ޒައިދުގެ ވާހަކަތައް ތެދުކަން ވިސްނި ލިއަމަށް އިސްޖަހައިލެވުނެވެ.
އިސްއުފުލައިލާ ބަލައިލުމާއެކު، ސާރާ ކޮންމެވެސް އެއްޗެއް ބުނަން މަސައްކަތް ކުރިހެން ލިއަމަށް ހީވިއެވެ. އެހެން ނަމަވެސް އިތުރު އެއްޗެއް ނުބުންޏެވެ.
ސާރާއަށް ލިއަމާއި ޒައިދާ، ދެމެދު އޮތް ގުޅުން ނޭނގޭނެތީ، ލިއަމް ޒައިދަށް ނިސްބަތްކޮށްފައި ވަނީ 'އެ ޒުވާނާ' މިގޮތަށެވެ.
ސާރާގެ ހިތުގައި, އެކަންތައް ލިއަމަށް އެނގުނު ގޮތަކާ ބެހޭގޮތުން ސުވާލު އުފެދުނެވެ. އަނެއްކާ ޒައިދު ބުނީ ހެއްޔެވެ؟ ނޫނެކެވެ. އެ ވާނީ ކޮންމެ ވެސް އެހެން ގޮތަކުން އެނގުނީ ކަމަށެވެ. އެކަމަކު ކިހިނެއް ހެއްޔެވެ؟.
ޒައިދާ ލިއަމާ ދެމީހުންނަކީ އެއްވެސް ގުޅުމެއް އޮތް ދެމީހުންނެއް ނޫނެވެ. ތަފާތު ގޮތްގޮތަށް ވިސްނައިގެން ވެސް ލިއަމަށް އެކަން އެނގުނު ގޮތެއް ސާރާއަކަށް ފަހުމެއް ނުވިއެވެ.
އެ ހިތުގެ ޙާލު ސާރާގެ ކުރިމަތީގައި ބަންޑުން ކޮށްލަން ބޭނުންވި ނަމަވެސް, ލިއަމް ފަސްޖެހުނެވެ. ސާރާގެ ހިތުގައި އޭނާއާއި މެދު އޮތް އެއްޗެއް ނޭނގެނީސް އިތުރު އެއްޗެއް, އެ ވަގުތު, ބުނާކަށް ލިއަމް ބޭނުމެއް ނޫނެވެ. އޭނާއަށް ސާރާގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. އޭނާއަށްޓަކައި ކޮންމެ ވެސް ކަހަލަ އިޙްސާސްތަކެއް ވާހެން ހީވިއެވެ.
ޚުދު ސާރާގެ ހިތް ވެސް ގޮވަމުން ދިޔައީ އޭނާގެ ހިތުގެ ޙާލު ލިއަމްގެ ކުރިމަތީގައި ބަންޑުން ކޮއްލުމަށެވެ. އެހެން ނަމަވެސް، ނޭނގޭ ސަބަބަކާ ހުރެ ފަސްޖެހެވެނީއެވެ. ލިއަމްއަކީ މުސްލިމަކަށް ނުވާތީ އެކަމާ ސާރާއަށް ވިސްނެނީއެވެ.
އެކަކު އަނެކަކުގެ ދެެލޮލަށް ގެއްލިފައި އެތައް އިރަކު ދެމީހުންނަށް ތިބެވުނެވެ. ވެރިވެފައިވަނީ ހަމަ ހިމޭކަމެކެވެ. ސާރާގެ ދެލޮލުން އެތައް ވާހަކައެއް ބުނެދޭން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ލިއަމަށް އެ ބުނަން އުޅޭ އެއްވެސް އެއްޗެއް ފަހުމެއް ނުވިއެވެ.
އެންމެ ފުރަތަމަ އެތެރެއަށް ވަންނަން ހިނގައިގަތީ ލިއަމެވެ. އެތަން ފެނި ސާރާ އަތް ހިއްލާލީ މަޑުކުރުމަށް އެދުމަށެވެ. އެ އަތް ތިރިކޮށްލަން މަޖުބޫރުވީ ލިއަމް ފަހަތް ބަލާ ނުލީތީ އެވެ. އޭނާ އެހެން ހުއްޓާ ލިއަމް މަޑު ފިޔަވަޅުތަކެއްގައި ގޮސް ގެއްލިއްޖެއެވެ.
ސާރާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. މަންމަމެންގެ އެދުމުގައި ކޮޅުފައިން ޖަހަން ފަސްޖެހެވެނީއެވެ. ސާރާ އެތެރެއަށް ވަނީ އެފަދަ ވިސްނުން ތަކެއްގައި އެތައް އިރަކު ހުރުމަށްފަހުއެވެ.
ނިދަން އޮތް އިރުވެސް ލިއަމަށް ވިސްނެނީ ސާރާގެ މޫނުމަތިން އޭނާއަށް ފެނުނު ކުލަވަރުތަކާ މެދުގައެވެ. ސާރާ އެކައިވެންޏާ މެދު އުފާ ނުވަނީހެއްޔެވެ؟ ސާރާގެ ލޮލުން އޭނާއަށްޓަކައި ފުން އިޙްސާސްތަކެއް ވާކަމުގައި، އޭނާގެ ހިތް ބުނެދެމުން ދިޔަ ނަމަވެސް، ލިއަމް ފަސްޖެހެނީ އެއީ ކުށް ހީއަކަށް ވެދާނެތީއެވެ. އޭނާ ވަރަށް ބޮޑަށް ސާރާ ބޭނުމެވެ. ދުނިޔޭގައި ވީހާ އުފާ އެ އަންހެން ކުއްޖާއަށް ދޭން ބޭނުމެވެ. މިއީ ދުވަހަކުވެސް އޭނާއަށް ވީ ގޮތެއް ނޫނެވެ.
ލިއަމަށް ނިތުގައި އަތް ޖައްސައިލެވުނެވެ. ތިރިކޮށްލި އަތުން ތުނބުޅީގައި އަތް ހާކާލިއެވެ. ފުން ނޭވާއެއް ދޫކޮށްލިއެވެ. އެނދުން ތެދުވިއެވެ.
ލިއަމް ބޭނުންވީ އޭނާއަށްޓަކައި ސާރާގެ ހިތުގައި އެއްވެސް ، އެއްޗެއް އޮތްތޯ ޔަޤީން ކުރާށެވެ. އާއެކެވެ. މާލަސް ވެސް ވެއްޖެއެވެ.
ކުއްލިއަކަށް ތެދުވި، ލިއަމް ދުއްވައިގަތީ ޓެރެސްއާ ދިމާލަށެވެ. ކަރު އެލުވާލަން ޖެހުނީ މާޔޫސްވީ ވަރުންނެވެ. ސާރާ ފެންނާކަށް ނެތެވެ. އެނބުރި އެތެރެއަށް ވަދެފައި ލިއަމް އިށީނީ ލިޔާ މޭޒުކައިރީގައެވެ.
މިހާތަކަށް ސާރާ އާ ދެމެދު ބަދަލު ކުރެވިފައި ހުރި ހުރިހާ ގަނޑުކޮޅުތައް ނަގާ އެ ހުރިހާ އެއްޗަކަށް ނަޒަރު ހުއްޓާލައިގެން ލިއަމް އިނެވެ. އޭނާ ވިސްނަނީއެވެ. އެކި ގޮތްގޮތަށެވެ. ވިސްނުން ތަކުން ލިއަމްގެ ސިކުނޑި ފުނި ޖެހެމުން ދިޔައެވެ.
އެރޭ ލިއަމްއަކަށް ނުވެސް ނިދުނެވެ. އޭނާއަށް އިންތިޒާރު ކުރެވެނީ އަވަހަށް އިރު އަރާނެ އިރަކަށެވެ. ބޭނުންވަނީ ސާރާ ދެކެލާށެވެ. އެ ހިތުގައި އޮތް ސުވާލުތައް ސާރާ އާ ކުރާށެވެ. އެހެން ހުރިހާ ކަމަކަށް ވުރެ ސާރާގެ އުފާވެރިކަން އޭނާއަށް މުހިންމެވެ.
ކުޑަކޮށް ނިދިޖެހިފައި އިން ލިއަމަށް ސިއްސައިގެން ގޮސް ތެދުވެވުނެވެ. އަވަސް އަވަހަށް ބަލައިލެވުނީ ގަޑިއަށެވެ
އަދި ގަޑިން ހަތެއް ޖަހަނީއެވެ. އިދެވުނީ ލިޔާ މޭޒުކައިރީގައި ކަން ރޭކާލީ ވެސް ދެނެވެ. އަވަސް އަވަހަށް ފާހާނާއަށް ވަދެ، ފެންވަރާ ތާޒާވެލައިގެން ނުކުތް ނަމަވެސް، ދެލޮލުގައި ކުޑަ ދުޅަކަމެއްގެ އަސަރު ހުރި ހެން ހީވެއެވެ. ރޭގައި ނުނިދުނީމަ ކަމަށް ވެސް ވެދާނެއެވެ.
އަށެއް ޖެހުމާ ހަމަޔަށް އެ ހޭދަވި ކުޑަ ވަގުތުކޮޅު ވެސް ލިއަމަށް ސިފަކުރެވުނީ ގަރުނެއް ހެންނެވެ. އޭނާ އިނީ އެހާވެސް ހިތް އަވަސްވެފައެވެ. އަށެއް ޖެހުމުގެ ފަނަރަ މިނިޓް ކުރިއަށް ލިއަމް ނުކުތެވެ. އޭނާ ފާރުގައި ލެނގިލައިގެން ހުރީ ސާރާ ނުކުންނާނެ އިރެއްގެ އިންތިޒާރުގައެވެ.
ސާރާ ނުކުތުމާއެކު ލިއަމް ހަށިގަނޑު ސީދާ ކޮށްލަމުން ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ.
ސާރާ ބަލައިލިއެވެ. ލިއަމް ގާތުން އެކަންތައް އެނގުނު ގޮތަކާ ބެހޭގޮތުން ސުވާލުކުރަން ބޭނުން ވިޔަސް، އޭނާގެ ދުލުގައި ވަނީ ތަޅެއް ލެވިފައެވެ. ހަދާނެ ގޮތެއް ނޭނގުނެވެ.
ތުންފަތުގައި ދަތް އަޅައިލުމާއެކު، އޭނާ ލިއަމްއާ ކުރިމަތިލިއެވެ.
"ސާރާ! އެ ފިރިހެން ކުއްޖާ އާ އިންނަން ތި އުޅެނީ ސާރާ ބޭނުންވެގެންތަ؟" ލިއަމް އަހައިލިއެވެ.
"އަހަރެން އަދި އާނއެކޭ ނުބުނަން" އަވަސް އަވަހަށް ސާރާއަށް ބުނެވުނެވެ. ލިއަމްގެ ޝައްކު ދުރުކޮށްދޭން އޭނާގެ ހިތް އެދުނީ ކިއްވެގެން ކަމެއް ހުދު އޭނާއަކަށް ވެސް ނޭނގުނެވެ. އެއާއެކު އެހާ ފަސޭހައިން އެ ބަސްތައް އޭނާގެ ދުލު ކުރިއަށް އައީ ކިހިނެއްކަމެއް ވެސް ނޭނގުނެވެ.
"ކީއްވެތަ އަހަންނަށް ސާރާއާ ކައިވެނި ނުކުރެވެންވީ؟ ކީއްވެތަ އެކަމަށް ތި ދީނުގަ ހުއްދަ ނެތީ؟ މިނިވަންކަމެއް ނެތީ ކީއްވެ؟ އަހަރެން ސާރާއަށް ދީން ދޫކޮށްލަން މަޖުބޫރެއް ނުކުރާނަން" ލިއަމަށް އެއްފަހަރާ އެތައް ސުވާލެއް ކޮށްލެވުނެވެ. އިސްލާމް ދީނާ މެދު އޭނާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ކިލަނބުކަމެއް އުފެދުނެވެ.
"ކައިވެނި ކުރުމަށްފަހު އަންހެން ކުއްޖާގެ ބެލެނިވެރިކަން ހަވާލު ވަނީ ފިރިހެން ކުއްޖާ އާކަމަށްވެފައި، އެ ބެލެނިވެރިކަން މުސްލިމު ނޫން މީހެއްގެ އަތް މައްޗަށް ނުދޭންވެގެން... އެހާ ވެސް ބޮޑަށް ރައްކާތެރިކަން އަންހެނުންނަށް ދީފައިވޭ" ސާރާ ބުނެލިއެވެ.
އޭނާ ލިއަމަށް ބަލައިލީ ފުން ނަޒަރަކުންނެވެ. ދެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ.
"އަހަރެން އިސްލާމް ވެއްޖެއްޔާ ސާރާއަށް އަހަންނާ ކައިވެނި ކުރެވޭނެތަ؟ އަހަންނާ ކައިވެނި ކުރާނަންތަ؟ " ލިއަމަށް އަހައިލެވުނެވެ.
އެ ސުވާލުގެ ޖަވާބު ދޭން ސާރާއަށް އުނދަގޫވިއެވެ. އާއެކޭ ބުނަން ހިތް ގޮވަމުން ދިޔައެވެ. ހިތް އޭގެ މުހުތާދުތައް ހާސިލުކުރުމަށް ޖަދަލުކުރަނީއެވެ. އެހެން ނަމަވެސް އެ ހިތުގެ ބާރު އަމިއްލަ ނަފުސުގެ އަތް ދަށަށް ގެންނަމުން، ސާރާ ހަމަޖެހެން މަސައްކަތް ކުރިއެވެ. ގަޑި ޖެހޭކަމުގެ ބަހަނާ ދެއްކުމަށްފަހު ސާރާ ހިނގައިގަތެވެ.
ސާރާގެ ފަހަތުން އެ ސުވާލުގެ ޖަވާބު ހޯދުމަށް ދާން، ހިތް އެދުނު ނަމަވެސް، ލިއަމް ފަސްޖެހުނެވެ. އޭނާ ފަހަރެއްގައި ވެސް ސާރާއަށް އުނދަގޫ ކުރާކަށް ބޭނުމެއް ނޫނެވެ.
"އަހަރެންގެ ހިތް އަމިއްލަ ބާރުގެ ދަށަށް ގެންނާނީ ކިހިނެއްތަ؟" ލިއަމަށް އަމިއްލަ ނަފުސާ ކޮށްލެވުނު ސުވާލު ބޭރުކޮށްލެވުނީ ވައިއަޑުންނެވެ.
*****
ހަފްތާއެއް ފަސް
ސާރާގެ ޖަވާބެއް އައުން ލަސްވެގެން ފަޒީލާ ދެފަހަރު ގުޅައިފިއެވެ. އެކަމާ ސަލްމާ ހުރީ ކަންތައް ބޮޑުވެފައެވެ. އެހާ ރަނގަޅު ހުށައެޅުމެއް އަތުން ބީވެގެން ދާކަށް އޭނާ ބޭނުމެއް ނޫނެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް ސާރާ ޔުނިވާސިޓީން އައުމުން އެ ވާހަކަ ދައްކަން ސަލްމާ ނިންމިއެވެ.
ފެންވަރާ ހަދާލައިގެން ސާރާ ފުރަތަމަ ވެސް ދިޔައީ ބަދިގެއަށެވެ. ތައްޓަށް ކާ އެއްޗެހި އަޅައިގެން މޭޒު ދޮށުގައި އިށީނީ ބަނޑުހައިވެފައި ހުރިލެއް ބޮޑުކަމުންނެވެ.
"ސާރާ. ފަޒީލާ މިއަދު ވެސް ގުޅައިފި. މަންމަ ކޮން ޖަވާބެއްތަ ދޭންވީ؟" ސަލްމާ އަހައިލިއެވެ. އެއަޑުގައި ނުރުހުންތެރިކަން ވިއެވެ. ސާރާ ދެރަވިއެވެ. އޭނާ ނޫނެކޭ ބުނަން ބޭނުންވިއެވެ. އެހެން ނަމަވެސް ފަސް ޖެހެވެނީއެވެ.
"މަންމާ... އަޅުގަނޑުގެ ކޯސް..." ސާރާ ވިސްނާލަމުން ބުނެލިއެވެ.
"ކިހިނެއްވީ؟ މި ދިޔަ ހަފްތާގައި މިގެއަށް އައިސް ޒައިދު ބުންޏެއްނު ސާރާ ކޯސް ނިމެންދެން ޒައިދު މިކޮޅުގަ މަޑުކޮށްފާނަމޭ. ނިމުނީމަ ދެ މީހުން އެކުގައި ޒައިދުގެ ކޯސް ނިމެންދެން އިނގިރޭސިވިލާތަށް ދާނިއްޔޭ! ދެން ކީއްވެ؟" ސަލްމާ އަހައިލިއެވެ.
"އަޅުގަނޑު ކޯސް ނިމުނީމަ ޖަވާބެއް ދިނަސް އެންމެ ރަނގަޅުތަ؟" ސާރާ ނުކެރި އިނދެފައި ވެސް އަހައިލިއެވެ.
"އެކަމަކުވާ ސާރާ! ދެން... ތިހެން އުޅެން ހަދައިގެން އިންނާނެ ކުއްޖަކު ވެސް ނުވާނެ" ސަލްމާ ދެފަރާތަށް ބޯ ހޫރާލިއެވެ.
"ސާރާގެ ކޯސް ނިމެން ދެން މާ ގިނަ ދުވަހެއް ވެސް ނެތެއްނު. މަންމަ ބުނެފާނަމޭ ސާރާ ބޭނުންވަނީ ކޯސް ނިމެންދެން މަޑުކުރާށޭ! ޒައިދު އެއްބަސް ވާނެ. ޔަޤީން މަންމައަށް" ސަލްމާ ވާހަކަ ދެއްކިއެވެ. ސާރާ ހަމައެކަނި ބޯ ޖަހައިލީއެވެ.
*****
އުޑުމަތި ކޮންމެވެސް ވަރަކަށް ބަނަ ދުވަހެކެވެ. ލިއަމް އާދައިގެ މަތިން ސާރާ އާ ބައްދަލުކޮށްފައި، ގޭތެރެއަށް ވަދެފައި ކޮފީއެއް ހަދާލައިގެން ނުކުތީ ޓެރެސް އަށެވެ.
ފޯނެއް އައީ އެވަގުތެވެ. އޭނާ ފޯނު ނަގައި ބަލައިލިއެވެ. މުހިންމު ފަރާތަކަށް ވީތީ ކޮފީތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު، ލިއަމް ރެއިލިން ކައިރިއަށް ޖެހި ލިއެވެ.
ފޯނު ނެގުމާއެކު އިވުނު ވާހަކައިން ލިއަމްގެ ނިތަށް ރޫ ގިނަވިއެވެ. ރެއިލިންގައި އަތުން ޖަހާލެވުނެވެ.
"އޭނަ އެކަން ކުރިއްޔާ ދީގެން ނުވާނެ. އަހަރެން ކޮންމެހެން ހަދާފަވެސް މާދަން ދާނަން" ލިއަމް އަވަސް އަވަހަށް ބުނެލިއެވެ.
ފޯނު ބޭއްވިއިރު އޭނާގެ މޫނުމަތިން ފެންނަނީ ނުތަނަވަސް ކަމެވެ. ނިތުގައި އަތް ހިންގާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. ދަތް ކުނޑި ވިކާލެވުނެވެ. ފޯނަށް އަތުން ބާރުކޮށްލެވުނެވެ. އަމިއްލަ އިޙްސާސްތައް ކޮންޓްރޯލް ކޮށްލަމުން ލިއަމް ހަމަޖެހެން މަސައްކަތް ކުރިއެވެ. ގޮނޑީގައި އިށީނުމަށްފަހު އިތުރު މީހަކަށް ގުޅައިލިއެވެ.
"ކާކު އޭނަ އަތަށް ދިނީ؟ އަހަރެން ދިޔުމުގެ ކުރިން އެއީ ކާކުކަން ހޯދާފަ ބަހައްޓާތި" ލިއަމްގެ އަޑު ބާރުވިއެވެ.
ފޯނު ކަނޑާލުމަށްފަހު ފޯނު މޭޒުމަތީގައި ބާއްވަމުން، ކޮފީތަށިން ކޯވަރެއް ދަމައިލިއެވެ.
މާދަމާ ފުރަންޏާ މިއަދު ނޫނީ މިރޭ ސާރާއާ ބައްދަލުކުރަން އޭނަ ބޭނުމެވެ. އެންމެ ފުރަތަމަ ކަމަކަށް އޭނާ ގުޅީ ޓިކެޓެއް ހޯދުމަށެވެ. މާދަމާއަށް ޓިކެޓެއް ނުލިބުނެވެ. ލިބުނީ އޭގެ އަނެއް ދުވަހަށެވެ. އެކަން ކޮށް ނިންމާލުމަށްފަހު ލިއަމް ތިރިއަށް ދިޔައީ ކޮފީ ހުސްކުރި ޖޯޑު ހިފައިގެންނެވެ.
މި ހަފްތާގައި ގެ ސާފު ކުރަން އައިސް އުޅޭ ދައްތަ ނާންނާތީ ތަޅުދަނޑިއަށް ހަދާނެ ގޮތަކާ މެދު ލިއަމް ވިސްނިއެވެ.
ކަންދިމާކުރި ގޮތުން ފާތިމާ އެ ދުވަހު އެގެއަށް އައެވެ. ކުޑަކަމެއްގައި އޭނާ ދާން ޖެހޭ ކަމަށާއި، ދެ ހަފްތާ ފަހުން އަދި އަންނާނެކަމަށް ލިއަމް ބުންޏެވެ. އަދި އައިސް ތަޅުދަނޑި ބޭނުންވާނެކަމަށް ވެސް ބުންޏެވެ.
ރޭގަނޑު ލިއަމް ޓެރެސްއަށް ނުކުތް އިރު ސާރާ ވެސް މަޑުކޮށްލައިގެން ހުއްޓެވެ. އޭނާ ފޮތުގައި ނޯޓެއް ލިޔެލާފައި އެގަނޑު ކަނޑާލާފައި، ސާރާއަށް އެއްލިއެވެ.
"އަހަރެން ވަރަށް މުހިންމު ކަމަކު ސާރާއާ ބައްދަލު ކޮށްލަން ބޭނުން މިރޭ" ލިއަމް ލިޔެފައި އޮތެވެ.
ރޭގަނޑު އެ ގަޑީގައި ބައްދަލުކުރަން ބޭނުންނުވެފައި ހުރި ސާރާ ފުރަތަމަ ދެކޮޅު ހަދަމުން ދެފަރާތަށް ބޯ ހޫރާލިއެވެ.
"އަހަރެން ސާރާ ގާތު ވަރަށް މުހިންމު ވާހަކައެއް ބުނަން ބޭނުން. ޕްލީޒް.! މިރޭ އެކަނި" ލިއަމް އެތަކެއް އާދޭހެއް ކުރިއެވެ.
"އެންމެ ފަސް މިނިޓަށް" ލިއަމް އަތުގެ ފަސް އިނގިލި ދައްކައިލަމުން ބުނެލިއެވެ.
އެންމެ ފަހުން ސާރާ އެއްބަސްވިއެވެ. އޭނާ ތިރިއަށް ދިޔައިރު މަންމަމެން އެކަކުވެސް ފެންނާކަށް ނެތެވެ. ލިބުނު ފުރުސަތުގައި ގޭޓު ހުޅުވާލާފައި ނުކުތެވެ. އޭރު ލިއަމް ވެސް ނުކުންނަނީއެވެ.
ގޯޅިގަނޑު ތެރޭގައި ލައިޓެއް ނީންނާތީ އެތަން އޮތީ ވަރަށް އަނދިރިކޮށެވެ. ލިއަމް އައިސް ސާރާގެ އެއްފަރާތުގައި މަޑުކޮށްލިއެވެ.
"ސާރާ! އަހަރެން ސާރާ ދެކެ ވަރަށް ލޯބިވޭ. އަހަރެން ދުވަހަކު ވެސް ސާރާއަކަށް ދެރައެއް ނުދޭނަން. ސާރާއަށްޓަކައި އަހަރެން އިސްލާމް ދީން ޤަބޫލުކޮށްފާނަން. ޕްލީޒް... އަހަރެން ސާރާ ބޭނުން" ލިއަމް ގެ އަޑުގައިވަނީ އާދޭހެވެ.
އެ އަޑުން ތެދުވެރިކަން ސާރާއަށް ފެނުނެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
ލިއަމް މަޑުމަޑުން ސާރާގެ އަތުގައި ބީހިލިއެވެ. އޭނާ ބޭނުންވީ ސާރާގެ އަތުގައި ހިފާލާށެވެ. އެ މަޑު އަތުގެ ބީހިލުން އެންމެ ފަހަރަކު ނަމަވެސް އިޙްސާސްކޮށްލާށެވެ. ސާރާގެ އަތުގައި ހިފައްޓާލުމާއެކު ސާރާ ސިހިފައި އެ އަތް ފޮޅުވާލަމުން ދުރަށް ޖެހިލިއެވެ.
"ސޮރީ... ސާރާ އަހަރެން ގަސްތަކު ނޫން" ލިއަމް އަވަސް އަވަހަށް މާފަށް އެދުނެވެ. ކުރެވުނީ ސާރާ ހިންހަމަ ނުޖެހޭ ކަމަކަށްވީތީ އޭނާ އިސްޖަހައިލިއެވެ. ދެރަވީ ވަރުންނެވެ.
"އަހަރެން މިއުޅެނީ މާދަން ނޫން އަނެއް ދުވަހު ފުރަން" ލިއަމް ދެން ބުނެލި ޖުމްލައާއެކު ސާރާގެ ހިތް ހީވީ ގެނބުނު ހެންނެވެ.
"ކީކޭ؟" ލިބުނު ސިހުމުގައި ސާރާއަށް އަހައިލެވުނެވެ.
"އާނ... އަހަރެން ދާންނޭ މިއުޅެނީ... "
"އަހަރެން އާނއެކޭ ނުބުނާތީ ދަނީތަ؟ އަހަރެން އާނއެކޭ ބުނެފި ނަމަ މަޑުކުރާނަންތަ؟ އެކަމަކު..." ސާރާ އެ ހިސާބަށް ބުނެފައި ހުއްޓައިލިއެވެ. އޭނާގެ ދުލުން އެ ބަސްތައް ނުކުތީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ.
"ނޫނޭ!"
ވެގެން އުޅޭ ގޮތް ތަފްސީލުކޮށް ނުދީ ލިއަމް ބުނީ ކުޑަކަމެއް ދިމާވީ ކަމުގައެވެ.
ސާރާ ވެސް އިތުރަށް އޮޅުން ފިލުވާކަށް ނޫޅުނެވެ. ލިއަމް އެކީ ދާން އުޅޭހެން ހީވެ އޭނާގެ ހިތަށް ވީ ގޮތް ބުނެދޭން ދަތިވިއެވެ. ލިއަމް ދާތީ އެ ހިތް ބާރަށް ރޮއިގަތެވެ. ދެވަނަ ވިސްނުމަކާ ނުލާ އެހެން ބުނެވުނީ ވެސް އެހެންވެއެވެ.
"ސާރާ އަހަންނަށްޓަކައި އިންތިޒާރު ކުރާނަންތަ؟ އެހެންވެއްޖެއްޔާ އަހަރެން އަންނާނީ ސާރާއަށްޓަކައި އިސްލާމްވެގެން" ލިއަމް އިތުރުކޮށްލިއެވެ.
ސާރާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
ލިއަމް ޒައިދާ ބެހޭގޮތުން ސުވާލުކުރުމުން އެކަން ހިނގައިދިޔަ ގޮތް ސާރާ އޮޅުން ފިލުވައިދިނެވެ. އެވަގުތު ސާރާ ލިއަމްއަށް އެކަން އެނގުނު ގޮތަކާ ބެހޭގޮތުން ސުވާލު ކުރި ނަމަވެސް ލިއަމް އަޅާ ނުލާ ފެށީ އެހެން ވާހަކައެކެވެ.
"އެކަމަކު ކޮންމެ ވެސް ދުވަހަކު ބުނަންޖެހޭނެ އެއްނު. ސާރާ ބޭނުންނުވާކަން..." ލިއަމް ބުނެލިއެވެ.
ސާރާ އެއްޗެކޭ ނުބުނެއެވެ. ޚުދު އޭނާ ވެސް އެ ހުރީ ބުނެވުނު އެއްޗެއްގެ ސަބަބުން ހަދަންވީ ގޮތެއް ނޭނގިފައެވެ.
"ސާރާ ނެތި އަހަންނަކަށް ނޭނގެ މި ދީނާ ބެހޭ ގޮތުން އިތުރަށް އޮޅުން ފިލުވާނީ ކިހިނެއް ކަމެއް؟" ލިއަމް ބުނެލިއެވެ. ސާރާ ރައްދުކޮށްލީ ހިނިތުންވުމެކެވެ.
ސާރާ ކޮޓަރިއަށް ވަދެފައި ފުރަތަމަ ވެސް ހުޅުވައިލީ ފޮތް އަޅާ ކަބަޑުތަކުން ކަބަޑެކެވެ. އޭގެތެރޭން މުސްޙަފެއް ނަގާ އޭނާ މޭޒުމަތީގައި ބާއްވައިލިއެވެ. އެއަށްފަހު ދެން ނެގީ ތަރުޖަމާއެކެވެ. ދެތިން ތަފްސީރު ފޮތާއި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަޞައްލަމްގެ ސުންނަތާ ބެހޭ ފޮތެއް ވެސް ނެގިއެވެ. އެ ހުރިހާ ފޮތެއް ވެސް ގެނެސް ބެހެއްޓީ މޭޒުމަތީގައެވެ.
ލިއަމަކީ ޣައިރު މުސްލިމަކަށް ވާތީ ލިއަމަށް މުސްޙަފެއް ނުދެވޭނެއެވެ. ލިއަމްއަށް ކިޔަވާކަށް ވެސް ނޭނގޭއެވެ.
އެހެންކަމުން މުސްޙަފް އެއްފަރާތެއްގައި ބާއްވާލަމުން އޭނާ ނެގީ އައު، ނުވެސް ކަނޑާއޮތް ތަރުޖަމާއެވެ. ތަރުޖަމާގައި ގިނައިން ހުންނާނީ ތަރުޖަމާ ކުރި ބަސްތައް ކަމަށް ވާތީ ތަރުޖަމާއެއް ދެވިދާނެއެވެ.
ތުންފަތަށް ވެރިވި ލުއި ހިނިތުންވުމާއެކު، އޭނާ އިތުރު ދެ ފޮތް ވެސް ނެގިއެވެ.
ޖެހިގެން އައި ދުވަހު ހެނދުނު ގަޑީގައި ލިއަމާ ދިމާވިއެވެ.
ސާރާއަށް އާދެވޭނީ ރޭގަނޑުކަމަށް އޭނާ ލިއަމް ގާތު ބުނެލިއެވެ. އަދި މިރޭ އޭނާ ލިއަމްއާ ބައްދަލުކޮށްލަން ބޭނުންވާކަމަށް ވެސް ބުނެލިއެވެ. ލިއަމް ހިނިތުންވުމެއް ސާރާއަށް ހަދިޔާ ކޮށްލިއެވެ.
ގަޑި ކިޔާފައި ސާރާ ހިނގައިގަތެވެ.
ޔުނިވާސިޓީއަށް ގޮސް އެންމެ ގާތް އެކުވެރިޔާ އާ ލިއަމްގެ ވާހަކަ ސާރާ ހިއްސާކުރިއެވެ. ލިއަމް ދީނަށް ޝައުގުވެރިވާ ވާހަކަ އެވެ. އެހެން ނަމަވެސް އޭނާ އާ މެދު ލިއަމް ދެކޭ ގޮތެއް ނުބުނެއެވެ.
"މައި... އަހަރެން ބޭނުން އޭނައަށް ޤުރުއާން ތަރުޖަމާއެއް ދޭން މިރޭ ގެއަށް ގޮސް، އެކަމަކު ރޭގަނޑު އޭނައާ އެކަނި ބައްދަލުކުރާކަށް ބޭނުމެއް ނޫން، އެ ގަޑީގައި އަހަރެން ގާތު މައި މަޑުކޮށްލަދޭންވީނު" ސާރާ މައިހާ ކުރެން އެދުނެވެ.
މައިހާ ދިމާ ކޮށްކޮށްފައި އެއްބަސް ވިއެވެ. ހަޤީގަތުގައި ރޭގައި ވީ ފަދަ ކަމެއް ވެދާނެތީ ސާރާ ޖެހިލުންވީއެވެ. އެފަދަ އެއްވެސް ފުރުސަތެއް ދޭން އޭނާ ބޭނުންނުވީއެވެ. ޝައިޠާނާގެ ވަސްވާސްތައް ސކުނޑިއަށް ވެރިވާނީ ކޮން އިރަކު ކަމެއް ނޭނގެއެވެ.
ގެއަށް ގޮސް ސާރާ ދަބަސް ބަހައްޓާފައި ފޮތްތައް ހިފައިގެން ނުކުތްއިރު މަންމަމެންވީ ކޮޓަރީގައެވެ.
ނުކުތްއިރު ލިއަމް ގޭޓު ކައިރީގައި ހުރިއިރު، އެކުވެރި މައިހާ ވެސް ސާރާމެން ގޭ ގޭޓު ކައިރީގައި މަޑުކޮށްލައިގެން ހުއްޓެވެ.
އޭނާ އަތުގައި އޮތް ތަފްސީރު ފޮތާއި ސުންނަތާ ބެހޭ ފޮތް މައިހާ އަތަށް ދީފައި ތަރުޖަމާ ހިފައިގެން ގޮސް ލިއަމަށް ދިއްކޮށްލިއެވެ. ލިއަމް އެ ތަރުޖަމާގައި ހިފިއެވެ.
"ލިއަމް! މީ ޤުރުއާނުގެ ތަރުޖަމާއެއް. އަހަރެން ނެތަސް، ލިއަމަށް މީގެން ހުރިހާ ސުވާލެއްގެ ޖަވާބުވެސް ލިބޭނެ. ތިހިތުގައި އުފެދޭ ހުރިހާ ސުވާލެއްގެ ޖަވާބު ވެސް ލިބޭނެ އިނގޭ އިންޝާ ﷲ... މީގެ ތިން ހަފްތާ ފަހުން އަހަރެންގެ ގްރެޖުއޭޝަން، އޭގެ ކުރިން ލިއަމް އަންނާނަން ދޯ!" ސާރާ އަހައިލިއެވެ.
"ދެ ހަފްތާ..." ލިއަމް ބުނެލީ ހަމަ އެކަނި އެހެންނެވެ.
"އަދި އެއް ވާހަކަ! ލިއަމް އިސްލާމް ދީން ޤަބޫލު ކުރާނީ އަހަންނަށްޓަކައެއް ނޫން. ލިއަމް މި ދީން ޤަބޫލު ކުރަންވާނީ ލިއަމްގެ ހިތަށް އީމާންތެރިކަމުގެ ނޫރު ވަނީމަ... އަހަރެމެންގެ ދީނުގައި ދީނަށް ވެއްދުމަށް މަޖުބޫރުކުރުމެއް ނޯވޭ، މި ދެ ހަފްތާ ތެރޭގައި ލިއަމް ދީން ދަސްކުރޭ! އުނގެނެވޭ ވަރަކަށް އުނގެނޭ. ދެ ހަފްތާ ފަހުން ލިއަމް އަންނަންދެން އަހަރެން އިންތިޒާރުކުރާނަން، އެކަމަކު ނައިސްފިއްޔާ އަހަރެން... "
"މައިހާ" މައިހާއަށް ގޮވާލަމުން ސާރާ އެދުނީ އޭނާ ގެނައި އަނެއް ދެފޮތް ވެސް ދިނުމަށެވެ. މައިހާ އައިސް ދިނުމާއެކު، ސާރާ އެ ދެ ފޮތް ވެސް ލިއަމާ ހަވާލުކޮށްލިއެވެ.
އަދި ހިނިތުންވެލިއެވެ. އޭނާ އެތެރެއަށް ވަންނަން ހިނގައިގަތް އިރު އެ ތުންފަތުގައި ވަނީ ލުއި ހިނިތުންވުމެކެވެ. ވަކި ހިސާބަކުން ފިޔަވަޅުތައް މަޑުކޮށްލަމުން އަނެއްކާވެސް، އޭނާ ލިއަމާ ދިމާލަށް ހިނގައިގަތެވެ.