ވާރޭވެހިފައި ހުއްޓާލާފައި އޮތަސް އުޑުމަތީގައި އެކަތި އަނެކެއްޗާ ސަކަރާތް ޖަހަމުން ދިޔަ ކަޅުވިލާތައް މަދެއް ނުވިއެވެ. ޖެހެމުން ދިޔައީ ތެތް ފިނި ވައިރޯޅިތަކެކެވެ. ފަޒާގައި ހިފާލާފައިވަނީ އާދަޔާހިލާފް ތެތް ކަމެކެވެ. މެންދުރުގެ ވަގުތަށް ވިޔަސް އަވިނިވާލާފައި އޮތުމުން މާހައުލު އަނދިރިކަމަށް ދައްކައެވެ. މޫސުން ގޯސް ދުވަހަކަށް ވިޔަސް މާލޭގެ މަގުތައްމަތިން ދުއްވަމުން ދިޔަ ވެހިކަލްތައް މަދުވިހެނެއް ހިޔެއް ނުވެއެވެ. މަގުމަތީގައި ހެދިފައިވާ ފެންގަނޑުގެ ސަބަބުން ހިނގާފައިދާ މީހުން ދާން ޖެހެނީ ފައިކުރި ތަނބި ކައްޓަށް ވުރެ މައްޗަށް އޮޅާލައިގެންނެވެ.

ކަޅުކުލައިގެ ޕްރައިވެޓް ކާރުގެ މިސްރާބު ހުރީ "ދި ގްރޭންޑް" ކޮންޕެނީގެ މައި އޮފީހާ ދިމާލަށެވެ. ކާރުތެރޭގައި އިން ޒުވާނާގެ ނަޒަރު ހުއްޓިފައިވަނީ ކުރިމަތިން ފެންނަމުން ދިޔަ ދިހަ ބުރީގެ އިމާރާތަށެވެ. އެ ތުންފަތަށް މައުނަވީ ހިނިތުންވުމެއް ވެރިވެފައި ވެއެވެ. ޑްރައިވަރު ކާރު ދުއްވަމުން ދިޔަ އިރު ކާރު ތެރެއަށް ވެރިވެފައިވަނީ އާދަޔާ ހިލާފް ހަމަހިމޭންކަމެކެވެ.

"ދި ގްރޭންޑް" އޮފީހަށް ވަންނަ މައި ގޭޓުން ކާރު ވަދެގެން ދިޔައިރު ވަށައިގެން ވީ ހިތްގައިމު މާހައުލަށް އިޒިއަން އަށް ނަޒަރު ހިންގާލެވުނެވެ. ކާރު ވަންނަން ގާޖަހާފައި ވަކި ސަރަހައްދެއް ހަދާފައިވާއިރު ދެފަރާތުގައި ތަފާތު ވައްތަރުގެ މާގަހުގެ އިތުރުން ވިނަގަނޑެއް ހައްދާފައިވެއެވެ.

އޮފީހުގެ ކުރިމަތީގައި ފެންއަރުވާ ވަޑާމެއް ހަދާފައި ވާއިރު ބަލާލަން ހިތްގައިމެވެ. އެ ފެންއަރުވާ ވަޑާން ވަށައިގެން މާމެލާމެލީގެ ތަފާތު ވައްތަރުގެ ގަސްތަކުން ވަނީ ޒީނަތް ތެރިކޮށްފައެވެ. ފެންއަރުވާ ވަޑާން ވަށާލުމަށްފަހު ގޮސް މައި ދޮރުގެ ކުރިމައްޗަށް ކާރު ހުއްޓާލުމާއެކު އިޒިއަން ފޭބިއެވެ. އަދި ލޮލުގައި އަޅާފައިވާ ރޭބަން އަވި އައިނު ނަގާލިއެވެ. އިސްތަށިގަނޑުގައި އަތް ހިންގާލަމުން އޭނާ ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ.

އިޒިއަން ލާފައިހުރީ ހުދުކުލައިގެ ގަމީހެކެވެ. ކަޅުކުލައިގެ ޓައީއެއް އަޅާފައިވާއިރު އަރާފައިވަނީ އޮފްކަން ގަދަ ކަޅު ބޫޓަކަށެވެ. ފަޓްލޫން ކަޅުކުލައިން ހުރި އިރު އޭނާގެ އަތުގައި އޮތް ދަބަސް އޮތީ ގަދަ ޗޮކްލެޓް ކުލައިގައެވެ. ބަލާބެލުމަށް ޝަހުސިއްޔަތު ވަރުގަދައެވެ. ލާން ގެން ގުޅޭ ކޯޓް އެއްއަތުން ހިފައްޓާލައިގެން ހުރި އިރު ފިރިހެން ވަންތައެވެ. ލާފައިވާ ގަމީހުގެ މަތިން އޭނާގެ ފިރިހެންވަންތަ ހަށިގަނޑު ގެ ބައްޓަން އިނގޭވަރުވެއެވެ. މަސްތައް ވަރުގަދައެވެ. އަޅިކުލައިގެ އެ ދެލޮލުގެ ތޫނު ކަން އެ ނަޒަރުން އެކަނި ވެސް ނަގައިގަނެވެއެވެ. ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައިވާ އިސްތަށިގަނޑު ކަޅުކަން ގަދަވެފައި ވަރުގަދައެވެ.

އޮފީސް ތެރެއަށް ވަދެވެނީ ދެ ސިޑީގެ ހަރުފަތެއް ގިރާ ކުރުމަށް ފަހުއެވެ. އޭނާ އެ ދިމާލަށް ފިޔަވަޅެއް އަޅާލިއެވެ. އެހެންނަމަވެސް އެ ފިޔަވަޅަށް ހުއްޓުމެއް އައީ އެ ތަނުގައި ފުރޮޅު ލީ ގޮނޑީގައި އިން އަންހެން ކުއްޖާ ފެނިފައެވެ. އިސްޖަހާލައިގެން އިން އިރު އަތުގައި އޮތް ފޯނުން ކޮންމެވެސް އެއްޗެއް ޓައިޕް ކުރަމުން ދިޔައެވެ. އެ ފަންއިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔަ ގޮތް ނުހަނު ނަލައެވެ.

ހަމުގެ ކުލަ އައްޔެވެ. ތުންފަތުގައި ވަނީ މަޑު ފިޔާ ތޮށި ކުލައެކެވެ. އެސްފިޔަތަކުގައި މަސްކަރާ އަޅާފައިވުމުން ކަޅުކަން ގަދަ ކަމަށް ދައްކައެވެ. ލޮލުގެ ވަށައިގެން އަޅާފައިވާ ހިމަ އަނދުން ރޮނގުގެ ސަބަބުން އެ ލޮލަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދީފައިވެއެވެ. އަތުގައި ގަޑިއެއް އަޅާލާފައިވެއެވެ. ބަލާބެލުމަށް އެއަކީ އަގު ބޮޑު އެއްޗެއް ކަން ދެނެގަންނާކަށް އުނދަގުލެއް ނުވެއެވެ.

އެ ކުއްޖާ ފެނި އިޒިއަންއަށް ހުއްޓި ހުރެވުނީ އެ ސޫރައަށް ނަޒަރު ހުއްޓާލައިގެންނެވެ. އެ ކުއްޖާ އިސްއުފުލާލާ ބަލާލީ ކުރިމަތީގައި ކޮންމެވެސް މީހަކު ހުރިކަހަލަ އިހްސާސް އެއް ކުރެވިވެގެންނެވެ. އިޒިއަންގެ ދެލޮލަށް ބަލާލުމާއެކު އޭނާއަށް ވެސް އެ ތޫނު ދެލޮލުން ނަޒަރު ވަކި ކޮށްލަން ވީ އުނދަގޫ ކަމަކަށެވެ.

އަނާލް އޭނާގެ ކުރިމަތީ ހުރި ޒުވާނާއަށް ނަޒަރު ހުއްޓައިލައިގެން އިނދެ ހިނިތުންވެލިއެވެ. އެކަމަކު އިޒިއަންގެ ފަރާތުން އޭނާއަށް އެއްވެސް ކަހަލަ އިޝާރާތެއް ނުފެނުނެވެ. އަނާލް އާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން އިރު ކޮޅަކު ހުރުމަށްފަހު އޭނާ ބާރު ބާރަށް އޮފީހުގެ ސިޑީގެ ހަރުފަތްތައް ގިރާކުރުމަށް ފަހު ހިނގައްޖެއެވެ. އަނާލް ދެފަރާތަށް ކޮނޑު އަރުވާލަމުން އަނގަޔަށް ފޫހި ވައްތަރެއް ޖައްސާލިއެވެ. އެ ޒުވާނާގެ ފަރާތުން އޭނާއަށް ދެންމެ ފެނުނު އަސަރުތަކަކީ ކޮންކަމަކާ ގުޅުވައިގެން ވެރިވި އަސަރުތަކެއް ކަމެއް ނޭނގުނެވެ.

ދެފަރާތަށް ބޯ ހޫރާލަމުން އޭނާ ގޮނޑި ދުއްވާލިއެވެ. ފޯން ނަގާ ކަންފަތުގައި ޖައްސާލުމާއެކު އަނާލް ވާހަކަ ދައްކަން ފެށިއެވެ. "ކުޑޭ... ކޮބާ ކާރު... ހާދަ ލަސްވަނީ" އަނާލް ކުރިމައްޗަށް ބަލަން އިނދެ ވާހަކަ ދެއްކިއެވެ. "ޓްރެފިކް ބޮޑުކަމުން ނުދެވިގެންނޭ މިއުޅެނީ ޑިއާރ.... މާ ލަހެއް ނުވާނެ އިނގޭ... މިދަނީ..." އެކޮޅުން ވާހަކަ ދެއްކި އަޑު އިވިފައި އަނާލް އޯކޭ އޭ ބުނެ ފޯން ބޭއްވިއެވެ.

އޮފީސް ތެރެއަށް އިޒިއަން ވަނުމާއެކު އޮފީހުގެ ކުއްޖަކު އިޒިއަން އާ ހަވާލުވިއެވެ.

"ހޭ އައެމް ޒައުނާ... އައިލް ހެލްޕް ޔޫ" ޒައުނާ ސަލާމަތް އަތް ދިއްކޮށްލަމުން ތައާރަފް ވެލިއެވެ. "އިޒިއަން" އިޒިއަށް އެ އަތުގައި ހިފަމުން ވާހަކަ ދެއްކިއެވެ. އިޒިއަންގެ އެ ފިރިހެން ވަންތަ އަޑު އިވިފައި ޒައުނާގެ ދެލޯވެސް ވިދައިގަތެވެ. އޭނާ އިޒިއަން ގޮވައިގެން މިސްރާބުޖެހީ މީޓިން ރޫމާ ދިމާލަށެވެ. ލިފްޓް ކައިރިއަށް ހުއްޓިފައި އޭނާ މައްޗަށް ދިޔުމަށް ފިތާލިއެވެ.

އެތަނުގައި ހަރަކާތް ތެރިވަމުން ދިޔަ ގިނަ އަންހެން ކުދިންގެ ނަޒަރުތައް އިޒިއަން އަށް ހުއްޓިފައިވުމުން އޭނާ އަށް އުނދަގޫވަމުން ދިޔައެވެ. އެހެންނަމަވެސް މޫނުމައްޗަށް ވެރިވަމުން ދިޔަ ފޫހިކަން ނިކަން އަވަހަށް ހިނިތުންވުމަކުން އިޒިއަން ފޮރުވައިލައިފިއެވެ. ލިފްޓް ތެރޭގައި ޒައުނާ ވެސް އެއްވެސް ވާހަކައެއް ނުދައްކައެވެ. އޭނާގެ ނަޒަރު އިރުއިރު ކޮޅަކާ އިޒިއަންއަށް ހުއްޓެމުން ދިޔައެވެ. އިޒިއަންއަށް ލިބިފައިވި ރީތިކަމަށް އޭނާގެ ހިތް ލެނބެމުން ދިޔައީއެވެ.

ލިފްޓް ހުއްޓުމާއެކު އިޒިއަން ނިކަން އަވަސް އަވަހަށް ފޭބިއެވެ. އެތާހުރި މޭޒުމަތީގައި ދަބަސް ބެހެއްޓުމަށްފަހު އަތުގައި އޮތް ކޯޓް ގަޔަށް ހެޔޮވަރު ކޮށްލިއެވެ. އޮފިޝަލްކޮށް ފެންނަމުން ދިޔަ އިޒިއަންގެ ފިރިހެންވަންތަ ކަމަށް ހިތާހިތުން ޒައުނާ ވެސް ތައުރީފް ކުރަމުން ދިޔައެވެ.

ބޮޑު ހޯލް ވޭތެރެއިން ލާފައި ގޮސް ޒައުނާ ކަނާތް ފަރާތުން ލަނބާލިއެވެ. "ހިއާޒް ދި މީޓިން ރޫމް..." ޒައުނާ އިޒިއަން އަށް މީޓިން ރޫމް ދައްކާލުމަށްފަހު ވަނުމަށް އިޝާރާތް ކޮށްލިއެވެ. އިޒިއަށް ހިނިތުންވެލާ މަޑު މަޑުން ދޮރު ހުޅުވާލާފައި ވަނެވެ.

އެއާއެކު އެތަނުގައި ތިބި ހުރިހާ އެންމެންގެ ނަޒަރު އިޒިއަން އަށް ހުއްޓިގެން ދިޔައެވެ.

މޭޒުގެ ދެފަރާތުގައި "ދި ގްރޭންޑް" ކޮންޕެނީގެ ބޮޑެތިން އިށީނދެގެން ތިބިއިރު މޭޒުގެ ކުރިމަތީގައި އިން އައްމާރު އަށް އިޒިއަން ފެނުމާއެކު ހިނިތުންވެވުނެވެ. އޭނާ ގޮނޑިން ތެދުވަމުން އިޒިއަން އާ ދިމާލަށް ހިނގައިގަތެވެ. އަދި ގޮސް ސަލާމަށް އަތް ދިއްކޮށްލަމުން އޭނާ ތައާރަފް ވެލިއެވެ.

"އެނގިލައްވާފަ ދެއްތޯ އޮންނަވާނީ... މީ އަންމާރު... މި ކޮންޕެނީގެ ސީއީއޯ... ވަޑައިގަންނަވާ... އީށީނދެލައްވާ" އައްމާރު އިޒިއަން އަށް އޭނާއާއެކު އައުމަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. އަދި އިޒިއަން އަށް އޭނާ އިށީންނަށް ހަމަޖެހިފައިވާ ގޮނޑި ދައްކާލިއެވެ. އައްމާރުގެ އިޝާރާތާއެކު އިޒިއަން މަޑު ހިނގުމެއްގައި އައިސް އިށީނެވެ. އަދި އަތުގައި އޮތް ދަބަސް އޭނާ މޭޒުމަތީގައި ބައިންދާލިއެވެ.

އިޒިއަށް އިށީނދެ ހަމަޖެހުމާއެކު އައްމާރު ގަޑިއަށް ބަލާލިއެވެ. ބަރާބަރު ދެ އެއް ޖެހުމާއެކު އޭނާ ވާހަކަ ދައްކަން ފެށިއެވެ.

"އައްސަލާމް އަލައިކުމް... މިއަދު ގެ މި ބައްދަލު ވުމަކީ ވަރަށް ހާއްސަ ބައްދަލު ވުމެއް... މީޓިން ފެށުމުގެ ކުރިން އިޒިއަން އަށް މި ކޮންޕެނީގެ މުވައްޒަފުންނާއި އެހެނިހެން މަގާމް ތަކުގައި ތިއްބެވި އިސްވެރިން ގެ ކުޑަ ތައާރަފްއެއް އަޅުގަނޑު ދޭނަން..." އައްމާރު ވާހަކަ ދެއްކިއިރު އެ އަޑުގައި ވަނީ ޔަގީންކަމާއި ކެރުމެވެ. އަޒުމާއި އުންމީދެވެ.

އަޅުގަނޑުގެ ކަނާތް ފަރާތުން މި އިންނެވީ އަޅުގަނޑުގެ ދަށުން ކޮންޕެނީގައި މަސައްކަތް ކުރާ އެއްމެ އިސް ފަރާތް... އަޅުގަނޑުގެ ދަރިފުޅު... ރަކީން" އައްމާރު ރަކީން އަށް އިޝާރާތް ކޮށްލަމުން ވާހަކަ ދެއްކުމާއެކު އިޒިއަން ރަކީން އަށް ބަލާލިއެވެ. ރަކީން ވެސް ހިނިތުންވެލުމުން އިޒިއަން ވެސް ރައްދުގައި ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

"ދެން މި ތިއްބެވީ ކޮންޕެނީގެ އެކި ޝެކްޝަންގެ ހެޑުންނާއި މެނޭޖަރުންނާއި މެންބަރުން" ފަހަރަކު މީހަކަށް އިޝާރާތް ކޮށް ކުޑަ ތައާރަފެއް އައްމާރު ދިނެވެ.

"އެނގި ވަޑައިގަންނަވާނެ މި ބައްދަލު ވުމަކީ "ރާއްޖެއާއި ރާއްޖޭން ބޭރުގައި ފުޅާދާއިރާއެއްގައި ބިޒްނެސް ކުރަމުން ދާ "ސްޓާރ ހޯލްޑާސް" ގެ ކުންފުންޏާއެކު ވެވޭ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ދެން ހުރި އެހެނިހެން މުހިންމު ކަންތައް ތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވޭ ބައްދަލުވުމެއް" އައްމާރު ބުނެލިއެވެ.

މީޓިން ފެށުމާއެކު ފަހަރަކު މީހަކު އެމީހެއްގެ ހިޔާލް ފާޅުކުރަމުން ގެންދިޔައެވެ.

"ބައްޕަ ވެސް ބިޒީ ކަމުން.... ކޮންމެވެސް ކޮންޕެނީއަކާއެކު ޑީލް އެއް ހަދަނީޔޯ... އެއްކަލަ ކަންތަކުގަ. ބުނި ވީހާވެސް އަވަހަށް ނާލް އާ ހަވާލް ކުރާ ވާހަކަވެސް..." ކާރުތެރޭގައި އިން އަނާލް އިނީ ލޯގަނޑުން ބޭރު ބަލަހައްޓައިގެންނެވެ. އޭރު ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުން ދިޔުމާއެކު އިހުނަށްވުރެ ފަޒާ ފިނިވެފައި ވާހެން ހީވިއެވެ. އޭނާ ހީކަރުވައިގަނެގެން ދެއަތް މެއާ ދިމާލުން ހުރަސް ކޮށްލުމާއެކު ޝާހީން އޭސީގެ ފިނި ދަށްކޮށްލިއެވެ. "ޔާ... އައި ނޯ... ޑޭޑް ޑިސްކަސް ކުރިއޭ ތިކަން... ކުންފުންޏަށް ވަރަށް ބޮޑު ފައިދާއެއް ވާނެކަމަށް ވެސް ބެލެވޭ... އެމީހުންނަކީ ރާއްޖެއިން ބޭރުގަވެސް ބޮޑެތި ބިޒްނަސް ތައް ކުރާބައެއް" ޝާހީން ވެސް އަނާލް އަށް ބަލާލާ ވާހަކަ ދެއްކިއެވެ.

"މިއޮއްފަދަ ދުވަހުވެސް މަގުމަތިން މީހުންނާ ދުއްވާ އެއްޗެހި މަދެއްނުވޭ ދޯ..." އަނާލް އަށް ފުން ނޭވާއެއް ލަމުން ބުނެވުނެވެ. ވާރޭގެ ތެރޭގައި ކުޑަ ހިފައިގެން ހިނގާފައި އުޅޭ މީހުން އުޅޭ ނޫޅޭގޮތް ބަލަން އަނާލްގެ ޝައުގުވެރިކަން ހުއްޓެވެ.

އަނާލްގެ އުމުރުން ސައްވީސް އަހަރެވެ. އެއާއިލާގައި އެންމެ ހަގީ އަނާލް ކަމަށް ވެފައި ހުރި ހަމައެކަނި އަންހެން ކުއްޖާއަށް ވުމުން އެންމެން ގެ ލޯބިވެސް އެންމެ ފުރިހަމަ ގޮތުގައި އޭނައަށް ލިބެއެވެ. އެކަމާ އަނާލް ނުހަނު އުފާވެސް ވޭމެއެވެ.

ޓްރެފިކްގައި ޖެހުމާއެކު ޝާހީން އޭނާގެ ކޮއްކޮއަށް ބަލާލިއިރު އަނާލް އިނީ ލޯގަނޑުން ބޭރު ބަލަހައްޓައިގެންނެވެ. ގޮނޑީގައި ލެނގިލައިގެން އިން އިރު އެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ.

"ފައިނަލީ..." ޝާހީން ގެ ހިތަށް އެރިއެވެ. "ފައިނަލީ ޔޫ އާރ ސްމައިލިން އަވަރ ޕްރިސްސެސް... އިންޝާ ﷲ... އައިލް ނެވާރ ލެޓް ޔޫ ސަފަރ ލައިކް ދެޓް އެގެއިން.... ނެވާރ" ޝާހީންގެ ހިތަށް ތަފާތު އެއްޗެހި އަރާ ފައިބަމުން ދިޔަ އިރު އޭނާގެ ހިތުގައި ވަރުގަދަ އަޒުމެއް ވެއެވެ. އަނާލް ކުރިން ކުރި ފަދަ ހިތާމައެއް ދުވަހަކުވެސް އަނާލް އަށް ލިބުނަކަ އޭނާ އެއް ނުދޭނެއެވެ. އަނާލް އާ މެދު އޭނާ ފުރިހަމައަށް ރައްކާތެރިވާނެއެވެ. އޭނާގެ ފުރާނަ ހުރިހާ ދުވަހަކު ދެވޭ ހުރިހާ އުފަލެއް އަނާލްއަށް ދޭން ބޭނުމެވެ.

އެކަމުން އަދިވެސް ފުރިހަމައަށް އަރައި ނުގަނެވޭ އަނާލްގެ ހިތްވަރު ގަދަކަން ފެނި އޭނާ އުފާވެއެވެ. އެ އަނިޔާތަށް އޭނާގެ ކޮއްކޮއަށް ދިން މީހަކަށް އޭނާ ދުވަހަކު މާފެއް ނުކުރާނެއެވެ. އެމީހަކު އޭނާގެ ކުރިމައްޗަށް އަރާ ދުވަހަކުން އޭނާގެ ފުރާނަ ދުއްވާލަންވެސް ޝާހީން ފަހަތަކަށް ނުޖެހޭނެއެވެ.

ދޮރުވާނަކަށް ހުރި މީހާ ގޭޓް ހުޅުވާލުމާއެކު ޝާހީން ކާރު ގޭޓުން ވައްދާލިއެވެ. އޭރުވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުން ދިޔައެވެ. ކާރުގައި ގޮސް ގޭގެ މައިދޮރާ ދިމާލަށް މަޑު ކޮށްލުމާއެކު މަޒާޔާ އައިސް ކާރުގެ ދޮރުފަތް ހުޅުވާލައިފިއެވެ. ޝާހީން ގޮސް އަނާލްގެ ގޮނޑި ނަގައިގެން އައިސް ގާތުގައި ބެހެއްޓިއެވެ.

މުޅި އެ ހިސާބުގަނޑު ހިޔާ ކޮށްފައި އޮތުމުން ވާރޭގެ އަސަރެއް ނުކުރެއެވެ. އެ ހިޔާކޮށްފައިވާ ބައިގެ ދެފަރާތުގައި ބޮޑު ދެ ތަނބު ޖަހާފައިވާއިރު ޝާހީކަމަށް ދައްކައެވެ. ކާރުބާއްވާފައި އޮތް ދިމާ ކުރިމަތީގައި ގޭގެ އެއްފަރާތަށް ވާގޮތަށް ސޯފާތަކާއި އެކު ހުދުކުލައިގެ ވަށް މޭޒެއް ބެހެއްޓިފައިވެއެވެ. ތަފާތު ވައްތަރުގެ ގަސްތަކުން އެތަން ފަޅުފިލުވާލާފައި ވާއިރު ގޭގެ ގޯތިތެރޭގައި ވިނަ ގަނޑެއް ހައްދާފައި ވެއެވެ. ތަފާތު ވައްތަރުގެ ބެޑްތައް ހައްދާފައިވައިރު ކޮންމެ ބެޑެއްވެސް ވަނީ އެއްވަރަށް ކޮށާ ރީތިކުރެވިފައެވެ.

އަނާލް ގޮނޑީގައި އިށީނދެ ގޮނޑި ދުއްވާލީ އޭނާއަށް ހާއްސަ ކުރެވިފައިވާ ދިމާލުން ގެއަށް އެރުމަށެވެ. ގޭގެ މައި ދޮރުގެ އެއްފަރާތުން ގޮނޑީގައި އަނާލް އަށް އެރޭގޮތަށް ތަންކޮޅެއް ރާނާފައިވާއިރު އެ ތަނުގެ ދެފަރާތުގައިވެސް ކުދި މާގަސްތަކެއް ވަނީ ބެހެއްޓިފައެވެ. އަނާލް އެތަނުގައި ހުރި ފިނިފެންމަލަކުން މަލެއް ބިނދެލާ ވަސް ބަލާލިއެވެ. އަދި ހިނިތުންވެލީ ދުވި ލުއި މީރުވަހުން އޭނާގެ ހަށިގަނޑަށް ވެސް އަރާމް ވީ ފަދަ ގޮތަކަށެވެ.

ޝާހީން އަށް ފޯނެއް އައުމާއެކު އޭނާ ފޯން ނެގިއެވެ.

"ހޭވް ޓް ގޯ މޯމް... އިޓްސް އެން އެމަރޖެންސީ ކޭސް..." ޝާހީން މަޒާޔާ އަށް ބަލާލާ ވާހަކަ ދެއްކީ ފޯން ކޯލް ނިންމާލުމަށް ފަހުއެވެ. މަޒާޔާ ބޯ ޖަހާލުމާއެކު ޝާހީން ލަސް ނުކޮށް ކާރަށް އަރާ ދުއްވާލީ ހޮސްޕިޓަލާ ދިމާލަށެވެ.

"ދި ގްރޭންޑް ހޮސްޕިޓަލް އެންޑް ރިސާރޗް ސެންޓަރަކީ" މާލޭގައި އެ މީހުންގެ ކުންފުނިން ހިންގާ ބޮޑު ހޮސްޕިޓަލެކެވެ. ކެންސަރާ ކިޑްނީ އަދި ހިތުގެ ބަލިތަކުގެ އެންމެ ޒަމާނީ ހިދުމަތް ތަކާއެކު މި އަހަރުގެ ޖެނުއަރީ މަހު ހުޅުވި އެ ހޮސްޕިޓަލް ވެފައި ވަނީ އާއްމުންގެ މެދުގައި ވެސް މަގުބޫލު ހޮސްޕިޓަލަކަށެވެ.

އައްމާރުގެ ތިބެނީ ތިން ކުދިންނެވެ. ދެ ފިރިހެން ކުދިންނާ އެއް އަންހެން ކުއްޖެކެވެ. އައްމާރުގެ ފިޔަވަޅުތައް މަތިން ހިނގަމުން ބިޒްނަސްގެ ދާއިރާއިން ކުރިއަށް ދާން ރަކީން ނިންމި އިރު ޝާހީން ބޭނުންވީ ހިތުގެ ހާއްސަ ޑޮކްޓަރަކަށް ވާށެވެ. ދަރިން ކުރާ ކޮންމެ ކަމެއްގައި ވެސް ފުރިހަމަ އަށް ތާއިދު ކުރާ އައްމާރު ވެސް އެ ކުދިންނަށް އެއްވެސް ކަމެއްގައި މަޖުބޫރު ކޮށެއް ނޫޅެއެވެ.

ޝާހީން އަށް ހޮސްޕިޓަލަށް ދެވުނު އިރު ވާރޭ ބޯކޮށް އޮއްސާލައިފިއެވެ. އޭނާ ހޮސްޕިޓަލްގެ ޕާރކިން އޭރިއާގައި ކާރު ޕާރކް ކޮށްލުމަށްފަހު ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައެވެ. އެ ދިޔަ މަގުމަތީގައި އޭނާގެ ލޮލުގައި އަޅައިގެން ކުއްޖެއްގެ ސަބަބުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެހެންނަމަވެސް ލަސްވެފައި ހުރުމުން އެކަމާ އަޅާނުލާ އޭނާ މިސްރާބުޖެހީ ހިތުގެ ޑިޕާރޓް މެންޓަށް ދިޔުމަށެވެ.

މީޓިން ނިމުމުން އިޒިއަން ވެސް ގޮނޑިން ތެދުވީ އެހެން މީހުންނާ ވެސް އެކު އެކީގައިއެވެ. މަޝްވަރާތައް ކާމިޔާބު ކަމާއެކު ނިންމާލެވުމުން އެކަކު އަނެކަކާ ސަލާން ގަލާން ކޮށް މަރުހަބާ ކިޔެވެ. ކޮންމެ މީހެއްގެ ތުންފަތް މަތީގައިވެސް ވަނީ ހިނިތުންވުމެކެވެ.

އިޒިއަން އަށް ބޭރަށް ނުކުމެވުނު އިރު ވެސް ވާރޭ ބޯކޮށް ވެހެމުން ދިޔައެވެ. ނަސީބަކުން އޭރު އޭނާގެ ކާރު އައިސް އޮފީސް ކުރިމަތީގައި އޮތެވެ. ކާރަށް އެރުމާއެކު ލަސްނުކޮށް ކާރު ދުއްވާލައިފިއެވެ.

އިޒިއަންގެ މިސްރާބުހުރީ މާލޭގައި ހުންނަ "ސްޓާރ ހޯލްޑާރސް"ގެ މައި އޮފީހާ ދިމާލަށެވެ. އެ އޮފީހަކީވެސް ބޮޑު އޮފީހެކެވެ. ރާއްޖޭގައި އެ ކުންފުނިން ހިންގާ ހުރިހާ ވިޔަފާރިއެއްގެ ކަންތައްތައް ކުރަނީ އެ އޮފީހުންނެވެ. ނޫކުލައިގެ ބިއްލޫރިޖަހާފައިވާއިރު ނުވަ ބުރި އުސް އެ އިމާރާތަކީވެސް އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ އިމާރާތެކެވެ. އޭނާ އޮފީހަށް ވަދެ ލިފްޓް ގާތަށް ޖެހިލީ ނުވަ ވަނަ ފްލޯއަށް ދިޔުމަށެވެ. ނުވަ ވަނަ ފްލޯއަށް އާދެވުމާއެކު އޭނާ މިސްރާބުޖެހީ ސީއީއޯ ކެބިން އާ ދިމާލަށެވެ. ގޮސް ދޮރުގައި ޓަކި ޖަހާލިއެވެ. އަދި ވަނެވެ. އޭރު އޭނަގެ ބައްޕަ ފަހީމް މޭޒު ދޮށުގައި ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން އިނެވެ. ދޮރު ހުޅުވުނު އަޑަށް އޭނާ ލެޕްޓޮޕުން ނަޒަރު ވަކިކޮށްލަމުން ދޮރާ ދިމާލަށް ބަލާލިއެވެ. އެތެރެއަށް ވަން އިޒިއަން ފެނިގެން ފަހީމް ތެދުވިއެވެ. އަދި ހިނިތުންވެލާ އައުމަށް އިޝާރާތް ކޮށްލިއެވެ. ފަހީމް ވެސް މޭޒު ދޮށުން ތެދެވެގެން އައިސް އިޒިއަން ގާތަށް ހުއްޓުނެވެ. އަދި ވާހަކަ ދެއްކިއެވެ.

"ހިނގާ ސޯފާ އަށް" އެއްފަރާތުގައިހުރި ސޯފާތަކަށް އިޝާރާތް ކޮށްލަމުން ފަހީމް ބުނެލިއެވެ. ބައްޕަ އާއެކު ސޯފާގައި އިށީން އިޒިއަން މުޅި އެ ކޮޓަރި ތެރެއަށް ނަޒަރު ހުއްޓާލިއެވެ. ކޮޓަރީގެ ފާރުތަކުގައި ހުދު ކުލަ ލާފައި ވާއިރު ބޭރު ފާރު އިންނަ ދިމާގައި ވަނީ ބިއްލޫރި ޖަހާފައެވެ. އެ ދިމާލަށް ހުއްޓުމުން ރީއްޗަށް ބޭރުގެ އުސް އިމާރާތް ތައް ވެސް ފެންނަ ގޮތަށެވެ. ސޯފާތަކުގެ އެއްފަރާތުގެ އިތުރުން ފަހީމް އިންނަ މޭޒުގެ އެއްފަރާތުގައި ބުކްޝެލްފް ތަކެއް ބެހެއްޓިފައިވާ އިރު އޭގައި ތަފާތު ވައްތަރުގެ ފައިލްތައް ހުއްޓެވެ.

"ތީ އޭ ދަރިފުޅު އުޅެން ޖެހޭ ގޮތަކީ... ބައްޕަ ހަގީގަތުގައިވެސް ވަރަށް އުފާވެއްޖެ މިއަދު..." ފަހީމް ފުން ވިސްނުމަކަށް ގެއްލި އިނދެފައި ބުނެލިއެވެ. އަދި އިޒިއަން އާ ދިމާލަށް ބަލާލަމުން ހިނިތުންވެލިއެވެ. އިޒިއަން ވެސް އިތުރަށް އެއްވެސް އެއްޗެއް ބުނުމެއްނެތި ހަމަ އެކަނި ހިނިތުންވުމަކުން ފުއްދާލީއެވެ.

މާޒީއަކީ އެއްވެސް އިންސާނަކަށް ބަދަލް ކުރެވޭނޭ އެއްޗެއް ނޫނެވެ. އެހެންނަމަވެސް މާޒީން އިބްރަތް ލިބި ކޮންމެ މީހަކަށް ވެސް އަންނަން އޮތް ދުވަސްތައް އުޖާލާ ކުރެވިދާނެއެވެ. އޭނާގެ މާޒީ އަކީ ހިތި އެއްޗެކެވެ. އެ މާޒީ ހިތަށް އަރާ ކޮންމެ ފަހަރަކު އޭނާއަށް އަމިއްލަ ނަފްސު ދެކެ ރުޅިއާދެވެއެވެ. މީހާގެ ނަފްސަށް ހަރުކަށިކަން ވެރިވެ ހަށިގަނޑުގައި ނޭނގޭ ޖަޒްބާތުތަކެއް އުތުރި ގަނެއެވެ.

އޭނާގެ މާޒީގެ ކޮންމެ ހަނދާނަކުން އެ ހިތް ކުދިކުދި ކުރުވައެވެ. އެހެންނަމަވެސް މިހާރު ކުރެވޭނޭ އިތުރު ކަމެއް ނެތެވެ. ފަހީމް އާއެކު ގިނަ ވާހަކަ ތަކެއް ދެއްކުމުގައި އިޒިއަން ހޭދަކުރިއެވެ.

ރޭގަނޑުގެ ވަގުތެވެ. އެނދުގައި ޖައްސާލައިގެން ހުރިހާ ލައިޓެއް ނިއްވާލައިގެން އޮތް އިޒިއަން ގެ ސިކުނޑީގައި ދައުރުވަމުން ދިޔަ ހިޔާލް ތަކުން އޭނާ އަށް ނިތް ކުރިމަތީގައި އަތް ހިންގާލެވުނެވެ. ކިތަންމެ ވަރަކަށް އެ ހަނދާން ތަކާ ދުރަށް ދާން މަސައްކަތް ކުރިއަސް އޭނާ އަށް އެ ހަނދާން ތައް ނައްތައެއް ނުލެވުނެވެ.

"ވައި ވައި ވައި..." އިޒިއަން އަށް ބުނެވުނެވެ. ބެލްކަނީގެ ދޮރު ހުޅުވާފައި ހުރުމުން ދަމާލެވިފައިވާ ކާރޓެއިންތައް ވަޔާ ވިހުރެމުން ދިޔައެވެ. ވައިގެ ބޫން އަޑުން މަޑު މިއުޒިކެއް އަޅުވާލާފައިވެއެވެ. އިޒިއަން އެނދުން ތެދުވެގެން ގޮސް ބެލްކަނީ ދޮރުން ބޭރަށް ނުކުތެވެ. ރެއިލިންގައި އަތް އަޅުވާލަމުން އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

ހޭވިފައިވާ އިސްތަށިތަކުގެ ތެރެއަށް އަތުގެ އިނގިލިތައް މަހާލަމުން އިޒިއަން އުޑު މައްޗަށް ބަލާލިއެވެ. ގޭގެ އެ ދިމާލުގައި ހައްދާފައިވާ ބޮޑު އަނބު ގަހުގެ ބައެއް ގޮފިތައް ބެލްކަނީގެ އެއްފަރާތައް ވެއްޓިފައި ވުމުގެ ސަބަބުން އެ ތަނުގައި ބޮތްކެއް ދިއްލާފައި ވިނަމަވެސް ވަނީ ފަނޑު އައްޔެކެވެ. އިޒިއަން ހިންދިރުވާލީ ހިތަށް ވެރިވި ހިޔާލުންނެވެ. އޭނާ ދެއަތުން ބާރަށް ރެއިލިންގައި ހިފައްޓާލިއެވެ. އަނެއްކާވެސް ފުން ނޭވާއެއް ދޫކޮށްލިއެވެ.

އޭނާގެ ސިކުނޑީގެ ހިޔާލް ތައް ދެން ދަތުރު ކުރީ މިއަދު ފެނުނު އަންހެން ކުއްޖާ އާ ދިމާލަށެވެ. އެ ކުއްޖާ މަތިން ހަނދާން ވުމާއެކު ނޭނގޭ ނުތަނަވަސް ކަމެއް އޭނާގެ ހިތަށް ވެރިވެގެން ދިޔައެވެ. ރެއިލިންގައި އަތް އަޅުވާލާފައި ވާ ދެ އަތް ނައްޓާލަމުން އޭނާ މޫނުގައި ދެ އަތް ފޮހެލިއެވެ. އެހެން ހުރި އިރު ހިމަ ފޮދު ވާރޭގެ ތިކިތަކުން އޭނާ ގެ ހަށިގަނޑަށް އާދަޔާ ހިލާފް ފިނިކަމެއް ވެރިވަމުން ދިޔައެވެ.

ވާރޭ ބޯ ކޮށްލި ކަމުގައި ވިނަމަވެސް އޭނާ އެތެރެއަށް ވަންނަ ހިޔާލެއް ނުކުރިއެވެ. އެ ވާރޭގެ ތެރޭގައި ހިޔާލްގެ ކަނޑަކަށް ޣަރަގުވާން އަމިއްލަ ނަފްސު ދޫކޮށްލައިގެން ހުރީ އަމިއްލަ ނަފްސަށް މަލާމަތް ކުރާ ހާލުގައެވެ.

ވެހެމުން ދިޔަ ބޯ ވާރޭގެ ސަބަބުން ބިރުވެރިކަން ހިތަށް ވެރިވެފައިވާ އަނާލް އަށް މެއާ ދިމާލުގައި އަތް އަޅާލެވުނީ އެ ހިތް ބިރުގަނެފައިވީ ވަރުންނެވެ. މީހާގެ ނޭވާ ހާސްވާފަދަ އިހްސާސް އެއް ކުރެވުމާއެކު އޭނާ އަށް ތެޅިގަނެވުނީ ދެއަތް ތުރު ތުރު އަޅާ ހާލުގައެވެ. ނޭވާ އަވަސްވެ މީހާގެ މޫނު ހުދު ކަފަކޮޅަކަށް ވިއެވެ. "މަންމާ" އުނދަގުލުން މަންމަ އަށް ގޮވާލުމާއެކު އޭނާ އަށް ހަޅޭއްލަވައިގަނެވުނެވެ.

ފަނޑު އައްޔެއް ވާ އެ ކޮޓަރި ތެރޭގައި އެކަނި އޮތް އަނާލްގެ ނޭވާ ހިނދެއް ހިނދަކަށް ކުރުވަމުން ދިޔައެވެ. "ނާލް... ނާލް... ވަޓް ހެޕެންޑް... ނާލް" ފާހާނާގައި ހުރި ދީމް އަށް އަނާލްގެ ހަޅޭކުގެ އަޑު އިވުމާއެކު އަވަސް އަވަހަށް ނުކުތީ އަނާލް އަށް ކަމެއް ވީ ކަން ޔަގީން ކުރެވުމާ އެކުގައެވެ.

ކޮމެންޓް 0