އަދި ހިނިތުންވެލިއެވެ. އޭނާ އެތެރެއަށް ވަންނަން ހިނގައިގަތް އިރު އެ ތުންފަތުގައި ވަނީ ލުއި ހިނިތުންވުމެކެވެ. ވަކި ހިސާބަކުން ފިޔަވަޅުތައް މަޑުކޮށްލަމުން އަނެއްކާވެސް، އޭނާ ލިއަމާ ދިމާލަށް ހިނގައިގަތެވެ.

ސާރާ ހުއްޓުމާއެކު ފުރަތަމަ ވާހަކަ ދެއްކީ ލިއަމެވެ.

"ސާރާ ފޯނު ނަންބަރު ދިނީމަ އަހަންނަށް ގުޅާލެވޭނެއެއްނު" ލިއަމް ބުނެލިއެވެ. ހިނިތުންވެލަމުން ސާރާ އޭނާގެ ފޯނު ނަންބަރު ލިއަމަށް ކިޔައިދިނެވެ. ލިއަމް އޭނާގެ ފޯނުގައި ސާރާގެ ނަންބަރު ރައްކާކުރިއެވެ.

"ގުޅައިގެން ވެސް އަބަދު ވާހަކަ ދައްކާ ހަދަން އަހަރެންގެ ހިތެއް ގަބޫލެއް ނޫން... އެކަމަކު ނަންބަރު އޮތިއްޔާ ހަބަރެއް ވެވޭނެއެއްނު" ސާރާ ބުނެލިއެވެ. އެއަށްފަހު ގޮސް މައިހާއާއެކު ގެއަށް ވަނެވެ.

އެތެރެއަށް ވަތް ލިއަމް މޭޒުމަތީގައި ސާރާ ދިން ތަރުޖަމާއާއި ދެ ފޮތް ބޭއްވިއެވެ. އެއަށްފަހު އޭނާ ގޮސް ހުއްޓުނީ ކުޑަ ދޮރު ކައިރީގައެވެ. ދެ ވިސްނުމެއްގައި ހުރެފައި ކުޑަ ދޮރު ލައްޕާލާފައި އައިސް ކޮޓަރީގެ މެދާ ހިސާބުގައި އޭނާ ހުއްޓުނެވެ.

އެއަށްފަހު ނަމާދުގައި ހަށަން ބަންނަ ގޮތަށް ހަށަން ބަނެވެ. ރުކޫ ކުރިއެވެ. ނަމާދުގައި ކިޔާ އެއްވެސް އެއްޗެއް ނޭނގުނަސް އެ ހަރަކާތްތައް އޭނާ ހިތުދަސް ވެއްޖެއެވެ.

ސަޖިދައަށް ގޮސް ލިއަމް އޭނާގެ ހިތުގެ އަޑިން ދުޢާ އެއް ކުރިއެވެ. އިސްލާމް ދީނަކީ ޙައްގު ދީން ކަމުގައި ވަނީނަމަ އޭނާ އެ ދީނުގެ މަތީގައި ސާބިތު ކޮށްދެއްވުމަށެވެ. އިސްލާމީ ހިދާއީ ނޫރު އޭނާގެ ހިތަށް ވައްދައިދިނުމަށް އެދިއެވެ.

ސަޖިދައިގައި އޮވެފައި ތެދުވި ލިއަމްގެ ހިތުގައި އާދަޔާ ޚިލާފު ހިންހަމަޖެހުމެއް ދަތުރު ކޮށްލިއެވެ. މީގެ ކުރިން ނަފުސަށް ނުލިބޭ ފަދަ ތާޒާކަމެއް ލިބުނުހެން ހީވިއެވެ. ފުރަތަމަ ފަހަރަށް ސަޖިދައެއް ޖެހުމުން، އެ ލިބުނު ހިންހަމަޖެހުން އޭނާގެ ދުލުން ބަޔާން ކުރާނެ ގޮތެއް ނޭނގެއެވެ. ދުވަހަކު ނުލިބޭ ފަދަ އަރާމުކަމެއް އޭނާގެ ހަށިގަނޑަށް ލިބުނެވެ. ހިތް ގޮވަން ފެށީ މި ވަގުތުން ވަގުތަށް އެ ދީން ޤަބޫލު ކުރުމަށެވެ. އެންމެ ހިނދުކޮޅެއް ވެސް ލަސް ނުކުރުމަށެވެ.

މާދަމާ ހެނދުނު އެއާރޕޯޓަށް ދާން ޖެހޭތީ، ލިއަމް ގަސްތުކުރީ ތަންކޮޅެއް އަވަހަށް ނިދާލުމަށެވެ. އެއްޗެހި ބަދަލުކޮށްގެން އައިސް އެނދުގައި ޖައްސާލުމާއެކު، މިރޭ ވަރަށް އަވަހަށް ނިދިއްޖެއެވެ.

*****

ސަލްމާ ފަޒީލާ ގާތު ސާރާ ބޭނުންވަނީ ކޯސް ނިމުމުން ކައިވެނި ކުރަން ކަމަށް ބުނުމުން، ފަޒީލާމެން ވެސް، އެކަމާ އެއްބަސްވިއެވެ. އެއާއެކު ސާރާގެ ހިތުގައި ހައިޖާނުގަނޑެއް އުފެދުނީ ލިއަމް އައުމުން މަންމަމެންނަށް ހުރިހާ ވާހަކައެއް ކިޔައިދީ، ޒައިދުގެ ހުށައެޅުމާ ދެކޮޅު ހަދަން ޖެހޭނެތީއެވެ. ކޮންމެ ގޮތެއް ވިޔަސް، ލޯބިނުވާ މީހަކާއެކު އޭނާއަކަށް ދިރިއެއް ނޫޅެވޭނެއެވެ.

ލިއަމް ފުރުމުން ސާރާއަށް ހިސާބެއްގެ ހުސްކަމެއް ވެރިވިއެވެ. އަބަދާ އަބަދު ލިއަމް ފޮނުވާ ގަނޑުކޮޅުތައް ނުލިބޭތީ ކަމަށްވެސް ވެދާނެއެވެ.

ލިއަމް ދިޔަފަހުން ދެ ދުވަސް ފާއިތުވެގެން ދިޔައިރު ވެސް، ސާރާއަށް ލިއަމްގެ ހަބަރެއް ނުވެއެވެ. އެކަމާ އޭނާ ކަންބޮޑުވިއެވެ.

*****

"އެމީހަކު އެނގުމުން، ގޮވައިގެން ކޯޓަށް ދާން މަށަށް ފެންނަނީ. ގައިމު އެ ފޮތް ޕަބްލިޝް ކުރަން ދިން ތަނުން މީހަކު ލީކް ކޮށްލިކަމަށް ވާނީ..." އެރިކް ވާހަކަ ދެއްކިއެވެ.

ދެމީހުން ތިބީ ލިއަމްމެން ގޭ ސިޓިންރޫމުގައި މަޑުކޮށްލައިގެންނެވެ.

"އެ ކުންފުނީގެ އެމްޑީއާ އަހަރެން މިއަދު ވާހަކަ ދެއްކިން. އޭނަ ބުނީ ވަރަށް އެތެރޭން ކޮށްގެން އުޅޭ ކަމެއް ކަމަށޯ ބެލެވެނީ." ލިއަމް ބުނެލިއެވެ.

"އަހަރެން ބުނާނެ އެއްޗެއް ނެތް. ވީހާވެސް އަވަހަށް ވީ ލޯޔަރަކާ ވާހަކަ ދައްކަން." އެރިކް ބުނެލިއެވެ.

"ވިސްނަން އެބަ ތިކަމާވެސް. އެކަމަކު" ލިއަމް ހުއްޓައިލިއެވެ.

"އެކަމަކު ކިހިނެއްވީ؟" އެރިކް ސުވާލުކޮށްލިއެވެ.

"ކޯޓަށް ގޮއްސިއްޔާ މައްސަލައަށް އެތަކެއް ދުވަހެއް ނަގާނެ. އޭރުން އަހަރެން އެ ކޮޅަށް ދާން ލަސްވާނީ" ލިއަމް ކަންބޮޑުވިއެވެ.

"އެ ފޮތަކީ ލިއަމްގެ ދެ އަހަރު ދުވަހުގެ މަސައްކަތޭ. އެހެންވީމަ އަދި މިކޮޅުގަ ގިނަ ދުވަސް ވިޔަސް މައްސަލަ އެއް ނެތްތާ!" އެރިކް ބުނެލިއެވެ.

ދެމީހުން އެފަދަ ވާހަކަ އެއްގައި ތިއްބައި ލިއަމަށް ފޯނެއް އައެވެ. އޭނާ ފޯނު ނަގަމުން ހެލޯ އޭ ބުނެލިއެވެ. އިރުކޮޅަކުން ފޯނު ބާއްވަމުން އޭނާ ބަލައިލީ އެރިކް އަށެވެ.

"މައިކަލް ކުރި ކަމަކަށް ވަނީ..."

"އޭނަ އަތަށް ދޯ ލިއަމް އެ ޑޮކިއުމެންޓް ދިނީ" އެރިކް އަހައިލިއެވެ. ލިއަމް ބޯ ޖަހައިލިއެވެ.

"އެކަމަކު އޭނާ ލިއަމް އާ އެހާ ގާތް ކޮށް އުޅެފައި އެވަރުގެ ކަމެއް ކުރަން ވީ ކީކުރަން؟" އެރިކްގެ ހިތުގައި އުފެދުނު ސުވާލު އޭނާ ލިއަމްއާ ކޮށްލިއެވެ.

"ޖޭމްސް ބުނެގެން، ކުރީ ފަހަރު އޭނަގެ ފޮތް އެމީހުން ޕަބްލިޝް ކުރަން ދެކޮޅު ހެދީމަ" ލިއަމްއަށް ނިތުގައި އަތް ހިންގާލެވުނެވެ. އޭނާ ބަލައިލީ އެރިކްއަށެވެ.

"އެރިކް. މަ ބުނީ މަންމަގެ ހަބަރެއް ވިތަ؟" ކުއްލިއަކަށް ލިއަމް އެރިކްއާ ސުވާލުކޮށްލިއެވެ. ލިއަމް އެހެން އެހުމާއެކު އެރިކްއަށް ލިބުނީ ކުއްލި ސިހުމެކެވެ.

"އަނެއްކާ ކިހިނެއްވީ؟" އެރިކްއަށް ސުވާލުކޮށްލެވުނެވެ. ވާނީ ވެސް އެހެންތާއެވެ. މިވީ ދެ އަހަރެއްހާ ދުވަހު ލިއަމް ދުވަހަކު ވެސް މަންމަ އެ ލަފުޒު ވެސް ދުލަށް ގެނެސްފައެއް ނުވެއެވެ.

"ދެން ބުނެބަލަ" ލިއަމްގެ ހިތްވަނީ އަވަސް ވެފައެވެ. މަންމައާ ބެހޭގޮތުން އެނގެން ބޭނުންވެފައެވެ.

"މިދިޔަ ހަފްތާގައި ލިއަމްގެ ހަބަރެއް ބަލަން ވެގެން ގުޅި. އަހަރެން ބުނިން ޕާކިސްތާނަށް ދިޔަ ވާހަކަ، މާ ގިނަ ވާހަކައެއް ނުދައްކާ" އެރިކް ބުނެލިއެވެ.

އާއިލާ ތެރޭގައި ޖެހުނު މައްސަލައެއްގެ ސަބަބުން ލިއަމްގެ މަންމަ ވަރިވި ފަހުން ލިއަމް މަންމައަކާއި ވާހަކައެއް ނުދައްކައެވެ. އެކްސިޑެންޓެއްވެ ބައްޕަގެ އުނަގަނޑުން ތިރި ވާގި ނެތުނު ދުވަހު މަންމަ ބައްޕަ ގާތުން ވަރިވެގެން އެހެން މީހަކާ އިނުމުން ލިއަމްގެ ރުޅިގަނޑު ފަޅައިގެން ދިޔައީއެވެ. ބައްޕަގެ ކުރިމަތީގައި މަންމަ އެހެން ފިރިހެނުން ގެއަށް ވައްދަން ފެށުމުން ބޮޑު މައްސަލައެއް ޖެހުނީއެވެ. އެކަމުގެ ތެރޭގައި ބައްޕަ މި ދުނިޔެއާ ވަކިވެ ދިޔަފަހުން މަންމައާ އޮތް ގުޅުން ލިއަމް އެކީ ކަނޑައިލީއެވެ. މަންމަ ފަހުން ލިއަމް ގާތުން މާފަށް އެދުނު ކަމުގައި ވި ނަމަވެސް އޭނާ މަންމައަށް މާފު ކުރަން ބޭނުން ނުވުމުން ވަކިން އެޕާޓްމެންޓަކަށް ބަދަލުވީއެވެ. ލިއަމް ފޯނު ނުނަގާތީ އޭގެ ފަހުން އޭނާގެ މަންމަ އާއްމުކޮށް ހަބަރު ބަލައި އުޅެނީ އެރިކް އަށް ގުޅައިގެންނެވެ.

"މަންމައާ ބައްދަލު ކުރަންދާން އެބަ ވިސްނަން" ލިއަމް އެރިކްއަށް ބަލައިލިއެވެ. އެރިކްގެ ތުންފަތް މަތީގައި ދުވެލީ ހިނިތުންވުމެކެވެ. އެރިކްއަށް ނޭނގުނު ހަމަ އެކަނި ކަމަކީ ހަޤީގަތުގައި ލިއަމްއަށް އެ ބަދަލު އަންނަން ޖެހުނު ސަބަބެވެ.

"ހާދަ މާޔޫސްވެފަ އިން ހެން ހީވެޔޭ. ހިނގާބަލަ އެއްކަލަ ނައިޓް ކްލަބަށް ޖައްސައިލަން. އޭރުން ތި ހާސްކަން ފިލާފާނެ." އެރިކް ބުނެލިއެވެ. ލިއަމް ދެކޮޅު ހެދިއެވެ.

އެރިކް އަނެއްކާ ވެސް ސިހުނެވެ. އެހެންނޫނީ ހާސް ވިޔަސް، ކަންބޮޑުވިޔަސް، ލިއަމް އެންމެ ފުރަތަމަ ދާނީ ކޮންމެވެސް ބާއަކަށެވެ. ނޫނީ ކޮންމެވެސް ކުލަބަކަށެވެ. އެތަނުން ހިންހަމަޖެހުން ލިބޭނެ ކަމަށް ލިއަމް ބުނާނެއެވެ. ވުމާއެކު މިއަދު ލިއަމް އެކަމާ ދެކޮޅު މިހެދީ ކީއްވެހެއްޔެވެ؟

"އޭތް... ދެން ހިނގާބަލަ." އެރިކް އަނެއްކާ ވެސް ބުނެލިއެވެ.

''އަހަރެން ބޭނުންވަނީ ނިދާލަން" ލިއަމް ބުނެލިއެވެ.

ނިދަން ތައްޔާރުވެގެން ނުކުތް ލިއަމްގެ ނަޒަރު، މޭޒުމަތީގައި އޮތް ތަރުޖަމާއަށް ހުއްޓުމާއެކު، އޭނާ ގޮސް ތަރުޖަމާ ހުޅުވައިލިއެވެ. ހުޅުވައިލެވުނު ގަނޑުގައި އޮތް ފުރަތަމަ އާޔަތުގެ މާނަ އޭނާ ކިޔައިލިއެވެ. އެއީ ނޫރު ސޫރަތުގެ 35 ވަނަ އާޔަތުގެ މާނައެވެ.

﴿35﴾ اللَّهُ نُورُ السَّمَاوَاتِ وَالْأَرْضِ ۚ مَثَلُ نُورِهِ كَمِشْكَاةٍ فِيهَا مِصْبَاحٌ ۖ الْمِصْبَاحُ فِي زُجَاجَةٍ ۖ الزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّيٌّ يُوقَدُ مِن شَجَرَةٍ مُّبَارَكَةٍ زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ يَكَادُ زَيْتُهَا يُضِيءُ وَلَوْ لَمْ تَمْسَسْهُ نَارٌ ۚ نُّورٌ عَلَىٰ نُورٍ ۗ يَهْدِي اللَّهُ لِنُورِهِ مَن يَشَاءُ ۚ وَيَضْرِبُ اللَّهُ الْأَمْثَالَ لِلنَّاسِ ۗ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ

"اللَّه އީ، އުޑުތަކާއި، ބިމުގެ نور އެވެ. އެކަލާނގެ نور ފުޅުގެ مثال އަކީ، އެއްފަރާތުން އަނެއްފަރާތަށް ފޫވެއްޓިފައިނުވާ، އާނގެއްގެ مثال އެވެ. އެ އާނގުގެ ތެރޭގައި، ބައްތިއެއްވެއެވެ. އެ ބައްތިވަނީ ބިއްލޫރިގަނޑެއްގެ ތެރޭގައެވެ. އެ ބިއްލޫރިގަނޑު، ރަންމުތުގެ ތަރިއެއްފަދައެވެ. އެ ބައްތި ދިއްލެނީ، بركات ތެރި ޒައިތޫނި ގަހަކުންނެވެ. އިރުމަތީގެ ގަހެއްނޫނެވެ. ހުޅަނގުގެ ގަހެއްވެސް ނުމެނޫންމެއެވެ. އެ ގަހުގެ ތެޔޮ، އޭގައި އަލިފާން ނުބީހުނަސް އަލިކުރާން ގާތްވެފައިވެއެވެ. އަލިކަމެއްގެ މައްޗަށްހުރި އަލިކަމެކެވެ. އަދި اللَّه، އެކަލާނގެ އިރާދަކުރެއްވި މީހަކަށް، އެކަލާނގެ نور ފުޅަށް މަގުދައްކަވަތެވެ. އަދި اللَّه، މީސްތަކުންނަށް مثال ތައް ޖައްސަވައިދެއްވަތެވެ. اللَّه އީ، ކޮންމެކަމެއްމެ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

އެ އާޔަތުގެ މާނަ ކިޔައިފައި ލިއަމްގެ ހިތަށް ފިނިވިއެވެ. އޭނާއަށް މޭގައި އަތް ޖައްސައިލެވުނެވެ. އެ އާޔަތުގެ މާނައާއި މެދު ފުންކޮށް ވިސްނެން ފެށުނެވެ. ގައިން ހީބިހި ނެގިއެވެ. ހިތުގެ އަޑިން ﷲ އީ އެއްކައުވަންތަ ރަސްކަލާނގެ ކަމަށް ގަބޫލުކުރެވުނެވެ. އެ ހިނދުން ހިނދަށް އިސްލާމްވާން ބޭނުންވިއެވެ. އޭނާ ކެތްތެރިވީ މާދަމާގެ ވަގުތެއްގައި މިސްކިތަކަށް ގޮސް އިމާމާ ބައްދަލުކުރާށެވެ.

ޖެހިގެން އައި ދުވަހު އެމީހުން ދެމީހުން އެޅުނީ ލޯޔަރެއް ހަމަޖެއްސުމުގައެވެ. އެކަންތައް ދާދި ފަސޭހައިން ހަމަ ޖެހުނެވެ. އުޅުނުލެއް ބިޒީކަމުން އެ ދުވަހު ވެސް ލިއަމަށް ސާރާއަށް ގުޅާ ލަސްވާނެ ވާހަކަ ބުނެވޭ ގޮތެއް ނުވިއެވެ.

ރޭގަނޑުގެ ވަގުތެވެ. ލިއަމްމެން ގެއާ ދިމާލަށް ކާރުގެ މިސްރާބު ބަހައްޓައިގެން ދުއްވަމުން ގޮސް ކުއްލިއަކަށް އެރިކް ކާރުގެ މިސްރާބު ބަދަލުކޮށްލިއެވެ. އޭނާގެ ބޭނުމަކަށް ވީ ލިއަމްގެ މޫނުމަތިން ފެންނަ މާޔޫސްކަން ފިލުވާލުމެވެ. ކޮންމެވެސް ކްލަބެއްގެ ތެރެއަށް ގޮސް މަޖާ ކޮށްލުމުން އިސާހިތަކު އެ މާޔޫސްކަން ފިލައިފާނެއެވެ. އަދި އައި ފަހުން ލިއަމް އެންމެ ރާ ތައްޓެއްވެސް ނުބޮއެވެ.

"ކޮންތާކަށް؟" ލިއަމް ސުވާލުކޮށްލިއެވެ. އެރިކް އޭނާ އެދާ ކްލަބްގެ ނަން ބުނެލުމާއެކު ލިއަމްގެ މޫނުމަތި އިތުރަށް ބަނަވިއެވެ.

"އަހަރެން އެއްކަލަ މީހައަށް ދޭންޖެހޭ ޑޮލަރު ކޮޅެއްވެސް އެބަ ހުއްޓޭ! އެ ބަލަ އާ އެކީ މިދަނީ" އެރިކް ބުނެލިއެވެ. ލިއަމް ބޯޖަހައިލިއެވެ.

އޭނާ ބުނީ އެރިކް އަންނަން ދެން އޭނާ މަޑުކޮށްލައިގެން އިންނާނީ ކަމުގައެވެ. އެރިކްއަށް ހަމަ އެއް ގޮތަކަށްވެސް ލިއަމަށް އައިސްގެން އުޅޭ ބަދަލު ފަހުމް ވާގޮތެއް ނުވިއެވެ. އޭނާ ދެފަރާތަށް ބޯ ހޫރާލިއެވެ.

އެރިކް ގޮސް އެތެރެއަށް ވަތް ތަން ބަލަން އިނުމަށްފަހު ލިއަމް ކާރުން ފޭބިއެވެ. ވަށައިގެން ބަލައިލުމަށްފަހު އޭނާ އުޑާ ދިމާ ނަޒަރު ހުއްޓައިލިއެވެ.

"ޔާ ﷲ... މިއަޅާއަށް ހިދާޔަތް ދެއްވާ ތެދުމަގު ދައްކަވާނދޭވެ" ހިތުގެ އަޑިން ދުޢާ ކުރެވުނެވެ. އޭނާ ކާރުގައި ލެނގިލިއެވެ.

އޭނާގެ ހިތުގައި އިސްލާމީ ނޫރު ދިއްލިއްޖެއެވެ. އެ ހިތުގައި އިސްލާމް ދީން ފެވިއްޖެއެވެ. ﷲ އަށް އީމާންވެވިއްޖެ އެވެ. އިސްލާމް ދީނުގައި ކުރަން ނަހީ ކުރައްވާފައިވާ ކަންތައް ކުރަން ފަސްޖެހެވެން ފެށިއެވެ. ބިރުވެރިކަން ހިތަށް ވެރިވާންފެށިއެވެ. ހިތުގެ ގޮވުމަށް އިޖާބަދެމުން ދިޔަ ލިއަމްއަށް އޭނާގެ ހަޔާތަށް ދެން އަންނަން އުޅޭ ކޮޅިގަނޑުގެ އެއްވެސް ހިލަމެއް ނުވިއެވެ. ގެއާ މާ ކައިރި ނޫނަސް އެ ހިސާބުގައި ވެސް މިސްކިތެއް ހުރެއެވެ. މިއަދު ދެވޭ ގޮތް ނުވުމުން ލިއަމް ގަސްތުކުރީ މާދަމާ އެ މިސްކިތުގައި މަސައްކަތް ކުރާ އިމާމާ ވާހަކަ ދައްކައިލަން ދާށެވެ.

*****

ދުވަސްތައް ފާއިތުވަމުން ގޮސް ސާރާގެ ގްރެޖުއޭޝަން ވެސް ނިމިއްޖެއެވެ. ރަނގަޅު ނަތީޖާއަކާ އެކު އޭނާ ކޯސް ނިންމާލުމުން އެގޭގައި ކުޑަ ކެއުމެއް ބޭއްވުނެވެ.

އެ ކެއުމަށް ދަޢުވަތު އެރުވިގެން ވާސިމުމެން އާއިލާ ވެސް އެގެއަށް އައެވެ.

ކެއުމުގެ ވަގުތުގައި ވެސް މައިގަނޑު ގޮތެއްގައި ދެކެވުނީ ކައިވެނީގެ ވާހަކައެވެ. ސާރާއަށް ބަލައިލެވުނީ އޭނާގެ ފޯނަށެވެ. ލިއަމްގެ ކޯލެއް އެންމެ ފަހަރަކު ވިޔަސް، އަންނާނެ ނަމައެވެ. އިސްޖަހާލައިގެން އިންދާ ސާރާ ސިހުނީ ޒައިދުގެ އަޑު އިވިފައެވެ.

"ސާރާ، ކީކޭ ބުނަނީ މިކަމާ" ޒައިދުގެ އަޑާއެކު ސާރާއަށް ތެޅިގަނެވުނެވެ. އޭނާއަށް ދެކެވުނު ވާހަކަ އެއްވެސް ނޭނގެއެވެ.

"ކީކޭ؟" ސާރާއަށް ބުނެވުނެވެ.

"އަހަރެން ބުނީ ސާރާ ކޯސް ވެސް ނިމުނީނޫންހޭ؟ އެހެންވީމަ އަހަރެންގެ ކޯސް ނިމެންދެން އަހަންނާއެކު އިނގިރޭސިވިލާތަށް ބަދަލުވުމުގައި ސާރާގެ އެއްވެސް މައްސަލައެއް އެބައޮތް ހޭ؟" ޒައިދު އޭނާގެ ސުވާލުތައް ތަކުރާރު ކޮށްލިއެވެ.

މަތި ކިތަންމެ ވަރަކަށް އޮމާންކޮށްގެން ވާހަކަ ދެއްކި ނަމަވެސް ޒައިދުގެ ހިތުގައިވަނީ މަލާމާތެވެ. ފުރައްސާރައެވެ. ލިއަމާއި ސާރާއަށެވެ. އެ ދެމީހުން ދުރުކުރުވުމަކީ އޭނާގެ ހިތުގެ އެންމެ ބޮޑު އެދުމެވެ. އެކައިވެނި ކޮށްފަ ނޫނީ އޭނާ ދޫ ނުކުރާނެއެވެ. އެކަން ކުރަން ކުރެވުނު ކޮންމެކަމެއް ކުރަން އޭނާ ހުންނާނީ ތައްޔާރަށެވެ.

އެންމެންގެ ނަޒަރު އޭނާއަށް ހުއްޓުނު ތަން ފެނިފައި ސާރާ ހަމައެކަނި ހިނިތުންވުމަކުން ފުއްދައިލީއެވެ. ލިއަމްގެ އިންތިޒާރުގައި އޭނާގެ މުޅި އުމުރު ބޭކާރުކޮށްނުލާށޭ ބުނެ ސިކުނޑި އޭނާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

އޭނާ އަދިވެސް އެ ކައިވެންޏަށް އާބަހެއް ނުބުނެއެވެ. އެކަމަކު ވެސް، މަންމަމެން އެތިބީ ކައިވެންޏަށް ތައްޔާރުވެގެންނެވެ.

ކައިގެން ވާސިމުމެން ދިޔުމާއެކު ސަލްމާ ސާރާއާއި ސުވާލުކުރިއެވެ. އަދިވެސް ސާރާގެ ދުލުން ކައިވެންޏަށް އެއްބަސް ނުވާތީ އެކަމާ ޝަކުވާ ކުރިއެވެ.

"އަޅުގަނޑު މި ކައިވެންޏާ ގަބޫލު ނޫންކަން އެނގޭއިރު ވެސް މަންމަ ކީއްވެތަ އެގޮތަށް ފަޒީލާދައްތައާ ވާހަކަ ދެއްކީ؟" ސާރާގެ އަޑުގައި މޮޅިވެރިކަމެއް ވިއެވެ.

"ދެން ކީކޭ މަންމަ ބުނާނީ؟ ސާރާ ބޭނުމެއް ނުވެޔޭ އެއްވެސް މީހަކާ އިންނާކަށް؟" ސަލްމާ ބުނެލިއެވެ. ފާރޫޤު ވެސް ދެފަރާތަށް ބޯ ހޫރާލިއެވެ.

"ސާރާ އަނެއްކާ ކުއްޖަކާ އެކަހަލަ ގުޅުމެއް ބާއްވަނީތަ؟" އެންމެ ފަހުން ފާރޫޤު އަހައިލިއެވެ. ލިބުނު ސިހުމުގައި ސާރާއަށް ނޫނެކޭ ބުނެވުނީ ވެސް ބާރަށެވެ. އޭނާ ބޯ ހޫރާލިއެވެ.

"ދެން ކީއްވެގެން މި ކައިވެންޏާ ދެކޮޅު ހަދަނީ؟" ފާރޫޤު ބުނެލިއެވެ.

ފާރޫޤުގެ އެ ސުވާލަށް ދޭނެ ޖަވާބެއް ސާރާ އަތަކު ނެތެވެ. އޭނާ އިސްޖަހައިލީއެވެ. ޒައިދު އޭނާއާ ގާތް ވާން އުޅުނު ދުވަސް މަތިން ހަނދާންވެ އެ ވާހަކަ ބުނަން އުޅުނު ސާރާގެ ކަންފަތުގައި ޒައިދު މާފަށް އެދުނު އަޑު ގުގުމައިލިއެވެ. މަންމަމެންގެ ސުވާލުތަކުން ސަލާމަތް ވާންވެގެން ސާރާ މައްޗަށް އެރީ ބޮލުގައި ރިއްސާ ކަމަށް ބުނެފައެވެ. ހަމަ ހަޤީގަތުގައި ވެސް އޭރު އޭނާގެ ބޮލުގައި ރިއްސަމުން ދިޔައެވެ.

ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގަތުމާއެކު، އޭނާ ބާލީސް މޫނުގައި އަޅައިލިއެވެ. ލިއަމް ހަބަރެއް ނުވީ ކީއްވެހެއްޔެވެ؟ ލިއަމްއަކީ އަނެއްކާ ދޮގުވެރިއެއް ހެއްޔެވެ؟ އޭނާއަށް ހަބަރެއްނުވާނީ ގައިމު އެހެންވީމަތާއެވެ. ހިތުގައި އުފެދުނު ޝަކުވާތައް ކަރުނައިގެ ސިފަ ޚިޔާރުކުރާކަށް ގިނަ އިރެއް ނުނެގިއެވެ.

*****

އޭގެ ފަހުން ހަފްތާއެއް ފާއިތުވެގެން ދިޔައިރު ވެސް ލިއަމްގެ ޚަބަރެއް ނުވެއެވެ.

ސަލްމާ އިނީ ސިޓިންރޫމުގައެވެ. ފޯނެއްގައެވެ. ވާހަކަ ދައްކަނީ ފަޒީލާއާއެވެ. ކައިވެނީގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ސަލްމާ ވާހަކަ ބަދަލުކޮށްލަނީއެވެ.

"ސާރާ މި ކައިވެންޏާ ގަބޫލު ނޫނީތަ؟" އެންމެ ފަހުން ފަޒީލާ އަހައިލިއެވެ. ސަލްމާ ހުއްޓުން އަރާ ގޮތްވިއެވެ. އޭނާއަށް އެއްޗެއް ބުނަން ދަތިވިއެވެ.

"ނޫން އެހެނެއް ނޫން" ސަލްމާ ބުނެލިއެވެ. އިރުކޮޅަކު ފަޒީލާ އާއި ވާހަކަ ދައްކާލާފައި ފޯނު ބޭއްވި ސަލްމާ ނިތުގައި އަތް ޖައްސައިލިއެވެ. ސާރާ އެކައިވެންޏަށް އެއްބަސް ކުރުވާނީ ކިހިނެއްހެއްޔެވެ؟ އެފަދަ ވިސްނުން ތަކެއްގައި އިންދާ ސާރާ ސިޑިން ފައިބައިގެން އެދިމާލަށް އައިތަން ސަލްމާގެ ލޮލުގައި އަޅައިގަތެވެ.

ސަލްމާ ުބަލަން އިންދާ ސާރާ އައިސް ޖެހިގެން ހުރި ސޯފާގައި އިށީނެވެ. އެއަށްފަހު އޭނާ ސަލްމާއަށް ވަރަށް ފުންކޮށް ބަލައިލިއެވެ.

"މަންމާ!" ސާރާ ގޮވައިލިއެވެ.

"ހޫމް" ސަލްމާ ބުނެލީ ހަމައެކަނި އެހެންނެވެ. އޭނާ އިނީ ހަމަ ހަޤީގަތުގައި ވެސް ސާރާ ދެކެ ހިންހަމަ ނުޖެހިފއެވެ.

"އަޅުގަނޑު ޒައިދާ ކައިވެނި ކުރަން އެއްބަސް" ސާރާގެ އަޑާއެކު ސަލްމާއަށް ސާރާއަށް ބަލައިލެވުނެވެ. ސާރާގެ މޫނުމަތިން އުފާވެރިކަން ނުފެނުނު ނަމަވެސް އެ ޖަވާބުގައި ސާބިތުކަން ވިއެވެ. ސަލްމާގެ ތުންފަތް މައްޗަށް ވެރިވި ހިނިތުންވުމުން އޭނާގެ އުފާވެރިކަން ބަޔާންކޮށްދެއެވެ.

ކޮމެންޓް 0