސް ނުކެރުނެވެ. ހަމައެއާއެކު އޭނާގެ އަމިއްލަ ހިތާ ދެބަސް ވާކަށް ވެސް ނުކެރުނެވެ.

"އަހަރެން ފަހުން ޖަވާބެއް ދިނަސް އެންމެ ރަނގަޅުތަ؟" ދީމްއަށް ކިނާންއަށް ބަލާލެވުނެވެ. އެއަޑު އައީ އާދަޔާ ހިލާފަށް މަޑުންނެވެ. ކިނާން ހީލަމުން ބުނީ އެންމެ ރަނގަޅު ކަމުގައެވެ. އޭނާއަށް ދީމްގެ ކޮންމެ ޖަވާބެއް ވެސް އެންމެ ރަނގަޅު ކަމުގައި ބުނެލިއެވެ. އަމިއްލަ އުފާތަކަށް ވުރެ އަބަދުވެސް ދީމްގެ އުފާތަކަށް އިސްކަން ދޭނެކަމަށް ކިނާން ބުނީ ސާބިތުކަމާއެކުގައެވެ. ދީމް ބޯ ޖަހާލިއެވެ. ކިނާންގެގެ ލޮލުން އޭނާއަށް ތެދުވެރިކަން ނޫން އެއްޗެއް ނުފެނެއެވެ. އެ ދެލޮލުން އޭނާދެކެ ވާ ތެދުވެރި ލޯބި ފެންނަމުން ދިޔައެވެ. އެވަގުތު ކިނާންއަށް ޖަވާބެއް ދޭން އެ ހިތް އެދި ގޮވަން ފެށީ ކީއްވެކަމެއް ޙުދު ދީމް އަކަށް ވެސް ނޭގެއެވެ. އެނގޭހާވެސް އެއްޗަކީ ކިނާން ކުރާ ޖެއްސުންތަކާ ނޭނގި ނަމަވެސް ދީމްއަށް ގަޔާވެވޭކަމެވެ. އެ ފޮނުވާ މެސެޖްތަކަށް އިންތިޒާރުކުރެވޭ ކަމެވެ. ކިނާން މެސެޖެއް ކޮށްނުލާ ގިނަ އިރުވާނަމަ ކިނާންއަށް ގުޅާ ހަބަރު ބަލަން އެ ހިތް ތެޅި ފޮޅޭކަމެވެ. އެ އިޙްސާސް އަކީ ކޮބައިކަން ނޭނގި އުޅެނިކޮށް ކިނާން މި ކުރި ކަމަކުން އެއީ ލޯބިކަން އޭނާއަށް ޔަޤީން ކުރެއްވިއްޖެއެވެ. އެހެންނޫނީ މޭތެރޭގައި އޮތް ހިތް 'އާއެކޭ' ބުނުމަށް ނުގޮވާނެނޫންހެއްޔެވެ؟

"ދީމް! އެހާ ވަރަށް ނުވިސްނާ، ދީމްއަށް ފެންނަ ޖަވާބެއް ދިނީމަ އޯކޭއޭ... އެއްވެސް ވަރަކަށް ދީމް ނުތަނަވަސް ވާކަށް އަހަރެން ނޭދެން... " ކިނާން ބުނުމާއެކު ދީމްއަށް ބޯ ޖަހާލެވުނެވެ. ކިނާންގެ އެ ޖުމްލައިން އެކަނިވެސް އޭނާގެ ހިތަށް ހަމަޖެހުން ގެނުވައިފިއެވެ. ކިނާން ވެސް ހިނިތުންވަމުން ކާރު ސްޓާރޓް ކޮށްލިއިރު ދީމްގެ ޖަވާބަކަށް އެދިއެދި އޭރުވެސް އެހިތް ތެޅި ފޮޅެނީއެވެ. އެހެންނަމަވެސް އޭނާ ކެތްތެރިވިއެވެ. އެއްވެސް ކަމެއް އަވަސް އަރުވާލައިގެން ކުރާކަށް ކިނާން ބޭނުމެއް ނުވިއެވެ. ދީމް ބޭނުން ވަރަކަށް އޭނާ އެހުރީ ވަގުތު ދޭން ތައްޔާރަށެވެ. ކާރު ސްޓާރޓް ކޮށްލަމުން ކިނާން ދުއްވާލިއެވެ. އާދައިގެ ސްޕީޑެއްގައި ދުއްވަމުން ގޮސް ކާރު މަޑުކޮށްލުމާއެކު ދީމް ނުފައިބާ އިރުކޮޅަކު މަޑުކޮށްލިއެވެ.

"ދީމް" ކިނާން ދީމްއަށް ގޮވާލީ ދީމް ނުފައިބާ އިނުމުންނެވެ. އެ މޫނުމަތިން އެއިނީ ފުން ވިސްނުމަކަށް ގެއްލިފައިކަން އެނގުނެވެ.

"އަހަރެންގެ ޖަވާބަކީ...... އާނ" ކުއްލިއަކަށް ދީމް ބުނުމާއެކު ލަސްނުކޮށް ކާރުގެ ދޮރުފަތް ހުޅުވާލާފައި ދުވަމުން ގޮސް ގެއަށް ވަދެއްޖެއެވެ.

ދީމްގެ ޖަވާބު އިވިގެން އުފަލުން ފޮޅުނު ކިނާންއަށް ޔެސް އޭ ބުނެވުމާއެކު ދެއަތް ހިއްލާލާ މުށްކަވާލެވުނެވެ. ދީމް ދިޔަ ދިމާލަށް ބަލަން އިނދެ އޭނާ ދެފަރާތަށް ބޯ ހޫރާލިއެވެ. ދީމް ދުވެފައި ދިޔައީ ލަދުން ކަމާމެދު އޭނާއަށް ޝައްކެތް ނުކުރެވުނެވެ. އުފާވީވަރުން ކުރާނެ ނުކުރާނެ ކަމެއްވެސް ކިނާންއަކަށް ނާނގުނެވެ.

ފޯން ނަގާ މެސެޖެއް ލިޔެލަމުން އޭނާ ދީމްއަށް ފޮނުވާލިއެވެ. އަދި ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލިއެވެ.

ތެޅެމުން އައިސް ދީމް ކޮޓަރިއަށް ވަތްތަން ބަލަން ޝަފޫން ހުއްޓެވެ. ދެފަރާތަށް ބޯ ހޫރާލަމުން އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ދީމްގެ އުފާވެރިކަން ފެނި އޭނާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ދީމްގެ އުފާވެރިކަން ދެކެ އޭނާއަށް ނަފްރަތުކުރެއެވެ. އެ ދެލޮލުން ކަރުނަ ފެނުމުން ލިބޭ ހިންހަމަޖެހުން ޝަފޫންއަށް މާ ބޮޑެވެ.

ދީމް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލި ތަނާ ފޯނަށް މެސެޖެއް އައެވެ. އޭނާ ފަރުވާތެރިކަމާއެކު މެސެޖް ނަގާ ކިޔާލިއެވެ.

"ހިޔެއްނުކުރަން އެހާ އަވަހަށް ޖަވާބެއް ލިބިދާނެ ކަމަކަށް، ވަރަށް އުފާވެއްޖެ... ރަނގަޅަށް ބަލާލަށް ފުރުސަތެއްނުދީ އެތެރެއަށް ވަނީތީ އެކަމަކު ދެރަވެއްޖެ، އައި ލަވް ޔޫ، އަބަދުވެސް އެކީގައި ވާނަން... އިންޝާ ﷲ" ހިނިތުންވެފައިވާ އިމޯޖީ އަކާއެކު ފޮނުވާފައިވާ މެސެޖް ކިޔާލުމާއެކު ދީމްއަށް އުފަލުން ކޮޓަރިތެރޭގައި ނަށާލެވުނެވެ. އެހިތަށް ވެސް ވަނީ ހިންހަމަޖެހުމެއް ލިބިފައެވެ.

ކިނާން ގެއަށް ގޮސް ކޮޓަރިއަށް ވަދެ ފެންވަރާ ތާޒާވެލައިގެން އައިސް އޮށޯތީ ދީމްއަށް ގުޅައިގެންނެވެ. އެތަށް އިރަކު ދެމީހުން ފޯނުގައި ތިއްބެވެ.

*****

ފަތިހުގެ ހިތްގައިމު ވަގުތެވެ. މުޅި ފަޒާގައިވެސް އާދަޔާ ހިލާފް ހަމަހިމޭން ކަމަކާއެކު ރަސްކަން ކުރަމުން ދިޔައީ ތެތްފިނިކަމެވެ. އަނާލްއާއި އިޒިއަން އާއި ދެމީހުން ބެލްކަންޏަށް ނުކުތްއިރު ދެމީހުންގެ އަތުގައި ވެސް އާވި އަރަ އަރާހުރި ދެ ކޮފީ ތަށިހުއްޓެވެ. އަދި ރީތިކޮށް އަލި ނުވެ އޮވުމާއެކު އުޑުމައްޗަށް އަރާފައިވާ މަޑު ނޫކުލައިގެ ސަބަބުން ޖައްވު އާދަޔާ ހިލާފަށް ރީއްޗެވެ. ޖެހެނީ އަރާމް ވައިރޯޅިތަކެކެވެ. އެ މާހައުލުގެ ހިތްގައިމުކަމުން އުފާ ހާސިލް ކުރަމުން އެކިއެކި ވާހަކަ ތަކުގައި ތިބެ ދެމީހުން ކޮފީ ބޮއި ނިންމާލިއެވެ. ގޭގެ ބިއްދޮށުގައި ހައްދާފައިވާ ބަގީޗާއަށް ނުކުމެލަން އަނާލް ބޭނުންވުމުން އިޒިއަންއާ ދެމީހުން ބަގީޗާއަށް ނުކުމެލިއެވެ.

ތަފާތު ވައްތަރުގެ މާތަށް ފަތިހަށް ފަރިވަމުން ދިޔަފަދައެވެ. ރޭގައި ފިނި ފައިބައިފައިވާތީ ގަސްތަކުގެ ފަތްތަކާ މާތަކުގައި ކުދި ކުދި ޝަބްނަމް ތިކިތައް ހަރުލާފައިވާއިރު ހިތްގައިމެވެ. ވަށައިގެން ބަލާލިޔަސް ފެންނަނީ ގުދުރަތުގެ ފުރިހަމަ ތަސްވީރެކެވެ. ބަލާލި ކޮންމެ ދިމާލަކުން މާތް ﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތައް ފެންނަމުންދެއެވެ. ފިނިވެ އަނާލް މޭގައި ދެއަތް ހުރަސްކޮށްލިއެވެ. ފަތާ ފެންގަނޑާ ދިމާ އެއްފަރާތުގައި ހުރި ބެންޗްތަކާ ހިސާބަށް ދެވުމާއެކު އިޒިއަން ބެންޗެއްގައި އިށީނެވެ.

އޭރު ކިނާން ފަތާ ފެންގަނޑުގައި ހަރަކާތް ތެރިވާތަން ދެމީހުންނަށް ފެނުނެވެ.

"ހޭ ދޮންބެ އެންޑް ދޮންބެ ދައްތަ؟" ފެންގަނޑުންމައްޗަށް އަރަމުން ކިނާން ގޮވާލިއެވެ.

"ދޮންބެ ނާންނާތީ މިހާރު އެކަނި ކަސްރަތުކުރަން ވެސް މިޖެހެނީ، ދޮންބެ ދައްތަ ދޮންބެ ހިފައްޓާވަރުންވެސް" ކިނާން އެއްލޯ މަރާލިއެވެ. ކިނާންއާ އިޒިއަންއާ ދެމީހުން ކޮންމެ ދުވަހެއްގެ ފަތިހު ކަސްރަތު ކުރަން ނުކުމެވެ. ދުވެލާ ހަދާފައި އައިސް ދެމީހުން އެކުގައި ބައިގަޑި އިރަށް ވުރެ ގިނައިރު ފަތައެވެ. ކައިވެނީގެ ފަހުން އިޒިއަން ކަސްރަތާ ދުރުވުމުން ކިނާން ދިމާކޮށްލީއެވެ.

"އޯކޭ، ދެން ދެކުދިން ރޮމޭންޓިކް ވަގުތު ކޮޅެއް ހޭދަ ކޮށްލާ މި ދަނީ" އެތަނުގައި ބާއްވާފައި އޮތް ހުދުކުލައިގެ ތުވާޔެއް ނަގާ މޫނު ފޮހެލާ ކޮނޑުމައްޗަށް އެއްލަމުން ކިނާން ހިނގައިގަތެވެ.

އަނާލް ހިނިތުންވެފައި އިންތަން ފެނި އިޒިއަން އަށްވެސް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. އެ ހިނދު އެ ހިނިތުންވުމަށް ފަނޑުކަމެއް ވެރިވީ އޭނާ އަނާލްއަށް އޮޅުވާލާފައިވާ ބޮޑު އޮޅުވާލުމުގެ މަތިން ހިތަށް އަރާފައެވެ. އެ މާޒީގެ ހިތިކަން އޭނާގެ ކަރުބުޑުގައި އަދިވެސް އެބަ ހުއްޓެވެ. ކޮންމެވެސް ދުވަހަކުން އަނާލްއަށް ވެސް އެކަން އެނގޭނެކަންނޭގެއެވެ. ކިޔާދީފައި މާފަށް އެދެންވީހެއްޔެވެ؟ ނޫނީ އަބަދަށް އެ ހަގީގަތް ކަފުންކޮއް ވަޅުލަން ވީ ހެއްޔެވެ؟ ހައްތަހާވެސް ސުވާލެވެ. ވަރަށް ވިސްނަން އިނދެފައި އިޒިއަން ބެންޗުން ތެދުވެގެން އައިސް އަނާލްގެ ކުރިމައްޗަށް ވާގޮތަށް އެއްކަކޫ ޖައްސާލަމުން އިށީނެވެ. އަދި އެމޫނަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އަނާލް ވެސް އިޒިއަންއަށް ބަލާލަމުން ހިނިތުންވުން އިތުރަށް ފުޅާކޮށްލިއެވެ.

އަނާލްގެ މޫނުމަތިން ފެނުނު އަސަރުތަކުން އިޒިއަންގެ ހިތަށް ހަމަޖެހުން ގެނެސްދިންކަމުގައި ވިޔަސް އެ ހިތުގައި ދައުރުވަމުންދިޔަ ބިރުވެރިކަމުގެ ރާޅުބާންޏަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ނުތަނަވަސްކަމަށް ލުޔެއްނުލިބުނެވެ. އެ ހިނިތުންވުން ފަނޑުވުމާއެކު އޭނާ ކުޑަކޮށް ތެދުވެލާ އަނާލްގެ ނިތަށް ބޮސްދެމުން ލޯބިވާކަން ހާމަ ކޮށްލިއިރު އޭނާގެ އަޑަށް މަޑު ތުރުތުރު އެޅުމެއް ވެރިވިއެވެ.

"ނާލް އައި އެމް ސޮރީ" އިޒިއަން އިހު އިން ގޮތަށް އިށީނދެ އިސްޖަހާލަމުން އަނާލްގެ ކިބައިން މާފަށް އެދުނެވެ. އިޒިއަންއަށް މިއައި ކުއްލި ބަދަލު މާނަކުރަން ނޭނގުނު އަނާލް އިޒިއަން އޭނާގެ ކަކޫ މަތީގައި ބާއްވާލާފައިވާ އަތްނަގާ އޭނާގެ އަތުގެ ތެރެއަށް ގެނައެވެ.

"ކިހިނެތްވީ؟"ކީއްވެ އިޒް؟" އަނާލް އިޒިއަންއަށް ބަލާލަމުން އަހާލިއެވެ. އޭނާގެ މޫނުމަތިން ހައިރާންކަމުގެ އަސަރުތައް ފެންނަމުން ދިޔައެވެ. އިޒިއަން އެއްޗެކާ ނުބުނެ ގިނައިރުވުމުން އަނާލްގެ ހިތް ނުތަނަވަސްވުމާއެކު ދެވަނަ ފަހަރު އޭނާއަށް ހަމަ އެ ސުވާލު ތަކުރާރުކޮށްލެވުނެވެ.

"އަހަރެންގެ މާޒީ ނާލްއަށް ސިއްރު ކުރެވުނީމަ" އިޒިއަން އިސްޖަހާލައިގެން އިނދެފައި އިސްއުފުލާލިއިރު އެ ދެލޮލުން އަނާލްއަށް ކަރުނައިގެ އަސަރު ފެނިލިއެވެ.

"ކިހިނެތްވީ އިޒް؟" އަނާލް އެއް އަތުން އިޒިއަންގެ އަތުގައި ހިފާލަމުން އަހާލީ ކަންބޮޑުވެފައެވެ.

"ނާލް އައި އެމް ސޮރީ" އިޒިއަންއަށް ދެންވެސް ބުނެވުނެވެ. ވާހަކަ ދައްކަން އުނދަގޫ ވެގެން ދިޔުމާއެކު އޭނާއަށް ހިންދިރުވާލެވުނެވެ.

"އިޒް! ކިހިނެތްތަ ވީ؟ ކުރިންވީ ކަމަކާ ވިސްނުމުގެ މާނައެއްނެތެއްނު، އަޅާނުލާބަލަ، ހުރިހާކަމެއް ވެސް ރަނގަޅެއްނު" ވީ ގޮތެއް ނޭނގި އަނާލްގެ ހިތްވެސް ދިޔައީ ތެޅެމުންނެވެ. އިޒިއަންގެ މާޒީ އަކީވެސް އޭނާގެ މާޒީ އެކޭ އެއްގޮތަށް އެހާ ހިތި އެއްޗަކީ ހެއްޔެވެ؟

ވިސްނަމުން ދިޔަ އިޒިއަންގެ ސިކުނޑިއާ ކުޅުމުގައި ކާމިޔާބު ހޯދި ކަޅާއި ހުދުގެ މަންޒަރު ތަކުގައި ކުލަޖެހެން ޖެށީ އެވަގުތެވެ.

*****ފަސް އަހަރު ކުރި*****

"އެ ހުސްވީ ކަންނޭގެ ހޭ" އެތަނުން ކުއްޖަކު ބުނެލުމާއެކު އެންމެން ހީގަތެވެ.

އިޒިއަން އަނާލްއާ ދިމާލާށް ބަލާލީ މަލާމާތް އެކުލެވޭ ފަދަ ބެލުމަކުންނެވެ. އޭނާ އަނާލްގެ ބަނޑުގައި ކޮޅުފައިން ޖަހާލިއެވެ. ބާރަކަށް ނޫނެވެ. އެއާއެކު މަޑު ކުކުރުމަކާއެކު އަނާލްގެ އަނގައިން 'އާހެއް' ބޭރުވެގެން ދިޔައެވެ. އިޒިއަން އަތުގައި އޮތް ފުޅިވެސް އޭރުއޮތީ އޮއްކޮށް ހުސްވެފައެވެ. އޭނާ އެއްބައި ބޮމުން އަނެއްބައި ގަދަކަމުން އަނާލްގެ އަނގަޔަށް އަޅަމުން ދިޔައިރު އޭނަގެ ހަމަހޭވެރިކަން ހުރީ ކިރިއާއެވެ. އަތުން އަނާލް ގެންދާށޭ ބުނެ އިޝާރާތް ކޮށްލުމާއެކު އެ ގްރޫޕުން ދެމީހަކު އަނާލްގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަށް ގެންދިޔައެވެ. އެއްވެސް ރަޙްމެއްނެތެވެ. އެގެންދިޔަ ގޮތަށް ގޮސް އަނާލް ކޮށްޕާލީއެވެ. އެއްފަރާތު ފާރުގައި ޖެހި އެއްއަރިއަކަށް ވެއްޓުނު އަނާލް ގޮސް ޖެހުނީ އެޅި ގާތަކެއްގައެވެ. އޭގެ މަތީގައި ފިލާތަކެއް ހުރުމުގެ ސަބަބުން އެ ގާތަކަށް އެރި ގުޑުމާއެކު އެ ފިލާތަށް ތިރިއަށް ފައިބައިގަތެވެ. މަތިން ވެއްޓުނު ފިލާގަނޑުގައި ހަރުކުރެވިފައިވާ ދަގަނޑު ހޮޅި އައިސް ފިލާގަނޑާއެކު އަނާލްގެ ދެފައިގައި ޖެހުނު ވަގުތު އަނާލްއަށް އަނެއްކާވެސް އާހެއް ބޭރުކޮށްލެވުނެވެ. އެވަގުތު ފަޔަށް ވީ ތަދާއެކު ހަޅޭއްލަވައިގަންނަންވެސް އަނާލް ނުކުޅެދުނެވެ. ނަފްސަށް ވެރިވެފައިވާ ވޭނީ ތަދާއެކު އޭނާގެ ލޮލުގެ ހިމަކޮޅުން އޭރުވެސް ކަރުނަ ފައިބަމުން ދިޔައެވެ. އަތް ފައި ކީކުރަން އެންމެ އިނގިއްޖެއްވެސް ގުޑުވާލެވޭހާ ހިތްވަރެއް އަނާލްގެ ނެތެވެ. ހަށިގަނޑުގައި ވޭން ނާޅާ އެންމެ ތަންކޮޅެއް ވެސް ނެތެވެ. އިޒިއަން އެ ފުޅި އަނާލް އާއި ދިމާ ފާރާދިމާލަށް އެއްލާ ޖަހާލުމާއެކު ތަޅާލިއެވެ. އެއާއެކު ފުޅިތޮށިތައް އެކި ދިމަ ދިމާލަށް ބުރައިގެން ދިޔަ އަޑުފަށްގަނޑު މުޅި އެ ތަނުގައި ގުގުމާލިއެވެ.

ހިރަފުހާ ލެއިން ތަތްތެޅިފައި އޮތް އަނާލްގެ ހަށިގަނޑަށް ބަލާލި އިޒިއަން އަނެއްކާވެސް އެތަނުން ދަޅެއް ނަގާ ކަނޑާލަމުން ބޯލިއެވެ. އޭނާއަށް އޭރު ކޮޅަށް ހުރެވެނީ ކިރިއާއެވެ. އެ ދަޅު ހުސްވުމާއެކު އެކީ އޭނާ ތަޅުން ގަނޑު މައްޗަށް ވެއްޓުނުކަން އެނގެއެވެ. ދެން ހޭލެވުނީ ފަތިސް ވާން ކައިރިވެފަހުއްޓައެވެ.

އުނދަގުލުން ތެދުވެ އޭނާ ވަށައިގެންވީ މާހައުލަށް ބަލާލިއެވެ. ތަން ތަން ފެންނަނީ ފުސްކޮށެވެ. ބޮލަށް އޭރުވެސް ހުރި ބަރުވެފައެވެ. އޭރުވެސް ކެނޑިނޭޅި ވާރޭ ވެހެމުން ދިޔަ އަޑު އިވެއެވެ. އުނދަގުލުން ބޮލުގައި އަތް އަޅާލުމާއެކު އިޒިއަން ތެދުވިއެވެ. އެއްލެމުން އެއްލެމުން ކަހަލަ ގޮތަކަށް އޭނަ ފިޔަވަޅުތައް އަޅަން މަސައްކަތް ކުރިއެވެ. އޭނާގެ ލޮލުގައި ވެއްޓިފައި އޮތް އަންހެން ކުއްޖާ އަޅައިގަތުމާއެކު އެ ދިމާލަށް ފިޔަވަޅުތައް އަނބުރާލިއެވެ. އޭރުވެސް އެ އަންހެން ކުއްޖާގެ ގައިމަތީގައި އެ ދަގަނޑު ބުރި އޮތެވެ. ލޭތަށް ހިކި ހިރަފުހުން ވަނީ ތަތްވެފައެވެ. އިސްތަށިތައް ވަނީ މޫނުމައްޗަށް ވެއްޓިފައެވެ. ބަލާބެލުމަށް އެއްވެސް ހަރަކާތެއްނެތެވެ. ބޮލަށް ބަރުވެ ބޮލުގައި ރިއްސަމުން ދިޔައީތީ އިޒިއަންއަށް ބޮލުގައި ހިފައްޓާލެވުނެވެ. އޭރުވެސް އިޒިއަންގެ ދެލޯ ރަނގަޅަށް ނުހުޅުވެއެވެ.

"އޭތް ބްރޯ... ނެތްތަ ސިނގިރެޓެއް" އެކަކު އެއްލެމުން އެއްލެމުން އައިސް އިޒިއަންގެ އަތުގައި ހިފައްޓާ ސުވާލުކުރިއެވެ. އޭނާގެ ދުލުގައި ވެސް ވަރެއްނެތެވެ. ކިޔާ އެއްޗެއް އިނގެނީ ކިރިއަ ކިރިއާއެވެ.

"ކިހާ ދެރަކަމެއް ނެތޭ އަހަރެން އަތަކު" އެ އަންހެން ކުއްޖާއަށް ބަލަންހުރި އިޒިއަން މޫނު އަނބުރާލާ ރުޅިވެރިކަމާއެކު އެ ފިރިހެން މީހާއަށް ބަލަމުން ވާހަކަ ދެއްކިއެވެ. އަދި އޭނާ ދެބުމަ ގޮށްޖަހާލަމުން އެނބުރިލިއެވެ. އަނެއްކާވެސް އެ އަންހެން ކުއްޖާއަށް އިޒިއަން ބަލާލިއެވެ.

އޭރު އިޒިއަންގެ ސިކުނޑީގައި ރޭގައިވި ކަންތައް ފިލްމެއްގެ މަންޒަރެއްފަދައިން ސިފަވަމުން ދިޔައެވެ. އެއާއެކު އޭނާގެ ކަންފަތުގައި އެ ކުއްޖާ ރޮމުން އާދޭސް ކުރަމުން ދިޔަ އަޑުތައް ތަކުރާރުކޮށް ގުގުމަން ފަށައިފިއެވެ. ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. އެ ހާސްކަމުގެ ތެރެއިން އޭނާގެ ނަފްސުގެ މައްޗަށް ހިސާބެއްގެ ރުޅިވެރިކަމެއް ވެސް ކުރިހޯދިއެވެ. އެހެންނަމަވެސް އެ އަންހެން ކުއްޖާ އޮތް ގޮތް ފެނި އޭނާގެ މޫނުމަތިން އެ އަސަރުތައް ފިލަފިއެވެ. އަވަސްވަމުން ދިޔަ ހިތުގެ ތެޅުމާ، ނޭވާއާ އެކު އޭނާ އެ އަންހެން ކުއްޖާއާ ދިމާލަށް ކުދި ފިޔަވަޅުތަކެއް އަޅަން ފެށިއެވެ.

ކޮމެންޓް 0