ތިރީގައި ޖަހާފައިވާ ނަން ފެނި ޒައިދަށް އޭނާގެ ނިތަށް ރޫތައް ގިނަ ކޮށްލެވުނެވެ. އަތުގެ ތެރޭގައި އެ ގަނޑުކޮޅު ބޮނޑިކޮށްލެވުނެވެ.

ލިއަމާއި މެދު އެ ހިތުގައި އޮތީ ނަފްރަތެވެ. ހިތުގައި އަނދަނީ ދިލަ ހޫނުކަމުގެ އަލިފާނެވެ. ޖެސިކާ އޭނާއަށް ގެއްލުނީ ލިއަމްގެ ސަބަބުންނެވެ. ލިއަމް އެދޭތެރެއަށް ނުވަތް ނަމަ ޖެސިކާ ހުންނާނީ މިއަދު އޭނާގެ މީހެއްގެ ގޮތުގައެވެ. ދަތްތަކަށް ބާރު ކޮށްލުމާއެކު ކަތުރުކަށިގަނޑަށް ވާންވެގެން ދިޔައެވެ. ފުންނޭވާއެއް ދޫކޮށްލީ އެތެރެ ހަށީގައި އުފެދުނު އުދާސްތައް ބޭރުކޮށްލުމުގެ ބޭނުމުގައެވެ.

މަގުގެ ދެކޮޅު ބަލައިލުމަށްފަހު، މަގު ހުރަސްކުރަން ހިނގައިގަތްއިރު ވެސް އޭނާގެ އަތުގައި އެ ގަނޑުކޮޅު އޮތެވެ.

އައި ރުޅީގައި ކާރަށް އަރާ ދޮރުފަތް ލައްޕައިލެވުނީ ވެސް ބާރަށެވެ. ބިއްލޫރިތަކަށް ވެސް ގުޑުން އަރައިގެން ދިޔައެވެ. ހުންގާނުގައި ގޮށް މުށުން ޖެހުމަށްފަހު، އަތުގައި އޮތް ގަނޑުކޮޅަށް ނަޒަރު ހުއްޓައިލިއެވެ. ދެ ބުމަ ކައިރިކޮށްލުމާއެކު، ގޮނޑީގައި ލެނގިލިއެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން ފުން ނޭވާއެއް ދޫކޮށްލީ، އެތެރެހަށީގައި އޭރު ވެސް އުދާސްކަން ރަސްކަން ކުރަމުން ދިޔައީތީއެވެ.

ކާރު ދުއްވައިލެވުނީ ވެސް އާދައިގެ ވަރަށް ވުރެ ބާރަށެވެ. އިރުއިރު ކޮޅަކާ އަތުން ހުންގާނުގައި ޖަހައިލެވެނީ ވަރަށް ބާރަށެވެ. ތަދު ވިނަމަވެސް، އެކަމަށް ޒައިދުގެ ފަރުވާލެއް ނެތެވެ.

*****

އެއީ ރޭގަނޑެކެވެ.

ހަވީރުއްސުރެ ވާރޭ ވެހިފައި ހުއްޓާލީ ދާދި ދެންމެއަކުއެވެ. ފިނި ދުވަސްވަރު ކައިރިވަމުން އަންނާތީ ޖައްވުގެ ތެރޭގައި އެހެންޏާ ނުހުންނަ ފަދަ ތެތްފިނިކަމެއް ހުއްޓެވެ. ލިއަމް ޖެކެޓެއް ގަޔަށް މަހާލަމުން ޓެރެސްއަށް ނުކުތެވެ.

ފެންނަމުންދާ ގަސްތަކުގެ ފަތްތަކުގެ ކުލަ އިހުނަށްވުރެ ގަދަކަމަށް ދައްކައެވެ. ހީވަނީ ވެހުނު ވާރޭގެ ސަބަބުން ހިރަފުސްތައް ދޮވެވިފައި ހުރި ހެންނެވެ.

ރެއިލިން ކައިރިއަށް ޖެހިލާ، ރެއިލިންގައި އަތް އަޅުވައިލަމުން އޭނާ ދުރަށް ނަޒަރު ހުއްޓައިލިއެވެ. ޖެހެމުންދިޔަ ވައިރޯޅިތަކުގެ ސަބަބުން ގައިން ހީބިހި ނަގައިގެން ދިޔައެވެ. ތުންފަތަށް ވެރިވި ލުއި ހިނިތުންވުމާއެކު، އޭނާ ދެ ލޯ މަރައިލީ އެ ފިނިކަމުން އުފާ ހާސިލުކުރަން ބޭނުންވެފައިވާ ފަދައަކުންނެވެ. ލޯ ހުޅުވައިލަމުން އޭނާ ސާރާމެންގޭ ޓެރަސްއަށް ބަލައިލިއެވެ. ސާރާ ފެންނާނެނަމައޭ އެ ހިތަށް އަރަމުން ދިޔައެވެ.

އެހެން ހުއްޓާ އެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވީ ސާރާ ނުކުތްތަން ފެނިފައެވެ.

ސާރާއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށްފަހު، މަޑުކޮށްލުމަށް ބުނެފައި، ލިއަމް އެތެރެއަށް ހިނގައިގަތީ އޭނާ ލިޔެފައި އޮތް ގަނޑުކޮޅު ސާރާއަށް ރައްދުކޮށްދިނުމުގެ ބޭނުމުގައެވެ.

ގަނޑުކޮޅު ހިފައިގެން އައިސް ސާރާއާ ދިމާލަށް އެއްލިއެވެ. ސާރާ އޭގައި ލިޔެފައި އޮތް އެއްޗެއް ކިޔައިލިއެވެ. ލިއަމަށް ބަލައިލިއިރު އޭނާގެ ތުންފަތް މަތީގައި ހިނިތުންވުން ވި ނަމަވެސް، ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ވެސް، އޭނާއަށް ލިބިފައިވާކަން ލިއަމަށް ދެނެގަނެވުނެވެ.

ލިއަމް އިސްލާމްދީނާ މެދު ޝައުޤުވެރިވާތީ އެކަމާ ސާރާ ނުހަނު އުފާވެއެވެ. ކީއްވެކަމެއް ނޭނގެއެވެ. ލިއަމް ދީން ގަބޫލު ކުރޭތޯ ދުޢާ ވެސް ބައެއް ފަހަރު ކުރެވެއެވެ.

"އަހަރެންގެ ކޮންމެ ސުވާލެއްގެ ޖަވާބު ވެސް ސާރާ ތި ދެނީ ހާދަ ފުރިހަމައަކަށޭ، ސާރާއަށް އެނގޭތަ؟ އަހަރެން ޙަޔާތުގައި ފުރަތަމަ ފަހަރަށް މިސްކިތަކަށް ވަދެފިން. އެތަނުން އަހަންނަށް އިޙްސާސްވީ އަމާންކަން...ކުރިން އަހަރެން ހީކުރީ މިސްކިތްތަކަކީ މުސްލިމުންގެ ހަރުކަށި ފިކުރު ފަތުރާ، ހަތިޔާރުތައް ރައްކާކޮށް ޓެރަރިސްޓް ހަމަލާތައް ރާވާ ތަނެއްކަމުގައި، އެ ކަމަކު އެންމެ ފަހަރަކު އެތަނަށް ވަނުމުން އަހަރެންގެ ވިސްނުން ބަދަލުކުރުވަން މަޖުބޫރުވެއްޖެ! އިސްލާމްދީނާ މެދު އިތުރަށް ޝައުޤު އުފެދިއްޖެ! ދުރަށް ދާން ބޭނުންވިޔަސް، އަހަންނަކަށް އެކަމެއް ނުކުރެވޭ... އިތުރަށް އަހަރެންގެ ޝައުގުވެރިކަން ދަމައިގަތީ މިއަދު އަހަރެން ކީ އާޓިކަލެއްގެ ސަބަބުން. އޭގައި ހަނގުރާމައިގައި ކުރުން މަނާ ކަންތައްތައް ލިޔެފައިވޭ، މީގެ ކުރިން އަހަންނަށް އިވުނު އަޑުތަކާއި އެއާއި ވަރަށް ބޮޑަށް ތަފާތު. އެކަމަކު އަހަންނަށް އެއް ގޮތަކަށް ވެސް ކަމަކު ނުދާ ކަމެއް ތި ދީނުގައި އެބަ އޮތް. އަންހެނުންނަށް އިސްލާމްދީނުގައި ލިބިދީފައިވާ ޙައްޤުތައް ހަނިކަން، މިކަމާ ސާރާ ބުނާނީ ކީކޭތަ؟ ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުންނަށް ވެސް ހަމަހަމަ ޙައްޤުތަކެއް ލިބިގެންވޭތަ؟ ދެބައި މީހުން ހަމަހަމަތަ؟ ދުވަހަކު ވެސް މިހެން އިޙްސާސެއް ނުވޭތަ؟ " ލިޔުންކޮޅު ފުދޭވަރަކަށް ދިގެވެ.

ދެފަހަރު ސާރާއަށް އެ ގަނޑުކޮޅު ކިޔައިލެވުނެވެ. އޭނާގެ އަތުގައި ލިއަމަށް ދޭނެ ވަރަށް ފުރިހަމަ ޖަވާބެއް އެބައޮތެވެ. އިރާދަކުރެއްވިއްޔާ ލިއަމްގެ ހިތުގައި އޮތް އެ ޝައްކު ވެސް އޭނަ ފިލުވައިދޭނެއެވެ.

"ސާރާ! ސާރާ" ސަލްމާގެ އަޑު ސާރާގެ ކަންފަތުގައި ޖެހުމާއެކު އޭނާ ލިއަމަށް ބަލައިލާފައި އެތެރެއަށް ވަނެވެ. އޭރު ސަލްމާ އައިސް ކޮޓަރި ދޮރާ އަރާ ހަމަކުރަނީއެވެ.

"ދޮންބެ ބައްޕައަށް ވީޑިއޯ ކޯލެއް ކޮށްގެން އުޅޭތީ މި ގޮވަނީ... އެންމެ ފަހުން އަޑު ނީވުނީމަ މަންމަ މިއައީ" ސަލްމާ ބުނެލިއެވެ.

ސާރާ މަންމައާއެކު ހިނގައިގަތެވެ. އޭނާ ނިންމައިގެން ހުރީ ދޮންބެއާ ވާހަކަ ދައްކައި ނިންމާލާފައި އައިސް ލިއަމްގެ ސުވާލުގެ ޖަވާބު ލިޔާށެވެ.

އޭނާ އައިސް ޖަވާބު ލިޔެލާފައި ފޮތުގެ ތެރެއަށް ލާފައި ބޭއްވީ މިހާރަކަށް އައިސް ލިއަމް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އޭނާ ޔުނިވާސިޓީއަށް ދާ ގަޑީގައި ނުކުންނާތީއެވެ.

ޖެހިގެން އައި ދުވަހު ސާރާގެ ކްލާސްތައް ތަންކޮޅެއް އަވަހަށް ފެށޭތީ ޔުނިވާސިޓީއަށް ދާން ގަސްތުކުރީ ބައްޕައާއިއެކު ކާރުގައެވެ. އެހެންކަމުން އޭނާއަށް ލިއަމްއާ އެ ގަނޑުކޮޅު ހަވާލުކުރާނެ ފުރުސަތެއް ނުލިބުނެވެ. ނުކުތް ގަޑީގައި ލިއަމް ބޭރުގައި ހުރި ނަމަވެސް ބައްޕަ ހުރުމުން ހީލަން ވެސް ސާރާއަކަށް ނުކެރުނެވެ.

ފާރޫޤު ލިއަމަށް ބަލައިލާފައި ހިނިތުންވެލިއެވެ. ރައްދުގައި ލިއަމް ވެސް ހިނިތުންވެލިއެވެ. އެއަށްފަހު އޭނާ ބަލައިލީ ސާރާއަށެވެ. ވީ ގޮތް ލިއަމަށް ނަގައިގެނެވުނެވެ.

ސާރާ ދިޔުމާއެކު އޭނާ ސައިކަލަށް އަރާ ދުއްވައިލިއެވެ.

*****

ސާރާ އައި ގަޑީގައި ވެސް ލިއަމްއާ ދިމާ ނުވުމުން އެ ދުވަހު އެ ގަނޑުކޮޅު ލިއަމަށް ދެވޭ ގޮތެއް ނުވިއެވެ. ދެން ސާރާ އިންތިޒާރު ކުރީ ލިއަމް ޓެރެސްއަށް ނުކުންނާނެ އިރަކަށެވެ. އޭގައި ޤުރުއާނުގެ އާޔަތްތައް ލިޔެފައި ވާތީ ގަނޑުކޮޅު އެއްލައިލަން އޭނާގެ ހިތް ނުރުހެނީއެވެ.

އެރޭ ވެސް އެތައް އިރެއް ސާރާ ޓެރެސްގައި ހޭދަކުރިއެވެ. އެހެންނަމަވެސް އޭނާއަށް ލިއަމްއާ ދިމާވާ ގޮތެއް ނުވިއެވެ. ކުޑަކޮށް މާޔޫސްވާ ގޮތް ވިއެވެ. ސާރާ އެތެރެއަށް ވަނީ އެގާރަ ޖަހަން އުޅެނިކޮށެވެ. ލަސްނުކޮށް އޭނާ ނިދަން އަވަސްވެގަތީ ފަތިސް ނަމާދަށް ނުހޭލެވިދާނެތީއެވެ. ފިނި ބޮޑުވީ ވަރުން އޭނާ އޭސީ ނިއްވައިލިއެވެ.

ޖެހިގެން އައި ދުވަހު ސާރާ އެ ގަނޑުކޮޅު ލިއަމާ ހަވާލުކުރީ ކޮލެޖަށް ދާން ނުކުމެފައެވެ.

މައިމަގުގެ އެއްފަރާތުގައި ގޯޅިގަނޑުގެ ކުރިމައްޗަށް ވާގޮތަށް ކާރު މަޑުކޮށްލައިގެން ލޯގަނޑު ތިރި ކޮށްލައިގެން، އިން ޒައިދުގެ ލޮލުގައި އެ މަންޒަރު ވަރަށް ސާފުކޮށް އަޅައިގަތެވެ. އޭނާގެ ދަތްކުނޑި ވަނީ ވިކިފައެވެ. ދެއަތް މުށްކަވާލެވުނެވެ.

ސާރާއާއި ލިއަމާއި ދެމީހުން ކުޅޭ ކުޅިވަރަކީ މިއީ ހެއްޔެވެ؟ އޭނާއައީ ސާރާއަށް ޖެއްސުމެއް ކޮށްލުމުގެ ބޭނުމުގައި ކަމަށް ވިޔަސް ލިއަމް ޖެހިގެން ހުރި ގޭން ނުކުމެ މަޑުކޮށްލިތަން ފެނި ޒައިދު ކާރު މަޑުކޮށްލީއެވެ. ލިއަމްގެ ނަޒަރު ސާރާމެންގޭ ގޭޓަށް ހުއްޓިފައިވާތީއެވެ.

އޭނާ ހީކުރި ކަހަލަ ކުއްޖަކަށް ސާރާ ވެސް ނުވިއެވެ. އޭނާ އެ އުޅެނީ ލިއަމާ ލޯބީގެ ގޮތުން ގުޅިގެންނެވެ.

"މަށައް ކާމިޔާބު ނުވި ކަމެއް އެ ލިއަމަށް ކާމިޔާބު ވާންޖެހޭތަ؟" ޒައިދަށް ބުނެވުނެވެ. އައިސްފައި ހުރި ރުޅިގަނޑު މަތަކުރަން އޭނަ މަސައްކަތް ކުރިއެވެ.

*****

އެތެރެއަށް ވަދެ ފެންޑާގައި ހުރި ގޮނޑިއެއްގައި އިށީނދެ އިނދެގެން ލިއަމް އޭގައި ލިޔެފައި އޮތް އެއްޗެއް ކިޔައިލިއެވެ. އޭނާ އެންމެ ފުރަތަމަ ދުވަހު ސާރާ ފެނުމުން ކުރަން ބޭނުންވި ސުވާލެއް އޭގައި ވާތީ އެ ސުވާލުގެ ޖަވާބު އެނގެން އޭނާ ހުރީ ނުހަނު ބޭނުންވެފައެވެ.

"ލިއަމްއެވެ. އަހަރެންގެ އަތުގައި ތި ސުވާލުގެ ޖަވާބު ވަރަށް ފުރިހަމައަށް އެބައޮތެވެ

އިސްލާމްދީނުގައި އަންހެނުންނަށް ދީފައިވާ ފަދަ މަތިވެރި މަޤާމެއް އެހެން އެއްވެސް ދީނެއްގައި ދީފައެއް ނެތެވެ. ލިއަމަށް އެނގޭހެއްޔެވެ؟

އިސްލާމްދީން އައުމުގެ ކުރިން އަންހެނުންނާ މެދު އަމަލުކުރެވެމުން ދިޔައީ ވަރަށް ވެސް އިހާނެތި ގޮތަކަށެވެ. އަނިޔާވެރި ގޮތަކަށެވެ. އަންހެނުންނަކީ އެއްވެސް އިޙްތިރާމެއް ލިބިގެންވާ ބައެއް ނޫނެވެ. ވާރުތަ މުދާ އަންހެނުންނާ ކުޑަ ކުދިންނަކަށް ނުލިބެއެވެ. ދިރިތިއްބާ އަންހެން ދަރިން ވަޅުލަނީއެވެ.

އަންނަޙްލް ސޫރަތުގެ 58 އަދި 59 ވަނަ އާޔަތުގެ މާނައިގައިވެއެވެ.

"އަދި އެއިން މީހަކަށް، އަންހެންދަރިއެއް ލިބިއްޖެކަމުގެ خبر ދެވިއްޖެނަމަ، އެމީހެއްގެ މޫނު އަނދިރިވެގެންދެތެވެ. އޭނާއަށް އެކަމުގެ ހިތާމަ ލިބިގެންވާ حال ގައެވެ."

"އެމީހާއަށް ދެވުނު خبر ގެ ނުބައިކަމުން، މީސްތަކުންގެ ކިބައިން އޭނާ ނިވައިވެގަނެތެވެ. ނިކަމެތިކަންމަތީގައި، އޭނާ އެ ކުއްޖާ ގެންގުޅޭނީ ބާވައެވެ؟ ނުވަތަ ފަސްގަނޑުގެ ތެރެޔަށް އެ ކުއްޖާ ކޮށްޕައިލާނީ ބާވައެވެ؟ ދަންނާށެވެ! އެއުރެންކުރާ حكم ހާދަހާ ނުބައިވެގެންވެއެވެ."

އިސްލާމް ދީން އައުމާއެކު މިކަންތައް ނިމުމަކަށް ގެނެސް އަދުލުވެރިކަން ޤާއިމް ކުރެވުނެއެވެ. ކޮންމެ މީހަކަށް ވެސް އެމީހެއް ޙައްޤު އިސްލާމް ދީން ހޯދައިދިނެވެ.

އަންނަޙްލް ސޫރަތުގެ 97 ވަނަ އާޔަތުގެ ގެ މާނައިގައިވެއެވެ.

"مؤمن އަކު ކަމުގައިވާ حال، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، صالح عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން عمل ކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ".

އިސްލާމް ދީނުގައި އަންހެނަކަސް، ފިރިހެނަކަސް އެމީހެއް ކުރިކަމެއްގެ ޖަޒާ ދެއްވަނީ އިންސާފާ ހަމަހަމަކަމާއި އެކުގައެވެ.

އަދިވެސް އަހަރެން ލިއަމަށް ކުޑަކުޑަ މިސާލެއް ދައްކައިލާނަމެވެ. ލިއަމަށް އެނގޭހެއްޔެވެ؟

އިސްލާމް ދީނުގައި އަންހެނުންވަނީ ވަރަށް ބޮޑަށް މާތް ކުރައްވާފައެވެ. މަންމައެއްގެ ހައިސިއްޔަތުން ދަރިން އެ މަންމައަށް ކިޔަމަންވުމަށް އަމުރުކުރެއްވިއެވެ. ހެޔޮކޮށް ހިތުމަށް އަމުރު ކުރެއްވިއެވެ. މަންމަގެ ފައިތިލަ ދަށުގައި ސުވަރުގެ ލައްވާ މަންމަގެ ޙައްޤު މަތިވެރިކުރެއްވިއެވެ.

ކުޑަ ކުޑަ ވާހަކައެއް ކިޔައިދެންހެއްޔެވެ؟ އެއްދުވަހަކު ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް އައިސް މީހަކު ދެންނެވިއެވެ.

"ﷲ ގެ ރަސޫލާއެވެ. މީސްތަކުންގެ ތެރެއިން ތިމަންނާ އެންމެ ބޮޑަށް ހެޔޮކޮށް ހިތަން ޖެހެނީ ކާކަށްތޯއެވެ؟"

ހަދީޘް ކުރެއްވިއެވެ. "މަންމައަށެވެ."

އޭނާ ދެންނެވިއެވެ. "ދެން ކާކައްތޯއެވެ"

ހަދީޘް ކުރެއްވިއެވެ. "ކަލޭގެ މަންމައަށެވެ"

އަނެއްކާވެސް އޭނާ ދެންނެވިއެވެ. "ދެން ކާކައްތޯއެވެ"

ހަދީޘް ކުރެއްވިއެވެ. "ކަލޭގެ މަންމައަށެވެ"

އަނެއްކާވެސް އޭނާ ދެންނެވިއެވެ. "ދެން ކާކައްތޯއެވެ"

ހަދީޘް ކުރެއްވިއެވެ. "ކަލޭގެ ބައްޕައަށެވެ"

ސުބްޙާނައްﷲ އެވެ. މަންމައަކީ އަންހެނަކަށް ވާއިރު މަންމައަށް އިސްލާމް ދީނުގައި ދެއްވާފައިވާ ފަދަ ޤަދަރެއް އެހެން އެއްވެސް ދީނެއްގައި ދީފައި ވޭހެއްޔެވެ؟ ނޫނެކެވެ. މިއީ ކުޑަ ކުޑަ މިސާލެކެވެ.

އަންބެއްގެ ހައިސިއްޔަތުން ވެސް އިސްލާމްދީން ވަނީ އަންހެނުން މާތް ކުރައްވާފައެވެ. ފިރިންގެ މައްޗަށްވާ އަންހެނުންގެ ޙައްޤުތަކެއް އިސްލާމް ދީނުގައި ލައްވާފައިވެއެވެ.

އަންހެން ކުއްޖެއް ހެޔޮގޮތުގައި ބަލައި ބޮޑުކޮށްފިނަމަ އެކަމުގައި ބޮޑުވެގެންވާ ދަރުމަލެއްވިއެވެ.

އޭގެ އިތުރުންވެސް ބައިވަރު އެއްޗެހި ސާރާ ލިޔެފައި ހުއްޓެވެ. އާޔަތްތަކާއި ހަދީޘްތަކެވެ.

ބަޔާން ކުރަން ދަތި އަސަރުތަކެއް މުޅި ހަށިގަނޑުގައި ދައުރުކޮށް ގަތުމާއެކު ލިއަމްގެ ހިތަށް ބުނެދޭން ނޭނގޭ އަސަރުތަކެއް ކުރުވިއެވެ.

"އާނ... އަހަރެން އަޖައިބުވެއްޖެ! ސާރާ، އަހަންނަށް ބުނާނެ އެއްޗެއް ނޭނގުނު، އިސްލާމް ދީނަކީ މަތިވެރި ދީނެއް... އަހަރެން ޤަބޫލުކޮށްފިން"

ލިއަމަށް ގޮނޑިން ތެދުވެވުނެވެ. އޭނާ އެ ދީން ދަސްކުރަން ބޭނުމެވެ. އެއީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ދީނެއްކަމުގައި އޭނާގެ ސިކުނޑި ގޮވި ގޮވުމަށް އިޖާބަދޭން ލިއަމް ބޭނުންވިއެވެ. އޭނާގެ ހިތުގައި އުފެދޭ ހުރިހާ ސުވާލެއްގެ ޖަވާބު ވެސް ވަރަށް ފުރިހަމައަށް އިސްލާމްދީނުގައި އަންގަވާފައި އެބަ އޮތެވެ.

ލިއަމްގެ ހިތުގައި ހިދާއީ ނޫރުގެ އަލިކަމެއް ދިއްލިއްޖެއެވެ. އެ ދީނާ މެދު އޭނާގެ ހިތުގައި ލޯބި އުފެދިއްޖެއެވެ. އެއާއެކު އެކީ ސާރާއަށްޓަކައި އޭނާގެ ހިތުގައި އޮތް މަޤާމު ދެ ގުނަ ވެގެން ދިޔައެވެ. ސާރާއަށްޓަކައި އޭނާގެ ހިތުގައި އުފެދުނު ލޯބީގެ ކުރި ހެދެން ފެށިއެވެ. އެއީ އަމިއްލަ އެދުމެއް ނުވާ ލޯތްބެކެވެ.

ކޮޓަރިއަށް ވަތްތަނާ އެރިކް ގުޅައިފިއެވެ.

"މީނަ ޚަބަރެއްވެސް ނުވޭ މިހާރު! މާ ބުރަ ދުވަސް ކޮޅަކީތަ؟" އެރިކް ސުވާލުކޮށްލިއެވެ.

ހިނިގަނޑެއް ޖަހައިލަމުން ލިއަމް އެ ސުވާލަށް ޖަވާބު ދެމުން ވިސްނައިލިއެވެ. އޭނާ އެ ވާހަކަ އެރިކް ގާތު ބުނަންވީހެއްޔެވެ؟ އެހެން ނަމަވެސް އެފަދަ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.

"ލިއަމް... ކިހިނެއްވެފަ؟" އެރިކް އަހައިލީ ލިއަމްގެ އަޑެއް ނީވުމުންނެވެ.

"އޭނ... ކީކޭ؟" ސިހުނު ލިއަމަށް ބުނެވުނެވެ. އެރިކް ކުރިން އޭނާ ކުރި ސުވާލު ތަކުރާރު ކޮށްލިއެވެ. ލިއަމް ބުނީ އޭނާއަށް ކަމެއް ނުވާ ކަމުގައެވެ.

"އެއްކަލަ ޒައިދުގެ ހަބަރެއް ނުވޭތަ ފަހުން؟" އެރިކް އަހައިލިއެވެ.

"ހޫން... އޭނަގެ ހަބަރެއް ނުވޭ ފަހަކުން" ލިއަމް ބުނެލިއެވެ.

*****

މެންދުރެކެވެ. ފާރޫޤު އޮފީހުން ނުކުތްއިރު އެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. ލޮލުގައި ކޮންމެވެސް ވަރަކަށް ކަރުނައިގެ އަސަރު ވާހެން ވެސް ހީވެއެވެ. އޭރު އޭނާގެ އަތުގައި ސިޓީ އުރައެއް އޮތެވެ. މާޔޫސްކަމާއެކު ކަރު އެލުވައިލައިގެން ގޮސް ކާރަށް އަރައި ދުއްވައިލިއެވެ. އެކުވެރި ވާސިމު ގުޅައިލީ އެވަގުތެވެ.

ފޯނު ނަގާ ކަންފަތުގައި ޖަހަމުން އޭނާ ހަމަޖެހެން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އަޑުގައިވަނީ މާޔޫސްކަމެވެ.

"އަހަރެން ބައްދަލުކޮށްލަން ބޭނުންވެގެން؟ މިގަޑީ ބިޒީކޮށްތަ ތިއުޅެނީ؟" ވާސިމު ބުނެލިއެވެ.

"ނޫން" އެކުވެރިޔާ އެ ގުޅީ މުހިންމު ކަމަކުހެން ހީވެ ފާރޫޤު ބުނެލިއެވެ. އެކުވެރިޔާ އެދުނީ އޭނާގެ އޮފީހުން ބައްދަލުކުރުމަށެވެ.

ފާރޫޤު ކާރުގެ މިސްރާބު ބަދަލުކޮއްލީ ވާސިމުމެން އޮފީހާ ދިމާލަށެވެ. ވާސިމާ ވާހަކަ ދައްކައިލުމަށްފަހު ނުކުތް ފާރޫޤުގެ މޫނުމަތިން ހިސާބެއްގެ ހަމަޖެހުމެއް ފެންނަމުންދިޔައެވެ.

ލެއްވި ނަސީބަށް މާތް ﷲ އަށް ޝުކުރު ކުރަމުން ފާރޫޤު ކާރަށް އަރާ ގެއަށް ދާން މިސްރާބުޖެހީ، އަނެއްކާވެސް އޭނާގެ ހަޔާތަށް އަންނަން އުޅޭ ތޫފާނުގެ ކުޑަވެސް ހިލަމެއް ނުވާ ހާލުގައެވެ.

ގެއަށް ގޮސް ފެންވަރާލައިގެން ނުކުތް ފާރޫޤު ނާސްތާ ކުރީ އަންހެނުން ސަލްމާއާއި ދަރިފުޅު ސާރާއާއި އެކުގައެވެ. އެހެން ދުވަސް ދުވަހާ ޚިލާފަށް ފާރޫޤުގެ ބަސް މަދުކަން ސަލްމާއާއި ސާރާއަށް ވެސް ފާހަގަ ކުރެވުނެވެ. ކައި ނިންމާލުމަށްފަހު ތިން މީހުން ވެސް ގޮސް ސޯފާގައި ޖައްސައިލިއެވެ.

ފާރޫޤަށް ފޯނެއް އައީ އެވަގުތެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސައިލުމާއެކު އޭނާގެ މޫނުމަތި ބަނަވެގެން ދިޔައެވެ. އަމިއްލަ ދިފާޢުގައި ވާހަކަ ދައްކަން އުޅުނުނަމަވެސް އޭނާ ދައްކަމުން ދިޔަ ވާހަކައަކަށް ނުބަލާ އެކޮޅުން ފޯނު ކަނޑައިލުމާއެކު އޭނާއަށް ލިބުނީ މާޔޫސްކަމެވެ.

"ފާރޫޤު ކިހިނެއްވީ؟" ސަލްމާ ސުވާލުކުރިއެވެ.

"ބައްޕާ ކިހިނެއްތޯ ވީ؟" ސާރާވެސް ކަންބޮޑުވިއެވެ. ވީ ގޮތް ފާރޫޤު ކިޔައިދިނެވެ. ކުންފުނިން އެހެން މީހަކު ކުރި ވައްކަމެއްގެ ތުހުމަތު ފާރޫޤުގެ ބޮލުގައި އެޅި، ވަޒީފާއިން ކަޑައިލި ވާހަކަ އޭނާ ބުނެލިއެވެ. ގެއްލުނު ފައިސާ ނުދައްކައިފިނަމަ އޭނާގެ މައްޗަށް ދަޢުވާކުރާނެކަމަށް ބުނި ވާހަކަ ވެސް ބުންޏެވެ.

"އެކަމަކު ކިހިނެއް އެވަރަށް އެ ފައިސާ އަހަރެމެން ހޯދާނީ ވެސް"ސަލްމާއަށް ބުނެވުނެވެ. ސާރާވެސް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

ހަފްތާއެއް ފާއިތުވެ ދިޔަފަހުން ވާސިމު ފާރޫޤާ ބައްދަލުކުރީ ޖަވާބެއް ނުލިބިގެންނެވެ. އެކުވެރިޔާގެ މާޔޫސްވެފައިވާ މޫނުމަތިން ކަމެއް ދެނެގަންނަން މަސައްކަތް ކުރަމުން ވާސިމު ސުވާލުކުރިއެވެ. ފާރޫޤު ނުބުނަން އުޅެފައި ވެސް ވެގެން އުޅޭ ގޮތް ކިޔައިދިނެވެ.

"އަހަރެން ބުނީމެއްނު އަހަރެންގެ ކުންފުނިން ހުސްވެފަ އޮތް މަޤާމަށް ފާރޫޤު ގެންނަން ބޭނުމޭ... ލާރީގެ ކަންތަކާ ހާސްނުވޭ.. އަހަރެން ލޯޔަރުންގެ ޓީމަކާ މަޝްވަރާ ކުރާނަން. ފައިސާ ދައްކައިގެން ތިކަންތައް ނިމެންޏާ އަހަރެން ފައިސާ ވެސް ދައްކަފާނަން... އިންޝާ ﷲ ހުރިހާކަމެއް ވެސް ރަނގަޅުވާނެ"

ފާރޫޤު ނޫނެކޭ ބުނި ނަމަވެސް އެ ފައިސާ ދައްކަދޭން ވެސް ވާސިމު ހުރީ ތައްޔާރަށެވެ.

ޖެހިގެން އައި ހަފްތާގައި ވާސިމުގެ އެހީއާއެކު އެ ފައިސާ ދެއްކުނެވެ. އެކުވެރިޔާ ވެދިން އިޙްސާންތެރިކަމުގެ ބަދަލު ދޭނީ ކިހިނެއްކަން ފާޜޫޤަކަށް ނޭނގުނެވެ. އޭނާއަށް ބުނެވުނު ހާވެސް އެއްޗަކީ ޝުކުރިއްޔާއެވެ.

*****

އެ ދުވަހުގެ ފަހުން ހަފްތާއެއް ފާއިތުވެގެން ދިޔައިރު ކޮންމެ ދުވަހަކު ވެސް ޒައިދު އެ ގަޑިއަށް ސާރާމެން ގެ ކައިރިއަށް ދެއެވެ.

ސާރާ ލިއަމާ ބައްދަލުކުރާއިރު އެ ތުންފަތް މަތީގައިވާ ހިނިތުންވުން ފެނި އެ ހިތުގައި ނަފްރަތުގެ ހުޅު ރޯވެގެން ދެއެވެ. އެ ހުޅުގަނޑު ބޮޑުވެ އޭނާ ބޭނުންވީ ލިއަމް އެ ނަފްރަތު ތެރޭގައި އަންދައިލާށެވެ.

*****

ސާރާއާމެދު އާދަޔާ ޚިލާފަށް ވިސްނެން ފެށުމާއެކު އެ ހިތުގެ ޙާލު ސާރާގެ ކުރިމަތީގައި ބަންޑުން ކޮށްލަން ލިއަމް ނިންމީ ވެސް އެފަދަ ދުވަހެއްގައެވެ. ސާރާ ގަނޑުކޮޅު އޭނާގެ އަތަށް ދީފައި ހިނގައިގަތުމުން ލިއަމް ސާރާއަށް ގޮވައިލިއެވެ.

"ސާރާ" ސާރާ ފިޔަވަޅުތައް މަޑުޖައްސައިލަމުން ލިއަމަށް ބަލައިލިއެވެ.

ކޮމެންޓް 0