ލިއަމް އޭނާގެ ލޯބިވެރިޔާ ޖެސިކާ އާއެކު ގޮސް މަޝްހޫރު ކްލަބެއް ކައިރިއަށް ކާރު މަޑުކޮށްލިއެވެ. އެއް ފަރާތުގައި ކާރު ޕާކު ކޮށްލާފައި ޖެސިކާގެ އުނަގަނޑުގައި އަތް އަޅުވާލަމުން އެތަނުގެ އެތެރެއަށް ވަންނަން ލިއަމް ހިނގައިގަތެވެ.
އެތެރެއަށް ވަތް އިރު އެ ތަނުގައި ދެ ޖިންސު މަސްހުނި ވެގެން ނަށަމުން ދިޔައެވެ. ޖަހާފައިވާ މިއުޒިކާ އެއްވަރަށް ހަރަކާތްތައް ގެންނަމުން ދިޔައިރު، ރަލާއި މަސްތުގެ ދުނިޔޭގައި އެ ޒުވާނުން ދިޔައީ ޣަރަގުވަމުންނެވެ.
މީހުންތަކުގެ ތެރޭން ފުރޭނިގެން ކަހަލަ ގޮތަކަށް ލިއަމްއާ، ޖެސިކާ ކުރިއަށް ދިޔައެވެ. އިސާހިތަކު އެ ދެމީހުން ވެސް އެހެން ޒުވާނުންނާ ބައިވެރި ވެއްޖެއެވެ.
ލިއަމް ޖެސިކާގެ އުނަގަނޑުގައި އަތް އަޅުވާލަމުން އޭނާއާއި ގާތް ކޮށްލިއެވެ. ގެނައި ކުއްލި ހަރަކާތާއެކު ޖެސިކާ، ފާރާ އޭނާއާއި، ދެމެދު ހައްޔަރުކޮށްލަމުން، ޖެސިކާއާއި ގާތް ވެލިއެވެ. ޖެސިކާގެ މޫނު އޭނާގެ މޫނާ ކިރިއާ ޖެހޭ ނުޖެހޭ ހިސާބަށެވެ. ޖެސިކާ ވެސް ލިއަމަށް ދަޢުވަތު ދެމުން ދިޔައެވެ. އެ ދެމީހުންގެ އަމިއްލަ ދުނިޔޭގައި ގެއްލިފައި ތިއްބައި، ސިހުން ގެނުވީ ލިއަމްގެ ޓީޝާޓުގައި ހިފާ މީހަކު ދުރަށް ހޫރާލުމާއި އެކުގައެވެ.
ލިއަމް ގޮސް އެތާ ހުރި މޭޒެއްގައި ޖެހިފައި ވެއްޓުމާއެކު، ޖެސިކާ ހަޅޭއްލަވައިގަތެވެ. އެއާއެކު ބައެއް ޒުވާނުން އެމީހުންގެ ހަރަކާތްތައް މަޑުޖައްސައިލިއެވެ.
ލިއަމަށް އިތުރު ހަރަކާތެއް ނުގެނެވި އުޅެނިކޮށް އެ ޒުވާނާ އަނެއްކާ ވެސް ލިއަމް ގާތަށް ޖެހިލާ ލިއަމްގެ ބަނޑުގައި ކޮޅުފައިން ޖެހިއެވެ. އިސާހިތަކު ތަނުގައި ކުޅެވެމުން ދިޔަ މިޒުޒިކްގެ އަޑު ކެނޑިއްޖެއެވެ. އޭރު އެތަނުގައި ތިބި ގިނަ މީހުންގެ ނަޒަރު ހުރީ އެ ދެމީހުންނަށް ހުއްޓިފައެވެ.
ލިއަމް ތެދުވަމުން އެ ޒުވާނާގެ މޫނުމައްޗަށް ގޮށްމުށުގެ ހަމަލާއެއް އަމާޒުކޮށްލިއެވެ. އެ ޒުވާނާގެ ތުންފަތް މަތި ފެޅި ލޭތައް އޮހިގަތް ނަމަވެސް، އޭނަ އެކަމަށް ސަމާލުކަމެއް ނުދެއެވެ. ދެވަނަ ހަމަލާ އަމާޒުކޮށްލީ އެ ޒުވާނާގެ ބަނޑަށެވެ. އެއާއެކު އެ ޒުވާނާ ގޮސް ވެއްޓުނީ އެތާހުރި މޭޒެއްމައްޗަށެވެ. ލިއަމް އޭނާގެ ގަމީސް ރަނގަޅުކޮށްލިއެވެ. ގަމީހުގެ މޭމަތިން ދެ ގޮށް ނައްޓައިލަމުން އޭނާ ހަމަޖެހިލިއެވެ.
އޭނާއަށް އިތުރު ހަރަކާތެއް ނުގެނެވި އުޅެނިކޮށް އަނެއްކާ ވެސް، އެ ޒުވާނާ އައިސް ލިއަމްއަށް އޭނާގެ ހަމަލާ އަމާޒުކޮށްލިއެވެ. ވެއްޓުނު ލިއަމް ކައިރިއަށް ދުވެފައި ޖެސިކާ ދިޔަ މަންޒަރު ބަލަން ހުރިއިރު، އެ ޒުވާނާގެ މޫނުމަތިން ފެންނަނީ އަލިފާން ކަހަލަ ނަފުރަތެކެވެ.
"ޒައިދު! ހަމަ މިހާރު ހުއްޓާލާ" ޖެސިކާ އިނގިރޭސިން ބުނެލިއެވެ.
އެއާއެކު ޒައިދު، އެއްމިޔަކަށް ހިނިތުންވެލިއެވެ. އެމޫނުމަތީގައި ވަނީ ބުނެދޭން ނޭނގޭ ފަދަ އަސަރެކެވެ. ލިއަމް ޖެސިކާގެ އަތުގައި ހިފާ ކައިރިކޮށްލަމުން އޭނާގެ ތުންފަތް ޖެސިކާގެ ކޯތާފަތާ ކައިރިކޮށްލީ، ޒައިދު ރުޅި އަރުވާލުމުގެ ބޭނުމުގައެވެ. ވީ ވެސް އެހެންނެވެ. ޒައިދު އެ އައި ގޮތަށް އައިސް، ލިއަމްގެ ގިރުވާނުގައި ހިފިއެވެ.
"މިހާރު ޖެސިކާ އަކީ މަގޭ މީހެއް... ގެޓް ލޮސްޓް"
ލިއަމް ޒައިދުގެ އަތް ފޮޅުވާލަމުން ވާހަކަ ދެއްކިއެވެ. އެ އަޑުން ބޮޑާ ކަން ފާޅުވަމުން ދިޔައެވެ. އަނެއްކާ ވެސް ޒައިދު އޭނާގެ ހަމަލާއެއް ލިއަމަށް އަމާޒު ކޮށްލުމާއެކު، ލިއަމް ވެސް ކުރިއަށް ޖެހިލާ، ޒައިދުގެ، ގައިގައި ކޮޅުފައިން ޖެހިއެވެ. ބޮޑު ތަޅާފޮޅުމަކަށް ދިޔުމާއެކު، ލަސްތަކެއް ނުވެ ތަނުގެ ސެކިއުރިޓީ އައިސް އެ ދެމީހުން ދުރު ކުރުވިއެވެ.
ލިއަމް ޖެސިކާގެ އަތުގައި ހިފައިގެން ނުކުމެގެން ދިޔައީ އަދިވެސް އެއްފަހަރު ފަޚުރު ވެރިކަމުގެ ބެލުމަކުން ޒައިދަށް ބަލާލައިފައެވެ.
*****
ޚިޔާލުތަކުން ނުކުތް ލިއަމް ތެދުވަމުން ބޮލުގައި ހިފައްޓައިލިއެވެ. އެރޭގެ ހަނދާންތަކުގެ ސަބަބުން ނަފްސަށް ނުތަނަވަސް ކަމެއް ވެރިވެގެން ދިޔައެވެ. ކީއްވެކަމެއް ނޭނގެއެވެ. ހާސްވެ ކަންބޮޑުވާ ގޮތްވަނީއެވެ.
ސައިޑް ކަބަޑު މަތީގައި ހުރި ޖަގުން ތައްޓަށް ފެންއަޅާ، އެއް ނޭވާއިން އެ ފެންތަށި ހުސްކޮށްލި، ލިއަމް އެނދުން ތެދުވިއެވެ. ދެފަރާތަށް ހިނގެން ފެށުނެވެ. ކޮންމެ ދިމާލަކުން ވިސްނި ކަމުގައި ވިނަމަ ވެސް، ވިސްނުން ގުޅި ލާމެހެނީ ސާރާއާއެވެ. އޭނާއަށް ޒައިދުގެ މޫނުމަތިން ފެނުނީ ނުރައްކާތެރި ވިދުވަރެކެވެ.
*****
ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެވެ. ސާރާ ޤުރުއާން ކިޔަވާ އަޑު އިވެން ފެށުމާއެކު ލިއަމް ކުޑަ ދޮރު ހުޅުވައިލިއެވެ. ޤުރުއާން އަޑު އިވޭ ކޮންމެ ފަހަރަކު، އޭނާގެ ހިތަށް އެ ލިބޭ ފިނިކަން ބަޔާން ކޮށްދޭނީ ކިހިނެއްހެއްޔެވެ؟ އެ ކަމާ ބެހޭގޮތުން އެރިކް މެން މީހެއްގެ މަޝްވަރާ ހޯދަން ވީ ހެއްޔެވެ؟ ނޫނެކެވެ. އެމީހުން ހީކުރާނީ އޭނައަކީ މޮޔައެއް ކަމަށެވެ. އެއީ އެއްގޮތަކަށް ވެސް ކަމުދާ ޚިޔާލަކަށް ނުވުމާއެކު، ލިއަމަށް ބޮލުގެ އިޝްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނެވެ. ލިއަމް އެތަނުން ހިރިލީވެސް އެ އަޑު އެކީ ކެނޑުނު ފަހުންނެވެ.
އޭނާ ގޮސް އެނދުގައި އިށީނދެލިއެވެ. އެއަށްފަހު ނޯޓު ފޮތް ނެގިއެވެ. ސާރާ ދިން ގަނޑުކޮޅު ނަގާ އޭގައި ލިޔެފައި އޮތް އާޔަތްތަކުގެ މާނަ ކިޔައިލިއެވެ. އުޑު، މަތީގައި އެ އޮންނަނީ ހަމަ އެއްވެސް ތަނބެއްގެ އެހީއަކާ ނުލައެވެ. އިރު އަރަނީ ވަކި ވަގުތެއްގައެވެ. އޮއްސެނީ ވަކި ވަގުތެއްގައެވެ. ރޭދުވާ ތަކުރާރު ވެއެވެ. ހުރިހާ ކަމެއް ވެސް ހިނގަނީ ޤުދުރަތީ ޤާނޫނެއްގެ ދަށުންނެވެ. އިރު އަރަން ހަމަޖެހިފައިވާ ވަގުތަށް ކޮންމެ ދުވަހަކު ވެސް އިރު އަރައެވެ. އޮއްސެން ކަނޑައެޅިފައިވާ ގަޑިއަށް އޮއްސެއެވެ. ސިކުންތެއް ވެސް ތަފާތެއް ނުވެއެވެ. މިހާ ފުރިހަމައަށް މި ހުރިހާ ކަމެއް މި ހިނގަނީ ކިހިނެއް ކަމާމެދު އޭނާ ފުރަތަމަ ފަހަރަށް ވިސްނަމުން ދިޔައެވެ. މިއިން އެއްވެސް ކަމެއް ބަދަލުކުރުމުގެ ކުޅަދާނަކަން އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ.
ވިސްނިވަރަކަށް ލިއަމްގެ ސިކުނޑީގެ މަސައްކަތް އަވަސްވަމުން ދިޔައެވެ. ހެދިފައިވާ ގަސްތައް ކަނޑާ އޭގެ ލަކުނޑިން ތަފާތު އެއްޗެހި އުފެއްދެއެވެ. ފަތުން ފަތް ޕިލާވެލީގެ ބޭސް ހެދެއެވެ. އެހެންނަމަ ވެސް އޭގެ އެއްވެސް ގަހެއް ހެދުމުގެ ކުޅަދާނަކަމެއް އިންސާނުންނަކަށް ލިބިގެނެއް ނުވެއެވެ. ޤުރުއާނުގައި ވާ އާޔަތް ތަކަކީ ތެދު ކަމުގައި ސިކުނޑިން ގޮވަން ފެށިއެވެ. އެހެންނަމަ ވެސް ލިއަމް ބިރު ގަންނަނީއެވެ. އޭނާއަށް މި ދެވެނީ ރަނގަޅު މިސްރާބަކަށް ނޫންކަމުގައި ހީވަނީއެވެ. އެހެންނަމަ ވެސް އެ ކަންތައް ތަކާ މެދު ވިސްނުން ހުއްޓުވޭ ގޮތެއް ނުވިއެވެ. އެދެވެނީ އިތުރު ކަންތައްތަކެއް އެނގުމަށެވެ.
ޝައިތާނާ ލިއަމްގެ ހިތަށް ޝައްކާ ވަހުމު ވައްދަން މަސައްކަތް ކުރަނީއެވެ. އެންމެ ފަހުން ގަނޑުކޮޅު ފޮތް ތެރެއަށް ލަމުން ޓެރެސްއަށް ނުކުމެލީ ހިންހަމަޖެހުން ހޯދާލުމުގެ ބޭނުމުގައެވެ. އޭރު އިރުއޮއްސި އަނދިރިކަން ދުނިޔެއަށް ވެރިވަނީއެވެ. ލިއަމްގެ ހަނދާނަށް އައީ ސާރާ އޭނާއަށް ފޮނުވި އާޔަތުގެ މާނައިގައިވާ ތަންކޮޅެކެވެ.
"(އަދި) އެކަލާނގެ ރޭގަނޑުން ދުވާލު ނިވައިކުރައްވަތެވެ."
އެތަންކޮޅު ހިތަށް ވެރިވުމާއެކު ލިއަމްއަށް ވަށައިގެން ބަލައިލެވުނެވެ. ސާރާ އަބަދުވެސް ހެކި ދައްކާއިރު ޤުރުއާނުގެ އާޔަތެއް ލިޔެއެވެ. ޤުރުއާނަކީ ތެދުކަން ސާބިތުކޮށް ދޭން އެދެންވީއެވެ.
އޭނާ ޤުރުއާނާ ބެހޭގޮތުން ހޯދި ހޯދުން ތަކުން އެނގުނު ގޮތުގައި ޤުރުއާނަކީ 1400 އަހަރު ވެފައި ވާ މުސްލިމުންގެ މުޤައްދަސް ފޮތެވެ. އެ ފޮތުގެ އަކުރަކަށް އަދި ފިއްޔަކަށް ވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ލިއަމް ވިސްނިއެވެ.
"1400 އަހަރު... އެންމެ އަކުރަކަށް ވެސް ފިއްޔަކަށް ވެސް ބަދަލެއް ނާދޭ... ކިހިނެއް؟" ކިތަންމެ ރަނގަޅަށް ވިސްނަން އުޅުނަސް އޭނާގެ ހިތަށް ވަސްވާސްތައް ވެއްދުމުގައި މިފަހަރު ވެސް ޝައިތާނާ ކާމިޔާބު ހޯދިއެވެ.
ސިކުނޑިއަށް ބުރަކަން އިޙްސާސް ކުރެވުމާއެކު ލިއަމް ގޭތެރެއަށް ވަދެ އެނދުމައްޗަށް ވެއްޓިގަތެވެ.
*****
އިޝާ ނަމާދު ކޮށްގެން ސާރާ ކުޑަ ދޮރު ހުޅުވައިލިއެވެ. ލިއަމްގެ ޚަބަރެއް ނުވާތީ ސާރާއަށް މާޔޫސްކަމެއް ވެރިވެފައިވެއެވެ.
އޭނައަށް އަބަދާ އަބަދު އެ ޒުވާނާ ހޯދެނީ ކީއްވެހެއްޔެވެ؟ އެ ހިތް އެ ޒުވާނާ ދުށުމަށް އެދެނީ ކީއްވެހެއްޔެވެ؟ އަމިއްލަ ހިތަށް އެއީ ގޯހެއް ކަމަށް ވިސްނައިދެމުން ސާރާ ކުޑަދޮރު ލައްޕައިލިއެވެ.
*****
އަސުރު ނަމާދަށް ގޮވިއިރު މިއަދު ވެސް ލިއަމަށް ހުރެވުނީ މިސްކިތެއް ކައިރީގައެވެ. މިސްކިތުގެ ވަށާ ފާރު ކައިރީގައި ލިއަމް މަޑުކޮށްލިއެވެ. ކީއްވެކަމެއް ނޭނގެއެވެ. އެމީހުން މިސްކިތުގައި އެ ކުރާ ކަމެއް އޭނާ ބަލަން ބޭނުންވީއެވެ. އޭނާއަށް ވިސްނިފައިވާ ގޮތުގައި މުސްލިމުން އެމީހުންގެ ހަރުކަށި އުސޫލުތައް އާލާކޮށް ޅަ ކުދިންގެ ސިކުނޑިތައް އެންމެ ގިނައިން ދޮންނަމުން ދަނީ މިސްކިތް ތަކުގައެވެ. މިސްކިތް އެތެރޭގައި އެމީހުން ކުރާ ކަންތައް އެނގެން، ޝައުގުވެރި ވިނަމަ ވެސް އެތެރެއަށް ވަންނާކަށް ލިއަމަކަށް ނުކުރުނެވެ. މިސްކިތަށް ނުވަނީ ވެސް އެހެންވެއެވެ.
"އައްސަލާމް ޢަލައިކުމް" ދާދި ގާތުން ޒުވާނަކު ސަލާމް ގޮވައިލި އަޑު އިވިފައި ލިއަމަށް ބަލައިލެވުނެވެ. އޭނާގެ ގާތުގައި ހުރީ ޒުވާން ފިރިހެން ކުއްޖެކެވެ. ލިއަމް ބަލައިލުމާއެކު އެ ޒުވާނާ ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އޭނާ އެތެރެއަށް ވަންނަން ބޭނުންތޯ ސުވާލުކޮށްލިއެވެ.
"އަހަންނަށް ވަދެވޭނެތަ؟" ލިއަމް އިނގިރޭސިން ސުވާލު ކޮށްލިއެވެ.
"ވަދެވޭނެ... ހިނގާ" ލިއަމްއަށް ބަލައިލަމުން އެ ޒުވާނާ ބުނެލިއެވެ. އެތެރެއަށް ވަންނަން ހިނގައިގަތް ލިއަމް ގޮވައިގެން ފުރަތަމަ އޭނަ ދިޔައީ އިސްކުރު ބަރިއާ ދިމާލަށެވެ. އޭނަ ވުޟޫ ކުރި މަންޒަރު ބަލަން ހުރި ލިއަމް ހުރީ ހައިރާން ވެފައެވެ. އޭނާ އެ ޒުވާނާގެ ހަރަކާތްތަކަށް ބެލިއެވެ. ވުޟޫ ކޮށް ނިމިގެން އެ ޒުވާނާ މިސްކިތާ ދިމާލަށް ހިނގައިގަތުމުން ލިއަމްވެސް ހިނގައިގަތެވެ.
އޭނާ ގޮސް މަޑުކޮށްލީ ފަހަތުގައެވެ. ބޭނުންވީ އެމީހުން ކުރާ ކަމެއް ބަލައިލާށެވެ. އެމީހުން ނަމާދުކުރަން ފެށިއެވެ. އެ ހަރަކާތްތައް އޭގެ ކުރިން ވެސް އޭނާއަށް ފެނުނެވެ. ސާރާގެ ފަރާތުންނެވެ. ހަދާފައިވާ ސަފުތަކަށް ބަލައިލި ލިއަމްގެ ހިތަށް ތަފާތު ޝުއޫރުތައް ވެރިވިއެވެ.
އެންމެން ވެސް ކުރަމުން ދިޔައީ އެއް ހަރަކާތްތަކެކެވެ. ބަލާބެލުމަށް މުއްސަންޖެއް ފަޤީރެއް ވަތްކެއް ނުވެއެވެ. އެންމެން ވެސް ހަމަ ހަމައެވެ. ބާރު ގަދަ މީހާ ބާރުގަދަ ތަނެއް ނުފެނެއެވެ. އެންމެން ވެސް ތިބީ އެހާ މަޑުމައިތިރި ކޮށެވެ. އިސްލާމް ދީނާ މެދު ސާފު ހިތަކުން ވިސްނުމަށް ސިކުނޑި ގޮވަން ފެށިއެވެ. ފެންނަމުން ދާ ހެކި ތަކުން އަސަރު ކުރަމުން ދިޔައީ ލިއަމްގެ ހިތަށާއި ސިކުނޑިއަށެވެ. އޭނާއަށް ހުޅަނގުގެ މީޑިއާ އިން ދައްކައިދީފައިވާ މަންޒަރާއި ފެންނަ މަންޒަރާ ހާދަ ތަފާތެވެ. މިސްކިތް ތަކަކީ ނުރައްކާތެރި ތަނެއްކަމުގައި ވިސްނިފައި ވިޔަސް، އެ ވިސްނުން ބަދަލުކުރަން މަޖުބޫރު ވެއްޖެއެވެ.
މިސްކިތް ތެރެއިން އޭނާއަށް އިޙްސާސް ކުރެވުނީ އަމާންކަމެވެ. އެއީ އޭނާއަށް ވިސްނިފައިވާ ފަދަ ނުރައްކާތެރި ތަނެއް ނޫނެވެ. އެތަނުގައި މީހުންނަށް އަނިޔާވެރިވާ ވާހަކަ އެއް ނުދައްކައެވެ. މީހުންނަށް ގެއްލުން ދޭން މަޝްވަރާއެއް ނުކުރެއެވެ. ހަތިޔާރެއް ނުފެނެއެވެ. ކޮންމެ މީހަކުވެސް އޭނައަށް ހަދިޔާ ކޮށްލަނީ ހިނިތުންވުމެކެވެ.
"އަހަންނަށް މި ކުރެވެނީ ރަނގަޅު ކަމެއްތަ؟ މިސްކިތަށް ވަނުމަކީ ހެދުނު ގޯހެއްތަ؟ އެކަމަކު މި ތަނުން އަހަންނަށް އިޙްސާސް ވަނީ އަމާންކަން...ލިބެނީ ހިންހަމަޖެހުން، ކޮންމެ މީހަކު ވެސް އަހަންނަށް ދެނީ ހިތްހެޔޮ ހިނިތުންވުމެއް... ނޫން... މިއީ ކަންނޭގެ އެމީހުންގެ އުކުޅަކީ، ހިތްހެޔޮ ކަން ދައްކައިގެން ސިކުނޑި ދޮވެލަނީ ކަންނޭގެ..." ކިތަންމެ ރަނގަޅަށް ވިސްނަން އުޅުނަސް އެކަން ކުރަން ލިއަމަށް އުނދަގޫވިއެވެ.
އާއެކެވެ! އެންމެ ކުޑަ އިރުއްސުރެވެސް އޭނާއަށް އަޑު އިވެނީ މިސްކިތްތަކަކީ ނުރައްކާތެރި ތަނެއް ކަމުގައެވެ. ނަމާދުކޮށް ނިމުމާއެކު އެ ޒުވާނާ އައިސް ލިއަމް ކައިރީ ހުއްޓުނެވެ. މިސްކިތުން ދެމީހުން ނުކުތީ އެކުއެކީގައެވެ. ގަޑިއަށް ބަލައިލަމުން އެ ޒުވާނާ އޭނާ ދާން ޖެހިއްޖެ ކަމުގައި ބުންޏެވެ. އެތަން ބަލަން ހުރި ލިއަމަށް ހިން ދިރުވާލެވުނެވެ. އެ ކުޑަ ވަގުތު ކޮޅުވެސް އޭނާގެ ސިކުނޑިއަށް ނުބައި ވަސްވާސްތައް ވެރިވެއްޖެއެވެ.
"މަ މޮޔަވަނީތަ؟" ލިއަމްގެ ހިތަށް އެރިއެވެ. އޭނަ މިވަރަށް މި ދީނާ މެދު ޝައުގުވެރި މިވަނީ ކީއްވެހެއްޔެވެ؟ އެތަނުން ދާން ހިނގައިގަތް އިރު އޭނާގެ ސިކުނޑި ވަނީ ބޮޑު ހައިޖާނުގަނޑެއްގެ ތެރޭގައެވެ.
ގެއަށް ގޮސް ފެންވަރާ ހަދާލައިގެން އަނެއްކާ ވެސް މައުލޫމާތު ކޮޅެއް ލިބޭތޯ އޭނަ ނުކުތެވެ.
*****
ޒައިދު ބޭރުގައި އުޅެފައި ގެއަށް އައިސް ވަތް އިރު އިރުއޮއްސެން ކައިރިވަނީއެވެ. މަންމަމެން ކޮޓަރިއާ އަރާ ހަމަވީތަނާ ބައްޕައާއި މަންމައާއި ދެމީހުން ދައްކަމުން ދިޔަ ވާހަކަ ޒައިދަށް އަޑު އިވުނެވެ.
"އަހަންނަށް ފެންނަނީ ލަސްނުކޮށް މި ވާހަކަ ޒައިދާ ވެސް ދައްކަން... އަނެއްކޮޅުން ސާރާ ވެސް އެހުރީ މިހާރު މީހަކާ އިންނަ އުމުރަށް ގޮސްފަ... އަހަރެމެންނަށް ވުރެ ކުރިން އެހެން ބަޔަކު ސާރާގެ ކައިވެންޏަށް އެދިފާނެ" ފަޒީލާގެ އަޑު އައީ ކޮޓަރި ތެރެއިންނެވެ.
"ފަޒީލާއަށް ހީވޭތަ އޭނަ އެއްބަސް ވާނެހެން؟ އޭނަ އުޅެނީ އިނގިރޭސި ވިލާތުން ކުއްޖަކު ހޯދައިގެން... އަހަރެން އެ ވާހަކަ ދައްކަން ފަށާއިރަށް އޭނާ މައުޟޫ ބަދަލުކޮއްލާ!..." ވާސިމުގެ އަޑު އިވުނެވެ.
"މަސައްކަތް ކުރެވިދާނެ އެއްނު... ޒައިދު ހާދަ ދީނާ ވެސް ދުރޭ... އަހަންނަކަށް ނޭނގެ އޭނަ ނަމާދެއް ކުރާކަމެއް ވެސް... " ފަޒީލާ ބުނެލި އަޑު އިވުނެވެ.
އިރުކޮޅު އެ އަޑަށް ސަމާލުކަން ދީގެން ހުރުމަށްފަހު ޒައިދު ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. އޭރު މަޣްރިބް ނަމާދަށް ގޮވަނީއެވެ. އޭނާ އެކަމަށް ފަރުވާލެއް ނުބަހައްޓާ ކޮޓަރިއަށް ވަދެ އެނދުމަތީގައި އޮށޯތެވެ. ގޮވަމުން ދިޔަ ބަންގީގެ އަޑު އިވުނުނަމަ ވެސް ޒައިދު އެކަމަކަށް ސަމާލުކަމެއް ނުދެއެވެ. ފޯނުން މިއުޒިކް ޖަހައިލާ އޭނާ ލަވައެއް އަޑު އަހަން ފެށިއެވެ.
"ސާރާ" އަޑު އިވެމުން ދިޔަ ލޯބީގެ ލަވަ އޭނާއަށް ހަނދާންކޮށްދެމުން ދިޔައީ ސާރާއެވެ. ސާރާގެ ފިޔާ ތޮށި ކުލައިގެ ތުންފަތާއި އެ ދޮން މޫނެވެ.
"ސާރާ ކިތަންމެ ރީއްޗަސް އަހަރެން ކިހިނެއް އޭނަ އާ ކައިވެނި ކުރާނީ... ސާރާއަށް ވުރެ އަހަންނަށް މާ ރަނގަޅު އެލީނާ ވެސް، ބޮޑު ބުރުގާ އަޅާފަ އޯވަ ވެފަ ހުންނަ ކުއްޖަކާއެކު ހަޔާތުގެ ބާކީ ދުވަސްތައް މަށަކަށް ހޭދަ އެއް ނުކުރެވޭނެ... މަންމަމެން ވެސް އެ އުޅެނީ ކިހިނެއްވެގެންތަ؟" ޒައިދު އެކި ގޮތްގޮތަށް ވިސްނިއެވެ.
ލިއަމް ލެޕްޓޮޕް ހިފައިގެން ޓެރެސްއަށް ނުކުތް އިރު ސާރާވެސް ޓެރެސްގައި ހުއްޓެވެ. އޭރު ރޭގަނޑު ނުވައެއް ޖަހާ ބޮޑުވެއްޖެއެވެ. ބޮޑު ހެދުމެއްގައި ސާރާ ހުރި އިރު އާދައިގެ މަތިން އިސްތަށިގަނޑު ނިވާކޮށްލާފައި ވަނީ ބުރުގާއަކުންނެވެ. އެ އަންހެން ކުއްޖާ ގެ ފުރިހަމަ ކަމުން ލިއަމަށް ހިނދުކޮޅަށް ކަޅި ޖަހާ ނުލާ ބަލަން ހުރެވުނެވެ. ބޮޑު ހެދުން ލިއަސް ސާރާ ރީއްޗެވެ. ހުންނަލެއް ވަރަށް މައުސޫމެވެ.
ލާފައި ހުރި ބޮޑު ހެދުންމަތިން ޖެކެޓެއް ލާފައި ހުރި ނަމަވެސް، ސާރާއަށް ވަރަށް ބޮޑަށް ފިނިކަން އިޙްސާސްކުރެވުނެވެ. އޭނާގެ ނަޒަރު ހުރީ ދުރަށް ހުއްޓިފައެވެ.
ޖެހިގެން ހުރި ގޭ ޓެރެސްގައި މީހަކު އުޅޭހެން ހީވެ އޭނާ އެނބުރި ބަލައިލިއެވެ. ލިއަމް ފެނިގެން އެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ލިއަމް ވެސް ހިނިތުންވެލިއެވެ.
ލެޕްޓޮޕާ އެއްޗެހި މޭޒުމަތީގައި ބަހައްޓަމުން ލިއަމް ފޮތުގައި ކޮންމެ ވެސް އެއްޗެއް ލިޔެލާ އެ ގަނޑު ކަނޑައިލަމުން ބޮނޑި ކޮށްލާފައި އެއްލިއެވެ. ގަނޑުކޮޅު ނެގި ސާރާ ހީކުރީ އޭނާއަށް މިފަހަރު ވެސް ލިބޭނީ ލިއަމްގެ ސުވާލުތަކެއް ކަމަށެވެ. އެހެންނަމަވެސް ވީ އެހެންނެއް ނޫނެވެ. އޭގައި އޮތް އެއްޗެއްގެ ސަބަބުން އޭނާއަށް ލިއަމަށް ބަލައިލެވިއްޖެއެވެ. އޭރު ލިއަމް ހުރީ އޭނާގެ ހިނިތުންވުން ފުޅާކޮށްލަމުން ސާރާއަށް ބަލަހައްޓައިގެންނެވެ.