"އަޖައިބެއް ނުވާނެތަ، ބަލަ އަހަރެން ކީއްކުރަންހޭ އޭނަ ކައިރިއަށް ވަންނަންވީ؟... އަންހެން ކުދިންނާ ފޮށި ހެދިޔަސް، އަހަންނަކީ މީ ތިހާ ވިޔާނުދާ މީހެއް ނޫނޭ... އަހަރެން ކުރާ ކަމެއް ކުރާނީ އަންހެންމީހާގެ ވެސް ރުހުމުގަ..." ދާރިޝް ރުޅި އައިސްފައި ބުންޏެވެ.

********

އަހަރެންގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. އެ ބިރުވެރި ވަގުތުކޮޅުގެ ހަނދާންތައް ދެންމެ ވީކަމެއްހެން ފެންނަން ފެށިހެން ހީވި އެވެ. އެއީ ދާރިޝް ހެއްޔެވެ؟ އެހެންވިއްޔާ އެއީ ހާދަ ގޮތެއްފޮތެއް ނެތް އިންސާނެކެވެ. ލޮލުން ފެނި އަތުން ހިފުމުން ނޫނީ އެފަދަ މީހުން ކުށަށް އިއުތިރާފު ނުވާނެއޭ ހިތް ބުންޏެވެ.

"ކުރިން މިތަން ހުސްކޮށް ހުރިއިރު، ބޭނުންހާ އިރަކު އައިސް އުޅުނަސް އަހަރެން އެއްޗެއް ނުބުނަމެއްނު... އޭރު ނުބަލަމެއްނު ދާރިޝްމެން އައިސް މިތާ ކުރަނީ ކީއްތޯ ވެސް... އެކަމަކު މިހާރު އެހެން ނޫޅެވޭނެކަން އެންމެ ރަނގަޅަށް އެނގޭނީ ވެސް ދާރިޝްއަށް... ނީހާ އެހުރީ އަހަރެންގެ ބެލުމުގެ ދަށުގަ... އޭނައަށް ދެރަގޮތެއް ވާކަށް ފުރުސަތެއް ނުދެވޭނެ..." ރުޅި އައިސްފައި ވާހަކަ ފެށި ނަމަވެސް، ފަހު ޖުމުލަ އާއިއެކު އަޒްމަންގެ އަޑަށް މޮޅިވެރިކަން ވެރިވެއްޖެ އެވެ.

"ރަނގަޅޭ... އަހަރެން ނޫޅެމޭ ތިކަން ޤަބޫލު ނުކުރާކަށް..." ދާރިޝް އެއްބަސް ވިއެވެ. "އެތައް ދުވަހަކު އެކީ އުޅުނު އެކުވެރިއަކަށްވުރެ، އިއްޔެ ފެނުނު އަންހެން ކުއްޖެއްތަ އަޒޭއަށް މުހިއްމުވީ؟..." ޝަކުވާއިން ފުރިފައިވާ ރާގަކަށް ދާރިޝް ސުވާލު ކުރި އެވެ.

"އެކުވެރިއަކަށް ވީތީއޭ މިބުނަނީ، މިކަންތައް ގޯސްނުވަނީސް، ތެދަށް ބުނާށޭ... ދާރިޝްއަށް ރަނގަޅަށް އެނގޭނެ ކަމެއް ނުވަނީސް އަހަރެން މިކަހަލަ ވާހަކައެއް ނުދައްކާނެކަން.." އަޒްމަން ބުނި އަޑު އިވުނެވެ.

ކަނުލައި އަޑުއަހަން އޮތްއިރު، އަހަރެންގެ ހިތް ތެެޅެނީ އެވެ. އެމީހަކީ ދާރިޝް ކަމުގައި ހިތް ބުނަމުން ދިޔައެވެ. ހިތުގައި އުފެދިގެން އައި ރުޅިވެރިކަމުގައި ދަތްތަކަށް ބާރުކޮށްލެވުނެވެ. އޭރު ދެއަތް މުށްކެވި ސޯފާގެ ފޮތިގަނޑުގައި ބާރަށް ހިފަހައްޓާލެވިއްޖެ އެވެ.

ދާރިޝް އެއްޗެއް ބުނާ އަޑެއް ނީވެ އެވެ. ކުޑަކޮށް ލޯ ހުޅުވައި ބަލައިލީމެވެ. އަހަރެން އޮތް ސޯފާގެ ކައިރީގައި ދެމީހުން ވެސް ތިބީ ކޮޅަށެވެ. ދާރިޝް ހުރީ އެއްދިމާއަކަށް ބަލަހައްޓައިގެންނެވެ. ހީވާގޮތުން އޭނާ ކޮންމެެސް ކަމަކާއި ވިސްނަނީ އެވެ. އަޒްމަން ފުރަގަސްދީގެން ހުރުމުން، އޭނާގެ މޫނު ފެންނަވަރެއް ނުވި އެވެ.

"ގެނޭ ތަޅުދަނޑި..." ފާއިތުވެގެންދިޔަ ހިމޭންކަމުގެ ވަގުތުކޮޅު ނިމިގެން ދިޔައީ، އަޒްމަންގެ އަޑުންނެވެ.

ދާރިޝް އޭނާގެ ދެބުމަ ގޮށްޖަހައިލަމުން އަޒްމަންއަށް ބަލައިލި އެވެ.

"އަށާރަ އަހަރު އޮތް އެކުވެރިކަމުގެ ބަދަލުދޭން އަޒޭއަށް އެނގުނު ގޮތަކީ ތީތަ؟..." ދާރިޝްގެ އަޑު ބާރެވެ. އޭނާ ފުން ނޭވާއެއް ދޫކޮށްލާފައި އަޒްމަންގެ ކޮނޑުގައި ޖަހާލައިފި އެވެ. "ކަންތައް ވަމުންމިދާގޮތް އަހަންނަށް ވަރަށް ރަނގަޅަށް ވިސްނިއްޖެ... ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ..." އަޑަށް ބާރުލަމުން އޭނާ ބުންޏެވެ.

ދާރިޝް މަޑެއް ނުކުރެ އެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގެއިން ނުކުމެގެން ހިނގައްޖެ އެވެ. އިރުގަނޑަކު ހުރުމަށްފަހު، އަޒްމަން ގޮސް ސޯފާއަށް ވެއްޓިގަތެވެ. ދެއަތުން މޫނު ފޮރުވައިލާފައި، އެއަތް މަޑުމަޑުން ތިރިއަށް ގެންދިޔަ އެވެ. ދަތްދޮޅި އާއި ހަމައިން އެ އަތުގެ ހަރަކާތް ހުއްޓިއްޖެ އެވެ. އޭނާ އިނީ ދެލޯ މަރާލައިގެންނެވެ. ކަންތައްވީގޮތުން، އޭނާއަށް ވަރަށް އަސަރުކޮށްފައި ވާކަން އެނގުނެވެ. އެގޮތުގައި އިރުކޮޅަކު އިނދެފައި، އޭނާ ލޯ ހުޅުވާލައިފި އެވެ.

އަޒްމަން އޭނާ އިންތަނުން ތެދުވި ތަން ފެނި، އަހަރެން އަވަސްއަވަހަށް ލޯ މަރާލީމެވެ. އޭނާގެ އިޝާރާތެއްނުވެ، އިރުކޮޅެއް ފާއިތުވެގެން ދިޔަ އެވެ. ކުއްލިއަކަށް ނޭފަތުގައި އައިސް ޖެހިލީ، ލުއި ސެންޓެއްގެ މީރު ވަހެވެ. އެއީ އަޒްމަންކަން ކަށަވަރުވީ އެ ވަހުންނެވެ. އޭނާ އަހަންނާއި ދާދި ގާތުގައި ހުރި ކަމުގެ އިހުސާސް ކުރެވުނެވެ.

"ރެންޖިނީ!... ގެނެސްދީބަލަ ތުވާލިކޮޅެއް..." ގޭގައި ގެންގުޅޭ ބިދޭސީ މީހާއަށް ނިސްބަތްކޮށް، އަޒްމަން ބުނި އަޑު އިވުނެވެ.

ކުޑަ އިރުކޮޅަކު އެހެން ހުރެފައި، އޭނާ އަހަރެންގެ ކައިރީގައި އިށީނެވެ. ކޮނޑުގައި ހިފައި އެއް އަރިއަކަށްވާހެން އަނބުރުވައިލީ މަޑުމަޑުންނެވެ. ކަނދުރާއިން ފެށިގެން ބޮލާއި ހަމައަށް އޭނާގެ އިނގިލިތަކުގެ ބީހުން އިހުސާސް ކުރެވިއްޖެ އެވެ. ހަށިގަނޑުގައިވި ލޯލިތައް ކޮޅަށް ޖެހުނެވެ. ޖެހިލުންވެގެން ތެޅިނުގަނެވުނީ، ކިރިޔާ އެވެ. އަޒްމަން ކުރަން އުޅޭ ކަމަކާއިމެދު ހިތުގައި އުފެދިގެން އައި ސުވާލުތަކަށް ޖަވާބު ލިބޭކަށް ގިނައިރެއް ނުނެގި އެވެ. އޭނާގެ ނިޔަތަކީ، އަހަންނަށް ލިބިފައިވާ އަނިޔާއަށް ފަރުވާ ކުރުމެވެ.

އަޒްމަން ފެށީ، އަހަރެންގެ ބޮލުން ދުޅަވެފައިވާ ތަނުގައި އައިސް ފެން ޖައްސާށެވެ. ބޯ މޮޑެލަދޭން ފެށުމުން، އަރާމުވެގެން ނިދުނު އިރުވެސް ނޭނގެ އެވެ.

********

ދުރުދުރުން ފާޅުވަމުން ދިޔައީ ފަނޑު އަލިކަމެކެވެ. އަހަރެން މަޑުމަޑުން އެދިމާއަށް ދާން ފެށީމެވެ. އަލި ގަދަވަމުން ގޮސް ދެލޮލަށް އުނދަގޫވާހައި ކައިރިއަށް ދިޔައީމެވެ. މޫނުމަތީގައި ދެއަތް ހުރަސްކޮށްލަން މަޖުބޫރު ވެއްޖެ އެވެ. އަލިކަމުގެ ތެރެއިން ފެނުނީ، ކޮންމެވެސް މީހަކު އަހަންނާއި ދިމާއަށް އަންނަމުންދިޔަ މަންޒަރެވެ. އެމީހަކު ފެނުނީ ހިޔަންޏެއް ފަދައިންނެވެ. އޭނާ ކައިރިއަށް އަންނަމުންދިޔަ ވަރަކަށް އަހަރެންގެ ތުންފަތުގައިވި ލުއި ހިނިތުންވުން ފުންވަމުން ދިޔަ އެވެ.

"އަޒްމަން!..." އަހަންނަށް ބުނެވުނެވެ.

ސިއްސައިގެން ގޮސްފައި ހޭލެވިއްޖެ އެވެ. ފެނުނީ ހުވަފެނެކެވެ. ދެލޯ މަރައިލަމުން ބޮލުގައި އަތް ޖައްސައިލެވުނީ، ދިލަ ތަދެއް އިހުސާސް ކުރެވުމުންނެވެ. އޮވެވުނީ އެއް އަރިއަކަށްކަމުން، އަތް އޮތީ އައްސިވެފަ އެވެ. އަނެއްފަރާތަށް ފުރޮޅިލަން އުޅުނީމެވެ. ހަރު އެއްޗެއްގައި ބޯ ޖެހިއްޖެ އެވެ. ލަސްލަހުން އެނބުރުނުއިރު، ބޯދަށުގައި އޮތީ މީހެއްގެ އަތެކެވެ. ނިދިފައި އޮތް އަޒްމަންގެ މޫނަށް އަހަރެންގެ ނަޒަރު ހުއްޓުނީ ދެނެވެ. އަހަންނަށް ލިބުނީ ސިހުމެކެވެ. އެނދު ކައިރީގައި ބަހައްޓާފައި ހުރި ގޮނޑިއެއްގައި އިންއިރު، އެނދުގައި ބޯ އަޅާލިގޮތަށް އޭނާއަށް އޮތީ ނިދިފަ އެވެ. އޭރުވެސް އޭނާގެ އަތުގައި ގަނޑުފެން އަޅާފައިވާ ތުވާލިކޮޅެއް އޮތެވެ. ގަނޑުފެންތައް ވިރިގެން، އަހަރެން ބޯއަޅައިގެން އޮތް ބާލީސް އޮތީ ކޮންމެވެސް ވަރަކަށް ތެމިފަ އެވެ. އޭނާއަށް ނިދިފައިވަނީ އަހަރެންގެ ޚިދުމަތުގައި އިންދާކަން އެނގޭކަށް އިތުރު ހެއްކެއް ބޭނުމެއް ނުވި އެވެ.

ހިތަށް އެރި އެވެ. އަޒްމަން އަހަންނަށް އެހާ ވަރަށް އަޅާލަނީ ކީއްވެ ހެއްޔެވެ؟ އޭނާ އަހަރެންގެ ފަރާތުން ބޭނުންވަނީ ކޮން ކަމެއް ހެއްޔެވެ؟ އެހާ ރަނގަޅު އިންސާނުން ދުނިޔޭގައި އުޅޭ ހެއްޔެވެ؟ އެކީ ހޭދަކުރެވެމުންދާ ވަގުތު އިތުރުވި ވަރަކަށް އަހަރެންގެ ހިތުން އޭނާއަށް މަޤާމެއް ހުސްކުރެވެމުން ދިޔަކަން ޔަޤީނެވެ. އޭނާ ފެނުމުން ކުރިން ނުވާ އެތައް ގޮތްތަކަށް އަހަންނަށް އެބަ ވެއެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އަބަދުވެސް ފެންނަމުން ދަނީ އޭނާގެ އޯގާތެރިކަމާއި އަޅާލުމެވެ. ވަކީން ބޮޑަށް އަހަރެންގެ ޙިމާޔަތުގައި އަޑު އުފުލުމުން، އޭނާއަށް ކުރަމުން އައި ޤަދަރު އުފުލިއްޖެ އެވެ.

އަޒްމަންގެ މޫނުން ފެންނަމުން ދިޔައީ ވަރުބަލި ކަމެވެ. ނިދާފައި އޮންނައިރު، ވަކީން ފިރެހެންވަންތަ އެވެ. ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން، ދެލޯ ބޮޑުވެއްޖެ އެވެ. އަހަރެން ކޮޓަރިއަށް އައީ ކޮންއިރަކު، ކިހިނެއް ހެއްޔެވެ؟ ގެއަށް އަންނަ ބިދޭސީ މީހާއަށް އަހަރެން ނުއުފުލޭނޭކަން ޔަޤީނެވެ. ވީއިރު އަހަރެން ގެންނާނެ މީހަކީ އަޒްމަން އެވެ. އަޒްމަންގެ އަތުގެ ތެރޭގައި އަހަރެން އޮންނާނޭގޮތް ސިފަވުމާއިއެކު، މުޅި ގައިން ހީބިހި ނަގައިގަތެވެ. ދެވަނަ ސިކުންތުގައި ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އެފަދަ ވަގުތެއްގައިވެސް ވިސްނުން ދަތުރުކުރި ދިމާއެއްގެ ސަބަބުން، އަމިއްލަ ނަފުސަށް އަޑުލެވުނެވެ.

ނިދީގައި އަޒްމަން ފުރޮޅިލުމާއިއެކު، އަހަރެން އުޅުނީ، ތެދުވާށެވެ. އެފުރުސަތެއް ނުލިބުނެވެ. އޭނާގެ އަތް އަހަރެންގެ ބަނޑުމަތީގައި ބާއްވާލައިފި އެވެ. ހީވީ ބާލީހެއްގައި ބައްދައި، ކައިރިއަށް ދަމާލަން އުޅުނު ހެންނެވެ. ތެޅިގަނެފައި ދުރަށްޖެހިލެވުނެވެ. އެއާއިއެކު އެނދުން ވެއްޓެން ދިޔަ އެވެ.

އަޒްމަންއަށް ހޭލެވުނުކަން އެއީ އަހަރެންގެ ނަސީބެވެ. އޭނާ ހުށިޔާރެވެ. އެނދުމައްޗަށް ވެއްޓިގަންނަމުން ކަހަލަ ގޮތަކަށް، އަހަރެންގެ ހަށިގަނޑު އޭނާގެ ދެއަތުގެ ޙިމާޔަތުގެ ދަށަށް ގެންގޮސްފި އެވެ. އަހަންނަށް އޮވެވުނީ، ކިރިޔާ ގުޑިލިޔަސް، އެނދުން ވެއްޓޭ ހިސާބުގަ އެވެ. ދެން ކަންތައްވީ، އަހަރެން އެންމެ ޖެހިލުންވި ގޮތަށެވެ. އަހަރެން ވެއްޓިދާނެތީ ކަންނޭނގެ އެވެ. އަހަރެންގެ ހަށިގަނޑު އޭނާ އާއި ގާތަށް ދަމާލައިފި އެވެ. ދެމީހުންގެ ނަޒަރު ސީދާވެ، ހަރަކާތް ހުއްޓެން ފަޅި ސިކުންތުކޮޅެއް ވެސް ނުނަގަ އެވެ. އެކަކު އަނެކެއްގެ ދެލޮލުގެ ތެރެއަށް ގެއްލިފައި ތިބެވުނީ، ކިހާ އިރަކު ކަމެއް ނޭނގުނެވެ.

"ދޮންތީ!..." އިވުނީ މިޝްރާގެ އަޑެވެ.

ކަންބޮޑުވުން އެކުލެވޭ ރާގަކަށް ކޮއްކޮ ގޮވައިލި އަޑު އިވުމުން، އަހަރެން ދިޔައީ ސިއްސައިގެންނެވެ. ދެމީހުން އެކަކު އަނެކަކާއި ދުރަށްޖެހިލަން އުޅުނީމެވެ. އަވަސްކުރަން ހަދައިގެން އެނދުން ނުވެއްޓި ސަލާމަތްވީ ކިރިޔާ އެވެ. އަހަންނަށް އިތުރު ކަމެއް ނުކުރެވި އުޅެނިކޮށް، މިޝްރާ އައިސް އަޒްމަންގެ ގައިގައި ތަޅައިގެންފި އެވެ. އަތުގައި ދަތްއަޅައި ތަންގަނޑެއް ކަނޑައިލި އެވެ. އެ ކުޑަކުޑަ އަތުން އަޒްމަންގެ ގަމީހުގައި ހިފައި ދަމަން ފެށި އެވެ. ރުޅިވެރިކަމާއި އެއްވަރަށް އެ މޫނުން ފެންނަމުން ދިޔައީ ބިރާއި ސިހުމެވެ. އެއީ އޭގެ ކުރިން މިޝްރާގެ ފަރާތުން ފެނުނު ސިފައެއް ނޫނެވެ. އެހެންކަމުން އަހަރެން ހުރީ ހައިރާންވެ، ބަސް ހުއްޓިފަ އެވެ.

އަހަރެން ތެދުވެގެން، އެނދު ވަށާލާފައި އައިސް މިޝްރާގެ ފުރަގަހުން ބައްދައިލީމެވެ. އެ ހަށިގަނޑު އުފުއްލައިލަމުން، އަޒްމަން އާއި ދުރުކުރީމެވެ. އަހަރެންގެ ގައިގައި ބައްދައިލަމުން މިޝްރާ ފެށީ ރޯށެވެ. ހިތުގައި ޖެހިފައި ރޯންފެށި ގޮތުން، އަހަރެންގެ ހިތް ފަޅައިގެން ނުދިޔައީ ކިރިޔާ އެވެ.

މިޝްރާ ހަމައަކަށް އެޅުނީ އަޒްމަން އެގެއިން ދިޔަ ފަހުންނެވެ. ކަންތައް ވީގޮތް ސާފުކުރަން އެތައް އިރަކު ވާހަކަ ދައްކަން ޖެހުނެވެ. އެއީ ދެއަހަރު ކުރިން ދިމާވި ހިތްދަތި ހާދިސާއިން އެ ކުއްޖާއަށް ކޮށްފައިވާ އަސަރެވެ. އެ މައުސޫމު ސިކުނޑިއަށް ވިސްނުނީ، އަޒްމަން އަހަންނާއި ދޭތެރޭގައިވެސް އެފަދަ ނުބައި ގޮތަކަށް ކަންތައް ކުރަން އުޅުނީ ކަމަށެވެ.

ހިތުގައި އުފެދިގެން އައި ދިލަ ރިހުން ގަދަ ވިއެވެ. ދެލޮލުން ކަރުނަ ހިލުވާލައިފި އެވެ. އަހަރެން ދިފާއުކޮށްދޭން އެ ކުޑަ ކުއްޖާ ކުރި މަސައްކަތް ފެނުމުންނެވެ. އަމިއްލަ ނަފުސު ކުށްވެރި ކުރެވެން ފެށުނީ މާ ވަރަކަށެވެ. އެ ކޮއްކޮގެ ޙިމާޔަތުގައި އަހަންނަށް ކޮށްދެވުނީ ކޮން ކަމެއް ހެއްޔޭ ހިތަށް އެރި އެވެ. ރައްކާތެރިކަމާއި ޙިމާޔަތް އެ ކޮއްކޮއަށް އެންމެ ބޭނުންވި ދުވަހު، އަހަންނަށް ކުރެވުނު މާބޮޑު ކަމެއް ނެތެވެ. ކަރުނަތައް ކޯތާފަތުގައި ބީހޭކަށް ގިނަ އިރެއް ނުނެގި އެވެ. ކުށްވެރިއެއް ފަދައިން، ރޮއެރޮއެފައި ކޮއްކޮގެ ކިބައިން މަޢާފަށް އެދެން ފެށުނެވެ.

ރޭގަނޑުގެ ވަގުތެވެ. މިޝްރާ ނިދުމުން، އަހަރެން ބަދިގެއަށް ދިޔައީ، ބޮލުގައި ދުޅަވެފައިވާ ތަނުގައި ޖައްސާނެ ގަނޑުފެން ބަލައެވެ. ގޭގައި ގެންގުޅޭ މީހާވެސް ބޮލުގައި ރިއްސާތީ ކަމަށްބުނެ، މާ އަވަހަކަށް ދިޔަ ރެއެކެވެ. އައިސްކިއުބުތައް ތުވާލިކޮޅުގެ ތެރެއަށް އަޅައިގެން ތެދުވިތަނައި، ކޮންމެވެސް މީހެއްގެ ޙިލަމެއް ވިހެން ހީވި އެވެ. އަހަރެންގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ފަސްއެނބުރި ބަލައިލަން ނުކެރުނުތަނުގައި ގުޑިލަންވެސް ނުކެރި، މުޅި މީހާ ހުއްޓުން އެރި އެވެ.

ސިކުންތުކޮޅެއް ފާއިތުވެގެން ދިޔައީ، ހަމަހިމޭން ކަމުގަ އެވެ. އެއީ ލިބުނު އިންޒާރެކެވެ. އަހަރެންގެ ފަހަތުން އައިސްއަލަމާރިއަށް އެޅިގެންދިޔަ ދިގު ހިޔަނި ފެނި، މޭގަނޑު އަނގަޔަށް ނައީ ކިރިޔާ އެވެ. އަތުގައި އޮތް ތުވާލިކޮޅުގައި ބާރަށް ހިފަހައްޓާލީމެވެ. އެމީހަކު ދާދި ކައިރިވެއްޖެ އެވެ. އަހަރެން ކުއްލިއަކަށް ފަސްއެނބުރިފައި އޭނާގެ ގައިގައި އަތް އަޅައި ދުރަށް ކޮއްޕައިލީމެވެ. ދޮރާއިދިމާއަށް ދުއްވައިގަންއިރު، އަހަންނަށް ވާނުވާވެސް ނޭނގެ އެވެ. ފަހަތުގައި ހުރީ ކާކުތޯ ބެލުމުގެ ޝައުޤަށްވުރެ ބޮޑަށް އަހަރެން މަސައްކަތް ކުރީ، ސަލާމަތުގެ އައްސޭރިއަކާއި ހަމައަށް ވާސިލު ވެވޭތޯ އެވެ.

އަހަންނަށް ދެވުނީ ކޮޓަރީގެ ދޮރާއި ހަމައަށެވެ. އެމީހަކު އަހަރެންގެ އިސްތަށިގަނޑުގައި ހިފައިފި އެވެ. ފަހަތަށް ދަމައިގަނެފައި ދޫކޮށްލުމާއިއެކު، އުއްޑުން ވެއްޓިއްޖެ އެވެ. އިސްތަށިތަކުގެ ބުޑުތަކަށް ވާންވުމުން ވީ ތަދުގައި، ދެއަތުން ބޮލުގައި ހިފަހައްޓާލެވުނެވެ. ވެއްޓި، މުށިތަކުގެ މަތީގައި ޖެހުނީ ފުއްކިބައިން ދުޅަވެފައިވާ ތަނެވެ. ރިހޭ ފައިމައްޗަށް ފޮއެ ވެއްޓުނީ އެވެ. ވޭނީ އަޑަކުން ރޮއެގަނެވުނީ، އެ ތަދަށް ކެތް ނުކުރެވުމުންނެވެ.

"ސޮރީ ގަސްދުގައެއް ނޫން..."

އިވުނީ ދާރިޝްގެ އަޑެވެ. އެ އަޑުގައިވީ ކަންބޮޑުވުމުގެ އަސަރެވެ. އޭނާ ތިރިވެ، އަހަރެން ނަގަން އުޅުނެވެ.

ބޮލަށް ތަދުވާ ވަރުން އަހަންނަށް ރޮވެނީ އެވެ. ދާރިޝް އާއި މެދު ވިސްނޭ ވަރަށްވުރެ، އަހަރެންގެ ހާލު ބޮޑެވެ. ބޮލުގައި އަޅަމުންދިޔަ ވޭނަށް ކެތްވަނީކީ ނޫނެވެ. ދެވަނަ ފަހަރަށް އޭނާ އަތްލުމުން އެ އަތް ފޮޅުވައިލުމުގެ ހިއްވަރު ލިބުނެވެ. ތެދުވަން ވެސް ނޫޅެ ބޮލުގައި ހިފަހައްޓައިގެން އަހަންނަށް އޮވުނީ، އިތުރު ގޮތެއް ނެތުމުންނެވެ.

"ނީހާ ކީއްވެތަ އަހަރެންގެ ބޮލުގަ އެކަން އެޅުވީ؟... ކުރި ކަންތައް އަޒޭއަށް ފަޅާއެރީމަ މޮޅު ވާހަކައެއް ހަދާލީތަ؟..." އަހަރެންގެ ދެކޮނޑުގައި ހިފައި ނަގަން މަސައްކަތް ކުރަމުން، ދާރިޝް ސުވާލު ކުރި އެވެ.

އަހަންނަށް ކުރެވުނުހާ ވެސް ކަމަކީ ދެފަރާތަށް ބޯ ހޫރާލުމެވެ. އޭނާ އަހަރެން ނަގައި ބައިންދައިލި އެވެ. ރޮމުން ގިސްލެވޭ ހާލު، މުށިތަކުގެ މަތީގައި ކޭއްތެމުން، ދާރިޝް އާއި ދުރަށް ދެވޭތޯ މަސައްކަތް ކުރީމެވެ.

"އަހަރެންމީ އަރާކާ މިނިކާވަގެއްތަ؟..." އަހަރެންގެ ކުރިމައްޗަށް އަރަމުން ދާރިޝް ބުންޏެވެ. އޭނާ އަހަރެންގެ ދެފަރާތުން މުށިތަކުގެ މަތީގައި ދެއަތް ޖައްސައި، އަހަންނާއި ދިމާއަށް ގުދުވެލި އެވެ. މިފަހަރު އެ އަޑުގައިވީ ރުޅިވެރި ކަމެވެ. ދެލޮލުގައިވި ވިދުވަރަކުން، އެ މޫނަށް ބަލައިލަން ވެސް ނުކެރުނެވެ.

"އަހަރެން މީ، އަރާކާ މިނިކާވަގެއްހޭ؟... އަޖައިބެއް ނުވާނެތަ، އެންމެން ވެސް އަހަންނާ ދޭތެރޭ ގޯސްކޮށް ދެކެނީ ކީއްވެތަ؟... އަޒޭ ގާތްވިޔަސް، ނީހާ ތިފާޑަށް އުޅޭ ތަނެއް ނުފެނޭ..."

ދާރިޝްގެ އަސްލު ކުލަ ދައްކައިލީ ދެނެވެ. ގަދަކަމުން ކަހަލަ ގޮތަކަށް އަހަރެން ގެންގޮސް އޭނާގެ މޭގައި ޖައްސާލައިފި އެވެ. ބޮލުގައި ހިފައި ބާރުކޮށްލީ ގުޑިވެސް ނުލެވޭނޭ މިންވަރަށެވެ. އޭނާ ދެން ފެށީ، އަހަރެންގެ ހަށިގަނޑުގެ އެކި ހިސާބުތަކުގައި ބީހޭށެވެ. އަހަރެން ގަދަ ހަދަމުން ދިޔައީމެވެ. ރޮއެ އާދޭސް ކުރަން ފެށީމެވެ. އެހެނަސް، އޭނާ ދިނީ ބީރު ކަންފަތެކެވެ. އަހަރެންގެ ކޯތާފަތުގައި ހިފައި، ގަދަކަމުން މައްޗަށް އުފުލައިލި އެވެ. އެއަށްފަހު އަހަރެންގެ މޫނާއި ދިމާއަށް ގުދުވާން ފެށި އެވެ.

(ނުނިމޭ)

ކޮމެންޓް 0