"ސާރާ" ސާރާ ފިޔަވަޅުތައް މަޑުޖައްސައިލަމުން ލިއަމަށް ބަލައިލިއެވެ.
ލިއަމްގެ މޫނުމަތިން ސާރާއަށް ފެނުނީ ނުތަނަވަސްކަމުގެ އަސަރެވެ. ސާރާ ބަލައިލުމާއެކު, ލިއަމް އޭނާގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިކޮށްލި ނަމަވެސް، ކޮންމެވެސް ވަރެއްގެ ހާސްކަމެއް އެ މޫނުމަތީގައި ވެއެވެ.
"ކީކޭ؟" ލިއަމް އެއްޗެކޭ ނުބުނެ ގިނަ އިރު ވާން ފެށުމުން ސާރާ ސުވާލުކޮށްލިއެވެ. ފުންނޭވާއެއް ދޫކޮށްލި ލިއަމް އޭނާގެ ތުނިކޮށް ފަޅަން ފަށާފައިވާ ތުނބުޅީގައި އަތް ހިންގައިލިއެވެ. ހިތްވަރުކޮށްފައި އޭނާ އެ ހިތުގެ ޙާލު ސާރާގެ ކުރިމަތީގައި ބަންޑުންކޮށްލިއެވެ.
"ސާރާ! އެންމެ ފުރަތަމަ ސާރާ ފެނުނު ދުވަހުވެސް އަހަންނަށް ސާރާ އާ ގަޔާވެވުނު. އަހަރެންގެ ޖަޒުބާތު ތަކަށް ބާރެއް ނުފޯރުވުނު. އަބަދާ އަބަދު ވިސްނެނީ ސާރާއާމެދު. މި އިޙްސާސްތައް ހިންދައިލަން އަހަރެން ވަރަށް މަސައްކަތް ކުރިން، އެކަމަކު... " ލިއަމް ހުއްޓައިލިއެވެ. އޭނާ ސާރާއަށް ބަލައިލިއެވެ. އިވުނު ވާހަކަތަކުން ހުއްޓުން އެރި ސާރާގެ ހިތު ވިންދު އަވަސްވިއެވެ.
ލިއަމްގެ ވާހަކައިން އޭނާގެ ހިތުގައި އުފާވެރިކަމުގެ ރާގެއް ކުޅެވުނު ނަމަވެސް، އެ ޚިޔާލުތަކާ ދުރަށް ދާން އޭނާ ބޭނުންވިއެވެ. ލިއަމަކީ މުސްލިމެއް ނޫނެވެ. އޭނާއަށް ލިއަމްއާ ކައިވެންޏެއް ނުކުރެވޭނެއެވެ.
"ސާރާ" ސާރާގެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބުމާއެކު، ލިއަމަށް ސާރާއަށް ގޮވައިލެވުނެވެ.
ސިހުނު ސާރާ އެއްޗެއް ބުނަން އުޅުނު ނަމަވެސް، އޭނާއަށް އެ ބަސްތައް ދުލު ކުރިއަށް ގެންނަން އުނދަގޫވިއެވެ. ލިއަމްގެ މޫނުމަތިން ފެންނަނީ އުންމީދުގެ ކުލަވަރެވެ. އޭނާގެ ހިތުގައި ހިނގާ ހައިޖާނުގަނޑުގެ ވާހަކަ ލިއަމް ކައިރީގައި ބުނާކަށް ހިތެއް ނުރުހުނެވެ. ހިތްވަރުކޮށްފައި ވާހަކަ ދައްކަން ފެށީ އެއީ ވެސް ކުރިމަތި ލާން ޖެހޭ ހަޤީގަތަކަށް ވީތީއެވެ.
"އަހަރެން... އަހަރެން" ސާރާއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.
"އަހަންނަށް ސާރާ ޙަޤީޤަތުގައިވެސް، ވަރަށް ކަމުދޭ..." ލިއަމް އިތުރު ކޮށްލިއެވެ.
"ލިއަމް... އަހަރެން..." ސާރާ އަނެއްކާވެސް މަޑުޖެހުނެވެ.
"އަހަރެން ސާރާއަށް ވަގުތު ދީފާނަން... އަހަރެން މި އަހަނީ ކައިވެނި ކުރާކަށް ނޫނެއްނު... ދެމީހުން ވާހަކަ ދައްކަން ފެށީމަ އެކަކު އަނެކަކަށް ދަސް ވާނެއެއްނު... އެއްވެސް ކަމެއް އަވަސް އަރުވާލާކަށް ނުބުނަމެއްނު" ލިއަމް ބުނެލިއެވެ.
"ލިއަމް... އަހަންނަށް ލިއަމްއާ ކައިވެނި ކުރުން ހުއްދަ އެއް ނުވާނެ... ކުއްޖަކާ ރައްޓެހި ވެގެން އުޅޭކަށް އަހަރެން ބޭނުމެއް ނުވޭ.. ދީނީ ގޮތުން ވެސް ރަނގަޅު ކަމެއް ނޫން. " ސާރާ ބުނެލިއެވެ.
"ކީއްވެ؟" ލިއަމަށް ލިބުނީ ހައިރާންކަމެކެވެ.
"ލިއަމްއަކީ މުސްލިމަކަށް ނޫން ވީމަ... އަހަންނަށް ހުއްދައެއް ނުވާނެ ލިއަމްއާ ކައިވެނި ކުރާކަށް" ސާރާ އަނެއްކާވެސް ބުނެލިއެވެ. ލިއަމްގެ މޫނުމަތިން މާޔޫސްކަން ފެނުނެވެ. އިސްޖަަހައިލެވުނީ ދެރަވީ ވަރުންނެވެ.
ހަޔާތުގައި އެއްވެސް އަންހެން ކުއްޖެއް ފެނިގެން އޭނާއަށް ސާރާ ފެނިގެން ވާ ގޮތްތަކެއް ނުވެއެވެ.
"އަހަރެން ގަޑި ޖެހެނީ..." ސާރާ ގަޑިއަށް ބަލައިލަމުން ބުނެލިއެވެ. ލިއަމް ބޯ ޖަހައިލިއެވެ. ސާރާ ހިނގައިގަތުމުން ވެސް ލިއަމަށް ހުރެވުނެވެ. އަތުގައި އޮތް ގަނޑުކޮޅަށް ބަލައިލުމާއެކު ތުންފަތުގައި ދަތް އަޅައިލެވުނެވެ. މެއާ ދިމާލުގައި އަތް އަޅައިލެވުނެވެ.
ދުރުގައި މަންޒަރު ބަލަން އިން ޒައިދަށް އެ ދެމެދު ދެކެވުނީ ކޮން ކޮން ވާހަކަ އެއްކަން ނޭނގުނު ނަމަވެސް، އެ ދެމެދުގައި އޮތީ އޮންނަން ނުޖެހޭ ގުޅުމެއްކަން އޭނައަށް އެނގެއެވެ.
"ސާރާވެސް ދީނީ ތާޖު އަޅައިގެން އެ އުޅޭ ގޮތެއް"
ސަލްމާ ކައިރިއަށް ގޮސް، ސާރާ އެ ޒުވާނާ އާ ރައްޓެހިވެގެން އުޅޭ ވާހަކަ ބުނަން ވެސް ބޭނުންވިއެވެ. ދެ ވިސްނުމެއްގައި އިން ޒައިދު ކާރު ދުއްވައިލީ ލިއަމް ގޭތެރެއަށް ވަނުމުންނެވެ.
*****
އެރޭ ނިދަން އޮވެގެން ވެސް ސާރާއަށް ވިސްނެނީ ލިއަމާ މެދުގައެވެ. ލިއަމްއަށް އާ ބަސް ބުނުމަށް ހިތުގެ ކަނަކުން ގޮވި ނަމަވެސް، އޭނަ އެ އަޑަށް އިޖާބައެއް ނުދޭނެއެވެ. އޭނާ ވެސް އެ ޒުވާނާއާ ގަޔާވެއެވެ. އެކަމަކު އެ ދެމީހުން ގުޅުމަކީ ދުވަހަކުވެސް ވާނެ ކަމެއް ނޫނެވެ. ލިއަމް ދީނަށް ޝައުގުވެރި ވިޔަސް އަދި އެއީ މުސްލިމެއް ނޫނެވެ.
ސާރާ ތެދުވެ އިށީނެވެ. ނުތަނަވަސްކަމާއެކު ނިތުގައި ފިރުމައިލެވުނެވެ. ރައްޓެހި ވެގެން އުޅުމަކީ އޭނަ މާ ގަޔާވާ ކަމެއް ނޫނެވެ. އޭނާ ބޭނުންވަނީ ރަނގަޅު ދީންވެރި ކުއްޖަކު އޭނާގެ ޙަޔާތުގެ ބައިވެރިއަކަށް އިޚްތިޔާރު ކުރާށެވެ. މީގެ މަހެއްހާ ދުވަސް ކުރިން އޭނާގެ ކައިވެންޏަށް އެދިގެން ހުށައެޅުމެއް އައި ނަމަވެސް އެ ޒުވާނާ ސާރާއަށް ކަމުނުދާތީ ސަލްމާމެން ގާތު ބުނެގެން އެކަންތައް ނިންމައިލީއެވެ. އޭގެ ފަހުން އަދި އެއްވެސް ހުށައެޅުމެއް ނާދެއެވެ.
ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެވެ.
ޤުރުއާން ކިޔަވާ ކުދިންތައް އައުމުން ސާރާ އެކުދިންނަށް ޤުރުއާން ކިޔަވައިދީ ނިންމާލާފައި ފިލާވަޅުތައް ދަސްކޮށްލުމަށްފަހު، ތިރިއަށް ދިޔައިރު މަންމަ ސަލްމާ ފޯނެއްގައި ސިޓިންރޫމުގައި އިނެވެ.
ސަލްމާ ވާހަކަ ދައްކަމުން ދިޔައީ ދިވެހިން ކަމުން، އެ އުޅެނީ މަންމަގެ ބައްޕަ ފަރާތު އާއިލާގެ މީހަކާ ގުޅައިގެންކަން ސާރާއަށް އެނގުނެވެ.
ސަލްމާއަކީ ޕާކިސްތާން އަންހެނަކާއި ރާއްޖެ ފިރިހެނަކު އިނދެގެން ލިބިފައި ހުރި ކުއްޖެކެވެ. ސާރާގެ އުމުރުން 16 އަހަރު ވަންދެން ސަލްމާ ރާއްޖޭގައި އުޅުނެވެ. އެހެންކަމުން ސާރާއަށް ވެސް ފަރިތަކަމާއެކު ދިވެހިން ވާހަކަ ދައްކަން އެނގެއެވެ. ސަލްމާގެ މަންމައާއި ބައްޕަ ނިޔާވުމާއެކު ސަލްމާ ވެސް ފިރިމީހާއާއި އެކު ޕާކިސްތާނަށް ބަދަލުވީއެވެ.
"ބޮޑުދައިތަ ތަ ގުޅީ؟" ސާރާ އަހައިލިއެވެ. ސަލްމާ ބޯ ޖަހައިލިއެވެ.
"ރާއްޖެ ނުގޮސްގެން ޝަކުވާ ކުރަނީ... ސާރާ އަދިވެސް މީހަކާ އިންނާކަށް ނުވޭހޭ އެހީ؟ ދެން އަންނާނީ ސާރާގެ ކައިވެންޏަށޯ ބުނީ" ސަލްމާ ހީގަތެވެ. ސާރާ ވެސް ހިނިތުންވެލިއެވެ.
"އެހެންތަ؟" ސާރާ ބުނެލިއެވެ.
"އެ ކޮޅުން ކުއްޖަކު ހޯދަ ދޭންހޭ އެހީ؟ ނޫނީ މިކޮޅުން ކުއްޖަކު ހޯދަން ވީ ނޫންހޯ؟ އެކޮޅުގަ ގިނައިން އުޅޭނީ ކުދިންނާ ރައްޓެހިވެގެންނޯ" ސަލްމާ ބުނެލިއެވެ.
"މި ވީ ގޮތުން ދެން މީހަކާ އިނދެގެން ދޯ ރާއްޖެ ދެވެން އޮތީ؟ " ސާރާ ވެސް ހީގަތެވެ.
*****
ޒައިދު ގެއަށް ދިޔައިރު ފަޒީލާއާއި ވާސިމާއި ދެމީހުން ތިބީ ސިޓިން ރޫމުގައެވެ. ޒައިދު ފެނުމާއެކު ވާހަކަ ހުއްޓައިލިއެވެ. މަޑު ފިޔަވަޅުތަކެއްގައި ޒައިދު އައިސް މަޑުކޮށްލިއެވެ.
"ބައްޕާ... އަޅުގަނޑު ސާރާ އާއި ކައިވެނި ކުރަން ތައްޔާރު، އެކަމަކު އަޅުގަނޑު ބޭނުންވަނީ ކައިވެންޏަށްފަހު އިނގިރޭސި ވިލާތަށް ދާން..." ޒައިދު ބުނެލިއެވެ.
އޭރު އެމޫނުމަތީގައި ވަނީ ބުނެދޭން ނޭނގޭ އަސަރެކެވެ. ފަޒީލާގެ މޫނުމަތިން ހައިރާންކަން ފެނުނެވެ.
ވާސިމު ވެސް ހިސާބަކަށް ހައިރާންވިއެވެ. އިރުކޮޅަކުން އެ ދެމީހުންގެ މޫނުމައްޗަށް ވެސް ވެރިވީ ހިނިތުންވުމެކެވެ.
"ޚިޔާލު ބަދަލުވީތަ؟" ވާސިމު އަހައިލިއެވެ.
ޒައިދު ބޯ ޖަހައިލިއެވެ. އެއަށްފަހު ލަސް ނުކޮށް އޭނަ ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ. މައްޗަށް އަރާ ކޮޓަރިއަށް ވަދެ އެނދު މައްޗަށް ވެއްޓިގަތުމާއެކު، ޒައިދަށް ބާލީސް މޫނުމަތީގައި އަޅައިލެވުނެވެ.
"ކީކޭ ކިޔާފަތަ މަށަށް މި އާ ދެވުނީ" ޒައިދަށް އަމިއްލަ ނަފުސަށް ބުނެވުނެވެ. އޭނާ ތެދުވެ އިށީނެވެ.
އެއްމިޔަކަށް ހީލީ ސާރާއާ ލިއަމްއާ ދެމީހުން އޭނާގެ ޚިޔާލުގެ ލޯގަނޑަށް ސިފަ ވުމުންނެވެ.
"ލިއަމް... ސާރާ ވާނީ އަހަރެންގެ މީހަކަށް" ޒައިދު އޭނާގެ މޭގައި އަތް ޖައްސައިލިއެވެ.
ރޭގަނޑުގެ ކެއުމުގެ ވަގުތުގައި ވާހަކަ ދެކެވުނީ އެ ވާހަކަ ދައްކަން ސަލްމާމެން ގެއަށް ދިޔުމާއި ބެހޭގޮތުންނެވެ. އެމީހުން ނިންމީ މާދަމާ ރޭ އެގެއަށް ދާށެވެ. ލަސްކުރާކަށް ބޭނުމެއް ނުވިއެވެ.
ޒައިދުގެ ޚިޔާލު ބަދަލުވީތީ ވާސިމާއި ފަޒީލާއާ ދެމީހުން ތިބީ ވަރަށް އުފަލުންނެވެ.
ދަރިފުޅު... ކީއްވެ ކައިވެންޏަށްފަހު އެ ކޮޅަށް ދާން ބޭނުންވަނީ؟ އިތުރަށް ކިޔަވަން ބޭނުން ވަންޏާ ، މިކޮޅުގައިވެސް ކިޔެވޭނެއެއްނު" ވާސިމު ބުނެލި އެވެ.
"އަޅުގަނޑަށް އެ ޔުނިވާސިޓިން ސްކޮލަޝިޕް ވެސް ލިބިފަ އިންކަން ބައްޕައަށް އެނގިލައްވައެއް ނޫންތޯ؟ އެ ފަދަ ފުރުސަތެއް ދޫކޮށްލާކަށް ބޭނުމެއް ނޫން... އެކޮޅުން މާސްޓާސް ނިންމާފަ މިކޮޅަށް އާދެވޭނެއެއްނު" ޒައިދު ވިސްނުންތެރި ކަމާއެކު ވާހަކަ ދެއްކިއެވެ.
އޭނާ އެއް ގޮތަކަށް ވެސް ޕާކިސްތާނުގައި އުޅޭކަށް ބޭނުމެއް ނޫނެވެ. އޭނާގެ މިނިވަންކަމަށް ބުރޫ އަރާނެތީއެވެ. ސާރާ އާއި ކައިވެނި ކޮށްގެން އެކޮޅަށް ގޮސް ވެސް ބޭނުން ގޮތަކަށް އުޅެވިދާނެއެވެ. ސާރާއަކީ އަންހެން ކުއްޖެކެވެ. އޭނާ އުޅޭ ގޮތަކަށް ބަސް ކިޔައިގެނެއް ނުވާނެއެވެ. ސާރާ ހުންނަން ޖެހޭނީ އޭނަ ބެހެއްޓި ހިސާބެއްގައެވެ. އޭނާ ޤަބޫލު ކުރާގޮތުގައި، ކައިވެނި ކުރިއެއްކަމަކު އޭނާގެ އުޅުމަށް ބަސް ކިޔޭނެ މީހަކު ހުރިގެނެއް ނުވާނެ އެވެ.
ފަޒީލާ ވާސިމަށް ބަލައިލާ ބޯ ޖަހައިލިއެވެ. އެ މީހުންގެ އެދުމަށް ޒައިދު އެ ވަރުގެ ބޮޑު ނިންމުމެއް ނިންމާއިރު ޒައިދަށް ވެސް އެމީހުންނަށް ކޮންމެވެސް، ކަމެއް ކޮށްދެވެން ވާނެއެވެ. ޒައިދު އެ ބުނަނީ ކިޔަވާ ނިމިގެން އަންނާނެ ކަމުގައެވެ. ފަޒީލާގެ ހިތުގައި އުންމީދުގެ ހުޅުކޮޅެއް ދިއްލުނެވެ. ޒައިދުގެ ބަހާ ދެކޮޅު ހަދައިގެން ދެބަސް ވާކަށް އޭނާ ބޭނުމެއް ނުވެއެވެ.
ފަޒީލާގެ އެދުމަށް ވާސިމު ވެސް އެންމެ ފަހުން އެއްބަސް ވިއެވެ. ކައިގެން ޒައިދު މައްޗަށް އެރުމާއެކު ވާސިމާއި ފަޒީލާއާ ދެމީހުން މަޑުކޮއްލީ ސިޓިން ރޫމުގައެވެ.
"ކުއްލިއަކަށް ޒައިދު އެއްބަސްވީ ކީއްވެ ބާއޭ މި ހިތަށް އަރަނީ؟" ވާސިމަށް ބުނެވުނެވެ.
"ވިސްނުނީ ކަމަށް ވާނީ، ބައެއް ކަންކަމުގައި ތަންކޮޅެއް ބޯ ހަރު ގޮތެއް ހުއްޓަސް އެއީ އަހަރެމެންނަށް އަބަދު ވެސް އިޙްތިރާމް ކުރާ ކުއްޖެއްނު. އޭނަ އަދިވެސް ކިޔަވަން ބޭނުންވާތީ އެ ކޮޅަށް ދާން އެ ނިންމީ... އަނެއްކޮޅުން ސާރާއަކީ ވެސް ރަނގަޅު ކުއްޖެއް... ކިޔަމަންތެރިވާނެ... އެކަހަލަ ކުއްޖެއް ލިބޭކަމީ ވެސް ކިހާ ބޮޑު ނަސީބެއްތަ؟ ޒައިދު ކިޔަވާ ނިމިގެން އަންނާނެއެއް ނޫންތަ؟ އޭރުން ސާރާ ވެސް ހުންނާނީ އަހަރެން ކައިރީގަ!" ފަޒީލާ ބުނެލިއެވެ.
އޭނާގެ އަޑުން އެކަނިވެސް އުފާވެރިކަން ހާމަ ވަމުން ދިޔައެވެ. މިރޭން މިރެއަށް ވެސް އޭނާ ބޭނުންވަނީ ސަލްމާއާއި އެވާހަކަ ދައްކާށެވެ. އެހެންނަމަވެސް އޭނަ ކެތްތެރިވިއެވެ.
*****
ސާރާ ކުޑަ ދޮރު ހުޅުވައިލިއެވެ. އިއްތިފާގުން ލިއަމަށް ވެސް ހުރެވުނީ ކުޑަދޮރު ކައިރީގައެވެ. ލިއަމް ފެނުމާއެކު ސާރާއަށް އިސްޖަހައިލެވުނެވެ.
ސާރާއަށް ބަލަހައްޓައިގެން ހުރި ލިއަމަށް ވެސް ހުރެވުނީ ހުއްޓުން އަރާފައެވެ. އިއްޔެ ސާރާ ދިން ޖަވާބު ހިތުގައިވާތީ، ލިއަމްގެ ހިތުގައި އަދިވެސް ރަސްކަން ކުރަނީ މާޔޫސްކަމެވެ.
އޭނާ ދެ ވިސްނުމެއްގައި ހުރެފައި ގޮސް ނޯޓު ފޮތުގައި ކޮންމެވެސް އެއްޗެއް ލިޔެލިއެވެ. ބޮނޑިކޮށްލުމަށްފަހު ސާރާއާ ދިމާލަށް އެއްލިއެވެ. ސާރާ އެ ގަނޑުކޮޅު ހިފަމުން ނިއުޅުވައިލާ އޭގައި އޮތް އެއްޗެއް ކިޔައިލިއެވެ.
"އަހަރެން ހަމަ ހަޤީގަތުގައި ވެސް ސާރާ ދެކެ ލޯބިވޭ"
ސާރާއަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ. އިސް އުފުލާ ލިއަމަށް ބަލައިލިއިރު، ލިއަމްގެ މޫނުމަތިން ފެނުނު އަސަރުތަކުން އޭނާގެ ހިތަށް ވެސް ގޮތްތަކެއް ވިއެވެ. އިތުރަށް އެ މޫނަށް ބަލަން ހިތްވަރު ނެތުމާއެކު އޭނާ ދޮރު ލައްޕައިލިއެވެ.
ލިއަމަށް ދެލޯ މަރައިލެވުނެވެ. އޭނާއާއި ސާރާއާއި އޮތް ގުޅުން އެކީ ނިމުނީހެއްޔެވެ؟
އަނެއް ދުވަހު ސާރާ ޔުނިވާސިޓީއަށް ދިޔަ ގަޑީގައި ލިއަމް ނުކުތެވެ. އޭނާ ބޭނުންވީ ސާރާއާއި ވާހަކަ ދައްކައިލާށެވެ. އިތުރަށް އޮޅުން ފިލުވަން އޭނަ ބޭނުންވިއެވެ. ސާރާ ދޫކޮށްލާކަށް އެ ހިތް ނޭދެއެވެ. އޭނާ އިސްލާމް ވެއްޖެއްޔާ ސާރާއަށް އޭނައާ ކައިވެނި ކުރެވޭނެހެއްޔެވެ؟ތ
ލިއަމްގެ ހިތަށް އުނދަގޫވަނީއެވެ. ދޭތެރެ ދޭތެރެއިން ޒައިދުގެ ބަސްތައް ވެސް އޭނާގެ ކަންފަތުގައި ގުމުގައެވެ.
ގޭޓުން ނުކުތް ސާރާގެ ލޮލުގައި ލިއަމް އަޅައިގަތުމާއެކު ،އޭނާއަށް ވެސް އިސްޖަހައިލެވުނެވެ. ސާރާއަށް ބަލައިލި ލިއަމް ވާހަކަ ދައްކަން އުޅުނެވެ. ލިއަމް ސާރާއަށް ގޮވައިލިއެވެ.
"އަހަރެންގެ ބައެއް ސުވާލުތައް އެބަހުރި" ގަނޑުކޮޅު ދިއްކޮށްލަމުން ލިއަމް ބުނެލިއެވެ. އިތުރު އެއްޗެއް ބުނާނެހާ ހިތްވަރެއް ލިއަމްގެ ނެތެވެ. އެހެންވެ ރޭގައި އޭނާގެ ހިތުގައި އުފެދުނު ސުވާލުތައް ލިޔުނު ކަރުދާސް ކޮޅު ސާރާއަށް ދިއްކޮށްލިއެވެ.
ސާރާ އެ ގަނޑުކޮޅުގައި ހިފިއެވެ. އެއަށްފަހު ހިނގައިގަތެވެ. އެ މަންޒަރު ޒައިދުގެ ލޮލުގައި އަޅައިގަތް ކަމެއް އެކަކަށް ވެސް ނޭނގެއެވެ.
"ލިއަމް... މާ ގިނަ ދުވަހެއްނުވެ ސާރާ ވާނީ މަގޭ މީހަކަށް" ޒައިދު ހިނިތުންވެލިއެވެ. މިއަދު އޭނާގެ ތުންފަތް މަތީގައި ވަނީ ކާމިޔާބުގެ ހިނިތުންވުމެކެވެ. ހީވާ ކަހަލަ އެވެ. އޭނާއަށް ބޭނުންވާ ކަންތައް ފުރިހަމަވަނީއެވެ.
*****
ފަޒީލާމެން ސަލްމާމެން ގެއަށް އައިއިރު ރޭގަނޑު ނުވައެއް ޖަހަނީއެވެ.
"އަނހާ... ޒައިދު ވެސް ގޮވައިގެންދޯ" ސަލްމާ ބުނެލިއެވެ.
އޭނާ ފަޒީލާ މެން އެތެރެއަށް ވައްދާފައި އިށީންނަން ސޯފާތައް ދައްކައިލިއެވެ. ފަޒީލާ އޭނާގެ އަތުގައި އޮތް ހަދިޔާ ކޮތަޅު ސަލްމާއަށް ދިއްކޮށްލަމުން ސޯފާގައި އިށީނެވެ. "
ހަދިޔާ ވެސް ހިފައިގެން ދޯ ތިއައީ... އެބަ އަންނަން ފާރޫޤަށް ގޮވައިލާފަ... މާ މުހިންމު ވާހަކަ އެއް ދައްކަން ވެފަ އޮތް ވާހަކަ ބުނީމަ ފާރޫޤުވެސް ބޭރަށް ދާން އުޅެފަ މަޑުކޮށްގެން އެބަހުރި" ސަލްމާ ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ.
"އަނހާ... ވާސިމު"
ސަލްމާގެ ފަހަތުން އައި ފާރޫޤު ވާސިމާ ކޮނޑާ ކޮނޑު ޖައްސާ ސަލާމް ކޮށްލިއެވެ.
"ކޮބާތަ ސާރާ؟ ނުވެސް ފެނޭ" ފަޒީލާ ބުނެލިއެވެ.
"އަންނާނަށް ގޮވައިގެން..." ސަލްމާ ހިނގައިގަތެވެ. އޭނާ އެނބުރި އައި އިރު އައީ ސާރާ ގޮވައިގެންނެވެ.
"އެންމެން އަންނަ ވާހަކަ ބުނީމަ ހުންނާނެ ބިރިޔާނީ އާ ކުކުޅު ރިހަ ވެސް ހަދާފަ... " ސަލްމާ ބުނެލިއެވެ.
"އެހެންތަ... އެކަމަކު ކާން އުޅޭނީ މި ދައްކަން އައި ވާހަކަ ދައްކާފަ ދޯ... ސާރާ އާދެބަލަ އިށީންނަން" ފަޒީލާ ބުނެލިއެވެ.
ސާރާ ސަލްމާއަށް ބަލައިލާފައި އައިސް ފަޒީލާ ކައިރީގައި އިށީނެވެ.
"ދެން އަވަހަށް ތި ވާހަކަ ފަށަމާ" ފާރޫޤު ބުނެލިއެވެ.
އޭނާގެ ހިތުގައި ހިސާބެއްގެ ޝައްކެއް ހިނގައިގަތެވެ.
"އާނ... އަހަރެމެން މި އައީ ހުށައެޅުމެއް ހިފައިގެން... ސާރާއާއި ޒައިދު ވެސް މިހާރު އެ ތިބީ ފުރާ ފުރިހަމަ ވެފަ... އަހަރެމެން ވެސް ޒައިދަށް ބޭނުންވަނީ ސާރާ ފަދަ ކުއްޖަކު... އެހެންވެ މިއައީ... އަހަރެން ބޭނުންވަނީ ސާރާއާއި ޒައިދު ކައިވެނީގެ ގުޅުމުން ގުޅެން" ވާސިމުގެ ވާހަކައާއެކު ސާރާއަށް ލިބުނު ސިހުމުގައި ތެދުވެވުނެވެ.