ކުއްލިއަކަށް ސިހުން ގެނުވީ އޭނާގެ އަތުގައި ހިފާ ކޮންމެވެސް މީހަކު އެމީހަކާ ދިމާލަށް ދަމައިލުމާއެކުގަ އެވެ.

ސާރާއަށް ދެލޯ ހުޅުވާލެވުނެވެ. އޭނާ ހުރީ ނުވެސް ދަންނަ ޒުވާނެއްގެ އަތުތެރޭގަ އެވެ. އަވަސް އަވަހަށް އެ ޒުވާނާގެ އަތު ތެރެއިން ވީއްލިގަންނަމުން ސާރާ އިސްއުފުލާލި އެވެ.

"އާރ ޔޫ އޯކޭ؟" އިނގިރޭސިން އެ ޒުވާނާ އަހައިލި އެވެ. ސާރާ ވެސް އެ ސުވާލަށް ޖަވާބު ދިނީ އިނގިރޭސި ބަހުންނެވެ.

އޭރު އެ ހިސާބުގަނޑުގައި ތިބި ގިނަ މީހުންގެ ނަޒަރުވެސް ހުރީ އެ ދެމީހުންނަށް ހުއްޓިފައެވެ. އެކަމުން ސާރާއަށް އުނދަގޫވި އެވެ. ކުރިމަތީގައި ހުރި ޒުވާނާއަށް ބަލާލުމަށްފަހު މާފަށް އެދިފައި ސާރާ ކުރިއަށް ހިނގައިގަތްއިރު އެ ޒުވާނާ ހުރީ ސާރާއަށް ބަލަހައްޓައިގެންނެވެ. އޭނާގެ ނަޒަރު އެހެން ދިމާލަކަށް އަނބުރާލަން ނުކުޅެދިފައެވެ.

ސާރާ ގޮސް ލޯމަތިން ގެއްލެންދެން ލިއަމްއަށް ބަލަންހުރެވުނެވެ. ގަޔަށް ދޫ ކަޅު ހެދުމުގައި ހުރުމުގެ ސަބަބުން ގައިގެ ބައްޓަން އެއްވެސް ވަރަކަށް ނޭނގެއެވެ. އަޅާފައިވާ މަޑު ފިޔާތޮށި ކުލައިގެ ބޮޑު ބުރުގާގެ ތެރެއިން އެ މޫނުކޮޅު ފެންނައިރު ހާދަ ލޯތްބެވެ. ކޮންފަދަ ރީތިކަމެއްހެއްޔެވެ؟ އެމޫނުމަތިން ފެނުނު މައުސޫމުކަމާއި އެ ދެލޮލުގެ ތޫނުކަން އޭނާގެ ހިތާ ކުޅެލައިފިއެވެ. ބަލަން ތިބި މީހުނަށް ސަމާލުކަން ނުދީ ލިއަމް އޭނާގެ ކެމެރާ ހިފައިގެން ގެއާ ދިމާލަށް ހިނގައިގަތެވެ. އޭރުވެސް އެ އަންހެން ކުއްޖާ އާ މެދު އޭނާއަށް ވިސްނެމުން ދިޔައެވެ.

"އެފަދަ ރީތިކުދިންވެސް އެ ތިބެނީ ބޮޑު ހެދުންލާފަ ބޮޑެތި ބުރުގާ އަޅާފަ އެ ރީތިކަން ފޮރުވައިގެން... ބޭނުމަކީ ކޮބައިބާ؟ އަންހެނުންނަށް ހައްގުތަކެއް ކަށަވަރުކޮށްނުދެއޭ ބުނާ ބަހުގެ ތެދުކަން މިއަދު އެނގިއްޖެ!"

ދެފަރާތަށް ބޯ ހޫރާލަމުން ލިއަމް ވިސްނުންތަކާ ދުރަށް ދާން މަސައްކަތް ކުރިއެވެ. މުސްލިމުންނާ މެދު އެ ހިތުގައި އޮތް ނަފުރަތު ކުރިފަޅާ ހެދެން ފެށިއެވެ. ހުޅަނގުން އޭނާގެ ސިކުނޑިއަށް ވައްދައި ދީފައިވާ ވަސްވާސްތަކުގެ ސަބަބުން ލިއަމްއަށް ވިސްނެނީ އަބަދުވެސް އެންމެ ނުބައިކޮށެވެ.

ސާރާ ގެއަށް ވަތްއިރުވެސް އޭނާގެ ހިތުގެ ތެޅުން ހަމައަކަށް ނޭޅެއެވެ. މޭގައި އަތް އަޅާލަމުން ފުންނޭވާތަކެއް ލާން ފެށިއެވެ. މަގުމަތިން ދިމާވި ހާދިސާއަށް ވުރެ ބޮޑަށް އޭނައަށް ވިސްނެނީ އެ ޒުވާނާއާ މެދުގައެވެ. އެ މަޑުމުށިކުލައިގެ ދެލޮލުން އޭނާއަށް އަސަރުތަކެއް ކުރުވިއެވެ. އެހެންނަމަވެސް އެކަން ގަބޫލުކުރާކަށް ބޭނުމެއްނޫނެވެ. އެ ޒުވާނާއަކީ ޕާކިސްތާނަށް ނިސްބަތްވާ ޒުވާނެއް ނޫންކަން އޭނާއަށް ޔަޤީން ކުރެވުނެވެ. ހަމައެއާއެކު ފިރިހެނަކާއި މެދު އެފަދައިން ޝައުގުވެރިވާން އޭނާގެ ޒަމީރު މި ފަހަރު ތަންދިނުމާއެކު އަމިއްލަ ނަފްސަށް އަޑުލިއެވެ. އެ މަޑު މުށިކުލައިގެ ދެލޮލާ ހަތަރު ކަޅި ހަމަވީ އެންމެ ދެތިން ސިކުންތައް ނަމަވެސް އެ ނަޒަރު ސާރާގެ ހިތުގައި ބިންވަޅު ނެގިއްޖެއެވެ.

"ދަރިފުޅާ ކިހިނެއްވީ؟" ސާރާ ސިހުނީ ސަލްމާ ސުވާލުކޮށްލުމާ އެކުގައެވެ.

"ސައިކަލެއްގައި ކިރިއާ ނުޖެހުނީ..." ސާރާ މާނޭވާ ލަމުން ބުނެލިއެވެ. އެއަށްފަހު ވީ ގޮތް ކުރުގޮތަކަށް ކިޔައިދިނެވެ.

"އަލްޙަމްދު ﷲ" ސަލްމާއަށް ބުނެވުނެވެ.

"މަންމަ ހުންނާނެ ކުކުޅު ރިހަ ކައްކާފައި... ދޭ ތާޒާ ވެލައިގެން އަންނަން... އެހާ އިރަށް ބައްޕަވެސް އަންނާނެ" ސަލްމާ ގަޑިއަށް ބަލާލަމުން ބުނެލިއެވެ. ސާރާ މަންމައަށް ހިނިތުންވުމެއް ހަދިޔާކޮށްލަމުން ސިޑިއާ ދިމާލަށް ހިނގައިގަތެވެ. ދާހިއްލާފައި ހުރުމުން އޭނާ އެންމެ ފުރަތަމަ ކަމަކަށް ފެންވަރައިލިއެވެ. އެއަށްފަހު ނަމާދުކުރަން އަވަސްވެގަތެވެ. މުސައްލަ ފަތުރާލާ ދޮޅި އެޅުމަށްފަހު މެންދުރު ނަމާދު ކުރަންވެގެން ސާރާ އަވަސްވަގަތެވެ.

ދެންމެ ދިމާވި އަންހެން ކުއްޖާ އާމެދު ވިސްނަމުން މަޑުހިނގުމެއްގައި އައިސް ލިއަމް ގެއަށް ވަނެވެ. އެ އަންހެން ކުއްޖާގެ ޚިޔާލުތައް އޭނާގެ ސިކުނޑިން ނެރެލެވޭ ގޮތެއް ނުވިއެވެ. ލިއަމް ފުންނޭވާއެއް ލިއެވެ. ފަހަރެއްގައިވެސް މުސްލިމް އަންހެން ކުއްޖަކާ މެދު އެ ގޮތަށް ވިސްނާކަށް އޭނާ ބޭނުމެއްނޫނެވެ. ކޮޓަރިއަށް ވަދެ ކުޑަދޮރު ހުޅުވާލި ލިއަމްގެ ލޮލުގައި ސާރާ ނަމާދުކުރަން ހުރިތަން އަޅައިގަތެވެ.

ސާރާ ހުރީ ބަހައްޓާފައި ހުރި އަލަމާރިއާ ދިމާ ކުޑަކޮށް އަރިއަކަށް އެނބުރިގެން ކަމުން އެ މޫނު ލިއަމްއަށް ފެނުނީ އަރިމަތިންނެވެ. އެ ކުރަނީ ކީއްކަން ނޭނގުމާއެކު އެ ހަރަކާތްތަކަށް ސަމާލުކަން ދީގެން ލިއަމް ހުއްޓެވެ. ސަޖިދައަށް ދިޔަތަން ފެނުމާއެކު އެ ކުރަނީ އަޅުކަމެއްކަމުގައި ލިއަމް ނިންމިއެވެ. އެހާ މަޑުމައިތިރިކަމާއި އެކު ކުރާ ހަރަކާތްތަކެއް އޭނާ މީގެ ކުރިން ދެކެފައެއް ނުވެއެވެ.

އެނދުމަތީގައި އޮތް ފޯނު ރިންގުވުމާއެކު ކުޑަދޮރު ލައްޕާލާފައި ގޮސް ފޯނު ނެގިއެވެ.

ނަމާދުކޮށް ނިންމާލުމަށްފަހު ސާރާ ކުޑަދޮރާ ދިމާލަށް ބަލައިލީ ޖެހިގެން ހުރި ގޭ ކުޑަދޮރު ކައިރީގައި މީގެ ކުޑައިރުކޮޅެއް ކުރިން މީހެއް ހުރިކަމުގެ އިޙްސާސް ކުރެވުމާއެކުގައެވެ. އެއީ އެ ގެ ސާފުކުރާ މީހާއަށް ވެދާނެޔޭ ހިތާ އޭނާ މާބޮޑު ސަމާލުކަމެއް ނުދެއެވެ. ދޮޅި ބޭލުމަށްފަހު ސާރާ ބުރުގަލެއް އަޅައިގެން ތިރިއަށް ދިޔައިރު ފާރޫޤާ އެކު ވާސިމުވެސް އައިސް ގެއަށް ވަންނަނީއެވެ.

"އަނހާ... ވާސިމު ވެސް ދުވަހެއް ކޮށްލާފަ މި ގެއާ ހިސާބަށް ތިއައީ... އެހެންވީމަ ކޮންމެވެސް އެއްޗެއް ކައިގެން ދެން ދާންވާނީ" ސަލްމާ ކޮޓަރިން ނުކުންނަމުން ބުނެލއެވެ.

"ފާރޫޤާ ކުޑަކުޑަ ވާހަކައެއް ދައްކައިލަން ވެފަ ވެސް އެބައޮތޭ..." ކެއުމުގެ ވަގުތުގައި ވާސިމު ބުނެލިއެވެ.

"އެހެންތަ؟ އަނެއްކާ ކޮން ވާހަކައެއްބާ؟" ފާރޫޤު އެކުވެރިޔާގެ ވާހަކައަށް ޝައުގުވެރިވިއެވެ.

"މި ގަޑިއަކު ނޫން އެކަމު... އަހަރެން ފަހުން ހަބަރެއް ވާނަން އިނގޭ" ވާސިމު ހިނިތުންވެލިއެވެ.

"ކޮން އިރަކުންތަ ފަޒީލާގެ ފައިގައި އަޅާފައި އޮތް ޕްލާސްޓަރު ނަގަނީ...؟" ސަލްމާ އަހައިލިއެވެ.

"އަންނަ ހަފްތާގައި ނަގާނެހެން ހީވަނީ" ވާސިމު ބުނެލިއެވެ.

"އާނ... ޕްލާސްޓަރު ނެގީމަ ދަރިފުޅާ އަންހެނުން ގޮވައިގެން އަދި މިގެއަށް އަންނަން ވާނެ ދަރިފުޅު ފުރުމުގެ ކުރިން" ފާރޫޤުވެސް ހިނިތުންވެލަމުން ބުނެލިއެވެ.

ކައި ނިންމާލާފައި އޮފީހަށް އެނބުރި ދަމުން މިއަދު ގެއަށް އާދެވޭނީ ތަންކޮޅެއް ލަހުން ކަމުގައި ފާރޫޤު ބުނެލިއެވެ.

ރޭގަނޑުގެ ވަގުތެވެ. ލިޔާ މޭޒުކައިރީގައި އިނދެގެން ސާރާ ދިޔައީ ނޯޓު ފޮތުގައި ކޮންމެވެސް އެއްޗެއް ލިޔަމުންނެވެ. ކުރިމަތީގައި އޮތް އައިޕެޑުން ޤުރުއާނުގެ ސޫރަތެއް ހުޅުވާލާފައިވާއިރު އިރުކޮޅަކާ އެއަށް ބަލައިލައެވެ. މަސައްކަތުގައި އެތައް އިރަކު އިނދެ ގަޑި ބަލާލިއިރު ރޭގަނޑު އެގާރަޖަހާ ބޮޑުވެއްޖެއެވެ. އެހާއިރު ވަންދެން މަސައްކަތުގައި އިނދެވުނުކަން ރޭކާލީވެސް ދެނެވެ. އަވަސް އަވަހަށް އައިޕެޑް ލައްޕާލަމުން ލިޔަން ގެންގުޅުނު ނޯޓްފޮތް ވެސް މޭޒުގެ އެއްފަރާތުގައި ބާއްވައިލިއެވެ. ހަށިގަނޑަށް ވެފައި ހުރި ވަރުބަލިކަމާ އެކުވެސް ސާރާ ގަސްތުކުރީ ފެންވަރާލާށެވެ. އޭނާ ފެންވަރާލައިގެން ގޭތެރޭގައި ލައި އުޅޭ އަތްދިގު ޓީޝާޓެއްލިއެވެ. އޭރު އޭނާގެ ފަންއިސްތަށިގަނޑު އޮތީ ނިއުޅުވާލާފައެވެ. ބޯ ދޮވެގެން އައުމުގެ ސަބަބުން އެ އިސްތަށިގަނޑުގެ ކުލަ އިތުރަށް ގަދަ ވެފައިވާހެން ހީވެއެވެ.

ކުޑަދޮރު ކައިރީގައި ހުއްޓިލި ސާރާއަށް ދެލޯ މަރާލެވުނީ އެ ވަގުތު ޖެހެމުން ދިޔަ ތެތްފިނި ވައިރޯޅިތަކުން އޭނާއަށް އަރާމުވީތީއެވެ.

ލިއަމް އޮތީ ނުނިދިފައެވެ. ލޯ މަރާލިޔަސް ސިފަވަނީ މިއަދު އަޅައިގަތް އަންހެން ކުއްޖާއެވެ. އެ އަންހެން ކުއްޖާގެ ސޫރަ އެ ހިތުން ފޮހެލަން ކުރި ހުރިހާ މަސައްކަތެއް ބޭކާރުވަމުން ދިޔައެވެ. އެންމެ ފަހުން ހުސް ސޯޓު ކޮޅުގައި ހުރި ލިއަމް ގޮސް ކުޑަ ދޮރު ހުޅުވައިލިއެވެ. އެ ލޮލުގައި ކުޑަދޮރު ކައިރީގައި ހުރި އަންހެން ކުއްޖާ އަޅައިގަތުމާއެކު ކުޑަކޮށް ސިހުންގެނުވިއެވެ. ލޯ މަރާލައިގެން ހުރި އިރު އޭނާގެ ފަން އިސްތަށިތައް ވަޔާ ސަކަރާތް ޖަހަމުން ދިޔައެވެ. ދޮން މޫނެކެވެ. އެ މޫނު ފެނުމާއެކު މިއަދު ފެނުނު އަންހެން ކުއްޖާކަން ލިއަމްއަށް ނަގައިގަނެވޭކަށް މާ ގިނަ އިރެއް ނުނެގިއެވެ. އެހިތުގެ ތެޅުން އިންތިހާއަށް ބާރުވެފައިވެއެވެ. ހިޖާބު ނާޅާ ހުއްޓާ އެގޮތަށް ފެނުމުން އޭނާއަށް ވީ ބުނެދޭން ނޭނގޭ ފަދަ ގޮތެވެ.

ސާރާ ލޯ ހުޅުވައިލީ ޖެހިގެން ހުރި ގޭ ކުޑަ ދޮރު ހުޅުވައިލި ހެން އޭނާއަށް ހީވުމާއެކުގައެވެ. އެއާއެކު ފެނުނު މަންޒަރުން ހިނދުކޮޅަކަށް ހުއްޓުން އަރާފައި ސާރާއަށް ހުރެވުނެވެ.

އެ ޒުވާނާ ހުރީ ހަމައެކަނި ސޯޓެއް ލައިގެންނެވެ. އެ ފިރިހެންވަންތަ ހަށިގަނޑާއި އަތުގެ މުލައްދަނޑި ހާމައަށެވެ. ހުރެވުނު ގޮތާ މެދު ވިސްނާލެވުމުން ސާރާ އަވަސް އަވަހަށް ދޮރު ލެއްޕިއެވެ. ދޮރުގައި ލެނގިލަމުން އޭނާއަށް މޭގައި އަތް އަޅައިލެވުނެވެ. އެ މޫނުމަތިން ލަދުވެތިކަން ފެންނަމުން ދިޔައެވެ. ހިލޭ ފިރިހެނަކަށް އޭނާ އެފަދަ ގޮތަކަށް ހުއްޓައި ފެނުނު ފުރަތަމަ ފަހަރަށް ވުމާއެކު އާދަޔާ ޚިލާފު ބާރުމިނުގައި އޭނާގެ ހިތް ތެޅެމުން ދިޔައެވެ. އެގޭގައި މީހަކު އުޅެނީ ހެއްޔެވެ؟ އެއީ ކާކުހެއްޔެވެ؟ މިއަދު އޭނާ ސަލާމަތް ކޮށްދިނީ އެ ޒުވާނާކަން ހަނދާނަށް އައުމާއެކު ސާރާއަށް ލޯ މަރާލެވުނެވެ. ހީވަނީ އަދިވެސް އެ މަންޒަރު ލޮލަށް ފެންނަހެންނެވެ. އަނެއްކާ އޭނާގެ ކޮޓަރިތެރެއަށް ކަރުދާސް އުކަނީ އެ ފިރިހެން ކުއްޖާއަށް ވެދާނެ ހެއްޔެވެ؟ ތަފާތު ޚިޔާލުތަކުން ފުނިޖެހެމުން ދިޔަ ސާރާގެ ސިކުނޑިއަށް ބާރުވުމާއެކު އޭނާ ގޮސް އެނދުމަތީގައި އޮށޯތެވެ. ބާލީހަކުން މޫނުފޮރުވައިލިއެވެ.

އަނެއްކޮޅުން ލިއަމްއަށް ހުރެވުނީ ހަރަކާތެއް ކޮށްލަން ނޭނގިފައެވެ. އޭނާއާ މިއަދު ދިމާވި އަންހެން ކުއްޖާ އާއި އެގޭގައި މިއުޅޭ އަންހެން ކުއްޖާއަކީ އެކަކަށް ވުމަކީ އިއްތިފާގެއް ހެއްޔެވެ؟ މުސްލިމް އަންހެން ކުއްޖަކަށްޓަކައި އޭނާގެ ހިތުގައި އުފެދެން ފެށި އިޙްސާސްތައް ހިންދައިލަން ލިއަމް އެތަކެއް މަސައްކަތެއް ކުރިއެވެ. އެހެންނަމަވެސް އެކަމުގައި އޭނާއަށް ކާމިޔާބެއް ނުލިބުނެވެ. ގަބޫލުކުރަން ބޭނުންނުވިޔަސް ފުރަތަމަ ނަޒަރުން އެ ކުއްޖާ އޭނާގެ ހިތް އަތުލައިފިއެވެ. ހިތަށް ވެރިވި އުދާސްކަމާއިއެކު ލިއަމް ނިތްކުރީގައި އަތް ޖައްސައިލިއެވެ.

ޕާކިސްތާނަށް އައިސް މިވީ ދުވަސްތަކުގެ ތެރޭގައި ޝައުގުވެރިވާން ބޭނުންނުވާ އެތަކެއް ކަމަކާ ދޭތެރޭ ޝައުގުވެރިކަން އުފެދިއްޖެއެވެ. އެއީ ފަހަރެއްގައިވެސް ބޭނުންވިގޮތެއް ނޫނެވެ. އިސްލާމީ ޤައުމުތަކާ، މުސްލިމުންނާއި އެ ދީނުގެ އުޞޫލުތައް ދެކެ އިންތިހާއަށް ލިއަމް ނަފްރަތުކުރެއެވެ. މިސްކިތްތައް ދެކެވެސް އިންތިހާއަށް ނަފުރަތުކުރެއެވެ. އެހެންނަމަވެސް އެ ހުރިހާ ކަމެއް މަޑުމަޑުން ބަދަލުވަނީ އެވެ. އެ ބަދަލުތައް އަމިއްލަ މީހާއަށް އަންނަން ފެށުމާއެކު ލިއަމް ހާސްވެ ކަންބޮޑުވިއެވެ.

ބަންގިގޮވާއިރު އޭނާގެ ގައިން ހީބިހި ނަގައެވެ. 'އިސްލާމިކް އަޒާން' އާ ބެހޭ ގިނަ މައުލޫމާތުތަކެއް އޭނާ މިވީ ދުވަސްތަކުގައި އެއްކުރިއެވެ. އެހެންނަމަވެސް އަދިވެސް ޖަވާބު ނުލިބޭ ސުވާލެއް އެ ހިތުގައި ވެއެވެ. އޭނާއަށް އެ އަޑު އިވުމުން އެހާ އަސަރު ކުރަނީ ކީއްވެހެއްޔެވެ؟ އަނެއްކޮޅުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އޭނާއަށް އެ އަޑު އިވޭ ކިޔެވުމެއްގެ ސަބަބުން އެ އަތުން ހީބިހި ނަގާ ނޭނގޭ މަޑުމޮޅިކަމެއްގެ ރާޅެއް އެ ހަށިގަނޑުގައި ދައުރުވަނީ ކީއްވެހެއްޔެވެ؟ އެ ސުވާލުތަކުގެ ޖަވާބު އެ އަންހެން ކުއްޖާ އަތުގައި އޮވެދާނެހެއްޔެވެ؟ އެ ކިޔަވަނީ ކޯންޗެއްތޯ އަހަންވީއެވެ. އެހިތަށް އޭރުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިދާނެއެވެ.

އަންނަމުން ދިޔަ ބަދަލުތަކަށް އިންކާރުކުރަން ބޭނުންވިނަމަވެސް އެ ހިތުގައި އޭރު އިސްލާމީ ނޫރުގެ ވޮށް ދިއްލެން ފެށިކަމެއް ލިއަމްއަކަށް ރޭކާނުލިއެވެ. ދެ ވިސްނުމެއްގައި ހުރެފައި ލިއަމް ގޮސް އޭނާ ލިޔަން އިންނަ މޭޒު ދޮށުގައި އިށީނެވެ. އެއަށްފަހު ނޯޓު ފޮތުން ގަނޑެއް ކަނޑައިލިއެވެ. އަދި ގަލަމެއް ނަގާ އޭނާ ބޭނުންވާ ސުވާލު ލިޔެލިއެވެ.

"ކޮންމެ ދުވަހަކު ތި ކިޔަވަނީ ކޯންޗެއްކަމާއި އެއީ ކޮންފޮތެއްކަން އަހަންނަށް ބުނެލަދީފާނަންތަ؟" ސުވާލު ލިޔެލުމަށްފަހު އާދައިގެ މަތިން އޭނާ ޖަހާ އެލް އަކުރު ތިރީގައި ލިޔެލިއެވެ.

އެ ކޮޓަރީގެ ކުޑަ ދޮރު ލެއްޕި ގޮތަށް އެ އަންހެން ކުއްޖާ ދޮރު ނުހުޅުވުމުން ލިއަމް މާޔޫސްކަމާއެކު ގަނޑުކޮޅު ބޭއްވިއެވެ. އެއީ ކީއްވެގެން ވީ ކަމެއްކަން އޭނާއަށް އެނގޭފަދައެވެ. އޭގެ ފަހުން ތިން ދުވަސް ފާއިތުވެގެން ދިޔައިރުވެސް އެ އަންހެން ކުއްޖާ އެ ކުޑަ ދޮރެއް ނުހުޅުވިއެވެ. އެކަމާ ލިއަމްގެ ހިތަށް މާޔޫސްކަން ވެރިވެފައި ވެއެވެ. ލިޔުނު ގަނޑުކޮޅު އެއްލައިލަން ހިތަށް އަރާފައިވެސް ލިއަމް އެ ބޭއްވިއެވެ.

***

ބޭރުގައި އުޅެފައި ގެއަށް ވަދެ ލިއަމް ފުރަތަމަވެސް އެރީ ކޮޓަރިއަށެވެ. ކޮނޑުގައި އަޅުވައިފައި އޮތް ދަބަސް އެނދުމަތީގައި ބޭއްވުމަށްފަހު ކެމެރާ އާއި ލެޕްޓޮޕްގެ އިތުރުން ފޮތަކާއި ގަލަމަކާ ހިފައިގެން ލިއަމް ނުކުތީ ޓެރެސްއަށެވެ. އޭރު ޖެހެމުންދިޔަ ހަވީރުގެ ތާޒާ ވައިރޯޅިތަކުގެ ފިނިކަމުން ލިއަމްގެ ހަށިގަނޑަށް ވެސް އަރާމުވިއެވެ. އަތުގައި ހުރި އެއްޗެހި މޭޒުމަތީގައި ބަހައްޓާލިއެވެ. ލެޕްޓޮޕް ހުޅުވާލަމުން ކެމެރާގައި ހުރި ފޮޓޯތައް ލެޕްޕޮޓަށް އަޅައިލިއެވެ. އޭރުވެސް އިރުއިރު ކޮޅަކާ ޖެހިގެން ހުރި ގޭގެ ޓެރެސްއަށް އޭނަގެ ނަޒަރު ދަތުރު ކުރެއެވެ. އޭރު އެގޭ ޓެރެސްގައި ހަރުގަނޑެއްގައި ހިއްކަން އެއްޗެހި ތަކެއް އަޅުވާފައި ހުއްޓެވެ.

ސާރާ ޓެރެސްއަށް ނުކުތްއިރުވެސް ލިއަމް އެ އިން ގޮތަށް އިނެވެ. އޭނާއަށް ސާރާ ފެނުމާއެކު ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ފޮތް ހުޅުވާލާފައި އޭނާ އެ ފޮތުގެ ތެރެއަށް ލީ ގަނޑުކޮޅު ނަގާ އިތުރު އެއްޗެއް ލިޔެލުމަށްފަހު އެ ބޮނޑިކޮށްލިއެވެ.

ސާރާއަށް ވެސް އެ ޒުވާނާ ފެނުމާއެކު ހުއްޓުން އަރާ ގޮތްވިއެވެ. އެގޭގައި މީހަކު އުޅެނީތާއޭ އޭނާގެ ހިތަށް އެރިއެވެ. ހިއްކަން އަޅުވާފައި ހުރި އެއްޗެހިތައް ނެގުމަށް ސާރާ އަވަސްވެގަތެވެ.

ކުއްލިއަކަށް އެ ޒުވާނާ ހިނގައިގަތްތަން ފެނި އޭނާގެ ހަރަކާތްތައް މަޑު ޖައްސާލެވުނެވެ. ތުންފަތުގައި ދަތް އަޅާލެވުނެވެ. ލަދުވެތިކަން އިޙްސާސްކުރެވުނެވެ. އިސްޖަހާލެވުނީ ބޭއިޚްތިޔާރުގައެވެ. ދެވަނަ ސިކުންތުގައި ސިހުނީ އޭނާގެ ފައިގައި ޖެހުނު ކަރުދާސްގަނޑުގެ ސަބަބުންނެވެ.

ސާރާއަށް ސިހިފައި ކުރިމަތި ބަލައިލެވުނެވެ. އެ ޒުވާނާ ހުރީ ސީދާ އޭނާއަށް ނަޒަރު ހުއްޓާލައިގެންނެވެ.

ސާރާ ބަލައިލުމާއެކު އެ ގަނޑުކޮޅަށް އިޝާރާތް ކޮށްލިއެވެ. އެއަށްފަހު އެނބުރި ގޮސް ކުރިން އިންތަނުގައި އިށީންދެއްޖެއެވެ. ލެޕްޓޮޕަށް ނަޒަރު ހުއްޓާލުމާއެކު ސާރާ އެ ގަނޑުކޮޅުގައިވާ އެއްޗެއް ކިޔައިލިއެވެ.

އޭގައި އޮތް ސުވާލު ފެނުމާއެކު ސާރާއަށް ހައިރާންކަމެއް ވެރިވިއެވެ. އެ ޒުވާނާ އެތަނުގައި އުޅޭތާ ކިހާ ދުވަހެއް ވެއްޖެހެއްޔެވެ؟ ތިރީގައި ލިޔެފައި އޮތް އެލް އަކުރު ފެނިގެން އޭނާއަށް މީގެ ކުރިން ލިބުނީވެސް އެ ޒުވާނާގެ މެސެޖުތައްކަން ސާރާއަށް ޔަޤީންކުރެވުނެވެ. އަދި އެ އެލް އަކުރުގެ ތިރީގައި މާފަށް އެދިފައި އޮތެވެ. އެއީ ކީއްވެގެންކަން ސާރާއަށް ނަގައިގަނެވުނެވެ.

އޭގައި ލިޔެފައި އޮތް ސުވާލު ތަކުރާރުކޮށް ކިޔައިލުމަށްފަހު ސާރާ އެއްޗެހިތައް ނެގުމަށް އަވަސްވެގަތެވެ. ހެދުންތައް ގެންގޮސް ކޮޓަރި އެނދުމަތީގައި ބެހެއްޓުމަށްފަހު އޭނާ ލިޔާ މޭޒު ކައިރީގައި ހުއްޓުނެވެ. އިރުކޮޅަކު ވިސްނަން ހުރުމަށްފަހު ފޮތުގައި ކޮންމެވެސް އެއްޗެއް ލިޔަން ފެށިއެވެ. އެ ގަނޑު ކަނޑައިލުމަށްފަހު އޭނާ ގަނޑު ރީތިކޮށް ފަތް ޖަހައިލިއެވެ.

އެއަށްފަހު ޓެރެސްއަށް ނުކުމެލިއެވެ. އޭރު އެ ޒުވާނާ ފެންނާކަށް ނެތެވެ. އެކަމަކު ލެޕްޓޮޕާއި ފޮތްތައް މޭޒުމަތީގައި ހުއްޓެވެ. ސާރާ ގަނޑުކޮޅު އެއްލިއެވެ. ގޮސް ވެއްޓުނީ މޭޒުމައްޗަށެވެ. އެއަށްފަހު ގޮސް އަނެއްކާވެސް ވަނީ ކޮޓަރިއަށެވެ.

ލިއަމް ގޮސް ގޮނޑީގައި އިށީންދެލާ ލެޕްޓޮޕަށް ނަޒަރު ހުއްޓާލިތަނާ މޭޒުމަތީގައި އޮތް ގަނޑުކޮޅު އޭނާގެ ލޮލުގައި އަޅައިގަތެވެ. ތުންފަތަށް ވެރިކޮށްލި ހިނިތުންވުމާއެކު ލިއަމް އެ ގަނޑުކޮޅު ނިއުޅުވާލައި ކިޔައިލިއެވެ. އޭގައި ފުރަތަމަ ލިޔެފައި އޮތީ ޢަރަބިން ކަމަށްވުމާއެކު ލިއަމްއަށް ކިޔާކަށް ނޭނގުނެވެ. ތިރީގައި އިނގިރޭސިން ލިޔެފައި އޮތް ތަންކޮޅު ފެނުމާއެކު އެއީ މާނަކަން ލިއަމްއަށް ނަގައިގަނެވުނެވެ.

"މިއީ އެ ފޮތެވެ. އެ ފޮތާމެދަކު شك އެއް ނެތެވެ. (މިފޮތަކީ) تقوى ވެރިންނަށްހުރި هداية އެކެވެ."

މާނަ ކިޔައިލުމާއެކު ލިއަމްއަށް ކުރުވީ އާދަޔާ ޚިލާފް އިޙްސާސްއެކެވެ. މާނައިގެ ތިރީގައި ޤުރުއާން އޭ ޖަހާފައި އޮތުމުން އެއީ ޤުރުއާނުގެ އާޔަތެއް ކަމުގައި އޭނާއަށް ޔަޤީން ކުރެވުނެވެ.

ކީރިތި ޤުރުއާނަކީ މުސްލިމުންގެ މުޤައްދަސް ފޮތް ކަމުގައި ލިއަމްއަށް އެނގިފައި އޮތް ނަމަވެސް ދުވަހަކުވެސް ޤުރުއާނުގެ ތަރުޖަމާއެއް ބަލާފައި ނުވެއެވެ. ތިރީގައި އިތުރު ވާހައެއް ވެސް ބުނެފައި އޮތެވެ. އޭނާ އެ ކިޔައިލިއެވެ.

"އަހަރެން ކިޔަވަނީ ކީރިތި ޤުރުއާން" ލިޔެފައި ވެއެވެ. ލިއަމްއަށް ތަކުރާރުކޮށް މާނަ ކިޔައިލެވުނެވެ.

ފަތްޖަހާލަމުން ގަނޑުކޮޅު ފޮތްތެރެއަށް ލަމުން ލިއަމް އޭނާ ކުރަންއިން މަސައްކަތަށް ސަމާލުކަން ދޭން މަސައްކަތް ކުރިއެވެ.

އެ އާޔަތުގެ މާނަ ކިޔައިލުމާއެކު އެކަނިވެސް އޭނާގެ ހިތަށް ކުރުވީ އާދަޔާ ޚިލާފު އިޙްސާސް ތަކެކެވެ. ޤުރުއާނުގެ ތަރުޖަމާ ބެލުމަށް އޭނާގެ ޒަމީރު މަޖުބޫރުކުރާ ފަދައެވެ. އެކަމާ ލިއަމް އޭނާގެ އަމިއްލަ ނަފުސަށް އަޑުލިއެވެ.

"އަހަންނަށް މިވަނީ ކިހިނެއްތަ؟ މިތަނަށް އާދެވުމަކީ އަހަންނަށް ހެދުނު ބޮޑު ގޯހެއްތަ؟ އަނބުރާ ދާންވީތަ އަހަރެންގެ ޤައުމަށް... މި މީހުންގެ ކަންތައްތަކާ ބެހުމާ އެކަންތައްތަކަށް ޝައުޤު އުފެދުމަކީ ފަހަރެއްގައިވެސް ބޭނުންވި ކަމެއްނޫން... އެކަމަކު އަހަންނަށް މި އަންނަ ބަދަލުތައް؟ މިކަންތައްތަކާ ދުރަށް ދާން ބޭނުންވާ ވަރަކަށް އަހަރެން އެކަމާމެދު އުފެދޭ ޝައުގު އިތުރުވަނީ ކީއްވެ؟ " އަމިއްލަ ނަފްސާ ސުވާލުކުރަމުން ދިޔަ ލިއަމް ފުން ނޭވާއެއްލައި ބޮލުގައި ހިފައްޓައިލިއެވެ.

ލެޕްޓޮޕުން އިންޓަރނެޓްއަށް ވަދެ އޭނާ ޤުރުއާނާ ބެހޭ ގޮތުން ލިޔެފައިވާ އާރޓިކަލެއް ކިޔައިލިއެވެ. އެ އާރިޓިކަލްގެ އެކި ހިސާބުތަކުގައި ޤުރުއާނުގެ ބައެއް އާޔަތްތަކާއި އެއާޔަތް ތަކުގެ މާނަ ލިޔެފައި ހުއްޓެވެ. އާރޓިކަލް ކިޔާ ނިމުނުއިރު ކީރިތި ޤުރުއާނާ ބެހޭގޮތުން އިތުރަށް އެނގެން އޭނަ ބޭނުންވިއެވެ.

*****

ރޭގަނޑުގެ ވަގުތެވެ. ޒައިދު ހުރީ އޭނާގެ ކޮޓަރިން ނުކުމެވޭ ބެލްކަނީގައެވެ. ބެލްކަނީގައި ހުރި ބޮކި ނުދިއްލާހުރުމުން އެތަނުގައި ވަނީ އަނދިރިކަމެވެ. އުޑުމަތިން ތަރިއެއްހާ ހިސާބުވެސް ފެންނާކަށް ނެތެވެ. އޭރު ވިއްސާރަ ވިލާ އެކަތި އަނެކެއްޗާ ސަކަރާތް ޖަހަމުން ދިޔައީ ތޫފާނެއްގެ އިންޒާރުދޭ ފަދައަކުންނެވެ.

ޖެހެމުންދިޔަ ވައިރޯޅިތަކުގެ ސަބަބުން ޒައިދަށް އަރާމުވި އެވެ. ދެލޯ މަރާލުމާއެކު ސިފަވީ ސާރާއެވެ. ސާރާ ފެނުނު ފަހުން އެ އަންހެން ކުއްޖާއާ މެދު ވިސްނެނީ މާ ބޮޑަށެވެ. ލޯ ހުޅުވާލަމުން ޒައިދު އަމިއްލަ ނަފްސަށް ހިނިތުންވެލި އެވެ. 

ކޮމެންޓް 0