"އާނ... އަހަރެމެން މި އައީ ހުށައެޅުމެއް ހިފައިގެން... ސާރާއާއި ޒައިދު ވެސް މިހާރު އެ ތިބީ ފުރާ ފުރިހަމަ ވެފަ... އަހަރެމެން ވެސް ޒައިދަށް ބޭނުންވަނީ ސާރާ ފަދަ ކުއްޖަކު... އެހެންވެ މިއައީ... އަހަރެން ބޭނުންވަނީ ސާރާއާއި ޒައިދު ކައިވެނީގެ ގުޅުމުން ގުޅެން" ވާސިމުގެ ވާހަކައާއެކު ސާރާއަށް ލިބުނު ސިހުމުގައި ތެދުވެވުނެވެ.
އެއާއެކު އެތަނުގައި ތިބި އެންމެންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. ސާރާގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. ހަމަޖެހެން މަސައްކަތް ކުރި ނަމަވެސް އެކަމެއް ނުކުރެވުނެވެ. ނިތުން ކޮންމެވެސް ވަރަކަށް ދާހިތްލާލައިފިއެވެ.
"ސާރާ ހާދަ ހާސްވީ؟ މި އުޅެނީ މިހާރުން މިހާރަށް ކައިވެނި ކުރާކަށް ނޫނެއްނު... ހެހެ" ފަޒީލާ ބުނެލިއެވެ.
ސާރާ ބަލައިލީ ސަލްމާއަށެވެ. ސަލްމާ ބޯ ޖަހައިލީ އިށީންނާށޭ ބުނާ ފަދަ ގޮތަކަށެވެ. މަންމަގެ މޫނަށް ބަލައިލާފައި އިސްޖަހާލަމުން ސާރާ އިށީނެވެ.
"ކުއްލިއަކަށް ތި ފަދަ ވާހަކައެއް ބުނީމަ ސިހޭނެއެއްނު" ތަނުގައިވި ނުތަނަވަސްކަން ދުރުކުރެވޭތޯ ސަލްމާ ވާހަކަ ދެއްކިއެވެ.
"ޒައިދު ވެސް މިކޮޅުގަ ހުންނަ އިރު ، ދެ ކުދިން އެކަކު އަނެކަކު ދަސްކުރަން ވެސް ފަސޭހަ ވާނެއެއްނު. ކައިވެންޏަށް ދެ ކުދިން ތައްޔާރުވާން ވަގުތު ކޮޅެއް ވެސް ލިބޭނެއެއްނު" ފަޒީލާ އޭނާގެ ޚިޔާލު ފާޅުކުރިއެވެ.
ވާސިމު ވެސް ބޯ ޖަހައިލިއެވެ. ފާރޫޤަށް ބަލައިލެވުނީ ސާރާގެ މޫނަށެވެ. އެ ދަރިފުޅުގެ މޫނުމަތިން އުފާވެރިކަމެއް ނުފެނެއެވެ. އެހެން ނަމަވެސް އެ ވަގުތު އެ ވާހަކަ ދައްކާކަށް ފާރޫޤު ބޭނުމެއް ނުވިއެވެ. އެ ހުށައެޅުމާ މެދު އޭނާ ވެސް ނުހަނު އުފާވެއެވެ. ވާސިމު އަކީ ޒަމާންވީ ގާތް ރަޙުމަތްތެރިއެކެވެ. ދެ އާއިލާ ގުޅިއްޖެ ނަމަ އެއީ އޭނާއަށް ވެސް ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ.
އަނެއްކޮޅުން ޒައިދަކީ ކިޔަވައިގެން ހުރި ރަނގަޅު ކުއްޖެކެވެ. މި ޒަމާނުގައި އެފަދަ ކުއްޖަކު ހޯދުމަކީ ވެސް، ފަސޭހަކަމެއް ނޫނެވެ. ހުރި ހަމަ އެކަނި އަންހެން ދަރިފުޅު ގޮތް ނޭނގޭ މީހަކާ ހަވާލުކުރުމަށް ވުރެ, ޒައިދު ކަހަލަ ކުއްޖަކާ ހަވާލުކުރުން އެތައް ހާސްތަނެއް ރަނގަޅުވާނެއެވެ. ވާސިމާ ފަޒީލާއަކީ ވެސް، އެހާ ހެޔޮ ދެމަފިރިންނެވެ.
އެކަކަށް ނޭނގުނު ކަމުގައި ވިޔަސް ސާރާއަށް ބަލަހައްޓައިގެން އިން ޒައިދަށް, ސާރާގެ މޫނުމަތީގައިވި ނުތަނަވަސްކަމުގެ މާނަ އެނގޭ ކަހަލައެވެ. އޭނާ އިނީ ކަޅި ޖަހާނުލާ ސާރާއަށް ބަލަހައްޓައިގެންނެވެ.
"ހާދަ ވަރެއް ވެފައޭ އެއިނީ." ޒައިދުގެ ހިތަށް އެރިއެވެ. އޭނާގެ ޚިޔާލުގެ ލޯގަނޑަށް ސިފަވަނީ ލިއަމާއި ސާރާއެވެ. އަތް މުށްކަވާލެވުނީ ވެސް އެ ހަނދާން އާވެފައެވެ. ސާރާ ހާސިލު ކުރުމުގެ އަޒުމު އޭނާގެ ހިތުގައި ގަދަވެގަތެވެ.
"ސާރާގެ ޚިޔާލެއް ވެސް ހޯދައިލަން ވާނެއެއްނު" ވާސިމު ބުނެލިއެވެ. ފަޒީލާ ސާރާގެ ބުރަކަށީގައި ފިރުމައިލިއެވެ.
"އަޅުގަނޑު އަދި.... އަޅުގަނޑު އަދި ވިސްނައިލަން ބޭނުން" އެވަގުތު, ދެކޮޅު ހަދަން ނުކެރުމާއެކު، ސާރާއަށް ބުނެވުނީ ވެސް އަޅައަޅައި ގަންނަމުންވެ.
"މައްސަލައެއް ނޫނޭ... އަންހެން ކުއްޖަކު ނަގަން ޖެހޭނެ އެންމެ ބޮޑު އެއް ފިޔަވަޅު މީ. ވިސްނަން ވަގުތު ބޭނުންވާނެއެއްނު"
ޒައިދަށް ބަލައިލަމުން ފަޒީލާ ވާހަކަދެއްކިއެވެ. ސަލްމާމެން އެ ގުޅުމާ ގަބޫލު ވެއްޖެނަމަ ސާރާއަށް ދެކޮޅު ހަދަން ނުކެރޭނެ ކަމުގެ ޔަޤީންކަން ފަޒީލާއަށް އޮތްފަދައެވެ.
"ސާރާގެ ޖަވާބަކަށް އަޅުގަނޑު އިންތިޒާރު ކުރާނަން، " ހިނިތުންވަމުން ޒައިދު ބުނެލިއެވެ. ހިނދުކޮޅަކަށް އޭނާއާއި ސާރާގެ ނަޒަރު ދިމާވިއެވެ. ސާރާ ވަގުތުން ދުރު ބަލައިލިއިރު، ޒައިދުގެ ތުންފަތް މައްޗަށް ވެރިވީ ހިނިތުންވުމެކެވެ.
ކައިގެން ފަޒީލާމެން ދިޔައިރު ރޭގަނޑު އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. ސަލްމާއާއި ފާރޫޤާ ދެމީހުން ސޯފާގައި އިށީނެވެ. ސާރާ ވެސް އައިސް އިށީނެވެ.
"ދަރިފުޅުގެ ޖަވާބެއް ބައްޕަމެން ބޭނުން. ޒައިދަކީ ވަރަށް ރަނގަޅު ކުއްޖެއް. ކިޔަވައިގެން ހުރި ތަޢުލީމީ ކުއްޖެއް، އަނެއްކޮޅުން އެއީ ވަރަށް ރަނގަޅު އާއިލާއެއް. ދަރިފުޅުގެ އުމުރުން ވެސް ފަންސަވީސް އަހަރުވީ. ދެން މިހާރު މީހަކާ އިންނަވަރު ވެއްޖެޔޭ،" ފާރޫޤު ބުނެލިއެވެ.
"ކުރީ ފަހަރު ވެސް ސާރާއަށް ކަމުނުދިޔައިމަ މަންމަމެން އަޅާނުލީ. އެކަމަކު މި ފަހަރު މިއައި ކިހާ ރަނގަޅު ހުށައެޅުމެއްތަ؟" ސަލްމާ ވެސް އޭނާގެ ޚިޔާލު ފާޅުކުރިއެވެ.
މަންމަމެންގެ ބަސްތަކުގެ ސަބަބުން އެ ހުށައެޅުމާ ދެކޮޅު ހަދަން ސާރާ ފަސްޖެހުނެވެ.
އިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު، އޭނަ އަނެއްކާ ވެސް، ބުނީ ކުޑަ ވަގުތު ކޮޅެއް ދިނުމަށެވެ. އެއަށްފަހު އެރީ މައްޗަށެވެ.
ޓެރެސްއަށް ނުކުމެލީ އުދާސްކަން ދުރުވޭތޯއެވެ. އެހެން ނަމަވެސް އެތަނުން ވެސް ، ހަނދާން ކޮށްދިނީ ލިއަމްއެވެ. އެއާއެކު އޭނާގެ ނުތަނަވަސްކަން އިތުރު ވާ ގޮތް ވިއެވެ. ލިއަމްއާ ގަޔާވެވުނު ނަމަވެސް ސިކުނޑި ގޮވަނީ އެއީ ގޯސްކަމެއް ކަމަށެވެ. ލިއަމްއަކީ މުސްލިމެއް ނޫން ވީމައެވެ. ސިކުނޑީގައި އުފެދުނީ ވަރުގަދަ ހައިޖާނުގަނޑެކެވެ. އެތައް އިރަކު ސާރާ އެތަނުގައި ހުއްޓެވެ. ހަދަންވީ ގޮތެއް ނޭނގިފައެވެ، ވިސްނުން ގުޅެނީ ލިއަމާއެވެ. ގޮތެއް ނިންމަން އެހާ އުނދަގޫ ވެގެން އެ އުޅެނީ ލިއަމް އެ ދޭތެރެއަށް ވަންނާތީއެވެ. އަނެއްކޮޅުން ޒައިދަކީ އެހާ ރަނގަޅު ކުއްޖެއްހެން އޭނާއަށް ހީނުވަނީއެވެ.
އޭނާ އަކީ އަންހެން ކުއްޖަކަށް ވިޔެއް ކަމަކު، ގަދަކަމުން ކައިވެނި ކުރުމެއް އިސްލާމް ދީނުގައި ނޯވެއެވެ. އެތައް ގޮތަކަށް ސާރާ ވިސްނިއެވެ.
*****
ޚިޔާލުތަކާއި ވިސްނުން ތަކުގައި ގެނބެމުންދިޔަ ލިއަމްގެ އަތުގައި އޮތީ، ސާރާ އޭނާއަށް ދިން ގަނޑުކޮޅެކެވެ. ވިސްނުން ގުޅިފައިވަނީ ކޮން ކަމަކާ ކަމެއް ނޭނގެއެވެ. ބައެއް ފަހަރު ލޮލުގެ ހިމަކޮޅުން ވިދުމެއްގެ އަސަރު ފެންނަހެން ހީވެއެވެ.
ތެދުވަމުން އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ގަނޑުކޮޅު މޭޒުމަތީގައި ބާއްވާލަމުން އޭނާ ލެޕްޓޮޕް ހިފައިގެން ބޭރަށް ނުކުމެލިއެވެ.
ޚިޔާލުތަކާ ދުރުވާން އެންމެ ފަސޭހަ ވާނީ ކޮންމެވެސް އެހެން ކަމެއްގެ ތެރެއަށް ސިކުނޑި ހުޅުވައިލުމުންނެވެ. އެހެންވެގެން އޭނާ ލިޔަމުން ގެންދާ ޑޮކިއުމެންޓް ހުޅުވައިލިއެވެ. ޖެހިގެން ހުރި ގޭ ޓެރެސްއަށް ނަޒަރު ހުއްޓުމާއެކު، ލިއަމްގެ ހަނދާންތަކާ ސާރާ ގުޅުނެވެ.
އެ ޚިޔާލުތަކާ ދުރަށް ދާން އޭނާ މަސައްކަތް ކުރަމުން ލެޕްޓޮޕަށް ނަޒަރު ހުއްޓައިލިއެވެ.
ގަޑިން ތިނެއް ޖަހަންދެން ލިއަމް ބޭރުގައި އިނެވެ. ހިންދެމިލަމުން އާ ފުރިލިއެވެ. އެރިކް އޮންލައިންގައި އިނދެފައި ގުޅައިލީ އެވަގުތެވެ.
ފޯނު ނަގާ ކަންފަތުގައި ޖައްސައިލަމުން ލިއަމް ވާހަކަ ދައްކަން ފެށިއެވެ. އިރުކޮޅަކު ވާހަކަ ދައްކައިލުމަށްފަހު، ފޯނު ބޭއްވުމަށްފަހު ލިއަމް ފޯނުން ޤުރުއާން އަޑު އަހަން ފެށިއެވެ. ހިތަށް ފިނިކަން ލިބޭ ކަމެއް ކަމުގައި އެކަން ވީތީއެވެ. މިހާރަކަށް އައިސް އެކީ އެކީހެން މިއުޒިކާ ދުރުވެވިއްޖެއެވެ. ހިތް ނުތަނަވަސްވާ ކޮންމެ ފަހަރަކު އަޑު އަހާލެވެނީ ޤުރުއާނެވެ. މާނަ ނޭނގުނެއް ކަމަކު އާދަޔާ ޚިލާފް ހިންހަމަ ޖެހުމެއް ރޫޙަށް ލިބެއެވެ.
*****
ޖެހިގެން އައި ދުވަހު ސާރާގެ ޖަވާބަކާ ބެހޭގޮތުން ފާރޫޤު ސުވާލުކުރިއެވެ. އޭނާއަށް ހަފްތާ އެއް ނޫނީ ދެ ހަފްތާގެ މުއްދަތެއް ދިނުމަށް ސާރާ އެދުނެވެ.
"ބައްޕަ އުންމީދު ކުރަން ސާރާ ނިންމާނީ ބައްޕަމެން ހިންހަމަޖެހޭ ފަދަ ނިންމުމެއް ކަމަށް" ފާރޫޤު ހުރީ ހިސާބަކަށް ހިންހަމަ ނުޖެހިފައި ހެން ހީވި ސާރާ ދެރަވިއެވެ. އޭނާ އިސްޖަހައިލިއެވެ. ސަލްމާ އެއްވެސް އެއްޗެއް ނުބުނެ ހުއްޓެވެ.
އެގޮތުގައި ހަތަރު ދުވަސް ފާއިތުވެއްޖެއެވެ.
ލިއަމްއާ ސާރާ އާ ދެމެދު ގަނޑުކޮޅު ބަދަލުކުރެވެއެވެ. ލިއަމްގެ ހިތުގައި އުފެދޭ ސުވާލުތަކުގެ ޖަވާބު ސާރާ ދެއެވެ. ޤުރުއާނުން ހެކި ދައްކައެވެ.
އިސްލާމްދީނާ މެދު ލިއަމްގެ ހިތުގައި އޮތް ނަފްރަތުގެ މައްޗަށް ލޯބި ކުރިފަޅާ ހެދެން ފެށިއެވެ. އެ ދީނުގެ ކޮންމެ ކަމަކާ މެދު ލޯބި އުފެދެން ފެށިއެވެ. އުފެދުނު ޝައުގުވެރިކަމާއެކު، އޭނާ ދެ ދުވަހަކު މިސްކިތަށް ވެސް ދިޔައެވެ. އެއިން ކޮންމެ ފަހަރަކު ހިތަށް ލިބޭ ފިނިކަމެއްގެ ސަބަބުން ލިއަމް ހައިރާންވެއެވެ.
*****
ރޭގަނޑެކެވެ. ނިދުމުގެ ކުރިން ސާރާ އިސްތިޚާރާ ނަމާދުކުރިއެވެ. ގޮތެއް ނިންމަން އުނދަގޫ ވެއްޖެނަމަ އޭނާ އަބަދުވެސް، އިސްތިޚާރާ ނަމާދުކުރެއެވެ. އިސްތިޚާރާ ނަމާދުކުރުމުގެ މަތީގައި ދެމި ހުންނަ ނަމަ ކުރެވެން އުޅެނީ ރަނގަޅު ކަމެއްނަމަ މާތް ﷲ އެކަމެއް ފަހި ކުރައްވައެވެ. ނަމާދުކޮށް ނިމިގެން އޭނާ ދުޢާ ކުރިއެވެ. ދަތި އުނދަގޫ މަގަކަށް ވިޔަސް، އޭނާއަށް އެންމެ ރަނގަޅު ގޮތެއް މިންވަރު ކޮށްދެއްވުމަށް އެދެވުނެވެ. ހިތަށް ލިބުނު ހިންހަމަޖެހުމާއެކު ސާރާއަށް އަރާމުކޮށް އެރޭ ނިދާލެވުނެވެ.
******
ލިއަމް އެކި އެކި އާޓިކަލް ކިޔަމުން ދަނިކޮށް ކީރިތި ޤުރުއާނާ ބެހޭގޮތުން މަޝްހޫރު ދީނީ އިލްމުވެރިއަކު ލިޔެފައި އޮތް ލިޔުންކޮޅެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. ޝައުގުވެރިކަމާއެކު، ކިޔަމުން ދަނިކޮށް އޭނާގެ ލޮލުގައި އަޅައިގަތީ ކީރިތި ޤުރުއާނުގެ ދެ އާޔަތާއި އޭގެ މާނައެވެ.
ފުރަތަމަ އޮތީ އަލް އިސްރާ ސޫރަތުގެ 88 ވަނަ އާޔަތާއި މާނައެވެ.
"ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މި قرآن އާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވިނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިން ކަމުގައި ވީނަމަވެސްމެއެވެ."
އެއަށްފަހު ބަޤަރާ ސޫރަތުގެ 23 ވަނަ އާޔަތާއި އޭގެ މާނައެވެ
"ތިމަންރަސްކަލާނގެ އަޅާއަށް (އެބަހީ: محمد ގެފާނަށް) ތިމަންރަސްކަލާނގެ ބާވައިލެއްވި އެއްޗަކާމެދު (އެބަހީ: قرآن އާމެދު) ތިޔަބައިމީހުން شك ކަމެއްގައި ވަނީނަމަ، ފަހެ ތިޔަބައިމީހުން އޭގައިވާފަދަ سورة އެއް ނިކަން ގެނެސްބަލާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިން ކަމުގައި ވަނީނަމަ، اللَّه ފިޔަވައި ތިޔަބައިމީހުންނަށް نصر ދޭނޭ އެހީތެރިން (ތިބިނަމަ، އެއުރެން) ނަށް ނިކަން ގޮވައި، ގެނެސްބަލާށެވެ!"
ލިއަމް ޝައުގުވެރިވިއެވެ. ކުއްލިއަކަށް, ހިތުގައި އޮތް ޝައްކެއް ވިއްޔާ ފިލައި ހިނގައްޖެއެވެ. ހިތުގެ އަޑިން ހުރިހާ ކަމެއް ޤަބޫލުކުރެވުނު ފަދައެވެ.
ލިއަމަށް މެއާ ދިމާލުގައި އަތް ޖައްސައިލެވުނެވެ. އޭނާ އިސްލާމް ވާންވީހެއްޔެވެ؟ ޤަބޫލުކުރެވޭ ވަރަށް ހެކި ލިބިއްޖެއެވެ. އެކަމަކު އަދިވެސް، ފަސްޖެހެވެނީއެވެ. ގާތް ރައްޓެހިންނާއި އާއިލާ މީހުން ކިޔާނެ އެއްޗަކާ މެދު ވިސްނެނީއެވެ. އެމީހުންގެ ކުރިމަތީގައި އޭނާއަކީ މޮޔައެއްކަމަށް ވެދާނެއެވެ.އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް އުޅެވޭނެކަމުގެ ޔަޤީންކަމެއް އޭނާގެ ނުވެސް ނެތެވެ.
ދެން އަނެއްކާވެސް ވިސްނުން ގުޅުނީ ސާރާއާއެވެ. ސާރާއަކީ އޭނާގެ ހިތުގެ ލޯތްބެވެ. އޭނާގެ މީހަކަށް ސާރާ ހަދަން ވަރަށް ބޭނުންވެއެވެ. އެކަމަކު އެކަން ވާން އޮތީ އޭނާ އިސްލާމްވުމަށް ފަހުއެވެ. ހަދާނީ ކިހިނެއްހެއްޔެވެ؟ ހިތް ދެކޮޅަށް ކިރެމުން ދިޔައެވެ. ނިންމަން ވީ ގޮތެއް ނޭނގޭ ޙާލުގައެވެ.
ވިއްސާރަ ދުވަހެކެވެ. ސާރާ އިނީ ލިޔާ މޭޒުކައިރީގައެވެ. އަދިވެސް ދޭނެ ޖަވާބެއް ސާރާއަކަށް ނޭނގެއެވެ. މަންމަމެންގެ އުންމީދުތަކުގައި ކޮޅުފައިން ޖަހާކަށް ސާރާއަކަށް ނުކެރުނެވެ. އެހެންނަމަވެސް...
ވާގޮތެއް ބުނެދޭކަށް އޭނާއަކަށް ނޭނގެއެވެ.
މިއަދު ކޮލެޖުން އައި މަގުމަތީގައި ޒައިދާ ދިމާވެ އޭނާ ސާރާ ގާތުން ކުރީ ދުވަހު އުޅެވުނު ގޮތުން މާފަށް އެދުނެވެ. ޒައިދުގެ މޫނުމަތިން ފެނުނީ އުންމީދެވެ. ކުރެވުނު ކަންތަކުން ދެރަވެފައި ހުރި ހެންހީވިއެވެ. އޭނާ ބޭނުންވަނީ ސާރާ ފަދަ ދީންވެރި ކުއްޖަކު އޭނާގެ ޙަޔާތަށް ގެންނަން ކަމަށް ބުންޏެވެ.
ޒައިދުގެ ވާހަކަތަށް ހުރި ގޮތުން ސާރާގެ ހިތާ ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގަނޑު އިތުރު ވިހެން ހީވިއެވެ.
އޭނާ ދެފަރާތަށް ބޯ ހޫރާލިއެވެ. އެ ވިސްނުން ތަކުން ދުރުވޭތޯއެވެ. ކުޑަ ދޮރު ލައްޕާލަމުން އައިސް އެނދުގައި އޮށޯތެވެ. މިއަދު ވެސް ބައްޕަ އޭނާގެ ޖަވާބަކާ ބެހޭގޮތުން ސުވާލުކުރިއެވެ.
*****
ހަވީރުގެ ވަގުތެކެވެ. ލިއަމް ސައިކަލުގައި ގޮސް ޕާކެއް ކައިރިއަށް މަޑުކޮށްލިއެވެ.
ޕާކުގު އެއްފަރާތުގައި އޮތް ވިނަގަނޑުމަތީގައި ހުއްޓިލިއެވެ ދުރުދުރަށް ފެތުރިފައި އޮތް ފަރުބަދަތަކާ ވާދީތަކުގެ ސަބަބުން މާހައުލު ވަރަށް ހިތްގައިމެވެ. ޖެހެނީ ފިނި ވައިރޯޅިތަކެވެ. ގަހުގެ ފަތްތައް ވެރި މުޅިތަނަށް ފަތްތައް ފެތުރިފައި ވާއިރު ހިތްގައިމެވެ. ކޮންމެ ދިމާލަކުން ވެސް ފެންނަނީ ފިނި މޫސުމަށް މަރުޙަބާ ކިޔަމުން ދާ މަންޒަރުތަކެވެ. ފަޒާގައި ވަނީ ތެތްފިނިކަމެކެވެ.
ޖެކެޓެއް ލާފައި ހުއްޓަސް ލިއަމަށް ވެސް ކުޑަކޮށް ފިނީގެ އަސަރު ކުރިއެވެ. ނުކުންނަން ވެގެން ހިނގައިގަތް ލިއަމް އެތަނުގެ ދެ ތިން ފޮޓޯއެއް ނެގިއެވެ.
ޕާކުން ނުކުތްތަނާ އޭނާގެ ލޮލުގައި އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި ޒައިދު އަޅައިގަތެވެ. ޒައިދު ކައިރިން ލާފައި ލިއަމް ކުރިއަށް ހިނގައިގަތެވެ.
"އަހަރެން މިއުޅެނީ ސާރާއާ އިންނަން، " ޒައިދުގެ އަޑާއެކު ލިއަމަށް ހުއްޓެވުނެވެ. އޭނާއަށް ވަގުތުން ޒައިދަށް ބަލައިލެވުނެވެ. އޭރު ޒައިދުގެ މޫނުމަތީގައި ވަނީ މަލާމާތުގެ ހިނިތުންވުމެކެވެ.
"ކަލެއާ ސާރާއާ ކުޅޭ ލޯބީގެ ކުޅިގަނޑު އަހަންނަށް އެނގެޔޭ" ޒައިދު އިތުރު ކޮށްލިއެވެ.
އެވަރުންވެސް އެއްޗެއް ނުބުނެ ވޭތޯ ލިއަމް ބެލިއެވެ. ދެއަތް މުށްކަވާލަމުން ޖެކެޓުގެ ތެރެއަށް ކޮށްޕައިލިއެވެ. ހަމަޖެހެން ބޭނުންވި ނަމަވެސް ހިތުގައި ހިނގައިގަތް ޖަޒުބާތުތައް ބޮއްސުން ލާން ފެށުމުން ނިތަށް ރޫތައް ގިނަ ކޮށްލެވި ދެބުމަ ގޮށް ޖަހާލެވުނެވެ.
"ސާރާ ވާނީ މަގޭ މީހަކަށް" ލިއަމްގެ ކުރިމައްޗަށް އަރާ ޒައިދު ބުނެލިއެވެ. އެ އަޑުގައިވަނީ ޔަޤީން ކަމެވެ.
"ކިހިނެއްވީ؟ ހާދަ ހާސްވީ! ކަލެއަށް އެނގޭތަ؟ ސާރާއަކަށް ދުވަހަކު ވެސް ކަލެއަކާ ކައިވެންޏެއް ނުކުރެވޭނެ... އެއީ ކަލެއަކީ މުސްލިމަކަށް ނުވާތީ. ހަހަ... އެ އާއިލާ ވެސް އަހަރެމެން ދެމީހުންގެ ގުޅުމަށް ޤަބޫލު. ސާރާއަކަށް ނުކެރޭނެ އޭނަ އާއިލާ މީހުންނާ ދެކޮޅަށް ކައިވެންޏާ ދެކޮޅު ހަދާކަށް" ޒައިދު އިތުރު ކޮށްލިއެވެ.
ލިއަމްއަށް ލިބުނީ ސިހުމެކެވެ. އެ ގުޅުން އޮތީ އެހާ ހިސާބުގައި ހެއްޔެވެ؟ ޒައިދު އެހާ ގިނައިން އެގެއަށް އަންނަ ސަބަބަކީ އެއީ ހެއްޔެވެ؟ ލިއަމްގެ ކަތުރު ކަށިގަނޑަށް ވާންވީ ދަތްކުނޑި ވިކައިލުމާއެކުގައެވެ. އިވުނު ޚަބަރު އެއީ، ދޮގަކަށް ވާން އެދެވުނު ނަމަވެސް ޒައިދުގެ މޫނުމަތިން ފެނުނު ކުލަވަރުތަކުން އޭނާގެ ހިތް މަޑުޖެހިލިއެވެ. އުދާސްކަން ހަށިގަނޑުގައި ދައުރުކޮށްގަތެވެ. އެ ފިނީގައި ވެސް ކުޑަކޮށް ދާ ހިތްލާ ގޮތް ވިއެވެ.
ލިއަމަށް ވަމުންދިޔަ ގޮތް ފެނި ސާރާ ހާސިލު ކުރުމުގެ އަޒުމު ޒައިދުގެ ހިތުގައި ހިނގައިގަތެވެ. ހަމަ ހަޤީގަތުގައި ވެސް ލިއަމް އެބަ ސާރާ ދެކެ ލޯބިވެއެވެ. ލިއަމްގެ ކިބައިން ބަދަލު ހިފަން ބޭނުންނަމަ މި ކުޅިގަނޑު ވަރަށް ރަނގަޅަށް ކުޅެން އެބަޖެހެއެވެ.
"ސާރާ އަކީ ކަލޭ ކުޅިވަރު ކުޅެން ބޭނުންކުރާ އަންހެން ކުއްޖަކަށް ވުރެ މާތް ކުއްޖެއް" ލިއަމް ބުނެލިއެވެ. އޭނާ ހިނގައިގަންނަން އުޅުނެވެ.
"ދާދި އަވަހަށް އަހަރެމެން ދެމީހުންގެ ކައިވެނީގެ ތާރީޚް އިއުލާނު ކުރެވިގެން ދާނެ" ޒައިދު ގޮވައިލިއެވެ.
ލިއަމް ފިޔަވަޅުތަކަށް ބާރުކޮށްލިއެވެ. ސައިކަލަށް އަރާ ހުންގާނުގައި ހިފާލެވުނީ އެހާ ބާރަށެވެ. ދެތިން ފަހަރު ފުން ނޭވާއެއް ލީ އައިސްފައި ހުރި ރުޅިވެރިކަމާއި ނަފުސުގައި ހުރި އުދާސްކަން ދުރުކޮށްލުމުގެ ބޭނުމުގައެވެ. ހިތުގައި ސާރާ ގެއްލިދާނެ ކަމުގެ ބިރުވެރިކަން އުތުރި އަރަން ފެށިއެވެ.
ސާރާއަށްޓަކައި އޭނާ އިސްލާމް ވާންވީ ހެއްޔެވެ؟. އޭރުން ސާރާ ޒައިދު ދޫކޮށްލާފައި އޭނާ ކައިރިއަށް އަންނާނެ ހެއްޔެވެ؟ ޒައިދު ސާރާއާ ކައިވެނި ކުރަން އެ އުޅެނީ ރަނގަޅު މަޤްސަދެއްގައި ހެނެއް ހިޔެއްނުވެއެވެ.
ސާރާއަށް ދެރަގޮތެއް ވާން އޭނަ ނޭދެއެވެ. ސާރާއަށްޓަކައި އޭނާގެ ހިތުގައި އޮތީ މަތިވެރި މަޤާމެކެވެ. އޭނާ ސާރާ ކައިރިން އެވާހަކަ އަހާނީއެވެ. ޒައިދު ދޮގު ވެސް ހަދާފާނެއެވެ. އަނެއްކޮޅުން ލޯބީގެ ކުޅިގަނޑެކޭ ޒައިދު އެ ބުނީ ކީއްވެހެއްޔެވެ؟ ލިއަމްގެ ހިތުގައި ތަފާތު ސުވާލުތައް އުތުރި އެރިއެވެ.
އެންމެ ދުވަހަކު ނޫނީ, ސާރާއާއި ޒައިދާ އޭނާއާއި، ތިން މީހުން އެއްތަނަކުން ދިމާވެފައެއް ވެސް ނުވެއެވެ.
*****
ރޭގަނޑެކެވެ. ޓެރެސްގައި ހުރި ސާރާ އެތެރެއަށް ވަނީ ހިތަށް އުނދަގޫ ވާވަރުންނެވެ. ނުތަނަވަސް ވުމާއެކު ސާރާ ވުޟޫ ކޮށްގެން ސުންނަތް ނަމާދެއް ކޮށްލުމަށް އަވަސްވެގަތެވެ. ނަމާދަކީ އަބަދުވެސް އޭނާގެ ނުތަނަވަސްކަން ދުރުކޮށްދޭ ކަމެކެވެ.
ހިތް ނުތަނަވަސްވެ އުނދަގޫވާނަމަ އޭނާ އަބަދުވެސް ނަމާދުކޮށްލުމުން ހިތަށް ފިނިކަން ލިބެއެވެ. ނަފުސު ތާޒާވެލައެވެ. ނަމާދުކޮށްލުމުން ލިބުނު ހިންހަމަޖެހުމުގައި އެރޭ ސާރާއަށް ނިދާލެވުނެވެ.
ހޭލެވުނީ ފަތިސްނަމާދަށެވެ. ގަނޑުކޮޅެއް އޮވެދާނެޔޭ ހިތާ އޭނާ ޓެރެސްއަށް ނުކުމެލިއެވެ. އެހެން ނަމަވެސް މާޔޫސްވީ މިއަދު އެއްވެސް ގަނޑުކޮޅެއް ނެތުމުންނެވެ. ލިއަމް އުޅޭ ގޭ ޓެރެސްއަށް ނަޒަރު ހުއްޓައިލި ސާރާ އެ ދިމާލަށް ބަލަން އެތައް އިރަކު ހުއްޓެވެ. ލިއަމް ދުށުމަށް އޭނާގެ ހިތް އެދެމުން ދިޔައެވެ.
"ޔާ ﷲ... ކަންތައް ކުރަންވީ ކިހިނެއްކަން މިއަޅާއަށް ފަހުމް ކޮށްދެއްވާންދޭވެ! ކޮންމެވެސް މަގެއް މިއަޅާއަށް ދައްކަވާނދޭވެ!" ސާރާ ދުޢާ ކުރިއެވެ.
އޭނާ ދެލޯ މަރައިލިއެވެ. ޖެހިލި ފިނި ވައިރޯޅިއާއެކު އަރާމުވިއެވެ. އިރުކޮޅަކު މަޑުކޮށްލައިގެން ހުރުމަށްފަހު ތިރިއަށް ދިޔައިރު މަންމަ ސަލްމާ ހޭލާ އުޅެއެވެ. ސާރާ ފެނުމާއެކު ސަލްމާ ވާހަކަ ދެއްކިއެވެ.
"ދަރިފުޅާ... އާދެބަލަ އިށީންނަން" ސަލްމާ އެދުނީ ސޯފާގައި އިށީނުމަށެވެ.
"ސާރާ!. ކޮންމެ ފަހަރަކު އަންނަ ހުށައެޅުމާ ދެކޮޅު ހަދަންޖެހެނީ ސާރާ ގަބޫލުނުވާތީ. ސާރާއަށް ކަމުދާ ކުއްޖަކު ނުވެސް ފެނޭ، ވާސިމު، ބައްޕައަށްޓަކައި ކިހާ ބޮޑު ހެޔޮ ކަމެއް ކޮށްދިނީ ވެސް. މި ޒަމާނުގައި ހިލޭ މީހަކުވެސް އެފަދައިން ކަންތަކެއް ނުކޮށްދޭނެ. ޒައިދު އެއީ ވަރަށް ރަނގަޅު ކުއްޖެކޭ... ސާރާއަށް ދެރަގޮތެއް ވާން ނޭދޭތީ ދޯ މަންމަމެނަށް އަބަދު މި ވާހަކަ މިދެއްކެނީ" ސަލްމާ ބުނެލިއެވެ.
"ދެން މަންމަ ތިބުނަނީ ވާސިމު އަންކަލް އެކަން ކޮށްދިނިއްޔޭ ކިޔާފަ އަޅުގަނޑު ޖެހޭނީ ޒައިދާ ކައިވެނި ކުރާށޭތަ؟ ބޭނުމެއް ނޫން ޒައިދާ ކައިވެނި ކުރާކަށް" ސާރާ ކުއްލިއަކަށް ތެދުވިއެވެ.
މަންމަގެ ވިސްނުން އޭނާއަށް ކަމަކު ނުދިޔައެވެ. އެހެން ނަމަވެސް ވާހަކަދެއްކުނީ ދައްކަން ޖެހޭ ގޮތަށް ނޫންކަން ވިސްނި ސާރާ އިސްޖަހާލިއެވެ. އޭނާ ދުވަހަކު ވެސް ސަލްމާއާ އެހާ ނުރުހިފައި ވާހަކައެއް ނުދައްކައެވެ.
އެހެންނަމަވެސް މަންމައަށްޓަކައި ޒައިދާ ކައިވެނި ކުރާކަށް އޭނާގެ ހިތް އެއްބަހެއް ނުވިއެވެ.
"ތިހެން މީހަކާ ނީނދެ ހުންނަންޏާ މީހުން ފާޑު ފާޑުގެ ވާހަކަ ދައްކާނެ! " ސަލްމާ ވެސް ތެދުވިއެވެ.
"އެކުގައި އުޅެން ފެށީމަ ލޯބި ވާނެ" ސަލްމާ އިތުރުކޮށްލިއެވެ. ސާރާ އެއްޗެއް ނުބުންޏެވެ. އިތުރަށް ސަލްމާ އެއްޗެއް ނުބުނުމުން ސާރާ ހިނގައިގަތީ މާފަށް އެދިފައެވެ.
ދުވެފައި ސިޑިން އަރައިގެން އޭނާ ގޮސް ޓެރެސްއަށް ނުކުމެލިއެވެ. މާޔޫސްކަމާއެކު، ރެއިލިންގައި އަތް އަޅުވާލަމުން އޭނާ އިސްޖަހައިލިއެވެ.
ކަރުނަތައް ފުހެލަމުން އެނބުރިލިއިރު ލިއަމް ފެނިގެން އޭނާ ސިހުނެވެ.
ސާރާ ކަރުނަ ފުހެލިތަން ފެނި ލިއަމަށް ކީއްހޭ ވީ އަހާ ގޮތަކަށް ބުމަ އަރުވާލާ ,އަތުން އިޝާރާތް ކޮށްލެވުނެވެ.
ސާރާ ދެފަރާތަށް ބޯ ހޫރާލިއެވެ. ފުން ނޭވާއެއް ލަމުން އޭނާ ލިއަމަށް ހިނިތުންވުމެއް ހަދިޔާ ކޮށްލަން މަސައްކަތް ކުރިއެވެ. ލިއަމް އޭނާގެ އަތުގައި އޮތް ގަނޑުކޮޅު އެއްލިއެވެ.
އޭގައި އޮތް އެއްޗެއް ކިޔައިލި ސާރާގެ މޫނުމަތިން ފެނުނީ މީގެ ކުރިން ލިއަމަށް ފެނިފައިވާ އަސަރުތަކެއް ނޫނެވެ. ސާރާގެ ނަޒަރުން އޭނާގެ ހިތުގައި ރިއްސައިލިއެވެ. ޒައިދުގެ ވާހަކަތައް ތެދުކަން ވިސްނި ލިއަމަށް އިސްޖަހައިލެވުނެވެ.