އާނ. ކަލެއަށް މިހާރު އިނގިއްޖެއެއްނު ކަލެއަށް ނަފްރަތު ކުރުން ހައްޤުކަން" ކުރިން ބުނި ވާހަކަ ތަކުރާރު ކޮށްލަމުން ޝަފޫން ބުނެލިއެވެ.

"ކަލޭގެ ބައްޕަގެ ބައިވެރިވުމަކުން އަނާލް ވެސް ރޭޕްކޮށްލީ. އަހަރެން ކަލެއަށް ނަފްރަތު ކުރަން މިވަރު ނުފުދޭތަ؟ އަދިވެސް ކިޔައިދޭންވީތަ؟" ޝަފޫންގެ ޖުމްލަ ދީމްގެ ކަންފަތުގައި ގުގުމަމުން ދިޔުމާއެކު އޭނާއަށް ކަންފަތުގައި އަތް އަޅާލެވުނެވެ. 

"އަނާލް ރޭޕް ކުރުމުގައި ކަލޭގެ ބައްޕަގެ ބައިވެރިވުން ނޯންނާނެ ގޮތެއް ބުނެބަލަ! އެ ގްރޫޕަށް މަސްތުވާތަކެތި ފޯރުކޮށްދީ ހެދީ ކަލޭގެ ބައްޕަ ވިއްޔާ، ރާއްޖޭގަ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކާ މީހެއް އެއީ، ބޮޑު ފުޅާ ނެޓްވޯކެއްވެސް އޮވޭކަންނޭނގެ. ކޮންމެ ފަހަރަކު ހިފައްޓާފަ ދޫކޮށްލަނީ ވިއްޔަ، އޭނާއަށް އަހަރެން ނަފްރަތު ކުރާވަރަށް އޭނާގެ ލޭ ހުންނަ ކޮންމެ އެއްޗަކަށްވެސް އަހަރެން ނަފްރަތު ކުރަން. ކަލެއަށް ވެސް" ދީމް އާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ޝަފޫން ހަޅޭއްލަވައިގަތެވެ.

އިވުނު ހަޤީގަތުގެ ސަބަބުން ދީމްގެ ހިތް ކުދިކުދި ވެއްޖެއެވެ. އެހިތުގެ އެތިކޮޅުތައް ބުރައިގެން ހިނގައްޖެއެވެ. ސުބްޙާނަﷲ އެވެ. މިއީ ކޮންފަދަ އިމްތިޙާނެއްހެއްޔެވެ؟ ތަޤުދީރުގައި ލިޔެވިފައިވަނީ ކީކޭހެއްޔެވެ؟ އޭނާގެ ބައްޕައާއި އަނާލްގެ ރޭޕްގެ މައްސަލައިގައި ގުޅުން އޮތްނަމަ އޭނާގެ ބައްޕަވެސް ހުންނާނީ މިހާރު ބަންދެއްގައެއް ނޫންހެއްޔެވެ؟ މޭގައި އަތް އަޅާލެވުނު ގޮތަށް ގިސްލުން މެދުކެނޑިއްޖެއެވެ. މީހާގެ ހަރަކާތްތަކަށް ހުއްޓުމެއް އަތުވެއްޖެއެވެ. ތަން އަނދިރިވާގޮތްވެ އެނބުރުން އަރާގޮތްވިއެވެ. ތެދުވަން ބޭނުންވިނަމަވެސް ދީމްގެ ދެފައި ކޮޅުގައި އެއްވެސް ވަރެއްނެތެވެ. ދެއަތަށް މަޑު ތުރުތުރުއެޅުމެއް ވެރިވެއްޖެއެވެ.

ހިތްވަރުކޮށްފައި ދީމް އޭނާގެ ހަށިގަނޑު ސީދާ ކޮށްލުމަށްފަހު ތެދުވިއެވެ. ފާރުގައި އަތްޖައްސާލެވުނީ ކޮޅަށް ހުރުން ދަތިވީތީއެވެ. މަޑުމަޑުން ފިޔަވަޅުތައް އަޅަމުން އޭނާ ޝަފޫންމެން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

އިވުނު ހަގީގަތުގެ ސަބަބުން ދީމްގެ ހިތަށް ކޮށްފައިވަނީ ފުން އަސަރެކެވެ. އޭނާ ބޭނުންވީ ހަމަ މިހިދުން އާއިލާ އާއި ދުރަށް ދާށެވެ. އޭނަގެ ބައްޕަގެ ހުރި ނުބައިގެން އެނގުމުން އަމިއްލަ ނަފްސު ދެކެ ނަފްރަތު ކުރެވެން ދީމްއަށް ފެށުނީ އޭނާގެ ހަށިގަނޑުގައިވެސް ހިނގަނީ އެ ނުބައި ފިރިހެނާގެ ލޭކަމުގައި ވީތީއެވެ. އެމީހާގެ ދަރިއަކަށް ވުމީ ދީމްގެ ބަދުނަސީބެވެ.

*****

މާޒީގެ ހަނދާންތަކުން އޭނާގެ ހިތްކަފާ ކުދި ކުދި ކުރަމުން ދިޔައެވެ. އަމިއްލަ ނަފްސުގެ މައްޗަށް އޮތް ކޮންޓޯލް ދީމްގެ އަތުން ދޫވެ ޝައިތާނާގެ އަތް މައްޗަށް ދޫކޮށްލެވުނީ ދެނެވެ. އެނދުގެ އެއްފަރާތުގައި ބުރަކަށި ޖައްސާލައިގެން އިނދެ ދީމް އޭނާގެ އަތްދަބަސް ނެގިއެވެ.

ދަބަހުގެ ތެރެއިން ނެގި ކަޓަރުގެ ތިލަ ނެރިލުމަށްފަހު އޭގެ މިޔާގައި ދީމް އަތް ހިންގާލިއެވެ. ކޮންމެވެސް ވަރަކަށް ކަފައިގެން ގޮސް ލޭ އައި ކަމުގައި ވިނަމަވެސް ދީމްއަށް އެއިން އެއްވެސް އަސަރެއް ނުކުރާކަހަލައެވެ. ތަދު އިޙްސާސް ނުވާ ކަހަލައެވެ. އަމިއްލަ ނަފްސު ދެކެ އައިސް ހުރި ރުޅީގައި ކަޓަރަކީ އެކުވެރިއަކަށް އަނެއްކާވެސް ހެދިއްޖެއެވެ.

"އައި ހޭޓް މައި ސެލްފް" ދީމްގެ ދުލުން އެ ބަސްތައް ބޭރުވިއިރު އޭނާއަށް ނޭނގުނު ކަމީ ދޮރުގެ ހުޅުވިފައިވާ ތަންކޮޅުން ޝަފޫން ބަލަން ހުރިކަމެވެ. އޭނާ ކަޓަރު އެއްފަރާތުގައި ބައިންދަމުން އެ އަތް ދިގު ގަމީހުގެ އަތް އުޅަބޮއްޓާ ހިސާބަށް އަރުވާލިއެވެ. އެ ދޮން އަތްވަނީ ލަކުނުތަކުން ފެވިފައެވެ. އެކި ގޮތް ގޮތަށް ހުރި ދިގު އެލަކުނު ތަކުގެ ފަހަތުގައި ވަނީ އޭނާ ރާއްޖޭން ބޭރުގައި ހޭދަ ކުރި ދިރިއުޅުމުގެ ހިތި ހަނދާން ތަކެވެ. އެތައް ރެއަކު އޭނާ ނުނިދާ އަމިއްލަ ހާލަށް ޝަކުވާ ކުރަން އިނދެއެވެ. އެހެން ހޭދަވާ ކޮންމެ ރެއަކީ ދީމް އޭނާގެ އަމިއްލަ ނަފްސަށް ކޮންމެވެސް އަނިޔާއެއް ދޭރެއެކެވެ. އެހިތް ކުދިކުދި ވާ ކޮންމެފަހަރު އޭނާ ހިންހަމަޖެހުން ހޯދަނީ އެގޮތުންނެވެ.

އަމިއްލަ ނަފްސަށް އަނިޔާ ދެވޭ ކޮންމެ ފަހަރަކު އޭނާގެ ހިތަށް އާދަޔާ ޚިލާފް ހިންހަމަޖެހުމެއް ލިބިދެއެވެ. ކުރެވެނީ ކިހާ ބޮޑު ފާފައެއްކަން އޭނާއަކަށް ރޭކާނުލައެވެ. އެފަދަ ކޮންމެ ވަގުތެއްގައި ޝައިތާނާ ހުންނަނީ އޭނާގެ ހިތާއި ސިކުނޑީގައި ވަކި ހިއްޕާލާފައެވެ. ކުރެވޭ ކަމާއި ފަހުން ކިތަންމެ ދެރަވިޔަސް ވަގުތަކީ ފާއިތުވުމަށްފަހު ލިބޭ އެއްޗެއް ނޫނެވެ. އޭނާ ރާއްޖޭން ބޭރަށް ދިޔައީވެސް އެ ހަޤީގަތަށް ފިލަން ވެގެންނެވެ. އެހެންނަމަވެސް...

އަތަށް ބަލަން އެތައް އިރަކު އިނުމަށްފަހު އޭނާ ކަޓަރު ނަގާ އަތުގެ އުޅަބޮއްޓާ ހިސާބުން ތިރިއަށް އެއް ރޮނގު އަޅާލިއެވެ. ތަދު އިޙްސާސް ވިނަމަވެސް މިހާރު ތަދަށް ވުރެ އޭނާގެ ހިތާއި ސިކުނޑިއަށް ސަވާރުވެފައވާ ހިތްދަތިކަމުގެ އިޙްސާސް ބޮޑެވެ. އަމިއްލަ ނަފްސަށް އަނިޔާ ދިނުމުގެ ފާފައިގެ ބޮޑުކަން އޭނާ ވެސް އަޑު އަހައެވެ. އެހެންނަމަވެސް މިވަގުތު އަމިއްލަ ނަފްސުދެކެ އައިސްފައި ހުރި ރުޅީގެ ސަބަބުން އެހުރިހާ އެއްޗެއް މަތިން ދީމް ހުރީ ހަނދާން ނެތިފައެވެ.

"ދީމް" ދެވަނަ ފަހަރަށް އަތުގައި ކަޓަރު އަޅާ ދަމާލުމާ އެކު އެކީ އޭނާގެ ކަންފަތުގައި ޖެހުނީ ޝަފޫންގެ އަޑެވެ. އެ އަޑު އިވުނު ދީމް އިސް އުފުލާލިއިރު ދޮރު ކައިރީގައި ހުރި ޝަފޫން އޭނާގެ ލޮލުގައި އަޅައިގަތެވެ. އަތް ފުރަގަހަށްލާ ފޮރުވީ އެތަން ޝަފޫންއަށް ނުދެއްކުމަށެވެ.

"ކީ... ކީކުރަންތި އައީ؟" ދީމް އަޅަ އަޅައިގަންނަމުން އަހާލިއެވެ. އޭނާ މަޑުމަޑުން ތެދުވަމުން ކަޓަރު ވެސް ފުރަގަހަށް ލިޔެވެ. އަތަށް ތަދުވަމުން ދިޔަނަމަވެސް ތުންފިއްތާލަމުން އޭނާ ތުންފަތުގައި ދަތް އަޅާލިއެވެ. އެހެންނަމަވެސް ކޯތާފަތުން ތިރިއަށް ރޮނގުދެމިގެންދިޔަ ކަރުނަތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އަނެއްކޮޅުން އަތުން ފައިބަމުންދިޔަ ލޭތައް ޓައިލްސް ތަކުމަތީގައި ހޭކެމުން ދިޔައެވެ.

"ކީއްތިކުރީ؟" ޝަފޫންއަށް ޓައިލްސްތަކު މައްޗަށް ބަލާލަމުން ސުވާލުކޮށްލެވުނީ ހާސްކަމާއެކުގައެވެ. އެހެންފަހަރު ދީމްއާ ވާހަކަ ދައްކާއިރު އެ ހުންނަ ހަރުކަށިކަމެއް މިފަހަރަކު ޝަފޫންގެ އަޑުގައި ނެތެވެ. އެހެންނަމަވެސް އޯގާތެރިކަމާއި ހަމްދަރުދީގެ އަސަރު އެ އަޑުގައިވިއެވެ.

"ނުކުރަން.. ނުކުރަން އެއްވެސް ކަމެއް، ކީކުރަން ތިއައީ؟" ދޭ" ދީމް ތަންކޮޅެއް ބާރަށް ބުނެލިއެވެ. އޭނާ އެއްވެސް މީހެއްގެ އެހީތެރިކަމަކަށް ބޭނުމެއް ނޫނެވެ. އޭނާގެ ހާލަށް އޭނާ ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތެވެ. އޭރު އޭނާގެ ނޭވާ ފުން ވެފައިވެއެވެ. ހަށިގަނޑުގައިވި ތުރުތުރު އެޅުމަށް އެއްވެސް ބަދަލެއް ނާދެއެވެ.

"ކީއްހޭ ތި ކުރީ؟" ޝަފޫން ދީމްއާ ދިމާލަށް ބަލަންހުރެ ހަޅޭއްލަވައިގަތެވެ. ދީމް އަމިއްލަ ނަފްސަށް އަނިޔާ ދިންތަން ފެނުމާއެކު ޝަފޫންގެ ހިތުގައިވެސް މައިވަންތަކަމުގެ ލޯބި އުތުރި އަރައިގަތީ ކަންނޭގެއެވެ. ދީމްއަށްޓަކައި އެ ހިތުގައި ބިރުވެރިކަން ވިއެވެ. ފުރަތަމަ ފަހަރަށް ދީމްގެ ހިތަށް އޭނާއަށް ދެވުނު އަނިޔާ މަތިން ޝަފޫންއަށް ވިސްނާލެވުނެވެ. އެކަނިމާއެކަނި އެ ދަރިފުޅު އުފުލި ބުރައާއި ތަކުލީފުތަކަކީ ކިހާ ވޭންދެނިވި އެއްޗެއްކަން އޭނާއަށް ދުވަހަކުވެސް ވިސްނާލެވިފައިނެތެވެ.

އެހަޤީގަތަށް ފިލަން ދީމް ރާއްޖޭން ބޭރަށް ދިޔަކަން އެނގޭ ހަމައެކަނި ފަރާތަކީ އޭނާއަށް ވީއިރު އަދި އަދަށް ދާންދެންވެސް އޭނާ ހުރީ އެހުރިހާ ވާހަކައެއް ސިއްރުކޮށްގެންނެވެ.

"ޝަފޫން ޖެހޭތަ އަހަރެން ކުރާ ކަމެއް ބަލަން." ރުޅިވެރިކަން އެކުލެވިގެންވީ އަޑަކުން ދީމް ބުނެލިއެވެ. ޝަފޫންގެ އެ އޯގާތެރިކަމުން އޭނާއަށް ލިބުނީ އިތުރު ހިތްދަތިކަމެކެވެ. ރުޅިވެރިކަމެކެވެ. އޭނާ ދެން އިތުރަށް އެއްވެސް މީހެއްގެ އެހީތެރިކަމެއް ބޭނުމެއް ނޫނެވެ. ދީމްގެ ދުލުން މަންމަގެ ބަދަލުގައި އޭނާގެ ނަން އަޑު އިވުމުން ޝަފޫންއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އޭރު އޭނާގެ ދެލޯ ވެސް ވަނީ ފެންކަޅިވެފައެވެ.

"ދަރިފުޅާ މަންމަ"

"ކުރިއަށް އެންމެ ފިޔަވަޅެއް ވެސް އަޅައިގެން ނުވާނެ. އަހަރެންގެ މަންމައެއްނުހުންނާނެ. އަމިއްލައަށް އަހަރެން ގާތު ބުނީ މަންމަ ނުކިޔާށޭ" ޝަފޫން ކުރިއަށް ޖެހިލަމުން ބުނެލި ޖުމްލަ މެދުކަނޑާލުމަށްފަހު ދީމް ވާހަކަ ދެއްކިއިރު ވެސް އޭނާގެ ލޮލުން ކަރުނަފައިބަމުން ދިޔައެވެ.

"ދަރިފުޅާ" ޝަފޫންއަށް ދީމްއަށް ގޮވާލެވުނީ އަސަރުން ފުރިގެންވީ ގޮތަކަށެވެ. ދީމް ރާއްޖޭން ބޭރަށް ދިޔުމުންވެސް އޭނާއަށް ދީމްގެ ހާލު ނުބަލައެއް ނުހުރެވެއެވެ. އެހެންކަމުން ނުސީދާކޮށް އޭރުވެސް އޭނާ އަފާޒު ގާތުން ބަރާބަރަށް ހަބަރު އޮޅުން ފިލުވިއެވެ.

ފުރަތަމަ ފަހަރަށް ޝަފޫންގެ ދުލުން އޭނާއަށް ދަރިފުޅާ އޭ ކިޔާފައި ގޮވާލި އަޑު އިވިފައި ދީމްއަށް އަނެއްފަރާތަށް މޫނު އަނބުރާލެވުނެވެ. އެއީ އޭނާ އަޑުއަހަން ހާދަ އުންމީދު ކުރި ލަފުޒެކެވެ. ޝަފޫންގެ ފަރާތުން އޭނާއަށް އެހެން ކިޔާފައި ގޮވާލާތޯ އޭނާ ހާދަ ދުވަހެއްގެ އިންތިޒާރެއްކޮށްފިއެވެ. އެހެންނަމަވެސް މިއަދު އެ އިންތިޒާރުގެ ނިމުން އަޔަސް އޭނާއަށް އުފާވެރިކަމެއް އިޙްސާސްއެއްނުވިއެވެ.

"މިއަދުތަ ދަރިފުޅާ އޭ ކިޔާފަ ގޮވާލެވުނީ. މީގެ ކުރިން އަހަރެން ތިހެން ގޮވާލާތޯ ހާދަ އިންތިޒާރެއްކުރީމޭ" ދީމް އަށް ބުނެވުނެވެ.

"މަންމައަށް މާފުކުރޭ ދަރިފުޅާ!" ޝަފޫން ފަހަތުން އައިސް ދީމްގެ އަތުގައި ހިފިއެވެ. ދީމްގެ އަތުން އޭރުވެސް ލޭ އަންނަމުން ދިޔައީތީ އޭނާ ކަންބޮޑުވިއެވެ.

"މަންމައަށް އޯކޭ ފަހުން މަންމަ އާ ވާހަކަ ނުދެއްކިޔަސް. އެކަމަކު އަތުގެ ބޭސް އެޅުމަށްފަހު ދީމް" ދީމްގެ ފަރާތުން ނުރުހުމުގެ އަމަލެއް ނުފެނުމުން ޝަފޫން ކަރުނަ ފޮހެމުން ބުނެލިއެވެ. ޝަފޫން ދީމް ގެނެސް އެނދުމަތީގައި ބެއިންދިއެވެ. ދުވެލާފައި އޭނާ ދެން އައީ ފަސްޓް އެއިޑް ކިޓް ހިފައިގެންނެވެ. އައި ގޮތަށް އައިސް ދީމްގެ އަތް ސާފުކުރަން އަވަސް ވެގަތެވެ. ޝަފޫން އެންމެ ފުރަތަމަ ބެޓަޑިން އަޅާފައި ޖައްސާލި ވަގުތު ދީމްއަށް އާހް އޭ ބުނެވުނެވެ. އެހެންނަމަވެސް ޝަފޫން ފަހުން ބަލައިގެން ބޭސް އަޅަން ފެށިފަހުން ދީމްގެ ތުންފަތަށް ކަރުނައިގެ ތެރެއިންވެސް ހިނިތުންވުމެއް ވެރިވިއެވެ. މަންމަގެ ލޯތްބަށްޓަކާ އޭނާ ހާދަ ދިގު އިންތިޒާރެއްކޮށްފިއެވެ. މިއީ އެ އިންތިޒާރުގެ ނިމުން ހެއްޔެވެ؟

ޝަފޫން ބޭސް އަޅާދީ ނިންމާފައި ދީމްއަށް ބަލާލިއިރު ދީމް އިނީ އޭނާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. ކަރުނައިގެ ތެރެއިން ވެސް ދީމްގެ ތުންފަތުގައިވި ހިނިތުންވުން އޭނާގެ ހިތަށް ހަމަޖެހުމެއް ނުގެނެސްދިނެވެ. އެހެނީ އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވަނީ އެތަކެއް ހިތްދަތި ކަމެއްކަން އޭނާއަށް ދެނެގަނެވުނެވެ. ދީމްގެ އެބަލާލުމުން އެތައް ވާހަކައެއް ޝަފޫންއަށް ކިޔައިދިނެވެ.

ޝަފޫން އޭނާގެ މޫނުމައްޗަށް ވެރިވަމުންދިޔަ ކުލަވަރުތައް ވަންހަނާ ކުރަން މަސައްކަތް ކުރަމުން އަނެއް ފަރާތަށް އެނބުރި ދާން ވެގެން ތެދުވަން އުޅުނެވެ.

"ތެންކިޔު" އެހެންނަމަވެސް ދީމް ޝަފޫންގެ ގައިގައި ބައްދައިލާ ޝުކުރު އަދާކުރި ގޮތުން ޝަފޫންއަށް ޝޮކެއް ލިބުނެވެ. އޭނާ ދީމް ދުރުކޮށްލަން ނޫޅެ މަޑުކޮށްލައިގެން ހުއްޓެވެ. ދީމްގެ ހިތުގައި އުފާވެރިކަމުގެ ރާޅުބާންޏެއް ދަތުރު ކޮށްލިއެވެ.

އެތައް ދުވަހަކަށްފަހު ދީމްގެ އުންމީދު އާވެއްޖެއެވެ. އެހިތަށް ކުޑަނަމަވެސް އުފާވެރިކަމެއް ލިބިގެން ގޮސްފިއެވެ. އެތުންފަތަށް އަސްލު ހިނިތުންވުމެއްގެ އަސަރު ވެރިވެއްޖެއެވެ.

*****

ކިނާން ހުރިހާ ވާހަކައެއް ކިޔައިދިނުމާއެކު އިޒިއަންއަށް ވެސް ލިބުނީ ޝޮކެކެވެ. އެހެންކަމަށް ވަނީނަމަ އެމީހުންނަށް ޑްރަގް ފޯރުކޮށްދިން މީހަކީ ދީމްގެ ބައްޕަ ހެއްޔެވެ؟. މިވަނީ ކިހިނެތް ހެއްޔެވެ؟ އެއްކަމާ އަނެއްކަމާއި މިވަނީ ކިހާ ބޮޑަށް ގުޅިފައިހެއްޔެވެ؟. އެއީ ދީމްގެ ބައްޕައަށް ވެއްޖެނަމަ ހަޤީގަތުގައި އަނެއްކާވެސް އާއިލާ ތެރޭގައި ބޮޑު މައްސަލައެއް ހިލުމުގެ ފުރުސަތު އޮންނާނެއެވެ. އިޒިއަން ބޮލުގައި ހިފައްޓާލިއެވެ. ވިސްނާ ވިސްނާ އޭނާގެ ބޯ ފަޅައިގެން ހިނގައިދާނެއެވެ.

"ދޮންބެއަށް އެނގޭނެ ވަރަށް ރަނގަޅަށް އެއީ ކާކުކަން. ދޮންބެ އަހަރެންނަށް ކިޔައިދިން ވާހަކަތަކުން އޭނާއަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި އޭގެ ވިޔަފާރި ކުރާ މީހެއްކަން އަހަރެންނަށް އެނގޭ. ބޮޑު ނެޓްވޯކެއްވެސް އޮވޭ. އަދިވެސް އެހެންކަންނޭގެ ދޯ އުޅޭނީ. އަހަރެންނަކަށްވެސް އެމީހާގެ ނަމެއް ނޭނގެ. ދީމްއަކަށް ވެސް ނޭނގެ. ޝަފޫންއާންޓީ ދީމް ގާތު އެމީހަކު ގެ ނަމެއް ނުބުނޭ. އެކަމަކު ދޮންބެއަށް އެނގޭނެ ދޯ ނަންވެސް." ކިނާން ވާހަކަދެއްކިއެވެ.

ކިނާންއާއި އިޒިއަން އެތައް އިރަކު އެ މަޝްވަރާގައި ތިއްބެވެ. ދެމީހުންގެ ސިކުނޑީގައިވެސް ވަނީ ބޮޑެތިކަންތައްތަކެއް ފުނިޖެހިފައެވެ. ދީމް ރާއްޖޭން ބޭރަށް ދިޔައީ އެހަޤީގަތް އެނގުމަށް ފަހުއެވެ. ދީމް ކިނާން ގާތު ބުނެފައިވާގޮތުން އެ ހަޤީގަތް އެނގޭނީ ހަމައެކަނި މަންމައަށެވެ. އާއިލާގެ އިތުރު އެއްވެސް މީހަކަށް އެ ހަޤީގަތެއް ނޭނގޭނެއެވެ. އިޒިއަން ވިސްނާލިއެވެ. އަނެއްކާ އަނާލްއަށް އެ ހަޤީގާތް އެނގުމުން އޭނާ އަމަލް ކުރާނީ ކިހިނެތް ހެއްޔެވެ؟

*****

އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެވެ. ކިނާން ހޮސްޕިޓަލަށް ވަތްއިރު މުޅި ހޮސްޕިޓަލް ތެރެ ހަލަބޮލި ވެފައި ވަނީ ހެނދުނުގެ ވަގުތެއްގައި ބްރިޖް ސަރަހައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަޚަމްވި މީހުންތައް ގެނެވިގެން އުޅޭތީއެވެ. ބާރަކަށް ދުއްވާފައި ދިޔަ ލޮރީއެއް އޯވާ ޓޭކް ކުރަން އުޅުމުގެ ތެރޭގައި ފުރޮޅާލާ ހިނގި އެކްސިޑެންޓްގައި ފަނަރަ މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާތަށް ލިބިފައެވެ. އޭގެތެރެއިން ފަސްމީހުންގެ ހާލު ސީރިއަސްއެވެ. މުޅި އެ ހިސާބު ވަނީ ނޫސްވެރިންނާއި އަނިޔާވި ޒުވާނުންގެ އާއިލާގެ މީހުންތަކުން ފުރާލެވިފައެވެ. ކިނާން މީހުން ގަނޑުގެ ތެރެއިން އެމަރޖެންސީތެރެއަށް ދެމިގަތީ އެތެރޭގެ ހާލަތު ބަލާލުމުގެ ގޮތުންނެވެ.

މުޅިންވެސް އެކި ވަރުގެ އަނިޔާތަށް ލިބިފައިވާ ނޫކަށިފުރައިގެ ޒުވާނުންނެވެ. ދުއްވަން އިން ޑްރައިވަރަށް ލިބުނު ގެއްލުމުގައި އޭނާގެ ފައި ޖެހެނީ ބުރިކޮށްލާށެވެ. ކޮންފަދަ ބޮޑު ގެއްލުމެއްހެއްޔެވެ؟ ބަލަންވާ ވަރަށް ނުބެލުމުގެ ސަބަބުން ލިބުނު ގެއްލުން ދެކިބަލާށެވެ. ގަވައިދާ އެއްގޮތަށް ދުއްވި އެތަކެއް މީހުންނަކަށް ވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. ކިނާން ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާ އެމަރޖެންސީއިން ނުކުމެ މިސްރާބުޖެހީ އޭނާގެ ކެބިންއަށް ދިޔުމަށެވެ.

ކެބިންއަށް ވެދެ ގޮނޑީގައި ހަމަޖެހިލި ކިނާން ލޯ މަރާލަމުން ގޮނޑީގައި ބޯ އަޅާލިއެވެ. މޭޒުމަތީ އޮތް ފައިލް ހުޅުވާ ބަލާލާ އޭގައިވި އެއްޗެއް ކިޔަން ފެށިއެވެ. މޭޒުގެ އެއްފަރާތުގައި ބައިންދާފައިވާ ނޯޓް ފޮތް ނަގާ ހުޅުވާލިއެވެ. ޕޭޝަންޓުންގެ މައުލޫމާތުތައް ދިރާސާ ކުރުމުގައި ވަގުތުތައް ގުނަމުން ދަނިކޮށް ސިހުން ގެނުވީ ދޮރުގައި ޓަކި ޖަހާލި އަޑަށެވެ. މަސައްކަތް ކުޑަކޮށް މަޑު ޖައްސާލަމުން ކިނާން ދޮރާ ދިމާލަށް ބަލަން އިނީ އެމީހަކު ވަންނަން ދެނެވެ. މަޑުމަޑުން ދޮރުފަތް ކަހާލުމަށްފަހު އެތެރެއަށް ވަތް މީހާ ފެނި ކިނާންއަށް ކޮޅަށް ތެދުވެވުނެވެ.

"އާންޓީ..."ކިނާންއަށް ހައިރާންކަމާއެކު ކިޔާލެވުނެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގި ހުއްޓާ ޝަފޫން ހިނިތުންވުމެއް ހަދިޔާ ކޮށްލުމުން ކިނާން ވެސް ހީލިއެވެ. ޝަފޫން މިތަނަށް އަންނަން ޖެހުނު ސަބަބެއް އެއްގޮތަކަށްވެސް ކިނާންއަކަށް ނުވިސްނުނެވެ. އޭނާގެހިތުގެ ތެޅުން ވެސް ބާރުވެފައި ވެއެވެ.

"އިށީންނަވާ" އެއްފަރާތުގައި ބެހެއްޓިފައިވާ ސޯފާތަކަށް ދިމާލަށް އިޝާރާތް ކޮށްލަމުން ކިނާން ވެސް އެދިމާލަށް ހިނގައިގަތެވެ.

ޝަފޫން އިށީނދެ ވަށައިގެންވީ މާހައުލަށް ބަލާލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލިއެވެ. ޝަފޫންގެ އެއްފަރާތުގައި އިން ސޯފާގައި ކިނާން އިށީނދެ ހަމަޖެހިލިއެވެ. ތަނަށް ވެރިވެގެންދިޔަ ހަމަހިމޭންކަން ފޫދުއްވައިލަން ބުނާނީ ކީކޭކަމެއް ކިނާންއަކަށް ނޭނގުނެވެ. ހަމަގައިމުވެސް ޝަފޫންއެއް ދީމްގެ ކަމަކު ނާންނާނެތާއެވެ. އެވަރު ކިނާންއަށް ޔަޤީން ކުރެވެއެވެ. އެހެންނަމަވެސް އިސްވެ ސުވާލުކުރާނެހާ ހިތްވަރެއް ކިނާން އަކަށް ނުލިބުނެވެ.

"އަހަރެން ކިނާން ކައިރިއަށް މިއައީ ވަރަށް ބޮޑު ކަމަކު" ޝަފޫން ކިނާންގެ ލޮލާ ލޯ އަމާޒުކޮށްލަމުން ބުނެލިއިރު އޭނާގެ އަޑުގައިވި ޖަޒުބާތުތަކަކީ މީގެ ކުރިން ކިނާންއަށް ދެނެގަނެވުނު ޖަޒުބާތުތަކެއް ނޫނެވެ. އެ އަޑުގައިވި އަސަރުން އެ އުޅެނީ ކޮންމެވެސް ބޮޑު ވާހަކައެއް ބުނަންކަން ކިނާން ދެނެގަތެވެ. އޭނާ އެ ވާހަކައަށް ސަމާލުވެލުމުގެ ގޮތުން ކުޑަކޮށް ސޯފާއިން ބުރަކަށި ހިއްލާލާ ސީދާވެލިއެވެ.

"ކޮންކަމަކުތޯ އަނެއްކާ؟ އަޅުގަނޑަށް ކުރެވޭ ކަމެއްވިއްޔާ ކޮށްދޭނަން" ކިނާން ބުނެލިއެވެ.

"ހެލްޕް ހާރ ކިނާން" އިރުކޮޅެއްގެ ހަމަހިމޭން ކަމަކަށްފަހު ޝަފޫން ވާހަކަދެއްކިއެވެ. ޝަފޫން އެ ބުނި އެއްޗެއްގެ މާނަ ދޭހަކުރަން ކިނާންއަށް އެއްގޮތަކަށް ވެސް ނޭނގުނެވެ. ދެބުމަ އުފުއްލާލި ގޮތަށް ތިރިކޮށްލަން ނޭނގިފައި އިނދެވުނީ އެހެންވެއެވެ.

"ތި ބުނުއްވި އެއްޗެއް އަދި އަޅުގަނޑަކަށް ރަނގަޅަކަށް އެނގިއެއްނުލެއްވި" ކިނާން ސުވާލުގެ ނަޒަރަކުން ބަލާލިއެވެ.

ޝަފޫން ހާސް ވެފައި އިން ގޮތަކަށް އަޅާފައިވާ ސޯލް ގައި އަތް ހާކާލިއެވެ.

"ހެލްޕް ދީމް! ކިނާން!" ޝަފޫން ދެވަނަ ފަހަރަށް ސީދާ ބުނުމާއެކު ކިނާންއަށް ދެލޯ ވެސް ބޮޑުކޮށްލެވުނެވެ. މިއަދުވެސް އޭނާއަށް ދީމް ފެނުނެވެ. ދީމް ހުރީ ހެޔޮ ހާލުގައެވެ. ދެން ޝަފޫން މި ކިޔަނީ ކީކޭ ހެއްޔެވެ؟ ކިނާން ހާސްވިއެވެ. އެހެންނޫނަސް ޝަފޫން އަކީ ދީމްއަށް އަބަދުވެސް ނަފްރަތު ކުރާ މީހެއްވިއްޔާއެވެ. މިއަދު އޭނާއަށް ވެގެން މިއުޅެނީ ކިހިނެތްހެއްޔެވެ؟ ކިނާންގެ ސިކުނޑިއަށް އެއްވެސް އެއްޗެއް ނަޔެވެ. ބުނާނެއެއްޗެއް ނޭނގި މިފަހަރިވެސް އޭނާއަށް އަހާލެވުނު ހަމައެކަނި ސުވާލަކަށްވީ ދީމްއަށް ކަމެއްވީތޯއެވެ.

"ހޫމް... ވަރަށް ބޮޑު ކަމެއް، އެތައް ދުވަހެއް ވެއްޖެ މިކަމެއް ހިނގާތާ، އެކަމަކު އަހަރެންނަށް ވެސް އެނގުނީ ހަފްތާއެއް ކުރިން" ޝަފޫން މި ދައްކާ ވާހަކައެއް އެއްވެސް ވަރަކަށް ކިނާންއަކަށް ނޭނގުނެވެ. އެހެންކަމުން ހައިރާންކަމުން ފުރިގެންވީ ބެލުމަކުން ޝަފޫންއަށް ބަލަން ކިނާންއަށް އިނދެވުނީއެވެ.

"އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ނޭނގުނު ތި ދައްކާ ވާހަކައެއް؟" ކިނާން ބުނެލިއެވެ. ޝަފޫން އެ އުޅެނީ އަދިވެސް ބުނަން ބޭނުންވާ އެއްޗެއް ސާފުކޮށް ނުބުނެވިގެންނެވެ. ކިނާން ދެވަނަފަހަރު ވެސް ސުވާލުކުރިއެވެ.

ދީމްގެ ފަރާތުން ޝަފޫންއަށް ފެނުނު މަންޒަރު ކިނާންއަށް ކިޔައިދިނުމާއެކު ކިނާންގެ ދެ ބުމަ ގާތްވެގެން ދިޔަތަން ޝަފޫންއަށް ފެނުނެވެ. އުދާސްކަމާއެކު ނިތުކުރީގައި އަތުގެ ދެ އިނގިލި ކުރި ހިންގާލާ ދެފަރާތަށް ބޯ ހޫރާލިއެވެ. އެ މޫނުމަތިން ހިސާބެއްގެ މާޔޫސްކަމަކާއި ހިތާމައިގެ އަސަރު ފެނިލިއެވެ. ނުރުހުންވުމުގެ އަސަރުވެރިވެގެން ދިޔަހެންވެސް ހީވިއެވެ.

ޝަފޫން ދިޔުމާއެކު ކިނާން ސޯފާގައި ހަށިގަނޑު ދަމާލާ ފުންވިސްނުމަކަށް ގެއްލިފައި އެތަށް އިރަކު އިނެވެ. ތެދުވެގެން އައިސް ގޮނޑީގައި ހަމަޖެހިލާ ފައިލް ހުޅުވާލި ކަމުގައިވިނަމަވެސް ސިކުނޑިއަށް އެއްވެސް އެއްޗެއް ވަންނަ ގޮތެއް ނުވިއެވެ. އެހެންކަމުން ފައިލް ތަންކޮޅެއް ބާރަށް ލައްޕާލުމަށްފަހު އޭނާ ގަޑި ބަލާލިއެވެ.

"ވައި ދީމް"

ދީމްވެސް މިހާރު މަސައްކަތް ކުރަނީ ހޮސްޕިޓަލްގެ އެޗް.އާރް. ޑިޕާރޓްމެންޓްގައެވެ. މިވަގުތަކީ ދީމް ބްރޭކް ގަޑިއަށް ނުކުންނަ ވަގުތެވެ. ދީމްއާ ބައްދަލުނުކޮށް ދެން އޭނާއަކަށް ހަމަޖެހިއެއްނުލެވޭނެއެވެ. އެހެންކަމުން މޭޒުމަތީގައި އޮތް ފޯން ނަގާ ފަޓްލޫންގެ ޖީބަށް ޖަހާލަމުން ގޮނޑިންތެދުވެގެން ދޮރާ ދިމާލަށް ކިނާން ހިނގައިގަތީ ހަރު ފިޔަވަޅުތަކެއްގައެވެ. ހޮސްޕިޓަލް ކެންޓީނާ ދިމާލަށް ހިނގަމުންދިޔަ ކިނާން ދިޔައީ ދެފަރާތަށް ކަޅި އެއްލަމުންނެވެ. ޝަފޫން ކިޔައިދިން ވާހަކަތަކުން އޭނާގެ ހިތް ވަނީ ނުތަނަވަސް ވެފައެވެ. ދީމް ސެލްފް ހާރމް ކުރާ ތާ ވީ ކިހާ ދުވަހެއް ކަމެއް ވެސް ނޭގެއެވެ. އެ ހިތުގައި ރިއްސާލިއެވެ. ދީމްގެ އެ ހާލަތުގެ ޒިންމާ އަމިއްލަ ބޮލުގައި އެޅުވުނެވެ. އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. ދީމްގާތު އޭނާއަށް ހުރެވުނު ނަމައޭ ހިތަށް އެރިއެވެ.

ކެންޓީނަށް ވަދެ ވަށައިގެން ހޯދާލިނަމަވެސް ދީމްއެއް ނުފެނުނެވެ. އެހެންކަމުން އެޗް.އާރްއަށް ދިޔުމުގެ ނިޔަތުގައި ކިނާން ކެންޓީނުން ނުކުމެ ހިނގައިގަތެވެ. ކުރިމަތިން އައި ދީމް އޭނާގެ ލޮލުގައި އަޅައިގަތުމާއެކު ފިޔަވަޅުތައް އަވަސް ކޮށްލަމުން އޭނާ އެ ދިމާލަށް ހިނގައިގަތެވެ. އޭނާއާ އަރާހަމަވެފައި ވެސް ދީމް ބަލާ ނުލުމުން ކިނާންއަށް ދެކޮނޑު އުފުލާލެވުނެވެ.

"ދީމް" ކިނާން ގޮވާލިއެވެ. ދީމް ފަސް އެނބުރި ބަލައި ނުލިނަމަވެސް އޭރު ދީމްގެ ފިޔަވަޅުތައް ހުރީ ހިސާބަކަށް މަޑުޖެހިފައެވެ.

"ދީމް" ތަންކޮޅެއް ބާރަށް ގޮވާލުމާއެކު ކިނާން އައިސް ދީމްގެ އަތުގައި ހިފިއެވެ. ސިހުނު ދީމް ވަށައިގެން ބަލާލަމުން އޭނާގެ އަތުން ދޫކޮށްލުމަށް އެދުނެވެ. އެހެންނަމަވެސް ކިނާ ހުރީ ދޫ ދޭ ފަދަ ގޮތަކަށް ނޫނެވެ. ދީމް އޭނާއަށް 'އިގްނޯރ' ކުރުމުން އެހިތުގައި ރިއްސަމުން ދިޔައެވެ. އެހެންނަމަވެސް އެއީ ޚުދު އޭނާ އަމިއްލައަށް ލިބިގަތް ސަޒާ އެއްކަން ޔަޤީންވިއެވެ. ޝަކުވާ ކުރާނެ އެއްވެސް ޖާގައެއް ނެތެވެ.

"ދޫކޮށްލާ" ދީމް ކިނާންގެ ލޮލާ ލޯ ސީދާނުކުރިއެވެ. އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން ދީމް މަސައްކަތް ކުރަމުން ދިޔައެވެ.

"އަހަރެންނާ އެކު އަހަރެންގެ ކެބިންއަށް ދާމަތިން ދޫކޮށްލާނަން" ކިނާން ބުނެލީ ސީރިއަސްކަމާއެކުގައެވެ. ކިނާންގެ ދެލޮލަށް ބަލާލި ދީމް ހުރީ ނުތަނަވަސްވެ ދެފައި ފިނިވެފައެވެ. އެތައް އަހަރެއް ވެފައި ވާއިރުވެސް ކިނާން ފެނުމުން އޭނާއަށް އަންނަ ބަދަލުތަކެއް އަދިވެސް އެ ހަށިގަނޑަށް ސިއްރެއް ނުވެއެވެ. ހިތަށާއި ހަށިގަނޑަށް ވެސް އެނގުންވެގެން ދެއެވެ.

"ދޫކޮށްލާ ކިނާން" ދީމް އަޑަށް ނުރުހުންތެރިކަން ގެންނަން މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބު ކުރެވޭ ގޮތެއްނުވިއެވެ. ކިނާންގެ އެންމެ ބީހިލުމަކުން އޭނާގެ އެތެރެ ހަށި ގަޑު ބަޑު ކޮށްލައިފިއެވެ. ދީމް ކިނާން އޭނާގެ އަތުގައި ހިފައްޓާލާފައިވާ އަތަށް ނަޒަރު ހުއްޓާލިއެވެ. ކިނާންއާ ދިމާލަށް ބަލާލާފައި އެއްޗެއް ބުނަން އަނގަ ހުޅުވާލިނަމަވެސް ދުލު ކުރިއަށް އެންމެ ބަހެއްވެސް ނަޔެވެ.

ކިނާންގެ ޖާދުވީ ދެލޮލާއި އެ މޫނުމަތިން ފެނުނު އަސަރުތަކުން އޭނާގެ ހިތުގެ ހިނގުމަށް ބަދަލު ގެނުވާ ގޮތުން އަޖައިބުވެއެވެ. އެ މޫނުމަތިން ފެންނަނީ ދީމްއަށްޓަކާވާ އިޙްސާސްތަކެއްގެ ރަމްޒެކެވެ. ތުނިކޮށް ފަޅާފައިވާ ތުނބުޅީގެ ސަބަބުން ކިނާންގެ މޫނަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ.

"އެއްބަސްވޭ!" ކިނާން ބުނެލިއެވެ. އެ އަޑުގައިވެސް ވަނީ އޯގާތެރިކަމެވެ. އެހެންނަމަވެސް ސީރިއަސްގޮތަކާ މަޖުބޫރުކުރާ ގޮތެއް ވެސް މޫނުމަތިން ފެންނަމުން ދިޔައެވެ.

ވަށައިގެން ވީ މާހައުލަށް ބަލާލަމުން ދީމް ދެންވެސް އެދުނީ ދޫކޮށްލުމަށެވެ. އެހެންނަމަވެސް ކިނާންއެކަމާ އެއްބަހެއްނުވިއެވެ.

ކިނާން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެތީ ދީމް އެއްބަސްވިއެވެ. ކިނާން ހިނގައިގަންނަން އުޅުނީ ދީމްގެ އަތުގައި ހިފައިގެން ހުރެއެވެ. އެގޮތް ދީމް އަކަށް ކަމަކު ނުދިޔައެވެ. އޭނާ ކިނާންއަށް ބަލާލާ ވާހަކަ ދެއްކިއެވެ.

"މަޑު ކޮށްބަލަ ކިނާން. އަތުން ދޫކޮށްލިޔަސް އަހަރެން ގޮސްފާނަމޭ، މީހުން އެބަ ބަލައޭ، އެހެންނޫނަސް ކިނާން އަހަރެންގެ އަތުގައި ތި ހިފެއްޓީ ކޮން ހައިސިއްޔަތަކުން؟" އެހެން ލާފައިދާ ކޮންމެ މީހެއްގެ ނަޒަރު އެ ދެމީހުންނަށް ހުއްޓެވެ. ދީމް ވަށައިގެން ބަލާލަމުން އޭނާގެ އަތް ކިނާންގެ އަތުގެތެރެއިން ނެއްޓުވޭތޯ މަސައްކަތް ކުރިއެވެ. ދީމްގެ ޖުމްލަ ކިނާންގެ ހިތަށް ވެސް ތަދުކުރުވިއެވެ.

"ޝަރުތެއްގެ މަތިން" ކިނާން ބުނެލިއެވެ. ދީމް ބޯ ޖަހާލުމާއެކު ކިނާން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

"އަތް ދޫކޮށްލީމާ ފިލާނީކީ ނޫން. އަހަރެންނާ ދުރަށް ދާން މަސައްކަތް ކޮށްފިއްޔާ އަހަރެން އެތަނަށް ގޮސް ދީމްގެ އަތުގަ ހިފައިގެން ގެންނާނެ ކަން ހަނދާން ކުރާތި" ކިނާންގެ އިންޒާރުން ދީމް ޖެހިލުންވިއެވެ. އެ އަޑުގައި ސަމާސާގޮތެއް ނެތެވެ. ސީރިއަސްކަމާއި އިންޒާރުދޭފަދަ ގޮތެކެވެ. ކިނާން ބުނެފިއްޔާ އެކަމެއް އެގޮތަށް ކުރާނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން އެއްބަސްވަމުން އޭނާ ބޯޖަހާލިއެވެ.

"އަހަރެންނެއް ނޫން ކިނާންއާ ދުރަށް ދިޔައީ. ކިނާން އަމިއްލައަށް" ހިނގައިގަންނަމުން ދީމް ކިނާންއަށް އަޑު އިވޭވަރަށް ބުނެލުމާއެކު ކިނާންގެ ތުންފަތް މަތީގައި ހިތި ހިނިތުންވުމެއް ދުވެލިއެވެ. ކިނާން ކުރީގައި ހުރެ ހިނގަމުން ދިޔަނަމަވެސް އޭނާ އިރު އިރުކޮޅުން ފަހަތަށް އެނބުރި ދީމްއަށް ބަލާލައެވެ. ދީމް މަޑު މަޑުން ހިނގާފައި އަންނަ ތަން ފެނި ކާމިޔާބުގެ ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވިއެވެ.

ދީމް ފުރަގަހަތުން ކިނާންއަށް ފުން ނަޒަރަކުން ބަލާލިއެވެ. ލާފައި ހުރި ގަދަ ނޫކުލައިގެ ގަމީސް ނުހަނު ގުޅެއެވެ. އެ ކަސްރަތީ ހަށިގަނޑުގެ ބައްޓަން ފުރިހަމައެވެ. އެ މުލައްދަނޑީގައި ކިހާ ބާރެއް ހުންނާނޭކަން ދީމްއަށް ވަޒަން ކޮށްލަން އުނދަގުލެވެ. އޭނާ ކިނާންގެ ފަހަތުން ދިޔައިރު އެ ދެލޯ ފެންކަޅި ވިނަމަވެސް ނިކަން އަވަހަށް އިސްޖަހާލަމުން ދެލޯ ފޮހެލައިފިއެވެ. އެ ވަގުތަކީ ކިނާންއަށް ވެސް އެނބުރިލެވުނު ވަގުތެވެ. އެހެންނަމަވެސ ދީމް ބަލާލުމުގެ ކުރިން އޭނާ އަވަސް އަވަހަށް އަނެއްފަރާތަށް އެނބުރިއްޖެއެވެ. ކެބިންއާ ހިސާބަށް އައިސް ކިނާން ދޮރު ހުޅުވާލުމަށްފަހު އެންމެ ފުރަތަމަ ދީމް ވަންނަން އިޝާރާތް ކޮށްލިއެވެ. ދީމް ވަނުމާއެކު އޭނާ ވެސް އަވަސް އަވަހަށް އެތެރެއަށް ދެމިގަނެ އެތެރޭން ދޮރު ތަޅުލިއެވެ. އެ އަޑު އިވި ދީމްގެ ހިތުގެ ތެޅުން އަވަސްވިއެވެ. އަތްފައި އިތުރަށް ފިނިވެ ގޮތް ނޭނގޭ ޖަޒުބާތުތަކެއް ހަށިގަނޑުގައި އުފަން ކުރުވިއެވެ. ދީމް ފަހަތް ބަލާލާކަށް ގަސްތެއް ނުކުރިއެވެ. ކިނާން އައިސް އޭނާގެ ކުރިމަތީގައި ދާދި ގާތުގައި ހުއްޓުމުން ދުވީ ހިތްގައިމު ވަހެކެވެ.

****

އަނާލް އެމް.އެޗް.ޑީ.ސީ އިމާރާތުގެ ބޭރުގައި މަޑުކޮށްލައިގެން އިންދާ އޭނާގެ ލޮލުގައި ތަންކޮޅެއް ދުރުގައި ގަސްތަކެއްގެ ފުރަގަހުގައި އޭނާއަށް ނަޒަރު ހުއްޓާލައިގެން ހުރި ޒުވާނަކު އަޅައިގަތެވެ. ގަސްތަކާހެދި ސާފުކޮށް އެއީ ކާކުކަން އަނާލްއަކަށް ދެނެއެއްނުގަނެވުނެވެ. ފަސްމިނިޓް ވީއިރުވެސް އެމީހަކު އެގޮތަށް ހުރުމުން އަނާލްގެ ހިތަށް ކޮންމެވެސް ވަރެއްގެ އުނދަގުލެއް ވިއެވެ. އެމް.އެޗް.ޑީ.ސީ އިމާރާތް ރޯކޮށްލާނެ ކަމަށްބުނެ މިވީ ހަފްތާއެއް ހާ ދުވަހުގެ ތެރޭގައި އޭނާއަށް އަންނަ ބައެއް މެސެޖް ތަކުގެފަހަތުގައި ހުރި މީހާ ނޫންބާއޭ އަނާލް ހިތަށް އެރިއެވެ. އެކަކު ކައިރީގައިވެސް އަދި އަނާލް އެ ވާހަކައެއް ނުދައްކައެވެ. އެހެންނަމަވެސް ތަނުގެ ސެކިއުރިޓީ އޭނާވަނީ މިހާރު ވަރުގަދަކޮށްފައެވެ. އިތުރު މީހުން ހޯދާ ސީ.ސީ.ޓީ.ވީ ވެސް އިތުރުކުރިއެވެ. އޭނާގާތު އާއިލާއާއި މުވައްޒަފުން ކީއްވެތޯ ސުވާލުކުރުމުންވެސް އަނާލް އެކަން ސިއްރުކުރީއެވެ.

އަނާލް ހިންހަމަ ޖައްސަން ވަރަށް މަސައްކަތް ކުރިއެވެ. މެސެޖް ކުރަނީ އެކި ފަހަރު އެކި ނަންބަރުންނެވެ. ދިރާގަށް މެސެޖް ކޮށްލައިގެން ބަލާއިރު ނަންބަރު ނަގާފައިވަނީ ކޮންމެވެސް ބޭރު މީހެއްގެ ނަމުގައެވެ. މެސެޖް ކުރުމުން އަނާލް ގުޅަން ވެސް ގުޅައެވެ. އެހެންނަމަވެސް ފޯން އޮންނަނީ ނިއްވާލާފައެވެ. މިއީ އަނެއްކާ ކޮންމެވެސް މީހަކު އޭނއަށް ބިރުދައްކަން ކުރާކަމެއް ހެއްޔެވެ؟ ނޫނީ މިއީ މަޖަލަށް ކުރާ ކަމެއްހެއްޔެވެ؟ އެހެންނަމަވެސް އޭނާއަށް އެފަދަ ގެއްލުމެއް ދޭން ކެރޭ ވަކި ހުންނާނީވެސް ކާކުހެއްޔެވެ؟ އެމީހެއްގެ މަޤްސަދަކީ ހަޤީގަތުގައި ކޮބައިހެއްޔެވެ؟

"ނާލް" އަނާލް ސިހުނީ ފަހަތުން ޒައުނާ އޭނާއަށް ގޮވާލި އަޑުއިވިފައެވެ. އޭނާ ފަސް އެނބުރި ބަލާލާފައި ދެން ގަސްތަކާ ދިމާ ބަލާލިއިރު އެމީހަކު މިހާރު އެތާކު ނެތެވެ. އަނާލް ގަސްތަކާ ދިމާބަލަން އިނުމުން ޒައުނާ ގޮވާލިއެވެ.

"ނާލް ކިހިނެތްވީ؟" ޒައުނާ އަނާލްގެ ކޮނޑުގައި އަތް ޖައްސާލިއެވެ. އަނާލް ދެފަރާތަށް ބޯ ހޫރާލަމުން ކަމެއްނުވެޔޭ ބުނެލިއެވެ. އޭރު އޭނާގެ ހިތުގައި ތަފާތު ގިނަ ސުވާލުތައް ރަސްކަން ކުރަމުން ދިޔައެވެ.

ސިކުނޑި ހަމަޖައްސާލަމުން ޒައުނާއާއެކު އަނާލް ވެސް ގޮނޑި ދުއްވާލިއެވެ. އެހެންނަމަވެސް އޭރު އޭނާގެ ނަޒަރު އެކި ދިމަދިމާލަށް އެއްލެމުން ދިޔައެވެ. ދެން އޭނާގެ ނަޒަރު އަޅައިގަތީ ބާރު ފިޔަވަޅުތަކެއް އަޅަމުން ދުރަށް ދިޔަ ޒުވާނާއަށެވެ. އެ ޒުވާނާ އޭނާ އަށް ފެނުނީ ފުރަގަހުންނެވެ.

*****

"ދީމް" ދީމްގެ އަތުގެ އުޅަބޮށިކައިރީގައި ކިނާން ހިފައްޓާލީ ބާރަށެވެ. ދީމްއަށް ތަދުވެގެން ގޮތެއް ހަދާލެވުމާއެކު ކިނާންއަށް ދެބުމަ އަރުވާލެވުނެވެ.

ތަދުވެޔޭ ކިނާން. ހަމަމިހާރު ދޫކޮށްލާ" ދީމް ބުނެލިއެވެ.

"އެހެންމީހަކު ހިފެއްޓީމަތަ ދީމްއަށް ތަތުވަނީ" ކިނާން ދެމާނަ އެކުލެވޭ ގޮތަކަށް ބުނެލުމާއެކު ދީމް ކިނާންއާ ނަޒަރު ވަކިކޮށްލިއެވެ.

"ކިހިނެތްވީ؟" ކިނާން އަހާލިއިރު އެ އަޑުގައިވި އިޙްސާސްތައް ދެނެގަންނަން ދީމް ނުކުޅެދުނެވެ.

"ކަމެއް ނުވޭ! މާ ބާރަށް ކިނާން ހިފެއްޓީ. އަހަރެން ތިގެނައީ އަހަރެންނަށް އަނިޔާ ކުރަންތަ؟ ވަގުތު ބޭކާރުކުރާކަށް އަހަރެންނެއް ނެތިން. އަހަރެން ދާން ވެއްޖެ!" ހިތްވަރު ކޮށްފައި ދީމް ކިނާންގެ ދެލޮލަށް ބަލާލިއެވެ. އަބަދު އޭނާއަށް ވެސް ފިލައިގެން ނޫޅެވޭނެއެވެ.

ދީމް ކިނާންގެ އަތް ފޮޅުވާލަމުން ފަހަތަށް ޖެހިލިއެވެ. އަދި އޭނާ ނުރުހުމުގެ ބަހެއް ކިނާންއަށް ރައްދުކޮށްލިއެވެ. ކިނާން ދީމް އާއި ދާދި ގާތަށް ފިޔަވަޅެއް އަޅާލިއެވެ. ދީމް ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. ކިނާން އޭނާއާއި ގާތަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކަށް ދީމް ވެސް ފަހަތަށް ފިޔަވަޅު އަޅަމުން ދިޔައެވެ.

"ދީމް... އަހަރެންނަށް ދީމްގެ ތި އަތް ދައްކާލަބަލަ" ޖެހެމުން ޖެހެމުން ގޮސް ދީމް ފާރުގައި ތަތްވުމުން ދެފަރާތުން ދީމް ލޮކު އަޅުވާލަމުން ކިނާން ބުނެލިއެވެ. ދީމްގެ ނޭވާއަވަސްވިއެވެ. ކިނާން ބުނި ވާހަކަ ދެނެނުގަނެވުމާއެކު ދީމް ދެބުމަ އަރުވާލިއެވެ. އޭރުވެސް އެހިތް އާދަޔާޚިލާފް ބާރުމުނުގައި ތެޅެމުންދިޔައެވެ. ކިނާން އޭނާގެ އިޙްސާސްތަކާ ކުޅެނީހެއްޔެވެ؟ އޭނާ ބަލިކަށިކޮށްލަނީހެއްޔެވެ؟ ކިނާންއަށް ދެން އޭނާއާ ގުޅެވޭކަށް ނެތޭ ކިޔާފައި މިހާރު މިކުޅެނީ ކޮން ކުޅިވަރެއްހެއްޔެވެ؟ ދީމް އިސްޖަހާލީ ކިނާންގެ ދެލޮލަށް ބަލަން ނުކުޅަދާނަވުމުންނެވެ.

ކޮމެންޓް 0