"ޒައިދު އަހަރެން ވަރިކޮށްފި" ސިހުނީ ސާރާގެ ޖުމްލަ އަޑު އިވިފައެވެ. ދެ ވަނަ ސިކުންތުގައި އޭނާއަށް ހުރެވުނީ ތެދުވެ ކޮޅަށެވެ.

ލިއަމަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ހިނދުކޮޅަކު އެ ނަޒަރު ސާރާއާ ވަކިކޮށްލަން ނޭނގިފައި އޭނާއަށް ހުރެވުނެވެ. ސާރާ މިރޭގެ ވާހަކަ ކުރުގޮތަކަށް ލިއަމަށް ކިޔައިދިނެވެ.

"އަހަރެން ހީކުރީ ޒައިދަކީ، ރަނގަޅު މީހެއްކަމަށް. ލިއަމް ނައިމަ އަހަރެން ހިތާ ދެކޮޅަށް ޒައިދާ ކައިވެނި ކުރީ އެކުގައި އުޅެން ފެށުމުން ފަހުން ހުރިހާކަމެއް ވެސް ރަނގަޅުވާނޭކަމުގެ އުންމީދުގައި. އެކަމަކު..." ސާރާ ވާހަކަ ހުއްޓައިލިއެވެ. ރޮވެން ފެށުނީތީއެވެ. ހިތްވަރު ކޮށްފައި އަނެއްކާވެސް އޭނާ ވާހަކަ ކުރިއަށް ގެންދެވޭތޯ އުޅުނެވެ. ޒައިދުގެ އަނިޔާވެރިކަން ފެށިގެން އައި ގޮތާ މިއަދާ ހަމަޔަށް ޒައިދު އޭނާއާ ދޭތެރޭ ކަންތައް ކުރި ގޮތް ކިޔައިދިނެވެ.

"އަހަރެން ބޭނުންވި ސާރާ ކައިރިއަށް ވީ އެންމެ އަވަހަކަށް ދާން. އެކަމަކު ތަޤުދީރު އެކަމަށް ތަން ނުދިނީ." އިރުކޮޅެއްގެ ހަމަހިމޭން ކަމަކަށް ފަހު ލިއަމް އޭނާ އާ މެދު ކަންތައް ވީގޮތް ސާރާއަށް ކިޔައިދޭން ފެށިއެވެ. އެ ވާހަކަތައް އަޑު އަހަރެން ހުރި ސާރާއަށް ހީވީ އޭނާގެ ހިތުގައި މީހަކު ވިކައިގެން ހެންނެވެ. ހިތަށް ވެރިވި މާޔުސްކަމާއެކު، އެތެރެހަށީގައި އުފެދިގެންދިޔަ ތޫނު ރިހުމުގެ ސަބަބުން އޭނާއަށް ކޮޅަށް ހުންނަން ދަތިވެ ފާރުގެ އެހީ ހޯދައިލެވުނެވެ.

"އަހަރެން ސާރާ މަތިން ހަނދާން ނައްތައެއް ނުލަން. ސާރާއާ ނުލާ މި ހޭދަވި ދުވަސްތަކުގައި ކެތްތެރިކަމުގެ ހަޤީޤީ މާނަ އަހަންނަށް ދަސްވި. އިމާންތެރިކަން އިތުރުވި. އަހަރެން ސާރާ ނުލިބުމުން އިންތިހާ ދެރަވި. އެކަމަކު އެކަމާ ޝަކުވާކޮށް ރުއިމުގެ ބަދަލުގައި އަހަރެން ހިތްވަރު ހޯދީ ދުޢާއިން.. ސާރާއަށް އެނގޭތަ؟ އަހަރެން އިސްލާމް ވީ ވެސް ޕާކިސްތާނުގައި. އެ ދަތުރަކީ އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި އަދި އެންމެ ހިތްދަތި ދަތުރު... އަހަރެން އިސްލާމްވުމުން އަހަރެންގެ އެންމެ ގާތް ރަޙުމަތްތެރިޔާ އެރިކް ވެސް އަހަންނާ އޮތް ގުޅުން ކަނޑައިލި. އަހަރެންގެ މަންމަ ވެސް. އެކު އުޅުނު އެންމެންގެ ނަފުރަތު އަހަންނަށް އަމާޒުވެގެން ދިޔަ. އަހަރެން ހިތްވަރު ހޯދީ ދުޢާ ކޮށްގެން. އަހަރެން ޔަޤީން ކުރީ އެ ކަންތައްތައްކުގެ ސަބަބުން އަހަރެންގެ އީމާންތެރިކަން ވަރުގަދަވެގެން ދާނޭ ކަމުގައި. އެއީ އިމްތިޙާނެއް ކަމުގައި. " ލިއަމް ވާހަކަ މެދުކަނޑައިލިއެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި އޭނާ އުޅުނު ޙާލު މޮޅަށް ދެނެވޮޑިގެންވާނީ ﷲ އެވެ.

ސާރާގެ ހިތުގައި އުފާވެރި ކަމުގެ ރާގެއް ކުޅެވުނެވެ. ލިއަމް އިސްލާމްވީ ޚަބަރު ލިބިފައެވެ. އަނެއްކާވެސް ވެރިވެގެންދިޔައީ ހަމަހިމޭން ކަމެކެވެ.

"ސާރާ. އަހަންނާ އިންނާނަންތަ؟" އެ ހަމަހިމޭންކަން ފޫދުއްވައިލަމުން ލިއަމް އަހައިލުމާއެކު ސާރާއަށް އިސްއުފުލާލެވުނެވެ. އެ ހިނދު އެއަށް އާއެކޭ ބުނުމަށް އޭނާގެ ޒަމީރު ގޮވަން ފެށިއެވެ. ކުއްލިއަކަށް ލިއަމް އެ ފަދަ ސުވާލެއް ކުރުމުން ސާރާއަށް ސިހުން ވެސް ލިބުނެވެ.

"އިއްދައިގެ ފަހުން ޖަވާބެއް ދޭނަން. އަހަރެން ދެން ޒައިދާ އެކީ އުޅޭކަށް ބޭނުމެއް ނޫން،" ސާރާގެ ތުންފަތް މަތީގައިވަނީ ލުއި ހިނިތުންވުމެކެވެ.

"ސާރާ ޕާކިސްތާނަށް ގޮސް ހުރިހާ ވާހަކައެއް ކިޔައިދީ... އަހަރެން މިހާރު ނެރެން މިއުޅޭ ފޮތް ނިންމާލުމަށްފަހު ސާރާ ކައިރިއަށް ދާނަން. ގޮސް ކައިވެންޏަށް އެދޭނަން. އަހަރެން ދުޢާ ކުރާނަން އަހަރެމެން ދެމީހުންގެ ދެމެދަށް އެއްވެސް ހުރަހެއް ނައިސް ހުރިހާ ކަމެއް ވެސް ރަނގަޅަށް ދޭތޯ" ލިއަމް ބުނެލިއެވެ. ލިއަމްގެ ވާހަކަތަކުން ހިންހަމަ ޖެހުނު ސާރާގެ ސިކުނޑީގެ ދޮރުފަތުގައި ޓަކި ދިނީ ޒައިދު އޭނާއާ ދިމާލަށް ބުނެފައިވާ ބަސްތަކެވެ.

"ޒައިދު އަހަންނާ އިނީ ލިއަމްގެ ކިބައިން ބަދަލު ހިފަންތަ؟ ލިއަމަށް ކުރިން ޒައިދު އެނގޭތަ؟" ސާރާގެ ސުވާލާއެކު ލިއަމަށް ސާރާއަށް ބަލައިލެވުނެވެ. އޭރު ސާރާ ހުރީ އޭނާއަށް ނަޒަރު ހުއްޓާލައިގެންނެވެ.

"ޒައިދު އެހެން ވެސް ބުނިތަ؟" ލިއަމަށް އަހައިލެވުނީ އެހެންނެވެ. ނުތަނަވަސް ކަމާއެކު އޭނާ ސާރާއަށް ބަލައިލިއެވެ.

"ޖެސިކާ..." ލިއަމްގެ ދުލުން އެ ބަސް ބޭރުވެގެން ދިޔުމާއެކު ސާރާއަށް ވެސް އެނަން ކިޔައިލެވުނެވެ.

"އާނ. އެ ޖެސިކާ. އޭނަ އާ ލިއަމްމެންނާ ކޮންމެ ގުޅުމެއްތަ؟" ސާރާ އަހައިލިއެވެ.

"ޖެސިކާ ދޯ! އެއީ ޒައިދުގެ ލޯބިވެރިޔާ. ކްލަބެއް ތެރެއިން ފެނިފަ އަހަންނަށް ޖެސިކާ ކަމުދިޔައީ. އެތަނުން އަހަރެން އޭނަ އާ ވަހަކަ ދައްކަން ފެށީ. އެހެން އުޅެމުން އަހަރެން ޖެސިކާ އާ ލޯބީގެ ގޮތުން ގުޅުނީ. އަހަންނާ ރައްޓެހިވެފަ ޖެސިކާ ޒައިދާ ރުޅިވީ. އޭނަ ޤަބޫލު ކުރަނީ އަހަރެން ޖެސިކާ ޖަހައި ގަތީކަމަށް. އޭނަ އެހެން އުޅެން ފެށީމަ، އަހަރެން ވެސް ޖެސިކާ ގާތް ކުރީ" ލިއަމް ކުރު ގޮތަކަށް ކިޔައިދިނެވެ. މާ ބޮޑު ތަފްސީލް ސާރާއަށް ދޭކަށް އޭނާގެ ހިތެއް ނޭނދުނެވެ. އިރުކޮޅަކު އެ ފަދަ ވާހަކަ ތަކެއްގައި ދެމީހުން ތިއްބެވެ.

ސާރާގެ ފޯނު ނެތުމާއެކު އޭނާ ލިއަމްގެ ފޯނުން ސަލްމާގެ ނަންބަރަށް ދެފަހަރަކު ގުޅިއެވެ. ސަލްމާ ފޯނެއް ނުނަގައެވެ.

އިއްދައިގެ މުއްދަތުގައި ސާރާގެެ މައްޗަށް ޒައިދުގެ ޙައްގު އޮންނާނެތީ ސާރާ ޒައިދާ ބައްދަލުކުރިއެވެ. އެ ދެމީހުން ފެނުމާއެކު ރައްދުވީ ޒައިދުގެ މަލާމާތުގެ ބަސްތަކެވެ. ޒައިދު ބުނީ އޭނާއަށް ލިއަމްގެ ގަނޑުކޮޅުތައް ފެނުނު ކަމުގައެވެ. އަދި ދުޢާ ކޮށްގެން ލިއަމަށް ސާރާ ކާމިޔާބު ނުވި ކަމުގައެވެ، ސާރާ ލިއަމަށް ލިބުނީ އޭނާ ދޫކޮށްލުމުން ކަމުގައެވެ. ދެމީހުން އަނބުރާ ދިޔައީ ޒައިދާ މެދު ހިތާމަ ކުރާ ޙާލުގައެވެ.

އެދުވަހުގެ ބާކީ ވަގުތުގައި ލިއަމް އުޅުނީ ސާރާ ޕާކިސްތާނަށް ފޮނުވާލުމުގެ ތައްޔާރީތައް ކުރުމަށެވެ. އުނދަގުލަކާ ނުލާ އޭގެ އަނެއް ދުވަހަށް ފްލައިޓް ޓިކެޓް ހަމަޖެހުނެވެ.

ޖެހިގެން އައި ދުވަހު ސާރާ އެއާރޕޯޓަށް ލައިދޭން ލިއަމް ދިޔައެވެ. ސާރާ ޗެކިން ވަން ދެން ލިއަމް މަޑުކޮށްލައިގެން ހުއްޓެވެ. އޭނާ ހިނގައިގަތީ ސާރާ ޑިޕާޗާ ހޯލް ތެރެއަށް ވަނުމުންނެވެ.

*****

ފްލައިޓުން ފައިބައިގެން ލަގެޖް ހިފައިގެން ސާރާ އެރައިވަލް ގޭޓާ ދިމާލަށް މިސްރާބުޖެހިއިރު އޭނާގެ ހިތް އާދަޔާ ޚިލާފް ބާރުމިނުގައި ތެޅެމުން ދިޔައެވެ. ޓެކްސީއެއް ނަގައިގެން ގެއާ ދިމާލަށް ހިނގައިގަތް އިރު މަންމަ މެންގެ އަމަލުތައް ހުންނާނީ ކިހިނެއްކަން ނޭނގޭ ޙާލު އޭނާ ވަނީ ކަންބޮޑުވެފައެވެ.

ޓެކްސީ ގެ ކައިރިއަށް ހުއްޓުނުއިރު ވެސް ސާރާއަށް ނޭނގުނެވެ. ހޭވެރިކަން ވީ ޑްރައިވަރު ވާހަކަ ދެއްކުމުންނެވެ. ސާރާ ލާރި ދީފައި ޓެކްސީއިން ފައިބައިގެން ގެއަށް ވަންނަން ހިނގައިގަތީ ފޮށި ހިފައިގެންނެވެ. އެއީ ލިއަމް އޭނާގެ ހެދުންތައް އަޅަން ދިން ފޮއްޓެވެ. އެތެރެއަށް ވަތް އިރު ފާރޫޤާ ސަލްމާ އާއި ދެމީހުން ތިބީ އުނދޯލީގައެވެ. ސާރާ ފެނުމާއެކު ސަލްމާ ފުންމައިގެން ތެދުވިއެވެ. ފާރޫޤުވެސް ހައިރާން ކަމާއެކު ސާރާއަށް ބަލައިލިއެވެ.

މަންމަ ފެނުމާއެކު ސާރާއަށް ރޮވުނީއެވެ. ފޮށި ހުރިތާ ބަހައްޓާފައި ގޮސް ސަލްމާ ގައިގައި ބައްދައިލި ސާރާއަށް ބާރަށް ރޮވިއްޖެއެވެ. ވީ ގޮތާ ބެހޭގޮތުން ސުވާލުކުރަމުން ޒައިދާ ބެހޭ ގޮތުން ސަލްމާ ސުވާލުކުރިއެވެ.

"ސާރާ ކިހިނެއްވީ؟ ކޮބާ ޒައިދު" ޒައިދު ފެނޭތޯ ސަލްމާ ދޮރާ ދިމާލަށް ވެސް ބަލައިލިއެވެ.

ފާރޫޤު ވެސް ސާރާގެ ބޮލުގައި ފިރުމައިލިއެވެ. ސާރާ ހަމައަކަށް އެޅިލުމާއެކު، ސަލްމާ ސާރާގެ ފޮށިހިފައިގެން ގޭތެރެއަށް ހިނގައިގަތެވެ. ފާރޫޤުވެސް އެ ދެމީހުން ފަހަތުން ހިނގައިގަތެވެ. ސާރާ އިށީނީ ސޯފާގައެވެ. ހިތްވަރުކޮށްފައި ސާރާ ޒައިދު އޭނާ ވަރިކުރި ވާހަކަ ބުނެލިއެވެ. ސަލްމާއަށް ލިބުނު ސިހުމުގައި ކީކޭ ހޭ އަހައިލެވުނެވެ.

"ސާރާ އުޅޭ ގޮތުންނޭ އެހެން އެވީ. އަބަދު ޝަކުވާ ކުރަން ވޭތަ؟" ދެވަނަ ސިކުންތުގައި ސަލްމާގެ ނުރުހުމުގެ ބަސްތައް ސާރާއަށް އަމާޒުވެގެން ދިޔައެވެ.

"ދެން ނޭނގެ މި ހިސާބުގަނޑުގެ މީހުން ދައްކާނެ ވާހަކަ އެއްވެސް. ކައިވެނި ކޮށްގެން ދެ ތިން މަސް ނުވެ ތިއައީ ވަރިވެގެން" ސަލްމާ އަނެއްކާވެސް ބުނެލިއެވެ. ފާރޫޤު އިޝާރާތުން މަޑު ކުރުމަށް އެދުނު ނަމަވެސް ސަލްމާ ހުރީ އެއަށްވުރެ ބޮޑަށް ހިންހަމަ ނުޖެހިފައެވެ.

"ސަލްމާ އެހަށް މަޑުކޮށްބަލަ. ވީ ގޮތް ސާރާ ގާތުން އޮޅުން ފިލުވަބަލަ" ދަރިފުޅުގެ މޫނުމަތިން ފެނުނު މާޔޫސްކަމުން އޭނާއަށް ކޮންމެވެސް އެއްޗެއް ފަހުމްވެގެން ދިޔައެވެ. ޒައިދާ ކައިވެނި ކުރުވުމަކީ އަނެއްކާ އެ ދެމީހުންނަށް ހެދުނު ގޯހެއް ހެއްޔެވެ؟ ފަށައިގެން ކަންތައް ވީ ގޮތް ކިޔައިދިނުމަށް ފާރޫޤު އެދުނެވެ. ހިތްވަރުކޮށްފައި ސާރާ ހުރިހާ ވާހަކައެއް ކިޔައިދޭން ފެށިއެވެ. އޭނާ ހަމަ އެކަނި ސިއްރު ކުރީ ލިއަމްގެ ވާހަކައެވެ.

"އެކަމަކު ޒައިދު އެހެން ކަންތައް ކުރަންވީ ސަބަބެއް ވެސް އޮންނާނެއެއްނު. ގައިމު މި ކޮޅުގަ އުޅުނުއިރު ކިހާ ރަނގަޅަށް ވާހަކަ ވެސް ދެއްކީ" އެ ވާހަކަތައް ގަބޫލުކުރަން ސަލްމާއަށް އުނދަގޫވިއެވެ. ފަޒީލާއަށް ގުޅާފައި ސަލްމާ އެ ވާހަކަ ކިޔައިދިނީ އެމީހުންނަށް އެއްވެސް ވަރެއްގެ ހަޤީގަތެއް އެނގޭތޯއެވެ. އޭރު އޭނާއަށް ނޭނގުނު ކަމަކީ ޒައިދު ސާރާއާ ގުޅޭ ދޮގު ވާހަކަތަކެއް ފަޒީލާ މެން ގާތު ދައްކާފައިވާކަމެވެ.

"އަހަންނަށް ގުޅާނެ ކަމެއް ނެތް. ޒައިދު ގާތުން ވަރިވީ ސާރާ އަމިއްލައަށް. ކެނޑި ނޭޅި ވަރިކުރަން ކިޔަންޏާ އޭނައަށް ވެސް ކެތެއް ނުވާނެއެއްނު. އެވަރު ނުވެގެން އެކަނި މާ އެކަނި ގެއިން ނުކުމެގެން ދިޔައީ. މީގެ ފަހުން އަހަރެން ބޭނުމެއް ނޫން ސަލްމާމެންނާ އެއްވެސް ގުޅުމެއް ބާއްވާކަށް" ފަޒީލާ ރުޅި އައީ ސާރާ ދެކެއެވެ. ސަލްމާއަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ފަޒީލާ ފޯނު ކަނޑައިލިއެވެ.

"ފަޒީލާ ބުނީ ސާރާ ކިޔާ ވަރުންނޭ ޒައިދު ސާރާ ވަރިކުރީ. ސާރާ އަމިއްލައަށޭ ގެއިން ނުކުމެގެން ދިޔައީ ވެސް" ސަލްމާއަށް ހުރި އޮޅިފައެވެ. ސާރާއަކީ އެއް އިރެއްގައި ވެސް އެފަދައިން ދޮގެއް ހެދި ކުއްޖެއް ނޫނެވެ. ފަޒީލާގެ ވާހަކަތަކުން ޤަބޫލުކުރާނީ ކާކު ދައްކާ ވާހަކައެއް ކަމެއް އޭނާއަކަށް ނޭނގުނެވެ.

ސާރާ އައިތާ ހަފްތާއެއްގެ ތެރޭގައި ފާރޫޤު ވަޒީފާއިން ވަކިކުރިއެވެ. އެހެންނަމަވެސް ﷲގެ ރަޙްމަތާއެކު ފާރޫޤަށް އެހެން ތަނަކުން ވަޒީފާ ހަމަޖެހުނެވެ. ސާރާ އިންތިޒާކުރީ ލިއަމް އަންނާނޭ އިރަކަށެވެ. ސަލްމާމެން ކަންބޮޑުވީ ސާރާއަށް ދެން ރަނގަޅު ހުށައެޅުމެއް ނުލިބިދާނެތީއެވެ. ސާރާއަކީ އަދި ޒުވާން ކުއްޖެކެވެ. ދިރިއުޅުމެއް ނުފަށާ އެހެނެއް ނުހުރެވޭނެއެވެ.

*****

ސާރާގެ ވާހަކަތައް ސަލްމާއަށް ޤަބޫލުކުރަން މަޖުބޫރުވިއެވެ. އޭނާގެ ދަރިފުޅު އެފަދައިން ދޮގު ނުހަދާނެކަމުގެ ޔަޤީންކަން އޮތީތީއާ ވެސް އެކުގައެވެ. މަންމަގެ ފަރާތުން ސާރާއަށް އޯގާތެރިކަން ލިބެން ފެށުމުން އޭނާގެ ހިތް އުފަލުން ފުރުނެވެ. މިހާރު އެންމެ އިންތިޒާރު ކުރެވެނީ ލިއަމް އަންނާނެ އިރަކަށެވެ. އޭނާ ޕާކިސްތާނަށް އައި ފަހުން ލިއަމް މެސެޖެއް ކޮށްލީ ދެފަހަރަކުއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އިއްދައިގެ ދުވަސްތައް ވެސް ހަމަ ވެއްޖެއެވެ. ބަދިގޭގައި އުޅެފައި ސާރާ ކޮޓަރިއަށް ދިޔައީ ފެންވަރާލުމުގެ ބޭނުމުގައެވެ. ފޯނެއް މެސެޖެއް އައުމާއެކު ސާރާ ބަލައިލިއެވެ.

"ޓެރެސް ބަލައިލައްޗޭ" މެސެޖުގައި އޮތީ ހަމައެކަނި އެހެންޏެވެ. ހިތް އަވަސްވި ސާރާ ނުކުމެ ޓެރެސްއަށް ވަށައިގެން ބަލައިލިއެވެ. ޖެހިގެން ހުރި ގެއަށް ވެސް ނަޒަރެއް ދިނެވެ. އޭނާއަށް ލިއަމެއް ނުފެނުނެވެ. އެއްލި ކަޅިއަކުން ޓެރެސްގައި އޮތް ގަނޑުކޮޅު އޭނާގެ ލޮލުގައި އަޅައިގަތެވެ.

*****

"ސާރާ އަހަރެން މި ހުރީ ޕާކިސްތާނުގަ. އިންޝާ ﷲ ވަރަށް އަވަހަށް ތި ގެއަށް ދާނަން" ލިޔެފައި އޮތެވެ. ސާރާއަށް ހިނިތުން ވެވުނެވެ.

*****

ރަމަޟާން މަސް ކައިރިވަމުން އަންނާތީ ސާރާ އިހުނަށްވުރެ އަޅުކަންތައް ގިނަ ކޮށްލިއެވެ. ކޮންމެ ނަމާދެއްގެ ފަހުގައި އޭނާ ﷲ އަށް ޙަމްދުކުރެއެވެ. އޭނާއަށް އެންމެ ރަނގަޅު ގޮތް މިންވަރު ކޮށްދެއްވުން އެދި ދުޢާ ކުރެއެވެ.

އިޝާނަމާދު ކޮށްލައިގެން ޤުރުއާން ކިޔަވާލުމަށްފަހު ސާރާ ތިރިއަށް ދިޔައިރު މަންމަ ސަލްމާއާއި ބައްޕަ ފާރޫޤު ވާހަކަ ދައްކަން ތިއްބެވެ. އޭނާ ވެސް ގޮސް ސޯފާއެއްގައި އިށީނެވެ. ދެކެވެމުން ދިޔައީ ރަމަޟާން މަސް ކައިރިވަމުން އަންނާތީ މުޅި ގޭތެރެ ސާފުކޮށްލުމުގެ ވާހަކައެވެ. މިހާރު ރަމަޟާން މަސް ފެށެން އޮތީ ހަފްތާއެއް ހާ ދުވަހެވެ

"އަހަރެން އެންމެ ކަންބޮޑު ވަނީ ސާރާއަށް އިތުރު ހުށައެޅުމެއް ނުލިބިދާނެތީ. "

ކައިވެންޏަށް ފަހު ވަރިވާ އަންހެން ކުދިންނާމެދު އެ ހިސާބުގަނޑުގެ މީހުންގެ ވިސްނުން ހުންނަނީ ވަރަށް ކޮށިކޮށެވެ. ސަލްމާ ބަލައިލީ ސާރާއަށެވެ. އޭނާ ދެން ދުވަހަކު ވެސް ސާރާއަށް ކަމަކަށް މަޖުބޫރެއް ނުކުރާނެއެވެ. އިތުރު ހުށައެޅުމެއް ލިބުނަސް އޭނާ އެއައިގެން ކުރިއަށް ދާނީ ސާރާގެ ވިސްނުން ހުރި ނެތް ގޮތެއް ބެލުމަށްފަހުއެވެ. މި ވީ ދުވަސްތަކުގައި ސަލްމާވެސް އަޅުކަމާއި ގާތްވެލުމުގެ ނަތީޖާއެއްގެ ގޮތުން އޭނާގެ އީމާންތެރިކަން ވަނީ ވަރުގަދަވެފައެވެ. ހުރިހާ ކަމެއްގައި ﷲ އަށް އިތުބާރުކުރުމަށް އޭނާއަށް ދަސްވިއެވެ.

*****

ސާރާ އޭނާއަށް މިރޭ އެއްލި ގަނޑުކޮޅަށް ބަލަހައްޓައިގެން އޮތް ލިއަމްގެ ތުންފަތްމަތީގައި ވަނީ ނުފިލާ ހިނިތުންވުމެކެވެ. އޭގައި އޮތީ ލިއަމް އެ ގެއަށް ކައިވެންޏަށް އެދި އަންނާނީ ކޮން އިރަކުތޯ އަހާފައެވެ.

އޭނާއަށް އެ ގެއަށް ގޮސް ސާރާގެ ބައްޕައާ ކުރިމަތި ލުމުގެ ހިތްވަރެއް ނުލިބުނެވެ. ﷲ ގެ ހަޟްރަތުގައި އޭނާ ދުޢާ ދެންނެވީ އެކަންތައް އޭނާއަށް ފަހި ކޮށްދެއްވުން އެދިއެވެ. ފަސޭހަ ކޮށްދެއްވުން އެދިއެވެ.

*****

އިސާހިތަކު ރޯދަމަސް ވެސް ފެށިއްޖެއެވެ. ރޯދައަށް ހުންނަން ވުމުން ފުރަތަމަ ދެ ދުވަހު ލިއަމަށް ތަންކޮޅެއް އުނދަގޫވިއެވެ. އޭނާ ޙަޔާތުގައި ދުވަހަކު ވެސް ރޯދައެއް ނުހިފައެވެ. ކެތްތެރިކަން އިސްކުރަމުން އޭނާ ﷲ މަތިން ހަނދުމަކޮށް ރޯދައިގެ މަތިވެރި ސަވާބާ ދަރުމައިގެ މަތިން ހަނދާންކުރުމުން ފަސޭހަވިއެވެ.

ރޭގަނޑު ތަރާވިސް ކޮށްގެން ގެއަށް އައިސް ލިއަމް އެނދުގައި އޮށޯވެލީ ކުޑަކޮށް ވަރުބަލި ފިލުވާލުމުގެ ބޭނުމު ގައެވެ. ދެވަނަ ސިކުންތުގައި އޭނާ އެނދުގައި އިށީނދެ ނުތަނަވަސްކަމާއެކު ނިތުގައި ފިރުމާލިއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އޭނާ މިއަދު ސާރާމެން ގެއަށް ދާނެއެވެ. ހިތް އަވަސްވި ލިއަމަށް ނިތުގައި އަތް ޖައްސާލެވުނެވެ. އޭރު ނިތްކުރިމަތިން ކޮންމެވެސް ވަރަކަށް ދާ ހިއްލާލާފައި ހުއްޓެވެ. މާ ބޮޑަށް ހާސްވީ ކަންނޭނގެއެވެ.

އިސްތަށިގަނޑު ރީތިކޮށްލަމުން ލޯގަނޑު ކައިރިއަށް ހުއްޓިފައި ލިއަމް އޭނާގެ އަމިއްލަ ސޫރައަށް ބަލައިލިއެވެ. އެއަށްފަހު އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ.

ގެއިން ނުކުމެގެން ސާރާމެން ގެއަށް މިސްރާބުޖެހި ލިއަމް ސާރާއަށް މެސެޖްކޮށްލިއެވެ. އެގެއަށް ގޮސް ގޭޓު ހުޅުވާލަމުން ސަލާމް ގޮވައިލިއެވެ. ދެ ފަހަރަކު ސަލާމް ގޮވާލިތަނާ ގޭ ތެރޭން ކޮންމެވެސް މީހަކު ސަލާމް ބަލައިގަނެފިއެވެ. ފިރިހެނަކަށް ވުމުން އެއީ ސާރާގެ ބައްޕަ ކަމުގައި އޭނާ ޔަޤީން ކުރިއެވެ. އަތް ފައި ފިނުވުމާއެކު ލިއަމަށް އަނެއްކާވެސް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

އެ މީހާ ގޭ ދޮރުން ބޯ ދިއްކޮށްލުމަށްފަހު އެތެރެއަށް ވަނުމަށް އިޝާރާތްކޮށްލުމުން ލިއަމް ދެއަތް ދެއަތާ މޮޑެމުން އެތެރެއަށް ވަނެވެ. ލިއަމް ފެނުމާއެކު އެއީ ޕާކިސްތާނު ޒުވާނެއް ނޫންކަން ފާރޫޤު ދެނެގަތެވެ.

"ކީއްކުރާ ކުއްޖެއް؟" ފާރޫޤު ވާހަކަ ދެއްކީ އިނގިރޭސިންނެވެ. ލިއަމަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ފާރޫޤު ލިއަމަށް އެތެރެއަށް ވަނުމަށް ދަޢުވަތު ދިނެވެ. އޭރު ސަލްމާ ވެސް ކާކުހޭ ކިޔާފައި އެ ދިމާލަށް އާދެއެވެ.

ފާރޫޤު ލިއަމް ގާތު އިށީނުމަށް އެދުމުން ލިއަމް އިށީނެވެ. އޭނާގެ ނަޒަރު ހުއްޓުނީ ތިރިއަށް ފައިބަމުން ދިޔަ ސާރާއަށެވެ. ސާރާ ފޯނު އޮތީ ޗާޖަށް ޖަހާފައި ކަމުން އޭނާއަށް ލިއަމް މެސެޖު ކުރިކަމެއް ނޭނގެއެވެ.

ލިއަމް ފެނި އޭނާއަށް ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ. ލިއަމް އޭނާގެ ނަޒަރު އަވަސް އަވަހަށް ސާރާއާ ވަކިކޮށްލަމުން ވާހަކަ ދައްކަން ތައްޔާރުވިއެވެ. ހިތާ ހިތުން ﷲ އަށް ދުޢާ ކުރެވުނީ އޭނާއަށް އެކަން ފަސޭހަ ކޮށްދެއްވުން އެދިއެވެ.

"އަޅުގަނޑު މިއައީ... އަޅުގަނޑު މިއައީ..."ލިއަމަށް ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ. އޭނާ ހުއްޓައިލިއެވެ.

"އަޅުގަނޑު މިއައީ ސާރާގެ ކައިވެންޏަށް އެދިގެން..." އިރުކޮޅެއްގެ ހަމަހިމޭން ކަމަކަށްފަހު ހިތްވަރުކޮށްފައި ލިއަމް ބުނެލިއެވެ. ލިއަމް އެހެން ބުނި ވަގުތު ސާރާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. މަންމަމެންގެ އަމަލުތައް ހުންނާނީ ކިހިނެއްކަން ލަފާކޮށްލާކަށް އޭނާއަކަށް ނޭނގުނެވެ. މަޑުމަޑުން ލޯ ހުޅުވާލާ އެ މާހައުލަށް އޭނާ ބަލައިލިއެވެ. ސަލްމާއާއި ފާރޫޤާ ދެމީހުން ސިއްރު ނަޒަރެއް ބަދަލުކޮށްލިއެވެ.

"ސާރާ އެނގެނީ ކިހިނެއް؟" ފާރޫޤުގެ ލޮލުގައި ސާރާ އަޅައިގަތުމާއެކު އޭނާ ބުނެލިއެވެ.

ސާރާ އައިސް ހުއްޓުމާއެކު ލިބުނު ހިތްވަރުގައި ލިއަމް، އޭނާ އިސްލާމްވި ގޮތާއި ސާރާ އެނގުނު ގޮތް ކިޔައިދޭން ފެށިއެވެ.

ސާރާގެ މޫނުމަތިން ފެނުނު އުފާވެރިކަމުގެ ސަބަބުން ފާރޫޤާ ސަލްމާ އާ ދެމީހުން އެ ކައިވެންޏަށް އެއްބަސްވިއެވެ.

ޖެހިގެން އައި ދުވަހު ރޯދަ ވިއްލުން ރޭވުނީ ގޭގެ ޓެރެސްމަތީގައެވެ. ލިއަމް އެގެއަށް ދިޔައީ ފާރޫޤުގެ އެދުމުގެ މަތިންނެވެ.

އިފްތާރުގެ ވަގުތު މާ ގިނައިރުނުކޮށް ފާރޫޤާ ލިއަމާ ދެމީހުން ދިޔައީ މިސްކިތަށެވެ. ފާރޫޤުގެ އެދުމަށް ތަރާވީސް ދަމުވެސް ލިއަމް ކާން ދިޔައީ އެގެއަށެވެ. ކައިވެނީގެ ތާރީޚެއް ކަނޑައެޅުމުގައި ފާރޫޤު ލިއަމްގެ ޚިޔާލެއް ހޯދިއެވެ. ކައިވެންޏަށްފަހު ދިރިއުޅުން އިނގިރޭސި ވިލާތަށް ބަދަލުކުރަން ބޭނުންވާ ވާހަކަ ލިއަމް ބުންޏެވެ. އެކަމަކު ލިއަމް ބުނީ ސާރާ ބޭނުންވާނަމަ މިކޮޅުގައި އުޅެން ވެސް މައްސަލައެއް ނެތް ކަމުގައެވެ.

ސާރާއާއި ލިއަމްގެ ކައިވެނި ކުރެވުނީ ފިޠުރު ޢީދަށް ފަހުއެވެ. ކައިވެންޏަށް ފަހު ލިއަމާ ސާރާއާ ދެމީހުން ރާއްޖެ ގޮސްލަން ނިންމީ އެ ދުވަސްކޮޅު ރީމާގެ ކައިވެނި އޮތީތީއެވެ. ރާއްޖޭގައި ދެ ހަފްތާ ހޭދަ ކުރުމަށްފަހު ލިއަމާ ސާރާ އެނބުރި ޕާކިސްތާނަށް ދިޔައެވެ. އެއަށްފަހު ސާރާ ބަދަލުވީ ލިއަމާ އެކު އިނގިރޭސި ވިލާތަށެވެ.

ތިން އަހަރު ފަސް

*************

ލިއަމާއެކު ޓެކްސީގައި ގެއާ ދިމާލަށް މިސްރާބުޖެހި ސާރާގެ ތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ. ކާރުގެ ފަހަތުގައި އިށީނދެގެން ތިބިއިރު ދެމީހުންގެ މޫނުމަތިން ވެސް ފެންނަނީ ހިންހަމަ ޖެހުމުގެ އަސަރެވެ.

"ޑްރައިވަރ. ތަންކޮޅެއް މަޑުން" ދުވެލި ބާރުކޮށްލުމާއެކު ލިއަމަށް ބުނެވުނީ ސާރާއަށް ބަލައިލަމުންނެވެ.

"އިންޝާ ﷲ. އަހަންނަކަށް ކަމެއް ނުވާނެޔޭ" ސާރާ ގާތަށް ހިނިއައެވެ. ގެއާ ހިސާބަށް އާދެވުމުން އެންމެ ފުރަތަމަ ފޭބީ ލިއަމެވެ. އެއަށްފަހު ސާރާ ފޭބިއެވެ. ފޮށިތައް ބައިލަދިނުމުން އެ އެއްޗެހި އެތެރެއަށް ވެއްދީ ލިއަމެވެ.

ގޭޓުން އެތެރެއަށް ވަނުމަށްފަހު ލިއަމް ސަލާމް ގޮވައިލިއެވެ.

"ވަޢަލައިކުމް ސަލާމް." ސަލާމް ގޮވައިލި އަޑު އިވިފައި ޖަވާބު ދިނީ ފާރޫޤެވެ، އޭނާ ސޯފާއިން ތެދުވަމުން ދޮރުކައިރިއަށް ޖެހިލިއެވެ.

ސާރާއާ ލިއަމްފެނި ފާރޫޤަށް ސަލްމާއަށް ގޮވާލެވުނީ ވެސް ބާރަށެވެ. ފާރޫޤު ގޮވައިލިލެއް ބާރުކަމުން ސަލްމާ ތެޅެމުން ފޮޅެމުން ކިހިނެއްވީހޭ ކިޔާފައި ކޮޓަރިން ނުކުތެވެ. ސާރާމެން ފެނި އޭނާއަށް އެ ދިމާލަށް އަވަސް ފިޔަވަޅުތަކެއް އަޅައިލެވުނެވެ. ސާރާގެ ހަމަހަށް ދާ ބަނޑުފެނި އޭނާއަށް އެ ހިނިތުންވުން ފުޅާ ކޮށްލެވުނެވެ.

"ނުވެސް ބުނެ ތިއައީ" ސަލްމާ ޝަކުވާ ކޮށްލިއެވެ. ސާރާ ބަލައިލީ ލިއަމްއަށެވެ.

"ލިއަމް ބުނީ ނުބުނެ އައިމައޭ މަންމަމެންގެ މޫނުމަތިން ތި އަސަރު ފެންނާނީ" ސާރާ ހިނިތުންވެލަމުން ބުނެލިއެވެ.

އެތެރެއަށް ފޮށިތައް ވެއްދުމުގައި ފާރޫޤު އެހީތެރި ވެދިނެވެ.

އިނގިރޭސި ވިލާތުގައި އުޅުނުއިރު ވެސް ލިއަމްގެ މަންމަ ސާރާއަށް ވަރަށް ހެވެ. އެކަމަކު ސާރާ ބޭނުންވީ ވިހަން ޕާކިސްތާކަށް އަންނާށެވެ. ލިއަމް ވެސް އައިސް ސޯފާގައި ސާރާ ގާތު އިށީނެވެ.

"އޯކޭތަ؟" އެ އަޑުގައި ކަންބޮޑުވުން ވިއެވެ. އެހާ ދިގު ދަތުރެއްކޮށްފައި ސާރާ އައުމުން އޭނާ ކަންބޮޑުވެ ހާސްވީއެވެ. ސާރާ ބަނޑުބޮޑުވި ފަހުން ލިއަމް ވަކިން ޚާއްސަ ސަމާލުކަމެއް ސާރާއަށް ދެއެވެ.

"އެއްޗެއް ކައިލަން ވާނެއެއްނު" ސަލްމާ ބުނެލިއެވެ. ސާރާމެން ދެމީހުން ސަލްމާގެ ފަހަތުން ކާކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

"އަންނަ ވާހަކަ ނުބުނީމަ ނޭނގޭނެއެއްނު ރަނގަޅު އެއްޗެއް ވެސް ހަދައިލާކަށް. ރިހަ އާއި ބަތް ކެއްކީ މިއަދު"ސަލްމާ ސާރާއަށް ބަލައިލަމުން ބުނެލިއެވެ.

"އެ ރަނގަޅުވާނެ" ސާރާ ބުނެލިއެވެ. ކައިގެން ސާރާއާއި ލިއަމާ ދެމީހުން ގަސްތުކުރީ އަރާމުކޮށްލުމަށް ކޮޓަރިއަށް ދާށެވެ. ސާރާ އަތްގަނޑުގައި ހިފައްޓައިގެން ސިޑިން އެރިއިރު ލިއަމް ސާރާގެ ފަހަތުގައި އޭނާގެ ހަށިފާރަވެރިއަކަށް ހުއްޓެވެ.

"އަހަރެން ވެއްޓިދާނެހެން ހީވަނީތަ؟" ސާރާ ބުނެލިއެވެ. ލިއަމް ލުއި ހިނތުންވުމެއް ސާރާއަށް ހަދިޔާކޮށްލިއެވެ.

ޖެހިގެން އައި ހަފްތާގައި ސްކޭން ހައްދަން ޖެހޭތީ ޑޮކްޓަރަށް ދައްކަންވެގެން ހޮސްޕިޓަލަށް ސާރާ އާ ލިއަމް ދިޔައެވެ. މެމޯ ހައްދައިގެން ޑޮކްޓަރަށް ދައްކަން މަޑުކޮށްލައިގެން ތިއްބައި އެ ދިމާލުން ލާފައިދިޔަ ޒުވާނާ ސާރާގެ ލޮލުގައި އަޅައިގަތެވެ. ޔަޤީން ނުވެފައި އިން ކަހަލަ ގޮތަކަށް އިނދެފައި ސާރާ ލިއަމްގެ އަތުގައި ކޮށްޓައިލިއެވެ.

"ކިހިނެއްވީ؟ ކަމެއް ބޭނުންވީތަ؟ ތަނަކަށް ތަދުވަނީތަ؟" ލިއަމް އަވަސް އަވަހަށް ސުވާލުކޮށްލިއެވެ. ސާރާގެ ދޫ ހަރަކާތެއް ނުކުރެއެވެ. އޭނާގެ ދުލުގައި ވަނީ ތަޅެއް ލެވިފައެވެ. ސާރާ އަތުގެ އިޝާރާތުން އޭނާ ބަލަން އިން މީހާ ލިއަމަށް ދައްކައިލިއެވެ.

"ޒައިދު؟" ލިއަމަށް ސާރާއަށް ބަލައިލެވުނެވެ. އޭނާގެ މޫނުމަތީގައި ވަނީ ހައިރާންކަމެވެ. ޒައިދުގެ ސިފައަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ވިޔެއް ކަމަކު އެ ދެމީހުންނަށް ވެސް އެއީ ކާކުކަން ވަކިކުރަން އެނގުނެވެ.

އެމީހުންތިބި ދިމާ ކައުންޓަރު ކައިރިއަށް ގޮސް ޒައިދު މަޑުކޮށްލިއެވެ. އެތަނުގައި ހުރި އަންހެން ކުއްޖާއާ ވާހަކަ ދެއްކިއެވެ. ހީވާގޮތުން ކޮންމެވެސް މައުލޫމާތެއް ސާފުކޮށްލަނީއެވެ.

އެނބުރިލި ޒައިދުގެ ލޮލުގައި ސާރާމެން އަޅައިގަތެވެ. ހިނދުކޮޅަކަށް މަޑު ޖެހިލި ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ އިސްޖަހައިލަމުން ފިޔަވަޅުތައް ބާރުކޮށްލިއެވެ. އޭނާގެ މަޤްސަދަކަށްވީ އެތަނުން ދުރަށް ދިޔުމެވެ. ސާރާމެން ފެންނަ ހިސާބަށް އައުމަކީ އޭނާ ކުރަން ބޭނުންވިކަމެއް ނޫނެވެ.

"ޒައިދު" ލިއަމް ތެދުވެލާ ގޮވައިލުމުން ލިއަމްގެ ބަހުގައި ކޮޅުފައިން ޖަހާފައި ދާކަށް ޒައިދަކަށް ނުކެރުނެވެ. އޭނާ އެނބުރުނު އިރު ލިއަމް އެކޭ އެއްގޮތަށް ސާރާ ވެސް ހުރީ ތެދުވެ ކޮޅަށެވެ. ލިއަމަށް ޒައިދަށް ގޮވައިލަން މަޖުބޫރު ކުރިވީ ޒައިދު ހުރި ގޮތެވެ. ވެދިޔަ ހުރިހާކަމެއް އެއީ ނިމުނުކަމެއް ކަމަށް ނިންމާ ލިއަމް އިސްވެ ވާހަކަ ދެއްކިއެވެ. އޭނާގެ ހިތް ޒައިދާ ވާހަކަ ދެއްކުމަށް ގޮވައިލީތީއެވެ. ޒައިދު އެނބުރިލަމުން އައިސް ސާރާމެން ކައިރިއަށް ހުއްޓުނެވެ. ސާރާގެ ބޮޑުވެފައިވާ ބަނޑު ފެނިފައި ޒައިދު ހިނދުކޮޅަކަށް މަޑުޖެހުނެވެ. އޭނާއަށް އެއްޗެއް ބުނާކަށް ވެސް ނޭނގުނެވެ. އެކަމަކު ދެވަނަ ސިކުންތުގައި އޭނާ ގަދަކަމުން ހިނިތުންވެލަން މަސައްކަތް ކުރިއެވެ. މާޒީގައި ހިފައިގެން އުޅެންޏާ ދުވަހަކުވެސް ކުރިއަކަށް ނުދެވޭނެއެވެ. މިހާރު އޭނާ ބޭނުންވަނީ މާޒީން ލިބުނު އިބްރަތްތަކުގެ އަލީގައި އޭނާގެ މުސްތަޤްބަލް އުޖާލާ ކުރާށެވެ.

"ކިހިނެއް ވީ ޒައިދު؟ ލިއަމަށް ބުނެވުނެވެ. ސާރާއަށް ވެސް އަހައިލެވުނެވެ.

"ބްރެއިން ކެންސަރ. ސްޓޭޖް 4" ވެރިވެގެންދިޔަ ހަމަހިމޭންކަމުގެ ހިނދުކޮޅަކަށްފަހު ޒައިދު ވާހަކަދެއްކިއެވެ. އެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް ވެސް ލިއަމަށް ފެނުނެވެ.

ބުނާނެ އެއްޗެއް ނޭނގި ސާރާއާ ލިއަމަށް ހުރެވުނެވެ.

"ކިހިނެއްވީ؟ ތިހެން ނުބަލާ ހެހެ... އަހަރެން ހަމަ ރަނގަޅޭ އަލްޙަމްދު ﷲ. " ޒައިދު ކުޑަ ހިނދުކޮޅަކަށް ސާރާއަށް ބަލައިލިއެވެ. ދެވަނަ ސިކުންތުގައ ނިކަން އަވަސް އަވަހަށް އޭނާ ދުރު ބަލައިލިއެވެ. ސާރާއާ ވަކި ވީފަހުން ތިން އަހަރު ފާއިތުވެގެން ދިޔަ ނަމަވެސް އޭނާއަށް ސާރާ، ހަނދާންނައްތާލެވޭ ގޮތެއް ނުވެއެވެ. ސާރާގެ ގިނަ އެއްޗެހި ތަކެއް އަދިވެސް އޭނާގެ އަތުގައި އެބަ ހުއްޓެވެ. ޚާއްސަކޮށް ސާރާ އާ ލިއަމާ ދެމެދު ބަދަލުކޮށްފައި ހުރި ގަނޑުކޮޅުތަކެވެ. އޭގެން އޭނާއަށް ވެސް ފައިދާ ހުރި ގިނަ މައުލޫމާތުތަކެއް ލިބުނެވެ. ކެންސަރު ޖެހުމަށްފަހު އޭނާއަށް ހެޔޮ ވިސްނުން ލިބުނީތީ ﷲ އަށް ހަމްދުކުރިއެވެ. އެއީ އޭނާގެ ނަފުސު އިސްލާހުކުރަން ލިބުނު ފުރުސަތެއް ކަމުގައި ޒައިދު ގަބޫލުކުރިއެވެ. އޭނާއަށް ހިދާޔަތް ދެއްކެވީތީ އޭނާ ﷲއަށް އެތަކެއް ފަހަރު ޝުކުރު ވެރިވިއެވެ. ދުނިޔެއަކީ ވަގުތީ ތަނެއްކަމުގައްޔާއި، އެއީ އިމްތިޙާނުގެ ގޮވައްޗެއް ކަމުގައި އޭނާއަށް ޤަބޫލުކުރެވުނީ އެ ހިސާބުންނެވެ.

"އަހަރެންގެ އަތުގައި ސާރާގެ އަމާނާތެއް އެބައޮތް. އިންޝާ ﷲ. ރައްދުކޮށްދޭނަން" ޒައިދު ބުނެލިއެވެ. އޭނާ ސާރާގެ އެއްވެސް އެއްޗެއް އުކައެއް ނުލައެވެ.

އެހެން ތިއްބައި ފަޒީލާ އައެވެ. އޭނާގެ މޫނުމަތި ބަނަވެގެން ދިޔައީ ސާރާ ފެނިފައެވެ.

"ދަނީ" ފަޒީލާ ބޭނުންވީ އަވަހަށް އެތަނުންދާށެވެ. ޒައިދު ހެދި ދޮގުތަކުގެ ސަބަބުން އަދިވެސް އޭނާގެ ހިތް ސާރާއަށް ސާފެއް ނޫނެވެ. އެ ހިނދު ހަޤީގަތް މަންމައަށް ކިޔައިދޭން ބޭނުންވި ޒައިދު ފަސްޖެހުނެވެ. އެއީ އެންމެ ރަނގަޅު ވަގުތަށް ނުވެދާނެޔޭ އޭނާއަށް ހީވީއެވެ.

"މަންމާ... އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން" ޒައިދު ވާހަކަ ފެށީ ގެއަށް ގޮހެވެ. ފަޒީލާ އަޑު އަހަން ފެށުމުން ޒައިދު ފެށިގެން ނިމެންދެން ހުރިހާ ވާހަކައެއް ފަޒީލާއަށް ކިޔައިދިނެވެ. އޭނާގެ ދެލޯ ހިނދުކޮޅަކަށް ފެންކަޅިވިއެވެ. ސާރާއާ މެދު ސަލްމާގެ ހިތުގައި އޮތް ނަފުރަތު ފިލައި އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. މިއަދު އެ ދަރިފުޅަށް އައި ބަދަލުތަކުގެ ސަބަބުން އޭނާ އުފާވިއެވެ.

"މަންމާ... އަހަރެންނާ އަދި އެ ފެމެލީ ގުޅުން ބާއްވަން ބޭނުންނޫނަސް، މަންމަމެންނާ ގުޅުން ބޭއްވޭނެއެއްނު. އަހަރެން ބޭނުން މަރުވުމުގެ ކުރިން މަންމަމެން ކުރީގެ އެކުވެރި ގުޅުމަށް ދާން" ޒައިދު ބުނެލިއެވެ.

"ތިހެން ބުނާކަށް ނުވާނެ ދަރިފުޅާ" ފަޒީލާ ޒައިދުގެ ގައިގައި ކުޑަކޮށް ބައްދައިލިއެވެ. އެ ދަރިފުޅުގެ އަޑުގައި ވި އަސަރުން އޭނާގެ މައި ލަގޮނޑިއަށް ކެތެއް ނުވިއެވެ.

*****

ގޭތެރޭ ސޯފާތަކުގައި ތިބި ހަތަރު މީހުން ސިހުނީ ބަޔަކު ސަލާމް ގޮވައިލި އަޑު އިވިފައެވެ. ދޮރުމަތީގައި ތިބި ފަޒީލާމެން ފެނި ފާރޫޤަށް ވެސް ސޯފާއިން ތެދުވެވުނެވެ. ސަލްމާ ވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހާ ދުވަސް ފަހުން ފަޒީލާ ފެނުމުން އޭނާއަށް އެތެރެއަށް ވަންނަން ދައުވަތު އަރުވަން ވެސް ހަނދާން ނެތުނު ފަދައެވެ.

"ވައަލައިކުމް ސަލާމް" ޖަވާބު ދިނީ ލިއަމްއެވެ. ސާރާ ވެސް އަތުގައި އޮތް އާފަލު ތަށި ކުރިމަތީ ހުރި މޭޒުމަތީ ބަހައްޓަމުން ތެދުވަން މަސައްކަތް ކުރިއެވެ. ލިއަމް ސާރާގެ އެއް އަތުގައި ހިފަހައްޓާލަދީ އަނެއް އަތް އުނަގަނޑުގައި އަޅުވައިލަމުން ތެދުވަން އެހީތެރިވެ ދިނެވެ.

ފާރޫޤު، އެމީހުން އެތެރެއަށް ވަންނަން ދައުވަތު ދިނެވެ. ސަލްމާއާއި ފާރޫޤަށް ވެސް ޒައިދު ފެނި ލިބުނީ ކުއްލި ސިހުމެކެވެ. ޒައިދު ހުރީ އެކީ ހިކި އަނަރޫފަ ވެފައެވެ. ދެކޯތާފަތް ވަޅުޖެހިފައެވެ. ބޮލުގައި އިސްތައްޓެއް ނެތެވެ. ބުމައިގެ އިސްތަށިތައް ވެސް ހުރީ ފައިބައިފައެވެ. ކައިރިން ބަލައިލުމުން އެއްފިޔަތައް ވެސް ކުރުހެން ހީވެއެވެ. ހީވަނީ ފައިބާފައި ހުރި ހެންނެވެ.

" މިއީ ސާރާގެ އަމާނާތެއް" ޒައިދު އޭނާގެ އަތުގައި އޮތް ލަކުޑި ފޮށި ދިއްކޮށްލަމުން ބުނެލިއެވެ. ސާރާއާ ލިއަމާ ދެމީހުން އެ ފޮށީގައި ހިފިއެވެ.

"ޒައިދު. ކިހިނެއް..." ސަލްމާއަށް ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ.

ވާސިމު ކުރިއަށް ޖެހިލާ ސަލާމަށް އަތް ދިއްކޮށްލިއެވެ. އޭނާއަށް އެކުވެރިޔާ އާ މެދު ކަންތައް ކުރެވުނު ގޮތުން މާފަށް އެދުނެވެ. ޒައިދު އެ މީހުންނަށް ހުރިހާ ހަޤީގަތެއް ކިޔައިދީފި ކަމަށާއި އެކަމުގައި ސާރާގެ އެއްވެސް ކުށެއް ނެތް ކަމުގައި ބުނެލިއެވެ. ޒައިދު މާފަށް އެދުނެވެ. އޭނާ އިސްދަށަށް ޖަހައިލިއެވެ. ނޭފަތުން ފޭބި ލޭތަށް ތަޅުންގަނޑު މައްޗަށް ތިކިޖަހަން ފެށުމުން ލިއަމަށް ޒައިދަށް ގޮވައިލެވުނެވެ.

"ޒައިދަށް ކިހިނެއްތަ ވީ؟" ފާރޫޤަށް އަހައިލެވުނީ ވާސިމު ދަރިފުޅު ގާތަށް ޖެހިލުމާއެކުގައެވެ.

"އޯކޭ ވާނެ ބައްޕާ. މިއީ އާދައެއްނު" ޒައިދު ބުނެލިއެވެ. ސަލްމާ ފޮތިގަނޑެއް ހިފައިގެން އައިސް ތަން ސާފުކުރިއެވެ. ޒައިދަށް ޒިންކު ދައްކަން ވެގެން ސަލްމާ ދިޔުމާއެކު ވާސިމު ކުޑަ ގޮތަކަށް ޒައިދުގެ ހާލަތު ކިޔައިދިނެވެ. އެއީ ކީމޯތެރަޕީގެ އަސަރު ކަމުގައި ވެސް ބުނެލިއެވެ.

އެނބުރި އައިސް ޒައިދު ބުނީ އޭނާއާ މެދު ކަންބޮޑު ނުވުމަށެވެ. އެއީ އޭނާއަށް ތެދުމަގު ލިބެން މެދުވެރިވި ސަބަބެއްކަމުގައެވެ.

އެކުވެރިކަން ބަދަހިވެގެން ދިޔައެވެ. އެގޭގައި ވާހަކަ ދައްކައިލަން ތިބުމަށްފަހު ވާސިމުމެން ދިޔުމުން ސާރާ އެރީ މައްޗަށެވެ. ޒައިދު ދިން ފޮށި އެނދުމަތީގައި ބަހައްޓަމުން އޭނާ އެ ފޮށި ހުޅުވައިލިއެވެ. އޭގެ ތެރޭގައި އޮތީ ސާރާގެ ހެދުމަކާއި ލިއަމާ މެދު ބަދަލުކުރެވުނު ގަނޑުކޮޅުތަކެވެ.

ތުންފަތަށް ވެރިވި ލުއި ހިނިތުންވުމާއެކު އޭނާއަށް ލިއަމަށް ބަލައިލެވުނެވެ. ޒައިދަށްޓަކާ އޭނާ އިންތިހާ ދެރަވިއެވެ. އެކަމަކު ޒައިދަށް ހިދާޔަތް ދެއްކެވީތީ އޭނާ މިއަދު އުފާވިއެވެ. ﷲ އަށް ޙަމްދުކުރެވުނެވެ.

އެ ހެދުން ނަގާ ނިއުޅުވާލުމުން އެއީ ޒައިދު ފޮރުވި ހެދުންކަން ސާރާއަށް ދެނެގަނެވުނެވެ.

"މިހާރު މި ނުވެސް ލެވޭނެ. ހީވަނީ ބޮޑު ތާނގީއެއްހެން ދޯ" ސާރާ ހިނިގަނޑެއް ޖަހައިލިއެވެ.

"ނޫނޭ ބޭބީ. ވަރަށް ރީތި. ބަނޑެއް ލީމަ އަދި މާ ރީތި. ވާނެ ދޯ ފުޓުބޯޅަ ޓީމެއް ހަމަކުރަން" ލިއަމް ސަމާސާ ކޮށްލަމުން ސާރާގެ ފަހަތުން ބައްދައިލިއެވެ.

"ލިއަމް ކޮން އިރަކުންތަ އެއްކަލަ ކުންފުނި މީހުން ގުޅާނީ. މިއަދު އެ މީހުންނާ ވާހަކަ ދެއްކިންތަ؟" ސާރާ ސުވާލުކޮށްލިއެވެ. އޭނާ އެނބުރިލިއެވެ. ލިއަމްގެ މޭގައި އަތް ޖައްސައިލަމުން ސާރާ އަހައިލިއެވެ.

"ބުނީ ގުޅާނަމޯ" ލިއަމް ބުނެލިއެވެ. އޭނާ އެދަނީ އޭނާގެ ފޮތް ކަމުގައި ވާ އަހަރެން އިސްލާމްވީ ކީއްވެ؟ އެ ފޮތް ނެރުމުގެ މަސައްކަތް ކުރަމުންނެވެ. ލިއަމް މީގެ ކުރިން ވެސް ދީނާ ބެހޭ ގިނަ ކަންތައްތަކެއް ރިސާޗް ހެދުމަށްފަހު ލިޔެ ފޮތްތައް ނެރިފައިވެއެވެ. އެ ފޮތްތަކަށް ހީވެސް ނުކުރާހަ ބޮޑު ތަރުޙީބެއް ލިބިފައިވެއެވެ. އޭނާގެ ފޮތްތައް މުޅި އިނގިރޭސި ވިލާތުގައި ވެސް މަޝްހޫރެވެ.

އޭނާ މީގެ ތިން އަހަރު ކުރިން ނެރެން ގަސްތުކުރި އެ ފޮތް ނެރެން ލަސްވީ އެހެން ފޮތްތަކުގެ މަސައްކަތް ކުރަމުން އެ ފޮތް ލިޔުމުގެ މަސައްކަތް ކުރީތީއެވެ. އޭނާ ބޭނުންވީ އޭނާގެ ހަޔާތުގެ ހުރިހާ ކަމެއް ތަފްސީލުކޮށް ލިޔާށެވެ. ކާމިޔާބު ލިޔުންތެރިއަކަށް ވުމަށް ކުރަމުން އައި އުންމީދު ފުރިހަމަ ވުމާއެކު ލިއަމަށް ﷲ އަށް ޙަމްދުކުރެވުނެވެ. އޭނާ އެ ފޮތް ނެރެން ބޭނުންވީ ޕާކިސްތާނުގައި ކަމަށް ވުމާއެކު އެކީ ފޮތް ނެރުން ލަސްކޮށްލީއެވެ. އޭނާގެ ފޮތްތަކުގެ އެތަސް ހާސް ކޮޕީއެއް ވިކިފައިވެއެވެ.

ސާރާ ބުރުގާ ބޭލުމާއެކު ލިއަމަށް ސާރާގެ އިސްތަށިގަނޑުގައި އަތް ހިންގާލެވުނެވެ. އޭނާގެ ޚިޔާލަށް މީގެ 3 އަހަރު ކުރިން އެންމެ ފުރަތަމަ އޭނާ ޕާކިސްތާނަށް އައި އިރު ސާރާގެ އިސްތަށިގަނޑު ފެނުނު ގޮތް ސިފައެވެ. އޭނާގެ ތުންފަތް މައްޗަށް ބޭއިޚްތިޔާރުގައި ހިނިތުންވުމެއް ވެރިވިއެވެ.

"ކިހިނެއްވީ ލިއަމް؟" ސާރާ އަހައިލިއެވެ.

"އެނގޭތަ؟ އަހަރެންނަށް އެންމެ ފުރަތަމަ ސާރާ ފެނުނީ ކުޑަ ދޮރު ކައިރީ ބުރުގާ ނާޅާ ހުއްޓައެއް ވެސް ނޫނޭ. އަދި އެއްކަލަ ދުވަހު އެކްސިޑެންޓެއް ވާން އުޅެނިކޮށް މަގުމައްޗަކުން ވެސް ނޫނޭ" ލިއަމް ބުނެލިއެވެ. ސާރާގެ މޫނުމައްޗަށް ހައިރާންކަމެއް ވެރިވިއެވެ.

"ދެން ކޮންތާކުން؟" ސާރާ އޭނާގެ ހަނދާނަށް އެހެން ކަމެއް އާދޭތޯ ވިސްނައިލިއެވެ.

"އެހެރެ ޑްރެސިން ޓޭބަލް ކައިރީ ރީތިވާން ހުއްޓާ. ދެ ދުވަހު ދެކުނިން" ލިއަމް ހަނދާންކޮށްލިއެވެ. އެ ކޮޓަރީގެ ފަރުނީޗަރުތަކާއި ޑިޒައިނަކަށް އަދިވެސް ބަދަލެއް ނާދެއެވެ. އެތަން ހުރީ ހަމަ ހުރި ގޮތަށެވެ.

ސާރާ ސަމާސާއަކަށް ލިއަމްގެ ގައިގައި ޖަހައިލިއެވެ.

"އޭރު އަހަންނަކަށް ނޭނގެޔޭ ސާރާ އުޅެނީ ބުރުގާ އަޅައިގެން ކަމެއް" ލިއަމް ހީގަތެވެ.

"ހެހެ"

"އަސްލޭ. އެހެން ނޫނީ ނުބަލާނަން" ލިއަމް ބުނެލިއެވެ.

"ދޯ ޑެދީ ދޫނީ" ގުދުވެލާ ކޮޅަށް ހުރި ސާރާގެ ބަނޑުގައި ތުންފަތް ޖައްސައިލަމުން ލިއަމް ވާހަކަ ދެއްކިއެވެ. ދެމީހުންގެ ހުނުމާއެކު ކޮޓަރި ތެރޭގެ ހިމޭންކަން ފިލައިގެން ދިޔައެވެ.

*****

ލިއަމްގެ ފޮތް ނެރެން ކުޑަ ހަފްލާއެއް ބޭއްވުނެވެ. ފޮތް ނެރެވިގެން ދިޔުމާއެކު އެ ފޮތް ފަތު އަޑު ކިޔާފައި ވިކެން ފެށިއެވެ. ގިނަ ގައުމުތަކުގައި ވިއްކުނެވެ.

ލިއަމް ގެއަށް އައި އިރު ސާރާ ހުރީ މޭޒުކައިރީގައެވެ. ކައިރިއަށް ޖެހިލުމާއެކު ސާރާ ނަގައިގެން ހުރި ފޮށި ލިއަމްގެ ލޮލުގައި އަޅައިގަތެވެ. އެއީ ޒައިދު ދިން ފޮއްޓެވެ. އޭނާ ވަނީ އޭނާގެ އަތުގައި ހުރި ގަނޑުކޮޅުތައް ވެސް އެ ފޮއްޓަށް އަޅާފައެވެ. ސާރާ އެ ގަނޑުކޮޅުތައް ކިޔަނީއެވެ. އޭނާ ސާރާގެ އަތުގައި މަޑުމަޑުން އަތް ޖައްސައިލިއެވެ. ސާރާލިއަމަށް ބަލައިލިއެވެ.

ދެމީހުން ޖެހިލީ ކުޑަ ދޮރު ކައިރިއަށެވެ.

"ލިއަމަށް ހަނދާންވޭތަ؟ މި ދެ ކުޑަ ދޮރާ ދެ ޓެރެސްއާ؟" ސާރާ އަހައިލީ ލިއަމަށް ބަލައިލަމުންނެވެ.

"ކިހިނެތް ހަނދާން ނެތޭނީ؟" ސާރާގެ ކޮނޑުގައި ދަތްދޮޅި ޖައްސައިލުމާއެކު ސާރާގެ ގައިގައި ފަހަތުން ބައްދައިލަމުން ލިއަމް ބުނެލިއެވެ. ސާރާ ލިއަމްގެ ކޯތާފތުގައި އޭނާގެ އަތް ޖައްސައިލިއެވެ.

"އަހަންނަށް ސާރާ އެންމެ ފުރަތަމަ ފެނުނީ ވެސް ކުޑަ ދޮރުން ވިއްޔާ" ލިއަމް ބުނެލިއެވެ. އޭނާ ސާރާގެ މޫނަށް ބަލައިލިއެވެ. އަޅާފައިވާ ފިޔާތޮށިކުލައިގެ ބުރުގާ ސާރާއާ ވަރަށް ގުޅެއެވެ.

ދެ ހިތުގައި ވެސް ވަނީ އުފާވެރިކަމެވެ. ހަޔާތުގައި ދިމާވި ހުރިހާ އުނދަގޫ ކަމަކަށްފަހު ވެސް އެ ދެ މީހުން އެ ވަނީ މިއަދު ގުޅިފައެވެ. ﷲ އެވަނީ އެ ދެމީހުންގެ ދުޢާ އިޖާބަކުރައްވަވާފައެވެ. އުންމީދަކީ ޙަޔާތުގައި ދިމާވާ ކޮންމެ ކަމެއްގައި ދެމަފިރިން އެކުގައި ކުރިމަތިލުމެވެ.

ސާރާ ލިއަމަށް ބަލައިލިއެވެ. ލިއަމް ސާރާގެ އެއްފަރާތުގައި ހުއްޓިލަމުން އޭނާއާ ދިމާލަށް ސާރާ އަނބުރައިލިއެވެ. ސާރާ ހިނިތުންވެލިއެވެ. ލިއަމް ކަކޫ ޖައްސައިގެން އިށީނުމަށްފަހު ސާރާގެ ބަނޑުގައި ބޮސްދިނެވެ. އެއަށްފަހު ތެދުވެ ސާރާގެ ނިތުގައި އޭނަގެ ތުންފަތް ޖައްސައިލިއެވެ.

(ނިމުނީ)

 

ކޮމެންޓް 0