ބޮޑަށް ހީވަނީ ދުއާ އެއް ހެންނެވެ.
ކިޔަވަނީ ކޯންޗެއްކަން ނޭނގުނު ނަމަވެސް ލިއަމްގެ ހިތުގައި އެއާމެދު ޝައުގުވެރިކަން އުފެދިއްޖެއެވެ. އޭނާ އެންމެ ބޮޑަށް ހައިރާންވީ އެ އަޑު އިވިގެން އޭނާގެ އެރެރެހަށީގައި އުފެދުނު އާދަޔާ ޚިލާފު އިޙްސާސްގެ ސަބަބުންނެވެ. އަދި އެހިތަށް ވެރިވި މަޑުމޮޅިކަމާއި ހިމޭންކަމުގެ އަސަރުތަކުގެ ސަބަބުންނެވެ. އަޑު ކެނޑެން ދެން އެ އަޑަށް ސަމާލުކަން ދީގެން ލިއަމްއަށް ހުރެވުނެވެ. އިތުރަށްވެސް އެ އަޑު އެހުމުގެ ޝައުގުވެރިކަން އޭނާގެ ހިތުގައި އުފެދުނެވެ.
އޭނާ ޓެރެސްއަށް ނުކުމެލިއިރު އިރުއޮއްސެން ކައިރިވަނީއެވެ. ޓެރެސްގައި ހުރި ގޮނޑީގައި އިށީންތާ މާގިނަ އިރެއްނުވެ ބަންގީގެ އަޑު އެ ކަންފަތުގައި ޖެހުނެވެ. އެ އާއެކު އަނެއްކާވެސް އޭނާއަށް އަސަރުތަކެއް ކުރުވައިފިއެވެ. ބަންގިއަކީ ކޮބައިކަމާއި ކޯންޗެއްކަން ލިއަމްއަކަށް ނޭނގެއެވެ. އެއީ ބަންގީގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނު ފުރަތަމަ ފަހަރެވެ. އެ އަޑަށް ސަމާލުކަން ދީގެންއިންދައި ލިއަމްއަށް ސިހުންގެނުވީ ފޯނު ރިންގުވުމާއި އެކުގައެވެ. ބަލާލިއިރު ގުޅަނީ ލޫކްއެވެ.
"އަހަރެން ޔޫކޭއަށް ފުރާއިރު ސައިކަލު ގެންދާކަށް ބޭނުމެއްނޫން، ލިއަމް މިކޮޅުގައި ހުންނައިރު ބޭނުން ކުރެވޭނެއެއްނު... މާދަމާ ސައިކަލު ހަވާލުކޮށްލަން ދާނަން" ލޫކް ބުނެލިއެވެ. ލިއަމް އެއްބަސްވަމުން ފޯނު ބޭއްވިއިރު އެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ.
ލިއަމް އެތެރެއަށް ވަނީ ބަންގި ނިމުމާއެކުގައެވެ. އޭނާ ކޮޓަރީގެ ކުޑަދޮރު ހުޅުވާލިއިރު ޖެހިގެން ހުރި ގޭގެ ކޮޓަރީގެ ކުޑަދޮރު ހުރީ ލައްޕާފައެވެ. ފޫހިކަމާއެކު ލިއަމް ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. ވެފައިހުރި ވަރުބައްޔާއެކު ނިދޭކަށް މާގިނަ އިރެއް ނުނެގިއެވެ.
***
ޖެހިގެން އައި ދުވަހު ލޫކް ލިއަމްއަށް ސައިކަލު ގެނެސްދިނެވެ.
"ލައިސެންސް ނޯންނަންޏާ އެކަމާވެސް އުޅެވިދާނެ" ލޫކް ބުނެލިއެވެ. ކޮފީއެއް ހަދާލައިގެން ދެމީހުން ނުކުތީ ޓެރެސްއަށެވެ.
"މިއަދު ހެނދުނު އަހަރެން ވައިފައި ގުޅައިދޭ މީހުން ފޮނުވިން... ވައިފައި ބަރާބަރު ދޯ" ގޮނޑީގައި އިށީންނަމުން ލޫކް ލިއަމްއަށް ބަލާލިއެވެ.
"އާނ... " ލިއަމް ކުރު ޖަވާބެއް ދިނެވެ. "އަދިވެސް އަހަރެން ގާތު ނުބުނަމެއްނު މީ ކޮން ދަތުރެއްކަން" ލޫކް ޝައުގުވެރިކަމާއިއެކު ސުވާލުކޮށްލިއެވެ.
"ފޮތެއް ލިޔަންވެގެން މައުލޫމާތު އެއްކޮށްލަން ވެގެން" ލިއަމް ލުއި ހިނިތުންވުމެއް ލޫކްއަށް ހަދިޔާކޮށްލިއެވެ.
"އަދިވެސް އެކަމުގަ ދޯ" ލޫކް ހިނިގަނޑެއް ޖަހާލިއެވެ.
އިރުކޮޅަކު ވާހަކަ ދައްކާލާފައި ލޫކް ދިޔުމުން ލިއަމް އެނބުރި ކޮޓަރިއަށް އައިސް ކުޑަ ދޮރު ހުޅުވާލިއެވެ. ކުރީ ދުވަހެކޭ އެއްގޮތަށް ލިއަމްއަށް މިފަހަރުވެސް އެ އަންހެން ކުއްޖާ ފެނުނީ ފުރަގަހަތުންނެވެ. އެ އިސްތަށިގަނޑުގެ ފުރިހަމަކަމަށް ހިތާހިތުން ތައުރީފް ކުރެވުނެވެ. އެ ކުއްޖާ ފަހަތަށް އެނބުރިލަން އުޅޭހެން ހީވެ ލިއަމް އަވަސް އަވަހަށް އެ ކުޑަ ދޮރު ލައްޕާލިއެވެ. އޭރު އޭނާގެ ތުންފަތް މަތީގައި ލުއި ހިނިތުންވުމެއް ވެއެވެ.
ހަވީރު ގަޑީގައި ލިއަމް ގެއިން ނުކުތީ ކައިރި ހިސާބުތަކުގައި މީހުން އުޅޭ ގޮތް ބަލާލުމުގެ ބޭނުމުގައެވެ. މަގުމަތީގައި އުޅޭ ހުރިހާ އަންހެނުން ކަހަލަ ގޮތަކަށް ތިބެނީ އިސްތަށިގަނޑު ނިވާކޮށްފައެވެ. ނޫނީ ދޯޕައްޓާ އެއްލާފައި އިސްތަށިގަނޑު ކޮންމެވެސް ވަރަކަށް ނިވާކޮށްލާފައެވެ. ގިނަ މީހުންގެ ނަޒަރު ލިއަމްއަށް ހުއްޓެމުން ދިޔައީތީ އޭނާއަށް އެކަމުން އުނދަގޫ ވަމުންދިޔައެވެ.
ލިއަމްއަށް ލިބިފައިވަނީ ހުދު ދޮން ހަންގަނޑަކާއި ބޮލޮންޑް ކުލައިގެ އިސްތަށިގަނޑެކެވެ. ގުދުރަތުން އޭނާއަށް ދެއްވާފައިވަނީ މަޑުމުށިކުލައިގެ ކަޅިއެކެވެ. ކަންފަތުގެ ފޫޅު ތޮރުފާފައި ކުޑަ ބޮޅެއް އަޅުވާލާފައިވެއެވެ. ލިއަމްއަކީ އަބަދުވެސް ހުޅަނގުގެ އެންމެ ފަހުގެ ފެޝަނަށް ލޯބިކުރާ މީހެކެވެ.
މަޢްރިބް ނަމާދު ބަންގި ގޮވި ގަޑީގައި އިއްތިފާގަކުން ލިއަމްއަށް ހުރެވުނީ މިސްކިތެއްގެ ކުރިމަތީގައެވެ. މިސްކިތަށް ވަންނަމުން ދިޔަ މީހުންގެ ތެރެއިން ގިނަބައެއްގެ ބޮލުގައި ތާކިހަލެއް އަޅާފައިވެއެވެ. އިރުކޮޅަކު މީހުން މިސްކިތަށް އަރާތަން ބަލަން ހުރެފައި އޭނާ ހިނގައިގަތެވެ. ގެއަށް އައިސް މައްޗަށް އަރާ ކޮޓަރިއަށް ވަނެވެ. އެއަށްފަހު އެނދުމަތީގައި އިށީނދެ ލެޕްޓޮޕް ހުޅުވާލިއެވެ.
މިސްކިތާއި ބެހޭގޮތުން އޭނާ ފުރަތަމަ މައުލޫމާތު ހޯދިއެވެ. އެއަށްފަހު ބަންގިއާ ބެހޭގޮތުންނެވެ. ވީޑިއޯއެއް ޕްލޭކޮށްލުމާއެކު އޭނާ ބަންގި އަޑުއަހަން ފެށިއެވެ. ތިރިއަށް މާނަ އަރަމުން ދިޔައެވެ. މާނައާއިއެކު އަޑުއެހުމުން އެހިތަށް އާދަޔާ ޚިލާފުއަސަރުތަކެއް ކުރިއެވެ. ހީވަނީ ސީދާ އޭއަށް އަށް ގޮވާލާހެންނެވެ.
ލެޕްޓޮޕް ލައްޕާލަމުން ލިއަމް ދެފަރާތަށް ބޯ ހޫރާލިއެވެ. އޭނާއަށް މިވަނީ ކީއްހެއްޔެވެ؟ މިއީ ރަނގަޅު ގޮތެއްނޫނެވެ. އިސްލާމްދީނުގެ އެއްވެސް ކަމަކަށް ޝައުގުވެރިކަން އުފެދިގެން ދިޔުމަށް ލިއަމް ބޭނުމެއްނޫނެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މުސްލިމުންނަކީ ޓެރެރިސްޓުންނެވެ. އިސްލާމްދީނުގައި އަންހެނުންގެ ހައްގުތަކަށް ރައްކާތެރިވެފައެއް ނުވެއެވެ. ކުޑަކުދިންގެ ހައްގުތަކަށް ރައްކާތެރިވެފައެއް ނުވެއެވެ. ހަޤީގަތުގައި އިސްލާމްދީނުގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށްދީފައިވާ މިންވަރާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދީފައިވާ މިންވަރު ލިއަމްއަށް އަންދާޒާ ކޮށްލެވިފައި ނުވެއެވެ.
ރޭގަނޑު ކައިގެން ނިދަން އެނދުގައި އޮށޯތުމާއެކު ލިއަމްއަށް އެ އަންހެން ކުއްޖާގެ ހަނދާންތައް އުނދަގޫ ކުރަން ފެށިއެވެ. އޭރު ފަހަރެއްގައިވެސް އެ ކުއްޖާއަކީ މުސްލިމް އަންހެން ކުއްޖަކަށް ވެދާނެ ކަމާއިމެދު އޭނާއަށް ވިސްނިފައިނެތެވެ. އެ އަންހެން ކުއްޖާގެ މޫނު ދުށުމުގެ ޝައުގުވެރިކަން އޭނާގެ ހިތުގައި އުފެދުނެވެ. މިހާވަރަށް ނުވެސް ދަންނަ ކުއްޖަކާއި މެދު ޝައުގުވެރިވާންވީ ސަބަބެއް ލިއަމްގެ ސިކުނޑިއަކަށް ނުވިސްނުނެވެ.
ކުޑަދޮރު ހުޅުވާލި ލިއަމްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެ ކޮޓަރީގައި އެއްވެސް މީހަކު ނޫޅޭކަން ޔަގީންވުމުން އޭނާ ގޮސް ލިޔާ މޭޒު ކައިރީގައި ހުއްޓުނެވެ. އެއަށްފަހު އޭނާ ގެންގުޅޭ ނޯޓު ފޮތަކުން ގަނޑެއް ކަނޑާލިއެވެ. އެ ގަނޑުގައި އޭނާ ކޮންމެވެސް އެއްޗެކޭ ލިޔެލިއެވެ. އެއަށްފަހު ތިރީގައި "އެލް" އަކުރެއް ޖަހާލާ އޭނާ އެ ގަނޑު ހިފައިގެން ގޮސް ކުޑަދޮރު ކައިރިއަށް ހުއްޓުނެވެ.
އެ ގަނޑު ބޮނޑިކޮށްލުމަށްފަހު އެ ކޮޓަރިތެރެއަށް އެއްލިއެވެ. އެއަށްފަހު ކުޑަދޮރު ލައްޕާލިއެވެ.
ކުޑަކަމަކު ސަލްމާއަށް އެހީތެރިވާން އުޅެފައި ސާރާ ކޮޓަރިއަށް ވަނެވެ. އޭރު ރޭގަނޑު ގަޑިން ނުވައެއް ޖަހަނީއެވެ. އަޅާލި ފިޔަވަޅާއެކު ފައިގައި އެއްޗެއް ޖެހުނެވެ. ބޮނޑިކޮށްފައި އޮތް ކަރުދާސްގަނޑު ފެނި ހިސާބަކަށް ހައިރާންކަމެއް ވެރިވިއެވެ. މިއަދު އޭނާ އެއްވެސް ފޮތަކުން ގަނޑެއް ކެނޑި ހަނދާނެއްނުވެއެވެ. ދެ ވިސްނުމެއްގައި ހުރެ ސާރާ އެ ގަނޑު ނިއުޅުވާލާ އޭގައި އޮތް އެއްޗެއް ކިޔާލިއެވެ.
"ހައި..." "އެލް" ތިރީގައި އެލް އަކުރެއް ޖަހާފައިވެއެވެ. ސާރާއަށް ވަށައިގެން ހޯދާލެވުނެވެ. ހުޅުވާފައި ހުރި ކުޑަދޮރާ ދިމާލަށް ހިނގައިގަތް އިރު އެއީ ކާކުގެ ކަމެއްބާއޭ ހިތަށް އެރިއެވެ. ކުޑަދޮރުން ބޯ ދީ ތިރިބަލާލިއެވެ.
މިއީ އަނެއްކާ ހިސާބުގަނޑުގެ ކުދިވެރިން ޖެހި ސަކަރާތެއްހެއްޔެވެ؟ ޖެހިގެން ހުރި ގޭ ކުޑަ ދޮރަށް ނަޒަރު ހުއްޓުމާއެކު ސާރާ ހިތާ ހިތާ ވާހަކަ ދެއްކިއެވެ.
"އެގޭގައި އެއްވެސް މީހަކު ނޫޅޭނެ... ދެން ކާކުބާ މި ކަހަލަ ކަމެއް ކުރާނީ؟ ތިރީގައި ހުރެފައި ސީދާ މިކޮޓަރިތެރެއަށް ގަނޑުކޮޅު އެއްލޭނެބާ؟" ތަފާތު ހިޔާލުތަކުން ސާރާގެ ސިކުނޑި ފުނިޖެހެމުން ދިޔައެވެ. އެއީ މީހަކު ޖަހާލި ސަކަރާތެއްކަމަށް ނިންމާ އެ ގަނޑުކޮޅު ގެންގޮސް ޑަސްބިނަށްލުމަށްފަހު ސާރާ ގަސްތުކުރީ ޔުނިވާރސިޓީ ފިލާވަޅުތައް މުތާލިއާ ކޮށްލާށެވެ.
މިއަދު ލިއަމްގެ ކެމެރާގައި އޭނާ ރައްކާކުރި ފޮޓޯތައް ލެޕްޓޮޕަށް އަޅާލަމުން އޭގެތެރެއިން އޭނާ ބޭނުންވާ ފޮޓޯތައް ވަކިކުރިއެވެ. ވެފައި ހުރި ވަރުބައްޔާއެކު ލިއަމް ފާހާނާއަށް ވަދެ ފެންވަރާލައިގެން ނުކުތެވެ.
އެނދުމަތީގައި އޮށޯވެ ފޯނުން ފޭސްބުކަށް ވަދެލާ ނިއުސްފީޑް ހާވަންފެށިއެވެ. އެންމެ ގާތް އެކުވެރިޔާ އެރިކްގެ މެސެޖެއް އައީ އެވަގުތެވެ.
"ލިއަމް! ކޮބާ ކަންތައްތައް ކިހިނެއް؟"
"ކަންތައްތައް ބަރާބަރު... މަސައްކަތް އަދި ރަނގަޅަށް ނުފެށިގެން މިއުޅެނީ" ލިއަމް ޖަވާބުގައި ބުނެލިއެވެ.
"ބަލައިގެން އުޅޭތި، ވަރަށް ހަރުކަށިވާނެ ތިތާ މީހުން، ކަލޭއަކީ މުސްލިމެއްނޫންކަން އެނގިއްޖެއްޔާ އެމީހުން ކެލެއަށް ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެ" އެރިކް އެކުވެރިޔާ އާމެދު ކަންބޮޑުވުން ފާޅުކުރިއެވެ.
"އެރިކް ހާސްނުވޭ، އަހަރެން މިއުޅެނީ ވަރަށް ބަލައިގެން" ލިއަމް ޖަވާބުދިނެވެ.
ދެދުވަސް ފަސް ***********
ހަވީރު ފަހެއްޖަހަނީއެވެ.
"މަންމާ..." ސަލްމާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލަމުން ސާރާ ގޮވާލިއެވެ. ސަލްމާ ދޮރު ހުޅުވާލިއެވެ. އޭރު އޭނާ ހުރީ ބޭރަށް ދާން ތައްޔާރުވެގެންނެވެ.
"މަންމަ ބުނި އެއްޗެހި ތައްޔާރު ކޮށްލައިފިންތަ؟" ސަލްމާ އަހާލިއެވެ.
"ދެ އާފަލާއި ހަތަރު އޮރެންޖާ ދެން މެންޑެރިންކޮޅެއްލީ..." ސާރާ ބުނެލިއެވެ.
ސަލްމާއާއި ސާރާއާއި ދެމީހުން ގޭން ނުކުތްއިރު ފާރޫޤު ބޭރުގައި އުޅެފައި އައިސް ގެއަށް ވަންނަނީއެވެ.
"އަނހާ... ކޮންތާކަށް؟" ފާރޫޤު ސުވާލުކޮށްލިއެވެ.
"ފަޒީލާ މިއަދު ގެއަށް ދޫކޮށްލި ވާހަކަ ބުނެގެން އެގެއަށް ގޮސްލަންކަމަށް މިނުކުތީ؟" ސަލްމާ ޖަވާބުދިނެވެ.
"އެހެންތަ؟ އަހަރެން އަޑު އެހިން ފަޒީލާގެ ދަރިފުޅު ޒައިދު ވެސް މިކޮޅުގަ އުޅޭ ވާހަކަ؟ ވާސިމު ގޭގަ އުޅެންޏާ އަހަރެންގެ ސަލާމް ބުނެލަދޭތި އިނގޭ، އަދި ބުނާތި މި ދުވަސްކޮޅު އޮފީސް ބުރަކަމުން ދިމާކޮށްލެވޭ ގޮތެއް ނުވެގެނޭ މިއުޅެނީ" ފާރޫޤު ބުނެލިއެވެ.
ސަލްމާމެން އުޅޭ ގެ އާއި އެކުވެރި ފަޒީލާމެންގެ އެހާ ދުރުނޫންކަމުން ސާރާއާއި ދެމީހުން ގަސްތުކުރީ ހިނގާލާފައި އެގެއަށް ދާށެވެ.
"އައްސަލާމް ޢަލައިކުމް" ސަލްމާ ދޮރުމައްޗަށް އަރާފައި ސަލާމް ގޮވައިލިއެވެ. ސާރާ ގޯތިތެރެއަށް ވަށައިގެން ބަލާލިއެވެ. ދެ ބުރިއަށް ނަގާފައިވާއިރު ބޭރުގައި އޮތް ހުސްޖާގައިގައި ތަފާތު ވައްތަރުގެ މާގަސްހައްދާފައިވެއެވެ. ސާރާމެންގޭ ގޯއްޗާ ބަލާފައި އެ ގޯތި ނުހަނު ބޮޑެވެ.
"ވަޢަލައިކުމް ސަލާމް" ސަލާމްބަލައިގަނެފައި ވާސިމު އެތެރެއަށް ވަނުމަށް ދައުވަތުއެރުވިއެވެ.
އެމީހުން އެގެއަށް ބަދަލުވީ މީގެ މަހެއްހާދުވަސް ކުރިން ކަމަށްވުމާއެކު ސާރާވެސް އެގެއަށް އެއައީ އަލަށެވެ. އެކަމަކު ސަލްމާ މިހާރު ދެފަހަރަކު އެގެއަށް އަތުވެއްޖެއެވެ.
"ކޮބާ ފަޒީލާ؟" ސަލްމާ އަހާލިއެވެ.
"ކޮޓަރީގަ.... " ވާސިމު ހިނިތުންވަމުން ހިނގައިގަތެވެ. ފަޒީލާ އޮތް ކޮޓަރިއަށް ވަދެފައި އަތުގައި އޮތް މޭވާ ކޮތަޅު ސާރާ ފަޒީލާ އަތަށް ދިނެވެ.
"ހާދަ ރަނގަޅޭ.... މިހާރު މި ވީ ގޮތުން އަނެއްކާ ދެ ގެ އިތުރަށް ކައިރިވީ ދޯ... ސަލްމާ ވެސް ވާނެ ގިނަ ގިނައިން މިގެއަށް އަންނަން... ސާރާ ނުފެންނަތާ ހައެއްކަ މަސްވެއްޖެ.... މިހާރު މާ ރީތި... މާޝާ ﷲ" ފަޒީލާ ބުނެލިއެވެ.
ސާރާ އިސްޖަހާލީ ލަދުވެތިކަން އިޙްސާސްކުރެވުމާއި އެކުގައެވެ.
"އަހަރެންގެ ދަރިފުޅު ޒައިދުވެސް އެބަ އުޅޭ މިކޮޅުގަ... ޗުއްޓީ ދުވަސްކޮޅެއްވީމަ ވަރަށް ކިޔައިގެން އެއައީ... އޭނަ ބޭނުންވަނީ އިނގިރޭސިވިލާތުގަ ނޫނީ ޔޫރަޕްގެ ގައުމެއްގަ އުޅެން، ކީކުރާނީ؟ މިހާރު ހިތަށް އަރާ ކިޔަވަން އެތަންތަނަށް ނުފޮނުވުނު ނަމައޭ..." ފަޒީލާ ބުނެލިއެވެ.
"އަދި ފަހުން ރަނގަޅުވާނެ... " ސަލްމާ ބުނެލީ ހިނިތުންވަމުންނެވެ.
"ކިހިނެތް ރަނގަޅު ވާނެ ވާހަކައެއް ތި ބުނަނީ؟ މިހާރުވެސް އެ ދައްކަނީ އެ ތަނުން ކުއްޖަކާ އިނދެގެން ގެންނަ ވާހަކަ. އަހަރެމެން އެކަމާ ގަބޫލުނުވީމަ އެކަމާ މިހާރުވެސް ހިންހަމަ ނުޖެހިފަ އެ ހުންނަނީ... އެހެންވެ އަހަރެން ބުނެފިން މި ތަނުން ކުއްޖަކު ފެނޭތޯ ބަލާށޭ. ގަބޫލު ވާނީ ކިހިނެއްތަ؟ މުސްލިމު އަންހެން ކުއްޖެއްހޭ އެހީމަ ބުނެފި މިހާރު މީހަކާ އިންނަ އިރު ބަލާ ކަންތައްތަކެއް ނޫނޯ" ފަޒީލާ ވާހަކަ ދެއްކިއިރު ހިސާބެއްގެ ކަންބޮޑުވުމެއް އެ އަޑުން ސަލްމާއަށް ފާހަގަ ކުރެވުނެވެ. ސާރާ އެއްވެސް އެއްޗެއް ނުބުނެއެވެ. ބައެއް ފަހަރު ފަޒީލާ އޭނާއަށް ބަލައިލާގޮތުން ސާރާ އިނީ އުނދަގޫވެފައެވެ.
ސާރާގެ ކައިވެންޏާ ބެހޭގޮތުން ފަޒީލާ ސަލްމާއާ ސުވާލުކުރުމުން ސާރާ އެކަމާ ނުރުހުންވިއެވެ. އެހެންނަމަވެސް އެއްޗެކޭ ނުބުނެއެވެ. ސާރާ އިނީ އަވަހަށް އެތަނުން ދާން ބޭނުންވެފައެވެ.
"މަންމާ... އަޅުގަނޑަށް ފޯނެއް" ސާރާ ފޯނު ދައްކާލާފައި ނުކުންނަން ހިނގައިގަތެވެ. އޭނާ ކޮޓަރިން ނުކުމެފައި ފުރަތަމަވެސް ލީ ފުންނޭވާއެކެވެ. ހީވަނީ މި ހުރިހާއިރު އޭނާގެ ހަށިގަނޑުގައި އުތުރިއަރަމުންދިޔަ އުދާސްތައް ބޭރުކޮށްލީހެންނެވެ.
ފޯނު ކަންފަތާ ކައިރިކޮށްލަމުން ހިނގައިގަތް ތަނާ ޖެހިގެން ހުރި ކޮޓަރިން ނުކުތް ފިރިހެންމީހާގެ ގައިގައި ޖެހިފައި ސާރާ ވެއްޓުނެވެ.
"އައްދިޔޯތް" ވީ ތަދާއެކު ސާރާއަށް ބުނެވުނެވެ.
"ވަޓް" ޒުވާނާ އަހައިލިއެވެ. ސާރާ އިސްއުފުލާލިއެވެ. ކުރިމަތީގައި ހުރި ޒުވާނާގެ ތޫނު ނަޒަރު އޭނާއަށް ހުއްޓިފައި ހުރިތަން ފެނިގެން ސާރާއަށް އުނދަގޫވިއެވެ. ވާހަކަ ދެއްކުނީ ދިވެހި ބަހުންކަން ރޭކާލީވެސް ދެނެވެ. އަވަސް އަވަހަށް ތެދުވެ އެ ޒުވާނާގެ ކިބައިން މާފަށް އެދެމުން ސާރާ ފޯނު ކަންފަތުގައި ޖެހިއެވެ.
ސާރާ ދުރަށް ހިނގައިގަތް ތަން ބަލަން ޒައިދަށް ހުރެވުނީ ބަސްހުއްޓިފައެވެ. ސާރާއާއި ސަލްމާއާއި ދެމީހުން އެގެއިން ނުކުމެގެން ދިޔަ މަންޒަރު ބަލަހައްޓައިގެން ހުރި ޒައިދުގެ މޫނުމަތިން ފެންނަނީ ހިނިތުންވުމެކެވެ.
ކުޑަދޮރުން ބޭލު ބަލަހައްޓައިގެން ހުއްޓައި ސިހުނީ ދާދިގާތުން ވާސިމު ވާހަކަ ދެއްކި އަޑުއިވިފައެވެ.
"ކިހިނެތްވީ ދަރިފުޅާ! ހާދަ ހެވިފަ؟" ވާސިމު ސުވާލުކުރަމުން ބޭރު ބަލާލިއެވެ.
"ކަމެއްނުވޭ ބައްޕާ! ހަމަ ބޭރު ބަލައިލީ، މަންމަ ކޮބައިތަ؟" ޒައިދު ބޭނުންވީ މައުޟޫ ބަދަލުކޮށްލާށެވެ. އެކަން އޭނާއަށް ކާމިޔާބުވެސް ވިއެވެ. ދެބަފައިން އެކުގައި އެތެރެއަށް ހިނގައިގަތްއިރު ވާސިމުގެ ތުންފަތްމަތީގައި ހިނިތުންވުމެއް ދުވެލަދުވެލާ ހުއްޓެވެ.
ލިއަމް ގެއަށް އައިސް ވަނީ ބޭރުގައި އުޅެލާފައެވެ. އޭނާ ކޮފީއެއް ހަދައިގެން މައްޗަށް އަރާ ކޮޓަރި ކުޑަދޮރު ހުޅުވާލިއެވެ. އޭރުވެސް ޖެހިގެން ހުރި ގޭގެ ކުޑަ ދޮރު ހުރީ ހުޅުވާފައެވެ. ކޮފީތަށިން ކޯވަރެއް ދަމާލަމުން އަމިއްލަ ނަފްސަށް ހިނިތުންވެލިއެވެ.
"ކޮން ނަމެއްތަ ކިޔަނީ؟" ގަނޑުގައި އެހެން ލިޔެލާފައި އޭނާ މިފަހަރުވެސް ތިރީގައި އެލް އަކުރެއް ލިޔެލިއެވެ. އެއަށްފަހު ބޮނޑިކޮށްލިއެވެ. ދެން އެ ގަނޑު އެއްލީ އެގޭ ކޮޓަރި ތެރެއަށެވެ.
ދޮރު ލައްޕާލަމުން ލިއަމްޓީޝާޓް ބޭލީ ކުޑަކޮށް ހޫނުވަމުން ދިޔައީތީއެވެ. ކޮފީ ބޮއިގެން އޭނާ ފެންވަރާ ތާޒާވެލިއެވެ.
މޭޒު ދޮށުގައި އިށީނދެ ބައެއް ފޮތްތައް ހުޅުވާލިއެވެ. ލެޕްޓޮޕް ހުޅުވާލާ އޭނާގެ މަސައްކަތުގައި މަސްއޫލުވިއެވެ.
"ލައިފް" ދެ ތުންފަތް ފޫ ދުއްވާލާފައިވާ ނުކުތް އެ ލަފުޒާއެކު އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭރުވެސް އޭނާގެ ނަޒަޒު ހުރީ ލެޕްޓޮޕަށް ހުއްޓިފައެވެ.
ސާރާ ކޮޓަރިއަށް ވަތް އިރު މިއަދުވެސް ކޮޓަރިތެރޭގައި ގަނޑުކޮޅެއް އޮތެވެ. އޭނާ އޭގައިވާ އެއްޗެއް ކިޔާލުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. މާ ބޮޑަށް އެކަމާ އަޅާނުލާ ގޮސް ވުޟޫ ކޮށްލީ މަޢްރިބް ނަމާދު ގަޑި ކައިރިވެފައި ހުރުމުންނެވެ. ވުޟޫ ކޮށްގެން ނުކުތްތާ މާ ގިނަ އިރެއްނުވެ ބަންގި ގޮވައިފިއެވެ. ކުޑަ ދޮރު ލައްޕާލުމަށްފަހު އޭނާ ނަމާދުކުރަން އަވަސްވެގަތެވެ.
ނަމާދުކޮށް ނިމިގެން ސާރާ ގަސްތުކުރީ ޤުރުއާން ކިޔަވާލުމަށެވެ. އަންނަ ހަފްތާގައި ޓެސްޓެއް އޮތުމާއެކު ސާރާ ޔުނިވާރސިޓީގައި އެންމެ ފަހުން ނަގައިދިން ސޫރަތް ކަމުގައިވާ އައް ރަޙްމާން ސޫރަތް ކިޔަވަން ފެށިއެވެ.
މަސައްކަތުގައި އިން ލިއަމްގެ ކަންފަތުގައި އެ އަޑު ޖެހުމާއެކު އޭނާއަށް މަސައްކަތް މަޑުޖައްސާލެވުނެވެ. ހީވަނީ އެ އަޑު އެހުމަށް އޭނާގެ ނަފުސު މަޖުބޫރުކުރުވީ ހެންނެވެ. އަވަސް އަވަހަށް ފޮތް ލައްޕާލަމުން ކުޑަ ދޮރު ކައިރިއަށް ގޮސް ހުއްޓުނެވެ. ދެވިސްނުމެއްގައި ހުރެފައި ލިއަމް ދޮރު ހުޅުވާލިއެވެ. ކިޔަވާ ނިމެންދެން ލިއަމް ކުޑަ ދޮރު ކައިރީގައި މަޑުކޮށްގެން ހުއްޓެވެ. އޭނާ ދޮރު ލައްޕައިލީ އެ އަޑު ކެނޑުމުންނެވެ. އެ އަޑުގެ ވެރިޔާ ދެކެލުމުގެ ޝައުގުވެރިކަން ލިއަމްގެ ހިތުގައި އުފެދުނެވެ. އެ ކިޔަވަނީ ކޯންޗެއްކަން އޭނާ އެނގެން ބޭނުންވިއެވެ. އޭނާއަށް އެ އަޑު އިވުމުން އެހާ އަސަރު ކުރަނީ ކީއްވެހެއްޔެވެ؟ މުޅި ހަށިގަނޑުގައި މަޑުމޮޅިކަމާއި އެއްވަރަށް ބިރުވެރިކަމެއް އުތުރު އަރަނީ ކީއްވެހެއްޔެވެ؟ ހައްތަހާވެސް ޖަވާބު ލިބުމެއްނެތް ސުވާލުތަކެކެވެ.
ޕާކިސްތާނުގައި ދެ ހަފްތާ ފާއިތުވެގެން ދިޔައިރު ފަސްވަގުތު އެ ގޮވާ ބަންގިއަށް ލިއަމް ހޭނިއްޖެވެ. އެ އަޑު އިވޭ ކޮންމެ ފަހަރަކު އެހިތަށް އެ ކުރުވާ އަސަރުތަކުގެ ސަބަބުން އަމިއްލަ ނަފްސާ އެތަކެއް ފަހަރު ސުވާކުރިނަމަވެސް އެކަމަށް ދޭނެ ވަކި ޖަވާބެއް އޭނާގެ އަތުގައި ނެތްފަދައެވެ.
****
ތަންކޮޅެއް އަވަހަށް ކްލާސްތައް ނިމުނު ދުވަހެކެވެ. އެކުވެރި ދެ ކުއްޖަކާއެކު ގެއަށް ދިޔުމަށް ހިނގައިގަތް ސާރާއާއި އެ ދެ ކުދިން ވަކިހިސާބަކުން ވަކިވުމުން ސާރާ ފިޔަވަޅުތައް ބާރުކޮށްލިއެވެ. އެ ހިސާބުގައި ހުންނަ މިސްކިތާ އަރާ ހަމަވީތަނާ ބަންގިގޮވައިފިއެވެ. ގަޑިއަށް ބަލައިލަމުން ސާރާ ފިޔަވަޅުތައް އަވަސް ކޮށްލިއެވެ.
އެވަގުތު ފޯނެއް އައުމާއެކު ސާރާ ފޯނު ކަންފަތުގައި ޖަހަމުން ހިނގައިގަތީ މަގަށް ދޭން ވާ ސަމާލުކަން ނުދީއެވެ. ސިހުން ގެނުވީ ސައިކަލުގެ ބަރުގޮނުގެ އަޑާއެކުއެވެ. ލިބުނު ސިހުމާއި އެކު ހަރަކާތެއް ކޮށްލަންވެސް ސާރާ ނުކުޅެދުނެވެ.
ކުއްލިއަކަށް ސިހުން ގެނުވީ އޭނާގެ އަތުގައި ހިފާ ކޮންމެވެސް މީހަކު އެމީހަކާ ދިމާލަށް ދަމައިލުމާއެކުގައެވެ.