އަނާލް މަސްތަކުގެ ފަރި ހަރަކާތްތަކަށް ސަމާލުކަން ދީގެންއިންދާ ސިހުނީ ފަހަތުން އޭނާއަށް މީހަކު ގޮވާލި އަޑު އިވިފައެވެ. ސިހިފައި ފަހަތަށް އެނބުރި ބަލާލުމާއެކު ލޮލުގައި އަޅައިގަތް ޒުވާނާގެ ސަބަބުން އެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

"ކައި... ހޭ" އަނާލް ހިނިތުންވުން ފުޅާކޮށްލިއެވެ. ކައިސް ވެސް ހައި ޖަހާލަމުން އައިސް އަނާލްގެ ގާތަށް ހުއްޓުނެވެ. އަދި އޭނާ މަސްފެންގަނޑަށް ނަޒަރެއްދިނެވެ.

ހިތްގައިމު ދޯ؟" ކައިސް ބުނެލިއެވެ.

"އާ" އަނާލްގެ ޖަވާބު ކުރެވެ. އޭނާގެ ސަމާލުކަން އަނެއްކާވެސް މަސްފެންގަނޑަށް ހުއްޓުނެވެ.

"ކީއްވެ ކުރީ ރޭ ސެޝަން ކެންސަލް ކުރީ؟" އޭގެ ކުރީ ހަފްތާގައި ވެސް ނުނަގަމެއްނު. ވަރަށް ބޮޑަށް އިމްޕްރޫވް ވަމުންދާކަން އަނާލްއަށް އެނގެއެއްނު. ތިހެން ފަރުވާ ކުޑަކުރީމަ ވަރަށް ސަކަރާތްވާނެ. ރަނގަޅުވަމުންދާ ސްޕީޑްއާމެދު އަހަރެން ވަރަށް ހިންހަމަޖެހިފަ ހުއްޓަ އަނާލް ސެޝަންތައް ގަވައިދުން ނުނަގާތީ އެކަމުން އަސަރުކުރާނެ." ކައިސް އަނާލްގެ ފަޔަށް ނަޒަރެއްދިނެވެ.

"އެރޭ ކުޑަކަމެއް ދިމާވެގެން ނުނެގުނީ. އެކަމަކު އައި ޕްރޮމިސް އަހަރެން މާދަމާ ރޭސެޝަން ނަގަން ދާނަން. ބައިދަވޭ ކައިސް މިތާ ކީކުރަނީ؟" އަނާލް ވެސް ސުވާލެއްކޮށްލިއެވެ. ހިނދުކޮޅަކަށް ކައިސްއަށް ނަޒަރު ހުއްޓާލުމަށްފަހު އޭނާ އަނެއްކާވެސް މަސްފެންގަޑަށް ނަޒަރު ހުއްޓާލިއެވެ.

"މި ހަމަ ވަދެލީ. އަސްލު ފްރެންޑެއް ކައިރިއަށް. މިތާ ވޯކްކުރާނެ ވަރަށް ކްލޯޒް ފެރެންޑެއް" ކައިސް ހީލަމުން ޖަވާބުދިނެވެ.

އެވަގުތަކީ ރަކީން އައިސް އެތަނަށް ކާރު މަޑުކޮށްލި ވަގުތެވެ. އަނާލް ގާތުގައި ހުރި ޒުވާނާ ރަކީންގެ ލޮލުގައި އަޅައިގަތުމާއެކު ކާރުން ފައިބައިގެން އައިސް އެ ދެމީހުން ގާތަށް ހުއްޓުނެވެ.

"ހޭ ކައިސް. ހައު އާރ ޔޫ؟" ރަކީންގެ އަޑުގައި ގާތްގޮތެއް ހުއްޓެވެ.

"އަހަރެން ހަމަ ވަރަށް ބަރާބަރު. އަލްޙަމްދު ﷲ. ވަރަށް ދުވަސްކޮށްލާފަ ދޯ މިފެނުނީ. ކިހިނެތްތަ؟" ކައިސް ވެސް އަހާލިއެވެ. އެއާއެކު ރަކީން އޭނާވެސް ރަނގަޅޭ ބުނެލިއެވެ.

ކައިސްއަކީ އަނާލްގެ ފިޒިއޯތެރަޕިސްޓެވެ. އަނާލްއަށް ފަރުވާދޭތާ ވެސް ފުދޭވަރަކަށް ގިނަދުވަސް ވެއްޖެއެވެ. އަނާލްއަށް ކުރިއެރުން ލިބެންފެށީ ކައިސްގެ ފަރާތުން ސެޝަންތައް ނަގަން ފެށިފަހުން ކަމަށްވުމާއެކު އެ އާއިލާގެ ހުރިހާ އެންމެންގެ ވެސް ޚާއްސަ ރުހުމެއް ކައިސްއަށް ލިބިފައިވެއެވެ. ރަކީންއާއި ވެސް އެކުވެރި ވެވުނީ އަނާލް ގޮވައިގެން އަންނަ ބައެއްރޭރޭ ދިމާވާތީއެވެ.

"ނާލް ނާންނަ ވާހަކަ މިބުނީ....ވަރަށް ރަނގަޅަށް ސެޝަންތައް ކުރިއަށް ގެންގޮސް މިހާރު ފަރުވާ ކުޑަކުރާތީ އެހާ ހިންހަމަނުޖެހޭ ވާހަކަ މ ދައްކަނީ" ކައިސް އަނާލްއަށް ނަޒަރެއްދިނެވެ. އަދި އޭނާ އަނާލްއާ ދެއްކީ ކޮންވާހަކައެއްކަން އޮޅުން ފިލުވައިދިނެވެ. ރަކީންވެސް ބަލާލީ އަނާލްއަށެވެ. އޭނާވެސް ހުރީ އަނާލްއާ އެވާހަކަ ދައްކަން ނިންމައިގެންނެވެ. އަނާލް މިހާރަކަށް އައިސް ފަރުވާ ކުޑަކުރާކަން ފާހަގަކުރެވޭތާ ދުވަސްކޮޅެއްވެއްޖެއެވެ. އޭނާއަށް ވުރެކުރިން ކައިސް އިސްނަގައިގެން އެވާހަކަ އަނާލްއާ ދެއްކުމުން ރަކީންވެސް ހިސާބަކަށް ހިންހަމަޖެހޭގޮތްވިއެވެ.

އިރުކޮޅަކު ތިން މީހުން ވާހަކަ ދައްކައިލަން ތިބެފައި ރަކީން ގަޑިއަށް ބަލާލިއެވެ. މާ ބޮޑަށްވެސް ލަސްވެއްޖެއެވެ. އޭނަ އަދި މީޓިން އަކަށް ދާންވެސް އެބަޖެހެއެވެ.

"ލަސްވެއްޖޭ ކައިސް. ދަނީއޭ. ނާލް! ހިނގާދާން" ރަކީން ފަހަރަކު މީހަކަށް ބަލާލަމުން ވާހަކަދެއްކިއެވެ. އިތުރުއެއްޗެއް ނުބުނެވި އުޅެނިކޮށް އޭނާގެ ފޯން ރިނގްވިއެވެ. އެއާއެކު ރަކީން އަވަސްވެގަތީ ފޯނަށް ޖަވާބުދިނުމަށެވެ.

"މާ ބިޒީ މީހެއް ދޯ!" އަނާލްއަށް ބަލާލަމުން ކައިސް ދޯ ދިނެވެ. އަނާލް ވެސް ބޯ ޖަހާލަމުން ކުޑަކޮށް ހީލިއެވެ.

ރަކީން ފޯން ނިންމާލަމުން ލަސްވެއްޖެކަމުގައި ބުނެލިއެވެ. އެއާއެކު ކައިސް ދެފަރާތަށް ބޯ ހުރާލިއެވެ. ރަކީންވެސް ކައިސްގެ ކޮނޑުގައި ޖަހާލުމަށްފަހު ފަހުން ދިމާވާން ވައުދުވެފައި އަނާލްއާއެކު ކާރާ ދިމާލަށް މިސްރާބުޖެހިއެވެ.

ރަކީންއާއި އަނާލްއާއި ދެމީހުން ކާރަށް އަރާ ދުއްވާލިއިރުވެސް ކައިސް އެ ހުރިތާ ހުއްޓެވެ. އޭރު އެ މޫނުމަތިން ފެންނަމުން ދިޔައީ ބަޔާން ކުރަންދަތި އަސަރުތަކެކެވެ. ބައެއްފަހަރު ލުއި ހިނިތުންވުމެއް ވެރިވާން އުޅޭހެން ހީވެއެވެ. އަނެއްބައި ފަހަރު ހާސްކަމުގެ އަސަރުތައް ފެނިލަފާނެއެވެ. ކާރު ގޮސް ލޯމަތިން އޮބާލުމާއެކު ދެފަރާތަށް ބޯ ހޫރާލަމުން ހިޔާލުގެ ވާފަށް ކަނޑާލުމާއެކު އޭނާ އެތެރެއަށް މިސްރާބުޖެހިއެވެ.

ގެއަށް ގޮސް އަނާލް ފުރަތަމަވެސް ފެންވަރާ ހަދާލިއެވެ. މަޒާޔާގެ އެހީތެރިކަމާއެކު ހުރިހާކަމެއް ކޮށްނިންމާލާ އަނާލް އެނދުގައި އޮށޯވެލީ ސިކުނޑިއަށް ކުޑަލުޔެއް ދިނުމަށެވެ. އޭނާ މިރޭ ރަމްޔާއާއި ވެސް ވާހަކަ ދައްކަން ބޭނުމެވެ. އެހެންކަމުން ރަމްޔާގެ ނަންބަރަށް ގުޅާލިއެވެ. އެއާއެކު އެކޮޅުން ފޯން ބިޒީ ކޮށްލީއެވެ. ކުޑަކޮށް ހައިރާންވެފައި އަނާލް އިރުކޮޅަކު ފޯނަށް ބަލަހައްޓައިގެން އިނދެފައި ފޯނުން މެސެޖެއް ލިޔެލާ ފޮނުވާލިއެވެ. އަދި ފޯން އެނދުގެ އެއްފަރާތުގައި ބާއްވާ ހަމަޖެހިލިއެވެ. މަޒާޔާ ކޮޓަރިން ނުކުތީ އަނާލްއަށް އިތުރު ކަމެއްބޭނުންވޭތޯ އެހުމަށްފަހުއެވެ. ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮއްވާ ދީމް އެތެރެއަށް ވަނެވެ. އޭނާ ދީމްއަށް ގޮވާލިއެވެ. އެހެންނަމަވެސް ހަމައެކަނި ހޫމް އެއް ފިޔަވާ އެހެން އެއްވެސް އެއްޗެއް ދީމްއެއް ނުބުނެއެވެ. ދީމް ގެ އަމަލުތައް މިހާރަކަށް އައިސް ހުންނަގޮތުން އަނާލް ހުންނަނީ ދެރަވެ ކަންބޮޑުވެފައެވެ. ކޮންމެހެން ބުނަންޖެހޭ އެއްޗެއްނުނީ ނުބުނެއެވެ. ކޮންމެހެން ކޮށްދޭންޖެހޭކަމެއް ވިއްޔާ ކޮށްދެއެވެ. އެހެންނޫނީ އޭނާ އަނާލްއާ ގާތްކަމެއް ނުބާއްވައެވެ.

އަނެއްކާ އެއީ ކިނާންއާއި ދީމްގެ ގުޅުމަށް އައި ހީނަރުކަމުގެ ސަބަބުން ވެގެންއުޅޭ ގޮތެއްހެއްޔެވެ؟ އެ ދެމެދު އުފެދިފައި އޮތް ނުތަނަވަސްކަމުގެ އަސްލަކީ އޭނާކަމަށް ހީކުރެވެނީއެވެ. ހަގީގަތުގައި ކިނާންގެ ކުށެއްނެތެވެ؟ އިޒިއަން ކުރި ކުށެއްގެ ސަބަބުން މައުސޫމް ދެ ހިތަކަށް ވޭން ދޭންވީ ކީއްކުރަން ހެއްޔެވެ؟ އެކަން އަނާލް ޤަބޫލް ކުރިނަމަވެސް އެ އާއިލާގެ އެއްވެސް މީހެއްގެ ސިކުނޑިއަށް އެވަރު ނުވިސްނެންވީ ކީއްވެ ހެއްޔެވެ؟.

އެ ހިތުގައި ކިނާންއާއި މެދު އެއްވެސް ނަފްރަތެއް ނުވެއެވެ. އިޒިއަންގެ އެ އަމަލު އަކްނިޒާމެންނަށް ނޭނގޭކަން އެނގުނު ދުވަހުން ފެށިގެން ވެސް އެއިން އެކަކާ ދޭތެރޭވެސް އަނާލްގެ ހިތުގައި ކިލަނބުކަމެއް ނުވެއެވެ. އެންމެނަށް އޭނާގެ ހިތް ހަމަ ސާފެވެ. ނަފްރަތު ކުރަން ބޭނުންވަނީ ހަމައެކަނި އިޒިއަންއަށެވެ. އެހެންނަމަވެސް އޭނާއަށް އެކަން ކާމިޔާބު ނުކުރެވިގެން މިއުޅެނީ ކީއްވެހެއްޔެވެ؟. ދީމްއާ ދެމީހުންގެ ދެމެދު އުފެދިގެން އުޅޭ ނުތަނަވަސްކަން ނައްތާލެވޭނީވެސް ދެމީހުން އެކުގައި ތިބެ ހަމަޖެހިގެން ވާހަކަދައްކައިލެވިގެންތާއެވެ.

"ދީމް." ވިސްނާލުމަށްފަހު އަނާލް ދީމްއާ ވާހަކަދައްކަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ދީމްހުރީ އަނާލްއަށް އެފަދަ ފުރުސަތެއް ދޭކަށްނޫނެވެ.

"އަނާލް ފަހުން ދެން. ވަރަށް ނިދި އައިސްފި" އަނެއްފަރާތަށް އެނބުރި ރަޖާގަނޑު ގައިގައި އަޅާ ފޮރުވާލަމުން ދީމް ބުނެލިއެވެ. އަނާލް ދެރަވިނަމަވެސް އޭނާ އޯކޭއޭ ބުނެ ހިންހަމަ ޖައްސާލިއެވެ. ދީމްގާތުން ވެގެންއުޅޭ ގޮތް އޮޅުންފިލުވާ އެދެމެދަށް ކުރިން އޮތްފަދަ އެކުވެރިކަމެއް ގެންނަން އަނާލް ބޭނުމެވެ.

ދީމް އަނެއްފަރާތަށް އެނބުރުނުއިރު އޭނާގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއްނެތެވެ. އަނާލްއާ ކުރިމަތިލުމަކީ ހާދަ އުނދަގޫ ކަމެކެވެ. އަނާލްއަށް އެހާލު ޖެހުމުގެ އަސްލު ސަބަބަކީ އޭނާގެ ބައްޕަކަމަށް ޤަބޫލްކުރެވެނީއެވެ. އާއިލާއަށް ހަޤީގަތް އެނގުމުން އަނާލްގެ ނަފްރަތާ އެ އާއިލާގެ ނުރުހުން އޭނާއަށް އަމާޒު ވާނެއެވެ. އަނެއްކޮޅުން އޭނާގެ ހިތުގެ ލޯބި ހާސިލްކުރަން އޮތް ހުރަހަކީވެސް އަނާލްގެ މާޒީއެވެ.

"އަހަރެންނަށް އެނގޭ ދީމް ނުނިދާކަން. މީގެ ކުރީގައި ދީމް އުޅުނުގޮތް ހަނދާންނެތީކީ ނޫން. ވަރަށް ރަނގަޅަށް ހަނދާން އެބަހުރި. ދީމްއަށް ތި އައިސް ގެން އުޅޭ ބަދަލުތަކުގެ ސަބަބެއް އަހަރެންނަކަށް ނޭނގެ. އެކަމަކު ދީމްގެ ތި އަމަލުތަކުން އަހަރެން ވަރަށް ދެރަވޭ. އަހަރެންދެކެ ރުޅިއައިސްގެން ތިއުޅޭ ސަބަބަކީ ކިނާންއަށް ވިއްޔާ އަހަރެންނަށް މާފުކުރޭ. އަހަރެން ވެސް ބޭނުން ކިނާންއާއި ދީމް ގުޅެން އެކަމަކު އޭގައި އަހަރެން ކުރާނީކީއް؟ ކިތަންމެ ވަރަކަށް ވެސް މަސައްކަތްކުރިން އާއިލާ މީހުންނަށް ވިސްނައިދޭން. އެކަމަކު..." ދީމްއަށް ބަލަންއޮވެ ފުރަތަމަ ފަހަރަށް އަނާލް އޭނާގެ ހިތުގެ ހާލު ބަޔާންކުރިއެވެ.

އެހެންނަމަވެސް ދީމްގެ ފަރާތުން އެއްވެސް ޖަވާބެއްނުލިބުނެވެ. އެހެންކަމުން އިތުރު އެއްޗެއް ބުނާކަށް އަނާލް ވެސް ގަސްދެއްނުކުރިއެވެ. ރޮވެން ފެށުމުން އޭނާ ތުންފަތުގައި ދަތް އަޅާލިއެވެ.

ޖެހިގެންއައި ދުވަހަކީ އަނާލްގެ ފިޒިއޯތެރަޕީ އޮތް ދުވަހަކަށް ވުމާއެކު އޮފީސް ނިންމާލާފައި އަނާލް ދިޔައީ ހޮސްޕިޓަލަށެވެ. އޭނާގެ ގާތުގައި ޝާހީންވެސް ހުއްޓެވެ. އަނާލް ފިޒިއޯހަދަން ވަނުމުން ޝާހީން މަޑުކުރީ ބޭރުގައެވެ. ކައިސްއާއެކު އަނާލްގެ މިއަދުގެ ތެރަޕީ ހެދުމަށް ހާއްސަ ކުރެވިފައިވާ ތަނަށް ވަދެވުމާއެކު ކައިސް ހިނިތުންވެލިއެވެ.

"ކިހިނެތްތަ އަނާލް؟" ކައިސް އަނާލްއަށް ހިންހެޔޮ ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އަނާލް ވަރަށް ރަނގަޅޭ ބުނެލިއެވެ. ނަރުހެއްގެ އެހީތެރިކަމާއެކު އަނާލް އެނދުގައި އިށީނެވެ. ކުރިމަތީ ހުރި ގޮނޑީގައި ކައިސް އިށީނެވެ. އަދި އޭނާ މަސައްކަތް ފަށަން ތައްޔާރުވިއެވެ. މިއަދު ކުރަން ހަމަޖެހިފައިވާ ފައިގެ ކަސްރަތުތައް ފެށުމުގެގޮތުން އޭނާ އަނާލްއަށް އަންގާލިއެވެ. އަނާލް ބޯ ޖަހާލުމުން އޭނާ މަސައްކަތް ފަށަން އަވަސްވެގަތެވެ. އަނާލްގެ ފައިގެ އިނގިލިތަކުގެ ހަރަކާތްތައް ކައިސްއަށް ފާހަގަ ކުރެވުނެވެ. އޭނާއަށް ހިންހަމެޖެހުން ލިބުނެވެ. އަނާލްއަށް އަންނަމުންދިޔަ އިމްޕްރޫވްމެންޓްގެ ސަބަބުން އޭނާއަށް ހިންހަމަޖެހުމެއް ލިބިފައިވެއެވެ. ގަވައިދުން އެއްވެސް ކަހަލަ ހާސްކަމެއް ނެތި އަނާލް ކަސްރަތުތައްކޮށް ތެރަޕީ ނަގާ ކަމުގައި ވަނީނަމަ އަނާލް ރަނގަޅުވާނެ ކަމުގެ އުންމީދުވެސް ބޮޑެވެ. އަނާލްގެ މައްސަލައަކީ ހަމައެކަނި ޕިޒިއޯތެރަޕީއަކުން ހައްލުވާނެ މައްސަލައެއްނޫނެވެ. އަނާލް ހިނގުމައްޓަކާ މެންޓަލް ފިޓްނެސްއަކީ ވެސް ވަރަށް މުހިންމު އެއްޗެކެވެ. އަނާލްގެ ބައްޔަކީ 'ކޮންވާޝަން ޑިސްއޯރޑާ' ކިޔާ ބައްޔަކަށް ވުމާއެކު ފައިގައި މައްސަލައެއް ނެތަސް ހިނގުމަކީ ނާދިރުކަމެވެ. މިގޮތަށް އާއްމުކޮށް ދިމާވަނީ ދިމާވާ ބޮޑު ހާދިސާއެއްގެ ސަބަބުން މީހާގެ ނަފްސަށް އަދި ސިކުނޑިއަށް ލިބޭ ނަފްސާނީ ގެއްލުމެއްގެ ސަބަބުންނެވެ. އަނާލްއަށް ވެސް ވެފައިވަނީ އެފަދަ ގޮތެވެވެ. އަނާލްގެ މެޑިކަލް ރިޕޯޓްތަކުން އެނގިފައިވާ ގޮތުގައި ދަގަނޑުގަނޑު ވެއްޓުމުގެ ސަބަބުން ފަޔަށް ލިބުނުގެއްލުން ވަނީ އޮޕްރޭޝަނަކުން މުޅިންރަގަޅު ކުރެވިފައެވެ. ފައިގައި އިތުރު މައްސަލައެއް ނެތަސް އަނާލްއަށް ނުހިނގިގެން އުޅެނީ އެމައްސަލަ ހުރުމުގެ ސަބަބުންނެވެ. 'އެމޯޝަނަލް ސްޓްރެސްގެ' ސަބަބުން ދިމާވެފައިވާ ކަމަކަށްވުމާއެކު އެންމެންގެ އެހީތެރިކަންވެސް މުހިންމެވެ. އަނާލްގެ ނަފްސާނީ ބަލި ރަނގަޅުވަމުންދާ ވަރަކަށް އެހެންމީހުންގެ ލޯތްބާއި އޯގާތެރިކަމާއި އަޅާލުމާއެކު ފިޒިއޯތެރަޕީގެ އެހީގައި އަނާލް ރަނގަޅު ކުރެވިދާނެއެވެ. ކައިސްގެ ހިތުގައި އިޒިއަންގެ ހިޔާލްތައް ވެސް ހިނގައިގަތެވެ. އިޒިއަންއަކީ އަނާލްގެ ފިރިމީހާކަން އޭނާއަށް އެނގެއެވެ. އޭނާ އާއި އިޒިއަންއާ ގުޅުމެއް އޮތްކަމެއް އަދި އަނާލްމެންނަކަށް ނޭނގޭނެއެވެ. އެނގޭނަމަ އަނާލް އޭނާ ދެކެ އަންނާނެ ރުޅިއެއް އިނގެނީކީ ނޫނެވެ. އޭނާގެ އަސްލު ޖެހޭނީ ފޮރުވާށެވެ. ކޮންމެގޮތެއް ހަދައިގެންވެސް އޭނާގެ މަސައްކަތް އޭނާ ފުރިހަމަ ކުރެވޭތޯ ބަލާނެއެވެ.

ކައިސްގެ ފޯން ރިންގްވުމާއެކު އަރާފައިވާ ނަމަށް ބަލާލަމުން އޭނާ ފޯން ސައިލެންޓަށް ލާފައި ބޭއްވިއެވެ. އެއަށްފަހު އަނާލްއަށް ދޭންވާ ކަސްރަތުތައް ދިނުމަށް އެހީވިއެވެ.

ފިޒިއޯ ނިންމާލާފައި އަނާލް ނިކުތުމުން އޭނާ އައިސް އެބަޔަށް ވަދެ މޭޒުމަތީގައި ބާއްވާފައި އޮތް ފޯން ނެގިއެވެ. އަދި އޭރު ގުޅި ނަންބަރަށް ގުޅާޅިއެވެ.

"ނާނު" ކައިސް ފޯންކަންފަތުގައި ޖައްސާލައިގެން ހުއްޓާ އެކޮޅުން ފޯން ނެގުމާއެކު ވާހަކަދެކެވުނެވެ. އޭނާ ބުނީ ދެންމެ އަނާލްގެ ފިޒިއޯ ނިންމާލީ ކަމުގައެވެ. ކިނާން އެދުނީ ފްރީވުމުން ކޮފީއަކުން ބައްދަލުކުރުމަށެވެ. ކައިސް ވެސް ސެޝަންތައް ނަގައިދީ ނިމުނު ގަޑިއަށް ވުމާއެކު ކިނާންއަށް އާބަސް ބުނަމުން ޑިޕާރޓްމެންޓުން ނުކުތެވެ. އެއަށްފަހު އޭނާ މިސްރާބުޖެހީ ލިފްޓާ ދިމާލަށެވެ. ދެމީހުން ބޭނުންވީ ހޮސްޕިޓަލުން ބޭރު ތަނަކަށް ދިޔުމަށެވެ.

ފޯނު ބާއްވަމުން ކިނާން ކުރިމައްޗަށް ބަލާލިއިރު ކުރިމަތީގައި ހުރި މީހާގެ ސަބަބުން އޭނާގެ ފިޔަވަޅުތައް ކުޑަކޮށް މަޑުޖެހިލިއެވެ. އަނާލް ފެނުމުން އޭނާ ހިނިތުންވާން މަސައްކަތް ކުރިއެވެ.

"ދޮންބެދައްތަ؟" ކިނާންއަށް އަނާލްއަށް ގޮވާލެވުނެވެ. އަނާލްގެ ފަހަތުގައި އެއްވެސް މީހަކު ނެތުމުން އޭނާއަށް ހައިރާންކަމެއް ލިބުނެވެ.

"ހާސްނުވޭ އަހަރެން އެކަނި މިއައީ. ކިނާންއާ ވާހަކައެއް ދައްކައިލަން ބޭނުން. ކުޑަ ވަގުތުކޮޅެއް ދެވިދާނެތަ؟" އަނާލް އެދުނެވެ. އަނާލްގެ އެދުމާ ދެކޮޅުހަދަން ނުކުރުމުން ކިނާން ކައިސްއަށް ގުޅާލާފައި އޭނާ އަދި ލަސްވެދާނެކަމަށް ބުނެލިއެވެ.

"އޯކޭ ހިނގާ އެތެރެއަށް" އެއްފަރާތުގައި ހުރިރޫމަށް އިޝާރާތް ކޮށްލަމުން ކިނާން އެދުނެވެ. ކިނާންގެ ފަހަތުން ގޮނޑި ދުއްލާލި އަނާލް ފަހަތަށް ބަލާލިއެވެ. ޝާހީން ގާތު ކިނާންއާއި ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުނުމުން ނުރުހިފައި ހުރެފައިވެސް އެއްބަސްވީ އަނާލް ކިޔާ ވަރުންނެވެ. އަނާލް އެތެރެއަށް ވަނުމުން ޝާހީން މަޑުކުރީ ބޭރުގައެވެ.

ކިނާންގެ ކެބިންއަށް ވަދެފައި އަނާލް ގޮނޑި ދުއްވާލީ ސޯފާތަކާ ދިމާލަށެވެ. ކިނާން ވެސް އައިސް ސޯފާތައް ކައިރީގައި ހުއްޓުނެވެ. ކިނާން ސޯފާގައި އިށީނދެލީ އަނާލް ސޯފާއަށް އިޝާރާތް ކޮށްލާފައި އިށީނުމަށް ބުނެލުމުންނެވެ. ކިނާންއަށް އިށީނދެ ހަމަޖެހިލެވުމާއެކު އަނާލް ވާހަކަފެށިއެވެ.

"ނާނު. އަދިވެސް ދީމްއާ ގުޅެންބޭނުންތަ؟" އިރުކޮޅެއްގެ ހަމަހިމޭން ކަމަކަށްފަހު އަނާލް ކޮށްލި ސުވާލުން ކިނާންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަނާލް އެ ކޮށްލި ސުވާލުގެ ސަބަބުން އޭނާގެ ދެކޮނޑު އުފުލިގެން ދިޔައެވެ. ކުއްލިއަކަށް އަނާލް އެ ފަދަ ސުވާލެއް ކުރުމުން އަނާލްގެ މަޤްސަދަކީ ކޮބައިކަން ދެނެގަންނަން ކިނާން ނުކުޅެދުނެވެ.

"ކިހިނެތްވީ؟" ނަފްސަށް އަންނަމުންދިޔަ ބަދަލުތައް ވަންހަނާ ކުރުމުގެގޮތުން ކިނާންއަށް ވެސް އަނާލް ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލްގައި ކޮށްލެވުނީ ސުވާލެކެވެ.

"ނާނު އަހަރެން ކުރާ ސުވާލަށް ޖަވާބު ދީފާނަންތަ؟" އަނާލް ދެވަނަ ފަހަރަށް ވެސް ކިނާންއާއި ސުވާލު ތަކުރާރު ކޮށްލިގޮތުން އިތުރަށް ކިނާންއަށް ހައިރާންކަން ވެރިވެގެންދިޔައެވެ. ދެފަރާތަށް މަޑުމަޑުން ބޯ ހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. 

"ކިނާން ނޫނެކޭ ތިބުނަނީ އަހަރެންގެ ސަބަބުން ނޫނީ އިޒިއަންގެ ސަބަބުން ދެ އާއިލާ ތެރޭގައި ޖެހިފައިވާ މައްސަލައިގެ ސަބަބުންތަ؟" ސަބަބު އެނގި ހުރެ އަނާލް ސުވާލުކޮށްލީ ކިނާންގެ ޖަވާބު އަޑު އަހާލުމުގެ ބޭނުމުގައެވެ. އަނާލްގެ އެ ޖުމްލައިން ކިނާންގެ ދޫ ބަންދުވެއްޖެކަން ޔަޤީންވުމުން ހިސާބެއްގެ ލުއި ހިނިތުންވުމެއް އަނާލްގެ ތުންފަތްމަތީގައި ދުވެލިއެވެ.

އަނާލްގެ މޫނުމަތިން ފެނުނު ލުއިހިނިތުންވުމުގެ މާނަނަގަންވީ ގޮތެއްކިނާންއަކަށް ނޭނގުނެވެ. އޭނާ އެއްޗެކޭ ނުބުނެ އިންދާ އަނާލް އޭނާއަށް ޖަވާބު ލިބިއްޖެކަމުގައި ބުނެ ދޮރާ ދިމާލަށް ގޮނޑި ދުއްވާލިއެވެ.

ދޮރާ އަރާ ހަމަވީތަނާ ކިނާން ބުނެލި ޖުމްލައިން އަނާލްއަށް ސިހިފައި ކިނާންއާވީ ފަރާތަށް ގޮނޑި އަނބުރާލެވުނެވެ. އޭރު ކިނާން ހުރީ ސީދާ އޭނާއަށް ބަލަން ކޮޅަށެވެ.

"ކީއްވެ؟ ކިހިނެތް ކިނާންއަށް އެނގުނީ؟ އެކަމަކު..." ދީމްއަށް ބުނަންވީ އެއްޗެއް ނޭނގުނެވެ. ހާސްވެ ދެރަވިއެވެ. ކަންބޮޑުވިއެވެ.

"އާ ދޮންބެ ދައްތާ. ދީމް އަމިއްލަ ނަފްސަށް އަނިޔާދޭތާ އެތައް ދުވަހެއްވެއްޖެ. ކިތަންމެ ހިތް ހަރުކޮށްގެން އުޅުނަސް ދީމްގެ ހިތުގައި އަޅަމުންދާ ވޭން އެ ހަށިގަނޑަށް ބަލާލުމުން ފެނިގެންދާނެ، ބައެއް މީހުން ވާ ދެރައެހެން މީހުންނަށް ދައްކާނީ ހަރުކަށިކަމުގެ ސިފައިގައި. ދީމްއަށްވެސް ވެފައި އެވަނީ އެހެން. އެހެންނަމަވެސް ހަޤީގަތަކީ އެއެއްނޫން. ދީމްގެ ހިތާމައިގެ އަސްލު ސަބަބު ހޯދާ! އެއީ ކޮންމެ ފަދަކަމަކަށް ވިޔަސް އެކަމުގެ ސަބަބުން ދޮންބެދައްތަ ދީމްދެކެ ރުޅި ނާންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އަހަރެންނަށް އެބައޮތް. " ކިނާން ވާހަކަ ދެއްކިއެވެ. އެ ވާހަކައިން އަނާލްއަށް ކިތަންމެ ހާސްކަމެއް ވެރިވިޔަސް އެ ވަގުތު އެތަނުގައި މަޑުކުރުމުގެ ހިޔާލެއް އޭނަގެ ނެތެވެ. އެހެންކަމުން އޭނަ ރޫމުން ނުކުތީއެވެ.

ކިނާން ފުންނޭވާއެއް ލަމުން ސޯފާގައި އިށީނެވެ. އަނާލް އެ ސުވާލު ކުރި ސަބަބަކާ ބެހޭގޮތުން ވިސްނެން ފެށުނެވެ.

އަނާލް ހޮސްޕިޓަލުން ނުކުތީ ޝާހީން އާއެކުއެވެ. ޝާހީންގެ އެހީއާއެކު ކާރަށް އެރުމާއެކު ލަސްނުކޮށް ޝާހީން ކާރު ދުއްވާލީ ގެއާ ދިމާލަށް ދިޔުމަށެވެ.

"އޭތް ބްރޯ ހާދަ ލަސްވީ ކޮން ކަމެއް ލައިގަތީ" ކިނާން ތިރިއަށް އައީ ލަސްވެގެން ކައިސް ގުޅުމުންނެވެ. ކައިސް އައިސް ކިނާންގެ ކޮނޑައް އަތް ވައްޓާލަމުން ވާހަކަދެއްކިއެވެ.

"ކުޑަކަމެއް ޖެހުނިއްޔޭ" ނިތްކުރީގައި އަތް ހާކާލަމުން ކިނާންވާހަކަ ދެއްކިއެވެ. ހީވަނީ އޭނާއަށް ވެރިވި އުދާސްކަން ފޮރުވަން މަސައްކަތް ކުރަމުންދިޔަ ހެންނެވެ.

"ހޫން. ކޮންމެވެސް އަންހެން ކުއްޖެއްގެ ކަމެއްހެން މަށަށް ހީވޭ" ކައިސް ދިމާކޮށްލިއެވެ. ކައިސްއަކީ ކިނާންގެ ވަރަށްގާތް ރައްޓެއްސެކެވެ. ކިނާންއަށް ވުރެ ބޮޑުނަމަވެސް އެ ދެމެދުގައި އުމުރުގެ ފަރަގެއް ހުންނަ ހެނެއްހިޔެއްނުވެއެވެ. ދެމީހުން ދިމާވީ ކިޔަވަން އުޅުނު ދުވަސްވަރު ރާއްޖޭން ބޭރުންނެވެ. އޭރުއްސުރެ ކިނާންއާ އޮތްގާތް ގުޅުމުގެ ސަބަބުން އިޒިއަންއާ ވެސް ވަނީ ހިސާބަކަށް ގުޅުން ބަދަހިވެފައެވެ. ކައިސްއަކީ ރާއްޖޭން ބޭރު ފިރިހެނަކާއި ރާއްޖޭގެ އަންހެނަކަށް ލިބިފައި ހުރި ދަރިއެއްކަމުން ދިވެހިބަސް އެނގެއެވެ. އެހެންނަމަވެސް ވާހަކަދެއްކުމުގައި ބައެއް ފަހަރު ކޮށި ގޮތެއް ހުރެއެވެ.

ކައިސް ޕިޒިއޯތެރަޕީ ކޯސްހަދަމުން ދިޔައިރުވެސް ޔުނިވާރސިޓީގައި އޭނާ އަކީ ފާހަގަކޮށްލެވޭ މޮޅު ދަރިވަރެކެވެ. އެގޮތުން އޭނާ ނިންމި އަހަރު މުޅި އެ ޔުނިވާރސިޓީގެ އެންމެމޮޅު ދަރިވަރަކަށް ކިނާން ހޮވުނެވެ. މާސްޓަރސް ހަދާ ޕީ.އެޗް.ޑީ ވެސް ނިންމިފަހުން ކިނާން ގުޅާފައި ކަމަކުބުނުމުން އޭނާ އަންނަން އެއްބަސްވީ އިޒިއަންއާ ވެސް އޮންނަ ގާތްކަމެއްގެ ބޮޑުކަމުންނެވެ. ޚާއްސަކޮށް ކިނާންގެ ފަރާތުން އެނގުނު ހަޤީގަތުގެ ސަބަބުން އޭނާއަށް ވެސް އޭރު ލިބުނީ ޝޮކެކެވެ. އިޒިއަންއާ މެދު ހިސާބެއްގެ ކިލަނބުކަމެއް އެ ހިތުގައި އުފެދުނު ނަމަވެސް މިހާރު އެކަހަލަ އެއްވެސް އަސަރެއް ނެތެވެ.

ކިނާން ކައިސް ގާތުން އެކަމަށް އެދުނީ އިޒިއަން އާދޭސް ކުރާ ވަރުންނެވެ. ބައްދަލު ކުރާ ކޮންމެ ފަހަރަކު އަނާލްއަށް ފަރުވާ ދެވެން އޮތް އެންމެ ރަނގަޅު ގޮތުގައި ފަރުވާދެވޭނޭ ގޮތެއް ހޯދައިދިނުމަށް އެދި އިޒިއަން އެތައް އާދޭހެއްކުރިއެވެ. އެހެންކަމުން ކިނާން ކައިސް ގާތު އަނާލްގެ ފިޒިއޯ އާހަވާލުވުމަށް މާލެ އަންނަން އެދުނީއެވެ. އެންމެފުރަތަމަ އަނާލްގެ އިނގިލި ހަރަކާތްކުރި ދުވަހުގެ ފަހުން ކިނާންއާ ބައްދަލުވެ އިޒިއަން އެ ވާހަކަ ހިއްސާކުރިއިރު އެ ދެލޮލުން އޮހެރުނު އުފާވެރިކަމުގެ ކަރުނަ ކިނާންއަށް ވެސް އެތައް ވާހަކައެއް ކިޔައިދިނެވެ. އިޒިއަން އަނާލްއާ ކައިވެނި ކުރީ ހަމައެކަނިވީ ހަމްދަރުދީއަކުންނޫނެވެ. އެހެންނަމަވެސް އެ ހިތުގައި އަނާލްއާ މެދު ފުން ލޯބި ވާތީއެވެ. އާއިލާގެ އެއްވެސް މީހެއް ނުފެނި ޖަލުގެ އަނދިރި ތޭރިތަކުގެ އެތެރޭގައި އިޒިއަން ހޭދަކުރީ ހިތްދަތި ދުވަސްތަކެކެވެ. ކިނާންއާ ބައްދަލުވާ ކޮންމެފަހަރަކު އިޒިއަން ކަރުނަ އަޅާ ރޮއެވެ. އަދިވެސް އެ މަންޒަރު ފިލްމެއްގެ ސިފައިގައި ކިނާންގެ ސިކުނޑީގައި ރައްކާކުރެވިފައި އެބަހުއްޓެވެ.

މަންމަގެ މާފު ނުލިބޭނެތީ އެކަމާ ހިތާމަކޮށް އިޒިއަން ރުއިވަރު ހަނދާންވާ ކޮންމެފަހަރަކު ހުދު ކިނާންވެސް އަކްނިޒާ ގާތު އިޒިއަންއާ ބައްދަލުކުރަން ދިޔުމަށްއެދި އާދޭސްކުރިއެވެ. އިޒިއަންގެ މޫނު އެއްފަހަރު ބަލާލަން ދިޔުމަށްއެދި ފަހީމް ގާތު އާދޭސްކުރިއެވެ. އެހެންނަމަވެސް އެއިން އެކަކުވެސް އިޒިއަންގެ މޫނު ބަލާލާކަށް ބޭނުމެއް ނުވިއެވެ. އެއަށްވުރެ ބޮޑަށް އެ އެންމެންގެ ހިތުގައި އިޒިއަންއަށް އޮތް ނަފްރަތު ބޮޑެވެ.

ދީމް ފައިލްތަކެއް ހިފައިގެން ބޭރުގައި އުޅެފައި އައިސް ހޮސްޕިޓަލަށް ވަތްއިރު އޭނާ ހުރީ ފައިލްތައް އެއްއަތުގައި ބަހައްޓައިގެން ހުރެ އަނެއްއަތުން ފޯނު ކަންފަތުގައި ޖައްސައިގެންނެވެ. ކުޑަކޮށް ބޯ އަރިކޮށްގެން ހުރެ އޭނާ ފޯން ކަންފަތް ދަށަށް ދައްވާލާ ކޮނޑާ ފިއްތާލަމުން ވާއަތުގައި ހުރި ފައިލްތައް ކަނާއަތުން ހުޅުވާ ބަލަން ފެށިއެވެ. އެއްފައިލަކަށް ނަޒަރު ހުއްޓާލުމާއެކު ބޯ ޖަހާލިތަން ފެނުނެނެވެ. ހަމަޖެހުމުގެ ނޭވާއެއްލާ ފައިލް ލައްޕާލަމުން ފޯނުނަގާ އަތަށް ހެޔޮވަރު ކޮށްލިއެވެ. އެއަށްފަހު އަނެއްކާވެސް ހިނގައިގަތެވެ. އޭރުވެސް އޭނާގެ ނަޒަރު ހުރީ އަތުގައި އޮތް ފޯނަށް ހުއްޓިފައެވެ. ކުރިމައްޗަށް މާ ބޮޑު ސަމާލުކަމެއް ނުދެވުމުގެ ސަބަބުން އެދިމާލަށް އައި ކިނާންގެ ގައިގައި އަޅައިގަނެފައި ދީމް ވެއްޓެން ދިޔައެވެ. އެވަގުތު މަޑު ހަޅޭކެއްގެ އަޑު ދީމްގެ ދުލުން ބޭރުވިއެވެ. ކިނާން ހުޝިއާރުކަމާއެކު ދީމް ނުހިފެއްޓިނަމަ ދީމް ވެއްޓުނީހެވެ. ދީމް ސަލާމަތްވިނަމަވެސް ފައިލުގައި ހުރި ހުރިހާ ގަނޑުތަކެއް އޭރު ވެރިއްޖެއެވެ.

ކިނާންގެ އަތު ތެރޭގައި ދީމް ލޯ މަރާލައިގެން އޮތް މަންޒަރު އެހާ ގާތުން ފެނުމުން ކިނާންގެ ހިއްސުތަށް ވެސް ހޭލައްވާލައިފިއެވެ. އެތައް ދުވަހަކަށްފަހު އެ މޫނު އެހާކައިރިން ފެނުމުން އޭނާއަށް ވެސް އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވުނީއެވެ. ބޭނުންވަނީ ހިތް ފުރޭވަރަށް ދީމްއަށް ބަލާލާށެވެ. އެ މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިގަނޑު އޭނާ އެއްފަރާތްކޮށްލަދިނެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކޮށްލެވުނެވެ. ސިހުނީ ކައިރިން މީހަކު ކަރުކެހިލި އަޑަށެވެ. ދީމްވެސް ދެލޯ ހުޅުވާލިއެވެ. އޭރު އޭނާ އާއި ދިމާލަށް ގުދުވެގެން އޮތް ކިނާން ފެނި އޭނާއަށް ތެޅިގަނެވުނެވެ. ވަށައިގެންވީ މާހައުލަށް ބަލާލަމުން ކިނާންގެ އަތު ތެރެއިން ވީއްލިގަންނަން އުޅުނު ގޮތުން ދެމީހުން އެކީގައި ވެއްޓުނީއެވެ. ވެއްޓި ތަދުވިނަމަވެސް އެ ވެއްޓުނު ބާރުމުނުގައި ދީމް ތެދުވިއެވެ. އެހެންނަމަވެސް ކިނާންއަށް ތެދުވުންވީ އުނދަގޫކަމަކަށެވެ. ވެއްޓުނު ބާރަށް އަތުގެ އުޅަބޮށި ޖެހި ކަށިގަނޑަށް ކަމެއްވީ ކަންނޭގެއެވެ. އަތް ހަލުވާލަން އޭނާއަށްވީ ދަތި އުނދަގޫ ކަމަކަށެވެ. ދީމް ގަނޑުތައް ނަގާ ފައިލަށް އަޅަން ފެށިއިރުވެސް ހުއްޓި އެދެމީހުންނަށް ބަލަމުންދިޔަ މީހުންނަށް ނަޒަރު ދިޔައީ ހުއްޓެމުންނެވެ. އޭރު ދީމްގެ ކޯތާފަތަށް އަރާފައިވަނީ ޖަންބުކުލައެވެ. ލަދުން މޫނު ވަނީ ރަތްވެފައެވެ.

ފިރިހެނަކަށް ވިނަމަވެސް ކިނާން ވެސް ލަދުގަތް ވަގުތުކޮޅެކެވެ. ކުރެވުނުކަންތައް އިޙްސާސްވީ އެންމެންގެ ނަޒަރު އެދިމާލަށް ހުއްޓިފައިވީތީއެވެ. އަނގަޔަށް ގޮތެއް ހަދާލަމުން އަނެއްފަރާތަށް އެނބުރިލާ ދެލޯ މަރާ ބާރުކޮށްލިއިރު ކައިސްގެ މޫނުމަތީގައި ހުރީ ނުލަފާ ހިނިތުންވުމެކެވެ.

"އަދިވެސް ހޭންތަ ވީ؟ހިނގާ ދާން!" ދީމްއަށް ބަލާލަމުން އެއްވެސް ތަނަކަށް ތަދުވިތޯ އަހަން ކިތަންމެ ބޭނުންވިނަމަވެސް ކިނާންއަށް އެ ސުވާލު ކުރާކަށް ނުކެރުނެވެ. އެހެންކަމުން އޭނާ ވާހަކަ ދެއްކީ ކައިސްއާއެވެ.

ކައިސް ދެފަރާތަށް ބޯ ހޫރާލުމުން ކިނާން ކައިސް ގާތު އަންނަން އިޝާރާތްކޮށް ހޮސްޕިޓަލުން ނުކުންނަ ދޮރާ ހިސާބަށް ދިޔައެވެ.

ކިނާން އާއެކު ކައިސް އާއި ދެމީހުން ރެސްޓޯރެންޓަށް ވަދެ އިށީނދެ ހަމަޖެހިލިއެވެ. އެއްޗެއްސަށް އޯޑަރު ދިނުމަށްފަހު ފުރަތަމަ ވާހަކަ ފެށީ ކައިސްއެވެ.

"އަހަރެން އިޒިއަންއާ ބައްދަކުކޮށްފިން" ކައިސް ބުނެލުމާއެކު އަނގައިގައި ޖަހަ ޖަހާއިން ފެންތަށި ކިނާން ބެހެއްޓިއެވެ. އޭނާއަށް އަންގާ ނުލާ އިޒިއަންއާ ކައިސް ބައްދަލުކުރުމުން އެ ދެމެދުގައި ދެކެވުނު ވާހަކަ އެނގެން ކިނާން ޝައުގުވެރިވިއެވެ. އިޒިއަންއާ ދެމެދު ދެކެވުނު ވާހަކަ ކައިސް ހިއްސާކުރިއެވެ.

"ކިހިނެތްތަ މިހާރު ދޮންބެދައްތަ؟ އެއަށްވުރެން ބޮޑަށް ފެނިއްޖެތަ އިމްޕްރޫމްމެންޓް؟" ކިނާން ސުވާލުކޮށްލިއެވެ.

"އާނ. ވަރަށް ބޮޑަށް އިމްޕްރޫވްވެއްޖެ. މިހާރު ރަމްޔާއާ އެކު މަޝްވަރާތައް ވެސް އެބަ ކޮންމެވެސް ވަރަކަށް ކުރިއަށް ގެންދަން. އިންޝާ ﷲ... ވަރަށް އަވަހަށް އަނާލް އެކީ ރަނގަޅުވާނެ. ހަޤީގަތުގައި ފަހުންކަންތައް ދިމާވިގޮތުން މާ ބޮޑަށް އަނާލްއަށް އަސަރު ކުރީ. ކޮންވާރސަލް ޑިސްއޯޑާރ އަކީ އާއްމުކޮށް ފިޒިއޯއާއި އެހެންމީހުންގެ އެހީތެރިކަން ކަހަލަ ކަންތައްތަކުން ރަނގަޅު ކުރެވޭ ބައްޔެއް. އަނާލްގެ ފަރާތުން ވަރަށް ބޮޑަށް އިމްޕްރޫވްމެންޓް އެބަ ފެނޭ. ރަމްޔާގެ ހިއްސާވެސް މިކަމުގައި ބޮޑު. އަދިވެސް އަނާލްއަށް އެކަމުން އެކީ އަރައިނުގަނެވޭތީ މައްސަލައަކީ " ކައިސް ހިއްސާކުރިއެވެ. ކިނާން ހިނިތުންވެލިއެވެ. އަނާލް ރަނގަޅުވާނެކަމުގެ ފެހި ސިގްނަލެކެވެ.

"އޭތް ތިއެއްނޫނޭ، ދެންމެ އެ އަންހެން ކުއްޖާ ފެނިގެން ހާދަ ވަރެކޭ ވީ؟ އަނެއްކާ ކަމެއްތަ؟" ކައިސް ކަމެއްހަނދާންވާ ފަދައަކުން ތަނުގައި އޮތް ސީރިއަސް މާހައުލު ކަނޑުވާލަމުން ބުނެލިއެވެ. ކިނާން ޖަހާލީ ލުއި ހިނިގަނޑެކެވެ. މިރޭ އަދި ކައިސްއަށް ދީމްގެ ވާހަކަ ކިޔައިދޭކަށް އޭނަ ބޭނުމެއްނުވިއެވެ. އެހެންކަމުން ކޮފީނިމްލާފާއި ކިނާން ދިޔައީ ގެއަށެވެ. ކައިސް ދިޔައީ ރަމްޔާއާއި ބައްދަލުކުރަން ހޮސްޕިޓަލަށެވެ.

ރަމްޔާގެ ކެބިންއަށް ވަތްއިރު މޭޒުމަތީގައި ހުރި ކޮންޕިއުޓަރަށް ނަޒަރު ހުއްޓާލައިގެން ރަމްޔާ އިނެވެ. އޭރު މޭޒުމަތީގައި ދެތިން ފައިލް ވެސް އޮތެވެ.

ރަމްޔާގެ ހުއްދައާއެކު އެތެރެއަށް ވަދެ މޭޒުގެ ކުރިމަތީގައި ހުރި ގޮނޑީގައި ކިނާން އިށީނެވެ. ރަމްޔާވެސް ކުރަން ހުރި މަސައްކަތްތައް ބަހައްޓާލާފައި ކައިސްއަށް ބަލާލިއެވެ. ކައިސް އޭނާގެ އަތުގައި އޮތް ފައިލް މޭޒުމަތީގައި ބޭއްވިއެވެ. އެއަށްފަހި ލުއި ހިނިތުންވުމެއް ދެ މީހުންގެ ދެމެދުގައި ބަދަލުކުރެވުނެވެ.

ރަމްޔާއާއި ދެމީހުން ސަލާންކޮށްލަމުން އެކަކު އަނެކަކުގެ ހާލު އަހުވާލު އެހުމަށްފަހު ދެން ދައްކަން ފެށީ އަނާލްގެ ވާހަކައެވެ. އަނާލްއަށް އަންނަމުންދިޔަ ކުރިއެރުމާއި ބެހޭގޮތުން ވާހަކަދައްކާ އިތުރަށް ކުރަންޖެހޭ ކަންތައްތަކާ ދެމީހުން މަޝްވަރާ ކުރިއެވެ. އިތުރުކަމެއް ދިމާނުވާނަމަ އަނާލް ވަރަށް އަވަހަށް ރަނގަޅުވުމުގެ ޗާންސް ބޮޑުކަން ރަމްޔާ ފާހަގަކުރުމުން ކައިސް ވެސް އެކަމާ އެއްބަސްވިއެވެ.

ކޮމެންޓް 0