ބާރު ސްޕީޑްގައި ކާރު ދުއްވަމުންދިޔަ އިޒިއަންގެ މިސްރާބު ހުރީ އަނާލްމެން ގެއަށެވެ. އެގެއިން އޭނާއަށް މަރްޙަބާ ކިޔާނީ ކިހިނެތްކަން ނޭނގޭ ހާލު އިޒިއަން ދުއްވަމުން ދިޔައެވެ.

ކާރު ވައިޓް ރޯޒް ވިއު ގޭގެ ދޮރުމައްޗަށް ހުއްޓާލުމާއެކު އިޒިއަން ފުންނޭވާއެއް ދޫކޮށްލިއެވެ. ކިތަންމެ ހިތްވަރުކޮށްފައި އައި ނަމަވެސް މިހާރު މީހާ ފިނިވެ ފިނޑިވާ ގޮތްވެއްޖެއެވެ. އެހެންނަމަވެސް ފަހަތަށް އެންމެ ފިޔަވަޅެއް ވެސް އަޅާކަށް އިޒިއަން ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވަނީ އެ އާއިލާގެ ކުރިމައްޗަށް ގޮސް މާފަށް އެދޭށެވެ. އަނާލްގެ ފަރާތުން މާފު ލިބޭތޯ ދުޢާ ކުރެވުނެވެ. މާޔޫސްވިކަމުގައި ވިނަމަވެސް ހެއްދެވި ފަރާތް މަތިން ހަނދުމަކޮށް ކެތްތެރިވުމަށް އިޒިއަން ޢަޒުމް ކަނޑައެޅިއެވެ. ކާރުން ފައިބައިގެން ގޮސް ގޭގެ މައި ދޮރާ ހިސާބަށް ގޮސް އިޒިއަން އިރުކޮޅަކު މަޑުކޮށްލިއެވެ. ނޫނެކެވެ. އޭނާއަކަށް އެގޭތެރެއަށް އެންމެ ފިޔަވަޅެއް ވެސް އަޅާކަށް ލާހިކެއް ނޫނެވެ. މި ކުރެވެނީ އަދި ރަނގަޅުކަމެއް ނޫނެވެ. އެގޭ އެކަކާވެސް ކުރިމަތިލާކަށް އޭނާއަކަށް ލާހިކެއް ނޫނެވެ. މަޑުމަޑުން ފަހަތަށް ދެތިން ފިޔަވަޅު އިޒިއަން އަޅާލިއެވެ. އަދި އައި ކޮޅަށް ދާން އެނބުރިލިއެވެ. އެހެންނަމަވެސް ސިހުނީ ފަހަތުން އޭނާގެ ގިރުވާނުގައި މީހަކު ވަރަށް ބާރަށް ހިފައްޓާލުމުންނެވެ. ކަރަށް ބާރުވުމާއެކެ އިޒިއަންއަށް ގިރުވާނުގައި ހިފައްޓާލެވުނެވެ. އެހެންނަމަވެސް އެއަށްވުރެ ހުޝިއާރު ކަމާއެކު އެމީހަކު އިޒިއަންގެ ގިރުވާން އިތުރަށް އޭނާގެ ކަރަށް ބާރު ކޮށްލަމުން ފަހަތަށް އިޒިއަން ކޮށްޕާލިއެވެ ބެލެންސް ކެޓި އިޒިއަން ގޮސް ދޮރުކަނީގައި ނިތްކުރިމަތި ޖެހި ފަޅައިގެން ދިޔައެވެ.

"ކަލޭ؟ ހުރި ނުބައިކަން އަދި ލަދު ނުގަނިގެން މިގެއަށް އައިސްފިއޭ" ޝާހީން ހަޅޭއްލަވައިގަތުމާއެކު އަނެއްކާ ގޮސް އިޒިއަންގެ ކަރުގައި ހިފިއެވެ. އިޒިއަންއަށް އަމިއްލަ ނަފްސު ދިފާއުކުރަން ފުރުސަތު ނުލިބޭހާ އޭނާގެ ހަރަކާތްތައް ހަލުތްވެވެ. އިޒިއަން ގަދަކަމުން ޝާހީންގެ އަތް ފޮޅުވާލަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ޝާހީން އޭނާއަށް ވުރެ މާބާރު ގަދައެވެ. ހީވަނީ އެ ބާރަކީ އައިސްފައި ހުރި ރުޅިއާއި އެކުވެގެން ހަށިގަނޑަށް އަރާފައިހުރި ބާރެއް ހެންނެވެ. ޝާހީންގެ އަތް އޭނާގެ ގައިން ނައްޓާލަން ކުރި މަސައްކަތް އިޒިއަންއަށް ކާމިޔާބުވީ ރަކީންގެ ވެސް އެހީތެރިކަމާއެކުގައެވެ.

"އަހަރެންގެ އަތުން އޭނާ މަރުވާނެ... ހަމަ މިހާރު ދޫކުރޭ... އޭނާ މަރާލާފަ ނޫނީ މަގޭ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެ" ޝާހީން ހަޅޭއްލަވައިގަތެވެ. އޭނާ ރަކީންގެ އަތް ވެސް ފޮޅުވާލަން ގަދަ ހެދިއެވެ.

ބުނާނެ އެއްޗެއް ނޭނގި އިޒިއަން ހުއްޓާ ރަކީންވެސް އިޒިއަންއާ ދިމާލަށް ހަޅޭއްލަވައިގަތެވެ. އައްމާރު ވެސް ނުރުހުމާއެކު އިޒިއަންއާ ދިމާލަށް ބާރަށް ބަހެއްބުނެލިއިރު މަޒާޔާއަށް އަނެއްކާވެސް ރޮވުނީއެވެ. އަޑު ގަދަވެގެން ގޭގައި އެގަޑީގައި ތިބި އެންމެންވެސް އޭރު އައިސްފިއެވެ.

"ދީމް! ދީމް!" އަނާލް ދީމްއަށް ގޮވާލީ ދީމް ފާހާނައިގައި އުޅެނިކޮށެވެ. ދީމް ފާހާނާއިން އަވަސް އަވަހަށް ނުކުތީ އަނާލް ގޮވާތީއެވެ. ނުކުތުމާއެކު ގޭތެރޭގައި އާދަޔާ ހިލާފަށް އަޑުގަދަކަން އޭނާއަށް ވެސް ފާހަގަ ކުރެވުނެވެ. އަނާލް އޭނާގެ ދެލޮލުގައި އަތް އަޅާލީ ދެލޮލަށް ތަދުވަމުން ދިޔައީތީއެވެ. އޭރުވެސް އޭނާގެ ލޮލުގައި ދުޅައިގެ އަސަރު ހުއްޓެވެ.

"ދީމް! ކިހިނެތް ވެގެން މިއުޅެނީ؟" އަނާލް ބުނެލިއެވެ. އޭނާ އެދުނީ ގޮނޑިއަށް އަރުވަން އެހީތެރިވުމަށެވެ. އަނާލް އާއި ދީމް އާއި ދެމީހުންނަށް ނުކުމެވުނުއިރު އިޒިއަންގެ ގައިގައި ޝާހީން ގޮށްމުށުން ޖަހަނީއެވެ.

"އިޒިއަން... ކުޑަބެ" އަނާލްއަށް ބުނެވުނެވެ. މައްސަލަ ހޫނު ވާނެވަރު އަނާލްއަށް އިޙްސާސް ކުރެވުމާއެކު އޭނާއަށް ހިންދިރުވާލެވުނެވެ. ކަންތައްތައް ހުއްޓުވަން އޭނާއަށް ކުރެވޭނޭ މާބޮޑުކަމެއް ނެތެވެ. އިޒިއަންގެ ލޮލުގައި ދުރުގައި އިން އަނާލް އަޅައިގަތުމާއެކު އަނާލްގެ ނަން އޭނާގެ ދުލުން ބޭރު ވެގެންދިޔައެވެ. އިޒިއަން އެދިމާލަށް ދާން އަޅާލި ފިޔަވަޅާއެކު ޝާހީންގެ ދެވަނަ ހަމަލާ އަމާޒުވީ އޭނާގެ ބަނޑަށެވެ.

"އޭނަ ދޫކުރޭ ޝާން، ކަމާ ބެހޭ މީހުން އޭނާއަށް އެކަށީގެންވާ އަދަބުދޭނެ" ރަކީން އަނެއްކާވެސް ޝާހީން ހިފެއްޓިނަމަވެސް މިފަހަރު ޝަހީން ރަކީން ކޮއްޕާލިއެވެ. އެއަށްވުރެ ބޮޑަށް އޭނާ ހުރީ ރުޅިގަދަވެފައެވެ. އޭނާއަކީ ރުޅިއައިސްފިއްޔާ ރުޅިގަނޑު ކޮންޓްރޯލް ކުރަން އުނދަގޫ މީހެކެވެ. ރަކީން މެންގޮތަށް އެތެރެއަށް ކަންތައްތައް ހިންދައިލައިގެން އޭނާ އަކަށް ނުހުރެވޭއެވެ.

ބަނޑުގައި އަތް އަޅައިގެން އިޒިއަން ތިރިވިއިރު އޭނާއަށް އަނގައިން ވޭނީ "އާހް" އެއްބޭރުކޮށްލެވުނެވެ.

"ނާލް" އިޒިއަން ބަނޑުގައި އަތް އަޅައިގެން އޮވެ އަނާލްއާ ދިމާލަށް ދާން ދެންވެސް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް މިފަހަރު އޭނާއަށް ހުރަސް އެޅީ މަޒާޔާ އެވެ.

"ހަބަރުދާރު، ކަލޭ އަނާލްއާ އެންމެ ފިޔަވަޅެއް ވެސް ކައިރިއަށް އަޅައިގެން ނުވާނެ، އެހެންނޫނީ މަށަށްވުރެ ނުބައި މީހަކު ނުހުންނާނެ" މަޒާޔާ ވާހަކަ ދެއްކިއެވެ. މަޒާޔާގެ އިންޒާރުން އިޒިއަންއަށް ކުރިއަށް ފިޔަވަޅު އަޅަން ނުކެރި ހުރިތާ ގަނޑުވެފައި ހުރެވުނެވެ. ވާހަކަ ދެކެވެން ފެށުނީ އޭގެ އިރުކޮޅެއް ފަހުންނެވެ.

"ނާލް އަހަރެންނަށް މާފު..." މަޒާޔާއަށް ބަލާލުމަށްފަހު ދެވަނަ ފަހަރަށް އަނާލްއަށް ބަލާލާ ވާހަކަ ދެއްކި އިޒިއަންއަށް މިފަހަރު އަމާޒުވީ އައްމާރުގެ އަތުގެ ހޫނު ހަމަލާއެކެވެ. އޭނާގެ ކޯތާފަތަށް އަރައިގެންދިޔަ ދިލަހޫނު ހަމަލާގެ ސަބަބުން ބޮލުން ތަރި ބުރައިގެން ދިޔައެވެ.

"ހުރި ގޮތެއްނެތް ކަން، ކަލޭ ހަވާލުކުރާނީ ކަމާބެހޭ ފަރާތާ، އޭގެ ކުރިން އަހަރެން ކަލޭގެ އާއިލާ މިތަނަށް ގެންނާނަން... އެމީހުން މިކަމުގެ ބައިވެރިވަންޏާ އެމީހުންނަށް ވެސް އަދަބުދޭނަން" އައްމާރު އިޒިއަންއާ ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްގެންހުރެ ބުނެލިއެވެ.

"ނޫން އެމީހުން ބައިވެރިއެއްނު...." އިޒިއަން ވާހަކަ ދައްކަން އުޅުނެވެ. އޭނާގެ އާއިލާ މިކަމުގެ ތެރެއަށް ވައްދާކަށް އިޒިއަން ބޭނުމެއް ނޫނެވެ. އޭނާ ވަނީ އެ ޖަރީމާ މުޅި އާއިލާއަށް ވެސް ސިއްރުކޮށްފައެވެ. އެހެންކަމުން ނުރުހުމުގައި މީހަކު އޭނާގެ އާއިލާއަށް އިނގިލި ދިއްކުރުމަކީ ފަހަރެއްގައިވެސް އިޒިއަންއަށް ރުހެވޭނޭ ކަމެއްނޫނެވެ. އޭނާގެ އާއިލާގެ މީހުންނަކީ މައުސޫމް ބަޔެކެވެ. ކުށްކުރީ ހަމައެކަނި އޭނާއެވެ. އެކަން ސިއްރުވެސް ކުރީ އޭނާއެވެ.

"އިތުރު އެއްވެސް ވާހަކައެއް ދައްކާނެ ކަމެއްނެތް" އިޒިއަންގެ ވާހަކަ މެދު ކަނޑާލަމުން އައްމާރު އޭނާގެ ފޯނު ނަގާ ފަހީމްއަށް ގުލާލިއެވެ.

"އަނހާ! އެކުވެރިޔާ ހާދަ ދުވަހެއް ފަހުން" ފަހީމް ވާހަކަ ދައްކަން ފެށުމާއެކު އައްމާރު ފަހީމްގެ ވާހަކަ މެދު ކަނޑާލިއެވެ. އަދި ވަރަށް ނުރުހުމާއެކު އާއިލާ ގޮވައިގެން އެ ގެއަށް އައުމަށް ބުނެލިއެވެ. ފަހީމް އޭނާގެ ގާތުގައި އެނދުގައި އިށީނދެގެން އިން އަކްނިޒާއަށް ބަލާލަމުން އަނެއްފަހަރު އަތުގައި އޮތް ފޯނަށް ނަޒަރު ހުއްޓާލިއެވެ.

"އައްމާރު، ވީހާވެސް އަވަހަކަށް އެ ގެއަށް އައިސް ބަލާށޯ، އެންމެން ގޮވައިގެނޭ ބުނީ... ހީވަނީ ވަރަށް ބޮޑުކަމެއް ދިމާވީހެން، ވަރަށް ނުރުހިފަ ވާހަކަ ދެއްކީ، އަނެއްކާ ކޮން ކަމެއްބާ؟" އެއްގޮތަކަށް ވެސް ވީގޮތެއް ނޭނގި ފަހީމް ބުނެލިއެވެ. ފަހީމް ލަސްނުކޮށް އޭނާ އެންމެން ގޮވައިގެން އައްމާރުމެން ގެއަށް ދިޔުމަށް ނައްޓާލިއިރު ކޮންމެ މީހެއްގެ ހިތުގައިވެސް ވަނީ ސުވާލެކެވެ. ފަހީމްއާއި އާއި އަކްނިޒާ އަދި ކިނާން ދިޔައީ އެއްކާރުގައެވެ. އަނެއްކާރުގައި ޝަޒްނާ އާއި އަހުސަން ނައްޓާލިއިރު އެމީހުންގެ ހިތުގައި ވެސް ވަނީ ސުވާލެވެ.

ފަހީމް އާއި އަކްނިޒާ އާއި ދެމީހުން ވެސް ވެގެން އުޅޭގޮތެއް ނޭނގި އެކަކު އަނެކަކާ ވާހަކަ ދައްކަމުން ދިޔައެވެ. އިޒިއަންވީ ތަނެއް ނޭގިގެން އޭރުވެސް އަކްނިޒާ ދިޔައީ އިޒިއަންއަށް ގުޅަން މަސައްކަތް ކުރަމުންނެވެ. ކިނާން އިނީ އެ ހުރިހާ އިރު މަޑުންނެވެ. އޭނާގެ ތުންފަތާ ބެހޭ ގޮތުން ސުވާލުކުރުމުން ދޮރުކަނީގައި ޖެހުނީއޭ ބުނެ ދޮގު ހެދިނަމަވެސް އެގެއަށް ދިޔުމުން ހުރިހާ ކަމެއް ވެސް އެނގޭނެތާއެވެ. ހިނގައިގެން އުޅެނީ ކޮންފަދަ ކަމެއްކަން ނޭނގި އޭނާގެ ހިތްވެސް ވަނީ ނުތަނަވަސް ވެފައެވެ.

"އިޒިއަން" ގޭތެރެއަށް ވަތް ފަހީމްއަށް އިޒިއަންއަށް ގޮވާލެވުނީ އޭނާ ހުރި ވައްތަރުންނެވެ. އިޒިއަންގެ ދެލޯ ރަތްވެ ދުޅަވެފައި ވާއިރު ބޮލުގެ އިސްތަށިގަނޑުވެސް ހުރީ ކޮންމެވެސް ވަރަކަށް ތަރުތީބު ގެއްލިފައެވެ. މޫނުމަތި ވަނީ މިލާފައެވެ. އެއްވެސް އުޖާލާކަމެއް ނެތެވެ. ނިތްކުރިމަތި ފެޅިފައި ވީއިރު އެއީ ދެންމެ ފަޅައިގެން ގޮސްފައި ހުރި ތަނެއްހެން ހީނުވަނީ ލޭ ހިކިފައި ހުރީތީއެވެ. އަކްނިޒާއަށް ވެސް އެދިމާލަށް ދުއްވައިގަނެވުނެވެ. އެތަނުގެ އެއްފަރާތުގައި މަޑުކޮށްލައިގެން އިން އަނާލް ދީމްގެ އަތަށް ބާރުކޮށްލިއެވެ.

އެއާއިލާގެ އެންމެން ފެނުމުން އަނާލް ވެސް ހާސްވިއެވެ. ދެރަވިއެވެ. ކެތްތެރިވާން މަސައްކަތް ކުރިޔަސް ހީވަނީ ހިތް ފަޅައިގެން ގޮސްފާނެހެންނެވެ. ކުރިމަތިން ފެންނަމުންދިޔަ އެއްވެސް މަންޒަރަކީ އޭނާއަށް ބަލަން ފަސޭހަ މަންޒަރެއްނޫނެވެ.

"އަހަރެންގެ ދަރިފުޅު ބޭނުންވަނީ މި ހިރަ ކަލޭމެންގެ ދަރިއަށް އަދަބުދޭން، އަހާބަލަ ކިހިނެތް ވެގެންތޯ؟" އައްމާރު ރުޅިވެރިކަމާއެކު ފަހީމްއަށް ބަލާލިއެވެ.

"ކިހިނެތްތޯ ވީ އައްމާރު؟" ވީ ގޮތެއްނޭނގި ފަހީމް މަޑުމައިތިރިކަން އިސްކުރިއެވެ. އޭނާއަކީ އަބަދުވެސް ކަމެއް ކުރުމުގެކުރިން ވިސްނާ މަޑުމައިތިރި އޯގާތެރި ހިތެއްގެ ވެރިއެކެވެ. މައްސަލައެއްޖެހިއްޖެނަމަ ރުޅިވެރިކަން އިސްކުރުމުގެ ބަދަލުގައި އަބަދުވެސް ހިތްތިރިކަން އިސްކުރެއެވެ.

"ކަލޭގެ ދަރިގާތުން ތި ސުވާލުކުރުން ބުއްދިވެރި. އިރު ކޮޅަކުން ޕޮލިހުން އަންނާނެ، އޭރުން ހުރިހާކަމެއް ވެސް އެނގި ސާފުވާނެ" އައްމާރު ފޯނަށް ބަލަމުން ބުނެލުމާއެކު އަކްނިޒާއާއި ފަހީމްއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. ސުވާލުގެ ނަޒަރުތައް އެކަކު އަނެކަކާ ބަދަކުކުރެވެމުން ދިޔައިރު އަކްނިޒާއަށް އަނާލްއަށާއި އިޒިއަންއަށް ވެސް އަވަސްނަޒަރެއް ދެވުނެވެ. ވާހަކަ ދައްކަން ކިތަންމެ ބޭނުންވިޔަސް މި ވަގުތު އޭނާގެ ދުލުގައިވެސް ވަނީ ތަޅެއް ލެވިފައި ފަދައެވެ.

"ވަރަށް ސުވާލު އުފެދިއްޖެ ދޯ! ހަހަ! އަމިއްލަ ދަރި ގާތުން އޮޅުން ފިލުވާ... އޭނީ މަގޭ ދަރި. ރަނގަޅަށް ބަލާބަލަ! އެ ދަރިފުޅަށް އެހާލު ޖެހުނީ ކީއްވެތޯ ކަލޭގެ ދަރި އިޒިއަން ގާތު އަހާބަލަ! ހުރިހާކަމެއް ކޮށްފަ ފިލައިގެން އުޅުނީކީ ނޫން، އެންމެފަހުން އެހާ ބޮޑު އޮޅު ވާލުމަކުން އަހަރެންގެ ދަރިފުޅުގެ ދިރިއުޅުމަށް ވެސްއައީ. އަނެއްކާ ކަލޭމެންނަށް އެނގޭ ކަމެއްތަ މީ؟ އަހަރެންނަށް ޖަވާބު ދީ" އައްމާރުގެ ބަރު އަޑު ބޮޑު ކޮޓަރިތެރޭގައި ގުގުމާލިއެވެ.

ފަހީމް އާއި އަކްނިޒާއަށް ބާލަލެވުނީ އިޒިއަންއަށެވެ. އައްމާރު ދައްކަމުންދިޔަ ވާހަކަ އެމީހުންނަށް އޮޅުން ނުފިލާ ފަދައެވެ.

"ނާލް... އަހަރެން ގަސްތުގައެއް ނޫނޭ.... " އެންމެން ވެސް ސިހުނީ އަނެއްކާ އިޒިއަން ވާހަކަ ދެއްކުމުންނެވެ. އެ އަޑުގައި އާދަޔާ ހިލާފް ވޭނީ ރިހުމެއްވިއެވެ.

ތަނުގެ މާހައުލު އެގޮތަށް އޮއްވާ ޕޮލިސް ސައިރެންގެ އަޑުއިވުމާއެކު އިޒިއަންއަށް އަނާލްއަށް ބަލާލެވުނީ އާދޭސް އެކުލެވޭ ބެލުމަކުންނެވެ. އެތަކެއް ވާހަކައެއް ދެމެދުދައި ދެކެވުނެވެ.

"ނާލް ބޭނުންވަނީ ވަރިވާން... ވީހާވެސް އަވަހަށް އެބައި ކުރިއަށް ދާނެ، އެކަމަކު އޭގެ ކުރިން ވީގޮތެއް ސާފުކޮށްދޭންވާނެ ދޯ" އައްމާރު ގޭގެ ދޮރާ ދިމާލަށް ބަލާލިއިރު ޕޮލިހުން ގެއަށް ވަންނަނީއެވެ. އެއްފަހަރު ދޮރާ ދިމާލަށް ބަލާލި އިޒިއަން އަނެއްފަހަރު އަނާލްއަށް ބަލާލިއެވެ. ކުރިއަށް އެޅި ފިޔަވަޅު މިފަހަރުވެސް ހުއްޓުވީ އައްމާރެވެ.

"އަހަރެންނަށް ހެޔޮ... ކޮންމެ އަދަބެއްވެސް ޤަބޫލް ކޮށްފާނަން، އެކަމަކު އޭގެ ކުރިން... އޭގެ ކުރިން... އަހަރެން ބޭނުން" އިޒިއަން އައްމާރުއަށް ބަލަން ހުރެ ތުރުތުރު އަޅަމުންދިޔަ އަޑަކުން ވާހަކަ ދެއްކިއެވެ. އަނާލްއަށް ބަލާލީ ފަހުފަހަރަށް އޭނާއަށް ފުރުސަތު ދޭށޭ ބުނާފަދައަކުންނެވެ. އެންމެންގެ ތެރޭގައި އިޒިއަން ކަރުނަވީ ދެލޮލާއެކު މާފަށް އެދޭތަން ފެނުމުން އަނާލްއަށް ދެލޯ މަރާލެވުނީ އެ މަންޒަރު ބަލަން ހިތަށް ކުޅަދާނަ ނުވުމުންނެވެ. އެންމެފަހު ފަހަރަކަށް އިޒިއަން ދައްކާ ވާހަކަ އަޑުއަހާލަން އޭނާގެ ހިތް އެދި ގޮވާލިއެވެ.

ފުލުހުންނަށް ބަލާލާ އައްމާރު އިޝާރާތް ކޮށްލީ އެހަށް މަޑު ކޮށްލަދޭށޭ ބުނަމުންނެވެ. ދެ ފުލުސް މީހުން ބޯ ޖަހާލިއެވެ.

"އަހަރެން... އަހަރެން އަހަން ބޭނުން، ނާލް އަހަރެން ގާތުން ވަރިވާންތަ ބޭނުމީ" އިޒިއަން އަހާލިއެވެ. އަނާލްގެ ޖަވާބު އެނގި ހުރެވެސް އިޒިއަން އެ ސުވާލު ކޮށްލީ އެ އަޑު އަނާލްގެ އަނގައިން އަޑު އަހާލުމަށެވެ.

"އާނ" ކިތަންމެ ހިތްދަތި ވިނަމަވެސް އަނާލް ހިތްވަރު ކޮށްފައި ބުނެލިއެވެ. އެއާއެކު އިޒިއަންގެ ހިތުގައި މީހަކު ވިކައިގަތް އިޙްސާސެއް އޭނާއަށް ކުރެވުނެވެ. ހުރިތަނަށް ހަށިގަނޑު ވެއްޓިދާނެހެން ހީވި ފަދަ ވަގުތުކޮޅެކެވެ. މީހާގެ ހަށިގަނޑުގެ ވަރު އެކީ އެކައްޗަކަށް ދޫވެގެން ދިޔައެވެ.

އިޒިއަންއަށް އަންނަމުންދިޔަ ބަދަލުތައް ދެކެން ކެތްނުވި އަނާލް ގޮނޑި ދުއްވާލީ އޭނާގެ ކޮޓަރިއަށް ދިޔުމަށެވެ. ހިންދިރުވާލި އިޒިއަން މަޑުކުރީ އަނާލްއަށް ކޮޓަރީގެ ދޮރާ ހިސާބަށް ދެވެންދެނެވެ. އަނާލްއަށް ކޮޓަރިއަށް ނުވަދެވި އުޅެނިކޮށް އިޒިއަން ތަންވަޅު ބަލާފައި ގޮސް އަނާލްގެ ގޮނޑީގައި ހިފެއްޓިއެވެ. ރަކީން އައިސް އިޒިއަން ދުރުކުރަން އުޅުނަސް އޭނާ އަނާލްގެ އަތުގަޔާއި ގޮނޑީގައި ހިފައްޓައިގެން ހުރީ ވަރަށް ބާރަށެވެ.

"އެންމެ ފުރުސަތެއް ނާލް" އިޒިއަން ބުނެލިއެވެ. އެ ދެލޮލުން ފެނުނު އަސަރުން އިޒިއަންގެ ވާހަކަ ކޮޅު އަޑު އެހުމަށް އަނާލްގެ ހިތް ގޮވަން ފެށިއެވެ.

"ދޮންބޭ. އެހަށް މަޑުކޮށްލާ! އޭނަ ދައްކާ ވާހަކައެއް ދައްކަން ފުރުސަތެއް ދޭން ބޭނުން" އަނާލް ބުނެލިއެވެ. ރަކީން އެއްޗެއް ބުނަން އުޅެފައިވެސް އަނާލް ބަލާލުމުން ބޯ ޖަހާލީއެވެ. އަނާލް އައްމާރުއަށް ބަލާލުމާއެކު އައްމާރު ބޯ ޖަހާލަމުން އަނެއްފަރާތަށް މޫނު އަނބުރާލިއެވެ. އައްމާރުގެ އެ އަމަލުން އެ ހުއްދަ އަކީ ރުހިގެން ދިން ހުއްދައެއް ނޫންކަން އަނާލްއަށް ޔަޤީންވިއެވެ.

"އަދިވެސް އަހަރެން މީ އަނާލްގެ ފިރިމީހާ، އެކަނި ވާހަކަ ދައްކައިލަން ފުރުސަތެއް ދީ، އާދޭސް ކުރަން" އިޒިއަންގެ އާދޭސްތަކަށް ބީރުކަންފަތެއް ދޭނެހާ ހިތްވަރު ނެތުމާއެކު ކޮޓަރިއަށް ވަދެ އިޒިއަން ވަންނަން އަނާލް ތަންދެއްކިއެވެ. އިޒިއަން ވަދެ ދޮރު ލައްޕާލުމާއެކު އަނާލް ދެލޯ މަރާލިއެވެ. ބިރާ ސިހުމާއި ހިތްދަތިކަން އެކުވިނަމަވެސް ހިތްވަރުކުރަން އަނާލް ބޭނުންވިއެވެ.

"ނާލް އަސްލުވެސް ބޭނުންވަނީ އަހަރެންގެ ގާތުން ވަރިވާންތަ؟" އިޒިއަން އަނާލްއާ ދިމާލަށް ފިޔަވަޅެއް އަޅާލިއެވެ. އިޒިއަންގެ އެ އަމަލުން އަނާލްއަށް ފަހަތަށް ގޮނޑި ދުއްވާލެވުނެވެ.

"އަހަރެން އެއްވެސް ކަމެއް ނާލްއަކަށް ނުކުރާނަމޭ... ފަހުފަހަރަށް އަހަރެން ދައްކާ ވާހަކަ އަޑު އަހާލަދީ ނާލް، އެއަށްފަހު ނާލް ދޭ ކޮންމެ އަދަބެއްވެސް ޤަބޫލް ކުރާނަން ހެޔޮހިތުން. އަހަރެން ޤަބޫލްކުރަން އަހަރެންނަށް ކަންތައް ކުރެވުނީ އެންމެ ރަނގަޅަކަށް ނޫންކަން، އެކަމަކު، އެއީ މިހިތުގައި ނާލްއާ މެދު ލޯބި ވާތީ... ބޭނުންނުވީ އަނެއްކާ އެ މާޒީގެ މަތިން ނާލް ހަނދާން ކުރުވަން" އިޒިއަން އައިސް އަނާލްގެ ގޮނޑިއާ ދިމާލުގައި ކުޑަ ކަކޫ ޖަހާލިއެވެ. އެއާއެކު އަނާލް އިސްޖަހާލީ އިޒިއަންގެ އެ ދެލޮލަށް ބަލަން ނުކުޅަދާނަ ވީވަރުންނެވެ.

"އެނގޭ ތިފަދަ އަދަބެއް ހައްޤުކަން... ތި ރުޅިވެރިކަން ހައްޤުކަން. އަހަރެންނަށް ނާލްދެކެ ލޯބިވުމުގެ ހައްޤެއް ނެތްކަން، އެކަމަކު މި ބަސްނާހާ ހިތަކަށް ވިސްނައެއްނުދެވުނު..." އިޒިއަން ވާހަކަ ދައްކަ ދައްކާ އިންދާ އަނާލް އޭނާގެ ގޮނޑި ފަހަތަށް ދުއްވާލަން މަސައްކަތް ކުރިއެވެ. އިޒިއަން އޭނަގެ އަތުގައި ހިފައްޓަން އުޅުމުން އަނާލް އަތް ދުރަށްލާން މަސައްކަތް ކުރިއެވެ.

"ނާލް... އައި އެމް ސޮރީ، އެނގޭ ހާސްފަހަރު މާފަށް އެދުނު ނަމަވެސް ނާލްއަށް މާފެއްނުކުރެވޭނެކަން... އެކަމަކު މި ވަގުތަކީ އަހަރެންނަށް ނާލް އާއެކު މިހާ ގާތުގައި ހުރެލަން ލިބޭ ފަހުފުރުސަތު ކަމަށް ވެދާނެ... ނާލް އަހަރެންގެ އަތުން ބީވުމުގެ ކުރިން ފަހު ފަހަރަށް އަހަރެން ތި އަތުގައި ހިފައްޓާލާކަށް ނުދޭނަންތަ؟" އިޒިއަން ގަދަކަމުން އަނާލްގެ އަތުގައި ހިފަން މަސައްކަތް ކުރިއެވެ.

"ނާލް ބޭނުމިއްޔާ އަހަރެން ޖަލަށްވެސް ދާނަން، ނާލް އަހަރެން މަރާލިޔަސް ހެޔޮ. އެކަމުން ނާލްގެ ހިތަށް ތަސައްލީއެއްލިބެންޏާ..." އިޒިއަން ބުނެލުމާއެކު އަނާލްގެ ހަރަކާތްތައް ހުއްޓުނެވެ.

ޖީބުން އަތްލާ އިޒިއަން އޭނާ ނެގި އަނގޮޓި އަނާލްގެ އަތުގައި އަޅުވާލަދިނެވެ.

"މީ އެރޭގެ ހަނދާން. ދުވަހަކުވެސް އަހަރެން މި ދޫކޮށެއްނުލަން، މާފުކުރޭ ނާލް! ފަހު ފަހަރަށް އަހަރެން ނާލްގެ މޫނަށް ބަލާލަން ފުރުސަތެއްދީބަލަ، ޕްލީޒް... އައި ކޭން އެކްސްޕްލެއިން... ހުރިހާކަމެއް ވެސް ވީ ޑްރަގްގެ އަވައިގައި ޖެހި ހުރެގެން. އެރޭ ނޫނީ ދުވަހަކުވެސް އެފަދަ ކަމެއް އަހަރެން ނުކުރަން" އިޒިއަން ބުނެލިއެވެ.

"ނާލް ޕްލީޒް... އަހަރެންނަށް ނާލް ވަރިއެއް ނުކުރެވޭނެ... ތިހެން ނަހަދާ" އިޒިއަން އަނާލްގެ ކިބައިން އާދެސް ކުރަން ފެށިއެވެ. އަނާލް ވަރި ކުރުމަކީ އޭނާއަށް ކިހާ އުނދަގޫ ކަމެއްކަން އަނާލްއަށް ހަމަ ނޭނގެނީ ހެއްޔެވެ؟

"އިޒިއަންއަށް އެރޭ އަހަރެންގެ އާދޭސްތައް އަޑު އިވުނުތަ؟ އިޒިއަންއަށް އަހަރެންނަށް ހަޤީގަތް ކިޔައިދޭން ކިތަށް ފުރުސަތު ލިބުނުތަ؟ ކީއްވެ ހަމަހިމޭންކަން ޚިޔާރު ކުރީ... ކިހިނެތް އަހަރެން އިޒިއަންއާ އެކު އުޅޭނީ؟..." އަނާލްއަށް ބުނެވުނެވެ.

"އަނާލް އަހަރެންގެ ހައްޤެއްގެ ގޮތުގައި ހުންނާނޭ ފަހުވަގުތޭ ހީވަނީ ކީއްވެތަ؟ އެއްފަހަރު އަހަރެންނަށް ވަރަށް ގާތުން ތި މޫނަށް ބަލާލަން ފުރުސަތެއްދީ... ހިނިތުންވެލިނަމަ... އަހަރެން ކިތަންމެ ދުރުގައިވިޔަސް އޭރުން ނާލްގެ އެންމެފަހު ހަނދާނަކަށް ވާނީ ހިނިތުންވެފައިވާ މޫނެއް، ނާލް " އިޒިއަން އަނާލްގެ މޫނުގައި ހިފައްޓާލިއެވެ. އަނާލް ފުރަތަމަ ގަދަހެދިނަމަވެސް އިޒިއަންގެ އަޑުގައިވި އަސަރުން އޭނާ ވެސް ހިސާބަކަށް ޖެހިލުންވީއެވެ.

"އައި ލަވް ޔޫ، ކިތަންމެ ދުރުގައި ވި ނަމަވެސް، ދުވަހަކުވެސް ދުވަހަކުވެސް ތި ހަނދާނެއް ނުފިލާނެ"އިޒިއަން ކުޑަކޮށް ތެދުވެލާ އޭނާގެ ތުންފަތް ގެންގޮސް އަނާލްގެ ނިތުގައި ޖައްސާލިއެވެ. ހީވަނީ ވަދާއުގެ ސަލާން ކޮށްލީ ހެންނެވެ.

"މާފުކުރޭ ނާލް.... އަހަރެންނަށް ނާލް ވަރިކުރާކަށް ފަސޭހައެއްނޫން.... އައި ލަވްޔޫ" އިޒިއަން ބުނެލިއެވެ. އޭނާ އިރުކޮޅަކު އެހެން ހުއްޓެވެ. ބޭރުގައި ތިބ އެންމެން ވެސް އިންތިޒާރު ކުރަމުން ދިޔައީ އެ ދެމީހުން ކޮޓަރިން ނުކުންނާނޭ އިރަކަށެވެ. މާލަސްތަކެއް ނުވެ ދެމީހުން ނުކުތުމާއެކު އެންމެންގެ ނަޒަރު އެ ދެމީހުންނަށް އަމާޒު ވިއެވެ. އައްމާރުގެ އިޝާރާތާއެކު ޕޮލިހުން އައިސް އިޒިއަންގެ އަތުގައި ބިޑިއަޅުވާލިއެވެ. އިޒިއަން އިސްޖަހާލިއެވެ. އަނާލް ދުރު ބަލާލީއެވެ. ކޮންމެ ގޮތެއްވިޔަސް އެ ހިތުގައި ވެސް ލޯބި އެބަވެއެވެ.

"ވެގެން އުޅޭ ގޮތެއް ނޭނގި އަހަރެންގެ ދަރިފުޅު ކިހިނެތް ގެންދެވޭނީ؟ އެކަކުވެސް އަދި ސާފުކޮށް ކިޔައެއްނުދޭ. އިޒިއަން ވީގޮތެއް ބައްޕައަށް ކިޔައިދޭން ވެއްޖެއެއްނު." ފަހީމް ފުލުސް މީހާއަށް ބަލާލަމުން ބުނެލިއެވެ. އޭރު އެ ހިތުގައި އޮތް ޝައްކެއްގެ ސަބަބުން އެ ހިތް ވެސް ދިޔައީ ނުހަނު ބާރު މިނުގައި ތެޅެމުންނެވެ.

"ހުށައެޅިފައިވާ މައްސަލައަކީ ކުޑަމައްސަލައެއްނޫން... އަންހެން ކުއްޖެއް ކުށެއްނެތި މީގެ ހަ އަހަރު ކުރިން ރޭޕް ކުރުމަށްފަހު ފިލައިގެން އުޅުނު ކަމުގެ ތުހުމަތުގަ މި ހައްޔަރު ކުރެވެނީ" ފުލުސްމީހާ އޮޅުން ފިލުވައިދިނުމާއެކު އެ އަޑު ފަހީމް އާއި އަކްނިޒާގެ ކަންފަތަށް އަޑު އިވުނީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ.

"އަހަރެން އަދި އިތުރު ކޮށްދީފާނަން، އިޒިއަންގެ ފަރާތުން އެ އަނިޔާ ލިބުނީ މަގޭ ދަރިފުޅަށް، އޭނި ގޮނޑީގަ ނުހިނގިފަ އިން އަނާލްއަށް، ކީއްވެ؟ އެރޭގެ ސަބަބުން، ކަލޭގެ ތި ފިރިހެން ދަރިފުޅުގެ ސަބަބުން." އައްމާރު ބުނެލުމާއެކު އަންނިޒާއަށް ބޮލުގައި އަތް އަޅާލުމާއެކު ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ފަހީމްއަށް ވެސް ލިބުނު ޝޮކުގައި އިޒިއަންއާ ދިމާލަށް ބަލާލެވުނީ އިވުނު އަޑު ގަބޫލު ނުކުރެވުނު ފަދައަކުންނެވެ. އެހެންނަމަވެސް އިޒިއަން އިސްޖަހާލުމުން އޭނާއަށް އައްމާރުގެ ބަހުގެ ތެދުކަން ޔަޤީން ކުރެވުނެވެ. އިސްޖަހާލެވުނީ ލަދުގަނެ ދެރަވީވަރުންނެވެ. އެހެންވީއިރު އެރޭ އިޒިއަން އެމީހުންނަށް ހެދީ ދޮގުތާއެވެ. އައްމާރުގެ ހިތަށް ތަފާތު އެއްޗެހި އަރާ ފައިބަމުން ދިޔައެވެ.

"އަހަރެންނަށް ހީވަނީ ކަލޭމެންނަށް ވެސް އެނގޭ ކަންނޭގެ، އެނގެންޏާ ހަމަ މިހާރު މި މީހުން އެންމެން ވެސް ހައްޔަރު ކުރޭ" އައްމާރު ފަހީމްއަށް ފުރަގަސްދިނެވެ. އިޒިއަންއަށް މަޑަކުން ނުހުރެވުނެވެ.

"ނޫން އެކަކަށް ވެސް ނޭނގޭނެ، އަހަރެން އެވަރުގެ ކަމެއް ކުރިކަމުގެ ކުޑަ ހިލަމެއްވެސް ނުވާނެ، އަހަރެންގެ އާއިލާގެ ކުށެއް ނެތް، ކުށްކުރީ ހަމައެކަނި އަހަރެން، އެހެންވީމަ އަހަރެން އެކަނި ހައްޔަރު ކުރަން ޖެހޭނީ" އިޒިއަންގެ އަޑު އިވުމާއެކު އެންމެންގެ ސަމާލުކަން އިޒިއަންއަށް ހުއްޓުނެވެ.

ޕޮލިހުން އިޒިއަން ގެންދަން އުޅުމާއެކު އަކްނިޒާ ކުރިއަށް ޖެހެން މަސައްކަތް ކުރި ނަމަވެސް އޭނާއަށް އެކަން ކާމިޔާބު ނުވީ ކިނާން އައިސް އަކްނިޒާގެ އަތުގައި ހިފެއްޓުމުންނެވެ.

"މަންމާ... ހިތްވަރު ކުރޭ" ކިނާންގެ މޫނަށް ބަލާލި އަކްނިޒާ ފަހީމްއާ ގާތަށް ޖެހިލިއެވެ. އަދި އޭނާ ފަހީމްއަށް ބަލާލާ ސުވާލުކުރިއެވެ.

"ކީއްވެތަ މިހެން ވާންވީ، އަހަރެމެންގެ ތަރުބިއްޔަތުގަ އޭރު މަދުވީ ކޯންޗެއްތަ؟ އެވަރު ބޮޑުކަމެއް އެ ދަރިފުޅު ކުރި އިރުވެސް އަހަރެމެންނަށް އެކައްޗެއްވެސް ނޭނގެ... ހަ އަހަރު، ހަ އަހަރު ފަހުން ހުރިހާ ހަޤީގަތެއް ލޮލުގެ ކުރިމައްޗަށް ފެނުނުއިރު ހުރިހާ ކަމެއް ވެސް މިއޮތީ އަތް ނުފޯރާފަށުގަ.. އެރޭ އިޒިއަންގެ ގާތު އެހުމުން އޭނާ ނޫނެކޭ ބުނީ ދޮގު ހަދާފަތަ؟" އަކްނިޒާއަށް ފަހީމްއާ ދިމާލަށް ބަލާލަމުން ސުވާލުތައް ފައްޗަކަށް އަމުނާލެވުނެވެ. ހަދާނީ ކިހިނެތް ހެއްޔެވެ؟ އޭނާގެ މުޅި ދުނިޔެ އެ ފުށް މިފުށަށް ޖެހިއްޖެއެވެ. ކިތަންމެ ދެރަވިޔަސް އިޒިއަން އެ ކުރި ކުށަކީ ބުނެލާ އެންމެ ސޮރީ އަކުން މާފު ދެވޭނެ ވަރުގެކުށެއް ނޫނެވެ. ދިރިއުޅުން ގެއްލިގެން އެ ދިޔައީ ބަޔެއްގެ ޖަވާހިރެއްފަދަ އަންހެން ދަރިފުޅެއްގެއެވެ. އަމިއްލަ ދަރިފުޅު ވިނަމަވެސް އަކްނިޒާ އެ ކުށުގެ މަތި ޖަހާ ފޮރުވާކަށް ނޫޅޭނެއެވެ.

"އިންސްޕެކްޓަރ ވެއިޓް، އަހަރެން ބޭނުން އިޒިއަންއާ ސުވާލެއް ކޮށްލަން..." ފަހީމް ކުރިއަށް ޖެހިލާ ބުނެލުމާއެކު ޕޮލިހުން އިޒިއަން އެ ދިމާލަށް އަނބުރުވާލިއެވެ.

ފަހީމް ކުރިއަށް ޖެހިލާ އިޒިއަންއާއި ދާދި ގާތަށް އައިސް ހުއްޓުނެވެ. އެއަށްފަހު އިޒިއަންގެ ކޯތާފަތަށް އެ އަތުގެ ދިލަ ހޫނު ހަމަލާއެއް އަމާޒު ކޮށްލިއެވެ. އޭރު އޭނާގެ ދެލޯ ވެސް ވަނީ ފެންކަޅިވެފައެވެ. ދެވަނަ ހަމަލާވެސް އިޒިއަންގެ ކޯތާފަތަށް އަމާޒު ކޮށްލިއެވެ.

"ބައްޕާ" އިޒިއަން ބުނެލުމާއެކު ފަހީމް ދެން ވެސް ޖަހަން އަތް މަޅާލިއެވެ. އިސްޖަހާލައިގެން ހުރި އިޒިއަން އޭނާގެ މޫނު އެއްފަރާތް ކޮށްލީ ދެލޯ މަރާ ތަގުޅި ކޮށްލަމުންނެވެ. އެހެންނަމަވެސް އޭނާ ތައްޔާރުވި ފަދަ ހަމަލާއެއް އިޒިއަންގެ ކޯތާފަތަށް އަމާޒު ނުވުމާއެކު އޭނާއަށް މަޑުމަޑުން އިސް އުފުލާލެވުނެވެ.

"ހަބަރުދާރު، އަހަރެންނަށް ބައްޕަ ނުކިޔައްޗޭ! އަހަރެމެންނަށް ކީއް ނުކޮށްދެވުނީތަ އޭރު އިޒިއަންއަށް.... އޭރުގެ ވާހަކަ ބާއްވާ... އެކަމަކު އިޒިއަން އެ އަނިޔާ ދެވުނު އަންހެން ކުއްޖާއަށް އޮޅުވާލާ ކައިވެނިކޮށް ތި ދިނީ ކިހާބޮޑު ކެއްސެއްތަ؟" ފަހީމްއަށް ވާހަކަ ދެކެވުނީބާރަށް ކަމަށް ވިޔަސް އޭނާގެ އަޑުގައި ވެސް ރިހުމެއްވިއެވެ. ކިތަންމެ ރުޅިއައިސް ދެރަވިޔަސް އޭނާއަށް ކުރެވޭނޭ އިތުރުކަމެއް ނެތެވެ. އަނާލްއަށް އެހާލު ޖެހުނު ސަބަބު އައްމާރުގެ ދުލުން އަޑު އިވުމަށްފަހު އޭނާ ހުރީ އިޒިއަންދެކެ ވަރަށް ރުޅިއައިސްފައެވެ. އެހެންނަމަވެސް އެ ރުޅިވެރިކަމާއެކު ވެސް ބައްޕައެއްގެ ހައިސިއްޔަތުން އޭނާ އިޒިއަންދެކެ ވާ ލޯބި ފަނޑުކޮށެއްނުލެވުނެވެ. އެހެނެއްކަމަކު އޭނާ ވަކީލަކު ހޯދައިގެން އިޒިއަން ސަލާމަތް ކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރާނެއެވެ. އަމިއްލަ ދަރިވޔަސް ކުށެއް ކޮށްފިއްޔާ ވާނީ ކުށަކަށެވެ. އަދަބުވެސް ދޭން ޖެހޭނެއެވެ.

ފަހީމް ދުރަށް ޖެހިލުމާއެކު ފުލުހުން އިޒިއަން ގެންގޮސް އެމީހުންގެ ވޭނަށް އެރުވިއެވެ. ވޭން ދުއްވާލުމާއެކު އަނާލްއަށް ދެލޯ މަރާބާރުކޮށްލެވުނެވެ. ދެން ކަންތައް ވާނީ ކިހިނެތްކަން ނޭނގޭ ހާލު އަނާލްއަށް ދެލޯ މަރާފިއްތާލެވުނެވެ. އެންމެން ވެސް ނުކުމެ ވޭން ދިޔަތަން ބަލަން ތިއްބެވެ.

"ހަމަ މިހާރު މިގޭ ގޯތި ތެރޭން ނުކުމޭ" އައްމާރުއަށް ބުނެވުނެވެ. އަނާލްއަށް ބަލާލި އަކްނިޒާ ކުށްވެރިއެއްފަދައިން އިސްޖަހާލިއެވެ. އަނާލް ގާތަށް ދާން ކިތަންމެ ބޭނުންވިޔަސް އޭނާއަށް އެކޮޅަށް އެންމެ ފިޔަވަޅެއް އަޅަން ވެސް ނުކުރުނެވެ. އެނބުރި ކާރާ ދިމާލަށް ހިނގައިގަތް އަކްނިޒާގެ ކޮނޑުގައި ފަހީމް ހުރީ ހިފައްޓާލައިގެންނެވެ. ކިނާންވެސް އެދެމީހުންގެ ފަހަތުން ނުކުތްއިރު އޭނާ އެތަނުގައި މަޑުކޮށްގެން ހުރި ދީމްއަށް ބަލާލިއެވެ. ކިތަންމެ ވާހަކައެއް އޭނާގެ ދެލޮލުން ދީމްއަށް ބުނެދެމުން ދިޔަފަދައެވެ. އަހުސަން އާއި ޝަޒްނާ ވެސް ނުކުތްއިރު އެދެމީހުންވެސް ތިބީ ހަދާނެ ގޮތް ހުސްވެފައެވެ.

"މަންމާ" އަނާލް ގޮވާލުމާއެކު އަކްނިޒާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ.

އަކްނިޒާ އެނބުރުނުއިރު އަނާލް އިނީ އޭނާއާއި ދާދި ގާތުގައެވެ.

މާފުކުރޭ ނާލް.. ހަމަ ހުވާ މަންމަ އަކަށް ނޭނގެ އިޒިއަން އެފަދަ ކަމެއް ކުރިކަމެއް، " އަކްނިޒާއަށް ރަނގަޅަށް ވާހަކަ ނުދެކުމާއެކު އޭނާއަށް އަނެއްކާވެސް ރޮވުނީއެވެ.

"މަންމާ، މަންމަ މާފަށް އެދުނީމަ އަޅުގަނޑަށް މާފުކުރެވިދާނެ، ހަޤީގަތުގަ މަންމައަށް ނޭނގެންޏާ މަންމަ މާފަށް އެދޭކަށް ނުޖެހޭނެ، އަހަރެން އުފާވޭ މަންމަމެން ފަދަ ބައެއްގެ ތެރޭގަ ކުޑަ ދުވަސްކޮޅަކުވެސް އުޅެވުނީމަ. ތިގޭން އަޅުގަނޑަށް ދިން އަޅާލުމާއި ލޯބި ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން. އަބަދަށް އެކަމަށްޓަކާ ޝުކުރުވެރިވާނަން. އެކަމަކު އިޒިއަން، އިޒިއަން އެ ކުރި ކުށަކީ އަޅުގަނޑަށް މާފު ދޭން ފަސޭހަ ކުށެއްނޫން... މަންމާ! އަޅުގަނޑަށް މާފު ކުރޭ. އެކަމަކު އިތުރަށް އިޒިއަންއާ އެކު އުޅުމުގެ ހިތްވަރެއް އަޅުގަނޑުގެ ގައިގަ ނެތް. އިޒިއަން ގާތުން އަޅުގަނޑު ވަރިވާނަން، އެއަށްފަހު މަންމަ މެންނާ އޮތް ގުޅުން ވެސް ނިމުމަކަށް އަންނާނެ، އެފަދަ އަނިޔާއެއް ދިން މީހަކާއެކު ދިރިއުޅުން ވޭތު ކުރާނެ ގޮތެއް މަންމަ ބުނެދީބަލަ؟ ކިހިނެތް އެހާ ފަސޭހަކޮށް ހަނދާން ނައްތާލާނީ، މިއަދު އަޅުގަނޑުގެ ސަބަބުން ތި މަންމަގެ ހިތުގައި ޖެއްސުނީތީ މާފަށް އެދެން، އަޅުގަނޑަށް އެނގޭ މައެއްގެ ހިތަށް ކުރާނެ އަސަރު. ކިތަންމެ ރެއަކު އަޅުގަނޑުގެ މަންމަ އަޅުގަނޑާ ދޭތެރޭ ވިސްނާފަ ރުއިތަން ދެކުނިން، އަޅުގަނޑަށްޓަކާ އާއިލާގެ އެންމެން އަޅުގަނޑުގެ ކުރިމަތީގައި ހިތްވަރު ކުރިނަމަވެސް އެންމެން ސިއްރުން ހިތާމަކުރިވަރު ދެކުނިން، މަންމާ! އަޅުގަނޑަށް މަންމަގެ ހިތާމަތައް ލުޔެއް ނުކޮށްދެވޭނެ! އިޒިއަންއަށް މާފެއް ނުކޮށްދެވޭނެ. އަމިއްލަ ނަފްސަށް ވައުދުވިން އެކަން ކުރި ހުރިހާ އެންމެންނަށް އަދަބު ދިނުމަށް، އަޅުގަނޑު މިހާ ހިތްވަރުގަދަ އަންހެން ކުއްޖަކަށްވީ އެރޭގެފަހުން، އޭގެ އެތަށް ދުވަހެއް ފަހުން އަޅުގަނޑު މުޖްތަމައުއަށް ޚިދުމަތްކުރަން ނުކުތީ އަޅުގަނޑު ފަދަ ކުދިންނާ ދޭތެރޭ މުޖްތަމައުން ދެކޭގޮތް ބަދަކު ކުރުމަށް، ޑްރަގްގެ އަވައިގައި ޖެހިފައިތިބި ޒުވާނުން ހެޔޮމަގަށް އަޅުވަން ބޭނުންވީ އެފަދަ މީހުންގެ ސަބަބުން އެތަކެއް އާއިލާއެއް ނިކަމެތިވެ ފަގީރުވެގެން ދާނެތީ... އަޅުގަނޑު އިޒިއަންގެ ގާތުން ވީ އެންމެ އަވަހަކަށް ވާރިވާނަން" އަނާލް ވާހަކަ ދައްކާނިމުނު އިރު އޭނާއަށް ދިޔައީ ބާރަށް ރޮވެމުންނެވެ. އިތުރަށް އެތަނުގައި ހުންނަން ކެތް ނުކުރެވުމުން އޭނާ ދިޔައީ ފަހު ބަސް އަކްނިޒާމެންނަށް އިއްވާފައެވެ.

ކޮމެންޓް 0