އޭރު ލިއަމް ހުރީ އޭނާގެ ހިނިތުންވުން ފުޅާކޮށްލަމުން ސާރާއަށް ބަލަހައްޓައިގެންނެވެ.

އޭގައިވި އެއްޗެއް ކިޔާފައި ސާރާއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. ހީވަނީ ކުޑަ ވަގުތު ކޮޅަކަށް ސިކުނޑީގެ މަސައްކަތް ހުއްޓުނީ ހެންނެވެ. ސާރާގެ ހަރާކާތްތައް ހުރި ގޮތުން އިސާހިތަކު، ލިއަމްގެ ތުންފަތް މަތީގައިވި ހިނިތުންވުން ވެސް ފަނޑުވިއެވެ. ކުޑަ ވަގުތު ކޮޅަކަށް ހިތުގައި ހިނގައިގަތް ޖަޒުބާތުގައި ޖެހި, ކުރެވުނީ ރަނގަޅު ކަމެއް ނޫންކަމުގައި ސިކުނޑި ވިސްނައިދިނީ އެވަގުތެވެ. ލިއަމަށް ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނެވެ. ބަލައިލެވުނީ ސާރާއަށެވެ. ހިނދުކޮޅަކަށް ދެމީހުންގެ ހަތަރު ކަޅި ބައްދަލުވިއެވެ. އޭނާ އެހުރި ގޮތަށް ހުއްޓާ ސާރާ ދުވެފައި ގޮސް ގޭތެރެއަށް ވަނެވެ.

ދޮރުގައި ލެނގިލި ސާރާގެ ހިތް ނޭނގޭ ބާރުމިނުގައި ތެޅެމުން ދިޔައެވެ. އަދިވެސް އެއްފަހަރު އޭގައިވި އެއްޗެއް އޭނާ ކިޔައިލިއެވެ. އަމިއްލަ ބާރުގެ ދަށަށް ހިތް, ގެންނަން މަސައްކަތް ކުރަމުން އޭނާ ގަނޑުކޮޅު ފޮތް ތެރެއަށް ލިއެވެ. އެއަށްފަހު އައިސް އެނދުމަތީގައި އިށީނެވެ. އޭރުވެސް ހިތުގެ ހިނގުން މަޑެއް ނުވެއެވެ. ސިކުނޑިއާ ހިތާ ދެމެދު ހައިޖާނުގަނޑެއް އުފެދިފައި ވެއެވެ. ހިތާ ދެކޮޅަށް ސިކުނޑި ވިސްނައިދެމުން ދިޔައިރު ހިތް އޭގެ މުހުތާދުތައް ހާސިލް ކުރަން ޖަދަލު ކުރަނީއެވެ.

އެނދުގައި އޮށޯވެލާ ދެ ލޯ މަރައިލި ސާރާއަށް ސިފަވީ ލިއަމްގެ ސޫރައެވެ. ދެލޯ ތަންމިނަށް ހުޅުވައިލުމާއެކު, ސާރާ އެނދުން ތެދުވިއެވެ. އެއީ ގޯސް ވިސްނުމެއްކަން ސިކުނޑިއަށް ވިސްނައިދިނެވެ.

އެތައް އިރަކު ކޮޓަރީގައި އިނދެފައި، އޭނާ ނުކުތީ ޓެރެސްގައި ލިއަމް ހުރިތޯ ބަލައިލާށެވެ. ލިއަމް ފެންނަން ނެތުމުން ސާރާއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. އޭނަ ދެން ލިއަމްއާ ކުރިމަތި ލާނީ ކިހިނެއްހެއްޔެވެ؟

ލިއަމް ފެނުނުފަހުން ލިއަމާ މެދު އެހެން ފިރިހެނަކާ މެދު ނުދެކޭ ނަޒަރަކުން ދެކެން ފެށުނުކަން ޚުދު ސާރާއަށް ވެސް ފާހަގަ ކުރެވުނެވެ. އެހެންނަމަވެސް، އޭނާ އެ އިޙްސާސްތަކަށް ފުރަގަސް ދިނީ އެއީ ލިއަމް އޭނާގެ ގާތުން ދީނުގެ ކަންތައްތައް އެނގުމަށް ޝައުގުވެރިވާތީ ވާ ގޮތެއް ކަމަށް ނިންމާފައެވެ. އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކު އެކަނި ވާނަމަ އެތަނުގައި ތިންވަނަ ފަރާތަކަށް ޝައިތާނާ ހުންނާނޭކަމަށް ބުނާތީ އޭނާ އަޑު އަހައެވެ. އަނެއްކާ އޭނައަށް ވެސް މިވަނީ އެހެންހެއްޔެވެ؟ ލިއަމާ މެދު އެހާ ވަރަށް ވިސްނެނީ އެ ހިތަށް ޝައިތާނާގެ ވަސްވާސްތައް ވަންނާތީ ހެއްޔެވެ؟

އެތައް ސުވާލުތަކެއް ސާރާގެ ހިތުގައި ފުނިޖެހެމުން ދިޔުމުގެ ސަބަބުން އޭނާގެ ހިތަށް އުނދަގޫވަމުން ދިޔައެވެ .

*****

ރޭގަނޑުގެ ކެއުމުގެ ވަގުތެވެ. މޭޒުމައްޗަށް ކާއެއްޗެހި އެރުވުމުގައި އުޅުނު ފިލިޕީންސް އަންހެން ކުއްޖާއަށް އަތް ގާތް ކޮށްލަދޭން ފަޒީލާ ވެސް ހަރަކާތްތެރި ވަމުންދިޔައެވެ.

އެ މަސައްކަތް ނިންމާލާފައި އޭނާ ގޮސް ވާސިމާ ޒައިދަށް ގޮވިއެވެ. ލަސް ތަކެއްނުވެ އެ ދެ މީހުން ވެސް އަތުވެއްޖެއެވެ.

ސުފުރާމަތީގައި އެކި ބާވަތުގެ ތަކެތި ހުއްޓެވެ. ހަދާފައިވާ ބިރިޔާނީގެ މީރުވަހުން މުޅިތަން އެއްވަސް ކޮށްލާފައިވާއިރު ތަރުކާރީ ސެލެޑާއި ދެ ވައްތަރެއްގެ ރިހައިގެ އިތުރުން ތަފާތު ތިން ބާވަތެއްގެ ޖޫހާއި ފިހުނު ކުކުޅުވެސް ހުއްޓެވެ.

"ހާދަ މީރުވެސް ދުވައޭ..." އިށީނުމަށްފަހު ނޭފަތް އެތެރެއަށް ދަމާލަމުން ޒައިދު ބުނެލިއެވެ.

"އެ ބުނާހެން މާ ގިނަ ވައްތަރެކޭ މިރޭ ހަދާފަ މިހުރީ" ވާސިމު ވެސް ޒައިދުގެ ވާހަކައިގައި ބައިވެރިވިއެވެ.

ފަޒީލާ އޭނާއަށް ޚާއްސަ ކުރެވިފައިވާ ގޮނޑީގައި އިށީނެވެ. އޭނާ ލޮލުން ވާސިމަށް އިޝާރާތް ކޮށްލިއެވެ. ވާސިމު ބޯ ޖަހައިލިއެވެ. އެއަށްފަހު އޭނާ ވާހަކަ ފެށިއެވެ.

"ދަރިފުޅާ ޒައިދު!،ބައްޕަ އެބައޮތް ދަރިފުޅާ ވާހަކައެއް ދައްކަންވެފަ" ވާސިމު ތަށީގެ ތެރެއަށް އޫ ދޫކޮށްލަމުން ބުނެލިއެވެ. ޒައިދު ވެސް ކެއުން މަޑު ޖައްސައިލަމުން ވާސިމަށް ބަލައިލިއިރު އެ ބުނަން އުޅޭ އެއްޗެއް އޭނައަށް އެނގޭ ފަދައެވެ.

"ދަރިފުޅު ވެސް ތިހުރީ މިހާރު ބޮޑު ކުއްޖަކަށް ވެފަ. ފުރާ ފުރިހަމަ ވެފަ، އެކަމަކު މައިންބަފައިންނަކަށް ދުވަހަކު ވެސް ދަރިން ބޮޑެއް ނުވާނެ" ވާސިމު ފަޒީލާއަށް ބަލައިލިއެވެ. ފަޒީލާ ބޯ ޖަހައިލީ، ވާހަކަ ކުރިއަށް ގެންދާށޭ ބުނުމުގެ ގޮތުންނެވެ.

"މިހާރު ދަރިފުޅު ވެސް ތިހުރީ މީހަކާ އިނދެގެން އަމިއްލަ ދިރިއުޅުމެއް ފަށާ ހިސާބަށް ގޮސްފަ، ދަރިފުޅަށް އެނގޭނެ ކަންނޭގެ ބައްޕަ ދައްކަން މިއުޅެނީ ކޮން ވާހަކައެއްކަން... ބުނަން މިއުޅެނީ ބައްޕަމެން ޤަބޫލެއް ނޫނޭ ދަރިފުޅު ބޭރު އަންހެން ކުއްޖަކާ އިންނާކަށް، ބައްޕަމެން ދަރިފުޅުގެ ކައިވެންޏާ މެދު ވަރަށް ފޮނި އުންމީދުތަކެއް ކުރިން، ބައްޕައަށް ހީވޭ ދަރިފުޅަށް ސާރާ ކަމުދާހެން، ނޫންތަ؟ ދަރިފުޅުގެ ކައިވެނި ސާރާ ފަދަ ކުއްޖަކާ ކުރެވިގެން ދިޔުމަކީ މަންމައާއި ބައްޕަގެ ވަރަށް ބޮޑު އުންމީދެއް... ބައްޕަ ހުރީ މި ވާހަކަ ފާރޫޤާ ދައްކަން ނިންމައިގެން، އެކަމަކު މަންމަގެ އެދުމާއެކު އޭގެ ކުރިން ދަރިފުޅާ މި ވާހަކަ ދައްކަން ބޭނުންވީ" ވާސިމު ވާހަކަ މެދު ކަނޑައިލަމުން ޒައިދުގެ ޖަވާބަކަށް އިންތިޒާރު ކުރިއެވެ.

"ބައްޕާ! ބައްޕައަށް އަޅުގަނޑު އަބަދު ވެސް އިޙްތިރާމް ކުރަން... އެކަމަކު އަޅުގަނޑު ބޭނުމެއް ނޫން އަދި ކައިވެންޏެއް ކުރާކަށް" ޒައިދު އޭނާގެ އަޑަށް މަޑުމައިތިރިކަން ގެންނަން ބޭނުންވި ނަމަވެސް ވާހަކަ ދެއްކުނީ ކުޑަކޮށް ހަރުކަށިކޮށެވެ.

"އެކަމަކު ދަރިފުޅާ... ދަރިފުޅު ހޯދައިގެން ތިއުޅެނީ ކޮން ދީނެއްގެ ކުއްޖެއްތަ؟" ވާސިމު ސުވާލުކުރިއެވެ.

"ބައްޕާ! އަޅުގަނޑު އަދި ބޭނުމެއްނުވޭ ކައިވެންޏެއް ކޮށްގެން މިކޮޅަށް ދިރިއުޅުން ބަދަލު ކުރާކަށް" ޒައިދު ވާހަކަ ދެއްކިއެވެ. އޭނާ ފަޒީލާއަށް ބަލައިލިއެވެ. ފަޒީލާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލާފައި ވެސް ފަސް ޖެހުނެވެ.

"އެއީ ވެސް ކުރަން ޖެހޭ ކަމެކޭ... ކައިވެންޏެއް ކުރާއިރު ޖެހޭނެ އަންހެން ކުއްޖާގެ އަޚުލާގަށް ވެސް ބަލަން... ސާރާ އަކީ ކިހާ ރަނގަޅު ކުއްޖެއްތަ؟ ބައްޕަމެން ދަރިފުޅަށް ގޯސް ގޮތެއް ވާކަށް ނޭދެން... މަންމައާއި ބައްޕަގެ ކައިވެންޏަކީ ވެސް ދެ އާއިލާ ރާވައިގެން ކުރެވުނު ކައިވެންޏެއް. އެކުގައި އުޅެން ފެށުމުން ލޯބި ވެވުނީ" ވާސިމު ވާހަކަ ހުއްޓައިލީ ޒައިދު ފުން ނޭވާއެއް ދޫކޮށްލާ ގޮނޑީގައި ލެނގިލުމުންނެވެ.

ޒައިދު ނުކައި ތެދުވެގެން ހިނގައިގަތުމުން، ފަޒީލާ ޒައިދަށް ގޮވައިލިއެވެ. އެހެންނަމަވެސް ޒައިދު އަޅައިނުލާ ގޮސް ގެއިން ބޭރަށް ނުކުތެވެ.

"އަހަރެމެންނަށް މާ އަވަހަށްތަ ކަންތައްތައް މި ކުރިއަށް ގެންދެވެނީ؟" ފަޒީލާ ހާސްކަމާއެކު ސުވާލުކޮށްލިއެވެ.

"ކުޑަ އިރުއްސުރެ ވެސް އޭނަ ބޭނުންހާ ގޮތަކަށް ކަންތައްތައް ކޮށްދެމުން އައިމަ މިހެން މިވީ، އަހަރެން އޭނަ އެހެން ދީނެއްގެ ކުއްޖަކާ އިންނާކަށް ހުއްދައެއް ނުދޭނަން" ވާސިމު ބުނެލިއެވެ. އޭނާ ފެންތަށިން އެތި ފޮދެއް ބޯލަމުން ފަޒީލާއަށް ބަލައިލިއެވެ.

*****

ބުނެވުނު އެއްޗެއްގެ ސަބަބުން ލިއަމްގެ ސިކުނޑީގައި ވަނީ ވަރުގަދަ ހައިޖާނުގަނޑެއް އުފެދިފައެވެ. ނުތަނަވަސްކަން ފިލުވާލުމަށް ބޭނުންވިއެވެ. މިއުޒިކް ޖަހައިގެން ހިންހަމަ ޖެހުން ނުލިބޭނެކަން އެނގި، އޭނާ ޤުރުއާނުގެ ސޫރަތެއް އަޑުއަހަން ފެށިއެވެ. ހެޑްސެޓް ޖަހައިގެން އަޑު އަހަން ފެށުމުން ނޭނގޭ ހިންހަމަ ޖެހުމެއް ލިބުނެވެ. ލިއަމް އެކަމާ ހައިރާންވެއެވެ. ދުވަހަކުވެސް އެހެން އެއްވެސް އެއްޗެއް އަޑު އެހުމުން ނުލިބޭ ފަދަ ހިންހަމަ ޖެހުމެއް އޭނާއަށް ޤުރުއާން އަޑު އިވުމުން ލިބެއެވެ. ކީއްވެ ހެއްޔެވެ؟ އެއީ އަދިވެސް ޖަވާބު ލިބުމެއްނެތް ސުވާލުތަކެކެވެ. ލިއަމް އެނދުން ތެދުވިއެވެ.

އޭނާ ނޯޓު ފޮތް ހުޅުވައިލިއެވެ. ޤުރުއާނާ ބެހޭ ގޮތުން ގިނަ އެއްޗެހިތަކެއް އެނގުމަށް އޭނާ ޝައުގުވެރިވިއެވެ.

"ސާރާ! އަހަންނަށް މާފުކުރޭ، އެއީ އަހަރެން ނުބުނާ އެއްޗަކަށް ހަދާފަ އަހަރެންގެ މި ސުވާލު ތަކުގެ ޖަވާބު ދީބަލަ، ކީރިތި ޤުރުއާނަކީ މާތް ﷲ ގެ ކަލާމްފުޅުކަމާއި އެ ފޮތަކީ ތެދު ފޮތެއްކަން ސާރާ ސާބިތުކޮށްދޭނީ ކިހިނެއް؟" ހިތަށް އަރަމުން ދިޔަ ސުވާލުތަކުގެ ޖަވާބު އެނގެން ލިއަމަށް ވަރަށް މުހިންމެވެ.

ކުރީގައި އޭނަ އެހެން ދީންތަކުގެ ފޮތްތައް ވެސް ބަލައި އުޅުނެވެ. އެހެން ނަމަވެސް ދުވަހަކު ވެސް، އޭނަ ޤުރުއާނުގައި އަތް ލާފައެއް ނުވެއެވެ. ހިތުގައި އިސްލާމް ދީނާ މެދު ވި ނަފްރަތުގެ ސަބަބުންނެވެ.

އޭނާ ނުކުމެ އެ ގަނޑުކޮޅު ޓެރެސްއަށް އެއްލިއެވެ. ހިތާ ހިތާ ދުޢާ ކުރެވުނީ ސާރާ އެ ސުވާލު ތަކުގެ ޖަވާބު އޭނާއަށް ދިނުމަށެވެ. އޭރުން ވެސް އެ ހިތަށް ކޮންމެވެސް ތަސައްލީއެއް ލިބޭނެއެވެ. ސާރާއަށް އެކަން ސާބިތު ނުކޮށްދެވިއްޖެއްޔާ ފަހަރެއްގައި އޭނާ މި ދީން ދެކެ ފޫހި ވެސް ވެދާނެއެވެ. އޭރުން މި އުދާސްކަން ފިލައިފާނެއެވެ. ލިއަމްގެ ހިތަށް ތަފާތު އެއްޗެހި އަރާ ފައިބަމުން ދިޔައެވެ.

***

ފަތިސް ނަމާދުކޮށްގެން ނުކުތް ސާރާ ޓެރެސްއަށް ނުކުމެލިއެވެ. އެތަނުގައި އޮތް ގަނޑުކޮޅު ފެނިގެން އޭނަ އެ ނެގިއެވެ. ނިއުޅުވާލިއިރު އޭގައި ލިޔެފައި އޮތް ސުވާލުގެ ސަބަބުން ހިނދުކޮޅަކު ވިސްނަން ސާރާ މަޑުކޮށްލިއެވެ. ލިއަމަށް ވިސްނައި ގަންނަން ފަސޭހަ ވާނެ ފަދަ ގޮތަކަށް އެ ސުވާލުގެ ޖަވާބު އޭނާ ލިޔާނީ ކިހިނެއްހެއްޔެވެ؟ އެނބުރި ކޮޓަރިއަށް ވަނުމަށްފަހު އޭނާ މޭޒުކައިރީގައި އިށީނެވެ. ފުރަތަމަ ލިޔުނީ އަލް ޙިޖްރު ސޫރަތުގެ 9 ވަނަ އާޔަތަކާއި, މާނައެވެ.

"ހަމަކަށަވަރުން، قرآن ބާވައިލެއްވީ، ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ قرآن ރައްކާތެރި ކުރައްވާހުށީމެވެ."

ލިއަމަށް ވިސްނަން ފަސޭހަ ވާނެ ފަދަ މިސާލެއް ގެންނަން ސާރާ ބޭނުންވިއެވެ. ކީރިތި ޤުރުއާނުން ހެކި ދެއްކި ނަމަވެސް ލިއަމް މެން ފަދަ މީހުންނަށް އެކަން ގަބޫލުކުރަން އުނދަގޫ ވާނެތީއެވެ. އޭނަ ދެން ލިޔުނީ އަންނަބާ ސޫރަތުގެ 7 ވަނަ އާޔަތާއި، މާނައެވެ.

"އަދި (ބިން ހިފެހެއްޓުމަށްވާ) ކަޑަތަކެއް ކަމުގައި، ތިމަންރަސްކަލާނގެ ފަރުބަދަތައް ނުލައްވަންހެއްޔެވެ؟"

"މި އާޔަތާ މެދު ވިސްނައިލަބަލާށެވެ! މި ހޯދުންތައް އިންސާނުންނަށް ހޯދުނީ ދާދި ފަހުން ސައިންސްގެ އަލީގައި ކަމަށް ވާއިރު، އެ ވާހަކަ މީގެ 1400 އަހަރު ކުރިން ޤުރުއާނުގައި ވަޙީ ކުރައްވާފައިވުމުން ވެސް އެނގެނީ އެއީ މާތް ﷲ ގެ ވަޙީ ބަސްފުޅު ކަމެވެ. މީގެ ސާދަސްތޭކަ އަހަރު ކުރިން އެއްވެސް ޓެކްނޮލޮޖީއެއް ނެތް ޒަމާނެއްގައި، މިހާ ފުރިހަމައަށް އެ ވާހަކަ ބަޔާން ކުރީ އިންސާނެއް ކަމަށް ލިއަމްގެ ސިކުނޑި ޤަބޫލުކުރޭހެއްޔެވެ؟"

ސާރާ ލިއަމާ ކޮށްލީ ސުވާލެކެވެ. އޭނާގެ ބޭނުމަކީ ލިއަމް އެކަމާ މެދު ފުންކޮށް ވިސްނުމެވެ. އެއީ ޤުރުއާނުގައިވާ އެތަކެއް މިސާލުތަކެއްގެ ތެރެއިން އެންމެ މިސާލެއްކަމަށާއި ކީރިތި ޤުރުއާނުން މިފަދަ އެތައް ޙަޤީގަތް ތަކެއް އެނގިގެން ދާނެކަމަށް ސާރާ ލިޔުނެވެ. އެއަށްފަހު، ގަނޑުކޮޅު ފޮތް ތެރެއަށްލީ ޤުރުއާނުގެ އާޔަތެއް ލިޔެފައި ވުމާއެކު ބޮނޑިކޮށްލާފައި އެއްލައިލަން ބޭނުން ނުވާތީއެވެ. ސާރާ ގަސްތުކުރީ ލިއަމް ފެނުމުން އެ ގަނޑުކޮޅު ހަވާލުކުރާށެވެ.

އެ ދުވަހު ސާރާއަށް، ލިއަމާ ދިމާވީ ކޮލެޖުން އައި ގަޑީގައެވެ. ގޭޓާ އަރާ ހަމަވީއިރު ލިއަމް ނުކުންނަނީއެވެ. ލިއަމްގެ ފެނުމާއެކު އޭނާގެ ހިތު ވިންދު އަވަސްވިއެވެ. އަމިއްލަ އިޙްސާސްތައް އޭނަގެ ބާރުގެ ދަށަށް ގެންނަން ސާރާ މަސައްކަތް ކުރިއެވެ. ހިލޭ ފިރިހެނަކާ މެދު ވިސްނާކަށް އޭނާ ބޭނުމެއް ނުވެއެވެ.

ސާރާ އެ ގަނޑުކޮޅު ލިއަމާ ހަވާލުކޮށްލާފައި ލަސްނުކޮށް ގޭތެރެއަށް ވަނެވެ. ލިއަމް ވެސް ގަނޑުކޮޅު ދަބަސް ތެރެއަށްލީ ގެއަށް އައިސް ހަމަޖެހިގެން އިނދެގެން އޭގައި ލިޔެފައި އޮތް އެއްޗެއް ކިޔައިލުމުގެ ބޭނުމުގައެވެ. ސާރާ އެހާ އަވަހަށް ގެއަށް ވަނުމުން ލިއަމްގެ ހިތަށް މާޔޫސްކަން ވެރިވިނަމަވެސް އޭނާއަށް ޖަވާބު ދިނުމުން، ހިތަށް ކޮންމެވެސް ވަރެއްގެ ހިންހަމަ ޖެހުމަކާއި ފިނިކަމެއް ލިބުނެވެ.

ލިއަމަށް ގެއަށް އާދެވޭ ވަރުވީ ރޭގަނޑު ނުވައެއް ޖަހަނިކޮށެވެ. ފުރަތަމަ ފެން ވަރާލައިގެން ކޮފީއެއް ބޮއިލިއެވެ. އެއަށްފަހު ސާރާ ދިން ގަނޑުކޮޅު ނަގާ އޭގައި ލިޔެފައި އޮތް އެއްޗެއް ކިޔައިލިއެވެ. އެއާއެކު އޭނާއަށް އެ އާޔަތާ މެދު ފުންކޮށް ވިސްނައިލަން މަޖުބޫރު ވެއްޖެއެވެ.

"މިއީ އަދި އެންމެ އާޔަތެއްގެ މާނަ... އެތައް ހަޤީގަތް ތަކެއް ޤުރުއާނުގައި ވާކަމަށް އެ ބުނަނީ، އާ... މި ހަޤީގަތް ތަކަކީ އިންސާނަކަށް މީގެ 1400 އަހަރު ކުރިން އެނގޭނެ ކަންތައްތަކެއް ނޫން، ކޮންފަދަ ބޮޑު މުޢުޖިޒާތެއް... " ގައިން ހީބިހި ނަގައި ލިއަމަށް ދެލޯ މަރައިލެވިއްޖެއެވެ.

އެ އާޔަތުން އެކަނިވެސް އޭނާގެ ސިކުނޑި ހުޅުވައި ދީފިއެވެ. މީގެ ކުރިން އެއްވެސް ދީނަކުން އޭނާއަށް މި ފަދަ އާޔަތްތަކެއް ފެނިފައެއް ނުވެއެވެ. އެތައް އިރަކު ޤުރުއާނާ މެދު ވިސްނަން އިނދެވުނެވެ. ހިތާ ދިމާލުގައި އަތް އަޅާލެވުނީ އެ ދީނާ މެދު ސާފު ހިތަކުން ވިސްނުމަށް އެ ހިތް ވެސް ގޮވަމުން ދިޔައީތީއެވެ.

"އަހަރެން އަބަދުވެސް އަޑު އަހަނީ މުސްލިމުންނަކީ ޓެރެރިސްޓުންނޭ ބުނާ އަޑު، މިސްކިތްތަކަކީ އެމީހުންގެ ހަރުކަށި ފިކުރުތައް އާލާކޮށް މީސްތަކުންނަށް ގެއްލުންދޭ ރޭވުންތައް ރާވާ ތަނެއްގެ ގޮތުގައި އަހަންނަށް ސިފަވި. އެކަމަކު އެންމެ ފަހަރަކު މިސްކިތަށް ވަނުމުން އެ ހުރިހާ ޝައްކެއް ފިލާ ހިނގައްޖެ! ޤުރުއާނާ ބެހޭ ގޮތުން ދަސްކުރަމުންދާ ވަރަކަށް އަޖައިބުވާ ފަދަ ކަންތައްތަކެއް އަހަންނަށް އެނގިގެންދޭ... މި ދީނާ މެދު އިތުރަށް އުނގެނެން އަހަރެންގެ މުޅި ހަށިގަނޑު މަޖުބޫރު ކުރުވާ ފަދަ" ލިއަމަށް އަމިއްލަ ނަފުސާ ވާހަކަ ދެކެވުނެވެ.

*****

ޔުނިވާސިޓީން ކުލާސް ނިންމާލާފައި ނުކުތް ސާރާ ގޭޓުގެ އެއްފަރާތުގައި ހުރި ގަހެއްގެ ކައިރީގައި މަޑުކޮށްލައިގެން ހުރީ އެކުވެރި މައިހާ އަންނަންދެނެވެ. އޭނާ ގަޑިއަށް ބަލައިލިއެވެ. މެންދުރު ދެއެއް ޖަހަނީއެވެ. އޭނާގެ އަތުގައި ދެ ނޯޓް ފޮތް އޮތެވެ. ފޯނަށް މެސެޖެއް އައުމާއެކު އޭނާ ފޯނަށް ބަލައިލިއެވެ.

"ސާރާ! އަދި ދިހަވަރަކަށް މިނިޓް ވެދާނެ. ފޯނު ބަލައި ކްލާހަށް އައި ތަނާހެން ޕްރޮފެސަރާ ހެދި ނުދެވިފަ މިހުރީ" މައިހާގެ މެސެޖެކެވެ.

ސާރާ މެސެޖަށް ޖަވާބު ދޭން އުޅެނިކޮށް ސިހުން ގެނުވީ ދާދި ގާތުން ފިރިހެނަކު ވާހަކަ ދެއްކި އަޑު އިވިފައެވެ.

ބަލައިލިއިރު ޒައިދު ފެނިގެން ސާރާގެ މޫނުމައްޗަށް ވެރިވީ ފޫހިކަމެވެ. ޒައިދަށް ލޯ އަޅާލަމުން ސާރާ ހިނގައިގަންނަން އުޅުނެވެ. އެހެންނަމަވެސް ސިހުން ގެނުވީ ޒައިދު އެ އަތުގައި ހިފެއްޓުމުންނެވެ.

"ދޫކުރޭ" އޭރު ގޭޓުން ބޭރަށް ކުދިން ނުކުންނަމުން ދިޔައެވެ. ބައެއް ކުދިންގެ ނަޒަރު އެދެމީހުންނަށް ހުއްޓެމުން ދިޔައެވެ.

ސާރާ ގަދަ ހެދިޔަސް ޒައިދު ހުރީ ދޫ ދޭ ގޮތަކަށް ނޫނެވެ. އޭނަ އެ އަތަށް ބާރުކޮށްލިއެވެ.

"ތަދުވޭ ހަމަ މިހާރު ދޫކުރޭ" އެހެން ބުނުމާއެކު, ހަދައިލެވުނު ގޮތަކުން އަތުގައި އޮތް, އެއް ފޮތުގެ ތެރެއިން ގަނޑުކޮޅެއް ވެއްޓުނެވެ. އެކަން ސާރާއަށް ރޭކާ ނުލިޔަސް, ޒައިދަށް އެނގުނެވެ.

ސާރާ ޒައިދުގެ އަތް ފޮޅުވާލަމުން ގޭޓުން އެތެރެއަށް ހިނގައިގަތްއިރު ޒައިދު ގުދުވެލާ ވެއްޓިފައި އޮތް ގަނޑުކޮޅު ނަގާ އޭގައިވި އެއްޗެއް ކިޔާލިއެވެ.

"ސާރާ!... އެންމެ ފުރަތަމަ ސާރާ ފެނުނު ދުވަހުން ފެށިގެން ވެސް މިހިތުން ސާރާ ޖާގައެއް ހޯދައިފި. އަހަންނަށް ސާރާ ވަރަށް ކަމުދޭ... މިރޭ ސާރާ ވަރަށް ރީތި"

ތިރީގައި ޖަހާފައިވާ ނަން ފެނި ޒައިދަށް އޭނާގެ ނިތަށް ރޫތައް ގިނަ ކޮށްލެވުނެވެ. އަތުގެ ތެރޭގައި އެ ގަނޑުކޮޅު ބޮނޑިކޮށްލެވުނެވެ.

ކޮމެންޓް 0