ކޮޓަރީގައި އެކަނި މާ އެކަނި އިން ސާރާގެ ދެލޮލުގައި ވަނީ ކަރުނައެވެ. ޒައިދު އޭނާއާއި ކައިވެނި ކުރީ މި ގޮތަށް ކަންތައް ކުރަން ހެއްޔެވެ؟.
ކައިވެންޏަށް ދެ މަސް ދުވަސް ފާއިތުވެގެން ދިޔައިރު، ޒައިދުގެ ފަރާތުން އެއްވެސް އަޅާލުމެއް ސާރާއަކަށް ނުލިބެއެވެ. ކައިވެނީގެ ކުރީގެ ޒައިދާ މިހާރު އޭނާއަށް ފެންނަ ޒައިދާ ހާސްބައި ތަފާތެވެ. އެއްޗެހި ދޮންނަން ޓީޝާޓެއް ނަގައިފިއްޔާ އޭގައި ހުންނާނީ ތުންފަތުގެ ނިޝާންތަކެވެ. ގެއަށް ވަދެލަނީ ހާލަކުން ފަހަރަކުއެވެ. ޒައިދު ދުވަހަކު ވެސް ނަމާދެއް ކުރަނިކޮށެއް އޭނަ ނުދެކެއެވެ. ނަމާދުގެ ވާހަކައަށް ވުރެ ފޫހި ވާހަކައެއް ޒައިދަކަށް ނޯންނާނެއެވެ.
ދަންނަ މީހަކު ވެސް ނޫޅޭ އެ މާހައުލުގައި ސާރާއަށް އިޙްސާސްވަނީ އެކަނި ވެރިކަމެވެ. ޒައިދަކީ އޭނާ ހީކުރި ފަދަ ޒުވާނެއް ނޫންކަން އެނގުނު ސާރާގެ ހިތް ވަނީ ކުދިކުދި ވެފައެވެ. ސާރާއަށް ފެންނަނީ ޒައިދު ދުނިޔެވީ މަޖަލުގައި ދުވަސް ހޭދަ ކުރާތަނެވެ.
މިރޭ ޒައިދުގެ އަނިޔާ އާ އޭނަ ކުރިމަތި ލާން ޖެހުނީ ގޭގައި ޕާޓީ ކުރާނޭ ޖާގައެއް ނުދޭނަމޭ ބުނުމުންނެވެ. އޭރުވެސް ބޭރުގައި ޖަހާފައި ހުރި މިއުޒިކްގެ އަޑު ކޮޓަރިތެރެއަށް އިވިއިވި ހުއްޓެވެ.
ކައިވެންޏަށްފަހު އޭނާ އުންމީދު ކޮށްގެން ހުރީ ޒައިދުގެ ފަރާތުން ލިބޭ އޯގާތެރިކަމާއި އެހީތެރިކަމުގެ އެހީއެކު، އޭނާއަށް ވެސް އުފާވެރި ދިރިއުޅުމެއް އުޅެވޭނޭ ކަމަށެވެ. އެހެންނަމަވެސް ވީ އެހެންނެއް ނޫނެވެ. ކައިވެންޏަށްފަހު އިނގިރޭސިވިލާތަށް ބަދަލުވުމާއެކު، ޒައިދުގެ އުޅުން އެކީ ބަދަލުވެއްޖެއެވެ. ޒައިދު އޭނާގެ ހަޤީގީ ސޫރަ ސާރާއަށް ދައްކާލައިފިއެވެ. އެ ހިތް ހަލާކު ކޮށްލައިފިއެވެ. ކެތްކުރެވޭނޭ އެންމެ މައްޗަކަށް ސާރާ ކެތް ކުރިއެވެ. ޒައިދުގެ އުޅުން ބަދަލުކުރޭތޯ ކޮންމެ ނަމާދެއްގެ ފަހުގައި ސާރާ ދުޢާ ކުރެއެވެ. މިއީ އޭނާއަށް ކުރިމަތި ކުރެވޭ އިމްތިޙާނެއް ކަމުގައި ވާނަމަ އެކަމުން އޭނާއަށް ކާމިޔާބު ދެއްވުން އެދި ދަންނަވައެވެ.
އިރުއިރުކޮޅާ ބާރުވެދާ މިއުޒިކްގެ އަޑާއެކު ސާރާއަށް ކަންފަތުގައި އަތް އަޅާލެވެއެވެ. އެ ގެއަކީ ޕާރޓީ ކުރާ ތަނެއްކަމުގައި ޒައިދު ހަދައިފިއެވެ. ކިތަންމެ ދުވަހަކު ސާރާ އެކަމާ ޒައިދާ ވާހަކަ ދައްކައެވެ. އޭނާ އުޅޭ ތަނެއްގައި އެފަދަ ފުރުސަތެއް ނޯންނާނެކަމަށް ބުނެއެވެ. އެއިން ކޮންމެ ފަހަރަކު ޒައިދު އިސްކުރަނީ އަތެވެ. ޕާޓީ ކުރާ ރެއެއް ވިއްޔާ ސާރާ ބަލަނީ ނުނިކުމެ ވޭތޯއެވެ.
ޒައިދު އަނިޔާ ކުރާ ކޮންމެ ފަހަރަކު ސާރާއަށް ލިއަމް މަތިން ހަނދާންވެއެވެ. ޒައިދާ ކައިވެނި ކުރުމަކީ ހެދުނު ގޯހެއްކަމުގައި އޭނާއަށް ވިސްނެއެވެ. ލިއަމް މިހާރު ކޮބައި ހެއްޔެވެ؟ ލިއަމް އިސްލާމް ދީން ގަބޫލުކުރީ ބާއެވެ.
އޭނާ ކެތްތެރިކަން ހޯދަނީ ދުޢާ ކޮށްގެންނެވެ. ޒައިދު އިސްލާހު ނުވާކަމުގައި ވަނީނަމަ، ޒައިދުގެ ކިބައިން އޭނާއަށް ސަލާމަތް ވާނޭ މަގު ދައްކަވާތޯ އޭނާ ކޮންމެ ނަމާދެއްގެ ފަހުގައި ދުޢާ ކުރެއެވެ.
ގޭތެރެ ހަމަހިމޭންވީ ހެނދުނު ހަޔެއް ވެސް ޖެހި ފަހުންނެވެ. އެނދުގައި ބޯ ޖައްސާލައިގެން ނިދިފައި އިން ސާރާއަށް ދެލޯ ހުޅުވާލެވުނީ ހުޅުވާފައި ހުރި ކުޑަ ދޮރުން އައި އަލި އެއްވެސް ހުރަހެއްނެތި އޭނާގެ މޫނަށް އެޅުމުންނެވެ. ކޮންމެވެސް ވަރެއްގެ ތަދެއް ލޮލަށް އިޙްސާސްވެ ލޯ މަރައިލަން މަޖުބޫރުވިއެވެ. ހިތުގައި އުފެދިފައިވާ ގިލަން ވެރިކަމާއެކު ވެސް އޭނާ ބެލީ ހިތްވަރުކޮށްފައި ވުޟޫ ކޮށްގެން ނަމާދުކޮއްލެވޭތޯއެވެ. ނަމާދަކީ އޭނާގެ ހިތަށް ފިނިކަން ގެނެސްދޭކަމެކެވެ. ޤުރުއާން ކިޔެވުމުން އެ ޒަޚަމް ވެފައިވާ ހިތަށް ޝިފާ ލިބިދެއެވެ.
ޒައިދު އެތެރެއަށް ވަނީ ސާރާ ނަމާދަށް ހުއްޓައެވެ. ނަމާދުކޮށް ނިމިގެން ސާރާ ދުޢާ ކުރަން ފެށިތަން ފެނި ޒައިދު އެއްމިޔަކަށް ހިނިތުންވެލީ މަލާމާތް ކޮށްލުމުގެ ގޮތުންނެވެ.
އޭނާ ވެސް އެއް އިރެއްގައި ދުޢާ ކުރިއެވެ. އޭނާއަށް ޖެސިކާ ހާސިލް ވޭތޯއެވެ. އެހެންނަމަވެސް އޭނާއަށް ޖެސިކާއެއް ނުލިބުނެވެ. ޖެސިކާ ލިބުނީ ލިއަމްއަށެވެ. ވީއިރު ސާރާއަށް ދުޢާ ކޮށްގެން ހާސިލް ވާނީ ކޮންކަމެއްހެއްޔެވެ؟ ޒައިދުގެ ހިތުގައި ވެއެވެ. އެހެންނަމަވެސް އޭނާއަށް ނޭނގުނު ކަމަކީ ދުޢާ އަކީ މުއުމިނުންގެ ހަތިޔާރުކަމެވެ. ﷲ ގެ ހަޟްރަތުގައި ދުޢާ ގެ މަތިވެރިކަމެވެ. މި ދުނިޔޭގައި ﷲ އެކި ކަހަލަ އިމްތިޙާނު ތަކާ ކުރިމަތި ކުރައްވާކަމެވެ. އެ އިމްތިޙާނު ތަކަށް ކެތްތެރިވެ ﷲ ގެ ހަޟްރަތަށް ދުޢާ ދެންނެވުނުގައި ދެމިހުރުމުގެ މަތިވެރިކަމާއި މުހިންމުކަމެވެ.
އެނދުގައި އޮށޯވެލި ޒައިދަށް ޖެސިކާގެ ސޫރަ ސިފަވިއެވެ. އޭނާއަށް އަދިވެސް ޖެސިކާ މަތިން ހަނދާންނައްތާލެވޭ ގޮތެއްނުވެއެވެ. ޚާއްސަކޮށް މީގެ ހަފްތާއެއް ކުރިން ކްލަބެއްގެ ތެރެއިން ޖެސިކާ އެހެން ފިރިހެނަކާ އެކީ ފެނުނު ފަހުންނެވެ.
ޖެސިކާއާއި އޭނާއާ ފުރަތަމަ ދިމާވިއިރު ޒައިދު ކޮންމެވެސް ވަރަކަށް ނަމާދުކޮށް ވެސް އުޅުނެވެ. ޤުރުއާން ވެސް ހާލަކުން ފަހަރަކު ކިޔަވައެވެ. ރައްޓެހިންނާއެކު ކްލަބްތަކަށް ގޮސް އުޅެނީ ވެސް ވަރަށް މަދުންނެވެ. އެދާ ފަހަރަކު ވެސް އޭނާ އިންނާނީ ވަކިންނެވެ. އޭނާ އެހާ ދީނާ ދުރުވީ ޖެސިކާ ގެއްލުނު ފަހުންނެވެ. ޖެސިކާ ލިބޭތޯ އޭނާ ވެސް އެތަކެއް ދުޢާއެއް ކުރިއެވެ. އެހެންނަމަވެސް އެންމެ ފަހުން ޖެސިކާ ލިބުނީ ލިއަމްއަށެވެ. މި ފަހަރު ލިއަމް އަތުން ސާރާ ޖަހައިގަތީ އޭނާއެވެ. އޭނާ ދުޢާ އެއް ނުކުރެއެވެ. އެކަމަކު އޭނާއަށް ސާރާ ލިބިއްޖެއެވެ.
ސުބްޙާނައްﷲ އެވެ. ޒައިދުގެ ވިސްނުން މިހުރީ ކިހިނެއްހެއްޔެވެ؟ އޭނާ އަކީ މީގެ ކުރިން އެ ކަހަލަ މީހެއް ނޫނެވެ. ޖެސިކާއަކީ ކްރިސްޓިއަނަކަށް ވުމާއެކު ޒައިދާ ކައިވެނި ކުރުން ހުއްދަ ނަމަވެސް ކްރިސްޓިއަކަށް ވުރެ އަޅު އަންހެނަކުވެސް މާ ރަނގަޅުކަމެއް ޒައިދަކަށް ނޭނގެއެވެ. އެ ގޮތަށް އެކަންތައް ވުމުން އެއީ ފަހަރުގައި ފަހުން އޭނާއަށް މާރަނގަޅު ގޮތެއް އޮތުމުން ކަމަށް ހިތަށް ވިސްނައިދޭކަށް ވެސް ޒައިދަކަށް ނޭނގުނެވެ. އޭރު އޭނާ ހުރީ އެއަށްވުރެ ބޮޑަށް މާޔޫސްވެފައެވެ.
ނަމާދުކޮށް ނިމިގެން މުސައްލަ ނެގި ސާރާ އަލަމާރީ ތެރެއަށް މުސައްލަ ލާފައި އައިސް ޒައިދުގެ ކުރިމައްޗަށް ހުއްޓުނެވެ.
"އަހަރެން ބުނީމެއްނު އަހަރެން މިގޭގައި އުޅޭހޭ ހިނދަކު މިގޭގައި ޕާޓީ ކޮށްގެން ނުވާނެޔޭ... ޒައިދަކަށް ނޭނގޭތަ އެއީ ހަރާމް ކަމެއް ކަމެއް؟ އަހަރެން ބޭނުމެއް ނޫން ޒައިދާ އިނދެގެން އުޅޭކަށް. ވަރިކޮށްފަ އަހަރެން ފޮނުވަދީ" ސާރާ ބުނެލިއެވެ.
މީގެ ކުރިން ވެސް ސާރާ ޒައިދާ އެކި ގޮތްގޮތަށް ވާހަކަ ދެއްކި ނަމަވެސް މިހާ ފާޅުކަން ބޮޑު ގޮތެއްގައި އޭނާ ވަރިކުރާކަށް ނޭދެއެވެ. މިފަހަރު، އެ އަޑުގައި ސާބިތުކަން ވިއެވެ. ޒައިދު ހަމަ އެކަނި ރައްދުކޮށްލީ މަލާމާތުގެ ހިނިތުންވުމެކެވެ.
ސާރާގެ ކެތްތެރިކަން ކޮޅުން ލިއެވެ. ހިއްސާކުރާނެ އިތުރު މީހަކު ނެތުމާއެކު ސާރާ ގަސްތުކުރީ އޭނާގެ މަންމައަށް ގުލައިލާށެވެ.
އޭނާ ފޯނު ހިފައިގެން ނުކުމެ މަންމަ ސަލްމާއަށް ގުޅައިލުމަށްފަހު، ސާރާ ފުރަތަމަ ފަހަރަށް ޒައިދުގެ ޝަކުވާ ކުރިއެވެ. ޒައިދު އޭނާއާ މެދު ކަންތައް ކުރާ ގޮތުންނެވެ. އެ ހިތަށް ކެތް ނުކުރެވުމުންނެވެ. އޭނާ ޒައިދު ގާތުން ވަރިވާން ބޭނުންވެގެން އެވާހަކަ ވެސް ބުންޏެވެ.
"ސާރާ އެހާ އަވަހަށް ވަރި ވީމަ މީހުން ހީކުރާނީ ކީކޭތަ؟ މަންމަ މިއަދު ގުޅީމަ ޒައިދު ބުންޏޭ ސާރާ ޕާކިސްތާނަށް އަންނަން ބޭނުންވެގެންނޭ އުޅެނީ. އަދި މި ދުވަސްކޮޅު ޒައިދު ބިޒީ ކަމުން އޭނާއަށް ސާރާއަށް ވަގުތު ނުދެވޭ ވާހަކަ. އެކަމާ ސާރާ ޝަކުވާ ކުރާ ވާހަކަ. ދިރިއުޅުމުގައި ކެތްތެރިވާން ޖެހޭނޭ! މައްސަލަތަށް ވެސް ޖެހޭނޭ! އެކަމަކު އޭގެ ހައްލަކީ ކޮންމެ ފަހަރަކު މައްސަލައެއް ޖެހޭއިރު ވަރިވުމެއް ނޫނޭ" ސަލްމާގެ ވާހަކަތަކާއެކު، ސާރާގެ ދުލުގައި ތަޅެއް ލެވުނެވެ.
ޒައިދުގެ މަކަރުވެރިކަން އެނގި އޭނާ ހުރީ ބަސްހުއްޓި ބުނާނެ އެއްޗެއް ނޭނގިފައެވެ. އިތުރަށް މަންމައާ ވާހަކަ ދައްކަން އުޅުނު ނަމަވެސް މަންމަ ބަދިގެއަށް ދާން ޖެހިއްޖެ ކަމުގައި ބުނެ ފޯނު ބޭއްވުމުން ސާރާ މާޔޫސްވިއެވެ.
މަންމައަށް ހަޤީގަތް އެނގޭނެ ނަމައެވެ. މަންމަގެ ދަރިފުޅު އުޅޭ ހާލު އެނގޭނެނަމައެވެ. ޒައިދުގެ ހަޤީގަތް އެނގޭނެ ނަމައެވެ. ޒައިދު އޭނާގެ ކިބައިން އެ ހިފަނީ ކޮން ކަމެއްގެ ބަދަލެއް ހެއްޔެވެ؟ ސާރާގެ ލޮލަށް ވަގުތުން ކަރުނަތައް ޖަމާ ވިއެވެ. އޭނާއަށް ލިއަމަށް ކުޑަ އިންތިޒާރެއް ކުރެވުނު ނަމައެވެ. އެހެންނަމަވެސް މިއަދު ނަމައަކުން ކުރެވޭނޭ މާ ބޮޑު ކަމެއް ނެތެވެ. ސާރާ ދުޢާ ކުރީ އޭނާއަށް އެންމެ ރަނގަޅު ގޮތް މެދު ވެރި ކުރެއްވުމަށެވެ.
*****
ﷲ އަށް ދުޢާ ދެންނެވުމުގައި ލިއަމް ސާބިތުވިއެވެ. ސާރާ ވަކިވުމާ މަންމަގެ އިތުރުން އެންމެ ގާތް އެކުވެރިޔާ އެރިކް ގެއްލުމަކީ އޭނާގެ އީމާންތެރިކަން އިތުރުކުރުމަށް ލިބުނު އެހީއެއް ކަމުގައި އޭނާ ދެކުނެވެ. އެކަމާ މާޔޫސްވާ ކޮންމެ ފަހަރަކު އޭނާ ﷲ އަށް ދުޢާ ކުރެއެވެ. ހިތަށް ހަމަޖެހުން ލިބެއެވެ. ދުނިޔަވީ އެދުން ތަކުގައި އޭނާގެ ނަފުސު ބެހިގެން ދާކަށް ލިއަމް ފުރުސަތެއް ނުދެއެވެ. ދުނިޔެއަށް ވުރެ އާޚިރަތް އޭނާ އިސްކުރިއެވެ.
އޭނާގެ ހިތް އަދިވެސް ސާރާއަށް އެދެއެވެ. ސާރާ ދެކިލުމަށް އެދެވެއެވެ. އޭނާ އިސްލާމް ދީނަށް ޝައުގުވެރި ކުރިވީ އެ އަންހެން ކުއްޖާއެވެ. އޭނާއަށް ތެދުމަގު ލިބުމުގެ ސަބަބެއްކަމުގައި ސާރާ ވެއެވެ. އެ ހިތުގެ ޙާލު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އޭނާއާ މެދު ކޮންމެ ގޮތަކަށް ކަންތައް ވެގެންދިޔަ ކަމުގައި ވިޔަސް، އެ ފަރާތުން އޭނާ އެކަނިކޮށް ނުލައްވާނޭ ކަމުގައި ލިއަމް ޔަޤީން ކުރިއެވެ.
*****
ސާރާ ސަލްމާއަށް ގުޅިކަން އެނގި ޒައިދުގެ ރުޅިވެރިކަން އުތުރި އެރިފަދައެވެ.
"މަންމަ ކައިރީގައި ކޮންމެހެން އަހަންނޭ ކިޔައިގެން އެއްޗެހި ކިޔާނެކަމެއް ނެތް... ބޮޑު ހެދުން ލާފަ ހަށިގަނޑު ފޮރުވައިގެން ތި ހުންނަނީ މިގޭގަ އެހެން މީހަކު އުޅޭތީތަ؟" ޒައިދުގެ ނުރުހުން ސާރާ ލައިގެން ހުރި ހެދުމަށް އަމާޒުވިއެވެ. އެއީ އޭނާ ވަރަށް ފޫހިވާ ހެދުމެކެވެ.
އަލަމާރި ކައިރިއަށް ޖެހިލާފައި އޭނާ ދޮރުފަތް ހުޅުވައިލިއެވެ. ސާރާ ލައިގެން ހުރި ހެދުމަށް ބަލައިލުމަށްފަހު އަލަމާރިތެރޭގައި ހުރި ހުރިހާ ހެދުންތަކެއް ނެގިއެވެ. އެއަށްފަހު އެނދުމައްޗަށް އުކާލިއެވެ.
"ޒައިދުގެ ކަންތައް މާ މައްޗަށް ތި ދަނީ؟ ޒައިދަށް ވިޔަސް އަހަންނާ މެދު ތި ގޮތަށް ކަންތައް ކުރެވިގެން ނުވާނެ. އަހަރެންގެ ވެސް އަބުރާ އިއްޒަތެއް ވޭ. ހައްގުތަކެއް ވޭ" ސާރާ ބާރަށް ބުނެލިއެވެ.
ޒައިދު ސާރާ އާ ދިމާލަށް ފިޔަވަޅު އަޅައިލިއެވެ. ކައިރިވެލާފައި އުނަގަނޑުގައި އަތް އަޅުވާލާފައި ކައިރިއަށް ދަމައިލިއެވެ. ސާރާގެ އަނގައިގައި ހިފުމުން ސާރާ ގަދަ ހަދަން ފެށިއެވެ.
"އަދި ބުނެބަލަ ހައްގޭ... ސާރާ ޖެހޭނީ އަހަރެން ބެހެއްޓި ހިސާބެއްގަ ހުންނަން" ޒައިދު ބުނެލިއެވެ.
"ތިހެން ކަންތައް ކުރަންޏާ އަހަރެން ވަރިކުރޭ!" ޒައިދާ ދުރަށް ޖެހިލި ސާރާ ބާރަށް ބުނެލިއެވެ. ނޭނގޭ ސަބަބަކާ ހުރެ ޒައިދު ރުޅި އަރުވާލަން އޭނާގެ ހިތް އެދުނީއެވެ. އޭނާގެ ބޭނުމަކަށް ވީ ރުޅިއައިސްގެން ވެސް ޒައިދު އޭނާ ވަރި ކުރުމެވެ.
"އަހަރެން މި ގެއިން ނުކުމެގެން ދާނަން" ޒައިދާ ދިމާލަށް ބަލައިލަމުން އަނެއްކާވެސް ސާރާ ބުނެލިއެވެ.
"އަހަރެން ބަލާނަމޭ ދެވޭތޯ" ޒައިދު އެއްމިޔަކަށް ހީލަމުން ބުނެލިއެވެ.
"ކީއްކުރަން ތިއުޅެނީ؟" ޒައިދު ހެދުންތައް ހިފައިގެން ހިނގައިގަތުމުން ސާރާއަށް ބުނެވުނެވެ. އެއްޗެކޭ ނުބުނެ ޒައިދު ފަހަތުން ސާރާ ނުކުތެވެ. ޒައިދުގެ މިސްރާބުހުރީ ގެއިން ބޭރަށެވެ. ނުކުތުމުގެ ކުރިން އޭނާ މިއަދު ގެނައި ޕެޓްރޯލް ފުޅި ނެގިއެވެ.
"ނޫން" ސާރާއަށް ބުނެވުނެވެ. އޭނާ ޒައިދުގެ ކުރިމައްޗަށް އެރިއެވެ.
"ޒައިދު ޕްލީޒް... ތިހެން ނަހަދާ" ސާރާއަށް ރޮވެން ފެށުނެވެ. ޒައިދު ސާރާ ކޮށްޕާލުމަށްފަހު ގޮސް އެރީ ލިފްޓަށެވެ. ސާރާ އަވަސް އަވަހަށް ބުރުގައެއް އަޅައިގެން ނުކުތްއިރު ލިފްޓުން ޒައިދު ތިރިއަށް ދަނީއެވެ.
އެޕާރޓްމެންޓްގެ އެއްފަރާތުގައި ހައްދާފައިވާ ވިނަގަނޑުގައި މަޑުކޮށްލުމަށްފަހު ހެދުންތައް އެތަނުގައި ބެހެއްޓުމަށްފަހު، ޒައިދު ޕެޓްރޯލް އެޅިއެވެ. ޖީބުން ނެގި އަލިފާން ފޮށި ނަގާ ރޯކޮށްލުމަށްފަހު، އޭނާ ދަނޑިކޮޅު ވައްޓައިލުމާއެކު ހެދުންތަކުގައި ހުޅުހިފިއެވެ. ޒައިދުގެ މޫނުމަތިން ފެންނަނީ ކާމިޔާބުގެ އަސަރުތަކެވެ.
ސާރާއަށް ނުކުމެ ވުނުއިރު ހެދުންތަކުގައި އެކީ ވަނީ ހުޅު ހިފާފައެވެ. ޒައިދާ މެދު ހިތުގައި އެތައް ޝަކުވާއެއް އުފެދި އުތުރި އަރަން ފެށިއެވެ. ކަރުނަތައް ފުހެލަމުން ދުވެފައި އެތެރެއަށް ވަތްތަން ބަލަން ޒައިދު ހުއްޓެވެ.
އެރޭ ޒައިދު ބޭރަށް ދިޔަ ގޮތަށް އަނެއް ދުވަހު ހެނދުނު ވެސް ގެއަކަށް ނާދެއެވެ. ސާރާ ކަންބޮޑުވިއެވެ. ޒައިދުގެ ނަންބަރަށް ގުޅުނު އަދަދެއް ވެސް ނޭނގެއެވެ.
އަސުރު ފަހުން ޒައިދު ގެއަށް އައި އިރު އައީ ބާޒާރު ކޮތަޅުތަކެއް ހިފައި ގެންނެވެ. ސާރާއަތަށް ދީފައި އޭގައި އޮތް އެއްޗެއް ބެލުމަށް ޒައިދު އެދުނެވެ.
ސާރާ ފަހަރަކު ކޮތަޅެއް ނަގާ އޭގައި ހުރި އެއްޗެއް ބަލަން ފެށިއެވެ. މުޅީން ވެސް ޓޮޕާ ޖީސްއެވެ.
"މިތާ އުޅޭ އިރު މިތާ މީހުން ލާ ކަހަލަ އެއްޗެހި ދޯ ލާންވާނީ." ސާރާ ފާޑަކަށް ބަލަން ފެށުމުން ޒައިދު ބުނެލިއެވެ.
"އަހަރެން މި އެއްޗެހި ލާން ބޭނުން ނުވާތީ ދޯ ދިގު ހެދުން ލައިގެން އުޅޭނީ... އަހަރެން ބޭނުމެއް ނުވޭ ހަށިގަނޑުގެ ވަނާތައް ހިލޭ ފިރިހެނުންގެ ކުރިމަތީގައި އިޝްތިހާރު ކުރާކަށް" ސާރާ ހިންހަމަ ނުޖެހިފައި ބުނެލިއެވެ. ޒައިދު ޖަހައިލީ ހިނިގަނޑެކެވެ.
"އަހަރެން ބޭނުންވަނީ އަހަރެން ލާ ކަހަލަ އަބާޔާ" ސާރާ ބުނެލިއެވެ.
"ނުލިބޭނެ. ސާރާ މީގެ ފަހުން ލާން ޖެހޭނީ އަހަރެން ބުނާ ކަހަލަ ހެދުން" ޒައިދު ފާޅުގައި ދެކޮޅު ހެދިއެވެ.
"އަހަރެން މިއެއް ބޭނުމެއްނޫން" ސާރާ ގަދަ ދެއްކިއެވެ.
އޭނާ އަތުގައި ދިގު ހެދުމަކަށް އޮތީ ލައިގެން ހުރި ހެދުން އެކަންޏެވެ.
"އެހެންވިއްޔާ ހެދުން ނުލާ ހުރޭ" ޒައިދު ރައްދު ދިނެވެ.
އެ ހިތުގައި ރަޙުމުގެ ކަންފުޅެއް ވެސް ނުވެއެވެ. އިތުރަށް ވާހަކަ ނުދައްކާ ޒައިދު ދިޔައީ ބޭރަށެވެ.
އޭގެ ފަހުން ދެ ދުވަސް ފާއިތުވެގެން ދިޔައިރު ވެސް ޒައިދާ ސާރާ އާ ދެމެދު މާ ގިނަ ވާހަކައެއް ނުދެކެވެއެވެ.
*****
އެއީ ވެސް އެފަދަ ދުވަހެކެވެ. މިއަދު ވެސް ޒައިދު ބޭރަށް ދިޔައީ ސާރާ އާއި ޒުވާބު ކުރުމަށް ފަހުއެވެ. ސިޓިންރޫމުގައި މަޑުކޮށްލައިގެން އިން ސާރާގެ ހަނދާނަށް ޒައިދާ އިންނަން އުޅުނު އިރު އޭނާ ކުރި އިސްތިޚާރާ ނަމާދު އައީ އެވަގު ތެވެ.
އިސްތިޚާރާއަށްފަހު ވެސް ގޮތެއް ނިންމަން އޭނާއަށް އެހާ އުނދަގޫ ވެގެން އުޅުނީ ހިތުގައިވި ނުތަނަވަސްކަމާއި އެކުވެސް، އާއިލާގެ އެންމެން ކުރަމުން ދިޔަ އުންމީދުތަކުގައި ކޮޅުފައިން ޖަހަން ނުކެރުނީތީއެވެ. ލިއަމް ނައިސް ގިނަ ދުވަސްވުމުން އޭނާއަށް ކެތްތެރިކަން އިސްކުރުމުގެ ބަދަލުގައި މާ އަވަސް އަރުވާލައިގެން ގޮތެއް ނިންމުނީއެވެ.
އިސްތިޚާރާ ނަމާދުގެ ފަހުން ވެސް ގޮތެއް ނިންމަން އުނދަގޫވެ ލިބުނު މާޔޫސްކަމުގައި އިސްތިޚާރާ ކުރުން މަތީ ދެމި ނުހުރެވުނީއެވެ. އެހެންނަމަވެސް މިއަދު އޭނާއަށް އެ ހިތުގައި ވި ނުތަނަވަސްކަމަކީ ކީއްވެގެން އައި ނުތަނަވަސް ކަމެއްކަން މާނަ ކުރެވިއްޖެވެ. ކޮންމެ ގޮތަކަށް ކަންތައް ވެގެން ދިޔަ ކަމުގައި ވިނަމަވެސް ސާރާ ﷲ ގެ ރަޙްމަތުން އުންމީދު ކަޑައެއް ނުލާނެއެވެ.
މެންދުރު ނަމާދު ވަގުތު ޖެހުމުން ނަމާދު ކޮށްލުމަށްފަހު، އޭނާ ޤުރުއާން ކިޔަވާލަން އަވަސްވިއެވެ.
އެނދުގައި އިށީނދެ ޚަތިމް ނަގައިގެން ޤުރުއާން ކިޔަވަން ފެށިއެވެ.
ޒައިދު ބޭރުން އައިސް ގެއަށް ވަދެފައި ފުރަތަމަ ދިޔައީ ބަދިގެ ފަރާތަށެވެ. ފެންތައްޓެއް ބޯ ލައިގެން އައިސް، ކޮޓަރި ދޮރާ އަރާ ހަމަވީތަނާ އޭނާގެ ކަންފަތުގައި ސާރާ ޤުރުއާން ކިޔަވާ އަޑު ޖެހުނެވެ. ފިޔަވަޅުތައް މަޑު ޖައްސައިލަމުން ޒައިދު މަޑުކޮށްލީ ޤުރުއާން ކިޔަވަމުން ދިޔަލެއް ރީތިކަމުންނެވެ. އެ އަޑު އަހަން ހުރެވުނެވެ. ހިތަށް ކޮންމެވެސް އަސަރުތަކެއް ކޮށްފިއެވެ. ސާރާގެ އަޑު ސާފެވެ. އަކުރުތަކުގެ މަޚްރަޖުތައް ކިޔަނީ ރީތިކޮށެވެ. ހިތަށް ކުރަމުންދިޔަ އަސަރުތަކަށް ފުރަގަސްދެމުން ޒައިދު ކޮޓަރި ދޮރު ހުޅުވައިލިއެވެ. ސާރާ ކިޔެވުން މަޑު ޖައްސައިލިއެވެ. އެއަށްފަހު ޒައިދަށް ބަލާލާފައި އޭނާ ޚަތިމް ލައްޕައިލަން އުޅުނެވެ. ޒައިދު ގޮސް ސޯފާއަށް ވެއްޓިގަތެވެ.
"އަހަރެން ބުނެފިންތަ ހުއްޓައިލަން" ސާރާ އެނދުން ތެދުވުމާއެކު ޒައިދަށް ބުނެވުނީ އޭނާ އަދިވެސް އެ އަޑު އެހުމަށް ޝައުގުވެރިވީ ވަރުންނެވެ.
ސާރާ ކޮޓަރިން ބޭރަށް ނުކުމެލިއެވެ. ޒައިދު ފެންނަ ހިސާބެއްގައި ވެސް ހުންނާކަށް އޭނާ ބޭނުމެއް ނޫނެވެ. ސިޓިން ރޫމް ސޯފާގައި ޖައްސައިލުމާއެކު ސާރާ ދޫކޮށްލީ ފުންނޭވާއެކެވެ. އެ ހިނދުގައި ވެސް ހިތާ ހިތުން ދުޢާ ކުރެވުނީ އޭނާއަށް އެންމެ ރަނގަޅު ގޮތް މިންވަރު ކޮށްދެއްވުން އެދިއެވެ.
*****
ދުވަސްކޮޅެއް ކޮށްލާފައި ލިއަމް އޭނާގެ މަންމަމެން ގެއަށް ދިޔައީ މަންމަ ދެކެލާ ހިތުންނެވެ. މަންމައާ ވާހަކަ ދައްކައިލާ މަންމަގެ ހިތުގައި އޭނާގެ މައްޗަށް އޮތް ކިލަނބުކަން ފިލުވައިލުމުގެ ބޭނުމުގައެވެ. އަދި އެއާއެކު އިސްލާމް ދީނުގައި ހުރި ރަނގަޅުކަމުގެ ވާހަކަ މަންމައަށް ކިޔައިދީ އެ މަންމަގެ ހިތުގައި އެ ދީނަށްޓަކައި ކުޑަ މިންވަރަކަށް ވިޔަސް ލޯތްބެއް އުފެއްދޭތޯއެވެ.
ގެއަށް ގޮސް ބެލް އެޅުމާއެކު ދޮރު ހުޅުވީ އޭނާގެ ދޮންބައްޕަ ވިލިއަމްއެވެ. ލިއަމް ފެނުމާއެކު އޭނާ ހިނިތުންވެލިއެވެ. ރައްދުގައި ލިއަމް ވެސް ހިނިތުންވެލިއެވެ. އެތެރެއަށް ވަތްއިރު މަންމަ ސޯފިޔާ އިނީ ސޯފާގައެވެ.
"މަންމާ... ލިއަމް ގޮވައިލިއެވެ. ސޯފިޔާގެ މޫނުމަތި ބަނަވިއެވެ. ލިއަމް ފެނިފައެވެ.
"މަންމާ... އަޅުގަނޑު އިސްލާމް ވިޔަސް މަންމަ އާ އޮތް ގުޅުން ކަނޑައިލާކަށް ބޭނުމެއް ނޫން. އިސްލާމް ދީނަކީ މަންމަމެން ތި ހީކުރާހާ ހަރުކަށި ދީނެއް ނޫނޭ" ލިއަމް ވާހަކަ ދެއްކިއެވެ. ސޯފިޔާ ލިއަމަށް ބަލައިލިއެވެ. އެ ދަރިފުޅުގެ މޫނުމަތިން އޭނާއަށް ފެނުނީ އެކަނިވެރިކަމާއި މާޔޫސްކަމެވެ.
"މަންމާ... އެރިކް ވެސް ވާހަކަ ދެއްކުން ހުއްޓާލައިފި. އަހަރެން ބޭނުމެއް ނޫން ދެވަނަ ފަހަރަށް މަންމަ ލިބިފައި މަންމަ ގެއްލޭކަށް" ލިއަމް ބުނެލިއެވެ.
އެ ދަރިފުޅުގެ އަޑުގައިވި އަސަރުން ސޯފިޔާގެ ހިތަށް ކެތެއްނުވިއެވެ. ލިއަމް ކައިރިއަށް ގޮސް ލިއަމްގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. ނިތުގައި ބޮސްދީފައި ބައްދައިލިއެވެ. ލިއަމްގެ ތުންފަތް މައްޗަށް ވެރިވީ ހިނިތުންވުމެކެވެ. މަންމަގެ ހިތުގައި އޭނާއާ މެދު އޯގާތެރިކަމާއި ކުލުނު އުފެދުނީ ތީ ލިއަމް ﷲ އަށް ޙަމްދުކުރިއެވެ.
ކޮންމެ ކަމެއް ވަނީ އެކަލާނގެ އިރާދަކުރެއްވި ގޮތަކަށެވެ. މަންމަކައިރީގައި ވަގުތު ކޮޅެއް ހޭދަކޮށްލާފައި ގެއަށް ދާން ނައްޓާލެވުނު އިރު ފުދޭވަރަކަށް ދަން ވެއްޖެއެވެ.
*****
ގެއަށް އައިސް ވަތް ޒައިދު ހުރީ ހަމަހޭގައި ނޫންކަން ސިޓިންރޫމުގައި އިން ސާރާ ދެނެގަތެވެ. ޒައިދު ސާރާ އާ ގާތަށް ޖެހިލުމާއެކު، ސާރާ އަނެއްފަރާތަށް މޫނު އަނބުރާލިއެވެ.
"ކިހިނެއްތަ ތިއުޅެނީ؟" ސާރާގެ އަތުގައި ހިފެއްޓި ޒައިދުގެ އަތް ފޮޅުވާލަމުން ސާރާ ބުނެލިއެވެ. ޒައިދު ޖަހައިލީ ހިނިގަނޑެކެވެ. ސާރާ ރުޅި އަރުވާލެވުމުން އޭނާ އުފާވަނީއެވެ. ސާރާ ގާތަށް ޖެހިލާ ސާރާގެ އިސްތަށިގަނޑު އަތުގެ ތެރެއަށް އޮޅާލުމާއެކު ސާރާއާ ގާތް ވާން ޒައިދު މަސައްކަތް ކުރިއެވެ.
"ޒައިދު ތަދުވެޔޭ... ދޫކުރޭ!" ޒައިދުގެ އަތް ދަށުން ސަލާމާތް ވާން ސާރާ ގަދަހެދިއެވެ. ސޯފާ މައްޗަށް ސާރާ ވައްޓައިލުމާއެކު ޒައިދު ސާރާއާ ދިމާލަށް އިނގިލި ދިއްކޮށްލިއެވެ.
"ތިކަހަލަ އަންހެން ކުއްޖަކު އަހަރެން ބޭނުމެއް ނޫން. އަހަރެން ބޭނުންވަނީ ހަމައެކަނި ޖެސިކާ. އަޑު އިވިއްޖެތަ؟ ތިހިރީ ވަރިކޮށްފަ" ޒައިދު އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ.
އެ އަޑާއެކު ސާރާއަށް ހުރިތަނަށް ގަނޑު ވެވުނެވެ. އެއްޗެއް ބުނަން ވެގެން ހުޅުވާލި އަނގަ ވެސް މަޑުމަޑުން ލައްޕައިލަން މަޖުބޫރު ކުރުވައިފިއެވެ.
"ޖެސިކާ؟" އޭނާގެ އަނގައިން ވައިއަޑުން އެ އަޑު ނުކުތެވެ.
"އާނ. ޖެސިކާ. އެއީ އަހަރެންގެ ފުރަތަމަ އަދި ފަހު ލޯބި. ހަނދާންކުރާތި. އަހަރެން ކަލެއާ އިނީ ލިއަމްގެ ކިބައިން ބަދަލު ހިފަން" ޒައިދު ބުނަމުން ދިޔައެވެ.
"ބަދަލު ހިފަންނޭ!" ޒައިދު ދައްކަމުންދިޔަ ވާހަކަ އެއްވެސް ވަރަކަށް ފަހުމު ވާގޮތެއް ސާރާއަކަށް ނުވިއެވެ. އޭނާ ޒައިދަށް ބަލައިލިއެވެ.
"ތި ކިޔާ އެއްޗެއް ސާފުކޮށް ކިޔާބަލަ" ސާރާ ތަންކޮޅެއް އަޑުހަރުކޮށް އެހިއެވެ.
"އަޑެއް ނީވޭތަ؟ އާދެބަލަ ކައިރިއަށް" ޒައިދު ސާރާ އާ ކައިރިވެލިއެވެ. ސާރާއަށް ނޭފަތުގައި އަތް އަޅާލެވުނެވެ. ދުވާ ވަހުންނެވެ. އިރުކޮޅެއްގެ ހަމަހިމޭން ކަމަކަށްފަހު ޒައިދު ދެލޯ މަރައިލިއެވެ.
ދެން ދެލޯ ހުޅުވާލާފައި ސާރާއަށް ބަލައިލުމަށްފަހު އޭނަ ޖެސިކާގެ ނަން އެ ދުލުން ބޭރުކޮށްލިއެވެ. ހީވަނީ އޭނާއަށް ސާރާ ފެނުނީ ޖެސިކާގެ ސިފައިގައި ހެންނެވެ.
" ދުރުގަ ހުރޭ" ސާރާ ބުނެލިއެވެ.
ޒައިދު އެވަނީ އޭނާ ވަރިކޮށްފައެވެ. ވުމާއެކު އޭނާގެ މައްޗަކަށް މިހާރު ޒައިދުގެ އެއްވެސް ހައްގެއް ނޯންނާނެއެވެ. ކެނޑި ނޭޅި ޒައިދު މަސައްކަތް ކުރީ ސާރާއާ ކައިރިވާށެވެ. ސާރާ ޒައިދާ ދުރަށް ދާން މަސައްކަތް ކުރިއެވެ. ދޮރާ ހިސާބަށް ގޮސްފައި އޭނާ މަޑުޖެހުނީ ލައިގެން އިން ހެދުމުގެ ސަބަބުންނެވެ. އޭނާ ލައިގެން އިނީ ގަޔަށް ދޫ ޓީޝާޓަކާއި ދޫ ހަރުވާޅެކެވެ. އޭނާ އަތުގައި އޮތް ހަމަ އެކަނި ދިގު ހެދުން ވެސް ޒައިދު ފޮރުވީއެވެ. ސާރާ އަތުން މަޑުކުރުމަށް އިޝާރާތް ކުރިއެވެ.
"އާދެބަލަ ކައިރިއަށް."
ޒައިދު ކެނޑިނޭޅި ބުނަމުން ދިޔައެވެ. ޒައިދު ސާރާ އާ ކައިރިއަށް ޖެހިލާ ސާރާގެ ޓީޝާޓުގައި ހިފާ ދަމައިގަތް ގަތީނުން އިރާލައިފިއެވެ. ސާރާގެ އަތުގައި ހިފާ ގެނެސް ސޯފާ މައްޗަށް ވައްޓައިލުމާއެކު، ސާރާގެ ދެ އަތް އޭނާގެ އެއް އަތުން ހައްޔަރު ކޮށްލުމަށްފަހު ސާރާއާ ގާތް ވާން މަސައްކަތް ކުރިއެވެ.
ވަރަށް ހާލުން އެއް އަތް މިނިވަން ކުރުމަށްފަހު ސާރާ ކުޑަކޮށް ތެދުވެލާ ޒައިދުގެ އަތުގައި ދަތް އެޅިއެވެ. ޒައިދު ހަޅޭއްލަވައި ގަނެފައި ސާރާގެ އަތުން ދޫކޮށްލިއެވެ.
ސާރާ ބަލާކަށް ނުހުރެ ދޮރާ ދިމާލަށް ދުއްވައިގަތީ ޒައިދު އޭނާއާ ދިމާލަށް ބަލަން ހުރި ގޮތުން ބިރުގަނެފައި ހުރެއެވެ. އެ ހިސާބުން އަނެއްކާވެސް މަޑުޖެހުނީ ހުރި ގޮތް ހަނދާންވެފައެވެ.
މި ފަހަރުވެސް ޒައިދު ސާރާ އާ ގާތް ވާން މަސައްކަތް ކުރިއެވެ. ބިރުގަނެފައި ހުރި ސާރާ ޒައިދުގެ ކަންފަތް މައްޗަށް އޭނާގެ އަތުގެ ހޫނު ހަމަލާއެއް ދިނެވެ. ޒައިދަށް އިތުރު ހަރަކާތެއް ކޮށްނުލެވި އުޅެނިކޮށް ސާރާ ޒައިދު ކޮށްޕާލާފައި، ދޮރު ހުޅުވާފައި ނުކުމެ ލިފްޓަށް އެރިއެވެ. އޭރު ޒައިދު އޮތީ ވެއްޓިގައެވެ.
ލިފްޓް ލެއްޕުނު އިރު ނަސީބަކުން ޒައިދަށް ކިރިޔާ ދޮރާ ހިސާބަށް ނުކުމެވެނީއެވެ. އޭރު ސާރާގެ ދެ އަތް ވެސް ތުރު ތުރު އަޅައެވެ. ނޭވާ ވެސް ހާސްވަނީއެވެ. ހިތްވެސް ދިޔައީ އެހާ ބާރުމިނުގައި ތެޅެމުންނެވެ. ދެލޮލުން ކަރުނަ ފައިބައެވެ.
އެންމެ ތިރިއަށް ގޮސް ލިފްޓް ހުއްޓުމާއެކު ސާރާ ދުވެފައި ނުކުތެވެ. މަޑުކޮށްލެވުނީ އަނެއްކާވެސް ހުރި ގޮތް ހިތަށް އަރާފައެވެ. އެހެން ހުއްޓާ ލިފްޓުން ފޭބި ޒައިދު ފެނި ސާރާގެ ހިތް ހީވީ ބޭރަށް ފުންމައިލީހެންނެވެ. ދުއްވައިގަނެވުނީ އަމިއްލަ ސަލާމަތް ހޯދާށެވެ.
ދުވަމުން ގޮސް މަގުމައްޗަށް ނުކުމެވުނީ ކާރެއްގެ ކުރިމައްޗަށެވެ. ކާރު އައިސް މަޑުކޮށްލެވުނު އިރު ސާރާއަށް އޮވެވުނީ ކާރުގެ މައްޗަށް ވެއްޓިފައި ކަހަލަ ގޮތަކަށެވެ.
އޭނާ އިސްއުފުލާ ބަލައިލިއިރު ދެފައި ތުރުތުރު އަޅާވަރުން ކޮޅަށް ވެސް ނުހުރެވެއެވެ. އޭރު ވެސް ފަހަތުން ޒައިދު ދުވަމުން އާދެއެވެ.
ލިއަމްގެ ކާރުގައި ޖެހުނު އަންހެން ކުއްޖާއަށް ބަލައިލުމާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. ކޮންމެ ގޮތަކަށް ފެނުނު ކަމުގައި ވިޔަސް އޭނާއަށް އެ ސޫރަ އޮޅޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. އެއީ ސާރާ ނޫން ދެވަނަ މީހެއް ނޫނެވެ.
ސާރާގެ ފަހަތުން ދުވަމުން އެ އަންނަ ފިރިހެން މީހާ ފެނުމާއެކު ލިއަމަށް އަވަސް އަވަހަށް ކާރުން ފޭބުނެވެ. އޭރު ޒައިދު އަރާ ހަމަކުރަނީއެވެ.
"އަނެއްކާވެސް ކަލޭ" ޒައިދު ބުނެލިއެވެ.
ސާރާ ލިއަމްގެ ގަމީހުގައި ހިފަމުން ލިއަމްގެ ފުރަގަހަތަށް ވަނެވެ. ވެފައި ހުރި ވަރުން އެއީ ލިއަމްކަން ވެސް އޭނާއަށް ރޭކާނުލައެވެ. މާނޭވާ ލެވޭ ވަރުން ހީވަނީ ނޭވާ ވެސް އުފުރިގެން ހިނގައިދާނެހެންނެވެ.
"އަހަރެން ސަލާމަތް ކުރޭ.. އޭނަ" ސާރާ ބުނީ އިނގިރޭސިންނެވެ.
ރޮވޭ ވަރުން އޭނާއަށް ރަނގަޅަށް ވާހަކައެއް ނުދެއްކެއެވެ. އަޑުގައި އަދިވެސް ވަނީ ތުރުތުރު އެޅުމެވެ.
"ސާރާ ކާމް ޑައުން" ލިއަމް އަވަސްއަވަހަށް ބުނެލިއެވެ. ލިއަމް އޭނާގެ ހިމާޔަތް ސާރާއަށް ދެމުން ކުރިއަށް ޖެހިލިއެވެ. އޭނާ ބަލާކަށް ނުހުރެ ޒައިދުގެ މޫނުމައްޗަށް ގޮށްމުށުގެ އެތިފަހަރެއް ވީއްލާލައިފިއެވެ. ރައްދުގައި ޖަހަން އަތް މަޅާލި ޒައިދުގެ އަތުގައި ހުޝިއާރުކަމާއެކު ހިފައްޓަމުން ލިއަމް، ޒައިދު ކޮށްޕައިލިއެވެ.
ލިއަމާ ދިމާލަށް އިނގިލި ދިއްކޮށްލާފައި ޒައިދު ދުރަށް ޖެހިލިއެވެ. އެއަށްފަހު ފަސް އެނބުރިއްޖެއެވެ. ދިޔުމުގެ ކުރިން އަދިވެސް އެއްފަހަރު އޭނާ ސާރާއަށް ބަލައިލިއެވެ.
ލިއަމަށް ސާރާއަށް ބަލައިލާކަށް ވެސް ނުކެރުނެވެ. އެހާ ވަރުން ފޮރުވިގެން އުޅޭ ސާރާ އެ ގޮތަށް ގެއިން ނުކުމެގެން އަންނާނީ ގައިމު ކޮންމެވެސް ބޮޑު ކަމެއް ވީމަތާއެވެ.
އޭނާއަށް ނިތުގައި އަތް ޖައްސައިލެވުނެވެ. ދުރު ބަލަހައްޓައިގެން ހުރި ލިއަމް ސާރާއަށް ގޮވައިލިއެވެ.
ހަމަޖެހެން މަސައްކަތް ކުރަމުން ދިޔަ ސާރާ އެ އަޑަށް ސަމާލުކަން ދިނެވެ. އެއީ ލިއަމް ނޫން ދެވަނަ މީހެއްގެ އަޑެއް ނޫނެވެ. ހުރެވުނު ގޮސް އިޙްސާސްވި ސާރާ އޭނާގެ ހަށިގަނޑު ފޮރުވޭތޯ އަތުން މަސައްކަތް ކުރިއެވެ. ކޮނޑުމައްޗާ ދިމާލުން ޓީޝާޓް ވަނީ އިރައިގެން ގޮސްފައެވެ. ސިހުން ގެނުވީ ކުއްލިއަކަށް ލިއަމް އޭނާގެ ޖެކެޓް ސާރާގެ ގައިގައި ލައްވައިލަ ދިނުމުންނެވެ. އޭރުވެސް ލިއަމް ހުރީ އޭނާގެ ނަޒަރު ދުރަށް ހުއްޓައިލައިގެންނެވެ.
"ކާރަށް އަރާ ސާރާ. މިހާރު ތިހިރީ ތިހެން ހުރެގެން ގެއަށް ދާ ހާލަތަކު އެއް ނޫން" ލިއަމް ބުނެލިއެވެ.
އިތުރު އެއްޗެއް ނުބުނެ ސާރާ ގޮސް ކާރުގެ ފަހަތު ދޮރުފަތް ހުޅުވައިލިއެވެ. އެތެރެއަށް ވަދެ އިށީނދެލާފައި އެއަތުގެ ތެރޭގައި މޫނު ފޮރުވައިލިއެވެ.
ރޮވެން ފެށުނީ ދެނެވެ. އިސާހިތަކު މަޑު ގިސްލުމެއްގެ އަޑު ކާރުތެރެއަށް ފެތުރިގެން ދިޔަ އެވެ. ކާރުގެ ކުރީ ދޮރުފަތް ހުޅުވާލާފައި ކާރަށް އަރާ އިށީން ލިއަމްގެ ކަންފަތުގައި ސާރާގެ ގިސްލުމުގެ އަޑު ޖެހުމާއެކު އޭނާގެ ހިތް ހީވީ ގެނބިގެން ދިޔަހެންނެވެ.
ފަސްއެނބުރި ސާރާއަށް ބަލައިލަން ބޭނުންވި ނަމަވެސް އޭނާ ހިތުގެ އިޙްސާސްތަކުގެ މައްޗަށް ބާރު ފޯރުވީ ސާރާ އިން ހާލު ހިތަށް އަރުވާލަމުންނެވެ.
"ސާރާ. ދެން ޒައިދަކަށް ނުކެރޭނޭ ސާރާ ކައިރިއަށް އަންނާކަށް. ރުއިން ހުއްޓާލަބަލަ" ލިއަމް މަޑުމަޑުން ބުނެލިއެވެ. އެ އަޑުން އޭނާ ސާރާއާ މެދު ކަންބޮޑުވެފައިވާ މިންވަރު ހާމަވެއެވެ.
ލިއަމް ސާރާއަށް ޔަޤީންކަން ދޭން ބޭނުންވީ ސާރާ އޭނާގެ ހިމާޔަތުގެ ދަށުގައި ވާކަމެވެ. ސާރާގެ ވޭނީ ގިސްލުމުގެ އަޑާއެކު އޭނާގެ ނަފްސުގެ ކޮންޓްރޯލް އަތުން ދޫވާން އުޅޭހެން ހީވިއެވެ. އެހެންނަމަވެސް ލިއަމް ކެތްތެރިވިއެވެ. އެތައް އިރެއްވީއިރު ވެސް ސާރާގެ ރުއިން މަޑެއް ނުވިއެވެ.
"ސާރާ ޕްލީޒް" ލިއަމް ބުނެލިއެވެ. އެ އަޑުގައިވަނީ އާދޭހެވެ. ސާރާ ބުރުގާ ނާޅާ އިނުމުން ލިއަމް އިނީ ލޯގަޑުން ވެސް ސާރާއާ ދިމާލަށް ބަލައިލަން ނުކެރިފައެވެ. ހިތުގެ އެދުންތަކަށް އޭނާ ފުރަގަސްދިނީ އުނދަގުލުންނެވެ. ސާރާ ދެކެ ލޯބި ވިއެއްކަމަކު ސާރާ އަދިވެސް އެއީ އޭނާއަށް ހިލޭ މީހެކެވެ. ސާރާ ވެސް އެ ފަދަ ގޮތަކަށް ހުރެ ހިލޭ ފިރިހެނަކަށް ފެންނާކަށް ނޭދޭނެ އެވެ.
ސާރާގެ ރުއިން މަޑުވިހެން ހީވުމާއެކު ލިއަމް ކާރު ދުއްވައިލިއެވެ. ގެ ކައިރީގައި ކާރު ޕާކުކޮށްލުމަށްފަހު، ލިއަމް ކާރުން ފޭބި އެވެ. އެއަށްފަހު އޭނާ ސާރާ އިން ފަރާތު ދޮރު ހުޅުވައިދިނެވެ.
ސާރާ ނުކުތެވެ. ލިއަމް ހިނގައިގަތުމުން ލިއަމްގެ ފަހަތުން ސާރާ ވެސް ހިނގައިގަތެވެ. ލިފްޓަށް އެރި އިރުވެސް ލިއަމް ހުރީ އޭނާގެ ނަޒަރު ތިރި ކޮށްލައިގެންނެވެ. ސާރާއަށް ވީ ގޮތް އެނގެން އޭނާގެ ހިތް އޭރު ތެޅިފޮޅެމުން ދިޔައެވެ. ކެތް ކުރެވޭނޭ އެންމެ މައްޗަކަށް ލިއަމް ކެތް ކުރިއެވެ.
ކާޑު ޖަހާލުމަށްފަހު އެޕާރޓްމެންޓް ދޮރު ހުޅުވައިލާ ސާރާ ވަންނަން ލިއަމް ތަންދެއްކިއެވެ. ލިއަމަށް ބަލައިލުމަށްފަހު ސާރާ އެތެރެއަށް ވަނެވެ. ލިއަމް ކޮޓަރި ދައްކައިލަމުން ބޭރުގައި މަޑުކޮށްލިއެވެ.
ސާރާ އެތެރެއަށް ވަނުމާއެކު ލިއަމް އޭނާގެ ކޮޓަރިއަށް ވަނެވެ. ސާރާ ލާން އޭނާ ހެދުމެއް ދޭން ޖެހޭނެއެވެ. ދަންވަރުގެ ވަގުތެއްކަމަށް ހުޅުވާފައި ފިހާރެއެއް ވެސް ނުހުންނާނެއެވެ. ވިސްނަން ހުރެފައި ލިއަމް އޭނާއަށް ވެސް ދޫ ޓީޝާޓެއް ނެގިއެވެ. އެއަށްފަހު ކޮޓަރިން ނުކުތީ އެ ސާރާއަށް ދިނުމުގެ ބޭނުމުގައެވެ. އޭގެ ކުރިން އޭނާ އަލަމާރި ހޯދައިލިއެވެ. ސާރާގެ އިސްތަށިގަނޑު ނިވާކުރެވޭނޭ ފަދަ ފޮތިގަނޑެއް އޮތް ތޯއެވެ.
ސާރާ އެނދުގައި އިށީނދެގެން އިންދާ ދޮރުގައި ޓަކި ޖަހައިލިއަޑަށް އޭނާ ދިޔައީ ސިއްސައިގެންނެވެ. މަޑުމަޑުން ގޮސް ދޮރު ކުޑަކޮށް ހުޅުވައިލިއެވެ. ލިއަމް ދިއްކޮށްލީ ޓީޝާޓެކެވެ.
"ފެންވަރާ ތާޒާ ވެލާ" ލިއަމް ބުނެލިއެވެ.
ސާރާ އެ ޓީޝާޓުގައި ހިފަމުން ކޮޓަރީގެ ދޮރުލެއްޕިއެވެ. ތުންފަތުގައި ދަތް އަޅާލަމުން އޭނާ ކަރުނަތައް ހުއްޓުވޭތޯ އުޅުނެވެ. އެހެންނަމަވެސް އެކަން ކާމިޔާބު ނުވެ، އަނެއްކާ ވެސް އޭނާގެ ކޯތާފަތް މަތިން ކަރުނަތައް ރޮނގުދެމިގެން ތިރިއަށް ދާން ފަށައިފިއެވެ.
އެނދުގައި އިށީން ސާރާއަށް ކޮޓަރިތެރެއަށް ވަށައިގެން ބަލާލެވުނެވެ. މާ ގިނަ އެއްޗިއްސެއް އެ ކޮޓަރި ތެރެއަކު ނުވެއެވެ. އެނދަކާ ޑްރެސިން ޓޭބަލެއްގެ އިތުރުން މޭޒެކެވެ.
ވިސްނާލުމަށްފަހު ފާހާނާ އާ ދިމާލަށް މިސްރާބުޖެހީ ފެންވަރާލުމުގެ ބޭނުމުގައެވެ. ނުކުމެ އެނދުގައި އޮށޯވެލިތަނާ އޭނާއަށް ދާދި ފަސޭހައިން ނިދިއްޖެއެވެ.
"ސާރާއާށް ދޭން ތަރުކާރީ ސެލެޑަކާއި ސޫޕް ތައްޓެއް ތައްޔާރު ކޮށްލި ލިއަމް ގޮސް ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލިއެވެ. އެތެރޭން ހަބަރެއް ނުވުމުން އޭނާ ކުޑަ ކުޑަކޮށް ތަޅުގައި ހިފާ އަނބުރައިލީ ދެ ވިސްނުމެއްގައި ހުރެއެވެ.
ނިދާފައި އޮތް ސާރާ ފެނި އޭނަ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން އައިސް އިށީނީ ސޯފާގައެވެ. އޭނާއަށް ނިދުނީ ވެސް ސޯފާގައި އިންދައެވެ.
ހޭލެވުނީ ކައިރީގައި އޮތް ފޯނުން ފަތިސްނަމާދު ބަންގީގެ އަޑު އިވުމާ އެކުގައެވެ. ތެދުވަމުން ކޮޓަރިއަށް ވަދެ ލިއަމް ވުޟޫ ކޮށްގެން ނަމާދުކޮށްލިއެވެ. އެއަށްފަހު އޭނާ ޤުރުއާން ކިޔަވާލާ ތަފްސީރު ބަލައިލުމުގައި ވަގުތު ކޮޅެއް ހޭދަ ކުރިއެވެ.
ހެނދުނު އަށެއް ޖެހިއިރު ވެސް ސާރާއަށް ހެޔެއްނުލެވެއެވެ. ސާރާއަށް ހެދުމެއް ގަނެލަން ވެގެން ލިއަމް ނުކުތެވެ. މުޅީން ވެސް ފެންނަނީ ޓޮޕާއި ޖީންސްއެވެ. ކަމެއް ހަނދާންވާ ފަދައަކުން އޭނާ އިލްޔާސަށް ގުޅައިލިއެވެ. އިލްޔާސްގެ އަންހެނުން އަބާޔާ ފަހާ ވިއްކާ ވިޔަފާރި ކުރެއެވެ.
އޭނާ އެ ފިހާރަ ހުންނަ ތަން އޮޅުން ފިލުވައިގެން އެ ދިމާލަށް މިސްރާބުޖެހިއެވެ. ހޭލެވުނު ސާރާ ކޮޓަރީގެ ދޮރު ހުޅުވައިލީ މަޑުމަޑުންނެވެ. ލިއަމް ނެތްކަން ޔަޤީންވެ އޭނާ ސިޓން ރޫމަށް ނުކުމެލިއެވެ. ސޯފާގެ ކުރިމަތީގައި ހުރި ބިއްލޫރި މޭޒާ ކައިރިވެފައި އޭނާ އޭގެ މަތީގައި އޮތް ގަނޑުކޮޅު ނަގާ ކިޔައިލިއެވެ.
"އަހަރެން އަންނާނަން އިރުކޮޅަކުން. ބަނޑުހައިވެއްޖެއްޔާ ކައްޗޭ! ނާސްތާ ހުންނާނެ މޭޒުމަތީ" ލިޔެފައި އޮތެވެ. އޭނާ ކާ މޭޒުމައްޗަށް ބަލައިލިއެވެ. މޭޒާ ކައިރިއަށް ޖެހިލާ ތަށީގެ މަތި ހިއްލައިލިއެވެ. ޖޫސްތައްތަކާއި ސޭންޑް ވިޗެކެވެ.
ބަނޑުހައިވެފައި ހުރިލެއް ބޮޑުކަމުން ސާރާއަށް އެއް ނޭވާއިން ޖޫސްތަށި ހުސްކޮށްލެވުނެވެ. ސޭންޑްވިޗް ކައިލުމަށްފަހު އޭނާ ވަނީ ކޮޓަރިއަށެވެ.
ކޮޓަރީގައި އިންނަތާ 30 މިނިޓް ފަހުން ދޮރުގައި ޓަކި ޖަހައިލައިފިއެވެ. މި ފަހަރު ވެސް ސާރާ ދޮރު ހުޅުވައިލީ ކުޑަ ކޮށެވެ. ލިއަމް ދިއްކޮށްލީ ކޮތަޅެކެވެ.
އޭގައި ހިފަމުން ސާރާ ދޮރު ލައްޕައިލިއެވެ. އެނދުމަތީގައި ކޮތަޅު ބަހައްޓަމުން އޭގެން ފަހަރަކު އެއްޗެއް ސާރާ ނެގިއެވެ. މުޅީން ވެސް ދިގު އަބާޔާ ހެދުންތަކެވެ. ތުންފަތް މައްޗަށް ލުއި ހިނތުންވުމެއް ވެރިވިއެވެ. އަވަސް އަވަހަށް ހެދުން ބަދަލުކޮށްލަމުން އޭގެ ތެރޭގައި އޮތް ބުރުގަލެއް އަޅައިލިއެވެ. ލޯގަނޑުން އަދިވެސް އެއްފަހަރު އަމިއްލަ މީހާގެ ސޫރައަށް ބަލައިލަމުން އޭނާ ނުކުތެވެ. އޭރު ލިއަމް ޓީވީ ހުޅުވައިލައިގެން އިނެވެ.
"ޝުކުރިއްޔާ" ސާރާ ބުނެލީ އިނގިރޭސިންނެވެ. ސިއްސައިގެން ދިޔަ ލިއަމް ސާރާއަށް ބަލައިލިއެވެ. އޭނާ ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ. ވީ ގޮތް އެނގެން ކިތަންމެ ބޭނުންވިޔަސް އެ ވަގުތު ވެސް އެއްޗެއް ބުނާނެ ހިތްވަރެއް ލިއަމަކަށް ނުލިބުނެވެ.
"ޒައިދު އަހަރެން ވަރިކޮށްފި" ސިހުނީ ސާރާގެ ޖުމްލަ އަޑު އިވިފައެވެ. ދެ ވަނަ ސިކުންތުގައި އޭނާއަށް ހުރެވުނީ ތެދުވެ ކޮޅަށެވެ. (ނުނިމޭ)