ޒައިދު އަމިއްލަ ނަފްސަށް ހިނިތުންވެލިއެވެ.
ޖީބުގައި އޮތް ފޯނު ރިންގު ވުމާއެކު އޭނާ ފޯނު ނަގާ ގުޅަނީ ކާކުތޯ ބަލައިލިއެވެ. އަރާފައިވާ ނަން ފެނި ތުންފަތް މަތީގައިވި ހިނިތުންވުން ފަނޑުވިއެވެ. ގުޅަނީ އެލީނާއެވެ. އޭނާ ފޫހިކަމާއެކު ފޯނު ކަނޑައިލިއެވެ. ދެން އައީ މެސެޖެއެވެ. އޮތީ ޒައިދު ފޯނު ނުނަގާތީ ޝަކުވާ ކޮށްފައެވެ. ފޯނު ސައިލެންޓަށް ލުމަށްފަހު، ޖީބަށް ކޮށްޕާލަމުން، ޒައިދު، ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ.
ފަޒީލާމެން ކޮޓަރިއާ އަރާ ހަމަވީ ތަނާ ފަޒީލާއާއި ވާސިމާ ދެމީހުން ދައްކަމުން ދިޔަ ވާހަކަ ޒައިދުގެ ކަންފަތުގައި ޖެހުނެވެ.
"އަހަރެން ގަސްތުކުރަން އެބަ މި ވާހަކަ ފާރޫޤާ ދައްކަން" ވާސިމު ބުނެލި އަޑު އިވުނެވެ.
"އެކަމަކު... އަހަންނަށް ހީވަނީ ޒައިދުގެ ޚިޔާލެއްވެސް ހޯދަން ޖެހޭނެހެން، އަނެއްކޮޅުން އޭނަ އުޅެނީ އިނގިރޭސިވިލާތު އަންހެން ކުއްޖަކާ ރައްޓެހިވެގެން،"
ފަޒީލާ ބުނެލި އަޑު އިވުނެވެ. ދެކެވެމުންދަނީ ކޮންކަހަލަ ވާހަކައެއްކަން އެނގުމާއެކު ޒައިދަށް އިތުރު ސަމާލުކަމެއް އެއަޑަށް ދެވުނެވެ.
"އަހަންނަށް ހީވަނީ ޒައިދު، ސާރާއާ ގަޔާވާހެން... އެހެންވެ އެހެން މިބުނީ، އަނެއްކޮޅުން އެ ދެކުދިން ކައިވެނިކޮށްފިއްޔާ އޭނަ މިކޮޅަށް ދިރިއުޅުން ބަދަލުވެސް ކޮށްފާނެއެއްނު" ވާސިމު ބުނެލި އަޑު އިވުނެވެ. އެވާހަކަ އަޑު އަހަން ހުރެފައި، ޒައިދު ހިނގައި ގަތް އިރު އޭނާގެ މޫނުމަތިން ހިސާބެއްގެ ހާސްކަމެއް ފެނުނެވެ.
ހަޤީގަތުގައި އޭނާ އަލުން ޕާކިސްތާނަށް އަންނާކަށް ބޭނުމެއް ނޫނެވެ. އެކަމުގެ ސަބަބުން އޭނާގެ މިނިވަންކަމަށް ބުރޫއަރާފާނެ ކަމަށް ވިސްނުނީއެވެ.
އިނގިރޭސިވިލާތުގައި އޭނާ އުޅެނީ މިނިވަން ދިރިއުޅުމެކެވެ. އެ ދިރިއުޅުން އޭނާއަށް މާ ކަމުދެއެވެ. އެއް މަލުން ފޮނި ބޮމުން، އަނެއް މަލުން ފޮނި ބޮމުން ޒައިދު އުޅެމުން ދިޔައީ އޭނާގެ އަމިއްލަ ދުނިޔޭގައެވެ. ބާތަކުގައި ރޭގަނޑުގެ ގިނަ ވަގުތު އޭނަ ހޭދަކުރަމުން ދިޔައީ ދުނިޔޭގެ ވަގުތީ އުފާ ހާސިލްކުރުމަށެވެ.
ޕާކިސްތާނަށް އައި ފަހުން ބޮއިލާނެ ރާކޮޅެއް ނުލިބި، އުނދަގޫވާ ރޭތައް ވެސް މަދެއްނޫނެވެ. އެ ހުރިހާ ސަބަބު ތަކާހުރެ ޒައިދު ބޭނުންވަނީ އަވަހަށް ފުރާށެވެ. އެހެންނަމަވެސް މަންމަ ބަލިވެ އުޅޭތީ ދާން ނުކެރިފައި ހުރެވެނީއެވެ.
އަނެއްކޮޅުން ސާރާ އާ މެދު އޭނާގެ ޝައުގުވެރިކަން އުފެދުނު ނަމަވެސް އެއް އިރެއްގައިވެސް ސާރާ އާ އިނދެގެން ދިރިއުޅުމެއް ފެށުމަކީ އޭނާ ބޭނުންވާ ކަމެއް ނޫނެވެ. ޒައިދު، ސާރާއާ މެދު ދެކެނީ އެހެން އަންހެން ކުދިންނާ މެދު ވެސް ދެކޭ ގޮތަށެވެ. ބޭނުންވީމާ ބޭނުންކޮށްލާފައި ފޫހިވީމާ އެއްލައިލާ އުސޫލުންނެވެ. ޒައިދު ހަމައެކަނި ބޭނުންވެގެން އެ އުޅޭ ކަމަކީ ދުވަސްކޮޅަކަށް ސާރާ ބޭނުންކޮށްލުމެވެ. އެހެންނޫނަސް ބޮޑު ހެދުން ލާ އަންހެން ކުއްޖަކު އޭނާގެ ހަޔާތަށް ގެންނާކަށް ބޭނުމެއް ވެސް ނޫނެވެ. ނަމެއްގައި މުސްލިމެއް ނަމަވެސް ޒައިދަކީ، ދީނުގެ އެއްވެސް އުސޫލުތަކަށް ކިޔަމަންވާ މީހެއް ނޫނެވެ. ދުލުން މުސްލިމެއް ނޫނޭ ނުބުނާކަން އެކަންޏެވެ.
***
ރޭގަނޑުގެ ވަގުތެވެ. ސާރާގެ އިތުރުން ސަލްމާއާއި ފާރޫޤުވެސް ތިބީ ސިޓިންރޫމުގައެވެ. ކޮންމެ މީހެއްގެ ނަޒަރުވެސް ހުއްޓިފައިވަނީ ކުރިމަތީގައި ބެހެއްޓިފައި ހުރި ޓީވީގެ އިސްކްރީނަށެވެ. އެ ގަޑީގައި ގެނެސްދެމުން ދިޔަ ހަބަރު ނިމުމާއެކު ސާރާ ފާރޫޤަށް ގޮވާލާ ސުވާލުކޮށްލިއެވެ.
"ބައްޕާ! ޖެހިގެން ހުރި ގޭގައި އުޅެނީ ކާކުތަ؟ މިހާރު ދެ ދުވަހެއްވެއްޖެ އެހެން އަހަން އުޅޭތާ..." ސާރާ ހަޤީގަތުގައި އެ ސުވާލުކޮށްލީ އެ ޒުވާނާއާ ބެހޭ އިތުރު މައުލޫމާތެއް ލިބޭތޯއެވެ. ފާރޫޤު ޓީވީން ނަޒަރު ވަކިކޮށްލަމުން ސާރާއަށް ބަލައިލިއެވެ. ސާރާގެ ސުވާލާ އެކު ސަލްމާ ވެސް ފާރޫޤަށް ބަލައިލިއެވެ. އޭނާވެސް އެ ސުވާލުކުރަން އުޅޭތާ ހަފްތާއެއް ވެއްޖެއެވެ.
" އެގޭގައި ޒުވާނަކު އުޅެޔޯ ކިޔާ، ހިސާބުގަނޑު މީހުން ވާހަކަ ދެއްކި އަޑު އަހަރެން އެހިން... ބޭރުމީހެއްކަމަށް ވަނީ" ސަލްމާއާއި ސާރާއާއި ދެމީހުންނަށް ބަލައިލަމުން އޭނާ ބުނެލިއެވެ.
"ކުރީ ދުވަހު މިސްކިތަށް ދަމުން ސަލާމް ވެސް ގޮވައިލިން... އެކަމަކު ހަބަރެއް ނުވި އެތެރެއަކުން..."
ފާރޫޤު ސާރާއަށް ބަލައިލިއެވެ. ސާރާ ބޯ ޖަހާލަމުން އިތުރު ސުވާލެއް ނުކުރެއެވެ.
*****
ލިއަމް ކީރިތި ޤުރުއާނާ ބެހޭގޮތުން އިތުރަށް އުނގެނެން ބޭނުންވިއެވެ. އަމިއްލަ ޒަމީރު އޭނާއަށް އެ ކުރުވާ މަޖުބޫރެއްގެ ސަބަބުންނެވެ. ހިތާ ނުރުހުންވެ ދެބަސްވާން ކިތަންމެ ބޭނުންވިޔަސް, ނޭނގޭ ބާރަކުން އޭނަ އިސްލާމީ ހިދާޔަތާ ދިމާލަށް ދަމާފައި ގެންދަނީއެވެ.
ޤުރުއާން ކިޔަވާ އަޑު އިވޭ ކޮންމެ ފަހަރަކު އޭނާގެ ހިތަށް އާދަޔާ ޚިލާފު ހިންހަމަ ޖެހުމެއް ލިބެންފެށިއެވެ. އެ އަޑު އެހުމަށް ހުންނަ ޝައުގުވެރިކަން އިތުރު ވާން ފެށިއެވެ. އެ ކަމާ ބެހޭގޮތުން ސުވާލުކުރާނީ ކާކު ކައިރީގައި ހެއްޔެވެ؟ ސާރާ މިހާރަކަށް އައިސް ކުޑަ ދޮރު ހުޅުވައިގެން ނޫޅޭތީ އެކަމާ ލިއަމްގެ ހިތުގައި މާޔޫސްކަން އަބަދާ އަބަދު ރަސްކަން ކުރަމުން ދެއެވެ.
***
ވާރޭވެހިފައި ހުއްޓާލާފައި އޮތުމުން ޖައްވުގައި އާދަޔާ ޚިލާފު ފިނިކަމެއް ރަސްކަންކުރަމުން ދިޔައެވެ. ސާރާ ފިލާވަޅު ދަސްކޮށް ނިންމާލުމަށްފަހު ޓެރެސްއަށް ނުކުމެލިއެވެ. ރެއިލިންގައި އަތް އަޅުވައި ލުމަށްފަހު މެދު އުޑުގައި ރަސްކަން ކުރަމުންދިޔަ ހަނދަށް އޭނާ ނަޒަރު ހުއްޓާލިއެވެ. އޭރު ޖެހެމުން ދިޔަ ވައިރޯޅިތައް ބާރުކަމުން އޭނާގެ ބުރުގާ ވެސް ހީވަނީ އެއްލައިގެން ގޮސް ދާނެހެންނެވެ. ބުރުގާ އަތުގެ ތެރޭގައި ހައްޔަރު ވާގޮތަށް އޭނާ އެއްއަތުން އަނެއްއަތުގައި ހިފައްޓާލިއެވެ.
ޖެހިގެން ހުރި ގޭ ޓެރެސްއަށް ނަޒަރު ހުއްޓުމާއެކު އެގޭގައި އެ އުޅޭ ޒުވާނާ މަތިން އޭނާ ހަނދާންވިއެވެ. އެ ޒުވާނާގެ ނަން އެނގެން ބޭނުންވި އެވެ. ހަމައެއާއާއެކު އެ ޒުވާނާގެ އަތުތެރޭގައި ހޭދަކުރެވުނު ދެތިން ސިކުންތުގެ މަތިން ހަނދާންވުމާއެކު، ސާރާގެ ތުންފަތް މައްޗަށް ބޭ އިޚްތިޔާރުގައި ހިނިތުންވުމެއް ވެރިވިއެވެ. ދެވަނަ ސިކުންތުގައި ލަދުވެތިކަން އިޙްސާސްވީ، އެ ޒުވާނާއަށް އޭނާ ބުރުގާ ނާޅާ ހުއްޓައި ފެނިފައިފާތީއެވެ.
އޭނާ ޤުރުއާނުގެ އާޔަތަކާއި އެކު ކިޔަވަނީ ޤުރުއާން ކަމަށް ލިޔެފައި ގަނޑުކޮޅު ފޮނުވިފަހުން އެ ޒުވާނާގެ ހަބަރެއް ނުވެއެވެ. އަނެއްކާ އެ ޒުވާނާ ފޫހިވީހެއްޔެވެ؟ އޭނަ ހީކުރީ އެ ޒުވާނާ އެ ގަނޑުކޮޅު ކިޔާފައި އިތުރަށް އެނގެން ޝައުގުވެރިވާނެ ކަމަށެވެ. މާޔޫސްކަން ވެރިވެގެން ދިޔުމާއެކު އެ ތުންފަތުގައި ވި ހިނިތުންވުން ފަނޑުވިއެވެ. މިހާވަރަށް އެ ޒުވާނާއާ މެދު އޭނާއަށް ވިސްނެން ވީ ކީއްވެހެއްޔެވެ؟ އެ ޒުވާނާގެ މަޑު މުށި ކުލައިގެ ދެލޮލުން އޭނާއަށް ޖެއްސީ ކޮން ސިހުރެއްހެއްޔެވެ؟ އެ ޒުވާނާ ފެންނައިރަށް އެ ހިތް އާދަޔާ ޚިލާފް ބާރު މިނުގައި ތެޅެނީ ކީއްވެހެއްޔެވެ؟ އެއީ އަނެއްކާ އޭނާ ބުރުގާ ނާޅާހުއްޓާ ފެނިފައިވުމުން ވާ ގޮތެއް ހެއްޔެވެ؟.
ޖަވާބު ނޭނގޭ ސުވާލުތަކަކުން އޭނާގެ ސިކުނޑި ފުނިޖެހެމުން ދިޔައެވެ. އެއާއެކު އޭނާ، ދެފަރާތަށް ބޯ ހޫރާލީ އެފަދަ ގޮތަކަށް ފިރިހެނަކާ މެދު ޝައުގުވެރިކަން އުފެދޭތީ، އެ ޚިޔާލުތަކާ ދުރުވުމުގެ ބޭނުމުގައެވެ. އެއީ އޭނާ ގާތުން ޤުރުއާނަކީ ކޮބައިކަން، އެ ޒުވާނާ އޮޅުން ފިލުވުމުން ވީ ގޮތެކޭ ހިތަށް އަރުވާލަމުން އޭނާ ހިންހަމަޖެހެން މަސައްކަތް ކުރިއެވެ.
ކުއްލިއަކަށް ސިހުނީ އޭނާގެ ފައިގައި އެއްޗެއް ޖެހުމުންނެވެ. ސިހުނު ސާރާގެ އަނގައިން މަޑު ހަޅޭކެއްގެ އަޑު ނުކުތެވެ. އެއްލި ކަޅިއަކުން ސާރާގެ ލޮލުގައި އެ ޒުވާނާ އަޅައިގަތެވެ. ސާރާ ފެނުމާއެކު އެ ގަނޑުކޮޅަށް އިޝާރާތް ކޮށްލަމުން ހިނިތުންވެލިއެވެ. ބަދަލުގައި ހިނިތުންވާން ވެސް ސާރާއަށް ނޭނގުނެވެ. އަވަސް އަވަހަށް އިސްޖަހާލެވުނެވެ. ދުވެ ފިލަން ބޭނުންވިއެވެ. ސާރާ ހުރީ، އެހާވެސް ލަދުންނެވެ. އެހެންނަމަވެސް، އޭނާއަށް އެއްވެސް ހަރަކާތެއް ނުކުރެވުނެވެ.
ލިއަމްގެ ތުންފަތުގައި ވި ހިނިތުންވުން ފުންވީ ސާރާ އެ ގަނޑުކޮޅު ނަގައި ކިޔައިލުމާއެކުގައެވެ.
"ޤުރުއާން ކިޔަވާ އަޑު އިވޭ ކޮންމެ ފަހަރަކު ހިތަށް އާދަޔާ ޚިލާފް ހިންހަމަޖެހުމެއް ލިބެނީ ކީއްވެ؟ އަދިވެސް އިތުރަށް އަޑު އަހަން ބޭނުންވަނީ ކީއްވެ؟ ދީނެއްގެ ގޮތުގައި ސާރާ އިސްލާމް ދީން ޚިޔާރުކުރީ ކީއްވެ؟"
ސުވާލުތައް ކިޔައި ނިންމާލިއިރު ސާރާގެ ތުންފަތް މަތީގައި ލުއި ހިނިތުންވުމެއް ވެއެވެ. ގަނޑުކޮޅު ހިފައިގެން އެތެރެއަށް ވަނުމަށްފަހު ސާރާ ލިޔާނެ އެއްޗަކާ މެދު ވިސްނައިލިއެވެ.
ވަރަށް ވިސްނާފައި ކީރިތި ޤުރުއާނުން އެނގެން ބޭނުންވާ ހުރިހާ ސުވާލުތަކެއްގެ ޖަވާބު ލިބޭނެކަމުގައި ބުނެލިއެވެ. އަދި ކައުނު އުފެދިފައި ވާ ގޮތާ މެދު ވިސްނައިފިނަމަ ބަލައިލި ކޮންމެ ދިމާލަކުން، އެއްކައުވަންތަ، ކުޅަދުންވަންތަ އިލާހަކު ވާކަމުގެ ހެކި ލިބޭނެކަމުގައި ސާރާ ލިޔެލިއެވެ. އެ ޒުވާނާ ޤުރުއާނަށް ޝައުގުވެރިވާތީ މިފަހަރުވެސް ކޮންމެވެސް އާޔަތަކާއި އޭގެ މާނަ ލިޔަން ސާރާ ބޭނުންވިއެވެ. ވިސްނަން ހުރެފައި މިފަހަރު އޭނާ ތިރީގައި ތިރީގައި ލިޔެލީ އަލް ޢަޢްރާފް ސޫރަތުގެ 204 ވަނަ އާޔަތުގެ މާނައެވެ.
" އަދި قرآن ކިޔަވާހިނދު ތިޔަބައިމީހުން ހަނުތިބެ، އެއަށް ކަނުލައި އަހާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައެވެ."
ނުކުތް އިރު އެ ޒުވާނާ ފެންނަން ނެތުމާއެކު، ސާރާއަށް މާޔޫސްކަމާއެކު އިސްޖަހާލެވުނެވެ. އޭނާ ދާން ވެގެން އެނބުރިލި ތަނާ އެ ޒުވާނާ ގޮވައިލި އަޑު އިވިފައި ހުއްޓުން އެރިއެވެ. ފަސް އެނބުރި ބަލައިލުމާ އެކު އެ ޒުވާނާ ހިނިތުން ވެލިއެވެ.
ސާރާ ރެއިލިން ކައިރިއަށް ޖެހިލާ އަތުގައި އޮތް ގަނޑުކޮޅު ދައްކައިލިއެވެ. އޭރުވެސް އޭނާ ހުރީ އިސްޖަހައިލައި ގެންނެވެ. އެ ޒުވާނާއަށް އޭނާ ބުރުގާ ނާޅާ ހުއްޓާ ފެނުނުކަން ހަނދާންވުމާއެކު ތެޅިގަނެފައި ސާރާ އަވަސް އަވަހަށް ގަނޑުކޮޅު އެއްލިއެވެ. އެއަށްފަހު ދުވެފައި ގޮސް ގޭތެރެއަށް ވަނެވެ.
ވަޔާއެކު ގަނޑުކޮޅު އުދުހިގެން ދިޔައެވެ. ލިއަމް ހުޝިއާރުކަމާއެކު ގަނޑުކޮޅު ހިފިއެވެ. އެއަށްފަހު އޭނާ ހިނިތުން ވެލަމުން އެތެރެއަށް ވަނެވެ. އޭގައި ލިޔެފައި އޮތް އެއްޗެއް ކިޔައި ނިންމާލަމުން، ލިއަމް އެ ގަނޑުކޮޅުވެސް އޭނާ ގެންގުޅޭ ފޮތުގެ ތެރެއަށް ލިއެވެ. އެއަށްފަހު އެ ގަނޑުކޮޅުގައި އޮތް އެއްޗަކާ މެދު ފުންކޮށް ވިސްނައިލިއެވެ.
ކާއިނާތު އުފެދިފައިވާ ގޮތާ މެދު ވިސްނައިލުމުން ކުޅަދުންވަންތަ ކަމުގެ ހެކިތައް ފެންނާނެޔޭ އެބުނަނީ ކީއްވެހެއްޔެވެ؟ ކިހިނެއް ހެއްޔެވެ؟
އެކުވެރިޔާ އެރިކް އާ ގުޅައިލީ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބޭތޯއެވެ.
"ގުޅިއްޖެ ދޯ ލިއަމް... އަހަރެން މަތިން ހަނދާންވީ އަނެއްކާ ކިހިނެއްވީ؟" އެރިކް ސުވާލުކޮށްލިއެވެ. ލިއަމް އެރިކްއަށް ގުޅިއިރު ވަރަށް ދަންވެއްޖެއެވެ.
"އަހަރެން ވިއްޔާ ކަމަކުތަ ގުޅާނީ؟ ހަނދާންވެގެނެއް ނުގުޅާނެ ދޯ!" ލިއަމްއަށް އަހާލެވުނެވެ. ބޭއިޚްތިޔާރުގައި އޭނާއަށް ދެ ބުމަ ހިއްލާ ލެވުނެވެ.
"އަނެއްކާ ތިތަނުން އަންހެން ކުއްޖަކު ފެނުނީތަ މާރީތި؟ އެހެންވިއްޔާ އަހަންނަށް ވެސް ހޯދަދީ" އެރިކްގެ ވާހަކައިން ލިއަމްއަށް ތެޅިގަނެވުނެވެ.
"އޭތް... ކާކު ބުނީ؟ ނޫން" ލިއަމްއަށް އަވަސް އަވަހަށް ބުނެވުނެވެ.
"އަހަންނަށް އޭރުވެސް ހީވިޔޭ ކަލޭ ކޮންމެވެސް ނުބައެއް ހަދައިގެނޭ އަހަންނަށް ތިގުޅީ... އަންހެން ކުއްޖެއް ފެނުނީ ދޯ!" ޔަޤީންކަމާއެކު އެރިކް ސުވާލުކޮށްލިއެވެ. ލިއަމް އެއްޗެއް ނުބުނު ހުންނަން ފެށުމުން އެރިކް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"އަނެއްކާ ތިތަނުގަ މުސްލިމުން ނޫން ބަޔަކު އުޅޭތަ؟ ދެން މަގޭ ކައިރި ނުބުނައްޗޭ އަނެއްކާ މުސްލިމު އަންހެން ކުއްޖަކަށޭ ތި ހިތް ދެވުނީ..."
"އެރިކް... ސާބަހޭ! އެނގެއެއްނު އަހަރެން މުސްލިމުން ދެކެ ނަފުރަތު ކުރާ ވަރު... ހީވޭތަ އަހަރެން މުސްލިމް އަންހެން ކުއްޖަކާ ހެދި އުޅޭނެޔޭ" ލިއަމް އޮޅުވައިލިއެވެ. އޭނާއަށް ކަމުގޮސްގެން އުޅެނީ މުސްލިމް އަންހެން ކުއްޖެކޭ އެރިކް ގާތު ބުނާ ހިތެއް ނެތެވެ. އެކަން ސިއްރުކުރަމުން ލިއަމް އެހެން ވާހަކައެއް ފެށޭތޯ އުޅުނެވެ. އެހެންނަމަވެސް އެރިކް ހުރީ ދޫ ދޭގޮތަކަށް ނޫނެވެ.
"އަހަރެން އަޑު އެހިން ތިތާ މެޖޯރިޓީ އަކީ މުސްލިމުންނޭ... ތިތާ އުޅޭތަ އެތީސްޓުންވެސް؟" އެރިކް ޝައުގުވެރިކަމާއެކު ސުވާލުކޮށްލިއެވެ.
"ކިހިނެއްވީ؟ އަހަރެން ކަލެއަށް އެތީސްޓެއް ހޯދަ ދޭން ވީތަ؟ އަހަންނަކަށް ނުވާނެ..."
ލިއަމް ހިނިގަނޑެއް ޖަހައިލިއެވެ. އެއާއެކު އެކޮޅުން އެރިކްވެސް ހީގަތް އަޑު އިވުނެވެ. އިރުކޮޅަކު އެކުވެރިޔާ އާ ވާހަކަ ދައްކައިލެވުމުން ވެސް، މިރޭ ލިއަމްގެ ލޮލަށް ނިންޖެއް ނައެވެ. ސާރާގެ ވާހަކަތަކާ މެދު ވިސްނެނީއެވެ. މާބޮޑަށެވެ. ބަލައިލި ކޮންމެ ދިމާލަކުން ކުޅަދުންވަންތަ ކަމުގެ ހެކިތައް އޭނަ ހޯދާނީ ކިހިނެއްހެއްޔެވެ؟ އަނެއްކޮޅުން އެ އަންހެން ކުއްޖާ އާ މެދު ޝައުގުވެރިވަނީ އެހާ ވަރަށެވެ. ކީއްވެހެއްޔެވެ؟.
ލިއަމް އަށް އަބަދުވެސް ކަމުދަނީ އެންމެ ޒަމާނީ ކޮށް ހެދުން އަޅާފައި ތިބޭ ކުދިންނެވެ. އެހެންވިއިރު އެ އަންހެން ކުއްޖާ އާމެދު ޝައުގުވެރިކަން އުފެދެންވީ އެއްވެސް ސަބަބެއް ނެތެވެ. އެ ކުއްޖާ ހުންނަނީ ބޮޑުހެދުން ލާފައި ބޮޑުކޮށް ބުރުގާ ވެސް އަޅާފައެވެ.
"އެހާ ބޮޑުކޮށް ބުރުގާ އަޅާފައި ގަޔަށް ދޫ ހެދުން ލަނީ ކީއްވެތޯ އަހަންވީ ކަންނޭނގެ... ނޫން... އޭރުން އޭނަ ހިތަށް އަރާފާނެ އަހަރެން އޭނަގެ ޒާތީ ކަންތައްތަކާ ބެހެނިއްޔޭ!"
"ނޫން" ލިއަމް ތަފާތު ގޮތްގޮތަށް ވިސްނިއެވެ. އެހާވަރުން ރީތިކަން ފޮރުވަން މުސްލިމް އަންހެން ކުދިން އުޅެނީ ކިއްވެހެއްޔެވެ؟ ދީނީ ގޮތުން މަޖުބޫރުކޮށްފައި އޮތުމުންހެއްޔެވެ؟ އެމީހުންނަށް މިނިވަންކަމެއް ނެތީހެއްޔެވެ؟
"އެ ކުއްޖާ އެ ބުނަނީ ވަށައިގެން ކުޅަދުންވަންތަ ކަމުގެ ހެކިތައް ބަލައިލި ކޮންމެ ދިމާލަކުން ފެންނާނެޔޭ!. އެ ބުނާ ފަދަ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން އެއްވެސް ހެއްކެއް ދެއްކުމަށް އަހަރެން އޭނަ ކައިރި އެދެންވީ ކަންނޭގެ... " ލިއަމް ވިސްނިއެވެ.
އެންމެ ފަހުން ފޮތް ނަގާ އޭނާ ބޭނުންވާ ސުވާލުތައް ފޮތުގައި ލިޔެލިއެވެ. އެނދުގައި އޮށޯވެ ލަވަޖަހައިގެން ލަވައިން ހިންހަމަ ޖެހުން ހޯދަން ބޭނުންވި ލިއަމްއަށް މިފަހަރު ލިބުނީ ނުތަނަވަސް ކަމެވެ. އޭނާ ލަވަ ނިއްވާލަމުން ފޯނުން އިސްލާމިކް ސައިޓަކަށް ވަދެލާ ޤުރުއާނުގެ ސޫރަތެއް މާނައާއެކު އަޑު އަހަން ފެށިއެވެ. ވަކި ހިސާބަކަށް އަޑު އެހުމަށްފަހު ލިއަމް އޭނާގެ ނަފްސަށް ވިސްނައިދިނީ އެއީ ގޯހެއް ކަމަށެވެ. އޭނާ އަޅުވައިގެން އިން ވީޑިއޯ ހުއްޓާލަމުން ލިއަމް އެނދުން ތެދުވިއެވެ. ދެކޮޅަށް ހިނގަން ފެށުނެވެ. ކުޑަ ދޮރު ހުޅުވާލިއެވެ. އެ ކުއްޖާގެ ކޮޓަރީގެ ކުޑަ ދޮރު ހުރީ ލައްޕާފައެވެ.
*****
ހެނދުނު އަށެއް ޖެހުމާއެކު މަގުތައް ހަލަބޮލިވެއްޖެއެވެ. އޮފީސްތަކަށް ދާ މީހުންނާއި ކިޔަވަން ސްކޫލާއި ކޮލެޖް ޔުނިވާސިޓީއަށް ދާ ކުދިންނެވެ. ސާރާ މިއަދުވެސް ޔުނިވާސިޓީއަށް ދާން ނުކުތީ ހިނގާފައެވެ.
ބައެއް ދުވަސްދުވަހު ސާރާ އޭނާގެ ބައްޕައާއެކު ކާރުގައި ޔުނިވާސިޓީއަށް ދިޔަނަމަވެސް އަނެއްބައި ދުވަސްދުވަހު ދަނީ ހިނގާފައެވެ. ބައްޕަގެ އޮފީސް ހުންނަނީ ތަންކޮޅެއް ދުރުގައި ކަމުން، ބައްޕަ ތަންކޮޅެއް އަވަހަށް ގޭން ނުކުންނަން ޖެހޭތީއާ ސާރާގެ ކްލާސް ގަޑި ފެށޭލެއް ވެސް، ބައެއް ދުވަސްދުވަހު ލަސްކަމުންނެވެ. އެފަދަ ދުވަސްތަކުގައި، ގިނަ ފަހަރު ސާރާ ދާނީ ހިނގާފައެވެ. އެ ދާ މަގުމަތީގައި އޭނާގެ އެކުވެރި ކުދިންނާ ދިމާ ވާތީ އެވެ.
ކާރުގައި ޕާކިސްތާނުގެ މަގުތަކުގައި ދުއްވާފައި ދިޔަ ޒައިދުގެ ތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ.
"އާނ... އަހަރެންވެސް ހަމަ ޕާޓީ ކޮށްލަން ނުދެވިފަ... މަންމަ ފައިގެ ޕްލާސްޓަރު ނެއްޓީމަ ދާނަމޭ ކިޔައިގެން މިއުޅެނީ..." ޒައިދު ކަންފަތުގައި ޖަހާފައި އިން ހެޑްސެޓުން ކޮންމެވެސް މީހަކާ ވާހަކަ ދައްކަމުން ދިޔައެވެ.
"އޭތް... މަ ބުނީ އެލީނާ އުޅުނު ޒައިދު ފޯނު ނުނަގައިގެން... ރޭގަވެސް ޕާރޓީގައި އޭނަ އުޅުނީ ބޯ ގޮވައިގެން އުޅުނު ކަހަލަ ގޮތަކަށް... ދެން އެ މަންޖެއަށް އެހެން ހަދާކަށް ނުވާނެއެއްނު" އެކޮޅުން ބުނެލިއެވެ. ޒައިދު ޖަހައިލީ ހިނިގަނޑެކެވެ.
"ތީ އާ ކަމެއް ނޫނެއްނު... އަބަދުވެސް ހާލެއްނު... ކަލެމެނަށް އެނގެއެއްނު އަހަރެން އެއް އިރެއްގައިވެސް އެކަކާވެސް ސީރިއަސް ނުވާނެކަން..." ޒައިދަށް އެކަން ވީ މަޖާކަމަކަށެވެ. އޭނާ އަމިއްލަ ނަފްސަށް ހިނިތުންވެލިއެވެ. އަންހެން ކުދިން އޭނާގެ ގާތުގައި ރޮއި އާދޭސް ކުރާތީ އެކަމާ އޭނާ ފަހުރުވެރިވެއެވެ.
"އަނެއްކާ ތި ތަނުން ކުއްޖަކު އަތު އަޅުވައިލީތަ؟ މިފަހަރު އެލީނާގެ ފޯނު ނުނަގަނީ؟... " އެކޮޅުން އަހައިލުމާއެކު ޒައިދުގެ ތުންފަތް މަތީގައި ދުވެލީ މާނަފުން ހިނިތުންވުމެކެވެ.
"އަހަރެން މިތާ އުޅޭ ކަހަލަ ކަޓު އަންހެން ކުއްޖަކާ އޭތަ އިންނާނީ ތި ބުނަން އުޅެނީ ހެހެ" ޒައިދު ހިނިގަނޑެއް ޖަހައިލިއެވެ.
އެއްލި ކަޅިއަކުން މަގުގެ އެއްފަރާތުން ހިނގާފައި ދިޔަ ސާރާ ޒައިދުގެ ލޮލުގައި އަޅައިގަތެވެ.
"އޭތް މަ ފަހުން ގުޅާނަން" ޒައިދު ފޯނު ބޭއްވިއެވެ.
އޭނާ ކާރު ސާރާ އާއި ދާދި ގާތުގައި މަޑުކޮށްލަމުން ލޯގަނޑު ތިރިކޮށްލާފައި ގޮވައިލިއެވެ.
"ސާރާ"
ހިނގަމުން ދިޔަ ސާރާ ފިޔަވަޅުތައް މަޑުޖައްސައިލަމުން ބަލައިލިއެވެ. ކާރުތެރޭގައި އިނީ ފަޒީލާމެން ގެއިން ފެނުނު ޒުވާނާ ކަމުން ސާރާ އަށް އެއީ ފަޒީލާގެ ދަރިފުޅުކަން އެނގުނެވެ. އަދި މަންމަމެންގެ ވާހަކަތަކުން އެ ޒުވާނާއަށް ކިޔަނީ ޒައިދުކަން ވެސް އޭނައަށް އޮތީ އެނގިފައެވެ.
"މީ ޒައިދު... އެނގިއްޖެ ދޯ" ޒައިދު ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ސާރާ އިސްޖަހައިލިއެވެ. އޭނާ ހަމައެކަނި ބޯ ޖަހައިލީއެވެ. ސާރާއަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށް ސާރާގެ އެކުވެރިއަކު އައިސް ސާރާގެ ކޮނޑުގައި ޖަހައިލިއެވެ.
"ސާރާ"
އެކުވެރިޔާ އަށް ބަލައިލަމުން ލަސްވަނީކަމަށް ބުނެ ސާރާ ހިނގައިގަތެވެ.
"އޭތް... ކާކު؟ އަނެއްކާ އުހުމް އުހުމް އެއްތަ؟" އެކުވެރި މައިހާ ސާރާގެ ކޮނޑުގައި ކޮށްޓައިލިއެވެ.
"ނޫން... މައި އަށް އެނގެއެއްނު އަހަންނަށް އެހާ ކަމުދާ ގޮތެއް ނޫންކަންއެއީ" ސާރާ މައިހާއަށް ބަލައިލަމުން ބުނެލިއެވެ. އެއަށްފަހު އޭނާ އެ ޒުވާނާގެ ކުރު ތައާރަފެއް ދިނެވެ.
"ހުވާތަ؟ އިނގިރޭސި ވިލާތުގަ ތަ އުޅެނީ... އަޅެ އަހަރެންވެސް ބޭނުން" މައިހާ ބުނެލިއެވެ.
"އެއްކަލަ މައި... " ސާރާ ހީގަތެވެ. ވަކި ހިސާބަކުން ސާރާއާއި އިތުރު ދެކުދިންވެސް ގުޅިއްޖެއެވެ.
ޒައިދު ލޯގަނޑު މައްޗަށް އަރުވާލަމުން ހިނިތުންވެލިއެވެ. ސާރާގެ ރީތިކަން ދެކެ އޭނައަށް ލޯބި ވެވިއްޖެއެވެ. ޕާކިސްތާނުގައި އުޅޭ ދުވަސްކޮޅު ގެންގުޅިލާ ކަހަލަ ކުއްޖެކެވެ. މައްސަލައަކީ ސާރާ ދީނީ ކުއްޖަކަށް ވީ ކަމެވެ. ވިސްނުމެއްގައި އިން ކަހަލަ ގޮތަކަށް އިނދެފައި ޒައިދު ކާރު ދުއްވައިލައިފިއެވެ.
ޔުނިވާސިޓީގައި އޮތް އިވެންޓަކަށް ތައްޔާރުވާތީ ސާރާމެން ނިމުނު އިރު ހަވީރުފަހެއް ޖަހާ ބޮޑުވެއްޖެއެވެ. ވެފައިހުރި ވަރުބައްޔާއެކު ސާރާވެސް ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. މައިހާ އާއި ދެމީހުން ޓެކްސީއެއް ނެގީވެސް އެ ބޭނުމުގައެވެ. ގޭ ދޮށަށް ކާރު މަޑުކޮށްލުމާއެކު ސާރާ ލާރި ޑްރައިވަރާ ހަވާލުކޮށްފައި ފޭބިއެވެ. ގޭޓުން ވަދެވުނީ ސީދާ ޒައިދުގެ ކުރިމައްޗަށެވެ.
ޒައިދު ފެނުމާއެކު ސާރާހުއްޓުން އެރިއެވެ. ވަށައިގެން ބަލާލުމާއެކު، އޭނާ ޒައިދު ގެ ކުރިމަތިން އެއްފަރާތަކަށް ޖެހިލާ ނުކުންނަން ތަންދެއްކިއެވެ.
ޒައިދުގެ ތުންފަތް މަތީގައި ދުވެލީ ހިނިތުންވުމެކެވެ. އޭނާގެ ހިތުގައި ސާރާއަށް ޖެއްސުމެއް ކޮށްލުމުގެ ރޫހު އާލާވެގަތެވެ. ސާރާ އާއި ގާތަށް ފިޔަވަޅު އަޅައިލުމާއެކު، އޭނާ އެއްލޯ މަރައިލިއެވެ އެ އަމަލުން ސާރާ ހިންހަމަ ނުޖެހުނު ކަން އެނގުމާއެކު، ޒައިދުގެ ހިތުގައި ފާޑެއްގެ އުފާވެރިކަމެއް ދައުރުކޮށްގަތެވެ. އަނެއްކާވެސް އޭނާ ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ. އެއާއެކު ސާރާ ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ.
ގޭގެ ގޭޓު ހުންނަނީ އެއްފަރާތުގައި ގޯޅިގަނޑާ ދިމާ ވާ ގޮތަށް ކަމުން ގޭޓުން ނުކުމެވެނީ ސީދާ ގޯޅިގަނޑު ތެރެއަށެވެ. ގޯތިތެރޭގައި ގޭޓުގެ އެއްފަރާތުގައި އުނދޯއްޔެއް ބެހެއްޓިފައިވާއިރު ކުރިމައްޗަށް ވާގޮތަށް ގޯތީގެ އަނެއް ފަރާތުގައި ކާރު ޕާކުކުރަން ހިޔާކޮށްފައި ތަންކޮޅެއް ހަދާފައިވެއެވެ.
"ކީއްތިކުރަނީ؟" ގޭޓުން ގޯޅިގަނޑަށް ނުކުންނަމުން ސާރާ އަހައިލީ ހިންހަމަ ނުޖެހިފައެވެ.
"ކިހިނެއްވީ؟ ހާދަ ހިންހަމަ ނުޖެހިފަ"
ޒައިދު އެއްލޯ މަރައިލިއެވެ. އެ އަމަލުން ސާރާ ދެލޯ އަޅައިލިއެވެ. ޒައިދުގެ އަމަލުތަކުން އޭނަ ހުރީ ވަރަށް ހިންހަމަ ނުޖެހިފައެވެ.
ގޭޓުގެ އެއްފަރާތުގައި ސާރާ މަޑުކޮށްލިއެވެ. ޒައިދު ސާރާ އާ ކައިރިވެލިއެވެ. ކުއްލިއަކަށް ގެނައި ހަރަކާތާއެކު އޭނާ އާއި ފާރާ ދެމެދު ސާރާ ހައްޔަރުކޮށްލިއެވެ. ހިތުގެ ތެޅުން އިންތިހާ ބާރުވެފައިވާއިރު ސާރާ ހަމަޖެހެން މަސައްކަތް ކުރިއެވެ.
"ކީއްހޭ ތިކުރަނީ؟" ސާރާގެ އަޑު ބާރުވުމާއެކު ޒައިދު ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން ވާހަކަ ދެއްކިއެވެ.
"ޝްޝްޝް... ހަޅޭއްނުލަވާ" ޒައިދު ބުނެލިއެވެ.
"މަން..." ސާރާ ހަޅޭއްލަވައިގަންނަން އުޅުމާއެކު ޒައިދު ސާރާގެ އަނގަމަތީގައި އަތް އެޅިއެވެ.
"ދޫކުރޭ" އެ އަތް ފޮޅުވާލަމުން ސާރާ ބުނެލިއެވެ. އެއާއެކު ޒައިދު އޭނާގެ ހަށިގަނޑު ސާރާ އާއި ކައިރިކޮށްލާ ދެމީހުންގެ ހަށިގަނޑު ކިރިޔާ ޖެހޭ ނުޖެހޭ ހިސާބުގައި މަޑުކޮށްލިއެވެ.
އޭނާ ހީކުރީ ސާރާއަށްވެސް ވާނީ އެހެން އަންހެން ކުދިންނަށް ވާ ގޮތްކަމަށެވެ. ކައިރިވުމުން ޒައިދުގެ ދައުވަތު ގަބޫލުކުރާނެކަމަށެވެ. ވީ އެހެންނެއް ނޫނެވެ. މަންމަމެން އޭނާ ގެ ކައިވެނި ކުރުވަން މިއުޅެނީމި އަންހެން ކުއްޖާއާހެއްޔެވެ؟ މިއީ އެއްގޮތަކަށް ވެސް އޭނަ ބޭނުންވާ ފަދަ އަންހެން ކުއްޖެއް ނޫނެވެ. ޒައިދު ބޭނުންވީ ސާރާގެ ގޮތް ބަލައިލާށެވެ.
ޒައިދުގެ މޭމަތީގައި އަތް އަޅާލަމުން ކޮށްޕާލަން ސާރާ މަސައްކަތް ކުރިއެވެ. ކުއްލިއަކަށް ސިހުން ގެނުވީ އައި ނައި ތަނެއް ނޭނގި ކޮންމެވެސް މީހަކު އެ އައި ގޮތަށް އައިސް، ފަހަތުން ޒައިދުގެ ޓީޝާޓުގައި ހިފާ ދުރަށް ކޮށްޕާލުމާއެކުގައެވެ.