ޒައިދުގެ ހަށިގަނޑުގައި ހިފާ ކޮށްޕާލަން ސާރާ މަސައްކަތް ކުރިއެވެ. ކުއްލިއަކަށް ސިހުން ގެނުވީ އައި ނައި ތަނެއް ނޭނގި ކޮންމެ ވެސް މީހަކު އެ އައި ގޮތަށް އައިސް، ފަހަތުން ޒައިދުގެ ޓީޝާޓުގައި ހިފާ ދުރަށް ކޮށްޕާލުމާއި އެކުގައެވެ.
ޒައިދު އެނބުރި ބަލައިލިއިރު ލިއަމް ފެނިގެން އޭނާގެ ނިތަށް ރޫތައް ގިނަވިއެވެ. ދެބުމަ ކައިރި ކޮށްލެވުނެވެ. ލިއަމް މިތަނުގައި ކީއްކުރަނީ ހެއްޔެވެ؟ ލިއަމް ފެނި އޭނާގެ ހިތުގައި އަނދައިގަތީ ނަފުރަތުގެ އަލިފާނެވެ. އޭނަ ފެނުމުން ލިއަމްއަށް ވެސް ހިސާބެއްގެ ސިހުމެއް ލިބިގެން ދިޔަކަން އޭނައަށް އެނގުނެވެ. ލިއަމްއާ ނަޒަރު ވަކިކޮށްލަމުން ޒައިދު ސާރާއަށް ބަލައިލިއެވެ. ސާރާގެ ދެލޮލަށް ވަނީ ކަރުނަތައް ޖަމާވެފައެވެ. ބިރުން ހުރި ވަރުން ކަންނޭނގެއެވެ. ސާރާގެ ތުންފަތުގައި ވެސް ތުރު ތުރު އެޅުމެއްގެ އަސަރު ހުއްޓެވެ.
"އޯކޭތަ؟" ހިނދުކޮޅަކަށް ޒައިދުއާ ނަޒަރު ވަކިކޮށްލަމުން ސާރާއަށް ބަލައިލާ ލިއަމް އަހައިލިއެވެ. ސާރާ ބޯ ޖަހާލަމުން ޒައިދަށް ބަލައިލިއެވެ. އޭރު އެ މޫނު މަތިން ފެންނަމުން ދިޔަ ކުލަވަރު ދެނެގަންނަން ސާރާ ނުކުޅެދުނެވެ. ދެން ސިހުން ގެނުވީ އޭނާ ބަލަން ހުއްޓައި އެ އައި ބާރު މިނުގައި އައިސް، ޒައިދު އެ ޒުވާނާގެ މޫނުމައްޗަށް ގޮށްމުށުގެ ހަމަލާއެއް އަމާޒު ކޮށްލުމާ އެކުގައެވެ. ލިބުނު ސިހުމުގައި ސާރާއަށް ދެލޯ ވެސް މަރާލެވުނެވެ. އޭނާ މަޑުމަޑުން ދެލޯ ހުޅުވައިލިއިރު ޒައިދު ހުރީ އެ ޒުވާނާގެ ގިރުވާނުގައި ހިފައްޓައިގެންނެވެ. އެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމެވެ. ހަދަންވީ ގޮތެއް ނޭނގިފައި އޭނަ ހުރިއިރު ޒައިދު އަނެއްކާ ވެސް އެ ޒުވާނާގެ މޫނުމައްޗަށް ހަމަލާއެއް އަމާޒުކޮށްލިއެވެ.
އިސާހިތަކު ލިއަމްގެ ތުންފަތް މަތި ފެޅި ލޭތައް އޮހިގެންފިއެވެ. ޒައިދު ނުރައްކާތެރި ގޮތަކަށް ބަލާލައިފައި ދުރަށް ޖެހިލިއެވެ.
ލިއަމް ދެން ބަލައިލީ ސާރާއަށެވެ. އިރުކޮޅަކަށް ސާރާއާއި ލިއަމްގެ ހަތަރު ކަޅި ބައްދަލުވިއެވެ. ސާރާގެ ކަޅުކަން ގަދަ ކަޅިއާއި ލިއަމްގެ މަޑު މުށި ކުލައިގެ ކަޅި އަމާޒުވެގެން ދިޔަ ވަގުތު, ސާރާގެ ލޮލުގައި ބޮނޑިވެފައި ހުރި ކަރުނަތައް ލިއަމްގެ ލޮލުގައި އަޅައިގަތެވެ. އެ ހިނދު ޒައިދުއާ މެދު އޭނާގެ ހިތުގައި ރުޅިވެރިކަން އުތުރި އަރަން ފެށިއެވެ. އެހެން ނަމަވެސް ލިއަމްއަށް ހަރަކާތެއް ކޮށްލާކަށް ވެސް ނޭނގުނެވެ. އޭނާއަށް ގިނައިން ބެލެނީ ސާރާއަށެވެ. ސާރާގެ ކުރިމަތީގައި ތަޅާފޮޅުމެއް ފަށަން އޭނަ ބޭނުންނުވީ ކީއްވެކަމެއް ހުދު އޭނާއަށް ވެސް ނޭނގުނެވެ. ބައެއް ފަހަރު ބާތަކުގައި ހިނގާ ހަމަނުޖެހުމުގައި ވެސް ލިއަމްއަކީ މަޑުން ހުންނަ މީހެއް ނޫނެވެ. އެހެން ނަމަވެސް މިއަދު އެ ކުއްޖާ އޭނާގެ ކުރިމަތީގައި ހުރުމުގެ ސަބަބުން ނޭނގޭ ބާރަކުން ހީވަނީ ލިއަމްގެ އަތުގައި ހިފައްޓާފައި ހުރިހެންނެވެ.
ސާރާ ދުވެފައި ގޮސް ގެއަށް ވަން އިރު ގޭ ތެރޭގައި ފާރޫޤާ ސަލްމާގެ އިތުރުން ފަޒީލާއާއި ވާސިމު ވެސް ތިއްބެވެ. ސާރާ ހަމަޖެހެން މަސައްކަތް ކުރިއެވެ. އެ އެންމެންގެ ކުރިމަތީގައި އޭނާ އިޙްސާސްތައް ހިންދައިލަން މަސައްކަތް ކުރިއެވެ.
"އަނހާ! ސާރާ... އަދި ކިރިޔާ ދޯ އާދެވޭ ވަރުވީ، މިހާރު ފަޒީލައްތަ މެން ތިބޭތާ ވެސް ގަޑިއިރަކަށް ވުރެ ގިނައިރުވެއްޖެ! ޒައިދުއާ ދިމާވި ދޯ... ދެންމެ ހަމަ އެ ނުކުތީ ފޯނެއްގަ ހުރެ" ފަޒީލާ ބުނެލިއެވެ.
ފަޒީލާގެ އެ ސުވާލާ އެކު ސާރާގެ މޫނުމަތި ބަނަވިއެވެ. ކިތަންމެ ފޮރުވަން އުޅުނު ނަމަވެސް ސާރާއަށް އޭނާގެ މޫނުމަތީގެ ކުލަވަރު ފޮރުވައެއް ނުލެވުނެވެ. އޭނާ އިސްޖަހައިލީ އެ މަންޒަރު އެންމެނަށް ފޮރުވުމަށެވެ. އެހެން ނަމަވެސް ސަލްމާއަށް އެކަންތައް ފާހަގަކުރެވުނެވެ.
"ދަރިފުޅާ! ކިހިނެއްވީ؟ ހާދަ ހާސްވެފަ ހުރި ހެން ހީވެޔޭ" ސަލްމާ އަހައިލިއެވެ.
"ވަރަށް ބުރަކޮށް އުޅެފަ މިއައީ...ވަރަށް ވަރުބަލި ވެފަ މިހުރީ، އެހެންވީމަ ކަންނޭނގެ! "
ސާރާ ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ. ސަލްމާ ވެސް އިތުރު ސުވާލެއް ނުކުރެއެވެ.
"ފަޒީލައްތަ ފައިގެ ޕްލާސްޓަރު ނައްޓައިގެން ދަމުން މި ހިސާބަށް ކައިރިކޮށްލީ"
ސަލްމާ ހިނިތުންވެލިއެވެ. ސާރާ ބޯ ޖަހާލަމުން މައްޗަށް އަރަން ހިނގައިގަތީ އިތުރަށް ހުންނަން ވެއްޖެނަމަ މަންމައަށް ކަމެއް ފާހަގަ ވެދާނެތީއެވެ.
ލިއަމްއަށް ހުރެވުނީ ސާރާ ދިޔަ ދިމާލަށް ބަލަހައްޓައިގެންނެވެ. އޭރު މަގުމަތިން އޭނައާއި ޒައިދު ނޫނީ ދިރޭ ފުރާނައެއްގެ ހިލަމެއް ވެސް ނުވެއެވެ. ޒައިދު ލިއަމްއާ ކައިރިއަށް ޖެހިލިއެވެ. އެއްމިޔަކަށް ހިނިތުންވެލަމުން އޭނާ ވާހަކަ ދެއްކިއެވެ.
"ސާރާ އެއީ މަގޭ މީހެއް، ކަލޭ އޭނާއާއި ވައި ވެސް އެޅިގެން ނުވާނެ" ޒައިދު އިންޒާރުގެ ބެލުމަކުން ލިއަމަށް ބަލާލިއެވެ. އެއަށްފަހު ގޮސް ވަނީ ސާރާމެން ގެއަށެވެ.
"ސާރާ" ލިއަމްގެ ތުންފަތް ފޫދުއްވާލާފައި އެ ލަފުޒު ނުކުތެވެ. އޭނާ ސާރާމެން ގޭ ގޭޓަށް ބަލަން ހުރުމަށްފަހު ގެއަށް ވަނީ ތުންފަތުގައި އަތް ހާކަމުންނެވެ. އޭރުވެސް އޭނާގެ އަނގައިގައި ލޭ ރަހަ ލަމުންދިޔައެވެ.
ގޭތެރެއަށް ވަދެ އެންމެ ފުރަތަމަވެސް ކައިރިވީ ޒިންކާއެވެ. ޒިންކުގެ އިސްކުރު ދޫކޮށްލާފައި ތުންފަތް ފެނުން ދޮވެލުމަށްފަހު ކޯ ދޮވުނެވެ. ތަދުވާތީ އޭނައަށް އަނގަޔަށް ގޮތެއް ހަދާލެވުނެވެ. މައްޗަށް އަރާ ކޮޓަރިއަށް ވަނެވެ. އެއަށްފަހު އޭނާ އެނދުމައްޗަށް ވެއްޓިގަތެވެ.
"ސާރާ" ދުލަށް ފަސޭހަ ނަމެކެވެ. އެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވި ނަމަވެސް ދެވަނަ ސިކުންތުގައި ޒައިދުގެ ވާހަކަ އެ ކަންފަތުގައި ގުގުމާލުމާއެކު އެ ހިނިތުންވުން ފަނޑުވިއެވެ.
އެނދުން ތެދުވަމުން ނޯޓު ފޮތް ނަގާފައި, އޭނާ ލިޔުނު ސުވާލުތަކަށް ނަޒަރު ހުއްޓާލިއެވެ. ފޮތް ކުރިން އޮތް ތަނުގައި ބާއްވަމުން ލިއަމް ޓެރެސްއަށް ނުކުމެލިއެވެ.
ދުރުން ފެންނަ ފަރުބަދަތަކާ، ވާދީތަކަށް އޭނަ ނަޒަރު ހުއްޓާލިއެވެ. ހިތަށް ފިނިކަން ގެނެސްދޭ މަންޒަރެއް ކަމުގައި އެ މަންޒަރު ވިއެވެ.
އިރުކޮޅަކު އިށީނދެގެން އިނދެފައި ކޮޓަރިއަށް ވަނެވެ. އޭރު އޭނާގެ ސިކުނޑީގައި ރަސްކަން ކުރަމުން ދިޔައީ ޒައިދުގެ ހިޔާލުތަކެވެ.
*****
ނަމާދުކޮށްގެން ޤުރުއާން ކިޔަވާ ނިންމާލާފައި ސާރާ ކުޑަދޮރު ހުޅުވާލިއެވެ. މިއަދު ހިނގި ހާދިސާ މަތިން އޭނާ ހަނދާން ނެތޭ ގޮތެއް ނުވެއެވެ. ބައެއް ފަހަރު ބޭއިޚްތިޔާރުގައި، އޭނާގެ ލޮލަށް ކަރުނަ ޖަމާވަނީ، ޒައިދުގެ ކިބައިން ސަލާމަތް ނުވެވުނު ނަމަ ދެން ވާނެ ގޮތް ހިތަށް އަރާފައެވެ. އޭނާ ސަލާމަތް ކޮށްދިން ޒުވާނާއަށް ޝުކުރު އަދާކުރަން ޖެހޭނެއެވެ. ވިސްނުން ތަކުގައި ހުރި ސާރާ މޭޒު ކައިރިއަށް ޖެހިލާ، ގަނޑެއްގައި ޝުކުރުގެ ބަސްކޮޅެއް ލިޔެލިއެވެ. އެއަށްފަހު ޓެރެސްއަށް ނުކުމެލިއެވެ.
ގަނޑުކޮޅު ބޮނޑި ކޮށްލުމަށްފަހު އޭނަ އެ ޒުވާނާ އުޅޭ ގޭގެ ޓެރެސްއަށް އެއްލިއެވެ. އިރުކޮޅަކު ޓެރެސްގައި މަޑުކޮށްލުމަށްފަހު ސާރާ އެތެރެއަށް ވަނީ ފިނި ބޮޑުވެގެންނެވެ.
***
ފެންވަރާއިގެން ނުކުތް ލިއަމް އޭނާގެ އިސްތަށިގަނޑުގައި ހުރި ފެންތައް ދެފަރާތައް ފޮޅައިލިއެވެ. ލިއަމް ގަސްތުކޮށްގެން ހުރީ ކުޑަގޮތަކަށް ނޫޑުލިސް ކޮޅެއް ހަދައިލައިގެން ކާލަން ކަމަށް ވިޔަސް, ކަންނެތްވެފައި ހުރުމުން އޭނާ ނިންމީ ކޮފީއަކުން ހަމަޖައްސާލާށެވެ.
ތިރިއަށް ގޮސް ކޮފީއެއް ގިރާލައިގެން ޓެރެސްއަށް ނުކުތީ ލެޕްޓޮޕް ވެސް ހިފައިގެންނެވެ. ކޮފީތަށިން އެތި ފޮދެއް ބޮއިލުމަށްފަހު އޭނާ ލެޕްޓޮޕް ހުޅުވާލިއެވެ. އެއަށްފަހު އޭނާ މިހާރު ލިޔަމުން ގެންދާ ޑޮކިއުމެންޓް ހުޅުވާލިއެވެ.
ލިޔުމުގެ ކުށްތައް ފިލުވަން އުޅުނު ނަމަ ވެސް އިރުއިރު ކޮޅާ މިއަދުގެ ހާދިސާ އޭނާއަށް ހަނދާންވާތީ، އެކަން ކުރަންވީ ދަތި ކަމަކަށެވެ. ކޮފީ ތަށިން އެތި ފޮދެއް ބޮއިލަމުން ލިއަމް މަސައްކަތް މަޑު ޖައްސާލިއެވެ. ފޯނު ނަގާ އެރިކް އޮންލައިންގައި އިންތޯ ބަލާލިއެވެ. ނަސީބު ދެރަކަމުން އެރިކް އިނީ އޮންލައިން އަކު ނޫނެވެ.
ހުސްގަޔާ އިނުމުން އަންނަމުންދިޔަ ވައިރޯޅިތައް އޭނާގެ ހަށިގަނޑުގައި އެއްވެސް ހުރަހެއްނެތި ބީހެމުން ދިޔައެވެ. ބަރާބަރަށް ކަސްރަތުކޮށް އުޅޭތީ ލިއަމްގެ ހަށިގަނޑުގެ މަސްތައް ވަރަށް ވަރުގަދައެވެ. ފިރިހެންވަންތަ ހަށިގަނޑެކެވެ. ބޮލުގެ އިސްތަށިތައް ހޭވިފައި ހުރިނަމަވެސް ހިތްގައިމެވެ.
އިރުކޮޅަކު މަސައްކަތުގައި އިނދެފައި ތެދުވި ވަގުތު އޭނާގެ ލޮލުގައި މޭޒާ ދިމާ އެއްފަރާތައް ވެއްޓިފައި އޮތް ގަނޑުކޮޅު އަޅައިގަތެވެ. އޭނަ އެ ގަނޑުކޮޅު ނަގާ ނިއުޅުވައިލީ ސާރާގެ ގަނޑުކޮޅެއް ކަން ޔަޤީން ކުރާ ޙާލުގައެވެ. އޭގައި އޮތީ ޝުކުރު އަދާކޮށްފައެވެ. ތިރީގައި ހިނިތުންވެފައި އިން މޫނެއް ކުރަހާލާފައި އިންތަން ފެނި ލިއަމްއަށް ވެސް ބޭއިޚްތިޔާރުގައި ހިނިތުން ވެވުނެވެ. ދެ ފަރާތަށް ބޯ ހޫރާލަމުން ލިއަމް ގޮސް ގޮނޑީގައި އިށީނެވެ. އެއްފައި މައްޗަށް އަނެއް ފައި އަރުވާލަމުން އޭނާ އެ ގަނޑަށް ބަލަން އެތައް އިރަކު އިނެވެ.
އެހެން އިނދެފައި އައި ޚިޔާލަކުން ކޮޓަރިއަށް ވަދެފައި ދެން އައިއިރު, އޭނާގެ އަތުގައި ގަނޑުކޮޅެއް އޮތެވެ. ސާރާމެން ގޭ ޓެރެސްއަށް ގަނޑުކޮޅު އެއްލުމަށްފަހު, އެ ހިނިތުންވުން ފުޅާކޮށްލަމުން ލެޕްޓޮޕާ އެއްޗެހި ހިފައިގެން އޭނާ ވަނީ އެތެރެއަށެވެ.
އެނދުގައި އޮށޯވެލި ނަމަވެސް ނިދީގެ އެއްވެސް އަސަރެއް ލިއަމްގެ ލޮލުގައި ނުވެއެވެ. އޭނަ އެ އިންތިޒާރު ކުރަނީ އޭނާގެ ސުވާލު ތަކުގެ ޖަވާބު ސާރާ ދޭނެ އިރަކަށެވެ.
ﷲ ގެ ކުޅަދުންވަންތަ ކަމުގެ ހެކި ބަލާލި ކޮންމެ ދިމާލަކުން ލިބެންޏާ އޭނައަށް އެ ހެކިތައް ނުފެންނަނީ ކީއްވެހެއްޔެވެ؟ ވިސްނުން ގެންދަންވީ ކޮން ދިމާލަކަށް ހެއްޔެވެ؟ ލިއަމް އަށް ވިސްނެނީއެވެ. ސާރާގެ ޖަވާބަކަށް އޭނާ ވަނީ ކެތް މަދުވެފައެވެ.
*****
ފަތިސް ނަމާދުކޮށް ނިމިގެން ސާރާ ނުކުތް އިރު ޓެރެސްގައި ގަނޑުކޮޅެއް އޮތެވެ. އޭނާ އޭގައި ލިޔެފައިވާ އެއްޗެއް ކިޔާލިއެވެ. އެއާއެކު އޭނާގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.
"ލިއަމް" ތިރީގައި މިފަހަރު އޮތީ އެލް އަކުރެއްގެ ބަދަލުގައި ފުރިހަމަ ނަން ލިޔެފައެވެ. ސާރާ ގަނޑުކޮޅު ހިފައިގެން އެތެރެއަށް ވަދެފައި މޭޒު ދޮށުގައި އިށީނެވެ. އޭނާ އޭގެ ޖަވާބު ލިޔާނީ ކިހިނެއް ހެއްޔެވެ؟ ލިއަމްއަކީ ކޮން ދީނެއް ޤަބޫލު ކުރާ މީހެއް ހެއްޔެވެ؟ ހިންދޫއެއް ހެއްޔެވެ؟ ކްރިސްޓިއަނެއް ހެއްޔެވެ؟ ނޫނީ އެތީސްޓެއް ހެއްޔެވެ؟
އޭނާ ލިއަމްގެ އެ ސުވާލުތަކުގެ ޖަވާބު ދޭނީ ކިހިނެއް ހެއްޔެވެ؟ އެފަދަ ވިސްނުން ތަކެއްގައި އިން ސާރާގެ ސިކުނޑީގައި ގުގުމައިލީ އަލް އިމްރާން ސޫރަތުގެ 190 ވަނަ އާޔަތެވެ.
"ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާ ތަފާތުވުމުގައި، ބުއްދީގެ أهل ވެރިންނަށް ކަށަވަރުވެގެންހުރި ހެކިތަކެއްވެއެވެ. "
އާޔަތުގެ މާނަ ލިޔެލުމަށްފަހު ދެން ސާރާ ލިޔަން ގަސްތުކުރީ އައް ރަޢްދް ސޫރަތުގެ ދެ ވަނަ އާޔަތާއި ތިން ވަނަ އާޔަތުގެ މާނައެވެ.
"اللَّه އީ، ތިޔަބައިމީހުންނަށް ފެންނަ ތަނބުތަކަކާ ނުލައި، އުޑުތައް އުފުއްލެވި ރަސްކަލާނގެއެވެ. ދެން عرش ގެ މައްޗަށް އެކަލާނގެ استواء ވެވޮޑިގަތެވެ. އަދި އިރާއި، ހަނދު خدمة ތެރި ކުރެއްވިއެވެ. (އެއިން) ކޮންމެ އެއްޗެއް ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގަހިނގާ ހުރެތެވެ. ހުރިހާ ކަމެއް އެކަލާނގެ تدبير ކުރައްވަތެވެ. آية ތައް تفصيل ކޮށްދެއްވަތެވެ. (އެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނޭކަން، ތިޔަބައިމީހުން يقين ކުރުމަށްޓަކައެވެ."
"އަދި އެކަލާނގެއީ، ބިން ފަތުރުއްވައި، އެ ބިމުގައި ހަރުލައި ހުންނަ ފަރުބަދަތަކާއި، ކޯރުތައް ލެއްވި ރަސްކަލާނގެއެވެ. އަދި އެއީ، ހުރިހާ ބާވަތެއްގެ މޭވާތައް، ޖޯޑުޖޯޑަށް (ދެވައްތަރުން ދެވައްތަރުން) ލެއްވި ރަސްކަލާނގެއެވެ. (އަދި) އެކަލާނގެ ރޭގަނޑުން ދުވާލު ނިވައިކުރައްވަތެވެ. ހަމަކަށަވަރުން، އެ (ހުރިހާ) ކަންތަކުގައި ފިކުރުކުރާ ބަޔަކަށް، ހެކިތަކެއް ވާކަން ކަށަވަރެވެ."
ސާރާ އޭނާ ލިޔުނު އާޔަތް ތަކުގެ މާނައާ މެދު ފުންކޮށް ވިސްނުމަށް އެދުނެވެ. އެއަށްފަހު ގަނޑުކޮޅު ފޮތް ތެރެއަށް ލާފައި ބޭއްވިއެވެ. އޭނާ ބޭނުންވީ ލިއަމް ފެނުމުން އެ ގަނޑުކޮޅު ދޭށެވެ.
ކޮލެޖަށް ދާ ގަޑި ކައިރިވުމުން ރީތިވެގެން ފޮތްތައް ދަބަހަށް އަޅައިގެން ނުކުތް އިރު, ބައްޕަ ފާރޫޤު އޮފީހަށް ދާން ތައްޔާރު ނުވެ ހުރުމުން ސާރާ ސުވާލުކޮށްލިއެވެ.
"ބައްޕަ އޮފީހަށް ނުދަނީތަ؟ ބަލިވެތަ؟" އެއަޑުގައި ހިސާބެއްގެ ހާސްކަމެއް ވެއެވެ. ފާރޫޤު ބުނީ އޭނާ ބޮލުގައި ރިއްސާ އެނބުރުން އަރާތީ، މިއަދު އޮފީހަށް ސަލާމް ބުނީ ކަމުގައެވެ.
ސައިބޮއިގެން ސާރާ ގެއިން ނުކުތް އިރު، ޖެހިގެން ހުރި ގޭ ގޭޓު ހުޅުވާލާފައި ލިއަމް ވެސް ނުކުންނަނީއެވެ. އޭރު އޭނާގެ ކޮނޑުގައި ބެކްޕެކެއް އަޅުވާލާފައި އޮތެވެ.
ސާރާ ފެނުމާއެކު ލިއަމް ހިނިތުންވެލިއެވެ. ރައްދުގައި ސާރާ ވެސް ހިނިތުންވުމެއް ލިއަމްއަށް ހަދިޔާ ކޮށްލިއެވެ. ކަމެއް ހަނދާންވާ ފަދައަކުން ސާރާ ކޮނޑުގައި އަޅުވާފައި އޮތް ދަބަހުގެ ތެރެއިން ފޮތެއް ނެގިއެވެ. އެއަށްފަހު އޭގެތެރެއަށް އޭނަ ލީ ގަނޑުކޮޅު ނަގާފައި ލިއަމް އާ ހަވާލުކޮށްލިއެވެ. އޭގައި ޖަވާބު އޮންނާނެއޭ ބުނުމަށްފަހު، އިތުރަށް އެއްޗެއް ނުބުނެ އޭނާ ހިނގައިގަތީ ކޮލެޖާ ދިމާލަށެވެ.
ސާރާ ދިޔަ ދިމާލަށް ބަލަން ހުރުމަށްފަހު ލިއަމް ގަނޑުކޮޅު ނިއުޅުވާލާ އޭގައި ލިޔެފައި އޮތް އެއްޗެއް ކިޔައިލިއެވެ.
އެއާއެކު އޭނާގެ ގައިން ހީބިހި ނެގިއެވެ. އެންމެ ފުރަތަމަވެސް އޭނާއަށް ބަލައިލެވުނީ އުޑާ ދިމާލަށެވެ. ފުރަތަމަ ފަހަރަށް އެ އުޑާ މެދު ވިސްނާލަން މަޖުބޫރުވިއެވެ.
އަޅުވާފައި އޮތް ބެކްޕެކަށް އެ ގަނޑުކޮޅު ލަމުން އޭނާ ހިނގައިގަތެވެ. މިއަދު ލިއަމްގެ މަސައްކަތަކަށް ވީ ޕާކިސްތާނުގެ ކެއުންތަކާ ބެހޭ މައުލޫމާތު ކޮޅެއް އެއްކޮށްލުމެވެ. ބޭނުންވާ ބައެއް މައުލޫމާތު ވެސް ލިބުނެވެ.
"އައްސަލާމް ޢަލައިކުމް" ލިއަމް ގޮސް ތަރުކާރީ ވިއްކާތަނަކަށް ހުއްޓުމާއެކު އެތަނުގައި ހުރި ދެބައި އުމުރެއްގެ މީހަކު ސަލާމް ގޮވައިލިއެވެ. ލިއަމް ހިނިތުންވެލިއެވެ. އެތަނުން އޭނާ ހިނގަމުން ދިޔައީ ބައެއް ފޮޓޯތައް ވެސް ކެމެރާގައި ރައްކާ ކުރަމުންނެވެ.
މަސައްކަތުގައި އުޅެލާފައި އައިސް ވަން ތަނާ އޭނާއަށް އެރިކް ގުޅައިފިއެވެ. އެއާއެކު ލިއަމް ފޯނު ނެގިއެވެ.
"އޭތް! މަ ބުނީ އެއްކަލަ ޒައިދު އެބަ އުޅޭ މިކޮޅުގަ، ހަނދާންވޭތަ؟" ލިއަމް ކުއްލިއަކަށް ކަމެއް ހަނދާންވާ ފަދަ އަކުން ވާހަކަ ދެއްކިއެވެ.
"ހުވާ؟" އެރިކް ހައިރާން ކަމާއެކު އަހައިލިއެވެ.
"މަ ފެންނައިރަށް އެ އައި ގޮތަށް އައިސް ގޮށް މުށުގެ ހަމަލާއަކުން މަރުޙަބާކީ" ލިއަމް ބުނެލިއެވެ.
"ދެން ކަލޭ ހަމަ ހުރި ގޮތަށް ހުރީ؟" އެރިކް އަހައިލިއެވެ. އޭނާ ހިނިގަނޑެއް ޖަހައިލިއެވެ.
"މަ ދެން އަޅާނުލީ ބަޔަކު މީހުން އެއް ނުކުރަންވެގެން ދޯ" ލިއަމް ވެސް ހީގަތެވެ.
"ކޮންތާކުން އޭނަ އާ ދިމާވީ؟" އެރިކް ޝައުގުވެރިކަމާއެކު ސުވާލުކޮށްލިއެވެ. ލިއަމް ކުޑަގޮތަކަށް އިއްޔެގެ ހާދިސާ ކިޔައިދިނެވެ.
"އޭނަ ޕާކިސްތާނުތަ؟ ވަރަށް ހީނުވޭ!..." އެރިކް ބުނެލިއެވެ. އެތައް އިރަކު ދެމީހުން ވާހަކަ ދައްކަން ތިއްބެވެ.
*****
ރޭގަނޑެކެވެ. އޮށޯވެ އޮތް ލިއަމްގެ ނަޒަރު ހުރީ ސީލިންގަށް ހުއްޓިފައެވެ. އޭގެ ފަހުން ދެ ދުވަސް ފާއިތުވެގެން ދިޔައިރު ވެސް, އޭނާއަށް ސާރާ ފެންނަ ގޮތެއް ނުވެއެވެ. އެހެންނަމަވެސް, އިއްޔެގެ ވަގުތެއްގައި ވެސް ޒައިދު އިތުރު މީހަކާއެކު, ސާރާމެން ގެއަށް އައި ތަން އޭނައަށް ފެނުނެވެ. އެކަމުގެ ސަބަބުން އޭނާގެ ހިތަށް ނޭނގޭ އުނދަގޫތަކެއް ވަނީއެވެ.
ސާރާއާއި ޒައިދުއާ އޮތީ ކޮން ގުޅުމެއްހެއްޔެވެ؟ ސާރާ އަކީ އޭނާގެ މީހެކޭ ޒައިދު އެ ބުނީ ކީއްވެހެއްޔެވެ؟ ލިއަމްގެ ހިތުގައި ތަފާތު ޝުއޫރުތައް ދައުރުވަމުން ދިޔައެވެ.
އޭނާއަށް ސާރާ ވަރަށް ކަމުދެއެވެ. މުސްލިމް އަންހެން ކުއްޖަކަށް ވީތީ ނަފްރަތު ކުރަން އިންތިހާ ބޭނުން ނަމަވެސް, އޭނާއަށް ސާރާގެ މަޑުމައިތިރި މިޒާޖު ކަމުދަނީއެވެ. ޤަބޫލުކުރަން ބޭނުން ނޫނަސް ހިޖާބު އަޅާ ފޮރުވިގެން ހުރުމުން އޭނާގެ ހިތުން ޚާއްސަ ޤަދަރެއް ސާރާއަށް ދެވިއްޖެއެވެ.
އޭނާގެ ޙަޔާތަށް މީގެ ކުރިން މުޅިންވެސް އައިސްފައިވަނީ ޒަމާނީ ފެޝަނަށް ލޯބިކުރާ އަންހެން ކުދިންނެވެ. އޭގެ ތެރެއިން ކޮންމެ ކުއްޖަކީ ވެސް އެތައް ފިރިހެނަކާއެކު ވިޔާނުދާކޮށް އުޅެފައިވާ ކުދިންތަކެކެވެ. ބާތަކުގައި އާއި ހޮޓެލްތަކުގައެވެ. އޭރު އޭނާއަށް އެއީ މައްސަލައެއް ނޫނެވެ.
އެހެންނަމަވެސް ސާރާ ފެނި ވިސްނުން އެހެން ދިމާލަކަށް ފުރޮޅާލަން މަޖުބޫރު ވެއްޖެއެވެ. އޭނާގެ ހަޔާތަށް މީގެ ކުރިން އައި އަންހެން ކުދިންނާ ސާރާ އާއި އަޅާ ކިޔޭތީ އެކަމާ ޚުދު ލިއަމް ވެސް ހައިރާންވެއެވެ. ސާރާ އަކީ ޢިއްފަތްތެރި އަންހެން ކުއްޖެއްކަން އޭނާގެ ސިކުނޑި އޭނާއަށް ޔަޤީންކަން އަރުވަމުންދާ ފަދައެވެ.
އެ ދުވަހުގެ ހާދިސާގައި ސާރާ އެހާ ވަރަށް ޒައިދު ދުރުކުރުވަން އުޅޭނީ ގައިމު ކަމެއް ވީމަތާއެވެ.
"ޒައިދު އޭނަގެ މީހެކޭ ބުންޏަސް، ސާރާގެ މޫނުމަތީގެ ކުލަވަރު ތަކުން ދޭހަވަނީ އެހެން އެއްޗެއް... ހަމަ ގައިމުވެސް ސާރާ އަދި މީހަކާ ނީންނަކަން ޒައިދުގެ ވާހަކަތަކުން އަހަންނަށް ޔަޤީން... އެކަމަކު ޒައިދު އެހެން އެ ބުނީ ކީއްވެ؟ ސާރާ އާއި އިންނަން އުޅެނީތަ؟" ކުއްލިއަކަށް ވެރިވި ޚިޔާލާއެކު ލިއަމްއަށް ފުންމައިގެން ތެދުވެވުނެވެ.
"ނޫން.... އަހަންނަށް މި ވަނީ ކިހިނެއްތަ؟ ސާރާ އެހެން މީހެއްގެ ހައްގަކަށް ވާން ދޫކޮށްލަން މިހިތް ނޭދެނީ ކީއްވެތަ؟ އަހަރެންގެ ހިތުގައި އެ އަންހެން ކުއްޖާއަށްޓަކައި އުފެދިގެން މިއުޅޭ އިޙްސާސްތައް ހިންދައިލާނީ ކިހިނެއްތަ؟ " ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން ލިއަމް ފުން ނޭވާއެއްލާ ދެ ލޯ މަރާލިއެވެ.
ދެން ވިސްނެން ފެށުނީ އަނެއްކާވެސް މުސްލިމުންނާ މެދުގައެވެ. ސާރާ ދިން ގަނޑުކޮޅު ހިފައިގެން އައިސް އޭނާ އޭގައި ލިޔެފައި އޮތް އެއްޗެއް ކިޔަން ފެށިއެވެ. ވިސްނަމުންނެވެ. ވިސްނި ވަރަކަށް އިތުރު ކަންތައް ތައް އެނގެން ޝައުގުވެރިވިއެވެ. ސާރާ ފޮނުވާ ކޮންމެ ޖަވާބެއްގެ ސަބަބުން، ޤުރުއާނުގެ އިތުރު އާޔާތްތަކާއި އޭގެ މާނަ އެނގެން އޭނަ ބޭނުންވަނީ ކީއްވެހެއްޔެވެ؟ އޭނާ މި ކަންކަމަށް ޝައުގު ވެރިވާކަން އެނގިއްޖެއްޔާ އޭނާގެ އެކުވެރިން ބުނާނީ ކީކޭ ހެއްޔެވެ؟ އޭނާގެ ހުރިހާ އެކުވެރިންނަކީ ވެސް, އިސްލާމް ދީނާ ވަރަށް ދެކޮޅު އެކުވެރިން ތަކެކެވެ. އޭގެތެރޭގައި ހިންދީންނާއި ކްރިސްޓިއަނުންނާއި އެތީސްޓުންވެސް ހިމެނެއެވެ. އެންމެ ގާތް އެކުވެރިޔާ އެރިކްއަށް ވެސް އެ ހުރިހާ ކަމެއް ސިއްރުކުރަނީ އެހެންވީމައެވެ. ފަހަރެއްގައި ވެސް އެކުވެރިންގެ ފުށުން އޭނާއަށް ނަފުރަތު ރައްދުވާން ނޭދޭތީއެވެ. މަލާމާތް ރައްދުވާން ނޭދޭތީއެވެ.
ލިއަމް ޓެރެސްއަށް ނުކުމެލިއެވެ. ޖެހެމުން ދިޔަ ތާޒާ ވައިރޯޅިތަކުގެ ސަބަބުން އޭނާގެ ހަށިގަނޑަށް އަރާމުވިއެވެ. ނިދި ނައިސް ގިނަ އިރުވާން ފެށުމުންނާ، އެ ހަށިގަނޑުގައި އުފެދެމުން ދިޔަ އުދާސްކަމުގެ ސަބަބުން، ލިއަމް ގަސްތުކުރީ ސައިކަލުގައި ދުއްވާލަން ދިޔުމަށެވެ.
ސައިކަލަށް އަރާ ހެލްމެޓް އަޅައިލުމަށްފަހު އޭނާ ސައިކަލު ސްޓާރޓް ކޮށްލިއެވެ. ސައިކަލުގެ ދުވެލި އާދައިގެ ވަރެއްގައި ބަހައްޓައިގެން ލިއަމް ދުއްވަމުން ދިޔައިރު ފަޒާގެ ތެރޭގައި އާދަޔާ ޚިލާފު ތެތްފިނި ކަމެއް ރަސްކަން ކުރަމުން ދިޔައެވެ. ޖެކެޓެއް ލައިގެން އިން ނަމަވެސް އޭނާގެ ހަށިގަނޑަށް ވެސް ކޮންމެވެސް ވަރަކަށް ފިނިވަމުން ދިޔައެވެ.
މަގުގެ އެއްފަރާތުގައި ހުރި ކާ އެއްޗެހި ވިއްކަމުން ދިޔަ ތަނަކަށް މަޑުކޮށްލާ އޭނަ އެތަނުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީނެވެ. ސައިތައްޓަކަށް އެދުމުން ލަސް ތަކެއް ނުވެ މުސްކުޅިވަރެއްގެ ފިރިހެނަކު އައިސް އޭނާއަށް ސައިތައްޓެއް ދިއްކޮށްލިއެވެ. އަދި ހިނިތުންވެލިއެވެ. ލިއަމް އޭނާއަށް ބަލައިލުމަށްފަހު ޝުކުރު އަދާކުރިއެވެ.
ކޮންމެވެސް ވަރަކަށް ނުތަނަވަސްކަން ފިލާ ހަމަޖެހިލެވުނެވެ. ބޭރުގައި އުޅެފައި ގެއަށް ދެވުނު އިރު އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. ނިދަން އެނދުގައި އޮށޯތުމާއެކު ވިސްނެން ފެށުނީ ޒައިދުއާ މެދުގައެވެ. އެއާއެކު އޭނާގެ ވިސްނުމާ ގުޅުނީ މީގެ އަހަރެއްހާ ދުވަސް ކުރީގެ ހަނދާން ތަކެކެވެ.
****
ލިއަމް އޭނާގެ ލޯބިވެރިޔާ ޖެސިކާ އާ އެކު މަޝްހޫރު ކްލަބެއް ކައިރިއަށް ކާރު މަޑުކޮށްލިއެވެ. އެއްފަރާތުގައި ކާރު ޕާކު ކޮށްލާފައި ޖެސިކާގެ އުނަގަނޑުގައި އަތް އަޅުވާލަމުން އެތަނުގެ އެތެރެއަށް ވަންނަން ލިއަމް ހިނގައިގަތެވެ.